Nur (part 47)
އަފާފަށް ގަދައަށް ގިސްލެވެން ފެށި އަޑު އިވެން ފެށުމުން
އެ ރިހުން އޭނަގެ މެއަށް ފެތުރެން ފެށިއެވެ. އަފާފަށްވީ ކިހިނެއްތޯ ހިތް
ސުވާލުކުރި ވަގުތު އޭނަގެ ގޮށްމުއްކެވިގެން ދިޔަދިޔަހެން އޭނައަށް ވާހަކަ
ދެކެވުނެވެ.
"އަފޫ ކީއްވެ ރޮނީ؟" ޝަރަފް ކަންބޮޑުވެފައިވި
މިންވަރު ޚުދު އޭނައަށް ވެސް އެނގުންވީ އެހެން ބުނެލިއިރު އޭނަގެ އަޑުގައި
ތުރުތުރެއް އެކުލެވިގެން ދިޔުމުންނެވެ. އެ އަޑު އިވިފައި ހިނދުކޮޅަކަށް ނަމަވެސް
އަފާފްގެ ރުއިމަށް ހުއްޓުމެއްއައެވެ. އެއީ އާދައިގެ މަތިން ޝަރަފް އޭނައަށް އަޅާލާކަން
އިޙްޞާޞް ކުރެވުމުން ކަންނޭނގެއެވެ. އެހެނަސް މާ ގިނައިރެއްނުވެ މިއަދު އޭނައަށް
'ފެނިފައިވި' މަންޒަރުތަކެއްގެ ސަބަބުން އޭނައަށް ހެޔޮކޮށް ވިސްނަން ދަތިވިއެވެ.
އޭގެ ސަބަބުން އަނެއްކާވެސް އޭނައަށް ގިސްލެވެން ފެށިއެވެ. އެ އަޑު އިވިގެން ދިޔަ
ޝަރަފަށް ހަދާނެ ގޮތެއް ނޭނގިފައި ކުރު ނޭވާތަކެއް ލަމުން އެކި ދިމަދިމާލަށް
ނަޒަރު ހިންގުނެވެ.
"އަފޫ އަހަރެން ބިރުއެބަގަނޭ. ޓެލް މީ ވަޓް ހެޕެންޑް!
އަފޫ ބުނަމެއްނު އަހަންނާ ވާހަކަ ދެއްކީމަ ތިމަންނަގެ ހިތްހަމަޖެހެއޭ؟ އެހެންވީމަ
އެއީ ކޮންމެ ވާހަކައެއް ވިޔަސް ޖެހިލުންވުމެއްނެތި އަހަންނަށް ކިޔައިދީ!"
ޝަރަފް އެހެން އެދުނީ އާދޭހުގެ ރާގަކަށެވެ. އޭނަގެ ސިކުނޑި ތެރޭގައި ދައުރުވަމުން
ދިޔައީ އެންމެ ގޯސްކޮށް ދިމާވެދާނެ ކަންތައްތަކެވެ. އޭނައަށް އިނދެވުނީ އަފާފްގެ
ފަރާތުން ލިބޭނެ ޖަވާބަކަށް ކެތްމަދުވެފައެވެ. އެކޮޅުން އަފާފްގެ ގިސްލުމުގެ އަޑު
އަނެއްކާވެސް ހުއްޓިގެން ދިޔުމުން އެ ޖަވާބެއް ލިބެން އުޅޭހެން ޝަރަފަށް ހީވިއެވެ.
އެ ހީކުރެވުނީ ރަނގަޅަށެވެ. އޭނަ ދެއްކި ވާހަކަތަކުން ޝަރަފަށް ހުރިހާ ވާހަކައެއް
ކިޔައިދޭން އަފާފަށް ހިތްވަރެއް ލިބުނެވެ. އޭނަ ފުން ނޭވައެއް އެތެރެއަށް
ދަމާލަމުން ޝަރަފާއި އެ ވާހަކަ ޙިއްޞާ ކުރާނެ ގޮތަކާއިމެދު ޚިޔާލު ކޮށްލިއެވެ.
އެއަށްފަހު އޭނަ އެތައް ހިތްވަރެއް އެއްކޮށްގެން އެއްޗެކޭ ބުނަން އަނގަ ހުޅުވާލި
ވަގުތަކީ ދާދި ދެންމެއަކު އޮފީހުން އައި ހުސެއިން އައިސް ބާރު އަޑަކާއެކީ އެ
ކޮޓަރީގެ ދޮރު ހުޅުވާލި ވަގުތެވެ. ހުސެއިންގެ ރުޅިން ރަތްވެފައިވި މޫނު އަފާފަށް
ނުފެނުނެއްކަމަކު ދޮރު ހުޅުވި މީހަކު ހުޅުވީ ރުޅިވެރިކަމާއި އެކީގައިކަން
އަފާފަށާއި، ފޯނުގެ އަނެއްކޮޅުގައި ހުރި ޝަރަފަށް ވެސް އެނގުންވިއެވެ. އޭގެ ދެވަނަ
ސިކުންތުގައި ހުސެއިންގެ ހަރު އަޑު އިވިގެން ދިޔައެވެ.
"ތި ވާހަކަ ދައްކަނީ އޭނައާތަ؟" ހުސެއިން އެހެން
އަހާލި އަޑު އެކަކު އަނެކަކާއި އެތައް މޭލު ދުރުގައި ތިބި ދެމަފިރިންނަށް
އިވުނެވެ. އެ ވާހަކަ އިވިފައި އަފާފް ހަމައެކަނި އެދިމާލަށް ބަލާލި ހިނދު ޝަރަފްގެ
ބުމަގޮށްޖެހުނެވެ. އޭނައަށް ކިތަންމެ ރުޅިއަޔަސް އަފާފާއި އެފަދަ ގޮތަކަށް ވާހަކަ
ދައްކަން ނުޖެހެއެއްނޫންހޭ ހިތަށްއެރިއެވެ. އޭނަ އެއްޗެކޭ ބުނަން އުޅުނު ވަގުތު
އަނެއްކާވެސް ހުސެއިންގެ އަޑު އިވިގެން ދިޔައެވެ.
"އޭނައާއި ކަމަށްވަންޏާ އޭނަ ކައިރިން ވަރިވުމަށް
ފޯމް ހުށަހަޅާ!" ހުސެއިން ރުޅިން ރޫރޫ އަޅަމުން ދިޔަ އަޑަކުން ދެއްކި އެ
ވާހަކަ ވެގެންދިޔައީ،
އެ ވާހަކަ އިވިގެން ދިޔަ ދެ
ހިތަށްވެސް ސިހުމެއް ގެނައި ވާހަކައަކަށެވެ. ހުސެއިންގެ އެ ވާހަކައިގެ
ފަހަތުގައިވަނީ ކޮން ސަބަބެއްކަން އެނގުންވީ އަފާފަށް ތެޅިގަނެވުނު ވަގުތު އޭނަގެ
ކަންފަތުން ފޯނު ވަކިކޮށްލަމުން ފޯނު ކަނޑާލެވުނެވެ. އެ ހިނދު އެތައް ސުވާލެއް
އެއްފަހަރާ ކުރަން ބޭނުންވެފައި ހުރި ޝަރަފްގެ ހިތަށް އިތުރު
ބިރުވެރިކަމެއްވަނެވެ. އޭނައަށް ނޭނގި ވަރަށް ބޮޑުކަމެއް ހިނގައިފި ކަމުގެ
އިޙްޞާޞް ކުރެވުމުން ޝަރަފަށް ވަގުތުން ކޮޅަށް ތެދުވެލެވުނެވެ. އޭނަ ވީހާވެސް
އަވަހަކަށް އަފާފްގެ ކައިރިއަށް ގޮސް ހުރިހާ ކަމެއް ސާފުކުރަން ޖެހޭކަން އެނގުންވީ
ވަގުތު އޭނައަށް ކުރިއަށް ހިނގައިގަނެވުނެވެ. އެހެނަސް މާ ދުރަށް ނުދެވެނީސް، އޭނަ
އަފާފާއި މިހާ ދުރަށް އައިސް މި ކުރާ މަސައްކަތާއިމެދު ވިސްނާލެވުނެވެ. އެއާއެކު
އޭނަ ނަބީހަށް ގުޅާލިއެވެ. ނަބީހް އެކޮޅުން ފޯނު ނެގުމާއެކު އޭނައަށް އެއްޗެކޭ
ނުބުނެވެނީސް ޝަރަފް ވާހަކަ ދެއްކިއެވެ.
"ނަބީހް.....މިހާރު ނަބީހް މާލެއަށް ފޯރައިފިދޯ؟
އެކަމަކު އަހަންނަށް މިކޮޅުގަ ހުރެވޭކަށް ނެތް. ގޭގަ ވަރަށް ބޮޑުކަމެއް
ހިނގައިގެން މިއުޅެނީ." ޝަރަފް ހާސްކަންމަތީގައި ހުރެ ނަބީހް ހުރިތަނެއްވެސް
ޔަޤީން ނުކޮށް ވާހަކަ ދެއްކިއެވެ. ް
"އާނ އަހަރެން މިހިރީ މާލޭގަ. އަނެއްކާ ކިހިނެއްތަވީ
ޝަރަފް؟!" ޝަރަފްގެ އަޑު އިވުނު ގޮތުން އެއާރޕޯޓް ތެރެއިން ހިނގާފައި ދިޔަ
ނަބީހްވެސް ޙައިރާންވެ ކަންބޮޑުވެގެން ދިޔައެވެ. އެވަގުތު ޝަރަފަށް ދެލޯ
މަރާލެވުނީ އަނެއްކާވެސް ނަބީހްގެ ފަރާތުން އެދުމެއް އެދެން ޖެހިއްޖެކަން
އެނގުންވުމުންނެވެ. ނަބީހް އޭނައަށްޓަކައި ކޮށްދީފައިވާ ކަންތައްތަކަށްފަހު
އަނެއްކާވެސް އޭނަގެ ފަރާތުން ކަމަކަށް އެދެންވުމުންނެވެ. ޝަރަފް
ޖެހިލުންވުމަކާއެކީ އެކަން ކުރަން އުޅުނު ވަގުތު އޭނަގެ ފަހަތުގައި ހުރި
ރެސްޓޯރެންޓުގެ ތެރެއިން ޠޮލާލު ނިކުތެވެ. ޠޮލާލު ޝަރަފަށް ގޮވާލީ އޭނަ އޭނަގެ
ގެސްޓް ހައުސްއަށް ލައިދިނުމަށް އެދުމަށެވެ. އޭނަގެ އަޑަށް ޝަރަފް އެނބުރިލުމާއެކު
ޝަރަފްގެ މޫނުމަތީގެ ކުލަވަރު ފެނިފައި ޠޮލާލުގެ މޫނުގެ ކުލަވަރުވެސް ބަދަލުވެގެން
ދިޔައެވެ. އޭނަ ވަގުތުން ކިހިނެއްވީތޯ ސުވާލުކުރިއެވެ. ޝަރަފް، އޭނަ ވީހާވެސް
އަވަހަކަށް ގެއަށްދާން ޖެހޭ ވާހަކަ ބުނެފައި އޭނައަށް ހުރިހާ މަސައްކަތެއް
ދޫކޮށްފައި ދެވެން ނެތް ވާހަކަ ބުނުމުން ޠޮލާލް ދިން ޖަވާބުން ޝަރަފަށް
އަޖާއިބުކަމެއް ލިބުނެވެ.
"އަހަރެން ބަލާނަން މިކޮޅުގެ ހުރިހާ ކަންތައް. ޝަރަފް
ދޭ! ފެމިލީ އިޒް އިމްޕޯޓެންޓް!" ޠޮލާލް ބުންޏެވެ. އެ ހިނދު ޝަރަފްގެ ހިތަށް
ވެރިވީ އެއްވެފައިވި އިޙްޞާޞްތަކެވެ. އޭނައާއި ނަބީހް މިހާ ދުވަސްވަންދެން ދާ
އޮހޮރުވައިގެން ކުރި މަސައްކަތް މި ބީރައްޓެހި މީހާއާއި ޙަވާލުކުރުމުން ވެދާނެ
ގޮތަކާއިމެދު އޭނައަށް ވިސްނެންފެށީ އެވަގުތެވެ. އެންމެ ފުރަތަމަ އޭނައަށް
ވިސްނެން ފެށީ ހުރިހާ ކަމެއް ގޯހުން ގޯހަށް ދާނެ ގޮތްތަކުގެ މިސާލެވެ. އެހެނަސް
ޠޮލާލުގެ ރަނގަޅު ސިފަތަކުގެ މަތިން ހަނދާންވެފައި ޠޮލާލަށް އިތުބާރު
ކުރެވިދާނެކަމަށް އޭނައަށް ނިންމެން ނެގީ ފަޅި ސިކުންތެކެވެ. އެ ނިންމުން ނިންމުނީ
ދެންމެ އިވުނު ވާހަކަތަކުން ޝަރަފްގެ ހިތް އަވަސްވެފައިވި މިންވަރުންނެވެ. އެ
އަވަސްވެފައިވި ހިތުގެ ތެޅުމާއެކީ އޭނައަށް ޠޮލާލާއި ހުރިހާ ކަމެއް ޙަވާލުކޮށް
އަފާފްގެ ގާތަށް ދިޔުމަށް ހިނގައިގަނެވުނެވެ.
ޝަރަފް އެވަގުތުން ވަގުތަށް ވެސް ޓިކެޓް ނަގަން ކުރި މަސައްކަތުން
އެދުވަހުގެ ހަވީރު މާލެއަށް ފުރަން އޮތް ފްލައިޓެއްގެ ޓިކެޓް އޭނައަށް ލިބުނެވެ.
ގެއަށް ދިޔަގޮތަށް ގޮސް އޭނައަށް ފުރަން އޮތް ގަޑީގެ އެތައް ގަޑިއިރެއް ކުރިން ފުރަން
ތައްޔާރުވެވުނެވެ. ތައްޔާރުވުމަށްފަހު ވެސް އޭނައަށް އެތައް ފަހަރެއްގެ މަތިން
އަފާފަށް ގުޅަން މަސައްކަތް ކުރެވުނެވެ. ފުރަތަމަ ފަހަރު ދެ ތިން ފަހަރު
ރިންގުވުމަށްފަހު އަފާފް ޖަވާބުދޭން އުޅުނު އަޑު އޭނައަށް އިވުނެވެ. އެހެނަސް
އޭނައާއި ވާހަކަ ދައްކައިގެން ނުވާނެކަމަށް ބުނެލި ހުސެއިންގެ ހަރުކަށި އަޑަށްފަހު
ފޯނު ކުއްލިއަކަށް ކެނޑިގެން ދިޔައެވެ. އެއަށްފަހު ޝަރަފް ގުޅަން މަސައްކަތް
ކުރުމުން އެކޮޅުން އިވެން ފެށީ އެ ގުޅުއްވި ނަންބަރުން މިވަގުތު ޖަވާބެއް ނުދޭ
ކަމަށެވެ. މި ހުރިހާ ކަމަކާމެދު ކަންބޮޑުވެ ހުރެ ޝަރަފަށް އޭނަގެ ކޮޓަރިތެރޭގައި
ދެކޮޅުން ދެކޮޅަށް ހިނގަމުން ގޮސް އެންމެ ފަހުން އޭނަގެ އެނދުމަތީގައި އިށީނދެވުނީ
ގޮތް ހުސްވެގެން އުޅޭ ފަދައަކުންނެވެ. އިރުކޮޅެއް ވަންދެން ދެއަތް ޖޯޑުކޮށް
ނިތުގައި ޖައްސައިގެން ޝަރަފަށް ވިސްނަން އިނދެވުނެވެ. ވިސްނި ވަރަކަށް އޭނަގެ
ނުތަނަވަސްކަން އިތުރުވަމުން ދިޔައެވެ. އޭނައާއި އަފާފްގެ 'ވަރީގެ' ވާހަކައަކީ
ދުވަހަކުވެސް ދެކެވޭނެ ވާހަކައެއްކަމަށް އޭނައަށް ހިއެއްނުކުރެއެވެ. ކުއްލިއަކަށް
އެ ވާހަކަ ދެކެވެން ޖެހުނީ ކީއްވެކަމާމެދު އެނގޭތޯ އޭނަގެ ސިކުނޑިއަށް ބާރު
އެޅިއެވެ. އެކަން ކާމިޔާބުނުވުމުން އެންމެ ފަހުން ޝަރަފް ދެވަނަ ރޭވުމެއް
ރޭވިއެވެ. އަދި އޭނަގެ ފޯނު ނަގައި ދޮންތައަށް ގުޅާލިއެވެ.
**
ހަވީރު 5 ޖަހަން ގާތްވެފައި ވަނިކޮށް އަފާފް އިނީ އޭނަގެ
ކޮޓަރި ތެރޭގައިވި އެނދުމަތީގައި އިށީނދެގެންނެވެ. އެއްދިމާލަކަށް އޭނަ ނަޒަރު
ހުއްޓައިގެން އިންއިރު އެ ދެލޯ ވަނީ ރުއިމުގެ ސަބަބުން ދުޅަވެފައެވެ. އެވަގުތު
އޭނަ ކަންފަތުގައި ގުގުމަމުން ދިޔައީ މިއަދު އޮފީހުން އައި ގޮތަށް އައިސް ބައްޕަ
ދެއްކި ވާހަކަތަކެވެ.
"އޭނައާއި ކަމަށްވަންޏާ އޭނަ ކައިރިން ވަރިވުމަށް
ފޯމް ހުށަހަޅާ!" ބައްޕަގެ އެ ވާހަކައިން އަފާފްގެ މުޅި ގައިން ހީބިހި
ނަގައިގެން ގޮސް އޭނަގެ ދެލޯ ބޮޑުވެގެން ދިޔައީ އެ އިވުނީ ބިރުވެރި ވާހަކައެއްހެން
ހީވާ ފަދައަކުންނެވެ. 'ވަރި' އަކި ދުވަހަކުވެސް އޭނަގެ ޙަޔާތުގއި ބޭނުން ކުރެވޭނެ
ބަހެއްކަމެއް އޭނަ ހިއެއްނުކުރެއެވެ. އޭނައަށް ނުފެނި މާ ބޮޑު ކަމެއްވެއްޖެހެން
ހީވި ވަގުތު އޭނައަށް އެނގޭކަން ހަނދާންކޮށްދިނީ ޚުދު އޭނަގެ ހިތެވެ. އޭގެ
ސިކުންތުކޮޅެއްގެ ތެރޭގައި އަނެއްކާވެސް ބައްޕަގެ ހަރުކަށި އަޑު އިވުނު އަފާފް
ދިޔައީ ސިއްސައިގެންނެވެ. ޝަރަފަށް ބަދުބަސް ބުނެ އޭނަ ވީހާވެސް އަވަހަކަށް
ޝަރަފާއި ވަކިވާންޖެހޭ ކަމަށް ކިޔައި ހަޅޭއްލަވައިގަތުމުން އަފާފްގެ ލޭ ކެކެން
ފެށިއެވެ. ކުރީ ފަހަރެކޭ ވެސް އެއްފަދައިން ބައްޕައަށް އެ ބީދައިން ވާހަކަ
ދެއްކުމުން ދޭނެ ކިތަންމެ ޖަވާބެއް ހިތަށްއެރިއެއްކަމަކު އަފާފް ހިމޭންކަން
ޚިޔާރުކުރިއެވެ. މިފަހަރު އެގޮތް ޚިޔާރު ކުރީ ވަކި ހަމައެކަނި އެންމެ ރަނގަޅު
ގޮތަކީ އެއީކަން އޭނައަށް އެނގުމުގެ އިތުރުން ވެސް އޭނައަށް މިއަދު ޝަރަފާއި
ބެހޭގޮތުން އިވުނު ވާހަކަތަކެއްގެ ސަބަބުންނެވެ. ބައްޕަ ވާހަކަ ދައްކަމުން
ދިޔައިރުވެސް އިތުބާރުކުރަން ވީ ބައްޕައަށްތޯ ނޫނީ ޝަރަފަށްތޯ ހިތާހިތުން
ސުވާލުކުރެވެމުން ދިޔައެވެ. އެވަގުތު ވެސް އޭނަގެ ހިތުގެ ކަނަކުން ގޮވަމުން ދިޔައީ
ޝަރަފް މައުސޫމްކަމަށެވެ. އެއްސިކުންތުގައި އެއީ އޭނަގެ އިސްތިޚާރާގެ އަސަރުކަމަށް
އޭނަގެ ހިތް ބުނާ ހިނދު އަނެއް ސިކުންތުގައި އެއީ ހަމަ ޝަރަފް އޭނައަށްޓަކައި
ކޮށްދިންހާ ކަންތައްތަކެއްގެ ސަބަބުން ހީވާ ގޮތެއްހެން ހީވަމުން ދިޔައެވެ. ކޮންމެ
ގޮތެއްވިޔަސް އޭނައަށް ނުބައި ނިންމުމެއް ނިންމެވުމުގެ ކުރިން ﷲ އޭނައަށް ރަނގަޅު
ގޮތް ދައްކަވާނެކަމާމެދު އޭނަ ޝައްކެއް ނުކުރެއެވެ. އޭނަ ބޭނުންވީ ޝަރަފްގެ ދުލުން
އޭނަގެ މާޒީގެ ވާހަކަ އަޑުއަހައި މިއަދު އޭނައަށް އިވުނުހާ ކަންތައްތަކުގެ
'ދޮގުކަން' އޭނައަށް ސާބިތުވެގެން ދާށެވެ. އެކަމަށްޓަކައި އޭނަ ޝަރަފަށް ގުޅަން
އިންތިހާއަށް ބޭނުންވިއެއްކަމަކު އޭނައަށް އެކަން ނުކުރެވުނެވެ. ބައްޕަ
ޒުވާބުކުރަމުން ދިޔަ ވަގުތު ޝަރަފް ގުޅިކަން އެނގިގެން ބައްޕަ އެ ފޯނު
ޖަހައިގަތެވެ. އަދި އެއަށް އިތުރަށް ފޯނުތައް އަންނަން ފެށުމުން އައި ރުޅީގައި
ފޯނުން ސިމު ނަގައި އޭތި އަތުގެ ކޮޅަށް ހޫރާލިއެވެ. އެހެންކަމުން ޝަރަފާއި ވާހަކަ
ދެކެވޭނެ އިތުރު އަލިމަގެއް އަފާފަކަށް ނުފެނުނެވެ.
މީހަކު އޭނަގެ ކޮޓަރީގެ ދޮރުގައި ޓަކި ޖަހާލީ އަފާފް އެ
ހިތާމައިގައި އިންދައެވެ. އޭގެ އިރުކޮޅެއްފަހުން އެ ދޮރު ހުޅުވިގެން ދިޔުމުން
އަފާފްގެ ހިތަށް ނުތަނަވަސްކަމެއް ވެރިވިއެވެ. އެހެނަސް ކޮޓަރިއަށް ވަތް މީހެއްގެ
އަޑު އިވިގެން ދިޔުމުން އޭނަގެ ހިތަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް
ލިބުނެވެ.
"އައްސަލާމްޢަލައިކުމް
މައި ލަވްލީ ސިސީ! ކިހިނެއްތަ؟" އެ އިވިގެން ދިޔައީ ޝަބާގެ އަޑުނޫން އެހެން
އަޑެއްނޫނެވެ. ޝަބާގެ ވާހަކަ ހުރި ގޮތް އިވިފައި އަފާފަށް ހިނިތުންވެލެވުނީ
ޝަރަފްމަތިން ހަނދާންވީ މިންވަރުންނެވެ. ހަމަ އެއާއެކު މި ދިމާވެގެން އުޅޭ ހުރިހާ
ކަމެއްގެ ވާހަކަ ޝަބާއަށް ކިޔައިދޭން އޭނައަށް ނިންމުނީ ކުއްލިއަކަށެވެ. އޭނައަށް
ހީވެފައި އޮތްހެން ޝަބާގެ ފަރާތުން އެއްވެސް ކޮޅަކަށް ނުޖެހޭފަދަ ޖަވާބެއް ނުލިބުނަސް ޝަބާ މި ޙާލަތުގައި އޭނައަށް
އެހީވާނެކަން އޭނައަށް ޔަޤީންވީތީވެއެވެ.
Comments
Post a Comment