Nur (part 30)


އެހެނަސް އަފާފަށް އަނިޔާއެއް ދިން މީހަކީ އެ މަންމަކަން އެނގުންވީ ހިނދު ޝަރަފްގެ ހިތުގައި ރުޅީގެ އަލިފާނެއް ރޯވިއެވެ. އަދި ޝާދިޔާ ބުނިހެން މަންމައަކީ ފައިސާއަށްޓަކައި ކޮންމެ ކަމެއްވެސް ކޮށްފާނެހެން ހީވާފަދަ މަންމަގެ ހުރިހާ ސިފައެއް ހަނދާނަށް އަންނަމުން ދިޔަދިޔަހެން އޭނަގެ ބުމަގޮށްޖެހި އޭނަގެ ގޮށްމުއްކެވުނެވެ.

މަންމަ ހޯދުމުގެ މަސައްކަތް ޝަރަފް އެރެއިން އެރެއަށް ވެސް ފެށިއެވެ. އެރޭގެ ވަގުތެއްގައި އަފާފް ގެއަށް ގެނެވިގެން ދިޔުމުން މާ ގިނައިރެއްނުވެ އަފާފަށް ނިދުނެވެ. އާދައިގެ މަތިން ޝަރަފް ޝަރަފް އެވަގުތު އަފާފްގެ ނިތަށް ބޮސްދިނެވެ. އެހެނަސް އެރޭ އަފާފް ގާތުގައި އޮށޯތުމުގެ ބަދަލުގައި ޝަރަފް އަފާފްގެ ގައިގައި ރަނގަޅަށް ރަޖާ އެޅުމަށްފަހު ކޮޓަރިން ނިކުމެގެން ދިޔައެވެ. އަދި އެ ދިޔަ ގޮތަށް ގޮސް ސައިކަލަށް އަރައިގެން މިޞްރާބުޖެހީ އޭނަގެ ދޮންބައްޕަގެ ގެއަށެވެ. އެގެއާއި އޭނަ ދުރަށް ދިޔަތާ އެތައް އަހަރެއް ވޭތުވެފައިވުމުން މާލޭގެ މަގުތަކުން ގޯޅިއަޅަމުން އެ ގެ ހޯދަން އޭނައަށް ހިސާބަކަށް ދަތިވިއެވެ. އެހެނަސް މާ ގިނައިރެއް ނުވެ ބޮޑު ފިހާރައެއްގެ ކައިރީގައި ހުރި 8 ބުރީގެ ޝާހީ ޢިމާރާތެއްގެ ކުރިމަތީގައި އޭނަގެ ސައިކަލު ޕާކްކުރެވިގެން ދިޔައީ، އޭނަގެ ހިތުގައި އުފެދިފައިވި ވަރުގަދަ ޢަޒުމުގެ ސަބަބުން ކަންނޭނގެއެވެ. ސައިކަލުން ފައިބައިގެން ގޮސް އޭނަ އެ ޢިމާރާތުގެ ދޮރުކައިރިއަށް ހުއްޓި ބެލް އަޅުވާލިއެވެ. އިރުކޮޅެއްވުމުން ވެސް އެއްވެސް މީހެއްގެ ޚަބަރެއް ނުވުމުން ޝަރަފް އަނެއްކާވެސް ދޮރު ހުޅުވާލއެވެ. އޭގެ މާ ގިނައިރެއްނުވެ އަންހެނަކު މި އަންނަނީއޭ ބުނެލި އަޑު އިވުނެވެ. ބާރަށް ހިނގާފައި އައި ކައިރިވަމުން ދިޔަ ފިޔަވަޅުތަކެއްގެ އަޑު އިވުމުން ޝަރަފްގެ ހިތް ހިސާބަކަށް ނުތަނަވަސްވީ ހިނދު ކެތްމަދުވެސްވިއެވެ. ކެތްމަދުވީ ފެނިގެންދާނެ ސޫރައެއް ދެނެގަތުމަށްޓަކައި ކަންނޭނގެއެވެ. ދޮރު ހުޅުވިގެން ދިޔަ ވަގުތު ޝަރަފަށް ނޭވާ ހިފަހައްޓާލެވުނެވެ. އެ ހިނދު ކުރިމަތިން އޭނަ އުއްމީދު ކުރި ސޫރަ ނޫން އެހެން ސޫރައެއް ފެނިގެން ދިޔުމުން އޭނަގެ ނިތަށް ރޫގިނަވިއެވެ.

"ޝަރަފް؟" މެދުޢުމުރުގެ އެ އަންހެން މީހާ އަހާލިއެވެ. އޭނަ ފެންނަމުން ދިޔައީ އޭނަގެ ޢުމުރަށްވުރެ ޒުވާން ހެދުމެއް އަޅައިގެން ހުރި ތަނެވެ. ބާރު ޓީޝާޓަކާއި ޖިންސެއް ލާފައި ހުރިއިރު އެވަގުތު ބުރުގާ ބާލާފައި ހުރުމުން އެކި ތަންތަންގަނޑުން ކުލަޖައްސާފައިވި އެ ދައްތަގެ ގޮށެއް ޖަހާލެވިފައިވި އިސްތަށިގަނޑު އެކަމަށް ހެކިދިނެވެ. އެއީ ޝަރަފްގެ ދެ ދޮންތައްތައިންގެ ތެރެއިން ދޮންދައްތައެއްނޫން އެހެން މީހެއްނޫނެވެ. އެކަން އެނގުންވީ ހިނދު ޝަރަފަށް ވާހަކަ ދެކެވުނެވެ.

"މް....މަންމަ ކޮބާ؟" ޝަރަފް އައިސްފައިވި ރުޅީގައި ކިޔަން ވެސް ބޭނުންވީ ވަރުދާގެ ނަމެވެ. ނަމަވެސް އެހެން ހެދުމުން އިތުރު ސުވާލުތަކެއް ކުރިމަތިވެދާނެތީ ޝަރަފް އެފަދަ ގޮތަކަށް އޭނަގެ ސުވާލު ފަރުމާކުރިއެވެ.

"މަންމަ....ނުއުޅޭ މިހާރު މިގެއަކު ޝަރަފް. މަންމަ އުޅެނީ ރާހީއާއެކު އޭނަގެ އާ ފިރިމީހާގެ ގޭގަ." ދޮންދައްތަ ކިޔައިދިނެވެ. އެއަށްފަހު ޝަރަފް މާލެއަށް ބަދަލުވީތޯ ސުވާލުކުރުމުން އެއަށް ފަރުވާލެއް ދިނުމެއްނެތި އިތުރަށް ވާހަކަދެއްކިއެވެ.

"ރާހީދައްތަ އުޅެނީ ކޮން ގެއަކު؟" ޝަރަފް އޭނަގެ އަނެއް ދޮންދައްތައާއިމެދު ސުވާލުކުރިއެވެ. އޭނަގެ ކުރިމަތީގައި ހުރި ދައްތަ އެ ސުވާލަށް ޖަވާބު ދީފައި އަނެއްކާވެސް އެއީ ކީއްކުރަންތޯ އަހައި ވާހަކަ ދައްކަން އުޅުނެވެ. އެހެނަސް ޝަރަފް އެކަން ކުރުމުގެ ފުރުޞަތެއްނުދީ އަނެއްކާވެސް އޭނަގެ ސައިކަލަށް އަރައި ނައްޓާލިއެވެ.

މިފަހަރު ޝަރަފްގެ ސައިކަލު މަޑުކުރީ 5 ބުރީގެ ޢިމާރާތެއްގެ ކުރިމައްޗަށެވެ. ސައިކަލުން ފޭބުމަށްފަހު ޝަރަފަށް މިފަހަރު އެ ޢިމާރާތުގެ ތެރެއަށް ވަދެވުނީ އެއީ އެކި ފަންގި ފިލާތައް ކުއްޔަށްދޭ ޢިމާރާތަކަށް ވާތީވެއެވެ. ޢިމާރާތަށް ވަނުމާއެކު ފެނުނު ސިޑިބަރިން އޭނަ މައްޗަށް އަރަން ފެށީ ދުވުމެއްގައެވެ. މިނެޓްތަކެއްގެ ތެރޭގައި ފަސްވަނަ ފަންގިފިލާއަށް ދެވުމުން ޝަރަފް އެ ފަންގިފިލާގައި ހުރި އެޕާޓްމެންޓްގެ ލައްޕާލެވިފައިވި ދޮރު ކުރިމައްޗަށް އެރިއެވެ. އެއަށްފަހު ފުން ނޭވައެއް ދޫކޮށްލަމުން ބެލް އަޅުވާލިއެވެ. މާ ގިނައިރެއްނުވެ ދޮރު ހުޅުވިގެން ދިޔުމުން ފެނިގެން ދިޔައީ އޭނަގެ ދޮށީ ދޮންދައްތައެވެ. ރާހީދައްތައަކީ ކުރިން އެއްކޮށް ދިގު ހެދުން ލާ މީހެއް ކަމަށްވިޔަސް އެވަގުތު ދައްތަ ލައިގެން ހުރީ ކަކުލާއި ހަމައަށް އޮތް ކުރުތާއަކާއި ހަރުވާޅެކެވެ. މިއީ އަނެއްކާވެސް ވަކި ދުވަސްކޮޅަކަށް ރާހީދައްތަ ހެދުން އަޅާ ގޮތް ބަދަލުކުރީތޯ ހިތަށްއެރިއެއްކަމަކު އެވަގުތު އެ ސުވާލު ޝަރަފަށް މުހިއްމުނުވިއެވެ. ރާހީދައްތަވެސް އޭނަގެ ހަނގު ދޮންދައްތަ ފަދައިން ޙައިރާންކަމާއެކީ ސުވާލުގެ ރާގަކަށް އޭނަގެ ނަން ކިޔާލުމުން ޝަރަފް ސީދާ އޭނަ މިގެއަށް އައި މަޤްޞަދު ފުރިހަމަ ކުރެވޭތޯ ބެލިއެވެ.

"މަންމަ ކޮބާ؟" ޝަރަފް ބުމަގޮށްޖެހިފައިހުރެ ސާބިތު އަޑަކުން އަހާލިއެވެ. މަންމައޭ ބުނުމުން ވެސް ޝަރަފްގެ ހަނދާނަށް އަންނަމުން ދިޔައީ އަފާފަށް މިއަދު ދިމާވެފައިވި ޙާލަތެވެ. އަފާފަށް އެހެން ދިމާވުމުން އޭނަގެ ހިތްވަރު އެލި، ދެރަވެފައިވި މިންވަރެވެ. އަދި މިރޭ އަފާފްގެ އަތަށް އެ އަނިޔާވެފައިވުމުން އޭނަގެ ޕޭޖުގައި ވެސް އާ ޕޯސްޓެއް ލިޔެލަން ނޭނގުމުން އަފާފް އިތުރަށް ހިތާމަކުރި ގޮތެވެ. މި ހުރިހާ ކަމެއްގެ މަތިން ހަނދާންވަމުން ދިޔަދިޔަހެން މަންމައަށްޓަކައި ޝަރަފްގެ ހިތުގައި އުފެދިފައިވި ރުޅިވެރިކަން އިތުރުވަމުން ދިޔައެވެ.

ރާހީ ޝަރަފްގެ ސުވާލަށް ޖަވާބުނުދީ އިރުކޮޅެއް ވަންދެން ދެބުމަ ކައިރި ކޮށްގެން ހުރިގޮތަށް ހުއްޓެވެ. ޖަވާބެއް ނުލިބުމުން ވީ ނުރުހުމުގައި ޝަރަފް އިހުނަށްވުރެ ހަރުއަޑަކުން އޭނަ ކޮބާހޭ އަހާލިއެވެ. އެ ހިނދު ގޭގެ ތެރެއިން ކޮންމެވެސް ފިރިހެނެއްގެ އަޑު އިވުނެވެ.

"ކާކުތަ ރާހީ؟" އެ ފިރިހެން މީހާ އެ ސުވާލުކޮށް ނިމުނުއިރު ހުރީ ރާހީގެ ކައިރީގައި ހުއްޓިލައިގެން ޝަރަފަށް ފެންނަ ހިސާބުގައެވެ. އެ ސޫރަ ފެނުމާއެކު ޝަރަފް ހުއްޓުން އަރާ ގޮތްވިއެވެ.

"ނަބީހް؟" ޝަރަފަށް ދެބުމަ ކައިރިކޮށްފައި ސުވާލުގެ ރާގަކަށް އެ ނަން ކިޔާލެވުނެވެ. ނަބީހަށްވެސް ވީ އެކަހަލަ ގޮތެކެވެ. ރާހީ ހުރީ އެ ދެމީހުންނަށް ވަކިވަކިން ބަލާފައި ވާނުވާއެއް ނޭނގިފައެވެ. އޭނަ އެއްޗެކޭ ބުނަން އުޅުނުތަނާހެން ނަބީހް ވާހަކަ ދެއްކިއެވެ.

"ޝަރަފް ކީއްކުރަންތަ ތިއައީ؟ އަނެއްކާވެސް މާއިޝް ކަމެއްކުރީތަ؟" ނަބީހް ކަންބޮޑުވުމަކާއެކީ އަހާލިއެވެ. ޝަރަފް މަޑުމައިތިރި އަޑަކުން ޖަވާބު ދިނެވެ.

"ނޫން....މިއައީ އަހަރެންގެ މަންމަ ހުރިތޯ ބަލަން." ޝަރަފް ސީދަލަށް ޖަވާބުދިނީ ދެންވެސް އޭނަގެ މަންމައަށް އޭނަގެ ރުޅި ބޭލުމުގެ މަޤްޞަދު ޙާޞިލުކުރަން ބޭނުންވެފައިވި މިންވަރުންނެވެ. ނަބީހް ޙައިރާންކަމާއެކީ ކޮން މަންމައެއްތޯ އަހާލިއެވެ. އެއާއެކު ރާހީ ކިޔައިދިނެވެ.

"ނަބީހް......މިއީ މަންމަގެ ފުރަތަމަ ކައިވެނިން ލިބުނު އެންމެ ހަގު ދަރިފުޅު، ޝަރަފް." ރާހީ އެހެން ބުނެލުމުން ނަބީހްގެ ދެލޯ ބޮޑުވެ އޭނަ ކުއްލި ގޮތަކަށް ޝަރަފަށް ބަލާލިއެވެ. އޭނައަށް ވީގޮތް ފެނިފައި ޝަރަފަށް ދެބުމަ ކައިރިކޮށްލެވުނެވެ. ހިމޭންކަމުގެ ވަގުތުކޮޅަކަށް ޝަރަފަށް ބަލަން ހުރުމަށްފަހު ނަބީހް އަންނާށޭ ބުނެލިއެވެ. އެއާއެކު ޝަރަފް އޭނަގެ ފަހަތުން ދިޔައެވެ. ނަބީހް އެއްވެސް އެއްޗެކޭ ނުބުނެ ޝަރަފްގެ ކުރިއަށް ހުރެ ހިނގަމުން ދިޔައިރު ރާހީވެސް ހިސާބަކަށް ހިތްހަމަނުޖެހިފައިވާ ފަދައަކުން ޝަރަފްގެ ފަހަތުން ދިޔައެވެ. ނަބީހް އެ އާދައިގެ ގޭގެ ތެރޭގައި ކޮޓަރިބަރިތައް ހުރި ހިމަ ގޯޅިން ހިނގާފައި ގޮސް މަޑުކޮށްލީ އެންމެ ފަހަށް ހުރި ކޮޓަރީގެ ދޮރުމައްޗަށެވެ. އެ ދޮރު ފުދޭވަރަކަށް ބާވެފައި އެކި ތަންތާނގައި ރޮނގު އެޅިފައިވިއެވެ. ނަބީހް އެ ދޮރު ހުޅުވާލުމާއެކު ފެނިގެން ދިޔައީ އެ ކުޑަ ކޮޓަރިއަށް ވެރިވެފައިވި ފަނޑު އަލީގެ ތެރޭގައި ނަމާދު ކުރަން ބިންމަތީގައި އިން އަންހެނަކު ފެނުނެވެ. އެ އަންހެން މީހާގެ ފުރަގަސް ވީ ދޮރު މައްޗަށް ކަމަށްވުމުން ދޮރުމަތީގައިތިބި މީހުންނަށް ފެންނަމުން ދިޔައީ ހަމައެކަނި ހުދުކުލައިގެ ބޮޑު ދޮޅިއެކެވެ.

"އެހެރީ މަންމަ." ނަބީހް އެހެން ބުނެލުމާއެކު އަނެއްކާވެސް ޝަރަފްގެ ގޮށްމުއްކެވިގެން ދިޔައެވެ. މީހުން ނަމާދު ކުރަނީ އެހެން މީހުންނަށް އަނިޔާ ދީފައިތޯ އަހައި ހިތް ހަޅޭއްލެވިއެވެ. އެ އަންހެން މީހާ ސަލާމް ދޭން ފެށީ އެ ވަގުތެވެ. ވާތް ފަރާތަށް ސަލާމް ދިން ތަނާހެން ޝަރަފްގެ ކެތްތެރިކަން ކޮޅުންލިއެވެ. އޭނަ އިސާހިތަކު ކޮޓަރި ތެރެއަށް ފިޔަވަޅެއް އަޅާލަމުން ހަޅޭއްލަވަން ފެށިއެވެ.

"ކަލޭމެން ކަހަލަ މީހުން ނަމާދު ނުކުރިއްޔާ ރަނގަޅުވާނީ! ކީއްކުރަން މިއަދު އަހަރެންގެ އަންހެނުންގެ ގަޔަށް އަތްލީ؟ ކަލޭގެ ގަދަކަން ދައްކާލަންވެގެންތަ؟ ހުނ! ކަލޭ ކޮންމެ ކަމެއް ކުރިޔަސް މަގޭ ހިތުގަ އަފާފަށް ދެވިފައިވި ޤަދަރަށް ބަދަލެއް ނާންނާނެ. އޭނައަށް ކަލޭ ރުޅި އަންނަނީ އެއީ ކަލޭ ކަހަލަ ދަހި މީހަކަށް ނުވާތީތަ؟ ނޫނީ އަހަރެން ކަލޭގެ އިޒުނައާނުލާ އޭނައާ އިނީމަތަ؟ ކޮންމެ ސަބަބެއް އޮތަސް މަގޭ ހިތުގަ ކަލެއަށް ދެވިފައިވި ނަފްރަތަށް ބަދަލެއް ނާންނާނެ. ބައްޕަ އެ ނިކަމެތި ޙާލަށް ދޫކޮށްފަ ކަލޭ މަހުޖަނަކާ އިނީ ހަމަ ފައިސާއަށްޓަކައި. ޗި! ލަދުވެސް ގަނޭ ތިއީ އަހަރެންގެ މަންމައޭ ބުނަން...... ހަނދާންކުރާތި! މިއަދަށްފަހު ކަލޭ އަފާފްގެ ކުރިމައްޗަށް އަޔަސް މަށަށްވުރެ ނުބައި މީހެއް ނުހުންނާނެ." ޝަރަފް އައި ރުޅީގައި ނުވެސް ވިސްނާ ވާހަކަ ދެކެވުނެވެ. މަންމައާއި ދިމާލަށް ކަލޭއޭ ކިޔައި ހަޅޭއްލެވި ހިނދު އެ ކުރެވެނީ ގޯސްކަމެއް ކަމަށް އޭނަގެ ހިތުގެ ކަނަކުން ގޮވިއެވެ. އެހެނަސް އެވަގުތު ޝައިޠާނާގެ ވަސްވާސްތަކުން އޭނަގެ ހިތް ފުރިފައިވުމުން އޭނަގެ ރުޅިވެރިކަމަކީ ހަމަ އެ މަންމައަށް ޙައްޤުވާ ރުޅިވެރިކަމެއްކަން އޭނައަށް ވިސްނިފައިވިފަދައެވެ. އަދި އޭނަގެ އަނބިމީހާއަށްޓަކައި އޭނައަށް އެ ކުރެވެނީ ވަރަށް ރަނގަޅުކަމެއްހެން އޭނައަށް ހީވިއެވެ. އޭނަގެ ވާހަކަ ނިމުނުތާ މާ ގިނައިރެއް ނުވެ އެ އަންހެން މީހާ ކުއްލި ގޮތަކަށް ފަސްއެނބުރި ޝަރަފަށް ބަލާލިއެވެ. ފަނޑު އަލީގެ ތެރެއިން އެ މޫނުމަތީގެ ކުލަވަރު ސާފުކޮށްގަންނަން ޝަރަފަށް ދަތިވިއެވެ. އެހެނަސް ނަބީހް ލަސްލަހުން ކޮޓަރިއަށްވަދެ ކޮޓަރީގެ އަލިބޮކި ދިއްލާލިތަނާހެން ޝަރަފްގެ މެއަށް ނުބައި ގޮތެއްވިއެވެ. އެއީ ހަމަ އޭނަގެ މަންމަގެ ސޫރައެވެ. އެހެނަސް މީގެ 8 އަހަރު ކުރިއާ ޚިލާފަށް އެ މޫނުގައި އެތައް ރޫތަކެއް ނަގާފައިވިއެވެ. ކަނާތް ފަރާތު ލޯ ވަރަށް ވެސް ކުޑަވެފައިވީއިރު މޫނުގެ ކަނާތް ފަރާތް ވަނީ ވާތް ފަރާތަށްވުރެ އަނދިރިވެފައެވެ. އަނގަވެސް އެއްފަރާތަކަށް އަރާފައިވި ގޮތުން ޝަރަފަށް ޙައިރާންކަންމަތީ ބަލަހައްޓައިގެން ހުރެވުނެވެ. އޭނަ ބަލަބަލާ ހުއްޓާ މަންމަގެ ތުންފަތް ތުރުތުރު އަޅައިގެން ދިޔަދިޔަހެން މަންމަ ރޯންފެށިއެވެ. އެ ލޮލުން ކަރުނަތައް ފައިބައިގެން އައިތަން ފެނިފައި ޝަރަފްގެ ހިތަށް އަސަރެއް ކުރީ ކީއްވެކަމެއް ނޭނގެއެވެ. ރުއިމުގެ ތެރެއިން މަންމަ އުނދަގުލާއެކީ އެއްޗެކޭ ކިޔުނެއްކަމަކު އަނގަ ރަނގަޅަށް ޙަރަކާތް ނުކުރެވުނީތީ އެ ކިޔުނު އެއްޗެއް ފުރަތަމަ ފަހަރު ޝަރަފަކަށް ނޭނގުނެވެ. އެހެނަސް ދެވަނަ ފަހަރަށް އިހުނަށްވުރެ ގަދައަށް ރޮއިގަންނަމުން އޭނައާއި ދިމާލަށް ދެއަތް ދިއްކޮށް މަންމަ ކިޔާލީ އޭނަގެ ނަންކަން އެނގުންވީ ހިނދު ޝަރަފަށް ނޭނގި އޭނަގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. އޭނަ މި ވާގޮތެއް ދެނެގަންނަން ބޭނުންވެގެން އެއްޗެކޭ ބުނަން އުޅުނުތަނާހެން ކުއްލިއަކަށް މަންމަގެ ކަޅި މައްޗަށް އަރަން ފެށިތަން ފެނުނެވެ. ޝަރަފްގެ މެއަށް ނުތަނަވަސްކަމެއް ވެރިވެ އޭނައަށް ފިޔަވަޅެއް އެޅެން އުޅުނު ތަނާހެން ވަރުދާގެ ދެލޯ މެރިގެން ގޮސް ބިންމަތީގައި ޖެހުނެވެ.

Comments

Popular posts from this blog

Arabic Pronouns (dhameer)

Harf of Nasb (English + Dhivehi)

Mudhaaf-mudhaaf ilaihi and pronouns (English lesson)