Nur (part 29)


އެ ހިނދު އަންހެނެއްގެ އަނގައިން ނިކުތް އަޑު އިވިގެން ދިޔުމުން އެއީ އަންހެނެއްކަން އެނގުންވީ ވަގުތު އަފާފް ކައްސާލާފައި ވެއްޓެން ދިޔައެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އަފާފް ގޮސް ބިންމަތީގައި އަރިއަކަށް ގޮސް ޖެހުނެވެ. ގައިގެ ދަށުގައިވި އަތަށްވީ ތަދާއެކީ އަފާފްގެ އަނގައިން ވޭނީ އަޑެއް ނިކުތެވެ. ދެލޯ ތަގުޅިކޮށްފައި ހުޅުވާލި ވަގުތު އެފަދަ ޙާލަތެއްގައި ވެސް އެއްވެސް އެއްޗެއް ނުފެނުމުން އަފާފްގެ ލޮލުން ކަރުނަ ހިލުނެވެ. މި ޙާލަތުގައި އޭނަވަނީ އެކަނިހެން ހީވި ވަގުތު ބައްޕަ ހަޅޭއްލަވައިގަތް އަޑު އިވުނެވެ. ބައްޕަ އޭނައަށް ނުވެސް އެނގޭ ހުތުރު ބަހަކުން އެ އަންހެން މީހާއާ ދިމާލަށް އެއްޗެހި ކިޔުމުން އެ އަންހެން މީހާ ރޯން ފެށި އަޑުން އެއީ މުސްކުޅި އަންހެނެއްކަން އަފާފަށް އެނގުނެވެ. އެމީހާއަށްޓަކައި ހިނދުކޮޅަކަށް ނަމަވެސް ހިތުގައި ޙަމްދަރުދީއެއް އުފެދެން އުޅުނެއްކަމަކު ބައްޕަ އޭނަ ތެދުކުރުވަން އުޅުމުން ކަނާތް އަތުގައި އުފެދުނު ރިހުމެއްގެ ސަބަބުން އެ ހުރިހާ ކަމެއްގެ މަތިން ހަނދާންނެތުނެވެ.

ކާރުގައި ބާރު ސްޕީޑެއްގައި ހޮސްޕިޓަލަށް ދިޔަ ވަގުތުވެސް އަފާފްގެ އަތުގައި ވޭނެއް އުފެދިފައިވިއެވެ. އެ ވޭނުގެ ތެރެއިން ވެސް އޭނައަށް މަންމައާއި ބައްޕަގެ ޒުވާބުތަކަށް ސަމާލުކަމެއް ދެވުނެވެ. އެ ޒުވާބުތަކުގެ ތެރެއިން އިވުނު ވާހަކަތަކުން އޭނައަށް އެ އަނިޔާއެއް ދިނީ ސިކުނޑި ހަމަނުޖެހޭ މީހެއްހެން އަފާފަށް ހީވިއެވެ. މަންމަ އަވަސް ބަހުރުވައިން ދެއްކި ވާހަކައިގެ ތެރެއިން ޝަރަފްގެ ނަން ވެސް އައިހެން ހީވުމުން އަފާފް ސިހުންވާ ގޮތްވިއެވެ. އެހެނަސް އޭނަ އެކަމާމެދު އިތުރަށް ސުވާލުކުރާކަށް ބޭނުމެއްނުވިއެވެ. އިތުރަށް ސުވާލުކުރާނެ ހިތްވަރެއް އެވަގުތު ނުވެސް ނެތުމުންނެވެ. އަދި ސުވާލުކުރަން ހިތަށްއެރި ވަގުތަކީ ބައްޕަ ޝަރަފަށް ގުޅައި މި ޚަބަރު ދިން ވަގުތަށް ވެސް ވުމުންނެވެ.

ޝަރަފަށް އެ ޚަބަރު ލިބިގެން ދިޔައީ އޭނަ އޮފީސް ނިންމާލާފައި ގޮސް ހުސެއިން އޭނައަށް ހަދިޔާ ކުރި ސައިކަލަށް އަރައި ސްޓާޓްކުރަން އުޅުނު ވަގުތެވެ. އެކޮޅުން އިވުނު ވާހަކައިން ޝަރަފްގެ މޭގަނޑު އަތަށްއައެވެ. އޭނަގެ ޣައިރު ހާޒިރީގައި ފާއިތުވި އެންމެ ފުރަތަމަ ދުވަހު ވެސް އަފާފަށް ކުރިމަތިވި ޙާލަތު ތަޞައްވުރު ކުރެވުމުންނެވެ. އޭނަ ހަމަ އެ ހިނދުކޮޅުގައި އައި ރުޅީގައި ހުސެއިނާއި ދިމާލަށް ވެސް އެއްޗެހި ގޮވައިގަންނަން ބޭނުންވިއެވެ. ބޭރު ތަނަކަށް ގޮސްފައި ފަރުވާކުޑަ ކަމާއެކީ އަފާފާއި ދުރަށް ދިޔަ ކަމަށްޓަކައެވެ. އަމިއްލަ ރުޅި ކޮންޓްރޯލް ނުކުރެވޭނެހެން ހީވި ވަގުތު ޝަރަފް އަވަސްއަވަހަށް އޯކޭ ދެމުން ފޯނު ކަނޑާލީ އެންމެ ރަނގަޅު ވާނީ އެގޮތަށް ހެދުމުންކަމަށް ނިންމަމުންނެވެ. އެއަށްފަހު އޭނައަށް އެ އާ ސައިކަލު ލިބުނުފަހުން ދުވަހަކުވެސް ނުދުއްވާހާ ބާރަށް ދުއްވާފައި އޭނަ ހޮސްޕިޓަލަށް ދިޔައެވެ. ހޮސްޕިޓަލަށް ވަދެވުމާއެކު އޭނަ ހުސެއިނަށް ގުޅާލިއެވެ. ހުސެއިން ބުނި ގޮތުގައި އަފާފްގެ އެކްސްރޭއިން އޭނަގެ އަތުގައި ރެސްލާފައިވާކަން ފާހަގަވެފައިވީތީ ޕްލާސްޓަރު އަޅަން ވައްދާލެވިފައިވީ ކަމަށެވެ. ޝަރަފް ވަގުތުން އެކަން ހިނގަނީ ކޮން ފަންގިފިލާއެއްގެ ކޮން ތިއޭޓަރެއްގައިތޯ ހޯދައި އެހާ ހިސާބަށް ދިޔައެވެ. އޭނަ ފެނުމާއެކުހެން ޝާދިޔާ އައިސް ރުޅިވެރިކަމާއެކީ އޭނައާއި ވާހަކަ ދައްކަން އުޅުނެވެ. އެހެނަސް ހުސެއިން ހިސާބެއްގެ ހަރުއަޑަކުން ޝާދިޔާއަށް ގޮވާލުމުން ޝާދިޔާ ހުއްޓުނެވެ. އެކަން އެހެން ވާންވީ ސަބަބެއް ނޭނގުނެއްކަމަކު ޝަރަފް އެކަމަކަށް މާ ބޮޑު ސަމާލުކަމެއް ނުދިނެވެ. އޭގެ ބަދަލުގައި އޭނަ އިންތިޒާރުކުރީ އަފާފް ތިއޭޓަރުން ނެރޭނެ އިރަކަށެވެ.

ތިއޭޓަރުން އަފާފް ނެރެވުމާއެކުހެން ޝަރަފް ގޮސް އަފާފްގެ މިނިވަންވެފައި އޮތް އަތުގައި ހިފައި އަފާފްގެ ނަމުން ގޮވާލީ އޭނަ ހުރިކަން އެންގުމަށްޓަކައެވެ. އެނދުކުރިއަށް ދިޔަ ވަރަކަށް ޝަރަފްވެސް އެއާއެކީ ކުރިއަށް ދިޔަދިޔަހެން އަފާފް އޭނަގެ ނަމުން ވެސް ގޮވާލިއެވެ. އެއަށްފަހު ޝަރަފްގެ އަތުގައި ބާރަށް ހިފަހައްޓާލީ އޭނަ ޝަރަފަށް ބޭނުންވާކަން އެންގުމަށެވެ. އެދެމަފިރިންނަށް ނޭނގުނު ކަމަކީ އެ ދެމީހުންގެ އެ ލޯތްބަށް ލޮޅުމެއް ގެނެސްފާނެ ފަދަ ޚަބަރެއްގެ ވާހަކަ އެދެމީހުންގެ ފަހަތުން ދެކެވެމުން ދިޔަކަމެވެ.

"ޚަބަރުދާރު އެއްވެސް އެއްޗެކޭ ބުނިއްޔާ ޝާދިޔާ! އަފާފަށް އުފާވެރި ދިރިއުޅުމެއް ހޯދައިދެވިފަ މިވަނީ ވަރަށް ގިނަ ދުވަސްތަކެއްގެ ބުރަ މަސައްކަތަށްފަހު ވަރަށް ދިގު އިންތިޒާރެއް ކޮށްގެން. ހަމައެކަނި ތިމާގެ ބަސް މޮޅުކުރަން އަމިއްލަ ދަރިފުޅުގެ ދިރިއުޅުން ބަރުބާދުކޮށްނުލާތި." ޝާދިޔާގެ އަތުގައި ހިފައި އޭނައާއި އެއްވަރުކުރުވަމުން އަފާފްގެ އެނދުގެ ފަހަތުން ހިނގާފައި ދިޔަ ހުސެއިން މަޑުމައިތިރި އަޑަކުން ބުނެލިއެވެ. އޭނަގެ އެވާހަކައަށް ޝާދިޔާ އޭނައަށް ބަލާލުމުން ހުސެއިން މާ ބޮޑު ފަރުވާލެއްނެތި ކުރިއަށް ދިޔައެވެ. އެހިނދު ޝާދިޔާގެ މޫނުމައްޗަށް ނުރުހުމުގެ ކުލަވަރު ވެރިވިއެވެ. ހުސެއިނަށް ނޭނގުނު ކަމަކީ ޝާދިޔާ ވަކި 'އެއްޗެކޭ' ބުނަން އުޅެނީ އޭނަގެ ނަޒަރިއްޔާތުން އަފާފްގެ އުފާވެރި ޙަޔާތް ބަރުބާދު ކޮށްލާކަށްނޫނެވެ. ޝާދިޔާގެ ނަޒަރުން އޭނަ ޙަޤީޤަތް ފާޅުކުރަން ބޭނުންވަނީ އަފާފަށް ލިބިދާނެ ގެއްލުމަކުން ސަލާމަތް ކުރުމަށެވެ. އޭގެ ފަހަތުގައި ފޮރުވިފައިވި އަމިއްލަ އެދުން ބޮޑުކަން ޝާދިޔާއަކަށް ނުފެނެއެވެ.

ޕްރައިވޭޓް ރޫމަކަށް އަފާފް ވައްދާލެވުމުން ޝަރަފަށް ކެތްމަދުކަމާއެކީ އަފާފްގެ ގައިގައި ބައްދައި އަފާފްގެ ނިތުގައި ބޮސްދީފައި ކިހިނެއްތޯ އަހާލެވުނީ ބޭއިޚްތިޔާރުގައެވެ. ހުސެއިން، ޝާދިޔާއާއެކީ އިރުކޮޅެއްވަންދެން ބޭރުގައި މަޑުކުރީ އެދެމީހުންނަށް ވަގުތު ދިނުމަށެވެ. އެވަގުތުކޮޅުގައި ވެސް ހުސެއިން ޝާދިޔާއަށް ސީރިއަސް ނަޒަރުތައް ދީ އޭނަ ދެއްކި ވާހަކަތަކުގެ މަތިން ހަނދާން ކޮށްދިނެވެ. އެއިން ޝާދިޔާގެ ރުޅި އިތުރުވުން ނޫންކަމެއްނުވިއެވެ.

**

"އޯންވް......ހީރޯ އެންމެ ހިނދުކޮޅަކަށް ގެއްލުނީމަ ވީވަރުދޯ މީ؟" އަފާފް ކިޔައިދިން ވާހަކަ އަޑުއަހާފައި އޭނަ ހެއްވާލުމުގެ ނިޔަތުގައި ޝަރަފް ސަމާސާ ރާގެއް އަޅުވާލިއެވެ. އޭނަ ހީކުރީ އަފާފް ވެސް އޭނައަށް ބޭނުމެއް ނުވާކަމަށް ބުނެ ސަމާސާވެރި ޙަމަލާއެއް އޭނައަށް އަމާޒުވާނެކަމަށެވެ. އަފާފްގެ ގޮތަކީ އެއީ ކަމަށްވާތީވެއެވެ. އެހެނަސް........

"އާނ......ދެން ނުދައްޗޭ ޝަރަފް. އަހަރެން ވަރަށް ދެރަވޭ ޝަރަފް ނެތީމަ." އަފާފް އޭނަގެ މޭމަތީގައި ބޯއަޅާލަމުން އެހެން ބުނެލި ގޮތުން ޝަރަފް އުފާވެ ހިސާބަކަށް ދެރަވާގޮތްވިއެވެ. އަފާފްގެ ނުކުޅެދުންތެރިކަމާއެކީ ވެސް އޭނަ މިނިވަން ކުއްޖަކަށް ހެދުމަށްޓަކައި ކުރި ހުރިހާ ކަމެއް އެއްވުމުން ވެސް އަފާފް އޭނައަށް އެހާ ބޭނުންވާކަމަށްޓަކައެވެ. ދެމީހުން ތިބިގޮތަށް ތިއްބާ ހުސެއިން ދޮރު ހުޅުވާލުމުން ދެމީހުންނަށް އެކަކު އަނެކަކާ ދުރުވެވުނެވެ. ހުސެއިން ނުހަނު އުޖާލާ ހިނިތުންވުމަކާއެކީ ވަދެފައި އަފާފް ކިހިނެއްތޯ އަހާލިއެވެ. އަފާފް ޖަވާބު ދިނުމުން ހާދަ ދެރަދޯއޭ ހުސެއިން ބުނެލިއެވެ. އޭގެ މާ ގިނައިރެއްނުވެ ރުޅިން ރަތްވެފައި ހުރި ޝާދިޔާ އެ ރޫމުގެ ތެރެއަށް ވަދެގެން އައެވެ. އޭނަ އަފާފްގެ އެނދުގެ ކައިރީގައި ހުއްޓިލިއެއްކަމަކު އަފާފްގެ ޙާލު ބަލާކަށް ވެސް ނުއުޅުނެވެ. އެހެންކަމުން ދެންތިބި މީހުން އޭނައަކަށް މާ ބޮޑު ފަރުވާލެއް ނުދިނެވެ. އޭގެ ބަދަލުގައި ޝަރަފް ކުރީ އިތުރު ސަމާސާތަކެވެ. ޝަރަފް ހެވިފައި ހުރިތަން ފެންނަމުން ދިޔަ ކޮންމެ ސިކުންތަކާއެކީ ޝާދިޔާގެ ރުޅިވެރިކަން އިތުރުވަމުން ދިޔައެވެ. ޝަރަފްގެ އެ ސަމާސާތަކުގެ ތެރެއިން އޭނަ ދެން އަބަދުވެސް ހުންނާނީ އަފާފް އޭނަގެ އަތުތެރެއަށް ލައިގެން ކަމަށް ބުނެލީ ހިނދު ޝާދިޔާގެ ކެތްތެރިކަން ކޮޅުންލިއެވެ.

"ކަލޭގެ އަތުތެރެ މާ ރައްކާތެރީތަ އަފާފަށް؟ އަފާފް ބަލަހައްޓަން ތިމާނޫން މީހެއް ނެތްކަމަށް ހެދިގެން ތިއުޅެނީ އަފާފާއި ދެކޮޅަށް ކަލޭ އެއްވެސް އަނިޔާއެއް ނުދޭތީތަ؟ އަހަރުމެން އޮޅުވާލަން ނުއުޅޭތި!" ޝާދިޔާ ހަރުއަޑުން ވާހަކަ ދެއްކުމުން ހުސެއިން އަނެއްކާވެސް ޝާދިޔާގެ ނަމުން ގޮވާލިއެވެ. ޝާދިޔާގެ ބަސްތަކުން އަފާފް ސާބިތުކަމާއެކީ ޖަވާބެއްދޭން އުޅުނު ވަގުތު ޝަރަފްގެ ހިތް ދަތިވިއެވެ. އޭނަ އަފާފްދެކެ ވާ ލޯތްބަކީ އޮޅުވާލުމެއްހެން އެންމެ މީހަކަށް ވެސް ހީވާތީވެއެވެ. އޭނަ އެ ލޯބީގެ ދިފާޢުގައި އެއްޗެކޭ ބުނަން އުޅުނުތަނާހެން ޝާދިޔާ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"ކަލެއާ ކަލޭގެ ޢާއިލާ ތިއީ ހަމަ އެކައްޗެއް! މިއަދުވެސް އަފާފަށް އެ އަނިޔާ ލިބިފަ އެ ވަނީ އެ މޮޔަ ވަރުދާގެ އަތްދަށުން!" ހަރުއަޑުން އިވިގެން ދިޔަ ނަމަކުން ޝަރަފަށް ހީވީ އޭނަގެ ކަންފަތުގައި ހޮނު ގުގުރީގެ އަޑު ގުގުމާލިހެންނެވެ. އެ ނަމަކީ އޭނަގެ ޙަޔާތަށް ނިސްބަތްވާ ކާކުގެ ނަންކަން އެނގި އެމީހެއްގެ ސޫރަ އޭނަގެ ލޮލަށް ސިފަވެގެން ދިޔުމުން ޝަރަފްގެ ދެލޯ ބޮޑުވެ މެއަށް ފިނިވެގެން ދިޔައެވެ. ސިކުންތުކޮޅެއްގެ ތެރޭގައި އޭނަގެ މާޒީ އޭނަގެ ލޯ ކުރިމަތިން ސިފަވެ، އެ ސޫރައިގެ ވެރިފަރާތާއިމެދު އޭނަގެ ހިތުގައި އުފެދިފައިވި ސުވާލުތައް ސިކުނޑިއަށް އަންނަން ފެށި ވަގުތު ޝާދިޔާ ދެންވެސް ވާހަކަ ދެއްކިއެވެ.

"މިއީ ހަމަ ކަލެއާއި ކަލޭގެ މަންމަ ރާވައިގެން ކުރިކަމެއް! އޮޅުވާލަން ނުއުޅޭތި. ނަސީމާވަނީ އަހަންނަށް ހުރިހާ ވާހަކައެއް ކިޔައިދީފަ. ކަލޭގެ މަންމަ ކައިވެނީގެ ފުރަތަމަ ދުވަހުއްސުރެ ވެސް އަފާފަށް ނަފްރަތުކުރާ ވާހަކަ." ޝާދިޔާ ދެއްކި ވާހަކަތަކުން ޝަރަފް ދެންވެސް ޙައިރާންކަމެއްގެ ތެރޭގައި ވީ ހިނދު އަފާފްގެ ހިތް ދެރަވާގޮތްވިއެވެ. ޝަރަފާއި ގުޅުން ހުރި މީހަކު އޭނަދެކެ އެހާ ބޮޑަށް ނަފްރަތު ކުރާތަން ސިފަކުރަން ވެސް އޭނައަށް ދަތިވުމުންނެވެ. ބައްޕަ އިތުރަށް ވާހަކަ ދެއްކުމުން އޭނަގެ ހިތަށް ހަމަޖެހުމެއް ލިބުނީ އެހެންވެއެވެ.

"ޝާދިޔާ އުޅެނީ މޮޔަވެގެންތަ؟ އެ ނަސީމާ ދައްކާ ވާހަކަތައް ޝާދިޔާ ޤަބޫލުކުރަން ފެށީ ކޮން އިރަކު؟" ހުސެއިން ހަރުކަށިކަމާއެކީ އަހާލިއެވެ.

"އޭނަ ހަމަ މި ފިރިހެނާއާމެދު ގެނައި ޚަބަރެއް އަހަރެން ޤަބޫލުނުކުރަން ހުއްޓާ އެއީ ތެދެއްކަން އެނގުނު ހިސާބުން.........މާ ޚުޝިޔާރުވާން ނުއުޅޭތި! ތިއުޅެނީ ކަލެއާއި ކަލޭގެ މަންމަވެގެން އަހަރުމެންގެ ހުރިހާ ފައިސާއެއް ކާލަން. އެ ވަރުދާ ވެސް ނުލާހިކު ވަރުހުރޭ ވިއްޔަ ފައިސާއަށް. ޢައްބާސްގެ އަތް ހުސްކޮށްފަ އޭނަ ރަމީޒްގެ ކައިރިއަށް ދިޔައީ ވެސް ހަމަ ފައިސާއަށްކަން މިއަދު މަށަށްވަނީ ޔަޤީންވެފަ. ކަލޭވެސް ތިއުޅެނީ އެކަހަލަ ކަމެއްގަ އަފާފާ އިނދެގެން." ވަރުދާ ދެއްކި ވާހަކައިން އަފާފާއި ޝަރަފްގެ ވެސް ނިތަށް ރޫގިނަވިއެވެ. މަންމަ ދެއްކި ވާހަކަތަކަށް ޝަރަފް ދޭނެ ޖަވާބަކަށް އަފާފަށް އިންތިޒާރު ކުރެވުނު އިރު ޝަރަފް ހުރީ އޭނައަށް އިވުނު ވާހަކަތަކާމެދު ޤަބޫލުކުރަން ވެސް ދަތިވެފައެވެ. އެންމެ ފުރަތަމަ ކަމަކަށްވެސް އޭނަގެ މަންމަ، ބައްޕަ ދޫކުރީ ފައިސާއަށްޓަކައިތޯ އަމިއްލަ ނަފްސާއި ސުވާލު ކޮށްލެވުނެވެ. އެއަށްފަހު އޭނަ ވެސް މަންމަގެ އެ ސިފަ ވާރުތަވެގެން އެ ސިފަ ތަކުރާރުވިޔަދެނީތޯ އަމިއްލަ ސިކުނޑިއާއި ސުވާލުކޮށްލެވުނެވެ. ދެވަނަ ސުވާލުގެ ޖަވާބު އިސާހިތަކު ޔަޤީންވިއެއްކަމަކު އެ ފުރަތަމަ ސުވާލުގެ ޖަވާބު އޭނައަށް ސާފެއްނުވިއެވެ. ހަމަ އެއާއެކު އޭނަގެ މަންމަ ކޮބައިތޯ ބުނެ ސުވާލުކުރާ އޭނަގެ މޭތެރޭގައި އޮތް އެތިކޮޅު އެއް ސުވާލެއް ތަކުރާރު ކުރަން ފެށިއެވެ. މަންމަ ހޯދަން ބޭނުންވީ ސަބަބާމެދު ވިސްނާލުމުން ޝަރަފްގެ ހިތަށްވެރިވީ އެއްވެފައިވާ ޖަޒުބާތުތަކެވެ. އެހެނަސް އަފާފަށް އަނިޔާއެއް ދިން މީހަކީ އެ މަންމަކަން އެނގުންވީ ހިނދު ޝަރަފްގެ ހިތުގައި ރުޅީގެ އަލިފާނެއް ރޯވިއެވެ.  

Comments

Popular posts from this blog

Arabic Pronouns (dhameer)

Harf of Nasb (English + Dhivehi)

Mudhaaf-mudhaaf ilaihi and pronouns (English lesson)