Nur (part 60)


"ޝަރަފްގެ ވިސްނުން ތިހިރީ ވަރަށް ރަނގަޅު މިޞްރާބަކަށް. ޙަޤީޤަތުގަ ފަޤީރުންނަށް އެހީވެގެން ނޫނީ މުޅި ދުނިޔެއަށް ވެސް އޭގެ ނޭދެވޭ އަސަރު އިޤްތިޞާދީ ގޮތުންނާއި އިޖުތިމާޢީ ގޮތުން ވެސް ކުރާނެ. އެކަމަކު އެކަން ވިސްނެނީ ވަރަށް މަދުބަޔަކަށް. ޝަރަފަކީ އޭގެ ތެރެއިން އެކަކު. އަހަންނަށް ޝަރަފް ވަރަށް ކަމުގޮސްފި. ބޭނުންވަނީ ޝަރަފްގެ ބެލުމުގެ ދަށުން މި ކުންފުނީގެ ގޮތްޕެއް ރާއްޖޭގަ ހުޅުވަން. ޝަރަފްގެ ރިސޯޓުގެ އިތުރުން އެއީ ވެސް ޝަރަފް ބަލަން ޖެހޭނެ ތަނެއް. އެތަނުން ލިބޭ ފައިދާގެ 3 ބައި ކުޅަ އެއްބައި ލިބޭނީ ޝަރަފަށް. ޑީލް؟" ފްރެޑް އެހެން ބުނެލަމުން އަތް ދިއްކޮށްލިއެވެ. އެ ހިނދު ޝަރަފަށް ޤަބޫލުކުރަން ވެސް ދަތިވެ އިނދެފައި ފްރެޑްއާއެކީ ތެދުވެލަމުން އޭނައާއި ސަލާމްކޮށްލެވުނީ ﷲ އަށް ޙަމްދުކުރާ ޙާލުގައެވެ.

އޭގެ 3 ދުވަސްފަހުން ޝަރަފާއި ޝިނާޒް ޒޯއާއިވެސް އެކީ ރާއްޖެއަށް އަނބުރާއައެވެ. ޒޯ މާލޭގައި މަޑުކުރުވާފައި ފުރަތަމަ ދުވަހުވެސް ޝަރަފާއި ޝިނާޒް ރިސޯޓު އެޅޭ ރަށަށް ދިޔުމަށްޓަކައި ދަތުރު ފެށިއެވެ. ޒޯ މާލޭގައި ބެހެއްޓީ އަފާފް އެކަނިވެރި ނުކުރުމަށް ޝަރަފް އެދުނު އެދުން ފުރިހަމަ ކުރުމަށެވެ. އަދި ކުރިން ޝިނާޒް ބުނިހެން ޒޯ މެދުވެރިވެގެން ޝަރަފް އަފާފަށް ފޮނުވަން ބޭނުންވާހާ އެއްޗެއް އަފާފާއި ހަމައަށް ފޯރާނެކަން ޔަޤީން ކުރުމަށާއި އަފާފްގެ ޙާލު ބެލުމަށްޓަކައިވެސްމެއެވެ. މި ސަބަބުތަކާހެދި ޝަރަފް ރިސޯޓަށް ދިޔައީ ހިސާބަކަށް ހަމަޖެހިފައިވާ ހިތަކާއެކީ ގައެވެ. އަދި މިފަހަރު ރިސޯޓު ނިންމާފައި ނޫނީ އެތަނުން ނުދިޔުމަށް ވަރުގަދަ ޢަޒުމެއް ކަނޑައަޅަމުންނެވެ.

ޝިނާޒާއި ޝަރަފް ރިސޯޓަށް ދިޔަ ދުވަހަކީ ފްރެޑް ހަމަޖެއްސި ކުންފުނީގެ މަސައްކަތު މީހުން ވެސް އެ ރިސޯޓަށް އައި ދުވަހެވެ. މަސައްކަތު މީހުންނާއެކީ އެ މަސައްކަތް ހިނގާ ގޮތް ބަލާނެ މީހަކު ވެސް ފްރެޑް ފޮނުވާފައި ހުރިގޮތުން އޭނަގެ ރަނގަޅުކަން ޝިނާޒާއި ޝަރަފާއި އޭރު ރިސޯޓުގައި ހުރި ނަބީހަށް ވެސް އިޙްޞާޞް ކުރެވުނެވެ. އެމީހުންނަށްޓަކައި ކަންތައް ފަސޭހަވެގެން ދިޔަ ގޮތުން ޙަމްދު ކުރެވުނެއްކަމަކު ދެންވެސް ޝަރަފާއި ނަބީހް އެންމެ ދަށު މަސައްކަތްތަކުގައި ވެސް އަމިއްލައަށް އިސްނަގައިގެން އުޅެމުން ދިޔައެވެ. ހެޔޮ ނިޔަތެއްގައި ކުރެވޭ ބުރަ މަސައްކަތެއްގެ ޘަވާބު ލިބޭނެ ކަމުގެ އުއްމީދުގައެވެ. ދެން އެނދަށް އަރައި ނިދަންވީ ނޫންތޯ ކިޔަކިޔާ ހުރި ޝިނާޒްގެ ވެސް އަނގަ ބަންދުވީ އެ ދެމީހުންގެ އެ އުއްމީދުގެ ވާހަކަ އިވުމުންނެވެ.

ދުވަސްކޮޅެއް ވަންދެން ހުރިހާ ކަމެއްވަމުން ދިޔައީ އޮމާންކޮށެވެ. އެ ދުވަސްކޮޅުގެ ތެރޭގައި ޠޮލާލްމެން ރިސޯޓަށް ދީފައިވާ ބައެއް ގެއްލުންތައް ވެސް ނުހަނު އަވަސް މިނެއްގައި ފޫ ބެއްދިގެން ދިޔައެވެ. ޝަރަފްމެން ރިސޯޓަށް އައިއިރު އެމީހުން ނެތުމުން ޝަރަފް ޙައިރާންވިއެއްކަމަކު އޭނަ އެކަމާމެދު އަޅައެއްނުލައެވެ. އެމީހުން އޭނައަށް ގެއްލުން ދިނުން ހުއްޓާލީހެން ހީވާން ފެށިއެވެ. އެ ހީވުން ހީވާން ފެށިހެން އޭނަ އަފާފަށް ވެސް ގުޅަން ބޭނުންވިއެވެ. އެ ހުރިހާ ދުވަސްވީއިރު އަފާފް އޭނައަށް ނުގުޅިކަމަށްޓަކައި ޝަރަފްގެ ހިތުގައި ހިތާމައެއް އުފެދިފައިވިއެވެ. އަފާފް އަދިވެސް އޭނައަށް ޝައްކުކުރަނީތޯ އޭނަގެ ހިތަށްއެރިއެވެ. އެ ޚިޔާލު ހިތަށް ވެރިވާ ކޮންމެ ފަހަރަކު ޝަރަފަށް އޭނަގެ ފޯނު ނަގައި އަފާފްގެ ނަންބަރަށް ބަލާލެވެއެވެ. އޭނަ ހައްތަހާވެސް ޖެހިލުންވަމުން ދިޔައީ ޝިނާޒް އެދުވަހު ބުނި ބަސްތަކުންނެވެ. އެހެނަސް އެއްދުވަހު ކެތްތެރިކަން ކޮޅުންލުމުން އެރޭ އެންމެން ނިދުމުން އަފާފަށް ގުޅަން ޝަރަފް ނިންމިއެވެ. ޝަރަފަށް ނޭނގުނު ކަމަކީ އެދުވަހަކީ އަނެއްކާވެސް އޭނައާއި އެތައް ގޮންޖެހުންތަކެއް ކުރިމަތިވާން ފަށާނެ ދުވަހެއްކަމެވެ. އަދި އޭނަގެ ޙަޔާތަށް އުފާވެރި ނިމުމެއް އަންނަން އޮތީ އެ ގޮންޖެހުންތައް ކަނޑައްތުކުރުމަށް ފަހުގައި ކަމެވެ.

**

ސިޑްނީގެ އެއާރޕޯޓުން މާލެއަށް ދަތުރުކުރަމުން އައި އެއާރ އޭޝިޔާގެ ފްލައިޓް ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގައި ޖެއްސީ މެންދުރު 1 ޖެހި ވަގުތެވެ. އެ ފްލައިޓުން ފަސިންޖަރުން ފައިބަން ފެށި ވަގުތަކީ ވިޔާމް އެއާރޕޯޓަށް ވަދެގެން ގޮސް ޓާރމިނަލް ކައިރީގައި މަޑުކޮށްލި ވަގުތެވެ. ޓާރމިނަލްގެ ތެރެއިން ނިކުންނަމުން ދިޔަ ފަސިންޖަރުންނާއި ދިމާލަށް ވިޔާމަށް ބަލަން ހުރެވުނީ ދެބުމަ ކައިރިކޮށްގެންނެވެ. އޭނަ ބޯދިއްކުރަމުން ދިޔަ ގޮތުން ކޮންމެވެސް މީހަކު ފެނޭތޯ ހޯދާ ކަހަލައެވެ. މާ ގިނައިރެއްނުވެ ފަސިންޖަރުންގެ ތެރެއިން ވާހަކަ ދައްކަމުން އައި ދެ ފިރިހެނުން ފެނިފައި ވިޔާމްގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ.

"ބައްޕާ!" ވިޔާމަށް ގޮވާލެވުނެވެ. އެއާއެކު މެދު ޢުމުރުގެ ފަހު އަހަރުތަކުގައި ތިބި އެ ދެފިރިހެނުންގެ ނަޒަރު އޭނައަށް އަމާޒުވިއެވެ.

"ދަރިފުޅު ބައްޕަ ބަލާ އައިއްސަދޯ ތިހިރީ؟" ދެ ފިރިހެނުންގެ ތެރެއިން އިސްތަށިގަނޑު ކަޅުކުރެވިފައިވުމުން ޒުވާންކޮށް ދައްކަމުން ދިޔަ ފިރިހެންމީހާ އެހެން ބުނެލީ ހިނިތުންވުމަކާއެކީ ގައެވެ.

"އޮފް ކޯސް....ބައްޕައާ.....ބޮސް ވެސް." އެ ދެފިރިހެނުން އައިސް ވިޔާމާއި އެއްފިޔަވަޅު ދުރުގައި ހުއްޓިލީ ވަގުތު އޭނަ އޭނަގެ ބައްޕަގެ ކައިރީގައި ހުރި ފިރިހެން މީހާއަށް ބަލާލިއެވެ. ދުވަސްވުމުގެ ސަބަބުން އެމީހާގެ އިސްތަށިގަނޑުވަނީ އެކި ތަންތަނުން ނުރަވެފައެވެ. ތުނބުޅި ކޮންމެވެސް ވަރަކަށް ފެންނަމުން ދިޔައިރު ހިސާބަކަށް ވަޅުވަދެފައިވާ ކޯތާފަތާއި ނިތުން ފެންނަމުން ދިޔަ ރޫތަކުން އޭނަގެ ޢުމުރު ނަގައިގަނެވެއެވެ. ވިޔާމް ވާހަކަ ދެއްކުމުން އެމީހާގެ މޫނުމައްޗަށް ވެސް ހިނިތުންވުމެއް ވެރިވިއެވެ.

"އަހުމަދު ވިޔާމަށް ކިޔައިނުދެން ދޯ އަހަންނަކީ އޭނަގެ ބޮޑުބޭބެއެއްކަން؟ އަޅެ ކޮޔާ ބޭބެ ކިޔާބަ!" އެ ފިރިހެން މީހާ އެހެން ބުނެލުމުން އަހުމަދަށާއި ވިޔާމަށް އެކުއެކީގައި ހީލެވުނެވެ.

"އެއީ ތެދެކޭ ވިޔާމް. މިއީ ރަމީޒްބެ. ޢާއިލާ ކިޔައިދިނަސް ވިޔާމަށް އެނގޭނީއެއްނޫން. ހެހެ... އެކަމަކު މިއީ ހަމަ ބޭބެއެއް އިނގޭ. އެއްކަލަ މާލޭގަ ހުންނަ މާރވަލަސް ޝޮޕްސްގެ ވެރިޔާ." އަހުމަދު، ރަމީޒް ތަޢާރަފް ކޮށްދިނެވެ. އެއަށްފަހު އަނެއްކާވެސް ތިން މީހުންގެ މެދުގައި ހިނިތުންވުންތަކެއް ބަދަލުކުރުމަށްފަހު ވިޔާމް ބުނުމުން އެންމެން އެކީގައި ދާން ހިނގައިގަތެވެ.

ވިޔާމް ރަމީޒާއި އަހުމަދު ގެންދިޔައީ ތަނަވަސް ގެއަކަށެވެ. އެގެއަކީ މީގެ 3 އަހަރު ކުރިން އަހުމަދު ވިޔާމަށް ހިބައިން ދީފައިވާ ގެއެކެވެ. ގެއަށް ގޮސް ވަދެވުމާއެކު ރަމީޒާއި އަހުމަދު ގޮސް ސިޓިންގް ރޫމުގެ ސޯފާގައި ޖައްސާލިއެވެ. ވިޔާމް ވެސް އެތާ ވަކިން ހުރި ސޯފާއެއްގައި އިށީނީ އެމީހުންނާއި ވާހަކަ ދައްކަން ބޭނުންވެފައިވި މިންވަރުންނެވެ. ދައްކަމުން ދިޔަ އެކިއެކި ވާހަކަތަކެއްގެ ތެރެއިން ވިޔާމް އޭނަގެ ހިތުގައި އޮތް ސުވާލެއް ކޮށްލިއެވެ.

"ދެން ބިންތު ޢައްމާރަށް ކިހިނެއްތޯ ހަދަންވީ ރަމީޒްބޭ؟ އޭނަ އަނެއްކާވެސް އޭނަގެ އެ ޕޭޖެއް ހިންގަން ފަށައިފި ވަރަށް ބާރަށް." ވިޔާމް ކަންބޮޑުވުން ފާޅުކުރިއެވެ.

"އެހެންތަ؟ ތިއީ އަދި ނުދެނަހުރި ކަމެއް. ހީކުރީ ޝަރަފާއި އޭނަ ވަކިވީމަ ދެން އެމީހުންގެ ކަން އެ ހުއްޓުނީކަމަށް. އެކަމަކު އެހެން ނުވިތާދޯ؟ ހާސްނުވޭ......މިއުޅެނީ އޭނަގެ ބައްޕަ ހުސެއިން ބޮޑު މަޅިއެއްގައި ޖައްސަން. އެއީ މަ ހީކުރިވަރަށްވުރެ ދަހި އަދި މޮޔަ ފިރިހެނެއް. މަށާ ދިމާވީ އެއްދުވަހު ލަންކާއިން. ބުނީ ތިމަންނަގެ ވިޔަފާރިއަށް އެހީއެއް ބޭނުންވެގެންނޭ މިއުޅެނީ. އޭރު ވިޔާމްމެން ބިންތު ޢައްމާރުގެ ޢާއިލާގެ މީހުން ވެސް ހޯދައި ފޮޓޯ ފޮނުވާފަ ހުރީމަ މަށަށް ވަގުތުން އެނގިއްޖެ އެއީ އޭނަގެ ބައްޕަކަން. މަ ބުނިން ދުވަސްކޮޅަކަށް އޭނަގެ ވިޔަފާރި އެއްކޮށް މަށަށް ދިނިއްޔާ އޭނައަށް އެހީވަމުން އެ ވިޔަފާރި އަނެއްކާވެސް ފައިދާ ޖެހޭނެ ފަދަ ގޮތަކަށް ބަދަލުކޮށްދޭނަމޭ. ބަލަ އޭނަ ވިސްނުމެއްވެސް ނެތި އެކަމަށް އެއްބަސްވެއްޖެއޭ! މަ ބުނިން މަ ދެން ރާއްޖެއަށް އައި ދުވަހަކުންނޭ އެކަން ކުރެވޭނީ......އެ ހުސެއިންގެ ވިޔަފާރި ފުނޑާލީމަ ވެސް ތި ބިންތު ޢައްމާރެއް ނެތި ހިނގައިދާނެ. އަދި އަހަރުމެން ކުރިން ރޭވީމެއްނު ވިޔާމާއި އޭނަ އިންނަން ވެސް؟ ބަލަ ކަމެއްވިއްޔާ އަހަރުމެންނަށް އަބަދުވެސް އޮންނާނެއޭ ގޮތެއް. ތިއީ އެހާވަރަށް ހާސްވާ ކަންތައްތަކެއް ނޫން." ރަމީޒް ނުހަނު ހަމަޖެހިފައިވާ ރާގަކަށް ބުނެލިއެވެ.

"އެކަމަކު މިހާރު އެ ޢައްބާސްގެ ދަރި ކޮބައިތަ؟ އޭނަ ރިސޯޓު އެބަ އަޅާތަ އަދިވެސް؟" އަހުމަދު ސުވާލުކުރިއެވެ.

"އޭނަ ރިސޯޓު އަޅަނީ ކޯޗަކުން؟ އުޑުން އަންނަ ފައިސާއަކުންތަ؟ ހުނ! އޭނައަށްވާނެ ކަމެއް އޮންނާނެހެނެއް ހިއެއްނުވޭ. ކުރީ ދުވަހު އަހަރެން ޝިނާޒަށް ގުޅިން. ގުޅިއިރު ޝިނާޒް ބުނީ ތިމަންނަ މިހާރު މިދަނީ އެ ރަށުގަ އޮތް ބިމެއްގަ ރިސޯޓެއް އަޅަމުންނޭ. އެހެންވީމަ އޭގެ މާނައަކީ ޝަރަފްގެ ކަން ހުއްޓުނީއޭއެއްނު؟ ޝިނާޒަކީ ޝަރަފްގެ ބޭބެ. އެކަމަކު އެދެމީހުންގެ ދެމެދުގަ އުޑާއި ބިމާއި ދެމެދުގައިވާހާ ފަރަޤުތައްވޭ. ހިއެއްނުވޭ ޝިނާޒް ތިބުނާ ކަހަލަ ޙަލާލް ރިސޯޓެއް އަޅާނެހެން. އޭނަ ކޮންމެވެސް ގޮތަކަށް އެ ބިން ހޯދާފަވާނީ ފެންވަރުގެ ތަނެއް އަޅަން." ރަމީޒް އެހެން ބުނެލީ ޔަޤީންކަމާއި އެކީގައެވެ. އޭނައަށް ޝިނާޒަށް އައި ބަދަލުތައް ފެނިފައި ނުވަނީ ޝިނާޒް ޒޯ އާއި އިންފަހުން އޮސްޓްރޭލިޔާގައި ވެސް އުޅެމުން ދިޔައީ މުޅިން އެހެން ސިޓީއެއްގައި ކަމަށްވާތީވެއެވެ.

ޝިނާޒްގެ ނަން އިވުމުން ވިޔާމްގެ ނިތަށް ރޫ ގިނަވިއެވެ. އޭނަގެ ހަނދާނަށް އައީ މީގެ ދުވަސްކޮޅެއް ކުރިން އޭނަ ޝަރަފަށް ޙަމަލާ ދިން ރެއެވެ. އެރޭ އޭނަ ބިއްލޫރި ފުޅިއެއް އުކަން އުޅުނު ވަގުތު އޭނަގެ އަތުގައި ހިފި ޒުވާނާގެ ބާރުގަދަ އަތާއި ރުޅިވެރި މޫނު ސިފަވެގެން ދިޔުމުން އެ ހިނދު ވެސް އެ ހިތުގައި ނުތަނަވަސްކަމެއް އުފެދުނެވެ. އެ ނުތަނަވަސްކަމުގައި ހުރެ އޭނައަށް ވާހަކަ ދެކެވުނެވެ.

"ރަމީޒްބެއަށް ޔަޤީންތަ ޝިނާޒް ހުރީ ޝަރަފްގެ ކޮޅުގައެއްނޫންކަން. އެއްރެއަކު އަހަރެން ޝަރަފަށް ޙަމަލާއެއް ދޭން އުޅެނިކޮށް އަހަރެން ހުއްޓުވީ ޝިނާޒްހެން އަހަންނަށް ހީވަނީ." ވިޔާމް ޝައްކެއްގެ މަތީގައި ހުރެ ބުނެލިއެވެ.

"ކީކޭ؟! ތިހެންނެއްނުވާނެ. މަ ދަންނަ ގޮތުގަ ޝިނާޒް ޝަރަފަށް ކުޑަކޮށް ރުޅިވެސް އަންނާނެ. އެހެންނޫނަސް ވިޔާމަށް ޝިނާޒް ފެނިފަ ހުރީ އެންމެ ރެއަކުއެއްނު؟ އެއީ ވެސް ކްލަބެއްގެ ތެރެއިން. ތިއީ ހިލޭ ސާބަހަށް ޝަރަފަށް އެހީވެދިން މީހަކަށްވާނީ." ރަމީޒް ބުނެލިއެވެ.

"ނޫން ރަމީޒްބޭ އޭނަ ހުރީ ޝިނާޒް ހުންނަ ގޮތަށް ބިޔަކޮށް." ވިޔާމް ބުނެލިއެވެ.

"އެންމެ ރަނގަޅު! އޭނަ އަތުގަ ޓެޓޫއެއް ހުރިތަ؟ ޝިނާޒްގެ ދެއަތުގަވެސް ހުންނާނެ ކަޅުކުލައިގެ ބޮޑު ޓެޓޫތައް." ރަމީޒް ބުނެލިއެވެ. ވިޔާމް އެ ޒުވާނާގެ އަތް ހަނދާންކުރިއެވެ. އެއާއެކު އެ އަތުގައި ޓެޓޫއެއް ނެތްކަން އޭނަގެ ހަނދާނަށް އައުމުން އޭނައަށް ނޫނެކޭ ބުނެލެވުނެވެ. އެ ހިނދު އެއީ ރަމީޒްބެ ބުނާހެން އޭނައަށް ހީވާ ހީވުމެއްކަމަށް ވިޔާމަށް ޖެހިލުންވުމަކާއެކީ ނިންމުނެވެ. އެމީހުންނަށް ނޭނގުނު ކަމަކީ ޝިނާޒް އެހާ ހިސާބަށް ދިޔައިރު އޭނަގެ ޓެޓޫވެސް ފޮހެފައިވިކަމެވެ.

މިހުރިހާ ވާހަކައެއް އިވެމުން ދިޔައީ ހަމައެކަނި ސިޓިންގް ރޫމުގައި ތިބި 3 މީހުންނަށް ނޫނެވެ. އެމީހުންގެ އިތުރުން ނުހަނު ކައިރީގައި ހުރި ކޮޓަރިއެއްގެ ތެރޭގައި ތިބި ހަނާއާއި ފައިހާއަށް ވެސް އެ އަޑުތައް އިވެމުން ދިޔައެވެ. ޝިނާޒްގެ ވާހަކަ އިވުމުން ހަނާ ވާހަކަ ދެއްކިއެވެ.

"ވާވް މިފަހަރު އަހަރުމެން ދިމާކުރަން ޖެހޭނީ ޝަރަފްއަށް ވުރެ ވެސް ހޮޓް މީހަކާ ކަންނޭނގެ. އައިމް ސޯ އެކްސައިޓެޑް!" ހަނާ ތޫލި އަޑަކުން ބުނެލިއެވެ. އެ ހިނދު ފައިހާ ހުރީ ހިނިތުންވާން ބޭނުމެއްނުވެފައެވެ. މިއީ މީގެ ދެ ތިން ދުވަސް ކުރިން ފައިހާ އޭނަގެ ލޯބިވެރިޔާއާއި ވަކިވީ ފަހުން އޭނަގެ ޙާލެވެ. އޭނަ އެ ލޯބިވެރިޔާއާއި ރައްޓެހިވީ މުޅި ޢުމުރަށް އޭނައާއި އެކީގައި ޙަޔާތް ވޭތުކުރުމުގެ އުއްމީދުގައެވެ. އެއީ އޭނަ ފުރާވަރުއްސުރެ ރައްޓެހިވެގެން އުޅުނު ކުއްޖެކެވެ. އެކީގައި ކިޔެވި އެންމެންވެސް ހީކޮށްގެން ތިބީ އެ ދެމީހުން އެއްދުވަހު އިންނާނެ ކަމަށެވެ. އެހެނަސް ފަހު ވަގުތު އޭނަވެސް ވެގެން ދިޔައީ ބޭވަފާތެރިއަކަށެވެ. ޙަޔާތުގައި އައި އެ ފައްތަރުގެ ސަބަބުން ފައިހާ އަފާފް މަތިން ހަނދާންވަމުން ދިޔައީ މާ ބޮޑަށެވެ. އަފާފް އަބަދުވެސް އޭނައާއި އެކުއްޖާއާއި އޮތް ގުޅުން ކަނޑާލުމަށް ނަޞޭޙަތްތެރި ވެފައިވެއެވެ. އޭގެ ބަދަލެއްގެ ގޮތުން ﷲ އެއަށްވުރެ ރީތި ޙަޔާތެއް އޭނައަށް ދެއްވާނެކަމަށް ބުނަމުންނެވެ. އެހެނަސް އޭނަގެ އެދުންތައް ބޮޑުވުމުގެ ސަބަބުން އޭނައަށް އަޑެއްނޭހުނެވެ. އޭރު އަޑުއެހުނުނަމަ މި ދުވަސް ނައީހޭ ހިތަށް އަރަމުން ދިޔައެވެ.

ފައިހާ ހުރިގޮތަށް ހުއްޓާ ހަނާ އެއްޗެކޭ ބުނަން އުޅުނު ވަގުތު ކުއްލިއަކަށް އެ ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. އެ ދޮރު ހުޅުވީ ރަމީޒް ނޫން ދެވަނަ މީހެއްނޫނެވެ.

"މީ ކޮން ކުދިންނެއް؟" އޭނަ އަހާލިއެވެ.

"ތިއީ ހަނާއާ ފައިހާ. ބިންތު ޢައްމާރަކީ އަފާފްކަން ހޯދަން ވަރަށް ބޮޑަށް އެހީވި ދެކުދިން ތީ. މިހާރު ތި ދެކުދިންގެ ވެސް ވަޒީފާ ނިމިފަ އޮތީ. ހަނާ މާދަމާ ފުރާނެ އޭނަގެ ޢާއިލާ ކައިރިއަށް އޮސްޓްރޭލިޔާއަށް. ފައިހާ.....ނޭނގެ ދާނެތަނެއް. އޭނަ މިގެއަށް އައިފަހުން ބުރުގާ ވެސް ބޭލީމަ އޭނަގެ ޢާއިލާ މީހުން އޭނަ ގެއިން ބޭރު ކޮށްލައިފި. އައި ޑޯންޓް ނޯ ވަޓް ޓު ޑޫ ވިތް ހާރ." ވިޔާމް އެހެން ބުނެ ހަނާ ގާތު އައިސްދިނުމަށް އެދުނެވެ. އަދި ހަނާގެ 'ފެއާރވެލް' ބާއްވާނެ ގޮތަކާމެދު ވާހަކަ ދައްކަން ފެށިއެވެ. ހަނާ ދެންމެ ވާހަކަ ދެކެވުނު ޒުވާނާއާއި ބައްދަލުކުރަން ފުރުޞަތެއްނުލިބޭނެތީ ޝަކުވާ ކުރަން ފެށި ވަގުތު ރަމީޒް ފައިހާ ހުރި ކޮޓަރިއަށް ވަނެވެ. އެ ކޮޓަރީގެ ދޮރު ލައްޕާލެވުނު ވަގުތު ފައިހާގެ ހިތަށް ދުވަހަކުވެސް ވެރިނުވާފަދަ ބިރުވެރިކަމެއް ވެރިވިއެވެ. އެ ދޮރު ތަޅުލެވިގެން ދިޔަ ވަގުތު ފައިހާގެ ދެލޯ ބޮޑުވެ އޭނަގެ ހަތަރެސްފައި ފިނިވިއެވެ.

"ހާދަ އެކަނިވެރި ކުއްޖެކޭދޯ މީ؟ އެކަނި ފިލުވަން އަހަރެން ބައިވެރިއެއްގެ ގޮތުގައި ޤަބޫލުކުރާނަންތަ؟" ރަމީޒް ފައިހާގެ ކައިރިއަށް އަންނަމުން އެހިއެވެ. ރަމީޒް އެ ސުވާލު ކުރިއެއްކަމަކު އޭނަގެ ވާހަކައިގެ ރާގާއި މިޒާޖު ހުރި ގޮތުން އޭނަ އެ ސުވާލުގެ ޖަވާބު ބޭނުމެއް ނުވާކަން ފައިހާއަށް ޔަޤީންވިއެވެ. އެދުވަހުގެ އެވަގުތު ކަންތައްވެގެން ދިޔަ ގޮތުން ރަމީޒް ބޭނުންވާ ގޮތް މާ ރަނގަޅަށް ވެސް ހާމަވެގެން ދިޔައެވެ.

އެވެގެން ދިޔައީ ފައިހާގެ ޙަޔާތުގައި ފެށިގެން ދިޔަ އެންމެ އަނދިރި ބާބަށެވެ. އެދުވަހަށްފަހު ފައިހާގެ ދުވަސްތަކާއި ރޭތައް ވޭތުވާންފެށީ އެކިއެކި ވޭންތަކެއްގައެވެ. ގިނަ ވަގުތުތައް ހޭދަވަމުން ދިޔައީ އެކަނިމާއެކަނި ރުއިމުގައެވެ. ފަހަކަށް އައިސް ފައިހާގެ ހިތަށް އަބަދުވެސް ވެރިވެފައިވަނީ ބިރުވެރިކަމެކެވެ. އޭނަ ހިކި އަނަރޫފަވެފަ ގައިގެ އެކި ތަންތަނުން ފެންނަމުން ދިޔަ ނޫފަންގަނެފައިވި ތަންތަން ގިނަވާން ފެށިއެވެ. އެ ޙާލުގައި މަދު  ދުވަސްތަކެއް ވޭތުވީއިރުވެސް ފައިހާއަށް ހީވީ އެއީ އެތައް އަހަރެއް ވަންދެން އޭނަ ތަޙައްމަލުކުރި ވޭންތަކެއް ހެންނެވެ.

އެ އިޙްޞާޞް ކުރެވުނުތާ މާ ގިނަދުވަހެއްނުވެ ފައިހާ އެ ޙާލަތުން ސަލާމަތްވާނެ ކަމުގެ ހުރިހާ އުއްމީދެއް ކަނޑާލައިފިއެވެ. އޭނަ އެއްދުވަހު އެގޭގެ ކޮޓަރީގެ ބެލްކަނީ ކައިރިއަށް ގޮސް މަޑުކޮށްލީ މި ދުނިޔެއަށް އަލްވަދާޢު ކިޔަން ހިތް އެދެމުން ދިޔަ ވަރުންނެވެ. އެހެން ހުރި ވަގުތު އޭނައަކީ ކާކުތޯ ފައިހާއަށް އަމިއްލަ ނަފްސާއި ސުވާލު ކޮށްލެވުނެވެ. އެ ސުވާލުގެ ޖަވާބު އޭނަ އޭނަގެ އަމިއްލަ ނަފްސަށް ދިނެވެ. އޭނައަކީ އެއްވެސް ޤަދަރެއް، އެހީތެރިއެއް ނެތް ޤަޢިދީއެކެވެ. އެފަދަ މީހެއްގެ ގޮތުގައި މި ޙަޔާތް ވޭތުކުރާކަށް އޭނަ އެއްގޮތަކަށް ވެސް ބޭނުމެއްނޫނެވެ. އެ ޚިޔާލު ހިތަށް ވެރިވުމުން ފައިހާ ދެލޯ މަރާލަމުން ފުން ނޭވައެއް ދޫކޮށްލިއެވެ. އަދި އޭނަ ކުރަން ބޭނުންވި ކަން ކުރުމަށްޓަކައި ކުރިއަށް ފިޔަވަޅެއް އަޅާލި ވަގުތު ކައިރީގައި ހުރި ގެއަކުން ޤުރުއާން ޖަހަން ފެށި އަޑު އޭނައަށް އިވުނެވެ. އެއާއެކު ފައިހާއަށް އޭނަގެ ޙަރަކާތްތައް މަޑުކޮށް، ދެލޯ ހުޅުވާލެވުނެވެ. އޭނައަށް އެ އިވެމުން ދިޔަ ބަސްތަކުގެ މާނަ އޭނައަށް ނޭނގުނެއްކަމަކު ނޭނގޭ ސަބަބަކާހުރެ އެއިން އޭނަގެ ހިތަށް ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އެއީ ކީއްވެކަމެއް ފައިހާއަށް އެއްގޮތަކަށް ވެސް ނުވިސްނުނެވެ. ތަފާތު ގޮތަކަށް އޭނައަށް ވިސްނެންފެށީ ކުއްލިއަކަށެވެ. އޭނަ މިވަގުތު އަމިއްލަ ދިރިއުޅުން ނަގާލައިފިނަމަ އޭނައަށް ދެން އޮންނާނީ ވަކި އުފާވެރި ޙަޔާތެއްތޯ ހިތް ސުވާލުކުރި ވަގުތު އެ ހިތް ރޫރޫއެޅިއެވެ. އޭނައަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނީ ބޭއިޚްތިޔާރުގައެވެ. އެ ވަގުތުވެސް އޭނަ އަފާފް މަތިން ހަނދާންވީ އޭނަ އެފަދަ ގޮތަކަށް ބިރުގަންނަ ކޮންމެ ފަހަރަކު އަފާފް އޭނަގެ ހިތްހަމަ ޖައްސައިދޭތީވެއެވެ. އެވަގުތު ކޮޅުވެސް އޭނައަށް ކެތްނުވުމުން ފައިހާ އޭނަގެ ކޮޓަރިއަށް ވަދެގެން ގޮސް އޭނަގެ ފޯނު ނެގިއެވެ. އެއަށްފަހު ފޭސްބުކަށްވަދެ ބިންތު ޢައްމާރުގެ ޕޭޖަށް ދިޔައީ ހަމައެކަނި އަފާފާއި ވާހަކަ ދައްކާލުމުގެ ނިޔަތުގައެވެ. އެހެނަސް އެވަގުތު އޭނައަށް އެ ޕޭޖުން ފެނުނު އެންމެ ފަހުގެ ޕޯސްޓުން އޭނަގެ ލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައެވެ. އޭގައި އަފާފްވަނީ ސޫރަތުލް ބަޤަރާގެ އާޔަތެއް ޙިއްސާކޮށްފައެވެ. އެއީ ﷲ ގެ އަޅަކު އެކަލާނގެއާމެދު ސުވާލުކޮށްފިނަމަ، ހަމަކަށަވަރުންވެސް އެކަލާނގެ ގާތްވެވޮޑިގެންވާކަމަށް ވާ އާޔަތެވެ. އަދި އެކަލާނގެ ދުޢާ ކުރާ ކޮންމެ މީހެއްގެ ދުޢާ ވެސް އިޖާބަކުރައްވާކަމަށް އޮތް އާޔަތްވެސްމެއެވެ. ހަމައެކަނި އެ އާޔަތުގައި މާނަ ކިޔާފައިވެސް ހިތަށް ކުރި އަސަރުން ފައިހާގެ ލޮލުން ކަރުނަތައް ފައިބައިގެންއައެވެ. އޭނަ ޙަޤީޤަތުގައި ދެންމެ އަފާފާއި ސުވާލުކުރަން އުޅުނީ ﷲ އޭނައާއިމެދު ދެކެވޮޑިގެންވާނެ ގޮތާއިމެދު ކަން އޭނައަށް އެނގުންވުމުންނެވެ. އެ ސުވާލުގެ ޖަވާބު އޭނައަށް ލިބިގެން އެ ދިޔައީ ޚުދު އެކަލާނގެ ބަސްފުޅުންނެވެ. ޝައްކެއްވެސް ނެތް ގޮތުގައި އެކަލާނގެ ކިތަންމެ ކުޑަ މިންވަރަކަށް ވެސް ހަނދުމަކުރާ އަޅަކު އެކަލާނގެ ހަނދުމަކުރައްވާނެކަން ފައިހާއަށް އެނގުންވިއެވެ. އެ ޚިޔާލުން ލިބުނު ހިތްވަރުން އެކަލާނގެއަށް ދުޢާ ދެންނެވުމުގެ ހިތްވަރެއް ފައިހާއަށް ލިބުނެވެ. އޭނަ ހަމަ އެވަގުތު އޭނަގެ އެނދުމަތީގައި ހުރެ ދެއަތް އުފުލައި އޭނައަށް ފަސޭހަ ބަހުން އޭނަ މި ޙާލަތުން ސަލާމަތް ކޮށްދެއްވުމަށް އެދުނެވެ. ރުއިމުގެ ތެރެއިން އެ ދުޢާކޮށް ނިމުނުތަނާހެން އެ ދުޢާ އިޖާބަނުވިއެއްކަމަކު އޭނަގެ ހިތަށް އެއިން ބަޔާންކުރަންދަތި ހަމަޖެހުމެއް ލިބިގެން ދިޔައެވެ.

އެ ދުޢާއަށްފަހު ފައިހާ ސަލާމަތްވާން މާ ގިނަ ދުވަހެއް ނުނެގިއެވެ. ދުޢާއަށްފަހު ވެސް އަނިޔާ ލިބުނެއްކަމަކު އުއްމީދު ކަނޑާލުމެއްނެތި ފައިހާ ދުޢާ ކުރިއެވެ. ނަތީޖާއެއްގެ ގޮތުން އެއްދުވަހު ރަމީޒް އެއްދުވަހަށް ކޮންމެވެސް އެހެން ރަށަކަށް ދާން އުޅޭ ވާހަކަ ފައިހާއަށް އިވުނެވެ. ރަމީޒް ފުރުވަން ގޭގެ އެންމެން ވެސް ދިޔަ ރެއެއްގެ ބޭނުން ހިފައި ފައިހާ އޭނަގެ ހެދުން ފޮށި ހިފައިގެން އެ ގެއިން ނިކުތެވެ. އެ ވިއްސާރަ ރޭ އޭނަ އެކަނިމާއެކަނި ހިނގާފައި ދިޔައީ ދާނެ ތަނެއް ނޭނގިގެނެއް ނޫނެވެ. އޭނަގެ އަމިއްލަ ގެއެއް ހުއްޓެއްކަމަކު އޭނަގެ މިޞްރާބު ހުރީ މުޅިން އެހެން ދިމާލަކަށެވެ.

**

އެރޭގެ ވަގުތެއްގައި އަފާފާއި އޭނަގެ ޢާއިލާ ތިބީ ސިޓިންގް ރޫމުގައި އެމީހުންގެ އަމިއްލަ ކަންތައްތަކުގައެވެ. އެ މީހުންގެ މެދަށް ވެރިވެފައިވި ހިމޭންކަމުގެ ތެރެއިން އިވެމުން ދިޔައީ ހަމައެކަނި ފުރާޅުގައި ޖެހެމުން ދިޔަ ވާރޭގެ އަޑެވެ. އެ ހިމޭންކަމުގެ ތެރޭގައި އަފާފް ފޮތެއް ކިޔަން އިނެއްކަމަކު އޭނައަށް ދޭތެރެދޭތެރެއިން އޭނަގެ ފޯނަށް ބެލެމުން ދިޔައެވެ. އޭނައަށް ފެނުނު ފަހުން ޝަރަފަށް ގުޅަން އެތައް ދުވަހެއްގެ މަތިން ހިތަށް އެރިއެއްކަމަކު އޭނަ ޖެހިލުންވެފައިވީ އޭނަގެ ޝައްކުތައް ޙަޤީޤަތަކަށް ވެދާނެތީވެއެވެ. މިހާތަނަށް އައިއިރު ޝަރަފް އޭނައަށް ނުގުޅާ ހުންނާނީވެސް އެހެންވެ ކަމަށް ބައެއްފަހަރު އަފާފަށް ނިންމެއެވެ. އޭނައަށް ޝަރަފްގެ ޙަޤީޤަތް ހާމަކޮށްދިނުމަށް އެދި އޭނައަށް ކުރެވުނު ދުޢާގެ ޢަދަދެއްވެސް އަފާފަކަށް ނޭނގެއެވެ. އެހެނަސް އޭނަ ދެންވެސް އުއްމީދު ކަނޑައެއް ނުލައެވެ.

އަފާފް އަމިއްލަ ޚިޔާލުތަކެއްގައި އިންދާ ކުއްލިއަކަށް މީހަކު ދޮރުގައި ތަޅަން ފެށި އަޑަށް އޭނައާއި އެކީ ހުސެއިނާއި ޝާދިޔާވެސް ދިޔައީ ސިއްސައިގެންނެވެ. ތިން މީހުންނަށް އެކީގައި ކޮޅަށް ތެދުވުނެއްކަމަކު މީ ކާކުތޯ ކިޔައި ދޮރު ހުޅުވަން ދިޔައީ ހުސެއިނެވެ. ހުސެއިން ދޮރު ހުޅުވާލުމާއެކުހެން އޭނައަށް ދޮރުމަތީގައި ތެމިފައި ހުރި ކުއްޖާގެ ނަން ކިޔާލެވުނެވެ.

"ފައިހާ؟" ހުސެއިން އެހެން ބުނެލި އަޑަށް ޝަދިޔާއާއި އަފާފް ވެސް ފައިހާ ފެންނާނެހެން ކުރިއަށް ޖެހިލިއެވެ. އެއީ އަފާފަށް ފައިހާ ފެނުނު ފުރަތަމަ ފަހަރަށް ވިޔަސް ފައިހާ ބަދަލުވެފައިވިކަން އޭނައަށް އެނގުންވިއެވެ. ބުރުގާ ނާޅާ ހުރިކަމަށްވުރެ ވެސް ބޮޑަށް އަފާފަށް ފާހަގަވީ ފައިހާއަށް ލިބިފައިވި ޒަޚަމްތަކެވެ. އޭނަގެ ވަޅުވަދެފައިވި ދެލޮލެވެ. ހިތާމަވެރިކަމުން ފުރިފައިވި މޫނެވެ. ފައިހާ އެކި ދިމަދިމާލަށް ބަލަމުން ގޮސް އޭނަގެ ނަޒަރު އަފާފަށް ހުއްޓުމާއެކުހެން ރޮއިގަންނަމުން އަފާފްގެ ކައިރިއަށް ދިޔައެވެ.

"އަފާފް ޕް...ޕްލީޒް އަ..އަހަންނަށް މަޢާފުކޮށްދީ. އަހަންނަށް އެހީވެދީ! އައި...އައިމް ސޮރީ." ފައިހާ ރޮމުން ރޮމުން އެއްބަސްތަކެއް ކިޔަން ފެށި ގޮތުން އަފާފްގެ ހިތުގައި ޙަމްދަރުދީއެއް އުފެދުނެވެ. އޭނަ ފައިހާގެ ކަރުނަތައް ފޮހެދެމުން އޭނަގެ ކޮނޑުގައި ހިފަހައްޓައި ތިމަންނައާއެކީ އަންނާށޭ ބުނެލިއެވެ. ޝާދިޔާ އަފާފްގެ އެ ޙަރަކާތަށް ވެސް ކުދިކިޔަން ފެށިއެއްކަމަކު އަފާފް ހުއްޓުމެއްނެތި ގޮސް ފައިހާ ވެއްދީވެސް އޭނަގެ ކޮޓަރިއަށެވެ. އަދި މަސައްކަތު މީހަކު ލައްވާ ފައިހާގެ ފޮށި ކޮޓަރިއަށް ގެނެސް އެ ކޮޓަރީގައި ހުންނަ ހެދުން ބަދަލުކުރާ ތަނަށް ފައިހާ ވެއްދިއެވެ. ފައިހާ އެތާ ތެރެއަށް ވެއްދި ފަހުން ވެސް އަފާފަށް އިވެމުން ދިޔަ ރުއިމުގެ އަޑުން ފައިހާއަށް ދިމާވީ ކޮންކަމެއްތޯ އަފާފްގެ ހިތް ސުވާލުކުރިއެވެ. ފައިހާ ހެދުން ބަދަލުކޮށްގެން ނިކުތްތަނާހެން އޭނަ އެ ސުވާލުކުރިއެވެ. އެހެނަސް ފައިހާ ދައްކަން ފެށީ މުޅިން އެހެން ވާހަކައެކެވެ.

"އަފާފް....އަހަރެން މިގެއަށް މިއައީ މިގޭގަ ހުންނާކަށްނޫން. އަފާފްގެ ފަރާތުން ހެޔޮ ނަޞޭޙަތެއް ލިބޭތޯ މިއައީ. އަދި އަހަރެންގެ ފާފަތައް ފޮހެވޭތޯ ބަލަން އަފާފަށް ވަރަށް ބޮޑު ޙަޤީޤަތެއްވެސް ހާމަކުރަންވެގެން." ފައިހާ އެނދުމަތީގައި އޭނަގެ ކައިރީގައި އިނދެ ބުނެލި ފަހު ޖުމްލައިން އަފާފްގެ ހިތް ތެޅިލިއެވެ.

"ކޮން ޙަޤީޤަތެއް؟" އޭނައަށް އަވަސްއަވަހަށް އަހާލެވުނެވެ. އެއާއެކު ދެންވެސް ފައިހާ ގިސްލާފައި ވާހަކަ ދެއްކިއެވެ.

"އަފާފްގެ ޒަވާޖީ ޙަޔާތުގަ ހިނގި އެއްވެސް ކަމެއްގަ ޝަރަފްގެ އެއްވެސް ކުށެއްނެތް." ފައިހާ ބުނެލި ވާހަކައިން އަފާފްގެ ހިތަށް ވެރިވި ޙައިރާންކަމާއެކީ އެހިތަށް އުފާވެރިކަމެއްވެސްލިބުނެވެ.

Comments

Popular posts from this blog

Arabic Pronouns (dhameer)

Harf of Nasb (English + Dhivehi)

Mudhaaf-mudhaaf ilaihi and pronouns (English lesson)