Asr (part 57)
"އައިމަން؟"
ދޮރުމަތިން ފެނުނު މީހަކުން ވިސާމަށް ޙައިރާންކަމެއް ލިބުނެވެ. ދޮރު ރަނގަޅަށް
ހުޅުވާލި ވަގުތު އޭނަގެ ކައިރީގައި އަޒާން ވެސް ހުރިތަން ފެނިފައި ވިސާމަށް އެ
ނަން ވެސް ކިޔާލެވުނެވެ.
"ހެހެ....ހާދަ
ނުގަޑިއެއްގަ؟ އަވަހަށް ވަދޭ!" އެމީހުން ދޮރުމަތީގައި ބައިތިއްބާފައި އެތައް ސުވާލެއް
ކުރަން ހިތަށް އެރިއެއްކަމަކު މެހުމާންދާރީ އަދާ ކުރުމުގެ ގޮތުން ވިސާމް އެމީހުން
އެތެރެއަށް ވެއްދިއެވެ.
"މިއޮތް އައީ މިޝީގެ
ޒޯންބެއާ އައިމަންބެ، ދޯ؟ ހެހެ.....ސައިބޮއިގެންތަ ދެކުދިން އައީ؟" ޝަފަޤް
މިޝްކާގާތު އެއްޗެކޭ ބުނެ ވާހަކަ ދެއްކި ގޮތުން އެންމެނަށް ހީލެވުނެވެ. ޝަފަޤް
އެފަދަ ގޮތަކަށް ވާހަކަ ދެއްކީވެސް ގެއަށް ވަދެގެން އައި ދެކުދިންގެ މޫނުމަތިން
އޭނައަށް ނުތަނަވަސްކަމެއް ފެންނަމުން ދިޔައީތީވެއެވެ. ސަމާސާއެއް ކޮށްލީ އެމީހުން
ނުތަނަވަސްވަނީ އޭނައާއި ވިސާމްގެ ފަރާތުން އެކުވެރިކަމެއް ނުފެނިދާނެހެން އެމީހުންނަށް
ހީވެފައި އޮވެދާނެ ކަމަށްޓަކަށެވެ. އެހެނަސް އޭނަގެ ސަމާސާއަށް އެމީހުން ހީލިއިރު
ވެސް އެ މޫނުތަކުން ނުތަނަވަސްކަން ނުފިލައެވެ.
"ހެހެ......ސައި
ބޭނުމެއްނޫން ދައްތާ. މިއައީ ކުޑަ ކަމަކު." އައިމަން އެހެން ބުނެލަމުން
ވިސާމް އެމީހުން އިށީނުމަށް ޢިޝާރާތްކުރި ސޯފާގައި އިށީނެވެ. އައިމަން ބުނެލި
ވާހަކައިން ވިސާމްގެ ޙައިރާންކަން އިތުރުވިއެވެ.
"ކޮންކަމެއް؟"
އޭނައަށް އަހާލެވުނެވެ. އެއާއެކު އަޒާނާއި އައިމަން އެކަކު އަނެކަކަށް
ބަލާލައިފިއެވެ. އެއަށްފަހު އައިމަން ފުން ނޭވައެއް ދޫކޮށްލަމުން އޭނަގެ އަތުގައި
އޮތް ސިޓީ އުރައާއެކީ ކޮޅަށް ތެދުވެ ވިސާމް ކައިރިއަށް ދިޔައެވެ. އަދި ދެލޯ
މަރާލަމުން އެ ސިޓީ އުރަ ވިސާމްގެ އަތަށް ދިއްކޮށްލިއެވެ. ވިސާމް އޭގައި ހިފައި
އެއަށް ބަލާލި ވަގުތު ޝަފަޤް ވެސް އޭނަގެ ކައިރިއަށް ޖެހިލަމުން އޭގެ ބޭރު
ބަލާލައިފިއެވެ. އެއާއެކު ފެނުނު ނަމަކުން އޭނަ ހުއްޓުން އެރިއެވެ. ވިސާމަށް ވެސް
އެ ނަން ފެނުނު ފަޅި ސިކުންތުގައި ވީ އެފަދަ ގޮތެކެވެ. އެހެނަސް މާ ގިނައިރެއްނުވެ
މީގެ ދުވަސްތަކެއް ކުރިން ވެސް މިފަދަ ގޮތަކަށް ކަންތައްވީ ހަނދާންވެފައި އޭނަގެ
މޫނު ރުޅިން ރަތްވެގެން ދިޔައެވެ. ހަމަ އިސާހިތަކު ފެނިގެން ދިޔައީ އޭނަ އެ ސިޓީ
އުރަ ގުޅައަކަށްލާފައި އަތުގެ ކޮޅަށް ހޫރާލި މަންޒަރެވެ.
"މަ އޭނައަކަށް
ބޭނުމެއްނުވެއޭ ބުނީމަ ނުވިސްނެނީތަ އޭނައަށް؟" ވިސާމް މުޅި ގެއަށް
އިވޭވަރަށް އެހެން ބުނެލިއިރު އޭނަ ހުރީ ހަމަހޭގައެއް ނޫނޭ ބުންޏަސް
އުނދަގޫނުވާނެއެވެ. އޭނަގެ އެ ޙަރަކާތުން ޝަފަޤް ސިހިގެން ދިޔައިރު އޭނަގެ
ކައިރީގައި ހުރި މިޝްކާ އޭނަގެ ގައިގައި ބާރަށް ހިފަހައްޓާލިއެވެ. މިވަގުތަކީ
މިޝްކާ ހުރުން ރަނގަޅު ވަގުތަކަށް ނުވާނެކަން ދަނެގެން ޝަފަޤް އޭނަ ގޮވައިގެން
ގަދަކަމުން ކޮޓަރިއަށް ދާން ހިނގައިގަތެވެ. ޝަފަޤް ލޯމައްޗަށް ގެއްލުނުތަނާހެން
އައިމަން ވާހަކަ ދައްކަން އުޅުނެވެ. އެހެނަސް ވިސާމް އެކަމަށް ހުރަސްއެޅިއެވެ.
"މިއީ އަނެއްކާވެސް އޭނަ
ރައްޓެހިވީ މީހުންނާއެކީ ކުރި ކަންތައް މަށަށް ކިޔައިދޭން ފޮނުވި އެއްޗެއްވިއްޔާ
މަށަށް ވަގުތެއްނެތް މީތި ކިޔާކަށް! މަގޭ ޢާއިލާއެއް އެބައޮތް މިއަދު. އޭނައަށް
މަށަށް ހޯދައިނުދެވުނު ފަދަ އުފާވެރި ޢާއިލާއެއް. މަ ބޭނުމެއްނޫން އޭނަގެ ނަން
ވެސް އަޑުއަހާކަށް!" ވިސާމް ހަރުއަޑުން ތަކުރާރުކޮށް އޭނަ މެހެނާޒްދެކެ ވާ
ނަފްރަތު ހާމަކޮށްދިނެވެ.
"ތިއްތިބޭ، ތިއްތިބެ ތި
ދައްކަނީ މި ދުނިޔެ ދޫކޮށް ގޮސްފައިވާ މީހެއްގެ ވާހަކަކަން ހަނދާންކޮށްބަލަ.
ތިއްތިބެ ދުވަހަކުވެސް ބޭނުމެއްނުވޭތަ މެހެނާޒް މަރުވީ ކިހިނެއްތޯ ބަލަން؟"
އައިމަން އޭނަގެ އަވަސްވެފައިވާ ހިތުގެ ތެޅުން ހަމައަކަށް އަޅުވަން މަސައްކަތް
ކުރަމުން އަހާލިއެވެ. ކުޑަ ހިނދުކޮޅަކަށް ނަމަވެސް އެ ސުވާލުން ވިސާމް ހިމޭންވާ
ގޮތްވިއެވެ. އެހެނަސް މާ ގިނައިރެއްނުވެ ހިތުގައި އުފެދިފައިވި ނަފްރަތެއްގެ
ސަބަބުން އޭނައަށް ވާހަކަ ދެކެވުނެވެ.
"އޭނަ މަރުވެފަވާނީ
އަމިއްލައަށް. ރަނގަޅަށްވިއްޔާ ކޮންމެވެސް ފިރިހެނަކު ނުލިބިގެން." ވިސާމް
ދެންވެސް ރުޅިވެރިކަމާއެކީ ވާހަކަ ދެއްކިއެވެ. އެ ހިނދު އެއްވެސް މީހަކާމެދު
ގޯސްކޮށް ދެކޭކަށް ނުވާނެކަމަށް ބުނެ ޝަފަޤް ދިން ނަޞޭޙަތުގެ މަތިން
ހަނދާންވިއެއްކަމަކު، އެ ރުޅިވެރިކަމުގެ ސަބަބުން އޭނަ އެ ބަސްތައް އަނބުރާ
ގެންނަން ބޭނުމެއްނުވިއެވެ.
"ތީގައިވަނީ އަމިއްލައަށް
މަރުވާން ބޭނުންވާނެ މީހެއްގެ ބަސްތަކެއް ނޫންހެން އަހަންނަށް ހީވަނީ. ތި
ސިޓީގައިވާ ބަސްތަކުން އަހަންނަށް ހިދާޔަތް ލިބިގެން ދިޔައީ. ތިއްތިބެއަށް ޤަބޫލު
ކުރެވުނަސް ނުކުރެވުނަސް މިއަދު އަހަރެން ޤަވާޢިދުން ނަމާދުވެސް ކުރަން. ޤުރުއާން
ވެސް ކިޔަވަން. މަންމަމެންގެ ބަސްއަހަން. އެހުރިހާ ކަމެއްކުރުމަށް އެންމެ ފުރަތަމަ
ހިތްވަރެއް ލިބިގެން ދިޔައީ ތި ސިޓީއިން." އަޒާން ކުރިއަށް ޖެހިލަމުން ވާހަކަ
ދެއްކިއެވެ. އެ ހިނދު ޝަފަޤް ވެސް މިޝްކާ ކޮޓަރީގައި ބަހައްޓާފައި އެތަނަށް
އައިއްސިއެވެ. އަޒާން ބުނި ވާހަކައަށް ވިސާމް އެއްޗެކޭ ނުބުނުމުން އައިމަން ވާހަކަ
ދެއްކިއެވެ.
"ތި ސިޓީ އަހަންނަށް ދިނީ
މެހެނާޒްގެ ކޮއްކޮ، ޝިޔާ. ޝިޔާއަށް ވެސް ތި ސިޓީއިން ފައިދާއެއް ކުރިކަމަށް ޝިޔާ
ބުނި....." އައިމަން ބުންޏެވެ. އޭގެ އިތުރަށް އޭނައަށް ވެސް އެއިން
ފައިދާއެއް ކުރިކަމަށް އޭނަ ބުނަން ބޭނުންވިއެވެ. ޔާސިރުގެ ގޯސްކަން ތިއްތިބެއަށް
ފަޅާއަރުވަން ބޭނުންވެފައިވި މިންވަރުންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން އޭނައާއި
ޝިޔާ އަނެއްކާވެސް ގުޅިގެން ދާނެ ކަމުގެ އުއްމީދުގައެވެ.
ޝިޔާގެ ނަން އިވިފައި ވިސާމް
އަނެއްކާވެސް ހިމޭންވިއެވެ. މިއީ އޭނައަށް އެ ނަން އިވުނު ފުރަތަމަ ފަހަރު
ނޫންކަން އޭނައަށް އެނގުންވިއެވެ. މެހެނާޒް ޝިޔާގެ ވާހަކަ އޭނަގާތު ދައްކާފައިވި
ފަނޑު ހަނދާނެއް އޭނަ އާވިއެވެ. ދެންވެސް މިއީ ޙަޤީޤަތެއްތޯ ޔަޤީންކުރަން ވިސާމް
ބޭނުންވިއެވެ.
"އެއީ ކިހާވަރެއްގެ
ކުއްޖެއްތަ؟" ވިސާމް އަހާލިއެވެ.
"އަހަރުމެންނާއެކީ
ކިޔަވަމުންދަނީ. އެކަމަކު އަހަރުމެންނަށްވުރެ އެއްއަހަރު ޔަންގްވާނެ."
އައިމަން ކިޔައިދޭހިތުން ކިޔައިދިނެވެ. އެ ވާހަކަ އަޑުއަހާފައި ވިސާމް ކުޑަކޮށް
ވިސްނާލަމުން ބޯޖަހާލީ ޝިޔާގެ ޢުމުރުން ވާނީ އެހާވަރުކަން އޭނައަށް އަންދާޒާ
ކުރެވުމުންނެވެ. އެ ހިނދު އޭނައަށް ދުރަށް އެއްލާލެވިފައިއޮތް ސިޓީ އުރައަށް
ބަލާލެވުނީ ތަފާތު ނަޒަރަކުންނެވެ. އޭގެ ތެރޭގައި ވާނެ ބަސްތަކާއިމެދު
ވިސްނާލެވުމުން ވިސާމްގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލައިފިއެވެ. އޭތި ކިޔަން
ކެތްމަދުވީ ހިނދު އޭނަގެ އަތާއި ފައިގައި ރިއްސާލިއެވެ. އެއާއެކު އޭނަ އެއަށް
ނަޒަރު ހުއްޓައިގެން ހުރެ ލަސް ހިނގުމެއްގައި ގޮސް އޭތި ނަގައިގެން އަނބުރައި ގޮސް
ސޯފާގައި އިށީނެވެ. އޭނަ ސިޓީ އުރަ ހުޅުވި ވަގުތު ޝަފަޤް ވެސް ގޮސް އޭނަގެ
ކައިރީގައި އިށީނީ އެއަށް ޝައުޤުވެރިވީ މިންވަރުންނެވެ.
ސިޓީ ކިޔަން ފެށިއިރު ވިސާމާއި
ޝަފަޤްގެ މޫނުމަތިން ވެސް ފެންނަމުން ދިޔައީ ސީރިއަސްކަމެވެ. އެހެނަސް ކުރިއަށް
ދިޔަވަރަކަށް އެ މޫނުތަކުން ހިތާމައާއި ޙަމްދަރުދީގެ އަސަރުތައް ފާޅުވާން
ފެށިއެވެ. ވަކިން ޚާއްޞަކޮށް ވިސާމްގެ މޫނުމަތިންނެވެ. މެހެނާޒްގެ ބަލި ޙާލަތުގެ
ވާހަކަ ކިޔަމުން ދިޔަ ހިނދު އެއްޒަމާނެއްގައި އޭނަގެ ހިތުގައި މެހެނާޒަށްޓަކައިވި
ލޯބީގެ މަތިން އޭނަގެ ހަނދާން އާވިއެވެ. އޭނައަށް އިޙްޞާޞް ކުރެވެމުން ދިޔަ
ދަތިތަކާއިމެދު ކިޔަމުން ދިޔައިރު މޭގައި ރިހުމެއް އުފެދެމުން ދިޔައީ
އެހެންވެއެވެ. އެ ޙާލުގައި އުޅެމުން ވެސް މެހެނާޒް ތައުބާވިކަން އެނގުމުން
ވިސާމްގެ ހިތުގައި މެހެނާޒަށްޓަކައިވި ޤަދަރު އުފުލިގެން ދިޔައެވެ. އެއަށްފަހު
މެހެނާޒަށް ލިބެން ފެށި އަނިޔާތަކެއްގެ ވާހަކަ ކިޔަން ފެށުމުން ވިސާމް ރުޅިން ގޮސް
މުޅި މީހާ ތުރުތުރު އަޅަން ފެށިއެވެ. އޭނައަށް އަނިޔާދިން މީހުންގެ ސޫރަތައް
ލޮލަށް ސިފަވަމުން ދިޔަދިޔަހެން އޭނަގެ ދަތްކުނޑި ވިކެމުން ދިޔައެވެ. އެންމެ
ފަހުން ވިސާމް ސިޓީގެ ފަހަތުން ދެވަނައަށް އޮތް ގަނޑު ކިޔައި ނިންމާލުމަށްފަހު
ފަހު ގަނޑާއި ހަމަވީ ތަނާހެން އޭނަގެ ލޮލަށް ސިފަވަމުން ދިޔަ މަންޒަރުތަކަށް
ހުއްޓުމެއް އައެވެ. އެ ގަނޑުގައި އެއްޗެއް ލިޔެވިފައިވިއެއްކަމަކު އައިމަން
ފަދައިން އޭނައަށް ސާފެއްނުވިއެވެ. އެ ލިޔުން އެހެން ހުންނަންވީ ކީއްވެގެންކަން
އަންދާޒާ ކުރެވުނީތީ އެއިން އެ ބުނަނީ ކޯޗެއްކަން އިތުރަށް އެނގެންޖެހޭނެ ކަމަކަށް
ވިސާމް ނުދެކުނެވެ. އެހެންކަމުން ސިޓީއިން ނަޒަރު ވަކިކޮށްލަމުން ވާހަކަ
ދެއްކިއެވެ.
"އަ....އަދިވެސް
ޤަބޫލުކުރަން....ދަތި. މި...." ވިސާމް ހުރީ ރޮވެން ވެސް ކައިރިވެފައިކަން
އޭނައަށް އެނގުންވީ ވާހަކަ ދައްކަން މަސައްކަތް ކުރުމުންނެވެ. އަރުތެރެ
ބެދިފައިވުމުގެ ސަބަބުން އޭނަގެ ކަރުގައި ރިހުމެއްވެސް އުފެދިފައިވިއެވެ. ވިސާމަށް
އިތުރު އެއްޗެކޭ ނުބުނެވެނީސް އައިމަން ވާހަކަ ދެއްކިއެވެ.
"ތިއްތިބޭ، ޔާސިރުމެން
މެހެނާޒް މަރާލި މަންޒަރު ޝިޔާވަނީ އަމިއްލަ ލޮލުން ދެކެފަ." އައިމަން ބުނެލި
ވާހަކައިން ވިސާމްގެ ރަތްވެފައިވާ ދެލޮލަށް ކަރުނަތައް ޖަމާވިއެވެ. އެ ހިނދު
އޭނަގެ ކައިރީގައި އިން ޝަފަޤް އަދިވެސް މަސައްކަތް ކުރަމުން ދިޔައީ ސިޓީގެ ފަހު
ޞަފްޙާ ކިޔޭތޯއެވެ. އެއިން ކޮންމެވެސް އެއްޗެއް ދޭހަވީތަނާހެން އޭނައަށް ވިސާމަށް
ގޮވާލެވުނެވެ.
"ވިސާމް ބަލާބަލަ އެންމެ
ފަހު ގަނޑުގަ އޮތް ވާހަކަ. 'އަހަރެންގެ ދެން އޮތް އެންމެ ބޮ....ޑު އުއް....މީދަކީ
އަހަރެން ރަނގަޅު މީހެއްގެ ގޮތުގައި ދުނިޔެ ދޫކޮށް ދިޔުމެވެ. ޙަ.....ޔާތުގެ އެންމެ
ފަހު ވަގު....ތާއި ޖެހުނު ހިނދު އަހަންނަށް ހި....ދާ....ޔަތް ލިބިފަވީ
ކަމަށްޓަކައި ﷲ އަށް ޙަމް.....ދުކުރަން. އަދި މި ދުނިޔެއިން އެންމެ ބޮޑަށް
ޝުކުރުވެރިވަނީ އަ......ހަ....ރެންގެ މަންމައާއި ބައްޕައަށް. އަދި ވިސާމަށް. އަދި
އަހަ...ރެން އުއް......މީދު ކަނޑާލި ވަގުތު ނަޞޭޙަތްދިން އަ......ންހެން ކު...ކުއްޖާއަށް.
އެކުއްޖާ....ގެ އަ....އަމާ....ނާތެއް މި ސިޓީ އުރައިގެ ތެރޭގަވާނެ. އޭތި
ވިސާމަށްވިއްޔާ އެކުއްޖާއާ ޙަ....ވާލުކޮށްދޭތި. އަ.....ހަންނަށް ދުނިޔޭގައި
އިތުރަށް ހުރެވޭ......ނެނަމަ އަހަރެން ބޭނުން.....ވަނީ އެކުއްޖާ ގޮތަށްވާން. އަހަރެންގެ
ފަހު އެދުމަކީ ވިސާމްވެސް ތައުބާވެ އެފަދަ މަންމަ.....އެއް މިޝްކާ.....އަށް
ހޯދައިދިނުން. މާތް ﷲ އެކަމަށްޓަކައި ވިސާމަށް މަގުފަހި ކޮށްދެއްވާށި.
އާމީން!'" ޝަފަޤް އެ ބައި ކިޔައި ނިމުނުތަނާހެން އޭނައަށް ކުއްލިއަކަށް
ވިސާމާއި ދިމާލަށް ބަލާލެވުނީ ހިތް އަވަސްވެފައި އިނދެއެވެ. ވިސާމް ވެސް އޭނައަށް
ބަލަން އިންދާ ޝަފަޤް ކުއްލިއަކަށް އޭނަގެ އަތުގައި އޮތް ސިޓީ އުރަ ހޯދީ އޭނައަށް
ކަމެއް ހީވުމުންނެވެ. ސިޓީ އުރައިގެ ތެރެއަށް އަތް ކޮއްޕައި އޭގެ ތެރޭގައި ބާކީ
އޮތް އެއްޗެއް ޝަފަޤަށް ނަގާލެވުނީ ލަސްލަހުންނެވެ. އޭތި ނަގާލެވުނު ހިނދު އޭނަގެ
ލޯ ކަރުނުން ފުސްވިއެވެ. ފުރަތަމަ ނަޒަރުން ވެސް އެއީ އޭނަގެ ގެއްލުނު ރުމާކަން
އޭނައަށް ނަގައިގަނެވުނެވެ. މާ ގަނޑުގެ ތެރޭގައި ފޮރުވިފައިވި 'އެސް' އަކުރު
އެކަމަށް އިތުރަށް ބާރު އެޅިއެވެ. އެއާއެކު އޭނައަށް ރޮވެން ފެށިއެވެ. އޭނަ ހިތުން
އެރޭ ތަރާވީޙަށްފަހު އެކަނި އިން އެ އަންހެން ކުއްޖާ ކައިރިއަށް ގޮސް ކުރެވުނީ
ހާދަ ކުޑަކަމެކެވެ. އެހެނަސް އެރޭ އޭނަ ބުނެލި ބަސްތަކުން އެ ކުއްޖާއަށް ލިބިގެން
އެ ދިޔައީ ހާދަ ބޮޑު އުއްމީދެކެވެ. އެ އުއްމީދުގެ ސަބަބުން ހެޔޮ ބަހެއް
ފޯރުކޮށްދޭން ކޮށްފައިވި މި މަސައްކަތުން އެހެން ކުދިބަޔަކަށްވެސް ހިދާޔަތަށް
މަގުފަހި ވެއްޖެއެވެ. އެކަން އެނގުންވުމުން ޝަފަޤަށް ގިސްލެވެން ފެށިއެވެ. ހަމަ އެ
ހިނދު ހިތާހިތުން ﷲ އަށް ޙަމްދު ކުރެވުނީ ޝައްކެއްނެތް ގޮތުގައި ހެޔޮ ކަމެއްގައި
ބަރަކާތް ލައްވަނީ އެކަލާނގެކަން އެނގުންވުމުންނެވެ.
"ވި...ސާމް......މިއީ ހަމަ
މެހެނާޒް. އަހަރެން ބޮޑުބޭބެމެންނާއެކީ މާލެއަށް ގޮއްސަ ހުރިއިރު ނަޞޭޙަތް ދިނިން
އެގޮތަށް އެކަނި އިން ކުއްޖަކަށް. އެކުއްޖާއާ އެރޭ ސަލާމް ކުރީ ވެސް ވަރަށް މަދު
ދައްތައެއް......އެއީ ހަމަ މެހެނާޒް." ގިސްލަމުން ޔަޤީންކަމާއެކީ ބުނެލިއެވެ.
އެ ހިނދު ވިސާމަށް ވެސް އިނދެވުނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އޭނަގެ މާޒީއިން
ނަފްރަތު ކުރި ޝަޚުޞިއްޔަތަކާއި އޭނަގެ ލޯބި މިއަދު ލިބިފައިވާ ފަރާތް ކޮންމެވެސް
އެއް ހިސާބަކުން ދިމާވެފައިވިކަން ޤަބޫލުކުރަން ދަތިވިއެވެ. އެހެނަސް ޙަޤީޤަތް
މިއޮތީ އޭނަގެ ލޯ ކުރިމަތިން ފެންނާށެވެ. ޝަފަޤްގެ އަތުގައި އެ އޮތީ އޭނަ ގެންގުޅޭ
ފަދަ ރުމާތަކުގެ ތެރެއިން ރުމާލެއްކަން ޚުދު ވިސާމަށް ވެސް ނަގައިގަނެވުނެވެ.
އައިމަނާއި އަޒާނަށް ދުރުގައި
މަންޒަރު ބަލަން ތިބުން ނޫންކަމެއް ނުކުރެވުނެވެ. އެމީހުން ދެން ވާނެ ކަމެއްގެ
އިންތިޒާރުގައި ތިއްބާ ވިސާމް ކުއްލިއަކަށް ކޮޅަށް ތެދުވެލައިފިއެވެ. އެއާއެކު
އެހެން އެންމެނަށް ވެސް ކޮޅަށް ތެދުވެވުނެވެ.
"ނާޒްއަށް އަނިޔާކުރި
ބަޔަކަށް އަރާމަކުން ނުއުޅެވޭނެ. އެމީހުން ހިތުން އެމީހުން އެތިބީ ސަލާމަތްވެފަ.
އެކަމަކު ނޫން! އެމީހުންނަށް ހަމައަށް ނޭވާ ލުމުގެ ފުރުޞަތެއް އަހަރެން ހުރިހާ
ހިނދަކު ނުދޭނަން....އެ މަންސޫރު!" ވިސާމް އެހެން ކިޔައި ކެތްނުވެގެން ގޭގެ
ދޮރާއި ދިމާލަށް ހިނގައިގަތެވެ. އެހެނަސް މާ ދުރަކަށް ނުދެވެނީސް ޝަފަޤް އޭނަގެ
ނަމުން ގޮވައި އޭނަގެ އަތުގައި ހިފަހައްޓާލިއެވެ.
"ވިސާމް ޕްލީޒް! ތިހިރީ
ވަރަށް ރުޅިއައިއްސަ. ތިހެން ދިޔައިމަ ފަހުން ހިތާމަ ކުރަންޖެހޭ ފަދަ ކަމެއްނޫނީ
ނުކުރެވޭނެ. މަންސޫރަކީ މަންމަގެ ވެސް ފިރިމީހާ. އަދި އަމުދުން އަހަރުމެންގެ
އިޙްތިރާމް ވެސް ލިބެންޖެހޭ މީހެއް! އެފަދަ ގޮތަކަށް ބައްޕަ ފަޟީޙަތް ކުރުމުގެ
ކުރިން ވިސްނާލަންވާނެދޯ؟" ޝަފަޤް ވިސާމާއި ހަތަރުކަޅި ހަމަކުރަމުން
އަވަސްއަވަހަށް ބުނެލިއެވެ. ވިސާމް އެއަށްވެސް އަޑު ހަރު ޖަވާބެއް ދޭން
އުޅުނެއްކަމަކު އެކަމަށް ނުކުޅެދުނީ ޝަފަޤް އުޅެނީ ބަލިވެކަން ހަނދާނަށް
އައުމުންނެވެ.
"ވިސާމް
އާދޭސްކުރަން....ޔާސިރާއި ދެކޮޅަށް ކިތަންމެ ފަސޭހައިން ވާހަކަ ދެއްކިޔަސް ބައްޕައާއި
ދެކޮޅަށް ވާހަކަ ދެއްކުމުގެ ކުރިން ވިސްނާލާ. ބައްޕައަކީ ވަރަށް ގިނަ މީހުންނަށް
ތައުބާވުމަށް މަގެއް ހުޅުވައިދިން ފަރާތެއް. ކުރީގެ ގޮތެއް އަހަންނަކަށް ނޭނގޭ.
އެކަމަކު ފަހުން އައިސް އަހަރެން ކައިރިއަށް ކޭކު ގަންނަން އަންނަ ދައްތައިންގެ
ފަރާތުން ވަރަށް އިވޭ ބައްޕަގެ ހެޔޮ ނަޞޭޙަތްތަކުގެ ވާހަކަ. ވެދާނެއެއްނު ބައްޕަ
ތައުބާވެފައިވީ ކަމަށްވެސް؟" ޝަފަޤް އަހާލިއެވެ. އެ ހިނދު ވިސާމަށް
ބަލާލެވުނީ އައިމަނާއި އަޒާނަށެވެ. އެމީހުންނަށް ވެސް ތިބެވުނީ ވިސްނުމެއްގެ
ތެރެއަށް ގެއްލިފައެވެ. ފަހަކަށް އައިސް ގޭގެ ތެރޭގައި މަންސޫރުބެ ގެ އަޑުހަރު
ނުވާކަން އެމީހުންނަށް ފާހަގަވީ އެ ވަގުތެވެ. އެއީ "ތައުބާ"ވުމުގެ
ނިޝާނެއްތޯ އެމީހުންގެ ހިތަށްއެރިއެވެ. އަޒާނާއި އައިމަން އެއްޗެކޭ ނުބުނުމުން
ވިސާމް ދެންވެސް ވާހަކަ ދެއްކިއެވެ.
"މަށަކަށް ނޭނގޭ
އޭނައާމެދު ބުނަންވީ އެއްޗެއް. މަމިދަނީ އެ ޔާސިރުގެ ވާހަކަ ކަމާބެހޭ ފަރާތަށް
އަންގަން." ވިސާމް ދެންވެސް ނުރުހުންވެފައިހުރެ އެހެން ބުނެލަމުން ގެއިން
ނިކުމެގެންދާން ހިނގައިގަތެވެ. އޭގެ މާ ގިނައިރެއްނުވެ އައިމަނާއި އަޒާން ވެސް
އެގެއިން ނިކުމެގެން ދިޔައެވެ. އެ ހިނދު ޝަފަޤްގެ ހިތުގައި ބިރުވެރިކަމެއް އުފެދިފައިވިއެވެ.
އަނެއްކާވެސް ވިސާމް ދީނާއިމެދު ދެކޭ ގޮތް ބަދަލުވެދާނެކަމުގެ ބިރުވެރިކަމެވެ.
އެހެނަސް އޭނަ ވާނީ ވިސާމް އެހެނިހެން ދީނީ ޢިލްމުވެރިންނާއި ބައްދަލު
ކުރުވާފައެވެ. އެމީހުންގެ ރަނގަޅުކަމުގެ ވާހަކަ ވެސް ވިސާމްގެ ފަރާތުން ޝަފަޤަށް
އިވިފައިވެއެވެ. އެހެނަސް ދެންވެސް ވިސާމް މަންސޫރާއި ދެކޮޅަށް ވާހަކަ ދައްކައި
ޢާއިލާއެއް ރޫޅިގެން ދާކަށް ޝަފަޤް ބޭނުމެއްނުވެއެވެ. މިކަން ކޮންމެވެސް
އެއްގޮތަކަށް ޙައްލުކޮށްދެއްވުމަށްއެދި އޭނައަށް ދުޢާ ދެންނެވުނެވެ.
ހަމަ އެރެއިން އެރެއަށް ވިސާމް ޝިޔާވެސް
ގެނެސްގެން ދެއްކި ހެކިތަކާއެކީ ޔާސިރު ހައްޔަރު ކުރެވިގެން ދިޔައެވެ. އެކަމާމެދު
ވިސާމް ހިތްހަމަޖެހުނު ހިނދު އައިމަން ވެސް އިންތިހާއަށް އުފާވިއެވެ. އޭނަ ހީކުރީ
ހަމަ އެރޭ ޝިޔާއާއި ޒައިދްގެ ކައިވެނީގެ ޚިޔާލު އޭނަގެ މައިންބަފައިން ދޫކޮށްލާނެ
ކަމަށެވެ. އެހެނަސް..........
"ޝިޔާ ކީކޭ ހިތަށްއަރައިގެންތަ
ދެފައި އަވަސްއަރުވާލައިގެން އެތަނަށް ދިޔައީ؟ އެނ؟" އެރޭ ގޭގެ ތެރޭގައި
ޒުހުރާގެ އަޑު ހަރުވިއެވެ. ޒުހުރާގެ އެ ބަސްތައް އިވުނު ޝިޔާ ހުރީ ކަރުނުން ދެލޯ
ފުރިފައެވެ.
"ކަރުނަތައް ބަލާކަށް މަ
ބޭނުމެއްނޫން! ނާސިރު! ނާސިރު ވެސް ކީއްވެގެންތަ މަށަށް ނާންގާ އެހާ ބޮޑު
ފިޔަވަޅެއް އެޅީ؟ އަހަރުމެންނަކަށް ނޭނގޭ އެއީ ވިސާމްގެ ރޭވުމެއް ނޫންކަމެއް ވެސް!
މަށަށް ހަމަ ޔަޤީން އޭނަގެ އަމިއްލަ ދިފާޢުގަކަން އޭނަ އެހެން ހެދީ.....އޭނައެއްނު
އަހަރުމެންގެ ނާޒް ވަރިކޮށްފަ އެއްލާލީ." ޒުހުރާ ވާހަކަ ދެއްކިއެވެ. މަންމަ
އަދިވެސް ވީ ކެއްސެއްގެ ތެރޭގައިކަން އެނގުންވި ޝިޔާއަށް ވާހަކަ ދެކެވުނެވެ.
"އެއީ ވިސާމްބެގެ ރޭވުމެއް
ނޫން މަންމާ. އެމީހުން ދެއްކި ސިޓީއަކީ އެއީ ހަމަ ދައްތަ ލިޔުނު ސިޓީއެއް. ދައްތަ
އޭތި ދިނީ އަހަރެންގެ އަތަށް. އަހަރެން އޭތި ދިނީ ވިސާމްބެއަށް ދޭން އުޅުނީމަވެސް
އެތައް ދަތިތަކެއް ކުރިމަތިވި. އެހެންވެ އެ ސިޓީ އައިމަންގެ އަތަށް ދިނީ..."
ޝިޔާއަށް އެހާ ހިސާބަށް ވާހަކަ ދެކެވުނުތަނާހެން ޒުހުރާ ހަޅޭއްލަވައިގަތެވެ.
"އައިމަނޭ؟؟ ހަމަ ހޭގަ
ހުރެގެންތަ އަހަރެންގާތު ތި ވާހަކަ ތި ދައްކަނީ؟ އެ ވިސާމްގެ ކޮއްކޮއާ ދޯ
ރައްޓެހިވެގެން ތިއުޅެނީ....މިހާރުތާ މި އެނގުނީ...." ޒުހުރާއަށް އެހާ
ހިސާބަށް ވާހަކަ ދެކެވުނުތަނާހެން ނާސިރު ހަރުއަޑުން އޭނައަށް ގޮވާލިއެވެ.
އެވަގުތު ޝިޔާއަށް ރަނގަޅަށް ރޮވެން ފެށިއެވެ. އޭނައަށް ރޮވުނީ
ހިތާމަވެރިކަމަށްވުރެ ބޮޑަށް ރުޅިވެރިކަމެއްގެ ސަބަބުންނެވެ. ރުޅި ބާލަން ބޭނުންވީ
މަންމައާއި ދިމާލަށެވެ. އޭނައަށް އިތުބާރު ނުކުރި ކަމުގެ ރުޅިއެވެ. އެހެނަސް އެއީ
އޭނަގެ މަންމަކަން ހަނދާންކޮށް ޝިޔާ އެ ރުޅިވެރކަމުގެ މަތިން ހަނދާން ނައްތާލެވޭތޯ
ބެލިއެވެ.
ތަނަށް ވެރިވި ހިމޭންކަން
އަނެއްކާވެސް ނަގާލީ ނާސިރެވެ.
"ޒުހުރާއަށް
އެބަ އިނގޭތަ ތި ކިޔޭ އެއްޗެއް؟ ދަރިންނަށް ޝައްކުކުރަން ވާނީ ވެސް ވަކިވަރަކަށް.
ޝިޔާ މިހާތަނަށް އައިއިރު ދުވަހަކުވެސް އަހަރުމެން ލަދުގަންނަވާލާ ފަދަ
ކަމެއްކޮށްފަވޭތަ؟ ނުވޭ! ވީއިރު ޝިޔާގެ ބޮލުގަ އިލްޒާމް އެޅުވުމުގެ އެއްވެސް
ޙައްޤެއް އަހަރުމެންނަކަށް ނެތް!" ނާސިރު ހަރު އަޑުން އަންގާލިއެވެ.
Comments
Post a Comment