Nur (part 35)


"ޝަރަފަކީ ތިހާ ހިތްދެރަ މީހެއްނޫން. ޔޫ އާރ ބެޓާރ ދޭން ދެޓް. ޝަރަފް ދެން އަނބުރާ އަންނާނީ ޝަރަފްގެ ތި ހުވަފެން ފުރިހަމަ ވާނެކަމުގެ ޔަޤީންކަމާއެކީ އިން ޝާ ﷲ." އަފާފްގެ އެ ސާބިތު ބަސްތަކުން އަނެއްކާވެސް ޝަރަފަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ. އެއަށްފަހު އޭނަ މަޑުމަޑުން އަފާފާއި ދުރުވެ އޭނަގެ އަތަށް ބޮސްދިނެވެ. އަދި ތިމަންނަ ގުޅާނަން ކަމަށްބުނެ އެ އަތަށް ފިތާލަމުން މަޑުމަޑުން ދޫކޮށްލިއެވެ. އެއަށްފަހު އަފާފަށް އިވިގެންދިޔައީ ޝަރަފްގެ ހެދުން ދަބަސް ދެމިގެން ދިޔަ އަޑެވެ. އެ އަޑު ފޭދިގެން ދިޔަދިޔަހެން އަފާފްގެ ހިތަށް ބިރުވެރިކަމެއް ވެރިވީ ކީއްވެކަމެއް ނޭނގެއެވެ. ޝަރަފް ރާވައިގެން ހުރީ ކޮންމެ ހަފްތާއަކު އެއްފަހަރު އޭނައާއި ބައްދަލުކުރަން އައުމަށެވެ. އެހެނަސް މިއަށްފަހު ޝަރަފް އޭނައާއި ވަކިވެގެންދާނީ އެއަށްވުރެ ދިގު މުއްދަތަކަށްހެން އޭނައަށް ހީވީ ކީއްވެކަމެއް ނޭނގެއެވެ.

ޝަރަފް ދިޔުމަށްފަހު އަފާފަށް އިޙްޞާޞް ކުރެވުނީ އާދަޔާ ޚިލާފު އެކަނިވެރިކަމެކެވެ. ކޮޓަރީގައި ހުންނައިރު އެތަނަށް ވެރިވެފައިވި ހިމޭންކަން އޭނަގެ ހިތް މާޔޫސްކުރުވިއެވެ. އަމިއްލައަށް ހުރިހާ ކަމެއް ކުރެވުނަސް ދޭތެރެއަކުން ޝަރަފް އައިސް އޭނަގެ ބޮލުގައި ފުނާ އަޅައި ދޭގޮތާއި ބުރުގާ ހެޔޮވަރު ކޮށްދޭ ގޮތުގެ މަތިން ހަނދާންވަމުން ދިޔައެވެ. އެކިއެކި ކަންކަމުގައި ޝަރަފް އަބަދުވެސް އޭނައަށް އެހީވާ ގޮތުންގެ ހަނދާންތައް އާވަމުން ދިޔައެވެ. ޝަރަފް އެކޮޅުގައި ހުރެ ގުޅާ ކޮންމެ ފަހަރަކު ވެސް އަފާފަށް މިފަދަ ވާހަކަތައް ދެކެވެއެވެ. އެހެނަސް އޭނަގެ އެ ވާހަކަތަކުން ޝަރަފަށް އޭނަގެ މަސައްކަތަށް ސަމާލުކަން ދޭން އުނދަގޫވާން ފެށިހެން ހީވުމުން އަފާފް އެ ވާހަކަތައް މަދުކުރެވޭތޯ ބެލިއެވެ. އަދި ޝަރަފް ރަށުގައި ހުރި ފަދައިން ވެސް ކަންތައް ކުރި ގޮތަށް ފޯނުންވެސް އޭނަގެ ސާބިތު ފައިތިލައިގައި ދެމިހުރުމަށް ހިތްވަރު ދިނެވެ. ޝަރަފްގެ ހިތުގައި އޮތް ރަނގަޅު ނިޔަތެއްގެ ސަބަބުން އޭނަ ދެކުނު އެހާ ބޮޑު ހުވަފެނެއް ފުރިހަމަވުމަށް އޮތް ހުރަހެއް ކަމަށް އަފާފްވާކަށް ބޭނުމެއް ނުވިއެވެ. އަދި ޝަރަފް އެ ހޯދާ ލަނޑުދަނޑިތަކުން އޭނައަށް ލިބިދާނެ ޘަވާބުން މަޙްރޫމްކުރުވާ މީހަކަށްވެސް މެއެވެ.

އަފާފްގެ އެކަނިވެރިކަން ކުޑަކޮށް ވެސް ފިލައިދަނީ ދޭތެރެ ދޭތެރެއިން ޝަބާ އޭނައަށް ކުރާ ޒިޔާރަތްތަކުގެ ސަބަބުންނެވެ. ޝަރަފް ފުރި ދުވަހު އެ ވަގުތުގައި ޝަބާ އޮފީހުގައި ހުރީތީ އެދުވަހު އެގެއަށް ނުދެވުނެއްކަމަކު އޭގެ އަނެއްދުވަހު ޝަބާ އަފާފާއި ބައްދަލުކުރަން ދިޔައެވެ.

"ކޮބާ ކިހިނެއްތަ ޙާލުއަހުވާލު؟" އެދުވަހު ޝަބާ އަފާފްގެ ކޮޓަރިއަށް ވަދެގެން އަންނަމުން އުޖާލާވި އަޑަކުން އަހާލިއެވެ.

"އަލްޙަމްދުލި ﷲ ހަމަ ރަނގަޅު." އަފާފް ފަނޑު ހިނިތުންވުމަކާއެކީ އެހެން ބުނެލީ އޭނަގެ މޭޒުދޮށުގައި ފަންސުރަކުން ގަނޑެއްގައި ކުރަހަން އިނދެ އޭނަގެ މަސައްކަތް ހުއްޓާލަމުން އަޑުއައި ދިމާލަށް މޫނު އަނބުރަމުންނެވެ.

"ހާދަ ޖޯޝެއް ނެތިއޭ އަލްޙަމްދުލި ﷲ ތި ކިޔާލީ. ހެހެ....އަފޫއެއްނު އަހަރެން ކައިރި ބުނީ ދެރަވެފަ ހުރެ އަލްޙަމްދުލި ﷲ ކިޔުނީމަ އޭގެ މާނައާ ނުގުޅޭނެއޭ؟" ޝަބާ ގޮސް އަފާފްގެ ކޮނޑުގައި އަތް އަޅާލަމުން ވާހަކަ ދެއްކިއެވެ.

"އާނދޯ؟ އެކަމަކު އިންސާނަކު ވިއްޔާ ހަނދާންނެތިދާނެތާ." އަފާފް ބުންޏެވެ.

"އާނ އާނ.....ލޯބިވާ ފިރިމީހާ ނެތީމަ ދެން ވާނީވެސް އެކަހަލަ ގޮތެއްދޯ؟" ޝަބާ ފުރަގަހުން އަފާފްގެ ގައިގައި ބައްދާލަމުން ލާނެތް ރާގަކަށް ބުނެލިއެވެ.

"އައްޗި މަ ނުއުޅެން އޭނައާ ހެދިއެއް." އަފާފް ލަދުގަތެއްކަމަކު ނޫންކަމަށް ހަދާފައި އޭނަ ބުނެލިއެވެ. އެއާއެކު ޝަބާ އުނހޫއޭ ކިޔަން ފެށިއެވެ. ޝަބާއަށް އަފާފްގެ ކުރިމަތީގައި އޮތް ގަނޑުގައި ކުރަހާފަ އޮތް އެތި ފެނުނީ އެވަގުތެވެ. އެއާއެކު އޭނައަށް ވާހަކަ ދެކެވުނެވެ.

"މާ ޝާ ﷲ މިއީ އަފޫ ކުރަހާފަ ހުރި އެއްޗެއްތަ؟" ޝަބާ އަފާފާއި ދުރުވެލުމަށްފަހު އެ ބޮޑު ގަނޑަށް ބަލަން ހުރެ އެހެން އަހާލީ ހިސާބަކަށް އަޖާއިބުވެ ހުރެއެވެ. އެގަނޑުގައި ގެއެއް ކުރެހިފައިވީއިރު ފުރަތަމަ ސިކުންތުގައި އެއީ ނުފެންނަ މީހަކު ކުރަހާފައި ހުރި އެއްޗެއްހެން ހިއެއްނުވާނެއެވެ. ރޮނގުތައް ކުރެހެން ނުޖެހޭ ބައެއް ދިމަދިމާލުން ކުރެހިފައިވިއެއްކަމަކު އެއީ ދެބުރިއަށް ނަގައި، ގޭޓެއް ލެވިފައި، ފާރުތައް ވެސް ޑިޒައިން ކުރެވިފައިވި ގެއެއްކަން ނަގައިގަނެވެއެވެ.

"އާނ.....ޝަރަފް ވަރަށް ގިނަ ދުވަސްވެއްޖެ އަހަރެން ކައިރި ބުނާތާ ލޮލަށް ނުފެނުނަސް އަހަރެން އަހަރެންގެ މަސައްކަތް ކުރަންވާނެއޭ. އެއްދުވަހު އޭނަ ބުނެގެން އަހަރެން ކުރެހީ. ކުރެހީމަ އޭނަ ވަރަށް ރީއްޗޭ ކިޔާފަ ބޮޑު އެކްޓުގަނޑެއް ޖެއްސި. އަހަރެން ހީކުރީ އަހަރެން ހައްދަން އޭނަ ދޮގު ހަދަނީ ކަމަށް. އެކަމަކު ބައްޕަމެން ވެސް ކުރެހުން ރީތިވެގެން އުޅުނީމަ އަހަރެން އޭގެ ފަހުން ހަމަ ކުރަހަން. އެކަމަކު އެއްވެސް ކުރެހުމެއް އަދި އޮފީހާއި ހަމައަކަށް ނުގެންދަން." އަފާފް ކިޔައިދިނެވެ.

"މާ ޝާ ﷲ ހަމަ އަސްލުވެސް ހާދަ ރީއްޗޭ. ބާރަކަ ﷲ ފީކި! ދެން އަފޫ އެހެންވީމަ އަނބުރާ އޮފީހަށް އަންނަންވީއެއްނު؟ އެ ނާފިޒާ އަފާފްގެ މަޤާމަށް އައިފަހުން ހާދަ މައްސަލަތައް ގިނަވެގެންނޭ މިއުޅެނީ. ކޮންމެ ދުވަހަކު ބޯގޮވާވަރުވޭ. އެއްމީހަކު އަނެއްމީހަކާ އަޅާ ކިޔައި ދޭތެރެ ޖައްސަނީ ވެސް އެހާވަރަށް. އަދި.....އަފޫ ނުވެސް އަންނަމެއްނު އެންމެ ފަހުން އެކައުންޓެންޓެއްގެ މަޤާމަށް ކުއްޖަކު ނެގިއިރު. އެ ނާފިޒާ ނެގީ އެ ކުންފުންޏާއި ނުވެސް ގުޅޭ ޒާތެއްގެ ކުއްޖެއް! ކުރުކުރު ހެދުން ލައިގެން ބޯ ފަންކޮށް ބޮލުގަ ކުލަ ޖައްސައި މަތިމައްޗަށް މޭކަޕްކޮށްގެން ހުރި މަންޖެއެއް އެއީ. އެއީ ވެސް ކަތުރު ފަންޏެއްކަހަލަ މަންޖެއެއް!" ޝަބާ އިންތިހާ ދަރަޖައިގެ ނުރުހުންތެރިކަމާއެކީ ކިޔައިދިނެވެ.

"އަސްލުވެސްތަ؟" އަފާފަށް ވެސް އެހެން އަހާލެވުނީ ހިސާބަކަށް ހިތްހަމަނުޖެހި ވިސްނުމެއްގެ ތެރޭގައި ހުރެއެވެ. އެދުވަހު އިންޓަވިއުގެ ވާހަކަ ބައްޕަ ބުނުމުން ވެސް އޭނަ ނުދިޔައީ އެދުވަހު އޭނަ ބަލިވެ އުޅުނީތީވެއެވެ. އެ މަޤާމަށް އެކަށޭނަ ކުއްޖަކު ނަގާނެ ކަމަށް އޭނަ ނާފިޒާއަށް އިތުބާރު ކުރިއެވެ. ނާފިޒާއަކީ ވަރަށް ގިނަ ދުވަސްވަންދެން އެ އޮފީހުގައި މަސައްކަތް ކޮށްފައި ހުރި މީހަކަށްވާތީވެއެވެ. އެހެނަސް މިއަދު މި އިވެނީ ކޮން ވާހަކައެއް ހެއްޔެވެ؟ އަފާފް ވަކި އެއްވެސް ދުވަސްވަރެއްގައި ބުރުގާ ނާޅާ ކުއްޖަކަށް އެ ކުންފުނިން ވަޒީފާއެއް ދީފައި ނުވަނީއެއްނޫނެވެ. އެހެނަސް އޭނަ ކޮންމެ މީހެއްގެ ވެސް އިޚްލާޞްތެރިކަމާއި އަޚްލާޤް ހުރި މިންވަރަށް ބަލައެވެ. އެ ކުންފުނީގައި އޭނަ ޤާއިމްކުރަން އުޅޭފަދަ އެކަކު އަނެކަކަށް އެހީވެ އެއްބާރުލުންދޭ ފަދަ މާޙައުލަށް ލޮޅުމެއް ގެނެސްފާނެ ފަދަ މީހަކަށް އޭނަ ވަޒީފާއެއް ނުދެއެވެ. ޝަބާ އެ ދިން ޚަބަރުން އޭނަގެ ސިކުނޑިއަށް ހާސްކަމެއް ވެރިވީ އެހެންވެއެވެ.

"އެއީ ފޫހިވާ ޒާތެއްގެ އަންހެނެއް ހުވާ. ފުރަތަމަ ދުވަހުއްސުރެ ތިމަންނައަށްވުރެ މާ މޮޅު މީހެއްނެތްކަން ދައްކަން މަސައްކަތް ކުރަމުންދަނީ. ބުނާނެ......ހަނާ އަބަދުވެސް ޖަހަނީ އެ އަގުބޮޑު ސެންޓޭ. ހަނާ ތިކަހަލަ ކަޓު ގޮތަށް ފަހާފަ ތިބޭ ހެދުން ނުލަމޭ. ތިރި ފައިވާން ލަނީ ހަނާގެ ކްލާސްގެ މީހުންނެއްނޫނޭ. ހަނާ ދިސް! ހަނާ ދެޓް! އަރްރްރްގް!" ޝަބާ ނުހަނު ގަދަ ރުޅިވެރިކަމެއްގައި ހުރެ އެ ފަދަ ގޮތަކަށް ވާހަކަ ދެއްކުމުން އަފާފްގެ ހިތަށް އުނދަގޫވިއެވެ.

"ޝަބް.....ދޮންތާ....އަހަރެން ހަނދާން ނެތުނު ގޮތަށް ދޮންތަ ވެސް ހަނދާން ނެތުނީދޯ؟ އެހެން މީހުންނާމެދު ވާހަކަ ދެއްކުމުގެ ކުރިން ޚުދު އަހަރެމެން ވެސް ތައުބާވުމުގެ ކުރިން އުޅުނު ގޮތާއިމެދު ވިސްނަންޖެހޭ. ވެދާނެ އަހަރުމެން ދުވަހަކުވެސް އެފަދަ ގޮތަކަށް އުޅެފައި ނުވާކަމަށް. އެކަމަކު ތިބުނާ ހަނާއަށް އެގޮތަށް އުޅެން ޖެއްސީ އޭނަގެ ޙަޔާތުގައި ދިމާވި ކޮންކަހަލަ ޙާލަތްތަކެއް ކަމެއްނޭނގޭ. އޭނަ ތަޙައްމަލުކޮށްފައި ހުރި ކަންތައްތަކެއް ހުރިކަން އަހަރުމެންނަކަށް ނޭނގޭ. އަދި އޭނަގެ ހިތުތެރޭގައި ފޮރުވިފައިވަނީ އަހަރުމެންގެ ހިތުގައި އޮތް ހެވައްވުރެ ބޮޑު ހެވެއްކަމެއް ވެސް ނޭނގޭ. އޭނަ ތައުބާވި ދުވަހަކުންވެގެން ދާނީ އަހަރުމެންނަށްވުރެ މާ ބޮޑަށް ﷲ ދެކެ ލޯބިވެ އެކަލާނގެ ދީނަށްޓަކައި މަސައްކަތްކޮށްދޭނެ މީހަކަށްކަމެއް ނޭނގޭ. ނޫންތަ؟" އަފާފް ވިސްނުމެއްގެ ތެރޭގައި ހުރެ އެހެން ބުނެލީ ޚުދު އޭނަގެ އަމިއްލަ ނަފްސަށް ވެސް ހަނދާންކޮށްދިނުމެއްގެ ގޮތުގައެވެ. އެއާއެކު އޭނަގެ ހިތުގައި ހަނާއާއި ބައްދަލުކޮށް އޭނައާއި ގުޅުން ބަދަހިކޮށް ނަޞޭޙަތެއް ދިނުމުގެ ޝައުޤު އުފެދިގެން ދިޔައެވެ. އަފާފްގެ ހިތުތެރޭގައި ހިނގާނީ އެފަދަ އިޙްޞާޞްތަކެއްކަން އެނގުނު ޝަބާއަށް ފުން ނޭވައެއް ދޫކޮށްލެވުނީ ހިސާބަކަށް އަމިއްލަ ނަފްސު ކުށްވެރިކުރަމުންނެވެ. އެހެނަސް......

"އެކަމަކު އަފޫ......ނޭނގޭ ކީއްވެކަމެއް. ވަރަށް ހީވޭ ހަނާއަކީ މުޅި ކުންފުންޏަށް ވެސް ހުރި ނުރައްކަލެއްހެން. އޭނަ ދައްކާ ބައެއް ވާހަކަތަކުން ހީވޭ." ޝަބާ އެހެން ބުނެލީ ސީރިއަސްކަމާއެކީގައެވެ. އެވަގުތު އޭނަގެ ހަނދާނަށް އަންނަމުން ދިޔައީ އެއްދުވަހު ހަނާ ކޮންމެވެސް ކުއްޖަކު އަފާފަށް ތަޢުރީފު ކުރަމުން ދަނިކޮށް ރުޅިވެރިކަމާއެކީ އެކުއްޖާގެ މޫނަށް ކޮފީތަށްޓެއް ބުރުއްސި ހަނދާނެވެ. އަފާފް ގާތު އެ ވާހަކަ ބުނަން ބޭނުންވިއެއްކަމަކު ޝަބާއަށް އެ ފުރުޞަތެއް ނުލިބުނެވެ. އަފާފް ހީލުމަކާއެކީ ހީތަކާއިބެހޭ އާޔަތް ކިޔާލިއެވެ. ޝަބާވެސް އެއަށް ހިނިތުންވުމެއް ދައްކާލީ އޭނަ މިވަގުތު އިންޒާރެއް ދޭން އުޅުނަސް އެ ވާހަކަ ދާނެ މިޞްރާބު އެނގޭތީވެއެވެ. ކޮންމެވެސް އެހެން ދުވަހަކުން ވަގުތެއް ހޯދައިގެން އަފާފަށް ކުރިމަތިވާން އުޅޭހެން ހީވާ މުޞީބާތެއްގެ ވާހަކަ ޙިއްޞާކުރަން ނިންމަމުން ޝަބާ އެދުވަހު އަފާފަށް އަލްވަދާޢު ކީ އެހެންވެއެވެ.

އޭގެ ދެދުވަހެއްހާ ދުވަސްފަހުން ބައްޕަ ނުހަނު ޖޯޝާއެކީ އެގެއަށް އަންނަން އުޅޭ މެހުމާނެއްގެ ވާހަކަ ދައްކަން ފެށުމުން އަފާފަށް ލިބުނީ ހިސާބެއްގެ ޙައިރާންކަމެކެވެ. އެހެނީ މީގެ ކުރިން ވެސް ބައްޕައާއި ބައްދަލުކުރަން އެގެއަށް މެހުމާނުންތަކެއް އައިސްފައިވެއެވެ. އެހެނަސް ބައްޕަ އެއްވެސް މެހުމާނަކު އަންނާތީ އެފަދަ އުފާވެރިކަމެއް ފާޅުކޮށްފައެއް ނުވެއެވެ. މެހުމާނު އަންނަން އޮތް ދުވަހު ވަރަށް ގަދައަށް ކައްކަން ވެސް އެންގުމުން އަފާފަށް އެންމެ ފަހުން އެ ސުވާލުކޮށްލެވުނެވެ.

"އެއީ ވަރަށް ޚާއްޞަ ކުއްޖެކޭ. އެ ކުއްޖާގެ ބައްޕައަކީ ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއް. ބައްޕަ އެންމެ ފުރަތަމަ ވިޔަފާރިއެއް ފަށައިގަތުމަށް އެހީވެދިނީ އެ ކުއްޖާގެ ބައްޕަ. އެ ބައްޕަ މިހާރު އުޅެމުންދަނީ ލަންކާގަ. އެ ބައްޕަ ހިންގާ ރިސޯޓު މިހާރު ބަލަހައްޓަނީ އެ ކުއްޖާ. ކުރީ ދުވަހު ފިހާރައެއްގެ ތެރެއިން އެ ކުއްޖާ އަތުގަ އޮތް ކާޑެއް ފެނިފަ އެނގުނީ އެއީ ހަމަ އަހްމަދުގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅުކަން. ބައްޕަ ވަގުތުން އެކުއްޖާ މިގެއަށް އައުމަށް ދަޢުވަތު ދިނިން. އެދުވަހު ވަގުތެއް ނެތޭ ކިޔާފަ ދިޔައީ. ދެން މިރޭ ވަގުތެއްވީމަ މިރޭ އަންނަން ނިންމީ. އަފާފް ވެސް ހުންނަންވާނެ އޭނަ އަންނައިރު." ހުސެއިން ސިޓިންގް ރޫމުގެ ސޯފާގައި ނޫހެއް ހިފަހައްޓައިގެން އިނދެ ކިޔައިދީފައި އެންގިއެވެ. އެ އެންގި އެންގުމުން އަފާފް ނުރުހުންވާ ގޮތްވިއެވެ. ހިލޭ ފިރިހެނެއްގެ ކުރިމައްޗަށް އަންނާކަށް އޭނަ އެއްގޮތަކަށް ވެސް ބޭނުމެއްނޫނެވެ. އަދި އެއީވެސް ޝަރަފް ނެތް ޙާލަތެއްގައެވެ. އޭނަ ވަގުތުން ބައްޕައާއި ޖަދަލުކުރަން ބޭނުންވިއެވެ. އެހެނަސް އެވަގުތު އޭނަ ވާހަކަ ދައްކައިފިނަމަ ޙާލަތު ގޯސްވުން ނޫންކަމެއް ނުވާނެކަން ދަނެގެން އަފާފް ހިމޭންކަން ޚިޔާރު ކުރިއެވެ.


އަފާފް ހުރީ އެ މެހުމާނު އަންނާނެ އިރަކަށް އޭނަ ހުންނަން"ޖެހޭކަން" ބައްޕައާއި މަންމަވެސް ހަނދާން ނެތިދާނެ ކަމުގެ އުއްމީދުގައެވެ. އެ ބައްދަލުވުމުގައި އޭނަ ހުންނަންޖެހޭ ސަބަބެއް ޙަޤީޤަތުގައި އޭނައަށް ނުވެސް ވިސްނެއެވެ. އޭނަ އެ ބައްދަލުވުމުގައި ދައްކާނީ ވަކި ކޮން ވާހަކައެއް ހެއްޔެވެ؟ އެރޭ 8:30 ވާން ގާތްވެފައި ވަނިކޮށް މަންމަ އޭނަ ބޭރަށް ގެންދިޔުމަށްޓަކައި ބަލައި އައުމުން ވެސް އޭނައަށް ކޮށްލެވުނީ އެ ސުވާލެވެ.

"ބައްޕަގެ ބަސްއެހުމުގެ ކުރިން ސުވާލުކުރަން ވެސް ފެށީދޯ މިހާރު. ހާސްނުވޭ! އަހަރުމެން ނުއުޅެން ކަލެއާ ކަލޭގެ ފިރިމީހާއަށް ސިހުރެއް ހަދާކަށް!" ޝާދިޔާ ވާހަކަ ދެއްކި ގޮތުން މިފަހަރު ވެސް އަފާފްގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. މަންމަ އޭނަ ދަމައިގެން ދާން ފެށުމުން އަފާފަށް އިތުރު ޙަރަކާތެއް ނުކުރެވުނީ އެވަގުތު އޭނަގެ ހިތް ދެރަވީ މިންވަރުންނެވެ. އެވަގުތުވެސް ބޭރުގައި ހުންނާނީ މުސްކުޅި ފުރައިގެ ފިރިހެނަކަށްވާނެ ގޮތެއް ހައްދަވައިދެއްވުމަށް އެދި އޭނައަށް ދުޢާކުރެވުނެވެ. އެހެނަސް ސިޓިންގް ރޫމަށް ނިކުމެވުމާއެކު އޭނައަށް އިވިގެން ދިޔައީ އޮމާން، ފިރިހެންވަންތަ، ބަރު އަޑެކެވެ. އެ އަޑުން ނުހަނު ޖޯޝެއް އެކުލެވިފައިވި ހީލުމެއް އިވިގެން ދިޔުމުން އަފާފްގެ މެއަށް ނުބައި ގޮތެއްވިއެވެ. އެވަގުތު އޭނަ ޝަރަފްގެ މަތިން ހަނދާންވެގެން ދިޔައީ މާ ބޮޑަށެވެ. އޭނަ އަމިއްލަ ޚިޔާލުތަކުގައި ވަނިކޮށް މަންމަ އޭނަ އަތުލަފިކޮށްގެން ގޮސް ބެހެއްޓީ ސީދާ އެ ޒުވާނާއާއި ކުރިމައްޗަށް ވާގޮތަށް ހުރި ސޯފާގައެވެ. އޭނައަށް އެކަން އެނގުންވީ އޭނައަށް އިށީނދެވުނީ ވަކިން ހުރި ސޯފާއެއްގައިކަން ޔަޤީންވުމުންނެވެ. އަފާފަށް ވަގުތުން ތެޅިގަނެވެން އުޅުނު ވަގުތު އެ ޒުވާނާ ވާހަކަ ދެއްކިއެވެ.

"މީ ކޮން ކުއްޖެއް؟" އެ ޒުވާނާ އެހެން އަހާލިއިރު އޭނަ ހުރީ ހިނިތުންވުމެއްގައިކަން އެނގުންވުމުން އަފާފް ނުރުހުންވިއެވެ. ތީނައަކާއި ކޮންކަންހޭ ހިތަށްއެރިއެވެ.

"މިއީ އަހަރުމެންގެ ހުރި ހަމައެކަނި ދަރިފުޅު، އަފާފް. އަފާފްގެ ވެސް ހުންނާނެ އަމިއްލަ ކުންފުންޏެއް. އެލެގެންޓް ހޯމްސްގެ ވާހަކަ އަޑުއަހާފަ ކަންނޭނގެ ދޯ އޮންނާނީ؟" ހުސެއިން ބުނެލިއެވެ.

"އޮހް! އާނ އަޑުއެހިން. އެ ކުންފުނިވެސް އެކްސްޕޭންޑް ކުރަންވީއެއްނު އެހެން ރަށްތަކަށް؟ އެކަމަކު ހުސެއިނުބެ ފުރަތަމަ އަޅުގަނޑުގެ ރިސޯޓު ބޮޑުކުރަން އެހީވެދީފަ އިނގޭ؟ ހެހެ....." އެ ޒުވާނާ އެ ވާހަކަ ބުނެފައި ހީލި ވަގުތު އަފާފްގެ ދެބުމަ ކައިރިވެ އުނގުމަތީގައި އޮތް އޭނަގެ ދެއަތް ގޮށްމުއްކެވުނެވެ. ޝަރަފް ރިސޯޓެއް އެޅުމަށްޓަކައި އެހީއަށް އެދުމުން ބައްޕަ އޭނައަށް ދިނީ ބައްޕަ ޢާއްމުގޮތެއްގައި އެހީ ފޯރުކޮށްދޭ ފަދަ އެހީއަށްވުރެ ކުޑަ އިންސައްތައެއްގެ އެހީއެކެވެ. އެއީ ވެސް މި ދުވަސްކޮޅު ވިޔަފާރި އެހާ ރަނގަޅު ނޫންކަމަށް ބުނަމުންނެވެ. ބައްޕަ ޝަރަފަށް ޤަޞްދުގައި އެހީނުވެ މި ބީރައްޓެހި ޒުވާނާއަށް އެހީވާން ނިންމި ގޮތުން އަފާފްގެ ހިތްދަތިވީ ހިނދު ނުރުހުންވެސްވިއެވެ. އެ ނުރުހުންތެރިކަން ކޮޅުން ލައިގެން ދިޔައީ ދެން ދެކެވުނު ވާހަކައިގެ ތެރެއިން އެ ޒުވާނާގެ ނަން އިވިގެން ދިޔުމުންނެވެ.

"ދެން ވިޔާމްވީމަ އެހީވާންތާ ޖެހޭނީ. ސަނީ ސައިޑް ރިސޯޓްސް އެންޑް ސްޕާއަކީ މުޅި ޤައުމުން ވެސް ހޮވާލެވޭނެފަދަ ރިސޯޓަކަށްވެގެންދާނެ." ހުސެއިން ހިނިތުންވުމަކާއެކީ އެ ބުނެލި ވާހަކައިން އަފާފް ގަނޑުވެގެން ދިޔައެވެ. އެ އިވުނު ނަންތަކަކީ އޭނައަށް އާ ނަންތަކެއް ނޫންކަން އެނގުންވީ ހިނދު ސިކުންތުކޮޅެއްގެ ތެރޭގައި މީގެ ދުވަސްތަކެއް ކުރިން ޝަރަފް އޭނައަށް ކިޔައިދިން ވާހަކަތައް އޭނަގެ ހަނދާނަށް އައެވެ. އެއާއެކު އަފާފްގެ މޫނު ރަތްވެގެން ދިޔަދިޔަހެން އޭނައަށް ކޮޅަށް ތެދުވެވުނެވެ.

"މީނައަށް އެހީނުވާތި ބައްޕާ!" އަފާފަށް ރުޅިވެރިކަމާއެކީ އެހެން ބުނެލެވުނީ ހަރުއަޑުންނެވެ. އޭނައަށް އެއައި ކުއްލި ބަދަލެއްގެ ސަބަބުން އެތާތިބި ތިން މީހުން ވެސް ހުއްޓުން އަރާ ގޮތްވިއެވެ. އެހެނަސް ހިނދުކޮޅެއްގެ ތެރޭގައި ހުސެއިން ނުރުހުންތެރި އަޑަކުން އަފާފްގެ ނަން ކިޔާލިއެވެ.

"މީނައަށް އެހީވުމެކޭ އަލިފާންގަނޑަކަށް ގޮސް ފޭބުމެކޭ އެއީ އެއްކަމެއް. މީނައަކީ އެތައް ޢާއިލާއެއް ބަރުބާދުވެގެން ދިޔުމުގެ އަސްލު!" އަފާފް ދެންވެސް އިންތިހާ ދަރަޖައިގެ ރުޅިވެރިކަމާއެކީ ވާހަކަ ދެއްކިއެވެ.

"އަފޫ.....ޝަރަފް ދައްކާ ވާހަކަތަކަށް ހެއްލިގެން ތިކަހަލަ ވާހަކަތައް ނުދައްކަބަލަ. ރިސޯޓެއް ހިންގާ ކޮންމެ މީހަކީ އެކަހަލަ މީހެއްނޫނޭ...." ހުސެއިން ބުނެލިއެވެ. އަފާފަށް އެއަށްވެސް ވަގުތުން ރައްދެއް ދެވެން އުޅުނެވެ. އެހެނަސް ބައްޕަ އެ ބުނި އެއްޗަކާމެދު ވިސްނާލެވުމުން އިތުރަށް އެއްޗެކޭ ބުނާނެ ހިތްވަރެއް ނުލިބުނެވެ. އޭނަ އެއްޗެކޭ ނުބުނެ ހުއްޓާ ހުސެއިން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"ވިޔާމް، އަހަރުމެން ވަރަށް ބޮޑަށް މަޢާފަށް އެދެން އަފާފްގެ ފަރާތުން. އަފޫއަކީ ޢާއްމުގޮތެއްގަ ވަރަށް މަޑުން ހުންނަ ކުއްޖެއް އެކަމަކު ބައެއްފަހަރު އަފޫ އެގޮތަށް ރުޅިއަންނަނީ. ހެހެ....." ހުސެއިން އޭނަގެ ބަސްތަކުން އެ ޙާލަތު ހަމައަކަށް އަޅުވަން އުޅުނު ވަގުތު ޝާދިޔާ ގޮސް އަނެއްކާވެސް އަފާފް ސޯފާގައި އިށީނދުވިއެވެ.

"އެއީ މައްސަލައެއްނޫނޭ. އަންހެނުންނާއެކީ އަބަދުވެސް ވަރަށް ކެތްތެރިވާންވާނެ." ވިޔާމް، އޭނައަކީ މުޅި މި ދުނިޔޭގައި ވެސް ހުރި އެންމެ ރަނގަޅު ފިރިހެންމީހާހެން ހީވާ ފަދައަކުން ވާހަކަ ދެއްކިއެވެ. އެހެނަސް އަފާފް އެއިން ވެސް އޭނައަށް އިތުރަށް ފޫހިވުން ނޫންކަމެއް ނުވިއެވެ.

"ހެހެ....ވިޔާމް އުޅެނީ މީހަކާ އިނދެގެންތަ؟" ހުސެއިން ފުރިހަމަ ހިނިތުންވުމަކާއެކީ އަހާލިއެވެ. އެއާއެކު ވިޔާމް ފުން ނޭވައެއް ދޫކޮށްލަމުން ބޯހޫރުވާލިއެވެ.

"އަދި ރަނގަޅު ކުއްޖަކު ނުފެނިގެން މިއުޅެނީ." ވިޔާމް އެހެން ބުނެލީ އޭނަގެ ނަޒަރު އަފާފަށް ހުއްޓަމުންނެވެ. އެވަގުތުވެސް އަފާފްގެ މޫނުމަތީގައިވީ އޭނަ ހިތްހަމަނުޖެހިގެން އުޅޭ ފަދަ އަސަރެކެވެ.

"ހާދަ ދެރައޭ.....އަހަރުމެންގެ އަފާފްވެސް އުޅެނީ މީހަކާ އިނދެގެން. އެ ނޫންނަމަ އަހަރުމެން އަފޫ ތިކަހަލަ ތަނަވަސް، ރަނގަޅު ކުއްޖަކާ ދެވީމުސް." ހުސެއިން އެހެން ބުނެލި ވަގުތު ވިޔާމްގެ މޫނުމައްޗަށް ނުލަފާ ހިނިތުންވުމެއް ވެރިވީ ހިނދު އަފާފް އައި ރުޅިން މުޅި މީހާ ރޫރޫ އަޅައިގެން ދިޔައެވެ.

Comments

Popular posts from this blog

Arabic Pronouns (dhameer)

Harf of Nasb (English + Dhivehi)

Mudhaaf-mudhaaf ilaihi and pronouns (English lesson)