Asr (part 39)
"ވިސާމް ރުހޭނެތަ އަހަރެން އެގޮތަށް
އެހެންމީހަކާ ސަލާންކުރަން؟" ޝަފަޤް ދެންވެސް އަހާލިއެވެ. އެއަށް ވިސާމަށް
ބޯހޫރުވާލެވުނީ ހަމަ އެއްވެސް އިޚްތިޔާރަކާނުލައެވެ. ބޯ ހޫރުވާލެވުނު ގޮތާއިމެދު
ވެސް އޭނަ ޙައިރާންވިއެވެ. އޭނައަށް މިވަނީ ކީއްހެއްޔެވެ؟ ޝަފަޤްގެ
"ބޯދާ" އުޅުން އޭނައަށް ވެސް ކަމުދާން ފެށީ ހެއްޔެވެ؟ ވިސާމް ދެބުމަ
ކައިރިކޮށް ކުޑަކޮށް އަނގަ ހުޅުވިފައި ޝަފަޤަށް ބަލަން ހުއްޓާ ޝަފަޤް
ހިނިތުންވެލިއެވެ. އަދި ޝަހާދަތް އިނގިލިން ވިސާމްގެ ދަތްދޮޅި މައްޗަށް ގެންގޮސް
އޭނަގެ އަނގަ ލައްޕުވާލިއެވެ. އެއަށްފަހު ލުއިގޮތަކަށް ހީލަމުން އަންނާށޭ ބުނެ
ދާން ހިނގައިގަތެވެ. ޝަފަޤް ދިޔަ ދިމާލަށް ބަލަން ވިސާމަށް ހުރެވުނީ ލުއި ހިނިތުންވުމެއްގައެވެ.
ޝަފަޤް ގޮސް ކާރަށް އެރިތަން ފެނިފައި އޭނަ ވެސް ގެއިން ނިކުމެ ދޮރު ލައްޕައި
ތަޅުލިއެވެ.
ޝަފަޤްގެ އުޅުމުގައި ހުރި ފުރިހަމަކަން ވިސާމަށް އިތުރަށް
ފާހަގަވާން ފެށީ އެދުވަސްފަހުންނެވެ. އެ އުޅުމުން އޭނައަށް ފާހަގަވާ
ކަންތައްތަކާމެދު ސުވާލުކުރުން އާދައަކަށް ހެދީވެސް އެދުވަސްފަހުންނެވެ. އޭނަ
ކިތަންމެ ޤަބޫލުކުރަން ބޭނުމެއްނުވިޔަސް ޝަފަޤްގެ އެ ސިފަތައް އޭނަގެ ހިތް
ފަތަޙަކުރުމުގައި ކާމިޔާބު ހޯދަން ފެށިއެވެ. އެކަން އެނގުންވުމުން އޭނައަށް މި
ކަމުދަނީ ވަކި ދީނަކުން ޝަފަޤަށް ދަސްވި ސިފަތަކެއް ނޫންކަން އަމިއްލަ ނަފްސަށް
ވިސްނައިދޭންފެށިއެވެ. އެހެނަސް އޭނައަށް ލިބެމުން ދިޔަ ޖަވާބުތައް ހެކިދެމުން
ދިޔައީ އެ ޚިޔާލާއި އިދިކޮޅަށެވެ. ކޮންމެ ދުވަހަކު ވިސާމް އޮފީހަށް ދާން ނިކުންނަ
ގަޑީގައި ޝަފަޤް ހަނދާން ނައްތާލުމެއްނެތި ކޮންމެހެން ވެސް އޭނަ ގައިގައި ބައްދައި
ނޫނީ ކޯތާފަތަށް ބޮސްދީ ހަނދަނީ ކީއްވެތޯ އެހެމުން ވެސް ޝަފަޤް ދިން ޖަވާބުން އޭނަ
ޙައިރާންވިއެވެ.
"ވިސާމް ތި ދަނީ އަހަންނާ ވަކިވެގެން. ދެން
ޔަޤީންކަމެއް ނެތްދޯ އަހަރުމެން އަދި ބައްދަލުވާނެ ކަމާމެދު؟ އަހަރުމެން މި ދުނިޔެ
ދޫކޮށް ދާނެ ވަގުތެއް ދެނެވޮޑިގެންވަނީ ހަމައެކަނި މާތް ﷲ. ވީއިރު ވިސާމްގެ ހިތް
އަހަންނަށް ސާފުކަން އަހަރެން ޔަޤީން ކުރަންވާނެއެއްނު؟ އަދި އަހަރެންގެ ހިތް ވެސް
ވިސާމަށް ސާފުކަން ވިސާމަށް ޔަޤީންކޮށްދޭން ވާނެއެއްނު؟ ހަމަ ގައިމުވެސް ވިސާމް
ބައްދާނުލާނެ ދޯ ނުރުހުންތެރިކަމެއް އޮތިއްޔާ؟ އަދި ނުރުހުންތެރިކަމެއް އޮތަސް
އަހަރެންގެ މި ޙަރަކާތުން މައްސަލަ ޙައްލުވާނެ ކަމުގެ އުއްމީދުގަ އަހަރެން މިހެން
ކަންތައް ކުރަނީ." ޝަފަޤް އެމީހުންގެ ކޮޓަރީގައި ވިސާމްގެ ކުރިމަތީގައި ހުރެ
އޭނަގެ އޮޅިފައިވާ ގިރުވޯނު ހެޔޮކޮށްދެމުން ބުނެލިއެވެ. އާދައިގެ މަތިން ވިސާމަށް
ޝަފަޤާއި ދިމާލަށް ބަލަން ހުރެވުނީ އަޖާއިބުވެ އަންތަރީސްވެފައެވެ. ދުވަސްތައް
ފާއިތުވަމުން ދިޔަވަރަކަށް އެ އަޖާއިބުކަން އިތުރުވުން ނޫންކަމެއް ނުވިއެވެ. އޭނަ
ޝަފަޤް ރުޅި އަރުވާލަން އުޅުނަސް ޝަފަޤް ރުޅި ހިންދާލުމުގެ ފަހަތުގައިވި ސަބަބަކީ
ﷲ ގެ ރުހިވޮޑިގަތުން ލިބުން ކަމުގައިވިއެވެ. ޝަފަޤް ރޭގަނޑުގެ ނިދި ނަގައި ދަމު
ނަމާދު ކުރުމުގެ ސަބަބަކަށް ވީ ﷲ ގެ ލޯބި ލިބިގަތުމެވެ. ކުޑަމިނުން ޝަފަޤް ނުބައި
ކަމަކަށްނުވާ ވިސާމްގެ ކޮންމެ ބަހަކަށް ކިޔަމަންވުމުގެ ފަހަތުގައި ވެސް ވީ ﷲ އަށް
ކިޔަމަންތެރިވާން އެ ހިތުގައި އޮތް އެދުމެވެ. އެއްރެއަކު ނިދަން އޮށޯވެ އޮވެ
ވިސާމަށް މި ހުރިހާ ކަމަކާމެދު ފުންކޮށް ވިސްނުނެވެ. މިއީ ހަމަ އެ މަންސޫރު
އޭނައަށް ދެއްކި "ހަރުކަށި" ދީނުގެ ގޮތް ހެއްޔެވެ؟ އެހެނަސް އެހެންވާނީ
ކިހިނެއް ހެއްޔެވެ؟ މަންސޫރުގެ އަޚްލާޤާއި ޝަފަޤްގެ އަޚްލާޤްގެ ދެމެދުގައި އުޑާއި
ބިމާ ދެމެދުގައިވާ ފަރަޤުތަކެއް އެބަވެއެވެ. އެ ޚިޔާލާއި މެދު ވިސްނަން އޮތްވާ
ވިސާމް އޮށޯވެ އޮތް ބާލީހުގެ ކައިރީގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. އެ
ކޮޓަރިއަށް ވެރިވެފައިވި ހިމޭންކަން ގެއްލި ދިޔުމުން ވިސާމަށް އެންމެ ފުރަތަމަ
ވެސް ބަލާލެވުނީ އޭނަގެ ކޮނޑުމަތީގައި ބޯ އަޅައިގެން ނިދިފައި އޮތް ޝަފަޤަށެވެ. ކޮޓަރިއަށް
ވެރިވެފައި އޮތް މަޑު ރީނދޫ ކުލައިގެ އަލީގެ ތެރެއިން ޝަފަޤް ދެލޯ ތަގުޅި
ކޮށްލިއެއްކަމަކު އޭނަ ލޯ ހުޅުވުމުގެ ބަދަލުގައި އިތުރަށް ވިސާމާއި ކައިރިވެލަމުން
އަރާމުވެލިއެވެ. ޝަފަޤްގެ އެ މައުސޫމްކަން ފެނިފައި ވިސާމްގެ މޫނުމައްޗަށް ވެރިވީ
އެއްމިޔަކަނުގެ ހިނިތުންވުމާއެކު އޭނަ އޭނަގެ ފޯނު މަތިން ހަނދާން ނައްތާލަން
ބޭނުންވިއެވެ. އެހެންނޫނަސް މި އޮތް ދަން ގަޑިއެއްގައި ގުޅަނީ ކާކުތޯ އޭނަގެ
ހިތަށްއެރިއެވެ. އެ ސުވާލާއެކު ވިސާމް އޭނަގެ ފޯނަށް އަތް ދިއްކޮށް ފޯނުގެ
ސްކްރީނަށް ބަލާލިއެވެ. ފެނުނު ނަމާއެކު ވިސާމް ވަގުތުން ތެދުވަން ބޭނުންވިއެވެ.
އޭނަ ލަސްލަހުން ޝަފަޤަށް އުނދަގޫނުވާނެހެން ޝަފަޤާއި ދުރުވެލުމަށްފަހު އެނދުން
ފައިބައިގެން ގޮސް ކޮޓަރިން ނިކުތެވެ.
"ކީކޭ ނާއިލް؟ މާދަމާ ލަވަ ރެކޯޑް ކުރަން
ފެށޭވަރުވާނެދޯ؟" ވިސާމް ފޯނު ކަންފަތުގައި ޖައްސައިގެން ހުރެ އަހާލިއެވެ.
"އާނ.....ހުރިހާ ކަމެއް ފިކްސްވެއްޖެ. މާދަމާ ރޭ 8
ޖަހާހިކަށްހާއިރު އައިމަ ރަނގަޅުވާނެ." ނާއިލް އެކޮޅުން ޖަވާބު ދިނެވެ.
"ދެޓްސް.....ގްރޭޓް!" ވިސާމަށް
ހިނިތުންވުމަކާއެކީ އެހެން ބުނެލެވުނީ ކެނޑިގެންނެވެ. އޭނަގެ މޫނުމައްޗަށް ވެރިވީ
އެއީ އޭނަ ބުނަން ބޭނުންވާ ބަސްތަކެއް ނޫންހެން ހީވާ ފަދަ އަސަރެކެވެ. މިވަގުތު
އޭނައަށް އިޙްޞާޞް ކުރެވެންވީ އުފާވެރިކަން ކަމެއް ނޫނީ ހިތާމަވެރިކަން ކަމެއް
ވިސާމަށް ޙަޤީޤަތުގައިވެސް ޔަޤީނެއް ނުކުރެވުނެވެ. އެހެނަސް އޭނަ ދެރަވާންވީ
ކޮންކަމަކާ ހެއްޔެވެ؟ އޭނަ މި ކާމިޔާބު ވާ ކަމަކީ ޝަފަޤަށް ސިއްރުން ކުރެވޭ އޭނަ
ނުރުހުންވާ ކަމަކަށް ވާތީވެ ހެއްޔެވެ؟ އެހެނަސް އެކަމަށްޓަކައި އޭނަ ދެރަވާންވީ
ކީއްކުރަން ހެއްޔެވެ؟ ޝަފަޤް އޭނައަށްޓަކައި ކޮށްދޭހާ ކަންތައްތަކަށްޓަކައި
ހެއްޔެވެ؟ ހަމަ އެވަގުތު ޝަފަޤް އޭނަގެ އަނދިރިކަން ފެތުރިފައިވި ޙަޔާތަށް
އުއްމީދުގެ އަލިކަމެއް ގެނެސްދިން ގޮތް އޭނަގެ ލޯމައްޗަށް ސިފަކޮށްދޭން ފެށިއެވެ.
އެ އަލިކަން އޭނަގެ ހިތަށް ވެސް ބާރު ފޯރުވާކަން ވިސާމަށް އެވަގުތު އަމިއްލަ
ނަފްސާއި އެއްބަސްވެވުނެވެ. އެހެނަސް އޭނަ މުޅިން ޝަފަޤްގެ ބަހަށް ހެއްލިއްޖެނަމަ
އޭނަ މުޅި ދުނިޔެއަށް ދައްކާނީ ކޮން މޫނެއް ހެއްޔެވެ؟ މުޅި ދުނިޔެ އޭނަ ދެކޭނީ
އޭނައަކީ އަނބިދަށުވުމުގެ ސަބަބުން ދުނިޔޭގެ ހުރިހާ ކަމެއް ދޫކޮށްލި
މީހެއްކަމަށެވެ. އޭނަގެ ދުޝްމިނުން އެފަދަ މަލާމާތްތައް އިތުރަށް ފަތުރާނެކަން
ޔަޤީނެވެ. އެހެނަސް އޭނަ އެހެން ވިޔަކަ ނުދޭނެއެވެ. އޭނައަކީ އަމިއްލަ
ފައިމައްޗަށް ކޮޅަށް ތެދުވެވޭނެ މީހެކެވެ. އޭނަ މި ނެރެން އުޅޭ އާ އަލްބަމުން
އޭނަގެ ދުޝްމިނުންނަށް ރަނގަޅު ޖަވާބެއް ދޭނެއެވެ. އޭނަގެ މަޝްހޫރުކަމާއި
މުއްސަނދިކަން އޭނައަށް އަނބުރާ އަނެއްކާވެސް ލިބޭނެއެވެ. ނޭނގޭ ސަބަބަކާހުރެ
އެވަގުތު އޭނަގެ ވަސްވާސްތަކުން ފުރިފައިވި ހިތް އަނެއްކާވެސް ޝަފަޤް
ހައްލާލެވިދާނެކަމުގެ ދޮގު ޚިޔާލު އޭނައަށްޓަކައި ޒީނަތްތެރިކުރުވިއެވެ. ހަމަ
އެއާއެކު މާދަމާ ނާއިލްމެންގެ އާ ސްޓޫޑިއޯއަށް ދިޔުމަށް އިތުރު ހިތްވަރެއް
އޭނައަށް ލިބުނެވެ.
**
"ކޮބާ އޭނަ ކައިރި ބުނެފިންތަ؟" އެ ސުވާލު
ކޮށްލީ އޭނަގެ އެޕާޓްމެންޓްގެ ސޯފާއަށް ލެނގިފައި އޮތް ޝިއާފެވެ.
"އާނ ބުނެފިން. މާދަމާ އަންނާނެ އޭނަ." ޖަވާބު
ދިނީ ސްޓޫޑިއޯއެއްގެ ސްޓޫލްއެއްގައި އިށީނދެ ފޯނު ކަންފަތުގައި ޖައްސައިގެން އިން
ނާއިލެވެ. އޭނަ ޖަވާބު ދިންތަނާހެން ފޯނުގެ އަނެއްކޮޅުގައި އިން ތިން ވަނަ މީހަކު
ޗޮއްކަނޑާލި އަޑު އިވުނެވެ.
"ތި ޕްލޭން މަށަކަށް ކަމަކު ނުދޭ. މާ އަވަހަށް
އޭނައަށް ބޭރުފުށުން އަނިޔާ ކުރަން ތިއުޅެނީ." އެހެން ބުނެލީ އޭނަގެ ކޮޓަރީގެ
އެނދުގައި އިން މާޒިނެވެ.
"ދެން މާޒިން ފިލްމެއްގެ ޕްލޮޓަކާ އެއްގޮތަށް މީތި
ގެންދަން އުޅުނަސް މަށަކަށް ކެތެއް ނުކުރެވޭ. މަގޭ އަތުގަ ފައިސާ ހުސްވި ދުވަހު
އޭނައަށް ކިރިޔާ ގޮއްސަ އުނދަގޫ ކުރީމަ އޭނަ މަ ޖަލަށް ފޮނުވައިފި. ދުވަހަކުވެސް
ހަނދާން ނުނެތޭނެ އެދުވަސްމަތިން." ޝިއާފް އޭނަ އިން ސޯފާގައި ސީދާވެލަމުން
ރުޅިވެރިކަމާއެކީ ބުނެލިއެވެ. ޔާސިރު މެދުވެރިކޮށް ވިސާމަށް ކެހިދީފައި އޭނަ
ވިސާމްގެ ބަދަލުގައި އަލްބަމެއް ނެރުނުތާ މާ ގިނަ ދުވަހެއްނުވެ އޭނަގެ
މަޝްހޫރުކަން ގެއްލެން ފެށިއެވެ. ވިސާމް ގޮތަށް އޭނަގެ ހުނަރު ދުވަހުން ދުވަހަށް
އިތުރުވަމުންނެއް ނުދެއެވެ. ނަތީޖާއެއްގެ ގޮތުން އޭނަ ލިޔުނު އާ ލަވަތަކަށް ވެސް
މާ ބޮޑު ތަރުޙީބެއް ލިބޭގޮތެއް ނުވިއެވެ. އެ ހުރިހާ ކަމެއްގެ ރުޅި އޭނަ ބާލަން
ބޭނުންވީ ވިސާމަށެވެ. މެހެނާޒްގެ މަރުގެ ފަހަތުގައިވީ ވިސާމްގެ އަތެއްތޯ ނުވަތަ
ނޫންތޯ ޔަޤީން ނުވިޔަސް އޭނަ އެންމެންގެ ކުރިމަތީގައި މެހެނާޒްގެ ޤާތިލަކީ ވިސާމް
ކަމަށް ބުނެ ވާހަކަތައް ފަތުރަން ފެށީ ވިސާމްގެ އަގު ވައްޓާލުމަށެވެ. އަމިއްލަ
މީހާގެ އަގު ވެއްޓުމުން އެ އަގަކީ މަތީ އަގެއްކަމަށް މީހުން ދެކޭނީ އެހެން
މީހެއްގެ އަގު ވެއްޓުމުންހެން ހީވީތީވެއެވެ. އެހެނަސް އެފަދަ ގޮތަކަށް އޭނަ
ވިސާމަށް އުނދަގޫކުރި ފުރަތަމަ ފަހަރުވެސް ވިސާމް އޭނަ ޖަލަށް ފޮނުވައިފިއެވެ.
ދެވަނަ ފަހަރު ވިސާމްގެ ދަރިފުޅު މިޝްކާއަށް މެޓާ ދިނުމުގެ ބަހަނާގައި އެކުއްޖާގެ
ސިކުނޑި ދޮންނަން މަސައްކަތް ކުރުމުން ވިސާމް އޭނައަށް ދިނީ އިންޒާރެކެވެ.
އެހެނަސް އޭނަ އެ އިންޒާރުތަކަށް ބިރު ގަންނާކަށް ބޭނުމެއް ނުވެއެވެ. އޭނަ
ބޭނުންވަނީ ކޮންމެ ގޮތެއް ހަދާފައިވެސް އިންޒާރުދޭ މީހަކީ އޭނައަށް ވާށެވެ.
"ޝިއާފް ތިބުނީ ރަނގަޅަށް. އެކަމަކު އަހަރެން މި
ބުނަނީ އަހަރުމެން ފިޔަވަޅުތައް އަޅަންޖެހޭނީ ވަރަށް ފަރުވާތެރިކަމާއެކީގައޭ.
އަހަރެން ވެސް ބޭނުން އެ ވިސާމް ނިކަމެތި ކޮށްލަން. އެއީ އަހަންނަށް ހަމަ މަޖާކަމެއް.
ވަރަށް ހަނދާންވޭ ނާޒް ހުރިއިރު އެ ގޮލާ ދެރަ ކޮށްލެވުނު ގޮތް. އަސްލު އޭނައަށް މާ
ބޮޑަށް ޓީވީގެ ސްކްރީނުން ޖާގަ ލިބޭތީ މަ ފޫހިވަނީ. އެކަން ބަދަލުކުރާނަން ކޮންމެ
ގޮތަކަށް ވެސް. ނާއިލް ކަލޯ ޚިޔާލެއް ދީބަލަ. އަހަރުމެން ކަލެއަށް ފައިސާ ދީފަ
ހުންނަނީ ކަމަކުއޭ." މާޒިން ވާހަކަ ދެއްކިއެވެ.
"މިއީ މޮޅު ޚިޔާލެކޭ އަހަރެން ނުބުނާނަން. އެކަމަކު
މިއީ އަހަންނަށް މި ވޭތުވި އަހަރުތަކުގެ ތެރޭގައި ވިސާމް އެނގިފައިވާ މިންވަރު.
އޭނަ އޭނަގެ ދަރިފުޅުދެކެ ވަރަށް ލޯބިވޭ. ފޯނުގެ ބެކްގްރައުންޑްގަ ވެސް އަބަދު
ހުންނަނީ ދަރިފުޅުގެ ފޮޓޯ. އެ ދަރިފުޅަށް ކަމެއްވެއްޖެއްޔާ އޭނަ މުޅިން ސަކަރާތް
ވެދާނެ. މުޅި މީހާ ބަދަލުވެދާނެ. ދެން ޝިއާފްމެންނަށް އެނގޭނީ ކުރާނެ
ކަމެއް." ނާއިލް ޖެހިލުންވުމެއްނެތި އެ ވާހަކަ ބުނެލީ އޭނަގެ އެކުވެރިޔާދެކެ
ވާ ލޯތްބަށްވުރެ ޝިއާފްމެން ދެމުން ދިޔަ ފައިސާތަކަށް އޭނަގެ ހިތުގައިވި
ލޯތްބެއްގެ ސަބަބުންނެވެ. އޭނަ ބުނެލި ވާހަކައިން ޝިއާފާއި މާޒިންގެ މޫނުމައްޗަށް
ވެސް ވެރިވީ ނުލަފާ ހިނިތުންވުންތަކެވެ.
"މާޒިން ތި ވިސްނަނީ އަހަރެން ވިސްނާ ގޮތައްތަ؟"
ޝިއާފް އަހާލި އަޑުއިވުނެވެ.
"ޔަޤީނެއްނު؟" މާޒިން ހަމަ އެ ހިނިތުންވުމުގައި
ހުރެ އެހެން ބުނެލި އިރު އެ ލޮލުގައި ނުލަފާކަމުގެ ވިދުމެއްވިއެވެ.
ވިސާމްގެ ދުޝްމިނުންގެ ރޭވުންތައް އޭނައަށް
ސިއްރުވެފައިވީއިރު އަޒާނަށް އޭނަގެ ކޮއްކޮގެ ބަދަލުވަމުން ދިޔަ އުޅުމުގެ ޙަޤީޤަތް
ފޮރުވިފައިވިއެވެ. އައިމަން ލަންކާއަށް އައިފަހުން އުޅެމުންދަނީ އަޖާއިބު
ކުރުވަނިވި ގޮތަކަށެވެ. އައިމަން އޭނަގެ އެހީއާއެކީ ދޮގު ހަދައިގެން އެހެން
ގެއަކަށް ބަދަލުވި ފަހުން އޭނައަށް ގުޅާވެސް ނުލައެވެ. އޭނަ އެ ހުރިހާ ދުވަހު
ޖެހުނީ ބޮޑުބޭބެމެންނަށް ދޮގު ހަދައިގެން ހުރިހާ ކަމެއް ހަމަޖައްސާށެވެ. އައިމަން
ވައިބާރއިންނާއި ފޭސްބުކް އިން ވެސް އޭނަ ފޮނުވި މެސެޖްތަކަށް ރިޕްލައި
ކުރީއެއްނޫނެވެ. އަދި އަމުދުން އޭނަ ގިނަފަހަރު އޮންލައިނެއްވެސް ނުވެއެވެ.
ހާސްކަމެއްގެ ތެރޭގައި އަޒާން ކޮލޮމްބޯގައި ދުވަސްތައް ގުނަމުން ދަނިކޮށް
ވައިބާރއިން އައި ފޯނެއް ނެގުމުން ކަންފަތުގައި ޖެހުނު އައިމަންގެ އަޑާއެކީ އޭނަގެ
ހިތަށް ހަމަޖެހުމެއް ލިބުނެވެ.
"ޒާން ޕްލީޒް ނޫރަލިއާއަށް އަހަރެން ބަލާ
އައިސްދީބަލާށޭ ދޮންބެ ކައިރި ބުނެލަދީބަލަ." އައިމަން އަވަސްއަވަހަށް އެހެން
ބުނެލި އަޑަށް އަޒާންގެ ނިތަށް ރޫގިނަވިއެވެ.
"ކް......ކިހިނެއް އައިމަނަށް ތިތަނަށް ދެވުނީ. ތި......"
އަޒާންގެ ޖުމްލަ މެދުކެނޑުނީ އައިމަން ރުޅިވެރިކަމާއެކީ ނުބައި ބަސްތައް
ކިޔަންފެށުމުންނެވެ.
"ޖަސްޓް ޑޫ އިޓް!" އައިމަން އެންމެ ފަހަކަށް
އޭނަގެ ބޭބެއަށް ކޮށްލި އަމުރަކީ އެއީއެވެ. މިވަގުތު އައިމަނާއި ވާހަކަ ދައްކަން
އުޅުނަސް ކުރިއެއްރުމެއް ނުލިބޭނެކަން ޔަޤީންވީތީ އަޒާން އިތުރު ވާހަކައެއް
ދެއްކުމެއްނެތި ފޯނު ބާއްވައި އެ ޚަބަރު ބޮޑުބޭބެމެންނަށް ދިނެވެ. ބޮޑުބޭބެމެން
ހަމަ އެރޭ ނުހަނު ރުޅިވެރިކަމާއެކީ އައިމަން ބަލާ ދިޔައެވެ. އައިމަން ހުރި
ހިސާބެއް ކިޔައިދިނުމުން އެމީހުން އެތަނަށް އައިސް އައިމަން ކާރަށް އެރުމާއެކު
އެމީހުންގެ ސުވާލުތައް އައިމަނަށް ކުރިމަތިވާން ފެށިއެވެ. އެހެނަސް އެ ހުރިހާ
ކަމަކަށް އައިމަން ޚިޔާރު ކުރީ ހިމޭންކަމެވެ. ގެއަށް އައިސް ބޮޑުބޭބެ އައިމަނާއި
ބޮޑު ކުރިމަތިލުމެއް ލާން އުޅުނެއްކަމަކު އައިމަންގެ ފަރާތުން ހަމަ ކުޑަވެސް
ހިލަމެއް ނުފެނުމުން ބޮޑުބޭބެވެސް ޖެހުނީ ހަތިޔާރު ބަހައްޓާށެވެ. އޭގެ
އަނެއްދުވަހު އައިމަން ރަށަށް ދާން ބޭނުންވާ ވާހަކަ ދައްކަން ފެށި ގޮތުން އަޒާން
ޙައިރާންވިއެވެ. އެމީހުން އައިމަންގެ އެދުމުގެ މަތިން ރިޓާން ޓިކެޓް ވެސް
ނަގާފައިވަނީ ޗުއްޓީ ނިމޭނެ ދުވަހަށެވެ. އެވާހަކަ ބޮޑުބޭބެ ވެސް ހަނދާން
ކޮށްދިނެއްކަމަކު އައިމަންގެ އެ ހުންނަ ގޮތްދޫނުކުރާ މިޒާޖުގެ ސަބަބުން
މިފަހަރުވެސް އޭނަ ބޭނުންވި ގޮތަށް ކަންތައްވިއެވެ. ރަށަށް އައި މުޅި ދަތުރު
މަތީގައި އައިމަން އިނީ ސީރިއަސް މޫނަކާއެކީ ހިމޭންވެފައެވެ. އަޒާނަށް ހުރެވުނީ
ކިހިނެއްވީތޯ އަހަންވެސް ނުކެރިފައެވެ. އޭނަ ހީކުރީ ރަށަށް ގޮސް ހަމައަކަށް
އެޅުމުން ހުރިހާ ކަމެއް ރަނގަޅުވާނެ ކަމަށެވެ. އެހެނަސް އެހެންނެއް ނުވެއެވެ.
ގެއަށް ދިޔަގޮތަށް ގޮސް އައިމަން ކޮޓަރިއަށް ވަދެ ތަޅުލި ގޮތަށް ނުނިކުމެވެ.
މަންމައާއި ބައްޕައާއި ރަޝީދައްތަ ވެސް އުޅެއުޅެ އައިމަން ދޮރެއް ނުހުޅުވިއެވެ.
އެންމެފަހުން ބައްޕަ އަތުގައި އޮތް ޑުޕްލިކޭޓް ތަޅުދަނޑިން ދޮރު ހުޅުވުމުން
އައިމަން ހިމޭންކަމާއެކީ އެނދުގެ ކައިރީ ބިންމަތީގައި އިންގޮތުން އެންމެންގެ
ހިތަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ. އެހެނަސް އައިމަންގެ މިޒާޖަށް އައި މި
ބަދަލާހެދި އެންމެންވެސް ކަންބޮޑުވިއެވެ. ބައްޕަ އެންމެ ފުރަތަމަ ލޯބިން ނަޞޭޙަތް
ދީފައި ހަރުކަށިވުމުން ވެސް އައިމަން ހަމަ އެންމެ ބަހެއް ވެސް ބުނެ ނުލިއެވެ. މިއީ
އައިމަން ވަރަށް ދެރަވުމުން ނޫނީ ވަރަށް ރުޅިއައުމުން ވާ ގޮތްކަން އެންމެނަށް ވެސް
އެނގެއެވެ. އެހެންކަމުން އައިމަން އޭނަގެ ޙާލަށް ދޫކޮށްލަމުން އެންމެން ސުވާލުކުރީ
އަޒާނާއެވެ. އަޒާން ހުރިހާ ވާހަކައެއް ތެދުތެދަށް ކިޔައިދިނުމުން އެންމެންގެ
އިނގިލިތައް އޭނައަށް އަމާޒުވިއެވެ. މިއީ އަޒާން އޭނަ ދިޔުމަށް މަގު ފަހި
ކޮށްދިނީތީ ވީގޮތްކަމަށް ބުނެ އެންމެން އެއްޗެހި ގޮވިއެވެ. އެހެނަސް އަޒާން
އަމިއްލަ ނަފްސަށްވުރެ ބޮޑަށް ކަންބޮޑުވީ އައިމަނާއި މެދުގައެވެ. ހިމޭނުން އިނދެ
އައިމަން ކުރިއަށް އޮތް އަހަރުގެ ޖެނުއަރީ މަހުގެ އިމްތިޙާނަށް ވެސް ތައްޔާރުވާން
އުޅޭތަން ނުފެނުމުން އަޒާން އިތުރަށް މާޔޫސްވިއެވެ. އޭނަގެ މޮޅު، ހީވާގި
ކޮއްކޮއަށް ކިހިނެއްވީބާއޭ އޭނަގެ ހިތަށްއަރަންފެށިއެވެ.
Comments
Post a Comment