Nur (part 25)
"ޝަރަފް!" އަފާފް ގޮވާލި އަޑަށް
ޝަރަފްގެ ފައިގައި ތަޅު އެޅުވުނެވެ. މޭތެރޭގައި ވޭންއަޅަމުން ދިޔަ ހިތަށް ލިބުނު
ސިހުމާއެކީ އޭނައަށް ފަސްއެނބުރި ބަލާލެވުނެވެ. އެ ހިނދު އަފާފް ހުރީ ކޮޅަށް
ތެދުވެ އޭނަ ހުރި ދިމާލަށް ނަޒަރު ހުއްޓައިގެންނެވެ. އަފާފް ބުނާނެ އެއްޗަކަށް
ޝަރަފަށް ކެތްތެރިކަމެއްނެތި އިންތިޒާރު ކުރެވުނީ އޭނަ ކިތަންމެ ބޭނުމެއްނުވިޔަސް
އަފާފް ބޭނުން ގޮތަކަށް އޭނަގެ ހިތް ކުދިކުދިކޮށްލަން ދޫކޮށްލަމުންނެވެ. އެހެނަސް
އަފާފް ދެން ބުނެލި ބަސްތަކުން ޝަރަފަށް ލިބުނީ ޙައިރާންކަމެކެވެ.
"ޝަރަފް ތިދަނީ ބައްޕަ އެދުނު އެދުމަށް
ޖަވާބެއްނުދީއެއްނު؟" އަފާފް ފެންކަޅިވެފައިހުރެ ތުރުތުރު އަޅަމުން ދިޔަ
އަޑަކުން އަހާލިއެވެ. އެ ސުވާލުން އެންމެންނަށް އެއްވަރެއްގެ ޙައިރާންކަމެއް
ލިބުނެވެ. ޝަރަފަށް އެ ބުނި އެއްޗެއްގެ މާނަ އެނގެން އުޅެނިކޮށް އަފާފް އޭނަގެ
ބަސްތައް ސާފުކޮށްލަދިނެވެ.
"ޝަރަފް އަހަންނާއެކީ މުޅި ދިރިއުޅުން ވޭތުކުރަން
ބޭނުންވޭތަ؟" އަފާފް މަޑުމައިތިރި އަޑަކުން ކޮށްލި ސުވާލުން ޝަރަފްގެ އަނގައިން
ނިކުތް ލުއި އާހެއްގެ އަޑާއެކީ އޭނަގެ ލޮލަށް ތާޒާ ކަރުނަތަކެއް ޖަމާވެގެން
ދިޔައެވެ. މިފަހަރު އެ ދެލޯ ފުރިގެން ދިޔައީ އުފާވެރިކަމުގެ ކަރުނަތަކަކުންނެވެ. އޭނަ
ވަގުތުން ދިގު ފިޔަވަޅުތަކެއްގައި އަފާފް ކައިރިއަށް ގޮސް އޭނަގެ ގައިގައި
ބައްދާލަމުން އެ ސުވާލުގެ ޖަވާބު ދޭން ބޭނުންވިއެވެ. އަފާފްގެ މޫނުމަތިން
މާޔޫސްކަމަކާއި ވަރުބަލިކަމެއް ފެނިގެން ދިޔުމުން ޝަރަފްގެ ހިތަށް އުނދަގޫވިއެވެ.
ހަމަ އެ ހިނދު އަފާފް އޭނަދެކެ ލޯބިވާ މިންވަރު އޭނައަށް އިޙްޞާޞް ކުރެވުނެވެ.
މިއަދު އަފާފް އޭނައާއެކީގައި މުޅި ޙަޔާތް ވޭތުކުރަން ބޭނުންވާ ވާހަކަ
ހާމަކޮށްފައި އެވަނީ މަޢާފު ނުކުރެވޭނެފަދަ ކުށަކަށްޓަކައި އޭނައަށް
މަޢާފުދީފައެވެ. އަފާފްގެ އެ ޢިޝާރާތުން ވެސް އޭނަގެ ހިތުގައި ޝަރަފަށްޓަކައިވި
އިޙްޞާޞްތަކުގެ ފުންކަން ޝަރަފަށް އިޙްޞާޞް ކުރެވުނެވެ.
ދެ ހިތެއްގެ ދެމެދުގައި ހިނގަމުން ދިޔަ ޖަޒުބާތުތަކަށް
މެދުކެނޑުމެއް އައީ ހުސެއިން ވާހަކަ ދައްކަން ފެށުމުންނެވެ.
"އަފާފް ކީކޭތަ ތި ކިޔަނީ މިހާރު؟ އަދިވެސް މީނައާތަ
އިންނަން ތިއުޅެނީ؟! މިއީ ބޮޑު މުޖުރިމެއް. އަފާފަށް މިއަދު ތި ޙާލަތު
ކުރިމަތިވެފައިވަނީ މީނަގެ ސަބަބުން. މީނަގެ ބަސްތަކަށް އަފާފްވެސް
ހެއްލުނީތަ؟" ހުސެއިން ނުރުހުންތެރިކަމާއެކީ އަފާފާއި މުޚާތަބު ކުރިއެވެ.
"އަހަރެން ނުހެއްލޭ ބައްޕާ. އަހަންނަށް މާ ރަނގަޅަށް
ޙަޤީޤަތް ފެންނަނީ. ޝަރަފް ބޭނުންވިނަމަ އޭނައަށް އޭނަގެ ކުށުގެ ވާހަކަ ނުބުނެ
ފަސޭހައިން އަހަންނާ އިނދެވުނީސް. އޭގެ ސަބަބުން އޭނައަށް ލިބިދާނެ ތަނަވަސް،
ޢިއްޒަތްތެރި އުޅުން ވެސް އޭނައަށް އެނގިފަވާނީ. ލިބޭނެ ފައިސާގެ ޢަދަދު ވެސް
ތަޞައްވުރުކުރެވިފަވާނީ. އަދި އޭގެ މައްޗަށް އަހަންނަކީ އޭނައަށް ކަމުދާ
ކުއްޖަކީމު. އެކަމަކު އޭނަ އެ ހުރިހާކަމެއް ގެއްލުވާލަން ތައްޔާރުވެ
ތަޤްވާވެރިކަމާއެކީ ޙަޤީޤަތް އެ ހާމަކުރީ. އަހަރެން އިންނަން ބޭނުންވަނީ އެފަދަ
ތެދުވެރިއަކާ. ބައްޕަ އާއި މަންމަ މި ކައިވެންޏަށް އިންކާރު ކުރިޔަސް އަހަރެންގެ
އިޙްޞާޞްތަކަށް ބަދަލެއް ނާންނާނެ. ވަރަށް ދެރަވާނެ ޝަރަފް ކަހަލަ މީހަކަށް
ފަސްދެވުނިއްޔާ." އަފާފް ވާހަކަ ދައްކާ ނިމުނުތަނާހެން، އަފާފްގެ ލޯ އަނދިރި
ކުރީ މީނައޭ ކިޔާފައި ޝާދިޔާ އެ ވާހަކަ ތަކުރާރު ކުރަން ފެށީ އޭނައަށް އެއްޗެއް
ވިސްނޭތޯއެވެ. ހުސެއިން ވެސް ކުއްލިއަކަށް ޝަރަފްގެ ނޭދެވޭ ވާހަކަތައް ހޯދައިގެން
ދައްކަން ފެށީ އޭނަގެ އަތުގައި ހުރި ޓެޓޫގެ ވާހަކައިންނެވެ. އެހެނަސް އޭގެއިން އެއްވެސް
ވާހަކައަކުން އަފާފްގެ އިޙްޞާޞްތަކަށް ބަދަލެއްނައެވެ. އޭނަ ހުސެއިނާއި ޝާދިޔާ
ދެއްކި ކޮންމެ ވާހަކައަކަށް ޝަރަފް ދިފާޢުކުރަމުން ދިޔައެވެ. އެ މަންޒަރު ފެނިފައި
ޝަރަފްގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވީ އުފާވެރިކަމުން ފުރިގެން ދިޔަ
ހިތެއްގެ ސަބަބުންނެވެ. އެންމެ ފަހުން ޝާދިޔާއާއި ހުސެއިން ނުރުހުންތެރިކަމާއެކީ އަފާފް
ހުރިތާ ބަހައްޓާފައި ދެ ދިމާލަކަށް ދިޔުމުން ޝަރަފްގެ ހިތްދަތިވިއެވެ. ނޭނގި
ނަމަވެސް އެމީހުން އަފާފް ދޫކޮށްލާފައި ދިޔުމުން ޝަރަފް ނުރުހުންވިއެވެ. އޭނަ
އަފާފަށް އެހީވުމަށްޓަކައި ކުރިއަށް ފިޔަވަޅެއް އަޅާލި ވަގުތު އަފާފް ލަސްލަހުން
އޭނައާއި ދާދި ގާތުގައި ހުރި ސޯފާއަށް ތިރިވެ އިށީނދެލިއެވެ. އޭނަ ދެން އިތުރަށް
އެތާ ހުރެފިނަމަ އަތުން ފައިން ގޯހެއް ހެދިދާނެކަމުގެ ބިރު އޮތީތީ ޝަރަފް އަމިއްލަ
ނަފްސު ހަމައަކަށް އަޅުވަމުން އަފާފަށް ފަސްދީފައި ދާން ހިނގައިގަތެވެ.
އެދުވަހު ދެ ހިތް ދުރުވެގެން ދިޔައެއްކަމަކު އެ ދެ ހިތުގައިވެސްވި
އުއްމީދަށް ބަދަލެއް ނާދެއެވެ. ދެމީހުން ވެސް ރަނގަޅު ސަބަބުތަކަށްޓަކައި އެކަކު
އަނެކެއްދެކެ ލޯބިވުމުން ﷲ އެމީހުންނަށްޓަކައި މަގެއް ފަހި ކޮށްދެއްވާނެކަމުގެ
އުއްމީދު އެ ދެމީހުންގެ ހިތުގައވިއެވެ. ދެމީހުން އެދުވަހު ވަކިވެގެން ދިޔުމުން މާ
ބޮޑު ހިތާމައެއް ނުކުރީ އެހެންވެއެވެ. ޝަރަފް އެދުވަހު ގެއަށް ގޮސް ނުހަނު
އުފަލާއެކީ އެދުވަހު ކަންތައްވީ ގޮތް އޭނަގެ ދޮންތައަށާއި ބައްޕައަށް
ކިޔައިދިންއިރު އަފާފަށް ވެސް އެރޭ ދޭތެރެދޭތެރެއިން ހިނިތުންވެވެމުން ދިޔައެވެ.
އެހެނަސް އޭނަ ކިތަންމެ ބޭނުމެއްނުވިޔަސް މަންމަމެންގެ ކުރިމަތީގައި އޭނައަށް
އިނދެވެނީ އާދަޔާ ޚިލާފަށް ހިމޭންވެފައެވެ. ވާހަކަ ދައްކަން މަސައްކަތް
ކުރިއެއްކަމަކު މަންމައާއި ބައްޕަ ޝަރަފްގެ ހަނދާންތަކުންވެސް ދުރުވުމަށް އޭނައަށް
ވިސްނައިދޭން އުޅެމުން ދިޔައީތީ ފަހަކަށް އައިސް އަފާފަށް ހަމަ އެއްވެސް ވާހަކައެއް
ނުދެކެވެއެވެ. އެކަމަށްޓަކައި ދެރަވިއެއްކަމަކު އެކަން ޙައްލު ކުރުމަށްޓަކައި
މަންމައާއި ބައްޕަ ޝަރަފަށް ހިތް ސާފުކޮށް އޭނައާއި ޝަރަފް ދެވުން ނޫންގޮތެއް
ނެތްހެން އަފާފަށް ހީވަމުން ދިޔައެވެ. ޝަރަފާއި އިނުމުގެ ނިންމުމަށްޓަކައި
އިސްތިޚާރާ ކުރަމުން ދިޔަ ވަރަކަށް އެ ހީ ޔަޤީނަކަށް ބަދަލުވެގެން ދިޔައެވެ.
އޭނައާއި ޝަރަފް ވެސް އެއް ނިންމުމަކަށްޓަކައި ކުރަމުން ދިޔަ އިސްތިޚާރާގެ
އަސަރުތައް އޭގެ ދުވަސްތަކެއް ފަހުން ދެމީހުންނަށް ވެސް ފެންނަން ފެށިއެވެ. މާ
ގިނަ ދުވަހެއްނުވެ ހުސެއިނާއި ޝާދިޔާއާ ދެމެދު އެމީހުންގެ ދަރިފުޅާމެދު
ކަންބޮޑުވުން ފާޅު ކުރެވެން ފެށިއެވެ.
"އަފާފް މިރޭވެސް ހަމަ އެއްވެސް އެއްޗެކޭ ބުނެނުލާ ދޯ
ކެއި ގަޑީގަވެސް؟ އަހަރުމެން ބުނި އެއްޗަކަށް ޖަވާބެއްދިނުމަށްޓަކައި ނޫނީ
އެއްވެސް އެއްޗެކޭ ނުބުނޭ." އެރޭ ވަރަށް ދަންވެފައި ވަނިކޮށް ހުސެއިން އޭނަގެ
އެނދުމަތީގައި އިނދެ ބުންޏެވެ. އެ ވާހަކައަށް ޝާދިޔާ ޗޮއްކަނޑާލިއެވެ.
"އޭނަ ހަމަ ފޮނިވަނީ. ތިމަންނަ ބޭނުންވާ ގޮތް
ނުވާނަމަ ތިމަންނަ ބޭނުންވާ ގޮތަށް ހަދަން ތިމަންނައަށް އެނގޭނެކަން ދެއްކޭތޯ އޭނަ
އެ އުޅެނީ. މަށަށް އެނގެޔޭ އޭނަގެ ގޮތް." ޝާދިޔާ އެނދު މަތީގައި ބެހެއްޓިފައި
ހުރި ގަމީސްތައް ފަށްޖަހަމުން ރުންކުރު ރާގަކަށް ބުންޏެވެ.
"އެކަމަކު ކޮންމެ ގޮތެއްވިޔަސް އެއީ އަހަރުމެންގެ
ދަރިފުޅު. މަށަކަށް ކެތެއްނުވާނެ މުޅި ޢުމުރަށް އަފާފް އަހަރުމެން ނިންމި
ނިންމުމެއްގެ ސަބަބުން އަހަރުމެންނާ ދުރުދުރުން އުޅޭކަށް. އަފާފަށް އަނިޔާދިން
މީހަކަށް އަފާފް އެވަނީ މަޢާފްދީފަ. ވީއިރު......." ހުސެއިންގެ ވާހަކަ
ފުރިހަމަ ނުވަނީސް ޝާދިޔާ ވާހަކަ ދެއްކިއެވެ.
"ހުސެއިން ކީކޭތަ ކިޔަން ތިއުޅެނީ؟ ހަމައެކަނި
ހިތަށްވާ އުނދަގުލެއްގެ ސަބަބުން އަހަރުމެންވީ އަހަރުމެންގެ ދަރިފުޅު
މިނިކާވަގެއްގެ ވަކި ތަކެއްގެ ތެރެއަށް އެއްލާލަންތަ؟" ޝާދިޔާ އިހުނަށްވުރެ
ހަރު އަޑަކުން އެހިއެވެ.
"ނޫން ޝާދިޔާ. ނޭނގެ ކީއްވެކަމެއް އެކަމަކު
އަހަންނަށް ވެސް ހީވަނީ ޝަރަފް ރަނގަޅުވާނެހެން އަފާފާއި އިންނަން. އޮފީހުގަ
ވަޒީފާއަށް އަންނަން ފެށިފަހުން އަހަންނަށް އޭނަގެ ގޮތް އެނގުނީ. ވަރަށް
މަޑުމައިތިރިކޮށް ހުންނަ ކުއްޖެއް އެއީ. ވަޒީފާއަށް އިޚްލާޞްތެރިވެފައި އެހެން
މީހުންވެސް އިޚްލާޞްތެރިވުމަށް ސަމާސާވެރި ގޮތްގޮތަށް ނަޞޭޙަތެރިވާ ކުއްޖެއް.
އޮފީހުގައި ވެސް ނަމާދު ވަގުތުވުމުން ނަމާދު ކުރާ ތެދުވެރި، އަމާނާތްތެރި ކުއްޖެއް.
ހަމަ އަސްލުވެސް ޝަރަފަށް ފަސްދެވިއްޖެއްޔާ އަހަރުމެންނަށް ކުރެވޭނީ ބޮޑު
ފާފައެއް. އޭގެ ނަތީޖާއެއްގެ ގޮތުން ދެން އަހަރުމެންގެ ދަރިފުޅާއި އިންނާނެ މީހަކު
ފަހުން ނުވިއްޔާ ކިހިނެއް ހަދާނީ؟ ﷲ ގެ ޙަޟްރަތުގަ ކޮން ޖަވާބެއްދޭނީ؟"
ހުސެއިން އެހިއެވެ.
"ދެން އެހެންވީމަ ހަމައެކަނި ހީވާ ހީވުމަކަށް ބުރަވެ
އަފާފަށް ގެއްލުމެއް ދީފާނެ މީހަކާވެސް އަފާފާ ދެވަންތަ އަހަރުމެންވީ؟ އެކަން ކޮށްގެން އަފާފަށް ކަމެއްދިމާވާ ދުވަހަކުން
އެއްވެސް މީހަކާ ދިމާލަށް އިނގިލި ދިއްކުރަން ނަހަދާތި! އެވާނީ ހަމައެކަނި
ހުސެއިންގެ ކުށަކަށް!" ޝާދިޔާ އިންޒާރެއް ދޭ ފަދައަކުން ބުނެލިއެވެ. ހުސެއިން
ފުން ނޭވައެއް ދޫކޮށްލިއެވެ.
" އެހެންވުމުގެ ފުރުޞަތު އޮތަސް އަހަރެން ބޭނުން އަދި
އެއްފަހަރު ޝަރަފް އަފާފް ކައިރިއަށް އަންނަން. އަފާފް މޮޅުވާނެ މީހެއްގެ ގޮތް
ދެނެގަންނަން ސުވާލުކުރަން. އެ ބައްދަލުވުންތަކުގައި ޝަރަފް ދޭ ޖަވާބުތަކަށް
ބަލާފައި އަހަރެން ވެސް ގޮތެއް ނިންމަން ބޭނުންވަނީ." ހުސެއިން އޭނަގެ ފަހުގެ
ނިންމުން އިއްވުމުން ޝާދިޔާ ދެންވެސް ނުރުހުންވިއެވެ.
އޭގެ ދެދުވަހެއްހާ ދުވަސްފަހުން ޝަރަފްގެ ކެބިންގައި ހުރި
ފޯނު މެދުވެރިވެގެން އަނެއްކާވެސް އަފާފާއި ބައްދަލުކުރުމަށް ޝަރަފަށް ދަޢުވަތު
އެރުވިގެން ދިޔުމުން ވީ އުފަލާއެކީ އޭނަގެ މޫނުމައްޗަށް ފުރިހަމަ ހިނިތުންވުމެއް
ވެރިވެގެން ދިޔައެވެ. އަފާފަށް ވެސް އެ ޚަބަރު ލިބިގެން ދިޔުމުން ވީ އެކަހަލަ
ގޮތެކެވެ. އެއާއެކު ދެމީހުންގެ ހިތްވެސް ޙަމްދުން ފުރިގެންދިޔައީ ނާދިރުހެން
ހީވާކަމެއް ވެސް ފަހި ކުރައްވާ ފަރާތަކީ ހަމައެކަނި ﷲ ކަން ޔަޤީންވުމުންނެވެ.
އަފާފް ޝަރަފާއި ބައްދަލުކުރަން އޮތް ފުރަތަމަ ދުވަހު
އަފާފް އެ ބައްދަލުވުމަށް ފުރިހަމައަށް ތައްޔާރުވިއެވެ. އެއީ ވަކި ރީތިވާނެ ސާމާނު
ހޯދައިގެނެއްނޫނެވެ. އޭގެ ބަދަލުގައި އަފާފް އޭނަގެ ހުރިހާ ވިސްނުމެއް ހުސްކޮށްލީ
ޝަރަފާއި ކުރާނެ ސުވާލުތަކަށެވެ. ކައިވެންޏަކީ ހަމައެކަނި ޖަޒުބާތުގައި ޖެހިގެން
ނިންމަންޖެހޭ ނިންމުމެއް ނޫންކަން އޭނައަށް ވިސްނޭތީވެއެވެ. އޭގެ އިތުރަށް ޙަޤީޤީ
ދިރިއުޅުމާއި ޙާލަތާއި މެދުވެސް ވިސްނައިގެން ނިންމާ ނިންމުމެއް މަދު ފަހަރަކު
ނޫނީ ކާމިޔާބެއް ނުވާކަން އޭނައަށް އެނގޭތީވެއެވެ. އެހެންކަމުން އަފާފް
ތައްޔާރުކުރީ، ޙަޔާތުގެ އެކިއެކި ކަންތައްތަކުގައި ޝަރަފްގެ ނަޒަރިއްޔާތު ހުންނަ
ގޮތް ދެނެގަނެވޭނެފަދަ ސުވާލުތަކެވެ.
އަފާފަށް ހީކުރެވިފައިވާ ގޮތާއި ޚިލާފަށް އެރޭ އޭނައާއި
ބައްދަލުކުރަން ތައްޔާރުވަމުން ދިޔަ ޝަރަފް އުއްމީދުކޮށްގެން ހުރީ އެފަދަ ސީރިއަސް
ވާހަކަތަކަށެވެ. ކައިވެންޏެއްގެ ކުރިން އެކަކު އަނެކަކު ރަނގަޅަށް
ދެނެގަތުމަށްޓަކައި މަސައްކަތް ކުރަން ޖެހޭކަން އޭނައަށް ދަރުހަކުން
އިވިފައިވާތީވެއެވެ. ކުރީ ދުވަހުހެން އަފާފް ގެނެވި އޭނަގެ ކުރިމަތީގައި
ބެހެއްޓިގެން ދިޔުމާއެކުހެން އަފާފް ކުރަން ފެށި ސުވާލުތަކަކުން ޝަރަފަށް
ޙައިރާންކަމެއް ނުލިބުނީ އެހެންވެއެވެ. އޭނަ ސާބިތުކަމާއެކީ އެ ހުރިހާ
ސުވާލުތަކަށް ތެދުތެދަށް ހަރުދަނާ ޖަވާބުތައް ދެމުން ދިޔައެވެ. ކިތަންމެ ސުވާލު
ގިނަވިއެއްކަމަކު އޭނަ އަފާފް ހުއްޓުވަން މަސައްކަތް ނުކުރީ މިފަދަ ވާހަކަތަކުގެ
މުހިއްމުކަން އޭނައަށް އެނގިފައިވާތީވެއެވެ. އަދި އަފާފް ކުރަމުން ދިޔަ
ސުވާލުތަކުން އަފާފްގެ މިޒާޖު ޝަރަފަށް ވެސް އެނގެމުން ދިޔައީތީވެއެވެ. އެއިން
ޝަރަފަށް އަފާފް އިތުރަށް ކަމުދިޔުން ނޫންކަމެއް ނުވިއެވެ.
ޝަރަފް ދެމުން ދިޔަ ޖަވާބުތަކުން އަފާފްގެ ހިތުގައި ވި
އިޙްޞާޞްތައް ވެސް ފުންވަމުން ދިޔައެވެ. އޭނަ ފަދައިން ޝަރަފް ވެސް
ކިބުރުވެރިކަމާއި ޙަސަދަވެރިކަމަށް ނަފްރަތުކުރާ ގޮތުންނެވެ. އަދި އޭނަގެ ކޮންމެ
ދުވަހެއްގެ އަމާޒަކީ އޭގެ ކުރީ ދުވަހަށްވުރެ ގިނައިން ﷲ ހަނދުމަކުރުން ކަމަށްވާ
ގޮތުންނެވެ. އަދި މަރުވުމުގެ ކުރިން ޝަރަފްވެސް ދެމިގެންދާނެފަދަ ބޮޑު ހެޔޮކަމެއް
ކުރަން ބޭނުންވާ ގޮތުންނެވެ. އަފާފްގެ ހިތަށް އެންމެ ބޮޑު އަސަރެއް ކުރީ، އޭނަ ލޯ
އަނދިރިވުމާމެދު މިވަގުތު މައްސަލައެއް ނުޖެއްސިޔަސް ޝަރަފަށް މާ ބޮޑު އަޅާލުމެއް
ނުލިބި ކޮންމެ ކޮންމެ ދުވަހަކު އޭނައަށް ކަންތައް ކޮށްދޭންޖެހުމުން ޝަރަފް
މައްސަލަ ނުޖައްސާނެތޯ ސުވާލުކުރުމުން ދިން ތެދުވެރި ޖަވާބުންނެވެ.
"އަސްލު ތިކަމާމެދު ބިރުގަނޭ އަހަރެން ވެސް.
ހިތަށްއަރާ އަހަރެން އަފާފް މަތިން އެދުވަހަކުން ފޫހިވެ، ވަކިވާން
ބޭނުންވެދާނެބާއޭ. އެކަމަކު.....މި ދުނިޔެއަކީ ފުރިހަމަ ތަނެއްނޫނެއްނު؟ ކޮންމެ
ދުވަހަކީ އަހަރުމެންނަށްޓަކައި ހުރިހާ ކަމެއް އަހަރުމެން ހިތްއެދޭ ގޮތަށް ފަސޭހަކޮށް
އޮމާންކޮށް ދާނެ ދުވަސްތަކެއްނޫނެއްނު؟ އަދި އެހެންނޫނަސް މެރީ ކުރަނީ އަޅާލުން
ލިބިގަތުމަށްވުރެ ބޮޑަށް އަޅާލުން ދިނުމުގެ ނިޔަތުގައެއްނޫންތަ؟ އެހެން މީހަކާއެކީ
ދިރިއުޅުމެއް ފަށަނީ އެމީހަކަށް ލޯބިދީ، އަޅާލައި، ރައްކާތެރިކަން
ހޯދައިދިނުމަށްޓަކައި." ޝަރަފްގެ އެ ޖަވާބުން އެ ސީރިއަސް ވާހަކަތަކުގެ
ތެރެއިން އަފާފަށް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. އޭނަ ޝަރަފްގެ ޙަޔާތުގެ
ބައިވެރިއަކަށް ވެއްޖެނަމަ އޭނަ ކިހާ ނަސީބުގަދަ ވާނެކަން އޭނައަށް ތަޞައްވުރު
ކުރެވުނީ އެ ވަގުތެވެ.
އަފާފާއި އެއްވަރަށް ޝަރަފްގެ ޖަވާބުތައް އަޑުއަހަމުން
ދިޔަ ހުސެއިނަށް ވެސް ޝަރަފް ދެމުން ދިޔަ ޖަވާބުތަކަށް ބޯޖަހައި ހިނިތުންވެވެމުން
ދިޔައެވެ. ޝަރަފަކީ އިތުބާރު ކުރެވިދާނެ ޒުވާނެއްކަން ޔަޤީންވީވީހެން އޭނަ އެންމެ
ފަހުން ޝަރަފް އެގެއަށް އައި ފަސްވަނަ ރޭ އޭނަ އަފާފާއި އިންނަންވީ ނޫންތޯ
ސުވާލުކުރިއެވެ. އެ ސުވާލުން ޝާދިޔާއަށް ސިހުމެއް ލިބުނު ވަގުތު ދެން ތިބި ދެ
ޒުވާނުންނަށް ވެސް ޙައިރާންކަމެއް ލިބުނެވެ.
"ވެދާނެ އަހަރުމެން ކުރީ ދުވަހު ޝަރަފްއާ މުޚާތަބު
ކުރި ގޮތުން ޝަރަފްގެ ހިތް އަހަރުމެންނަށްޓަކައި ނުބައިވެފައިވާކަމަށްވެސް.
އެހެންކަމުން ޙަޤީޤަތުގަ އެންމެ ފުރަތަމަ ވެސް ބޭނުންވަނީ އެކަމަށްޓަކައި ޝަރަފްގެ
ފަރާތުން މަޢާފަށް އެދެން. މި މަޢާފު ޤަބޫލުކޮށް އަހަރުމެންގެ ދަރިފުޅާވެސް
އިންނަން އެއްބަސްވާނެކަމަށް އުއްމީދުކުރަން." ހުސެއިން ހިސާބަކަށް
ދެރަވެފައި އެއްދިމާލަކަށް ނަޒަރ ހުއްޓައިގެން އިނދެ ބުނެލި ވާހަކައިން، އެ ވާހަކަ
އުފާވެރި ޚަބަރެއްގެ ގޮތުގައި ނެގި ހިތްތަކަށް މާ ބޮޑު ސިހުމެއް ނުލިބެއެވެ.
އެހެނީ ހުސެއިން އެހެން ބުނުމުގެ ކުރިންވެސް އެމީހުން ކޮށްފައިވި ދުޢާތަކުގެ
ސަބަބުން އެމީހުން ގުޅުމަކީ ވެ ނިމިފައި އޮތް ކަމެއްހެން އެ މީހުންނަށް ހީވެފައި
އޮތްފަދައެވެ. އެދެމީހުންގެ މޫނުމައްޗަށް ވެސް ލުއި ހިނިތުންވުންތަކެއް ވެރިވީ
އެހެންވެއެވެ. އެ ހިނިތުންވުންތަކުން ހިތުތެރޭގައި ވިހައެއް އުފަންވެގެން ދިޔައީ
އެންމެ މީހެއްގެ ހިތުތެރޭގައެވެ. އެއީ ޝާދިޔާ ނޫން ދެވަނަ މީހެއްނޫނެވެ. އެ ޚަބަރު
އިއްވުނުތާ މާ ގިނައިރެއްނުވެ އޭނަ އެތަނުން ތެދުވެގެން ދިޔައީ އެތާތިބި
އެންމެންނަށްޓަކައި ހިތުގައި ނަފްރަތެއް އުފައްދައިގެންނެވެ. ޝަރަފަށް
ނަފްރަތުކުރެވުނީ އޭނައަކީ އަފާފަށް އަނިޔާއެއް ދިން މީހަކަށްވާތީވެއެވެ.
އަފާފަށާއި ހުސެއިނަށް ރުޅި އައީ އޭނަގެ ބަސް އެހުމެއްނެތި ޝަރަފާއި ގުޅުން ބަދަހި
ކުރުމުންނެވެ. އެއާއެކު އޭނަ ކަމެއްނުކުރިޔަސް ޝަރަފްގެ "ހަޤީޤަތް"
އެނގި މި ކައިވެނި ހުއްޓުވިގެން ދިޔުން އޭނަގެ ހުވަފެނަކަށްވިއެވެ. އެދުވަހަކުން
އޭނަ ބުނީ ތެދެއްކަމަށް އެންމެންގާތު ބުނެވިދާނެ ފަދައަކުންނެވެ.
އެހެނަސް ޝާދިޔާއަށް ނޭނގުނުކަމަކީ ތަޤްދީރުގައި އެކަކު
އަނެކަކާ ގުޅެން އޮތް ދެމީހަކަށް ހުރަސް އެޅޭނެ އެއްވެސް މީހަކު ނުވާކަމެވެ. އޭގެ
ދުވަސްތަކެއްގެ ތެރޭގައި އަފާފްގެ ކައިވެނީގެ ޚަބަރު ލިބި، އޭނަގެ ބޮޑު
ދައިތަމެންނާއި ބޮޑުބޭބެމެން ވެސް އެކި ރަށްރަށުން މާލެއަށްއައެވެ. ޝާދިޔާ އެ
ކައިވެންޏަށް މާ ބޮޑު ފޯރިއެއްނެތެއްކަމަކު އަފާފްގެ ބޮޑުދައިތަމެން ކައިވެނި
ޕާޓީގެ ވާހަކަތައް ޖޯޝާއެކީ ދައްކަން ފެށުމުން އޭނަގެ ވެސް ޖެހުނީ ގަދަކަމުން
ހިނިތުންވެލައިގެން ހުންނާށެވެ. ހަމައެކަނި އޭނަ ކުރާ ތުޚުމަތުތަކުން ބަޔަކު
މީހުން މި ކައިވެންޏާއި ދެކޮޅުވާކަށް ނުޖެއްސޭނެކަން އެނގުންވުމުންނެވެ.
އެހެންކަމުން އޭނަ ވެސް ކައިވެނި ޕާޓީ އޮންނާނެ ތަނާއި އަފާފް ލާނެ ހެދުމުގެ
ވާހަކަތަކުގައި ބައިވެރިވިއެވެ. އަފާފްގެ އެދުމަކަށްވެފައިވީ ވީހާވެސް އާދައިގެ
ހެދުމެއްލުމެވެ. އެހެނަސް އޭނައަކީ މަދު ދުވަސްތަކެއްގެ ތެރޭގައި އެހެން މީހެއްގެ
ނަޒަރުގެ ދަށުން އުޅެންޖެހޭ މީހެއްކަން އެނގުންވުމުން އަފާފް އޭނައަށްޓަކައި
ރީތިވާން ބޭނުންވިއެވެ. އެކަމަށްޓަކައި ހަދާނެ ގޮތެއް ވިސްނުނެއްކަމަކު އެ
ފިޔަވަޅު އަޅަން އަފާފް ޖެހިލުންވިއެވެ. އެހެނަސް.......
"އޭނައަށް އެންމެ ރީތީ ކޮން ކުލައެއް؟"
ކެތްތެރިކަން ކޮޅުންލުމުން އެންމެ ފަހުން އަފާފަށް ޝަބާއަށް ގުޅާލެވުނެވެ.
"ކާކަށް؟" ޝަބާ އެނގިހުރެވެސް ނޭނގޭ ކަމަށް
ހަދަމުން އަހާލިއެވެ.
"ޝަބާއަށް އިނގޭނެ ކާކުކަން." އަފާފް
ބުނެލިއެވެ.
"ދޮންތަ ކިޔުނީމަ ތިވާހަކަ ކިޔައިދެވޭނީ.....ހެހެ.....އަފާފް
ކޮންމެ ކުލައެއް ލިޔަސް ޝަރަފަށް އެހެން ދިމާލަކަށް ބެލޭނެހެނެއް ހިއެއްނުވޭ. ދޯ
ޝަރަފް؟" ޝަބާ އެ ވަގުތު ގޭގެ ކޮޓަރިއެއްގައި ހުރި ޝަރަފަށް އިވޭވަރަށް
އަޑުހަރު ކޮށްލަމުން ދޯ ދިނެވެ. ފޯނު ކަންފަތުގައި ޖައްސައިގެން ހުރި އަފާފަށް އެ
އަޑު އިވުނުތަނާހެން ގަތް ލަދާއެކީ އޭނައަށް ފޯނު ކަންފަތާއި ވަކިކޮށްލަމުން ފޯނު
ކަނޑާލެވުނެވެ.
އެފަދަ ޙާލެއްގައި އުޅެމުންދިޔައީ ހަމައެކަނި
އަފާފެއްނޫނެވެ. ކައިވެނީގެ ރޭ މުޅިން އާ ގަމީހަކާއި ކޯޓު ފަޓުލޫނުގައި
ތައްޔާރުވަމުން ދިޔަ ޝަރަފަށް ވެސް މިރޭ އަފާފަށް އޭނަ ހުރިގޮތް ކަމުދާނެތޯ ހިތަށްއަރަމުން
ދިޔައެވެ. އަފާފަށް އޭނަ ނުފެނުނަސް ކޮންމެވެސް ދުވަހަކުން އަފާފަށް ފެނިގެންދާނެ
ކަމުގެ އުއްމީދު އޭނަ އަދިވެސް ކަނޑާނުލީތީ، މިރޭ ނެގިގެންދާނެ ފޮޓޯތަކަށްޓަކައި
ރީތިވުމުގެ އެދުމެއް ޝަރަފްގެ ހިތުގައި އޮތެވެ. އަދި އަމުދުން އެރޭވެސް އަފާފް
އޭނައާއި ގާތްވެގެން ދިޔުމުން އޭނަ އަފާފަށްޓަކައި ތައްޔާރުވެ ހުރި މިންވަރު
އަފާފަށް އިޙްޞާޞްކޮށްދޭން ޝަރަފް ބޭނުންވިއެވެ. ކައިވެނީގެ ޙަފްލާއަށް
ދިޔުމަށްޓަކައި ޝަރަފް އެންމެ ފަހު ފަހަރަށް އަމިއްލަ ނަފްސަށް ބަލާލަމުން ފިރިހެންވަންތަ
ވަހެއް ދުވާ ވަސްގަދަ ސެންޓެއް ގަޔަށް ބުރުއްސާލަމުން އޭނަ ނިކުންނަން ދިޔައީވެސް
އެ ނިޔަތުގައެވެ.
އަފާފާއި ޝަރަފްގެ ކައިވެނީގެ ރަސްމިއްޔާތު ބާއްވަން
އެދެމީހުންވެސް ނިންމީ މިސްކިތެއްގައެވެ. އެހެންކަމުން އެރޭ 8:30 ވާން
ގާތްވެފައިވަނިކޮށް އެ ރަސްމިއްޔާތަށް ބޭނުންވާނެ މީހުން ކުޑަ މިސްކިތަކަށް
އެއްވަމުން ދިޔައެވެ. އެންމެ ކުރިން އާދެވުނީ ޝަރަފަށް ކަމަށްވުމުން އޭނަ ދެންތިބި
މީހުންގެ އިންތިޒާރުގައި މިސްކިތުގެ ބޭރުގައި ހުއްޓެވެ. މާ ގިނައިރެއްނުވެ
ހުސެއިންގެ ކާރު އަންނަމުން ދިޔަ މަންޒަރު ފެނިފައި އޭނަގެ ހިތް އަވަސްވިއެވެ.
އޭނަ ހުރި ހިސާބާއި ދާދި ގާތުގައި ޕާކް ކުރެވިގެން ދިޔަ ކާރުގެ ފަހަތު ސީޓުން
ހުސެއިންގެ އެހީއާއެކީ ފޭބި އަފާފް ފެނިފައި ޝަރަފަށް ހިނިތުންވެލެވުނެވެ. އަފާފް
ހުރީ އޭނަ އާއްމުގޮތެއްގައި ލާ ފަދަ ދިގު ހެދުމެއްގައި ކަމަށްވިޔަސް އެ ހެދުމުގެ
މަތީގައި ކަޅުކުލައިގެ ޝިފޯން ފޮތީގެ ބައެއް ހުރުމުން އޭނަ ފެންނަމުން ދިޔައީ
ތަފާތު ގޮތަކަށެވެ. އެފަދަ ސީދާސާދާ ހެދުމެއްގައި ހުރިއިރު ވެސް އަފާފް ފެނިފައި
ޝަރަފް އާޝޯޚުވިއެވެ. އޭނަގެ ދެފައިން ވާގި ދޫވާން އުޅުނުހެން ހީވިއެއްކަމަކު އޭނަ
އަމިއްލަ ނަފްސު ހަމައަކަށް އެޅުވިއެވެ. އަދި އެންމެންނާ އެކީގައި މިސްކިތަށް
ވަދެގެންދިޔައެވެ.
ޝަރަފާއި އަފާފްގެ ޙަޔާތްތަށް މުޅިން އެއްޙަޔާތަކަށް
ބަދަލުވެގެން ދިޔައީ އެރޭ 8:30 ވީ ވަގުތު އެ މިސްކިތުގެ ތެރޭގައެވެ. ޝަރަފް އަނބި
ޤަބޫލުކުރި ވަގުތު އަފާފްގެ ހިތަށްވެރިވީ އާދަޔާ ޚިލާފު ބިރުވެރިކަމެކެވެ.
އޭނައަށް މި އެޅުނު ފިޔަވަޅުގެ ބޮޑުކަން އޭނައަށް ތަޞައްވުރު ކުރެވުމުންނެވެ.
އޭނައަށް މި ނިންމުނީ ރަނގަޅު ނިންމުމެއްތޯ ހިތަށްއަރަން ފެށީ އޭނަ މި އިންނަނީ
އޭނަ ދުވަހަކުވެސް ފެނިފައިވެސް ނުވާ މީހަކާކަން އެނގުންވުމުންނެވެ. މީހެއްގެ ގޮތް
އެނގުމަށްޓަކައި އެމީހަކު ފެނުންވެސް ކިހާ މުހިއްމުތޯ އެވަގުތު އޭނަގެ ސިކުނޑި
ބުނެ، އޭނަގެ ހިތް ނުތަނަވަސްކުރުވިއެވެ. އެ ރަސްމިއްޔާތު ނިމި އެހެން
މީހުންނާއެކީ ބައްޕަވެސް ޝަރަފާއި އޭނަ ޙަވާލުކޮށްލަމުން އޭނައާއި ދުރަށް ދިޔަ
ފިޔަވަޅުތަކުގެ އަޑުތައް އިވިފައި އެ ނުތަނަވަސްކަން އިތުރުވިއެވެ. ޝަރަފް
ކުއްލިއަކަށް އައިސް އޭނަގެ އަތުގައި ހިފައި މަންމަ ހީކުރާ ފަދައިން އޭނަގެ
"ޙަޤީޤީ" ކުލަތައް ދައްކާލާނެ އެކިއެކި ގޮތްގޮތް ސިކުންތުކޮޅެއްގެ
ތެރޭގައި އަފާފްގެ ޚިޔާލުތަކުގައި ދައުރުވިއެވެ. އެހެނަސް ޝަރަފް އޭނައާއި
އެއްފިޔަވަޅުހާ ދުރުގައި ހުރެ ކޮށްލި ސުވާލުން އަފާފްގެ ހިތް ވިރިގެން ދިޔައެވެ.
"އަހަރެން
އަތުގަ ހިފިއަސް އޯކޭތަ؟" ޝަރަފް މަޑުމައިތިރި އަޑަކުން ކޮށްލި ސުވާލުން
އަފާފްގެ މޫނުމައްޗަށް ވެރިވީ ޙައިރާންކަން އެކުލެވިފައިވި ހިނިތުންވުމެކެވެ.
ޝަރަފް އެ ސުވާލު ކުރީ ފަހެ ކީއްވެ ހެއްޔެވެ؟ އޭނަގެ އިޙްޞާޞްތައް ޝަރަފަށް
އެނގުނީ ހެއްޔެވެ؟ މިވަގުތު ޝަރަފް އޭނަގެ އަތުގައި ހިފުމުން ހުއްޓުވޭނެ ހަމަ
އެއްވެސް މީހެއްނެތެވެ. އޭނައަށް އެކަމުގެ ފުރިހަމަ ޙައްޤު ލިބިގެންވެއެވެ. އަދި
އަމުދުން ޝަރަފް އޭނަގެ އަތުގައި ނުހިފައި އޭނައަށް މިތަނުން ދެވޭނެ އިތުރު
ގޮތެއްވެސް އޮތީއެއްނޫނެވެ. ވީއިރު ކީއްވެ ހެއްޔެވެ؟ އެ ޚިޔާލުތަކުގައި ހުރެ
އަފާފް މަޑުމަޑުން އޯކޭއޭ ބުނެލީ ޖެހިލުންވުމަކާއެކީގައެވެ. ފުރަތަމަ ފަހަރަށް
ފިރިހެނެއް ކައިރީގައި އޭނަގެ އަތުގައި ހިފަން އެދެވުނު ގޮތާމެދު އޭނަ
ޤަބޫލުކުރަންވެސް ދަތިވިއެވެ. ދެން ކުރެވޭނެ އިޙްޞާޞަކަށް ކެތްމަދުވެފައިވަނިކޮށް
އޭނަގެ އަތުގައި ހިފާލީ، އޭނަގެ އަތަށްވުރެ ބޮޑު އަތެކެވެ. އެ އަތުގެ އިނގިލިތައް
އަފާފްގެ އަތުގެ އިނގިލިތަކަށް މަހާލެވިގެން ދިޔުމުން އަފާފްގެ އަތް މުޅިންހެން
ފޮރުވިގެން އެ އަތުގެ ހޫނުކަމާއެކީ އެ އަތުގެ ބާރުގަދަކަން ވެސް އޭނައަށް
އިޙްޞާޞް ކުރެވުނެވެ. އެ އިޙްޞާޞުން އަފާފްގެ ހަނދާނަށް އައީ ޝަރަފް އޭނަގާތު
ބުނެލި ބަސްތަކެވެ. މީހަކާއެކީ ދިރިއުޅުމެއް ފަށަނީ ލޯބިދީ، އަޅާލައި،
ރައްކާތެރިކަން ހޯދައިދިނުމަށްޓަކައި ކަމެވެ. ޝަރަފްގެ އެ އެންމެ ބީހުމުން ވެސް
ޝަރަފް އެ ހުރިހާ ކަމެއް އޭނައަށްޓަކައި ކޮށްދޭނެކަން އަފާފަށް ޔަޤީންކުރެވުނީ
ކީއްވެކަމެއް ނޭނގެއެވެ.އަފާފަށް ޔަޤީންކުރެވުނެވެ.
Comments
Post a Comment