Nur (part 46)



5 ވަރަކަށް ރިންގަށްފަހު އެކޮޅުން ފޯނު ނެގުމުން އަފާފްގެ ހިތް ހުއްޓުމަކަށް އައެވެ. ޝަރަފްގެ އަޑު އިވޭނެ އިރަކަށް އޭނައަށް އިންތިޒާރު ކުރެވުނީ ދެލޯ މަރާލަމުންނެވެ. އެހެނަސް އެކޮޅުން، ޝަރަފް ނޫން އެހެން ފިރިހެނެއްގެ އަޑު އިވުމުން އަފާފްގެ ދެލޯ ހުޅުވި، އެ މޫނުމައްޗަށް ޙައިރާންކަން ވެރިވިއެވެ.

"ހެލޯ؟ ޝަރަފް ހުރީ މި ވަގުތު ވަރަށް ބިޒީކޮށް. ފޯނު ނެގޭ ޙާލަތެއްގައެއްނޫން ހުރީ. ފްރީވީމަ ބުނެލާނަން ގުޅި ވާހަކަ." އެކޮޅުން އެ ފޯނަށް ޖަވާބުދާރީވީ ނަބީހެވެ. ނަބީހް ކޮންމެހެން ވެސް ހަދާފައި ޝަރަފްގެ ފޯނުން އަފާފްގެ ނަން ފެނުމުން އެ ފޯނަށް ޖަވާބުދިނީ އަފާފްގެ ހިތުގައި ޝަރަފަށްޓަކައި އޮންނަ އިތުބާރު ދެމެހެއްޓުމަށްޓަކައެވެ. އިހަކަށް ދުވަހު ޝަރަފާއި އޭނައާއި ދެމެދު ދެކެވުނު ވާހަކަތަކުގެ ތެރެއިން ހަނާގެ ނަން އައުމުން ނަބީހް ކަންބޮޑުވީ އެއީ ދޭތެރެ ޖައްސަން ކިހާ މޮޅު އަންހެނެއްކަން އެނގުންވުމުންނެވެ. ޝަރަފްވީތަން އަފާފަށް ވީހާވެސް އަވަހަކަށް ސާފުކޮށްދިނީ، ހަނާ އަފާފްގެ ސިކުނޑީއަށް ވައްދާފާނެ އެއްވެސް ޝައްކެއްގެ އަސަރު ފިލުވާލުމަށްޓަކައެވެ. އެހެނަސް އެކަން ނޭނގުނު އަފާފް ފޯނު ބޭއްވީ ނުރުހުންވެފައި ހުރެއެވެ. ފޯނުން ހިލޭ ފިރިހެނަކާއި ވާހަކަ ދެއްކުމަކީ އޭނަ ރުހޭ ކަމަކަށް ނުވާތީވެއެވެ. ނުވާއިރު ޝަރަފް އޭނަގެ ފޯނަށް ޖަވާބު ދާރީވުމަށް ފިރިހެނަކު 'ބަހައްޓާފައި' ހުރި ހުރުމުން ވެސްމެއެވެ. ޝަރަފަށް ގުޅަން މަސައްކަތް ކޮށް އޭނަ ހޯދަން އުޅުނު ހޯދުން ވެސް ނާކިޔާބުވުމުން އަފާފްގެ ހިތަށް އިތުރަށް އުދަނގޫވާ ގޮތްވިއެވެ. ޝަރަފަށް އަނެއްކާވެސް ގުޅަން ހިތަށްއެރިއެއްކަމަކު އޭނައަށް ގުޅާކަށް ނުކެރުނެވެ. އަނެއްކާވެސް ޝަރަފާއި ދިމާނުވެ އެހެން ފިރިހެނެއްގެ އަޑު އިވެންޖެހިދާނެ ކަމަށްޓަކައެވެ. ޝަރަފާއި ގުޅެންދެން އިންތިޒާރު ކުރުން ނޫންކަމެއް ނެތްކަން އެނގުންވުމުން އަފާފަށް ފުން ނޭވައެއް ދޫކޮށްލެވުނެވެ.

އެދުވަސްވެގެން ދިޔައީ އަފާފަށް އުނދަގޫ ދުވަހަކަށެވެ. އެއީ ހަމައެކަނި ޝަރަފްގެ ޚަބަރެއް ނުލިބޭ ކަމަށްޓަކައެއްނޫނެވެ. އޭގެ މައްޗަށް އޭނަގެ މަންމަ އޭނަގެ ކަންފަތް ކައިރީގައި ހުރެގެން ދައްކަމުން ދިޔަ ވާހަކަތަކެއްގެ ސަބަބުންނެވެ. މަންމަ އެކި މީހުންނަށް ގުޅާފައިވެސް ޝަރަފްގެ ވާހަކަ ދައްކަން ފެށުމުން އަފާފް ރުޅިއައީ ވަކި ވަރަކަށް ނޫނެވެ. އެހެނަސް އޭނަ މަންމަގެ ކުރިމަތީގައި ރުޅި އިސްނުކުރުމަށްޓަކައި މަންމައާއި ވީހާ ވެސް ދުރުދުރުން އުޅެވޭތޯ ބެލިއެވެ. ކޮންމެއަކަސް އެ ނޭދެވޭ އަޑުތައް އަފާފަށް ހުއްޓުމެއްނެތި އިވެމުން ދިޔަދިޔަހެން އޭނަ ވަރުގަދަ ކޮށްގެން އުޅުނު ހިތްވެސް ބަލިކަށިވާން ފެށިއެވެ. އޭނައަށް އެކަނި ކޮޓަރީގައި އިނދެ ރޮވެން ފެށި ވަގުތު އޭނައަށް ޝަރަފްގެ ނަމުން ގޮވާލެވުނީ އެވަގުތު އޭނަ ޝަރަފަށް ބޭނުންވި މިންވަރުންނެވެ.

**

ހަވީރުގެ އެ ވަގުތުގައި ޝަރަފް ރިސޯޓުގައި ހެދިފައިހުރި މީޓިންގް އޭރިއާގައި ބަޔަކު މީހުންނާއެކީ ބައްދަލުކުރުމަށްފަހު އެމީހުންނާއި ސަލާމް ކުރާށެވެ. އޭނަގެ އިތުރުން އެތާނގައި ތިބީ ޒުވާން ފުރައިގެ ދެ ފިރިހެނުންނާއި ހަމަ އެ ޢުމުރުގެ އަންހެން ކުއްޖެކެވެ. ފިރިހެނުން ނުހަނު ރަސްމީކޮށް ބެގީ ޖަހައި ޓައި އަޅައިގެން ތިބިއިރު އަންހެން ކުއްޖާ ހުރީ ފެޝަން ގޮތަކަށް ކުރުކޮށް އެޅިފައިވި ޝޯލްއަކާއި ބާރު ކުރުތާއަކާއެކީ ޖިންސެއް ލައިގެންނެވެ.

އެ ތިން މީހުންގެ ތެރެއިން ޝަރަފް އެންމެ ގިނައިން ވާހަކަ ދައްކަމުން ދިޔަ ފަރާތަކަށްވީ ޠޮލާލެވެ. ޠޮލާލަކީ އޭނަ ދިން އަމިއްލަ ނަފްސުގެ ތަޢާރަފަށް ބަލާނަމަ ކާމިޔާބުވަމުން އަންނަ ރިސޯޓެއްގެ އެސިސްޓެންޓް މެނޭޖަރެވެ. އޭނައަށް ޝަރަފް ހުޅުވަން އުޅޭ ރިސޯޓުގެ ވާހަކަ އިވިގެން ދިޔައީ ރިސޯޓަށް ޒިޔާރަތް ކުރި ދިވެއްސެއްގެ ފަރާތުންނެވެ. އެއަށްފަހު އޭނައަށް ޝަރަފްގެ ޚިޔާލު ވަރަށް ކަމުދިޔަ ކަމަށް ޠޮލާލު ބުންޏެވެ. އަދި އޭނަ މީގެ ދެތިން ދުވަހެއްހާ ކުރިން ޝަރަފާއި ބައްދަލުކުރީ އޭނަ ޝަރަފް މަސައްކަތުގައި ބައިވެރިވާން ބޭނުންވާ ވާހަކަ ބުނުމަށެވެ. މިއަދު އެ ބައްދަލުވުން ނިމިގެން އެ ދިޔައީ ޠޮލާލު، ޝަރަފްގެ އެ ރިސޯޓުގެ މަސައްކަތުގައި ބައިވެރިވާކަމަށް ދެމީހުންވެސް ލިޔުމެއްގެ ޒަރިއްޔާއިން އެއްބަސްވަމުންނެވެ. ޝަރަފް އެ އެއްބަސްވުމާއި އެއްބަސްވީ ޠޮލާލުގެ ހުންނަ ހަރުދަނާ ޝަޚުޞިއްޔަތުގެ ސަބަބުން އޭނަ ކަމުދިޔަ މިންވަރުންނެވެ. އަދި ޠޮލާލު ފެނުނު މަދު ދުވަސްކޮޅުގެ ތެރޭގައި އޭނައަކީ ނަމާދުވެސް ކުރާ ފުދޭވަރަކަށް ދީނީ ޒުވާނެއްކަން އެނގުންވުމުން ޝަރަފް އޭނައާއި ގުޅުން ބަދަހި ކުރަން ބޭނުންވިއެވެ. އެއްބަސްވުމެއްގައި ސޮއިކޮށް ޝަރަފް އޭނައާއި ސަލާމްކޮށްލި ހިނދު އޭނައަށް ނޭނގުނު ކަމަކީ އޭނައަށް ސަލާމް މިކުރެވެނީ އޭނަގެ ހަލާކަށްޓަކައި ފޮނުވިފައިވި ބަޔަކާއިކަމެވެ. ޝަރަފަށް އެކަން ރޭކާއެއްވެސް ނުލައެވެ. އޭނަ ހިނިތުންވުމަކާއެކީ ޠޮލާލާއި ސަލާމް ކޮށް އޭނަގެ ދޮށީ ކޮއްކޮ ކަމަށްވާ ޠާއިފާއިވެސް ސަލާމް ކުރިއެވެ. ޠާއިފްގެ އަތުން ދޫކުރި ތަނާހެން ޠާއިފްގެ ކައިރީގައި ހުރި އަންހެން ކުއްޖާވެސް އޭނައާއި ދިމާލަށް ސަލާމަށް އަތް ދިއްކުރިއެވެ.

"ވަފާ." އަންހެން ކުއްޖާ ހިނިތުންވުމަކާއެކީ ތަޢާރަފު ވެލިއެވެ. އެއާއެކު ޠޮލާލު، އެއީ އޭނަގެ އަންހެން ކޮއްކޮ ކަމަށް ބުންޏެވެ. ޝަރަފް އެއްފަހަރު އެއަތަށް އަނެއްފަހަރު ވަފާގެ މޫނަށް ބަލާފައި ހިނިތުންވެލަމުން ދުރު ބަލަން ފެށީ ސަލާމް ނުކުރުމަށެވެ. އެ ހިނދު ވަފާގެ މޫނުމަތިން ފެނިގެން ދިޔައީ ޙައިރާންކަމެކެވެ. އޭނަ ލަސްލަހުން އަތްތިރި ކޮށްލީ ވެސް ޝަރަފަށް ބަލަން ހުރެއެވެ. ޝަރަފް އޭނައަށް ބަލާލުމެއްވެސް، ދެން ތިބި ދެމީހުންނާއެކީ  ހިނގައިގަތް ގޮތް ބަލަން ހުރި ވަފާގެ މޫނުމައްޗަށް ވެރިވީ، ނުލަފާކަމެއް އެކުލެވިފައިވި ލާނެތް ހިނިތުންވުމެކެވެ.

**

ޝަރަފް ޠޮލާލުމެންނާއި ވަކިވެގެން ދިޔައީ ހަވީރު 5 ޖަހަން ގާތްވެފައި ވަނިކޮށެވެ. އެމީހުން ސައިބުއިމަށްޓަކައި ކާރެއްގައި ރެސްޓޯރެންޓަކަށް ގެންގޮސް ޝަރަފް އެ ރެސްޓޯރެންޓުގެ ބޭރުގައި މަޑުކޮށްލީ ވެސް ވަފާގެ ކުރިމަތީގައި ނުހުރުމަށެވެ. އެ ކުއްޖާ އޭނައަށް ބަލަމުން ދިޔަ ނަޒަރުތަކުން އޭނަ ވަމުން ދިޔައީ ފޫއްސެވެ. ޝަރަފް ރެސްޓޯރެންޓުގެ ބޭރުގައި ހުރި ގޮނޑިއެއްގައި އިށީނީ ޠޮލާލުމެން ނިމުމުން އެމީހުންނަށް އޭނަ މަގު ދައްކަން ޖެހޭނެކަން އެނގުންވީތީވެއެވެ. އެމީހުން ނިމޭނެ އިރެއްގެ އިންތިޒާރުގައި އިނދެ ޝަރަފް އޭނަގެ ފޯނު ނެގި ތަނާހެން ނަބީހް ގުޅަން ފެށިއެވެ. ފޯނު ނަގައި ޝަރަފަށް އެއްޗެކޭ ނުބުނެވެނީސް ނަބީހް ވާހަކަ ދެއްކިއެވެ.

"ހެލޯ ޝަރަފް! އަހަރެން ހަނދާން ނެތުނީއޭ. މިއަދު މެންދުރު އަފާފް ޝަރަފަށް ގުޅި. ފޯނު ނުނެގީމަ ވެސް އިތުރު ޝައްކުތަކެއް އުފެދޭނެތީ އަހަރެން ބުނީ ޝަރަފް ހުރީ ވަރަށް ބިޒީކޮށޭ. އޭރުވެސް ޝަރަފް ހުރީ ޠޮލާލުމެންނާ އެކީގަ. އެހެންވެ އޭރު ނުބުނެވުނީ." ނަބީހް ކިޔައިދިނެވެ. އޭނަ ދެއްކި ވާހަކަތަކުން ހިތް އަވަސްވެގެން ދިޔަ ޝަރަފް އަވަސްއަވަހަށް އާނއެކޭ ބުނެލަމުން ފޯނު ކަނޑާލިއެވެ. އެއަށްފަހު ކޯލް ލިސްޓަށް ގޮސް ވަގުތުން އަފާފަށް ގުޅާލިއެވެ.

**

އަފާފްގެ ފޯނު ރިންގުވާން ފެށީ އޭނަ އޭނަގެ އެނދުމަތީގައި ފިކުރު ބޮޑުވެފައި އޮތްވައެވެ. އޭރު މަންމަ ވާހަކަ ދައްކާ އަޑު ނުއިވުނަސް އެ އަޑު އަފާފްގެ ކަންފަތުގައި ހަރުލާފައިވި ފަދައެވެ. އެއާއެކު މިއަދު ހެނދުނު ހަނާ އޭނައަށް ދެއްކި ވީޑިޔޯއިން އިވުނު އަޑުތައް ވެސް އޭނަގެ ކަންފަތުގައި ގުގުމަމުން ދިޔަ ކަހަލަ އިޙްޞާޞެއް އަފާފަށް ކުރެވުނެވެ. ޝަރަފް އެހެން އަންހެނަކާއެކީ ހުންނަތަން ސިފަކުރެވޭ ކޮންމެ ފަހަރަކު އޭނަގެ ލޮލަށް ކަރުނަތައް ޖަމާވާން ފަށައެވެ. އެވަގުތު ވެސް އެފަދަ މަންޒަރުތައް ސިފަކުރެވެން ފެށުމުން ޝަރަފް އޭނައަށް ބޭވަފާތެރިވަނީތޯ އޭނަގެ ހިތަށްއަރަންފެށިއެވެ. ޝަރަފް އޭނަދެކެ ލޯބިނުވަނީ ހެއްޔެވެ؟ ނޫނީ އޭނައަށް ބިރު ހީވެފައި އޮތްހެން ޝަރަފް އޭނަގެ ނުކުޅެދުންތެރިކަމުގެ ސަބަބުން އޭނަ މަތިން ފޫހިވެ އެހެން އަންހެނެއްގެ ކައިރިއަށް ދިޔައީ ހެއްޔެވެ؟ އެހެނަސް އޭނަ ޝަރަފާއި އިނީ އެފަދަ ނިޔަތެއްގައެއްނޫނެވެ. އޭނަ ޝަރަފާއި އިނީ އޭނަހެން ޝަރަފް ވެސް މި ޒަވާޖީ ޙަޔާތް މުޅި ޢުމުރަށް ދެމިގެންދާން ބޭނުންވާނެކަމަށް ހީކޮށެވެ.

އަފާފް އޭނަގެ އަމިއްލަ ޚިޔާލުތަކެއްގައި އޮވެފައި ތެދުވެލީ ފޯނުގެ ރިންގުން އޭނައަށް އުނދަގޫވާން ފެށުމުންނެވެ. ރަނގަޅަށް އެނދުމަތީގައި އިށީނދެ އޭނަ ބާލީހުގެ ކައިރީގައި އޮތް އޭނަގެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

"ސަލާމް." އަފާފް ކުރުގޮތަކަށް ޖަވާބުދިނެވެ.

"ވަޢަލައިކުމުއްސަލާމް ލޯބިވާ! އަހަރެން މިސްވީތަ؟" އާދައިގެ މަތިން ޝަރަފް ވާހަކަ ދެއްކީ ފުރިހަމަ ހިނިތުންވުމަކާއި އެކީގައެވެ. އޭނަގެ އަޑުއިވިފައި އާދައިގެ މަތިން އަފާފް އޭނަގެ ހުރިހާ ހާސްކަމެއްގެ މަތިން ހަނދާން ނެތިގެން ދިޔައެވެ. އޭނަގެ ހިތް އުފާވެރިކަމުން ފުރިގެން ދިޔައީ އޭނަގެ ޚިޔާލުތައް ޝަރަފާއެކީ ހޭދަކުރި އުފާވެރި ވަގުތުކޮޅުތަކުން ޒީނަތްތެރިވެގެން ދިޔުމުންނެވެ. އޭނަގެ ޙަޔާތަށް އަނދިރިކަން ވެރިވެފައިވީ ހިނދު، އޭނައަށް ހިތްވަރު ދީ އޭނަގެ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވޭވެނެ ވަރުގެ މީހަކަށް ހެދީވެސް ޝަރަފްކަން އެނގުންވީ ހިނދު އަފާފްގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ. ޝަރަފާއި ވަކިވާން ޖެހިއްޖެނަމަ އޭނައަށް ލިބޭނީ ކިހާ ބޮޑު ދެރައެއްކަން އޭނައަށް އެނގުންވި ފަދައެވެ.

"ހެލޯ؟ ހެލޯ އަފޫ! އާރ ޔޫ ދެއާރ؟" ހިސާބެއްގެ ކަންބޮޑުވުމަކާއެކީ ޝަރަފަށް ސުވާލުކުރެވުނެވެ. އެ ސުވާލުތައް ކުރެވުނު އަފާފްގެ މޭގައި ޖަވާބު ދޭނެހާ ހިތްވަރެއް ނެތެވެ. އޭނަ އެއްޗެކޭ ނުބުނެ ވެސް ޝަރަފަށް އޭނަގެ ޙާލަތް އެނގި އޭނައަށް ޙަޤީޤަތް ހާމަ ކޮށްދޭނެނަމައޭ އޭނަގެ ހިތަށްއެރިއެވެ. އެއާއެކު އޭނަގެ އަނގައިން ލުއި ގިސްލުމެއްގެ އަޑު ނިކުތެވެ. އެ އަޑު އިވިގެން ދިޔަ ޝަރަފްގެ މެއަށް އެރި ލޮޅުމާއެކީ އެ މޭގައި ރިހުމެއް އުފެދުނެވެ. އަފާފަށް ގަދައަށް ގިސްލެވެން ފެށި އަޑު އިވެން ފެށުމުން އެ ރިހުން އޭނަގެ މެއަށް ފެތުރެން ފެށިއެވެ. 

Comments

Popular posts from this blog

Arabic Pronouns (dhameer)

Harf of Nasb (English + Dhivehi)

Mudhaaf-mudhaaf ilaihi and pronouns (English lesson)