Nur (part 62)
"ޝަރަފް
ޕްލީޒް އަހަންނަށް މަޢާފު ކޮށްދެއްޗޭ! އެނގޭ އަހަންނަށް ވަރަށް ގޯސްކޮށްކަން
ޝަރަފްއާ ދޭތެރޭ ކަންތައް ކުރެވިފަ ހުރީ. ޙަޤީޤަތުގަ އަހަންނަށް މަޢާފެއް
ޙައްޤެއްނޫން. އަހަންނަށް ކުރެވުނު ޝައްކުތަކެއްގެ ސަބަބުން ޝަރަފް މުޅި ޢުމުރަށް
އަހަންނާ ދުރުގަ ހުންނަން ބޭނުންވިޔަސް އަހަރެން އެކަމާ ޤަބޫލުވާނަން. ޙަޤީޤަތުގަ
ވެސް އަހަންނާ ހެދި ކުދި ވޭންތަކެއް ނޫން ޝަރަފް ތަޙައްމަލް ކުރަން ޖެހުނީ.
އެކަމަކު އަހަރެން އަބަދުވެސް ޝަރަފް ދެކެ ލޯބިވާކަން ޝަރަފް ހަނދާން
ބަހައްޓައްޗޭ. އަހަރެންވެސް އަދި.....ދަރިފުޅުވެސް ވަރަށް ލޯބިވޭ ބައްޕަ
ދެކެ." އަފާފް ރޮވިފައިވި އަޑަކުން ބުނެލި ބަސްތަކުން ޝަރަފަށް ދެލޯ މަރައި
ތަގުޅި ކޮށްލަމުން އަޑު ނުއިވޭފަދަ ގޮތަކަށް ގިސްލެވެން ފެށިއެވެ. އޭނަ ގިސްލުމުގެ
ތެރެއިން އަވަސްއަވަހަށް އޭނަގެ ކަރުނަތައް ފޮހެ އެއްޗެކޭ ބުނަން އުޅުނު ތަނާހެން
އަނެއްކާވެސް ޝިނާޒް އޭނަގެ އަތުގައި ހިފަހައްޓާލިއެވެ. މިފަހަރުވެސް ޝިނާޒާއި
ދިމާލަށް ޝަރަފަށް ބަލާލެވުނީ ނުރުހުމުގެ ނަޒަރަކުންނެވެ. އެހެނަސް ޝިނާޒް އޭނަގެ
ބޮލުން އެއްފަރާތަކަށް ޢިޝާރާތް ކޮށްލުމުން ޝަރަފަށް އެދިމާލަށް ބަލާލެވުނެވެ.
އެއާއެކު ފުރަތަމަ ސިކުންތުގައި އޭނަގެ ދެލޯ ބޮޑުވެ ދެވަނަ ސިކުންތުގައި އޭނަގެ
ބުމަ ގޮށްޖެހުނެވެ. އެމީހުންނާއި ދާދި ގާތް ހިސާބަކުން އެތާހުރި ރެސްޓޯރެންޓާއި
ދިމާލަށް ހިނގާފައި ދިޔައީ ރަމީޒް ނޫން ދެވަނަ މީހެއް ނޫނެވެ. ރަމީޒް ފެނިފައި
ހިތުތެރޭގައި ނެގި ނުތަނަވަސްކަމުގެ ރާޅު ބާންޏެއްގެ ސަބަބުން ޝަރަފަށް އޭނަގެ
ފޯނު ކަންފަތުން ވަކިކޮށްލަމުން ފޯނު ކަނޑާލެވުނެވެ.
"މިއީ ރަނގަޅު ކަމަކަށް ނުވާނެ ޝަރަފް." ޝިނާޒް
ނުހަނު ސީރިއަސްކަމާއެކީ އެހެން ބުނެލުމުން ޝަރަފްގެ ހިތުގައި އިތުރު
ބިރުވެރިކަމެއް އުފެދުނެވެ. އެހެނަސް އޭނަ އެކަހަލަ ނުލަފާ މީހަކަށް ބިރުގަންނަން
ނުޖެހޭ ކަމަށް އަމިއްލަ ނަފްސަށް ވިސްނައިދިނީ ﷲ މަތިން ހަނދުމަ ކުރަމުންނެވެ. ﷲ
އޭނައާއެކީ ވޮޑިގެންވާނަމަ އޭނައަށް ގެއްލުމެއް ދެވޭނީ ކާކަށްތޯ ހިތަށްއެރިއެވެ.
އެ ޚިޔާލުން އޭނަ ހިތްހަމަޖައްސައިގެން ހުއްޓާ ޝިނާޒަށް ފޯނެއް އަންނަން ފެށިއެވެ.
އޭނަ ފޯނު ނަގައި ބަލާލަމުން 'ދޮންބައްޕަ' އޭ ކިޔާލި އަޑަށް ޝަރަފަށް އޭނަގެ
ހުރިހާ ސަމާލުކަމެއް ޝިނާޒަށް ދެވުނެވެ. ޝިނާޒް އެ ފޯނު ނަގައި ކަންފަތުގައި
ޖައްސާލިއެވެ.
"ހެލޯ ޑޭޑް!" ޝިނާޒް ހިސާބެއްގެ
ނުތަނަވަސްކަމަކާއެކީ ކިޔާލިއެވެ.
"ހެލޯ ޝިނާޒް! ޑޭޑް ވެސް މިހިރީ މިހާރު މިރަށަށް
އައިއްސައޭ. ޝިނާޒް ކޮންތާކުތަ އުޅެމުންދަނީ؟ ޝިނާޒްއާ ވީހާވެސް އަވަހަކަށް
ބައްދަލުކޮށްލަން ބޭނުން." ރަމީޒްގެ ހަމަޖެހިފައިވާ ރާގު އިވިފައި ޝިނާޒަށް
ސިއްރުސިއްރުން ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެ މަންޒަރު ފެނިފައި ޝަރަފަށް ވެސް
ހިސާބެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ.
"ޔެސް ޑޭޑް. އަހަރެން އުޅެމުން މިދަނީ ޑައިމަންޑް
ކިޔާ ދެބުރިއަށް ނަގާފަ ހުންނަ ގެއެއް ކުއްޔަށް ހިފައިގެން. ބަޔަކު މީހުން
ކައިރިން އަހައިގެން ޑޭޑް އެ ގެ ހޯދާލަބަލަ. ވަރަށް މަޝްހޫރު ގެއެއް އެއީ."
ޝިނާޒް ވެސް އޭނަ އާދައިގެ މަތިން ވާހަކަ ދައްކާ ރާގުގައި ވާހަކަ ދެއްކިއެވެ.
"އެހެންތަ؟ ޑޭޑް ކޮންމެހެން ބޭނުމެއްނޫން ތިގެއަށް
އަންނާކަށް. ކްލައިންޓަކާއެކީ މިކޮޅަށް އައިއްސަ މިހިރީ. ޝަރަފް ވެސް ތި ރިސޯޓުގަ
އުޅޭ ވާހަކަ އިވިގެން އަސްލު މި ގުޅީ. މިރޭ ގެއަށް ގޮއްސަ އެކަމާ ބެހޭގޮތުން
ޝިނާޒާއި ވާހަކައެއް ދައްކަންވެފަ އެބައޮތް. ދެން ބޭއްވީ." ރަމީޒް އެހެން
ބުނުމަށްފަހު ޝިނާޒަށް އެއްޗެކޭ ބުނުމުގެ ފުރުޞަތެއްވެސް ނުދީ ފޯނު ކަނޑާލިއެވެ.
އެއާއެކު ޝިނާޒްގެ ހިތުތެރޭގައި ނުތަނަވަސްކަމެއް އުފެދެން ފެށިއެވެ. ކުއްލިއަކަށް
ދޮންބައްޕައަށް ގުޅާފައި ޝަރަފް މިކޮޅުގައި ހުރިކަން ދޮގުކުރަން ބޭނުންވިއެވެ.
އެހެނަސް ދާދި ދެންމެއަކު ދޮންބައްޕަ ފެނިގެން ދިޔަ ގޮތުން އެގޮތަށް ކަންތައް
ކުރުން ލަސްވެއްޖެކަން ޝިނާޒަށް އެނގުންވިއެވެ. އަދި އޭނަ އެހެން ނޫނަސް އެއްވެސް
މީހަކަށް އޮޅުވާލައި ދޮގު ހަދާކަށް ބޭނުމެއްނުވިއެވެ. ޝިނާޒް ވިސްނުމެއްގެ
ތެރޭގައި ވަނިކޮށް ޝަރަފް ދެންމެ ދެކެވުނު ވާހަކަތަކަކާމެދު ސުވާލުކުރުމުން ޝިނާޒް
ހުރިހާ ވާހަކައެއް ކިޔައިދިނީ ޝަރަފް ވެސް އަދި ޚުދު އޭނަ އަމިއްލައަށް ވެސް
ހާސްނުވާނެ ފަދައަކުންނެވެ. އެހެނަސް ކައިރި މުސްތަޤްބަލެއްގައި ވާންއުޅޭ ގޯހެއްގެ
އިންޒާރު އޭރުއްސުރެ އޭނަގެ ސިކުނޑި ދޭން ފެށިއެވެ.
އެރޭ ގެއަށް ގޮސް ޝަރަފް ވަގުތުން އޭނަގެ ކޮޓަރިއަށް ވަނީ
ރަމީޒް ކޮންމެ ވަގުތެއްގައި ވެސް އައިސްދާނެތީވެއެވެ. ރަމީޒް އައިސް އިތުރު
ސުވާލުތަކެއް ނުކުރާނެ ކަމަށް ޝަރަފަށް އުއްމީދު ކުރެވުނެވެ. އޭނަ ފޯނުން ވާހަކަ
ދެއްކިއިރު ހަމަޖެހިފައި ހުރިވަރުން އޭނަ އެރޭ އެގެއަށް އަންނާނެ ކަމާއި މެދުގައި
ވެސް ޝިނާޒަށް ޝައްކުކުރެވުނެވެ. އެހެނަސް އެރޭ 12 ޖަހަން ގާތްވެފައިވަނިކޮށް
އެގޭގެ ބެލް ޖަހާލި އަޑަށް ޝިނާޒް ގޮސް އެ ގޭގެ ދޮރު ހުޅުވާލަން ޖެހުނެވެ. އެއާއެކު
ޝިނާޒް ސިހުންވާ ގޮތްވިއެވެ.
"ޑޭޑް!" ކުރިމަތިން ރަމީޒް ފެނިފައި އޭނައަށް
ކިޔާލެވުނެވެ.
"ހެހެ....ހާދަ ޝޮކްވެފަ؟ ޑޭޑް ބުނީމެއްނު ޑޭޑް ހުރީ
މިކޮޅުގައޭ؟" ރަމީޒް ގޭގެ ތެރެއަށް ވަދެ ވަށައި ނަޒަރު ހިންގަމުން
ބުނެލިއެވެ.
"އަ....އާނދޯ؟
ހެހެ....ޑޭޑް ކޮން ވާހަކައެއްތަ ދައްކަން ބޭނުންވީ؟" ޝިނާޒް އަހާލިއެވެ. އޭނަ
ދެންވެސް ވީ ނުތަނަވަސްވެފައެވެ. އޭނަ ބިރުގެންފައިވީ އޭނަ ދޮގެއް ހަދަން ޖެހިދާނެ
ޙާލަތެއް ކުރިމަތިވެދާނެތީވެއެވެ. ދޮގެއް ނަހަދައި މި ޙާލަތުން ސަލާމަތް
ކޮށްދެއްވުމަށް އެދި ޝިނާޒަށް ހިތާހިތުން ދުޢާ ކުރެވުނެވެ. އެނގިހުރެ އެއްވެސް
ފާފައަކަށް ނޭރުމުގެ ޢަޒުމުގައި އޭނަ މަހެއްހާ ދުވަސް ހޭދަކޮށްފައިވުމުން އެކަން
ބަދަލުވާކަށް އޭނަ ބޭނުމެއް ނުވިއެވެ. ޝިނާޒް ވިސްނުމެއްގެ ތެރޭގައި ހުއްޓާ ރަމީޒް
އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"ޝަރަފް ވެސް މިގޭގަ ދޯ އުޅެމުން ދަނީ؟" ރަމީޒް
ކުއްލިއަކަށް އަހާލުމުން ޝިނާޒްގެ އަތްފައި ފިނިވިއެވެ.
"އާނ." ޝިނާޒަށް ބުނެލެވުނެވެ. ރަމީޒް ދެން
ސުވާލެއް ނުކުރާނެނަމައޭ އޭނަގެ ހިތް އެ ހިނދު ބުނަން ފެށިއެވެ. ޝިނާޒަށް ސިއްރުން
ކުރެވެމުން ދިޔަ ދުޢާތައް ވެސް އިޖާބަވީ ފަދައެވެ. އޭނަ އެހެން ބުނިތާ
މާގިނައިރެއް ނުވެ ރަމީޒް ހީލިއެވެ.
"ހެހެހެ.....އޭނައަށް ހީވާ ކަހަލަ ދޯ ޝިނާޒް އޭނައަށް
އެހީވަނީ އޭނަ ބޭނުންވާ ކަހަލަ ރިސޯޓެއް އަޅާށޭ؟ ހުނ! އޭނައަކަށް ނޭނގޭނެ ޝިނާޒް
ތީ ކިހާ ގަދަ ގޮލައެއްކަން. ޑޭޑްއަށް ޔަޤީން ޝިނާޒް ޑޭޑް ދެރަވާ ކަހަލަ ގޮތަކަށް
ކަމެއް ނުކުރާނެކަން." ރަމީޒް އަމިއްލަ އަމިއްލައަށް ކަންވީ ގޮތް ނިންމަމުން
ހެވިފައި ހުރެ ޝިނާޒްގެ އެއްކޮނޑުގައި އަތް އެޅިއެވެ. ޝިނާޒް އަޖާއިބުވެފައި
ރަމީޒަށް ބަލަން ހުރެވުނީ ޤަބޫލުކުރަން ދަތިވެފައެވެ. ރަމީޒް އެހާ ގިނަ
ސުވާލެއްވެސް ކުރުމެއްނެތި ނިންމުމެއް ނިންމާލީތޯ ޝިނާޒަށް އަމިއްލަ ނަފްސާއި
ސުވާލުކޮށްލެވުނެވެ. އިސާހިތަކު ޝިނާޒް ވަގުތުން ވާހަކަ ދައްކަން ބޭނުންވިއެވެ.
އޭނަ ރަމީޒް ކަހަލަ މީހަކަށް ދުވަހަކުވެސް އެހީނުވާނެ ކަމަށްބުނެ އޭނަގެ
އީމާންތެރިކަން ހަޅޭއްލެވިއެވެ. އެހެނަސް އެ ބަސްތައް އޭނަގެ ދުލުން ބޭރުވާން
އުޅުނު ތަނާހެން ރަމީޒްގެ ފޯނު ރިންގުވާން ފެށިއެވެ. ރަމީޒް ވަގުތުން އޭނަގެ
ފަޓުލޫނުގެ ޖީބުން ފޯނު ނަގައި އެ ފޯނަށް ޖަވާބުދާރީވަމުން އެތަނުން ދާން
ހިނގައިގަތެވެ. އޭނަ ލޯ މަތިން ގެއްލުމުން ޝިނާޒަށް ދެންވެސް ހުރެވުނީ ޝައްކެއްގެ
މަތީގައެވެ. ރަމީޒް އެހާ ފަސޭހައިން "މޮޔަ" ހެއްދޭނެހެން އޭނައަށް
ހީނުވީތީވެއެވެ.
ޝިނާޒަށް ހީވެފައި އޮތީ ރަނގަޅަށެވެ. ރަމީޒަކީ އެހާ
ފަސޭހައިން ހެއްލޭ މީހެއްނޫނެވެ. އޭގެ ބަދަލުގައި އޭނައަކީ ފެންނަ ކިތަންމެ ކުޑަ
ނިޝާނަކުން ވެސް ހުރިހާ ޙަޤީޤަތެއް ދެނެގަންނަ ފަދަ ޚުށިޔާރު މީހެކެވެ. އެހާ
ދުރުން ޝަރަފް ފޯނެއްގައި ހުރެ ރޯން ހުރިތަން ފެނުމުން އޭނަ ވާހަކަ ދެއްކީ ކާކާއި
ކަން ޔަޤީންކަމާއެކީ ދެނެގަންނަން އޭނައަށް އެނގުނީ އެހެންވެއެވެ. ޝިނާޒް ޝަރަފްގެ
ކައިރީގައި ހުރުމުން ޝިނާޒް ވެސް ބަދަލުވެއްޖެކަން އޭނައަށް ނަގައިގަނެވުނީ
އެހެންވެއެވެ. އެއާއެކު އެރޭ ޝިނާޒްމެން އުޅެމުން ދާ ގެއަށް ދިޔުމުން ޝިނާޒްގެ
މޫނުމަތިން ފެނުނު ކުލަވަރުތައް ފެނިފައި އޭނައަށް ހީވެފައިވި ހުރިހާ ހީވުންތައް
ޔަޤީނަކަށް ބަދަލުވާން ހިނދުކޮޅެއް ނެގީވެސް އެހެންވެއެވެ. މި ހުރިހާ ކަމެއް އެނގިގެން
ދިޔަ ތަނާހެން ރަމީޒަށް އެވަގުތު ގުޅާލީ އޭނައަށް ބޮޑުބޭބެ ކިޔާ ކުއްޖެއް ކަމަށްވާ
ވިޔާމެވެ.
"ހެލޯ ރަމީޒްބެ. ކޮން ދުވަހަކުތަ އަފާފާއި އިނުމުގެ
ޑްރާމާ ޖައްސަންވީ؟ ދެންމެއަކު ހުސެއިން މެސެޖެއް ކުރީމަ ބޭބެ ގެއަށް އައުމުގެ
ކުރިން ވެސް ގުޅަން މިޖެހުނީ. އެބަ މެސެޖު ކުރޭ ކޮން ދުވަހަކުހޭ އަންނަނީ ކިޔާފަ.
ގުޅަން ވެސް އެބަގުޅާ. އޭތި ދެން މުހިއްމުތަ؟ މިހާރު ޝަރަފް އޭނަގެ މަސައްކަތް
ހުއްޓައިފިއެއްނު؟" ވިޔާމް އެހިއެވެ.
"އޭނަ ނުހުއްޓާ. ވިޔާމް އަފާފާއި އިނުން ވަރަށް
މުހިއްމު. އެ ޝަރަފް އަދިވެސް އޭނައާއި ވާހަކަ އެބަ ދައްކާ. ވިޔާމް ބުނިގޮތަށް
މިހާރު ޝިނާޒް ވެސް ހުރީ ޝަރަފްގެ ކޮޅުގަ. އަހަރުމެން އެބަޖެހޭ ވީހާވެސް
އަވަހަކަށް އެ އެންމެން އެކީގަ ބަނޑަށް ޖައްސަން. އެކަން ކުރެވޭނެ އެންމެ ފަސޭހަ
އެއްގޮތަކަށް އޮތީ ވިޔާމް އަފާފާއި އިނުން. އަފާފާއި އިނދެގެން އޭނަގެ ޙަޔާތް
ނަރަކައަކަށް ހަދާލާ. އޭރުން ޝަރަފަށް ވެސް އެނގޭނެ އޭނަ ކާކާ ދެކޮޅަށްކަން
މަސައްކަތް އެ ކުރަނީ." ރަމީޒް އެވާހަކަ ބުނެލީ، ރަޙުމުން މަޙްރޫމްވެފައިވި
ހިތެއްގެ ސަބަބުންނެވެ.
އޭގެ އަނެއްދުވަހު އަފާފަށް ހޭލެވުނު ތަނާހެން އޭނައަށް
އިވުނު ޚަބަރަކީ އޭނައާއި ބައްދަލުކުރަން ކޮންމެވެސް ފިރިހެން ކުއްޖަކު އަންނަ
ވާހަކައެވެ. ހެނދުނު ސައިބުއި ގަޑީގައި އޭނަގެ އެދުމާއި ދެކޮޅަށް ވެސް އެ ވާހަކަ
ތަކުރާރުކޮށް ދެކެވެމުން ދިޔައީތީ އަފާފަށް ރަނގަޅަށް ސައި ބޮވޭ ގޮތެއްވެސް
ނުވިއެވެ. އެ ވާހަކަތަކުގެ ކުރީ ކޮޅު އަފާފް އެކަމަށް އިންކާރުކޮށް ވާހަކަ
ދެއްކިއެއްކަމަކު އޭނަގެ މަންމައާއި ބައްޕަ ތިބީ ގޮތް ދޫކުރާ ގޮތެއްގައެއް
ނޫންކަން ޔަޤީންވުމުން އަފާފް ހިމޭންކަން ޚިޔާރު ކުރިއެވެ. އޭނަ އިތުރަށް ޒުވާބު
ކުރަން ބޭނުން ނުވުމުންނެވެ. އެހެނަސް އޭނަ އެމީހުންނަށް މޫނު އަނބުރާލާފައި
އެތަނުން ނުދެއެވެ. އޭނަ ދެންވެސް އެތާނގައި އިނދެ ކާއެއްޗެހި ވަރަށް މީރު ވާހަކަ
ދައްކައި މަޢުޟޫއު ބަދަލުކުރެވޭތޯ މަސައްކަތް ކުރިއެވެ. ރޭ ޝަރަފް އޭނަގެ ފޯނު
ނެގިކަމަށްޓަކައި ވެސް އޭނައަށް އާދަޔާ ޚިލާފު ހިތްވަރެއް ލިބިފައިވި ފަދައެވެ.
ޝަރަފް އޭނަގެ ފޯނު ނަގާނީ އަދިވެސް އޭނައާއިމެދު އަޅާލާތީވެ ކަމަށް އޭނައަށް
ނިންމުނެވެ. އެހެނަސް އޭނަގާތު އެއްވެސް އެއްޗެކޭ ނުބުނެ ޝަރަފް ފޯނު ކަނޑާލުމުން
އޭނަ މާޔޫސްވިއެވެ. ފޯނު އޮޅިގެން ކެނޑުނީކަމަށް ނިންމައި އޭނައަށް އެތައް އިރެއް
ވަންދެން ޝަރަފް ގުޅާނެ އިރަކަށް އިންތިޒާރު ކުރެވުނެވެ. ޝަރަފް ފަހުން އަވަދިނެތިވީއޭ
ހިތައި އޭނައަށް އަދިވެސް ހުރެވުނީ ޝަރަފްގެ ފޯނެއްގެ އިންތިޒާރުގައެވެ. ކާމޭޒު
ދޮށުގައި އިނދެ އޭނައަށް ދޭތެރެދޭތެރެއިން ފޯނަށް ބެލެމުން ދިޔައީ ޝަރަފްގެ
މެސެޖެއް ލިބިދާނެއޭ ހިތާއެވެ. އެހެނަސް އަފާފް އޮފީހަށް ދާން ނިކުންނަން ޖެހުނީ
ޝަރަފްގެ އެއްވެސް ޚަބަރެއް ނުލިބިއެވެ.
އެދުވަހު އޮފީހަށް ގޮސް ޝަބާއާއި ދިމާވުމާއެކުހެން ރޭ
ކަންތައްވީ ގޮތުގެ ވާހަކަ އަފާފަށް އޭނައަށް ކިޔައިދެވުނެވެ. ފައިހާ އައިސް
އޭނައަށް ކިޔައިދިން ވާހަކަތަކުން ފެށިގެން އޭނަ ޝަރަފަށް ގުޅި ހިސާބަށެވެ. ޝަބާ
ޤަބޫލުކުރަން ވެސް ދަތިވެފައި އެ ވާހަކަތައް އަޑުއަހަން އިނދެވުނެވެ.
"ސުބްޙާނަ ﷲ! ހަމަ އަސްލުވެސް ޝަރަފްގެ އެއްވެސް
ކުށެއްނެތް ދޯ؟ މާތް ﷲ އަޅަމެންގެ ފާފަތައް ފުއްސަވާށި. އަހަރެންގެ ހިތަށްއެރިއޭ
ފުރަތަމަ ދުވަހުވެސް. ހާދަ ރުއޭ އޭނަ އަފާފާއި ވަރިވީ ދުވަހު. ދުވަހަކުވެސް
ނުދެކެން އޭނަ އެހާ ދެރަވެފަ ހުއްޓާ. އެކަމަކު ވެސް އަހަރެން ހުރީ ހަމަ ދުރު
ބަލަހައްޓައިގެން ނޫންކަމަށް ހަދައިގެން.......ޔަޤީންތަ ޝަރަފަށްކަން ރޭ އަފޫއަށް ގުޅުނީ؟"
ޝަބާއަށް އަހާލެވުނެވެ.
"އާނ....ނުބައި ނަންބަރެއްވިއްޔާ އެމީހަކު ބުނާނެތާ
ކޮން ޝަރަފެއްހޭ. އޭނަ ހުރީ އެއްވެސް އެއްޗެކޭ ނުބުނެ. އަހަންނަށް ހީވަނީ ރޭވެސް އޭނަ
ހުރީ ވަރަށް ބޮޑަށް ދެރަވެފަހެން." އަފާފް އެއްދިމާލަކަށް ނަޒަރު
ހުއްޓައިގެން އިނދެ މާޔޫސީ ގޮތަކަށް ބުންޏެވެ.
"ދެން އަފޫ ގުޅިންތަ އޭނައަށް ފަހުން؟" ޝަބާ
އެހިއެވެ.
"އަދި ނުގުޅަން. އޭނަ ގުޅާނެ އިރަކަށް މި އިންތިޒާރު ކުރަނީ."
އަފާފް ބުނެލިއެވެ.
"މަ ވެއްޖެ ތިދެމީހުންނަށް ގުޅަން. އަދި
އޮސްޓްރޭލިޔާއަށޭ ކިޔާފަ މަށަށް އޮޅުވާލާފަ ގޮއްސިއެއްނު އެ ޝިނާޒްވެސް؟! ކުޅިއެއް ދައްކާލާނަން މިއަދު!!" ޝަބާ ނުރުހުމުގެ ރާގަކަށް އެހެން
ބުނެލީ ލޯތްބެއް އެކުލެވޭ ފަދަގޮތަކަށެވެ. ޝަބާ ވާހަކަ ދެއްކި ގޮތުން އަފާފަށް
ހީލެވުނެވެ. ޝަބާ ދިޔަތަން ބަލަން އޭނައަށް އިނދެވުނީ ވެސް ހެވިފައި އިނދެއެވެ.
ޝަރަފް ހަނދާން ކުރެވުނު އެ ވަގުތުކޮޅުގައި އޭނަ މިރޭ ކުރިމަތިލާންޖެހޭ
ކަންތައްތަކާމެދު ހިނދުކޮޅަކަށް ނަމަވެސް އަފާފް ހަނދާން ނެތުނެވެ.
ޝަރަފް އެ ހެނދުނުގެ ވަގުތުގައި ގޭގައި އިނދެގެން އޭނަގެ
ލެޕްޓޮޕުން ހިސާބުގެ މަސައްކަތެއް ކުރަމުން ދަނިކޮށް އޭނަގެ ފޯނު ރިންގުވާން
ފެށިއެވެ. ފޯނުން ދޮންތަގެ ނަން ފެނިފައި ޝަރަފްގެ ހިތަށް ސިހުމެއް ލިބުނެވެ.
އެތައް ދުވަހެއް ފަހުން ދޮންތަ އޭނައަށް ގުޅަނީ ކީއްވެތޯ ހިތް ސުވާލުކުރިއެވެ. އެ
ސުވާލުގެ ޖަވާބު ޝަރަފަށް ލިބެން މާ ގިނަ ވަގުތެއް ނުނެގިއެވެ. ރޭ އޭނައަށް
އަފާފްގެ ފޯނަށް ޖަވާބު ދެވުނުކަން ހަނދާންވުމުން އޭނައަށް ހުރިހާ ކަމެއް
ނަގައިގަނެވުނެވެ. އަފާފް އޭނަގެ ވާހަކަ ދޮންތައަށް ކިޔައިދޭނީ އުފަލުން ހުރެކަން
އެނގުންވީ ހިނދު އެތައް ޒަމާނެއް ފަހުން ޝަރަފްގެ މޫނުމައްޗަށް ފުރިހަމަ
ހިނިތުންވުމެއް ވެރިވިއެވެ. އެއަށްފަހު އޭނަ ދޮންތަގެ ކޯލް ނަގައި ފޯނު
ކަންފަތުގައި ޖައްސާލަމުން ސަލާމް ގޮވާލިއެވެ.
"ހޫމް....ވަޢަލައިކުމުއްސަލާމް. ދޮގު ހަދާފަ ގޮއްސަ
ސަލާމް ގޮވާތި!" ޝަބާ ގުނަން ފެށިއެވެ.
"ކިހިނެއްތަވީ ދޮންތާ؟ ކޮން ދޮގެއް؟" ދޮންތަ
ވާހަކަ ދެއްކި ރާގަކީ އެންމެ ކުޑައިރުވެސް އޭނައާއި މުޚާތަބު ކުރާ ރާގަށް ވުމުން
ޝަރަފް މީގެ ދުވަސްކޮޅެއް ކުރިން އޭނަގެ ބޮލުގައި ދޮންތަ އެޅުވި އިލްޒާމްތަކުގެ
މަތިން ހަނދާން ނެތުނެވެ. ދޮންތަ އެ ދައްކަނީ އެ ދޮގުގެ ވާހަކަތޯ ހިތަށްއެރީ
ހިނދުކޮޅެއް ފަހުންނެވެ.
"އޮސްޓްރޭލިޔާއަށޭ ކިޔާފަ ކޮން ރަށަކަށް ގޮއްސަ
ތިހިރީ؟!" ޝަބާ އެހިއެވެ. އެ ވާހަކަ އިވިފައި ސިކުންތުކޮޅަކަށް އިނދެފައި
ޝަރަފަށް ހީލެވުނެވެ.
"ހެހެ....އޮސްޓްރޭލިޔާއަށޭ އޭރު ދިޔައީ ދޮންތާ.
މިހާރު މިހިރީ ރާއްޖެއަށް އަނބުރާ އައިއްސަ." ޝަރަފް ކިޔައިދިނެވެ.
"ދެން ކީއްވެ އަހަރުމެން ލޮލުން ތި މީހުން
ނުފެންނަނީ؟" ޝަބާ އަހާލިއެވެ.
"މިހާރު.....މިހިރީ ކޮންމެވެސް ރަށެއްގަ."
ޝަރަފް ޙަޤީޤަތުގެ ބޮޑުބައި ފޮރުވީ ޝިނާޒް މިއަދު ހެނދުނު އޭނައަށް ކިޔައިދިން
ވާހަކަތައް ހަނދާންވެފައެވެ. ރަމީޒަށް އެމީހުންގެ ރޭވުން ފަޅާއަރައިފިކަމީ ވެފައި
އޮތުން ކިތަންމެ ގާތްކަމަކަށް ވިޔަސް ޝަރަފް ދެންވެސް ސަލާމަތީ ފިޔަވަޅު އަޅަން
ބޭނުންވިއެވެ. ރަމީޒް މަތިން ހަނދާންވެފައި ޝަރަފަށް ސީރިއަސް ވެލެވުނީ
ކުއްލިއަކަށެވެ.
"ކޮން ރަށެއްގަ؟" ޝަބާ އަހާލިއެވެ.
"ދޮންތާ ދެން މިހާރު ބާއްވަންވެއްޖެ އިނގޭ."
ޝަރަފް އެހެން ބުނެ ފޯނު ކަނޑާލަން އުޅުނެވެ. އެހެނަސް ޝަބާ އޭނަ ހުއްޓުވިއެވެ.
"މަޑުކޮށްބަލަ ޝަރަފް. ދޮންތަ ވާހަކައެއް ބުނަންވެފަ
އެބައޮތޭ........ސޮރީ." ޝަބާއަށް ބުނެލެވުނީ އެންމެ ބަހެކެވެ. އެހެނަސް އެ
އެންމެ ބަހުން ޝަރަފްގެ ހިތަށް ލިބުނީ ބަޔާންކުރަން ދަތި އުފާވެރިކަމެކެވެ. އެ
އެންމެ ބަހުން އޭނަގެ ދޮންތަގެ ފަރާތުން އޭނަގެ ހިތަށް ލިބުނު ހުރިހާ ޒަޚަމެއްގައި
މަލަން އެޅުނު ފަދައެވެ. އޭނަ އެއްޗެކޭ ނުބުނެ އިންދާ ދޮންތަ އިތުރަށް ވާހަކަ
ދެއްކިއެވެ.
"އަފޫ ދޮންތައަށް ހުރިހާ ވާހަކައެއް ކިޔައިދީފި. ދެން
އަނބުރާ އާދޭ ޝަރަފް. ދޮންތަ ދެން ދުވަހަކުވެސް ޝަރަފް އަފާފާއި ދުރުކުރަން
މަސައްކަތް ނުކުރާނަން. އަފޫ ވަރަށް ހަނދާންވޭ ޝަރަފް މަތިން. އޭނަ މި ހުރިހާ
ދުވަހު އުޅުނީ ވެސް ވަރަށް ބޮޑަށް ބަލިކޮށް. އޭނަ އޮފީހަށް އަންނަން ފަށައިފި
އެކަމަކު މިތަނަށް އައިއްސަ ވެސް އޭނައަށް ގިނަދުވަހު ރަނގަޅަށް ނުވެސް ކެވޭ.
މިއަދު އޭނަ ކިރިޔާވެސް ހަމަޖެހިފަ އެހެރީ. އެއީ ހަމަ ޝަރަފްއާ ގުޅުނީމައޭ ދޮންތަ
ބުނާނީ. އޭނަ ވަރަށް ބޭނުންވޭ ޝަރަފްއަށް މި ޙާލަތުގަ." ދޮންތަގެ ވާހަކަތައް
އިވެމުން ދިޔަދިޔަހެން ޝަރަފްގެ މޭގައި ރިހުމެއް އުފެދި އޭނަގެ ދެލޯ ރަތްވާން
ފެށިއެވެ. އަފާފް އޭނައަށް ބޭނުންވާ މިންވަރު ތިމަންނައަށް އެނގެއޭ ބުނެ އޭނަ
ރޮއިގަންނަން ބޭނުންވިއެވެ. އެހެނަސް އޭނަ އަމިއްލަ ނަފްސު ހަމައަކަށް އަޅަމުން
ބުނެލީ އެހެން ބަސްތަކެވެ.
"ދޮންތަ އަފޫ ރަނގަޅަށް ބަލައްޗޭ." ޝަރަފަށް
އެހެން ބުނެވުނީ ރޫރޫއަޅަމުން ދިޔަ އަޑަކުންނެވެ. އެއަށްފަހު އެކޮޅުން ޝަބާއަށް
އެއްޗެކޭ ބުނުމުގެ ފުރުޞަތެއް ނުދީ އޭނަ ފޯނު ކަނޑާލިއެވެ. އޭގެ މާގިނައިރެއްނުވެ ޝިނާޒް
ޝަރަފްގެ ކައިރިއަށް އައެވެ. ޝަރަފްގެ ކޮނޑުގައި އަތް އަޅާލަމުން ގުޅީ ކާކުތޯ
ޝިނާޒް އަހާލީ އޭނަ ގެނައި ޚަބަރު ދިނުމުގެ ކުރިން ޝަރަފް އޭރު ހުރި ޙާލަތު
ބަދަލުކޮށްލުމުގެ ނިޔަތުގައެވެ. ޝަރަފް ހުރިހާ ވާހަކައެއް ކިޔައިދިނުމުން އާދައިގެ
މަތިން ޝިނާޒް ޝަރަފަށް ހިތްވަރު ލައިދިނެވެ. އެއަށްފަހު އޭނަ ގެނައި ވާހަކަ
ޙިއްސާ ކުރުމަށްޓަކައި ދުރުދުރުން ފެށީ އެ ވާހަކައަކީ ޝަރަފް ވަރަށް ހިތްދަތިވާނެ
ޚަބަރެއްހެން އޭނައަށް ހީވީތީވެއެވެ.
"ޝަރަފް ސުވާލެއް ކޮށްލަންތަ؟" ޝިނާޒް އެހިއެވެ.
ޝަރަފް އޭނައަށް ބަލާލަމުން ބޯޖަހާލިއެވެ.
"އަފާފަކީ ވަރަށް އެހެން މީހުންގެ ބަހަށް ހެއްލޭ
ކުއްޖެއްތަ؟" ޝިނާޒް ކޮށްލި ސުވާލުން ޝަރަފަށް ޙައިރާންކަމެއް ލިބުނެވެ. އޭގެ
ދެވަނަ ސިކުންތުގައި އޭނައަށް ބޭއިޚްތިޔާރުގައި ހީލެވުނެވެ.
"އަފާފް؟ ހެއްލޭ ކުއްޖެއް؟ އޭނަ ހައްދަން އުޅޭ
މީހެއްގެ ބޯ ކާލަފާނެ އޭނަ ހެއްލުމުގެ ކުރިން. ހެހެ..." ޝަރަފްގެ ވާހަކައަށް
ސަމާސާ ރާގެއް އެޅުވުނީ އަފާފްގެ އެމިޒާޖު އެނގޭ މާޒީގެ ހަނދާނެއް އިއްޔެ ވީ
ކަމެއްހެން ސިކުނޑިއަށް ވެރިވުމުންނެވެ.
"އެހެންތަ؟ އަސްލު އެހެން އެހީ ޝަރަފްއާ ބެހޭގޮތުން
ވެސް ވާހަކައެއް އިވުނީމަ އޭނަ އެ ވާހަކަ ޤަބޫލުކުރީތީ. އެނީވޭސް، އަސްލު މި
ވާހަކަ މި އެހީ ވަރަށް އެހެން ކަހަލަ ޚަބަރެއް އިވިގެން. މިރޭ ވިޔާމް ދާނެ
އަފާފްގެ ގެއަށް. އޭނައާއި ކައިވެނިކުރަން އެދެން. އޭނަ ދާނީ ތައުބާވެފައިވާ
މީހެއްގެ ގޮތުގަ. ދޮންބައްޕަ އަދިވެސް ހީކުރަނީ އަހަރެން ހުރީ އެމީހުންގެ ކޮޅުގަ
ކަމަށް. އެހެންވެ އަހަންނަށް މި ހުރިހާ ޚަބަރުތައް ދެނީ. ދެން ނޭނގެދޯ އަފާފް
ހަދާނެ ގޮތެއްދޯ.....ދޮންބައްޕަ ބުނި ޝަރަފް މި ރިސޯޓާއި ދުރަށް ދިޔައިއްޔާ
ތިމަންނަ ވިޔާމް ލައްވާ އެކަން ނުކުރުވާނަމޭ. ވިޔާމް އަފާފާއި އިނދެފިއްޔާ
އަފާފަށް އަނިޔާތަ...." ޝިނާޒްގެ ވާހަކަ އެހާ ހިސާބަށް ދިޔަތަނާހެން ރުޅިން
ރަތްވެގެން ދިޔަ ޝަރަފަށް ކޮޅަށް ތެދުވެވުނެވެ.
"އިނގިލި ކުރިވެސް ނުޖެއްސޭނެ އޭނައަށް އަފާފްގެ
ގައިގަ! އެމީހުން ހީވަނީތަ އެފަދަ ކަމެއް އެހާ ފަސޭހައިން އެމީހުންނަށް
ޙަޤީޤަތަކަށް ހަދާލެވޭނެހެން؟ އެމީހުންނަށް ހީވަނީތަ ތިކަހަލަ ބިރެއް ދައްކައިގެން
އަހަރެން ފަހަތަށް ޖެހޭނެހެން؟ އެމީހުންނަށް ހީވަނީތަ އެހާ ފަސޭހައިން އަފާފް
އެމީހުންގެ އަތްދަށަށް އަންނާނެހެން؟ އަފާފް އެމީހުންގެ ބަހަށް ހެއްލުނީ އަފާފް
އަނދިރިވެފައިވީ ދުވަސްވަރު! އެހެންނޫންނަމަ އަފާފް އޭރުވެސް އެމީހުންނަކަށް
ނުހެއްލުނީސް. ﷲ ގެ ޙަޟްރަތުން ވާގިއަށް އެދޭ މީހުންގެ ހިތަށް ލިބޭ ސާބިތުކަމަކީ
އެމީހުންނަށް ދޭހަކުރެވޭ އެއްޗެއްނޫން..." ޝަރަފް ވާހަކަ ފެށީ ގަދަ
ރުޅިއަކާއެކީ ކަމަށްވިޔަސް ވާހަކަ ނިންމާލީ މަޑުމައިތިރި އަޑަކުންނެވެ. ޝަރަފް
އެންމެ ފަހަކަށް ބުނި ބަސްތަކާއި އެއްބަސްވުމުގެ ގޮތުން ޝިނާޒް އޭނައަށް
ބަލަހައްޓައިގެން ހުރެ ބޯޖަހާލިއެވެ.
**
އެރޭގެ ވަގުތެއްގައި އަފާފް ހުރީ އެރޭ އޭނައާއި ބައްދަލު
ކުރުމަށްޓަކައި އަންނަން އުޅޭ މެހުމާނަށްޓަކައި ގަދަކަމުން ރީތިވާށެވެ. ބުރުގާ
އަޅުވާ އެތިން އާދައިގެ ކަޅުކުލައިގެ ބުރުގާއެއް ނަގައި ބޮލަށް މަހާލި ގޮތުން އޭނަ
ހުރީ ރީތިވާ ހިތުންނެއް ނޫންކަން އެނގެއެވެ. އޭނަގެ ޙަރަކާތްތައް އަވަސްވެފައިވި
ގޮތުންނާއި އޭނަގެ މޫނުމަތީގެ ކުލަވަރު ހުރިގޮތުން އޭނަ ވަނީ ކޮންމެވެސް ވިސްނުމެއްގެ
ތެރޭގައިކަން އެނގެއެވެ. އެއީ ހަމައެކަނި އެރޭ އޭނަ މި ދާންއުޅޭ ބައްދަލުވުމުގެ
ސަބަބުންނެއްނޫނެވެ. އަދި މިހާތަނަށް އައިއިރު އޭނަ މިރޭ ބައްދަލު ކުރަން އުޅެނީ
ކާކާކަން އެނގިފައިވުމުން އެކަންޏެއްވެސް ނޫނެވެ. އޭނަގެ ސިކުނޑީގައި އެނބުރެމުން
ދިޔައީ މިއަދު އޭނަ އޮފީހުގައި ހުއްޓާ ކަންތައްވީ ގޮތުގެ ހަނދާންތަކެވެ.
**7 ގަޑިއިރު ކުރިން**
އަފާފް އާދައިގެ މަތިން އޭނަގެ ކެބިންގައި އިނީ އޭނަގެ
މަސައްކަތަށް ގެއްލިފައެވެ. އެވަގުތު ޝަބާވެސް ބްރޭކް ގަޑިއަށް ގެއަށް
ގޮސްފައިވުމުން އެގަޑީގައި އަފާފް ކެބިންގައި އިނީ އެކަންޏެވެ. އޭނަ އިންގޮތަށް
އިންދާ ކެބިންގެ ދޮރުގައި މީހަކު ޓަކި ދިން އަޑަށް އަފާފް ކުޑަކޮށް ސިހުންވާ
ގޮތްވިއެވެ. އާއްމު ގޮތެއްގައި އޭނަގެ އަންހެން މުވައްޒަފުން އޭނަގެ ދޮރުގައި ޖަހާ
ޓަކީގެ އަޑަށްވުރެ ބަރު އަޑަކަށްވުމުން އޭނަ ހިސާބަކަށް ޙައިރާންވާ ގޮތްވިއެވެ.
"ކާކު؟" އަފާފަށް ބޭރަށް އިވޭނެވަރަށް
އަހާލެވުނެވެ. އެއާއެކު އެ ދޮރު ހުޅުވިގެން ދިޔައެވެ.
"ހާއި ބޭބް." ހުޅުވިގެން ދިޔަ ދޮރުން ވަދެގެން
އައީ ވިޔާމް ނޫން ދެވަނަ މީހެއްނޫނެވެ. ފުރަތަމަ ފަހަރަށް އޭނަގެ ކެބިންއަށް ހިލޭ
ފިރިހެނަކު ވަދެގެން އައި މަންޒަރު ފެނިފައި ލިބުނު ސިހުމާއެކީ އަފާފަށް ގޮނޑިން
ތެދުވެވުނެވެ. އަދި އެއީ ވެސް ކޮން ކަހަލަ ފިރިހެނެއްކަން އެނގުންވީ ހިނދު
ބިރުވެރިކަމާއެކީ އޭނަގެ ހިތުގެ ތެޅުން އަވަސްވެ އޭނަގެ ދެލޯ ބޮޑުވިއެވެ.
"އޯ އެމް ޖީ! އަހަރެން ހޭންޑްސަމް ކަމުން ހަމަ ނުވެސް
ހުރެވޭދޯ ލޯބިއަށް؟" ވިޔާމް ކެބިންގެ ދޮރު ލައްޕާލަމުން ކެބިންއަށް ވަދެގެން
އަންނަން ފެށިއެވެ. އެއާއެކު ވީ ފޫއްސާއެކީ އަފާފް ވަގުތުން އޭނަގެ ފޯނުގެ
މޭޒުމަތީގައި އޮތް ކޯޑްލެސް ފޯނު ނަގައި ސެކިއުރިޓީއަށް ގުޅަން އުޅުނެވެ. އެ ހިނދު
ވިޔާމް ދިގު ފިޔަވަޅުތަކެއްގައި ގޮސް ފާރުގައި ހަރުކޮށްފައި ހުރި އެ ފޯނުގެ
އަނެއްބައިގެ ކަރަންޓާއި ގުޅާފައިވި ވައިރު ނައްޓާލިއެވެ. އެއާއެކު އަފާފްގެ
އަތުގައި އޮތް ފޯނު ނިވުނެވެ. އަފާފް ވިޔާމަށް ބަލާލަމުން އެތާ ދުރުގައި ޗާޖަށް
ގުޅާފައި އޮތް އޭނަގެ ފޯނަށް ބަލާލިއެވެ. އޭނަ އޭތި ނަގަން އުޅެފިނަމަ ވިޔާމް އެ
ފުރުޞަތުގެ ބޭނުން ހިފާނެ ގޮތެއް ޚިޔާލަށް ގެނެވުމުން އޭނަ ހުރިތާ ހުންނަން
ނިންމިއެވެ. އަދި ވިޔާމް ބޭނުންވާ ކަމެއް ދެނެގަންނަން ބޭނުންވިއެވެ.
"މި އޮފީހުގެ ޤަވާއިދު ބުނާ ގޮތުން ފިރިހެނުން
ވަންނަން ޖެހޭނީ މި އޮފީހުގެ އަނެއްފަޅިން." ނޫންކަމަށް ހަދާފައި އަފާފް
ކަންއޮތް ގޮތް ކިޔައިދިނީ ވީހާވެސް ރަސްމީ ވުމަށެވެ.
"އޯންވް.......ނޭނގުނީއޭ. ސޮރީ! އެކަމަކު އަފޫއާ
ބައްދަލު ނުވާނެއެއްނު އެފަޅިން؟ އެގޮތަށް ވިސްނާފަ އަސްލު މި ފަޅިން މި ވަނީ.
އެހެންނޫނަސް މެރީކުރަން އުޅޭ ދެމީހުން މިގޮތަށް ވެސް ބައްދަލުކުރަން
ވާނެއެއްނުދޯ؟" ވިޔާމް ހެވިފައިހުރެ ކޮށްލި ސުވާލުން އަފާފްގެ އަތް ފައި
ގަނޑުވެގެން ދިޔައެވެ. އޭނަގެ ހަނދާނަށް އައީ މިއަދު ހެނދުނު މަންމައާއި ބައްޕަ
ދައްކަމުން ދިޔަ ވާހަކަތަކެވެ. އޭނަގެ ކައިވެނީގެ ވާހަކަތަކެވެ. އެއީ ވަރަށް
ރަނގަޅު ކުއްޖެކޭ ބުނެ ދެއްކި ވާހަކަތަކެވެ. މަންމަމެންގެ ނަޒަރުގައި ވިޔާމް
އަނެއްކާވެސް ރަނގަޅުވީ ކޮން ދުވަހަކުތޯ އަފާފްގެ ހިތަށްއެރިއެވެ. އޭނަ ވިޔާމްގެ
ޙަޤީޤަތް ކިޔައިދީފައި ވަނިކޮށެވެ. ވިޔާމް ކަހަލަ މީހަކާ އޭނަ ދެވަން އެމީހުން
ޚިޔާލު ކުރީ ވެސް ކިހިނެއް ހެއްޔެވެ؟
"ސަޕްރައިޒް!!! އަސްލު އަފޫގެ މޯމްއާ ޑޭޑް މިރޭ
އަފޫއަށް މި ސައިޕްރައިޒް ދޭން އުޅުނީ. އެކަމަކު އަހަރެން ކެތްނުވެގެން ހަމަ
މިއައީ." ވިޔާމް އެހެން ބުނެ ކުރިއަށް ފިޔަވަޅެއް އަޅާލުމުން
ނުތަނަވަސްވެގެން ދިޔަ ހިތަކާއެކީ އަފާފަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.
އަފާފްގެ ނަސީބު ރަނގަޅުކަމުން ކަންނޭނގެއެވެ. ވިޔާމް އިތުރަށް ކުރިއަކަށް
އަންނާކަށް ނޫޅެ ދުރުގައި ހުރީއެވެ.
"ކިހިނެއް މަންމައާއި ބައްޕަ މި ކައިވެންޏަށް
އެއްބަސްވީ؟" ވިޔާމް ކައިރިވާން ނޫޅުމުން ލިބުނު ހިސާބެއްގެ ހަމަޖެހުމާއެކީ
އަފާފް ދެނެގަންނަން މަސައްކަތް ކުރިއެވެ.
"އެއީ ފަސޭހަކަމެއްނު؟ ﷲ އަށް ތައުބާވުމުގެ އެކްޓެއް
ޖައްސާއިރަށް ކާކު އެއްބަސްނުވާނީ؟" ވިޔާމް ތައުބާވުމަށް މަލާމާތް ކުރާ
ރާގަކަށް ބުނެލިއެވެ. އެ ވާހަކައިން އަފާފްގެ ހިތަށް ވެރިވި ރުޅިވެރިކަމާއެކީ
އޭނަގެ ހިތް ހިތާމަވެސް ކުރިއެވެ. އޭނަގެ ޢުމުރުގެ ބޮޑު ބައި މިދަނީ އެފަދަ
ޚިޔާލުތައް ހުރި މީހުންގެ އެ ޚިޔާލުތައް ބަދަލުކުރުމުގެ މަސައްކަތުގައެވެ. އެ
އެންމެންގެ ޚިޔާލުތައް އޭނަ ކިތަންމެ ބޭނުންވިޔަސް ބަދަލެއް ނުކުރެވޭނެކަން
އެނގުނަސް ޚުދު އޭނަގެ ލޯ ކުރިމަތިން އެފަދަ މީހެއް ފެނިގެން ދިޔުމުން އޭނަގެ
ހިތަށް އުނދަގޫވާ ގޮތްވިއެވެ. އޭނައަށް ދެން ބުނެވުނު ބަސްތައް ބުނެވުނީ ހިތަށް
ދަތިވީ މިންވަރުންނެވެ.
"ވިޔާމް....ކުޑަކޮށް ވެސް ބިރެއް ނުގަނޭތަ ﷲ އަށް؟ ތި
ބަސްތައް ތިގޮތަށް ތި ބުނެވެނީ ވެސް ﷲ ދެއްވި ދުލުންނޭ. އެކަލާނގެ
އިރާދަކުރައްވައިފިނަމަ މިވަގުތު ވެސް އެކަލާނގެއަށް އެ ދޫ މަސައްކަތް ނުކުރެވޭ
ގޮތްވީސް. އެކަމަކު އެކަލާނގެ ރަޙްމަތުން ވިޔާމަށް އަދިވެސް ވާހަކަ ދެއްކޭ.
ކިތަންމެ ފާފައެއް ކުރެވުނަސް ވިޔާމްގެ ހިތް އަދިވެސް ތެޅެމުން އެބަދޭ. ވިޔާމަށް
އަދިވެސް ނޭވާ އެބަލެވޭ. އެއިން ކޮންމެ ނޭވާއަކީ، އެއިން ކޮންމެ ހިތުގެ ތެޅުމަކީ
އެކަލާނގެ އިރާދަފުޅުން އެކަލާނގެ ދެއްވާ ފުރުޞަތެއްކަން ވިޔާމަށް ނުފެންނަނީ
ކީއްވެ؟" ހިތުގެ ފުން މިނުން ވިޔާމަށް ހެޔޮ ގޮތް ފެނުމަށް އެދޭ ޙާލުގައި އަފާފަށް
ވާހަކަ ދެކެވުނެވެ. އެކަން ވިޔާމަށް ވެސް އިޙްޞާޞް ކުރެވުނީ ކަންނޭނގެއެވެ.
އޭނައަށް ހުރެވުނީ ބުނާނެ އެއްޗެއް ނޭނގި، ފާޑަކަށެވެ. އަފާފްގެ ބަސްތަކުން
ވިޔާމަށް ކުޑަނަމަވެސް އަސަރެއް ކުރިހެން ހީވިއެވެ. އެގޮތުގައި ހިމޭންކަމުގެ
ވަގުތުކޮޅެއް ވޭތުވުމަށްފަހު އަނެއްކާވެސް ވިޔާމް އޭނަގެ މޫނުމައްޗަށް
ރުޅިވެރިކަން ވެރި ކުރުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ނުބައި ބަހެއް
ކިޔާލިއެވެ.
"ކަލޭމެން ތިގޮތަށް ވާހަކަ ނުދެއްކިއްޔާ ރަނގަޅުވާނީ!
ތިކަހަލަ މީހުންނަކީ އެހެން މީހުންނާމެދު ނުވިސްނާ ދަހިވެތި ބައެއް. އަހަރެންގެ
މަންމަ މި ދުނިޔެއިން ވަކިވެދިޔައީ ތިކަހަލަ ބައެއްގެ ސަބަބުން! ތިގޮތަށް އަބަދު
ޒިކުރު ތަޞްބީޙައިގައި އުޅޭ ބައެއްގެ ސަބަބުން. މަންމަ އަހަރެން ކުޑައިރު ގޮތް
ނޭނގޭ ބައްޔެއް ޖެހިގެން އެނދުމަތިވީ ދުވަސް އަހަރެން ހަނދާނެއް ނުނެތޭނެ! ބައްޕަ
ބޯޓު ދަތުރު ކުރަން ދިޔައީ އަހަންނާއި މަންމަ ތިކަހަލަ ޢާއިލާއަކާ ޙަވާލުކޮށްފަ.
އެމީހުންގެ އަތުގަ މަންމައަށް އެހީވެވޭނެ ވަރަށް ލާރިވެސް ހުރި. އެކަމަކު އެ
މީހުން އެހީއެއްނުވޭ. މަންމައަށް ބޭސް ދޭ ގަޑީގަ ބޭހެއްވެސް ނުދޭ. އަހަރެން ދޭންވީ
ކޮން ބޭހެއްތޯ އެހީމަ އަދި ފަހުންނޭ ކިޔަކިޔާ ތިއްބާ މަންމަ....." ވިޔާމް
ކުރެހިފައިވާ އަޑަކުން ދައްކަމުން ދިޔަ ވާހަކަ އެހާ ހިސާބުން މެދުކެނޑުނެވެ. އެ
ހިނދު އޭނަ ހުރީ ރޮވެން ކައިރިވެފައިކަން އަފާފަށް އެނގުންވިއެވެ. ވިޔާމްގެ މިސިފަ
އޭނައަށް ފެނިދާނެކަމަށް އަފާފް ދުވަހަކުވެސް ހިއެއްނުކުރެއެވެ. ވިޔާމް ކިޔައިދިން
ވާހަކަތަކާމެދު އޭނައަށް ވިސްނުނެވެ. ހަމައެއާއެކު ވިޔާމް އެހާ ދީނާއި ދުރީ
ކީއްވެކަން އޭނައަށް އެނގުންވިއެވެ. އެންމެ މީހަކު ދައްކާ ނުބައި މިސާލަކުން ވެސް
ކިހާ ގިނަ ގޯސް ނަތީޖާތައް ނިކުމެގެން އަންނަކަން އަފާފަށް އެނގުންވީ އެ ހިނދެވެ.
އޭނަ ވަގުތުން ވިޔާމްގެ ޚިޔާލު ބަދަލުކުރެވޭ ފަދަ ވާހަކައެއް ބުނަން ބޭނުންވިއެވެ.
"އެންމެން އެއްގޮތެއް ނުވާނެ ދޯ ވިޔާމް؟" އަފާފް
ދެންވެސް ސީރިއަސް ރާގަކަށް އަހާލިއެވެ. އެއާއެކު އަނެއްކާވެސް ވިޔާމް ދަތްކުނޑި
ވިކާލިއެވެ. އެއަށްފަހު ދިގު ފިޔަވަޅުތަކެއްގައި އައިސް އަފާފާއި އެއްފިޔަވަޅު
ދުރުގައި ހުއްޓިލިއެވެ. އެކަމާމެދު އަފާފް ޙައިރާންވިއެވެ. ވިޔާމް އައިގޮތުން
އަފާފް ހީކުރީ އޭނައަށް ވިޔާމްގެ އަތްދަށުން ސަލާމަތް ނުވެވޭނެކަމަށެވެ. އެހެނަސް
އޭނަ ދެންވެސް ކައިރިވާން ނުއުޅެ އޭނަ ދައްކަން ބޭނުން ވާހަކައެއް ދެއްކިއެވެ.
"މަ
ހައްދައިގެން ކަލެއަށް މަގޭ އަތްދަށުން ސަލާމަތް ވެވޭނެކަމަށް ހީނުކުރާތި! މަ މިރޭ
ދިޔައިމަ ކަލޭ ކިތަންމެ ވަރަކަށް އިންކާރު ކުރަން އުޅުނަސް ކަލޭ ޖެހޭނީ
އެއްބަސްވާން! ހަނދާން ކުރާތި! ކަލޭ.....ޖެހޭނީ....އެއްބަސް...ވާން!" ވިޔާމް
ކަޅި އަޅަމުން ބަސްތައް ވަކިވަކިން ކިޔާފައި އެތަނުން ދާން ހިނގައިގަތެވެ. ވިޔާމް
އެންމެ ފަހުން ވާހަކަ ދެއްކި ގޮތުން އަފާފް އަނެއްކާވެސް ރުޅި އާދެވޭ ގޮތްވިއެވެ.
އެހެނަސް އެ ރުޅީގެ ތެރެއިން ވެސް އޭނައަށް ވިޔާމްގެ ޙާލަތާއިމެދު ވިސްނުނެވެ
Comments
Post a Comment