Asr (part 54)
"މާމަ
ދެން އެހާ ބަލިއެއްނުވެއޭ ނާޒް. ދަރިފުޅު ޝިޔާއާއެކީ މަޑުކުރޭ މިކޮޅުގަ.
ވަޒީފާއަށް ސިޓީ ލީ ތަންތަނުން ފަހަރެއްގަ ގުޅާފާނެއެއްނު؟ ގުޅާއިރު މިކޮޅުގަ
ނެތިއްޔާ ކަމަކު ނުދާނެ. ދަރިފުޅު މަޑުކޮށްލާ." ޒުހުރާ ހެދުން ފަށްޖަހަމުން
ތަކުރާރުކޮށް ބުނެލިއެވެ. މެހެނާޒް ދެންވެސް އޭނަގެ މަންމައަށް ވިސްނައިދެވޭތޯ
އުޅުނެއްކަމަކު އޭނަގެ އެއްވެސް ޢުޒުރެއް އަޑު ނޭހުމުން އޭނަގެ ބަލީގެ ވާހަކަ
އެމީހުންގާތު ބުނަންވީތޯ މެހެނާޒްގެ ހިތަށްއެރިއެވެ. އެހެނަސް އެހާ ބޮޑު
ފިޔަވަޅެއް އެޅުމުގެ ކުރިން އަދިވެސް އެހެން ގޮތެއް އޮތްތޯ ބެލުމަށްޓަކައި
މެހެނާޒް އޭނަގެ އެކުވެރިޔަކަށް ގުޅިއެވެ. އަދި ޔާސިރު މިނިވަންވީތޯ ސުވާލުކޮށް
އެކަން ސާފުކޮށް ދިނުމަށް އެދުނެވެ. މެހެނާޒަށް އެނގުނު ގޮތުގައި އޭރުވެސް ޔާސިރު
މިނިވަނެއް ނުވެއެވެ. އެއާއެކު ލިބުނު ހިތްހަމަޖެހުމާއެކީ އޭނަ ހިތުން ރުހުމުން
މަންމަމެން ފުރުވަން ދިޔައީ، މަންމަމެން އަންނަން ދެން ވެސް ޔާސިރު އޮންނާނީ ކުޑަ ގޮޅިއެއްގެ
ތެރޭގައި ކަމަށް ނިންމަމުންނެވެ.
މަންމައާއި ބައްޕަ ދިޔުމުން
މެހެނާޒް އޭނަގެ ގިނަ ވަގުތުތައް ހޭދަކުރަން ފެށީ އޭނަގެ 9 އަހަރުގެ ކޮއްކޮ
ކަމަށްވާ ޝިޔާއާއި އެކީގައެވެ. ޝިޔާ އުފަންވިތާ 5 އަހަރުފަހުން މެހެނާޒް މާލެއަށް
ދިރިއުޅުން ބަދަލުކޮށްފައިވާތީ ޝިޔާއާއި އޭނައާއި މެދު މާ ބޮޑު ގުޅުމެއް
ބަދަހިވެފައެއްނެތެވެ. އެހެންކަމުން ދެމީހުންގެ ދެމެދުގައި އޮތް ދުރުކަން މެހެނާޒް
ފިލުވައިލެވޭތޯ މަސައްކަތް ކުރިއެވެ. އެ މަސައްކަތްވެސް އޭނަ ކުރީ އޭނަގެ
ޙަޔާތުގައި އޭނައަށް ލިބިފައިވާ މަދު ވަގުތުކޮޅުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި
ހިފޭނެ ގޮތަށެވެ. އޭނަ ވީހާވެސް ވަރަކުން ޝިޔާއަށް ﷲ މަތިން ހަނދުމަކޮށްދެމުން
ދިޔައެވެ. ﷲ ގެ ރަޙްމަތަށް އެދޭ ޙާލު ފާފަތައް ފުއްސަވައި ސުވަރުގެ ވައްދަވައި
ދެއްވުމަށް އެދި ދުޢާ ދެންނެވުމަށް މެހެނާޒް ކޮންމެ ނަމާދަކަށްފަހު ޝިޔާއަށް
ހަނދާން ކޮށްދެއެވެ. އޭގެއިން ކޮންމެ ފަހަރަކު ޝިޔާ މައުސޫމްކަމާއެކީ އޭގެއިން
ކޮންމެ ނަޞޭޙަތެއްގައި ހިފާގޮތުން މެހެނާޒްގެ ލޮލުން ކަރުނަ ހިލެމުން ދިޔައެވެ.
އޭނަގެ ކޮއްކޮއަކީ އޭނައާއި ޚިލާފަށް ޒުވާން ޢުމުރު ﷲ ރުހިވޮޑިގެންވާފަދަ ގޮތަކަށް
ހޭދަކުރާ ކުއްޖެއްކަމުގައި ލެއްވުމަށް އެދި މެހެނާޒް ދުޢާ ކުރިއެވެ.
ޝިޔާގެ ޅަ ޢުމުރުގައި ވެސް
އޭނަގެ ފަރާތުން ފެންނަމުން ދިޔަ ތެދުވެރިކަމާއި އަމާނާތްތެރިކަން ވެސްވެގެން
ދިޔައީ މެހެނާޒްގެ ހިތް އުފަލުން ފުރާލަދިން ކަމަކަށެވެ. އޭނަ ވިސާމަށްޓަކައި ލިޔާ
ސިޓީ ޝިޔާއަށް ދައްކަން ބޭނުން ނުވާކަން އޭނަ ޝިޔާއަށް އެންގީއްސުރެ ޝިޔާ އެއަށް
ނުވެސް ބަލައެވެ. އޭނަ ޝިޔާ އިމްތިޙާނު ކުރުމަށްޓަކައި ސިޓީ ކޮޓަރީގައި ބާއްވާފައި
ކޮޓަރިން ދިޔުމުން ވެސް ޝިޔާ އެއާއި ކައިރިވެސް ނުވެ އަމިއްލަ މަސައްކަތެއްގައި
ހުރެދާނެއެވެ. އޭގެ ބަދަލެއްގެ ގޮތުން މެހެނާޒް ޝިޔާއަށް އެ ސިޓީ ހަދިޔާ ކުރަން
ނިންމިއެވެ. އެ ސިޓީއަކީ އޭނަ ވިސާމަށްޓަކައި ލިޔާ ސިޓީއަކަށް ވިޔަސް އޭގައި
ހިމެނިފައިވި ނަޞޭޙަތްތަކުން ޝިޔާއަށް ވެސް ފައިދާއެއް ކުރާނެހެން އޭނައަށް
ހީވީތީވެއެވެ. އަދި ޝިޔާ އަމާނާތްތެރިކަމާއެކީ އޭތި ވިސާމާއި ހަމައަށް ފޯރު
ކޮށްދޭނެކަން ވެސް ޔަޤީން ކުރެވުނީތީވެއެވެ. އޭނަ ދެންވެސް ސިޓީ ލިޔަމުން ދިޔައީތީ
އެ ވާހަކަ ޝިޔާ ގާތު ބުނުން އޭނަ ލަސްކުރިއެވެ.
އެއްވެސް މައްސަލައެއް ނުޖެހި
އޮމާންކަމާއެކީ ދުވަސްތައް ފާއިތުވަމުން ދަނިކޮށް ޙަރީފު މޫސުމުގެ ބާރު
ވައިރޯޅިއެއް މެހެނާޒްގެ ޙަޔާތަށް އައީ، އެއްދުވަހަކު އޭނަގެ އަންހެން
އެކުވެރިޔަކު އޭނަގެ އެޕާޓްމެންޓަށް ޒިޔާރަތް ކުރުމުންނެވެ.
"ނާޒް ވަރަށް އަވަހަށް
މީތި ބަލާލަބަލަ." މެހެނާޒް ދޮރު ހުޅުވުމާއެކު އެ އެކުވެރިޔާ
އެޕާޓްމެންޓަށްވަދެ އަތުގައި އޮތް ފޯނުގެ ސްކްރީނު މެހެނާޒަށް ދައްކާލިއެވެ.
އެއާއެކު މެހެނާޒްގެ ދެލޯ ބޮޑުވިއެވެ. އެ ލޯ ކުރިމަތިން ފެންނަމުން ދިޔައީ މީގެ
މަސްތަކެއް ކުރިން ލީކްވި އޭނަގެ ވީޑިޔޯއެއް ކަހަލަ އެހެން ވީޑިޔޯއެކެވެ. އެ
ވީޑިޔޯގައި އޭނަ ވީ ޔާސިރާއި އެކީގައެވެ. ވީޑިޔޯގައި ހުރީ އޭނަކަން ޔަޤީންވީ
ވަގުތު މެހެނާޒަށް ލަދުވެތިކަމާއެކީ ދެލޯ މަރައި ތަގުޅި ކޮށްލަމުން މޫނު
އަނބުރާލެވުނެވެ. އެވަގުތު އޭނަގެ ލޮލަށް ކަރުނަތައް ޖަމާވެ އެސްފިޔަތައް ތެމި
އޭނައަށް ރޮވެން އުޅުނެވެ. ޙަޔާތުގައި މަދު ދުވަސްކޮޅެއް ބާކީވެފައި އޮތްވާ މިފަދަ
ގޮތަކަށް އޭނަ ބަދުނާމު މިވަނީ ކީއްވެ ހެއްޔެވެ؟ އޭނަ ފާފަވެރިވާނެ ފަދަ ގޮތަކަށް
މުޅި ދުނިޔެއަށް އޭނަ ފަޟީޙަތްވަނީ ކީއްވެ ހެއްޔެވެ؟ އޭނަ ފާފަތައް ފޮހެވުމުގެ
ބަދަލުގައި އެ ފާފަތައް ހަމަ އިތުރުވަމުން ދަނީ ހެއްޔެވެ؟ މިއީ އޭނަ ހަމަ އެހާ
ގޯސް މީހަކަށް ވުމުގެ ސަބަބުން ﷲ ގެ ޙަޟްރަތުން އޭނައަށް ފާފަ ފުއްސެވުން
ނުލިބޭނެކަމުގެ ނިޝާނެއް ހެއްޔެވެ؟ އެވަގުތުކޮޅު ހިތަށް ވެރިވި ސުވާލުތަކުން
މެހެނާޒަށް އޭނަގެ އެކުވެރިޔާއާއި ވެސް ވާހަކައެއް ނުދައްކައި ގޮސް ކޮޓަރިއަށް
ވަދެ ދޮރު ތަޅުލެވުނެވެ.
ކޮޓަރީގެ ތެރޭގައި ބަންދުވެގެން
އިނެއްކަމަކު އޭނަ ކުރި އެ ފާޙިޝް ޢަމަލު ބިރުވެރި ހުވަފެނެއްގެ ސިފައިގައި
މެހެނާޒްގެ ލޯ ކުރިމަތިން ސިފަވަމުން ދިޔައެވެ. އޭނަގެ ސަބަބުން އެ ގެއްލުން
ލިބިގެން ދިޔައީ އަނތްބަކަށާއި ތިން ކުދިންނަށް ކަން އެނގުންވުމުން އޭނަގެ ހިތް
އިތުރު ނާއުއްމީދީ އިޙްޞާޞްތަކުން ފުރިގެން ދިޔައެވެ. ﷲ ގެ ރަޙްމަތުން
އަނެއްކާވެސް އުއްމީދު ކަނޑާލެވެން ހިތް އެދެމުން ދިޔައެއްކަމަކު އޭނަ
އަނެއްކާވެސް ﷲ ގެ ހަނދުމައިން ދުރުވެގެން ދާކަށް ބޭނުމެއް ނުވިއެވެ. އެހެންކަމުން
އޭނަ ކޮންމެވެސް މީހެއްގެ އެހީ ހޯދަން ބޭނުންވިއެވެ. ދީނީ ޢިލްމުވެރިއެއްގެ
ފަރާތުން ލިބޭނެ އެހީ މި ޙާލަތުގައި ވަރަށް ފުރިހަމަ ވާނެއޭ ހިތައި މެހެނާޒް އެރޭ
އޭނަ އުޅޭ އެޕާޓްމެންޓްގެ ކައިރީގައި ހުންނަ މިސްކިތުގައި އޮތް ދަރުހަކަށް
ދިޔައެވެ.
އެ ދަރުސް ދެނީ ވަރަށް ފަހަކަށް
މަޝްހޫރުވެގެން ދިޔަ ޢިލްމުވެރިއެއްކަމަށްވާ މަންސޫރުކަން އެރޭ ތަރާވީޙަށް ދިޔަ
ދައްތަމެންގެ ވާހަކަތަކުން މެހެނާޒަށް އެނގުންވިއެވެ. އަންހެނުންގެ ބައިގައި އިނދެ
މެހެނާޒް ވެސް މަންސޫރު ދިން ދަރުސް އަޑުއެހިއެވެ. ނޭނގޭ ސަބަބަކާހުރެ އެހެން
ދަރުސްތަކާއި ޚިލާފަށް އެ ދަރުހުން މެހެނާޒްގެ ހިތަށް މާ ބޮޑު އަސަރެއް
ނުކުރިއެވެ. އެ ދަރުސް ދިން މީހެއްގެ އަޑުން މުޅިން ވެސް މެހެނާޒަށް އިޙްޞާޞް
ކުރެވުނީ ރުޅިވެރިކަމާއި ނުރުހުންތެރިކަމެވެ. އިވިގެން ދިޔައީ އޭނައާއި މެދު
އަޅާލާ މީހަކު ދިން ނަޞޭޙަތެއްކަން ޤަބޫލުކުރަން މެހެނާޒަށް ދަތިވިއެވެ.
ކޮންމެއަކަސް ދަރުހަށްފަހު މެހެނާޒް މަންސޫރާއި ބައްދަލުކުރެވޭތޯ މަސައްކަތް
ކުރިއެވެ. މެހެނާޒަށް މަންސޫރާއި ވާހަކަ ދެކެވޭ ގޮތްވީ މަންސޫރު މިސްކިތުން ނިކުންނަން
ދިޔަ މަގުމަތީގައި މެހެނާޒް "ޝެއިޚް"އޭ ކިޔައި ގޮވާލުމުންނެވެ. އޭނަ
ހީކުރި ގޮތާއި ޚިލާފަށް މަންސޫރު މަޑުކޮށްލަމުން އޭނައަށް ބަލާލިއެވެ. މަންސޫރު
އޭނަގެ ބޮލުން ފެށިގެން ފަޔާއި ހަމައަށް ބަލާލި ގޮތުން އުނދަގުލެއް ވެގެން
މެހެނާޒަށް އިސްޖަހާލެވުނެވެ. އެހެނަސް ހިތުގައިވި އުދާސެއްގެ ސަބަބުން އޭނަ ﷲ
މަތިން އަނެއްކާވެސް ހަނދުމަ ކުރުމަށްޓަކައި އެހީ ބޭނުންވި މިންވަރުން އޭނަ
ދެންވެސް އިސްނެގިއެވެ.
"ޝެއިޚް،
އަ....އަޅުގަނޑަށް އެހީވެދީ. އަޅުގަނޑަށް ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާލެވެނީ.
އަނެއްކާވެސް ﷲ ގެ ހަނދުމައިން ދުރުވެގަންނަން ހިތް އެދެނީ. އަޅުގަނޑަށް
ނަޞޭޙަތެއް ދެއްވަފާނަންތޯ؟" މެހެނާޒް އޭނަގެ ކައިރިން ފިރިހެނުން ހިނގަމުން
ދިޔަ އެ މާޙައުލުގައި އުނދަގޫވެފައިވި ހިތަކާއެކީ ވާހަކަ ދެއްކިއެވެ.
"ތިއީ......ވިސާމްގެ
އަންހެނުންތަ؟" މަންސޫރު ދެބުމަ ކައިރި ކޮށްގެން ހުރެ ކޮށްލި ސުވާލުން
މެހެނާޒްގެ ހިތަށް އިތުރަށް ދަތިވުން ނޫންކަމެއް ނުވިއެވެ. މި ވަގުތުކޮޅު އަވަހަށް
ނިމެން ބޭނުންވި މިންވަރުން އޭނައަށް ވާހަކަ ދެކެވުނެވެ.
"ޝެއިޚް، އަޅުގަނޑާއި
ވަކިން ބައްދަލުކުރެވިދާނެތޯ އެހެން ރެއެއްގަ؟ އަޅުގަނޑު ވަރަށް ބޭނުން
ނަޞޭޙަތްކޮޅެއް." މެހެނާޒް ރޮވެން ކައިރިވެފައި ހުރެ އަވަސްއަވަހަށް
ބުނެލިއެވެ. އޭނަ "ވަކިން ބައްދަލުކުރުން" މާނަ ކުރީ އެހެން ރެއެއްގެ
ދަރުހަކަށްފަހު ފިރިހެނުން ނުތިބޭ މާޙައުލެއްގައި ބައްދަލުކުރާ ވާހަކައެވެ.
އެހެނަސް........
"އެންމެ ރަނގަޅު.....ތި
އުޚްތާގެ އެޑްރެސް ބުނެލަ ދީފިއްޔާ އަޅުގަނޑު އެ އެޑްރެހަށް ގޮސްދީފާނަން."
މަންސޫރު ބުނެލި ވާހަކައިން މެހެނާޒް ކުޑަކޮށް ހުއްޓުން އަރާ ގޮތްވިއެވެ. ޝެއިޚް
އޭނަގެ ގެއަށް އަންނަން އުޅެނީ ކީއްވެބާއޭ އޭނަގެ ހިތަށްއެރިއެވެ. އެހެނަސް ޝެއިޚް
އެހެން ބުނާނީ އޭނައަށް އިތުރަށް ފަސޭހަކޮށްދިނުމަށްޓަކައޭ ހިތައި މެހެނާޒް އޭނަގެ
އެޑްރެސް މަންސޫރަށް ކިޔައި ދިނެވެ.
އޭގެ އަނެއްދުވަހުގެ ރޭ
މެހެނާޒް އޭނަ އިންތިހާއަށް ބޭނުންވެފައިވި ނަޞޭޙަތްކޮޅުގެ އިންތިޒާރުގައި އިންދާ
އެޕާޓްމެންޓްގެ ބެލްގެ އަޑު އިވުނެވެ. މެހެނާޒް ލިބުނު އުފާވެރިކަމާއެކީ އެ ދޮރު
ހުޅުވިއެވެ. އޭނަ އުއްމީދު ކުރި ގޮތަށް މަންސޫރު ސަލާމް ގޮވާލަމުން އޭނަގެ
ހުއްދައާއެކީ އެޕާޓްމެންޓްގެ ތެރެއަށްވަނެވެ. މެހެނާޒް ހީކުރީ މަންސޫރު އޭނަގެ
ކުރިމައްޗަށް ވާ ގޮތަށް އިށީނދެ އޭނަގެ އޭނައަށް ކިހިނެއްވީތޯ އަހާނެ ކަމަށެވެ.
ނަމަވެސް މަންސޫރު ދެންވެސް ކޮށްލީ ވިސާމާއި ގުޅޭ ސުވާލެކެވެ.
"ތިއީ ވިސާމްގެ
އަންހެނުންކަން ޔަޤީން. ކީއްވެ އޭނައާއި ވަކިން ތިއުޅެނީ؟" މަންސޫރުގެ އެ
ސުވާލުން މެހެނާޒްގެ ހިތުގައިވި ޒަޚަމްތަކުގައި ވޭން އެޅިއެވެ. މަންސޫރު އެ ސުވާލު
ކުރީތީވެސް ހިތުގައި ޝަކުވާ އުފެދުނެވެ. އެހެނަސް މަންސޫރު އެ ސުވާލުވެސް ކުރީ
އޭނަގެ ޙާލަތް ރަނގަޅަށް ދެނެގަންނަން ކަމަށް އަމިއްލަ ނަފްސު ގާތު ބުނެ މެހެނާޒް
ރަނގަޅަށް ވިސްނޭތޯ މަސައްކަތް ކުރިއެވެ.
"ވިސާމް މީގެ ދުވަސްތަކެއް
ކުރިން ވަނީ އަޅުގަނޑު ވަ.....ވަރިކޮށްފަ. އެއީ އަހަރެންގެ ކުށުން އެގޮތަށް
ކަންތައްވީ. ވިސާމް ވަރަށް މަސައްކަތް ކުރި އަހަންނާއެކީ އުޅެވޭތޯ. އެކަމަކު
އަހަންނަށް އެ ފުރުޞަތު ފަހިކޮށްނުދެވުނީ." މެހެނާޒް މާޔޫސީ ގޮތަކަށް
ކިޔައިދިނެވެ. އެ ވާހަކަ އިވިފައި މަންސޫރު ޗޮއްކަނޑަން ފެށިއެވެ. މެހެނާޒަށް
ދެބުމަ ކައިރިކޮށްލަމުން އޭނައަށް ބަލާލެވުނީ ޤަބޫލުވެސް ކުރަން ދަތިވެފައި
އިނދެއެވެ.
"ހާދަ ދެރައޭ. ތިއޮތް ޅަ
ޢުމުރުގަ ތިހިރީ އެކަނިވެރިވެފަ. ދުވަހަކުވެސް ބޭނުމެއްނުވޭތަ ލޯތްބަކަށް؟"
މަންސޫރު އެހެން ބުނެލި ހިނދު އޭނައަށް ބަލަން އިން ނަޒަރުން މެހެނާޒްގެ މޭނުބައި
ކުރާ ގޮތްވިއެވެ. އޭނައަށް މިފެންނަނީ ކޮންފަދަ މަންޒަރެއްތޯ އަމިއްލަ ހިތާއި
ސުވާލު ކުރެވެމުން ދިޔައީތީ އޭނައަށް ޖަވާބެއްވެސް ދެވޭގޮތެއް ނުވިއެވެ.
"ޔަޤީން ބޭނުންވާނެކަން.
އަހަންނަށް އެކަމަށް ޙައްލެއް ހޯދައިދެވިދާނެ." މަންސޫރު އެހެން ބުނެ ނުލަފާ
ހިނިތުންވުމަކާއެކީ ސޯފާއިން ތެދުވެލިއެވެ. މަންސޫރު އޭނައާއި ދިމާލަށް އަންނަން ފެށި
ތަނާހެން މެހެނާޒަށް ތެދުވެލެވުނީ ކުއްލިއަކަށެވެ.
"ކައިރި ނުވާތި އަހަންނާ!
ނިކުމެގެންދޭ މިގެއިން!!" މެހެނާޒް ދޮރާއި ދިމާލަށް ޝަހާދަތް އިނގިލި
ދިއްކޮށްލަމުން ހަރު އަޑުން އަންގާލިއެވެ. އެވަގުތު އައިސްފައިވި ރުޅިއެއްގެ
ސަބަބުން މުޅި މީހާ ރޫރޫ އަޅަމުން ދިޔައެވެ.
"އައްދެ! ހާދަ
ރުޅިއެކޭ......ތި ރުޅި ފިނިކޮށްލާ. ރުޅި އައިސްގެން ލިބޭނެ މަންފާއެއް ނެތް. މަ
ބޭނުންކަމެއް މަ މިރޭ ޙާޞިލުކުރާނަން. ހެހެ......ވިސާމްގެ އަންހެނުން!"
މަންސޫރު އެހެން ބުނެ ކުއްލިއަކަށް މެހެނާޒްގެ އަތުގައި ހިފައި އޭނަގެ
އަތުތެރެއަށް ގަދަކަމުން ގެނައެވެ. ވަމުން ދިޔަ ކަންތައް ޤަބޫލުކުރަން ވެސް
ދަތިވެފައި މެހެނާޒަށް ރޯންވެސް ނޭނގިފައި ކުރީކޮޅު ހުރެވުނެވެ. އެހެނަސް މަންސޫރު
ހުއްޓުމެއްނެތި އޭނައަށް ކުރަން ފެށި ގޯނާތަކުން މެހެނާޒްގެ ހަޅޭކުގެ އަޑުތައް
އެޕާޓްމެންޓްގެ ތެރޭގައި ހަރުލިއެވެ. އޭނަގެ ބަލި ބޮޑުވެފައިވުމުގެ ސަބަބުން
އައިސްފައިވި ގަދަ ހުމާއި ހަށިގަނޑުގައި ވަރުދެރަވެފައިވުމުގެ ސަބަބުން އޭނައަށް
އެހާ ބާރަށް ހަޅޭއްލެވޭ ގޮތެއްވެސް ނުވިއެވެ. އެހެނަސް ވަކި ހިސާބަކުން އޭނައަށް
ނެތްވަރަކާއެކީ ވެސް ބާރުބާރަށް ރޮވެން ފެށިއެވެ. އެ ރުއިމުގެ އަޑު އެޕާޓްމެންޓުން
ބޭރަށް ނުދިޔައީ އޭނަ ރޯންފެށިއިރު މަންސޫރު އޭނަ ކޮޓަރިއަށް
ގެންގޮސްފައިވީތީވެއެވެ. މަންސޫރު އޭނަ ކޮޓަރީގެ ބިންމައްޗަށް ދޫކޮށްފައި ދިޔައީ
އެރޭގެ ދަންވަރުގެ ވަގުތެއްގައެވެ.
އެރެއަށްފަހު ކޮންމެ ރެއަކުހެން
މަންސޫރު މެހެނާޒްގެ އެޕާޓްމެންޓަށް އާދެއެވެ. މަންސޫރަށް އެ އައި ކުއްލި ބަދަލުގެ
ފަހަތުގައިވީ ކޮން ސަބަބެއްކަން މެހެނާޒަށް ފުރަތަމަ ރޭ ނޭނގުނެއްކަމަކު 2
ވަނައަށް ވީ ދުވަހު މެހެނާޒަށް އެކަން ސާފުވިއެވެ.
"މިފަހަރު އެ ވިސާމަށް
ކުޅި ދައްކާލަން. މި ހުރިހާ ދުވަހު މަށާއި މަގޭ އަންހެނުންނާ ދެމެދު އޮތް ގުޅުން
ރަނގަޅުނުވީ އޭނައާހެދި! ރަޝީދާ ކައިވެނީގެ ކުރީކޮޅު ވެސް ތިމަންނަގެ ދަރިފުޅު
މަގުފުރެދިގެން ދިޔައީ ކަލެއާހެދިއޭ ބުނަން ފެށީމަ މަގޭ ރުޅިގަދަވީ. ފަހުން އެ
ފިރިހެނާ ދިޔައިމަ ރަޝީދާއަށް އަނިޔާ ކުރުން ހުއްޓީމަވެސް ރަޝީދާ އަހަންނާ
ކައިރިވިޔަސް އޭނަގެ ރުހުން އަހަންނަށް ނުލިބޭ. އަބަދުވެސް އެ ވިސާމެއްގެ
ހިތާމައިގަ. ދެން ކަލޭ އަނބުރާ ވިސާމް ކައިރިއަށް ގޮސްގެން ވިސާމަށް ބާއްޖަވެރި
ޒަވާޖީ ޙަޔާތެއް ލިބޭކަށް މަ ބޭނުމެއްނޫން. މަށަށް ނުލިބުނު އެއްޗެއް އޭނައަށް
ވެސް ލިބިގެން ނުވާނެ!" މަންސޫރު އެއްރެއަކު މެހެނާޒް އޭނަގެ ބާރުގެ ދަށަށް
ގެނެސްގެން މެހެނާޒް ސުވާލުކުރުމުން ޖަވާބު ދިނެވެ. މަންސޫރުގެ ޖަވާބުން މެހެނާޒް
އަންތަރީސްވިއެވެ. މިހާ "ޙިކްމަތްތެރި" ކަމަށް އޭނަ ދެކުނު އިންސާނާގެ
ކިބައިގައި ވެސް ބަދަލު ހިފުމުގެ ރޫޙު އުފެދިފައިވި މިންވަރު އިޙްޞާޞް
ކުރެވުމުންނެވެ. ހަމަ އެއާއެކު މި ނުލަފާ އިންސާނާގެ ފަރާތުން ވިސާމަށް ލިބެން
އުޅޭ ގެއްލުމުން ވެސް ވިސާމް ރައްކާތެރި ކޮށްދޭން މެހެނާޒް ބޭނުންވިއެވެ.
އެކަމަށްޓަކައި އޭނަ ވިސާމާއި ބައްދަލުކުރަން ބޭނުންވިއެއްކަމަކު މަންސޫރުގެ
އަނިޔާތަކުން އޭނައަށް އިނދެވެނީ ހިރިލަން ވެސް ނޭނގިފައެވެ. ނުވީތާކަށް މެހެނާޒް
ސަލާމަތަށް އެދި އެއްވެސް މީހަކަށް ގުޅައިފިނަމަ ކަންތައް ވާނެ ގޮތުގެ
ތަފްޞީލުވެސް މަންސޫރު ދީފައިވާތީ މެހެނާޒްވީ އިންތިހާ ދަރަޖައިގެ
ބިރުވެރިކަމެއްގެ ތެރޭގައެވެ. ކޮންމެ ގޮތެއްވިޔަސް އޭނަ ދެންވެސް މިވާހަކަތައް
ވިސާމާއި ހަމައަށް ފޯރުކޮށްދޭން ބޭނުންވިއެވެ. މަންސޫރަކީ ވިސާމްގެ ދޮންބައްޕަކަން
މަންސޫރު ދެއްކި ވާހަކަތަކުން މެހެނާޒަށް އެނގުނެވެ. ދީނާއިމެދު ވިސާމްގެ ހިތުގައި
ނަފްރަތު އުފެދިފައިވަނީ މަންސޫރުގެ ސަބަބުންހެން މެހެނާޒަށް ހީވިއެވެ. މަންސޫރު
އުޅެނީ ދީނާއި އެއްގޮތަށް ނޫންކަން ވިސާމަށް ބުނެދޭން އެދެވުނު ވަރުން މެހެނާޒް
ދުވަހަކުވެސް ބަލި ނުވާވަރަށް ބަލިވެފައި ހުރެވެސް ވިސާމަށްޓަކައި ލިޔަމުން ދިޔަ
ސިޓީ ކުރިއަށް ގެންދިޔައެވެ. އެއީ މަންސޫރުގެ ނުބައިކަމަށް އަލި އެޅުވުމަށްވުރެ
ބޮޑަށް ދީނުގެ ފުރިހަމަކަން ވިސާމަށް ކިޔައިދިނުމަށެވެ. އެންމެ މީހެއްގެ ސަބަބުން
މި ދީނުގެ ފުރިހަމަކަން ނުގެއްލޭނެކަމަށް ބުނެ އޭނަ އެތައް ނަޞޭޙަތުގެ ބަސްތައް
އެކުލެވީ މިއިން ކޮންމެވެސް އެއްދުވަހަކުން ވިސާމަށާއި މި ސިޓީ ކިޔާނެ ކޮންމެ
މީހަކަށް ވެސް ހިދާޔަތް ލިބިގެން ދާނެ ކަމުގެ އުއްމީދުގައެވެ.
ސިޓީ ލިޔުނު ރޭ އުއްމީދުގެ
ހުޅުކޮޅެއް ހިތުގައި ރޯވިއެއްކަމަކު މަންސޫރުގެ ޢަމަލުތަކުން މެހެނާޒްގެ ޙަޔާތަށް
ވެރިވެފައިވީ އަނދިރިކަމެކެވެ. އޭނަ އެންމެ ދެރަވީ މަންސޫރު އެ ޢަމަލުތައް
ހިންގަމުން ދިޔައީ ރަމަޟާން މަހުގެ ފަހު ދިހައިގައި ކަމަށްވުމުންނެވެ. ފަހު
ދިހައިގައި އެތަކެއް އަޅުކަންތަކެއް ކުރަން ރޭވިއެއްކަމަކު މިވީ ކިހިނެއް
ހެއްޔެވެ؟ މަންސޫރު ދިޔުމުން ކޮންމެ ރެއަކުހެން އޭނައަށް އެތައް އިރެއްވަންދެން
ރޮމުން ﷲ އަށް ދުޢާ ކުރަން އިނދެވެއެވެ. އޭނަ އެކަލާނގެ ޙަޟްރަތަށް އަނބުރާ
ގޮސްގެން ވެސް މި އަނިޔާތަކުން އޭނަ މިންޖު ކޮއްދެއްވުމަށް އެދި ދުޢާކުރެވެމުން
ދިޔައެވެ.
މެހެނާޒް އޭނަގެ ދުޢާތައް
އިޖާބަވާނެ ދުވަހަކަށް އިންތިޒާރު ކުރަމުން ދަނިކޮށް ރަމަޟާންމަހުގެ ފަހު ދުވަސް
އައިސްޖެހުނެވެ. އެހެން ދުވަސްދުވަހާއި ޚިލާފަށް މަންސޫރު އެދުވަހުގެ ދުވާލު
މެހެނާޒްގެ އެޕާޓްމެންޓަށް ދިޔައެވެ. މަންސޫރު ސަލާން ގޮވުމެއްވެސް ނެތި އެޕާޓްމެންޓަށް
ވަދެ މެހެނާޒަށް ޢިދު މުބާރަކް ކިޔުނެވެ. މެހެނާޒް ހީކުރި ގޮތާއި ޚިލާފަށް
މަންސޫރު އޭނައާއި ކައިރިވާން ނުއުޅުނެވެ. އޭނަ ބަލަހައްޓައިގެން ހުންނަން
ފެށުމުން ރޯދަމަހުގެ ދުވާލު ކައިރިވާކަށް ނުވާނެ ނޫންހޭ މަންސޫރު ނުލަފާ
ހީލުމަކާއެކީ ބުންޏެވެ. މެހެނާޒް ވީ ފޫއްސާއެކީ އޭނަގެ ކޮޓަރިއަށް ގޮސްވަނެވެ.
މަންސޫރު ވެސް ޖެހިލުންވުމެއްނެތި އޭނަގެ ފަހަތުން ގޮސް ކޮޓަރިއަށްވަނެވެ.
މެހެނާޒް އެނދުމަތީގައި ހުރި އަންނައުނުތައް ފަތްޖަހަން ފެށި ވަގުތު އެތާ ކިޔަވާ
މޭޒުމަތީގައި އޮތް ސިޓީ މަންސޫރުގެ ލޮލުގައި އެޅިއެވެ. މެހެނާޒް އޭނައަށް
ސަމާލުކަމެއް ނުދީ ހުއްޓާ މަންސޫރު އެ މޭޒުގެ ކައިރިއަށް ގޮސް އެ ސިޓީ ކިޔަން
ފެށިއެވެ. ހަމަ އެއާއެކު އައި ގަދަ ރުޅިއާއެކީ އޭގައި ލިޔެވިފައިވި މާތް
ވާހަކަތަކަށް ވެސް ވިސްނުމެއްނެތި ވަގުތު އޭތި ވީދަން ފެށިއެވެ. ސިޓީގެ ބައެއް
ގަނޑުތައް ހަތަރު ބަޔަށް ވީދުނު ތަނާހެން މަންޒަރު ފެނުނު މެހެނާޒް ނޫނޭ ކިޔައި
ހަޅޭއްލަވައިގަތެވެ. އެ ހިނދު މަންސޫރު ދެލޯ ބޮޑުކޮށްލަމުން އައިސް މެހެނާޒްގެ
ކޯތާފަތް މައްޗަށް ހޫނު އެތިފަހަރެއް ވިއްލާލިއެވެ. ގައިގައި އެއްވެސް ވަރެއް
ނެތުމުގެ ސަބަބުން މެހެނާޒް ވަގުތުން ގޮސް ޖެހުނީ ބިންމަތީގައެވެ. މެހެނާޒް ދެލޯ
ހުޅުވަން ވެސް ނުކުޅެދިފައި އޮތްވާ މަންސޫރު މީހަކަށް ގުޅައި ވާހަކަ ދެއްކި އަޑު
އިވުނެވެ.
"ޔާސިރު، މީނަ ދެން މާ
ގިނަ ދުވަހު ބާއްވާނެ ކަމެއްނެތް. އަހަރެން ހިތް ފުދޭ ވަރު ވެއްޖެ. އެހެންނޫނަސް
މީނަ މިއުޅެނީ މާ މޮޅުވާ ހިތުން. އަހަރުމެންނާ ދެކޮޅަށް ސިޓީއެއް ލިޔަން ފަށާފަ
އެބައޮތް.......މަރާލަންވީ ހަމަ. ވީހާވެސް އަވަހަކަށް!" މަންސޫރު ބުނެލި
ވާހަކައިން އަދިވެސް ބިންމަތީގައި ދެލޯ މެރިފައި އޮތް މެހެނާޒްގެ ހިތަށް
ބިރުވެރިކަމެއް ވެރިވީ ހިނދު އޭނަގެ ހިތް އުފާވެސްވިއެވެ. މިހެން އުޅުމަށްވުރެ
އޭނަގެ ވެރިރަސްކަލާނގެ ޙަޟްރަތަށް ދިޔުން މާ ރަނގަޅުވާނެކަމަށް އޭނަގެ ހިތް
ބުނުމުންނެވެ. މެހެނާޒް އޮތް ގޮތަށް އޮތްވާ ޑަސްބިން ހުޅުވުނު އަޑަށް މެހެނާޒް
ކުޑަކޮށް ދެލޯ ހުޅުވައި ބަލާލިއެވެ. އެހިނދު މަންސޫރު މޭޒުމަތީގައިވި ސިޓީގެ
ބައެއް ގަނޑުތައް ވީދާފައި ޑަސްބިނަށް ލީ މަންޒަރު މެހެނާޒަށް ފެނުނެވެ. ތެދުވަން
އުޅުނެއްކަމަކު އެވަގުތު ދެންވެސް ދެލޯ މެރެން ފެށީތީ އޭނައަށް އޮތްގޮތަށް
އޮވެވުނެވެ.
****
ސިޓީގެ ފަހު ގަނޑާއި ހަމަވީ
ވަގުތު އޭތި ކިޔަން އިން އައިމަންގެ ހިތް އަވަސްވެ ދެބުމަ ކައިރިވެފައިވިއެވެ. އެ
ނިތަށް ވެރިވެފައިވި ރޫތައް ގިނަވެގެން ދިޔައީ ފަހު ގަނޑުގައި ލިޔެވިފައިހުރި
ވާހަކަތައް ކިޔަން އޭނައަށް އުނދަގޫވީތީވެއެވެ. ލިޔުނު މީހެއްގެ އަތުގައި ވަރެއް
ނެތްހެން ހީވާފަދަ ލިޔުމަކުން ލިޔެފައިވި ވާހަކަތައް ދޭހަ ކޮށްގަންނަން އައިމަނަށް
ދަތިވިއެވެ. އެހެންކަމުން އޭނަ އެންމެ ފަހުން ސިޓީ ތިރި ކޮށްލީ އޭނަގެ ސިކުނޑީގައި
ފުނިޖެހެމުން ދިޔަ ސުވާލުތަކާއިމެދު ކުޑަކޮށް ވެސް ވިސްނާލުމަށެވެ. މިއީ ކޮން
ސިޓީއެއްތޯ ތަކުރާރުކޮށް އައިމަންގެ ހިތް ސުވާލުކުރަމުން ދިޔައެވެ. މިއީ ހަމަ
މެހެނާޒް ލިޔުނު ސިޓީއަކަށް ވެދާނެބާވައެވެ. ހާދަ ޤަބޫލުކުރަން ދައްޗެވެ. މެހެނާޒް
މަރުވިތާ މިއީ ކޮން ޒަމާނެއް ހެއްޔެވެ؟ އެހާ ގިނަ ދުވަސްވަންދެން ސިޓީއެއް ރައްކާ
ކުރެވިފައިވެދާނެބާވައެވެ؟ ސިޓީގެ ބައެއް ގަނޑުތައް ޓޭޕް ބޭނުންކޮށްގެން
އެއްކުރެވިފައިވި ގޮތުން މިއީ ހަމަ ދެންމެ ސިފަވެގެން ދިޔަ މާޒީގައި އޮތް ސިޓީހެން
އައިމަނަށް ހީވިއެވެ. މިއީ ހަމަ މެހެނާޒްގެ ބަސްތަކެއް ކަމަށްވާނަމަ މިއީ ތެދު
ބަސްތަކަށް ވެދާނެ ހެއްޔެވެ؟ ތިއްތިބޭގެ ފަރާތުން އޭނައަށް މެހެނާޒް އެނގިފައިވަނީ
ކެހިވެރިއެއްގެ ގޮތުގައެވެ. މިއީ މެހެނާޒް މަރުވުމަށްފަހު ވެސް އޭނައަށް ރީތި
ނަމެއް ލިބޭނެ ފަދައަކުން ލިޔެފައިވާ ސިޓީއެއްހެއްޔެވެ؟ ނޫނީ މަންސޫރުބެއާއި ބެހޭ
ގޮތުން މިފަދަ ވާހަކަތައް ލިޔެ ތިއްތިބޭގެ ޢާއިލާ ބަދުނާމު ކުރަން ލިޔުނު އެއްޗެއް
ހެއްޔެވެ؟ އެ ޖަވާބުތަކަށް އާނއެކޭ ބުނަން އައިމަންގެ ހިތަށް މަޖުބޫރުވީ އެ
ހިތުގައިވި އީމާންތެރިކަން ބަލިކަށިވެފައިވުމުގެ ސަބަބުންނެވެ. މީހަކު ދީނުގެ
ސަބަބުން އެހާ ބޮޑަށް ބަދަލުވެދާނެކަމަށް އަދިވެސް އޭނަގެ ހިތް ޤަބޫލު
ނުކުރަނީއެވެ. ﷲ މަތިން އެހެން މީހަކަށް ހަނދުމަކޮށްދިނުމަށްޓަކައި މީހަކު މިފަދަ
ފިޔަވަޅެއް އަޅާފާނެހެން އޭނައަށް ހީނުވަނީއެވެ. އޭނަގެ ނަޒަރުން އަދި މެހެނާޒް
ފަދަ ޒުވާން ޢުމުރުގެ މީހަކު މިފަދަ ކަމެއް ކުރުމަކީ ނާދިރު ކަމެކެވެ. މެހެނާޒް
އަމިއްލައަށް މަރުވެގެން މިކަން ކުރާނީ ހަމަ ތިއްތިބެއަށް ދަތިކުރަން ކަމަށް
އައިމަނަށް ނިންމުނެވެ. މި ސިޓީގެ ސަބަބުން ތިއްތިބޭގެ މިހާރުގެ ކައިވެންޏަށް ވެސް
ބުރޫ އަރާފާނެ ނޫންހެއްޔެވެ؟
އަމިއްލަ ޚިޔާލުތަކުގައި އިނދެ
އައިމަނަށް އަނެއްކާވެސް އޭނަގެ އަތުގައި އޮތް ސިޓީ އުރައަށް ބަލާލެވުނެވެ. އެ
ސިޓީގެ ބޭރުގައި "ޓު ވިސާމް" އޭ އޮތްގޮތުން އައިމަނަށް އަނެއްކާވެސް
އޭނަގެ ޚިޔާލު ބަދަލުކުރަން މަޖުބޫރުވިއެވެ. ހިތުގައި ހައިޖާނެއް އުފެދެން އުޅުނު
ތަނާހެން މި ވާހަކަ ޝިޔާއާއި ދައްކަން އައިމަން ނިންމިއެވެ. މެހެނާޒަށް އިތުބާރު
ނުކުރެވުނެއްކަމަކު ޝިޔާ ބުނާ ކޮންމެ ވާހަކައަކަށް އޭނައަށް އިތުބާރު
ކުރެވޭނެތީވެއެވެ.
ނިދި މަދު ރެއަކަށްފަހު
އައިމަން އޭގެ އަނެއްދުވަހު ހެނދުނު ހެނދުނާ ހޭލައިގެން ސްކޫލަށް ދިޔައީ
އެކަންޏެވެ. ދުވަސްވަރަކީ މިޑް ޓާރމް އިމްތިޙާނުގެ ދުވަސްވަރު ކަމަށްވުމުން
އެދުވަހު އަޒާންގެ އިމްތިޙާނެއް ނެތީއެވެ. ހުދާއާއި ގުޅުން ބޭއްވިއެއްކަމަކު
އަޒާން އޭނަ ކިޔަވާ ވަރަކަށް ކިޔަވާތީ އޭނަގެ ކޮއްކޮއާމެދު އައިމަންގެ ހިތަށް
ކުޑަވެސް ހަމަޖެހުމެއް ލިބިފައިވިއެވެ. ކޮންމެ ގޮތެއްވިޔަސް އޭނަ އެދުވަހު
ސްކޫލަށް ދިޔައީ ކޮން މަޤްޞަދެއްގައިކަން ހަނދާނުގައި ބަހައްޓައިގެން އޭނަ
އިމްތިޙާން ހަދަމުން ދިޔައެވެ. އަޒާން ސްކޫލަށް ނާންނައިރު އޭނައާއި
އެއްކުލާހެއްގައި އުޅޭ ޝިޔާ އަންނާނެތޯ ހިތް ސުވާލުކުރުމުން އޭނަ ހިސާބަކަށް
މާޔޫސްވިއެވެ. އެހެނަސް އިމްތިޙާން ނިންމުމަށްފަހު ހޯލުން ނިކުތްތަނާހެން ދުރު
ކުލާހަކުން ޝިޔާ ނިކުތްތައް ފެނިފައި އަޒާން ނަހަދާ މާއްދާއެއް ޝިޔާ ހަދާކަން
އައިމަނަށް އެނގުންވިއެވެ. ދެންވެސް ޝިޔާއާއި ބައްދަލުކުރެވޭނެކަމުގެ ޔަޤީންކަމެއް
ނެތެއްކަމަކު ކަން ދިމާކުރި ގޮތުން އައިމަނަށް ރަނުގެ ފުރުޞަތެއް ލިބުނެވެ. ޝިޔާ
ކުލާހުން ނިކުތީއްސުރެ އޭނައަށް ފާރަލީ ފާރަލުމުން އައިމަނަށް އެނގުނު ކަމަކީ
އެދުވަހު ޝިޔާ ބަލާ އަންނާނީ ލަހުންކަމެވެ. ޝިޔާ އެކަނި ހިނގާ ދާން ބޭނުންވާ
ވާހަކަ އޭނަގެ އެކުވެރިންނާއި ޙިއްޞާ ކުރިތަނާހެން ވާރޭ ވެސް ވެހެންފެށިއެވެ. އެކަމާމެދު
އޭނަގެ އެކުވެރިން އޭނައާއި ދިމާކުރަން ފެށިތަން ފެނިފައި އައިމަނަށް ވެސް
ހެވުނެވެ.
އިމްތިޙާން ނިމުނުތާ
ބައިގަޑިއެއްހާ އިރު ފަހުން މުޅި ސްކޫލްގައި ދަރިވަރުންގެ ގޮތުގައި ތިބީ
އައިމަނާއި ޝިޔާ އެކަންޏެވެ. ޝިޔާއަށް އައިމަން ފެނުނީ އޭނަ އަދިވެސް އެއްފަހަރު
އޮފީހަށް ވަދެ ބައްޕައަށް ގުޅާފައި އޮފީހުން ނިކުތް ވަގުތެވެ. އެތާ ހުރި
ބެންޗުގައި އިން އައިމަން އޭނައަށް ބަލާލި މަންޒަރު ފެނިފައި ޝިޔާގެ ހިތްވެސް
ނުހުއްޓުނީ ކިރިޔާއެވެ. އޭނަ އަވަސްއަވަހަށް އައިމަނަށް ފަސްދީފައި ދާން
ހިނގައިގަތެވެ.
"ޝިޔާ!" އައިމަން
ގޮވާލުމުން ޝިޔާގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އެ ހިނދު ދެ ހިތުގައި ވެސް ހިނގާލީ
އެއްކަހަލަ ޖަޒުބާތުތަކެވެ. ޝިޔާ އައިމަން ދައްކާނެ ވާހަކައަކާމެދު ނުތަނަވަސްވީ
ވަގުތު އައިމަން ވެސް އޭނަ ޝިޔާއާއި ޙަޤީޤަތުގައި ބައްދަލުކުރަން ބޭނުންވި
ސަބަބުން ހަނދާންނެތޭ ގޮތްވިއެވެ. އެހެނަސް މާ ގިނައިރެއް ނުވެ އެ މަޤްޞަދުގެ
މަތިން ހަނދާންވުމުން އޭނަ ވާހަކަ ދެއްކިއެވެ.
"އެއީ ކޮން ސިޓީއެއްތަ
ޝިއު؟" އައިމަނަށް ބޭއިޚްތިޔާރުގައި ޝިޔާއާއި ލޯބިން މުޚާތަބު ކުރެވުނެވެ.
އެއިން ޝިޔާގެ ހިތަށް އަސަރެއް ކުރާނެކަން ޔަޤީންވި ހިނދު އޭނައަށް ފޮނި މީރުކަމެއް
އިޙްޞާޞް ކުރެވުނެވެ.
"ކޮން ސިޓީއެއްކަން
ނޭނގުނީތަ ކިޔާލީމަވެސް؟" ޝިޔާ އޭނަގެ ޖަޒުބާތުތައް ހަމައަކަށް އަޅުވަން
މަސައްކަތް ކުރަމުން އަހާލިއެވެ. ޝިޔާގެ އަޑުގައިވި ސާބިތުކަން ފާހަގަވުމުން
ބޭކާރު ވާހަކަތައް ނުދެއްކުމަށް އައިމަނަށް އިންޒާރެއް ލިބުނު ފަދައެވެ.
"ނޫނޭ އެނގުނު. އެކަމަކު
ހަމަ ހިތަށްއަރަނީ އެއީ ޙަޤީޤަތެއްހޭ. މެހެނާޒް ކާންޓް ބީ ޓްރަސްޓެޑް.
ތިއްތިބެއަށް ވަރަށް ހާޓްކޮށްފަ ހުރި މީހެއް އެއީ. ޝިޔާއަށް ކިހިނެއް އެނގެނީ މިއީ
މެހެނާޒް ޖެއްސި އެކްޓެއް ނޫންކަން؟" އައިމަން މިފަހަރު ވާހަކަ ދެއްކީ ސީރިއަސްކަމާއެކީގައެވެ.
ހަމަ އެއާއެކު ޝިޔާގެ ގޮށްމުއްކެވި އޭނަ ކުއްލިއަކަށް އައިމަނާއި ދިމާލަށް
އެނބުރިލިއެވެ.
"އަހަންނަށް
ކިހިނެއްހޭ އެނގެނީ؟؟!! އެއީ އަހަރެންގެ ދައްތަ! ދައްތައަށް ހިދާޔަތް ލިބުމުން
ދައްތައަށް އައި ބަދަލު އެންމެ ގާތުން ފެނިފައި ހުރި އެކަކީ އަހަރެން. ދައްތަ
އެންމެ ގިނައިން ނަޞޭޙަތްދިން އެކަކީ އަހަރެން. އެ މަންސޫރު އަހަރެންގެ ލޯ
ކުރިމަތިންނޭ ދައްތައަށް އެ ހުރިހާ އަނިޔާއެއްދިނީ. ޔާސިރުމެން އެޕާޓްމެންޓްގެ
ޑުޕްލިކޭޓް ތަޅުދަނޑި ވަގަށް ނަގައިގެން އެރޭ އެޕާޓްމެންޓަށް ވަދެ ދައްތަ ޤަތުލު
ކުރީ އަހަރެން ބަލަހައްޓައިގެން ހުއްޓައޭ!" ޝިޔާ މޭމަތީގައި ޝަހާދަތް އިނގިލި
ޖައްސައިގެން ހުރެ ރޮވިފައިވާ އަޑަކުން ބުނެލިއެވެ.
Comments
Post a Comment