Asr (part 36)


"ނޫން އަހަރެން ނުބުނަން. ބުނެލާ އޭނަ ކައިރިވެސް." ޒުހުރާ އެދިމާލަށް ބަލަން ހުރެ ބުނެލިއެވެ. އެއަށްފަހު ދެންވެސް ޝިޔާގާތު ދަތުރަށް ތައްޔާރުވުމަށް ހަނދާން ކޮށްދެމުން ދާން ހިނގައިގަތެވެ. ޝިޔާ އިސްޖަހާލަމުން ދޮރު ލައްޕާލިއެވެ. އަދި ކޮޓަރި ތެރެއަށް ދަމުން އޭނަގެ ފޮށާ ނަގައި އޭތި ފަށްޖަހަން ފެށީ އަނެއްކާވެސް ވިސްނުމެއްގެ ތެރެއަށް ގެއްލުމުންނެވެ. ޒައިދްއަކީ އޭނައާއި އިންނަން ބައްޕަމެން ނިންމައިގެން އުޅޭ ކުއްޖާކަން އެނގުމުން އައިމަނަށް ވާނީ ކިހިނެއްތޯ ޝިޔާގެ ހިތް ސުވާލުކުރިއެވެ. ލަންކާއަށް އައިސް އޭނަ ފެނުމުގެ ކުރިން ވެސް އައިމަން އޭނައަށް މެސެޖް ކުރި ގޮތުންނާއި އޭނަ އެދުވަހު ފިހާރައިގެ ތެރެއިން ފެނުމުން އައިމަނަށް ވީ ގޮތުން އައިމަން އޭނަ މަތިން އަދިވެސް ހަނދާން ނުނެތޭކަން ޝިޔާއަށް ޔަޤީން ކުރެވުނެވެ. ނަމަވެސް އެއީ ކީއްވެ ހެއްޔެވެ؟ އޭނަ ދަންނަ ގޮތުން އައިމަނަކީ ވަރަށް ގިނަގިނައިން އަންހެން ކުދިންނާއި ރައްޓެހިވާ ކުއްޖެކެވެ. އޭނަ އައިމަނާއި އެކުވެރިވެގެން އުޅުނު ދުވަސްވަރު އައިމަންގެ ފޭސްބުކް ޕްރޮފައިލަށް ޒިޔާރަތް ކުރުމުން އޭނައަށް އެނގުނު ކަމަކީ އެއީއެވެ. ވީއިރު މިހާ ދުވަސްވީއިރު އައިމަނަށް އޭނަ މަތިން ހަނދާން ނައްތާނުލެވުނީ ކީއްވެ ހެއްޔެވެ؟ ލޯބީގެ ލަވަތަކުން ސިފަކުރާ ފަދައިން އައިމަނަކީ އޭނައަށް ޚާއްޞަ ފިރިހެން ކުއްޖާ ހެއްޔެވެ؟ އޭނައަށް ވެސް އެހެން މީހަކު ކަމުނުގޮސް އައިމަންގެ ޙަޔާތަށް ވެސް އެހެން ކުއްޖަކު އައިސްފައި ނެތީ އެހެންވެ ހެއްޔެވެ؟ އަދި އައިމަން އަނެއްކާވެސް އޭނަގެ ޙަޔާތަށް އަނބުރާ އެއައީ އެދެމީހުން އެކީގައިވުން ތަޤްދީރުގައި ވާތީވެ ހެއްޔެވެ؟ އެ ސުވާލުތަކާއެކު އޭނަ މާޒީގައި އަޑުއަހަމުން ގެންދިޔަ ލަވައެއް ހަނދާންވެފައި ޝިޔާއަށް ދެލޯ މަރައި ތަގުޅި ކޮށްލަމުން ބޯހޫރުވާލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ އަޢޫޒު ކިޔާލީ މިއީ ޝައިޠާނީ ވަސްވާސްތަކަށް ނޫނީ ނުވާނެކަން ޔަޤީން ކުރެވުނީތީވެއެވެ. އައިމަން އޭނަ ކައިރިއަށް އަނބުރާ އައީ ދެމީހުން ގުޅެން ތަޤުދީރުގައި ވާތީވެ ކަމަށް ވެދާނެއެވެ. އެހެނަސް އޭނަ މިހާރުއްސުރެ ހުވަފެންތައް ދެކެން ފަށައިގެނެއް ނުވާނެއެވެ. އޭނަ މި ދުނިޔެއަށް އައި މަޤްޞަދަކީ ވަކި ކޮންމެވެސް އެއްދުވަހަކުން މީހަކާއި އިނުމެއް ނޫނެވެ. ވީއިރު އޭނަ އެހާ ގިނަ ވަގުތުތައް އެފަދަ ޚިޔާލުތަކުގައި ބޭކާރު ކޮށްގެން ނުވާނެއެވެ. އެހެންނޫނަސް އޭނަ މި ޙާލަތް ދެކެން ވާނީ އިމްތިޙާނެއްގެ ގޮތުގައެވެ. އޭނަގެ ހިތުތެރޭގައިވި އައިމަނަށްޓަކައިވާ މި އިޙްޞާޞްތަކަކީ އޭނައަށް އިމްތިޙާނެކެވެ. މިއީ އޭނަގެ ހިތުގެ އީމާންތެރިކަން ވަރުގަދަ ކުރުމަށް އޭނައަށް ލިބުނު ފުރުޞަތެކެވެ. އޭނަ މި ޙާލަތުގައި ވެސް ﷲ ރުހިވޮޑިގެންވާ ގޮތަށް އުޅެފިނަމަ ﷲ އޭނައަށް ހިދާޔަތް އިތުރުކޮށްދެއްވާނެކަން އެނގުންވުމުން ޝިޔާއަށް ބަޔާން ކުރަންދަތި ހިތްހަމަޖެހުމެއް ލިބުނެވެ. އެ ލިބުނު ހިތްހަމަޖެހުމާއެކީ ޝިޔާ އޭނަ ކުރަންވީ ކަންތައް ހަނދާން ކޮށްލަމުން އޭނަގެ ހެދުންތައް ޕެކް ކުރުމުގެ މަސައްކަތް ފެށިއެވެ.

ޝިޔާގެ ހިތަށް ފުރިހަމަ ހަމަޖެހުމެއް ލިބިގެން ދިޔަ ހިނދު އޭގެ އަނެއްދުވަހުގެ ހެނދުނު އައިމަން ވެސް އޭނަގެ ހިތްހަމަ ޖައްސާލެވޭތޯ ބަލަމުން ދިޔައެވެ. އެތައް ގަޑިއިރެއްގެ މަސައްކަތުން ޒައިދްއަކީ ޝިޔާއާ ދެބެއިންގެ ދެދަރި ކުއްޖެއްކަމަށް އައިމަން އަމިއްލަ ހިތަށް ވިސްނައިދީފިއެވެ. އެހެންކަމުން އައިމަން އެދުވަހު ހެނދުނު ދަތުރުދާން ތައްޔާރުވެގެން ކޮޓަރިން ނިކުތީ ވެސް އާދަޔާ ޚިލާފު ހިނިތުންވުމަކާއެކީގައެވެ. އެ ހިނިތުންވުމުގެ އުޖާލާކަން ފެނިފައި ނާސިރާއި ޒުހުރާ ވެސް ކިހިނެއްވީތޯ އަހާލަން ޖެހުނެވެ. އައިމަން ދެންވެސް ހެވިފައި ހުރެ ކަމެއްނުވެއޭ ބުނެލި ގޮތުން އޭނަ އުޅެނީ އެމީހުންނަށް ސިއްރުކުރަން ބޭނުންވާ ބޮޑު އުފާވެރިކަމެއް ލިބިގެންހެން އެ މީހުންނަށް ހީވިއެވެ. އެހެނަސް ޙަޤީޤަތަކީ އޭނަ ހިނިތުންވެގެން ހުރީ އަދިވެސް ހިސާބެއްގެ ނުތަނަވަސްކަމެއް އެކުލެވިފައިވި އޭނަގެ ހިތްހަމަޖެއްސުމަށްޓަކައި ކަމެވެ. އޭނައަށް އަމިއްލައަށް ނިންމި ނިންމުމަކީ ޙަޤީޤަތެއްކަން އަމިއްލަ ނަފްސަށް ވިސްނައި ދިނުމަށްޓަކައި ކަމެވެ.

7 ޖަހަން 5 މިނެޓަށް ވެފައި ވަނިކޮށް އެންމެން ވޭނަށް އަރައި ހަމަ ޖެހިލަނީއެވެ. އައިމަނާއި ޝިޔާ މިފަހަރުވެސް ވޭނުގައި ތިބީ އެއާރޕޯޓުން ގެއަށް އައި ދުވަހު ތިބި ސީޓުތަކުގައެވެ. އެއީ މިފަހަރުވެސް އައިމަން ޝިޔާ ކައިރީގައި އިށީންނަން އުޅުމުން ޝިޔާ އޭނައާއި ދުރަށްދާން ކުރި މަސައްކަތުންނެވެ. މިފަހަރު ވޭން ސްޓާޓް ކޮށްފައި ނާސިރު ވާހަކަ ދެއްކިއެވެ.

"އައިމަން ތިއީ ބޯ އަނބުރާ ކުއްޖެއްތަ؟ ބޯ އަނބުރަންޏާ ވަރަށް އުނދަގޫވާނެ ދަތުރެއް މިއީ." ނާސިރު އެހެން ބުނެލީ ހިނިތުންވުމެއްގައި ހުރެކަން އައިމަނަށް އެނގުނެވެ.

"އަޅުގަނޑު ރަނގަޅުވާނެ." އައިމަން އޭނައަކީ "ގަދަ" މީހެއްކަން ސާބިތުކުރުމަށްޓަކައި އަޑު ބަރު ކޮށްފައި ބުނެލިއެވެ.

"ހެހެ....އެންމެ ރަނގަޅު. އެކަމަކު ގޮތެއްވާން ފެށުމުގެ ކުރިން ބޭސްކެއުން މޮޅުވާނީ. ޝިޔާ އަތުގަ ހުންނާނެ ބޭސް." ނާސިރު އެހެން ބުނެލި އަޑަށް އައިމަނަށާއި ފަހަތުގައި އިން ޝިޔާއަށް ވެސް ސީދާވެލެވުނެވެ.

"އަމް.....އަޅުގަނޑަށް ހީވަނީ ބޭބެ ތިހެން ބުނިއްޔާ އަޅުގަނޑު ބޭސްކާން ވީހެން." ވޭނު ދުއްވާލި ވަގުތު އައިމަން އެހެން ބުނެލި އަޑަށް ޝިޔާގެ މޫނުމައްޗަށް ކަންބޮޑުވުމެއް ވެރިވިއެވެ. ނާސިރު އެންމެ ރަނގަޅޭ ބުނެލި ވަގުތު އައިމަން ލާނެތް ހިނިތުންވުމަކާއެކީ ތެދުވެލައިފިއެވެ. އަދި ދެފަރާތުގައި ހުރި ސީޓުތަކުގައި ހިފަމުން ފަހަތު ސީޓާއި ދިމާލަށް ދާންފެށިއެވެ. އައިމަން އޭނައާއި ކައިރިވަމުން ދިޔަތަން ފެނިފައި ޝިޔާގެ އަތް ފައި ފިނިވެ އޭނަގެ ހިތް މޭފަޅާލާފައި ނިކުމެދާނެހެން ހީވާވަރަށް ތެޅެން ފެށިއެވެ. އޭނަ އައިމަނާއި ނަޒަރު ވަކިކުރަން ނޭނގިފައި އިންދާ އައިމަން އައިސް އޭނަގެ ކައިރިއަށް ވެއްޓިގަތެވެ. އައިމަންގެ ކޮނޑު އޭނަގެ ކޮނޑުގައި ގޮސް ޖެހުނުތަނާހެން ޝިޔާ ސިހިގެންފައި އައިމަނާއި ދުރަށް ޖެހެމުން ގޮސް ސީޓުގެ އެންމެ ކަނާތް ފަރާތުގެ ކަނަށް ވަނެވެ. އަދި އައިމަނާއި ދިމާލަށް ނުބެލުމަށްޓަކައި ދުރު ހޯދަން ފެށިއެވެ.

"އޯ މައި ގޯޑް! ރޭޕް ކުރާކަށް ނުއުޅެމޭ." އައިމަން ލާނެތް ރާގަކަށް ބުނެލިއެވެ. އެއާއެކު ޝިޔާއަށް ނުރުހުންތެރިކަމާއެކީ އައިމަނަށް ބަލާލެވުނެވެ. ހަމަ އެވަގުތު އޭނަގެ ހިތަށް ވެސް އުނދަގޫވިއެވެ. އޭނަ އައިމަނަށްޓަކައި ކުރިހާ ދުޢާތަކަށް ފަހުވެސް އައިމަން އަދިވެސް ވަނީ އަނދިރިގަނޑެއްގައި ކަން ޔަޤީންވުމުން އެ ހިތް މާޔޫސްވިއެވެ. އައިމަން ދުވަހަކުވެސް ރަނގަޅުނުވާނެއޭ ސިކުނޑި ބުނި ހިނދު ޝިޔާ އެ ޚިޔާލު ފޮޅުވާލިއެވެ. ﷲ ގެ ޙަޟްރަތުން ލިބޭނެ ކަމަކަށް އުއްމީދު ކަނޑާލުމަކީ ކޮށްގެން ވާނެ ކަމެއްނޫންކަން އެނގޭ އާޔަތެއް ހަނދާނަށް އައުމުންނެވެ.

މިފަހަރުވެސް ޝިޔާގެ މޫނުމައްޗަށް ވެރިވަމުން ދިޔަ ޝުޢޫރުތައް ދެނެގަންނަން އައިމަން ނުކުޅެދުނެވެ. އެ މޫނުމަތިން ފުރަތަމަ ސިކުންތުގައި ނުރުހުންތެރިކަން ފެނިފައި އޭނަ އޭނަގެ ބަސްތައް އަނބުރާ ގެންނަން ބޭނުންވިއެވެ. އެހެނަސް އެ ނުރުހުންތެރިކަން ފަނޑުވެ އެ މޫނުމައްޗަށް ހިސާބެއްގެ ހިތާމަވެރިކަން ވެރިވީތަން ފެނިފައި އޭނަ ޝިޔާގާތު އެތައް ސުވާލެއް އެއްފަހަރާ ކުރަން ބޭނުންވިއެވެ. ނަމަވެސް އެހެން ހެދުމުން ޝިޔާ އޭނައާއި ދުރުވުން ނޫންކަމެއް ނުވާނެހެން ހީވީތީ އައިމަން ފުން ނޭވައެއް އެތެރެއަށް ލައި ކުރިމައްޗަށް ނަޒަރު ހުއްޓާލަމުން ސީޓަށް ލެނގިލިއެވެ. ޝިޔާވެސް އޭނަގެ ދެއަތް މެއާއި ދިމާލުން ހުރަސް ކޮށްލަމުން އެއްދިމާލަކަށް ނަޒަރު ހުއްޓާލިއެވެ. އެ ދެމެދަށް ވެރިވި ހިމޭންކަން ނަގާލީ އަނެއްކާވެސް އައިމަނެވެ.

"އައި މިސްޑް ޔޫ، ޝިޔާ." އައިމަންގެ ދުލުން އެ ބަސްތައް ބޭރުވެގެން އައީ އޭނަގެ އިޚްތިޔާރަކާނުލައެވެ. އެފަދަ ބަސްތަކެއް އަންހެން ކުއްޖަކު ކައިރީގައި ބުނެވުނު ކަމަށްޓަކައި ވެސް އޭނަ ޙައިރާންވިއެވެ. އެ ވާހަކަ ސަމާސާއަކަށް ހަދާލަން ހިތަށް އެރިއެއްކަމަކު މި އިޙްޞާޞްތައް ދެން އޭނަ ފޮރުވާކަށް ބޭނުމެއް ނުވާކަން އެ ހިނދު އޭނައަށް އެނގުންވިއެވެ. ޝިޔާ ކައިރީގައި މި ވާހަކަތައް ބުނެގެން ވެސް ޙަޔާތުގެ މި ބާބު ކޮންމެވެސް ކޮޅެއްގައި ޖައްސަން އައިމަން ބޭނުންވިއެވެ.

"ޝިޔާ.......އަހަންނަކަށް ނޭނގޭ ޝިޔާ އަހަންނާމެދު ފީލްވަނީ ކިހިނެއްކަމެއް. އެކަމަކު އަހަރެން ވަރަށް ދެރަވި އަހަރުމެން ވަކިވެގެން ދިޔަ ދުވަހު. ޝިޔާ ފެނޭތޯ މާލެއަށް ވެސް ދިޔައިން. އެކަމަކު އޭރު ޝިޔާ މާލެއިން ފުރައިފި. ފުރީ ކޮންތަނަކަށްކަން ނޭނގުނީމަވެސް ވަރަށް ދެރަވި. އެދުވަސްފަހުން އަހަރެން ވަރަށް ބައިވަރު ކުދިންނާ ރައްޓެހިވިން. ބަޓް ސްޓިލް......އައި ސްޓިލް މިސްޑް ޔޫ. ލަންކާއަށް މި އައީ ވެސް ޝިޔާ ލަންކާގައި އުޅޭކަން އެނގިގެން. މިއައީ ޝިޔާއާއި ބައްދަލުކުރަން ނޫން އެހެން އެއްވެސް ކަމަކުއެއްނޫން. ޝިޔާއާއި ބައްދަލު ކުރީމަ ޝިޔާއާއި ރައްޓެހިނުވެވުނަސް ޝިޔާ ހަނދާން ނައްތާލަން އުޒުރެއް ފެނޭތޯ މިއައީ. އެކަމަކު އެ އިޙްޞާޞްތަކަށް އެއްވެސް ބަދަލެއް ނާދޭ ޝިޔާ. ނަތިންގް ޗޭންޖްޑް. އައި ތިންކް އައި ލަވް ޔޫ." އައިމަން އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލިއެވެ. އޭނައަށް ނޭނގުނު ކަމަކީ އޭނަ ބުނި ކޮންމެ ޖުމްލައަކާއެކީ ޝިޔާގެ ލޮލުން ދިލަ ނަގަމުން ދިޔަކަމެވެ. އަދި އޭނަ ބުނި އެންމެ ފަހު ޖުމްލައިން ޝިޔާ ސިހުމަކާއެކީ އޭނައަށް ބަލާލި ކަމެވެ. އެވަގުތު ޝިޔާގެ ހިތް މޭތެރޭގައި އޮވެ ހިނދުކޮޅަކަށް ހުއްޓުނެވެ. އެ ހިތް އަނެއްކާވެސް ތެޅެން ފެށި ވަގުތު މޭގައި ރިހުމެއް އުފެދުނެވެ. އައިމަން އޭނައަށްޓަކައި ކުރި އިންތިޒާރު ތަޞައްވުރު ކުރެވުމުންނެވެ. އެ ވޭނުގައި ރޭތައް ހޭދަކުރީ ހަމައެކަނި އޭނައެއް ނޫންކަން އެނގުންވުމުންނެވެ. އޭނަ ނަމަ އޭނައަށް ނަމާދުންނާއި ﷲ ގެ ހަނދުމައިން ސާބިތުކަން ލިބިފައިވިއެވެ. އެހެނަސް އައިމަން ވަގުތުތައް ހޭދަކުރާނީ ލޯބީގެ ލަވަތަކާއި ފިލްމުތަކުގެ ތެރޭގައިކަން އެނގުންވުމުން ޝިޔާ އައިމަނަށްޓަކައި ޙަމްދަރުދީވިއެވެ. އެ އެއްޗެހިން އައިމަންގެ ހިތަށް އިތުރަށް ދަތިވުން ނޫންކަމެއް ނުވާނެކަން އެނގޭތީވެއެވެ. މިހާރު ވެސް އައިމަން އެ ވާހަކަ ދެއްކީ އޭނަ ބަލާނެ ފަދަ ފިލްމަކުން ވާހަކަ ދައްކާނެ ގޮތަށެވެ. އޭނަ އެ ލޯބި ހުށަހެޅީ އެފަދަ ފިލްމެއްގެ ނިމުން އަންނާނެ ގޮތަކަށް ޝިޔާ ކަންތައް ކުރާނެ ކަމުގެ އުއްމީދުގައިކަން ޝިޔާއަށް އެނގުނެވެ. އެ މަޢުނަވީ ލޯތްބަށްވުރެ ފުރިހަމަ ލޯތްބެއް ވާކަން އައިމަނަށް އެނގޭނެނަމައެވެ. އޭނައާއި އައިމަންގެ ދެމެދުގައިވާ ލޯތްބަކީ ﷲ އަށްޓަކައި ވާ ލޯތްބަކަށްވާނަމަ ދެމީހުންނަށް ވެސް ލިބޭނެ އުފާވެރިކަން އައިމަނަށް އެނގޭނެ ނަމައެވެ. ﷲ ބަރަކާތް ލެއްވި ލޯތްބެއް ނޫނީ އެހެން ލޯތްބެއް ޙަޤީޤީ ލޯތްބަކަށް ނުވާނެކަން އައިމަނަށް އެނގޭނެ ނަމައެވެ. މިފަދަ އެތައް ޝަކުވާއެއް ޝިޔާގެ ހިތަށް ވެރިވެގެން ދިޔުމުން އޭނަގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ. އެ ހިނދު އޭނަގެ ބައްޕަ ކުރީ ސީޓުގައި އިނދެ އައިމަނަށް ގޮވައި ބޭސް ކައިފިތޯ އަހާލިއެވެ. ޝިޔާ އަވަސްއަވަހަށް އޭނަގެ ކަރުނަ ފޮހެލަމުން އުނގުމަތީގައި އޮތް ދަބަހުން ބޭސް ކާޑެއް ނަގައި ތުރުތުރު އަޅަމުން ދިޔަ އަތުން ވާތް ފަރާތަށް ދިއްކޮށްލީ އެދިމާލަށް ބެލުމެއްނެތިއެވެ. އައިމަން އެ ކާޑުގައި ހިފައި އަދި ނުކަމޭ ބުނެ ސީޓުން ތެދުވެ ކުރިއަށް ދާން ހިނގައިގަތެވެ. ޝިޔާއަށް އައިމަން ދިޔަ ދިމާލަށް ބަލަން އިނދެވުނީ ހިތާމަވެރި މޫނަކާއެކީގައެވެ.

6 ގަޑިއިރުގެ ދިގު ދަތުރަކަށްފަހު ނޫރަލިއާގެ ފިނި މަންޒިލާއި ހަމައަށް ނާސިރުގެ ވޭނު ފޯރީ އެދުވަހުގެ މެންދުރު ވަގުތެވެ. ކުޑަދޮރުން ބޭރުން އެކި ކުލަކުލައިގެ މާ ގަސްތަކުން ފުރިގެންވި ފެހި ބިންތައް ފެންނަން ފެންނަން ފެށިއެއްކަމަކު އެއިން ވޭނުގެ ފަހަތުގައި ތިބި ދެ މީހުންގެ މޫނުމަތި އުޖާލާވެގެނެއް ނުދެއެވެ. އޭރު ޝިޔާގެ ލޮލުން ކަރުނައެއް ފައިބައިގެން އައީ ކީއްވެކަމާމެދު އައިމަން ވިސްނަމުން ދިޔައިރު ކުޑަދޮރުގައި ބޯޖައްސައިގެން ހުރި ޝިޔާއަށް ވިސްނެމުން ދިޔައީ މި އިމްތިޙާނަށް ކެތްކޮށްފިނަމަ މާތް ﷲ އާޚިރަތުގައި އޭނައަށް ދެއްވާނެ ބަގީޗާތަކާއި މެދުގައެވެ. އެހެނަސް އޭނަ އެކަނި އެ ބަގީޗާތަކަށް ދާކަށް ބޭނުމެއްނޫނެވެ. ނޭނގޭ ސަބަބަކާހުރެ އައިމަން ވެސް އެ ސުވަރުގެއަށް ގެނެވޭތޯ މަސައްކަތް ކުރަން ޝިޔާގެ ހިތް އެދުނެވެ. ނަމަވެސް އެކަން ކުރާނެ ރަނގަޅު ގޮތެއް ނުވިސްނުމުން ޝިޔާއަށް ތަކުރާރުކޮށް އައިމަންގެ ހިދާޔަތަށްޓަކައި ދުޢާ ކުރެވުނެވެ. އަދި އޭނަ ނަރަކައިގެ ޢަޒާބުން ސަލާމަތް ކޮށްދެއްވުމަށް އެދި ދުޢާ ދެންނެވުނެވެ.

އެކި އެކި ގޯޅިތަކުން ލަނބަމުން ގޮސް އެންމެ ފަހުން ވޭނު މަޑުކޮށްލީ ގެސްޓް ހައުސްއެއްގެ ކުރިމައްޗަށެވެ. ވޭނު މަޑުކުރުމާއެކު ނާސިރު ނުހަނު ޖޯޝާއެކީ ވޭނުން ފޭބިއެވެ. އޭނަގެ ފަހަތުން ދެން ތިބި މީހުން ވެސް ފޭބިއެވެ. ނާސިރު ގޮސް ގެސްޓް ހައުސްގެ ކުރިމަތީގައި ހިނިތުންވެފައި ހުރި ފިރިހެނެއްގެ ގައިގައި ބައްދާލިތަން އައިމަން ބަލަހައްޓައިގެން ހުއްޓެވެ. އޭގެ މާ ގިނައިރެއް ނުވެ ކޮންމެވެސް މަސައްކަތު މީހަކު އެމީހުންގެ ދަބަސްތައް އެގޭގެ ތެރެއަށް ގެންދަން ފެށިއެވެ.

ގެސްޓް ހައުސްގެ ތަނަވަސް ސިޓިންގް ރޫމުގައި އިށީންތާ އިރުކޮޅެއްފަހުން ހުރިހާ އެންމެނަށް ސައި ގެނެވުނެވެ. ނާސިރާއި ޒުހުރާ އެގޭގެ ދެމަފިރިންނާއި ވާހަކަ ދައްކަމުން ދިޔައިރު އައިމަނާއި ޝިޔާ ހިމޭނުން ތިއްބެވެ. އައިމަން ދޭތެރެއަކުން ސައިފޮދެއް ބޮމުން ދިޔައެއްކަމަކު ޝިޔާއަށް އެހާވަރެއް ވެސް ނުވިއެވެ. އޭނައާއި ދިމާ ކުރިމައްޗަށް ވާ ގޮތަށް ޝިޔާ އިސްޖެހިފައި އިންތަން ފެނިފައި ޝިޔާ އެހާ ދެރަވަނީ ކީއްވެތޯ އައިމަންގެ ހިތް ސުވާލުކުރިއެވެ. ހަމަ އެއާއެކު ޒައިދްގެ ނަން އޭނަގެ ހިތަށް ވެރިވީ ހިނދު ނާސިރު ވާހަކަ ދެއްކިއެވެ.

"އަނހަ! މިހިރީއެއްނު ޒައިދް؟" ނާސިރު ގޭގެ ތެރެއަށް ނަޒަރު ހުއްޓައިގެން ހުރެ އެހެން ބުނެލުމުން އެންމެންގެ ނަޒަރު ވެސް އެ ދިމާލަށް ދަތުރު ކުރިއެވެ. އައިމަން ވެސް އެ ދިމާލަށް ކުޑަކޮށް ބޯ ދިއްކުރި ވަގުތު ފެނުނު ސޫރައިން އައިމަންގެ ދެލޯ ބޮޑުވެ ބުމަގޮށް ޖެހިގެން ދިޔައެވެ. އެ ދިގު އަލި މޫނާއި ތުނިކޮށް ކޮށާލެވިފައިވި އިސްތަށިގަނޑު އައިމަނަށް މި ނޫނީ ފެނިފައިވަނީ މާ ރަނގަޅު ތަނަކުންނެއް ނޫނެވެ. މީނަގެ ގެއަށް ޝިޔާގެ ބައްޕަ މިއައީ ކީއްވެތޯ ހިތަށްއެރި ވަގުތު މިފަހަރު ވެސް ޝިޔާގެ ބައްޕަ ވާހަކަ ދެއްކިއެވެ.

"އައިމަން، މިއީއޭ ޒައިދް.....ޝިޔާއާއި އިންނަން އަހަރުމެން ހޮވި ކުއްޖާ." ނާސިރު ހެވިފައިހުރެ އެހެން ބުނެލިތަނާހެން އައިމަނަށް ކޮޅަށް ތެދުވެވުނެވެ.

"ވަޓް؟!!!" އައިމަން އަޑުގެ ކޮޅަށް އެހެން ބުނެލި ތަނާހެން މުޅި ތަނަށް މަރުހިމޭންކަމެއް ވެރިވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އެންމެން އެކީގައި ކޮޅަށް ތެދުވިއެވެ.

"އައިމަން........" ނާސިރު އެއްޗެކޭ ބުނަން އުޅުނު ވަގުތު ރުޅިން ރަތްވެފައިހުރި އައިމަން ވާހަކަ ދެއްކިއެވެ. އޭނަ ވާހަކަ ދައްކަން ފެށީ ނުހަނު ރަނގަޅު ނުކުތާތައް ބުނަން އުޅޭ ފަދައަކުންނެވެ. އެހެނަސް.......

"ޝިޔު ކަވެނި ނުރާނެ މަށާ މީނަ ގޯސް. އަރްރްރްގް!" ނުހަނު ހަރުއަޑުން އައިމަން ދެއްކި ވާހަކައިން އެއްވެސް އެއްޗެއް ދޭހަވާ ގޮތެއް ނުވިއެވެ. އައިސްފައި ހުރި ރުޅިއަކާއި ލިބިފައިވި ޝޮކްގެ ބޮޑުކަމުން އޭނައަށް ރަނގަޅަށް ވާހަކަ ދެކެވޭ ގޮތެއްނުވިއެވެ. އެތާ އޭނަ އެންމެ ރަނގަޅަށް ދަންނަ މީހަކަށް ހުރި ޝިޔާގެ ލޮލުން އެވަގުތު ކަރުނައެއް ފައިބައިގެންއައެވެ. އައިމަން ދެލޯ މަރައި ތަގުޅި ކޮށްލަމުން ނުބައި ބަހެއް ކިޔާލި މަންޒަރު ޝިޔާއަށް ފެނުނީ ލޮލަށް ޖަމާވެފައިވި އެތައް ކަރުނަތަކެއްގެ ތެރެއިންނެވެ.

"އައިމަން! އަހަރުމެން މި ތިބީ މެހުމާނެއްގެ ގެއަށް އައިއްސަ. ތިއަށްވުރެ ތަންކޮޅެއް ރީތިބަހުން ދޯ ވާހަކަ ދައްކަން ވާނީ؟" ނާސިރު ހިސާބަކަށް ނުރުހިފައި ހުރެ އެހެން ބުނެލުމުން ޒުހުރާ އޭނަގެ ކޮނޑުގައި ހިފަހައްޓާލިއެވެ.

"އައިމަން ކުޑަކޮށް ވަރުބަލިވީ ކަންނޭނގެ. އޭނަގެ ކޮޓަރި ދައްކާލަންވީއެއްނު ދޯ؟" އައިމަނަކީ އެމީހުންގެ މެހުމާނެއްކަން ހަނދާންކޮށް ޒުހުރާ އެ ޙާލަތް ބަދަލު ކުރެވޭތޯ ބެލިއެވެ. އޭނަ އެދުނު ގޮތަށް ނޯކަރެއްގެ އެހީގައި އައިމަން ކޮޓަރިއަށް ގެންދެވުނެވެ. އައިމަން އެވަގުތަށް އެތަނުން ދިޔައީ އެވަގުތު އޭނަ ދެން ކިތަންމެ ވަރަކަށް އުޅުނަސް ސާފުކޮށް ވާހަކަ ނުދެއްކޭނެކަން ޔަޤީން ކުރެވުނީތީވެއެވެ.

އައިމަން މުޅި އެދުވަހު އޭނައަށް ލިބުނު ކޮޓަރިން ނުނިކުމެއެވެ. ޝިޔާގެ ބައްޕަގެ ދުލުން އިވުނު ބަސްތަކާއި އެކީ ޒައިދްގެ އެ ލާނެތް ހިނިތުންވުން ލޮލަށް ސިފަވާ ކޮންމެ ފަހަރު މުޅި މީހާ ރުޅިން ތުރުތުރު އަޅަމުން ދިޔައެވެ. އޭނަ ކޮންމެހެން ވެސް ޒައިދްއާއި ބެހޭ ގޮތުން ޝިޔާއާއި ވާހަކަ ދައްކަން ޖެހޭކަމަށް އައިމަންގެ ހިތް ބުނެލައިފިއެވެ. އަދި އަމުދުން އެންމެ 16 އަހަރުގައި ޝިޔާ ކައިވެންޏެއް ކުރަން އެ އުޅެނީ ކީއްވެ ހެއްޔެވެ؟ އޭނަގެ ޢާއިލާއިން އޭނައަށް މަޖުބޫރު ކުރަނީ ހެއްޔެވެ؟ އެހެން ކަމަށްވާނަމަ އޭނަ އެކަމުން ވެސް ޝިޔާ ސަލާމަތް ކޮށްދޭނެއެވެ.

އެރޭގެ ވަގުތެއްގައި އެ ގެސްޓް ހައުސްގައި ޕާޓީއެއް ބޭއްވިގެން ދިޔައެވެ. ޒައިދްއާއި ދެބެއިންގެ ދެދަރި ފިރިހެން ކުއްޖަކު ޑިގްރީ ނިންމައި ދަސްވެނިވުމުގެ މުނާސަބަތުގައެވެ. އެރޭ ޝިޔާއާއި ވާހަކަ ދެއްކުމުގެ ނިޔަތުގައި ކޮޓަރިން ނިކުތް އައިމަނަށް އެކަން އެނގުނީވެސް ޒުހުރާ އޭނަ ފެނިފައި އެ ވާހަކަ ބުނުމުންނެވެ. ފަނޑު އޮރެންޖް ކުލައިގެ އަލިން މުޅި ގެ އަލި ކުރެވިފައިވީއިރު ސްޕީކަރުތަކުން ބާރު އަޑަކުން އެކި އިނގިރޭސި ލަވަތަކުގެ އަޑު އިވެމުން ދިޔައެވެ. މުޅި ގޭގެ ތެރޭގައި އެކި ޢުމުރުގެ ފިރިހެނުންނާއި އަންހެނުން މަސްހުނިވެ ކަމުން ނަށަމުން ދިޔަ ގޮތުން އެތާ ޝިޔާ ނުހުންނާނެއޭ އައިމަންގެ ހިތް ބުނީ ކީއްވެކަމެއް ނޭނގެއެވެ. ކޮންމެއަކަސް އޭނަ އެތާތެރެ ވެސް ކުޑަކޮށް ހޯދާލާފައި ގޭގެ ބިއްދޮށަށް ދިޔައެވެ. ބިއްދޮށުގައި ވެސް ތިބި ޕާޓީގެ ބައިވެރިންގެ ތެރެއިން ޝިޔާ ނުފެނުމުން އައިމަން އެންމެ ފަހު ގެސްޓް ހައުސްގެ މައިދޮރުން ބޭރަށް ނިކުތެވެ. އެވަގުތު ދުރުން ފެނުނު މަންޒަރުން އޭނަ ހުއްޓުން އެރިއެވެ. ގޭގެ ކުރިމަތީގައި އޮތް ވިނަގަނޑު މަތީގައި ތިބި ޒައިދްއާއި ޝިޔާ ފެނިފައި ޒައިދް ޝިޔާއާއި ދިމާލަށް އެއްޗެހި ގޮވަނީކަން އައިމަނަށް އެނގުނެވެ. އޭނަ ބަލަބަލާ ހުއްޓާ ޒައިދް އެއްއަތުން ޝިޔާގެ ދެކޮލުގައި ހިފައި އެ މޫނު އަނބުރާލަމުން ދޫކޮށްލި މަންޒަރު ފެނިފައި އައިމަންގެ ގޮށްމުއްކެވުނެވެ. ޒައިދް ގޭގެ ބިއްދޮށަށް ނުގޮސް މައިދޮރާއި ދިމާލަށް އައިނަމަ ވަރުގަދަ ހަމަލާއެއް މިރޭ އެދެމެދުގައި ހިނގީހެވެ. އެހެނަސް ޒައިދް ލޯމައްޗަށް ގެއްލުނުތަނާހެން އައިމަން ޝިޔާއާއި ދިމާލަށް ހިނގައިގަތެވެ. ވިނަގަނޑު މަތިން ހިނގާފައި ދިޔުމުގެ ސަބަބުން އައިމަންގެ ފިޔަވަޅުތަކުގެ އަޑުވެސް ނުއިވުނީތީ ޝިޔާއަށް ސަމާލުވެވުނު ވަގުތު އައިމަން ހުރީ އޭނައާއި އެއްފިޔަވަޅު ދުރުގައެވެ. ޝިޔާއަށް އިތުރު އެއްވެސް ޙަރަކާތެއް ނުކުރެވެނީސް އައިމަން އޭނަގެ އަތުގައި ހިފައި ދަމަމުން އޭނަ ހިނގަމުން ދިޔަ ދިމާލަށް ދާން ފެށިއެވެ. ދާނެ ވަކި ތަނެއް ނޭނގުނެއްކަމަކު އޭނައާއި ދެކޮޅު ހަދަމުން ދިޔަ ޝިޔާގެ އަތަށް ބާރު ކުރަމުން އައިމަން ހިނގަމުން ދިޔައީ އޭނަގެ ހިތަށް ވަމުން ދިޔަ އުނދަގުލެއްގެ ސަބަބުންނެވެ. ގެސްޓް ހައުސްއާއި ވެސް ފުދޭވަރަކަށް ދުރު ހިސާބަކަށް ދެވުމުން އައިމަން ކުއްލިއަކަށް ޝިޔާއާއި ދިމާލަށް އެނބުރިލަމުން އެ އަތުން ދޫކޮށްލިއެވެ. އެވަގުތު ޝިޔާއަށް ހުރެވުނީ ބިރުގެންފައިވާ ހިތަކާއެކީ ރޮވިފައެވެ. އައިމަން ހިފަހައްޓައިގެން ހުރި އަތަށް ތަދުވަމުން ދިޔަ ގޮތުން އައިމަނާއި ޒައިދްގެ ތަފާތެއް ނެތީހޭ އޭނަގެ ހިތް ސުވާލުކުރަމުން ދިޔައެވެ. އޭނައަށް ނޭނގުނު ކަމަކީ ޒައިދްއާއި ޚިލާފަށް އޭނަ ރޮވިފައި ހުރިތަން ފެނިފައި އައިމަންގެ ހިތް މަޑުވެގެން ދިޔަކަމެވެ. އެކަން އޭނަގެ މޫނުމަތިން ރުޅިވެރިކަން ފިލައި ދިޔަގޮތް ދޭހަ ކޮށްދިނެވެ. އައިމަނާއި ދުރަށްދާން ހިތަށްއެރިއެއްކަމަކު އެކަމަށް ޝިޔާގެ ދެފައި ނުކުޅެދުނެވެ. އޭނަ ދާން އުޅުނަސް އައިމަން އޭނަ މަޑުކުރުވާނެކަން އޭނައަށް ޔަޤީން ކުރެވުނެވެ. ދެ ޚިޔާލެއްގެ މަތީގައި ޝިޔާ ހުރިގޮތަށް ހުއްޓާ އައިމަން ވާހަކަ ދެއްކިއެވެ.

"ކީއްވެ މެރީ ކުރަން ތިއުޅެނީ؟" އައިމަން އަހާލިއެވެ. ޝިޔާގެ ހިތް އެވަގުތު ޖަޒުބާތުން ފުރިގެން އައެއްކަމަކު އޭނަ ސާބިތުކަން މަތީ ހުރެވޭތޯ ބެލިއެވެ.

"އެއީ އައިމަންއާ ބެހޭ ކަމެއްނޫން." ޝިޔާ ކިތަންމެ ބޭނުމެއްނުވިޔަސް އޭނައަށް އެހެން ބުނެލެވުނީ ކުރެހިފައިވާ އަޑަކުންނެވެ. އައިމަން އެއްވެސް އަސަރެއް ނެތް ގޮތަކަށް ހީލިއެވެ.

"އަހަންނާ ނުބެހެންޏާ ކީއްވެ ރޮވިފަ ތިހިރީ؟" އައިމަން ދެންވެސް ކޮށްލީ ސުވާލެކެވެ. އެއަށްވެސް ޝިޔާ އެއްޗެކޭ ބުނަން އުޅުނު ވަގުތު އައިމަން ދެންވެސް ވާހަކަ ދެއްކިއެވެ.

"އަހަރެން ކިޔައިދޭނަން! ޝިޔާ ތިއުޅެނީ ބޮޑު މަޖުބޫރީއެއްގެ ތެރޭގަ. ބައްޕަމެންގެ ބަސްއަހަންވެގެން ތިއުޅެނީ ގޮތްވެސް ނޭނގޭ މީހަކާ އިންނަން އެއްބަސްވެގެން. އެވެސް ތިއޮތް ޢުމުރެއްގަ. ޝިޔާ އެ ޒައިދްއަކީ ރަނގަޅު މީހެއްނޫން. އަހަރެން އަމިއްލަ ލޮލުން ދުށިން. އޭނައަކީ އެކި އަންހެނުންނާއެކީ....." އައިމަންގެ ވާހަކަ މެދުކެނޑުނެވެ.

"އަހަންނަށް އެނގޭ އޭނައަކީ ކޮން ކަހަލަ މީހެއްކަން އައިމަން ނުބުންޏަސް. އަހަރެންގެ ބައްޕަ އަހަންނަށް އެއްވެސް މަޖުބޫރީއެއް ނުކުރޭ. ބައްޕަ އޮތީވެސް ބުނެފަ އަހަންނަށް ކުއްޖަކު ކަމުދަންޏާ ބައްޕަ ކައިރިއަށް ގެންނާށޭ. ޒައިދްގެ ޙަޤީޤަތް އެނގުނުފަހުން އަހަރެން މިހިރީ މި ކައިވެނި ކުރަން ބޭނުންނުވާ ވާހަކަ ވެސް ބައްޕަ ކައިރި އަދިވެސް ބުނަން ނިންމައިގެން. އަހަރެންގެ ބަސް ބައްޕަ ޤަބޫލުކުރާނެ. އަހަރެން ބޭނުމެއްނޫން ވަކި އައިމަންގެ އެހީއެއް." ޝިޔާއަށް އެންމެ ފަހު ދެ ޖުމްލައިން ދޮގެއް ހަދާލެވުނީ އޭނަ އެއްގޮތަކަށް ވެސް އައިމަނަށް ބޭނުމެއް ނުވާކަން އައިމަނަށާއި އަމިއްލަ ނަފްސަށް ވެސް ވިސްނައިދިނުމަށެވެ. އޭނަގެ އެ ދެ ޖުމްލައިގެ ސަބަބުން އަނެއްކާވެސް އެދެމެދަށް ހިމޭންކަމެއް ވެރިވާން އުޅުނެވެ. އެހެނަސް އައިމަން އެއަކަށް ފުރުޞަތެއް ނުދިނެވެ.

"އެންމެ ރަނގަޅު. އެހެންވީމަ އެއަށްފަހު ދެން ޝިޔާ ނުބުނާނަންތަ ޝިޔާއަށް ކަމުދާ ކުއްޖަކު ހުރި ވާހަކަ؟" އައިމަން އޭނަގެ ދެއަތް މެއާއި ދިމާލުން ހުރަސްކޮށްލަމުން އަހާލިއެވެ.

"އަހަންނަށް ކަމުދާ ކުއްޖަކު އަދިއެއް ނެތް." ޝިޔާ އެ ހިތާމަވެރި ޖުމްލަ ބުނެލީ އުއްމީދެއް އެކުލެވޭ ފަދަ ގޮތަކަށެވެ. އޭނައަށް ކަމުދާ ކުއްޖާ ކޮންމެވެސް އެއްދުވަހަކުން އޭނަގެ ހިތް އަތުލި މި ޝަޚުޞިއްޔަތުގެ ތެރެއިން ފެނިގެން ދާނެކަމުގެ އުއްމީދެވެ.

"ކަމުދާ ކުއްޖަކު ނެތިއްޔާ އެއީ ކާކުބާ މީގެ 2 އަހަރު ކުރިން އަހަންނާއެކީ އެހާ ގިނަ ވަގުތު ހޭދަކުރީ؟ އެއީ ކާކުބާ އަހަރެން ދުރަށް ދިޔައިމަވެސް އަމިއްލައަށް އިސްނަގައިގެން ޗެޓް ކުރަން ފެށީ؟ އެއީ ކާކުބާ އެދުވަހު ފިހާރައިން އަހަރެން ފެންނައިރަށް ދެލޯ ބޮޑުވެގެން އެ ދިޔައީ؟ އެއީ ކާކުބާ އަހަރެން ހުންނައިރު ނޭނގިވެސް ލަދުރަކިކޮށް އެ ހިނިތުންވަނީ؟ އެއީ ކާކުބާ މިއަދު......" އައިމަންގެ ވާހަކަ މެދުކެނޑުނީ ޝިޔާގެ ހަރުއަޑުންނެވެ.

"އެއީ އަހަންނެއްނޫން!" ޝިޔާ އޭނަގެ މޭމަތީގައި ޝަހާދަތް އިނގިލި ޖައްސާލަމުން އެހެން ބުނެލި ގޮތުން އައިމަންގެ މެއަށް ގޮތެއްވިއެވެ. ޝިޔާ އިތުރަށް ވާހަކަ ދައްކާނެ އިރަކަށް އޭނައަށް އިންތިޒާރު ކުރެވުނެވެ.

"އަހަންނެއްނޫން މީގެ ދެ އަހަރު ކުރިން އައިމަނާއި އެކުވެރިވީ. އަދި މިހާރުވެސް އައިމަނަށް އެ ސަމާލުކަން ދެނީ އަހަރެންގެ މިހާރުގެ ނަފްސެއް ނޫން. އަހަރެން ހަމަ ހޭގައި ހުރެގެން ދުވަހަކުވެސް އަހަންނާއި އައިމަންގެ ދެމެދުގައި އޮތް ގުޅުމަކީ ރީތި ގުޅުމެއްކަމުގައި ނުދެކޭނަން. ވެދާނެ އެއްދުވަސްވަރެއްގައި އައިމަނަކީ އަހަރެންގެ އެކުވެރިކަން ފިލުވައިދިން ބައިވެރިއަކަށްވީތީ އަހަންނަށް އައިމަން މަތިން ހަނދާން ނައްތާނުލެވެނީ ކަމަށްވެސް. ވެދާނެ އަހަންނަށް އައިމަނަށްޓަކައި ދުނިޔެއާއި އާޚިރަތުގައިވާހާ ހެވެއް އެދެވެނީ އެހެންވެ ކަމަށްވެސް. އެކަމަކު އައިމަން، އަހަރެން ބޭނުމެއްނޫން ﷲ ރުހިވޮޑިގެންނުވާ ފަދަ އެއްވެސް ކަމެއް ކުރާކަށް. ﷲ ރުހިވޮޑިގެންނުވާފަދަ ގޮތަކަށް ލޯބިވެސް ވާކަށް ބޭނުމެއްނޫން. އެއީ އަހަންނަށް ވެވޭނެ ކަމެއްވެސް ނޫން. އަހަރެން އެންމެ ބޮޑަށް ލޯބިވަނީ ﷲ ދެކެ. އެހެންވީމަ އަހަންނަށް އެހެން މީހެއްދެކެ ލޯބިވެވެން ވެސް އޮތީ ﷲ އަށްޓަކައި." ޝިޔާ ރޮވިފައިވާ އަޑަކުން ވާހަކަ ދެއްކިއިރު އައިމަން ހުރީ ޝިޔާ ދައްކަމުން ދިޔަ ވާހަކަތައް ދޭހަކުރަން ދަތިވެފައެވެ.

Comments

Popular posts from this blog

Arabic Pronouns (dhameer)

Harf of Nasb (English + Dhivehi)

Mudhaaf-mudhaaf ilaihi and pronouns (English lesson)