Asr (part 23)
އެ ލިބުނު ޔަޤީންކަމާއެކީ ވިސާމް މެހެނާޒަށް
"ލޯބި" ހުށަހެޅިއެވެ. އޭނަ އުއްމީދު ކުރި ފަދައިން މެހެނާޒް ވަގުތުން އެ
"ލޯބި" ޤަބޫލުކޮށް ވިސާމާއި ރައްޓެހިވިއެވެ.
އެދުވަހަށްފަހު ވިސާމްގެ ޙަޔާތް ފުރިގެން ދިޔައީ
ހިނިތުންވުންތަކުންނެވެ. އޭނައާއި މެހެނާޒް އެކީގައި އުޅޭތަން މާލޭގެ އެކި
މަގުތަކުން ފެންނަން ފެށިއެވެ. މެހެނާޒާއެކީ ވަގުތު ހޭދަކުރަމުން ދިޔަވަރަކަށް
ވިސާމް އެ ވަގުތުތަކަށް ދެވިހިފަން ފެށިއެވެ. މެހެނާޒްގެ ސޫރަ ގިނަގިނައިން
ފެނުމަށް އޭނަގެ ހިތް އެދި ގޮވަމުން ދިޔައެވެ. މެހެނާޒްގެ ހުނުމުގެ އަޑު އަބަދުމެ
އޭނަގެ ކަންފަތުގައި ހަރުލާފައި ހުންނަން އޭނައަށް އެދެވުނެވެ. ވިސާމަށް މެހެނާޒް
އެކަނި އުޅޭ އެޕާޓްމެންޓަށް ވެސް ދޭތެރެ ދޭތެރެއިން ޒިޔާރަތް ކުރެވެން ފެށީ
އެހެންވެއެވެ. އޭގެ މާ ގިނަ ދުވަހެއްނުވެ އޭނައަށް މެހެނާޒާއި އާދަޔާ ޚިލާފަށް
ގާތްވެވެން ފެށިއެވެ. ދުވަހަކުވެސް އެއްވެސް އަންހެނަކާއި ގާތް ނުވާވަރަށް
މެހެނާޒާއި ގާތްވެވުނު ރޭ މި ކުރެވެނީ ގޯސްކަމެއްކަމަށް ވިސާމްގެ ހިތް
ހިނދުކޮޅަކަށް ބުންޏެވެ. އެހެނަސް މިކަން ގޯސްކަމަކަށްވާނީ ހަމައެކަނި މަންމައާއި
މަންސޫރުގެ ނަޒަރުން ކަމަށް އޭގެ ދެވަނަ ސިކުންތުގައި އޭނަގެ ސިކުނޑި
ބުނެލައިފިއެވެ. ހަމަ ޔަޤީނުންވެސް އޭނަ މާލެއަށް އައުމަށް އެހީވެދިން
ޚާލިދުބެމެންނަށް މިއީ ގޯހަކަށް ނުވާނެކަން ޔަޤީންކުރެވުމާއެކު ވިސާމްގެ ހުރިހާ
ނުތަނަވަސްކަމެއް ފިލައިދިޔައެވެ.
އޭގެ އަނެއްދުވަހު މެހެނާޒް ވެސް އެ ކުރެވުނު ކަމަކާމެދު
ހިތާމަ ނުކުރާކަން އެނގުންވުމުން ވިސާމަށް މެހެނާޒް އިތުރަށް ކަމުދިޔައެވެ.
މެހެނާޒަކީ އޭނަގެ "ސޯލްމޭޓް"ކަމަށް ނިންމުނެވެ. މި ކުއްޖާ އޭނައާއި
އެއްގޮތީ ހާދަ ގިނަ ގޮތްގޮތުންނޭ ވިސާމްގެ ހިތަށްއަރަމުން ދިޔައެވެ. އެކި ޝޯތަކަށް
ދެމުން ދިޔަ އިންޓަވިއުތަކުގައި ވެސް އެ ވާހަކަތައް އޭނައަށް ދެކެވެމުން ދިޔަ
ގޮތުން އޭނަ އުޅެނީ މެހެނާޒާއި ރައްޓެހިވެގެންކަން ޢާއްމުންނަކަށް
ސިއްރެއްނުވިއެވެ. ވިސާމް އެއީ މާ ބޮޑު މައްސަލައެއް ކަމުގައި ނުދެކުނެވެ. އަދި
ބަދަލުގައި ފަޚުރުވެރިކަމާއެކީ އޭނައާއި މެހެނާޒްގެ ގުޅުން ސޯޝަލް މީޑިޔާގައި
އިޝްތިހާރު ކުރަން ފެށިއެވެ. ފަޚުރުވެރިވީ އަމިއްލަ ނަފްސުދެކެއެވެ. އޭނައަށް
މިއަދު ފައިސާއާއި މަޝްހޫރުކަމާއި ރީތި އަންހެން ކުއްޖަކު ލިބިފައިވަނީ އޭނަގެ
މޮޅުކަމުން ކަމަށް އޭނައަށް ހީކުރެވުނެވެ.
ކިބުރުވެރިކަމުން ފުރެމުން ދިޔަ ހިތަކާއެކީ ދުވަސްތައް
ހޭދަކުރަމުން ދިޔަ ވިސާމަށް ނޭނގުނު ކަމަކީ އެތައް ޙަސަދަވެރި ލޯތަކެއް އޭނައަށް
އަމާޒުވަމުން ދިޔަކަމެވެ. އަދި އެ ލޯތަކުގެ ވެރިން އޭނައާއި ދެކޮޅަށް ރޭވުންތައް
ރާވަން ފެށިކަމެވެ. އެކަން އެންމެ ފުރަތަމަ ވިސާމަށް އެނގުންވީ އޭނައާއި
މެހެނާޒްގެ ގުޅުން ހުތުރުވާ ވާހަކަތައް ސޯޝަލް މީޑިޔާގައި ފެތުރެން ފެށުމުންނެވެ.
އޭނައާއި މެހެނާޒް އެއް އެޕާޓްމެންޓެއްގައި ރޭތައް ހޭދަކުރާ ވާހަކަ ޢާއްމުންގެ
ދޫތަކުން އިވެން ފެށުމުންނެވެ. އޭގެ މާ ގިނަ ދުވަހެއްނުވެ އޭނައާއި މެހެނާޒް
ގައިގޯޅިވެގެން ތިބެ މެހެނާޒްގެ އެޕާޓްމެންޓަށް ދެވޭ ލިފްޓަށް އަރާ މަންޒަރުގެ
ކުރު ވީޑިޔޯއެއްވެސް ފޭސްބުކްގައި ދައުރުވާން ފެށިއެވެ. އެ ވީޑިޔޯގެ މަތީގައި ވެސް
ވިސާމަށް ހުތުރު ބަސްބުނެ އެއްޗެހި ގޮވާފައިވިއެވެ. ވިސާމް އޭތި ފެނުނު ދުވަހު
އޭނަގެ އަމިއްލަ ފޭސްބުކް ޕޭޖްގައި ވަގުތުން އެކަމާއި ގުޅިގެން ސްޓޭޓަސްއެއް
އަޕްޑޭޓް ކުރިއެވެ. އެ ސްޓޭޓަސްގައި އޭނައާއި މެހެނާޒްގެ ދެމެދުގައި އެފަދަ
ގުޅުމެއް ނުހިންގާކަމަށްބުނެ ދޮގު ހަދާފައިވިއެވެ. އަދި އެރޭ ހިނގި ކަންތައް
ސިއްރުކޮށްލީ އެރޭ މެހެނާޒްގެ އެޕާޓްމެންޓަށް ދިޔައީ މެހެނާޒާއިއެކީ ރެކޯޑް
ކުރަމުންދާ އާ ލަވަ ޕްރެކްޓިސް ކުރުމަށްޓަކައި ކަމަށް ބުނަމުންނެވެ. އޭނަ އެ
ސްޓޭޓަސް ނިންމާފައިވަނީ އޭނައަށް އޭނަގެ ހައްދުތައް އެނގޭކަމަށް ބުނަމުންނެވެ.
ސްޓޭޓަސް އަޕްޑޭޓް ކުރި ވަގުތު އޭނައަށް އެ ވާހަކައާއި މެދު ވިސްނާލެވުނެވެ. ނޭނގޭ
ސަބަބަކާހުރެ އަސްލު އެ ހައްދުތަކަކީ ކޮބައިހެއްޔޭ އޭނަގެ ހިތަށް އެވަގުތު
އެރިއެވެ. ޢާއްމުންނަށް އޭނައާއި މެހެނާޒްގެ ގުޅުން ގޯސްވެގެން މި އުޅެނީ
އެދެމީހުން އެއްކޮޓަރިއަކަށް ދާހެން ހީވުމުންނެވެ. އޭގެ ކުރިން އޭނައާއި މެހެނާޒް
ނުހަނު ގާތްކޮށް ހުއްޓިގެން ތިބި ފޮޓޯތައް އޭނަ ސޯޝަލް މީޑިޔާގައި ޙިއްސާކޮށްފައިވެއެވެ.
އެހެނަސް މީހުންނަކަށް އެ ފޮޓޯތައް ނުބައެއް ނުވިއެވެ. އެހެންވީމަ އޭނަ
ޙަޤީޤަތުގައި މެހެނާޒާއެކީ އުޅެންޖެހޭ ހައްދަކީ ކޮޓަރިން ބޭރު ހެއްޔެވެ؟ އެ
ސުވާލާއިމެދު ވިސާމަށް ހިނދުކޮޅަކަށް ވިސްނުނެވެ. ނަމަވެސް އިރުކޮޅެއް ނުވަނީސް
މީހުން ކޮންމެ އެއްޗެކޭ ބުންޏަސް އޭނައަށް ކޮންކަމެއްހެއްޔޭ ހިތައި އެ ސުވާލު
މަތިން ހަނދާން ނައްތާލިއެވެ.
ކިތަންމެ ނޫންކަމަށް ހަދަން އުޅުނެއްކަމަކު އޭނަގެ ބައެއް
ސަޕޯޓަރުން އޭނަގެ އެ ސްޓޭޓަސްވެސް ޤަބޫލުނުކޮށް އޭނައާއި ދިމާލަށް އެއްޗެހި
ކިޔާފައި ވިގޮތުން އޭނަ ނުތަނަވަސްވެ ބިރުގަތެވެ. މިއީ އޭނަގެ މަޝްހޫރުކަމުގެ
ނިމުމޭ ހިތަށްއަރަން ފެށުމުން ވިސާމަށް ވަގުތުން ފިޔަވަޅެއް އެޅުނެވެ.
"ނާޒް ލެޓްސް ގެޓް މެރީޑް." ވިސާމް އެއްރެއަކު
މެހެނާޒާއެކީ ރެސްޓޯރެންޓަކަށް ކާންގޮސް ބުނެލިއެވެ. ހަމަ އެއާއެކު ފެންބޯން އިން
މެހެނާޒް ކޮށިއަރާ ގޮތްވިއެވެ. ވިސާމަށް ދެބުމަ ކައިރިކޮށްގެން މަންޒަރު ބަލަން
އިނދެފައި ޖަވާބަކަށް އިންތިޒާރު ކުރެވުނެވެ.
"އާ ޔޫ ސީރިޔަސް، ސޭމް؟ އަދި އަހަރުމެން ރިލޭޝަންޝިޕަށް
އެންމެ 2 މަންތްސް! އެހެންނޫނަސް ކީއްކުރަންތަ މެރީ ކުރަނީ؟ އަހަރުމެން
ބޭނުންކަމެއް އަހަރުމެން އެބަކުރަމެއްނު؟" މެހެނާޒް އަހާލިއެވެ. މެހެނާޒްގެ
ފަހު ދެ ސުވާލުން ވިސާމްގެ މެއަށް ނުބައި ގޮތެއްވިއެވެ. އޭނަ އަބަދުވެސް ހުރީ ވަކި
ހިސާބަކުން މެހެނާޒާއި އިންނަން ޚިޔާލުކޮށްގެނެވެ. ނަމަވެސް މެހެނާޒް އެފަދަ
ޚިޔާލެއް ނުގެންގުޅޭކަން އެނގުންވުމުން އޭނަ ދެރަވެ ހިސާބަކަށް ނުތަނަވަސްވެސްވިއެވެ.
އެފަދަ ޚިޔާލެއް ގެންގުޅެން މެހެނާޒަކީ ކޮންކަހަލަ ކުއްޖެއްހޭ ހިތަށްއެރިއެވެ.
ނަމަވެސް ނޭނގޭ ސަބަބަކާހުރެ މެހެނާޒް ބުނި ވާހަކައާމެދު ކޮންމެވެސް ވަރަކަށް
އެއްބަސްވެސްވެވުނެވެ.
"ބުނެބަލަ ސޭމް." ޖަވާބެއް ނުލިބި ގިނައިރުވާން
ފެށުމުން މެހެނާޒް ބުނެލިއެވެ. އެއާއެކު ހަމަ ހޭވެރިކަމެއް ލިބިގެން ދިޔަ ވިސާމަށް
ވާހަކަ ދެކެވުނެވެ.
"ނާޒް ތިބުނީ ތެދެއް. އެކަމަކު އަހަރުމެން މިއުޅެނީ
އަޖާއިބެއްފަދަ ސޮސައިޓީއެއްގަ. މިހާރު ކަންތައްވެފަ އޮތްގޮތުން އަހަރުމެންގެ
ކެރިއާރއަށް ވެސް އޭގެ އަސަރުކޮށްފާނެ. ސޯ ޕްލީޒް......އަހަރުމެންގެ ގުޅުމަށްވީ
އެންމެ 2 މަސް. އެކަމަކު ނާޒްއަށް ހިއެއްނުވޭތަ އަހަރުމެންނަށް މުޅި ޢުމުރަށް
އެކަކު އަނެކަކާއެކީ އުޅެވިދާނެހެން؟" ވިސާމް އެންމެ ފަހުން ކޮށްލީ ޚުދު އޭނަ
ވެސް އޭގެ ޖަވާބާއިމެދު ޔަޤީންނުވާ ސުވާލެކެވެ. މެހެނާޒް ސާބިތުކަމާއެކީ އާނއެކޭ
ބުނާނެކަމަށް އޭނައަށް އުއްމީދު ކުރެވުނެވެ. އެހެނަސް އޭނަގެ މޫނުމަތިން ދެންވެސް
ކަންބޮޑުވުމެއް ފެންނަމުން ދިޔަ ގޮތުން އެ ކައިވެންޏާއިމެދު ވިސާމްގެ ހިތުގައި
ނުތަނަވަސްކަމެއް އުފެދުނެވެ. އެހެނަސް އޭނައަށް މި ކައިވެނިނުކޮށް
ވެވޭކަށްނެތެވެ. އޭނަގެ ސަޕޯޓަރުން އޭނައަށް ކުރާ ޤަދަރު އޭނައަށް އެހެން އެއްވެސް
ކަމަކަށްވުރެ މުހިއްމެވެ.
ހިމޭންކަމުގެ ވަގުތުކޮޅަކަށް ވިސާމަށް ބަލަން އިނދެފައި
މެހެނާޒް ފުން ނޭވައެއް ދޫކޮށްލަމުން ވާހަކަ ދެއްކިއެވެ.
"ދެން......އެހާވެސް ގޯހެއްނުވާނެ ކަންނޭނގެ. އައި
މީން.....އައި ލަވް ޔޫ." މެހެނާޒް އެހެން ބުނެލީ ލުއި
ހިނިތުންވުމަކާއެކީގައެވެ. އޭނަގެ ފަހު ބަސްތައް އިވިފައި ވިސާމަށް ވެސް
ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. މެހެނާޒް ބުނިހެން މި ކައިވެނި ދެންމެ
އޭނައަށް ހީވިހާ ގޯސްނުވެދާނެކަމުގެ ޔަޤީންކަމެއް އެވަގުތު ލިބުނެވެ.
ވިސާމް އޭގެ އަނެއްދުވަހު ވިސާމް ޚާލިދާއި ހަފްސާއަށް
ވަކިވަކިން ގުޅާފައި އޭނަގެ ކައިވެނީގެ ޚަބަރު ދިނެވެ. އެއަށްފަހު ހުރިހާ ގާތް
އެކުވެރިންނަށް ވެސް ވަކިވަކިން ގުޅުމަށްފަހު އޭނަ ރަޝީދާގެ ނަންބަރު ފޯނުގައި
ޖެހީ ޖަހާ ހިތުންނެއްނޫނެވެ. މީގެ މަސްތަކެއް ކުރިން މަންމަ ވަނީ އޭނައަށް ގުޅުން
ހުއްޓާލާފައެވެ. އެކަމާމެދު ވިސާމްގެ ހިތަށް އުނދަގޫވިއެއްކަމަކު އޭނަ މެހެނާޒް
ކައިރިއަށް ގޮސް އެކަމުގެ މަތިން ހަނދާން ނައްތާލައެވެ. އެހެންކަމުން މި ހުރިހާ
ދުވަހު އޭނަ ވެސް މަންމައަކަށް ނުގުޅައެވެ. ނަމަވެސް މިއަދު އޭނަ އެ ނަންބަރަށް
ގުޅަން ނިންމީ މިހާ ބޮޑު ވާހަކައެއް ބުނަންވާނެތާއޭ ހިތް ބުނަމުން ދިޔަ
ވަރުންނެވެ. ފޯނު އަނެއްކޮޅުން ރިންގުވަމުން ދިޔައިރު ވިސާމަށް ފޯނުގެ ސްކްރީނަށް
ބަލަން ހުރެވުނީ ނޭނގޭ ސަބަބަކާހެދި ކެތްމަދުވެފައިވި ހިތަކާއި އެކީގައެވެ.
ސްކްރީނަށް ފެހި ކުލަ އެރުމާއެކު އޭނައަށް ދެލޯ މަރާލަމުން އޭތި ކަންފަތުގައި
ޖައްސާލެވުނެވެ.
"އައްސަލާމުޢަލައިކުމް." ރަޝީދާ އާދައިގެ
އަޑަކުން ބުނެލި އަޑު އިވިފައި ވިސާމްގެ ދެލޯ ހުޅުވުނެވެ. މަންމަގެ އަޑުން ގުޅީ
އޭނަކަން މަންމައަށް ނޭނގުނީބާއޭ ވިސާމްގެ ހިތަށްއެރިއެވެ.
"މަންމާ." ވިސާމް ގޮވާލީ އެއީ އޭނަކަން އެންގުމަށެވެ.
އެ ފަރާތުން ރަޝީދާ ފުން ނޭވައެއް ދޫކޮށްލި އަޑު އިވުނެވެ.
"ކީކޭ؟" ރަޝީދާ ފަރުވާކުޑަ ގޮތަކަށް އެހެން
އަހާލުމުން ވިސާމްގެ ހިތަށް އުނދަގޫވިއެވެ. އޭނަގެ މަންމަ އޭނައާއި ދިމާލަށް
އެއްޗެހިވެސް ނުގޮވާވަރަށް ދުރުވީހޭ ހިތަށްއެރުމުންނެވެ. އެހެނަސް އޭނަ ހިތްވަރު
ކުރެވޭތޯ ބެލިއެވެ.
"މަންމާ އަހަރެން މި އުޅެނީ މީހަކާ އިންނަން."
ވިސާމް ފުން ނޭވައެއް އެތެރެއަށް ލާފައި ބުނެލިއެވެ. އެއަށްފަހު ބާރަށް ތެޅިގަތް
ހިތަކާއެކީ މަންމަގެ ޖަވާބަކަށް އިންތިޒާރު ކުރެވުނެވެ. މަންމަ އޭނައަށްޓަކައި
އުފާކޮށް މަރުޙަބާ ކިޔާ އަޑު އަހަން އޭނަ ކެތްމަދުވިއެވެ. އެހެނަސް
އިރުކޮޅެއްވީއިރު ވެސް އެއްވެސް ޖަވާބެއް ނުލިބުމުން ވިސާމް ދެންވެސް ވާހަކަ
ދެއްކިއެވެ.
"މެހެނާޒް އެކުއްޖާގެ ނަމަކީ." ވިސާމް
ބުނެލިއެވެ. މިފަހަރުވެސް އެ ކޮޅުން އެއްވެސް ޖަވާބެއް ނުލިބުނެވެ. ނަމަވެސް
ފޯނުގެ އަނެއްކޮޅުގައި މަންމަ އެބަހުރިކަން ޔަޤީން ކުރެވުނެވެ. އެހެންކަމުން އޭނަ
އިތުރަށް ވާހަކަ ދެއްކިއެވެ.
"މަންމަ އެއްޗެކޭ ނުބުނާނަންތަ؟" ވިސާމަށް
އަހާލެވުނެވެ. އެއާއެކު އޭނައަށް މަންމަގެ އަޑު އިވެން ފެށިއެވެ.
"މަންމަ އެއްޗެކޭ ބުނިއްޔާ ވިސާމްގެ ހިތަށް އެއިން
އަސަރެއްކުރާނީތަ؟" ރަޝީދާ ތުރުތުރު އަޅަމުން ދިޔަ އަޑަކުން އެހެން
އަހާލުމުން ވިސާމްގެ ހިތުގެ އެންމެ ފުންމިނަށް އަސަރު ކުރިއެވެ. އޭނައަށް ދެލޯ
މަރާލެވުނު ހިނދު އެއްވެސް އެއްޗެކޭ ބުނަން ނުކުޅެދުނެވެ.
"މި ހުރިހާ ދުވަހު މި މަންމަ ދެއްކި ކިތައް
ވާހަކައަކަށްތަ ވިސާމް ބީރު ކަންފަތެއްދިނީ؟ މި މަންމަ ދޫކޮށް ތިހާ ދުރަށް ގޮއްސަ
ތިހިރީ ވެސް މަންމަ ނުދާށޭ ބުނެބުނެ ހުއްޓާ. އަދި ގޮއްސަވެސް އެހެން ހުރިހާ
އެންމެނަށް ގުޅޭއިރު ވިސާމް އަމިއްލައަށް މި މަންމައަށް ގުޅާނެ ވަގުތެއް ނުލިބޭ.
ދެން ކޮންކަމަކަށް އުއްމީދުކޮށްގެންތަ މަންމަ ވިސާމްއާ ވާހަކަ ދައްކަންވީ؟ ނިކަން
ބުނެލަދީބަލަ މަންމައަށް." ހަރުކަށިކަމެއް އެކުލެވިގެންވި ރޮވިފައިވާ އަޑުން
ރަޝީދާ ވާހަކަ ދައްކައި ނިމުނުއިރު ވިސާމްގެ އެސްފިޔަތައް ތެމިފައިވިއެވެ. ކުޑަ
ހިނދުކޮޅަކަށް ނަމަވެސް މަންމައަށް މަޢާފަށް އެދެން ވިސާމްގެ ހިތަށްއެރިއެވެ. އޭނަ
މި ކުރަމުން ދިޔަ ހުރިހާ ކަމެއް ދޫކޮށް މަންމަ އުފާކޮށްދިނުމަށްޓަކައި މަންމަ
ކައިރިއަށްދާން ހިތް ބުންޏެވެ. އެހެނަސް އެވަގުތު އޭނައަށް ފޯނުގެ އަނެއްކޮޅުން
ފިރިހެނެއްގެ އަޑު އިވުނެވެ.
"އޭނަ ކައިރި ބުނޭ އެ ޒިނޭކުރާ އަންހެނާއާއި
އިނދެގެން އޭނައަށް މިގެއަކަށް ނުވަދެވޭނެއޭ." އެކޮޅުން އިވުނު ވާހަކައަކުން
ވިސާމްގެ މޫނުމައްޗަށް ޙައިރާންކަން ވެރިވިއެވެ. ނަމަވެސް އެއީ ކާކުކަން ޔަޤީންވީ
ވަގުތު ވިސާމްގެ ބުމަގޮށްޖެހުނެވެ. މަންސޫރު ޖަލުން މިނިވަންވީކަން އެނގުންވީ
ހިނދު އޭނަގެ ދަތްކުނޑި ވިކުނެވެ. ހަމަ އެއާއެކު ދެންމެ މަންމަ އުފާކޮށްދިނުމަށް
އޭނަގެ ހިތަށް ވެރިވި ހުރިހާ ޝުޢޫރެއް ބަދަލު ހިފުމުގެ ޝުޢޫރުތަކަށް ބަދަލުވެގެން
ދިޔައެވެ.
"ކަލެއަކަށް ދެނެއް ނުހިފެހެއްޓޭނެ މަށެއް. މަ އުޅޭނީ
މަ އުޅެން ބޭނުންވާ ގޮތަކަށް." ވިސާމް އެހެން ބުނެ ނުބައި ބަހެއް ކިޔާލަމުން
ފޯނު ކަނޑާލިއެވެ. އެއަށްފަހު މެހެނާޒާއި އޭނަގެ ކައިވެނީގެ ކަންތައް
ހަމަޖެއްސުމަށް އަވަސްވެގަތީ، ކޮންމެހެން ވެސް މި ކައިވެންޏަކީ ކާމިޔާބު ކައިވެންޏަކަށް ހެދުމަށް ޢަޒުމް
ކަނޑައަޅަމުންނެވެ. އެވެސް މަންސޫރު މޫނުމައްޗަށް ވިއްލާލެވޭނެ އެތިފަހަރަކަށްވާނެ
ކަމަށް ޤަބޫލު ކުރެވުނީތީވެއެވެ.
މެހެނާޒާއެކީ އޭނަގެ އަލަތު ޒަވާޖީ ޙަޔާތް ފެށިގެން ދިޔައީ
ވިސާމް އުއްމީދު ކުރި ގޮތަށެވެ. އޭނަ މެހެނާޒަށް ލޯބިދެމުން ދިޔަ ވަރަކަށް
މެހެނާޒްގެ ފަރާތުން ވެސް އޭނައަށް ލޯބި ލިބެމުން ދިޔައެވެ. އޭނަ މެހެނާޒަށް
ހަދިޔާއެއް ހޯދައިދިނިއްޔާ މެހެނާޒް އޭނައަށްޓަކައި ސަޕްރައިޒް ޕާޓީއެއް
ބާއްވަފާނެއެވެ. އޭނަ މެހެނާޒްގާތު ލޯބީގެ ފަށުވި ޢިބާރާތްތައް ބުނެފިއްޔާ
މެހެނާޒް އޭނަގެ ރޭތައް އުފާވެރިކޮށްދޭނެއެވެ. ހުރިހާ ކަމެއްވެސް ހަފްތާތަކެއް
ވަންދެން ދެމިދިޔައީ ހީވެސް ނުކުރާހާ ފުރިހަމަކޮށެވެ. މިއީ އޭނަގެ ޙަޔާތުގެ
ވާހަކައިގެ އުފާވެރި ނިމުން ކަމުގައި ވިސާމަށް ނިންމުނީ ކިތައް ފަހަރު ކަމެއްވެސް
ނޭނގެއެވެ.
ނަމަވެސް ކަންތައް އެފުށްމިފުށަށް ޖެހެންފެށީ ވިސާމަށް
ފާހަގަނުވާނެ ގޮތަށް ލަސްލަހުންނެވެ. ވިސާމާއި މެހެނާޒްގެ ކައިވެންޏަށް މާ ގިނަ
ދުވަސް ނުވަނީސް އެމީހުންނަށް ވީޑިޔޯ ލަވަތަކެއް ކުޅުމުގެ ފުރުޞަތު ލިބުމުންނެވެ.
ދެމީހުންނަކީ ވެސް ގިނަ ބައެއްގެ ސަމާލުކަން ލިބޭފަދަ ސޫރަތަކެއްގެ ވެރިން
ކަމަށްވެފައި ގިނަ ބައެއްގެ ނަޒަރުން އެ ދެމީހުންނަކީ ގުޅޭ ދެމީހުންނަށް
ވުމުންނެވެ. އަބަދުވެސް އާ ކަންތައްތައް ތަޖުރިބާ ކޮށްލަން ބޭނުންވާ މެހެނާޒާއި
ވިސާމް މާ ބޮޑު ޖެހިލުމެއްނެތި ދެމީހުން ކިޔާފައި އޮތް ލަވައެއްގެ ވީޑިޔޯވެސް
ކުޅުނެވެ. އެއަށް ލިބުނު ތަރުޙީބުގެ ސަބަބުން އިތުރު ލަވަތައް ކުޅުމުގެ
ފުރުޞަތުތައް އެ ދެމީހުންނަށް ވަކިވަކިން ލިބެން ފެށިއެވެ. މިގޮތުން އެންމެ
ފުރަތަމަ މެހެނާޒާއި ވަކިން ލަވައެއް ކުޅުމުގެ ފުރުޞަތު ލިބުނީ ވިސާމަށެވެ. އެ
ލަވައިގައި ވިސާމް ކޮންމެވެސް އަންހެން ކުއްޖަކާއެކީ ނަށަން ޖެހުނެވެ. އެކަމާމެދު
ވިސާމް ހިނދުކޮޅަކަށް ޖެހިލުންވިއެއްކަމަކު މެހެނާޒް އެއްވެސް މައްސަލައެއް
ނުޖެއްސުމުން އެއީ މައްސަލައެއް ނޫންކަމުގައި ދެކި ވިސާމް އެ ލަވަ ކުޅެ
ނިންމާލިއެވެ. މެހެނާޒަށް އެހެން ލަވައެއް ކުޅުމުގެ ފުރުޞަތު ލިބުނީ އޭގެ
ދުވަސްތަކެއް ފަހުންނެވެ. މެހެނާޒް ލަވަ ކުޅެންޖެހުނީ އޭރުގެ ވަރަށް މަޝްހޫރު
ތަރިއެއް ކަމަށްވާ މާޒިނާއި އެކީގައެވެ. މާޒިނަކީ ބިޔަ ހަށިގަނޑެއްގެ ވެރި
އަންހެން ކުދިންގެ ހިތްތައް ކަތިލާ ޒާތެއްގެ ސޫރައެއް ލިބިފައިވާ ޒުވާނެކެވެ. އެއީ
ޙަޤީޤަތެއް ނޫންކަމަށް ދެކޭ މީހުން ތިއްބަސް އޭނަ މަޝްހޫރުވެފައިވަނީ އެހެންނެވެ.
މާޒިނާއެކީ މެހެނާޒް ލަވައެއް ކުޅެންޖެހޭ ވާހަކަ އިވުމުން ވިސާމް ހިސާބަކަށް
ކަންބޮޑުވިއެވެ.
"އޯންވް......ސޭމް ޖެލަސްވީތަ؟ ކަމޯން ޑާރލިންގް.
އެނގެއެއްނު އަހަރެން ސޭމްއަށް ބޭވަފާތެރި ނުވާނެކަން؟" އެދުވަހު ވިސާމްގެ
މޫނުމައްޗަށް ވެރިވީ ކުލަވަރު ފެނިފައި މެހެނާޒް ވިސާމްގެ ކަރުގައި ދެއަތް
އަޅުވާލަމުން ބުނެލިއެވެ. އެއަށްފަހު ޙާލަތާއި ގުޅޭ ލަވައެއް ކިޔަން ފެށުމުން
ވިސާމް އެވަގުތު ހީލީ އޭނަ ހިސާބަށްވުރެ ކަންބޮޑުވަނީކަމަށް ނިންމަމުންނެވެ.
ނަމަވެސް ކީއްވެކަމެއް ނޭނގެއެވެ. އޭގެ އަނެއްދުވަހު ލަވަކުޅޭ ސެޓަށް ގޮސް މާޒިން
މެހެނާޒަށް ބަލަމުން ދިޔަގޮތުން ވިސާމަށް އުނދަގޫވަމުން ދިޔައެވެ. ޑިރެކްޓަރުގެ
އިރުޝާދާއި އެއްގޮތަށް މާޒިން އޭނަގެ އަނބިމީހާގެ އަތުގައި ހިފައި ކައިރިއަށް
ގެނެސް ބައްދަމުން ދިޔަ ގޮތުން ވިސާމްގެ ގޮށްމުއްކެވެމުން ދިޔައެވެ. ނަމަވެސް
ކޮންމެ ދުވަހެއްގެ ޝޫޓިންގް ނިންމާލާފައި މެހެނާޒް ހެމުންހެމުން އައިސް އޭނަގެ
ގައިގައި ބައްދާލާ ގޮތުން އޭނަ ބޭކާރު ގޮތުގައި ބިރުގަންނަނީކަމަށް ވިސާމަށް
ނިންމެއެވެ. މެހެނާޒް މާޒިންއާއެކީ އެހެން އުޅެނީ ވަކި ލޯބިވެގެންނެއްނޫނެވެ.
މަސައްކަތުގެ ގޮތުންނެވެ. ވީއިރު އޭނަ ބިރުގަންނަންވީ ކީއްވެގެން ހެއްޔެވެ؟
ކޮންމެ ގޮތެއްވިޔަސް ވިސާމް ކޮންމެ ދުވަހަކު ޝޫޓިންގް
ފެށިގެން ގޮސް ނިމެންދެން ވެސް ސެޓްގައި އިންނަނީ އޭނަގެ ހިތުގައި އުފެދެމުން ދިޔަ
ބިރުވެރިކަމެއްގެ ސަބަބުންނެވެ. އެ ބިރުވެރިކަން ދެގުނަވެގެން ދިޔައީ މާޒިން އޭނަ
މެހެނާޒާއެކީ ޙިއްސާކުރާ އެޕާޓްމެންޓަށް ވެސް އަންނަން ފެށުމުންނެވެ.
އެޕާޓްމެންޓަށް އައި ފުރަތަމަ ދުވަހުވެސް މެހެނާޒް ސަލާމަށް އަތް ދިއްކޮށްލުމުން
މާޒިން އެ އަތް އުފުލާލަމުން ބޮސްދިން ގޮތުން ވިސާމްގެ ބުމަގޮށްޖެހިގެން ދިޔައެވެ.
މާޒިން އޭނައަށް ކުޑަކޮށް ގޮވާލާފައި ސިޓިންގް ރޫމުގެ ސޯފާއެއްގައި އިށީނުމުން
މެހެނާޒް އޭނަގެ ކައިރީގައި އިށީން ގޮތުން ވިސާމްގެ ހިތުގައި ރުޅިވެރިކަމުގެ ރާޅު
ބާންޏެއް ނެގިއެވެ. އެރޭ އޭނަގެ ކެތްތެރިކަން ކޮޅުންލާ ގޮތްވިއެވެ.
"ނާޒް އައި ޑޯންޓް ލައިކް ދިސް." މާޒިން
އެޕާޓްމެންޓުން ނިކުތުމުން މެހެނާޒް ކޮޓަރިއަށް ދާން ހިނގައިގަތް ވަގުތު ވިސާމް
މަޑުމައިތިރި އަޑަކުން ބުނެލިއެވެ.
"ވަޓް؟" މެހެނާޒް ފަސްއެނބުރި ވިސާމަށް
ބަލާލަމުން ބުނެލިއެވެ.
"މާޒިންއާ ނާޒް އެހާ ކައިރިވީމަ." ވިސާމް
ސީދަލަށް ބުނެލިއެވެ. އެވަގުތު މެހެނާޒް ކުއްލިއަކަށް ކޮންޓްރޯލް ކުރެވިފައިވި
ހިނިތުންވުމަކާއެކީ ވިސާމާއި ދިމާލަށް މުޅިން އެނބުރިލިއެވެ. އެއަށްފަހު ބާރަށް
ހޭންފެށުމުން ވިސާމްގެ މޫނުމައްޗަށް ޙައިރާންކަން ވެރިވިއެވެ.
"ހެހެހެހެ.......ސް..ސޭމް. އޯ މައި ގޯޑް! އަހަރެން
އިނދެގެން މިއުޅެނީ ނަވާރަ ސަތޭކަ ހަތްދިހައިގެ ފިރިއަކާ. ކިރިޔާ އެހެން
ފިރިހެނަކާ ކައިރިވިޔަސް އެއީ ބޭވަފާތެރިވެވުނީ. ހެހެހެހެ.......ސޯ...ސޯ
ޑްރެމެޓިކް. ހެހެހެ....." މެހެނާޒް ދެންވެސް ހެމުން ދިޔައީ ވިސާމަށް މަލާމާތް
ކުރާފަދަ ރާގަކަށެވެ. އެހެނަސް އެއިން އޭނަގެ ނުރުހުންތެރިކަމަކަށް
ބަދަލެއްނައެވެ. ވިސާމް އެއްވެސް އެއްޗެކޭ ނުބުނެ ހުއްޓާ މެހެނާޒް އޭނަގެ ހުނުން
ހުއްޓާލަމުން ވިސާމްގެ ކައިރިއަށްއައެވެ.
"ކަމޯން ސޭމް......މާޒިންއަކީ ހަމައެކަނި އަހަރެންގެ
އެކުވެރިއެކޭ. އަހަރެން ލޯތްބެއް ނުވޭ އޭނަދެކެ. ލޯބިވަނީ ސޭމްދެކެ. ތިހާ
ޕޮޒެސިވްވާކަށް ނުވާނެއޭ ލޯބި. ތިހާވަރު ނުވިޔަސް އަހަރެން އަބަދުވެސް ހުންނާނަން
ސޭމް ކައިރި. ނައު ސްމައިލް!" މެހެނާޒް އެހެން ބުނެ ވިސާމްގެ ދެކޮލުގައި
ހިފައި ދެކޮޅަށް ދަމާލިއެވެ. ވިސާމް ދެންވެސް ހިނިތުންވެނުލުމުން މެހެނާޒް އޭނަގެ
މޫނުމައްޗަށް ހިތާމަވެރިކަން ވެރިކުރުވިއެވެ.
"ސޭމް އަހަންނަށް އިތުބާރު ނުކުރަނީތަ؟"
މެހެނާޒް އަހާލިއެވެ. އެއާއެކު ވިސާމަށް ވަގުތުން ކުރުވެގެން ދިޔަ ނޭވާއަކާއެކީ
ބޯހޫރުވާލެވުނެވެ. އޭނަ ދެންވެސް މާޒިނާއި ދުރުގަ އުޅުމަށް މެހެނާޒް ގާތު ބުނަން
އުޅެފައިވެސް ޖެހިލުންވީ މެހެނާޒް
އަނެއްކާވެސް ދެރަ ކުރެވިދާނެތީވެއެވެ. އޭނަ އެފަދަ ކަމަކާމެދު ދެން ވާހަކައެއް
ނުދައްކަން ނިންމީ މެހެނާޒަށް ކުރެވުނު އިތުބާރެއްގެ ބޮޑުކަމުންނެވެ.
ނަމަވެސް އެ އިތުބާރު ވިސާމްގެ ހިތަށް ހަމަޖެހުމެއް
ގެނެސްދިނުމުގައި ނާކާމިޔާބުވިއެވެ. ޖެހިގެން އައި ދުވަހުވެސް ޝޫޓިންގްގައި
އޭނައަށް ކުރިއެކޭ އެއްގޮތަށް އުނދަގޫތައް ވަމުން ދިޔައެވެ. މާޒިން މެހެނާޒާއި
ކައިރިވާ ކޮންމެ ފަހަރަކު އޭނައަށް އަމިއްލަ ޚިޔާލުތަކުން ސެޓްގެ މެދަށް ގޮސް
މާޒިންގެ މޫނުމައްޗަށް ވަރުގަދަ އެތިފަހަރެއް ވީއްލާލެވެއެވެ. އެހެނަސް ރޭ
މެހެނާޒަށް ވީ ވަޢުދާއި އެ ސެޓްގައި ތިބި މީހުންގެ "ޒަމާނީ ވިސްނުމުގެ"
ސަބަބުން އޭނައަށް ހީވަމުން ދިޔައީ އޭނަގެ އަތުގައި ޗެންޗޭނު
އެޅުވިފައިވީހެންނެވެ.
ދުވަސްތައް މިފަދަ ގޮތަކަށް ފާއިތުވަމުން ގޮސް ލަވައިގެ
ޝޫޓިންގް ނިމުމުން ވިސާމްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އެ ލިބުނު
ހަމަޖެހުމުގައި އޭނަ ނޭވައެއްލާން އުޅުނުތަނާހެން މެހެނާޒަށް ފިލްމެއް ކުޅުމުގެ
ފުރުޞަތު ލިބުނެވެ. މިފަހަރުވެސް އެ މާޒިނާއި އެކީގައެވެ. މިފަހަރު ވިސާމަށް
ވަގުތުން އިންކާރު ކުރެވުނެވެ.
"ކަމޯން ސޭމް! މިއީ ކޮންމެކޮންމެ ދުވަހަކު ލިބޭނެ
ފުރުޞަތެއްނޫނޭ. އަހަރެން ބޭނުން މި ފިލްމް ކުޅެން." މެހެނާޒް އެމީހުންގެ
ކޮޓަރީގައި ހުރެ ވިސާމާއި ވާހަކަ ދެއްކިއެވެ.
"އަހަރެން ބޭނުމެއްނޫން ނާޒް އެ މާޒިންއާއެކީ
އުޅޭތަން ދެކޭކަށް....އައި ލަވް ޔޫ ނާޒް." ވިސާމް މެހެނާޒްގެ ކޮނޑުގައި
އޯގާތެރިކަމާއެކީ ދެއަތުން ހިފަހައްޓާލަމުން ވިސްނައިދެވޭތޯ ބެލިއެވެ.
"އައި ލަވް ޔޫ ޓޫ. އެކަމަކު އަހަރެން މައްސަލައެއް
ނުޖައްސަން ސޭމް އެ ޒައިނަބަކާއެކީ ލަވަ ކުޅުނުއިރު. ދެން ކީއްވެ ސޭމްއަށް
އަހަންނަށް އެގޮތަށް ޓްރަސްޓް ނުކުރެވެންވީ. އަހް! ދިސް
އިޒް.....އަރްރްރްރްރްގް!" މެހެނާޒްގެ މޫނުމައްޗަށް ރުޅިވެރިކަމާއި
ހިތާމަވެރިކަން ވެރިވުމުން ވިސާމް ވަގުތުން އޭނަ ހިތްހަމަޖައްސާލަދޭން
ބޭނުންވިއެވެ. އެކަމަށްޓަކައި ދެއްކި ވާހަކަތަކުގެ ތެރެއިން އޭނައަށް ފިލްމު
ކުޅުމުގެ ހުއްދަ ދެވުނީ ބޭ އިޚްތިޔާރުގައެވެ.
ފިލްމުގެ ޝޫޓިންގް ފެށިގެން ދިޔަތާ މާ ގިނަ ދުވަހެއްނުވެ
މެހެނާޒް ވަރަށް ބޮޑަށް ބަލިވާން ފެށިއެވެ. ބަލިވެގެން ވެސް 2 ދުވަސްވަންދެން އޭނަ
ގަދަކަމުން ވެސް ސެޓަށް ހާޒިރުވިއެވެ. 2 ވަނަ ދުވަހުގެ ރޭ ވިސާމް މެހެނާޒް
ގޮވައިގެން ހޮސްޕިޓަލަށް ދިޔައީ އުފާވެރިކަން ވެރިވަމުން ދިޔަ ހިތަކާއެކީގައެވެ.
ހޮސްޕިޓަލަށް ދިޔަ މަގުމަތީގައި ކާރުތެރޭގައި އިނދެ ވިސާމް ކުރި ސުވާލުތަކަށް
މެހެނާޒް ދިން ޖަވާބުތަކުން އޭނައަށް އިނދެވުނީ ނުފިލާ ހިނިތުންވުމެއްގައެވެ.
ލިބެން އުޅޭ އުފާވެރި ޚަބަރު އޭނައަށް މާ ކުރިން ވެސް އެނގުނެވެ. ނަމަވެސް އެރޭ
މެހެނާޒް ހޮސްޕިޓަލުގައި އެޑްމިޓް ކުރުމަށްފަހު އޭގެ އަނެއްދުވަހު އެ ޚަބަރު ޑޮކްޓަރުގެ
ދުލުން އިވުމުން އޭނައަށް ހީވީ އެއީ މުޅިން އާ ޚަބަރެއް ހެންނެވެ.
"ޝީޒް
ޕްރެގްނެންޓް." މެހެނާޒް ނިދިފައި އޮތް ވަގުތެއްގައި ޑޮކްޓަރު އައިސް އެހެން
ބުނެލުމުން ވިސާމްގެ އަނގައިން ނިކުތް ލުއި އާހަކާއެކީ އޭނައަށް
ހިނިތުންވެލެވުނެވެ. ހަމަ އެ ހިނދުކޮޅު މި ހުރިހާ ދުވަހު އޭނަ ތަޙައްމަލު ކުރަމުން
އައި ނޭދެވޭ އިޙްޞާޞްތަކެއްގެ މަތިން އޭނަ ހަނދާން ނެތުނެވެ. މެހެނާޒަށްޓަކައި
ވެސް ކުރިން ނުވާފަދަ ލޯތްބެއް އުފެދިގެން ދިޔައީ ކުއްލިއަކަށެވެ. އެ ހިނދުކޮޅުން
ފެށިގެން އޭނައަށް ބައްޕައޭ ކިޔައި ގޮވާލާނެ ތުއްތު ދަރިފުޅަށްޓަކައި ވިސާމްގެ
އިންތިޒާރު ފެށުނެވެ. މެހެނާޒަށް މި ޚަބަރު ލިބުމުން އޭނަ ކިހާ އުފާވާނެހޭ
ވިސާމްގެ ހިތް ބުނި ހިނދު އޭނައަށް އަނެއްކާވެސް ހެވުނެވެ
Comments
Post a Comment