Nur (part 49)
"އެއީ
އަސްލު އެއްޗެއް، އަފާފް." ނެތް ހިތްވަރެއް ހޯދައިގެން ޝަރަފް ސާބިތު
އަޑަކުން ބުނެލިއެވެ. އެއާއެކު މުޅި ތަނަށް ވެރިވެގެން ދިޔައީ މަރު
ހިމޭންކަމެކެވެ. އެމީހުން އުއްމީދު ކޮށްގެން ތިބިފަދަ ބަސްތަކެއް ނޫންފަދަ
ބަސްތަކެއް އިވިގެން ދިޔުމުން ޝާދިޔާއާއި ހުސެއިނަށް ވެސް ބުނާނެ އެއްޗެއް
ނޭނގުނުއިރު، އަފާފަށް ހުރެވުނީ ގަނޑުވެފައެވެ. އޭނަގެ ހިތަށް އެތައް ސުވާލަކާއި
އެތައް ޖަޒުބާތެއް އެއްފަހަރާ ވެރިވާން ފެށުމުން އޭނައަށް ބުނާނެ ބަހެއް ކުރާނެ
ޙަރަކާތެއް ނޭނގުނެވެ. އަފާފްގެ ޖަވާބަކަށް އިންތިޒާރުކޮށްގެން ހުރި ޝަރަފަށް
ހުރެވުނީ ނޭވާ ހިފަހައްޓައިގެންނެވެ. އެހެނަސް އޭނަ އެ އިންތިޒާރު ކުރި ޖަވާބުގެ
އަޑު ނީވެނީސް ހުސެއިން ކުރިއަށް ޖެހިލިއެވެ.
"މިހާރު އަފާފަށް އެނގިއްޖެތަ މިއީ ކިހާވަރެއްގެ
މީހެއްކަން؟! އަފާފާއި އިނދެގެން ހުރެ އޭނަ ކުރާ މުޑުދާރު ކަންތައް އެހެރީ!"
ހުސެއިން ދެލޯ ބޮޑުކޮށްގެން ހުރެ މުޅި ގެއަށް އިވޭވަރަށް ބުންޏެވެ. އޭނަ ބުނެލި
ވާހަކައިން ޝަރަފަށް ހުރި ގޮތަށް ހުރެ އޭނައަށް ބަލާލެވުނީ ލިބުނު ސިހުމަކުންނެވެ.
އެ ބުނީ ތެދު ވާހަކައެއް ނޫންކަން އެނގުންވި ތަނާހެން ޝަރަފަށް ވާހަކަ ދެކެވުނެވެ.
"އެއީ ތެދެއްނޫން އަފާފް. އަހަރެން އެކަމެއް ކުރީ
އަފާފް އަހަރެންގެ ޙަޔާތަށް އައިފަހުންނެއް ނޫން. އެއީ މާ ކުރިން ހިނގި ކަމެއް.
އެއީ އަހަންނަށް ހެވާއި ނުބައި ވަކިކުރަން ނޭނގުނު ދުވަސްވަރު. އަހަރެން އަނދިރީގެ
ތެރޭގައި ވި ދުވަސްވަރު. އަހަންނަށް ހިދާޔަތް ލިބިގެން ދިޔައީ އަފާފް މެދުވެރިވެގެން.
ވީއިރު އަހަރެން ކީއްވެ އެކަހަލަ ކަމެއް އެއަށްފަހު ކުރަންވީ؟ އަފާފް ބުނެބަލަ!
އަފާފަށް ހީވޭތަ އަހަރެން އަފާފާއި އެކީގަ އުޅެމުން އެފަދަ ކަމެއް ކޮށްފަ
އޮވެދާނެހެން؟" ޝަރަފް ހިސާބެއްގެ އުއްމީދެއް ވެރިވެގެން ދިޔަ ހިތަކާއެކީ
އަފާފާއި ސުވާލުކުރިއެވެ. އެ ހިނދު އިސްޖެހިފައި ހުރި އަފާފް ޙައިރާންކަން
ވެރިވެފައިވި މޫނަކާއެކީ އިސްއުފުލާލީ ކުއްލިއަކަށެވެ. އޭނަ ހުރި ގޮތުން އޭނަ
ޝަރަފްގާތު އެއްޗެކޭ ބުނަން އުޅުނުހެން ޝަރަފަށް ހީވިއެވެ. އެހެނަސް އަފާފް
އެއްޗެކޭ ނުބުނެ ހުއްޓާ ޝާދިޔާ ރުޅިވެރިކަމާއެކީ ވާހަކަ ދެއްކިއެވެ.
"މާޒީގަ ވިޔަސް މާޒީގަ ނޫނަސް ކަލޭ އޮތީ އެކަން
ކޮށްފައެއްނު؟ އެހެންނޫނަސް މާޒީގަ ކޮށްފަ އޮތިއްޔާ ކީއްވެ ކުރިން އަހަރުމެން
ކައިރީގަ އެ ވާހަކަ ނުދެއްކީ؟ ކުޑަމިނުން އަފާފް ކައިރީގަ އެހާވަރު ވާހަކައެއް
ބުނެވިފަ ދޯ އޮންނަންވާނީ؟ އެއީ ތިބުނާ މާޒީއެއްވިއްޔާ!" ޝާދިޔާ ދެންވެސް
ޝައްކު އުފައްދަން މަސައްކަތް ކުރިއެވެ. އަނެއްކާވެސް ހިތަށް ބިރުވެރިކަމެއް
ވެރިވެގެން ދިޔަ ޝަރަފަށް ވަގުތުން އޭނަގެ ދިފާޢުގައި ވާހަކަ ދެއްކިއެވެ.
"ބުނަން އުޅުނިން. މި ހުރިހާ ދުވަހުވެސް އަފާފްގާތު
އެ ވާހަކަ ބުނާނެ ރަނގަޅު ފުރުޞަތަކަށް ބަލަބަލާހުރީ. އެކަމަކު ނުބުނެވި އޮތްވާ މި
ދުވަސް ފެންނަން މިޖެހުނީ. އަފޫ ޓްރަސްޓް މީ. އަހަރެން ދުވަހަކުވެސް އަފޫގާތު
ދޮގެއް ނަހަދަން. ނުވެސް ހަދާނަން އިން ޝާ ﷲ! އަހަރެން އެއަށްވުރެ ބޮޑަށް އަފޫދެކެ
ލޯބިވޭ. މިއަދުވެސް އަހަރެން މި ދެއްކީ އަހަންނަށް ދައްކަން ފަސޭހަ
ވާހަކައެއްނޫން. އެކަމަކު އަފޫއަށް އޮޅުވާލަން ބޭނުންނުވީމަ މި ވާހަކަ ވެސް ޙިއްޞާ
މިކުރީ." ޝަރަފް އަފާފާއި އިހުނަށްވުރެ ގާތްވަމުން އާދޭހުގެ ރާގަކަށް ވާހަކަ
ދެއްކިއެވެ. އޭނަ އެ ވާހަކަ ދެއްކިއިރު އޭނައާއި ދިމާލަށް ބަލަހައްޓައިގެން ހުރި
އަފާފްގެ މޫނުމަތީގައިވި އަސަރު ދޭހަކުރަން އޭނައަށް އުނދަގޫވިއެވެ.
ފެންކަޅިވެފައިވި އަފާފް އޭނައަށް ޙަމްދަރުދީ ވަނީ ކަމެއް، ނޫނީ މަންމަ ދެންމެ
ދެއްކި ވާހަކަތަކެއްގެ ސަބަބުން އޭނައަށް ޝައްކުކުރަނީކަމެއް ޝަރަފަށް ޔަޤީނެއް
ނުކުރެވުނެވެ. އެހެންކަމުން ޝަރަފަށް އަފާފްގެ ކޮނޑުގައި އިހުނަށްވުރެ ބާރަށް
ހިފަހައްޓާލަމުން ވާހަކަ ދެކެވުނެވެ.
"އަފޫ ޕްލީޒް ވާހަކަ ދައްކަބަލަ! އަފޫއަށް
ޤަބޫލެއްނުކުރެވޭތަ އަހަރެން މި ދައްކާ ވާހަކަތައް؟" ޝަރަފް ރޫރޫއަޅަން ފެށި
އަޑަކުން އަހާލިއެވެ.
"ބަލަ ކަލޭ ތަކުރާރުކޮށް ތި ސުވާލުކުރަނީ އަފާފްގެ
ނިންމުން ބަދަލުވާނެކަމަށް ހީކޮށްތަ؟ ބަލަ އެއީ ތިހީކުރާހާ ގަމާރު ކުއްޖެއްނޫނޭ
ކޮންމެ ކޮންމެ މީހަކަށް އިތުބާރުކޮށްގެން ހުންނާކަށް. އަފާފް ބޭނުންވަނީ ކަލެއާއި ވަރިވާން!"
ހުސެއިނަށް އެހެން ބުނެވުނީ ކިތައްވަނަ ފަހަރުކަމެއް ޚުދު އޭނައަކަށް ވެސް
ނޭނގެއެވެ. ޝަރަފް ހުސެއިނަށް ބަލަން ހުރެފައި އަފާފަށް ބަލާލިއެވެ. އަފާފް
ދެންވެސް ހުރިގޮތަށް ހުންނަން ފެށުމުން ޝަރަފްގެ އުއްމީދުގެ ހުޅުކޮޅު ނިވެން
ކައިރިވިއެވެ. އަފާފްގެ ލޮލަށް ތާޒާ ކަރުނަތައް ޖަމާވާން ފެށިތަން ފެނިފައި
ޝަރަފަށް އަފާފްގެ ނަޒަރިއްޔާތުން މި ޙާލަތާއި މެދު ވިސްނެން ފެށިއެވެ. އޭނައަށް
ބުނެލަން ކިތަންމެ ފަސޭހަވިޔަސް އަފާފަށް ޤަބޫލުކުރަން ކިހާ ދަތިވާނެ ހެއްޔެވެ؟
އަފާފް ހުރީ މި ހުރިހާ ދުވަހު އޭނައަކީ މަދު ފާފަތަކެއް ނޫނީ ކޮށްފައިނުވާ
މީހެއްކަމަށް ޤަބޫލުކޮށްގެންނެވެ. ކަން މިހެން އޮތްއިރު އަފާފަށް މިހާރު ފެނިގެން
މިއުޅެނީ އެ މާޒީގެ މަންޒަރެއްކަން ޤަބޫލުކުރެވޭނީ ކިހިނެއް ހެއްޔެވެ؟ އަދި
އަމުދުން އޭނަ އެފަދަ ގުޅުމެއްގައި އުޅެފައިވުން ވާނީވެސް އަފާފަށްޓަކައި ކިހާ
ހިތްދަތި ޙަޤީޤަތަކަށްކަން އޭނައަށް އެވަގުތު އިޙްޞާޞް ކުރެވުނެވެ. ހަމަ އެއާއެކު
އޭނައަށް އަނެއްކާވެސް އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. މާޒީގައި އެކުރެވުނު
ކުށުގެ ހިތާމަ އެވަގުތު ކުރެވެން ފެށީ މުޅިން އެހެން ދަރަޖައަކަށެވެ. އެ ފާފައިގެ
ސަބަބުން އޭނަ އޭނަގެ ލޯބިވެރިޔާއާއި ވަކިވާން ޖެހިއްޖެހެން ހީވި ވަގުތު ޝަރަފަށް
އަފާފްގެ ކޮނޑުން ދޫކޮށްލެވުނެވެ. އެ ވަގުތު އޭނަގެ މޭގެ އެންމެ ފުނުގައި ތޫނު
ރިހުމެއް އުފެދިގެން ދިޔައެވެ. އޭނަ ފަހަތަށް ފިޔަވަޅެއް އެޅި ވަގުތު އަނެއްކާވެސް
ހުސެއިން އެއްޗެހި ގޮވަން ފެށިއެއްކަމަކު އޭނައަށް އެއަކަށް އެއްވެސް ސަމާލުކަމެއް
ނުދެވުނެވެ. އޭނަ ހުރިގޮތަށް ހުރި އަފާފަށް ބަލަން ހުރެ ދެލޯ މަރާލަމުން އަފާފަށް
ފަސްދިން ވަގުތު އޭނަގެ ހަތަރެސްފައިގައި ރިއްސާލިއެވެ. އަފާފާއި ދުރަށް ހިނގަން
ފެށި ވަގުތު އޭނަގެ މޭގައިވި ރިހުން އިތުރުވަމުން ދިޔަ ވަގުތު އޭނަގެ ހަނދާނަށް
އައީ އަފާފާއި އިނުމަށް އެދުމަށްޓަކައި އޭނަ އައި ދުވަހު ވެސް އޭނަ މިގޮތަށް
އަފާފާއި ދުރަށް ހިނގައިގަންނަން ޖެހުނު ގޮތެވެ. އެދުވަހު އޭނައަށް މާ ދުރަށް
ނުދެވެނީސް އަފާފް އޭނަގެ ނަމުން ގޮވައި އޭނަ ހުއްޓުވިއެވެ. މިއަދުވެސް އެފަދަ
ގޮތެއް ވެދާނެކަމަށް އޭނަގެ ހިތް ބުންޏެއްކަމަކު ނުބައި ޚިޔާލުތަކުން އޭނަގެ
ސިކުނޑި ފުރިފައިވިއެވެ. އޭނަގެ އުއްމީދުގެ ހުޅުކޮޅު ނިވެން ކައިރިވި ވަގުތު
އޭނައަށް އަފާފްގެ އަޑު އިވިގެން ދިޔައެވެ.
"ޝަރަފް!" އަފާފް ގޮވާލި އަޑަށް އެދުވަހުވެސް ވީ
ފަދައިން ޝަރަފްގެ ފައިގައި ތަޅު އެޅުވުނެވެ. އޭނަގެ މެރިފައިވި ދެލޯ އޭނައަށް
ހުޅުވާލެވުނެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނައަށް ފަސްއެނބުރި އަފާފަށް
ބަލާލެވުނެވެ.
"އަހަރެން ޤަބޫލުކުރަން." ރޮވެން ކައިރިވެފައި
ހުރެ އަފާފް ބުނެލި ވާހަކަ ދޭހަކުރަން ފުރަތަމަ ސިކުންތުގައި ޝަރަފަށް ދަތިވިއެވެ.
އެހެނަސް އެންމެފަހުން އޭނަ ކުރި ސުވާލު ހަނދާންވެފައި އެއީ އެ ސުވާލުގެ
ޖަވާބުކަން އެނގުންވީ ހިނދު ޝަރަފްގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. އެ
ހިނދު އަފާފް ވެސް ހިނިތުންވެލަން އުޅުމުން ވެސް އެ ހިނިތުންވުން ގެއްލި ދިޔަ
ގޮތުން ޝަރަފަށް އޭނަގެ ހިތުގައި އެވަގުތު ހިނގަމުން ދިޔަ އިޙްޞާޞްތައް
ނަގައިގަނެވުނެވެ. އަފާފް ދެންމެ އެ ބަސްތައް ބުނެލީ ކިހާ ހިތްވަރެއް ކޮށްގެންކަން
އޭނައަށް އެނގުންވިއެވެ. އެ ބަސްތައް ހިތާއި ދެކޮޅަށް ވެސް އަފާފް ބުނެފައި އެ
ވަނީ ކޮންމެހެންވެސް ދެމީހުންގެ ގުޅުން ދަމަހައްޓަންކަން އޭނައަށް ޔަޤީންވިއެވެ.
ހަމަ އެއާއެކު އަފާފަށްޓަކައި ފުންވެގެން ދިޔަ ލޯތްބަކާއެކީ ޝަރަފަށް ދިގު
ފިޔަވަޅުތަކެއްގައި އަފާފްގެ ގާތަށް ގޮސް އޭނަގެ ގައިގައި ބައްދާލެވުނެވެ. އެ
ހިނދު އޭނަގެ މޭމައްޗާއި ދިމާލުން އަފާފްގެ ކަރުނަތަކުގެ ހޫނުކަން އިޙްޞާޞް
ކުރެވުމުން ޝަރަފަށް އަފާފްގެ ގައިގައި އިހުނަށްވުރެ ބާރަށް ބައްދާލެވުނެވެ.
އޭނަގެ އެ ޙަރަކާތުން އަފާފްވެސް އޭނަގެ ގައިގައި ބާރަށް ބައްދާލި އިޙްޞާޞް ޝަރަފަށް
ކުރެވުނެވެ. އޭނައަށް ހީވެފައި އޮތީ ރަނގަޅަށެވެ. އަފާފް ދެންމެ އެ ބަސްތައް
ބުނެލެވުނީ އެތައް ހިތްވަރެއް ލައިގެންނެވެ. އޭނަ އަދިވެސް ހުރީ، ޝަރަފް އޭނަ ނޫން
އެހެން އަންހެނަކާއި ގާތްވެފައި ވެދާނެހެން އޭނައަށް ކުރިން ހީވެސް
ނުވެފައިވަނިކޮށް ޝަރަފްގެ ދުލުން އެކަން ޔަޤީންވުމުން އެ ސިހުމުގެ ތެރޭގައެވެ.
ޝަރަފްގެ ބަސްތައް ޤަބޫލުކުރަން އޭނައަށް އިންތިހާއަށް ދަތިވިއެވެ. އެ ބަސްތައް
ބުނި ވަގުތުވެސް އޭނަގެ ހިތުތެރޭގައި ޝަރަފާއިމެދު ޝައްކުތަކެއްވިއެވެ. އެހެނަސް
އެ ޝައްކުތަކުން އޭނަ ދުރުވީ އޭނަ ކުރި އިޚްތިޔާރަކުންނެވެ. އޭނަ ﷲ އަށްޓަކައި
ލޯބިވި މި ފަރާތާއި އޭނައާއި ދެމެދު އޮތް ގުޅުން ދެމެހެއްޓުން އޭނައަށް
އެހެންކަމަކަށްވުރެ މުހިއްމުވިއެވެ. އޭނަގެ އަމިއްލަ އެދުންތައް އެހާ ފަސޭހައިން
ދުރުކޮށްލެވުނީ އެހެންވެއެވެ. ދުވަހަކުވެސް އެހެން އަންހެނަކާއި ގާތްނުވާ ފިރިއަކު
ހުރުމުގެ އެދުން އޭނަގެ ހިތުގައި އޮތެއްކަމަކު އޭނައަށް ތަޤްދީރު ބަދަލެއް
ނުކުރެވޭނެކަން އޭނައަށް އެނގުންވިއެވެ. އެހެންނޫނަސް އެއީ އޭނަގެ ފިރިމީހާ
ތައުބާވެފައިވި ކުށެކެވެ. ތައުބާވެފައިވި ކުށެއްގެ ސަބަބުން މީހަކު
އެއްކިބާކޮށްލުން ވާނީ ކިހާ ބޮޑު ކުށަކަށް ހެއްޔެވެ؟ ހިތަށް ވެރިވަމުން ދިޔަ އެ
ސުވާލުން އަފާފަށް އޭނަގެ މޫނު އިތުރަށް ޝަރަފްގެ މޭތެރޭގައި ފޮރުވެމުން ދިޔައީ
އޭނަގެ ހިތުގައި ޝަރަފަށްޓަކައިވި އިޙްޞާޞްތައް އަނބުރާ ގެނައުމުގެ ނިޔަތުގައެވެ.
އެކަން ކާމިޔާބުވެސްވިއެވެ. މާ ގިނައިރެއްނުވެ އަނެއްކާވެސް އޭނަގެ ހިތާއި ސިކުނޑި
ޝަރަފް އޭނަ އުފާކޮށްދިން ހުރިހާ ދުވަސްތަކެއްގެ މަތިން ހަނދާންކޮށްދިނެވެ.
ދެމަފިރިން އެ އުފާވެރި ބައްދަލުވުމުގައި ތިއްބާ
އަނެއްކާވެސް ޝާދިޔާއާއި ހުސެއިން ޝަރަފްގެ ބޮލުގައި އެކިއެކި އިލްޒާމްތައް
އަޅުވައި އަނެއްކާވެސް ހުރިހާ ކަމެއް އެ ފުށްމިފުށަށް ޖެހޭތޯ މަސައްކަތް ކުރިއެވެ.
އެހެނަސް އެއަކުން އެ ދެމީހުންނަށް ވެސް ކުރި އަސަރެއް ނެތެވެ. އެ ރުޅިވެރި
ވާހަކަތައް ދެކެވެމުން ދިޔަހާ ހިނދަކު ދެމީހުންކުރެ އެކަކުވެސް އެދިމާލަށް ބަލާ
ކަހަލަ ޚިޔާލެއް ވެސް ނުކުރީ، ވާހަކަ ދެއްކިޔަސް އެ ޒުވާބުތަކަށް ނިމުމެއް
ނާންނާނެކަން ޔަޤީންވެފައިވީތީވެއެވެ. އިރުކޮޅެއްފަހުން ދެމީހުން އެކަކު
އަނެކަކާއި ދުރުވެ، އެކީގައި ސިޑިން މައްޗަށް ދާންފެށީ، އެ ވަގުތު އެންމެ ރަނގަޅު
ވާނީ ހިމޭންކަމާއެކީ ދިޔުންކަން، ވާހަކަ ދެއްކުމެއް ނެތިވެސް ދެމީހުންނަށް
ނިންމުނީތީވެއެވެ. އެންމެ ފަހުން އެދެމީހުން ލޯމައްޗަށް ގެއްލުމުން ޝާދިޔާއާއި
ހުސެއިން ޖެހުނީ އެމީހުންގެ ވާހަކަތަކަށް ހުއްޓުމެއް ގެނެސް އެމީހުން ދާތަނަކަށް
ދާށެވެ.
އަފާފްގެ އިތުބާރު އޭނައަށް ލިބުނުކަން ޔަޤީންވިއެއްކަމަކު
ދެންވެސް އަފާފާއި އޭނައާއި ދެމެދު ދުރުކަމެއް ޝަރަފަށް އިޙްޞާޞް ކުރެވުނެވެ.
އަފާފްގެ ތުންފަތަށް ވެރިވާ ހިނިތުންވުމާއި އޭނަގެ ލޮލުން ފެންނަމުން ދިޔައީ
މުޅިން ތަފާތު ދެ އަސަރެކެވެ. މީގެ އިތުރުން އެހެން ރޭރެއާއި ޚިލާފަށް އަފާފް ހުރީ
ނެގިމަޑުވެފައެވެ. އޭނަ ޝަރަފް ބުނާ އެއްޗަކަށް ރައްދު ދިނުމުގެ ގޮތުން ނޫނީ
ވާހަކައެއް ނުދައްކައެވެ. މި ހުރިހާ ކަމެއް ފާހަގަ ކުރެވުމުން ޝަރަފް ރީތިވާ
މޭޒުގެ ކުރިމަތީގައި އަފާފާއެކީ ހުއްޓިހުރެ އަފާފްގެ އަތުގައި ހިފައި އޭނައާއިވީ
ފަރާތަށް އަނބުރާލިއެވެ.
"އަދިވެސް އަހަންނަށް ރުޅިތަ؟" ޝަރަފް ކިތަންމެ
ބޭނުމެއް ނުވިޔަސް އޭނައަށް އަފާފްގެ މޫނުގައި ހިފަހައްޓާލަމުން އެ ސުވާލު
ކޮށްލެވުނީ ސީރިއަސްކަމާއިއެކީގައެވެ. އޭނަގެ އެ ސުވާލުން އަފާފް އިސްޖަހާލުމުން
ޝަރަފް މާޔޫސްވާގޮތްވިއެވެ. އޭނަ ވަގުތުން ސަމާސާއެއްކޮށްލަން އުޅުނު ވަގުތު
އަފާފް އިސްއުފުލާލަމުން ޖަވާބުދިނެވެ.
"ރުޅިއެއްނޫން. އަހަރެން އަސްލު ދެރަވީ.......ވަރަށް
ބޮޑަށް. އަހަރެން ހިއެއްނުކުރަން ޝަރަފް......އެނީވޭސް އެ ވާހަކަ ބާއްވަމާދޯ؟
މިރޭގެ މޫޑު ޚަރާބް...." އަފާފްގެ ވާހަކަ ފުރިހަމަ ނުވަނީސް ޝަރަފް ވާހަކަ
ދެއްކިއެވެ.
"އައިމް ސޮރީ އަފޫ. އަފޫ އަސްލު ވަރަށް ހިތްވަރުގަދަ.
އެނޫންނަމަ އަހަންނަށް މަޢާފެއް ނުކުރީސް. އަފޫ ބޭނުންވީ އަހަރުމެން ދެމީހުން
އެކުގަވާން. އަހަރެން އުއްމީދުކުރަން އަހަންނަށް އޮޅިގެންވެސް އަފާފަށް
ދެރައެއްނުދެވޭނެކަމަށް. އައި ލަވް ޔޫ. އައި ލަވް ޔޫ ސޯ މަޗް!" ޝަރަފް އެހެން
ބުނެ ނިމުނު ވަގުތު އަފާފް އަނެއްކާވެސް ހުރީ ފެންކަޅިވެފައެވެ. ޝަރަފް
އަނެއްކާވެސް އަފާފް ގެނެސް އޭނަގެ ބާރުގަދަ އަތުން ވަށާލަމުން އަފާފްގެ
އިސްތަށިގަނޑުގައި ބޮސްދިނެވެ. އެ އުފާވެރި ވަގުތުކޮޅުގެ ތެރެއަށް ގެނބިގެން ދިޔަ
ޝަރަފަށް ނޭނގުނު ކަމަކީ، އޭނައާއި އަފާފްގެ ގުޅުމަށް ނިމުމެއް ގެންނަން
މަސައްކަތް ކުރާ މީހުން ދެން ބޭނުންކުރާނެ އުކުޅަކީ އޭނަ އެންމެ ފަހުން އަފާފާއިވި
އެ ވަޢުދުކަމެވެ.
**
"އެއީ އަޖާއިބެއް ކަހަލަ ބައެއް. ބަލަ އަދިވެސް
އެމީހުން ވަރިއެއްނުވެއޭ!" އެ ވާހަކަ ބުނެލީ ވިޔާމްގެ އެޕާޓްމެންޓްގެ
ސޯފާގައި އިން ހަނާއެވެ. ހަނާގެ ކަނާތް ފަރާތުގައި މީގެ މަސްތަކެއް ކުރިން
އެމީހުންގެ ރޭވުންތަކާއި ގުޅުނު ފައިހާއިން އިރު ހަނާގެ ވާތްފަރާތުގައި ފައިހާގެ
ލޯބިވެރިޔާއިނެވެ. ފައިހާ ހަނާމެންނާއި ގުޅިފައިވަނީ ބިންތު ޢައްމާރަކީ ކާކުކަން
އޭނައަށް އެނގޭ ކަމަށްބުނެ އޭނަ ވާހަކަ ފަތުރަން ފެށި ހިސާބުންނެވެ. އެ ވާހަކަ
ވިޔާމްގެ ކަންފަތާއި ހަމައަށް ފޯރިފަހުން ފައިހާ ވިޔާމަށްޓަކައި އަފާފާއި ބެހޭ
މަޢުލޫމާތުތައް ފޯރުކޮށްދެނީ ވަޒީފާއެއްގެ އުސޫލުންނެވެ. ކުރީކޮޅު އޭނަގެ ހިތުގައި
މިކަމާމެދު އުނދަގުލެއްވިއެއްކަމަކު، އަފާފަށްޓަކައި އޭނަގެ ހިތުގައި އޮތް
ޙަސަދައިގެ ސަބަބުން އެއީ ރަނގަޅުކަމެއް ކަމަށް ޝައިޠާނާ އޭނައަށް ވިސްނައިދިނުމުގައި
ކާމިޔާބު ހޯދިއެވެ. އޭނަ އަދަށްދާންދެން ވެސް ވިޔާމްގެ 'ޚާދިމެއްގެ' ގޮތުގައި
އުޅެމުން ދަނީ އެހެންވެއެވެ.
"ދެން މަށަށް ހީވަނީ ސިހުރެއްހެން ހަދަންވީ އެމީހުން
ވަކިކުރަން. އެކަމަކު އެ އަންހެނާ ހެނދުނާއި ހަވީރުގެ ޒިކުރުތައް ވެސް ކިޔާނެތާދޯ؟
އަޑުއަހަން އެ ޒިކުރެއް ކިޔާ ބަޔަކު ސިހުރުގެ އަސަރުތަކުން ސަލާމަތްވާނެއޭ."
ހަނާ ކަންބޮޑުވުން ފާޅުކުރިއެވެ. އޭނަ އެ ދެއްކި ވާހަކައިގެ ޒާތުން އައި ރުޅީގައި
ވިޔާމް ޗޮއްކަނޑާލިއެވެ.
"ސިހުރެއް
ނެހެދިޔަސް އެމީހުން ވަކިވާނެ! އެމީހުން ވަކިކުރުމަކީ މަގޭ އަޒުމެއް. މަގޭ
އަޒުމެއް ޙާޞިލުނުކޮށް މަ ފަހަތަކަށް ނުޖެހޭނަން. އެދެމީހުން ވަކި ކުރާނީ
އެދެމީހުން ހީވެސް ނުކޮށް ތިބޭނެ ފަދަ ގޮތަކަށް. އެ ވެސް ގިނަވެގެން 10 ވަރަކަށް
ދުވަސްތެރޭގަ. އަހަރެން ކޮންމެހެން ވެސް 10 ދުވަހުގެ ތެރޭގަ އެދެމީހުންނަކީ ވެސް
ވަކި ދެ ބަޔަކަށް ހަދައި އެމީހުން ބަލިކަށި ކުރުވާނަން. ޠޮލް މިހާރުދަނީ
މަޑުމަޑުން އެ ޝަރަފް ކުރި ކަންތައް ނިއުޅަމުން. މަ ބޭނުން އޭނައަށް އެ ރިސޯޓެއް
ފުރިހަމަ ކުރެވުނަސް ނުކުރެވުނަސް އޭނަގެ ނަންވެސް މި ދުނިޔެއިން ފޮހެލަން!"
ވިޔާމް އޭނަގެ ސޯފާގައި އިނދެ އެތިފޮދެއް ބޮމުން ބުނެލިއެވެ.
Comments
Post a Comment