Nur (part 22)
ބައްޕަ އިމާމްވެ ކުރި އެ ނަމާދު ނިންމާލާފައި ޝަރަފަށް
ދެއަތް އުފުލައި އޭނަގެ ފާފަތައް ފުއްސެވުމަށް އެދި ރޮއިރޮއިފައި ދުޢާކުރެވުނީ
ވެސް އާޔަތެއްގެ މަތިން ހަނދާންވެފައެވެ. ފިހާރައަކަށް ގޮސް ހުރި ޝަބާއަށް ގެއަށް
އާދެވުނީ ޝަރަފް އެ ގޮތަށް އިންދައެވެ. އޭނަ ބައްޕަގެ ކޮޓަރީގެ ދޮރު ކައިރިއަށް
ދިޔައީ އެ ދިމާލުން ގިސްލުމެއްގެ އަޑުއިވުމުންނެވެ. ދޮރު ހުޅުވާލިއިރު ފުރަތަމަ
ފަހަރަށް އޭނަގެ ކޮއްކޮ އެފަދަ ގޮތަކަށް އިން މަންޒަރު ފެނިފައި ޝަބާ ހުއްޓުން
އަރާ ގޮތްވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަގެ ލޮލުން ވެސް ކަރުނަ ހިލުނެވެ.
"ޝަރަފް...." ޝަބާއަށް ވައި އަޑުން
ގޮވާލެވުނު ތަނާހެން ޢައްބާސްއާއި ޝަރަފްގެ ނަޒަރުވެސް އޭނައަށް އަމާޒުވިއެވެ. އެ
ހިނދު ޝަބާގެ ލޮލުން ކަރުނައެއް ފައިބައިގެން އައުމުން ޝަރަފަށް ވެސް ދޮންތާއޭ
ކިޔައި ގޮވާލެވުނެވެ. އެއާއެކު ޝަބާ ގިސްލަމުން ގޮސް ކޮޓަރިއަށް ވަދެ ޝަރަފްގެ
ކުރިމަތީގައި ހުއްޓިލީ އެތައް ވާހަކައެއް ދައްކަން ބޭނުންވެގެންނެވެ. އޭނައަށް
ޝަރަފްގެ ފަރާތުން މިފަދަ މަންޒަރެއް ފެނުމުގެ ފަހަތުގައިވި ސަބަބު ތަފްޞީލުކޮށް
ދެނެގަންނަން ބޭނުންވެގެންނެވެ. އެހެނަސް ﷲ ހިދާޔަތް ދައްކަވާ ގޮތް ހިތަށް
ތަޞައްވުރު ކުރެވުމުން ޝަބާއަށް ރޮވުން ނޫންކަމެއް ނުކުރެވުނެވެ. މީގެ މަދު
ދުވަސްކޮޅެއް ކުރިން އޭނަގެ މި ކޮއްކޮވީ އެތައް އަނދިރިގަނޑުތަކެއްގެ އެންމެ
ފުނުގައެވެ. އެހާ ކުރު މުއްދަތެއްގެ ތެރޭގައި ﷲ އެ ވަނީ އޭނަ އަލިކަމުގެ ތެރެއަށް
ގެންނަވާފައެވެ. އެކަން އިޙްޞާޞް ކުރެވުނު ވަގުތު ޝަބާގެ ހިތް ޙަމްދުން ފުރިގެން
ދިޔައެވެ. އެވަގުތު އެތާ އިން ޢައްބާސްގެ ހިތްވެސްމެއެވެ.
އެދުވަހަކީ ޝަރަފްގެ މުޅި ޙަޔާތް ބަދަލުވެގެން ދިޔަ
ދުވަހެވެ. އެދުވަހަށްފަހު އޭނައަކީ މުޅިން ތަފާތު މީހަކަށްވިއެވެ. ޤަވާޢިދުން
ނަމާދުކުރަން ފެށިފަހުން އޭނައަކީ އޭނަގެ ވަގުތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި
ހިފާ މީހަކަށްވިއެވެ. އޭނަ ރޭގަނޑު އެހާ ގިނައިރުވަންދެން ހޭލާ ހުންނަން ބޭނުމެއް
ނުވަނީ ފަތިސް ނަމާދަށް ހޭނުލެވިދާނެކަމުގެ ބިރު އޮންނާތީވެއެވެ. ދުވަސްތެރޭގައި ވަގުތު
ބޭކާރު ނުކުރަނީ ވަގުތު ބޭކާރު ކުރުމުގެ ސަބަބުން އޭނައަށް ފާފައަކަށް
އަރައިގަނެވިދާނެތީވެއެވެ. އަދި ފާފައެއް ކުރުމުން އޭގެ ނޭދެވޭ އަސަރު އޭނަ ކުރާ
ނަމާދަށް ކޮށްފާނެތީވެއެވެ. ނަމާދުގައި އޭނައަށް އޭނަގެ އަމިއްލަ ނަފްސާއި ﷲ
އާއިމެދު އިޙްޞާޞް ކުރެވޭ ގާތްކަން އެހެން ހުރިހާ ކަމަކަށްވުރެ ވެސް
މުހިއްމުވުމުންނެވެ. ނަމާދުކުރަން ފެށިތާ ދެ ދުވަހެއްހާ ތެރޭގައި އާހިލްއާއެކީ
ބެލި ފިލްމެއްގެ ސަބަބުން އޭނައަށް އަނެއްކާވެސް އޭނައަށް ބެލެމުން ދިޔަ ނޭދެވޭ
މަންޒަރުތަކަށް އަނބުރާ ދެވެން އުޅުނެވެ. ތައުބާވިފަހުން އެދުވަހު އޭނައަށް
ފުރަތަމަ ފަހަރަށް ނަމާދެއް ކުރިއިރު އެއްވެސް އެއްޗެއް އިޙްޞާޞެއް ނުކުރެވެއެވެ.
އެކަމާމެދު އޭނަ ކަންބޮޑުވީ އެއީ އޭނަ ﷲ އާއިމެދު ޣާފިލުވެފައިވިއިރު ވެސް
ނަމާދުކުރުމުން ވާގޮތް ކަމަށްވާތީވެއެވެ. އެ ފަދަ ނަމާދެއްގެ ސަބަބުން
އަނެއްކާވެސް އޭނަ އަނދިރިގަނޑެއްގެ ތެރެއަށް ގެނބިގެން ހިނގައިދާނެތީ އޭނަ
ބިރުގަތެވެ. އެދުވަހު ކުރި އެއްވެސް ނަމާދެއްގައި އޭނައަށް ހިތްހަމަޖެހުމެއް ލިބޭ
ގޮތެއްނުވުމުން ޝަރަފް އަނެއްކާވެސް އުއްމީދު ގެއްލެން އުޅުނެވެ. އެހެނަސް އޭނަގެ
އުއްމީދު ދެންވެސް އަނބުރާ ގެނައީ އޭނަގެ ހިތަށް ދިރުން ގެނެސްދިން ފޮތެވެ. އަފާފް
ހަމަ އެދުވަހު ހަވީރު އައިސް އާހިލްއަށް ކިޔަވައިދިނީ ނޫޙު ސޫރަތުގެ ބައެއް
އާޔަތްތެކެވެ. ނޫޙުގެފާނު އެކަލޭގެފާނުގެ ޤައުމުގެ މީހުންނަށް ފާފަފުއްސެވުމަށް އެދި
ދުޢާކުރުމަށް އެންގެވުމަށްފަހު ދިން ނަޞޭޙަތެވެ. ﷲ އަކީ އަބަދުވެސް ތަކުރާރުކޮށް ފާފަފުއްސަވަމުން
ގެންދެވާ ރަސްކަލާނގެކަމަށް ވިދާޅުވެ، އެގޮތަށް ކަންތައް ކުރުމުން ރިޒުޤު
ތަނަވަސްވެގެންދާނެ ކަމަށް ވަޢުދުވި އާޔަތްތަކެވެ. ރިޒުޤު
ތަނަވަސްވެގެންދާނެކަމަށް އޮތް ތަންކޮޅަށްވުރެ ޝަރަފަށް މުހިއްމުވީ ﷲ އަކީ
ގިނަގިނައިން ފާފަފުއްސަވާ ރަސްކަލާނގެކަމަށް އެނގުންވުމުންނެވެ. އޭނަ އަނބުރާ
ފާފަތަކަށް ނުދިޔުމަށް ޢަޒުމް ކަނޑައަޅައި ތައުބާވުމަށްފަހު ވެސް ފާފައެއް
ކުރެވިއްޖެނަމަ އަނެއްކާވެސް ތައުބާވުމުގެ ފުރުޞަތު އޮތްކަން އެނގުމުން އޭނައަށް
އުއްމީދެއް ލިބުނެވެ. އެ ލިބުނު އުއްމީދުގައި އޭނަ އަނެއްކާވެސް އިޚްލާޞްތެރި
ހިތަކާއެކީ ފާފަ ފުއްސެވުމަށް އެދި ކަރުނަ އަޅައި ދުޢާ ކުރިއެވެ. އަދި އެއަށްފަހު
އޭނަގެ ޢަމަލުތައް ބެހެއްޓީ ކުރިއަށްވުރެ ވެސް ފާފަތަކުން ދުރުވެވޭނެ ފަދަ
ގޮތަކަށެވެ. އާހިލްއާ ގުޅުން ބަދަހި ކުރުމުގެ ނިޔަތުގައި އޭނަ ފިލްމު ބެލުމުގެ
ބަދަލުގައި އާހިލްއާއެކީ އެކި ތަންތަނަށް ޒިޔާރަތްކޮށް އޭނައާއި ރީތި ގޮތުގައި
ސަމާސާތަކެއް ކުރަން ފެށިއެވެ. އަދި އާހިލް އޭނައާއި ގާތްވެގެން ދިޔަދިޔަހެން
އާހިލްގެ ގޯސް އެކުވެރިންގެ ވާހަކަ އިވުމުން އެމީހުންނާއި ދުރުވުމަށް
ނަޞޭޙަތްތަކެއް ދޭންފެށީ އަމިއްލަ ތަޖުރިބާތައް ޙިއްޞާ ކުރަމުންނެވެ. އާހިލް
އޭނަގެ ނަޞޭޙަތްތައް އަޑުއަހަން ފެށުމުން ޝަރަފް މަޑުމަޑުން އޭނައާއެކީ މިސްކިތަށް
ވެސް ދާންފެށިއެވެ. ޚުދު އޭނަގެ ލޯ ކުރިމަތިން އާހިލްގެ އުޅުން ބަދަލުވަމުން
ދިޔަދިޔަހެން ޝަރަފްގެ ލޮލުން ކަރުނަ ހިލެމުން ދިޔައީ، ހަމަ ޙަޤީޤަތުގައި ވެސް
އޭނަ ކުރާ ކޮންމެ ހެޔޮ ކަމެއްގައި ބަރަކާތް ލައްވަނީ ހަމައެކަނި ﷲ ކަން
އެނގުންވުމުންނެވެ. އަދި މިހާ ހިސާބަށް އައުމަށް އޭނައަށް ހިދާޔަތް ދެއްކެވީވެސް
ހަމައެކަނި އެކަލާނގެކަން އެނގުންވުމުންނެވެ.
ހަމައެކަނި އެ ހިދާޔަތުން ޝަރަފްގެ ހިތް ފުރުނެއްކަމަކު،
އޭނަ ތަކުރާރުކޮށް ތައުބާވާން ފެށުމުން ﷲ ގެ ރީތިވެގެންވާ ވަޢުދުފުޅު އޭނަގެ
މައްޗަށް ފުރިހަމަވާން ފެށި ފަދައެވެ. އޭނައަށް އެނގިގެންނާއި އެނގުމަކާއި
ނުލައިވެސް އޭނަގެ ރިޒުޤު ތަނަވަސްވާން ފެށިއެވެ. ތައުބާވިފަހުން އޭނަގެ
ޞިއްޙަތުވެސް އިހުނަށްވުރެ އެތައް ގުނައެއް ރަނގަޅުވެފައިވިކަން އޭނައަށް އިޙްޞާޞް
ކުރެވުނެވެ. އެއްޗެހީގައި ހިފާއިރު އަތް ތުރުތުރު އަޅާ މިންވަރާއި ބަނޑަށާއި
ބޮލަށްވާ އުނދަގޫތައް ކުޑަވިކަން ފާހަގަވިއެވެ. އޭނަ ގިނަވަގުތު
ހިނިތުންވުމެއްގައި ހުންނަ ގޮތުންނާއި މަގުމަތިން މީހަކު ފެނުނަސް އެހީވެވޭ ގޮތުން
އޭނަގެ އެކުވެރިން ގިނަވިއެވެ. އެ އެކުވެރިންގެ ތެރެއިން އެއް އެކުވެރިޔަކު ބައްޕަގެ
ބަންދު ކޮށްފައިވާ ފިހާރަ ކުއްޔަށް ހިފަން ބޭނުންވިއެވެ. އޭގެ މާ ގިނަ
ދުވަހެއްނުވެ އިންޓަވިއުއަށް އައުމަށް އޭނައަށް ގުޅާލެވުނެވެ.
"ސާބަހޭ ސާބަހޭ! ދެން އިންޓަވިއުއަށް ދާންވާއިރަށް
ތީތި ދާ ނުކުރާތި." ޝަބާ އެދުވަހު ހެނދުނު އޮފީހަށް ދިޔުމަށް ނިކުންނަމުން
ކޮޓަރި ތެރޭގައި ސޫޓެއް ލައިގެން ލޯގަނޑުކުރިމަތީގައި ހުރި ޝަރަފާއި ދިމާލަށް
ބުނެލިއެވެ. އެ ވާހަކައަށް ޢައްބާސް ހީލިއިރު ޝަރަފް ދަތްކުނޑި ވިކާފައި އޭނަގެ
ދޮންތައަށް ބަލާފައި ކަރުބުޑުން އަޑެއް ލައްވާލިއެވެ. ދޮންތަ ހިނިގަނޑެއް
ޖަހާލާފައި ނިކުމެގެން ދިޔުމުން ޝަރަފް އަނެއްކާވެސް އޭނަގެ ކުރިމަތީގައި ހުރި
ލޯގަނޑަށް ބަލާލީ އޭނަ ހުރީ ރީތިކޮށްތޯ ބަލާލުމަށެވެ. އިންޓަވިއުއަށް އަދި 3
ގަޑިއިރު އޮތެއްކަމަކު ޝަރަފް އެކަމަށްޓަކައި މިހާރުއްސުރެ ތައްޔާރުވާން ބޭނުންވީ
ނުތަނަވަސްވެފައިވި ހިތެއްގެ ސަބަބުންނެވެ. އޭނަ ނުތަނަވަސްވީ އޭނަ ދާން މި އުޅެނީ
އަފާފްއާ ގުޅުން ހުރި ތަނަކަށްވުމުންނެވެ. އިންޓަވިއު ކުރާނީ ކާކުކަން އޭނައަށް
ދޮންތަގެ ފަރާތުން އޭނައަށް އެނގިފައިވިޔަސް އޭނަ ދެންވެސް ނުތަނަވަސްވިއެވެ.
އޭނައަށް މި ވަޒީފާ ލިބިއްޖެނަމަ އޭނައާއި އަފާފްއާ ދެމެދު އޮތް ގުޅުމަށް
އިންޤިލާބެއް އަންނާނެހެން ހީވަނީ ކީއްވެކަމެއް ނޭނގެއެވެ. އަފާފްއާ އޭނަގެ
ކައިވެނީގެ ހުވަފެންތައް ދެކުނެއްކަމަކު އަފާފަށް އޭނަ ކަމުނުގޮސްދާނެކަމުގެ
ބިރުވެރިކަން ވެސް އެ ހިތުގައި އޮވެއެވެ. އަފާފް ކަހަލަ ޢިލްމުހުރި، މޮޅު ކުއްޖަކު
ބޭނުންވާނީ ހަމަ އެފަދަ ޢިލްމުވެރި މީހެކޭ ހިތަށްއަރައެވެ. .އަފާފްއާ އަޅާ
ބަލާއިރު އޭނައަކީ ކާކުތޯ ހިތަށްއަރަމުން ދިޔައެވެ. ޝަރަފަށް ނޭނގުނު ކަމަކީ އޭނަ
ފުރަތަމަ ފަހަރަށް ތައުބާވި ރޭ އޭނަގެ ދޮންތަ އަފާފަށް ގުޅިކަމެވެ. އަދި ދޮންތަ
ދިން ޚަބަރުތަކެއްގެ ސަބަބުން އޭނަ މަތިން ހަނދާން ނައްތާލަން އަފާފަށް
ދަތިވެފައިވި ކަމެވެ.
**
"އައްސަލާމްޢަލައިކުމް! ތިބާގެ އަމިއްލަ ތަޢާރަފެއް
ދެއްވިދާނެތޯ؟" ކުޑަ ކެބިންއެއްގެ ތެރޭގައި ހުރި މޭޒެއްގެ ދޮށުގައި އިން
އަފާފަށް، ދިމާ އޭނައާއި ކުރިމައްޗަށްވާ ގޮތަށް ހުރި ފާރުގައި ހަރުކުރެވިފައިވި
ސީސީޓީވީއިން، އެ ސުވާލު އިނގިރޭސި ބަހުން ކުރެވުނު އަޑު އިވުނެވެ. މިއީ އޭނައަށް
އެ ބަސްތައް އިވިގެން ދިޔަ 5 ވަނަ ފަހަރެވެ. އާދައިގެ މަތިން ދެން އިވޭނެ ނަމަކަށް
އަފާފަށް އިނދެވުނީ ކެތްމަދުވެފައެވެ. އެހެނަސް މިފަހަރުވެސް އޭނަގެ ހިތް އެދެމުން
ދިޔަ ނަން އޭނައަށް ނުއިވުމުން އަފާފްގެ ހިތަށް މާޔޫސްކަމެއް ވެރިވިއެވެ. އޭނައަށް
އޭނައިން ގޮނޑިއަށް ލެނގިލަމުން ފުން ނޭވައެއް ދޫކޮށް މޫނު ފޮރުވާލެވުނީ އަމިއްލަ
ނަފްސަށް ނުރުހުންވީ ވަރުންނެވެ. އޭނަ މިތަނަށް މިއައީ ވެސް މުޅިން އަމިއްލަ
އެދުމެއްގައިތާއޭ ހިތަށްއަރަމުން ދިޔައެވެ. އެ މަޤާމަށް ނަގާނެ މީހަކު ނިންމުމަށް
އޭނައަށް މިހާތަނަށް އިންޓަވިއު ކުރި މީހުންގެ ޖަވާބުތަކަށް ރަނގަޅު
ސަމާލުކަމެއްވެސް ދެވުނީއެއް ނޫނެވެ. އޭނައަށް ވިސްނެމުން ދިޔައީ ހަމަ އެންމެ
މީހަކާއި މެދުގައެވެ. ޝަރަފާއި މެދުގައެވެ. އެނަން ހިތަށް ވެރިވުމުން ވެސް
އަފާފްގެ ގައިން ހީބިހި ނަގައިގެން ދެއެވެ. އެހެންވާ ކޮންމެ ފަހަރަކު އެ ނަމަކީ
އޭނަ ނުވެސް ދަންނަ ނަމަކަށް ހަދަން ބޭނުންވިއެއްކަމަކު އެގޮތަށް ކަންތައް
ނުވެއެވެ. އެކަމާމެދު ވެސް އަފާފް އަންނަނީ ރުޅިއެކެވެ. އެ ރުޅީގެ ތެރެއިން ވެސް
އޭނަ ބޭނުމިއްޔާ އޭނައަށް ނުހަނު ފަސޭހައިން ޝަރަފާއި ގުޅިދާނެކަން އެނގުންވާ
ކޮންމެ ފަހަރަކު އޭނައަށް ވަގުތީ އުފާވެރިކަމެއް ލިބެއެވެ. އެ އުފާވެރިކަން ދެމި
ނުދަނީ އޭނަ މީހަކާއި އިންނަން އުޅުނު އެންމެ ފަހު ފަހަރު ކަންތައްވީ ގޮތް
ހަނދާންވެފައެވެ. އެ ފިޔަވަޅު އަޅަން އޭނަ ޖެހިލުންވެފައިވީ އެހެންވެއެވެ.
އަފާފް ވިސްނުމެއްގެ ތެރޭގައި އިންދާ އެ ކެބިންގެ ދޮރު
ހުޅުވިގެން ދިޔަ އަޑުއިވުނެވެ.
"އައްސަލާމްޢަލައިކުމް! ބަލާބަ މަށަށް ނުވެސް އަންގާ
މިތާ ފިލާފަ އޮތްގޮތް!" އަފާފާއި ގާތްވަމުން ދިޔައީ ޝަބާގެ އަޑެވެ. ޝަބާ
ވާހަކަ ދެއްކި ގޮތުން އަފާފަށް ހީލެވުނެވެ.
"ހެހެ.....ވަޢަލައިކުމުއްސަލާމް ވަރަޙްމަތު ﷲ! ހަމަ
ޝަބޫއަށް ސިއްރުކުރަން މިއަދު ބޭނުންވީ. ކިހިނެއްބާ އެނގުނީ އަހަރެން މިތާ
ހުރިކަން." އަފާފް ވެސް ސަމާސާގައި ބައިވެރިވަމުން ސީރިއަސްކަމާއެކީ އޭނަގެ
ދެލޯ ހަނިކޮށްލިއެވެ.
"އޯ ޕްލީޒް! މި އޮފީހުގެ އަންހެނުންގެ ބައިގަ
ސިއްރެއް ނޯންނާނެއެއްނު އެ ޔުމްނުއާ ހެދި؟ ހެހެ.....ކީއްތިކުރަނީ؟ އިންޓަވިއުތައް
އަޑުއަހަނީ ދޯ؟" ޝަބާ ދޯ ދެމުން އެ މޭޒުގެ ކުރިމަތީގައި ހުރި ގޮނޑި އަފާފްގެ
ކައިރިއަށް ގެނެސް އެ ގޮނޑީގައި އިށީނެވެ. އަފާފް އަނެއްކާވެސް އިންޓަވިއުއަށް
ސަމާލުކަން ދެމުން ހޫންލައްވާލިއެވެ.
"ޝަރަފްވެސް އަންނާނެއޭ މި އިންޓަވިއުއަށް. އަހަރެން
ބެލިޔަސް އޯކޭތަ؟" ޝަބާ ހިނިތުންވުމަކާއެކީ އަހާލިއެވެ. އިވުނު ނަމަކުން
އަނެއްކާވެސް ހަމަޖެހުން ނެތިދިޔަ ހިތަކާއެކީ އަފާފަށް ބޯޖަހާލެވުނެވެ. އޭގެ
މާގިނައިރެއްނުވެ އޭރު ހިނގަމުން ދިޔަ އިންޓަވިއު ނިމުމަކަށް އައީ، ބައްޕަ ނުހަނު
ފަހުގެ ވިޔަފާރި ޚަބަރަކާ ބެހޭގޮތުން ކުރި ސުވާލަކަށް އެ ކެންޑިޑޭޓަށް ޖަވާބު
ނުދެވުމުންނެވެ. އެއަށްފަހު އެ ކެންޑިޑޭޓް އެ ކެބިން އިން ނިކުމެ ދޮރު ލެއްޕިގެން
ދިޔަ އަޑު އިވުނެވެ. މާ ގިނައިރެއްނުވެ އަނެއްކާވެސް އެ ދޮރު ހުޅުވުނު އަޑާއެކީ
ޝަބާ ވާހަކަ ދެއްކިއެވެ.
"އެއޮތް އަންނަނީ ޝަރަފް! ވަރަށް ނަލަ ހެދިލައިގެން
ސޫޓެއް ލައިގެން އައީ މާ ޝާ ﷲ!" އޭނައާއި ނުހަނު ގާތުގައިވި ހިތެއްގެ
ނާޒުކުކަން ނޭނގި، ޝަބާ އޭނަގެ ކޮއްކޮ ސިފަކޮށްދިނެވެ. ހަމަ އެއާއެކު އަފާފަށް އޭނަގެ
ދެލޯ މަރާލެވުނީ، އެ ދެލޯ ހުޅުވައިގެން ހުރެ ނުފެންނަ އެއްޗެއް އޭނައަށް ފެނޭތޯ
ކަންނޭނގެއެވެ. ހަމަ ޙަޤީޤަތުގައި ވެސް އެ ސިފަކުރެވުނު މީހަކު ސިކުނޑީގައި
ކުރެހިގެން ދިޔަ ތަޞްވީރުން އޭނައަށް ފެނިގެން ދިޔަހެން އޭނައަށް ހީވިއެވެ. ހަމަ
އެއާއެކު އޭނައަށް ލޮލަށް ފެންނަނަމައޭ އޭނަގެ ހިތަށްއެރީ އަދި މިހާތަނަށް
ދުވަހަކުވެސް ބޭނުންނުވާ މިންވަރަށެވެ. ހިތުގެ ތެޅުން އަވަސްވެ ނޭވާ ކުރުވެގެން
ދިޔައީ އެ އެދުން އޭނަގެ މުޅި ވުޖޫދު ވަށާލިހެން ހީވުމުންނެވެ. އެހެނަސް
މާގިނައިރެއްނުވެ އޭނައަށް ދެލޯ ހުޅުވާލެވުނީ އޭނައަށް ފެންނަނަމަ އޭނައަށް މިއަދު
ކުރެވުނު ފާފައިގެ ބޮޑުކަން އިޙްޞާޞް ކުރެވުމުންނެވެ. އަދި ލޮލުން އެ ކުރެވޭ
ފާފައިގެ ނަތީޖާ ނިކުމެގެން އައިސްދާނެ ހުތުރު ގޮތެއް ތަޞައްވުރު ކުރެވުމުންނެވެ.
ހަމަ އެއާއެކު އަނެއްކާވެސް އޭނަގެ ލޮލަށް ނުފެންނަ ކަމަށްޓަކައި އޭނައަށް
ޙަމްދުކުރެވުނެވެ. އޭގެ ސިކުންތުކޮޅެއްފަހުން އިންޓަވިއު ފެށިގެން ދިޔުމުން
އަފާފަށް އޭނަގެ ހުރިހާ ސަމާލުކަމެއް އޭނައަށް އިވެމުން ދިޔަ ބަސްތަކަށްދިނެވެ.
ޝަރަފްގެ ފިރިހެންވަންތަ، ސާބިތުކަމެއް އެކުލެވިފައިވި އަޑު އިވުމުން ވެސް އަފާފް
އެ ވަގުތުކޮޅުން ފިލަން ބޭނުންވިއެވެ. އެހެނަސް އެވަގުތު ދިޔުމަށްޓަކައި ޝަބާއަށް
ދޭނެ ރަނގަޅު ޢުޒުރެއް ނުވިސްނުމުން އަފާފަށް އިންގޮތަށް އިނުން ނޫންކަމެއް
ނުކުރެވުނެވެ. ނަތީޖާއެއްގެ ގޮތުން އަފާފްގެ ހިތުގައި އުތުރި އަރަމުން ދިޔަ
އިޙްޞާޞްތައް އޭނަގެ މޫނުމަތިން ވެސް ފާޅުވާން ފެށިއެވެ. އިސްއުފުލަން ނުކެރިފައި
ދޭތެރެ ދޭތެރެއިން އޭނަގެ މޫނު ރަތްވަމުން ދިޔަ މަންޒަރު މާ ގިނައިރެއްނުވެ އޭނަގެ
ކައިރީގައި އިން ޝަބާއަށް ވެސް ފާހަގަވާން ފެށިއެވެ. ޝަބާއަށް އަފާފްގެ
ރަތްވެފައިވި މޫނު ފެނިގެން ދިޔައީ ޝަރަފާއި ބެހޭގޮތުން އޭނަ އެއްޗެކޭ ބުނަން
އުޅުނު ވަގުތެވެ. އެހެނަސް ފެނުނު މަންޒަރުން ޝަބާގެ ދުލުގައި ތަޅުއެޅުވުނެވެ.
އެއަށްފަހު ދޭތެރެދޭތެރެއިން އޭނައަށް އަފާފަށް ބެލެމުން ދިޔައީ ޙައިރާންކަން
އެކުލެވިފައިވި ހިނިތުންވުމަކާއި އެކީގައެވެ.
ޝަރަފް އެއްވެސް ޖެހިލުމެއްނެތި ހުސެއިންގެ ހުރިހާ
ސުވާލަކަށް އެންމެ ފުރިހަމައަށް ޖަވާބުދީ ނިންމުމުން ހުސެއިން އެންމެ ފަހުން
އޭނަގެ އަތުގައި ހުރި ލިޔުންތައް މޭޒުމައްޗަށް ދޫކޮށްލިއެވެ. އެއަށްފަހު އެ
ކުންފުންޏާމެދު އެމީހެއްގެ ނަޒަރިއްޔާތު ހުންނަ ގޮތް ދެނެގަތުމަށްޓަކައި އޭނައާއި
އަފާފް ރާވައިގެން ހަދާފަ އޮންނަ ސުވާލު ކުރިއެވެ.
"ސޯ.....ޝަރަފް ވަރަށް އެކަށީގެންވޭ މި ވަޒީފާއަށް.
ދެން އެކަމަކު ވަރަށް ފޫހިދޯ މިގޮތަށް އަންހެނުންނާ ފިރިހެނުން ވަކިން ހުންނަ އޮފީހެއްގަ
މަސައްކަތްކުރަންވީމަ؟ އަސްލު އެކަން ބަދަލުކުރަން އަހަރުމެން އެބަ ވިސްނަން. އެއީ
ރަނގަޅު ޚިޔާލެއްތަ؟" ހުސެއިން ފުރަތަމަ ފަހަރަށް ދިވެހިން އެކުވެރި ރާގަކަށް
ވާހަކަ ދައްކަމުން އަހާލިއެވެ. އެއަށްފަހު ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވިއެވެ.
އެ ހިމޭންކަމުގެ ވަގުތުކޮޅުގެ ތެރެއިން އެ މަންޒަރުން އިވެމުން ދިޔަ އަޑުތައް
އަހަން އިން އަފާފަށް އިވެމުން ދިޔައީ ހަމައެކަނި އޭނަގެ ހިތުގެ ތެޅުމުގެ އަޑެވެ.
ޝަރަފް ވާހަކަ ދައްކަން ފެށުމުން އޭނަގެ ހިތް ހިނދުކޮޅަކަށް މަޑުޖެހިލިހެން ވެސް
އޭނައަށް ހީވިއެވެ.
"އަސްލު......އައި ތިންކް އިޓްސް ނޮޓް. މިހާރު މި
އޮތްގޮތް މާ ރަނގަޅު. އެއީ އަޅުގަނޑު އޮފީހެއްގަ މަސައްކަތް ކުރި ތަޖުރިބާއާމެދު
ވިސްނާފަ މިހެން މިބުނީ. މިގޮތަށް އޮތީމަ ހުރިހާ ސްޓާފުން ވެސް ވޯކަށް މާބޮޑަށް
ފޯކަސްޑްވެފަ ޕްރޮޑަކްޓިވްވާނެހެން އަޅުގަނޑަށް ހީވަނީ. ޕްލަސް.....ﷲ
ރުހިވޮޑިގެންވާފަދަ ގޮތަކަށް ކަންތައް ކުރީމަދޯ ބަރަކާތް ލިބޭނީ؟" ޝަރަފް
ވިސްނުމެއްގައި އިނދެ އެންމެ ފަހު ބަސްތައް ހިނިތުންވުމަކާއެކީ ބުނެލިއެވެ. މީގެ
ދުވަސްކޮޅެއް ކުރިން އޭނައާއި އެ ސުވާލު ކުރިނަމަ އޭނަ ހުސެއިންގެ ޚިޔާލާއި
އެއްބަސްވީހެވެ. އެހެނަސް މިއަދު އޭނައަށް ހެވާއި ނުބައިގެ ތަފާތު ސާފުކޮށް
ފެންނާތީ އޭނައަށް ރަނގަޅު ޖަވާބެއް ދެވުނެވެ. އޭނައަށް ނޭނގުނު ކަމަކީ އޭނަގެ އެ
ޖަވާބުން ހުސެއިނާއެކީ އޭނަގެ ހިތާއި ނުހަނު ގާތުގައިވި ފަރާތެއްގެ މޫނުމައްޗަށް
ވެސް ހިނިތުންވުމެއް ވެރިވިކަމެވެ. އަފާފްގެ ދެލޯ މެރިގެން ދިޔަ ވަގުތު އެ
މޫނުމައްޗަށް ވެރިވީ ފުރިހަމަ ހިނިތުންވުން ފެނިފައި ޝަބާއަށް ދެންވެސް މިވާ
އެއްޗެއް ނޭނގިފައި ބަލަން އިނދެވުނެވެ. އޭނައަށް ހީވާ ހީވުމަކީ ޙަޤީޤަތެއްތޯ
ދެނެގަންނަން އޭނަ އިނީ ކެތްމަދުވެފައެވެ. ޝަރަފް އެ ސީސީޓީވީގެ ސްކްރީނުން
ގެއްލުނުތަނާހެން އޭނައަށް އާދައިގެ އަޑަކުން އަފާފްގެ ނަމުން ގޮވާލެވުނީ
އެހެންވެއެވެ. އެހެނަސް އަފާފަށް އެ އަޑު ނުއިވުނު ފަދައެވެ. ޝަބާ އިހުނަށްވުރެ
ބާރު އަޑަކުން ގޮވާލުމުން ވެސް އަފާފް އޭނައަށް ބަލައެއްނުލިއެވެ. އެންމެ ފަހުން
ޝަބާ އަފާފްގެ އަތުގައި ހިފާލަމުން އޭނަގެ ނަމުން ގޮވާލުމުން އަފާފް ސިހިފައި
އޭނައަށް ބަލާލިއެވެ.
"ސާބަސް! ކޮންތަނަކަށް ގެއްލިފަތަ އަފޫ ތިއިނީ؟"
ޝަބާ އަހާލިއެވެ. އަފާފް ނުތަނަވަސްވެގެންދިޔަ ވަރުން އޭނަގެ ދެލޯ ބޮޑުވެ އޭނަގެ
ނިތުން ދާތިކިތައް ހިއްލިއެވެ. ކަމެއްނުވެއޭ ބުނެ އޭނައަށް ނުގުޅޭ ޖަވާބެއް ދެވުނީ
އެހެންވެއެވެ. ޝަބާ ސިކުންތުކޮޅެއް ވަންދެން ހިނިތުންވުމެއްގައި އިނދެފައި ވާހަކަ
ދެއްކިއެވެ.
"އަހަރެން ސުވާލެއް ކުރިއްޔާ އަފާފް ތެދުތެދަށް
ޖަވާބު ދޭނަންތަ؟" ޝަބާ އަހާލިއެވެ.
"ހެހެ.....އި...އިން ޝާ ﷲ ދެވޭތޯ ބަލާނަން."
އަފާފަށް ވާހަކަ ދެކެވުނީ ކެނޑިކެނޑިގެންނެވެ. ޝަބާ ފުން ނޭވައެއް އެތެރެއަށް
ލަމުން އޭނަގެ ސުވާލުކޮށްލިއެވެ.
"އަފާފް
ޝަރަފްދެކެ ލޯބިވޭދޯ؟" ޝަބާ މަޑުމައިތިރި އަޑަކުން އަހާލިއެވެ.
Comments
Post a Comment