Nur (part 28)


"ހާދަ ގަޓެއްނެތޭ ދޯ އާހިލް؟" ޝަރަފް އެ ސުވާލުކުރިތާ މާ ގިނައިރެއްނުވެ އާހިލް އައިސް އެ ދޮރު ހުޅުވާލިއެވެ. އެ ހިނދު ރުއިމުގެ ސަބަބުން ރަތްވެފައިވާ ދެލޮލާއި މިލާފައިވި އާހިލްގެ މޫނު އެންމެނނަށް ވެސް ފެނިގެން ދިޔައެވެ. އާހިލް ފެނުމާއެކު ޝަބާ ވާހަކަ ދައްކަން ފެށިއެއްކަމަކު ޝަރަފް އަތުގެ ޢިޝާރާތުން ޝަބާ ހުއްޓުވާލީ އޭނަ ވަކިން އާހިލް އާ ވާހަކަ ދައްކަން ބޭނުންވާ ވާހަކަ ބުނުމަށެވެ. ޝަބާ އެއަށްފަހު ފަސްއެނބުރިގެން ގޮސް އަނެއްކޮޓަރިއަށް ދިޔައީ ހިތާއި ދެކޮޅަށެވެ. ދޮންތަ ލޯމައްޗަށް ގެއްލުމުން ޝަރަފް އެ އާހިލްގެ ކޮޓަރިއަށްވަނެވެ. އެއާއެކު އޭނަ ހުއްޓުންއަރާ ގޮތްވިއެވެ. އެ ކޮޓަރިވަނީ ނިގޫރޯޅިއެއްފަދަ ޠޫފާނެއް އައިސް އެފުށްމިފުށަށް ޖެހިފައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެންމެ މީހަކަށް ނިދޭ އެނދުމަތީގައި އެންމެ ބާލީހެއްވެސް ނެތްއިރު އެނދުގެ ބެޑްޝީޓްވެސް ވަނީ ނައްޓައި މާ ދުރަށް އެއްލާލެވިފައެވެ. ހެދުން އަލަމާރީގައި ތިބި އަންނައުނު އެކި ދިމާލަށް އުކާލެވިފައިވީއިރު ކޮޓަރީގެ ޓައިލްސް މަތީގައި ގަނޑުކޮޅުތަކެއް ފަދަ އެއްޗެހިތަށް ފަންކާގެ ވަޔާއެކީ އުދުހެމުން ދިޔައެވެ. މީގެއިން އެއްވެސް މަންޒަރަކުން ޝަރަފް ޙައިރާނެއްނުވީ މިއީ މީގެ އަހަރުތަކެއް ކުރިން ޚުދު އޭނަގެ ވެސް ޙާލު ކަމަށްވީތީވެއެވެ. އާހިލް ރުޅިވެރިކަމާއެކީ ގޮސް އެނދުކައިރީގައި އިށީނުމުން އޭނަވެސް ގޮސް އާހިލްގެ ކައިރީގައި އިށީނީ އޭނަގެ ފުރާވަރުގެ ދުވަސްތަކުގެ މަތިން ހަނދާން އާކޮށްލަމުންނެވެ. އެއަށްފަހު އޭނަ އާހިލްއާ ވާހަކަ ދެއްކިއެވެ.

"އެމީހުން ބުނީ ކީކޭ؟" އެ ސުވާލުކުރުމުން އާހިލް ރުޅި އަންނާނެކަން އެނގިހުރެ ވެސް ޝަރަފް މަޑުމައިތިރި އަޑަކުން އެ ސުވާލުކުރިއެވެ. މިހާތަނަށް އައިއިރު އޭނައާއި އާހިލްއާ ދެމެދު އުފެދިފައިވި ގުޅުމުގެ ސަބަބުން އާހިލް އޭނަގެ މަންމައާއި ޙިއްޞާ ނުކުރާ ކަންތައް ވެސް އޭނައާއި ޙިއްޞާ ކުރާނެއްކަން އެނގޭތީވެއެވެ. ޝަރަފަށް ހީވެފައި އޮތީ ރަނގަޅަށެވެ.  މާ ގިނައިރެއް ނުވެ އާހިލް އޭނައަށް ޖަވާބު ދިނެވެ.

"އެ މާއިޝް އަބަދުއަބަދު ބުނެ ހަދަނީ އަހަރެން މާ ކުރޭ. އަހަރެން ކުރިން ވެސް ދޮންބެ ކައިރި ބުނީމެއްނު؟ ދެން އޭނަ ބުނީ އަހަރެން މީ މަންމަގެ ދޮންފުތޭ. މަންމަވެސް ކޮންމެ ދުވަހަކު އަހަރެންގެ އަތުގަ ހިފައިގެން ސްކޫލަށްދާން ޖެހޭތީ ވާހާ ގޮތްމީ. އައި ހޭޓް ހާރ!" އާހިލް އެ ފަހު ޖުމްލަ ބުނެލީ ދަތްކުނޑި ވިކަމުންނެވެ. އެ ޖުމްލަ އިވިފައި ޝަރަފަށް ވަގުތުން ރުޅި އިސްކުރެވެން އުޅުނެވެ. އެހެނަސް ރުޅި އިސްކޮށްގެން މިވަގުތު ޙާޞިލުކުރެވޭނެ އެއްވެސް ކަމެއް ނެތްކަން ދަނެގެން ޝަރަފް ފުން ނޭވައެއް ދޫކޮށްލަމުން ވާހަކަ ދެއްކިއެވެ.

"އާހިލް.....ދޮންބެ ހީކުރީ އާހިލް ތިއަށްވުރެ ބްރޭވްވާނެ ކަމަށް. ވަކި މީހަކު ބުނާ އެއްޗެއްގެ ސަބަބުން ތިމާ ލޯބިވާ މީހަކަށް ތިގޮތަށް ނަފްރަތު ކުރަންޖެހޭތަ؟ ތިއީ ފިނޑި މީހުންގެ ގޮތެ...." ޝަރަފްގެ ޖުމްލަ ފުރިހަމަ ނުވަނީ އާހިލްގެ އަޑު ހަރުވިއެވެ.

"މަ ތަޙައްމަލުކުރި ވޭންތައް ކަލެއަށް ފެނުނުނަމަ ތި ބަސް މަ ސިފަކުރަން ބޭނުން ނުކުރީސް. ކަލެއަކަށް ނޭނގޭ. އެއްވެސް މީހަކަށް ނޭނގޭ!!!" އާހިލް އެހެން ބުނެލުމަށްފަހު ކުއްލިއަކަށް ކޮޅަށް ތެދުވެލަމުން އެ ކޮޓަރިން ނިކުންނަން ދިޔައެވެ. އެ ހިނދު ޝަރަފް ވެސް ވަގުތުން ތެދުވެލަމުން އޭނަގެ ފަހަތުން ދާން ހިނގައިގަތެވެ. އާހިލް ކޮޓަރީގެ ދޮރާއި ހަމަވީ ވަގުތު ޝަރަފް އޭނަގެ ދެކޮނޑުގައި ހިފައި އޭނަ ހުއްޓުވިއެވެ. އާހިލް ދެންވެސް ގަދަ ހަދައި ހަޅޭއްލެވިއެއްކަމަކު އޭނަގެ ދޮންބެ ބާރުގަދަ އަތްދަށުން އޭނައަށް ސަލާމަތް ނުވެވުނެވެ. އެންމެ ފަހުން އާހިލް ބަލިވީކަން އެނގުންވުމުން ޝަރަފް ދެންވެސް ގަދަކަމުން އާހިލް އޭނައާއިވީ ފަރާތަށް އަނބުރާލިއެވެ.

"އެހެން މީހުންނަށް ނޭނގެއޭ ބުނާއިރު އާހިލްއަށް އެމީހުންގެ ޙަޔާތުގެ ވާހަކަ އެނގޭތޯ ޔަޤީންކުރާތި! އާހިލްއަށް ހީވަނީ އާހިލްއަށް އެކަނިހެންތަ ތިކަހަލަ ކަމެއް ދިމާވީ؟ އެހެންވެއްޖެއްޔާ އަޑުއަހާ! އާހިލްގެ ކުރިމަތީގަ މިހިރި ދޮންބެއަކީ ވެސް ތި ޢުމުރުގަ ތިފަދަ ޙަމަލާތަކެއްގެ ޝިކާރައަކަށްވީ މީހެއް. ތިފަދަ ބަދުބަސްތަކާ ތިފަދަ އަނިޔާތަކެއްގެ ދަށުން ސަލާމަތްވާނެ ގޮތެއް ނޭނގިފައިވި މީހެއް. އޭގެ ސަބަބުން ހަމަ ތިގޮތަށް ރުޅި އިސްކުރި މީހެއް. އެކަމަކު އެ ރުޅިއަކުން ދޮންބެއަށް ލިބުނު އެހީއެއްނެތް...." ޝަރަފް އޭނަގެ ވާހަކަ ފެށީ ހިސާބެއްގެ ނުރުހުމުގެ ރާގަކަށް ކަމަށްވިޔަސް އެންމެ ފަހު ޖުމްލަ ބުނެލީ މަޑުމައިތިރި އަޑަކުންނެވެ. އެ ވާހަކަތައް އަޑުއަހަން ޝަރަފަށް ބަލަހައްޓައިގެން ހުރި އާހިލްގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. އެކަން ފާހަގަވުމުން ޝަރަފް ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ވާހަކައެއް ކިޔައިދެންތޯ އެހިއެވެ. އާހިލް ސިކުންތުކޮޅެއް ވަންދެން ޝަރަފަށް ބަލަން ހުރެފައި މަޑުމަޑުން ބޯޖަހާލިއެވެ.

ޝަރަފް އާހިލްއާ އެކީގައި ގޮސް އެނދުމަތީގައި އިށީނދެ ކިޔައިދޭންފެށީ އޭނަގެ ޙަޔާތުގެ ވާހަކައެވެ. އޭނަ މާލެއަށް ބަދަލުވީ ދުވަހު ކުރެވުނު އިޙްޞާޞްތަކާ، ވިޔާމާއި ދިމާވި ގޮތާއި، ވިޔާމް އޭނައާއިމެދު ކަންތައް ކުރި ގޮތުގެ ވާހަކަތަކެވެ. އެ ހުރިހާ ވާހަކައެއް އަޑުއަހަމުން ދިޔަ އާހިލްއަށް އިނދެވުނީ ބަސްހުއްޓިފައެވެ. އެ މޫނުމަތީގެ ކުލަވަރުން އޭނަގެ ބަސްތައް އާހިލްގެ ހިތާއި ހަމައަށް ވާޞިލުވިކަން އެނގުންވި ޝަރަފް އެ ވަގުތުކޮޅުގައި އާހިލްއާ އާޔަތެއް ޙިއްޞާކުރަން ބޭނުންވިއެވެ.

"ހެހެ.....މި ވާހަކައިން ލިބޭ ފިލާވަޅަކީ ވަކި ތިކަމުން ސަލާމަތްވެވޭނީ އޮސްޓްރޭލިޔާއަށް ގޮސް ބޮޑީ ބިލްޑް ކޮށްގެނެއް ނޫން އިނގޭ. ކިތަންމެ ޖާނުން ވަރުގަދަ ވިޔަސް ތިބާއަށް އެ ލިބުނު އަނިޔާތަކެއްގެ ސަބަބުން މުޅި ޢުމުރަށް ވެސް ހިތްހަމަނުޖެހި ހިނގައިދާނެ. އެ ހިތްހަމަނުޖެހުމުން ސަލާމަތްވެވޭނެ ހަމައެކަނި ގޮތަކީ ﷲ ހަނދުމަކުރުން. އެނގޭ އާހިލް ވާނީ މި ވާހަކަ ކުރިން ވެސް އަޑުއަހާފަކަން. އެކަމަކު މި ޙާލަތުގަ ﷲ ހަނދުމަ ކުރީމަ އާހިލްގެ ހިތަށް ހަމަޖެހުން ލިބޭނީ ކީއްވެކަން އާހިލްއަށް އެނގޭތަ؟ އާހިލް ހަނދާން ހުންނާނެ ކަންނޭނގެ ޢިއްޒަތްވަނީ ކާކަށްކަން އަފޫ ދައްތި ކިޔައިދިން ހަނދާން. ހަނދާން ނެތިފައިވާނަމަ ދޮންބެ ކިޔައިދީފާނަން. ޢިއްޒަތް ވަނީ ﷲ އަށާއި އެކަލާނގެ ރަސޫލާއަށާއި މުއުމިނުންނަށް. މި ޢިއްޒަތް ދެއްވީ ހަމައެކަނި ﷲ. އެކަލާނގެ ދެއްވި އެއްޗެއް އެކަލާނގެ ނޫން އެހެން އެއްވެސް ފަރާތަކަށް އަހަރުމެންގެ ކިބައިން ނުނެގޭނެ. އަދި އެހެން ނޫނަސް އެންމެ މާތް މީހަކީ ﷲ އަށް އެންމެ ބޮޑަށް ތަޤްވާވެރިވާ މީހެއްނޫންތަ؟ ކޮންމެ މީހަކު ކޮންމެ ބަހެއް ބުންޏަސް އަދި ކޮންމެ ވައްތަރެއް ޖެއްސިޔަސް އެ ޙަޤީޤަތް ބަދަލުނުވާނެ. އެމީހުންގެ ކުރިމަތީގަ ބަލި ޤަބޫލުނުކުރުމަކީ އާހިލްއަށް ކުރެވޭނެ ކަމެއް. އެފަދަ ސާބިތުކަމެއް ލިބޭނީވެސް ފަސްއިރު ކޮންމެ ތަނެއްގައި ވިޔަސް ﷲ ގެ ކުރިމަތީގައި ޤާއިމްވެގެން." ޝަރަފް ނަޞޭޙަތްތެރިވިއެވެ. އެ ނަޞޭޙަތް އަޑުއަހަންއިން އާހިލް އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ ބޯޖަހާލީ އެ ބަސްތައް ޤަބޫލުކުރި ފަދައަކުންނެވެ. އެހެނަސް މާ ގިނައިރެއްނުވެ އަނެއްކާވެސް އެ މޫނުމައްޗަށް ހިތާމަވެރިކަން ވެރިވިއެވެ.

"އެކަމަކު ދޮންބޭ.....އަހަރެން ވަރަށް ދެރަވޭ އެމީހުން އެހެން ހަދާތީ. ހިތަށްއަރާ އަހަރެން އެމީހުންހާ ވަރަށް ރީތިވިނަމައޭ. އަހަރެން ލް....ލައިކްވާ އަންހެން ކުއްޖާއަށް އެމީހުން ކަހަލަ މީހުން ކަމުދަނީ. އެހެންވެ އަހަރެން ވެސް ބޭނުން އެމީހުން ގޮތަށްވާން." އާހިލް އެހެން ބުނެލި ތަނާހެން ޝަރަފް އައްޗިއޭ ކިޔާލިއެވެ. އާހިލް ކުޑަ ސިހުމަކާއެކީ ޝަރަފަށް ބެލިއެވެ.

"އާހިލްއަށް ހީވޭތަ އެކަހަލަ މީހުން ކަމުދާ އަންހެން ކުއްޖެއްގެ ފަރާތުން އާހިލްއަށް ލޯތްބެއް ލިބޭނެހެން؟ އިފް ސޯ ދެން ޔޫ އާރ ރޯންގް! އާހިލް ޑިޒާވްވަނީ އެއަށްވުރެ މާ ރަނގަޅު ކުއްޖަކު. މިވަގުތު އާހިލް ފޯކަސް ކުރަންޖެހޭ ހަމައެކަނި ކަމަކީ ﷲ ރުހިވޮޑިގެންވާ ފަދަ އުޅުމެއް އުޅުން. މިއަދު އާހިލް ކިތަންމެ ބޭނުންވިޔަސް އަންހެން ކުއްޖަކު އާހިލްގެ ޙަޔާތަށް ގެނެވޭނެތަ؟ ނޯ! ގެންނަން ބޭނުންވަންޏާ ގެނެވޭނީ ﷲ ރުހިވޮޑިގެންނުވާ ފަދަ ގޮތަކަށް. އެންޑް ޓްރަސްޓް މީ. ﷲ ބަރަކާތް ލެއްވި ގުޅުމެއްގައި ނޫނީ ދުވަހަކުވެސް ފުރިހަމަ ހިތްހަމަޖެހުމެއް ނުލިބޭނެ. އާހިލްއަށް ވެސް އަދި އާހިލްއަށް ކަމުދާފަދަ ކުއްޖަކު ލިބޭނެ ދުވަހެއް އަދި އަންނާނެ އިން ޝާ ﷲ. އެކަމަށްޓަކައި ﷲ އަށް ދުޢާކޮށް ހަމައެކަނި އެކަލާނގެއަށް ވަކީލުކުރީމަ އެކަލާނގެ ހީވެސް ނުކުރާ ގޮތްގޮތުން އާހިލްއަށް ރިޒުޤު ތަނަވަސްކޮށްދެއްވާނެ." ޝަރަފް، އޭނަ އަފާފާއި ގުޅެން ގާތްވަމުން ދިޔަ ދުވަސްވަރު އޭނައަށް ލިބުނު ފިލާވަޅު އާހިލްއާ ޙިއްޞާ ކުރިއެވެ. އޭނަ އެހެން ބުނުމުން ދޮންބެއަށް އަފޫ ދައްތި ލިބުނީ އެހެންތޯވެސް އާހިލް އެހިއެވެ. ޝަރަފް ހިނިތުންވުމަކާއެކީ އާނއެކޭ ބުނެލުމުން އާހިލް ވެސް ހިނިތުންވެލިއެވެ. އެއަށްފަހު އާހިލް ޝަރަފްގެ ގައިގައި ބައްދާލުމުން ޝަރަފްގެ އާހިލްގެ ބުރަކަށީގައި ފިރުމާލިއެވެ. އެ ހިނދު އެގަމީހުގެ މަތިން ވެސް އާހިލްއަށް ލިބިފައިވި ޒަޚަމްތަކުގެ އަސަރުތަކުގެ އިޙްޞާޞް ކުރެވުމުން ޝަރަފްގެ މޫނުމައްޗަށް ސީރިއަސްކަން ވެރިވިއެވެ. އެ ވަގުތަށްޓަކައި އާހިލް ހިތްހަމަޖައްސާލެވުނަސް އާހިލް މި ޙާލަތުން ސަލާމަތް ކުރުމަށް ޝަރަފް ޢަމަލީ ފިޔަވަޅުތަކެއް އަޅަން ބޭނުންވިއެވެ. އޭނައަށް ދިމާވި ޙާލަތު އާހިލްއަށް ދިމާވާން ނޭދުނު ވަރުންނެވެ.

އެކަމަށްޓަކައި ޝަރަފް އެދުވަހު އެގެއިން ނިކުތް ގޮތަށް ދިޔައީ އާހިލްމެން ކިޔަވާ ސްކޫލަށެވެ. ސްކޫލްގެ އޮފީހަށް ގޮސް އޭނަ ވަގުތުން އެދުނީ އޭނަ އެ ސްކޫލްގެ ޕްރިންސިޕަލާއި ބައްދަލުކުރަން ބޭނުންވާ ވާހަކައެވެ. އޭނަ ނުދަންނަ އެ ޕްރިންސިޕަލްގެ ކުރިމަތީގައި ގޮސް އިށީނދެވުނު ތަނާހެން ޝަރަފް ވަގުތުން ކިޔައިދޭންފެށީ އާހިލްގެ ވާހަކައެވެ. މާއިޝް ނަމަކަށް ކިޔާ އެ ސްކޫލަށް އަލަށްވަން ކުއްޖެއްގެ ފަރާތުން އާހިލްއަށް އަނިޔާތަކެއް ލިބެމުންދާ ވާހަކައެވެ.

"މިކަން ހުއްޓުވުމަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް. އޭގެ ކުރިން އަޅުގަނޑު ބޭނުން އާހިލްގެ ބެލެނިވެރިއެއްގެ ޙައިސިއްޔަތުން މާއިޝްގެ ބެލެނިވެރިޔާއާވެސް ބައްދަލުކުރަން." ޝަރަފް އެދުނެވެ. ޕްރިންސިޕަލް އޭނަ ހީކުރިވަރަށްވުރެ ފަސޭހައިން އޭނައަށް އެކަމުގެ އިޒުނަ ދެއްވިއެވެ. އަދި އެހާރުން އެހާރަށްވެސް މާއިޝްގެ ބެލެނިވެރިންގެ މަޢުލޫމާތު އޭނައަށް ކިޔައިދެއްވައި މާއިޝްގެ ބެލެނިވެރިޔާއާއި ގުޅޭތޯ މަސައްކަތް ކުރެއްވިއެވެ.

" ޢާއްމުގޮތެއްގަ މާއިޝްގެ ކަންތައް ބަލަހައްޓަނީ އޭނަގެ ބައްޕަ. އެކަމަކު ވަރަށް ގިނަފަހަރު ބައްޕައާ ނުގުޅިފަ އޮންނާނީ. އޭނަގެ ބައްޕައަށް ކިޔަނީ ނަބީހް ސަޢީދު." އިވުނު ނަމުން ޝަރަފްގެ ދެލޯ ބޮޑުވެ އޭނަގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ. އޭނަ ކެތްތެރިކަމެއްނެތި އިންތިޒާރު ކުރީ ޕްރިންސިޕަލް ހިފަހައްޓައިގެން ހުރި ފޯނަށް ޖަވާބެއް ލިބޭނެ އިރަކަށެވެ. އިރުކޮޅެއްގެ ތެރޭގައި ޕްރިންސިޕަލް ސަލާމް ގޮވާލެއްވުމުން ޝަރަފްގެ ނޭވާ ހުއްޓުމަކަށްއައެވެ.

"މާއިޝްގެ ބައްޕަތޯ؟ އާނ....ސްކޫލްގަ ކުޑަ މައްސަލައެއް ދިމާވެގެން މިއުޅެނީ. މާއިޝްއާ ކޮންމެވެސް އެހެން ކުއްޖަކާ ދެމެދު. އެކުއްޖާގެ ބެލެނިވެރިޔާ ނަބީހްއާ ބައްދަލުކުރަން ބޭނުންވެގެން އުޅެނީ. މިހާރު ސްކޫލަށް އައިސްދެވިދާނެތަ......އާނ...އާނ އޯކޭ." ޕްރިންސިޕަލް ފޯނުން ވާހަކަ ދެއްކުމަށްފަހު ނަބީހް އިރުކޮޅެއްގެ ތެރޭގައި އަންނާނެ ކަމަށް ބުނުމުން ޝަރަފް ހިނދުކޮޅަކަށް ނަމަވެސް ހުއްޓުން އެރިއެވެ. އެހެނަސް ވެއިޓިންގް ރޫމުގައި މަޑުކޮށްލަ ދިނުމަށް އެދުމުން ޝަރަފް އެދިމާލަށް ދިޔައެވެ.

**

އެދުވަހުގެ ހަމަ އެވަގުތު އަފާފް އިނީ އޭނަގެ މަންމައާއެކީ ސިޓިންގް ރޫމުގައެވެ. މަންމަ ޓީވީއިން ކޮންމެވެސް ހިންދީ ޑްރާމާއެއް ބަލަން އިންއިރު އަފާފް އިނީ އޭނަގެ އަތުގައި އޮތް ފޮތުގެ އަކުރުތަކުގައި އަތްލަމުން، އެ ފޮތް ކިޔާށެވެ. މިއީ ވެސް ޝަރަފްގެ ހިތްވަރުން އޭނައަށް ދަސްކޮށްދީފައިވާ ކަމެކެވެ. އެގޮތަށް އަކުރު ކިޔަން ދަސްކުރިތާ އަދި މާ ގިނަ ދުވަހެއް ނުވާތީ އަފާފަށް އަދިވެސް ކިޔާ އެއްޗެއް ދޭހަކުރަން ވަގުތު ނަގައެވެ. އަދި އަމުދުން އެވަގުތު ޓީވީއިން އިވެމުން ދިޔަ އަޑުތަކުން އޭނައަށް އިތުރަށް ދަތިވަމުން ދިޔައެވެ. އޭނަ އެތާ އިނީ ބައްޕައާއި ޝަރަފް ވެސް އޭނަ ގިނަ ވަގުތު ކޮޓަރީގައި އެކަނި ނުހުރުމަށް އަންގާފައިވާތީވެއެވެ. އެހެނަސް އަފާފަށް ހީވީ މަންމައާއި އެކީގައި އިނަސް އޭނައަށް އިނދެވުނީ އެކަނި ހެންނެވެ. އޭނަގެ ކައިވެންޏަށްފަހު މަންމަ އޭނައާއި މާ ގިނަ ވާހަކައެއް ނުދައްކާތީ އަފާފް މާޔޫސްވާ ގޮތްވެއެވެ. އޭގެ ފަހަތުގައިވާ ސަބަބު އެނގުމުން އޭނަ އިތުރަށް ދެރަވެގެންދެއެވެ. އޭނަގެ ޙަޔާތުގެ ބައިވެރިއަކަށް މިއަދު ވެފައިވި ފަރާތަކީ އޭނައަށް އަނިޔާއެއް ދީފައިވާ ފަރާތަކަށް ވިޔަސް، އެފަދަ މީހަކު އޭނަގެ ޙަޔާތަށް އައުމުން އޭނައަށް ލިބިފައިވި އުފާވެރިކަން މަންމައަށް އިޙްޞާޞް ކުރެވޭނެ ނަމައެވެ. އޭނަ މިހާތަނަށް އައިއިރު އެތައް ދުވަހެއްގެ މަތިން މަންމައަށް އެ ވާހަކަ ކިޔައިދެވޭތޯ މަސައްކަތް ކުރިއެވެ. އެހެނަސް އެއަކުން މަންމަ ޝަރަފާއިމެދު ދެކޭ ނަޒަރިއްޔާތަށް ކުޑަވެސް ބަދަލެއް އައިހެނެއް ހިއެއްނުވެއެވެ. އެ ވަގުތުވެސް ޓީވީއިން ފެނުނު މަންޒަރެއް ޝަރަފްގެ ނުބައިކަން އަންގައިދިނުމަށް މަންމަ ބޭނުންކުރިއެވެ.

"ގިނަފަހަރު މައިދައިތައާ ފިރިމީހާވެގެން އަންހެނުންނަށް އަނިޔާދޭން މަސައްކަތް ކުރާނީ. އަފާފް ވަރަށް ވިސްނައިގެން އުޅޭތި." ޝާދިޔާ ޑްރާމާގެ އަވައިގައި ޖެހިފައި އިނދެ ސީރިއަސްކަމާއެކީ ބުންޏެވެ. އަފާފް އެ ވާހަކައާމެދު ކިތަންމެހާ ވެސް ފޫއްސެއްވިއެއްކަމަކު އޭނަ އެކަން މޫނުމަތިން ދެއްކުމެއްނެތި އަދަބުވެރިކަމާއެކީ ވާހަކަ ދެއްކޭތޯ ބެލިއެވެ.

"ޕްލީޒް މަންމާ! ތިހެންވެ މިކަހަލަ ޑްރާމާތައް ނުބަލަންވީ. ކޮންމެކޮންމެ ފިރިއަކީ އެކަހަލަ މީހެއްނޫން. ކޮންމެ ކޮންމެ މައިދައިތަ...އަކީ ވެސް އެކަހަލަ މީހެއްނޫން..." އަފާފް އޭނަގެ ވާހަކަ ފެށީ ސާބިތުކަމާއެކީގައި ކަމަށްވިޔަސް އޭނަގެ ފަހު ޖުމްލައާއި ހިސާބުން އޭނަ ޖެހިލުންވާ ގޮތްވިއެވެ. އޭނަގެ މައިދައިތައެއް އޭނައަށް ފެނިފައިނުވާކަން އޭނައަށް އެނގުންވުމުންނެވެ. ޝަރަފް މިހާތަނަށް އައިއިރު އޭނަގެ މަންމަގެ ވާހަކަ ދައްކާފައި ނުވުމުން އަފާފް ނިންމައިގެން ހުރީ އޭނަގެ މަންމަ ދުނިޔެ ދޫކޮށް ގޮސްފައިވީ ކަމަށެވެ. ޝަރަފްގެ މަންމައާއިމެދު ސުވާލުކުރަން ވެސް ނުކެރިފައިވި ޙަޤީޤީ ސަބަބަކީ އެއީއެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އަފާފް އެވަގުތު އެކަން ޔަޤީން ކުރަން ބޭނުންވިއެވެ. އޭނައަށް އެއްޗެކޭ ނުބުނެވެނީސް މަންމަ އޭނަގެ ހިތުގައި އުފެދުނު ސުވާލުތަކުގެ ޖަވާބު ވަކި މިންވަރަކަށްދިނެވެ.

"ދުނިޔޭގެ އެދުމަކަށްޓަކައި ދަޅަ ދެއްކުމަކީ ކޮންމެ މީހަކަށް ވެސް ކުރެވިދާނެކަމެއް އަފާފް. ޚިޔާލަށްވެސް ނުގެނެވޭހާ ރަނގަޅު ފިރިއެއް އަފާފަށް ތި ފެންނަނީ އެހެންވެ. އަދި އަފާފްގެ މައިދައިތަގެ ވާހަކަ އަފާފް އަޑުވެސް ނާހަމެއްނު؟ އެ މައިދައިތަ އެނގޭ ދުވަހަކުން މަންމައަށް ހިއެއްނުވޭ އަފާފް އެ ޢާއިލާއާ އެއްވެސް ގުޅުމެއް ބާއްވަން ބޭނުންވާނެހެނެއް." މަންމަ ބުނެލި އެވާހަކައިން އަފާފްގެ ހިތުގައި ބިރުވެރިކަމުގެ ރާޅު ބާންޏެއް ނެގިއެވެ. އޭނަ ހަމަ ވަގުތުން އޭނަގެ މައިދައިތަ މަންމައަށް އެނގެނީތޯ އަހައި އިތުރު ސުވާލުތަކެއްކުރަން ބޭނުންވިއެވެ. އެހެނަސް މަންމަ އޭނައަށް ފުރުޞަތެއް ނުދީ ދާން ހިނގައިގަތުމުން އަފާފްގެ ހިތް ގެނބުނެވެ. މަންމަ އެ ބުނާގޮތުންނަމަ އޭނަގެ މައިދައިތަ ހަމަ އެހާވެސް ނުބައި ވެދާނެބާވައެވެ؟ އެއީ ޑްރާމާތަކުން ފެންނަހެން އިޙްސާންތެރިވިޔަސް ދަނބިދަރިއަށް ހެޔޮ ނުވާނެފަދަ މައިދައިތައެއް ހެއްޔެވެ؟ އަމިއްލަ މައިދައިތައާމެދު ނުބައިކޮށް ވިސްނަން ފެށިތާ މާ ގިނައިރެއް ނުވެ އަފާފް އެ ޚިޔާލުތައް ސިކުނޑިން ފޮޅުވާލީ އޭނަ މިވިސްނަނީ ޝަރަފްގެ މަންމައާއި ބެހޭގޮތުން ކަން އެނގުންވުމުންނެވެ. އިސާހިތަކު އޭނަ ހެޔޮކޮށް ވިސްނޭތޯ މަސައްކަތް ކުރިއެވެ. އޭނައާމެދު ކިތަންމެ ނުބައިކޮށް ކަންތައް ކުރާ މީހަކާމެދު ވެސް އޭނައަކީ ހެޔޮކޮށް ކަންތައް ކުރެވޭތޯ ބަލާ މީހެކެވެ. އޭނަގެ މައިދައިތައަކީ އުނދަގޫ މިޒާޖެއްގެ މީހަކަށް ވިޔަސް އޭނައާއި ޝަރަފްގެ ގުޅުމަށް އެއްވެސް ނޭދެވޭ އަސަރެއް ނުކުރާނެ ވަރަށް އެ މައިދައިތައަށް ހެޔޮވުމަށް އަފާފް އަޒުމް ކަނޑައެޅިއެވެ. އަދި އެ ޢަޒުމުގައި ދެމިހުރުމުގެ ސާބިތުކަން އޭނައަށް ދެއްވުމަށް އެދި އަފާފަށް ދުޢާކުރެވުނެވެ.

**


ޝަރަފް އާހިލްމެންގެ ސްކޫލްގެ ވެއިޓިންގް ރޫމުގައި ވަނިކޮށް އޮފީހުގެ ކުއްޖަކު އައިސް އޭނަ އަނެއްކާވެސް ޕްރިންސިޕަލްގެ ރޫމަށް އައުމަށް އެންގުމުން ޝަރަފަށް ތެދުވެވުނީ ފުންމައިގެންނެވެ. އޭނައަށް ވެއިޓިންގް ރޫމުން ނިކުމެ ޕްރިންސިޕަލްގެ ރޫމަށް ހިނގައިގަނެވުނީ ދިގު ފިޔަވަޅުތަކެއްގައެވެ. އެ ރޫމުގެ ލައްޕާލެވިފައިވާ ދޮރާއި ހަމަވުމުން ޝަރަފް ހަމަޖެހިލުމަށްޓަކައި ފުން ނޭވައެއް ދޫކޮށްލިއެވެ. އެއަށްފަހު ލަސްލަހުން އެ ދޮރު ހުޅުވާލިއެވެ. އެ ހިނދު އާދައިގެ ހަށިގަނޑެއް ލިބިފައިވި ފިރިހެނަކު ޕްރިންސިޕަލާއި ވާހަކަ ދައްކަން ހުރިތަން އޭނައަށް ފެނުނެވެ. ޝަރަފް އެ ދޮރު ރަނގަޅަށް ހުޅުވައި ވަން ވަގުތު ޕްރިންސިޕަލް އޭނައަށް ބަލާލަމުން ވާހަކަ ދެއްކިއެވެ.

"އެހެރީ އާހިލްގެ ދޮންބެ." ޕްރިންސިޕަލް އެހެން ދެންނެވި ތަނާހެން އެ ފިރިހެންމީހާ ޝަރަފާއި ދިމާލަށް އެނބުރިލިއެވެ. އެ ސޫރަ އޭނައަށް ފެނުމާއެކު ޝަރަފަށް އެ މޫނަށް ފަރުވާތެރިކަމާއެކީ ސިކުނޑީގައި އެ ސޫރަ ރައްކާކޮށްލެވުނެވެ. ނަބީހްއަކީ ހަތަރެސްކަން ބައްޓަމެއްވާ މޫނެއްގެ ވެރިއެކެވެ. ތުނިކޮށް އިސްތަށިގަނޑު ކޮށާލެވިފައިވީއިރު ތުނބުޅި ކޮންމެވެސް ވަރަކަށް ދިގުކޮށްފައިވިއެވެ. އޭނައަށް ބަލާފައި އެއީ ފުރާވަރުގެ ކުއްޖެއްގެ ބައްޕައެއްހެން ހިއެއްނުވެއެވެ. އޭނަ ފެންނަމުން ދިޔައީ އެއަށްވުރެ ޒުވާންކޮށެވެ. ކުރިމަތިން ފެންނަމުން މިދަނީ އޭނަގެ ޙަޔާތުގައި ކޮންމެވެސް ބޮޑު ދައުރެއް އަދާކުރާނެ މީހެއްހެން ޝަރަފަށް ހީވީ ކީއްވެކަމެއް ނޭނގެއެވެ. އޭނަ ނަބީހް ފެނުނު ފުރަތަމަ ސިކުންތުގައި ވެސް އޭނަގެ ގޮތް އަމިއްލަ އަމިއްލައަށް ނިންމާލަން ބޭނުންވިއެވެ. ނަބީހްގެ ތުނބުޅި ހުރި ގޮތުން އޭނަ ދީންވެރިވެފައިވާހެން ޝަރަފަށް ހީވިއެވެ. އެހެނަސް މި ހުރިހާއިރު އޭނަގެ ސިކުނޑީގައި ދައުރުވަމުން ދިޔަ ޚިޔާލުތަކަށް ހުއްޓުމެއްނައެވެ. ނަބީހް އެހާ ރަނގަޅުވެފައިވާނަމަ އޭނަގެ ދަރިފުޅުގެ އުޅުން އެހާ ގޯހީ ކީއްވެ ހެއްޔެވެ؟ އޭނައަށް ނަބީހްއާމެދު ހެޔޮކޮށް ވިސްނަން ދަތިވަނީ ކީއްވެ ހެއްޔެވެ؟ އޭނަގެ ހިތުގައި އުފެދުނު ސުވާލުތައް ނަބީހްއަށް ކޮންމެވެސް ވަރަކަށް އެނގުނީ ކަންނޭނގެއެވެ. އޭނަ ޝަރަފް ފެނުމާއެކުހެން އޭނަގެ ކައިރިއަށް ދިޔައެވެ.

"ބްރޯ އައިމް ސޯ ސޮރީ އަހަރެންގެ ދަރިފުޅުގެ ފަރާތުން ތިގޭ ކުއްޖާއަށް އަނިޔާއެއް ލިބުނީތީ. މާއިޝްއަކީ ޢާއްމުގޮތެއްގަ ވަރަށް މަޑުން ނުހުރެވޭ ކުއްޖެއް. އެއީ ކުރީކޮޅު އަހަންނަށް މާއިޝްއަށް ނުދެވުނު ސަމާލުކަމުގެ ސަބަބުން ކަންނޭނގެ....." ނަބީހް އޭނަގެ ކުރިމައްޗަށް އައިސް ހުއްޓި ވާހަކަ ދެއްކި ރާގުން ކުއްލިއަކަށް ނަބީހްއާމެދު ޝަރަފްގެ ސިކުނޑީގައި އޮތް ނަޒަރިއްޔާތު ބަދަލުވާން ފެށިއެވެ. އެންމެ ފަހު ޖުމްލަ ބުނެލީ ވަގުތު އެމޫނުމަތިން ފެނުނު މާޔޫސްކަމުން ޝަރަފަށް ޙައިރާންކަމެއް ލިބުނެވެ. ޢާއްމުގޮތެއްގައި މިފަދަ ޙާލަތެއްގައި ބައްދަލުވާ ބެލެނިވެރިންގެ ދެމެދުގައި ހިނގާނީ ޒުވާބުތަކެއް ނޫންހެއްޔެވެ؟ ޝަރަފް އަމުދުން ނަބީހްގެ ފަރާތުން އުއްމީދުކޮށްގެން ހުރީ އެފަދަ ގޮތެކެވެ. އެހެނަސް އޭނައަށް މި ފެންނަނީ ކޮން ކަހަލަ މަންޒަރެއް ހެއްޔެވެ؟

"އަދިވެސް އެއްފަހަރު ވަރަށް ބޮޑަށް މަޢާފަށް އެދެން. އަހަރެން އަމިއްލައަށް މި ކަމަށްޓަކައި މާއިޝްއަށް އަދަބުދޭނަން. މިހާރު ވެސް ޕްރިންސިޕަލް އަރިހުން އެދިގެން ކަނޑައަޅާފަ އޮތް މުއްދަތަށްވުރެ ދިގު މުއްދަތަކަށް މާއިޝްއަށް ސްކޫލަށް ނުދެވޭގޮތަށް ހަދައިފިން. މާއިޝްގެ ފަރާތުން އާހިލްއަށް ލިބުނު ގެއްލުމެއްގެ ބަދަލުދޭން ވެސް އަހަރެން މިހިރީ ތައްޔާރަށް." މިފަހަރު ނަބީހް ދެއްކި ވާހަކަތަކުން ޝަރަފްގެ އަނގަވެސް ކުޑަކޮށް ހުޅުވި އޭނަގެ ދެބުމަ ކައިރިވިއެވެ. އޭނައަށް ނަބީހްއާމެދު މި ހުރިހާ ދުވަހު ވިސްނިފައިވީ ގޯސްކޮށް ހެއްޔެވެ؟ ނަބީހް ހަމަ ޙަޤީޤަތުގައި ވެސް ތައުބާވެފައިވަނީ ހެއްޔެވެ؟ އެ ހިނދު ޝަރަފްގެ ހަނދާނަށް އައީ އެދުވަހު ހެނދުނު އަފާފްގެ ބައްޕަ ދެއްކި ވާހަކައެވެ. ނަބީހް ފަށަން އުޅޭ މަޝްރޫޢުގެ ވާހަކައެވެ. ތައުބާވެފައިވާ މީހަކު ނޫނީ އެފަދަ މަޝްރޫޢެއް ފަށަން ބޭނުންވާނީ ކާކުތޯ ޝަރަފްގެ ހިތް ސުވާލުކުރިއެވެ. އެއާއެކު ނަބީހްއަށްޓަކައި ހިތް ސާފުކުރަން ޝަރަފްގެ ސިކުނޑި އެންގިއެވެ.

"އަހަންނަށް ކިޔަނީ ނަބީހް. މިއޮތީ އަހަރެންގެ ނަންބަރު. މާއިޝް އާހިލްއަށް އިތުރު އެއްވެސް ކަމެއް ކުރި ވާހަކަ އިވުނިއްޔާވެސް އަހަންނަށް ގުޅާލުން އެދެން." ނަބީހް އޭނައަށް ކާޑެއް ދިއްކޮށްލަމުން ބުނެލިއެވެ. ޝަރަފް އެ ކާޑުގައި ހިފާލީ އޭނަ އާހިލްގެ ކަމެއްގައި ނޫނަސް ނަބީހްއަށް ގުޅަންޖެހިދާނެހެން ހީވުމުންނެވެ. އޭނަ ކާޑުގައި ހިފާލިތަނާހެން ނަބީހް ޕްރިންސިޕަލާއި ޝަރަފަށްވާ ގޮތަށް ތިމަންނަ އަވަހަށް ދާންޖެހޭކަމަށްބުނެ އެތަނުން ދާން ހިނގައިގަތެވެ. ނަބީހް ލޯމައްޗަށް ގެއްލެންދެން ޝަރަފަށް އެދިމާލަށް ބަލަން ހުރެވުނީ ދެންވެސް ދެ ޚިޔާލެއްގެ މަތީގައެވެ. އެހެނަސް އޭނަ ހުރިހާ ނުބައި ޚިޔާލެއް ފޮޅުވާލީ ތިމާގެ މުސްލިމް އަޚާއާމެދު ހެޔޮކޮށް ވިސްނަންޖެހޭކަން ހަނދާންކޮށްލަމުންނެވެ.

ޝަރަފް ސްކޫލްގެ އޮފީހުން ނިކުތީ ވެސް ނަބީހްއާމެދު ވިސްނަމުންނެވެ. ސްކޫލުން ނިކުތުމަށްޓަކައި އޭނަ ސްކޫލްގެ ގޭޓާއި ހަމަވީ ވަގުތު އޭނަ ސިހިގެން ދިޔައީ އަންހެނަކު އެއްޗެހި ގޮވާ އަޑަށެވެ.

"އޭ! ކަލޭ މަޑުން ހުރޭ. މަޑުން ހުންނާށޭ!" އެ އަޑަށް ޝަރަފަށް އޭނަގެ ކަނާތް ފަރާތަށް ބަލާލެވުނެވެ. އެހިނދު ބުރުގާ އަޅައިގެން ކަކުލާއި ހަމައަށް އޮތް ހެދުމެއް ލައިގެން ހުރި ޒުވާން ފުރައިގެ އަންހެން ކުއްޖަކު އޭނައަށް ފެނުނެވެ. އެ އަންހެން ކުއްޖާ ހަޅޭއްލަވަމުން ދިޔައީ މުސްކުޅި އަންހެނަކާ ދިމާލަށެވެ. މަގުގެ އަނެއްފަރާތުގައި ތަންކޮޅެއް ދުރު ހިސާބެއްގައި އޮތް ކާރެއްގެ ކައިރީގައި ތިބި އެ ދެމީހުންގެ ވެސް ފަސް އޭނައަށް ދެވިފައިވީތީ އެއީ ކޮން ބައެއްކަން ދެނެގަންނަން އޭނަ ނުކުޅެދުނެވެ. އެ މުސްކުޅި އަންހެން މީހާ ބާ ހެދުމަކާއި ބާ ބުރުގާއެއް އަޅައިގެން ހުރިއިރު އެމީހާ ރޮމުން ދިޔައެވެ. އެހެނަސް އެ ރުއިމަކަށް ބެލުމެއްނެތި އަންހެން ކުއްޖާ ހަޅޭއްލަވަމުން ދިޔައެވެ.

"ކަލޭ ރޮނީ ކީއްކުރަން؟ މަށެއްނު ރޯންވީ؟ މަގޭ ފައިމައްޗަށް ދެންމެ ކަލޭ އެރީ ކީކޭ ހިތަށްއަރައިގެން؟ ފާޑުފާޑަށް ގަދަވެލަން ނުއުޅޭތި މަ ކުރިމަތީގަ! ކޮބައިތަ މި ނަބީހްވެސް.....ޖޫސްފުޅިއެއް ގަންނަން ގޮއްސަވެސް އެތައް އިރެއް އެބަނަގާ. މަގޭ ބޯ ފަޅައިގެން ހިނގައިދާނެ! ދެންވެސް ކަލޭ ރުއިން ހުއްޓާލަބަލަ! ދެން ހުރި ފިހާރައަށް ފިޔާ ގަންނަން ވަންނަން ޖެހެނީ ކަލެއޭ!" އަންހެން ކުއްޖާ ހަރުއަޑުން ވާހަކަ ދައްކަމުން އެންމެ ފަހުން ކާރުގެ ފަހަތު ސީޓަށް އެރޭ ދޮރު ހުޅުވައި އެ މުސްކުޅި އަންހެން މީހާ އެ ކާރުގެ ތެރެއަށް ކޮއްޕާލިއެވެ. އެއާއެކު އެ އަންހެން މީހާ އަނެއްކާވެސް ހަޅޭއްލަވަމުން ޒުވާން އަންހެން ކުއްޖާގެ އިސްތަށިގަނޑުގައި ހިފައި ދެމިއެވެ. އޭގެ ބަދަލުގައި އެ އަންހެން ކުއްޖާ ނުބައި ބަހެއް ކިޔާލަމުން އެ އަތް ގަދަކަމުން ދޫކުރުވައި ކާރުގެ ދޮރު ލެއްޕިއެވެ. އޭގެ މާ ގިނައިރެއްނުވެ ނަބީހް ކައިރީގައި ހުރި ފިހާރައަކުން ނިކުމެގެން އައުމުން އެ އަންހެން ކުއްޖާއާއި ނަބީހްއާ ދެމެދު ޒުވާބުގަނޑެއް ހިނގިއެވެ. އެދެމީހުން ވާހަކަ ދެއްކީ އެހާ ބާރަށް ކަމަށްނުވުމުން ޝަރަފަކަށް އެމީހުން ދެއްކި ވާހަކަތައް ސާފެއްނުވިއެވެ. އެހެނަސް އެއީ ދެމަފިރިންހެން ޝަރަފަށް ހީވިއެވެ. ނަބީހްއާ އޭނަގެ އަންހެނުން ކާރަށް އަރައި ދުއްވާލަންދެން ވެސް ޝަރަފަށް މަންޒަރު ބަލަން ހުރެވުނީ އަނެއްކާވެސް ނަބީހްއާމެދު ދެކެންވީ ގޮތް ނޭނގިފައެވެ. އެ ޒުވާން އަންހެން ކުއްޖާގެ އަޑު އޭނަ ކޮންމެވެސް ތަނަކުން އަހާފައިވިހެން ހީވަނީ ކީއްވެކަމެއް ނޭނގެއެވެ. އަދި އެ މުސްކުޅި އަންހެން މީހާއަށްޓަކައި އޭނަގެ ހިތުގައި އުފެދުނީ އާދަޔާ ޚިލާފު ޙަމްދަރުދީއެކެވެ. އެހެނަސް އެމީހާއަށް އެހީވުމަށްޓަކައި އޭނައަށް ކުރެވޭނެ ވަކިކަމަށް ނެތްކަމަށް ނިންމައި ހަމައެކަނި އެ މީހާއަށްޓަކައި ދުޢާކޮށްލަމުން ޝަރަފް އެ މަންޒަރުގެ މަތިން ހަނދާން ނައްތާލަން ނިންމިއެވެ.

**

އެދުވަހުގެ ހަވީރު ވަގުތު ހުސެއިން ގެއަށް އައިއިރު އަފާފް ކޮންމެވެސް ކަމަކާމެދު ކަންބޮޑުވެފައިވިކަން އެނގުމުން ހުސެއިން އޭނައާއި ވާހަކަ ދައްކަން މަސައްކަތް ކުރިއެވެ. އެހެނަސް އަފާފްގެ އިޙްޞާޞްތަކުގެ ފަހަތުގައިވި ސަބަބު ދެނެގަންނަން ނުކުޅެދުމުން ހުސެއިން އޭނަ ހިތްހަމަޖައްސާލުމަށްޓަކައި ފިހާރައަށް ގެންދަން ނިންމިއެވެ. މިގޮތުން ޝާދިޔާއާއި ހުސެއިން އަފާފާއެކީ އެކި ފިހާރަތަކަށްދާން ދަތުރު ފެށީ ހަވީ 4:30 ވާން ގާތްވެފައިވަނިކޮށެވެ. ޝަރަފްގެ ބްރޭކް ގަޑި އެދުވަހު މާ ދިގުކޮށް ނެގިފައިވީތީ އޭނަ ބޭނުންވީ އިތުރު ގަޑީގައި ހުރެގެން ވެސް މަސައްކަތް ނިންމާފައި ގެއަށް އަންނާށެވެ. އޭނަ ބުނިގޮތުގައި އޭނަ ދެން އަފާފްމެންނާއި ދިމާކޮށްލާނީ ފިހާރައެއްގެ ތެރެއިންނެވެ.

ދަތުރު ފެށުނީވެސް ޝަރަފާއިނުލާ ކަމަށްވުމުން އަފާފްގެ މޫޑު ޚަރާބުވިއެވެ. އޭނަ އެހެން ނޫނަސް ހުރީ މިއަދު މަންމަ ދެއްކި ވާހަކައަކުން ތަބީޢަތު ގޯސްވެފައެވެ. ޝަރަފް އައުމުން އޭނައަށް މިއަދު އިވުނު ވާހަކަތަކާމެދު ކޮންމެ ފަދަ ޖަވާބެއް ލިބުނަސް ޝަރަފްގެ ފަރާތުން އޭނައަށް ހިތްހަމަޖެހުމެއް ލިބޭނެކަން އަފާފަށް ޔަޤީންވެފައިވިއެވެ. ޝަރަފް އޭނަގެ އަތުގައި ހިފާލާ އިޙްޞާޞަށްޓަކައި އޭނަ ބޭޤަރާރުވެފައިވީ އެހެންވެއެވެ.

އެންމެ ފުރަތަމަ ވެސް ހުސެއިން އަފާފްމެން ގޮވައިގެން ދިޔައީ ކާއެއްޗެހި ވިއްކާ ފިހާރައަކަށެވެ. އެތަނުން ގަންނަންޖެހޭ އެއްޗެހި ހުރި ވާހަކަ ޝާދިޔާ ބުނުމާއެކު އަފާފަށް މީރު އެއްޗެއް ގަތުމުން އޭނަގެ މޫޑު ރަނގަޅުވާނެކަމަށް ހުސެއިނަށް ނިންމުނީތީވެއެވެ. ހުސެއިން މުޅި ފިހާރަތެރޭގައި ހިނގަމުން ދިޔައީ އަފާފްގެ އަތުގައި ހިފައިގެންނެވެ. އަފާފް އެ ހުރިހާ ވަގުތު ޝަރަފް އެހެން ހިނގާފައި ދާއިރު ވެސް އޭނައާއި ކުރާ ސަމާސާތަކުގެ މަތިން ހަނދާންވަމުން ދިޔައެވެ. ފިހާރައިގެ ވަކި ހިސާބަކަށް ދިޔަތަނާހެން ހުސެއިނަށް ފޯނެއް އައިސްގެން އޭނަ އަފާފް ކައިރީގައި އެ ހުރިތާ ހުރުމަށް އަންގާފައި ތަންކޮޅެއް ދުރަށްޖެހިލިއެވެ. އެ ހިނދު އަފާފްގެ ހިތަށް ހިސާބެއްގެ ބިރުވެރިކަމެއް ވެރިވިއެވެ. އޭނަ ޝަރަފާއި ގުޅުނުފަހުން ޝަރަފް ދުވަހަކުވެސް މިފަދަ ގޮތަކަށް ބޭރަށް އައިސް އޭނަގެ އަތުން ދޫކޮށްފައެއްނުވެއެވެ. އޭގެ ކުރިން ބައްޕަ މިހެން ހަދާއިރު އޭނަ ޖެހިލުމެއްނުވިޔަސް މިހާރު އެ އިޙްޞާޞްތައް ތަފާތުވެފައިވަނީ އެހެންވެއެވެ. އަދި ވަކިން ޚާއްޞަކޮށް އޭނައަށް "ހިތް ނުބައި" މީހުން އުޅޭކަން އެނގިފައިވާ ޙާލުގައެވެ.

އަފާފް ކުރާނެ ވަކި ޙަރަކާތެއް ނޭނގިފައި އޭނަގެ އަތުގައި ޖެހުނު ވަށިގަނޑުގައި ހިފަހައްޓާލިއެވެ. އެ ހިސާބުގައި ދުވަމުން ދިޔަ ފިޔާ ވަހުން އެއީ ފިޔާ ވަށިގަނޑެއްކަން އޭނައަށް އެނގުނެވެ. އެ ވަހުގެ ސަބަބުން މޭނުބައި ކުރުމުން އޭނަ އޯކަތްވެސް ދަމާގޮތްވިއެވެ. އޭނަ ބައްޕައަށް ގޮވާލަން އުޅުނުތަނާހެން ކުއްލިއަކަށް ކޮންމެވެސް މީހަކު އޭނަގެ އަތުގައި ބާރަށް ހިފަހައްޓާލި އިޙްޞާޞް އޭނައަށް ކުރެވުނެވެ. އެއީ އޭނަ ދަންނަ އަތެއް ނޫންކަން ޔަޤީންވެ އަމިއްލަ ސަލާމަތަށްޓަކައި އިތުރު ޙަރަކާތެއް ނުކުރެވެނީސް އެމީހަކު އޭނަގެ އަތް އެ ވަށިގަނޑުން ވަކިކޮށް އޭނަގެ ކޮނޑުގައި އަޅައި ކޮއްޕާލިއެވެ. އެ ހިނދު އަންހެނެއްގެ އަނގައިން ނިކުތް އަޑު އިވިގެން ދިޔުމުން އެއީ އަންހެނެއްކަން އެނގުންވީ ވަގުތު އަފާފް ކައްސާލާފައި ވެއްޓެން ދިޔައެވެ.

Comments

Popular posts from this blog

Arabic Pronouns (dhameer)

Harf of Nasb (English + Dhivehi)

Mudhaaf-mudhaaf ilaihi and pronouns (English lesson)