Nur (part 21)
ނަސީބު ދެރަކަމުން އަފާފް ކަހަލަ މޮޅު ކުއްޖަކު ވެސް
އެވަނީ ސިކުނޑި ދޮވިފައިތާއޭ އޭނަގެ ހިތަށްއަރަން ފެށިއެވެ. އޭނައަށް ނޭނގުނު
ކަމަކީ ސިކުނޑި ދޮވިފައިވަނީ ކާކުކަން އޭނައަށް ވަރަށް އަވަހަށް އެނގެން
އުޅޭކަމެވެ. އަދި އޭގެ ސަބަބުން އޭނަގެ ދިރިއުޅުން ދުވަހަކުވެސް ބާއްޖަވެރި ނުވާ
ފަދައަކުން ބާއްޖަވެރިވާން އުޅޭކަމެވެ.
އަފާފް އެދުވަހު ޝަބާމެންގެއަށް ދާން ބައްޕައާއެކީ
ކާރުގައި ދަތުރުފެށީ ހަވީރު 4:00 ޖެހި ވަގުތެވެ. ހުސެއިނާއި ޝާދިޔާ އެތައް
ވަރަކަށް ބުންޏެއްކަމަކު ބައްޕަގެ ޣައިރު ހާޒިރީގައި އެދުވަހުގެ ފިލާވަޅު
ނަގައިދޭން އަފާފް އިންކާރު ކުރިއެވެ. އެންމެފަހުން އެއްބަސްވެގެން ހުސެއިން
އަފާފާއެކީ ދާން ނިންމީ އެހެންވެއެވެ. އެގެއަށް ދިޔަ މަގުމަތީގައި ވެސް އަފާފްގެ
އަތް ފިނިވެ އޭނަގެ ހިތް މޭތެރޭގައި އޮވެ ބާރަށް ތެޅެމުން ދިޔައެވެ. ބައްޕަ
ދައްކަމުން ދިޔަ ވާހަކަތަކަށް ވެސް ހޫންލެއްވުން ނޫންކަމެއް އޭނައަށް
ނުކުރެވެއެވެ. އޭނަގެ ނުތަނަވަސްކަން އިތުރުވެގެން ދިޔައީ ވަކި ހިސާބަކުން ބައްޕަ
ދެއްކި ވާހަކައަކުންނެވެ.
"އަފޫ މި ހަފްތާ ނޫން ދެން އަންނަ ހަފްތާގަ އެއްކަލަ
ޕޯސްޓަށް މީހަކު ހޮވަން ބައްޕަ ޝޯޓްލިސްޓް ކުރިމީހުން އިންޓަވިއުއަށް އަންނާނެ. އަސްލު
މި ހަފްތާގަ ބާއްވަން އުޅުނީ އެކަމަކު ބައްޕަ ތަންކޮޅެއް ބިޒީކޮށް އޮފީހުގަ އުޅެނީ
މި ދުވަސްކޮޅު.....ކުރީ ފަހަރުހެން އެ އިންޓަވިއުތައް ކުރާއިރު އަފޫ ސީސީޓީވީ
މެދުވެރިކޮށް އެ އިންޓަވިއުތައް އަޑުއަހަން ބޭނުންތަ؟ ބައްޕައަށް ވެސް ފަސޭހަވާނެ
ހޮވާނެ މީހަކާމެދު އަފޫގެ ބަހެއް ލިބިއްޖެއްޔާ." ހުސެއިން އެހެން ބުނެލީ ވަކި
އޭނަ އެންމެ ފަހުން ބުނެލި ސަބަބަށްޓަކައެއް ނޫނެވެ. އެހެނެއްކަމަކު އޭނަ ބޭނުންވީ
ޝަރަފް ވެސް އަންނާނެ އިންޓަވިއުއެއް އަފާފް އަޑުއަހަން ބޭނުންވަނީ ކިހާވަރަކަށްތޯ
ބެލުމަށެވެ. ހުސެއިނަށް ހީކުރެވުނު ފަދައިން އަފާފްގެ މޫނުމަތިން ފެނިގެން ދިޔައީ
ޖެހިލުންވެފައެވެ. ފުރަތަމަ ސިކުންތުގައި އަފާފަށް ބުނާނެ އެއްޗެއް ވެސް
ނޭނގުނެވެ. އޭނަ އެ އިންޓަވިއު އަޑުއަހަން އިންތިހާއަށް ބޭނުންވީއިރު އޭނަގެ އެ
އެދުމުގެ ފަހަތުގައިވި ސަބަބު އެނގުންވުމުން އޭނަ ނޫނެކޭ ބުނަން ބޭނުންވިއެވެ.
އެހެނަސް އެވަގުތު އޭނަގެ ހަނދާނަށް އައީ އޭނަގެ މަންމަގެ ބަސްތަކެވެ. މީހަކު
ކަމުދިޔުމަކީ ގޯހެއް ނޫންކަމެވެ. އަދި އެމީހަކު ކަމުދާކަމަށްވާނަމަ އެމީހެއްގެ
ވާހަކަ މަންމައާއި ބައްޕައަށް އެންގުމަށެވެ. އެކަމަށްޓަކައި އޭނަ ޝަރަފް
ދެނެގަތުން މުހިއްމެވެ. ހަމައެކަނި މީހުންގެ ބަސްތަކަށް ބަރޯސާނުވެ އޭނަ ރަނގަޅު
ގޮތެއްގައި އަމިއްލައަށް ޝަރަފްގެ ބަސްތައް އަޑުއަހައި އޭނަގެ ޝަޚުޞިއްޔަތު
ދެނެގަންނަން ބޭނުންވިއެވެ. އެ އިންޓަވިއުވެގެން ދާނީ ކައިވެނީގެ ވާހަކަ
ދެއްކުމެއްނެތި ޝަރަފް ދެނެގަތުމަށް އޭނައަށް ލިބިގެންދާނެ ފުރުޞަތެއްކަމަށް
ނިންމައި އަފާފަށް އިންޓަވިއު އަޑުއެހުމަށް އެއްބަސްވެވުނެވެ. އެއްބަސްވީ
ހިނދުކޮޅުގައި ރަނގަޅަށްވިއްޔާ ޝަރަފްވެގެންދާނީ އޭނަ ފޫހިވާ ޒާތެއްގެ
ފިރިހެނަކަށޭ އަފާފްގެ ހިތަށްއެރިއެވެ. މިހާތަނަށް އައިއިރު ކައިވެންޏަށްޓަކައި
މަންމަމެންގެ އެދުމަށް އޭނަ ފިރިހެނުން ދެނެގަންނަން މަސައްކަތް ކުރި 5 ވަރަކަށް
ފަހަރެއްގެ މަތިން ހަނދާންވެފައެވެ. އެހެނަސް އަފާފަށް ނޭނގުނު ކަމަކީ ޚުދު އޭނަ
އެވަގުތު ކުރަމުން ދިޔަ ދަތުރުގެ ސަބަބުން އެ އިންޓަވިއުތަކުގައި ކަން ދިމާވާނެ
ގޮތް ބަދަލުވެގެންދާނެ ކަމެވެ.
4:07 ވީ ވަގުތު ޝަބާ ވީ އަފާފް އަންނަންވާއިރަށް ގެ ރީތި
ކުރުމުގެ އެންމެ ފަހު މަރުޙަލާގައެވެ. ކާމޭޒުދޮށުގައި ގޮނޑިތައް ރީތިކުރަން އޭނަ
ހުއްޓާ 3:50 ވީއްސުރެ ޝަބާގެ އެދުމުގެ މަތިން ކޮޓަރި ތެރޭގައި ހުރި ޝަރަފް
ފޫހިވެގެން ބޭރަށް ނިކުތެވެ.
"ތި މީހުންނަކަށް ނާދެވުނެއްނު؟ ޢަޞުރަށްފަހު މިހާރު
20 މިނިޓަށްވުރެ ގިނަ ވަގުތު ހިނގައިފި. އަހަންނަށް ފެންނަނީ އަހަންނާ
އާހިލްވެގެން ފިލްމެއް އަޅުވާލަން." ޝަރަފް ދޮރުކަންޏަށް ލެނގިގެން ހުރެ
ބުންޏެވެ. އޭނަގެ ފޫހިކަމުގެ ޙަޤީޤީ ސަބަބަކަށްވެފައިވީ އަފާފްގެ އަޑުވެސް އިވޭނެ
އިރަކަށް އޭނަ ކެތްމަދުވެފައިވުމެވެ.
"ފިލްމެއް ބެލުމުގެ ކުރިން ބުނެބަލަ ތި ދެ މީހުން
ނަމާދުކޮށްފިންތަ؟" ޝަބާ މޭޒުމަތީގައި އޮތް ފޮތިގަނޑު ރީތިކުރަމުން
އަހާލިއެވެ.
"އާހިލް ކޮށްފި." ޝަރަފަށް ސީރިއަސްކަމާއެކީ
ޖަވާބު ދެވުނީ ދޮންތަ އެ ސުވާލުކުރި ގޮތަކުންނެވެ.
"ދެން....ޝަރަފް؟" ޝަބާ ހިސާބެއްގެ
ޖެހިލުންވުމަކާއެކީ ޝަރަފަށް ބަލާލަމުން ހިނިތުންވުމަކާއެކީ އަހާލީ އޭނަގެ ކޮއްކޮ
މިއަދަށްފަހު ތައުބާވުމަށް އޮތް ފުރުޞަތުގެ ބޮޑުކަން އިޙްޞާޞްވެ އޭނަ
ކެތްމަދުވުމުންނެވެ. ޝަރަފް އެ ސުވާލުން
ހިނދުކޮޅަކަށް ހުއްޓުން އެރީ ދޮންތަ މިހާތަނަށް އައިއިރު އޭނައާއި އެފަދަ
ސުވާލެއްކޮށްފައި ނުވާތީވެއެވެ. އޭނައަށް ހީވެފައި އޮތީ ދޮންތައަށް އޭނަގާތު
އެފަދަ ސުވާލެއްކުރަން ނުވެސް ކެރޭނެ ކަމަށެވެ. އޭނަ ހަމަ ވަގުތުން ހަޅޭއްލަވައި
އޭނައަކީ ކުޑަކުއްޖެއް ނޫންކަމަށް ބުނަން ބޭނުންވީ އެ ނަމާދޭ ކިޔާފައި އޭނަ
ބިރުގަންނަވައި އޭނަ ކޮންޓްރޯލް ނުކުރެވޭނެކަން އެންގުމަށްޓަކައެވެ. އެހެނަސް
ދޮންތަގެ ހިނިތުންވުން ފެނިފައި އޭނަ ލައްވައި ގަދަކަމުން އެއްވެސް ކަމެއް
ކުރުވަން ދޮންތަ ނުއުޅޭކަން އޭނައަށް އެނގުންވިއެވެ. މީހަކު އޭނަ އެމީހެއްގެ
ބާރުގެ ދަށަށް ގެންނަން ބޭނުންވާހެން ހީވަނީ ހަމައެކަނި އޭނައަށެވެ. މީގެ
އިރުކޮޅެއް ކުރިން އާހިލް ނަމާދު ކުރާ މަންޒަރު ފެނިފައި އޭނަ ނަމާދު ނުކޮށްހުރި
ވަގުތުގައި އޭނައަށް އެ ކުރެވުނީ ގޯސްކަމެއްކަން އެންގީ ޚުދު އޭނަގެ އަމިއްލަ
ނަފްސެވެ. އެކަމާމެދު އަޖާއިބުވާން އުޅުނު ވަގުތު އޭނަ އޮސްޓްރޭލިޔާގެ މޮޑެލިންގް
އިންޑަސްޓްރީގައި އުޅޭ މީހުން ދައްކާ ވާހަކަތައް އޭނަގެ ހަނދާނަށްއައެވެ. ހުރިހާ
ހެވާއި ނުބައެއް ދަސްވެފައިވަނީ ވަށައިގެންވި މީހުން ދަސްކޮށްދީފައި
ކަންތައްތަކެއްގެ ސަބަބުންކަމަށްބުނެ ދެއްކި ވާހަކަތަކެވެ. މިނިވަން ޚިޔާލެއްގެ
ވެރިއަކަށްވެވޭނީ އެކަންތައްތަކުގެ މަތިން ހަނދާން ނައްތައި އަމިއްލައަށް
'ބޭނުންވާ' ކަންތައްތަކެއް ކުރުމުން ކަމަށް ބުނެލި ބުނެލުމެވެ.
ޝަރަފާއި ޝަބާ ތިބިގޮތަށް ތިއްބާ ގޭގެ ދޮރުގައި ޓަކި
ޖަހައި ހުސެއިން ސަލާމް ގޮވާލި އަޑު އިވުނެވެ. އެއާއެކު ދެބެއިންނަށް އެކުއެކީގައި
އެއްފަހަރު އެ ދޮރަށް އަނެއްފަހަރު އެކަކު އަނެކަކަށް ބަލާލިއެވެ. ޝަބާ ޝަރަފްގާތު
އެތެރެއަށް ދިޔުމަށް ބޮލުން ޢިޝާރާތް ކުރަމުން ސަލާމުގެ ޖަވާބުދިނެވެ. ދޮންތަ ދިޔަ
ދިމާލަށް ބަލައިގެން ހުރި ޝަރަފްގެ ހިތް އަވަސްވެ ނޭވާކުރުވުމުގެ ސަބަބުން
އޭނައަށް ފަސްއެނބުރިދާން އުނދަގޫވިއެވެ. އެހެނަސް އެ ހިނދު އާހިލް އޭނަގެ ކިޔަވާ
ފޮތާއި މުޞްޙަފާއެކީ އެ ކޮޓަރިން ނިކުންނަން އައިއިރު ދެއްކި ވާހަކައަކުން
ޝަރަފްގެ ޚިޔާލު ބަދަލުވިއެވެ.
"ދޮންބެ އަވަހަށްވަދޭ އެތެރެއަށް. ދޮންބެ ބޭރުގަ
ހުރިކަން އަފޫ ދައްތިއަށް އެނގިއްޖެއްޔާ ދެން ދައްތި ނާންނާނެ. އޭރުން މަންމަ
ރުޅިންގޮސް އެކްސްޕްލޯޑްވާ ހިސާބަށްދާނެ. ވީ ވިލް ބީ ޑެޑް!" އާހިލް
ސަމާސާވެރި ގޮތަކަށް ސީރިއަސް ރާގެއްގައި އޭނަގެ ކަންބޮޑުވުން ފާޅުކުރިއެވެ.
އާހިލް އެހެން ބުނެލީ އޭނަގެ މަންމަގެ ގޮތް ރަނގަޅަށް އެނގޭތީވެއާއެކު އޭނަ
ދޮންބެއަށް ހަނދާންކޮށް ނުދީފިނަމަ އޭނަވެސް ކުށްވެރިވާނެކަން ޔަޤީންވީތީވެއެވެ.
ޝަރަފް އާހިލްގެ ބަސްއަހަން ނިންމީ ދޮންތަގެ ބަސްތަކަށް ޖެހިލުންވުމަށްވުރެ
އޭނައަށް ކުރެވޭ ކަމެއްގެ ސަބަބުން އަފާފް އަނެއްކާވެސް އޭނައާއި ދުރުވެދާނެ
ކަމަށްޓަކައެވެ. އާހިލް ކޮޓަރިން ނިކުތް ވަގުތަކީ ދޮންތަ ގޭގެ މައިދޮރު ހުޅުވާލި
ވަގުތަށްވެފައި ޝަރަފް އެދިމާލަށް ބަލަން ބޭނުންވެގެން ހުއްޓަސް އޭނަ ގަދަކަމުން
ދެލޯ މަރާލަމުން ކޮޓަރިއަށްވަދެ ދޮރު ލައްޕާލިއެވެ. އެ ހިނދު އެ ހިތް ރޯންފެށީ
ކުޑަ ހިނދުކޮޅަކަށް ބަލާލި ނަމަ އެކަކަށްވެސް ނޭނގުނީހޭ ހިތަށްއެރުމުންނެވެ.
އެހެނަސް އެ ހިތަށް ހަމަޖެހުމެއް ވެސް ލިބިގެން ދިޔައީ އެ ހިތުގެ ވެރިޔާ ރުހޭ ފަދަ
ގޮތަކަށް އޭނައަށް ކަންތައް ކުރެވުމުންނެވެ.
ޝަބާ ދޮރު ހުޅުވާލި ވަގުތު ދޮރު މަތީގައި ބައްޕައާއެކީ
ހުރި އަފާފް ގަނޑުވާގޮތްވިއެވެ. އޭނައަށް ހީވަމުން ދިޔައީ އެ ދޮރު ހުޅުވާލީ ވެސް
ޝަރަފްހެންނެވެ. ޝަބާ ބައްޕައާއި ވާހަކަ ދައްކަން ފެށި އަޑު އިވުމުން ވެސް
އޭނައަށް ހީވަމުން ދިޔައީ އޭނަ ފެންނާނެ ހިސާބުގައި ޝަރަފް އެބަހުރި ހެންނެވެ. އެ
ހީތަކެއްގެ ސަބަބުން ގޭގެ ތެރެއަށް ވަދެގެން ދިޔައިރުވެސް އޭނައަށް ހުރެވުނީ
ހިސާބެއްގެ ބިރުވެރިކަމެއްގެ ތެރޭގައެވެ. ކޮންމެ ދުވަހަކުހެން ޝަބާ އޭނަ
ގޮވައިގެން ގޮސް މޭޒުދޮށުގައި ބޭންދުމަށްފަހު ޢައްބާސްބެ ވެސް ފިލާވަޅު
އަޑުއެހުމަށްޓަކައި ކޮޓަރިން ނެރެވުނު އަޑު އޭނަ އެހިއެވެ. ބައްޕަ ވެސް އޭނަގެ
ކައިރީގައި އިށީން އަޑާއި އާހިލްގެ އަޑުވެސް އޭނައަށް އިވިގެން ދިޔައެއްކަމަކު
އަފާފަށް ދެންވެސް ހީވީ ޝަރަފް އެއްވެސް އެއްޗެކޭ ނުބުނެ ކޮންމެވެސް އެއްކަނެއްގައި
އޭނައަށް ބަލަން ހުރީ ހެންނެވެ. އެންމެން އެއްފަހަރާ ކަހަލަ ގޮތަކަށް ވާހަކަ
ދައްކަން ފެށި އަޑަށް އެންމެ ފަހުން ކެތްނުވެގެން އަފާފަށް ވާހަކަ ދެކެވުނެވެ.
"މިތާނގަ އެއްވެސް މީހަކު އެބަހުރިތަ؟"
ހިސާބެއްގެ ކަންބޮޑުވުމަކާއެކީ އާދައަށްވުރެ ހަރު އަޑަކުން އަފާފަށް އަހާލެވުނެވެ.
ހާސްވެފައި ހުރުމުގެ ސަބަބުންނާއި ޝަރަފްގެ ނަން ކިޔަން ނުކެރުމުން އޭނައަށް
ސުވާލު ފަރުމާ ކުރެވުނީ އެފަދަ ގޮތަކަށެވެ. އޭނަގެ އެ ސުވާލުން އެތާތިބި
އެންމެންނާއިއެކީ ކޮޓަރި ތެރޭގެ އެނދުމަތީގައި އިން ޝަރަފަށް ވެސް ޙައިރާންކަމެއް
ލިބުނެވެ. އަފާފްގެ ސުވާލުގެ މާނަ އެންމެ ކުރިން ނަގައިގަނެވުނު ޝަބާ ވަގުތުން
ވާހަކަ ދެއްކިއެވެ.
"ހެހެ.....ޝަރަފް ވާހަކަ ދޯ އަފާފް؟ އޭނަ އޮތީ
ކޮޓަރީގައޭ. ރަނގަޅަށްވިއްޔާ މިހާރު އޮންނާނީ ނިދިފަ. މިއަދު މެންދުރު
ކިޔަކިޔާހުރި ތިމަންނަ މިގަޑީގަ ނިދާނީއޭ. އެއްވެސް އަޑެއްވެސް ނުކިޔައެއްނު
އެތަނުން؟" ޝަބާ އަފާފްގެ ހިތްހަމަޖައްސާލުމަށްޓަކައި ވާހަކަ ދެއްކިއެވެ.
އެހެނަސް އޭނަ ބުނެލީ ހަމަ ތެދެކެވެ. އެއީ ޝަރަފް ހަމަ ދެއްކި ވާހަކައެކެވެ.
ޤުރުއާނުގެ އާޔަތްތައް އަޑުއަހަން ވާނެއޭ ބުނުމުން އޭގެ ބަދަލުގައި އޭނަ ނިދިޔަސް
މާ ރަނގަޅުވާނެކަމަށް އޭނަ ބުންޏެވެ. އެހެނަސް އެވަގުތު އޭނައަށް ކުރުން އެންމެ
ދަތިވާނެ އެއްކަމަކީ ނިދުންކަން އެ ހިނދު އެނދުމަތީގައި އިނދެ ހިނިތުންވެލެވުނު
ޝަރަފަށް އެނގުނެވެ.
ޝަބާ ދެއްކި ވާހަކައިން އަފާފަށް ހަމަޖެހުމުގެ ނޭވައެއް
ލެވުނެވެ. އަދި އޭނަ ކުރަން މިއުޅޭ ކަން އޭނައަށްޓަކައި ފަސޭހަކޮށްދެއްވުމަށް އެދި
ހިތާހިތުން ދުޢާ ކުރަމުން އާހިލްގާތު ތައްޔާރުތޯ އަހާލިއެވެ. އާހިލް އާނއެކޭ
ބުނެލި ވަގުތު އެތެރޭގައި އިން ޝަރަފް ކެތްމަދުވީ އަފާފްގެ ރީތި އަޑުން ކިޔެވުން
އަޑުއަހާލުމުގެ ފުރުޞަތެއް ލިބޭނެކަމަށް ހީކޮށެވެ. އަފާފް ކޮންމެ ދުވަހަކުވެސް
ފިލާވަޅު ނަގައި ދިނުމުގެ ކުރިން ކިޔަވައިދޭ ވާހަކަ ޝަރަފަށްވަނީ އާހިލްގެ
ފަރާތުން އެނގިފައެވެ. އެހެނަސް އަފާފްގެ އަޑުގެ ބަދަލުގައި، އޭނަ ކުޑައިރު
ޤުރުއާން މުބާރާތްތަކަށް ދިޔުމަށް އަޑުއެހި ޤާރީގެ އަޑު އިވެން ފެށުމުން ޝަރަފްގެ
ދެބުމަ ކައިރިވިއެވެ. އެ ކިޔެވޭ ރާގަކީ އަފާފަށް ރީތި ރާގެއްކަން މާޒީގެ
ހަނދާނަކުން ޝަރަފަށް އެނގުންވިއެވެ. އެހެނަސް އަފާފް މިއަދު އަމިއްލައަށް
ނުކިޔަވައި އޭތި ޖަހަނީ ކީއްވެ ހެއްޔެވެ؟ އަފާފް ބަލިވެ އުޅެނީ ހެއްޔެވެ؟ އެ
ސުވާލު ހިތަށް ވެރިވުމުން ޝަރަފަށް ކަންބޮޑުވުމަކާއެކީ ބަންދުކޮށްފައިވި ދޮރަށް
ބަލާލެވުނެވެ. ތެދުވެގެން ދާން ހިތަށްއެރިއެއްކަމަކު އެކަމަށް ހުރަސް އެޅިގެން
ދިޔައީ އާހިލްގެ ބަސްތައް ހަނދާންވުމުންނެވެ. އެހެންކަމުން ބޭރުން އިވެމުން ދިޔަ
ކިޔެވުން އަޑުއަހައިގެން އިންގޮތަށް އިނުން ނޫންކަމެއް ނުކުރެވުނެވެ. އޭނަ
ކިޔެވުން އަޑުއަހަން ފެށީ ރީތި ރާގުގެ ސަބަބުން ޝައުޤުވެރިކަމާއެކީ ކަމަށްވިޔަސް
މާ ދިގުވެގެން ދާން ފެށުމުން އޭނަގެ ހިތަށް ފޫހިކަމެއް ވެރިވިއެވެ. އޭނަ
އާފުރާލަން އުޅުނު ވަގުތު އެ ރިކޯޑިންގް ޕޯޒް ކުރެވިގެން ދިޔަ އަޑަށް ޝަރަފް
އޭނަގެ ހުރިހާ ސަމާލުކަމެއް ބޭރުން އިވޭ އަޑުތަކަށްދިނެވެ. އަފާފް ބިސްމި ކިޔައި
ކޮންމެވެސް ޢަރަބި ބަސްކޮޅެއް ކިޔާފައި ހިނިތުންވުމަކާއެކީ އާހިލް ކިހިނެއްތޯ
އަހާލި އަޑުއިވުނެވެ. އާހިލް ވެސް ޖަވާބުދިން ގޮތުން އޭނަ އިންނާނީ ހެވިފައިކަން
ޝަރަފަށް ޔަޤީންކުރެވުނެވެ. ހަމަ އެއާއެކު އަފާފް އާހިލްއާވެސް ދަމަހައްޓާފައިވި ގުޅުން
ތަޞައްވުރު ކުރެވުމުން އޭނައަށް ހިނިތުންވެލެވުނެވެ. އެހެނަސް އޭނަގެ ފުރިހަމަ
ސަމާލުކަން އަފާފްގެ އަޑަށް ދެވިފައިވުމުން ދެންވެސް ބޭރުން ދެއްކި ވާހަކަތައް
އޭނައަށް ސާފުކޮށް އިވުނެވެ. އަފާފް ބުނިގޮތުގައި އޭނަ އެދުވަހު ކިޔައިދޭން އުޅެނީ
ނޫރު ސޫރަތުގެ ބައެއް އާޔަތްތެކެވެ. އެއާއެކު ޝަރަފަށް އުއްމީދު ކުރެވުނީ ވަގުތުން
ޤިޔާމަތް ދުވަހުގެ ވާހަކަތައް އިވިގެން ދާށެވެ. އެއީ ވަކި އޭނައަށް އެ ސޫރަތާއި
ބެހޭގޮތުން އެއްވެސް އެއްޗެއް އެނގޭތީވެއެއްނޫނެވެ. ކުޑައިރުއްސުރެ މިހާތަނަށް
އައިއިރު ވެސް އޭނައަށް ހީވެފައި އޮތީ، ޤުރުއާނުގައި ހުސްވެސް ދެކެވިފައިވާނީ
ޤިޔާމަތް ދުވަހުގެ ވާހަކައާއި ރަސޫލު ބޭކަލުންގެ ވާހަކައިގެ އިތުރުން ނަމާދާއި
ޒަކާތާ އެހެނިހެން ހެޔޮ ކަންތައްތަކާއި ބެހޭގޮތުންނެވެ. އަދި އޭނައަށް
ހީކުރެވިފައި އޮތްގޮތުން ޤުރުއާނުގައި ގިނައިން ހިމެނިފައިވާނީ މިވެނިކަމެއް ކޮށް
އަދި މިވެނި ކަމެއް ނުކުރުމަށް ހަރުކަށި ޢިބާރާތްތަކުން އަންގަވައި ނަރަކައިގެ
ވާހަކައިން އިންޒާރު ދެއްވާފައިވި އާޔަތްތަކެވެ. ސިކުނޑިއަށް ވެރިވަމުން ދިޔަ
ޚިޔާލުތަކެއްގެ ސަބަބުން ޝަރަފް ދެލޯ މަރައި ކަންފަތުގައި އަތްއަޅާލަން ބޭނުންވީ
އެ ވާހަކަތައް އެއްގޮތަކަށް ވެސް އަޑުއަހަން ބޭނުން ނުވުމުންނެވެ. މި ހުރިހާ
ދުވަހު އޭނައަށް ވަސްވާސްދިން ދޫތަކާއި ކިޔާފައިވި ކިޔުންތަކެއްގެ ސަބަބުންނެވެ. އެހެނަސް
އަފާފް އޭނަ ހީކުރި ވާހަކަތަކުގެ ތެރެއިން އެއްވެސް ވާހަކައެއް ނުދައްކައި މުޅިން
އެހެން މަޢުޟޫއަކަށް ވާހަކަ ފަށައިގަތުމުން އޭނައަށް ޙައިރާންކަމެއް ލިބުނެވެ.
އެދުވަހު ކިޔެވިގެން ދިޔަ ފުރަތަމަ އާޔަތުގެ މާނަ އަފާފް ކިޔައިދޭންފެށީ
މަޑުމައިތިރި އަޑަކުންނެވެ. ﷲ އީ އުޑުތަކާއި ބިމުގެ ނޫރުކަމަށް ބުނެލި ވާހަކައިން
ޝަރަފްގެ ނިތަށް ރޫގިނަވިއެވެ. އެ ޖުމްލައިން އޭނައަށް ލިބެންވީ ނަޞޭޙަތެއް
އޭނައަށް ނޭނގުމުންނެވެ. އަފާފް ކުރިއަށް ކިޔައިދެމުން ދިޔަ ވަރަކަށް އޭނަގެ
ޙައިރާންކަންވީ އިތުރެވެ. ދީނީ ނަޞޭޙަތެއްގެ ތެރެއިން ބައްތިއަކާއި ތެލެއްގެ
ވާހަކަ ދެކެވެންވީ އެއްވެސް ސަބަބެއް އޭނަގެ ސިކުނޑިއަކަށްނައެވެ. އެންމެ ފަހުން
އަފާފް މުޅި އެ އާޔަތުގެ ތަރުޖަމާ ކިޔައިދީފައި މިއިން އެއްވެސް އެއްޗެއް
ވިސްނުނުތޯ އާހިލްގާތު ސުވާލުކުރިއެވެ. އާހިލް 'ނޯ' އޭ ބުނެލި ރާގުން އޭނަވެސްވީ
ޝަރަފާއި އެއްދަރަޖައެއްގައިކަން ޝަރަފަށް އެނގުންވިއެވެ. މިއީ ހަމަ އޭނަގެ
އެކުވެރިން ބުނާފަދަ "ބޯދާ" ވާހަކަތަކެކޭ ޝަރަފްގެ ހިތް ބުނެލި ވަގުތު
ބޭރުން އަފާފް ހީލި އަޑުއިވުނެވެ. މިފަހަރު އެ ހީލުމުން މަސްތުވާވަރަށްވުރެ ވެސް
ޝަރަފްވީ ފުން ވިސްނުމެއްގެ ތެރޭގައެވެ. އޭނަވީ އަފާފް ކިޔައިދިން އެއްޗެއްގެ
ތެދުކަން އޭނަ ސާބިތުކޮށްދެނީ ކިހިނެއްތޯ ބަލާށެވެ. އަފާފް ތަފްޞީލުކޮށް އެ އާޔަތް
ކިޔައިދޭން ފެށުމުން އޭނައަށް ކަނުލައި އަޑުއަހައިގެން އިނދެވުނީ އެހެންވެއެވެ.
މިނެޓްތަކެއްގެ ތެރޭގައި އަފާފް އެ އާޔަތް ކިޔައިދީ ނިމުނުއިރު ޝަރަފަށް ހުރެވުނީ
އަނގަ ހުޅުވި، ހުއްޓުން އަރާފައެވެ. އެ ހިނދު އޭނަގެ ހިތުތެރޭގައި ހިނގަމުން
ދިޔައީ ހުއްޓުމެއްނެތް ޖަޒުބާތުތަކެއްގެ ސިލްސިލާއެކެވެ. އަފާފް ކުރިއަށް ހުރި
އާޔަތްތައް ވެސް ކިޔައިދެމުން ދިޔައިރު ތަފާތު ޖަޒުބާތުތަކެއް އޭނަގެ ހިތަށް އަރާ
ފައިބަމުން ދިޔައެވެ. އަފާފް ކިޔައިދިން ފަހު އާޔަތަކީ ޚުދު އޭނައާއި ބެހޭ ގޮތުން
އޮތް އާޔަތެއްހެން ހީވި ވަގުތު ޝަރަފްގެ ހިތާއި ސިކުނޑިއަށް ސަވާރުވެފައިވީ އެންމެ
ސުވާލެކެވެ. އޭނައަށް ކުރިން މި އާޔަތްތަކުގެ ރީތިކަން އެނގިފައިނުވީ ކީއްވެ
ހެއްޔެވެ؟ އޭނަ ދުވަހަކުވެސް އެހާ ފުރިހަމަ މިސާލުތަކެއް އަޑުއަހާފައެއްނުވެއެވެ.
އެހާ ފުން ނަޞޭޙަތްތަކެއް އަޑު އަހާފައެއްނުވެއެވެ. މި ހުރިހާ ދުވަހު އޭނައަށް
ނޭނގުނީ ފަހެ ކީއްވެ ހެއްޔެވެ؟ އަފާފް ދާން އުޅޭ ވާހަކަ ޝަރަފަށް އިވުނީ އޭނަ
އަމިއްލަ ވިސްނުމެއްގެ ތެރޭގައި ވަނިކޮށެވެ. އަފާފް ދާން އުޅުނުކަން އެނގުމުން
އޭނަ މާޔޫސްވީ ހަމައެކަނި އަފާފް ދާތީވެއެއްނޫނެވެ. ޝަރަފް ދެރަވީ އަފާފާއެކީ
އޭނަގެ ހިތަށް ދެންމެ އަސަރު ފޯރުވި އާޔަތްތައް ވެސް ދާކަން އެނގުންވުމުންނެވެ.
އެހެނަސް އަފާފް ގެއިން ނިކުންނަންދެން އޭނަ ކޮޓަރީގައި އިންގޮތަށް އިނެވެ.
މުޅި އެރޭ ޝަރަފްގެ ސިކުނޑީގައި ގުގުމަމުން ދިޔައީ އަފާފް
ކިޔައިދީފައި ދިޔަ މިސާލުތަކެވެ. އަދި އެ މިސާލުތަކެއްގެ ތެރޭގައި ފޮރުވިފައިވި
ނަޞޭޙަތްތަކެވެ. އެރޭ ދެ ނަމާދު ދޭތެރޭގައި އާހިލް އެ އާޔަތްތައް ކިޔެވިއިރު
އޭނައަށް އެ އާޔަތްތައް އަޑުއަހަން ހުރެވުނީ އާޝޯޚުވެފައެވެ. އެހެނަސް އެރޭ އޭނަގެ
ދޮންތަ އޭނަ އަފާފް ކިޔައިދިން އާޔަތްތައް އަޑުއެހިތޯ ސުވާލުކުރުމުން އޭނައަށް
ނޫނެކޭ ބުނެލެވުނެވެ. އެއީ އޭނަ އެހާ އަވަހަށް ނުހެއްލޭނެކަން، އެހެން
މީހަކަށްވުރެ ބޮޑަށް އަމިއްލަ ނަފްސަށް ވިސްނައިދިނުމަށެވެ. އެހެނަސް މާދަމާ ވެސް
އަފާފް އަންނާނެތޯ ސުވާލުކޮށްލެވުނީ ވެސް ހަމަ އޭނައަށެވެ. ދޮންތަ ހީލުމަކާއެކީ
އަންނާނެއޭ ބުނީ އޭނަގެ ފޮރުވިފައިވި ޚިޔާލުތައް އެނގުމުންކަން ޝަރަފަށް
އެނގުނެވެ. އެވަގުތު އޭނަގެ އެ ޚިޔާލުތަކާއި ދުރުވާން ޝަރަފް ޢަޒުމް
ކަނޑައެޅިއެވެ. އެންމެ ދުވަހަކު އޭނަ ހައްލާލުމަށްޓަކައި ރީތި އެއްޗެއް
އިއްވާލިޔަސް އޭނަ 'ހެއްލޭނީ' ކިހާ ދުވަހެއްވަންދެންތޯ އޭނަގެ ހިތަށްއެރިއެވެ.
އަފާފަށް ވެސް އެ އާޔަތްތައް ރީތި އެއްޗެއްގެ ގޮތުގައި ދެއްކުމަށްޓަކައި
ނަޞޭޙަތްތަކުގައި ބަސްތައް އެތުރޭނީ ވަކި ވަރަކަށް ނޫންހެއްޔެވެ؟
އެހެނަސް
ޝަރަފަށް ނޭނގުނު ކަމަކީ އެއީ އަފާފްގެ ބަސްތަކެއް ނޫންކަމެވެ. އެއީ ﷲ ގެ
ބަސްފުޅުކަމެވެ. އެ ފުރަތަމަ ދުވަހަށްފަހު އަފާފް ނަގައިދޭންފެށި ފިލާވަޅަކީ
އެއީއެވެ. މި ބަސްފުޅަކީ ﷲ ނޫން އެހެން ފަރާތަކުން އައިސްފައިނުވާނެ
ބަސްފުޅެއްކަން އަންގައިދޭ އެކި ގޮތްގޮތެވެ. މި ގޮތުން ސޫރަތްތަކާއި ބައެއް
އާޔަތްތައް ތަރުތީބު ކުރެވިފައިވާ ގޮތާއި، އާޔަތްތަކަށް ބަސްތައް
ޚިޔާރުކުރެވިފައިވި ގޮތުގެ ފުރިހަމަކަމާއި، ޤުރުއާނުގެ ބައެއް ވާހަކަތައް ގެނެސްދީފައިވާ
ގޮތްތަކަށް އަފާފް އަލި އަޅުވަމުން
ދިޔައިރު ޝަރަފަށް އިނދެވުނީ އަޖާއިބުވެ އަންތަރީސްވެފައެވެ. އެފަދަ ވާހަކަތައް
އިވެންފެށިތާ 4 ދުވަސްވީއިރު ޝަރަފްގެ ހިތުން ޤުރުއާނާއިމެދު އޮތް ހުރިހާ ޝައްކެއް
ފިލައިދިޔައެވެ. އަދި އެ ފޮތަށްޓަކައި ނޭނގި ނަމަވެސް ހިތުގައި ލޯތްބެއް
އުފެދިގެން ދިޔައެވެ. އޭނައަށް ފަހުން ފަހުން އައިސް ޝަބާއަށްވުރެ ވެސް ކުރިން
އާހިލް ގާތު ކިޔަވާށޭ ބުނެވެނީ އޭނަ ޤުރުއާން އަޑުއަހާ ހިތްވާ މިންވަރުންނެވެ.
އަދި ރޭގަނޑު 10 ގެ ފަހުން ދޮންތަ ހަދާހެން ޤުރުއާނުގެ ސީޑީއެއް ލައްވާލަނީ އާހިލް
އަޑުއަހަންވާނެއޭ ބުނެފައެވެ. އޭނަ އަމިއްލައަށް ވެސް ޤުރުއާން ކިޔަވަން
އިންތިހާއަށް ބޭނުންވިއެވެ. އަދި އެ ފޮތުގައި އެންގެވިފައި އޮތް ގޮތަށް އުޅެން
އޭނަގެ ހިތް ހުއްޓުމެއްނެތި އެދެމުން ދިޔައެވެ. އެހެނަސް އޭނަ އަދި ބަދަލުވާނީ
ތަންކޮޅެއް ފަހުން ކަމަށް ޝަރަފް ކޮންމެ ދުވަހަކު އަމިއްލަ ނަފްސުގާތު ބުނަމުން
ދިޔައެވެ. ފަހުން ބަދަލުވުމުގެ ޢަޒުމުގައި އޭނަ ވަނިކޮށް އޭނަގެ ހިތަށް ލޮޅުމެއް
ގެނައީ އޭނަ ޤުރުއާން އުނގެނެން ފެށިތާ ހަފްތާއެއްހާ ދުވަސްފަހުން އަފާފް ޙިއްޞާ
ކުރި އާޔަތެވެ. ސޫރަތުލް ޙަދީދްގެ އެ އާޔަތުގައި ކޮށްލެވުނީ ސުވާލެކެވެ. އެއީ ﷲ
ހަނދުމަކުރުމަށާއި، ޙައްޤު ބަސްފުޅުގެ ތެރެއިން ބާވައިލެއްވުނު ފޮތަށް އެމީހުންގެ
ހިތް މަޑުމައިތިރިވުމަށް އީމާންވި މީހުންނަށް އަދިވެސް ވަގުތު ނާންނަނީތޯއެވެ. އެ
ސުވާލު އަޑު އިވި އޭގެ ވެސް ފުން މާނަ އެނގިގެން ދިޔަދިޔަހެން ޝަރަފްގެ ލޯ ކަރުނުން
ފުރިގެން ދިޔައެވެ. އެ ވަގުތު އައިސްފިކަމަށް އޭނައަށް ހިތާހިތުން ބުނެވެންފެށީ
ފުރަތަމަ ފަހަރަށް އިޚްލާޞްތެރި ހިތަކާއެކީ ﷲ އާއި އޭނައަށް މުޚާތަބު ކުރެވުނު
ވަގުތެވެ. އޭނަ ހަމަ އެވަގުތުން ވަގުތަށް އޭނަގެ މުޅި އުޅުން ބަދަލު ކުރުމަށް
ޢަޒުމް ކަނޑައެޅިއެވެ. އެދުވަހު ހަވީރު އަފާފްމެން ދިޔުމާއެކު މަޣްރިބު ނަމާދު
ޖެހުމުގެ ކުރިން ވެސް ޝަރަފް ވުޟޫކުރަން ދިޔައެވެ. މި ހުރިހާ ދުވަހު ބައްޕަ ވުޟޫ
ކުރުވީ އޭނަ ކަމަށްވީތީ ވުޟޫކުރަން އޭނައަށްވަނީ ދަސްވެފައެވެ. ބަންގި ގޮވަން
ގާތްވީވީހެން އޭނަ ބައްޕަވެސް ވުޟޫކުރުވިއެވެ. މުޅި އެވަގުތު އޭނައަށް ހުރެވުނީ
ރޮވެން ކައިރިވެފައިކަމަށްވުމުން އޭރު ގޭގައި ތިބި ބައްޕައާއި އާހިލްގެ ފަރާތުން ޝަރަފާއި
އެތައް ސުވާލުތަކެއް ކުރިމަތިވަމުން ދިޔައެވެ. އެހެނަސް އޭނައަށް އޭގެއިން
އެއްވެސް ސުވާލަކަށް ޖަވާބު ދެވޭ ގޮތެއްނުވިއެވެ. ބައްޕަ ވުޟޫ ކުރުވުމަށްފަހު
ބަންގި ދިނުމުގެ 5 މިނެޓް ކުރިން އޭނަ ބައްޕައާއި އެކީގައި ޤިބްލައަށް
ކުރިމަތިލައިގެން ބިންމަތީގައި އިށީނެވެ. އޭނައަށް އެއްވެސް ޖަވާބެއް ނުދެވޭތީ
އޭރު ބައްޕަވެސް އިނީ ސުވާލުތަކެއް ކުރުން ހުއްޓާލައިފައި އޭނައަށް
ބަލަހައްޓައިގެންނެވެ. ބައްޕައަށް ސަމާލުކަމެއް ދޭން ބޭނުންވިއެއްކަމަކު އެވަގުތު
ވާހަކަ ދައްކަން އުޅެފިނަމަ އޭނައަށް ރޮވުން ނޫންކަމެއް ނުވާނެކަން އެނގި ޝަރަފް
ހިމޭނުންއިނެވެ. އޭނަގެ އަތުގައިވި ޓެޓޫތަކާމެދު އޭނައަށް ވިސްނާލެވުނީ އެ
ހިމޭންކަމުގެ ތެރޭގައެވެ. އޭނައަށް ކުރެވިފައިވި މި ފާފައިގެ އަސަރުތަކާއެކީގައި ﷲ
އޭނަގެ ނަމާދު ޤަބޫލު ކުރައްވާނެބާއޭ ހިތަށްއެރި ވަގުތު ޝަރަފްގެ ލޮލުން
ކަރުނައެއް ފައިބައިގެންއައެވެ. އެހެނަސް ބަންގި ގޮވަން ފެށުމުން އޭނައަށް
ތެދުވެލެވުނީ ކޮންމެ ގޮތެއްވިޔަސް އޭނަ ބޭނުންވަނީ ނަމާދު ކުރަން ކަން އޭނައަށް
ޔަޤީންވީތީވެއެވެ. ބައްޕައާއެކީގައި ކުރި އެ ނަމާދުގައި އެއްފަހަރުވެސް ޝަރަފްގެ
ލޮލުން ކަރުނަތައް ނުހިކެއެވެ. ފުރަތަމަ ފަހަރަށް ﷲ އާއި ގާތްވެވުނު ފަދަ
އިޙްޞާޞެއް ކުރެވުމުން ދުވަހަކުވެސް އޭނަގެ ހިތަށް ނުލިބޭފަދަ ހިތްހަމަޖެހުމެއް
އޭނައަށް ލިބުނެވެ. ބައްޕަ އިމާމްވެ ކުރި އެ ނަމާދު ނިންމާލާފައި ޝަރަފަށް ދެއަތް
އުފުލައި އޭނަގެ ފާފަތައް ފުއްސެވުމަށް އެދި ރޮއިރޮއިފައި ދުޢާކުރެވުނީ ވެސް
އާޔަތެއްގެ މަތިން ހަނދާންވެފައެވެ. ފިހާރައަކަށް ގޮސް ހުރި ޝަބާއަށް ގެއަށް
އާދެވުނީ ޝަރަފް އެ ގޮތަށް އިންދައެވެ. އޭނަ ބައްޕަގެ ކޮޓަރީގެ ދޮރު ކައިރިއަށް
ދިޔައީ އެ ދިމާލުން ގިސްލުމެއްގެ އަޑުއިވުމުންނެވެ. ދޮރު ހުޅުވާލިއިރު ފުރަތަމަ
ފަހަރަށް އޭނަގެ ކޮއްކޮ އެފަދަ ގޮތަކަށް އިން މަންޒަރު ފެނިފައި ޝަބާ ހުއްޓުން
އަރާ ގޮތްވިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަގެ ލޮލުން ވެސް ކަރުނަ ހިލުނެވެ.
Comments
Post a Comment