Asr (part 34)
ޝިޔާ މި ގަޑީގައި ޤުރުއާން އަޑުއަހަނީ ފަންޑިތައަކަށް
ހެއްޔެވެ؟ ހަމަ އެއާއެކު ބިރުވެރި ޚިޔާލުތައް އައިމަންގެ ހިތަށް ވެރިވާން ފެށުމުން
އައިމަނަށް ބޯހޫރުވާލެވުނެވެ. ޝިޔާގެ ކޮޓަރިން ޤުރުއާނުގެ އަޑު އިވުމުން އޭނަގެ
ޙަޔާތުގައި ކޮންމެވެސް ގޯހެއް ވާކަން އައިމަނަށް ޔަޤީންކޮށް ނިންމުނެވެ. ޝިޔާއަށް
އެއްވެސް ކަމެއް ނުވާނަމަ އޭނަ މިގަޑީގައި އަޑުއަހަމުން ދިޔައީހީ ކޮންމެވެސް
ލަވައެކެވެ. އައިމަން އެކި ޚިޔާލުތަކުގައި ހުއްޓާ އެ ސޫރަތް ނިމި އަޑު ކެނޑިގެން
ދިޔައެވެ. އައިމަނަށް ހަމައަކަށް އެޅުމަށްޓަކައި ސިކުންތުކޮޅަކަށް ހުރެވުނެވެ.
އެއަށްފަހު އޭނަ އެ ދޮރުގެ ތަޅުގައި ހިފާލި ވަގުތު މީހަކު އޭނަގެ ކޮނޑުމަތީގައި
އަތް އެޅިއެވެ. އައިމަނަށް ފަހަތް ބަލާލެވުނީ ސިހުމަކާއެކީގައެވެ. އެ ހިނދު
އޭނައާއި ނުހަނު ކައިރިން ޝިޔާގެ ބައްޕަގެ މޫނު ފެނިފައި އައިމަންގެ ދެލޯ ބޮޑުވެ
ހިތް ހުއްޓުމަކަށްއައެވެ.
"ހެހެ.....އަނދިރީގެ ތެރެއިން ހިނގަމުން ގޮސް
ކޮޓަރިވެސް އޮޅުނީ ދޯ؟ އެކޮއިގެ ކޮޓަރި ހުރީ އަދި އެކޮޅުގައޭ." ޝިޔާގެ ބައްޕަ
ހެވިފައި ހުރެ ވާތް ފަރާތަށް ޢިޝާރާތް ކުރަމުން ބުނެލިއެވެ. ހަމަ އެއާއެކު
އައިމަނަށް ޖެހިލުންވުމަކާއެކީ ހީލަމުން ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ.
އެއަށްފަހު އާނއެކޭ ބުނަމުން އޭނަ އައި ކޮޅަށް އަވަސް ފިޔަވަޅުތަކެއްގައި
ހިނގާފައި ގޮސް އޭނަ ނިދަން އޮތް ކޮޓަރިއަށް ވަނެވެ.
އެރޭ ކަންތައްވީ ގޮތުން ރޭގަނޑުގެ ވަގުތުގައި ޝިޔާއާއި
ބައްދަލުކުރަން މަސައްކަތް ކުރާކަށް އައިމަނަކަށް ނުކެރުނެވެ. ދެވަނަ ފަހަރަށް
ޝިޔާގެ ބައްޕައަށް ޝިޔާގެ ކޮޓަރީގެ ކައިރިން ފެނިއްޖެނަމަ ޝިޔާގެ ބައްޕައަށް
ހެޔޮކޮށް ނުވިސްނޭނެކަން ޔަޤީންކުރެވުނީތީވެއެވެ. އެގޮތަށް ކަންތައްވެއްޖެނަމަ
އޭނައަށް ދެން ދުވަހަކުވެސް ޝިޔާ ފެންނާނެހެނެއް ހިއެއްނުވެއެވެ. އޮޅުމަކުން
އެހެންވިޔަ ނުދިނުމަށްޓަކައި އައިމަން ރަނގަޅު ފުރުޞަތެއް ލިބެންދެން ޝިޔާއާއި
ދުރުގައި ހުންނަން ނިންމިއެވެ. އެ ރަނގަޅު ފުރުޞަތު ލިބޭނީ ޝިޔާގެ ތިމާގެ މީހުން
ދިޔުމުންކަން އެނގުންވުމުން އެމީހުން ދާނެ ދުވަހަކަށް އައިމަންގެ އިންތިޒާރު
ފެށުނެވެ. އެ އިންތިޒާރުގައި އޭނަ ވަނިކޮށް އޭނައަށް ޝިޔާގެ ފަރާތުން ފެންނަމުން
ދިޔައީ އާދަޔާ ޚިލާފު ސިފަތަކެވެ. އޭނަގެ ފޯނުން ކޮންމެ ދުވަހަކު ބަންގީގެ އަޑު
އިވުމާއެކު ކޮޓަރިއަށް ދާ ގޮތުން އައިމަނަށް ހުރެވެނީ އަޖާއިބުވެފައެވެ. އޭނަގެ
ތިމާގެ މީހުންގެ ތެރެއިން ފުރާވަރުގެ ފިރިހެން ކުދިން އޭނަގެ ކައިރީގައި
އިށީނުމުން އޭނަ އުނދަގޫވެގެން ކަހަލަ ގޮތަކަށް ތެދުވެގެން ދާތަން އައިމަނަށް
ފެނިފައިވެއެވެ. ޝިޔާއާއި ދެބެއިންގެ ދެ ދަރި އަންހެން ކުއްޖަކު އެއްދުވަހު
ސިޓިންގް ރޫމުގައި ހުރެ ބޭއަދަބީ ސަމާސާއެއް ޝިޔާއާއި ޙިއްސާ ކުރުމުން ވެސް އޭނަގެ
މޫނުމަތިން ފާޅުވީ ނުރުހުންތެރިކަމެވެ.
"ތިކަހަލަ ވާހަކަތައް ދައްކާކަށް ނުވާނެއޭ މައު."
ސޯފާގައި އޭނަގެ ކައިރީގައި އިން އަންހެން ކުއްޖާ ކައިރީގައި މަޑުމައިތިރި
އަޑަކުން ޝިޔާ އެހެން ބުނެލި މަންޒަރު ދުރުގައި ހުރި އައިމަން ދުށްޓެވެ. ޝިޔާ
އެހެން ބުނެލުމާއެކު އެ އަންހެން ކުއްޖާ މޫނު ކުނިކޮށްލަމުން ޗޮއްކަނޑާލިއެވެ.
"ޝިއު މިހާރު ހާދަ ބޯރިންގްއޭ. ޖޯކެއްވެސް ބުނެވޭކަށް
ނޯވޭ. ޝިއުއާއެކީ ލަވައެއްޖަހައި ފިލްމެއްވެސް ބެލޭކަށް ނޯވޭ. ޔޫ އާރ ބީންގް ޓޫ
އެކްސްޓްރީމް!" އެ އަންހެން ކުއްޖާ ހިސާބެއްގެ ރުޅިވެރިކަމަކާއެކީ
ބުނެލިއެވެ. ޝިޔާއާއި އެފަދަ ގޮތަކަށް މުޚާތަބު ކުރުމުން އައިމަން
ނުރުހުންވިއެއްކަމަކު އެ ކުއްޖާ ދެއްކި ވާހަކަތަކާއި އޭނައަށް ވަކިވަރަކަށް އެއްބަސްވެވުނެވެ.
ދީންވެރި ވިޔަސް އެހާވަރު ވާކަށް ނުޖެހެއެއްނޫންހެއްޔެވެ؟ ކޮންމެއަކަސް ޝިޔާގެ
ފަރާތުން އެ އަންހެން ކުއްޖާއަށް ލިބުނު ޖަވާބު އައިމަން ޙައިރާންކުރުވިއެވެ. އޭނަ
އުއްމީދުކޮށްގެން ހުރީ މަންސޫރުބެ ގޮތަށް ޝިޔާ ވެސް ރުޅިވެރިކަން އިސްކުރާށެވެ.
އެހެނަސް........
"ހެހެހެ......މިއީ އެކްސްޓްރީމްވުމެއް ނޫނޭ. މިއީ
ހަމަ ވަކި ވައްތަރެއްގެ ނޯމަލް ލައިފެއް. ޑާރލިންގް އަހަރެން ފިލްމު ބެލުން
ހުއްޓާލީ ސަބަބަކާ ނުލައެއްނޫނޭ. އެ ދޫކޮށްލީ އެއަށްވުރެ މާ ސަޅި އެއްޗެއް
ފެނުނީމަ. ސީރިއަސްލީ! އިން ފެކްޓް އަހަރެން މިހާރު ވެސް މައުއަށް އެއްޗެއް
ދައްކަންވެފަ އެބައޮތް. މަޑުކޮށްލައްޗޭ." ޝިޔާ އެހެން ބުނެ ކުރިމަތީގައި ހުރި
މޭޒުމަތީގައި ހުރި ލެޕްޓޮޕް ނަގަން އުޅުނުތަނާހެން އެ ކުއްޖާ އަނެއްކާވެސް
ޗޮއްކަނޑާލިއެވެ.
"ތިއުޅެނީ މަށަށް ކޮންމެވެސް ލެކްޗަރުގަނޑެއް
ދައްކަން. މަ ނޫޅެން!" އަންހެން ކުއްޖާ އިންތިހާ ދަރަޖައިގެ
ނުރުހުންތެރިކަމާއެކީ މޫނު އަނބުރާލަމުން ސޯފާއިން ތެދުވެގެން ދާން ހިނގައިގަތެވެ.
އެވަގުތު އެ ދިޔަ ދިމާލަށް ބަލަން އިން ޝިޔާގެ މޫނު މަތީގައިވި މާޔޫސްކަން
ފެނިފައި އައިމަންގެ ވެސް ހިތް ދެރަވާ ގޮތްވިއެވެ. އޭނަ ބަލަބަލާ ހުއްޓާ ޝިޔާގެ
ދެލޯ ފެންކަޅިވެގެން ދިޔަ ހިނދު އޭނަ އިސްޖަހާލަމުން މޫނުގައި ދެއަތް އަޅާލިއެވެ.
އެ މަންޒަރު ފެނިފައި އައިމަންގެ ހިތް ޙަމްދަރުދީއިން ފުރިގެންއައެވެ. ޝިޔާ އެ
އުޅެނީ ކޮންމެވެސް ނުބައި ބައެއްގެ ރޭވުމެއްގެ ޝިކާރައަކަށްވެ ސިކުނޑި ދޮވިގެން
ކަމަށް އައިމަނަށް ނިންމުނެވެ. އޭގެ ސަބަބުން ޝިޔާގެ ދިރިއުޅުން އެ ދަނީ
ބޮއްސުންލަމުންނެވެ. އެއްވެސް ތާކުންތާކު ނުޖެހޭ ކަމަކާހެދި ޝިޔާއަށް ރޮވޭނީ
އެހެންވީތީވެ ނޫންހެއްޔެވެ؟ އެއްވެސް ކަމަކާ ނުލާ މަޖާ ދިރިއުޅުމަކަށް އޭނަ އެ
ފަސް ދެނީ އެހެންވެ ނޫންހެއްޔެވެ؟ އޭނަ ޖެހޭނީ ޝިޔާގެ ޙަޔާތަށް އަނބުރާ ގޮސް އެ
ޙަޔާތަށް އަނެއްކާވެސް "އުފާވެރިކަން" ގެނެސްދޭށެވެ. އެ ޚިޔާލު ހިތަށް
ވެރިވުމުން އައިމަންގެ މޫނުމައްޗަށް ސާބިތުކަން ވެރިވިއެވެ.
މާ ގިނަ ދުވަހެއްނުވެ އައިމަންގެ އިންތިޒާރު
ނިމުމަކަށްއައެވެ. އެ ހަފްތާގެ ބުރާސްފަތި ދުވަހުގެ ރޭ ޝިޔާގެ ބޮޑުދައިތަމެންނާއި
އެމީހުންގެ ޢާއިލާތައް މާލެއަށް ފުރައިގެން ދިޔައެވެ. ޝިޔާގެ ބައްޕަ އައިމަން އެކަނި
ގޭގައި ބަހައްޓާފައި ދާން ނޭދުނީތީ އެއާރޕޯޓަށް ދިޔައީ އޭނަ ވެސް ގޮވައިގެންނެވެ.
އެއާރޕޯޓަށް ދިޔަ މަގުމަތީގައި އަނެއްކާވެސް ތޮއްޖެހިފައި އޮތް ވޭނެއްގައި އައިމަން
އިންނަންޖެހުނެއްކަމަކު އެ ވޭނުގައި ގެއަށްދާންވި ހިނދު އޭނަގެ ހިތަށް
އުފާވެރިކަން ވެރިވިއެވެ. ޝިޔާގެ މަންމައާއި ބައްޕަ ވޭންގެ ކުރިއަށް އެރިއިރު ޝިޔާ
އެރީ ވޭންގެ ފަހަތުގައި ތަނަވަސްކޮށް ހުރި ހުސްޖާގައަށެވެ. ޝިޔާ ވޭނަށް އެރުމުން
އައިމަން ވެސް ވަގުތުން ވޭނަށް އަރައި ޝިޔާގެ ކައިރީގައި އިށީންނަން އުޅުނެވެ.
ނަމަވެސް އެ ހިނދު ޝިޔާގެ ބައްޕަ މަތިން ހަނދާންވުމާއެކު އޭނަ އެހެން ހަދައިފިނަމަ
ޝިޔާވެސް ނުރުހުންވާނެކަން އެނގި އައިމަން ޝިޔާގެ ކުރިމައްޗަށް ވާގޮތަށް ހުރި
ސީޓުގައި އިށީނެވެ. ފަނޑު ރީނދޫ ކުލައިގެ ބޮތްކެއްގެ ތެރެއިން ދެމީހުންގެ
ހަތަރުކަޅި ބައްދަލުވީ ތަނާހެން ޝިޔާ އެ ސީޓުން ތެދުވެ އައިމަނަށް ނުފެންނާނެހާ
ފަހަތު ސީޓެއްގައި ގޮސް އިށީނެވެ. ހަމަ އެ ހިނދު ޝިޔާގެ ބައްޕަ ވޭނު ސްޓާޓްކޮށް
ދުއްވާލުމުން އައިމަން ދެން އިތުރަށް ސީޓް ބަދަލުކުރާކަށް ނުއުޅުނެވެ. ޝިޔާ ދެން
ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް އޭނައަކަށް ނުފިލޭނެކަން އެނގުންވުމުން
އޭނައަށް އަމިއްލަ ނަފްސާއި ހިނިތުންވެލެވުނެވެ.
އެރޭ ގެއަށް ގޮސް ފުރަތަމަ ފަހަރަށް ޝިޔާއާއި އެއްމޭޒެއްގެ
ދޮށުން ހިމޭންކަމާއެކީ ކެއުމުގެ ފުރުޞަތު އައިމަނަށް ލިބުނެވެ. ޝިޔާ އޭނަ ކާނީ
ފަހުން ކަމަށް ބުނެ އެތައް ބަހަނާއެއް ދައްކަން އުޅުނެއްކަމަކު އޭނަގެ ބައްޕަ
އެއްވެސް ބަހަނާއެއް ޤަބޫލެއްނުކުރިއެވެ. ނަތީޖާއެއްގެ ގޮތުން ޝިޔާ ޖެހުނީ އޭނަގެ
ތަށި ހިފައިގެން އައިސް އައިމަނާއި ދިމާ ކުރިމަތީގައި ހުރި ގޮނޑީގައި
އިށީންނާށެވެ. ދުރުގައި ހުރި ގޮނޑިއެއްގައި އިށީނުމުން ވެސް އޭނަގެ ބައްޕަ މާ
ދުރުގައި ހުރީ ކީއްވެތޯ ބުނެ ކައިރިއަށް ގެނައުމުންނެވެ. ކުއްލިއަކަށް އޭނަގެ ކޮޅު
މޮޅުވަމުން ދިޔަ ގޮތުން އައިމަނަށް ހިތާހިތުން ހެވެމުން ދިޔައެވެ. އޭނައަށް
ހިނިތުންވެވެމުން ދިޔައީ އޭނަގެ ބޯ މައްޗަށް ކަޅުވިލާގަނޑެއް ވެރިވަމުން ދިޔަކަން
ރޭކާލުމެއްނެތިއެވެ. އެހެނަސް އޭގެ އިންޒާރެއް އެރޭ އެ މޭޒުދޮށުން އައިމަނަށް
ލިބުނެވެ.
"ނާސިރު ހިނގާބަލަ މި ހަފްތާތެރޭގަ ނޫރަލިއާއަށްދާން.
ޝިޔާ ޒައިދްއާ ދިމާނުވާތާ މިއީ ކިހާ ދުވަހެއް؟" ޝިޔާގެ މަންމަގެ ދުލުން
އިވުނު ވާހަކައަކުން އައިމަން ހުއްޓުން އެރިއެވެ. ޝިޔާގެ ނަން ފިރިހެން ކުއްޖެއްގެ
ނަމަކާ ގުޅުވިގެން ދިޔަ އަޑު އިވިފައި އޭނަގެ މެއަށް ނުބައި ގޮތެއްވިއެވެ. އޭނަ
އެއްފަހަރު ޝިޔާގެ މަންމައަށް އަނެއްފަހަރު ޝިޔާއަށް ބަލާލީ އޭނައަށް ހީވަމުން
ދިޔަ ހީވުމަކީ ގޯހެއްކަމަށް ބުނެފާނެ ނިޝާނެއް ފެނޭތޯއެވެ. އެހެނަސް ޝިޔާ އޭނައަށް
ބަލަން އިނދެފައި އިސްޖަހާލި ގޮތުން އައިމަންގެ ހިތަށް ބިރުވެރިކަމެއް ވެރިވިއެވެ.
"ޒުހުރާ ތިބުނީ ރަނގަޅަށް. އަހަރެން ވެސް ތިކަމާމެދު
ވިސްނާތާ ދުވަސްކޮޅެއްވެއްޖެ. ޒައިދް ހުރީ މިކޮޅުގަ ކަމަށް އަހަރެން ހީކުރީ."
ނާސިރު ދެބުމަ ކައިރިކޮށްލަމުން ބުނެލިއެވެ.
"އިހަކަށް ދުވަހު ޒައިދްގެ މަންމަ ގުޅާފަ ބުނީ
އެމީހުން ނޫރަލިއާގަ އާ ފެކްޓްރީއެއް އަޅައިގެން ޗުއްޓީއަށް އެތަނަށް ދިޔަ ވާހަކަ.
އެހެންވީމަ އެތަނުން އަހަރުމެންނަށް އެމީހުންނާ ދިމާކޮށްލެވިދާނެއެއްނު؟"
ޒުހުރާ ބުނެލިއެވެ. ނާސިރު އާނއެކޭ ބުނަމުން ބޯޖަހާލިއެވެ. އެވަގުތު އައިމަން
އޭނަގެ ފެން ތަށިން ފެން ފޮދެއް ބޯލާފައި ކަރުކެހިލިއެވެ. އެއާއެކު މޭޒުދޮށުގައި
ތިބި ތިން މީހުންގެ ނަޒަރުވެސް އޭނައަށް އަމާޒުވިއެވެ.
"ޒައިދް....އަކީ ކާކު؟" އައިމަން އެހެން އަހާލީ
އެއީ ޝިޔާގެ ތިމާގެ ކުއްޖެކޭ ބުނެ މީހަކު ޖަވާބެއް ދޭނެ ކަމުގެ އުއްމީދުގައެވެ.
އޭނަގެ ހިތަށް ވެރިވަމުން ދިޔަ ނުތަނަވަސްކަމުގެ އިޙްޞާޞްތައް މީހަކު ފިލުވައިދޭނެ
ކަމުގެ އުއްމީދުގައެވެ. އެހެނަސް........
"ހެހެ......އެކޮއި ވެސް އަހަރުމެންނާއެކީ ދާނީ ދޯ
ނޫރަލިއާއަށް. ޒައިދްއާ ދިމާވެދާނެ އޭރުން އައިމަނަށް ވެސް. ވަރަށް ރަނގަޅު ސޮރެއް
އެއީ." ނާސިރު ހެވިފައިހުރެ އައިމަން ގާތު ބުނެލިއެވެ. އައިމަން ނާސިރަށް
ބަލަން ހުރެފައި އަނެއްކާވެސް ޝިޔާއަށް ބަލާލިއެވެ. އެވަގުތު އޭނައަށް ބަލަން އިން
ޝިޔާގެ މޫނުމަތީގައި ވީ ހިތާމަވެރިކަން ކަމެއް ނޫނީ ނުރުހުންތެރިކަންކަމެއް އައިމަނަށް
ޔަޤީނެއް ނުކުރެވުނެވެ. ހަމަ ގައިމުވެސް އެ ދެލޮލުގައި އޭނަ ދުވަހަކުވެސް ނުދެކޭ
ފަދަ ޝަކުވާއެއްވިއެވެ. އެހެނަސް އެއީ ކޮން ޝަކުވާއެއްކަން ނަގައިގަންނަން
އައިމަންގެ ސިކުނޑި ނުކުޅެދުނެވެ. އޭނަ އިން ގޮތަށް އިންދާ ޝިޔާ ކުއްލިއަކަށް
ގޮނޑިން ތެދުވެ އޭނަގެ ތަށްޓާއެކީ ބަދިގެއަށް ދާން މިޞްރާބު ޖެހިއެވެ. ޝިޔާ
ލޯމައްޗަށް ގެއްލެންދެން އޭނައަށް ބަލަން އައިމަނަށް ވިސްނުމެއްގެ ތެރޭގައި
އިނދެވުނެވެ.
އެރޭ ނިދަން އޮށޯތް ވަގުތު ވެސް އައިމަންގެ ސިކުނޑި
ހާސްވެފައިވިއެވެ. އޭނައަށް މިރޭ މި އިވުނީ ކޮންފަދަ ވާހަކަތަކެއް ހެއްޔެވެ؟ ޝިޔާގެ
ކައިވެންޏޭ ހިތް ބުނާ ކޮންމެ ފަހަރަކު އައިމަންގެ ގައިން ހީބިހި ނަގައިގެންދެއެވެ.
ނަމަވެސް ޝިޔާގެ ކައިވެނި ހަމަޖެހޭނީ ކިހިނެއް ހެއްޔެވެ؟ ޝިޔާއަކީ އޭނައަށްވުރެ
ވެސް އެއްއަހަރު ހަގު ކުއްޖެކެވެ. ވީއިރު އެހެންވާނީ ކިހިނެއް ހެއްޔެވެ؟ މިއީ ހަމަ
އޭނައަށް ހީވާ މޮޔަ ހީވުންތަކެއްކަން ޔަޤީނެވެ. އެހެނަސް ޝިޔާ އޭރު ދެރަވެފައިހުރީ
ކީއްވެ ހެއްޔެވެ؟ ޝިޔާ އޭނަގާތު އެއްޗެކޭ ބުނަން އުޅުނުހެން އޭނައަށް ހީވީ ކީއްވެ
ހެއްޔެވެ؟ ޝިޔާގެ ހިތުގައި މިވަގުތު ދައުރުވަމުން ދާނީ ކޮންކަހަލަ ޚިޔާލުތަކެއް
ހެއްޔެވެ؟ އޭނަހެން ޝިޔާއަށް ވެސް މިރޭ ނުނިދޭނެހެން ހީވަމުން ދިޔައީ ކީއްވެކަމެއް
ނޭނގެއެވެ. މިވަގުތު ޝިޔާގެ ޙާލަތަކީ ކޮބައިތޯ ހިތަށްއެރި ވަގުތު އައިމަނަށް
އެނދުމަތީގައި އޮވެ ދެލޯ މަރާލެވުނެވެ.
**
ތަނަވަސް ކޮޓަރިއެއްގެ ކިންގް ސައިޒް އެނދުގެ ކައިރީގައި
ޤިބްލައަށް ކުރިމަތި ލައި ފޮށާ އަޅައިގެން ބިންމަތީގައި އިން ޝިޔާ އޭނަގެ
ކޯތާފަތުން ކަރުނަތައް ފޮހެލަމުން ދެލޯ ހުޅުވާލިއެވެ. އޭނަ ފުން ނޭވައެއް
އެތެރެއަށް ލައި ހަމައަކަށް އެޅެން އުޅުނުތަނާހެން އަނެއްކާވެސް ތާޒާ ކަރުނަތަކުން
އޭނަގެ ދެލޯ ފުސްވެގެން ދިޔައެވެ. އޭނައަށް ގިސްލެވެން ފެށި ވަގުތު އޭނަ ދެއަތް
އުފުލާލީ އޭނަގެ ހިތުގެ ހުރިހާ ޝަކުވާއެއް ﷲ ގެ ޙަޟްރަތުގައި ބަންޑުން
ކޮށްލުމަށެވެ. އެހެނަސް އެ ދެއަތަށް ބަލަން އިނދެ ރުއިން ނޫންކަމެއް ޝިޔާއަކަށް
ނުކުރެވުނެވެ. އެ ހުރިހާ ޝަކުވާއެއްވީ ހަމައެކަނި އޭނަގެ ހިތުގެ ތެރޭގައި
ކަމަށްވިޔަސް ހުރިހާ ހިތެއްގެ ވެރި ރަސްކަލާނގެ އެ ޝަކުވާތައް ދެނެވޮޑިގެންވާ
ކަމުގެ ޚިޔާލުން އެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ކޮންމެއަކަސް އޭނަގެ މޭގައި
އުފެދިފައިވި ރިހުން އޭނަގެ ޚިޔާލުތައް މީގެ 2 އަހަރު ކުރިއަށް ގެންދިޔައެވެ.
އޭނަގެ ހަނދާނަށް އައީ މީގެ 2 އަހަރު ކުރިން މާލޭގައި އޮތް
ޔޫތް ޑެވެލޮޕްމެންޓް ޕްރޮގްރާމެވެ. ފުރަތަމަ ނަޒަރުން ވެސް އޭނަގެ ނަން ކިޔާލި އެ
ފިރިހެން ކުއްޖާ އޭނަގެ ސަމާލުކަން ހޯދިއެވެ. އެހެންކަމުން އެއީ އޭނަ ބަލަމުން
ދިޔަ ފިލްމުތަކުން ފެންނަހެން އޭނަގެ ޙަޔާތަށް އައި ޚާއްސަ ފިރިހެން ކުއްޖާހެން
އޭނައަށް ހީވިއެވެ. އައިމަންގެ މިޒާޖު އޭނައާއި ދާދި އެއްގޮތް ވުމުން އޭނައަށް
އެކަން އިތުރަށް ޔަޤީން ކުރެވުނެވެ. އައިމަން އޭނަގެ ނަންބަރު ދޭން ބުނުމުން
ޖެހިލުންވުމަކާއެކީ ވެސް އެ ނަންބަރު ދެވުނީ އެ ޚާއްޞަ ކުއްޖާ ގެއްލިއްޖެނަމަ
އޭނައަށް ދެން ލޯބި ނުލިބިދާނެހެން ހީވީތީވެއެވެ. އޭނަ އައިމަނާއި ގުޅުން ބަދަހި
ކުރަމުން ދިޔައީ މަންމަމެންނަށް ސިއްރުންނެވެ. މަންމަމެނަށް އެނގިއްޖެނަމަ އެކަން
މަނާކުރާނެކަން ޔަޤީންވީތީވެއެވެ. ފޯނަށް ލާރި އެޅުމަށްޓަކައި އޭނަ މި ހުރިހާ
ދުވަހު ބަލާ ބޮޑުކުރި މަންމައާއި ބައްޕައަށް ދޮގު ހަދަން ވުމުން ވެސް އޭނަގެ
ހިތަށް އުނދަގޫވިއެވެ. އެހެނަސް ފަހުން ފަހުން އައިސް އޭނަ އެކަން ވެސް އާދައަކަށް
ހަދާލިއެވެ. ޝިޔާގެ އެ ސިއްރުވެރި ދިރިއުޅުން މާގިނަ ދުވަހެއް ވަންދެން ސިއްރެއްގެ
ގޮތުގައި ނުއޮތެވެ. އޭނަގެ އުޅުމަށް އަންނަމުން ދިޔަ ބަދަލުތަކާހެދި އެއްދުވަހު
އޭނަގެ މަންމަ އޭނައަށް އެންގުމެއްނެތި އޭނަގެ ފޯނު ފާސްކޮށްލިއެވެ. ހަމަ އެއާއެކު
މަންމަގެ އަޑު ހަރުވެގެން ދިޔައެވެ.
"މިއީތަ ޝިޔާއަށް އަހަރުމެން ދިން ތަރުބިއްޔަތަކީ؟!
އަހަރުމެންނަށް ފޮރުވައިގެން ފިރިހެން ކުއްޖަކާއެކީ ތި ގުޅުމެއް ހިންގަނީ
އަހަރުމެންނަށް ނޭނގޭނެ ކަމަށް ހީކޮށްތަ؟ އަދި އެއީ ވެސް އައްޑޫ ކުއްޖަކާއެކީ!
އައްޑޫ މީހަކާ އިނދެގެން ދައްތައަށް ވީގޮތް ހަނދާން ނެތިގެންތަ ޝިޔާ ތިއުޅެނީ؟
އެނ؟ މި ފޯނު ދެނެއް ޝިޔާއަކަށް ނުލިބޭނެ! ޝިޔާ ޝިޔާގެ މަންމައާ ދެން ދުވަހަކުވެސް
ވާހަކަ ދައްކަން ބޭނުންވަންޏާ މި ފިރިހެން ކުއްޖަކާ ވާހަކަ ދެކެވޭނެ ހުރިހާ މަގެއް
ބަންދުކޮށްލާ. އެހެންނޫނީ މިއަދަށްފަހު ޝިޔާގެ މަންމަ ނެތްކަމަށް ބަލާ."
އޭނަގެ ކޮޓަރީގައި އޭނައަށް ކުރިމަތިލައިގެން ހުރެ މަންމަ އެ އިންޒާރު ދިނީ
ބޮޑުކޮށްފައިވި ރަތްވެފައިވާ ދެލޮލާއެކީގައެވެ. މަންމަގެ ބަސްތަކުން ޝިޔާ
ދުވަހަކުވެސް ދެރަ ނުވާވަރަށް ދެރަވިއެވެ. އައިމަން ދެކެ ކިތަންމެ ވަރަކަށް
ލޯބިވިޔަސް އޭނަ އޭނަގެ މަންމަދެކެ ވެސް ލޯބިވެއެވެ. ދެމީހުންގެ ތެރެއިން އެކަކު
ޚިޔާރު ކުރަންވުމުން ޝިޔާގެ މޭގައި ރިހުމެއް އުފެދުނެވެ. އޭނައަށް ބޮޑަށް ވިސްނުނީ
މަންމަ ދެއްކި ވާހަކަތަކާ ދޭތެރޭގައެވެ. އޭނަ އައިމަންގެ މައްޗަށް މަންމަ ޚިޔާރު
ކުރީ މަންމަ ބުނިހެން އޭނަގެ ދައްތަ ތަޙައްމަލުކުރި ފަދަ ވޭނީ ޙަޔާތެއްގެ
ޝިކާރައަކަށްވެދާނެ ކަމުގެ ބިރު ހީވީތީވެއެވެ.
ޝިޔާ އައިމަނާއި ގުޅުން ކަނޑާލި ދުވަހުގެ އަނެއްދުވަހު
އޭނަގެ މަންމައާއި ބައްޕަ އޭނަ ގޮވައިގެން ލަންކާއަށް ފުރީ އޭނަ ވީހާވެސް ވަރަކަށް
އައިމަނާއި ދުރުކުރަންކަން ޝިޔާއަށް އެނގުނެވެ. މާލޭގައި ހުރެގެން ވެސް އައިމަނާއި
ވާހަކަ ނުދެއްކުމަށްޓަކައި އެޅި ކޮންމެ ފިޔަވަޅެއް ވެގެން ދިޔައީ ޝިޔާ އޭނަގެ
އަމިއްލަ ނަފްސާއި ކުރި ހަނގުރާމައަކަށެވެ. ބިމުގެ ގޮތުން ވެސް އައިމަނާއި
އިހުނަށްވުރެ ދުރަށްދާންވުމުން ޝިޔާގެ ހިތުގައި އުފެދުނީ ބަޔާންކުރަން ދަތި
ރިހުމެކެވެ.
ކޮންމެއަކަސް އެ ރިހުން މާ ގިނަ ދުވަހަކަށް ދެމިގެނެއް
ނުދެއެވެ. ލަންކާއަށް ގޮސް ޝިޔާ އުޅެން ފެށީ އެކަނިވެރި ޙަޔާތެކެވެ. ސްކޫލަށް ދާން
ފެށިއެއްކަމަކު އޭނަ އެކުވެރިން ވެސް ހޯދާކަށް ނުއުޅުނެވެ. ނަތީޖާއެއްގެ ގޮތުން
ޝިޔާއަކީ ގިނަ ވަގުތު އަމިއްލަ ވިސްނުންތަކުގެ ތެރޭގައި ވަގުތުތައް ހޭދަކުރާ
ކުއްޖަކަށްވިއެވެ. އެ ޚިޔާލުތަކުގެ ތެރޭގައި ކުރީކޮޅު ރަސްކަން ކުރަމުން ދިޔަ
އައިމަންގެ ހަނދާންތަކެވެ. އެހެނަސް އެ ހަނދާންތަކުން ދުރުވާން އޭނައަށް
އެހީވެދިނީ ޚުދު އޭނަގެ ދައްތަގެ ބަސްތަކެވެ. ދައްތަގެ ޙަޔާތުން އޭނައަށް ދަސްވި
އެންމެ ބޮޑު ފިލާވަޅެވެ. އެއީ ހެޔޮ ކަންތައް ކުރަން ދުނިޔޭގައި މާ ގިނަ ވަގުތެއް
ނުލިބޭނެކަމެވެ. އެކަން އެނގުންވުމުން ޝިޔާ ވީހާވެސް ގިނަ ހެޔޮ ކަންތައް ކުރުމުގެ
މަސައްކަތް ފެށީ އޭނަގެ އާޚިރަތް ބާއްޖަވެރި ކުރަން ބޭނުންވީތީވެއެވެ. އޭނަ ޢުމުރުގެ
ގޮތުން ޒުވާން ވިޔަސް ﷲ ގެ ޙަޟްރަތަށް އަނބުރާ ދާ ދުވަސް ނުހަނު ގާތްހެން އޭނައަށް
ހީވާން ފެށީތީވެއެވެ. މީގެ ނަތީޖާއެއްގެ ގޮތުން ޝިޔާއަށް ދީނާއިމެދު އިތުރަށް
އުނގެނެން ވެސް ފެށިއެވެ. އުނގެނެމުން ދިޔަ ވަރަކަށް އޭނަގެ ތަޣައްޔަރުވެފައިވި
ވިސްނުން ވެސް ސާފުވަމުން ދިޔައެވެ. އޭނައަށް ހީވީ އޭނައަށް މި ހުރިހާ ދުވަހު
އޭނަގެ ވަށައިގެންވި ދުނިޔެ ފެންނަމުން ދިޔައީ ފުސްކޮށްހެންނެވެ. އެހެނަސް ﷲ ގެ
ބަސްފުޅު އުނގެނެން ފެށުމުން އޭނައަށް ހުރިހާ ކަމެއް ސާފުކޮށް ފެންނަން ފެށިއެވެ.
ހެވާއި ނުބައިގެ ތަފާތު ދުވާލާއި ރޭގަނޑު ފަދައިން ފެންނަން ފެށިއެވެ. އޭނައަށް މި
އަގުހުރި ހިދާޔަތް ދެއްކެވީ ހަމައެކަނި ﷲ ކަން އެނގުންވާ ހިނދު ﷲ އަށްޓަކައި ވެސް
ޝިޔާގެ ހިތުގައި ލޯތްބެއް އުފެދެމުން ދިޔައެވެ. އެކަލާނގެއާއިމެދު އިތުރަށް
އުނގެނެމުން ދިޔަ ވަރަކަށް އެ ލޯބި ފުންވަމުން ގޮސް އޭނަގެ މުޅި ހިތް އެ ލޯބިން
ފުރިގެން ދިޔައެވެ. އެއަށްފަހު އޭނަ ޙަޔާތުގައި އަޅާ ކޮންމެ ފިޔަވަޅެއް އަޅަން
ބޭނުންވީ އެންމެ މަޤްޞަދަކަށްޓަކައެވެ. ﷲ އަށްޓަކައެވެ.
Comments
Post a Comment