Nur (part 31)
ރުއިމުގެ ތެރެއިން މަންމަ އުނދަގުލާއެކީ އެއްޗެކޭ
ކިޔުނެއްކަމަކު އަނގަ ރަނގަޅަށް ޙަރަކާތް ނުކުރެވުނީތީ އެ ކިޔުނު އެއްޗެއް
ފުރަތަމަ ފަހަރު ޝަރަފަކަށް ނޭނގުނެވެ. އެހެނަސް ދެވަނަ ފަހަރަށް އިހުނަށްވުރެ
ގަދައަށް ރޮއިގަންނަމުން އޭނައާއި ދިމާލަށް ދެއަތް ދިއްކޮށް މަންމަ ކިޔާލީ އޭނަގެ
ނަންކަން އެނގުންވީ ހިނދު ޝަރަފަށް ނޭނގި އޭނަގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ.
އޭނަ މި ވާގޮތެއް ދެނެގަންނަން ބޭނުންވެގެން އެއްޗެކޭ ބުނަން އުޅުނުތަނާހެން
ކުއްލިއަކަށް މަންމަގެ ކަޅި މައްޗަށް އަރަން ފެށިތަން ފެނުނެވެ. ޝަރަފްގެ މެއަށް
ނުތަނަވަސްކަމެއް ވެރިވެ އޭނައަށް ފިޔަވަޅެއް އެޅެން އުޅުނު ތަނާހެން ވަރުދާގެ
ދެލޯ މެރިގެން ގޮސް ބިންމަތީގައި ޖެހުނެވެ. އެއާއެކު ހަމަހޭވެރިކަމެއް ލިބިގެން
ދިޔަ ޝަރަފަށް މަންމާއޭ ކިޔައިގަންނަމުން އެދިމާލަށް ދުއްވައިގަނެވުނެވެ. ނަބީހް
ވެސް ޝަރަފްގެ ފަހަތުން ވަރުދާގެ ގާތަށް ދިގު ފިޔަވަޅުތަކެއްގައި ދިޔައެވެ.
އިރުކޮޅެއްގެ ތެރޭގައި އެމްބިއުލާންސަކަށް ގުޅެވި ވަރުދާ އެއަށް ލެވުނެވެ.
މަންމަ އެމްބިއުލާންސަށް ލުމުގައި ޝަރަފް ވެސް
އެހީވިއެއްކަމަކު އޭނައަށް މަންމައާއެކީގައި އެމްބިއުލާންސަށް އެރުމުގެ ހިތްވަރެއް
ނުލިބުނެވެ. އޭނަ ދެންމެ ކިޔުނު އެއްޗެއްސަށްފަހު އޭނަ އެފަދަ މަޤާމެއްގައިވާން
ޙައްޤު ނުވާހެން އޭނައަށް ހީވި ފަދައެވެ. އެހެންކަމުން ނަބީހްއާ ރާހީ
އެމްބިއުލާންސްގައި ދިޔަތަން ބަލަން ހުރެފައި ޝަރަފް އޭނަގެ ސައިކަލަށް އަރައި
އޭގެ ފަހަތުން ދުއްވާލިއެވެ. މިނެޓްތަކެއްގެ ތެރޭގައި އެމްބިއުލާންސް ހޮސްޕިޓަލަށް
ވަނުމާއެކުހެން ވަރުދާ އެނދަކަށް ބަދަލުކުރެވި އެމަޖެންސީ ރޫމަށް ވައްދާލެވުނެވެ.
ސައިކަލު ޕާކްކޮށްފައި ދިގު ފިޔަވަޅުތަކެއްގައި ހޮސްޕިޓަލަށް ވަދެގެން ދިޔަ
ޝަރަފަށް އެ މަންޒަރު ފެނުނެވެ. އެ ހިނދު ޝަރަފަށް ކުރެވުނީ މީގެ މަސްތަކެއް
ކުރިން އޭނައަށް ކުރެވުނު ފަދަ އިޙްޞާޞެކެވެ. މީގެ މަސްތަކެއް ކުރިން ވެސް އޭނަގެ
ލޯ ކުރިމަތިން އޭނަ ލޯބިވާ މީހަކު އެފަދަ ޙާލެއްގައި އެމަޖެންސީ ރޫމަކަށް
ވެއްދުނެވެ. އެހެނަސް މިއަދު އޭނައަށް އިޙްޞާޞް ކުރެވުނީ ކުރިން ނުކުރެވޭފަދަ
ހިތްދަތިކަމެކެވެ. މިފަހަރު ނާޒުކު ޙާލަތެއްގައި އެއޮތީ އޭނަ ޤަޞްދުގައި
"އަނިޔާއެއް" ދިން އޭނަދެކެ ލޯބިވާ ފަރާތަކަށްވާތީވެ ކަންނޭނގެއެވެ.
އަވަސްފަރުވާ ދެވެން ފެށިތާ މާ ގިނައިރެއްނުވެ
ބަލިމީހާއަށް ސްޓްރޯކެއް ޖެހެން އުޅޭ ވާހަކަ ނަރުހެއްގެ ފަރާތުން އިވުމުން
ޝަރަފަށް ހީވީ އޭނަގެ ފައިދަށުން ބިންގަނޑު ދެމިގެން ދިޔައީ ހެންނެވެ.
ހިނދުކޮޅަކަށް ހުއްޓުން އަރާފައި ހުރެވުނެއްކަމަކު ހަމަ މީގެ މަސްތަކެއް ކުރިންވީ
ފަދައިން ސާޖަރީއެއް ހެދުމުގެ ހުއްދައަށް އެދި އޭނަގެ އަތަށް ފޯމެއް
ދިއްކޮށްލެވުމުން ޝަރަފް ވަގުތުން އެ ފޯމު ފުރިއެވެ. އެއާއެކު އޭނަގެ މަންމަ ބާރު
ދުވެއްޔެއްގައި ދުއްވާލެވުނު އެނދެއްގައި ތިއޭޓަރަކަށް ވައްދާލެވުނެވެ. ތިއޭޓަރުގެ
ދޮރު ލައްޕާލެވުނު ހިނދު ޝަރަފަށް އިޙްޞާޞްކުރަންވީ ގޮތެއް ނޭނގި ގަބުވެފައި
ސިކުންތުކޮޅެއް ވަންދެން ހުރެވުނެވެ. އެހެނަސް މާ ގިނައިރެއްނުވެ މީގެ އިރުކޮޅެއް
ކުރިން އޭނައަށް އޭނަގެ މަންމައާއި ވާހަކަ ދެކެވުނު ގޮތާއި، އޭގެ ބަދަލެއްގެ
ގޮތުން މަންމަ އޭނައާއިވީ ފަރާތަށް އެނބުރި އޭނަގެ ނަމުން ގޮވައި އޭނައާއި
ދިމާލަށް އަތްދިކުރި ގޮތް ހަނދާންވެފައި ޝަރަފްގެ ލޮލަށް ކަރުނަތައް ޖަމާވެ އެ
ލޮލުން ކަރުނަތައް ފައިބައިގެންއައެވެ. ސިކުންތުކޮޅެއްގެ ތެރޭގައި މަންމަ
ކުޑައިރުއްސުރެ އޭނައާއި ކުރިހާ ސަމާސާތަކާއި އޭނައަށް މީރުކޮށް ކައްކައިދިން
ދުވަސްތަކާއި އޭނަގެ ހުނަރުތަކަށް ތަޢުރީފުކުރި ދުވަސްތައް ހަނދާނަށް އައުމުން
ޝަރަފަށް ދެލޯ މަރައި ތަގުޅިކޮށްލަމުން ގިސްލެވެން ފެށިއެވެ. އޭނަ އެތާހުރި
ގޮނޑިބަރީގައި އިށީނދެލީ އޭނަގެ ދެފައިގައި ދެން ކޮޅަށް ހުންނާނެ ވަރެއް
ނެތުމުންނެވެ. އަދި އޭނަގެ މޫނު ދެއަތުން ފޮރުވާލީ އޭނައަށް އޭނަގެ މަންމައާއިމެދު
ކަންތައް ކުރެވުނު ގޮތާއިމެދު ލަދުވެތިވެ ހިތާމަކުރެވުނު މިންވަރުންނެވެ. އެއީ
އޭނަ އަފާފަށްޓަކައި ކޮށްދިން ކަމަކަށް ވިޔަސް އެ ވާނީ ޚުދު އަފާފްގެ ނަޒަރުން
ވެސް ކިހާ ނޭދެވޭ ޢަމަލަކަށްކަން އޭނައަށް އެނގުންވީ އެވަގުތެވެ. އޭނަގެ އެ
ޢަމަލާއިމެދު ޚުދު އަފާފްވެސް ނުރުހުންވާނެ މިންވަރު އެނގުންވުމުން އޭނަގެ ހިތް
ނާއުއްމީދުން ފުރެން ފެށިއެވެ. އޭނައަކީ ހާދަ ނުބައި މީހެކޭ ބުނެ އޭނަގެ ނަފްސު
އޭނައާއި ދެކޮޅަށް ވާހަކަ ދައްކަން ފެށިއެވެ. އެހެނަސް ވަގުތު ފާއިތުނުވަނީސް
ޝަރަފްގެ ހިތް އޭނައަށް ﷲ މަތިން ހަނދުމަކޮށްދިނެވެ. ޚުދު އޭނައަށް ވެސް އޭނަގެ
އަމިއްލަ ނަފްސަށް މަޢާފު ނުދެވުނަސް ﷲ އަކީ މަޢާފު ދެއްވާނެ ކަލާނގެކަން
ހަނދާންވުމުން ޝަރަފްގެ ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ރޯވިއެވެ. ހަމަ އެއާއެކު
އެކަލާނގެއަށް އޭނަ ކުރި ފާފައިގެ އަސަރުތައް ވެސް ނައްތާލެއްވޭނެކަން
ޔަޤީންވުމުން ޝަރަފަށް އޭނަގެ މަންމަގެ ޙާލަތު ރަނގަޅުކޮށްދެއްވުމަށް އެދި
ދުޢާކުރެވުނެވެ. ﷲ އަކީ މިހާތަނަށް އައިއިރު އޭނައަށް ނުވާނެހެން ހީވި އެތައް
ކަމެއް ފުރިހަމަ ކޮށްދެއްވި ރަސްކަލާނގެކަން ޔަޤީންވުމުން އަނެއްކާވެސް ޝަރަފްގެ
ހިތް އުއްމީދުން ފުރިގެން ދިޔައެވެ. އެހެނަސް ދެންވެސް އޭނަގެ ހިތުގައި
ސުވާލުތަކެއްވިއެވެ. އޭނަގެ މަންމަ އެފަދަ ޙާލަކަށް ދިޔައީ ކިހިނެއްހެއްޔެވެ؟ އެއީ
މަންމަ ޢުމުރުން ދުވަސްވުމުން މަންމައަށް ދިމާވި ޙާލަތެއް ހެއްޔެވެ؟ އޭނައަށް
ނޭނގި މަންމައަށް ބޮޑު ބައްޔެއް ޖެހުނީ ހެއްޔެވެ؟ މަންމަ އެހާ ނިކަމެތި ގޮތަކަށް
ބާ ކޮޓަރިއެއްގެ ތެރެއިން އޭނައަށް ފެންނަންވީ ކީއްވެ ހެއްޔެވެ؟ އޭނަގެ ދެންތިބި
ދޮންދައްތަމެންނާއި ދޮންބޭބެމެން މަންމަ ގެއިން ބޭރުކުރީ ހެއްޔެވެ؟
ސިކުނޑިއަށް ވެރިވި އެތައް ސުވާލަކާމެދު ޝަރަފަށް ވިސްނެމުން
ދިޔައެވެ. އޭނަ އެ ގޮނޑީގައި އިންގޮތަށް އިންދާ މީހަކު އައިސް އޭނަގެ ކައިރީގައި
އިށީނދެ އޭނަގެ ކޮނޑުމަތީގައި އެއްއަތް އަޅާލިއެވެ. ޝަރަފް އޭނަގެ މޫނާއި އަތް
ވަކިކޮށްލަމުން ބަލާލިއިރު އޭނަގެ ކައިރީގައި އިނީ ނަބީހެވެ.
"ޑޯންޓް ވޮރީ.......މަންމަ އަދި ރަނގަޅު ވާނެ އިން ޝާ
ﷲ." ނަބީހް ސީރިއަސްކަމާއެކީ ޝަރަފަށް ހިތްވަރު ލައިދޭ ފަދައަކުން
ބުނެލިއެވެ. އެއާއެކު ޝަރަފަށް އޭނަގެ ސިކުނޑީގައި އުފެދިފައިވި ހުރިހާ ސުވާލެއް
ބަންޑުން ކޮށްލެވުނެވެ.
"ނަބީހް.....ކިހިނެއްތަ މަންމައަށް މިހެންވީ؟
އަހަރެން މިތަނުން ދިޔައިރު މަންމަ ހުރީ ޞައްޙަ ސަލާމަތުން." ޝަރަފް
އަހާލިއެވެ. ނަބީހް ޝަރަފަށް ބަލަން ހުރެފައި ފުންނޭވައެއް ދޫކޮށްލަމުން
އެއްދިމާލަކަށް ނަޒަރު ހުއްޓާލިއެވެ.
"ތި ވާހަކަ ޙަޤީޤަތުގަ އެންމެ ރަނގަޅަށް ކިޔައިދޭން
އެނގޭނީ ޝަރަފްގެ ދޮންދައްތަމެންނާ ދޮންބޭބެމެންނަށް. އަހަންނަށް ކިޔައިދެވޭނީ
އަހަންނަށް ވަކި ހިސާބަކުން ފެންނަން ފެށި މަންޒަރުތަކާ ރާހީގެ ފަރާތުން
އަހަންނަށް އެނގުނު ކަންތައް. އަހަރެން ރާހީއާ އިނީ މީގެ 5 އަހަރު ކުރިން.
އަހަރެންގެ އަންހެނުން ދުނިޔެ ދޫކޮށް ދިޔައިމަ ހަމައެކަނި މާއިޝްއަށްޓަކައި އާ
މަންމައެއް ހޯދަން ރާހީއާ ރައްޓެހިވެ ރާހީއާ އިނީ. ރާހީއާ ރައްޓެހިވެގެން
އުޅުނުއިރު އަހަންނަށް އޭނަ ފެނުނީ ރަނގަޅު ކުއްޖެއްގެ ގޮތުގަ. އަހަންނަކީ އޭރު
ދީނަށް ނަފްރަތު ކުރާ މީހަކަށް ވިޔަސް ބޭނުންވީ މާއިޝް ބަސްއަހާ ކުއްޖަކަށް
ހަދައިދޭނެ ރަނގަޅު އަންހެނެއް. ރާހީއާ އިންނަން އެދުނީމަ އެނގުނީ އޭނަ އުޅެނީ
އެހެން މީހަކާ އިނދެގެންކަން. އަހަރެން ވަގުތުން ބޭނުންވީ އެ ގުޅުން ކަނޑާލަން
އެކަމަކު ރާހީ ބުނީ އޭރު އޭނަ އިނދެގެން އިން މީހާ އޭނައަށް އަނިޔާކުރާތީ އޭނަ
ބޭނުވަނީ އެ ފިރިމީހާއާ ވަރިވާން ކަމަށް. އޭގެ ދުވަސްތަކެއް ފަހުން ރާހީ އެމީހާއާ
ވަރިވީމަ އަހަރެން ރާހީއާ އިނީ. އެއަށްފަހު އަހަންނަށް ރާހީއާ އޭނަގެ ޢާއިލާގެ
ޙަޤީޤަތް ފެންނަން ފެށީ. ކައިވެނީގެ ކުރީކޮޅު އަހަރެން ރާހީގެ އެދުމުގެ މަތިން
އުޅެމުން ދިޔައީ ރާހީމެންގެ ގޭގަ. އަހަރެން އެގެއަށް ދިޔަ ދުވަހުއްސުރެ ޝަރަފް
މަންމަ ތި ކިޔާ އަންހެން މީހާ އެ މީހުން ގެންގުޅެމުން ދިޔައީ ނޯކަރެއްގެ
ގޮތުގަ." ނަބީހް ބުނެލި ވާހަކައިން ޝަރަފަށް ކުއްލި ގޮތަކަށް އޭނައަށް
ބަލާލެވުނީ އޭނަގެ ކަންފަތަށް ވެސް އިތުބާރުކުރަން ބޭނުންނުވެފައިވާ ޙާލުގައެވެ. އެހެނީ
މީގެ 8 އަހަރު ކުރިން އޭނައަށް މަންމަ ފެނިފައިވަނީ ދޮންބައްޕަގެ ގޭގައި ޝާހީ
އުޅުމެއް އުޅެފައިވިތަނެވެ. އޭނަ ދިޔަފަހުން މަންމަ އެފަދަ ޙާލަކަށް ވެއްޓުނީ
ކިހިނެއްތޯ ހިތަށްއެރި ވަގުތު ނަބީހް އިތުރަށް ކިޔައިދިނެވެ.
"އެއީ ރާހީމެންގެ ދޮންމަންމަކަން އަހަންނަށް
އެނގުނީވެސް އަހަރެން އެގެއަށް ބަދަލުވިތާ ދެމަހެއްހާ ދުވަސްފަހުން. އެއީވެސް
އެއްދުވަހު ރާހީ ދެއްކި ކޮންމެވެސް ވާހަކައެއްގެ ތެރެއިން. އަހަރެންގެ ހިތުގަ އޭރު
ރަޙުމެއްނެތަސް ޚުދު އަހަންނަށްވެސް އެހުނު އެ މުސްކުޅި އަންހެން މީހާ އެކަނިމާ
އެކަނިހޭ ބަދިގޭގަ ކައްކާފަ އެ ބޮޑު މާސިންގާ ގެ ސާފުކުރަނީ. އެފަދަ ސުވާލެއް ކުރާ
ކޮންމެ ފަހަރަކު ރާހީ ފަރުވާކުޑަ ގޮތަކަށް ބުނާނެ އާނއެކޭ. އޭނައަށް ވާނެއޭ. އޭނަ
އެހެންނޫނަސް އެންމެ ފުރަތަމަ އެގެއަށް ދިޔައީ ނޯކަރެއްގެ ގޮތުގައޭ. ބައްޕަ މިހާރު
އެހެން މީހަކާ އިނދެގެން އެއީ މިހާރު ޢާއިލާގެ މެންބަރެއްގެ ގޮތުގަ ނުދެކެއޭ.
އަހަންނަށް އެކަން ޔަޤީންވީ ރާހީމެންގެ ބައްޕަ އެ ހުންނަ ތަނެއްގަ ހުރެފައި އައިސް
އެ ދައްތައަށް ނުވެސް ބަލާ ގޮތުން. އެ ދައްތަ އާދޭސްކުރީމަ ވެސް ބައްޕަ އެ
ދައްތައާ ދިމާލަށް އެއްޗެހި ގޮވާފަ އަނިޔާކުރި މަންޒަރު އެއްދުވަހު ޚުދު
އަހަރެންގެ އަމިއްލަ ލޮލުން ދުށިން." ނަބީހް މިފަހަރު ކިޔައިދިން ވާހަކައިން
ޝަރަފްގެ ދެލޯ ބޮޑުވެ އޭނަގެ ނޭވާ ކަރުގައި ތާށިވިއެވެ. ދޮންބައްޕަގެ ސޫރަ
އެވަގުތު ލޮލަށް ސިފަވެގެން ދިޔުމުން ވެސް އޭނަގެ ގޮށްމުއްކެވުނެވެ. އޭނަ އެއްޗެކޭ
ބުނަން އުޅުނު ވަގުތު ނަބީހް އަސަރެއްނެތް ގޮތަކަށް ހީލުމުން ޝަރަފަށް
ޙައިރާންކަމެއް ލިބުނެވެ.
"މި ހުރިހާ ކަމެއްގެ ތެރޭގަވެސް އެންމެ އަޖާއިބުވާ
ތަންކޮޅު ޝަރަފަށް އެނގޭތަ؟ ޢަދުލު އިންސާފުގެ ދީނާއިމެދު އުނގެނެމުން ދިޔަ
ޝަރަފްގެ ދޮންދައްތަމެންނާއި ދޮންބޭބެމެން އެ މަންމައަށް ލިބެމުން ދިޔަ އަނިޔާތަކާމެދު
އެއްވެސް އެއްޗެކޭ ނުބުނޭ. މަންމަ އެހާ ބުރަކޮށް އުޅެމުން ދިޔައިރު މަންމައަށް
ދީނުގައި ދެވިފައިވި މަޤާމާބެހޭ ގޮތުން އެމީހުން ދިޔައީ ލިޔުންތައް ލިޔަމުން.
މަންމައަށް އެހީނުވެ އެމީހުން ދިޔައީ ދީނަށް ދަޢުވަތުދެވޭތޯ ބަލަމުން. އަހަރެން
ހީކުރީ އޭރު އަހަރެންގެ ހިތުގަ ދީނަށް އުފެދިފައިވި ފުން ނަފްރަތު އެއަށްވުރެ
ފުންވެގެން ނުދާނެ ކަމަށް. އެކަމަކު އެމީހުންގެ އެ ސިފަތައް ފެނިފަ އަހަރެން
އިހުނަށްވުރެ ވެސް ބޮޑަށް ދިނާއި ދުރުވި. އެކަމަކު ﷲ ގެ ރަޙްމަތް ފުޅުން އަހަރެން
ހީވެސް ނުކުރާފަދަ ގޮތަކަށް އަހަންނަށް ހިދާޔަތް ލިބިގެން ދިޔަ. އެއަށްފަހު
އަހަންނަށް ވެވުނު މިންވަރަކުން އަހަރެން މަންމައަށް އެހީވިން. މަންމަގެ ދިފާޢުގަ
ވާހަކަ ދެއްކިން. އޭގެ ބަދަލުގަ އަހަންނަށް މަންމަގެ ލޯބި ލިބުނު. ބޮޑުވަމުން
އައިއިރު ނުލިބުނު މައެއްގެ ލޯބި ލިބުނު ކަހަލަ އިޙްޞާޞެއް އަހަންނަށް ކުރެވުނު. އެކަމަކު
އޭރުވެސްވީ މާ ލަސްވެފަ. އަހަރެން ތައުބާވިތާ މާ ގިނަ ދުވަހެއްނުވެ މަންމަ ވަރަށް
ބޮޑަށް ބަލިވި. ޑޮކްޓަރަށް ދެއްކީމަ ލިބުނު ޚަބަރުން އަހަރެން ވަރަށް ދެރަވި.
މަންމަގެ ސިކުނޑީގެ އެއްފަރާތުގައިވީ ޓިއުމަރެއް ހެދިފަ. އެ ހުރިހާ ދުވަހު މަންމަ
މަސައްކަތުގައި އުޅުނުއިރު ވެސް ބޮލުގަ ރިއްސައިގެން އެހެންނޫނީ ބޯ އަނބުރައިގެން
އުޅުނުތަން އަހަންނަށް ފެނުނު. ފެނިފައިވެސް ނުފެންނަ ކަމަށް ހަދައިގެން ހުރެވުނު ކަމަށްޓަކައި
އަމިއްލަ ނަފްސުދެކެ ރުޅިއައި. އަހަރެން އެއްކުރެވުނުހާ ލާރިއެއް އެއްކޮށްގެން
މަންމަ ބޭރަށް ގެންގޮސް ފަރުވާ ހޯދައިދިނިން. ﷲ ގެ އިރާދަފުޅުން މަންމަ އެ
ޓިއުމަރުން ސަލާމަތްވި. އެކަމަކު އެ ޓިއުމަރުން ސިކުނޑިއަށް ކޮށްފައިވި ނޭދެވޭ
އަސަރުގެ ސަބަބުން މަންމަގެ ސިކުނޑި މިއަދުވެސް ރަނގަޅަށް މަސައްކަތް ނުކުރޭ.
މަންމަ ބައެއްފަހަރު ވަރަށް ރުޅިގަދަ ވެފަ ތަންތަން ހަލާކުކޮށް މީހުންނަށް އަނިޔާ
ކުރިއްޔާ އަނެއްބައި ފަހަރު އަބަދުމެ ރޮއި ހަދާނީ. މިއީ ވެސް ޝަރަފްގެ
ދޮންދައްތަމެންނާއި ދޮންބޭބެމެން މަންމައާއިމެދު ކަންތައް ކުރި ގޮތުން މަންމަގެ
އުޅުން ބައްޓަންވެގެން ދިޔަގޮތޭ އަހަރެން ބުނާނީ. އަހަރެން މަންމަ ގޮވައިގެން
ރާހީއާއެކީ ވަކިން ގެއަކަށް ބަދަލުވީވެސް މަންމަގެ އުޅުން ކުޑަ މިންވަރަކަށް
ވިޔަސް އިޞްލާޙުވޭތޯ. އެކަމަކު މަންމައާއެކީގަ އުޅޭ އެންމެ މީހަކު ބޭނުންވެގެން
ކަމެއް ބަދަލެއްނުވާނެ ކަންނޭނގެ ދޯ ޝަރަފް؟ ރާހީ އަދިވެސް އަހަރެން ގޭގަ ނުހުންނަ
ވަގުތު މަންމައާމެދު ކަންތައް ކުރަނީ އިހާނެތި ގޮތަކަށް. މާއިޝް ވެސް ރާހީގެ
ގޮތްތަކުން ދަސްކުރާތީ އަހަރެން ކަންބޮޑުވޭ. ކޮންމެ ދުވަހަކު ރާހީއާ އަރައިރުން
ވާންޖެހެނީ ހަމަ މި ސަބަބާހެދި. ކޮންމެ ދުވަހަކު ދުޢާކުރެވޭ ރާހީއަށް ހެޔޮ
ވިސްނުން ދެއްވައި މަންމައަށް އަވަސް ޝިފާއެއް ދެއްވުމަށް އެދި. ޝަރަފް މަންމަ
ބަލާ އައުން އެއީ އޭގެއިން އެއްދުޢާ އިޖާބަވުން ކަންނޭނގެ. އެއީ މަންމަ މި ހުރިހާ
އަހަރު ވޭތުވީއިރުވެސް މަންމަގެ ދަރިން މަތިން އަބަދުވެސް ހަނދާންކުރޭ. ޝަރަފްއާ
ޝިނާޒްއާ....ދެންވެސް ކޮންމެވެސް އަންހެން ކުއްޖެއްގެ ނަން ކިޔާނެ. ވަކިން
ޚާއްޞަކޮށް ޝަރަފްގެ ވާހަކަ މަންމަ ވަރަށް ދައްކާ. ޝަރަފް އައިމަ ޝަރަފަށް މީރު
ރިހައެއް ކައްކާނީއޭ ކިޔާފަ ބައެއް ދުވަސްދުވަހު އެ ރިހަ ކައްކަންވެސް ކައްކާނެ.
ދެން އަހާނެ ޝަރަފް އައިއްސިހޭ. ކޮންމެ ދުވަހަކު ނާދެއޭ ބުނީމަ ވަރަށް ގަދައަށް
ރޯންފަށާނެ. ވަރަށް އުއްމީދުކުރިން މިއަދު އެތައް އަހަރެއް ފަހުން މަންމައަށް
ފުރިހަމަ އުފާވެރިކަމެއް ލިބިގެންދާނެ ކަމަށް. އެކަމަކު....." ނަބީހް އޭނަގެ
ލޮލަށް ޖަމާވަމުން ދިޔަ ކަރުނަތައް އެސްފިޔަ ޖަހައި ހިންދަމުން އެންމެ ފަހުން
ޝަރަފާއި ދިމާލަށް ބަލާލިއެވެ. ނަބީހް ކިޔައިދިން ކޮންމެ ވާހަކައަކާއެކީ ޝަރަފް
ހިތް ޒަޚަމްވަމުން ގޮސް އެންމެ ފަހު ޖުމްލަތަކާއި ހަމަވުމުން އޭނައަށް ކެތްކުރެވޭ
ވަރެއްނުވިއެވެ. އޭނަދެކެ އެހާ ލޯބިވާ އޭނަގެ މައިމީހާއާމެދު އޭނައަށް ކަންތައް މި
ކުރެވުނީ ކިހިނެއް ހެއްޔެވެ؟ އަނެއްކާވެސް އޭނައަށް ކުރެވުނު ފާފައިގެ ހިތާމައިން
ޝަރަފްގެ ހިތް ފުރި އޭނަގެ ލޮލަށް ތާޒާ ކަރުނަތައް ޖަމާވިއެވެ. އޭނަގެ ލޮލުން
ކަރުނައެއް ފައިބައި އޭނައަށް ގިސްލެވެން އުޅެނިކޮށް ރާހީދައްތަ ދުރުން ނަބީހަށް
ގޮވާލި އަޑު އިވުނެވެ. އެ ހިނދު ޝަރަފްގެ ކަރުނަތައް ހިކުނީ އެ އަޑުގެ ވެރިޔާ
އޭނަގެ މަންމައާއިމެދު ކަންތައް ކުރި ގޮތް ތަޞައްވުރު ކުރެވުމުން އައި ރުޅިއެއްގެ
ސަބަބުންނެވެ. އެ ރުޅީގައިހުރެ ރާހީދައްތައަށް ބަލާލިތަނާހެން އެ ދައްތަގެ
ކައިރިއަށް ގޮސް ކިޔާނެ އެއްޗެހި އޭނަގެ ސިކުނޑި ތެރޭގައި ގުގުމަން ފެށިއެވެ.
އެހެނަސް ދާދި ގާތުގައި އޮތް މާޒީއެއްގައި އޭނައަށް ރުޅީގައި ނުބައި
ފިޔަވަޅުތަކެއް އެޅުނު ދެފަހަރެއްގެ މަތިން ހަނދާންވުމުން ޝަރަފް އަމިއްލަ ނަފްސު
ހަމައަކަށް އަޅުވައި އަޢޫޒު ކިޔުނެވެ.
ގަޑިއިރުތަކެއްގެ ސާޖަރީއަކަށްފަހު ޑޮކްޓަރުން ވަރުދާ
ތިއޭޓަރުން ނެރުނީ އުފާވެރި ޚަބަރަކާއި އެކީގައެވެ. ވަރުދާ މިހާރުވަނީ
ނުރައްކަލުން ބޭރުގައިކަން ޔަޤީންވުމުން ޝަރަފާއި ނަބީހްގެ މޫނުމައްޗަށް ވެސް
ވެރިވީ އުފާވެރި ހިނިތުންވުންތަކެވެ. މަންމަ ހޭ އަރާނެ އިރަކަށް ޝަރަފަށް
ކެތްތެރިކަމެއްނެތި އިންތިޒާރު ކުރެވުނީ އެތައް އަހަރެއްފަހުން އޭނަ މަންމަދެކެ
ލޯބިވާ މިންވަރު ހާމަކޮށް ނަބީހް ބުނިހެން މަންމަގެ އުފާވެރިކަން ފުރިހަމަ
ކޮށްދިނުމަށެވެ. އެހެނަސް މަންމަ ހޭއަރާނީ އަނެއްދުވަހު ހެނދުނު ކަމަށްބުނި
ވާހަކައިން ޝަރަފް ހިސާބަކަށް މާޔޫސްވިއެވެ.
ޝަރަފް ގެއަށް ދިޔުމަށްޓަކައި ހޮސްޕިޓަލުން ނިކުންނަން
ހިނގައިގަތީ ނަބީހްގެ އެދުމާއެކު އަފާފްގެ މަތިން ވެސް ހަނދާންވުމުންނެވެ. އޭނަ
ގެއިން ނިކުމެގެން އައީ އޭނަ ދަނީ ކޮންތަނަކަށްކަން އެކަކަށް ވެސް ނާންގާ
ކަމަށްވުމުން ޝަރަފް ހިސާބަކަށް ނުތަނަވަސްވިއެވެ. އަފާފް ހޭލެވި އޭނަ ނެތިގެން
ހާސްވެދާނެތީ ކަންބޮޑުވެސްވިއެވެ. ޝަރަފަށް ހޮސްޕިޓަލްގައި އޭނަ ހުރި
ފަންގިފިލާއިން ވެސް ނުފޭބެނީސް އޭނަގެ އެ ބިރު ޙަޤީޤަތަކަށްވިއެވެ. އެންމެ ތިރީ
ފަންގިފިލާއަށް ދިޔުމަށްޓަކައި ލިފްޓަށް އެރި ވަގުތު ހުސެއިންގެ ފޯނެއް އަންނަން
ފެށިއެވެ. ފޯނު ނަގައި އޭނައަށް ސަލާންވެސް ނުގޮވެނީސް އެކޮޅުން ހުސެއިންގެ
ނުރުހުންތެރި އަޑު އިވިގެން ދިޔައެވެ.
"ކޮންތާކަށް ގޮއްސަތަ ތިހިރީ؟ އަފާފް އެބައުޅޭ ޝަރަފް
ނެތިގެން. އަނ....ވާހަކަ ދައްކަބަލަ." ހުސެއިން އެހެން ބުނެލިއިރު އޭނަގެ
އަޑު ފޭދިގެން ދިޔައެވެ. ދެން އިވިގެން ދިޔައީ އަފާފްގެ އަޑެވެ.
"ޝް....ޝަރަފް. ކޮންތާކުތަ؟" އަފާފްގެ އަޑުގައި
ނުތަނަވަސްކަމެއް އެކުލެވިގެން ދިޔުމުން ޝަރަފްގެ ނިތަށް ރޫއެރިއެވެ.
"އަފާފް ކިހިނެއްތަވީ؟ ހާދަ ބިރުންހެން ހީއެބަވެއޭ.
ކުރައްޕެއް ފެނުނީތަ؟" އާދައިގެ މަތިން އަފާފް ނުތަނަވަސްވީކަން
އެނގުންވުމުން ޝަރަފަށް ވިސްނުމެއްވެސް ނެތި ސަމާސާއެއް ކޮށްލެވުނެވެ. އެ
ސަމާސާއަށް އަފާފް ހީލިއެއްކަމަކު އެ ހީލުމުގައި ވެސް ފޮރުވިފައިވި ނުތަނަވަސްކަން
ޝަރަފަށް ސިއްރެއްނުވިއެވެ.
"ކަމެއްނުވޭ ޝަރަފް. އެއީ ބިރުވެރި ހުވަފެނެއް
ފެނުނީ. ޝަރަފް ކޮންތާކުތަ ތިހިރީ؟ ތަންކޮޅެއް އަވަހަށް އައިސްދެވިދާނެތަ؟"
އަފާފް އަވަސް ރާގަކަށް އެ ސުވާލުތައް ކުރުމުން ޝަރަފް ނުރުހުންވީ އަމިއްލަ ނަފްސު
ދެކެއެވެ. އަފާފް އެގޮތަށް ސުވާލުކުރެވެނީ އަފާފްގެ ކައިރީގައި ހުންނަން ޖެހޭ
ވަގުތެއްގައި އޭނައަށް އެހެން ތާކު ހުރެވުމުން ކަން ޝަރަފަށް ވިސްނޭތީވެއެވެ. އެހެންކަމުން
އޭނަ ތިމަންނަ މި އަންނަނީއޭ ބުނެ ގެއަށް ދާން އަވަސްވެގަތެވެ.
ސައިކަލުގެ ބާރު ސްޕީޑެއްގައި ޝަރަފަށް މިނެޓްތަކެއްގެ
ތެރޭގައި ގެއާއި ހަމައަށް ދެވުނެވެ. އެ ދަތުރު މަތީގައި އޭނައަށް މިރޭ ދިމާވި
ކަންތައްތަކާއި އިވުނު ވާހަކަތައް އަފާފަށް ކިޔައިދެވޭނެ ގޮތަކާއިމެދު ވިސްނެން
ފެށިއެވެ. އެ ވިސްނުމުގެ ތެރެއިން ނަބީހްގެ ނަން އައުމުން ޝަރަފް ހިސާބަކަށް
ހުއްޓުން އަރާ ގޮތްވިއެވެ. ނަބީހަށް އަފާފް އެނގިދާނެ ގޮތަކާއިމެދު ވިސްނުމުން
އޭނައަށް މިރޭ ނަބީހާއި ވަކި މިވެވުނީ މުހިއްމު ވާހަކައެއް ދެއްކުމެއް ނެތިކަން
އޭނައަށް ވިސްނުނެވެ. "ބިންތު ޢައްމާރަށް" ގެއްލުމެއްދޭން އުޅެނީ
ކާކުކަމުގެ ތަފްޞީލު ނަބީހް ކައިރިން ލިބޭނެތާއޭ ސިކުނޑި ބުނިހިނދު ޝަރަފްގެ
ހިތަށް ހިތްހަމަޖެހުމެއް ލިބުނެވެ. އޭނައާއި ނަބީހާއިމެދު މިހާރު އޮތީ ދެބެއިންގެ
ދެމެދުގައި އޮންނާނެ ފަދަ ގުޅުމެއްކަން އެނގުންވީ ހިނދު އެ ވާހަކަ ކޮންމެ
ހިނދެއްގައި ވެސް އެހިދާނެކަމަށް ޝަރަފަށް ނިންމުނެވެ. އެވަގުތަށް އެކަމުގެ މަތިން
ހަނދާން ނައްތާލުމަށްފަހު ޝަރަފް ގެއަށް ދިޔައީ އެހެންވެއެވެ.
ގޭގެ މައިދޮރު ހުޅުވާލުމާއެކު ސިޓިންގް ރޫމުގެ ދިގު
ސޯފާގައި އަފާފް މެދުގައި ބައިންދައިގެން ތިބި ޝާދިޔާއާއި ހުސެއިން ޝަރަފަށް
ފެނުނެވެ. އޭނަ ދޮރު ހުޅުވާލި އަޑާއެކީ އަފާފް ކޮޅަށް ތެދުވެ އޭނަގެ ގާތަށް
އަންނަން އުޅުނެވެ. އެހެނަސް އެވަގުތު ކުރިމަތީގައި ހުރި ބިއްލޫރި މޭޒުގައި
އަފާފްގެ ކަކޫ ޖެހިގެން ދިޔުމުން އެތާތިބި ތިން މީހުންނަށް ވެސް ސިހުމެއް ލިބިގެން
ދިޔައެވެ. ޝަރަފް ދިގު ފިޔަވަޅުތަކެއްގައި ވަގުތުން ގޮސް އަފާފްގެ ކަކުލަށް
ތަދުވިތޯ ބަލައި އަފާފް އޭނަގެ އަތްދަނޑިމައްޗަށް އުފުލިއެވެ. އޭނަގެ އެ
ޙަރަކާތުން ވެސް ޝާދިޔާ ނުރުހުންތެރިކަން ފާޅުކޮށް އޭނައަށް ބަހުގެ ޙަމަލާތައް
އަމާޒުކުރިއެވެ. އާދައިގެ މަތިން ހުސެއިން އޭނަ ހުއްޓުވަން އުޅުނެއްކަމަކު އެއިން
ޝާދިޔާއަކަށް މާ ބޮޑު އަސަރެއް ނުކުރެއެވެ.
**
"ލޯބިވާ އަހަރެން މަތިން މާ ބޮޑަށް މިސްވީމަ އެންމެ
ފަހުން އަހަރެން ހަންޑިއެއްގެ ގޮތުގަ ވެސް ހުވަފެނުގަ ފެނުނީ ދޯ؟ ހެހެ...."
ޝަރަފް ފަސޭހަ ކަމާއެކީ އަފާފް އުފުއްލައިގެން ގޮސް އެނދުގައި އަފާފް ބޭންދިއެވެ.
އެއަށްފަހު ބިންމަތީގައި ކަކޫޖައްސައި ތިރިވުމަށްފަހު އަފާފްގެ ދެއަތް ނަގައި އެ
ދެއަތުގައި ބޮސްދިނެވެ.
"ހެހެ.......އަދި ފެންނާނެ ޖިންނިއެއްހެން ވެސް.
އެހެންވާނީ ނުބުނެ ތަންތަނަށް ދަންޏާ. އައި ގެޓް ވޮރީޑް އެބައުޓް ޔޫ. އަޅެ
ކޮންތާކަށްތަ ދިޔައީ؟" އަފާފް އަހާލިއެވެ. އެއާއެކު ޝަރަފްގެ ހިނިތުންވުން
ފިލައިދިޔައެވެ. އޭނައަށް ފުން ނޭވައެއް ދޫކޮށްލެވުނީ އޭނަ ބުނަން އުޅޭ ވާހަކައިގެ
ބޮޑުކަން އިޙްޞާޞް ކުރެވުމުންނެވެ. އެހެނަސް އިތުރަށް އަފާފްގެ ހިތުގައި
އޭނައަށްޓަކައި ޝައްކުތައް ނުބޭއްވުމަށްޓަކައި ކިތަންމެ ބޭނުމެއްނުވިޔަސް، ޝަރަފް
އެ ވަގުތުން ވަގުތަށް އަފާފަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. އެ ވާހަކަތަކުން
އަފާފްގެ މޫނުމައްޗަށް އަރައި ފައިބަމުން ދިޔަ ކުލަވަރު ފެނިފައި ޝަރަފްގެ ހިތަށް
ނުތަނަވަސްކަމެއް ވެރިވަމުން ދިޔައެވެ. އެހެނަސް އޭނަގެ ވާހަކަ ނިމުމުން އަފާފް
ދެއްކީ އޭނަ ހީވެސް ނުކުރާ ފަދަ ވާހަކައެކެވެ. އޭނަ ހީކުރީ ކުޑަމިނުން މަންމައާއި
ދިމާލަށް އަޑު އުފުލީތީ އެކަމާމެދު ނުރުހުންތެރިކަން ފާޅުކުރާނެ ކަމަށެވެ.
އެހެނަސް.....
"ދެން މަންމަ މިހާރު މުޅިން ރަނގަޅުތަ؟" އަފާފް
ކަންބޮޑުވުމަކާއެކީ ކޮށްލި އެ ސުވާލުން ޝަރަފްގެ ހިތް ވިރިގެންދާން އުޅުނެވެ.
އަފާފަށް ގެއްލުމެއްދޭ މީހަކަށް ވަގުތުން މަޢާފު ދިނުމަކީ އޭނަގެ އާދައެއް
ފަދައެވެ. ޝަރަފަށް މަޢާފު ކުރި ފަދައިން މިއަދު އަފާފްވަނީ އޭނަގެ މަންމައަށް
ވެސް މަޢާފުކޮށްފިއެވެ. އެކަމާމެދު ބުނާނެ އެއްޗެއް ވެސް ނޭނގިފައި ޝަރަފަށް
ހިނިތުންވެލެވުނެވެ. އެއަށްފަހު އާނއެކޭ ބުނެލެވުނެވެ.
"އެހެންވީމަ މާދަމާ އަހަރެން ގޮވައިގެން އިނގޭ މަންމަ
ބަލަން ދާނީ؟ އިން ޝާ ﷲ! ވާވް އަހަރެންގެ ވެސް މައިދައިތައެއް އެބަހުރި!"
އަފާފް އެ ޙާލަތަށް ވިސްނައި މޫޑު ބަދަލުކޮށްލުމަށް ޖޯޝުގެ ރާގަކާއެކީ އެހެން
ބުނެލި ގޮތުން ޝަރަފަށް ހީލެވުނެވެ. އެއަށްފަހު އަފާފްގެ ވާހަކަ ހުރި ރާގަށް
ލޯބިވާއޭ ކިޔަމުން އަފާފްގެ ގައިގައި ބައްދާލިއެވެ. އެކިއެކި ސަމާސާތައްކުރަމުން
ގޮސް އިރުކޮޅެއްގެ ތެރޭގައި އެދެމީހުންނަށް ވެސް ތިބެވުނީ އޮށޯވެވިފައެވެ. ޝަރަފް
އޭނަގެ ބޮލުގައި އެއްއަތް ވިއްދައިގެން އަފާފަށް ބަލަން އޮތްއިރު އަފާފް ވެސް
ޝަރަފާއިވީ ދިމާލަށް އޭނަގެ ކަޅި ހުއްޓައިގެން އޮތެވެ. ކޮންމެ ރެއެކޭ ވެސް
އެއްފަދައިން އަފާފް ޝަރަފްގެ މޫނުމަތިން އޭނަގެ ލަސްލަހުން އޭނަގެ އަތް ހިންގާލީ
އޭނައަށް އެ ސޫރައިގެ ތަޞްވީރު އޭނަގެ ސިކުނޑީގައި އިހުނަށްވުރެ ސާފުކޮށް
ކުރެހޭތޯއެވެ. އެހެނަސް އެއިން އޭނައަށް ހިތްހަމަޖެހުމެއް ނުލިބެއެވެ.
"ޝަރަފް ހުންނަގޮތް އަހަންނަށް
ކިޔައިދީފާނަންތަ؟" އަފާފް އަހާލިއެވެ.
"ހޫމް.....އަމް....އަޅުގަނޑު ހުންނަނީ....ވަރަށް
ހަޑިކޮށް." ޝަރަފް އެހެން ބުނެ އަޑުފަލަ ކޮށްފައި ހުނުމުއް އިއްވާލިއެވެ.
"ހުސް ދޮގު! އަހަރެން އަޑުއެހީމޭ ފައިހާމެން ޝަރަފް
ވަރަށް ހޮޓޭ ކިޔާފަ ވާހަކަ ދެއްކި އަޑު." އަފާފް ބުނެލިއެވެ.
"އަސްލުވެސްތަ؟ އަހަރެން ހޮޓްވިއްޔާ އެމީހުންނަށްތަ
އެނގެނީ؟ އެކަން އެނގޭނީ އަހަންނާ އެންމެ ކައިރީގަ ހުރި މީހަކަށްނު؟" ޝަރަފް
އެހެން ބުނެލީ އަފާފް އޭނައަށް ޚާއްޞަކަން އެންގުމަށެވެ. އޭނަ ބުނެލި ވާހަކައިން
އޭނަ އުއްމީދު ކުރިގޮތަށް އަފާފްގެ މޫނު ރަތްވެގެންދިޔައެވެ. އެހެނަސް ހަމަ
އެވަގުތު އެމޫނުމައްޗަށް ހިސާބެއްގެ ނުތަނަވަސްކަމެއް ވެރިވުމުން ޝަރަފް
އެއްއަތުން އަފާފްގެ މޫނުގައި ހިފަހައްޓާލިއެވެ.
"ކިހިނެއްތަވީ އަފޫ؟ އަދިވެސް އެ ހުވަފެނުގެ މަތިން
ހަނދާންވަނީތަ؟ ކިހިނެއްތަވީ އެ ހުވަފެނުގަ؟" ޝަރަފް އެ ސުވާލު އެންމެ ފަހުން
ކޮށްލީ އޭގެ ވާހަކަ ދައްކައިގެން ނޫނީ އަފާފަށް ހިތްހަމަޖެހުމެއް ނުލިބޭނެހެން
ހީވުމުންނެވެ. އޭނަ އެ ސުވާލުކުރުމާއެކު އަފާފް އެ ވާހަކަ ދޫކޮށްލަން އުޅުނެވެ.
އެހެނަސް ދޫނުކޮށް އެންމެފަހުން އަފާފް އެއްބަސްކުރުވިއެވެ.
"އަހަރެން ދުށީ ޝަރަފް އަހަންނާއި ވަރަށް ދުރަށް
ދިޔަތަން. ކޮންމެވެސް އެހެން އަންހެން ކުއްޖަކާ ވަރަށް ގާތްވިތަން. އަހަރެން
ގުޅީމަވެސް ފޯނު ނުނަގާ އެ ކުއްޖާއާ އެކީގަ ހުރިތަން. އެއީ ވަރަށް ފެޝަންކޮށް ހުރި
ކުއްޖެއް. ކުރުކުރު ހެދުމެއް ލައިގެން ހުރީވެސް. އެކަމަކު ޝަރަފް ހުރީ
އެކުއްޖާއާއެކީގަ ހިނިތުންވެލައިގެން. ވަ....ވަރަށް ކައިރިވި ޝަރަފް
އެކުއްޖާއާ." އަފާފް ދެރަގޮތަކަށް ޖެހިލުންވުމަކާއެކީ އެހެން ބުނި ގޮތުން
ޝަރަފްގެ ހިނިތުންވުންވެސް ފިލައިދިޔައެވެ. އޭނަ އެ ވާހަކައިން ވެސް ސަމާސާއެއް
ހަދާލަން އުޅުނު ވަގުތު އެކަމަށް ނުކުޅެދުނީ އެ ހުވަފެނުގައި ކޮންމެވެސް ވަރެއްގެ
ޙަޤީޤަތެއް އެކުލެވިގެންވާކަން އެނގުންވުމުންނެވެ. އޭނަ ވަނީ މާޒީގައި އަފާފްނޫން
އެހެން އަންހެން ކުއްޖަކާ އެހާ ކައިރިވެފައެވެ. އެއީ ވެސް ވަރަށް ފެޝަންކޮށް ހުރި
ކުރުކުރު ހެދުން ލާ އަންހެން ކުއްޖެކެވެ. އޭނައާއި އެކުއްޖާގެ ގުޅުން އަދި
އަފާފަށް ކިޔައިނުދެވޭކަން އެނގުންވީ ހިނދު ޝަރަފް ހިސާބަކަށް ނުތަނަވަސްވިއެވެ.
އެހެނަސް އެ ވަގުތު އެ ވާހަކަ ދެއްކުން ރަނގަޅެއް ނުވާނެކަން ދަނެގެން ޝަރަފް
ހިނިތުންވެ އަފާފްގެ ހިތް މަސަލަސްކުރެވޭތޯ ބެލިއެވެ. އެއަށްފަހު ނިދާލުމަށްބުނެ
އަފާފްގެ ގައިގައި ބާރަށް ބައްދާލީ، އޭނަ އެ ވާހަކަ އަފާފާއި ޙިއްސާކުރާނީ
ކިހިނެއްކަމާމެދު ވިސްނަމުންނެވެ.
**
އެރޭގެ
ވަގުތެއްގައި ސިޑްނީ އެއާރޕޯޓުގެ ޑިޕާރޗާރގައި ބަޔަކު ތިއްބާ ސިޑްނީއިން މާލެއަށް
ފުރާ ފްލައިޓެއްގެ ވާހަކަ އިޢުލާންކުރެވެން ފެށުމުން އެންމެން އެކީގައިހެން ބޯޑިން
ޕާސްދެއްކުމަށް ރޮނގު ހަދާލިއެވެ. އެ ދިގު ރޮނގުން މީހުން މަދުވާންވެސް 5 ވަރަކަށް
މިނެޓް ނެގިއެވެ. އެ ރޮނގުގައި އެންމެ ދެމީހުން ބާކީ ތިއްބާ ކަކުލުން މައްޗަށް
އޮތް ކުރު ހެދުމެއްގައި ހުރި ޒުވާން އަންހެން ކުއްޖަކު އޭނަގެ އުސް ފައިވާނުގެ
އަޑު އިއްވަމުން ޑިޕާރޗާއަށް ވަދެ އެ ރޮނގާއި ދިމާލަށް ދިޔައެވެ. އެ ކުއްޖާ ބޯޑިން
ޕާސް ދެއްކި ވަގުތު އޭގައި އޮތް އޭނަގެ ނަން ފެނުނެވެ. ދަތުރުވެރިޔާގެ ނަމަކަށް
އޮތީ "މަރިޔަމް ހަނާ" އެވެ
Comments
Post a Comment