Nur (part 58)


"ދެން އެންމެ އަވަހަށް އެމީހުން ކުރަން ބޭނުންވާ ކަމަކީ އަފާފާއި ވިޔާމް ކައިވެނި ކުރުވުން. އޭގެ ސަބަބުން އަނެއްކާވެސް އަފާފަށާއި ޝަރަފަށް ހިތާމައެއް ލިބުމުން ދެމީހުންވެސް ކުރާ ހެޔޮ ކަންތައް މެދުކެނޑޭނެކަމުގެ އުއްމީދުގަ. އަދި އަފާފް ވިޔާމާއި އިނދެފިނަމަ ހުސެއިން ޝަރަފަށް ދީފައިވާ ބިން ވިޔާމަށް ދޭން އިތުރު އުޒުރެއް ހޯދުމަށްޓަކައި. ވިޔާމް ވަރަށް ވެސް މޮޅުވާނެ އަންހެނުން ހައްދަން. އަފާފް ވިޔާމްގެ ބަސްތަކަށް ހެއްލި އޭނަ....." ޝިނާޒް މިފަހަރު ދައްކަން ފެށި ވާހަކައިން ރުޅިން ރަތްވެގެން ދިޔަ ޝަރަފް ނޫނެކޭ ކިޔައި ހަޅޭއްލެވިއެވެ. އެއާއެކު ޒޯއާއި ޝިނާޒް އެކުއެކީގައިހެން ސިހުންވާގޮތްވިއެވެ. ޝަރަފް ރުޅިވެރިކަމާއެކީ ފުން ނޭވައެއް ލާން ފެށުމުން އެދެމީހުންނަށް ބަލަހައްޓައިގެން ތިބެވުނެވެ. ހިމޭންކަމުގެ އެ ވަގުތުކޮޅުގައި ޝަރަފް ދިވެހި ބަހުން ދެއްކި ވާހަކަ ތަކުގެ ތެރެއިން އިވުނު ނަމަކުން ޒޯއަށް ވިސްނުމެއްގެ ތެރޭގައި ހުރެވުނެވެ. އޭނަ އެއްޗެކޭ ބުނަން އުޅުނު ވަގުތު ޝަރަފް ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ. އެއާއެކު ޝިނާޒަށް ވެސް އޭނަގެ ފައިމައްޗަށް ތެދުވެލެވުނެވެ.

"ދުވަހެއްގެ ކޮޅުން ވެސް އޭނަ އަފާފާއި ކައިރިވިޔަ ނުދޭނަން މަށެއް!" ޝަރަފް ދަތްކުނޑި ވިކަމުން ޝިނާޒާއި ދިމާލަށް އެހެން ބުނެލީ އެފަދަ ވާހަކަ ދެއްކީތީވެސް އޭނަ ޝިނާޒަށް ރުޅި އައި ފަދައަކުންނެވެ. އެއަށްފަހު އޭނަ ދެވަނަ ވިސްނުމެއްވެސް ނެތި އެޕާޓްމެންޓުން ނިކުންނަން ދިގު ފިޔަވަޅުތަކެއް އަޅަން ފެށީ އޭނަގެ ޒަޚަމްތަކުގެ މަތިން ވެސް ހަނދާން ނައްތާލަމުންނެވެ. އެހެނަސް މާ ދުރަށް ނުދެވެނީސް ޝިނާޒް ވާހަކަ ދެއްކިއެވެ.

"ޝަރަފް ޕްލީޒް! މިރޭ ޝަރަފް ބޭރަށް ދިޔުން ރަނގަޅެއްނޫން!" ޝިނާޒް ޝަރަފާއި އެއްވަރުގެ ފިޔަވަޅުތައް އޭނައާއި ދިމާލަށް އަޅަމުން ބުނެލިއެވެ. އެ ހިނދު ދޮރާއި ހަމައަށް ދެވިފައި ހުރި ޝަރަފް ފަސްއެނބުރި ބަލާލިއެވެ.

"އެމީހުން މަ މެރިޔަސް މަ މިރޭ ދާނަން ބޭރަށް. މަގޭ އަންހެނުން އޮތީ ހޮސްޕިޓަލުގަ. ބަޔަކު މީހުން ދޮގު ރިޕޯޓެއް ދައްކައިގެން އޭނަގެ ސާޖަރީއެއް ހައްދަނީ. އެ ހޭބަލިވެފައިވާ މީހުން ނުވިސްނާ އޭނަގެ ބަނޑުގަ އޮތް ދަރިފުޅަށް ވާނެ ގޮތަކާމެދު ވެސް. މިހާރު މާ ލަސްނުވާ ކަމެއްވެސް އަހަންނަށް އެނގެނީއެއްނޫން..." ޝަރަފަށް އޭނަގެ ފަހު ޖުމްލަ ބުނެލެވުނީ ފެންކަޅިވެފައިހުރެ ކުރެހިފައިވާ އަޑަކުންނެވެ. ޝަރަފް ދެއްކި ވާހަކައިން ޝިނާޒަށް ހިމޭނުން ހުރެވުނު ވަގުތުކޮޅުގެ ބޭނުން ހިފައި އަނެއްކާވެސް ޝަރަފް އޭނައަށް ފަސްދީފައި ދޮރު ހުޅުވަން އުޅުނެވެ. ޝިނާޒް އަނެއްކާވެސް ޝަރަފަށް ގޮވައި ހުއްޓުވަން އުޅުނު ވަގުތު ޒޯ ކުރިއަށް ޖެހިލަމުން ވާހަކަ ދެއްކިއެވެ.

"ޝަރަފް! އަހަންނަށް ހީވަނީ އަހަންނަށް އެބައިނގޭހެން ޝަރަފްގެ އަންހެނުން. މީގެ ގަޑިއިރެއްހާއިރު ކުރިން އޭނަގެ ސާޖަރީއެއް ހެއްދުނީ. އެކަމަކު އަލްޙަމްދުލި ﷲ އޭނަވެސް އޭނަގެ ދަރިފުޅުވެސްވަނީ ރަނގަޅު ޙާލަތެއްގަ. ދަރިފުޅުވެސް ރަނގަޅު. އަދި މިހާރު އަފާފްގެ ލޮލަށް ފެންނަން ވެސް ފެނޭ." ޒޯ، ޝަރަފް ދެއްކި ވާހަކަތަކުގެ ތެރެއިން ސާޖަރީއެއްގެ ވާހަކަ އައުމުން އޭނަގެ ހީ ޔަޤީނަކަށް ބަދަލުކުރަމުން ވާހަކަ ދެއްކިއެވެ. އޭނަ އެ ޚަބަރު ދިނީ އެއީ މާ ބޮޑު ޚަބަރެއްކަމަށް ހީނުކޮށެވެ. އެހެނަސް އޭނައަށް ނޭނގުނު ކަމަކީ އެ ޚަބަރު އިވުނު ޝަރަފްގެ ހިތަށް އަރާ ފައިބަމުން ދިޔަ އަސަރުތަކެވެ. އެތައް ދުވަހެއްފަހުން އޭނަގެ މޭތެރޭގައި އަޅަމުން ދިޔަ ވޭންތަކަށް ފިނިކަމެއް އިޙްޞާޞް ކުރެވުނުހެން ޝަރަފަށް ހީވިއެވެ. ހިތަށްވެރިވި އުފާވެރިކަމެއްގެ ސަބަބުން ޝަރަފަށް ބޭއިޚްތިޔާރުގައި ހީލެވުނެވެ. އެ ހިނދު އުފާވެރިކަމުގެ ކަރުނަތަކުން އޭނަގެ ލޯ ފެންކަޅިވެފައިވިއެވެ. މިއަދު ފުރިހަމަވެގެން އެ ދިޔައީ އޭނަ ހާދަ ދުވަހެއް ވަންދެން އުއްމީދު ކޮށްގެން ހުރި ކަންތައްތަކެވެ. މިއަދު އެ ވަނީ އޭނަގެ ޒަވާޖީ ޙަޔާތް ފެށުނުއިރު ދެކުނު ހުވަފެންތައް ޙަޤީޤަތަކަށް ބަދަލުވެފައެވެ. އިސާހިތަކު ﷲ އަށް ޙަމްދުކުރެވުނު ވަގުތު އޭނަގެ އުފާވެރި ޙަޔާތް އޭނައަށް އެވަގުތުކޮޅުގައި ވެސް ސިފަކުރެވުނެވެ. އޭނައާއި އަފާފް ނުހަނު އުފަލުގައި ދެމީހުންގެ ދަރިފުޅާއެކީ އުޅޭ މަންޒަރެވެ. އެ ޚިޔާލުތަކުގެ ތެރެއިން މިއަދު އޭނަ އަފާފްގެ ކުރިމައްޗަށް ގޮސްފިނަމަ އަފާފަށް އޭނަ ފެންނާނެތާއޭ އޭނަގެ ހިތަށްއެރިއެވެ. އަފާފްވެސް އޭނަ ދެކެން ބޭނުންވާނެއޭ ހިތަށް އެރި ތަނާހެން އޭނައަށް ވާހަކަ ދެކެވުނެވެ.

"ޖަޒާކި ﷲ ޚައިރަން އަހަންނަށް ތި ޚަބަރު ދިން ކަމަށްޓަކައި. ޝިނާޒް އަހަރެން މިދަނީ އަފޫ ބަލަން! އަދި އެބަ އަންނަން ޝިނާޒްއާ ބައްދަލުކުރަން." އިނގިރޭސި ބަހުން ޒޯގާތު ފުރަތަމަ ޖުމްލަ ބުނެލުމަށްފަހު ޝަރަފް ފުރިހަމަ ހިނިތުންވުމަކާއެކީ ޝިނާޒާއި ވާހަކަ ދެއްކީ އެރޭ އޭނައާއިމެދު އެއްވެސް ކަމެއް ހިނގިކަން ވެސް ހަނދާން ނައްތާލަމުންނެވެ. އަދި އެވަގުތު އޭނަ ހުރި ޙާލަތާއިމެދު ވެސް ވިސްނާލުމެއްނެތިއެވެ. އޭނަ ތިންވަނަ ފަހަރަށްވެސް އެ އެޕާޓްމެންޓުން ނިކުންނަން އުޅުނު ވަގުތު ޝިނާޒް ވާހަކަ ދެއްކިއެވެ.

"ނޯ ބްރޯ ޔޫ ކާންޓް ގޯ! އެނގޭ މިވަގުތު ވައިފް ދެކެން ވަރަށް ބޭނުންވާނެކަން އެކަމަކު ނުދާށޭ މި ބުނަނީ ވަކި ސަބަބަކަށްޓަކައި. އެއީ ވަކި އެމީހުންގެ ފަރާތުން ޝަރަފަށް އަނިޔާއެއް ލިބޭނެތީވެއެއްނޫން. ވިޔާމް އަހަރެން ފެނިފަ މިހާރު ހުންނާނީ ޖެހިލުންވެފަ. އަހަންނަކީ ވަރަށް ގިނައިން ދޮންބައްޕައާ އެކީ އުޅޭ މީހަކަށްވީމަ ވިޔާމަށް ހީވެފަ އޮންނަނީ އަހަންނާ ދޮންބައްޕަ އުޅެނީ އެއްރޭވުމެއްގަ ހެން. ވިޔާމްގެ އެ ހީވުމުގެ ސަބަބުން އެއްދުވަހު އަހަންނާ ދެކެވުނު ވާހަކައަކުން އަހަންނަށް އެނގުނީވެސް ދޮންބައްޕަގެ ނުބައި ނިޔަތްތައް. އެއަށްފަހު އަހަރެން ހުރީ ނޫންކަމަށް ހަދައިގެން. މި ރޭވުމާ ބެހޭގޮތުން އިތުރަށް އެނގޭތޯ ބަލަންވެގެން. އެކަމަށްޓަކައި އަހަރެން ދޮންބައްޕަ ގެ ބައެއް ފޯނުތައް ނަގަން ފެށިން. ކުރީކޮޅު އަހަރެން ވެސް ދޮންބައްޕަގެ ރޭވުންތަކާއި އެއްބައިވެގެން އުޅުނިން. އެކަން ކުރަން ފަށައިގެން އުޅެނިކޮށް ޒޯ މުސްލިމްވީ. އެއަށްފަހު އެ އުޅުން ބަދަލުކޮށްލަން ވަރަށް ހިތަށްއެރި. އެކަމަކު ތައުބާ ނުވާންވެގެން ހުރީ. އެހެން ހުއްޓާ އަހަންނަށް އިވުނީ ވިޔާމްމެން ޝަރަފްގެ ދުވަސް ދުއްވާލަން ބޭނުންވާ ވާހަކަ. އެހާ ހިސާބުން ދެން.......އެ ތައުބާއެއް ނުވިޔަސް އަހަރެން މި އައީ ޝަރަފް ސަލާމަތް ކޮށްދޭން. ވަކި ތް..ތައުބާއެއްގެ ސަބަބުންނެއްނޫން އަހަރެން މިއައީ." ޝިނާޒް ވާހަކަ ދެއްކީ އޭނަ ތައުބާވިކަން ފޮރުވަން އުޅޭ ފަދައަކުންނެވެ. އޭނަ ތައުބާގެ ބަސް ބުނިއިރު ހުރި ޖެހިލުންކަން ފާހަގަވުމުން ފުރަގަހުގައި ހުރި ޒޯއަށް ހިނިތުންވެލެވުނެވެ. ޝިނާޒް އުޅެނީ އޭނަ ނަމާދު ކުރަމުން ދާ ވާހަކަ އަދިވެސް ފޮރުވަންކަން އޭނައަށް ޔަޤީންވިއެވެ. އެއީ ޖެހިލުންވާންޖެހޭ ކަމެއް ނޫންކަމަށް ޒޯ އެވަގުތު ވެސް ބުނަން ބޭނުންވިއެއްކަމަކު އޭނަ ނުބުންޏެވެ. ޝިނާޒަށް ވަގުތު ދިނުމަށްޓަކައެވެ. އަދި އެކި ހިތްތަކުގައި ހުންނަ އީމާންތެރިކަމުގެ ވަރުގަދަކަން ވެސް ތަފާތުވާނެކަން ހަނދާން ކުރަމުންނެވެ. ބަޤަރާ ސޫރަތުގައި ގާތަކެއްގެ މިސާލުން ސިފަކުރައްވާފައިވާ ފަދައިންނެވެ.

"އޯ....ކޭ.....ކޮންމެ ސަބަބަކަށްޓަކައި ޝިނާޒް މިކޮޅަށް އަޔަސް މަށަށް ދެވިދާނެއެއްނު އަފޫ ބަލަން؟ އެހެންނޫނަސް ޝިނާޒް މިހާރު ވިޔާމް ބިރުގަންނަވާލައިފީމެއްނު؟" ޝަރަފް އެހިއެވެ. އެއާއެކު ޝިނާޒް އިހުނަށްވުރެ ބޮޑަށް ސީރިއަސްވެލިއެވެ.

"ވިޔާމް ބިރުގަންނަވާލީމަ އަދި ނުފުދޭ. ވިޔާމް އެކަންޏެއްނޫން ދޮންބައްޕައަށްޓަކައި މަސައްކަތް ކޮށްދެނީ. ޠޮލާލްމެންނާ ހަނާމެންނާ.....މީ ހުސް އެއްބައެއް. ޠޮލާލްމެންވެސް ދަނީ ރިސޯޓުގެ އެކި ބައިތައް ހަލާކު ކުރަމުން. ޝަރަފަށް ފާހަގަވެސް ނުކުރެވޭހާ ލަސްލަހުން. ފާހަގަ ކުރެވޭވަރަށް ހަލާކު ކުރެވުމުން އެމީހުން ބޭނުންވަނީ ޝަރަފާއި ނަބީހާއި ދެމެދު ވެސް މައްސަލަތައް އުފައްދަން. އެހެންނޫނީ  އެހެންނުވެއްޖެނަމަ ކުރިން ބުނިހެން ހުސެއިންގެ ނަންމައްޗަށް އެ ރިސޯޓު ބަދަލުކުރަން. ޝަރަފް ހުސެއިނަށް ބަރޯސާވުން ހުއްޓާލަންވީ މިހާރުން މިހާރަށްވެސް. ޙަޤީޤަތުގަ ޝަރަފް މި ދުވަސްކޮޅު އަފާފާއި ވަކިވެފަ ތިވަނީ ވެސް ރަނގަޅަކަށް. އަފާފާއި އެކީގަ ހުރިއްޔާ މި ހުރިހާކަމެއްގެ ސަބަބުން އަފާފަށްވެސް އުނދަގޫތައް ފޯރުން އެކަށީގެންވޭ. މިހާރު ވެސް ކަންތައް ވެފައިވަނީ ކިހާ ދެރަކޮށް؟ ނަސީބަކުން މިފަހަރު އަފާފް ސަލާމަތްވީ. އެކަމަކު ކޮންމެ ފަހަރަކު އެހާ ނަސީބު ރަނގަޅުވާނެތަ ޝަރަފް؟ ނުވާނެ! އަދި ދުވަސްކޮޅަކުން ދޮންބައްޕަ އަމިއްލައަށް މިކޮޅަށް އައިސް ރާވާނެ ރޭވުންތައް އެނގެނީއެއްނޫން. އެމީހުން އަފާފަށް ވަރަށް ބޮޑަށް ރުޅި އާދޭ އަފާފްގެ ސަބަބުން ޝަރަފަށް ހިތްވަރެއް ލިބެންޏާ. އޭގެ ސަބަބުން ބޮޑަށް އަފާފް އަންދާލަން ދޮންބައްޕަ އެދުވަހު އެންގީވެސް. އެހެންވީމަ މި ދުވަސްވަރު އަފާފާއި ދުރުގަ ހުރުން ރަނގަޅީ. އެހެންނޫނަސް ޝަރަފް އަފާފާ އެކީގަ ހުރިއްޔާ އެންމެންނަށް ވެސް އެނގޭނެ ޝަރަފަށް ހުސެއިންގެ ޢާއިލާގެ ކޮންމެވެސް އެއްކުންފުންޏަކުން އެހީ ލިބުނުކަން. ދޮންބައްޕައަށް ވެސް އެހެން ބުނުމުގެ ފުރުޞަތެއް އޮންނާނެ....އަދި އޭގެ ސަބަބުން ދޮންބައްޕަގެ މަޤްޞަދު ޙާޞިލުކުރަން ފަސޭހަވާނެ. އެހެންވިޔަ ނުދީ ޝަރަފް. ރިސޯޓު އެޅުމަށްޓަކައި ވާންވީހާ އެހީއެއް އަހަންނާއި ޒޯމެންގެ ޢާއިލާއިންވާނެ. ޒޯގެ ބައްޕައަކީ މުސްލިމަކަށް ނުވިޔަސް މި ޚިޔާލު ބައްޕައަށް ވަރަށް ކަމުދޭ. ބައްޕަ ވަނީ ބޭނުމިއްޔާ މި ޕްރޮޖެކްޓަށް ވީވަރަކުން އެހީވެދޭނެކަމަށް ބުނެފަ. އަހަރެންވެސް މިހާރު އެ ބާރތަކުގެ ވިޔަފާރި ހުއްޓާލައިފިން. އެއްގޮތަކަށް ވެސް މިކަމަށް އެހީވާނީ އެ ފައިސާއިންނެއްނޫން. ހެޔޮ ކަމަކަށް އެހީ ވެދޭނީ ހެޔޮ ގޮތުގަ ހޯދިފައިވި ފައިސާއިން." ޝިނާޒް ބުނެލިއެވެ. އެއަށްފަހު އޭނަ ޝަރަފަށް ބަލަހައްޓައިގެން ހުރެ ކިޔާލީ ދެމީހުންގެ ވެސް ބައްޕަ  ބައްޕަގެ އަޑުދަށުން އެމީހުން ލައްވާ ކިޔުއްވާ ދުޢާގެ އެއްތަންކޮޅެވެ. އެއީ ޙަލާލް ރިޒްޤަށް އެދި ކުރެވޭ ދުޢާއެކެވެ. އެ ދުޢާގެ އަޑު އިވިފައި ޝަރަފްގެ ތުންފަތްމައްޗަށް ވެސް ހިނިތުންވުމެއް ވެރިވިއެވެ. އެ ދުޢާގެ ބަޔާއެކީ އަނެއްކާވެސް އޭނަގެ ހިތުގައި ރިސޯޓެއް އެޅުމަށްޓަކައި އުފެދިފައިވި ޢަޒުމް ވަރުގަދަވެގެން ދިޔައެވެ. އޭނަ އެކަން ކުރަނީ ކީއްވެގެންކަން ހަނދާނަށް އައުމުންނެވެ. ހިނދުކޮޅަކަށް ނަމަވެސް އަފާފްމަތިން ހަނދާން ނެތުނެއްކަމަކު މާ ގިނައިރެއްނުވެ އަނެއްކާވެސް އެ ޚިޔާލުތަކުން އޭނަގެ ސިކުނޑި ފުރިގެން ދިޔައެވެ. ދެންމެ ޝިނާޒް ދެއްކި ވާހަކަތަކުން އޭނަގެ ބުމަގޮށްޖެހުނީ ނުރުހުންވީ ވަރުންނެވެ. އޭނައަށް އަނިޔާއެއްދޭން އުޅޭ މީހުން އަފާފަށް ވެސް ކޮންމެހެން އަނިޔާއެއް ދޭންއުޅޭކަން އެނގުންވުމުންނެވެ. އޭނަ އެއްގޮތަކަށް ވެސް އެގޮތް ބޭނުމެއްނުވިއެވެ. އެހެނަސް އަފާފް އެމީހުންގެ ވަކިތަކުން ސަލާމަތް ކުރުމަށްޓަކައި އޭނަ ވާންޖެހޭ ޤުރުބާނީ އެނގުންވުމުން ޝަރަފްގެ މޫނުމައްޗަށް  ހިތާމަވެރިކަން ވެރިވިއެވެ.

"ދެރަ ނުވާތި ޝަރަފް. ޝަރަފަށް މިއަދު އަފާފް ނުފެނުނަސް ދެން އަފާފް ފެންނަ ދުވަހަކުން އިރާދަކުރެއްވިއްޔާ ފެންނާނީ މާ އުފާވެރި ގޮތަކަށް. މިއަދަކީ ޝަރަފް އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވަންވީ ދުވަސް. އެއްވެސް މީހަކަށް ޝަރަފްގެ ބޯމަތިން ނުހިނގޭނެހާވަރު ކުރަންވީ ދުވަސް. އެއަށްފަހު މެދުކެނޑުމެއްނެތި އަފާފާއެކީގަ ހޭދަކުރާނެ ދުވަސްތައް ލިބިގެންދާނެ. އަފާފަށް މާ ގިނަ ދަތިތަކެއް ކުރިމަތިނުވެ ފަސޭހަކަމާއެކީ ދަރިފުޅު ލިބިގެންދާނެ. ޝަރަފް ބޭނުމެއް ނުވޭތަ އެގޮތެއް؟" ޝިނާޒް މަޑުމައިތިރި އަޑަކުން ޝަރަފާއި އަޅާލާ ފަދައަކުން ވާހަކަ ދެއްކިއެވެ. އެހެންކަމުން ޝަރަފަށް އެ ސުވާލުގެ ޖަވާބު ޔަޤީންވާން މާ ގިނައިރެއް ނުނެގިއެވެ.

"ބޭނުން." ޝަރަފް އެހެން ބުނެލީ ސާބިތުކަން ވެރިވެފައިވި މޫނަކާއެކީގައެވެ.

އަފާފް ހޮސްޕިޓަލުން ދޫކޮށްލެވުނީ އޭގެ ހަފްތާއެއްހާ ދުވަސްފަހުންނެވެ. ހޮސްޕިޓަލުން ދޫކުރެވުނު ވަގުތު އަފާފްގެ ހިތަށް ވެރިވެފައިވީ އާދަޔާ ޚިލާފު އުފާވެރިކަމެކެވެ. މިއީ އޭނަގެ ޙަޔާތުގައި ފެށިގެންދާ އާ ބާބެއްކަން އޭނައަށް އެނގުންވާ ފަދައެވެ. ހޮސްޕިޓަލުން ގެއަށް ދިޔަ މަގުމަތީގައިވެސް ދެން އޭނައަށް ވިސްނެމުން ދިޔައީ އޭނަ ދެން ކަންތައް ކުރާނެ ގޮތަކާއިމެދުގައެވެ. އޭނަގެ ޙަޔާތުގައި އައިސްފައި މިވާ ފައްތަރު ބަދަލުކުރުމަށްޓަކައި ކުރެވިދާނެ ކަމަކާމެދު އޭނައަށް ފިކުރު ކުރެވެމުން ދިޔައެވެ. ފިކުރު ކުރި ވަރަކަށް އޭނަގެ ޚިޔާލުތައް ޚުދު އޭނަގެ މަންމައާއި ބައްޕައާއި ދެކޮޅުވަމުން ދިޔަ ގޮތުން އޭނަ ޖެހިލުންވެސްވަމުން ދިޔައެވެ. އެހެނަސް އެމީހުންނަށް ވެސް އިޙްސާންތެރިވެ، ޙަޤީޤަތާއި ހަމައަށް ގޮސް ޝަރަފަށް ބޭއިންސާފުން ކަންތައް ވެފައިވާނަމަ އޭނައަށް އިންސާފުވެރިވުން މުހިއްމު ކަމަށް އަފާފަށް ނިންމުނެވެ.

އަފާފް ގެއަށް ދިޔައީ އެދުވަހުން ދުވަހަށް ވެސް އޭނަގެ ހިތަށްވެރިވަމުން ދިޔަ ކަންތައް ކުރަން ކަމަށްވިޔަސް، ގެއަށް ވަދެވުމާއެކު އޭނަގެ ފިޔަވަޅުތައް ލަސްވެގެން ދިޔައެވެ. ގޭގެ ސިޑިން އަރަން އުޅުނު ވަގުތު އޭނަގެ ހަނދާނަށް އައީ ކައިވެނީގެ ފުރަތަމަ ރޭ ޝަރަފް އޭނަގެ އަތްދަނޑިމައްޗަށް އޭނަ އުފުލައިގެން މައްޗަށް އެރި ގޮތެވެ. އެ ސިޑީގެ ކޮންމެ ހަރުފަތެއް ގިރާ ކުރަމުން ދިޔައިރު އޭނައަށް އެ މަންޒަރު އިއްޔެވީ ކަމެއްހެން ސިފަވަމުން ދިޔަ ފަދައެވެ. ސިޑިން އަރައިގެން ގޮސް ކޮޓަރީގެ ދޮރު ކުރިމަތީގައި އޭނައަށް މަޑުކޮށްލެވުނީ މިއީ އެތައް ދުވަހެއް ވަންދެން އޭނައާއި ޝަރަފް އެކީގައި ޙިއްސާކުރި ކޮޓަރިކަން އެނގުންވުމުންނެވެ. ލޯ މަރާލުމަށްފަހު ފުން ނޭވައެއް ދޫކޮށްލަމުން އަފާފް އެ ދޮރުގެ ތަޅު އަނބުރައި ހުޅުވާލިއެވެ. އެއަށްފަހު ލަސްލަހުން އެކޮޓަރިއަށް ވަދެ ވަށައި ބަލަންފެށީ މިއީ އޭނައަށް މުޅިން އާ ކޮޓަރިއެއްހެން ހީވާ ފަދައަކުންނެވެ. އެ ކޮޓަރިއާއި ގުޅިފައިވި ހަނދާންތަކުން އަފާފަށް އެއީ މުޅިން އާ ތަނަކަށް ވެފައިވި ފަދައެވެ. ކޮޓަރީގެ ކޮންމެ ކަނަކަށް ބަލާލުމުން ވެސް އޭނަގެ ޚިޔާލުތަކަށް ވެރިވަމުން ދިޔައީ އޭނައާއި ޝަރަފް އެކީގައި ހޭދަކުރި ވަގުތުތަކެވެ. ދެމީހުން އެކީގައި ކުރި ސަމާސާތަކެވެ. ހީލި ހިލުންތަކެވެ. އެ ޚިޔާލުތަކުގެ ތެރެއިން ޝަރަފްގެ ސޫރަ އޭނައަށް ސާފު ނުވުމުން ކުއްލިއަކަށް އެ ސޫރަ ދެކިލުމުގެ އެދުން އޭނަގެ ހިތުތެރޭގައި ބޮޑުވިއެވެ. ޝަރަފް އޭނައަށް ފެނިދާނެ ގޮތަކާމެދު ވިސްނާލުމުން އޭނަގެ ހަނދާނަށް އައީ ޝަރަފް އޭނަ ގާތު ބުނި ފޮޓޯ އަލްބަމްގެ ވާހަކައެވެ. ކައިވެނީގެ ރޭ ނެގުނު ފޮޓޯތައް އަލްބަމަކަށް އެއްކޮށްފައިވަނީ އަފާފްގެ ލޮލުގެ ފެނުން ލިބޭ ދުވަހަކުން އަފާފަށް އެ މަންޒަރުތައް ސިފަކުރެވޭނެހެން ކަމަށް އޭނަ ބުނެފައިވެއެވެ. އެ ހަނދާން އާ ކޮށްލަމުން އަފާފް ލަސްތަކެއް ނުކޮށް ގޮސް ހެދުން އަލަމާރި ހުޅުވާލިއެވެ. އަލަމާރީގެ އެ ބަޔަކީ ޝަރަފްގެ ބަޔަށްވެފައި އެ ބައި މުޅިން ހުހަށް ހުރި މަންޒަރު ފެނިފައި އަފާފްގެ މޭގައި ރިހުމެއް އުފެދުނެވެ. ޝަރަފް އެ އަލްބަމް ބޭއްވީ މަތީގައި ކަމަށް ބުނި ހަނދާންވެފައި އަފާފް މައްޗަށް އަތް އުފުލާލަމުން އެތާ މަތީގައި އަތް ޖެއްސިއެވެ. އެހެނަސް އެއްވެސް އެއްޗެއް އަތުގައި ނުޖެހުމުން އަފާފްގެ ހިތް މާޔޫސްވާން ފެށިއެވެ. އަފާފަށް ޤަބޫލު ނުކުރެވިގެން ދުރަށް ޖެހިވެސް އެ އަލަމާރީގެ މަތީ ބައިގައި އެއްޗެއް ހުރިތޯ ބެލުނެވެ. އެހެނަސް އެތާނގައި ހަމަ އެއްވެސް އެއްޗެއް ނެތްކަން ޔަޤީންވުމުން އަފާފްގެ ލޮލަށް ކަރުނަތައް ޖަމާވާން ފެށިއެވެ. ޝަރަފް އޭތި ގެންދިޔައީ އޭނަ އޭތި ބަލަން ބޭނުން ނުވާނެކަމަށް ނިންމައިގެންތޯ ހިތަށްއެރިއެވެ. އޭނަ ޝަރަފާއި އެހާވެސް ދުރުވާން ބޭނުންވާހެން ޝަރަފަށް ހީވަނީ ހެއްޔެވެ؟ ހިތަށް ވެރިވާން ފެށި ސުވާލުތަކުން އަފާފްގެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. އެހެނަސް އަފާފް އަވަސްއަވަހަށް ކަރުނަތައް ފޮހެލަމުން ދެންވެސް އެ އަލްބަމް ފެނޭތޯ ހޯދިއެވެ. އަލަމާރީގެ ދެން ހުރި ބައިތައް ވެސް ހުޅުވައިގެންނެވެ. ކޮޓަރީގައި ހުރި އެހެނިހެން ކަބަޑުތަކާއި ވަތްގަނޑުތައް ވެސް ހުޅުވައިގެންނެވެ. އެއްވެސް ތަނަކުން އެކަހަލަ އެއްޗެއް ނުފެނުމުން އަފާފް އޭނަގެ ލެޕްޓޮޕް ހުޅުވައި ފޯނުން ވެސް ޝަރަފްގެ ފޮޓޯއެއް ފެނޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް ލެޕްޓޮޕުން އެފަދަ ފޮޓޯއެއް ނުފެނުނު ތާނގައި އޭނަގެ ފޯނުވެސް ވަރަށް ފަހަކަށް ރީސެޓް ކޮށްފައިވުމުން އެއިން ވެސް އަފާފަށް އޭނަގެ ހިތުގެ އެދުން ފުރިހަމަ ކުރެވޭ ގޮތެއްނުވިއެވެ. މާޔޫސްވެފައިވި ހިތަކާއެކީ އަފާފް އޭނަގެ ގޮނޑިއަށް ލެނގިލި ވަގުތު ފާރުގައި ހަރުކުރެވިފައިވި ފެހި ކުލައިގެ ބޯޑު އޭނަގެ ލޮލުގައި އެޅިއެވެ. އެއީ ހަމަ ގައިމުވެސް އޭނަގެ ލޯ އަނދިރިވީފަހުން އެ ކޮޓަރިއަށް އައި އާ ބަދަލެކެވެ. އެ ބޯޑަކީ ޝަރަފާއި އަފާފާއި ދެމެދު ދެކެވުނު ވާހަކަތަކެއްގެ ތެރެއިން ނިންމުނު ނިންމުމެކެވެ. އެއީ ދުވަހެއްގެ ތެރޭގައި ދެމީހުންކުރެ މީހަކު ކިޔާ ފޮތަކުން އެހެން ނޫނީ އަޑުއަހާ އެއްޗަކު ލިބޭ ޢިބްރަތެއް ލިޔެ، ހަރުކޮށްފައިވާ ބޯޑެކެވެ. ބޯޑުގެ އެކި ތަންތާނގައި ޝަރަފް ކުރަން ޖެހޭ ކަންތައް ލިޔެވިފައިވި ގަނޑުކޮޅުތައް ހަރުކުރެވިފައި ވިޔަސް، އެ "ހަނދުމަކޮށްދޭ" ބޯޑުގައި ގިނައީ އާޔަތްތަކާއި ޙަދީޘްތަކެވެ. އަފާފް ގޮނޑިން ތެދުވެގެން ގޮސް އެ ބޯޑަށް ރަނގަޅަށް ބަލާލިއެވެ. އެއާއެކު އޭނަގެ ލޮލުގައި އެޅީ އެންމެ ފަހުން ޝަރަފް އޭނައާއި ޙިއްޞާކުރި އިބްރާހީމް ސޫރަތުގެ އާޔަތެވެ. އެ އާޔަތުގައިވަނީ ﷲ ގެ ވަޢުދުފުޅެކެވެ. އެއީ ޝުކުރުވެރިވާނަމަ އެކަލާނގެ އިތުރު ކޮށްދެއްވާނެކަމަށް ބަޔާންކޮށްފައިވި އާޔަތެވެ. އެ ހިނދު އަފާފަށް ހީވީ އެ އާޔަތް އަމާޒުވީ ޚުދު އޭނައަށް ހެންނެވެ. ދާދި ދެންމެއަކު އޭނަގެ ހިތް ފުރިފައިވީ ހާދަ ގިނަ ޝަކުވާތަކަކުންނެވެ. ހާދަ ގިނަ ކަންތައް އޭނަގެ ޙަޔާތުގައި ނޭދެވޭ ގޮތަކަށް ގޮސްފައި އެބަވެއެވެ. އެހެނަސް ދާދި އިހަކަށް ދުވަހު އޭނައަށް މި ލިބިގެންދިޔައީ ހާދަ އުފާވެސްވާންވީ ނިޢުމަތްތަކެވެ. އެ ނިޢުމަތްތަކުގެ މަތިން ހަނދާން ނައްތާލުމުން ހިތާމަކުރަން ހުރިއްޔާ އޭނައަށް އެ ހެދެނީ ހާދަ ބޮޑު ގޯހެކެވެ. އޭގެ ބަދަލުގައި އޭނަ އެ ނިޢުމަތްތަކަށްޓަކައި ﷲ އަށް ޙަމްދުކޮށް އެ ނިޢުމަތްތަކުގެ ބޭނުން ހެޔޮގޮތުގައި ހިފައިފިނަމަ އެކަލާނގެ އޭނައަށް އިތުރުކޮށްދެއްވާނެއެވެ. އެ ޚިޔާލު ހިތަށްވެރިވުމުން އަފާފްގެ ހިތުގައި މީގެ ދުވަސްތަކެއް ކުރިން އުފެދުނު ޢަޒުމް ވަރުގަދަވެގެން ދިޔައެވެ.

އެ ޢަޒުމް ފުރިހަމަ ކުރުމަށްޓަކައި އަފާފް އެންމެ ފުރަތަމަ ކަމަކަށް ބޭނުންވީ ޝަރަފާއި މެދު މަންމައާއި ބައްޕަގެ ނަޒަރިއްޔާތު ހުރިގޮތް ރަނގަޅަށް ދެނެގަންނާށެވެ. އެއަށްފަހު އެމީހުންގެ ފަރާތުން ވެސް ކަން ހިނގި ގޮތުގެ ތަފްޞީލެއް ހޯދާށެވެ. އެހެންކަމުން އެރޭ ކެއި ގަޑީގައި މަންމައާއި ބައްޕަ ދައްކަމުން ދިޔަ ވާހަކަތަކަށް އަފާފް ފުރިހަމަ ސަމާލުކަން ދީގެން އަޑުއެހިއެވެ.

"ކިހިނެއްތަ މިހާރު އޮފީހުގެ ކަންތައް ދާގޮތް ހުސެއިން؟ ރަނގަޅު އެބަވޭތަ؟" ދައްކަމުން ދިޔަ ވާހަކަތަކުގެ ތެރެއިން ޝާދިޔާ ސުވާލު ކުރި ސުވާލުކުރިއެވެ. އަފާފަށް އޭގެ ޖަވާބަކަށް އިންތިޒާރު ކުރެވުނީ ބައްޕަގެ ކުންފުނިތަކަށް ލިބެމުން ދިޔަ ގެއްލުންތަކުގެ ވާހަކަ އޭނައަށް ވެސް އިވިފައިވާތީވެއެވެ.

"އަދިއަކު ރަނގަޅެއްނުވޭ. މާދަމާ އަހުމަދާއި އޮސްޓްރޭލިޔާގައި އުޅޭ އޭނަގެ ބައިވެރިޔާ އައިމަ އަދި ގޮތެއްވާން އޮތީ. މޫސުން ގޯސްވުމުގެ ސަބަބުން މިކޮޅަށް އެމީހުންގެ ފުރުން ލަސްވީ. ކޮންމެ ގޮތެއްވިޔަސް ވަރަށް ބޮލަށް ފަސޭހަވެއްޖެ އެ ޝަރަފްއޭ ކިޔާ މީހާ އަހަރުމެންގެ ކުންފުންޏާއެކީ އެކުލަވާލި އެއްބަސްވުން އުވާލީމަ. ހެހެ.....އެ ފެށުނުކަމުގެ މޮޔަކަން އޭނަގެ ތެތްކަމެއްނެތް ސިކުނޑިއަށް އަދި ކިރިޔާ އެ ރެކާލީ." ހުސެއިން އެ ދެއްކި ވާހަކައިންނާއި އެ ވާހަކަ މަލާމަތުގެ ރާގަކަށް ނިންމާލެވުނު އަފާފްގެ ނިތަށް ރޫއެރިއެވެ. އަފާފް ނުރުހުންވީ ވަގުތު އޭނަ ވިސްނުމެއްގެ ތެރެއަށް ގެއްލުނެވެ. ޝަރަފް އެ އެއްބަސްވުން އުވާލިކަން އޭނައަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. ޝަރަފް އޭނައާއި ވަކިވުމުން އޭނަގެ ލަނޑުދަނޑިތައް ޙާޞިލުކުރުމުން ވެސް ދުރުވީ ހެއްޔެވެ؟ އެހެނަސް އެއީ ހާދަ ނާދިރު ކަމެކެވެ. އެހެން ހިތަށް އެރިވަރުން އަފާފަށް ވާހަކަ ދެކެވުނެވެ.

"ޝަރަފް އެ ރިސޯޓް އެޅުން ހުއްޓާލީތަ؟" އަފާފަށް ބޭއިޚްތިޔާރުގައި އަހާލެވުނެވެ. އެއާއެކު ޝާދިޔާއާއި ހުސެއިންގެ ނަޒަރު އޭނައަށް އަމާޒުވިއެވެ.

"ހުއްޓާނުލާ އޭނަ ކީއްކުރާނީ؟ އޭނަ ދެން ފައިސާ ހޯދަނީ އުޑުންތަ؟ އޭނަ ހުއްޓާލީކަމާމެދު ޝައްކެއްވެސް ނެތް. ހިތުން އަފާފް ރުއްސަންވެގެން އޭނަ އެހެންނޭ ކިޔައިގެންވެސް އުޅުނީ. ވަކި މާ ޞާލިޙުވެގެންނެއްނޫން." ހުސެއިން ބުނެލިއެވެ.

"އެއީ ހަމަ ތެދެއް! އެހެންނޫނަސް ދެން އަފާފްވީ އޭނައާއި މެދުގައެއްނޫނޭ ވިސްނަން. އެއަށްވުރެ މާ ހަރުދަނާ މީހެއް އެބައާދޭ އަފާފްގެ ޙަޔާތަށް. އޭނައާއެކީ ދިރިއުޅުމެއް ފަށަން އަފާފް ތައްޔާރު ވާންވީ!" ޝާދިޔާ ބުނެލިއެވެ. އޭނަގެ އެ ވާހަކަ ނިމުނުތަނާހެން ހުސެއިން އެއީ ތެދެކޭ ބުނެލުމުން އަފާފަށް ވާހަކަ ދެކެވުނެވެ.

"މަންމާ....އަހަރެން މިއިނީ ބަލިވެއޭ! މި ޙާލަތުގަ އަހަންނަށް ކިހިނެއް މީހަކާ އިނދެވޭނީ؟" އަފާފް އޭނަގެ ނުރުހުންތެރިކަން ފޮރުވަން މަސައްކަތް ކުރަމުން ވާހަކަ ދެއްކިއެވެ.

"ނުއިނަސް އޭނައާއި ވާހަކަ ދެކެވިދާނެއެއްނު ކައިވެނީގެ ކުރިން؟ އެއީ ވަރަށް ރަނގަޅު ކުއްޖެއް. އޭނަ ބުނީ އަފާފްގެ ދަރިއަކު އޮތަސް މައްސަލައެއްނެތޭ. އެ ދަރިފުޅު އަމިއްލަ ދަރިއަކުހެން ބަލައިދޭނަމޭ." ހުސެއިން ބުނެލިއެވެ.

"ބައްޕާ އަހަރެން ބޭނުމެއްނުވެއޭ އަހަރެންގެ ދަރިފުޅަށް އެހެން ބައްޕައަކު ހޯދާކަށް. ބޭނުންވަނީ އެ ދަރިފުޅަށް އެ ދަރިފުޅުގެ އަސްލު ބައްޕަގެ ލޯބި ލިބެން." އަފާފް ތުރުތުރު އަޅަމުން ދިޔަ އަޑަކުން ބުނެލިއެވެ.

"އަފާފް ހާދަ ހަނދާން ބައްޔޭ ދޯ؟ އޭނައާއި އަމިއްލައަށް ވަރިވީ ސަބަބުވެސް ހަނދާން ނެތިފަ ތިހިރީ. ބަލަ އޭނައަކީ އެހެން އަންހެނުންނާއެކީ ރޭތައް ހޭދަކުރަމުންދާ ފިރިހެނެއް. އެކަން ޤަބޫލުކޮށްބަލަ އަފާފް. އަފާފްގެ އެއޮތް ބޮޑު ސާޖަރީއެއް ހެދުނުއިރުވެސް އޭނަ ނާދޭ ބަލާކަށް ވެސް. ދަރިފުޅުގެ ޙާލެއްވެސް ނުބަލާ. ކުޑަމިނުން އޭނަ އަފާފަށް ގުޅާވެސް ނުލާ. ކުޑަމިނުން އަފާފަށްޓަކައި ޚަރަދެއްވެސް ކުރަނީއެއްނޫނޭ! އެކަހަލަ މީހުންމަތިން ކީއްކުރަން ހަނދާންކުރަނީ؟" ޝާދިޔާ ދޮގެއްގެ މައްޗަށް ދޮގެއް ހަދަމުން އަނެއްކާވެސް އަފާފަށް އޮޅުވިއެވެ. ޙަޤީޤަތަކީ ޝަރަފް އަފާފާއި ވަކިވީ ދުވަހުއްސުރެވެސް އަފާފަށްޓަކައި ފައިސާއާއި ހަދިޔާތައް ފޮނުވަމުން ދާ ކަމެވެ. އެހެނަސް އެ ހުރިހާ އެއްޗަކުން އަފާފް މަޙްރޫމް ކުރަމުން ދިޔައީ ޚުދު އެ ވާހަކަތައް ދައްކަމުންދާ މީހުންނެވެ. އެ ވާހަކަތައް އިވިފައި އަފާފްގެ ހިތް ދެރަވިއެއްކަމަކު އޭނައަށް ދެންވެސް ޤަބޫލުކުރަން ދަތިވިއެވެ. ޝަރަފް ހަމަ އޭނައަށް އެއްވެސް އެއްޗެއް ނުފޮނުވައި ހުރެދާނެކަމެވެ. އޭނައަށް އިވޭ މިވާހަކަތަކުގައި ގޯހެއް ވާކަން އޭނައަށް ޔަޤީނާއި ގާތް ކުރެވުނެވެ. އެހެނަސް އޭނަ އެވަގުތު އެއްޗެކޭ ނުބުނީ ނުރުހުންތެރިކަމާއެކީ އޭނައަށް އޭނަގެ މަންމައާއި ބައްޕައާއި ވާހަކަ ދައްކަން ޖެހިދާނެތީވެއެވެ.

އޭގެ އަނެއްދުވަހުގެ ފަތިސް ނަމާދަށްފަހު އަފާފް ނުނިދައެވެ. ބަލިވެއިން ފަހުން ކޮންމެ ދުވަހެކޭވެސް އެއްފަދައިން އެދުވަހުވެސް ހަށިގަނޑުގައި ވަރުބަލިކަމެއް އެކުލެވިއެއްކަމަކު އެދުވަހު އޮފީހަށްދާން އަފާފް ނިންމިއެވެ. އޮފީހުން ޝަބާއާއި ދިމާކޮށްލުމުގެ ނިޔަތުގައާއި، ޝަރަފްގެ ނަމާއި އަޅުވައިގެން އެ ކިޔޭ ހަނާވެސް ދެކިލުމުގެ ބޭނުމުގައެވެ. އޮފީހަށް ދިޔުމަށްޓަކައި ޝޯލް އަޅަމުން ދިޔަ ވަގުތު އިތުރު ޕިނެއް ބޭނުންވެގެން އަފާފް ޝޯލްގެ އެއްފަރާތުގައި ހިފަހައްޓައިގެން ހުރެ ރީތިވާ މޭޒުގެ އެކި ވަތްގަނޑުތައް ހުޅުވަން ފެށިއެވެ. އޭނަ ޢާއްމުގޮތެއްގައި ޕިން ބަހައްޓާފައި ހުންނަ ވަތްގަނޑުން ޕިން ނުފެނުމުން އޭނަ އެންމެ ތިރީގައި ހުރި ކުޑަ ވަތްގަނޑު ހުޅުވިއެވެ. އެ ވަތްގަނޑުން ވެސް އޭނަ ހޯދަން އުޅުނު އެއްޗެއް ނުފެނުމުން އަފާފް ވަގުތުން އޭތި ބަންދުކޮށްލަން އުޅުނެވެ. އެހެނަސް އެވަގުތު ލޮލުގައި އެޅި އެއްޗަކުން އަފާފަށް އެ ވަތްގަނޑުގެ ތެރޭގައި އޮތް އެ އެއްޗަށް ބަލަހައްޓައިގެން ހުރެވުނެވެ. 

Comments

Popular posts from this blog

Arabic Pronouns (dhameer)

Harf of Nasb (English + Dhivehi)

Mudhaaf-mudhaaf ilaihi and pronouns (English lesson)