Nur (part 32)


އެ ރޮނގުގައި އެންމެ ދެމީހުން ބާކީ ތިއްބާ ކަކުލުން މައްޗަށް އޮތް ކުރު ހެދުމެއްގައި ހުރި ޒުވާން އަންހެން ކުއްޖަކު އޭނަގެ އުސް ފައިވާނުގެ އަޑު އިއްވަމުން ޑިޕާރޗާއަށް ވަދެ އެ ރޮނގާއި ދިމާލަށް ދިޔައެވެ. އެ ކުއްޖާ ބޯޑިން ޕާސް ދެއްކި ވަގުތު އޭގައި އޮތް އޭނަގެ ނަން ފެނުނެވެ. ދަތުރުވެރިޔާގެ ނަމަކަށް އޮތީ "މަރިޔަމް ހަނާ" އެވެ.

**

އޭގެ އަނެއްދުވަހު ހެނދުނު ޝަރަފާއި އަފާފް ހޮސްޕިޓަލަށްދާން ތައްޔާރުވަމުން ދިޔައެވެ. ޝަރަފް އެދުވަހު އޮފީހަށް ދިޔުމަށްޓަކައި ނިކުންނާނީ އަފާފާއި އެކީގައި ކަމާއި އޭނަ އޮފީހަށް ދިޔުމުގެ ކުރިން އަފާފް ގޮވައިގެން ހޮސްޕިޓަލަށްދާނެ ވާހަކަ އެދެމީހުންކުރެ އެކަކުވެސް ހުސެއިންމެންނަށް ނާންގައެވެ. އެހެންކަމުން ޝަރަފާއިއެކީ އަފާފްވެސް ތައްޔާރުވެގެން ސިޑިން ފައިބައިގެން އައިސް ކާމޭޒުދޮށުގައި އިށީނުމުން އެދެމީހުންނާއި ސުވާލުތަކެއް ކުރިމަތިވިއެވެ. އަފާފް ހިސާބަކަށް ނުތަނަވަސްވުމުން އޭނަ އެއްޗެކޭ ނުބުނުމުން ޝަރަފް ވާހަކަ ދެއްކިއެވެ.

"އަހަރުމެން މިދަނީ ހޮސްޕިޓަލަށް." ޝަރަފް ކުރު ޖަވާބެއްދިނެވެ.

"އެއީ ކީއްކުރަން؟ އަފާފް ބަލީތަ؟" ހުސެއިން ކަންބޮޑުވުމަކާއެކީ އަހާލިއެވެ.

"ނޫން. އަހަރެންގެ ތިމާގެ މީހަކު ބަލަންވެގެން." ޝަރަފް އެ ވަގުތުކޮޅުގެ މަޞްލަޙަތަށްޓަކައި ޙަޤީޤަތް ފޮރުވިއެވެ. އޭނަ އެގޮތަށް ކަންތައް ކުރުމުން އަފާފަށް ކަމަކު ނުދިޔައެވެ. އެފަދަ ބޮޑު ވާހަކައެއް މަންމައާއި ބައްޕައަށް ފަހުން ހާމަކުރަން އޭނަގެ ހިތް ނޭދުނެވެ. އެދެމީހުންގެ ފަރާތުން ކޮންމެ ކަހަލަ ޖަވާބެއް ލިބުނަސް އަފާފް އެވަގުތު އެމީހުންނަށް ޙަޤީޤަތް ކިޔައިދޭން ބޭނުންވިއެވެ.

"ޝަރަފް...ގެ މަންމަ ބަލަން މިދަނީ." އަފާފަށް އެހެން ބުނެލެވުނި ޖެހިލުންވުމަކާއެކީގައެވެ. އޭނަ އެހެން ބުނެލުމާއެކު ޝަރަފަށް ސިހުމެއް ލިބުނުއިރު ހުސެއިނާއި ޝާދިޔާ ހުއްޓުން އެރިއެވެ. ސިކުންތުކޮޅެއްގެ ހިމޭންކަމަށްފަހު ކުއްލިއަކަށް ޝާދިޔާ ގޮނޑިން ތެދުވެލީ އަޑު އިވުނެވެ.

"އެއްގޮތަކަށް ވެސް އަފާފް ގޮސްގެން ނުވާނެ އޭނަ ބަލާކަށް! ބަލަ އެއީ ދުނިޔެއިން މޮޔަވެފަ ހުރި އަންހެނެކޭ އަފާފް! އޭނައަކީ އޭނައަށް ފެންނަހާ ބަޔަކަށް އަނިޔާކުރަމުންދާ މީހެއް. އަފާފްގެ އަތަށް ތި ޙާލު ޖެއްސީވެސް އެ އަންހެނާއޭ!!" ޝާދިޔާ ހަރުއަޑުން ވާހަކަ ދެއްކިއެވެ. ޢާއްމުގޮތެއްގައި ޝާދިޔާގެ އެފަދަ ވާހަކަތައް ހުއްޓުވަން ހުންނަ ހުސެއިން ވެސް އެވަގުތު އޭނަ ހުއްޓުވާކަށް ނުއުޅުނެވެ. ޝަރަފްގެ މަންމައަކީ ކާކުކަން އޭނައަށް ވެސް ރަނގަޅަށް އެނގޭތީ ޝާދިޔާ އެދައްކާ ވާހަކައިގައި ކޮންމެވެސް ވަރެއްގެ ތެދެއްވާކަން ޤަބޫލުކުރެވުނީތީވެއެވެ.

"މޮޔަވީ ކިހިނެއްކަން މަންމައަށް އެނގޭތަ؟ އެއީ ވަކި އެ މަންމަ ޤަޞްދުގައި ކުރި ކަމެއްނޫން. އެއީ ތަޤްދީރުގައި އެ މަންމައަށްޓަކައި ލިޔެވިފައި އޮތްގޮތް. އެ މަންމަ ޤަޞްދުގައި ކުރިކަމަކަށްވާނަމަތާ ދޯ އެ މަންމައާމެދު ތިގޮތަށް ވާހަކަ ދެކެވޭނީ؟ އެކަމަކު އެއީ އެ މަންމަ ޖެހުނު ބައްޔެއްގެ ސަބަބުން މަންމައަށް ދިމާވި ޙާލަތެއް. އެފަދަ ޙާލެއް މާދަމާ ޖެހޭނީ އަހަންނަށް ނޫންކަމެއްވެސް އެނގެނީއެއްނޫން. އެދުވަހަކު މަންމަ އަހަންނާ މެދު ވެސް ވާހަކަ ދައްކާނީ ތިހެންތަ؟" އަފާފް މަޑުމައިތިރިކަމާއެކީ ވާހަކަ ދައްކަމުން ގޮސް އަހާލިއެވެ. އެ ހިނދު ޝަރަފަށް ލުއި ހިނިތުންވުމެއްގައި އަފާފަށް ބަލަން އިނދެވުނީ އޭނަގެ މަންމަގެ ދިފާޢުގައި ޚުދު އޭނަވެސް އެއްޗެކޭ ބުނަން ޖެހިލުންވި ހިނދު އަފާފް ޖެހިލުމެއްނެތި އެކަން ކުރުމުންނެވެ. އަފާފްގެ ވާހަކައަށްފަހު ޝާދިޔާ ހިނދުކޮޅަކަށް ހިމޭންވިއެއްކަމަކު އޭނަ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"މިހާރު އަފާފް ވެސް އަހަރުމެންގެ ކުރިމަތީގަ ޒުވާބުކުރަން ފެށީދޯ؟ މި ދުވަސް ދެން ފެންނަން ބާކީ އޮތީ. މަ ނުބުނާނަން ދެން އެއްވެސް އެއްޗެކޭ. ހުސެއިން ކަލޭގެ ދަރި އުޅޭ ނުއުޅޭ ގޮތް ބަލާ. މި ކައިވެނީގެ ހިތިކަން އަފާފަށް އިޙްޞާޞް ވާ ދުވަހު މަގޭ ކައިރިއަށް ނާންނާތި ޙަމްދަރުދީއަށް އެދި." ޝާދިޔާ އެހެން ބުނެ ދުރަށް ހިނގައިގަތް އަޑަށް އަފާފްގެ ލޮލުން ދިލަ ނަގަން ފެށިއެވެ. ދުވަހަކުވެސް އޭނަގެ މަންމަ އޭނަ އެހާ ދުރުކޮށްފައި ވާހަކަ ދައްކާފައެއްނުވެއެވެ. އޭނަގެ ކުށަކީ ކޮބައިތޯ ހިތަށްއެރި ވަގުތު އަފާފްގެ ލޮލަށް ކަރުނަތައް ޖަމާވާންފެށިއެވެ. އެ މަންޒަރު ފެނިފައި ޝަރަފަށް އަފާފްގެ ނަމުން ގޮވާލެވުނު ހިނދު ހުސެއިން ވެސް އެއީ އަޅާލާ ކަންތައްތަކެއްނޫނޭ ބުނެލިއެވެ. އެހެނަސް އެ ވަގުތު އަފާފްގެ ލޮލުން ކަރުނަތައް ފައިބައިގެން އައުމުން އޭނައަށް ބޭއިޚްތިޔާރުގައި ކޮޅަށް ތެދުވެވުނީ އޭނަގެ ކަރުނަތައް ފޮރުވުމަށެވެ. އެހެނަސް އޭނަ އެތަނުން ދާން އުޅުނެއްކަމަކު ދާނެ ދިމާލެއް އޭނައަށް ނުފެންނާނެކަން އެނގުންވުމުން އޭނައަށް ރޮވެން އުޅުނެވެ. އޭނަ ދެއަތުން މޫނު ފޮރުވާލިތަނާހެން ޝަރަފްވެސް އޭނަގެ ނާސްތާ ދޫކޮށްލަމުން ކޮޅަށް ތެދުވިއެވެ. އެއަށްފަހު އަފާފްގެ ކޮނޑުގައި އެއްއަތް އަޅައި އަފާފްގެ އެއްއަތްތިލަ އޭނަގެ އަތަށް ލަމުން އަފާފް ގޮވައިގެން ގެއިން ނިކުންނަން ދިޔައެވެ. ނިކުމެގެން ގޮސް ކާރު އޮތް ގަރާޖާއި ހަމަވުމާއެކުހެން ޝަރަފް އަފާފްގެ ގައިގައި ބައްދާލިއެވެ. އެއާއެކު އަފާފް އިހުނަށްވުރެ ވެސް ގަދައަށް ރޯންފެށިއެވެ. ޝަރަފް ހުއްޓާލާށޭ ބުނެ އަފާފްގެ ބުރަކަށީގައި ފިރުމާލިއެވެ.

"ޝަރަފް އެއީ ކީއްވެތަ މަންމަ އެހާ ރުޅިއަންނަނީ؟ އަހަންނަށް ވާހަކަ ދެކެވުނީ ގޯސްކޮށްތަ؟" އަފާފް ޝަރަފްގެ މޭމަތީގައި ބޯއަޅައިގެން އޮވެ ރޮވިފައިވާ އަޑަކުން އެހިއެވެ.

"ނޯ އަފޫ.....އަފޫއަށް ރަނގަޅުހެން ހީވި ގޮތަށް އަފޫ ކަންތައް ކުރީ. އެހެންނޫނަސް ކިތަންމެ ރީއްޗަށް ބުންޏަސް އަހަންނާ ގުޅުން ހުރި ވާހަކައެއްވިއްޔާ މަންމަ ރުޅިއަންނާނެދޯ؟ އެއީ ބައްޕަ ބުނާހެން އަޅާލާ ކަންތައްތަކެއްނޫން......ދެން ހުއްޓާލާ. ދައްކަބަލަ އަފޫ. އަހަރެންގެ މޫނަށް ބަލާބަލަ." ޝަރަފް އަފާފްގެ ހިތްހަމަޖައްސައިދޭން މަސައްކަތް ކުރަމުން އަފާފްގެ ކޮނޑުގައި ހިފައި އޭނައާއި ދުރުކޮށްލުމަށްފަހު ދެއަތުން އަފާފްގެ ކަރުނަތައް ފޮހެލަދިނެވެ. އަދި އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއް ރަނގަޅުވާނެކަމަށް ބުނެ ﷲ ހުރިހާ ކަމެއްގެ މައްޗަށް ވެސް ކުޅަދުންވަންތަވެވޮޑިގެންވާކަން އަފާފަށް ހަނދާންކޮށްދިނެވެ. އެއަށްފަހު އަފާފްގެ ނިތަށް ބޮސްދިނުމުން އަފާފް މުޅިންހެން ހަމަޖެހިގެން ދިޔައެވެ. އަދި ޝަރަފާއެކީ ކާރަށް އަރައި އެމީހުންގެ މަންޒިލަށް ދިޔުމަށްޓަކައި ދަތުރު ފެށިއެވެ.

ޓްރެފިކްގެ ސަބަބުން ޝަރަފާއި އަފާފަށް ހޮސްޕިޓަލާއި ހަމައަށް ދެވެން 15 ވަރަކަށް މިނެޓް ނެގިއެވެ. ހޮސްޕިޓަލަށް ދެވުމާއެކު ޝަރަފް އަފާފާއެކީ މަންމަ ބޭއްވިފައި އޮތް ވޯޑުގެ ފަންގިފިލާއަށް ދިޔައީ އަފާފާއި އޭނަގެ މަންމަ ބައްދަލުކުރަން ކެތްމަދުވެފައި ހުރެއެވެ. އަފާފް ވެސް ޝަރަފްގެ މަންމައާއި ބައްދަލުކުރަން ބޭނުންވެފައިވިއެއްކަމަކު ހިސާބެއްގެ ނުތަނަވަސްކަމެއް ވެސް ހިތަށްވެރިވެފައިވިއެވެ. އެއީ އެ މަންމަގެ ފަރާތުން އޭނައަށް ލިބުނު ގެއްލުމަށްވުރެ ބޮޑަށް ޝަރަފްގެ އަންހެނުންގެ ގޮތުގައި އޭނަ ހުންނަން އެ މަންމަ ރުހޭނެތޯ އޭނަގެ ހިތަށްއަރަމުން ދިޔައީތީވެއެވެ. އެ ފަންގިފިލާއަށް ދެވުމާއެކު ޝަރަފް ކޮންމެވެސް ފިރިހެނަކާ ވާހަކަ ދެއްކި އަޑު އަފާފަށް އިވުނެވެ.

"އަނހަ ނަބީހް! ކޮބާ މަންމަ؟" ޝަރަފް އަފާފާއެކީ ހިނގާފައި ދަނިކޮށް ނަބީހާއި ދިމާވުމުން އަހާލިއެވެ. އިވުނު ނަމަކުން އަފާފްގެ ހަނދާނަށް ވަގުތުން އައީ އޭނަ މެދުވެރިވެގެން ﷲ ގެ އިރާދަފުޅުން ހިދާޔަތް ލިބިގެން ދިޔަ ޝަޚްޞިއްޔަތެކެވެ. އެ ހަނދާން އާވުމުން އަފާފްގެ ތުންފަތަށް ވެސް ލުއި ހިނިތުންވުމެއް ވެރިވިއެވެ.

"މަންމަ ހޭއަރައިފި. އަހަރެން ޝަރަފް އަންނާނެއޭ ބުނީމަ ވަރަށް އުފާވެފަ އޮތީ." ނަބީހް އެއްފަހަރު ޝަރަފަށް އަނެއްފަހަރު އޭނަ ކައިރީގައި ހުއްޓިހުރި އަންހެން ކުއްޖާއަށް ބަލަމުން ވާހަކަ ދެއްކިއެވެ. އެ މަންޒަރު އަފާފަށް ނުފެނުނެއްކަމަކު ކައިރިން ހިލޭ ފިރިހެނެއްގެ އަޑު އިވުމުން އަފާފަށް އިސްއޮބާލެވުނީ ބޭއިޚްތިޔާރުގައެވެ.

"އެހެންތަ؟ ހެހެ.....މިހިރީ އަހަރެންގެ ވައިފް. އަފާފް. މަންމަ ބަލާލަންވެގެން އައީ. މަންމައަށް ވަކި ގޮތެއްނުވޭ ދޯ ނުދަންނަ މީހަކު ފެނުނީމަ؟" ޝަރަފް ނަބީހަށް އޭނަގެ އަންހެނުން ތަޢާރަފުކޮށްދިނީ ކުރާ ހިތުންނެއްނޫނެވެ. އެއްވެސް ހިލޭ ފިރިހެނެއްގެ ނަޒަރު އަފާފަށް ހުއްޓުމަކީ އޭނަގެ ހިތް ނޭދޭ ކަމެކެވެ. އެހެނަސް އޭނަ އެ ވާހަކަ ބުނެލީ އޭނަ އެންމެ ފަހަކަށް އެކުރި ސުވާލަށްޓަކައެވެ.

"އާނ މަންމަ އެހެން ރުޅިއެއް ނާންނާނެ. އަދި އަމުދުން ޝަރަފް ގެނައި މީހަކުވިއްޔާ މަންމަ ރުޅިއެއްނާންނާނެތާ..." ނަބީހް އެހެން ބުނެލި އިރު އޭނަގެ ނަޒަރު ގިނަވަގުތު އަފާފަށް ހުއްޓިފައިވުމުން ޝަރަފަށް އުނދަގުލެއްވިއެވެ. އޭނަ ހީކުރީ އަފާފްގެ ނަޒަރު ހުއްޓިފައިވި ގޮތާއި އޭނަގެ އަތުގައި ދަގަނޑު ބޭސްގަނޑު އެޅިފައިވި ގޮތާއިމެދު ނަބީހް ސުވާލުކުރާނެ ކަމަށެވެ. އެހެނަސް ނަބީހް ސިކުންތުކޮޅެއްވީއިރު ވެސް އެއްޗެކޭ ނުބުނެ އަފާފަށް ބަލަން ހުރި ގޮތުން ޝަރަފް އިތުރު އުނދަގުލެއްވެގެން ދަނީއޭ ބުނެ އަފާފް ގޮވައިގެން ހިނގައިގަތެވެ.

މަންމަ އޮތް ވޯޑާއި ގާތްވަމުން ދިޔަދިޔަހެން ނަބީހް އަފާފާއިމެދު ކަންތައް ކުރި ގޮތާއިމެދު ޝަރަފް ހަނދާންނެތޭ ގޮތްވިއެވެ. އެ ވޯޑާއި ގާތްވީ ވަގުތު އޭނަގެ މޭތެރޭގައި ޖަހަމުން ދިޔައީ އުފާވެރިކަމުގެ ވިންދެވެ. ވޯޑުގެ ތެރެއިން ފަރުދާ އެޅިފައިވި 3 ވަނަ ނަންބަރުގެ އެނދު ފެނިފައި ޝަރަފަށް އަފާފް އަތުލަފި ކޮށްގެން އެދިމާލަށް ހިނގައިގަނެވުނީ އިހުނަށްވުރެ ދިގު ފިޔަވަޅުތަކެއްގައެވެ. އެ ފަރުދާތަކާއި ހަމަވުމުން ޝަރަފް ލަސްލަހުން ގޮސް އެ ފަރުދާތަކުގެ ތެރެއަށްވަނެވެ. އެއާއެކު ބަލި އެނދުގައި އެކިއެކި މެޝިންތަކާއި އައިވީއާ ގުޅާލެވިފައި އޮތް އޭނަގެ މަންމަ އޭނައަށް ފެނުނެވެ. އެ ހިނދު އެތާ ގޮނޑިއެއްގައި އިށީނދެގެން އިން ރާހީ ޝަރަފަށް ބަލާފައި ތުން އަނބުރާލަމުން އެތަނުން ތެދުވެގެން ދިޔައެވެ. ޝަރަފް ރާހީއަށް ފަރުވާލެއްނުދީ އޭނަގެ ހުރިހާ ސަމާލުކަމެއް އޭނަގެ މަންމައަށް ދިނެވެ. މަންމަގެ އިސްތަށިގަނޑު ބޭލިފައިވީއިރު ބޮލުގެ ބޮޑު ބައެއްގައި ބޭސްއެޅިފައިވިއެވެ. ނޭވާގައިވެސް ހޮޅިގުޅާފައިވީއިރު މަންމަ ދެލޯ މެރިފައި އޮވެ ފުން ނޭވާތަކެއްލަމުން ދިޔައެވެ. ރާހީ ދައްތަ ދިޔަތާ މާގިނައިރެއްނުވެ މަންމަ ޝަރަފާއި ދިމާލަށް މޫނު އަނބުރައި ލަސްލަހުން ލޯ ހުޅުވާލި ތަނާހެން އެ ނިތަށް ރޫގިނަވިއެވެ. އެ މަންޒަރު ފެނިފައި ޝަރަފްގެ މޫނުމައްޗަށް ވެސް ވެރިވީ އެފަދަ ކުލަވަރެކެވެ. އެހެނަސް ސިކުންތުކޮޅެއްގެ ތެރޭގައި މަންމަގެ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔުމުން ޝަރަފްގެ ލޮލަށް އުފާވެރިކަމުގެ ކަރުނަތައް ޖަމާވިއެވެ. ރޭ އޭނަ ބުނި ބަސްތައް މަންމަ ހަނދާންނެތުނީތޯ ހިތަށްއެރިއެވެ. އެހެންނޫނީ މަންމަ އެ ބަސްތަކަށްޓަކައިވެސް އޭނައަށް މަޢާފު ދިނީތޯ ހިތަށްއެރި ހިނދު ޝަރަފަށް ބޭއިޚްތިޔާރުގައި އޭނަގެ މަންމަގެ ގައިގައި ބައްދާލެވުނެވެ.

"އަހަންނަށް މަޢާފުކޮށްދީ މަންމާ. އައިމް ސޯ ސޮރީ." ޝަރަފަށް އެހެން ބުނެވުނީ ރޮވިފައިވާ އަޑަކުންނެވެ. އެ އަޑު އިވިގެން ދިޔަ އަފާފް ލަސްލަހުން އަންދާޒާކޮށްފައި އޭނަގެ އަތް ޝަރަފްގެ ބުރަކަށީގައި ޖައްސައި ފިރުމާލިއެވެ. ޝަރަފް އިތުރަށް ވެސް ތަކުރާރުކޮށް އޭނަގެ ކުށަށް އިޢުތިރާފު މަޢާފަށް އެދެމުން ދިޔަ އަޑުއިވިފައި އަފާފްގެ ހިތަށް ވެސް އަސަރުކުރިއެވެ. ޝަރަފްގެ މަންމަގެ ހިތުގައި އޭނައަށްޓަކައި މަޢާފު ލެއްވުމަށް އެދި ހިތާހިތުން ދުޢާ ކުރެވުނެވެ. އޭނަގެ އެ ދުޢާ އެ ހިނދުން އެ ހިނދަށް ވެސް އިޖާބަވިފަދައެވެ.

"މަޢާފު ލިބުމަށްޓަކައި ދަރިފުޅަށް ކޮށްދެވޭނެ އިތުރުކަމެއް ނެތް. ދަރިފުޅު އައިމަ އެހާވަރުން މަންމައަށްފުދޭ. ދަރިފުޅު ދެން ނުދައްޗޭ." ވަރުދާ ވާހަކަ ދައްކަން ފެށުމުން ޝަރަފް އޭނައާއި ކުޑަކޮށް ދުރުވެ އޭނަގެ މޫނަށް ބަލާލިއެވެ. ވަރުދާ އޭނަގެ ދެއަތުން ޝަރަފްގެ މޫނުގައި ހިފެހެއްޓުމުން ޝަރަފަށް ހީވީ އޭނައަށް ހިނދުކޮޅަކަށް ވިޔަސް ކުޑައިރުގެ އެ ދުވަސްތަކަށް އަނބުރާ ދެވުނީ ހެންނެވެ. އެހެނަސް އޭނައަށް އަނބުރާ އެ ވަގުތުކޮޅަށް އާދެވުނީ އަފާފްގެ އަތުގެ އިޙްޞާޞް އޭނައަށް ކުރެވުމުންނެވެ. އެއާއެކު އޭނަ އޭނަގެ އިޙްޞާޞްތައް ހަމައަކަށް އަޅުވަން މަސައްކަތްކުރަމުން އޭނަގެ މަންމަގެ އަތުގައި ދެއަތުން ހިފައި އެއަތް އޭނަގެ މޫނާއި ވަކިކޮށްލަމުން ސީދާވެލިއެވެ. އެއަށްފަހު އަފާފް އޭނަގެ މަންމައަށް ތަޢާރަފުކޮށްދިނެވެ.

"މަންމާ. މިހިރީ އަފާފް. އަހަރެންގެ އަންހެނުން." ޝަރަފް ފުރިހަމަ ހިނިތުންވުމަކާއެކީ ކިޔައިދިން ހިނދު އަފާފްގެ މޭނުބައިކުރާ ގޮތްވިއެވެ. ދެން ވާނެ ގޮތަކާއިމެދު ނުތަނަވަސްވީވަރުންނެވެ. އެހެނަސް.....

"އެހެންތަ؟ އަޅެ އެ ކަނބުލޮގެ އަތަށް ކިހިނެއްވެފަތަ އެހެރީ؟" ވަރުދާ އެންމެ ފަހު ސުވާލުކޮށްލީ މާޔޫސީ ގޮތަކަށެވެ. އޭނަ އިއްޔެގެ ޙާދިސާގެ މަތިން އެއްގޮތަކަށް ވެސް ހަނދާނެއް ނެތްފަދައެވެ. އެކަން އެނގުންވެގެން ދިޔަ ޝަރަފަށް އަފާފަށް ބަލާލެވުނު ހިނދު އަފާފަށް ވެސް ހުއްޓުންއަރާފައި ހުރެވުނެވެ. އެހެނަސް އެ ހިމޭންކަމުގެ ވަގުތުކޮޅަށްފަހު އެންމެ ފުރަތަމަ ވާހަކަ ދެއްކީ އަފާފެވެ.

"އެއީ އިއްޔެގަ ފިހާރައަކަށް ގޮސް އުޅެނިކޮށް ވެއްޓުނީ. ނުފެންނަންޏާވެސް ވާނީ އެކަހަލަ ގޮތެއްދޯ؟ ހެހެ...." އަފާފް މިފަހަރު ވެސް ހިތްހެޔޮ ރާގަކަށް ވާހަކަ ދެއްކީ ގަދަކަމުންނެވެ. އެއީ ޝަރަފް އުފާކޮށްދިނުމުގެ ނިޔަތުގައެވެ. އަދި އެދެމީހުންގެ ގުޅުން ބަދަހި ކުރުމުގެ ނިޔަތުގައި ވެސްމެއެވެ. އެކަން ކާމިޔާބުވެސްވިއެވެ. އެވަގުތު ޝަރަފް ލުއި ހިނިތުންވުމަކާއެކީ އޭނައަށް ދިނީ ލޯބިން ފުރިގެންވި ނަޒަރެކެވެ. އެ ހިތުގައި އޭނައަށްޓަކައި ދެވިފައިވި ޤަދަރު އެތައް ގުނައެއް އިތުރުވެގެން ދިޔައެވެ. މަންމަ އަފާފަށް ނުފެންނަނީތޯ އެހުމުން ޝަރަފަށް އާނއެކޭ ބުނެ އަފާފްގެ ވާހަކަތައް ކިޔައިދޭން ފެށުނީ ކިޔައިދޭ ހިތުންނެވެ. އެހެނަސް މަންމަ ކަންބޮޑުވެދާނެތީ އަފާފް އަނދިރިވެފައިވަނީ އޭނަގެ ސަބަބުންކަމެއް ޝަރަފް ހާމައެއް ނުކުރެއެވެ. އަފާފް ވެސް ދެކެވުނު ހުރިހާ ވާހަކަތަކެއް ތެރެއިން އެ ވާހަކަ ސިއްރުކުރިއެވެ.

އެ ބައްދަލުވުން ނިމިގެން ދިޔައީ ވަރުދާ ބެލުމަށްޓަކައި ޑޮކްޓަރަކާއި ނަރުހަކު އެތަނަށް އައުމުންނެވެ. އަދި ވަރުދާ ބެލުމަށްޓަކައި ޝަރަފްމެން ދިޔުމަށް އެންގުމުންނެވެ. ވަރުދާ ވަގުތުން އަޑުހަރު ކުރަން އުޅުނެއްކަމަކު ޝަރަފް ފަސޭހަކަމާއެކީ އޭނަގެ މަންމަ ހަމައަކަށް އަޅުވައި އަފާފާއެކީ އެ ވޯޑުން ނިކުމެގެން ދިޔައެވެ. އެވަގުތު އަނެއްކާވެސް އެމީހުންނާއި ނަބީހް ދިމާވެގެން ދިޔައެވެ. ނަބީހް ފެނުމާއެކު ޑޮކްޓަރު ބަލަން އައިސްފައިވި ވާހަކަ ޝަރަފް ބުންޏެވެ. އެވަގުތު ވެސް ނަބީހް އަފާފަށް ބަލައިގެން ހުރި ނަޒަރުން ޝަރަފަށް އުނދަގުލެއްވިއެވެ. އެ މޫނުމަތިން ފެންނަމުން ދިޔައީ ކަމެއް އެނގެން ބޭނުންވާ ފަދަ އަސަރެކެވެ. ނަބީހްގެ އެ ނަޒަރުން ވީ އުނދަގުލެއްގެ ސަބަބުން ޝަރަފް މާގިނަ ވާހަކަތަކެއް ދެއްކުމެއްނެތި އަފާފް ގޮވައިގެން އެތަނުން ނިކުންނަން ދިޔައެވެ.

އަފާފް ގެއަށްލާން ދިޔަ މަގުމަތީގައި ވެސް ނަބީހްގެ އެ ނަޒަރާއިމެދު ޝަރަފަށް ވިސްނެމުން ދިޔައެވެ. އެހެނަސް އޭނަ އަފާފާއި އެ ވާހަކަ ޙިއްޞާއެއް ނުކުރެއެވެ. ޝަރަފް އަފާފް ގެއަށް ބަލާފައި އޮފީހަށް ދިޔަ މަގުމަތީގައި ވެސް ނަބީހްގެ ފަރާތުން ފެނުނު އެ އާދަޔާ ޚިލާފު ގޮތްތަކުގެ މަތިން ހަނދާނެއް ނުނެތެވެ. އަނެއްކާވެސް ނަބީހާއިމެދު ދެ ޚިޔާލުތަކެއް އުފެދެން ފެށުމުން ޝަރަފަށް އޭނަގެ ކެބިންގެ މޭޒުދޮށުގައި އިނދެ ފުން ނޭވައެއް ދޫކޮށް އޭނަގެ ޖޯޑުކުރެވިފައިވި ދެއަތް ނިތުގައި ޖައްސާލެވުނެވެ. އޭނަ އެހެން އިންދާ އެ މޭޒުމަތީގައި އޮތް އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. ޝަރަފް ބަލާލިއިރު އެއީ ނުދަންނަ ރާއްޖޭގެ ނަންބަރެކެވެ. އޭނައަކީ ޢާއްމުގޮތެއްގައި ނަންބަރު ނޭނގުނަސް ނަގާ މީހަކަށްވުމުން ޝަރަފް އެ ފޯނު ނަގައި ސަލާމް ގޮވާލިއެވެ.

"ވަޢަލައިކުމުއްސަލާމް. ޝަރަފް، މިއީ ނަބީހް އިނގޭ. އަހަރެންގެ މި ސުވާލުން އެއްޗެކޭ ހީނުކުރައްޗޭ. މިއަދު ޝަރަފް ހޮސްޕިޓަލަށް އައިއިރު ޝަރަފްއާއެކީގަ ހުރި ހަމަ ޝަރަފްގެ ވައިފްތަ؟" ނަބީހް އެހެން އަހާލީ ޤަބޫލުކުރަން ނޭނގިގެން އުޅޭ ފަދައަކުންނެވެ. އެ ހިނދުކޮޅުގައި އައި ސިނގުރުޅީގައި ކަލޭ އޭނައާ ހިތާވީތޯ ޝަރަފް ހިތަށްއެރިއެވެ. އެހެނަސް ރުޅި ހަމައަކަށް އަޅުވަމުން ޝަރަފް އާނއެކޭ ބުނެލިއެވެ. އެއާއެކު އެކޮޅުން ފުން ނޭވައެއް ދޫކޮށްލި އަޑު އިވުނެވެ.

"އެއީ ހަމައެކަނި ޝަރަފްގެ ވައިފްގެ ގޮތުގަ ދުނިޔެއަށް އެނގޭ ކުއްޖެއްނޫން ޝަރަފް. އެއީ އެތައް ބަޔަކު ދުޝްމިނެއްގެ ގޮތުގައި ދެކޭ ކުއްޖެއް." ނަބީހް ބުނެލި ވާހަކައިން ޝަރަފްގެ ދެބުމަ ކައިރިވީ ހިނދު އޭނަގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ.

Comments

Popular posts from this blog

Arabic Pronouns (dhameer)

Harf of Nasb (English + Dhivehi)

Mudhaaf-mudhaaf ilaihi and pronouns (English lesson)