Asr (part 49)


އެހެނަސް އޭނަ ހިތްވަރު ކޮށްފައި ފިޔަވަޅުތަކެއް އަޅަމުން ގޮސް އެގޭގެ މައިދޮރު ކުރިމަތީގައި މަޑުކޮށްލިއެވެ. އަދި ދެލޯ މަރައި ތަގުޅި ކޮށްލަމުން ބެލްޖަހާލިއެވެ.

އެ ބެލްގެ އަޑު ޝަފަޤްމެންގެ ކޮޓަރިއާއި ހަމައަށް ފޯރިއެވެ. އެހެނަސް އެވަގުތު އެ ކޮޓަރީގެ އެނދުގައި ހިމޭންކަމާއެކީ ނިދިފައި ތިބި މިޝްކާއާއި ޝަފަޤަކަށް އެ އަޑު އިވޭ ގޮތެއްނުވިއެވެ. ގިނައިރުވާން ފެށުމުން ބޭރުގައި ހުރި ޝިޔާ އަނެއްކާވެސް ބެލްޖަހައިފިއެވެ. ދެން ވެސް އޭނަގެ ކުރިމަތީގައި ހުރި ދޮރަށް ގޮތެއްވާން ނުއުޅުމުން ޝިޔާއަށް އެއާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނެވެ. ގޭގައި މީހަކު ނެތީތޯ އޭނަގެ ހިތަށްއެރިއެވެ. ނަމަވެސް ކުޑަދޮރުތަކުގެ ތެރެއިން ގޭގެ ސިޓިންގް ރޫމުގެ ބޮކިތައް ދިއްލިފައިވިތަން ފެނިފައި އެއީ ނާދިރުކަމެއްހެން ޝިޔާއަށް ހީވިއެވެ. ހަމަ އެއާއެކު އޭނަ މާޔޫސްވާ ގޮތްވިއެވެ. ގޭގެ އެތެރެއިން ވެސް ދޮރުމަތީގައި ހުރީ ނޭނގޭ މީހެއްކަން އެނގުމުން ޝަފަޤް ދޮރު ނުހުޅުވީތޯ ހިތް ސުވާލުކުރިއެވެ. ސިކުނޑިއަށް ވެރިވި ޚިޔާލުތަކުން ނާއުއްމީދީ ގޮތަކަށް ފުން ނޭވައެއް ދޫކޮށް ޝިޔާއަށް ފަހަތަށް ޖެހިލެވުނެވެ. އެއަށްފަހު މާ ގިނައިރެއްނުވެ އޭނަ އެގެއިން ނިކުމެގެން ދާން ހިނގައިގަތެވެ.

**

"ޑޭޑް ދެން ކިހިނެއްތަ ހަދާނީ؟ ޝިޔާ އަހަރުމެންގެ އަތުން ދޫވެއްޖެ. މިހާރު އޭތި ވިސާމާ ހަމައަށް ނުފޯރާ ކަމެއް ނޭނގޭ." ޒައިދް ކަންބޮޑުވުމަކާއެކީ އެހެން ބުނެލީ އޮފީހެއްގެ މޭޒު ކައިރީގައި އިނދެއެވެ.

"ދެން ވާންއޮތް ކަމެއްވެއްޖެ. ހިއެއްނުވޭ އަދި އޭތި ވިސާމަށް ލިބުނުހެން. އެނޫންނަމަ އަހަރުމެންނަށް ކޮންމެވެސް އާ މަންޒަރެއް ފެނިގެން ދާނެ. އެހެންވީމަ އޭގެ ކުރިން އަހަރުމެން އެބަޖެހޭ ޝިޔާ ހުއްޓުވަން." އެވާހަކަ ބުނެލީ ޒައިދްގެ ކުރިމަތީގައި ހުރި ބޮޑު ގޮނޑީގައި ހުރި އޭނަގެ ބައްޕައެވެ. އެ އަޑުގައި ހަމަ ކުޑަވެސް ހާސްކަމެއް ނެތެވެ.

"ޕިސް! އައި ޑޯންޓް ވޯންޓް ޓު ގޯ ބައްޕާ! އައި ހޭވް އަ ލައިފް! އެ ޝިޔާއަކީ މަށަށް ކަމުދާ މީހެއްވެސް ނޫން. ބޮޑުބޮޑު ހެދުންގަނޑެއް ލައިގެން ހިތުން ވަރަށް ރީތި ވެގެން އޭނަ އެއުޅެނީ. އެކަމަކު އެއްވެސް ރީއްޗެއް ނޫނޭ! މުސްކުޅި މާމައެއްހެން އޭނަ ގިނަފަހަރު ހީވާނީވެސް." ޒައިދް އެހެން ބުނެލަމުން ނުބައި ބަހެއް ކިޔާލިއެވެ.

"އެންމެ ރަނގަޅު. ޒައިދް ދާން ނުޖެހޭ ގޮތަކަށް ޑޭޑް ރޭވުމެއް ރާވާލާނީ. އެކަމަކު ދެންވެސް ޒައިދް ބޭނުމިއްޔާ ޝިޔާ އަދިވެސް ހުރީ ޒައިދްގެ ވާންއުޅޭ އަނބިމީހާގެ މަޤާމުގަ." ޒައިދްގެ ބައްޕަ ސީރިއަސްކަމާއެކީ އެހެން ބުނެލުމުން އޭނަ ތުންފިއްތާލަމުން ބޯޖަހާލިއެވެ.

އެދުވަސްފަހުން ޝިޔާއަށް ނޭނގޭ ސަބަބުތަކާހުރެ އޭނަ ޝަފަޤާއި ބައްދަލުކުރަން އަޅާ ކޮންމެ ފިޔަވަޅަކަށް ހުރަހެއް އެޅެމުން ދިޔައެވެ. ފަހަކަށް އައިސް މަގުމަތީގައި އުޅޭ ފިރިހެނުންނާ ހެދި އޭނައަށްވަނީ ގެއިން ނިކުންނަން ވެސް ދަތިވެފައެވެ. އޭގެ ތެރެއިން މީހަކު އެއްދުވަހު ޝިޔާ ގޭގެ ކައިރީގައި ހުރި ފިހާރައަކަށް ވަންނަން އުޅުނު ވަގުތު އޭނަގެ އަތުގައި ހިފިގޮތުން އޭނަ ގަތީ އަމަށަކު ބިރެއްނޫނެވެ. ޓިއުޝަނަށް ގޮސް އަނބުރާ ގެއަށް ދިޔުމަށްޓަކައި އޭނަ ޓީޗަރުގެ ގޭގެ ދޮރުމަތީގައި ހުންނަ ވަގުތު ވެސް އެފަދަ މީހުންގެ ނަޒަރުތަކާއި ހުތުރު ބަސްތަކާއި ކުރިމަތިލާންވުމުން އެންމެ ފަހުން ޝިޔާ ޓިއުޝަނުން ވެސް ކެނޑިގަތެވެ.

ޝިޔާ ޓިއުޝަނުން ކެނޑުނުކަން އަޒާނަށްވުރެ ކުރިން އެނގުނީ އައިމަނަށެވެ. ޝިޔާ ކެނޑުނު ހަފްތާއަށްފަހު އަނެއް ހަފްތާގައި އެންމެ ފުރަތަމައަށް ޓިއުޝަން އޮންނަ ދުވަސް ޖެހުމުގެ ކުރިން ޝިޔާގެ ފަރާތުން އައިމަނަށް އެ ވާހަކަ އިވުނެވެ.


"މިއުޅޭ ޒާތްޒާތުގެ މީހުންނާހެދި ތަންތަނަށް ދެވޭވަރުވޭތަ؟! ހާދަ ފޫއްސެއްވެޔޭ ގްރްރްރް!!" ޝިޔާ ރުޅިވެރިކަން ދައްކަމުން އެހެން ބުނެލި މަންޒަރު އެ ކްލާހުގެ ކުޑަދޮރުކައިރީ ބޭރުގައި ހުރި އައިމަނަށް އިވުނެވެ. ކެންޓީނަށް ދިޔަ މަގުމަތީގައި އޭނައަށް އެތާ މަޑުކޮށްލެވުނީ ބޭއިޚްތިޔާރުގައެވެ.

"ހަމަ ހުވާ! ދެން އެކަމަކު ޓިއުޝަނަށް ނުދެވުނީމަ ހާދަ ކަޑައޭ ދޯ؟ އާއްމު ގޮތެއްގަ އެންމެ ސްމާރޓް ފިރިހެން ކުދިންނާ މީޓްވާނީ ޓިއުޝަނުން." ޝިޔާގެ އެކުވެރި މައިރާ ލާނެތް ހިނިތުންވުމަކާއެކީ ބުންޏެވެ. އެ ވާހަކައިން ޝިޔާގެ ހިތަށް އުނދަގޫވި ހިނދު ދުރުގައި ހުރި އައިމަން ޝިޔާ ދެން ބުނެލާނެ ވާހަކައަކަށް ކެތްމަދުވިއެވެ. ޝިޔާ އިރުކޮޅެއް ވަންދެން އިސްޖެހިފައި ހުރެ މައިރާއަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.

"ހަމައެކަނި ސްމާރޓްވެގެންނެއްނޫން ދޯ މީހަކާއެކީ އުޅެންވީ؟" ޝިޔާ އަހާލިއެވެ.

"އޯ ރިއަލީ؟ ދެން މީހަކު ކިހިނެއްވީމަ ޝިޔާއަށް ކަމުދަނީ؟" މައިރާ ސުވާލުކުރިއެވެ. އެ ހިނދު ޝިޔާ ޖަވާބެއްދޭން އުޅުނު ވަގުތު އެއްލި ކަޅިއަކުން ޝިޔާއަށް ބޭރުގައި ހުރި އައިމަން ފެނުނެވެ. ސިކުންތުކޮޅެއް ވަންދެން ޝިޔާ ގަނޑުވިއެއްކަމަކު އޭނަ މާ ގިނައިރެއްނުވެ އިސްޖަހާލިއެވެ. އައިމަން ހުރީ އޭނަގެ ޖަވާބެއްގެ އިންތިޒާރުގައިކަން އެނގުންވެ އެއްވެސް އެއްޗެއް ނުބުނަން ޝިޔާގެ ހިތް އެދި ގޮވިއެވެ. އޭނަގެ އެންމެ ޢިޝާރާތަކުން ވެސް އައިމަނަށް މި ޙާލަތް ދަތިވެގެން ދާކަށް އޭނަ ނޭދުނީތީވެއެވެ. އެހެނަސް ކޮންމެވެސް އެއްގޮތަކަށް އައިމަންގެ ހިތާއި ހަމައަށް ވާސިލުވެވޭތޯ ބަލަން އެދެވުނު ވަރުން ޝިޔާއަށް ވާހަކަ ދެކެވުނެވެ.

"ކަމުދާނީ އެޓްލީސްޓް 5 އިރު ފަސް ނަމާދު ކުރާ މީހަކު. ތިމާ ހެއްދެވި ރަސްކަލާނގެއަށްޓަކައި އެވަރު ވެވޭނެ މީހަކަށްދޯ އިތުބާރު ކުރެވޭނީ؟" ޝިޔާ މައިރާއަށް ނަޒަރު ހުއްޓައިގެން ބުނެލިއެވެ. އޭނަގެ މަޤްޞަދަކަށްވެފައިވީ އޭނަގެ އެ ބަސްތަކުން އައިމަނަށް ނަމާދުކުރަން ހިތްވަރެއް ދިނުމެވެ. އަދި އޭނަގެ އެދުމަކަށް ވީ އެ ނަމާދުތަކުގެ ސަބަބުން އައިމަނަށް ހިދާޔަތް ލިބިގެން ދިޔުމެވެ. އެހެނަސް އައިމަންގެ ހިތުގައި އުތުރި އަރައިގަތީ އެފަދަ އިޙްޞާޞްތަކެއް ނޫނެވެ. ޝިޔާގެ ބަސްތަކުން އައިމަންގެ ހަނދާނަށް އެންމެ ފުރަތަމަ ވެސް އައީ ޒައިދެވެ. ޝިޔާ އެ ދައްކަނީ ޒައިދްގެ ވާހަކަ ކަމަށް އައިމަނަށް ނިންމުނެވެ. އަދި އޭނަ ހުއްޓާ ޝިޔާ އެހެން ބުނާނީ އޭނަ ދެރަކޮށްލުމަށްޓަކައިތާއޭ އޭނަގެ ހިތް ބުންޏެވެ. އެއާއެކު ދެރަވެގެން ދިޔަ ހިތަކާއެކީ އައިމަނަށް އިސްޖަހާލަމުން ކުރިއަށް ހިނގައިގަނެވުނެވެ.

އެ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ޝިޔާ ޓިއުޝަނުން ވަކިވިކަން އެނގުނު ހިނދު އަޒާން މާޔޫސްވާ ގޮތްވިއެވެ. ޝިޔާގެ ފަރާތުން ފެނުނު ޖެހިލުންކަން ކުޑަ ޝަޚުޞިއްޔަތުގެ ސަބަބުން ޝިޔާއާއި މެދު އަޒާންގެ ހިތުގައި އޮތް ޝައުޤުވެރިކަން އިތުރުވަމުން ދިޔައެވެ. އޭނަ އަޖާއިބުވާ ގޮތްވީ ދީނީވެފައިވެސް ޝިޔާ ސްކޫލްގެ ކަންތައްތަކުގައި ވެސް އެންމެ ކުރީ ސަފުތަކުން ފެންނަމުން ދިޔައީތީވެއެވެ. ހުދާއަށް ވުރެ ބޮޑަށް އޭނައަށް ޝިޔާގެ ޝަޚުޞިއްޔަތު ކަމުދާންފެށިހެން ހީވި ދުވަހު އަޒާނަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. ހުދާ މި ހުރިހާ ދުވަހު އޭނަގެ އެކަނިވެރިކަން ފިލުވައިދީފައިވަނިކޮށް އޭނަ ދޫކޮށްލުމުން އެ ހެދެނީ ވަރަށް ބޮޑު ނާއިންސާފެއްހެން އޭނައަށް ހީވީތީވެއެވެ. އެހެންކަމުން އޭނަ މިހުރިހާ ދުވަހު ހުދާ ކަމުދިޔަ ސަބަބު ހުދާއަށް ކިޔައިދީ އޭނަގެ ހިތަށް އުނދަގޫކުރަމުން އަންނަ ސުވާލުތައް ހުދާއާއި ޙިއްޞާ ކުރަން އޭނަ ނިންމިއެވެ. އޭގެ ސަބަބުން އޭނައާއި ހުދާގެ ގުޅުން އަނެއްކާވެސް ބަދަހިވެގެން ދާނެ ކަމުގެ އުއްމީދުގައެވެ.

"ހުދޫ އައި ވޯންޓް ޓު މީޓް ޔޫ........އެކަނި." އަޒާން މަޑުމައިތިރި އަޑަކުން އެހެން ބުނެލީ އެއްދުވަހު އިންޓަވަލް ގަޑީގައި ހުދާއާއެކީ ލައިބްރަރީއަށް ގޮހެވެ. އޭނަ ބުނި ޖުމްލައިގައި ދެމާނައެއް އެކުލެވޭކަން އޭނައަށް އެނގުންވީ ބުނެވުނު ފަހުންނެވެ. ހުދާގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވުމުން އަޒާން ހިސާބަކަށް ލަދުވެސް ގަންނަ ގޮތްވިއެވެ. އެހެނަސް ހުދާއަށް އޭނަ އަސްލު މާނަކުރީ ކިހިނެއްކަން ދަނެގެން އެގޮތަށް ކަންތައް ކުރާނެކަމަށް އަޒާނަށް ނިންމުނެވެ. ނަމަވެސް އަޒާނަށް ނޭނގުނުކަމަކީ ހުދާއަކީ އެއްދުވަހެއްގައި ވެސް އޭނައަށް ހެޔޮ އެދުނު މީހެއްނޫންކަމެވެ. ހުދާ އޭނައާއި ރައްޓެހިވީވެސް އައިމަން އޭނައަށްޓަކައި ހުދާ ދޫކޮށްލުމުގެ ބަދަލު ހިފަންކަމެވެ. އަދި އޭނަގެ މަޤްޞަދަކީ އަޒާނާއި އައިމަން ވެސް ދުވަހަކުވެސް ބަދުނާމު ނުވާވަރަށް ބަދުނާމުކޮށްލުންކަމެވެ. ހަމަ މިއާއެކު އެ ރޭވުމުގެ ތެރެއިން އެމީހުން މުޅި ޢުމުރަށް ޝުކުރުވެރިވާނެ ނިޢުމަތެއް ލިބިގެންދާނެކަން ވެސް އެމީހުންނަށް ރޭކާނުލައެވެ

Comments

Popular posts from this blog

Arabic Pronouns (dhameer)

Harf of Nasb (English + Dhivehi)

Mudhaaf-mudhaaf ilaihi and pronouns (English lesson)