Asr (part 31)
"ހެހެހެ.........މަ ހާދަ ތަޅުވާ
ހިތްވެޔޭ އޭނަ. ކުރީދުވަހު އަހަރެން ގުޅާފަ ބުނިން އަނެއްކާވެސް އަނބިދަށުވެގެންހޭ
ތިއުޅެނީ. މިފަހަރު މުޅިން ވެސް އަނބީގެ ބަހަށް ހެއްލުނީހޭ. ތިހެން އުޅެންޏާ މަ
އަނެއްކާވެސް އަނބި ޖަހައިގަންނާނަމޭ. ހެހެހެހެހެ........މަށަށް ހަމަ ޔަޤީން އޭނަ
މިހާރު އަލްބަމެއް ހަދަން ފަށާފާނެކަން. ރަނގަޅަށްވިއްޔާ މިހާރުއްސުރެ
އަންހެނުންނާ މައްސަލަޖެހިފަ އޮންނާނީ. ވީހާވެސް ރަނގަޅީ އޭނަ އެގޮތަށް
އުޅުނިއްޔާ. އަލްބަމެއް ނެރޭއިރަށް އޭނަ ދުވަހަކުވެސް އަޑިއަށް ނުފޮނުވޭވަރަށް ފޮނުވޭނީ
އޭނަ މިހާރުއްސުރެ އެ ހާސްކަމުގަ އުޅެންޏާ. މިހާރު ވެސް އޭނަގެ ލަވަތަށް އެބަ އުޅޭ
ދުނިޔޭގެ ޗާޓުގަ. މަ ބޭނުމީ އޭނަގެ ސޫރަ ޓީވީއިން ވެސް ނުދެއްކޭނެ ވަރަށް އޭނަ
ބަދުނާމު ކުރަން!" އަޒާންގެ ކަނާތް ފަރާތުން ފަސް ފިޔަވަޅު ދުރުގައި
ހުއްޓިހުރި އެ ބިޔަ ފިރިހެން މީހާގެ ވާހަކަ ނިމުނީ ރުޅިވެރި އަޑަކުންނެވެ. އެ މީހާ
އެ ދެއްކީ ކާކުގެ ވާހަކަކަން ނަގައިގަނެވުނު ވަގުތު އަޒާންގެ ހިތުގައި
ބިރުވެރިކަމުގެ ރާޅުބާންޏެއް ނެގިއެވެ. އެ މީހަކު އިތުރަށް ވާހަކަ
ދެއްކިއެއްކަމަކު އަޒާނަށް އެއަށް ސަމާލުކަމެއްދެވޭ ގޮތެއް ނުވިއެވެ. ތިއްތިބެއާއި
މެދު ވިސްނެން ފެށުމާއެކު އޭނައަށް ކައިރިން ފެންނަމުން މި ދިޔަ ސޫރައަކީ އޭނައަށް
އާ ސޫރައެއް ނޫންހެން އޭނައަށް ހީވިއެވެ. އެ އަލިކޮށް ހުރި ބިޔަ މޫނާއި ތުނިކޮށް
ކޮށާލެވިފައިވާ ބުޅި އިސްތަށިގަނޑު އޭނައަށް ފެނުނީ އަލަށް ނޫންހެން އަޒާނަށް ހީވީ
ކީއްވެކަމެއް ނޭނގެއެވެ. އެ ސޫރަ އޭނައަށް ފެނުނީ ކޮންތަނަކުންކަން ނަގައިގަންނަން
އަޒާނަށް ހިނދުކޮޅެއް ނެގިއެވެ. އެހެނަސް ދެންވެސް އެމީހެއްގެ ނަން
ހަނދާނަކަށްނައެވެ. އަޒާން ވިސްނުމެއްގެ ތެރޭގައި އެމީހާއަށް ބަލަން ހުއްޓާ އެމީހާ
ފޯނު ކަންފަތުން ވަކި ކޮށްލަމުން އަޒާނާއިވީ ފަރާތަށް އެނބުރިލުމާއެކު އޭނައަށް
ސިހުމަކާއެކީ އިސްޖަހާލެވުނެވެ. އެ މީހާ ފޯނާއި ކުޅެމުން އަޒާންގެ ފުރަގަހުން ގޮސް
އޭނައަށް ފަސްދިނުމުން ވެސް އަޒާނަށް ދެންވެސް އެއްފަހަރު އޭނައަށް ބަލާލެވުނެވެ.
އެމީހާ ފިހާރައިން ނިކުމެގެން ދިޔަތަން ބަލަން ހުރެފައި އަޒާން އައިމަން ހޯދަން
އަވަސްވެގަތެވެ.
"އައްމު!" މިނެޓްތަކެއްގެ ހޯދުމަށްފަހު އަޒާނަށް
އައިމަން ފެނުނީ ހަރުގަނޑެއްގެ ކައިރީގައި ކަކޫމައްޗަށް ތިރިވެ އިންދައެވެ. ދެންމެ
އިވުނު ވާހަކައިންނާއި ބާރަށް ހިނގުމުގެ ސަބަބުން އޭނަގެ އަޑުގައި
ހާސްކަމެއްވިއެވެ.
"ޔަޕް!" އައިމަން އެތާހުރި ޔޯގަޓް ތަށްޓެއް
ނަގައި އޭގެ ބޭރު ބަލަމުން ޖަވާބު ދިނެވެ. އޭނައަށް އަޒާންގެ އަޑުގައި
ތަފާތެއްވިކަން ފާހަގަ ނުވާ ފަދައެވެ.
"އައްމު....ދެންމެ.....މީ، ތި...ތިއްތިބޭގެ ވައިފް
ފިލްމެއް ކުޅުނެއްނުދޯ؟" އަޒާން އޭނަގެ އަޑު ހަމައަކަށް އެޅޭތޯ ބަލަމުން ވާހަކަ
ދެއްކިއެވެ. އޭނަ މި ޚަބަރުގެ އަސްލު އެނގުމެއްނެތި އައިމަން ހާސްކުރުވާކަށް
ބޭނުމެއްނުވިއެވެ.
"އާނ.......ދީވާނާ ހިތް މަގޭ. ފޫހި ފިލްމުގަނޑެއް
ހުވާ!" އައިމަން މެހެނާޒަށް އަންނަ ރުޅިއެއްގެ ސަބަބުން ބުނެލިއެވެ.
"މީ.....އެ ފިލްމް ކުޅުނު ފިރިހެން މީހާއަށް ކިޔަނީ
ކީކޭ؟" އަޒާން ނޫންކަމަށް ހަދާފައި ސުވާލުކުރީ އޭނަ ނެތް ހަނދާނެއް އައިމަން
ހުންނާނެއޭ ހިތާއެވެ. އޭނައަށް ވުރެ ބޮޑަށް އައިމަނަށް ފިލްމީ ދާއިރާގެ މަޢުލޫމާތު
އެނގޭތީވެއެވެ. އަޒާންގެ އެ ސުވާލުން އައިމަން ނުރުހުންވެފައި ކަހަލަ ގޮތަކަށް
އަތުގައި ހުރި ޔޯގަޓް ތަށި ހަރުގަނޑުގައި ބެހެއްޓިއެވެ. އެއަށްފަހު އެ
ނުރުހުންތެރިކަމާއެކީ ކޮޅަށް ތެދުވިއެވެ.
"މާޒިންއެކޯ އޭނައަށް ކިޔަނީ! ޒާން އޭނަގެ
ފޭނަކަށްވުމުގެ ކުރިން އޭނައާއި ބެހޭގޮތުން ވާހަކަތަކެއް ބުނެލަން ބޭނުން. އެ
މާޒިންއަކީ ތިއްތިބޭގެ ވައިފްއާ އެއްކޮށް ތިއްތިބެއަށް ޗީޓްކުރި މީހެއް. ދޭއި ބޯތް
ހާޓް ހިމް އަ ލޮޓް! އަހަންނަށް ވެސް މި ހުރިހާ ވާހަކަތައް ސާފުވީ އެ މެހެނާޒްގެ މަރުގެ
ސިއްރު އެނގޭތޯ ބަލަންވެގެން ސާޗްކޮށް ނޫސްތައް ކިޔަން ފެށީމަ. ދޭއި އާރ ޖަސްޓް
ޑިސްގަސްޓިންގް!" އައިމަން އެހެން ބުނެ އާދައިގެ މަތިން ރުޅިވެރިކަމާއެކީ
ނުބައި ބަސްތަކެއް ކިޔާލިއެވެ. އަޒާނަށް އައިމަންގެ ރަތްވެފައިވާ މޫނަށް ބަލަން
ހުރެވުނީ ދެބުމަ ކައިރި ކޮށްގެންނެވެ. ދެންމެ އޭނައަށް މި ފެނުނީ އައިމަން އެ
ސިފަކުރި ނުބައި ޝަޚުޞިއްޔަތުކަން އޭނައަށް އެވަގުތު ޔަޤީން ކުރެވުނެވެ. މާޒިން
އުޅެނީ އަނެއްކާވެސް ތިއްތިބެއަށް ކެއްސެއްދޭންކަން އެނގުންވުމުން އަޒާންގެ ހިތް
ނުތަނަވަސްވިއެވެ. އޭނަ ވީހާވެސް އަވަހަކަށް މި ޚަބަރު ތިއްތިބެއަށް
ގެންގޮސްދޭންވީ ކަމަށް އޭނަގެ ސިކުނޑި ބުނެލައިފިއެވެ.
އަޒާނަކީ އެކަނި ދަތުރުކުރަން އާދަވެފައި ހުރި ކުއްޖަކަށް
ނުވިޔަސް އޭގެ އަނެއްދުވަހުގެ ހެނދުނު ހެނދުނާ ހޭލައިގެން އޭނަ ޑްރައިވަރާއިއެކީ
ފޭދުއަށްދާން ދަތުރުފެށިއެވެ. މިއީ އައިމަންގެ އާދައެއް ކަމަށްވިޔަސް މި ނޫނީ
އަޒާން ދުވަހަކުވެސް ގޭގެ އެކަކަށްވެސް އެންގުމެއްނެތި ގެއިން ނިކުމެގެން ގޮސްފައި
ނުވެއެވެ. ދުވަހަކީ ހުކުރު ދުވަހަށްވެފައި އެ ގަޑީގައި ގޭގެ އެންމެން ތިބީ ގަދަ
ނިދީގައެވެ. އޭނަ އަނބުރާ ގެއަށް އަންނައިރު ވެސް މަންމައާއި ބައްޕައާއި އައިމަން
ހޭލާނެހެނެއް އޭނައަށް ހިއެއްނުވެއެވެ. އެމީހުންނަށް އޭނައަށް އިވުނު ވާހަކަތައް
ނާންގަން އަޒާން ނިންމީ ތިއްތިބެއާއި ބެހޭގޮތުން ގޭގެ ތެރޭގައި ވާހަކައެއް
ދެކެވިއްޖެނަމަ ގޭގެ ހިމޭންކަން ނެތިދާނެކަން ޔަޤީން ކުރެވޭތީވެއެވެ. އައިމަން
ކައިރި ބުނެފިނަމަ އޭނަ މަންމައާއި ބައްޕައާއި ޙިއްޞާކުރާނެކަން އަޒާނަށް
އެނގެއެވެ. އެ ވާހަކަތައް އިވިފައި މަންމައާއި ބައްޕަ ވަކި ތިއްތިބެއަށް
އެހީވާކަށް ނޫޅޭނެކަން ވެސް އަޒާނަށް އެނގެއެވެ. ތިއްތިބެ ގެއިން ނިކުމެގެން ދިޔަ
ދުވަހު އެމީހުންގެ ބޮލުގައި ވެސް އެޅުވި އިލްޒާމްގެ ސަބަބުން އެ ދެމީހުންވެސް
ތިބެނީ ތިއްތިބެއަށް ހިސާބަކަށް ނުރުހުންވެފައެވެ. ވަކިން ޚާއްޞަކޮށް ބައްޕައެވެ.
އެހެނަސް އެއީ އެކަން ވާންޖެހޭ ގޮތެއް ނޫނެއްނޫން ހެއްޔެވެ؟ ހަމައެކަނި
އެއްވަގުތުކޮޅެއްގައި ޖަޒުބާތުގައި ޖެހުމުގެ ސަބަބުން ބުނެވޭ ބަސްތައް ގުޅުން
ކަނޑާލަންޖެހޭ ސަބަބަކަށްވެގެން ނުވާނެ ނޫންހެއްޔެވެ؟ މަންމައާއި ބައްޕައަށް
އެކަން ވިސްނޭނެ ނަމައެވެ. ކޮންމެއަކަސް އަޒާން އޭނައަށް ވެވުނު ވަރަކުން ގުޅުން
ދަމަހައްޓަން ނިންމިއެވެ. އޭނައަކީ މީހުންނާއި ވާހަކަ ދައްކައި އެކުވެރިވާން އެހާ
މޮޅު މީހަކަށް ނުވިޔަސްމެއެވެ.
ވިސާމްގެ ތަނަވަސް ގޭގެ ދޮރު ކައިރީގައި މަޑުކޮށްލި ވަގުތު
އޭނަގެ ދެއަތް ފިނިވެ ހިތުގެ ތެޅުން އަވަސްވިއެވެ. މިވަގުތު އެގޭގައި ތިއްތިބޭގެ
އިތުރުން ތިއްތިބޭގެ އަންހެނުން ވެސް އުޅޭނެކަން ހަނދާންވި ވަގުތު އޭނަ އިތުރަށް
ނުތަނަވަސްވިއެވެ. ދުވަހުގެ އެ ވަގުތު ގޭގެ ބެލް ޖަހާލުމުން އެމީހުންނަށް
އުނދަގޫވެދާނެއޭ ހިތައި އަޒާން އަނބުރާ ދާންވެސް އުޅުނެވެ. އެހެނަސް މާޒިންގެ
ރުޅިވެރި އަޑު ހަނދާނަށް އައުމުން އަޒާން ހިތްވަރުކޮށްފައި ތުރުތުރު އަޅަމުން ދިޔަ
އަތުން ގޭގެ ބެލް ޖަހާލިއެވެ. މާ ގިނައިރެއްނުވެ ގޭގެ ދޮރު ހުޅުވުނެވެ.
"ކޮން ކުއްޖެއް؟" ދޮރު މަތީގައި ހުރި ޝަފަޤް
ހުރީ ހިނިތުންވެގެނެއްކަމަކު އޭނަގެ ނިތަށް ރޫގިނަވިއެވެ.
"ޒަން...ނާން.....އަ....އަޒް.....އަޒާން!
އަޒާން." ދުވަހަކުވެސް ނުފެންނަ މީހަކު އޭނައާއި މުޚާތަބު ކުރުމުން އާދައިގެ
މަތިން އަޒާންގެ އަނގަ އޮޅޭ ގޮތްވިއެވެ. އެވަގުތު އޭނަގެ ހިތް މޭތެރޭގައި އޮވެ
ބާރަށް ތެޅެމުން ދިޔައެވެ.
"އަޒާން......އަޒާން ޚާލިދު، ދޯ؟" ޝަފަޤް
މަންމަގެ ވާހަކަތައް ހަނދާން ކޮށްލަމުން އޭނަގެ ކުރިމަތީގައި ހުރީ ކޮން
ކުއްޖެއްކަން ދެނެގެންފިއެވެ. އަޒާން އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް
ފަތުރާލަމުން ބޯޖަހާލިއެވެ.
"ހެހެ.....އަވަހަށް ވަދޭ.....މިޝީ ދޫނި ބަލާބަލަ
މިހިރީ ކޮން ބޭބެއެއް؟" ޝަފަޤް އެ ދޮރު ބޮޑުކޮށް ހުޅުވައި އަޒާނަށް
ތަންދައްކަމުން ސިޓިންގް ރޫމުގެ ސޯފާގައި އިން މިޝްކާއަށް ގޮވާލިއެވެ. މިޝްކާ
ސޯފާއިން ތެދުވުމެއްނެތި ދޮރާއި ދިމާލަށް ބަލާލި ވަގުތު އަޒާން ވަދެފިއެވެ. މިޝްކާ
އަޒާން ފެނިފައި ދެބުމަ ކައިރި ކޮށްލަމުން ތިރީ ތުންފަތް ފުރޮޅާލިއެވެ.
"ހެހެހެ........މިޝީއަށް ނޭނގޭނެ ޒާންބެ. އެހާ
ކުޑައިރުވިއްޔާ ފެނުނީ. އެކަމަކު މިއީވެސް ބޭބެއެއް އިނގޭ. ހާދަ ބޮޑުވެއްޖެޔޭ
ކޮއްކޮ....." އަޒާން ގޮސް މިޝްކާގެ ކައިރިއަށް ކަކޫމައްޗަށް ތިރިވެ މިޝްކާގެ
ބޮލުގައި ފިރުމާލިއެވެ. ޝަފަޤްގެ ފަރާތުން ފެނުނު އެކުވެރިކަމާއި އެތައް
ދުވަހެއްފަހުން މިޝްކާ ފެނުމުން އޭނަގެ ހިތުގައިވި ނުތަނަވަސްކަން ފިލައިދިޔައެވެ.
"އުނހު! ކޮއްކޮ ބޭބެ ކިޔަން ބައްޕިގެ ފްރެންޑަކަށް.
ތި ބޭބެއަށް ކިޔާނީ ޒޯންބެ." މިޝްކާ ސީރިއަސްކަމާއެކީ އަޒާން ބުނި ނަން
ހަނދާންކޮށްފައި އެހެން ބުނެލުމާއެކު އަޒާނަށާއި ޝަފަޤަށް އެކީގައި ހެވުނެވެ.
"އަޒާން ސައިބޮއިގެންތަ ތިއައީ؟" ހުނުމުގެ ތެރެއިން
އެހެން އަހާލަމުން ޝަފަޤް ހުނުން ހުއްޓާލިއެވެ.
"ސައި ބޭނުމެއްނޫން. ތިއްތިބެ ކޮބައިތަ؟" އޭނަ
އައި މަޤްޞަދު ހަނދާންވެފައި އަޒާން ކޮޅަށް ތެދުވިއެވެ. ތިއްތިބެއަކީ ކާކުކަން
ނަގައިގަންނަން ޝަފަޤަށް ހިނދުކޮޅެއް ނެގިއެވެ.
"ތިއްތިބެ ގޭގަ ނެތް. ޖޮގިންގްއަށް ގޮއްސަ
ހުރީ." ޝަފަޤް ސީރިއަސް މޫނަކާއެކީ ބުނެލިއެވެ. ވިސާމާއި އޭނައާއި ދެމެދު
އަދިވެސް މާ ބޮޑު ވާހަކައެއް ނުދެކެވޭތީ އޭނަ ހުރީ ހިތްދަތިވެފައެވެ. ހަމަ އެ
ހިނދުކޮޅުގެ ތެރޭގައި ވެސް ވިސާމާއެކީ ހޭދަކުރި ހުރިހާ އުފާވެރި ވަގުތުކޮޅެއް
އޭނަގެ ލޯކުރިމަތިން ސިފަވެގެން ދިޔައެވެ. ވިސާމްގެ އެ ގާތްކަން އޭނައަށް ދެން
އިޙްޞާޞެއް ނުކުރެވޭނީތޯ ހިތް ސުވާލުކުރި ވަގުތު އޭނަގެ މެއަށް ނުބައި
ގޮތެއްވިއެވެ.
"އޮހް......." ޝަފަޤްގެ ހިތް ދެރަވީ ވަގުތު
އޭނަގެ ޖަވާބުން އަޒާންގެ ހިތް ވެސް ގެނބުނެވެ.
"ކީއްވެ ތިއްތިބެ ހޯދަން ތިއައީ؟" އަޒާންގެ
މޫނުމަތީގެ ކުލަވަރު ފެނިފައި އޭނަ ބުނަން އައީ މުހިއްމު ވާހަކައެއްހެން ޝަފަޤަށް
ހީވިއެވެ. އަޒާނަށް އިރުކޮޅެއް ވަންދެން ޝަފަޤަށް ބަލަން ހުރެވުނެވެ. މި ވަގުތަށް
ދާންވީއޭ ހިތަށްއެރިއެވެ. އެހެނަސް މި ވާހަކަ ތިއްތިބެއަށް ފޯރުމެއްނެތި ގިނައިރު
ވާ މިންވަރަކަށް ތިއްތިބެ ގާތްވަމުން އެދަނީ ފުން މިން ނޭނގޭ އަނދަވަޅަކާއެވެ. އެ
ޚިޔާލު ސިކުނޑިއަށް ވެރިވުމުން އަޒާނަށް ވަގުތުން ވާހަކަ ދެކެވުނެވެ.
"އަޅުގަނޑު....ތިއްތިބޭ ދައްތައާ ވަކިން ވާހަކަ
ދައްކަން ބޭނުން." އަޒާން އެވަގުތުން އެވަގުތަށް ނަމެއް ހަދާލަމުން ވެސް އެހެން
ބުނެލީ ސީރިއަސްކަމާއެކީގައެވެ. ޝަފަޤް ބޭއިޚްތިޔާރުގައި ހިނިތުންވެލުމަށްފަހު
ވަގުތުން މިޝްކާ ހައްލަން ފެށިއެވެ. މާ ގިނައިރެއްނުވެ އެއްޗެއް ކުރެހުމުގެ
ބަހަނާގައި މިޝްކާ ދުވެފައި ގޮސް އޭނަގެ ކޮޓަރިއަށް ވަނެވެ. މިޝްކާ ލޯމައްޗަށް
ގެއްލުމުން އަޒާން ސޯފާގައި އިށީނުމަށް ޝަފަޤް ޢިޝާރާތް ކުރިއެވެ. އަޒާން ދިގު
ސޯފާގައި އިށީން ވަގުތު ޝަފަޤް އެތާ ވަކިން ހުރި ސޯފާގައި އިށީނެވެ. އެތާ
ކުރިމަތީގައި ހުރި ބިއްލޫރި މޭޒުމަތީގައި އޮތް މުޞްޙަފު އަޒާންގެ ލޮލުގައި އެޅީ އެ
ވަގުތެވެ. ހަމަ އެއާއެކު އޭނަގެ މެއަށް ގޮތެއްވިއެވެ. އޭނަ ވިސްނުމެއްގެ ތެރެއަށް
ގެއްލެން އުޅުނު ވަގުތު ޝަފަޤް ކީކޭތޯ އަހާލިއެވެ. އެއާއެކު އަޒާން ހަމައަކަށް
އެޅުމުން އިއްޔެ ފިހާރައިގެ ތެރެއިން އަޑުއިވުނު ވާހަކަތައް އޭނަ ޝަފަޤާއި ޙިއްސާ
ކުރިއެވެ. މާޒިންގެ ނަން އިވުނީއްސުރެ ޝަފަޤްގެ މޫނުމައްޗަށް ކަންބޮޑުވުން ވެރިވަމުން
ދިޔައެވެ. އަޒާން ހުރިހާ ވާހަކައެއް ކިޔައިދީ ނިމުމުންވެސް އޭނައަށް އެއްވެސް
އެއްޗެކޭ ނުބުނެ އިނދެވުނީ ލިބުނު ޝޮކެއްގެ ބޮޑުކަމުންނެވެ.
"މި ވާހަކަތައް ވީހާވެސް އަވަހަކަށް ތިއްތިބެއަށް
ކިޔައިދިނުން އެދެން. ހިއެއްނުވޭ މާޒިންގެ ރޭވުން ކުޑަ ރޭވުމަކަށް ވާނެހެންނެއް.
ތިއްތިބެ އާ އަލްބަމެއް ހަދަން ފަށައިފިތަ؟" އަޒާން އަހާލިއެވެ.
"ފެށި. އެކަމަކު މިހާރު އެކަން ހުއްޓައިފިހެން
ދައްތައަށް ހީވަނީ." ޝަފަޤް އެރޭ އޭނައާއި ވިސާމްގެ ދެމެދުގައި އުފެދުނު
ޒުވާބު ނިމުނުގޮތް ހަނދާނަށް ގެންނަމުން ބުނެލިއެވެ. އެހެނަސް ވިސާމްގެ އެ
ބަސްތަކުގައި ބުރަދަނެއް ވާހެން ޝަފަޤަށް ހިއެއްނުވެއެވެ. އެއީ ވިސާމް އެރޭ އިން
ކޮޓަރި އަދިވެސް ހުރި ގޮތަށް އެބަހުއްޓެވެ.
"ހުއްޓިތޯ ޔަޤީންކޮށްދޭތި. ޕްލީޒް ޑޫ ސޭވް ހިމް ދިސް
ޓައިމް." އަޒާން އާދޭހުގެ ރާގަކަށް އެހެން ބުނެލަމުން ކޮޅަށް ތެދުވިއެވެ.
ޝަފަޤް ބޯޖަހާލަމުން ވައި އަޑުން އިން ޝާ ﷲ އޭ ބުނެލިއެވެ. ޝަފަޤް ބުނި އެއްޗެއް
ނަގައިގަނެވުނު ވަގުތު އަޒާންގެ ނިތަށް ރޫގިނަވިއެވެ. އޭނައަށް އަނެއްކާވެސް
ބަލާލެވުނީ ކުރިމަތީގައި އޮތް މުޞްޙަފަށެވެ.
"ސުވާލެއްކޮށްލަންތަ؟" އަޒާން އަހާލިއެވެ.
ޝަފަޤް އަޒާނަށް ބަލާލަމުން ހޫންލައްވާލިއެވެ.
"މިގޭގަ ޤުރުއާން ކިޔަވަނީ ކޮން ބައެއް؟" އަޒާން
ކޮށްލި ސުވާލުން ޝަފަޤްގެ މޫނުމައްޗަށް ޙައިރާންކަން ވެރިވިއެވެ.
"ދައްތައާއި މިޝްކާ. ތިއްތިބޭ ބައެއްފަހަރު އަޑު
އަހައިގެން ހުރޭ ދައްތަ ކިޔަވާއިރު." ޝަފަޤް ވިސާމްގެ ވާހަކަ އިތުރު ކޮށްލީ
އަޒާން އަޑުއަހަން ބޭނުންވާނީ އޭނަގެ ވާހަކައޭ ހިތާއެވެ.
"ލެޓް މީ ގެސް. ދައްތަ ލަވަ އަޑު ނާހަންދޯ؟ އެހެންވެ
ތިއްތިބެ ލަވަ ކިޔުން ހުއްޓާލީ؟" އަޒާން އެއްޗެއް އޮޅުން ފިލުވަން އުޅޭ
ފަދައަކުން އަހަމުން ދިޔައެވެ. ޝަފަޤް ފުން ނޭވައެއް ދޫކޮށްލިއެވެ.
"އާނ ދައްތަ ލަވަ އަޑު ނާހަން. އަޑު އަހާ
ހިތެއްނުވެސްވޭ. އަބަދުވެސް އަޑުއަހާ ހިތްވަނީ ޤުރުއާން. ޙަޤީޤީ ދުނިޔެއަކީ ނުވާ
އެއްޗެއްކަން ސާބިތުކޮށްދޭން މަސައްކަތް ކުރާ އެއްޗަކަށްވުރެ ޙަޤީޤީ ދުނިޔެއާއި
ކުރިމަތިލާން ހިތަށް ސާބިތުކަން ދޭ އެއްޗެއް ދައްތަ ޚިޔާރު ކުރަނީ." ޝަފަޤް
އެހެން ބުނެލަމުން މޫނުމައްޗަށް ހިނިތުންވުމެއް ފަތުރާލީ އަޒާން އޭނަގެ ވާހަކައާއި
ދެކޮޅު ހަދާނެއޭ ހިތާއެވެ. އެހެނަސް އޭނަ ހީކުރި ގޮތާއި ޚިލާފަށް އަޒާން ވެސް ލުއި
ހިނިތުންވުމަކާއެކީ ބޯޖަހާލި ގޮތުން އޭނަގެ ހިތުގައި އަޒާނަށްޓަކައި ކުލުނެއް
އުފެދުނެވެ. އަޒާން އެގެއިން ނިކުމެގެން ދިޔަތަން ބަލަން ޝަފަޤަށް އިނދެވުނީ
އަޒާނަށް ހިދާޔަތް އިތުރުކޮށްދެއްވުމަށްއެދި ދުޢާކުރާ ޙާލުގައެވެ.
އަޒާން ދިޔަތާ މާ ގިނައިރެއްނުވެ ދާހިއްލާ ފޯވެފައި ހުރި
ވިސާމް ގެއަށް ވަތް މަންޒަރު ފެނިފައި ޝަފަޤްގެ ހަނދާނަށް ވަގުތުން އައީ އަޒާން
ދެއްކި ވާހަކަތަކެވެ. ވިސާމަށް ގޭގެ ތެރެއަށް ނުވެސް ވަދެވެނީސް ޝަފަޤް އޭނަގެ
ކައިރިއަށް ދާން ދިގު ފިޔަވަޅުތަކެއްގައި ދިޔައެވެ. އޭނަ ވިސާމްގެ ކުރިމައްޗަށް
ގޮސް ހުއްޓުނުތަނާހެން ވިސާމް ކުއްލިއަކަށް އޭނަގެ އަތަށް ދަމައި ގެނެސް ބައްދާލި
ގޮތުން ޝަފަޤްގެ ހިތް އަވަސްވިއެވެ.
"އޯންވް......ލޯބި އަހަރެން އެހާ ކުޑަ ވަގުތުކޮޅަކަށް
ދިޔައިމަވެސް މިސްވީތަ؟" ވިސާމް ޝަފަޤްގެ ގައިގައި ބައްދައިގެން ހުރެ
ދެފަރާތަށް މަޑުމަޑުން ހެލުވެން ފެށީ ދެ ލޯބިވެރިން ނަށަން އުޅޭ ފަދައަކުންނެވެ.
އެވަގުތު އޭނަގެ މޭމަތީގައި ބޯއަޅައިގެން އޮތް ޝަފަޤް ހުރީ ވިސާމަށް މިއައި ކުއްލި
ބަދަލާއިމެދު އަންތަރީސްވެފައެވެ.
"ހަގީއެއް ދިނީމަ ލަދުންތަ އެއްޗެކޭ ނުބުނީ؟
ހިއެއްނުކުރަން ތިއީ ތިހާ ލަދުގަންނަ ކުއްޖެއްކަމަށް. ލޯބި ހަނދާން ނެތުނީތަ
އެރޭގެ މަތިން؟" ވިސާމް ޝަފަޤާއި ދުރުވެލަމުން އެހެން ބުނެ އެއްލޯ
މަރާލިއެވެ. ޝަފަޤް އެވަގުތު ޙައިރާންކަމުން ފުރިބާރުވަމުން ދިޔައެއްކަމަކު ވިސާމް
ބުނެލި ވާހަކައިން އޭނަގެ މުޅި މޫނު ރަތްވިއެވެ. އޭނައަށް މޫނުގައި އަތް
އަޅާލަމުން ވިސާމަށް ފަސްދީފައި ދާން ހިނގައިގަނެވުނެވެ. އެހެނަސް މާ ދުރަކަށް
ނުދެވެނީސް ވިސާމް އޭނަގެ އަތުގައި ހިފަހައްޓާލަމުން އޭނަގެ ނަމުން ގޮވާލިއެވެ.
"ޝަފޫ ޑާރލިންގް މަޑުކޮށްލަބަލަ އިހަށް." ވިސާމް
ދެންވެސް ސަމާސާ ރާގަކަށް އެހެން ބުނެލަމުން ލަސް ފިޔަވަޅުތަކެއް އަޅާލަމުން
ޝަފަޤާއި ގާތްވެލިއެވެ. ވިސާމްގެ ޙަރަކާތްތަކުގެ އަސްލު ނޭނގޭ ކަމަށްޓަކައި އޭނަ
ހިސާބަކަށް ބިރުގަންނަ ގޮތްވެސްވިއެވެ. އެހެނަސް ދެން ވިސާމް ވާހަކަ ދެއްކި ރާގުން
އޭނަގެ ހިތް ވިރިގެން ދާން ފެށިއެވެ.
"ޝަފަޤް، އަހަންނަށް އިނގޭ ޝަފަޤް ތިހިރީ މިހާރު
ވަރަށް ދެރަވެފަކަން އަހަރެން އެގޮތަށް ވާހަކަ ދެއްކީމަ. އެކަމަކު އަސްލު ޝަފަޤްގެ
އެއްވެސް ކުށެއްނެތް. އަހަންނަށް މާ ބޮޑަށް ރުޅިގަދަ ކުރެވުނީ އެރޭ. ޝަފަޤްއަށް
ވެވެންޏާ އަހަންނަށް މަޢާފުކޮށްދޭތި. އަހަރެން ޝަފަޤްއާ ދުރުގަ ނުއުޅޭނަން ދެނެއް.
މިޝްކާގެ ހާޒިރީގައި ވެސް އަދި ޣައިރު ހާޒިރީގައި ވެސް. އެއީ އެދެވަގުތު ވެސް
އަހަރުމެންގެ ގުޅުން ރަނގަޅު ނުވާހާ ހިނދަކު އަހަރުމެންނަށް އެންމެ ފުރިހަމަ
ގޮތުގަ ޢާއިލާއެއް ބިނާ ނުކުރެވޭނެތީ. އެހެންވީމަ އަހަރެން ބޭނުންވޭ އާ ފެށުމަކުން
ފަށަން، ޝަފަޤް. އަހަންނަށް އެ ފުރުޞަތު ދީ." ވިސާމް އާދޭހުގެ ނަޒަރަކުން
ޝަފަޤަށް ބަލަން ހުރެ ބުނެލިއެވެ. ޝަފަޤަށް ވިސާމަށް ބަލަން ހުރުން ނޫންކަމެއް
ނުކުރެވުނެވެ. އޭނަ ބަލަބަލާހުއްޓާ ވިސާމް އޭނަގެ ސޯޓުގެ ޖީބުން ތަޅުދަނޑި
ފައްޗެއް ނެގިއެވެ. އެއަށްފަހު އޭގެ ތެރެއިން ތަޅުދަނޑިއެއް ވަކި ކޮށްލަމުން ސީދާ
އޭނަގެ ކައިރީގައި ހުރި އޭނަ ޅެން ލިޔާ ކޮޓަރީގެ ދޮރު ލައްޕާލިއެވެ. އަދި އެ ދޮރު
ތަޅުލުމަށްފަހު އެ ތަޅުދަނޑި ފަތި ޝަފަޤްގެ އަތަށް ލައިދިނެވެ.
"އަހަންނަށް
ކުރާ އިތުބާރު ގެއްލޭ ކޮންމެ ފަހަރަކު މިއަށް ބަލާލާތި. މީތި ދެން އޮންނާނީ
ޝަފަޤްގެ އަތުގަ." ވިސާމް ޝަފަޤްގެ އެ އަތުގައި ހިފަހައްޓައިގެން ހުރެ
ބުނެލިއެވެ. ދެންވެސް ޝަފަޤް އެއްޗެކޭ ނުބުނުމުން ވިސާމް ޝަފަޤާއި
ދުރަށްޖެހިލިއެވެ. އޭނަ ޝަފަޤަށް ފަސްދޭން އުޅުނު ވަގުތު ޝަފަޤް ކުއްލިއަކަށް
އޭނަގެ ގައިގައި ބައްދާލިއެވެ. ވިސާމްވެސް ލަސްލަހުން ޝަފަޤްގެ ގައިގައި ބައްދާލި
ހިނދު އޭނަގެ ބުމަގޮށްޖެހިގެން ދިޔައެވެ. އޭނަ ދެންމެ ޖައްސާލީ ދުވުމުގެ ތެރެއިން
އޭނަގެ ޚިޔާލަށް އައި ޑްރާމާއެއްގެ ބައެކެވެ. އޭނަ މިފަހަރު ކުޅިގަނޑެއް ރާވާލީ
މާޒިން ކޮންމެ ކަމެއް ކުރިޔަސް އޭނައަށް އެއްވެސް ގެއްލުމެއް ނުވާނެ
ފަދައަކުންނެވެ. ކުރީ ފަހަރު ގޮތަށް މިފަހަރު ވެސް މާޒިން އޭނަގެ އަންހެނުންނާއި
ގާތްވާން މަސައްކަތް ކުރާނެކަން ވިސާމަށް ޔަޤީން ކުރެވެއެވެ. އެކަމުގެ ތެރެއިން
މާޒިން ބޭނުންވަނީ އޭނަގެ ސިކުނޑި ހާސްކޮށް އޭނަ ދަށްކޮށްލާށެވެ. އެހެނަސް
މިފަހަރު އެހެންނެއްނުވާނެއެވެ. މިފަހަރު މާޒިން އޭނަގެ އަންހެނުން ގޮވައިގެން
ދިޔަޔަސް އޭނައަށް މައްސަލައެއްނެތެވެ. އޭނަ މިވަގުތަށް ޝަފަޤް ހައްލާލީ
މިޝްކާއަށްޓަކައެވެ. މެހެނާޒް ގޮތަށް ޝަފަޤް ވެސް މާޒިނާއި ކައިރިވެ އޭނަ ދޫކޮށް
ދިޔުމުން ޝަފަޤް ވެސް ކިހާ ގޯސްކަން އޭނައަށް މިޝްކާއަށް ސާބިތުކޮށްދެވިދާނެއެވެ.
މިފަދަ ޚިޔާލުތަކުން ހިތް ފުރުވާލި ވިސާމަށް ނޭނގުނުކަމަކީ، ޝަފަޤަކީ މެހެނާޒް
ނޫންކަމެވެ. ޝަފަޤަކީ ކިތަންމެ ރީތި މީހަކު ފެނުނަސް އެ ރީތިކަމުގެ އަވައިގައި
އެހާ ފަސޭހައިން ޖެހޭނެ ކުއްޖެއް ނޫންކަމެވެ. އޭނައަކީ ކޮންމެ ޙާލަތެއްގައި ވެސް
އޭނަގެ ފިރިމީހާއަށް ޤަދަރު ކުރާނެ ކުއްޖެއްކަމެވެ. އަދި އޭނައަކީ ކިތަންމެ ކުޑަ
މިންވަރަކުން ވެސް ލަދުކުޑަ ކަމެއް ކުރަން ޖެހިލުންވާނެ ކުއްޖެއްކަމެވެ. މި ހުރިހާ
ކަމެއްގެ ސަބަބުން ކަންތައްވެގެން ދާނީ ވިސާމް ހީކުރި ގޮތާއި ޚިލާފަށްކަން
އޭނައަށް ރޭކާވެސް ނުލައެވެ. އޭނަގެ ޙަޔާތުގައި ދެން ކަންތައް ހިނގާނީ އޭނަގެ
މާޒީއާއި އިދިކޮޅަށްކަން އޭނަ އެއްގޮތަކަށް ވެސް ނުދެނެ ހުއްޓެވެ
Comments
Post a Comment