Nur (part 55)
ސްޓޭޕްލް ކުރެވިފައިވި އެ ރިޕޯޓްތަކުގެ ތެރެއިން ދެގަނޑު
ހިއްލާލެވުމާއެކުހެން އޭނަ ހުއްޓުންއެރިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަގެ
އަނގައިން ނިކުތް ލުއި އާހެއްގެ އަޑާއެކީ އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް
ވެރިވިއެވެ. އޭނައަށް ފެންނަމުން ދިޔަ އެއްޗެއް އޭނައަށް ޤަބޫލުކުރަން ވެސް
ދަތިވިއެވެ. ދެންވެސް އުޖާލާވި ހިނިތުންވުމަކާއެކީ އެ ގަނޑަށް ބަލަހައްޓައިގެން
އިނދެފައި މިއީ ހަމަ ތެދެއްތޯ އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ. އެ ސުވާލު
އެހެން މީހަކު ކައިރިން އަހައިގެން ޔަޤީންކުރަން ބޭނުންވި މިންވަރުން އޭނައަށް
ކޮޅަށް ތެދުވެވުނެވެ. އެހެނަސް އޭނައަށް އިސްއުފުލާލެވުމާއެކުހެން އޭނައަށް
ފެނިގެން ދިޔައީ އެތަނާއި ގާތްވަމުން ދިޔަ ހުސެއިން ނޫން ދެވަނަ މީހެއް ނޫނެވެ.
ހަމަ އެއާއެކު ހިތި ޙަޤީޤަތަށް އަނބުރާ އާދެވުމުން ޝަރަފްގެ ހިނިތުންވުން
ފަނޑުވިއެވެ. ހުސެއިންގެ ނަޒަރު ޝަރަފަށް ހުއްޓުމާއެކުހެން އެ މޫނުމައްޗަށް
ނުރުހުންތެރިކަން ވެރިވެގެން ދިޔައެވެ. އެ ހިނދު ހުސެއިން މި ހުރިހާ ދުވަހު
އޭނައާމެދު ކަންތައް ކުރި ގޮތް ހަނދާންވެފައި ޝަރަފްގެ ގާތަށް ވެސް ރުޅިއައެވެ.
އެހެނަސް އެއީ އަފާފްގެ ބައްޕަކަން ހަނދާންކުރަމުން ޝަރަފް އެ ރުޅިވެރިކަން
ފޮރުވިއެވެ. އެއަށްފަހު ލަސް ފިޔަވަޅުތަކެއްގައި ގޮސް ހުސެއިންގެ ކުރިމަތީގައި
ހުއްޓިލުމަށްފަހު އޭނަގެ އަތުގައި އޮތް ރިޕޯޓް ހުސެއިނަށް ދިއްކޮށްލިއެވެ.
ހުސެއިން އޭގައި ހިފައި އެއީ ކޯޗެއްކަން އެނގުމާއެކު ޝަރަފާއި ދިމާލަށް
ހަޅޭއްލަވައިގަންނަން އުޅުނެވެ. އަފާފްގެ ރިޕޯޓް އޭނަގެ ބައްޕަގެ ހުއްދައާއި ނުލާ
ނެގި ކަމަށްޓަކައެވެ. އެހެނަސް ހުސެއިނަށް އެއްޗެކޭ ނުބުނެވެނީސް ޝަރަފް
މަޑުމައިތިރި އަޑަކުން ވާހަކަ ދެއްކިއެވެ.
"އަފާފް ބަނޑުބޮޑު." ޝަރަފް ބުނެލިއެވެ. އެ
ބަސްތައް އިވިގެން ދިޔަ ހުސެއިނަށް ލިބުނު ސިހުމާއެކީ އޭނަގެ ދެލޯ ބޮޑުވިއެވެ.
ހިނދުކޮޅަކަށް އޭނަ ހުއްޓުން އެރުމުގެ ސަބަބުން އެއްޗެކޭ ބުނަން އުޅުނެއްކަމަކު ދޫ
ޙަރަކާތް ނުކުރިއެވެ. އެހެން ހުރުމަށްފަހު އޭނަ އަނެއްކާވެސް ރިޕޯޓަށް ބަލާލީ
ކުއްލިއަކަށެވެ. ބެލިތާ މާ ގިނައިރެއްނުވެ ޝަރަފް އެ ބުނީ ތެދެއްކަން އޭނައަށް
ޔަޤީންވިއެވެ. އެ ނަތީޖާ ފެނިފައި ދެވަނަ ފަހަރަށް ވެސް ހުސެއިނަށް ޝަރަފާއި ދިމާލަށް
ރުޅި އިސްކުރެވެން އުޅުނެވެ. އެއްޗެކޭ ބުނަން އުޅުނެއްކަމަކު މިފަހަރު އޭނަ
ހުއްޓުވީ އޭނަގެ އަމިއްލަ ނަފްސެވެ. އޭނަގެ ހުރި ހަމައެކަނި އަންހެން
ދަރިފުޅާއިމެދު ވިސްނަން ފެށި ހިތެވެ. މިއަދު އޭނަގެ ބިރު މިވަނީ
ޙަޤީޤަތަކަށްވެފައެވެ. އޭނަގެ ދަރިފުޅު ޖެހޭނީ އެކަނިމާއެކަނި ދަރިއަކު ބަލައި
ބޮޑު ކުރަންތޯ ބުނެ ހިތް ސުވާލުކުރިއެވެ.
ހުސެއިންގެ މޫނުމައްޗަށް ވެރިވަމުން ދިޔަ ކަންބޮޑުވުމުގެ
އަސަރުތައް ފެނިފައި ޝަރަފްވެސް ވީ ނުރުހުމުގައި އެތައް ވާހަކައެއް ދައްކަން
ބޭނުންވިއެވެ. މިއަދު އޭނައާއި އަފާފް ވަކިވެފައިވަނީ އޭނަ ކުރި ފާފައެއްގެ
ސަބަބުން ކަމަށްވިޔަސް އޭގެ ކުރިން ހުސެއިން ވެސް އެ ގުޅުމާއި ހާދަ ދެކޮޅު
ހެދިއެވެ. އަދި އަމުދުން އޭނައަށް ނޭނގި އޭނައަށް އެ ފާފަ ކުރެވުމުން ވެސް އޭނަ
ދިފާޢުކުރުމުގެ ބަދަލުގައި ހުސެއިނާއި ޝާދިޔާ އޭނަގެ ނުބައިކަމުގެ ވާހަކައިން
އަފާފްގެ ކަންފަތް ފުރައި އޭނައާއި އަފާފް ދުރުކުރުވީއެވެ. އަމިއްލަ އަންހެން
ދަރިފުޅު އުފަލުގައި އުޅެމުން ދިޔަ ޒަވާޖީ ޙަޔާތް ބަރުބާދު ކުރުމުގެ ނަތީޖާ
ނިކުންނާނީ ކިހާ ހިތިކޮށްކަން މިހާރު އެނގޭތޯ ޝަރަފް ސުވާލުކުރަން ބޭނުންވިއެވެ.
އޭނަ ބޭނުންވީ އެހާރުން އެހާރަށް ވެސް އަޑުގަދަކޮށްގެން އަފާފް ގާތަށް އަނބުރާ
ދާށެވެ. އޭނައަށް ދެންމެ މި ލިބުނު ޚަބަރު ކުރިން ލިބިފައިވި ނަމަ އޭނަ ކޮންމެ
ގޮތެއް ހަދާފައިވެސް ކައިވެނި ސަލާމަތް ކުރީހެވެ. އެހެނަސް ދެމީހުން ވަކިވީ ދުވަހު
ޚުދު އަފާފް ނުހަނު ރުޅިވެރިކަމާއެކީ ދާށޭ ބުނިގޮތް ހަނދާންވެފައި ޝަރަފަށް ހީވީ
ހަމަ އެވަގުތު އޭނަގެ މޭތެރޭގައި އުފެދުނު ރިހުން އަނެއްކާވެސް އުފެދެން
ފެށިހެންނެވެ. އޭނަ މިއަދު ބޭނުންވިޔަސް އަފާފް މި ޚަބަރަށްފަހު ވެސް އޭނަ ކަހަލަ
'ބޭވަފާތެރި' ބައިވެރިއަކާއެކީ އުޅެން ބޭނުމެއްނުވާނެކަމަށް ޝަރަފްގެ ހިތް ބުނަން
ފެށިހެން އޭނަގެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވާން ފެށިއެވެ. އެ
ހިތާމަވެރިކަން އެ މޫނުމަތިން މުޅިން ފާޅު ނުވަނީސް ޝަރަފް ހުސެއިން ފަހަނަޅައި
ދާން ފެށިއެވެ. އެހެނަސް މާ ދުރަށް ނުދެވެނީސް އޭނައަށް ލޮލުގެ ސާޖަރީތަކާއި ބެހޭ
ޕޯސްޓަރެއް ފެނިފައި އޭނަގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އެ ޕޯސްޓަރަށް ބަލަން
ހުރެފައި ޝަރަފަށް ދެކަޅި ދެކޮޅުން ދެކޮޅަށް ހިންގަމުން ތިރި ބެލެން ފެށީ
ކަމަކާމެދު ވިސްނުނު ފަދައަކުންނެވެ. އޭނައަށް އަނެއްކާވެސް ފަސްއެނބުރި
ހުސެއިނަށް ބަލާލެވުނީ އޭނަ ބުނަން ޖެހުނު ވާހަކަ މުހިއްމުވުމުންނެވެ.
"މި ޙާލަތުގަ އަފާފްގެ ލޮލުގެ އޮޕަރޭޝަނެއް
ނުކުރެވޭނެ. ކުރިޔަސް ލޮލުގެ ފެނުން އެންމެ ފުރިހަމައަށް އަނބުރާ ނައިސްދާނެ.
އަދި.....ދަރިފުޅަށް ވެސް ގެއްލުންވުން އެކަށީގެންވޭ." ހުސެއިން ތަންކޮޅެއް
ދުރުގައި ފަސްދީގެން ހުއްޓެއްކަމަކު ޝަރަފް އޭނައަށް އިވޭނެ ވަރަށް ބުނެލިއެވެ. އެ
ވާހަކަތައް އޭނައަށް އެހާ ތަފްޞީލުކޮށް އެނގެނީ އެހާވަރަށް ވެސް އަފާފަށްޓަކައި
އޭނައަށް ލޮލާއި ބެހޭގޮތުން އެތައް ދިރާސާއެއް ކުރެވި އެތައް ޑޮކްޓަރުންނާއި
ވާހަކަ ދެކެވިފައި ހުރީތީވެއެވެ. ޓެސްޓްތަކަށް ބަލާފައި މިހާރު އަފާފް ބަލަމުންދާ
ޑޮކްޓަރުވެސް ބުނާނީ އެފަދަ ވާހަކައެއްކަން އެނގުނެއްކަމަކު ޝަރަފް އެހެން ބުނެލީ
ސަލާމަތީ ފިޔަވަޅު އަޅަން ބޭނުންވި މިންވަރުންނެވެ. އޭނަގެ އެހެން ވާހަކައެއް އަޑު
ނޭހިޔަސް އޭނަގެ އެ ވާހަކަ ހުސެއިން އަޑުއަހާނެކަމަށް ޝަރަފަށް އުއްމީދު
ކުރެވުނެވެ. އޭނައަށް ހީކުރެވުނީ ރަނގަޅަށެވެ. ފަޅި ސިކުންތަކަށް ނަމަވެސް
އަފާފްގެ ރައްކާތެރިކަމަށްޓަކައި ޝަރަފްގެ އެ ބަސްތައް އަޑުއަހަން ހުސެއިންގެ ހިތް
އެދުނެވެ. އެހެނަސް މިކަމާމެދު ޝާދިޔާ ބުނާނީ ކީކޭތޯ ހިތަށްއެރި ވަގުތު އޭނަގެ
ޚިޔާލު ބަދަލުވާން ފެށީ ވިހަގަދަ މިޞްރާބަކަށެވެ. އެކަން ނޭނގުނު ޝަރަފަށް ހީވީ
ހުސެއިން ހުރެހުރެފައި އިސްޖަހާލީ އަފާފްގެ ލޮލުގެ ފެނުން އަނބުރާ ނާންނާނެތީ
އިތުރަށް މާޔޫސްވުމުން ކަމެވެ. އެ ކުށްހީއަށް ނިންމުމެއް ނިންމަމުން ޝަރަފް
އަނެއްކާވެސް ފަސްއެނބުރި އެތަނުން ދާން ހިނގައިގަތެވެ.
އުފާވެރި ޚަބަރު ލިބުނުތާ މާ ގިނައިރެއްނުވެ ޝަރަފްގެ
ހިތަށް މާޔޫސްކަމެއް ވެރިވިއެއްކަމަކު އެ މާޔޫސްކަން ދެމިގެނެއްނުދެއެވެ.
ހިނގާފައި ގެއަށްދިޔަ މަގުމަތީގައި އޭނައަށް ޒުވާން ބައްޕައަކު ކުއްޖަކު
އުރާލައިގެން ސަމާސާ ކުރަމުން ދިޔަ މަންޒަރު ފެނިފައި ޝަރަފްގެ މޫނުމައްޗަށް
ހިނިތުންވުމެއް ވެރިވިއެވެ. ފެންނަމުން ދިޔަ ފިހާރަތަކުން ކުދި ކުދި ހެދުންތަކާއި ކުޅޭ
އެއްޗެހި ފެނިފައި ޝަރަފް އެ އެއްޗެހި ގަންނަން ކެތްމަދުވިއެވެ. ކެތްތެރިކަން
ކޮޅުންލުމުގެ ސަބަބުން އޭނައަށް ފިހާރައަކަށް ވަންނަންވެސް ވަދެވުނެވެ.
މޮޔަކަމެއްހެން ހީވިޔަސް އޭނައަށް އެތަނުން ކުޅޭ ކާރެއް ފެނުނެވެ. އޭތި ގަންނަން
ހިތަށްއެރުމުން ޝަރަފަށް އޭގެ އަގު ބަލާލެވުނެވެ. އެއާއެކު އޭނަގެ ދެބުމަ
ކައިރިވިއެވެ. އެފަދަ ކުޅޭ އެއްޗެހި އޭނަގެ ދަރިފުޅަށް ގަނެދިނުމަށްޓަކައި އޭނަ
އެހާ ތަނަވަހެއް ނޫންކަން އެނގުންވީ ވަގުތު އޭނަގެ ހިތަށް އުނދަގޫވިއެވެ. ހަމަ
އެއާއެކު އޭނަގެ ހިތަށް ސާބިތުކަމެއް ވެސް ލިބުނެވެ. އޭނަ ކުރަމުން އައި ބުރަ
މަސައްކަތާއިގެން ކުރިއަށް ދިޔުމަށް އޭނަގެ ހިތުގައި ކުރިން އުފެދިފައިވި ޢަޒުމް
ދުވަހަކުވެސް ވަރުގަދަ ނުވާވަރަށް ވަރުގަދަ ވެގެން ދިޔައެވެ.
ޝަރަފް އެ ފިހާރައިން ނިކުތީ އެ ކާރު ބަހައްޓާފައި
ކަމަށްވިޔަސް އޭނަ ގެއަށް ދިޔައީ ކުޑަ ކޭކެއް ގަނެގެންނެވެ. އެ އުފާވެރި ޚަބަރު
ޚާއްޞަ ގޮތަކަށް ދޮންތައާއި ބައްޕައާ ޙިއްޞާކުރަން ބޭނުންވީތީވެއެވެ. ގެއަށް
ވަދެވުމާއެކުހެން ކޮން ކޭކެއްތޯ އޭނަގާތު އަހާލެވުނެވެ. އެ ސުވާލުން ޝަރަފަށް
ބޭއިޚްތިޔާރުގައި ހީލެވުނުތަން ފެނިފައި ޝަބާއާއި ޢައްބާސްއަށް ވާނުވާއެއް ނޭނގި
ބަލަން ތިބެވުނެވެ. އެމީހުން އިތުރު އެއްޗެކޭ ނުބުނުމުން ޝަރަފް އެ އުފާވެރި
ޚަބަރު އޭނަގެ ޢާއިލާއަށް ދިނެވެ. އެ ބަސްތައް ބުނެލި ހިނދު އުފާވެރިކަމުގެ
ކަރުނަތަކުން އޭނަގެ ލޯ ފެންކަޅިވެފައިވިއެވެ. އެ މަންޒަރު ފެނިފައި ޝަބާގެ މެއަށް
ގޮތެއްވިއެވެ. މިއީ ވެސް ޝަރަފްގެ މައުސޫމްކަމުގެ ނިޝާނެއްތޯ ޝަބާގެ ހިތް
ސުވާލުކުރިއެވެ. ޝަރަފަކީ އޭނަ ހީކުރާހެން އަފާފަށް ބޭވަފާތެރިވެފައިވި
މީހެއްކަމަށްވާނަމަ އެފަދަ ޚަބަރެއްގެ ސަބަބުން ޝަރަފް މިހާ އުފާވާނެ ހެއްޔެވެ؟ އެ
ސުވާލުގެ ޖަވާބު ޝަބާއަށް ޔަޤީނާއި ގާތް ކުރެވުނެވެ. ޝަރަފް މުޅި އެދުވަހުވެސް އެ
ވާހަކަ ދައްކައި އުފާވެރިކަން ފާޅުކުރަމުން ދިޔަ ގޮތުން ޝަބާގެ ހިތުގައިވި ހުރިހާ
ޝައްކެއް ފިލަން އުޅުނެވެ. އެހެނަސް މިވާހަކަ އަފާފާއި ޙިއްޞާ ކުރުމުގެ ކުރިން
ޝަބާ ދެންވެސް ޔަޤީންކުރަން ބޭނުންވިއެވެ. އަފާފަށް ހެޔޮއެދޭ މީހެއް ނޫނީ އޭނަގެ
ގާތް އެކުވެރިޔާގެ ޙަޔާތުގައި ނުވުމަށް ޝަބާގެ ހިތް އެދުނު ވަރުންނެވެ. އެއީ ޚުދު
އޭނަގެ އަމިއްލަ ކޮއްކޮއާއި ދެކޮޅަށް ގޮސްގެން ވިޔަސްމެއެވެ.
ޝަބާއަށް ހީކުރެވިފައި އޮތީ މުޅިން އިދިކޮޅަށެވެ. އަފާފަށް
ހެޔޮއެދޭ ފަރާތް އެ ވަނީ އަފާފާއި ދުރުވެފައެވެ. މިއަދު އަފާފްގެ ގާތުގައި ތިބީ
އަމިއްލަ އެދުން ބޮޑުވުމުގެ ސަބަބުން ހެވާއި ނުބައި ވެސް އަމިއްލަ ނަފްސުތަކަށް
އޮޅުވަމުން ދިޔަ މީހުންނެވެ. އެރޭ ޝަރަފް މުޅިންހެން އަފާފްގެ އުފާވެރިކަން
ދެމެހެއްޓޭނެ ގޮތަކާއިމެދު ވާހަކަ ދައްކަމުން ދިޔައިރު ހުސެއިނާއި ޝާދިޔާގެ
ދެމެދުގައި ދެކެވެމުން ދިޔައީ ޢާއިލާގެ ޤަދަރު ދެމެހެއްޓުމާއި ބެހޭ ވާހަކަތަކެވެ.
"ހުސެއިން ވިސްނާލަބަލަ! ތި ދަރިއަކު ލިބުނީމަ މީހުން
ދައްކާނީ ކޮން ޒާތުތަކެއްގެ ވާހަކައެއް؟ އެންމެންނަށް އެނގޭނެ އެއީ އަފާފްގެ
ކައިވެނީގެ ތެރެއިން ލިބުނު ދަރިއެއްކަން. އެކަމަކުވެސް ވާހަކައަށް ލޮނުމިރުސް
އަޅާފަ ކިޔައިދޭނެ މީހުން މަދެއްނުވާނެ. އެހެންނޫނަސް އެހާ ހައިބަތެއްނެތް
މީހެއްގެ ދަރިއަކަށް އަހަރުމެންގެ ދަރިފުޅު ބަލިވެ އިނދެގެން ނުވާނެ!" ޝާދިޔާ
އެރޭ އަފާފް ނިދިފަހުން ދަން ގަޑިއެއްގައި އެމީހުންގެ ކޮޓަރީގެ އެނދުމަތީގައި
އިނދެ އަޑަށް ބާރުލާފައި ހުސެއިނާއި ވާހަކަ ދެއްކިއެވެ.
"ތިކަމާވެސް ޤަބޫލު ޝާދިޔާ. އެކަމަކު އަހަރުމެން ދެން
ކިހިނެއް ހަދާނީ؟ ތަޤްދީރުގަ އޮތްކަމެއް ބަދަލެއް ނުކުރެވޭނެދޯ؟ އަފާފްގެ ލޮލުގެ
ސާޖަރީވެސް ދެން ހެދޭނީ އޭނަ ވިހެއިމަ. އެހެންނޫނީ ދަރިފުޅަށް ގެއްލުންވާނެ."
ހުސެއިން އެހެން ބުނެލީ އޭނަގެ ސިކުނޑިއަށް ވެރިވަމުން ދިޔަ ގޯސް ޚިޔާލު
ބޭރުކޮށްލުމަށެވެ. ޝާދިޔާ އެ ޚިޔާލު އަޑުއަހާފައި އޭނައަށް ހެޔޮ ނަޞޭޙަތެއްދޭން
އޭނައަށް އުއްމީދު ކުރެވުނެވެ. އެހެނަސް........
"ކީކޭ ކީކޭ؟ ކީއްކުރީމަ ދަރިފުޅަށް
ގެއްލުންވާނެއޭ؟" ހުސެއިނަށް ބިރުހީވެފައި އޮތް ފަދައިން ޝާދިޔާ އަހާލުމުން
އޭނަގެ ނޭވާ ކުރުވާ ގޮތްވިއެވެ.
"ލް......ލޮލުގެ ސާޖަރީ ހެދީމަ." ހުސެއިނަށް
އެހެން ބުނެލެވުނީ ޖެހިލުންވުމަކާއެކީގައެވެ. އޭނަގެ އެ ވާހަކަ އިވުމާއެކު
ޝާދިޔާއަށް ހީލެވުނެވެ.
"އެހެންވީމަ ތިއޮތީ ތިކަން ވެ ނިމިފައެއްނު؟ މިހާތަނަށް
އައިއިރު އަފާފަށް އެ ޚަބަރެއް ނުދެވި އޮތީ ހަމަ ރަނގަޅަށް. ދެންވެސް ބުނާނެ
ކަމެއް ނެތް! ނުބުނެ ތި ސާޖަރީއެއް ހަދާފަ އެ ބާބު ދިގު ނުކޮށް ނިންމާލާ!"
ޝާދިޔާ ނުލަފާ ގޮތަކަށް އެ ބަސްތައް ބުނެލިއިރު އޭނަގެ ހިތުގައި ރަޙުމުގެ ޒަރެއްގެ
މިންވަރު ވެސް ނެތް ފަދައެވެ. ޝާދިޔާގެ އެ ވާހަކަ އިވިފައި ހުސެއިންގެ ހިތަށް
އިންތިހާއަށް އުނދަގޫވިއެއްކަމަކު އޭނައަށް ޝާދިޔާއާއި އެއްބަސްވެވުނެވެ. ފަހަކަށް
އައިސް އޭނަގެ ވިޔަފާރިއަށް ކުރިމަތިވަމުންދާ ދަތިތަކެއްގެ ސަބަބުން ހުސެއިނަށް
ވެސް ޝާދިޔާގެ ބަސްތަކަށް ހެއްލޭ ގޮތްވަނީއެވެ. އޭނަގެ ބައެއް ފިހާރަތައް ވަނީ
ބަންދުކުރާ ހިސާބަށް ގޮއްސައެވެ. އެ ގެއްލޭ ފައިސާ އޭނައަށް އަނބުރާ ލިބެން
ހުސެއިނަށް ފެންނަމުން ދިޔައީ އެންމެ ގޮތެކެވެ. އަފާފް މުއްސަނދި މީހެއްގެ
ދަރިއަކާއި ދެވުމެވެ. ޝާދިޔާ ބުނާހެން އޭނަ ވެސް އަފާފްގެ 'ޤަދަރު' ނަގަހައްޓަން
ކޮންމެ ގޮތެއް ހަދާފައިވެސް ބޭނުންވަމުން ދިޔައީ އެހެންވެއެވެ. ރިޒުޤު
ހިފެހެއްޓެވުމާއި ތަނަވަސްކޮށްދެވަނީ ހަމައެކަނި ﷲ ކަން އޭނަ ހަނދާން
ނެތިފައިވިއެވެ. އޭނަގެ ރިޒުޤު ދެމެހެއްޓުމަށްޓަކައި ﷲ އަށްވުރެ ބޮޑަށް އޭނައަށް
އިންސާނުންނަށް ބަރޯސާވެވުނެވެ. އެ އިންސާނުންނަށް ވެސް ރިޒުޤު ދެއްވަނީ
އެކަލާނގެކަން އޭނައަށް އެނގުންނުވާ ފަދައެވެ.
ދުނިޔޭގައި ކުރިމަތިވަމުން ދިޔަ ދަތިތަކެއްގެ ސަބަބުން، ﷲ
ގެ ހަނދުމައިން ދުރުވެފައިވި މިންވަރުން ހުސެއިނަށް އޭނަ ދުވަހަކުވެސް
ނުކުރާނެހެން ހީވާ ފަދަ ކަންތައް އޭނައަށް ކުރެވުނެވެ. އޭނަގެ އަމިއްލަ ދަރިފުޅު
ބަލިވެ އިން ވާހަކަ އޭނަ އެ ދަރިފުޅަށް ފޮރުވިއެވެ. އެއަށްފަހު މީހަކު ލައްވައި
އަސްލެއްނެތް ލޭގެ ޓެސްޓްތަކެއްގެ ރިޕޯޓެއް ހައްދައި، އެ ދަރިފުޅު ގޮވައިގެން ގޮސް
ޑޮކްޓަރަށް ދެއްކިއެވެ. އޭގެ އަނެއްދުވަހު ސާޖަރީ ހެދުމަށްޓަކައި ދަރިފުޅު
އެނދުމަތި ކުރެވުމުން ވެސް، ކުރު މުއްދަތެއްގެ ތެރޭގައި އެ ދަރިފުޅަށް ލިބެން
އުޅުނު އުފަލެއް ގެއްލެން އުޅޭ ވާހަކައެއް އޭނަ ނުބުނަން ޚިޔާރު ކުރިއެވެ.
އެކަމަށްޓަކައި އަމިއްލަ ނަފްސު ކުށްވެރި ކުރެވެން ފެށުމުން ހުސެއިނަށް އެހެނިހެން
އުޒުރުތައް އަމިއްލަ ނަފްސަށް ދެއްކެން ފެށިއެވެ. މި ސާޖަރީއަށްފަހު އަފާފްގެ
ލޮލުގެ ފެނުން އަނބުރާ ލިބޭނެކަމަށް ބުނެއެވެ. އޭރުން އެ މާނައެއްނެތް ގުޅުމުން
ލިބެން އުޅުނު ދަރިފުޅަކީ އެއްވެސް އެއްޗަކަށް ނުވާނެކަމަށް ހުސެއިނަށް ނިންމުނީ،
އަފާފަށް އަދިވެސް ޝަރަފްގެ ހަނދާންތަކެއްގެ ސަބަބުން އެއްވެސް ރެއަކު ރަނގަޅަށް
ނުނިދޭކަން ނޭނގޭތީވެއެވެ.
އަފާފް އަނެއްކާވެސް ބަލިވާން ފެށީ ސާޖަރީ ހަދަން އޮތް ރޭ
ސާޖަރީގެ 30 ވަރަކަށް މިނިޓް ކުރިންނެވެ. މީގެ ދުވަސްކޮޅެއް ކުރިން އޭނައަށް ވީ
ފަދައިން އެރޭވެސް ނުހަނު ގަދައަށް އޭނަގެ ބޮލުގަ ރިއްސައި، މޭނުބައިކޮށް،
ހޮޑުލެވުނެވެ. 2 ފަހަރަށް ހޮޑުލެވުމުން އަފާފް ބެލުމަށްޓަކައި އޭނަ އޮތް
ޕްރައިވޭޓް ރޫމަށް ނަރުހެއް ގެނެވުނެވެ. އެ ނަރުސް ކުއްޖާ ފެނިފައި ހުސެއިން
ހިސާބަކަށް އަޖާއިބުވިއެވެ. ބުރުގާ އަޅައިގެން ހުއްޓެއްކަމަކު އެ ކުއްޖާ
ވައްތަރުވީ ހުޅަނގުގެ ކުއްޖަކާއެވެ. ހުޅަނގުގެ ކުއްޖަކު ރާއްޖެފަދަ ކުޑަ
ޤައުމެއްގައި މިފަދަ ވަޒީފާއެއް އަދާކުރަން އައިސްގެން އުޅެނީ ކީއްވެބާއޭ
ހިތަށްއެރިއެވެ. އެހެނަސް ހުސެއިން މާ ބޮޑު އަޅާލުމެއްނެތި ހަމައެކަނި އެ ކުއްޖާއަށް
އަފާފް ދޫކޮށްފައި ދިޔައީ އޭނަ ހުއްޓާވެސް އަފާފަށް ހޮޑުލެވުމުން އެކުއްޖާ
ކަންތައް ކޮށްދިން ގޮތް ރަނގަޅުކަމުންނެވެ.
ހުސެއިން ދިޔަ ފަހުން ޚުދު އަފާފަށް ވެސް އެކަން އިޙްޞާޞް
ކުރެވުނެވެ. އާއްމު ގޮތެއްގައި އަފާފާއި ދިމާވާ ނަރުހުންނަށްވުރެ ގާތް ގޮތެއް
އެކުއްޖާއާއިމެދު އަފާފަށް އިޙްޞާޞް ކުރެވުނީ، އަފާފްގެ އަނގަ ދޮވެ ދީފައި ބުރަކަށީގައި ހިފަހައްޓައިގެން ހުރެ ފެންބޯން
ދިން ގޮތުންނެވެ.
"އާރ ޔޫ އޯލްރައިޓް ނައު؟" ފެން ބޮއި ނިމުނު
ވަގުތު އެ ސުވާލު ކޮށްލެވުނު އަޑުން އަފާފް ހުއްޓުން އަރާ ގޮތްވިއެވެ. އޭނަ
އުއްމީދު ކޮށްގެން ހުރީ ދިވެހި ކުއްޖެއްގެ އަޑު އިވޭށެވެ. އެހެނަސް އެ އިނގިރޭސި
ބަސްތަކުގެ ރާގުގައި އެކުލެވިފައިވީ އޮސްޓްރޭލިޔާ ހިސާބުގެ ގޮތެކެވެ. އެކަން
އެނގުންވުމުން އަފާފަށް ވަގުތުން ވާހަކަ ދެކެވުނެވެ.
"ހޫ އިޒް ދިސް؟" އަފާފަށް އަހާލެވުނެވެ.
"ހެހެ.....ޒޯއީ. ކޯލް މީ ޒޯ." އެ އަންހެން
ކުއްޖާ އެކުވެރި ރާގަކަށް ބުންޏެވެ. އަފާފަށް އިތުރު ސުވާލެއް ކުރެވުމުގެ ކުރިން
ތި ހިތަށް އަރާ އެއްޗެއް ތިމަންނައަށް އެނގޭކަމަށް ޒޯ ބުނެލިއެވެ. އަދި ތިމަންނަ
އެންމެ ޖުމްލައަކުން އެ ހުރިހާ ޝައްކެއް ފިލުވައިދޭނަމޭ ބުނެ ތިމަންނަގެ
ފިރިމީހާއަކީ ދިވެއްސެއް ކަމަށް ބުނެލިއެވެ. އެއަށްފަހު ވެސް އޭނަ އަފާފްގެ
ވިހުރިފައިވި ބޮލުގައި ފުނާ އަޅައިދެމުން އިތުރަށް ތަފްޞީލުކޮށް ކިޔައިދިނެވެ.
އޭނަ ބުނި ގޮތުގައި އޭނައާއި އޭނަގެ ފިރިމީހާ މިހުރިހާ ދުވަހު އުޅެމުން ދިޔައީ
އޮސްޓްރޭލިޔާގައެވެ. އޭނަ މީގެ މަހެއްހާ ދުވަސްކުރިން މާލެއަށް އައީ ހަމައެކަނި
ޒިޔާރަތަކަށެވެ. މީގެ މަސްތަކެއްކުރިން އޭނަ ނަޞާރާއެއްގެ ގޮތުގައި ހުރެފައި
މުސްލިމްވީ ދިވެހި އަންހެން ކުއްޖެއްގެ ސަބަބުން ކަމަށްވާތީ އެ ކުއްޖާއާއި
ބައްދަލުކުރަން ބޭނުންވެގެން ކަމަށް އޭނަ ބުންޏެވެ. އޭނަ މުސްލިމްވުމަށްފަހު
އޭނަގެ މުސްލިމް ފިރިމީހާއަށް ވެސް އެތައް ނަޞޭޙަތެއް ދީގެން މިހާރު އޭނަ
ގަދަކަމުން ވިޔަސް ނަމާދުކުރާ ކަމަށް ޒޯ ބުންޏެވެ. އެ ވާހަކަ ކިޔައިދިނުމަށްފަހު
އޭނަ މާލޭގައި މަޑުކޮށްލަން ޖެހުނީ ފިރިމީހާ ކޮންމެވެސް ކަމަކާހެދި މާލެއަށް
ބަދަލުވާން ބޭނުންވާ ވާހަކަ ބުނުމުން ކަމަށް އޭނަ ބުންޏެވެ. އެކަމާމެދު އޭނަ
ދެރަވީ ވަރަށްވުރެ ބޮޑަށް ވީ އުފާކަމަށް އޭނަ ބުންޏެވެ. އަދިވެސް އޭނައަށް
ހިދާޔަތް ލިބުމަށް މެދުވެރިވި ކުއްޖާއާއި ބައްދަލުކުރުމުގެ ފުރުޞަތެއް
ލިބޭނެތީވެއެވެ. އޭނަ ކިޔަވައިގެން ހުރި އޭނަ ލޯބިވާ ދާއިރާއިން މިކޮޅުން
ވަޒީފާއެއް ހޯދައިގެން އުފަލުގައި މިއުޅެނީ ވެސް އެހެންވެކަމަށް ބުންޏެވެ.
"ހެހެ.....ވަރަށް ފޫހިވޭދޯ މިހާ ގިނައިން ވާހަކަ
ދައްކާ މީހުންދެކެ؟ އަނގަ ބަންދު މިކޮށްލަނީ ހަމަ މިހާރު!" ޒޯ އަފާފްގެ
އިސްތަށިގަނޑު ރީތިކޮށްދީފައި ދުރުވެލަމުން ބުނެލިއެވެ. އަފާފް ހީލި ވަގުތު އޭނަ
ދެންވެސް ޒޯއާއި ވާހަކަ ދައްކަން ޝައުޤުވެރިވިއެވެ. ޒޯ އެ ދައްކަނީ ކޮން ދިވެހި
އަންހެން ކުއްޖެއްގެ ވާހަކަތޯ ހިތަށްއެރީ ވަގުތު އެއީ އޭނައަށް ވެދާނެކަމުގެ
އުފާވެރިކަމުން ހިތް ފުރިފައި ވަނިކޮށެވެ. އެހެނަސް އެއްޗެކޭ ބުނެވޭވަރަށްވުރެ
އަފާފްގެ ބޮލުގެ ރިހުން ގަދަވެފައިވިއެވެ. އޭނައަށް ދެލޯ މަރާލަމުން ބޮލުގައި
ހިފަހައްޓާލެވުނެވެ.
"ސާޖަރީއަކަށް ތައްޔާރުވެފަ އޮތް ބަލިމީހެއްގެ
ކައިރިން މިހެން އަހަން ނުޖެހޭ ކަންނޭނގެ އެކަމަކު....ބަނޑުބޮޑީތަ؟" ޒޯ
ފަރުވާތެރިކަމާއެކީ އަފާފަށް ބަލަން ހުރެ އަހާލިއެވެ. އެ ކުރެވުނު ސުވާލުން
އަފާފަށް ޒޯ ހުރި ދިމާލަށް ނަޒަރު ހުއްޓާލެވުނެވެ. ތަޖުރިބާ ހުރި ނަރުސްކުއްޖަކު
ސަބަބަކާނުލާ އެހެން ނާހާނެކަމަށް އަފާފްގެ ހިތް ބުނި ހިނދު އޭނައަށް ވާހަކަ
ދެކެވުނެވެ.
"ން...ނޭނގެ.....ޓެސްޓްތަކުން ނުދައްކާ." އަފާފް
ކުޑަކޮށް ވިސްނާލަމުން ބުނެލިއެވެ. އެއާއެކު ޒޯ އަސްލުވެސްހޭ އަހާލި އަޑު
އިވުނެވެ. އެއަށްފަހު ކުއްލިއަކަށް ޒޯ ހިނގާފައި ގޮސް އެ ރޫމުން ނިކުތް އަޑު
އިވުނެވެ. ޒޯ ދިޔައީ ކީއްކުރަން ކަމާމެދު ވިސްނައި ނުނިމެނީސް ޒޯ އަނެއްކާވެސް
އަނބުރާ އައެވެ. އެއަށްފަހު ތިމަންނައާއެކީ ފާޚާނާއަށް ހިނގާށޭ ބުނެލިއެވެ. އަފާފް
ކީއްވެތޯ ސުވާލުކުރަން ފެށުމުން ޓެސްޓުން ނުދެއްކި އެއްޗެއް ހޯދޭތޯ ކަމަށް ޒޯ
ބުނެލިއެވެ. ޒޯއަށް ކުރެވުނު އިތުބާރެއްގެ ސަބަބުންނާއި އެ ޓެސްޓުގެ ނަތީޖާ އޭނަ
ބަލަން ބޭނުންވެފައިވި މިންވަރު އަފާފް އޭނައާއެކީ ދިޔައެވެ.
ޓެސްޓް
ހެދުމަށްފަހު ޒޯ އަފާފް ގެންގޮސް އެނދުމަތީގައި ނުބެހެއްޓެނީސް ޓެސްޓުގެ
ނަތީޖާއާއިމެދު އަފާފަށް ސުވާލުކުރެވެން ފެށިއެވެ. އެހެނަސް ޒޯއަށް އެއްޗެކޭ
ނުބުނެ ހުރެވުނީ އެ ޓެސްޓުގެ ނަތީޖާ ނިކުތް ގޮތާއިމެދު ޙައިރާންވެފައިވި
މިންވަރުންނެވެ. ސާޖަރީއަށްޓަކައި ތައްޔާރު ކުރެވިފައި އޮތް ބަލިމީހެއްގެ ނަތީޖާ
ނިކުންނަން ޖެހޭނީ އެގޮތަށް ކަމަށްނުވާތީވެއެވެ. ޒޯ އަފާފަށް ޖަވާބެއްނުދީ
ހުރިގޮތަށް ހުއްޓާ ކުއްލިއަކަށް އެ ރޫމުގެ ދޮރު ހުޅުވިގެން ދިޔައީ
ސާޖަރީއަށްޓަކައި އަފާފް ގެންދިޔުމަށް އައި ނަރުހުންގެ ސަބަބުންނެވެ. ހަމަ
އެއާއެކު ޒޯގެ ހިތް އަވަސްވިއެވެ.
Comments
Post a Comment