Asr (part 44)


ހުރިހާ ކަމެއް ވަމުން ދިޔަ ގޮތް އޮމާންކަމުން ދެން އެމީހުންގެ ޙަޔާތަށް ކުޑަވެސް ކޫރުމެއް ނާންނާނެހެން އެ މީހުންނަށް ވެސް ހީވަމުން ދިޔައެވެ. އެހެނަސް ވިސާމްގެ މާޒީގައި އޭނައަށް ވެސް ފޮރުވިފައިވި ސިއްރު ބިރުވެރި ހުވަފެނެއްގެ ސިފައިގައި އޭނަގެ ޙަޔާތް ބަނަކުރުމަށް އަންނަމުން ދާކަން އޭނަ ނުދެނެ ހުއްޓެވެ.

**

"ހެލޯ ބައްޕާ! ވަރަށް ބޮޑު ކަމެއް ދިމާވެއްޖެ. އޭތި އަހަރެން އަތުން އަނެއްކާވެސް ގެއްލިއްޖެ!" ހާސްވެފައިވާ އަޑަކުން އެ ވާހަކަ ބުނެލީ އޭނަގެ ތަނަވަސް ކޮޓަރީގެ އެކި ތަންތަން ހާވަމުން ފޯނު ކަންފަތުގައި ޖައްސައިގެން ހުރި ޒައިދެވެ.

"ކީކޭ؟! ކިހިނެއް އޭތި ގެއްލުނީ؟" ފޯނުގެ އަނެއްކޮޅުން ބައްޕަގެ އަޑު އައި ވަގުތު ޒައިދް ދެންވެސް އޭނަގެ ވަތްގަނޑެއް ހާވަމުން ދިޔައެވެ.

"އައި ޑޯންޓް ނޯ ޑޭޑް! ވަރަށް ހީވޭ އެ ޝިޔާ އޭތި އަނބުރާ ނެގީހެން. އޭނަ އިހަކަށް ދުވަހު މިގެއަށް އައި." ޒައިދް ފުން ނޭވައެއް ދޫކޮށް ދެލޯ މަރާލަމުން ބުނެލިއެވެ.

"ޒައިދް ހައު ކުޑް ޔޫ ލެޓް ދިސް ހެޕެން؟ އޭތި އަތުޖެހުނުތަނާ އަންދާނުލީ ކީއްވެ؟ ދެން ޖެހޭނީ ވީހާވެސް އަވަހަކަށް ޒައިދް ޝިޔާއާއި ދެވަން. އެހެންނޫނީ އެކުއްޖާ އަތުގަ އެބައޮތް އަހަރުމެން ބަރުބާދުކޮށްލެވޭނެ ހަތިޔާރެއް. މި ހުރިހާ ދުވަހު އޭނަ އަހަރުމެންނާ ދެކޮޅަށް އެއްޗެކޭ ނުބުނެ ހުރީ ކީއްވެކަމެއްވެސް އެނގެނީއެއްނޫން. ޝީޒް ޑޭންޖަރަސް. އަހަންނަށް ފެންނަނީ ހަމަ މިއަދު ކައިވެނީގެ ވާހަކަ ދައްކަން." ބައްޕަ ކަންބޮޑުވުމަކާއެކީ ދެއްކި ވާހަކަތައް އަޑުއަހަން ހުރެފައި ޒައިދް ވާހަކަ ދެއްކިއެވެ.

"އެހެން ވާނެހެނެއް ހިއެއްނުވޭ ޑޭޑް. ޝިޔާގެ ބައްޕަ ނުލާހިކު ޝިޔާދެކެ ލޯބިވޭ. އޭނަ ބޭނުންވާ ގޮތަށް ނޫނީ ކަންތައް ކޮށްނުދޭ. ޝިޔާ ބޭނުންވަނީ ސީދާ ވިސާމާއި ހަމައަށް އޭތި ގެންދަންހެން އަހަންނަށް ހީވަނީ. އިއްޔެ އަހަރެން އެ ގެއަށް ދިޔައިމަ ޝިޔާ އައްޑޫއަށް ދާން ބޭނުންވެގެން އުޅޭ ވާހަކަ އޭނަގެ ބައްޕަ ބުނި. އައްޑޫއަކީ ޝިޔާގެ މަންމައާއި ބައްޕަ ވެސް ރުޅިއަންނަ ރަށެއް. އެއީ ހަމައެކަނި ވިސާމާހެދި. އެކަމަކު ޝިޔާ އެމީހުންނަށް ޙަޤީޤަތް ހާމަކޮށްފިއްޔާ އެކަންވެސް ބަދަލުވެދާނެ." ޒައިދް މަޑުމައިތިރި އަޑަކުން ބުނެލިއެވެ.

"ގޯޑް ވީ ހޭވް ޓު ގެޓް އައުޓް އޮފް ދިސް މެސް! ވިސާމާއި ހަމައަށް އޭތި ފޯރައިފިއްޔާ ސަލާމަތެއް ނޯންނާނެ. ޒައިދް، ޝިޔާ ތިކޮޅުގަ މަޑުކުރުވޭތޯ މަސައްކަތް ކުރޭ ކޮންމެވެސް އެއްގޮތަކަށް. އަހަރެން އެކޮޅުގަ ތިބި ބައިވެރިންނާއެކީ ވިސާމަށް ކޮންމެވެސް ގޮތެއް ހަދާލެވޭތޯ ބަލާނަން. ކޮންމެ ގޮތެއްވިޔަސް އެ ސިޓީ ވިސާމްގެ އަތަށް އަރައިގެން ނުވާނެ." ބައްޕަ އެހެން ބުނެލުމުން ޒައިދް ސާބިތުކަން ވެރިވެފައިވި މޫނަކާއެކީ ހޫންލައްވާލިއެވެ.

**

ޖެނުއަރީ މަހުގެ އިމްތިޙާންތައް ނިމި ކިޔެވުން ފެށިގެން ދިޔުމުން އަޒާން އައިމަންގާތު ސްކޫލަށް އަނބުރާ އައުމަށް އެދުނެވެ. އައިމަނަކީ މިހާރު އަމިއްލައަށް ފައިސާ ހޯދައި އަމިއްލައަށް ކައި އުޅޭ ކުއްޖަކަށް ވިޔަސް އޭނަ އުޅެމުން ދަނީ އޭނަގެ ޢާއިލާއާއި އެއްފުރާޅެއްގެ ދަށުގައެވެ. މަންމައާއި ބައްޕަ އޭނަ އެގޭގައި ނުއުޅެން އެދުނެއްކަމަކު އަޒާން އެގޮތް ބޭނުމެއް ނުވުމުންނެވެ. އަދި އަމުދުން ދެބެއިންނަށް 18 އަހަރު ވީ ދުވަހު އަޒާންގެ ނަންމައްޗަށް ގޭގެ ބޮޑުބައެއް ރަޖިސްޓްރީ ކުރުމުން، އަޒާން އޭނަގެ ބާރުގެ ބޭނުންކޮށް އައިމަން ހުންނާނީ އެގޭގައި ކަމަށް އެންމެނަށް އެންގުމުންނެވެ. އެދުވަހުގެ އެ ވަގުތު ކޮޅުން ވެސް ދެބެއިންގެ ދެމެދުގައި ހީނަރުވެފައި އޮތް ގުޅުން ބަދަހިވެގެން ދިޔައެވެ. ދެބެއިންގެ ދެމެދުގައި އަނެއްކާވެސް ވާހަކަ ގިނަވެގެން ދިޔައީ ބަދަހިވެގެން ދިޔަ އެ ގުޅުމުގެ ސަބަބުންނެވެ.

"ޑޫޑް ދެން ބުނެބަލަ!" އަޒާން އެހެން ބުނެލީ އެމީހުން އެކީގައި އެންމެ ގިނައިން އައިސްއުޅޭ ބްރިޖްގެ ކައިރީގައި އޮންނަ ދޮންވެލިގަނޑުމަތީގައި އިނދެއެވެ.

"ހޯވް! ބްރޯ މިހާރު އަންހެން ކުއްޖަކަށްވުރެ ގޯސް. ވާހަކަ ދައްކަން ނުއުޅުނީމަވެސް ގެޓެއްނުވޭ." އަޒާންގެ ކައިރީގައި އިން އައިމަން ސަމާސާ ރާގަކަށް ބުނެލިއެވެ. އަޒާން ޗޮއްކަނޑާލިއެވެ.

"އައްމު އައި ކެއާރ އެބައުޓް ޔޫ. އޭ ލެވެލް ނިންމާފަ ހުރިއްޔާ ފަހުން ވަރަށް ފަސޭހަވާނެއޭ. އެންމެން ހާދަ އުއްމީދެއް ކުރެއޭ އައްމު ކިޔެވެން އޮތް އެންމެ ދުރަކަށް ކިޔަވަން. ވަޓް ހެޕެންޑް ޓު ޔޫ؟ ސީރިއަސްކޮށް އަހަންނަށް ކިޔާލަދީބަލަ. ދިސް އިޒް ސީރިއަސްލީ ނޮޓް ޔޫ." އަޒާން ކަންބޮޑުވުން އެކުލެވިފައިވި ގޮތަކަށް ބުނެލިއެވެ. ހިމޭންކަމުގެ ވަގުތު ކޮޅަކަށްފަހު ދުރު ބަލަން އިން އައިމަން އެއްވެސް އަސަރެއްނެތް ގޮތަކަށް ހީލިއެވެ.

"ވީ ގޮތަކީ އަހަރެންގެ ނަސީބުހުރި ދުވަސްތައް ނިމުމަކަށް އައީ. އަހަރެން ޒާންހާ ނަސީބުގަދައެއްނޫން މިހާރު. މިއީ ޒާންގެ ދުވަސްވަރު. މިއަދު ޒާން ބޭނުންވިހާ ކަމެއް ޒާންއަށް ލިބިފަ ތިހިރީ. ބްރިލިއެންސް، ޕޮޕިއުލަރިޓީ، ގާރލްފްރެންޑް......." އައިމަނަށް އެހެން ބުނެވުނުތަނާހެން ޒާން ވަޓްއޭ ކިޔާލީ ޤަބޫލު ނުކުރެވިގެން އުޅޭ ފަދައަކުންނެވެ. އައިމަން އޭނައަށް ބަލާލި ވަގުތު އެ މޫނުމަތިން ހިނިތުންވުމެއް ފެނިފައި އައިމަނަށް ހީލެވުނެވެ.

"ހޫނ ދެން ހެދޭނެކަމެއް ނެތޭ. ކޮންމެ ދުވަހަކު ހެވިދިއްލިފަހުރެ ގެއަށް އަންނަނީ ކީއްވެކަން މަށަށް ނޭނގޭ ކަމައްތަ ހީކުރަނީ؟ މަ އެހާވެސް ގަމާރެއްނޫނޭ." އައިމަން އެހެން ބުނެލި ހިނދު އަޒާނަށް ހެވެން ފެށިއެވެ.

"ހެހެ.......ގާލްފްރެންޑެއްނޫން ދެން. އިޓްސް ޖަސްޓް......" އަޒާންގެ ވާހަކަ މެދުކެނޑުނެވެ.

"ސާބަސް! ފްރެންޑް ޒޯން އިން އަދިވެސް އަރައިނުގަނެވިގެން އުޅެންޏާ އަހަރެން ކައިރި ނުބުނީ ކީއްވެ؟ ޕިސް ޕިސް.......ތިހާ ރަކިވާކަށް ނުވާނެ ފިރިހެން ކުއްޖަކަށްވެ ހުރެ. އެއީ ކޮން ކުއްޖެއް؟ އަދިވެސް އެ ހުދާތަ؟" އައިމަން އަހާލިއެވެ.

"އާނ......އަސްލު އަހަރެން ބޭނުމެއްނުވަނީ ރައްޓެހިވާކަށް. ހުދާ އެދުނު އެކަމަކު އަހަރެން ބުނިން އަހަރެން އެގޮތް ބޭނުމެއްނުވެއޭ. ދެޓް ޑަޒްންޓް ފީލް ރައިޓް." އަޒާން އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބުނެލިއެވެ. ހަމަ އެއާއެކު އައިމަން ނިކަން ބާރަށް އެއްއަތުން އޭނަގެ އަމިއްލަ ނިތުގައި ޖަހާލިއެވެ.

"ސުބުޙާނަ ﷲ މަ ކީއްތަ ކުރަންވީ މި ކުއްޖާއަށް؟ ތިހެން ހަދައިގެން އުޅެނިކޮށް ހުދާ އެހެން މީހަކާ ރައްޓެހިވާނީ. ދެން ކިހިނެއް ހަދާނީ؟" އައިމަން އަހާލިއެވެ. އެ ހިނދު އަޒާންގެ ހިނިތުންވުން ފިލައި އޭނަގެ ހިތަށް ބިރުވެރިކަމެއް ވެރިވިއެވެ. އޭނަ ހުދާގެ އެ އެދުމަށް ފުރަގަސްދިނީ އެއީ ﷲ ރުހިވޮޑިގެންވާނެ ކަމެއް ނޫންކަން އޭނައަށް އެނގިފައިވާތީވެއެވެ. އޭނަ އޭނައަށް ފެންނަހާ ޢިލްމެއް ފުންކޮށް އުނގެނެން މަސައްކަތް ކުރިއެއްކަމަކު އޭނަ މިހާތަނަށް އައިއިރު އެދިގެން ހުރެވެސް ދީނާއިމެދު އުނގެނިފައިނުވެއެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އޭނަ ﷲ އަށް އުރެދިގެންނުވާނެ ކަމަށް އޭނަގެ ހިތް ބުނަމުން ދެއެވެ. ދީނުގެ މާ ބޮޑު ޢިލްމެއް ލިބިފައި ނެތަސް އޭނައަށް އޭނަގެ ތަޣައްޔަރުނުވާ ވިސްނުމުން ރަނގަޅު ނިންމުންތައް ނިންމިފައިވާ ފަދައެވެ. އެހެނަސް އެ ޢިލްމު ނެތުމުގެ ސަބަބުން އަޒާނަށް އަދިވެސް އެކި ޙާލަތްތަކުގައި ހުރެވެނީ ޝައްކެއްގެ މަތީގައެވެ. އޭނައަށް އަދިވެސް އޭނަގެ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވަން ދަސްވެފައެއްނެތެވެ. އޭނައަށް އެއާއި ބެހޭ ގޮތުން ރަނގަޅަށް ނުވެސް އެނގޭ ދީނަކަށްޓަކައި މިފަދަ ބޮޑު ޤުރުބާނީއެއް އޭނައަށް ދެވޭނީ ކިހިނަކުންތޯ މިވަގުތު ވެސް އޭނަގެ ހިތް ސުވާލުކުރިއެވެ. ހަމަ އެވަގުތު އައިމަން ވާހަކަ ދެއްކިއެވެ.

"ޒާން ޔޫ ކާންޓް ޑޫ ދިސް. ޒާން ޖެހޭނީ ހުދާ ކައިރިއަށް ދާން. ވީހާވެސް އަވަހަކަށް. އިން ފެކްޓް އަހަރެން ބުނާނީ ހަމަ މިރޭ ދާން. މިރޭ ގޮއްސަ ހުދާދެކެ ލޯބިވާ މިންވަރު ހުދާއަށް ކިޔައިދީ. އަހަރެން ޓިޕްސްތައްދޭނަން." އައިމަން އެހެން ބުނެލީ އޭނަގެ ބޭބެ ދެކެ ވާ ލޯތްބެއްގެ ސަބަބުންނެވެ. އޭނައަށް ވީ ފަދައިން އޭނަގެ ބޭބެއަށް ބޭބެ ލޯބިވާ ފަރާތެއް ގެއްލެން ބޭނުންނުވީތީވެއެވެ. އެކަމުގެ ދިލަކަން އޭނައަށް އަދިވެސް އިޙްޞާޞް ކުރެވެމުން ދާތީވެއެވެ. އައިމަންގެ އެ ވާހަކައަށްފަހު އަޒާން އިރުކޮޅެއް ވަންދެން ހިމޭނުން އިނުމަށްފަހު ބޯޖަހާލަމުން ހޫންލައްވާލިއެވެ.

އަޒާން ފަދައިން ވިސާމަށް ވެސް ދީނަށްޓަކައި އޭނަގެ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވަން ދަތިވެފައިވިއެވެ. ޝަފަޤް އޭނަ ކައިރި މީހުންނަށް ޖެހިލުންވުމެއްނެތި ކޮންމެ ތާކުވެސް ނަމާދުކުރަން ނަޞޭޙަތް ދިނެއްކަމަކު ވިސާމަށް ހަމަ ނަމާދު ކުރެވެނީ ގޭގައި ހުރެއެވެ. އޮފީސް ބުރަވެ މެންދުރު ނަމާދާއި ޢަޞްރު ނަމާދުވެސް ގެއްލޭ ދުވަސްދުވަހު ވިސާމް ގެއަށް އައިސް އެ ނަމާދުތައް ޤަޟާ ކުރަނީ ރޮމުންނެވެ. ރުއިމުގެ އެއްވެސް ބޭނުމެއްނެތޭ ކިޔައި ޝަފަޤް ނުރުހުންތެރިކަން ފާޅުކުރަން ބޭނުންވިއެއްކަމަކު އޭނަ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަނީ ވިސާމަށް ވެސް އެޅޭނީ ފަހަރަކު ފިޔަވަޅެއްކަން އަމިއްލަ ނަފްސަށް ވިސްނައިދީގެންނެވެ. އަދި ވިސާމަށް ރަނގަޅު ކަންތައްތަކެއްގެ ގޮތުން އޭނައަށް ކުރަން ފަސޭހަވާނެ ކަންތައްތައް ކިޔައިދެމުންދިޔައީ އޭނަގެ އުއްމީދު އާލާ ކޮށްދިނުމަށްޓަކައެވެ. މިގޮތުން އޭނަ އެންމެ ފުރަތަމަ ކަމަކަށް ބުނީ އެންމެ ރަނގަޅު މީހުންނަކީ އެމީހެއްގެ ޢާއިލާ މީހުންނަށް ރަނގަޅު މީހެއްކަމެވެ. އެ ވާހަކަ އަޑުއިވުނު ދުވަހުއްސުރެ ވިސާމް އިހުނަށްވުރެ ވެސް ބޮޑަށް ޝަފަޤާއި މިޝްކާއަށް ކަންތައް ކޮށްދޭން ފެށިއެވެ. އެމީހުންނާއެކީ އިހުނަށްވުރެ ގިނަ ވަގުތުތައް ހޭދަކުރަން ފެށިއެވެ. ވިސާމް ކުރާ ކޮންމެ ކަމެއްގައި އޭނައަށް ސުންނަތް އެނގޭ މިންވަރަކަށް ސުންނަތާއި އެއްގޮތަށް ޢަމަލުކުރަމުން ދިޔަ ގޮތުން ޝަފަޤަށް ހުއްޓުމެއްނެތި ހިނިތުންވެވެމުން ދިޔައެވެ. މިހުރިހާ ކަމެއްގެ އުފާވެރި ޚަބަރު ރަޝީދާއާއި ހަމައަށް ގެންދަން އެތައްފަހަރަކު ހިތަށްއެރިއެއްކަމަކު ޝަފަޤް އިންތިޒާރު ކުރަމުން ދިޔައީ ވިސާމް އަމިއްލައަށް މަންމަގެ ވާހަކަ ދައްކާނެ ދުވަހަކަށެވެ. އެފަދަ ވާހަކައެއް އެދެމެދުގައި ދެކެވެން އުޅެވުނު ދުވަހަކު އެކަމަށް ހުރަސް އެޅިގެން ދިޔައީ ޝަފަޤްގެ ފޯނަށް އައި ކޯލަކުންނެވެ.

"އައްސަލާމްޢަލައިކުމް!" ގުޅީ ބޮޑުދައިތަ ކަން އެނގި ޝަފަޤް ބަދިގޭގެ ކެބިނެޓް މަތީގައި އޮތް އޭނަގެ ފޯނު ސްޕީކަރަށްލިއެވެ. އެވަގުތު ވިސާމްވެސް އެތާ ކައިރީގައި ހުރެ މެންދުރު ކެއްކުމަށްޓަކައި ޝަފަޤަށް އެހީވުމުގެ ގޮތުން ތަރުކާރީ ކޮށަމުން ދިޔައެވެ.

"ކިތަންމެ ވަރަކަށް ސަލާން ގޮވިޔަސް މަ ކިޔާނީ ހަމަ ހެލޯ! ދެންވެސް ތި ގޮތްގަނޑު ދޫކުރަން އުޅެބަލަ. އެއޮތް ގަދަ ވިސާމް ވެސް ތި އުޅުމުގެ އަވައިގަ ޖެހިގެން މުޅިން ބިކަވެފަ މިހާރު އެ ހުންނަނީ. ކަލެއަށް ވާ ހަމަ ސާބަސް!" ޒަމީނާ މަލާމާތުގެ ރާގަކަށް ދެއްކި ވާހަކަތަކަށް ޝަފަޤާއި ވިސާމްގެ ޙަރަކާތްތައް ވެސް މަޑުވިއެވެ. ދެމީހުންގެ ހަތަރުކަޅި ބައްދަލުވީވަގުތު ޝަފަޤް ބޯހޫރުވާލީ އެވާހަކަތައް އަޑުނާހާށޭ ބުނާ ފަދައަކުންނެވެ. އެއަށްފަހު އޭނަ އެއްޗެކޭ ބުނަން އުޅުނު ވަގުތު ޒަމީނާ ދެންވެސް ވާހަކަ ދެއްކިއެވެ.

"މަގޭ ދަރިފުޅު މިހާރު ރައްޓެހިވެގެން އުޅެނީ ކާކާކަން އެނގޭތަ؟ މަޝްހޫރު ޚާލިދުގެ ދަރިފުޅާ. ޚާލިދުގެ މުދަލުގެ ބޮޑުބައެއް ވެސް ވަނީ އެ ދަރިފުޅުގެ ނަންމަތީގަ. އޭނަ ހުދާއަށް ދޭން އެތައް އަގުބޮޑު ހަދިޔާތައް ވެސް ގެނެސްދޭ މާ ޝާ ﷲ!" ޒަމީނާ އުފާވެފައިވާ އަޑަކުން ކިޔައިދިން ވާހަކައިން ޝަފަޤް އިންތިހާއަށް ނުރުހުންވިއެވެ.

"ދައްތާ! ދައްތަ ކިހިނެއްތަ ހިތުން ރުހުމުން ހުދާ އެފަދަ ގޮތަކަށް ދޫކޮށްލައިގެން ތިއުޅެނީ؟ އެ ގޮތަށް ރައްޓެހިވާން ހިތްވަރު ދިނުމުން ކުރިއަށް އޮތް ތާނގަވާނެ ގޮތާއިމެދު ދައްތަ ވިސްނާލިންތަ؟" ޝަފަޤް އަހާލިއެވެ.

"އާނ ވިސްނާލިން. އަހަރުމެންނަށް ވަރަށް މުއްސަނދި ދަނބި ދަރިއެއް ލިބިގެން ދާނީ. ކިހާ ރަނގަޅު؟ މަށަށް ފެންނަނީ ދެން ޝަފަޤް ވެސް ތި ވިސާމަކު ދޫކޮށްލަން. މިހާރު އޭނަ އަތުގަ ހުރީ ކޯޗެއް. އޭނައަށް ލިބޭ މުސާރައިން ކިރިޔަ ކިރިޔާ ކަލޭމެންނަށް އުޅެވޭނީކަން މަށަށް ޔަޤީންވިއްޔާ." ޒަމީނާ ދެއްކި ވާހަކައިގެ މެދު ތެރެއިން ވަޅި ހިފައިގެންހުރި ވިސާމްގެ އިނގިލީގައި ވަޅި ޖެހި ލޭ އަންނަން ފެށުމުން އޭނަ ސިހުންވިއެވެ. އެކަން އެނގުންވި ޝަފަޤް ވަގުތުން މަންޒަރު ފެނި ވިސާމްގެ ގާތަށް ޖެހިލަމުން އޭނަގެ ޒަޚަމްވެފައިވި އަތުގައި ހިފަހައްޓާލިއެވެ.

Comments

Popular posts from this blog

Arabic Pronouns (dhameer)

Harf of Nasb (English + Dhivehi)

Mudhaaf-mudhaaf ilaihi and pronouns (English lesson)