Asr (part 48)
"ކިހިނެއްވީ؟ ޝިޔާ ސޭމްއާ މީޓް ކުރަން
ބޭނުމިއްޔާ އޭނަގެ ވައިފްއަށް ކޮންޓެކްޓް ކޮށްލަންވީއެއްނު؟ އެއީ ވަރަށް ހިތްހެޔޮ
މީހެކޯ މީހުން ބުނާ އަޑު އިވޭ." މައިރާ އެންމެ ފަހުން ބުނެލި ވާހަކައިން
ޝިޔާއަށް އޭނައާއި ދިމާލަށް ބަލަން އިނދެވުނެވެ. މައިރާ އެ ދިނީ ރަނގަޅުވާނެ
ޚިޔާލެއްތޯ އޭނަގެ ހިތަށްއެރިއެވެ.
އެދުވަހު ސްކޫލުން ގެއަށް ގޮސް ޝިޔާ މައިރާ ބުނި ފޭސްބުކް
ޕޭޖަށް ދިޔައެވެ. އެއީ ޝަފަޤްގެ ކޭކުތަކަށް ޚާއްޞަކުރެވިފައިވި ފޭސްބުކް ޕޭޖެވެ.
ޕޭޖުން ޝަފަޤާއި ގުޅޭނެ ނަމްބަރު ފެނިފައި ޝިޔާ އޭނަގެ ފޯނު ނަގައި އެ ނަންބަރު
ޖަހަންވެސް ޖެހިއެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އޭނަ އެ ނަންބަރަށް ގުޅާލަން
ޖެހިލުންވިއެވެ. އޭނަ މި ވާހަކަ ދައްކަން އުޅެނީ ވިސާމްގެ އަނބިމީހާއާއިކަން
އެނގުންވުމުން އޭނަ ގެނައި ޚަބަރުން އެ އަނބިމީހާ ނުރުހުން ނުވާނެތޯ
ހިތަށްއެރިއެވެ. އަމިއްލަ ޚިޔާލުތަކުގައި އިނދެ ޝިޔާއަށް ފުން ނޭވައެއް
ދޫކޮށްލެވުނީ މިފަދަ ބޮޑު ވާހަކައަކަށްޓަކައި ފޯނުން ގުޅުން ރަނގަޅު ނުވާނެކަމަށް
ނިންމަމުންނެވެ. އެހެންކަމުން އޭނަ އޭގެ ދެދުވަސްފަހުން ހުކުރު ދުވަހު ޝަފަޤާއި
ބައްދަލުކުރަން ކަނޑައެޅިއެވެ.
ރޭވުމެއް ރޭވިއެއްކަމަކު އޭގައި ޙަޤީޤީ ކުލަ ޖައްސަން
ޝިޔާއަށް ދަތިވީ އޭނަގެ މަންމައާއި ބައްޕަގެ ސަބަބުންނެވެ. އެ މީހުން އެއްގޮތަކަށް
ވެސް އޭނަ އެކަނި ތަނަކަށް ދިޔަ ނުދެއެވެ. އެ ނޫންނަމަ އޭނައަށް ޢާއްމުން ދަތުރު
ކުރާ ބަހުގައި ވެސް ހިތަދޫއިން ފޭދުއަށް ގޮސް ޝަފަޤާއި ބައްދަލު ކުރެވުނީހެވެ.
ފޭދޫގައި އުޅޭ އޭނަގެ އެކުވެރިންގެ އެހީގައި ވިސާމާއި ޝަފަޤްގެ ގެ ހޯދައިލެވިދާނެ
ވިއްޔާއެވެ. އެހެނަސް ފުރަތަމަ ތިން ހަފްތާ ވަންދެން އެފަދަ ފުރުޞަތެއް ޝިޔާއަށް
ލިބޭގޮތެއް ނުވިއެވެ. އެ ތިން ހަފްތާ ފަހުން ޝިޔާއަށް މަގެއް ހުޅުވިގެން ދިޔައީ
ފޭދޫގައި އުޅޭ ބޭރު ޓީޗަރަކު ޓިއުޝަން ދޭ ވާހަކަ އިވުމުންނެވެ. އެ ވާހަކަ ޝިޔާ
އޭނަގެ މަންމައާއި ބައްޕަ ކައިރި ބުނުމުން އެމީހުން ވަގުތުން ޝިޔާ އެ ގެއަކަށް
ގެންދަން އެއްބަސްވިއެވެ. ޝިޔާ މިކޮޅަށް ގެނައީވެސް އޭނައަށް ކިޔަވައިދޭން
ވިއްޔާއެވެ.
**
"ބާއި ޑޫޑް! ބަސްއަހައިގެން ކިޔަވާތި ދޮންކަލޯ! ބޭބެ
އަންނާނަން އަހަރުމެން ބަނޑު ފުރާނަ މުއްތި ކުރަން ލާރި ކޮޅެއް ހޯދައިގެން."
އެއްރެއަކު އައިމަން ސައިކަލު މަތީގައި އިނދެ އޭނަގެ ކައިރީގައި ހުއްޓި ހުރި
އަޒާންގެ ބޮލުގައި ފިރުމަމުން ރާގަކަށް ބުނެލިއެވެ. އަޒާން ސަމާސާއަކަށް
ޗޮއްކަނޑާލަމުން އައިމަންގެ އަތް ފޮޅުވާލި ގޮތުން އައިމަނަށް ހީލެވުނެވެ.
އެއަށްފަހު އޭނަ ސައިކަލު ސްޓާޓްކޮށްލަމުން އޭތި އަނބުރާލަމުން ދުއްވާލިއެވެ.
އަޒާން ވެސް އޭނަގެ ވައްޓާލެވިފައިވާ އެއްއަތުން ފޮތެއް ހިފައިގެން އަނެއް އަތުން
ފޯނާއި ކުޅެމުން ލަސް ހިނގުމެއްގައި ގޭޓުން ނިކުންނަން ދިޔައެވެ. އޭނަ ދަނީ
މަންމަމެންގެ އެދުމުގެ މަތިން އޭނަ ދާންއުޅޭ ޓިއުޝަން ކްލާހަކަށެވެ. އެތައް
ފަހަރެއްގެ މަތިން އޭނަ ޓިއުޝަން ބޭނުން ނުވާ ކަމަށް އަޒާން ބުނެފައިވެއެވެ.
އެހެނަސް........
"ޒާން ޓިއުޝަނަށް ދާންވީއެއްނު؟ އިކޯންއިން
ޕްރެކްޓިސް ލިބުނު ވަރަކަށޭ އިތުރަށް މޮޅުވާނީ ޒާން. މިގޭގަ އުޅޭ އެހެން މީހުން
ނުކިޔެވިޔަސް ޒާން ކިޔަވަންވާނެ." ހަފްސާ އެހެން ބުނެފައިވަނީ އެއްދުވަހު
އަޒާން އައިމަންގެ މާރކްސްތައް ދަށްވަމުން ދާތީ އޭނައަށް ހިތްވަރު ލައިދެމުން ދިޔަ
އަޑު އިވިފައެވެ. ހަފްސާގެ ހިތުގައި އައިމަނަށްޓަކައި ނުފިލާ ނުރުހުންތެރިކަމެއް
އަށަގެންފައިވި ފަދައެވެ. އޭނަ އެ ވާހަކަ ވެސް ބުނެލީ ކަނޑައެޅިގެން އައިމަން
ދެރަކުރަންކަން އެތާތިބި އެންމެނަށް އެނގުނެވެ. އެ ހިނދު އައިމަންގެ މޫނުމައްޗަށް
މާޔޫސްކަން ވެރިވި ހިނދު އަޒާންގެ ބުމަގޮށްޖެހުނެވެ. އައިމަން އަދިވެސް ދޭތެރެ
ދޭތެރެއިން ސިނގިރޭޓި ބޮއި މަގުމަތީގައި އުޅޭ ޕާރޓޭއިންނާއި އެކީ ހިނގައި އުޅޭތަން
އަޒާނަށް ފެނިފައިވެއެވެ. އެފަދަ މަންޒަރެއް ފެނުނު ފުރަތަމަ ދުވަހުވެސް އޭނަ އޭގެ
ފަހަތުގައިވި ސިއްރު ހޯދަން މަސައްކަތް ކުރިއެވެ. އެހެނަސް އޭނަ ކުރިހާ
މަސައްކަތެއްވީ ބޭކާރެވެ. ކޮންމެ ގޮތެއްވިޔަސް އަޒާން އޭނަގެ މަންމަމެން ކަންތައް
ކުރާ ގޮތަށް އައިމަނާއިމެދު ކަންތައް ނުކުރާނެއެވެ. އުއްމީދު ކަނޑާލުމަކީ އޭނަގެ
ގޮތް ކަމަށް ނުވާތީވެއެވެ. އަދި އަމުދުން އުއްމީދު ކަނޑައި އައިމަންގެ އަތުން
ދޫކޮށްލުމުން ޙާލަތް ގޯސްވުން ނޫންކަމެއް ނުވާނެކަން އޭނައަށް އެނގުންވީތީވެއެވެ.
ޓިއުޝަން ދެވޭ ގެއަށް ގޮސް ފަސްވަރަކަށް ކުދިންނާއި
މުދައްރިސަކާއެކީ އަޒާން ހަމަޖެހިލިތަނާ މާ ގިނައިރެއް ނުވެ ގޭގެ ލައްޕާލެވިފައިވާ
ދޮރުގައި މީހަކު ޓަކި ޖަހާލި އަޑު އިވުނެވެ. އެއާއެކު އެންމެންގެ ނަޒަރުތައް އެ
ދޮރަށް އަމާޒުވިއެވެ. އެގޭގައި އުޅޭ ކޮންމެވެސް ކުޑަ ފިރިހެން ކުއްޖަކު ދުވެފައި
ގޮސް އެ ދޮރު ހުޅުވާލުމާއެކު ފެނިގެން ދިޔައީ ކަޅުކުލައިގެ ދިގު ހެދުމެއްގައި ހުރި
އަންހެން ކުއްޖެކެވެ.
"އައްސަލާމްޢަލައިކުމް!"
އަންހެން ކުއްޖާ ސީރިއަސް މޫނަކާއެކީ އެތާތިބި އެންމެނަށް ވާގޮތަށް ސަލާމް
ގޮވާލިއެވެ. އެ ސަލާމުގެ ޖަވާބުދިން ހަމައެކަނި މީހަކަށްވީ އެތާ ހުރި މުސްލިމް
ނޫން ބޭރު ޓީޗަރެވެ. އެތާތިބި އެހެން ކުދިން އެ ހިނދުކޮޅަށް ފަހު އެމީހުންގެ
ވާހަކަތަކަށް އަނބުރާ ދިޔައެއްކަމަކު އަޒާނަށް ދެބުމަ ކައިރިކޮށްގެން ޝިޔާއަށް
ބަލަން އިނދެވުނެވެ. މިތާ ބޭރު ޓީޗަރަކު ހުއްޓާވެސް ޝިޔާއަށް ސަލާމް ގޮވަން ކެރުނީ
ކިހިނެއްބާއޭ އަޒާންގެ ހިތަށްއަރަމުން ދިޔައެވެ. އޭނަ ނަމަ އެކަން ކުރުމުގެ ކުރިން
އޭގެ ނަތީޖާއާމެދު އެތައް ފަހަރަކު ވިސްނީހެވެ. ޓީޗަރު ރުޅިއައިސް އޭނަ ގެއިން
ނެރެލާ މަންޒަރު ވެސް ލޮލަށް ސިފަކުރެވުނީހެވެ. އެހެނަސް މިފެންނަނީ ކޮން
މަންޒަރެއް ހެއްޔެވެ؟ ކުއްޖަކު ކެރިގެން ހުރެ ދީނުގެ ނިޝާނެއް ދައްކާލުމުން
ނުބައަކަށްވީ ކަމެއްނެތެވެ. އެކަމުގެ ޙައިރާންކަން މަތީގައި އަޒާނަށް ޝިޔާ
ހިނގައިގަތުމުން ވެސް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން ވިސްނުމެއްގެ ތެރޭގައި
އިނދެވުނެވެ. ޓިއުޝަން ކުލާސް ކުރިއަށް ދިޔަ ވަރަކަށް އިތުރަށް ވިސްނަން އަޒާނަށް
މަޖުބޫރުވިއެވެ. ޝިޔާއަކީ އޭނަ ހީކުރިވަރަށްވުރެ ވެސް ކެރޭ، މޮޅު ކުއްޖެއްކަން
އެނގުންވާން ފެށުމުން އަޒާން އިތުރަށް ޙައިރާންވިއެވެ. މިހާތަނަށް އައިއިރު އޭނައަށް
މުޅިންވެސް ހީވެފައި އޮތީ މީހަކު ބޭރުފުށުން ދީނީވެއްޖެނަމަ އޭގެ މާނައަކީ
އެމީހަކީ އެމީހެއްގެ ވިސްނުން ރަނގަޅު ގޮތުގައި ބޭނުން ނުކުރާނެ މީހެއް
ހެންނެންނެވެ. އަދި ނަތީޖާއެއްގެ ގޮތުން އެ މީހަކީ އެހެން މީހުންނަށް އަބަދުވެސް
ޖެހިލުންވާނެ މީހެއް ހެންނެވެ. އެހެނަސް މިހާރު މި ފެންނަމުން ދަނީ ކޮންކަހަލަ
މަންޒަރެއް ހެއްޔެވެ؟ އަޒާނަށް ހުއްޓުމެއްނެތި ވިސްނެމުން ދިޔައެވެ.
މުޅި ޓިއުޝަން ތެރޭގައި
ޝިޔާއަށް އިނދެވުނީ ޓިއުޝަން ނިމޭނެ އިރެއްގެ އިންތިޒާރުގައެވެ. ވާނީވެސް
އެހެންތާއެވެ. އޭނައާއި ދިމާ ކުރިމަތީގައި ހުރި އެ ފިރިހެން ކުއްޖަ އެ އިންނަނީ
އެސްފިޔަ ޖަހާލުމެއްނެތި އޭނައަށް ބަލާށެވެ. އެ ކުއްޖަކީ އައިމަންގެ ބޭބެކަން
މައިރާގެ ފަރާތުން ޝިޔާއަށް އެނގިފައިވެއެވެ. އަޒާން އެހާ ވަރަށް އޭނައާއި
ދިމާލަށް އެ ބަލަނީ އައިމަން އޭނަގެ ވާހަކައެއް ބުނެފައިވާތީތޯ ޝިޔާގެ
ހިތަށްއަރަމުން ދިޔައެވެ.
ގަޑިއެއްހާއިރު ފަހުން ޝިޔާގެ
އިންތިޒާރު ނިމުމަކަށް އައެވެ. ގަޑި ޖެހުމާއެކު ޝިޔާ އަވަސް ފިޔަވަޅުތަކެއްގައި އެ
ގެއިން ނިކުމެގެން ދިޔައެވެ. ގޭގެ ދޮރުމައްޗަށް އެރިއިރު ނަސީބަކުން އޭރު އޭނަ
ހޯދަން އައިސްފައެއްނެތެވެ. އެހެންކަމުން ޝިޔާ ވަގުތުން މިޞްރާބުޖެހީ އެގެއާއި
ދާދި ގާތުގައި ހުރި ތަނަވަސްގެއާއި ދިމާލަށެވެ. ގޭގެ ހުޅުވާލެވިފައިވާ ގޭޓު
ހުރަސްކުރެވުނު ހިނދު ޝިޔާގެ އަތް ފައި ފިނިވެގެން ދިޔުމުން އޭނައަށް އޭނަގެ
ކޮނޑުގައި އެޅުވިފައި އޮތް ދަބަހުގައި ބާރަށް ހިފަހައްޓާލެވުނެވެ. އެހެނަސް އޭނަ
ހިތްވަރު ކޮށްފައި ފިޔަވަޅުތަކެއް އަޅަމުން ގޮސް އެގޭގެ މައިދޮރު ކުރިމަތީގައި
މަޑުކޮށްލިއެވެ. އަދި ދެލޯ މަރައި ތަގުޅި ކޮށްލަމުން ބެލްޖަހާލިއެވެ.
Comments
Post a Comment