Hijra (part 9)
ނަޞްރާއަށް ވެސް ބަލަހައްޓައިގެން ހުރެވުނެވެ. އިރުކޮޅަކު
ހުރެފައި ޔޫނުސް އޭނައަށް ހަދިޔާކޮށްލީ އޭނަގެ ހިތް ވިރިގެންދާފަދަ ލުއި
ހިނިތުންވުމެކެވެ. އޭނަގެ ދެފައިން ވާގިދޫވާން އުޅުނުހެން ހީވުމުން ނަޞްރާ
އަވަސްއަވަހަށް ދޮރު ހުޅުވައި ގެއަށްވަނެވެ.
ގަޑިން 8:30 ވީއިރު ފެންޑާއާއި ގޭގެ ތެރެވެސް ފުރި
މާޙައުލު ހަލަބޮލިވެގެން ދިޔައެވެ. ފެންޑާގައި އަނބުގަސް ދަށުގައި ހުރި ޔޫނުސްއާ
ގިނައިން ސަލާމްކުރަމުން ދިޔައީ ނަޞްރާގެ މީހުންނެވެ. އޭނަގެ އެކުވެރިއަކަށް އައީ
ޒަޔާން އެކަންޏެވެ. ޔޫނުސްއާއެކީ މަސައްކަތް ކުރާ އޮފީސް ކުދިންކުރެ އެކަކުވެސް
ނާދެއެވެ. އެމީހުން ނާންނާނެކަން ވެސް ޔޫނުސްއަށް އެނގެއެވެ. އެހެނީ މިރޭ
އޮފީހުގައި ނޫހުގެ 6 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ޕާޓީއެއް އެބަ
ބޭއްވެއެވެ. ޙަޤީޤަތުގައި ޔޫނުސްވެސް އެ ޕާޓީއަށް ދާންޖެހެއެވެ. އޭނަ ނަޞްރާމެން
ގާތު މި ދުވަހުގައި އޮންނާނެ އެ ޕާޓީގެ ވާހަކަ ކުރިން ނުބުނީ އޭނަ އެކަހަލަ
ތަންތަނަށް ދާހިތްނުވާތީވެއެވެ. އޮފީހުގައި އުޅޭ ގިނަ މީހުންނަކީ އޭނައަށް މާ
ކަމުދާ މިޒާޖެއްގެ ބައެއްނޫނެވެ. އެމީހުން ބާއްވާ އެފަދަ އެއްވުންތަކަކީވެސް މާ
ރަނގަޅު އެއްވުންތަކެއްނޫނެވެ.
ސިޓިންގް ރޫމުގެ ސޯފާގައި އިން ނަޞްރާ އިނީ ފޫހިވެފައެވެ.
އޭނަ ހުރީ ޔޫނުސް ދެކެން ބޭނުންވެފައެވެ. ނަޞްރާއަށް އިރުއިރުކޮޅާ ގޭގެ
ލައްޕާފައިވާ ދޮރާއި ފަރުދާ ދަމާލެވިފައިވާ ކުޑަދޮރާއި ދިމާލަށް އެބަ ބެލެވެއެވެ.
ޔޫނުސް ހަމަ އެތާ ބޭރުގައި ހުންނާނެއޭ ހިތް ތަކުރާރުކޮށް ބުނަމުން ދިޔައެވެ.
ޔޫނުސްގެ ގާތަށްދާން ބޭނުންވި ވަރުން އޭނަގެ ދެފައިގައި ރިހުމެއްވެސް
އުފެދިފައިވިއެވެ. ނަޞްރާ މާޔޫސްވެފައި ކަހަލަ ގޮތަކަށް އިންދާ ސަދަފް އައިސް
އޭނައިން ދިގު ސޯފާއަށް ވެއްޓިގަތެވެ. ނަޞްރާ ސިއްސައިގެން ގޮސް ސަދަފްއަށް
ބަލާލިއެވެ. ސަދަފް އިނީ ހެވިފައި ނަޞްރާއަށް ބަލަހައްޓައިގެންނެވެ.
“ކޮބާ ވަރަށް ހިތް އެބަތެޅޭ؟” ސަދަފް ލާނެތް ގޮތަކަށް
އަހާލިއެވެ.
“ހުނ…..އެއްވެސް ހިތެއް ނުތެޅޭ!” ނަޞްރާ ދެބުމަ ކައިރިކޮށްލަމުން
ރުޅި ގޮތަކަށް ބުނެލިއެވެ. ސަދަފް ހީލިއެވެ.
“ނަޞްރާވެސް ދެން ދައްކާ ވާހަކަ. ހިތް ނުތެޅި ކިހިނެއް މީހަކު
ދުނިޔޭގަ ހުންނާނީ……އޭނަ ވަރަށް ދެކޭހިތް އެބަވޭދޯ؟” ސަދަފް އުފާވެރި މޫނަކާއެކީ
އަހާލިއެވެ. ނަޞްރާގެ މޫނު ރަތްވެ އޭނައަށް ހިނިތުންވެވެން އުޅުނުތަނާ އޭނަ ވާހަކަ
ދެއްކިއެވެ.
“އަފޫ ކޮބައިތަ؟” ނަޞްރާ އޭނަގެ ހިނިތުންވުން ފޮރުވަން
މަސައްކަތް ކުރަމުން މަޢުޟޫއު ބަދަލުކޮށްލިއެވެ. ސަދަފްއަށް އަނެއްކާވެސް
ހީލެވުނެވެ.
“އާޒް ނޫނީ އަފޫގެ ވާހަކައެއް އަންނާނީ މި ކުއްޖާއާ ލޯބީގެ
ވާހަކައެއް ދެއްކިއްޔާ. ހެހެ….އާޒް ނިންދަވާލައިފިން. އަފޫ…..މިތާ ދެންމެއަކު އުޅުނެއްނު؟”
ސަދަފް ވަށައި ހޯދާލިއެވެ.
“އާނ ހުރި އަހަރެން ގެއަށް އައިއިރު. އަހަންނާ ވާހަކަ
ދައްކަން ވެސް އިން. އޭނަ ބުނީ ދެން ދޮންތަ ވެސް މިގެއިން ދާނީދޯއޭ. އެކަމަކު އެ
ވާހަކަ ދެއްކިއިރުވެސް ވަރަށް ފޯރީގަ އުފާވެފަހުރީ.” ނަޞްރާ ހިސާބަކަށް
ޙައިރާންވެހުރެ ވާހަކަ ދެއްކިއެވެ.
“އޭނަ ވެސް ދެން ވަކި ހިތާމައެއް ނުކުރާނެއެއްނު ނަޞްރާއަށް
އުފަލެއް ލިބޭ ދުވަހު؟ އަހަންނަށް ހީވަނީ އޭނަވީ ކޮޓަރީގަހެން.” ސަދަފް ކަނާތް
ފަރާތުގައި ހުރި ނަޞްރާގެ ކޮޓަރިއާއި ޖެހިގެން ހުރި އަފްރީންގެ ކޮޓަރީގެ ދޮރާއި
ދިމާލަށް ބަލާލަމުން ބުނެލިއެވެ. ނަޞްރާ ހޫންލައްވާލިއެވެ.
އަފްރީން އިނީ އޭނަގެ ކޮޓަރީގައި ހުރި އެނދުމަތީގައި
ދެފައި ދަމާލައިގެން ލެޕްޓޮޕް އުނގުމަތީގައި ބަހައްޓައިގެންނެވެ. އެ ބޮޑު އެނދުގެ
ހެޑްބޯޑަށް ލެނގި، ލެޕްޓޮޕަށް ނަޒަރު ހުއްޓައިގެން ހުރިއިރު އެ މޫނުމަތީގައި
ހިނިތުންވުމެއްވިއެވެ. ރޫޅާލެވިފައިވާ އިސްތަށިގަނޑު އެއްފަރާތަކަށް
ޖައްސާލެވިފައިވީއިރު އޭނަގެ ލޯ ހަނިވެފައިވި ގޮތުން އޭނަ މަސްތެއްގައި ޖެހިފައިވި
ފަދައެވެ. އޭނަގެ ލޯ އަމާޒުވެފައި ހުރި ލެޕްޓޮޕުން ފެންނަމުން ދިޔައީ އޭނަގެ
ފޭސްބުކް ޕްރޮފައިލެވެ. ކަނެއްގައި ހުޅުވިފައި ހުރި ޗެޓް ލޮގެއްގައި އޮތީ “ސިނާން
ވަޙީދު” މި ނަމެވެ. އެ ޗެޓް ލޮގްގައި އެންމެ ފަހަކަށް އައިސްފައި އޮތް މެސެޖަކީ
“އައި ލަވް ޔޫ” އެވެ. އަފްރީން އެ މެސެޖަށް އެއްވެސް ޖަވާބެއް ނުދީ އެއަށް
ބަލަހައްޓައިގެން އިނީއެވެ.
ސިނާންއަކީ މި ދިޔަ އަހަރުތެރޭގައި އަލަށް އަފްރީންމެން
ސްކޫލާއި ގުޅުނު ފިރިހެން ކުއްޖެކެވެ. ސިނާން އައީއްސުރެ އޭނައަކީ ކިހާ މޮޅު
ކުއްޖެއްކަން އެންމެނަށް ވެސް ފާހަގަވާން ފެށިއެވެ. ކުލާސް ޓެސްޓްތަކުންނާއި
ބައެއް މަންތްލީ ޓެސްޓްތަކުން ފުލް މާކްސް ހޯދުމަކީ އޭނައަށް އެއްވެސް
ކަމެއްނޫނެވެ. އަފްރީން ދަންނަ ގިނަ ފިރިހެން ކުދިންނާއި ޚިލާފަށް ސިނާން ކުލާސް
ކުރިމަތީގައާއި އެސަމްބްލީގައި އެއްވެސް ޖެހިލުމެއްނެތި އެކި އެއްޗެހި
ހުށަހަޅައެވެ. ސްކޫލުން ބާއްވާ އެކިއެކި އިތުރު ޙަރަކާތްތަކުގެ ތެރެއިން އޭނަ
ބައިވެރިނުވާ ޙަރަކާތެއްނެތޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. ސިނާންގެ މި ކަންތައް
ފާހަގަވެފައި އަފްރީން ކުރީކޮޅު އައީ ރުޅިއެވެ. އެހެނީ ސިނާން އައުމުގެ ކުރިން އެ
ކަހަލަ ދަރިވަރަކަށް މުޅި ސްކޫލްގައި ވެސް ހުރީ އޭނަ އެކަންޏެވެ. އެހެންކަމުން
އޭރު އޭނައަށް ބެސްޓް އޯލް ރައުންޑް ލިބޭނެ ކަމުގެ ޔަޤީންކަން ލިބިފައި އޮތެވެ.
ނަމަވެސް ސިނާން އައުމަށްފަހު އެކަން ބަދަލުވިއެވެ. ބައެއް ޓެސްޓްތަކުން
ސިނާންއަށް އޭނައަށްވުރެ މަތިން ލިބުމުން އަފްރީންއަށް ހުރެވެނީ ދަތްވިކަވިކައެވެ.
މި ދިޔަ އަހަރު ބޭއްވި ސްޕޯޓްސް ފެސްޓިވަލުން އޭނަގެ ހައުސް މޮޅުނުވެ ސިނާންގެ
ހައުސް މޮޅުވުމުން އަފްރީން ރުޅިން ގޮސް ފަޅައިގެން ނުދިޔައީ ކިރިޔާއެވެ. އޭނަގެ
މި ހުރިހާ އިޙްޞާޞެއް އޭނަ ޙިއްޞާކުރަމުން ދިޔައީ އޭރު އޭނަގެ ލޯބިވެރިޔާ ކަމަށްވާ
ނިމާލްއާއެވެ. އެއީ މި ދިޔަ އަހަރުގެ ފަހުކޮޅާ ހަމައަށެވެ. ދެވަނަ ސެމިސްޓާރގެ
ފަހު އިމްތިޙާން އޮތް ދުވަހު ނިމާލް އަފްރީންއާއި ވަކިވީ ތިމަންނަ އެހެން ކުއްޖަކާ
ރައްޓެހިވެއްޖައީމޭ ބުނަމުންނެވެ. މިއީ އަފްރީންއަށް އެއްގޮތަކަށްވެސް އާ
ކަމެއްނޫނެވެ. ނިމާލްއަކީ އޭނަ ރައްޓެހިވީ ހަތަރުވަނަ ކުއްޖާއެވެ. މީގެ ކުރިން
އަފްރީން އެދިގެން އެފަދަ ގުޅުމެއް ކެނޑިގެން ދިޔައީ އެންމެ ފަހަރަކުއެވެ. އެހެން
ފަހަރުތަކުގައި ބާކީވީ މީހަކަށްވީ އަފްރީންއެވެ. ނިމާލްއާއި ވެސް ވަކިވުމުން
އާދައިގެ މަތިން އެކަމުގެ ހިތާމައިގައި ދުވަސްކޮޅަކަށް އަފްރީން އުޅުނެވެ. އެ
ދުވަސްކޮޅު އަފްރީންއަށް އެކުވެރިކަމުގެ އަތެއް ދިއްކޮއްލީ ސިނާންއެވެ.
ފޭސްބުކްއިން ސިނާން ފްރެންޑް ރިކުއެސްޓެއް ފޮނުވުމުން އަފްރީން ހުރީ އެ
ޤަބޫލުނުކުރަން ވެގެންނެވެ. ހުއްޓާ ސިނާން އޭނައަށް މެސެޖް ފޮނުވަން ފެށިއެވެ.
ކުލާހުގައި އޭނައާ އެކުވެރި ނުވާ ކުއްޖަކަށް ހުރީ އަފްރީން އެކަނި ކަމުގައި
ބުނަމުންނެވެ. އަފްރީން ރުޅީގައި ހުރެ އޭނަ އެކުވެރިވާކަށް ބޭނުމެއްނުވާ ވާހަކަ
ބުންޏެވެ. ސިނާން އެއީ ކީއްވެތޯ ސުވާލުކުރުމުން އަފްރީން އޭގެ ޖަވާބުވެސް ދިނެވެ.
އޭނަ ރުޅި އަންނަ ކަންތައްތަކުގެ ވާހަކަ ކިޔައިދިނެވެ. އަދި ވާހަކަ ނިންމާލީ
ސިނާންއަކަށް ތިމަންނަ ދެރަ ނުކުރެވޭނެއޭ ބުނަމުންނެވެ. އެ ހުރިހާ ވާހަކައަކަށް
ސިނާން ހެވުނުކަން އޭނަ އިމޯޓިކޯންތަކުން އަންގާލިއެވެ. އަފްރީން އިނީ
ޙައިރާންވެފައެވެ. ސިނާން އޭނަގެ ހުރިހާ ވާހަކައެއް ސަމާސާއަކަށް ހަދައި ތިމަންނަ
މި އުޅެނީ ވާދަކުރާކަށް ނޫންކަމުގައި ސިނާން ބުންޏެވެ. އަދި އަފްރީން ބޭނުމިއްޔާ
އަފްރީންއަށް ބެސްޓް އޯލް ރައުންޑް ދޫކޮއްލާނެ ކަމުގައިވެސް ބުންޏެވެ. އޭނަ
ބޭނުންވަނީ ހަމައެކަނި އެކުވެރިވާން ކަމަށާއި، ކިޔެވުމުގައި އެކަކު އަނެކަކަށް
އެހީވުމުން ދެމީހުން ވެސް އިތުރަށް މޮޅުވާނެ ކަމުގައި ސިނާން ބުނެދިނެވެ. އަފްރީން
އެކަމާ އެއްބަސްވެ ސިނާންގެ ފްރެންޑް ރިކުއެސްޓް ޤަބޫލުކުރިއެވެ. އެ ދުވަހަށްފަހު
އަފްރީންއާއި ސިނާންއާ ދެމެދު ވާހަކައެއް ނުދެކެވެއެވެ. އެ ދެމީހުން ދެން
ބައްދަލުވީ ޑިސެމްބަރު މަހުގެ ޗުއްޓީއަށްފަހު ޖެނުއަރީގައި އަނެއްކާވެސް ސްކޫލް
ފެށުމުންނެވެ. ގްރޭޑް 10 އެއްގައި ވެސް އަފްރީންއާއި ސިނާން ޖެހުނީ
އެއްކުލާހެއްގައެވެ. އެއްދުވަހު އިންޓަވަލް ގަޑީގައި އަފްރީން ފިޒިކްސްގެ ސުވާލެއް
ހަދަން ނޭނގިގެން އުޅެނިކޮށް ސިނާން އައިސް އޭނައަށް އެހީވެދިނެވެ. އެ ވެގެން
ދިޔައީ އާ ފެށުމަކަށެވެ. އެ ދުވަހަށްފަހު ސިނާން އަބަދުވެސް އަފްރީންއަށް
އެހީވެދެއެވެ. އަފްރީން ވެސް ސިނާންއަށް އެއްޗެއް ނޭނގިގެން އުޅޭކަން
އެނގިއްޖެއްޔާ އެހީވެދެއެވެ. މާ ގިނަ ދުވަހެއްނުވެ އެ ދެމީހުން ވަރަށް ގާތް ދެ
އެކުވެރިންނަށްވިއެވެ. އަފްރީން ސިނާންއާމެދު ދެކެމުން އައީ އެކުވެރިއެއްގެ
ގޮތުގައި ކަމަށްވިޔަސް އެކުވެރިވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި ސިނާން ކިހާ
ރީތިކަން އަފްރީންއަށް ފާހަގަވާން ފެށިއެވެ. ސިނާން ހިނިތުންވުމުގައާއި އޭނަގެ
ހިނގުމުގައި އެ ހުންނަ ފިރިހެންވަންތަކަން އަފްރީންގެ ހިތް ދަމަންފެށިއެވެ.
އަފްރީންގެ އެ ހިތް ސިނާންއާއި އެހެން ފިރިހެން ކުދިންނާއި އަޅާ ކިޔައި ސިނާންގެ
މޮޅުކަމަށް ސިއްރުސިއްރުން ތަޢުރީފުތަކެއް ކުރަމުން ދިޔައެވެ. ސިނާންއަށް ވެސް
އޭނައަށްޓަކައި މިފަދަ އިޙުޞާޞްތަކެއް ކުރެވެން ފެށިކަން އަފްރީންއަށް އެނގުނީ
ސިނާން އޭނައަށް ބަލާލާ ނަޒަރު ތަފާތުވުމުންނެވެ. އޭނައާ ވާހަކަ ދައްކާ ގޮތްގަނޑު
ބަދަލުވާން ފެށުމުންނެވެ.
މިއަދަކީ އަފްރީން ސިނާންއާއި އެކުވެރިވިތާ ފަސްވަނަ މަސް
ފުރިހަމަވާ ދުވަހެވެ. ހަމަ މިއަދު ސިނާން މިވަނީ އަފްރީންއަށް ލޯބި
ހުށަހަޅާފައެވެ. އަފްރީން ހުރީ މި ދުވަހަށް އިންތިޒާރު ކޮށްގެންނެވެ. އޭނަ ހުރީ
ސިނާން އާއި ރައްޓެހިވާން ބޭނުންވެގެންނެވެ. ސިނާންގެ ޙަރަކާތްތަކުން މި ދުވަސް
އަންނާނެކަން އަފްރީންއަށް މާ ކުރިންވެސް އެނގެއެވެ. ދޭންވީ ޖަވާބާއިމެދު
އަފްރީންގެ ހިތުގައި އެއްވެސް ޝައްކެތް ނެތުމުން އަފްރީން “އައި ލަވް ޔޫ ޓޫ” އޭ
ޖަހައި ފޮނުވާލިއެވެ. ސިނާން އޭނަ އުފާވާކަން ސްޓިކާރއަކުން އަންގާލިއެވެ.
އަފްރީންއަށް ހީލެވުނެވެ. އޭނަ ޗެޓް ލޮގް ކްލޯސްކޮށްލަމުން އަމިއްލަ ޕްރޮފައިލަށް
ދިޔައެވެ. އަދި ޢާއިލާ މީހުންނަށް ނުފެންނާނެހެން އޭނަގެ ރިލޭޝަންޝިޕް ސްޓޭޓަސް
އަޕްޑޭޓްކޮށްލައިފިއެވެ. “އިން އަ ރިލޭޝަންޝިޕް ވިތް ސިނާން” އޭ ކިޔާފައި އޮތް
ޕޯސްޓަށް ވަގުތުން ލައިކްސްތަކާއި ކޮމެންޓްތައް ލިބެން ފެށިއެވެ. ކޮމެންޓްތަކުގައި
މިއީ ހަމަ އެންމެ ފުރިހަމަ ރިލޭޝަންޝިޕް ކަމުގައި މީހުން ބުނަމުން ދިޔަ ގޮތުން
އަފްރީންއަށް ފަޚުރުވެރިވެވުނެވެ. ހަމަ އަސްލުވެސް އެންމެ މޮޅު ފިރިހެން
ކުއްޖާއާއި އަންހެން ކުއްޖާވެގެން ހެދިފައި މިވަނީ ކިހާ ރީތި ލޯބީގެ
ވާހަކައެއްހެއްޔޭ އޭނަގެ ހިތް ބުންޏެވެ.
ގަޑިން 11:00 ޖެހިއިރު ނަޞްރާމެން ގެއިން ހުރިހާ
މެހުމާނުން ހުސްވިއެވެ. ޔޫނުސް ޝަރީފާއި އަފްރާޒާއި އެކީ ގެއަށް ވަދެގެން އައިއިރު
ނަޞްރާ ހުރީ އޭނަގެ ކޮޓަރީގެ ދޮރުމަތީގައި ކޮޓަރިއަށް ބަލަހައްޓައިގެންނެވެ.
“އަފޫ ތިތާ ތިހުރި ހުރިހާ ގަލަމެއް ދޮންތަގެ ހޭންޑްބޭގަށް
އަޅާ.” ނަޞްރާ ގޮވާލިއެވެ. ޔޫނުސްމެންނަށް އެ ދިމާލަށް ބަލާލެވުނެވެ. މާ
ގިނައިރެއްނުވެ އާދައިގެ ބުރުގާއެއް އަޅައިގެން ހުރި އަފްރީން ކޮޓަރީގެ
ދޮރުމައްޗަށް އައިސް ހިނިތުންވުމަކާއެކީ ނަޞްރާގެ އަތް ދަބަސް އޭނައަށް
ދިއްކޮއްލިއެވެ.
“ނަޞްރާ ކީއްކުރާހާ ގަލަމެއްތަ؟ ޔޫނުސްގެ ގޭގަ ގަލަން
ނުހުންނާނީތަ؟” އަފްރާޒް ހީލުމަކާއެކީ ދުރުގައި ހުރެ އަހާލިއެވެ. މޫނު
ނިވާނުކޮށްހުރި ނަޞްރާ ޖަވާބު ދިނުމަށްޓަކައި އެ ފަރާތަށް އެނބުރިލީ ވަގުތު ޔޫނުސް
ފެނިފައި އޭނަ ބިރެއް ފެނިގެން ކަހަލަ ގޮތަކަށް ދުރުބަލަމުން މޫނު ނިވާކޮށްފިއެވެ.
ޝަރީފާއި އަފްރާޒާއި އަފްރީން ވެސް ހޭންފެށި ވަގުތު ޔޫނުސް ޖިންސްގެ ޖީބަށް
އަތްޖަހައި ހިނިތުންވެލަމުން އިސްޖަހާލިއެވެ.
“ބަލަ ދެން ނަޞްރާ…..ޔޫނުސްއަށް ވެސް މުޅި
އުމުރަށް ނުހުރެވޭނެއޭ މައްސަލައެއްނެތޭ ކިޔަކިޔާ.” ޝަރީފް ދެން ވެސް ހެވިފައިހުރެ
އެހެން ބުނުމުން އަފްރާޒަށް އިތުރަށް ހެވުނެވެ. ދުރުގައި ހުރި ނަޞްރާއަށް ވެސް ހީލެވުނެވެ.
ނަމަވެސް އެކަން އެކަކަށްވެސް ނޭނގުނެވެ. ނަޞްރާ ކުރިމައްޗަށް ބަލާލި ވަގުތު މޫނު
އަޅައިގެން ހުރި ސަދަފް އޭނަގެ ހެދުން ފޮށި ދަމަމުން އައިސް ކޮޓަރިން ނިކުމެފިއެވެ.
“އަފްރާޒް މާ ބޮޑަށް ހޭނެކަމެއްނެތް. މުޅި މިރޭ ބަނޑުގަ
ރިއްސައިގެން އުޅެންޖެހޭނީ.” ސަދަފް އޭނަ ގެނައި ފޮށި ކޮޅަށް ބަހައްޓަމުން
ސީރިއަސް ރާގަކަށް ބުނެލިއެވެ. އެވަގުތު އަފްރާޒް ފިޔަވައި އެތާތިބި އެންމެނަށް
އަނެއްކާވެސް ހެވުނެވެ. އަފްރާޒް ޔޫނުސްގެ ކޮނޑުގައި އެއްއަތް އަޅާލިއެވެ.
“ޔޫނުސް….މިއީ އިނގޭ ދެން ވާނެގޮތް؟ ނުވެސް ހެވޭނެ
ރަނގަޅަކަށް.” އަފްރާޒް ބުނެލިއެވެ. ޔޫނުސް ހިނިތުންވުމަކާއެކީ އަފްރާޒްއަށް ބަލަންހުރެ
ނަޞްރާއަށް ބަލާލިއެވެ. އެވަގުތު ނަޞްރާވެސް ހުރީ އޭނައަށް ބަލަހައްޓައިގެންނެވެ.
ނަޞްރާގެ މޫނުމަތީގައި އެވަގުތުވި ކުލަވަރު ފެންނާނެނަމައޭ ޔޫނުސްގެ
ހިތަށްއެރިއެވެ. ނަމަވެސް އޭނަ އެއްވެސް އެއްޗެކޭ ނުބުންޏެވެ. ނަޞްރާ
އިސްޖަހާލިއެވެ.
“އާނ ދެން އަވަހަށް ދާންއުޅޭ ޔޫނުސް. ނަޞްރާ ގޮވައިގެން.”
ޝަރީފް ހުނުން މަޑުކޮށްލަމުން ބުނެލިއެވެ. އަނެއްކާވެސް ޔޫނުސްއާއި ނަޞްރާގެ
ލޯބައްދަލުވިއެވެ. ޔޫނުސް އިރުކޮޅަކު ހުރެފައި ނަޞްރާއާއި ދިމާލަށް ދާންފެށިއެވެ.
ނަޞްރާއަށް އަވަސްވެގެން ދިޔަ ހިތަކާއެކީ ދުރުބަލަން ފެށުއެވެ. އޭނަ ހީކުރީ ޔޫނުސް
އެ އަންނަނީ އޭނަގެ އަތުގައި ހިފައިގެން ދާންކަމަށެވެ. ނަމަވެސް ޔޫނުސް އޭނަ ހުރި
ހިސާބަށް އައިސް އެތާ ހުރި ފޮށި ނެގުމުން ނަޞްރާގެ ހިތް ހިތާމަކުރިއެވެ.
“ނަޞްރާއަށް ދޮންބެގެ ގިފްޓް ކަމުދާނެކަމަށް
އުންމީދުކުރަން. ފޮށި ތެރޭގަ އޮންނާނެ. ދޯ ސަދަފް؟” އަފްރާޒް ބުނެލިއެވެ. ނަޞްރާ
އަފްރާޒްއަށް ބަލަން ހުރެ ސަދަފްއަށް ބަލާލިއެވެ. އެވަގުތު ސަދަފް ދެލޯ މަރާލަމުން
ބޯޖަހާލިއެވެ.
“ކޮން ގިފްޓެއް؟ އަފޫއަށް ނުވެސް އަންގާ!” އަފްރީން
ޝަކުވާކުރިއެވެ.
“އެއީ ދޮންތައަށް ސަޕްރައިޒެއް. މިހާރަކު ނުބުނެވޭނެ.”
އަފްރާޒް ބުނެލިއެވެ.
“މިރޭ ދަންވެދާނެ ކަންނޭނގެ މި މީހުން މިތާ ތިއްބާ. ޔޫނުސް….” ޝަރީފް ޔޫނުސްއަށް
ބަލާލަމުން އޭނައަށް ގޮވާލިއެވެ. އަދި ނަޞްރާއާއެކީ ދިޔުމަށް ބޮލުން ޢިޝާރާތް ކުރިއެވެ.
ޔޫނުސް ވެސް ނަޞްރާއަށް ބަލާލަމުން ބޮލުގެ ޢިޝާރާތުން ހިނގާށޭ ބުނެލިއެވެ. ނަޞްރާ ބޯޖަހާލިއެވެ.
އަދި ޔޫނުސް ހިނގައިގަތުމުން އޭނަގެ ފަހަތުން ހިނގަން ފެށިއެވެ. ޝަރީފް ފަހަނަޅައި
ނަޞްރާ ދާން އުޅުނު ވަގުތު އޭނަ ނަޞްރާއަށް ގޮވާލިއެވެ. ނަޞްރާއާއި ޔޫނުސްގެ
ފިޔަވަޅުވެސް މަޑުޖެހި އެމީހުންގެ ނަޒަރު ޝަރީފަށް އަމާޒުވިއެވެ.
“އަންނައްޗޭ މިގެއަށް ދޭތެރެއަކުން.” ނަޞްރާގެ ބޮލުގައި
ފިރުމަމުން އެހެން ބުނެލިއެވެ. އެވަގުތު އެ މޫނުމަތިން ފެނުނު ހިތާމައިގެ
އަސަރަކުން ނަޞްރާގެ ލޯ ތެމުނެވެ. އޭނަ ދާން މިއުޅެނީ ކިތަންމެ ކައިރީގައި ހުރި
ގެއަކަށް ކަމަށްވިޔަސް މި ދާން އުޅެނީ މާ ދުރު ތަނަކަށްހެން ހީވަމުން ދިޔައެވެ.
ނަޞްރާއަކަށް އެއްވެސް އެއްޗެކޭ ނުބުނެވުނެވެ. އޭނަ ހަމައެކަނި ބޯޖަހާލިއެވެ.
“ކިތަންމެ ބޭނުން ނުވިޔަސް ދެން އަންނަންތާޖެހޭނީ.”
އަފްރާޒް ލާނެތް ރާގަކަށް ބުނެލިއެވެ. ނަޞްރާ ފަސްއެނބުރި އޭނައަށް ބަލައި ދެލޯ
ހަނިކޮށްލި ގޮތުން ނަޞްރާ ދޫނެރުނީކަން އަފްރާޒްއަށް އެނގުނެވެ. އެއީ ނަޞްރާ
އެންމެ ކުޑައިރުވެސް ހަދާގޮތްކަން ހަނދާނަށް އައުމުން އަފްރާޒްއަށް ވެސް
ނަޞްރާއަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭނަ ބޭރަށް ދިޔަޔަސް އޭނަވެސް
ނަޞްރާމަތިން ހަނދާންވާނެ މިންވަރު އިޙްޞާޞް ކުރެވުނެވެ.
“އަފޫއަށް މައްސަލައެއްނެތްދޯ ދޮންތަ ދިޔަޔަސް؟” ސަދަފް
އޭނަ ކައިރީގައި ހުރި އަފްރީން ގާތު އެންމެނަށް އިވޭވަރަށް އަހާލިއެވެ.
“އާނ އަފޫއަކަށް އެއްވެސް މައްސަލައެއްނެތް. އަފޫއަށް
ބޭނުންހާއިރެއް ވަންދެން ޓީވީ ބަލަން ހުރެވޭނެއެއްނު؟” އަފްރީން ސަމާސާ ރާގަކަށް
ބުނެލިއެވެ. ނަޞްރާ ކަރުތެރެއިން ރުޅި އަންނަ ކަހަލަ އަޑެއް ލައްވަމުން އަފްރީންއާ
ދިމާލަށް ފިޔަވަޅުތަކެއް އަޅާލިއެވެ. އަފްރީންއާއެކު ދެންތިބި އެންމެނަށް ވެސް
ހެވުނެވެ.
“ބައްޕާ މި އަފޫ ރަނގަޅަށް ބަލާތި.” ނަޞްރާ ޝަރީފްގާތު
އެހެން ބުނެލީ ޙަޤީޤަތުގައި ވެސް އަފްރީންއަށްޓަކައި ކަންބޮޑުވެ ހުރެއެވެ.
އަފްރީން ހުރިހާ ނުބައި ކަމަކުން ދުރުކުރެއްވުމަށް އެދި ނަޞްރާއަށް ހިތާހިތުން
ދުޢާކުރެވުނެވެ.
“ބަލަ…..ޔޫނުސް ހުންނަތާ ކިހާއިރެއް؟ ޔޫނުސް ދެން މި މީހުން ވާހަކަ
ދެއްކިއަސް ދޭ. އަވަހަށް ދޭ.” ޝަރީފް ޔޫނުސްއަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.
އެވަގުތު އަފްރާޒްމެން ހީލިއެވެ.
“ހިނގާ.” ޔޫނުސް ޖެހިލުންވުމަކާއެކީ އެހެން ބުނެލަމުން
ނަޞްރާގެ އަތުގައި ހިފާލިއެވެ. ނަޞްރާ އެއްފަހަރު އޭނަގެ އަތަށް ބަލައި
އަނެއްފަހަރު ޔޫނުސްއަށް ބަލާލިއެވެ. އޭނަ ބޭނުންވި ކަންތައްމިވީ އަދި ކިރިޔާއެވެ.
ނަޞްރާއަށް ސިއްރުސިއްރުން ހިނިތުންވެލެވުނެވެ. ހަމަ އެއާއެކު ޔޫނުސް ހިނގަން
ފެށުމުން ނަޞްރާވެސް ހިނގައިގަތެވެ.
ގެއަށް ދިޔަ މަގުމަތީގައި ޔޫނުސްއަށް އަނެއްކާވެސް
ވިސްނެންފެށީ ނަޞްރާއާއި ވާހަކަ ދައްކަން ފަށާނެ ގޮތަކާއިމެދުގައެވެ. ފޮށި
އުފުއްލައިގެން ހިނގަމުން ދިޔަ ޔޫނުސްގެ ފަހަތުން ދިޔައިރު ނަޞްރާއަށް ވިސްނެމުން
ދިޔައީ އޭނަ މޫނު ފޮތިކޮޅު ނަގާނެ އިރަކާއިމެދުގައެވެ. ގެއަށްވަދެ ވަގުތުން ނަގާނީ
ހެއްޔެވެ؟ ނޫނީ ޔޫނުސް ނަގަންދެން މަޑުކުރާނީ ހެއްޔެވެ؟ ނޫނީ ދުވަހަކުވެސް
ނުނަގާނީ ހެއްޔެވެ؟ އެންމެ ފަހު ގޮތަކީ ނަޞްރާ ކިތަންމެ ބޭނުންވާ ގޮތް
ކަމަށްވިޔަސް އޭނަ އެ ގޮތަށް ކައިބޮއި އުޅޭނީ ކިހިނެއްތޯ އޭނަގެ ހިތް
ސުވާލުކުރިއެވެ.
ޔޫނުސް ގޭގެ ދޮރުގެ ތަޅު ހުޅުވަމުން ގެއަށް ވަތް ވަގުތު
އޭނައަށް ނަޞްރާއާއި ވާހަކަ ފަށާނެ ގޮތުގެ މޮޅު ޚިޔާލެއް ލިބުނެވެ. މުޅި ގެ
ނަޞްރާއަށް ދައްކާނީއެވެ. އެއީ އެހެންނޫނަސް ކުރަންޖެހޭނެ ކަމެއްނޫން ހެއްޔެވެ؟
ޔޫނުސް އެތާ ފާރު ކައިރީގައި ނަޞްރާގެ ފޮށި ބަހައްޓަމުން ގެއަށްވަދެ ދޮރު ލައްޕާލި
ނަޞްރާއަށް ބަލާލީ ހެވިދިއްލިފައި ހުރެއެވެ. ނަޞްރާ ޔޫނުސްއަށް ބަލާލި ވަގުތު
ޔޫނުސްގެ މޫނު ފެނިފައި ނަޞްރާ ހުއްޓުން އެރިއެވެ. ޔޫނުސްއަށް އެހާވަރަށް ހެވެނީ
ކީއްވެބާއޭ އޭނަގެ ހިތަށްއެރިއެވެ.
“މިހިރީ ސިޓިންގް ރޫމް!” ޔޫނުސްއަށް ފޯރި އަރައިގެން ގޮސް
ކަނާތް ފަރާތަށް ޢިޝާރާތްކޮށްލަމުން ބުނެލެވުނީ އެހެންނެވެ. ހަމަ އެއާއެކު
އޭނައަށް ބުނެވުނު އެއްޗެއްގެ މޮޔަކަން އިޙްޞާޞް ކުރެވުނެވެ. މިއީ ސިޓިންގް
ރޫމެއްކަން ނަޞްރާއަށް ނޭނގެނީ ހެއްޔެވެ؟ ޔޫނުސްގެ ހިނިތުންވުން ފަނޑުވެގެން
ދިޔަދިޔަހެން އޭނަ އޭނަގެ އުފުލާލެވިފައިވާ އަތްވެސް ތިރިކޮށްލައިފިއެވެ.
“ހްމް….” ނަޞްރާއަކަށް ބުނާނެ އިތުރު އެއްޗަކާމެދު ނުވިސްނުނެވެ.
މިތާނގައި ޔޫނުސް ކޮށްއުޅެނީ ކޮންކަމެއްތޯ އަހަން ހިތަށްއެރިއެއްކަމަކު އެއީވެސް ދެން
ކޮންކަހަލަ ސުވާލެއްހޭ ނަޞްރާގެ ހިތް ބުންޏެވެ.
ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު އަނެއްކާވެސް ވާހަކަ
ދެއްކީ ޔޫނުސްއެވެ.
“އާދޭ.” ޔޫނުސް ބުނެލީ ހަމައެކަނި އެހާވަރަށެވެ. އެހެން
ބުނެލަމުން އޭނަ ނަޞްރާއަށް ފަސްދީފައި ގޭގެތެރެއަށް ދާން ހިނގައިގެންފިއެވެ.
ނަޞްރާ އޭނަގެ ފަހަތުން ދާން ހިނގައިގަތެވެ. ސިޓިންގް ރޫމް ފަހަނަޅައި ދެވެން އޮތް
ހަނި މަގުގެ ދެފަރާތުން ދޮރުތަކެއް ފެންނަމުން ދިޔައެވެ. ކަނާތް ފަރާތުން އެންމެ
ފުރަތަމަ ހުރި ދޮރު ޔޫނުސް ހުޅުވާލިއެވެ.
“މިހިރީ ކާގެ.” ޔޫނުސް އެހެން ބުނެލަމުން ނަޞްރާއަށް
ބަލާލިއެވެ. ނަޞްރާ އެތާ ތެރެއަށް ބަލާލަމުން އެއްފަހަރު ބޯޖަހާލިއެވެ. ޔޫނުސް
އަނެއްކާވެސް ކުރިއަށް ހިނގައިގަންނަމުން އެ ދޮރާއި ޖެހިގެން ހުރި ދޮރު ކައިރިއަށް
ގޮސް އޭތިވެސް ހުޅުވާލިއެވެ.
“މިހިރީ ބަދިގެ. އެއް…” ޔޫނުސް އިތުރަށް ބަދިގެއާއިމެދު
އެއްޗެކޭ ބުނަން އުޅުނެއްކަމަކު ނުބުނެވުނީ އޭނައަށް މި ވާހަކަ ދެއްކެނީ ވަރަށް
މޮޔަކޮށޭ އޭނަގެ ހިތް ހުއްޓުމެއްނެތި ބުނަމުން ދިޔައީތީވެއެވެ. މި އިނދެވުނީ
ސިކުނޑި ސަކަރާތްވެފައިހުރި މީހަކާއޭ މިވަގުތު ނަޞްރާގެ ހިތަށްވެސް އަރާނެކަން
ޔަޤީނެވެ. ޔޫނުސް ނަޞްރާއަށް ބަލަހައްޓައިގެން ހުއްޓާ ނަޞްރާ އަނެއްކާވެސް ޔޫނުސް
ހުޅުވާފަ ހުރި ދޮރުން އެތެރެ ބަލާލަމުން ބޯޖަހާލިއެވެ. ޔޫނުސް ދެން ހިނގައިގަތީ އެ
ހަނި މަގުގެ ވާތް ފަރާތަށެވެ. ޔޫނުސްގެ ފަހަތުން ދަމުން އެ ފަރާތަށް އަނބުރާލި
ވަގުތު ނަޞްރާގެ އެއްލޮލަށް އެއްޗެއް އެޅުނުހެން އޭނައަށް ހީވެއްޖެއެވެ. ނަޞްރާ
އަވަސްއަވަހަށް އެސްފިޔަ ޖަހާލީ ރަނގަޅުވާނެ ކަމަށް ހީކޮށެވެ. ނަމަވެސް
ރަނގަޅެއްނުވިއެވެ. އޭނަ ޔޫނުސްގެ ފަހަތުން ދަމުން އެ ލޯ އުނގުޅަން ފެށިއެވެ.
ނަމަވެސް މޫނުފޮތިކޮޅުގެ ސަބަބުން އޭނައަށް އެކަން ރަނގަޅަށް ކުރެވޭ
ގޮތެއްނުވިއެވެ. ނަޞްރާ މާ ބޮޑު ވިސްނުމެއްނެތި އެ ފޮތިކޮޅު މޫނުން ނަގާލިއެވެ.
އެވަގުތު ޔޫނުސް ދޮރެއްގެ ކައިރިއަށް ގޮސް މަޑުކޮށްލައިފިއެވެ. ނަމަވެސް ނަޞްރާގެ
ސަމާލުކަން ދެވިފައިވީ އޭނަގެ ލޮލަށް ކަމުން އޭނަ ދެންވެސް ކުރިއަށް ހިނގަމުން
ދިޔައެވެ.
“ކޮޓަރި!” ޔޫނުސް އެހެން ބުނެލަމުން ފަސްއެނބުރިލީ ވަގުތު
ނަޞްރާ އޭނަގެ އަތުތެރެއަށް އައިސްވަނެވެ. ނަޞްރާގެ މޫނު ގޮސް އޭނަގެ މޭމަތީގައި
ޖެހުނު ވަގުތު ޔޫނުސް ގަނޑުވިއެވެ. ނަޞްރާގެ ގައިގައި ހިފަހައްޓާލަން ވެސް
ނޭނގިފައި އޭނައަށް ހުރެވުނެވެ. މިވީ ކީއްކަން އޭނައަށް އެއްގޮތަކަށް ވެސް
ނޭނގުނެވެ.
ވީ ގޮތެއް ނަގައިގަނެވުނު ނަޞްރާއަށް ދެލޯ ބޮޑުކޮށްލަމުން
ދުރަށް ޖެހިލެވެން އުޅުނެވެ. ނަމަވެސް މާ ދުރަށް ނުދެވެނީ އޭނަ ވަށަލެވިގެންވީ
ޔޫނުސްގެ އަތް އިޙްޞާޞް ކުރެވުމުން އިތުރަށް ދުރަށް ދާކަށް ނުކެރުނެވެ. ނަޞްރާއަށް
ޔޫނުސްއަށް ބަލަހައްޓައިގެން ހުރެވުނެވެ. އެވަގުތަށްޓަކައި ނަޞްރާ އޭނަގެ ލޮލަށް
އެއްޗެއް އެޅިފައިވިކަން ވެސް ހަނދާން ނެތުނެވެ. އޭނަ މިހިރީ މޫނު ފޮތިކޮޅު
ނަގައިގެންކަން ފާހަގަވީ ވަގުތު ނަޞްރާގެ މޫނު ރަތްވިއެވެ. އޭނަ މޫނުގައި
އަތްއަޅަން ބޭނުންވިއެވެ. ނަމަވެސް އެއްވެސް ޙަރަކާތެއް ނުކުރެވުނެވެ.
ކުރިމަތިން ފެންނަމުން ދިޔަ ސޫރައަކުން ޔޫނުސްގެ ލޮލަށް
ފިނިވިއެވެ. މީގެ އަހަރުތަކެއް ކުރިއަށް އޭނަގެ ޚިޔާލުތައް ދަތުރުކުރިއެވެ. އެހެން
ރަށަކުން އައި އެތައް ބީރައްޓެހިންގެ ތެރެއިން އޭނައަށް ފާހަގަވީ އެންމެ ސޫރައަކީ
މިއީއެވެ. ނަޞްރާގެ މޫނަށް ކުޑަވެސް ބަދަލެއް ނާންނަހެން ޔޫނުސްއަށް ހީވިއެވެ. އެ
މޫނުމަތިން ފެނުނު އެތައް ކުލަވަރެއް ހަނދާނަށް އައުމުން ޔޫނުސްއަށް
ހިނިތުންވެލެވުނެވެ. އޭނައަށް އަނެއްކާވެސް އެ ހުރިހާ ކުލަވަރެއް ބޭނުންވަރަކަށް
ފެންނާނެކަން އެނގުމުން ހިތާހިތުން ޙަމްދުކުރެވުނެވެ.
ނަޞްރާއާއި ޔޫނުސް އެކަކު އަނެކަކަށް ބަލަހައްޓައިގެން
ތިއްބާ އެދެމެދަށް ވެރިވެފައިވި ހިމޭންކަން ނަގާލީ ރިންގުވާންފެށި ޔޫނުސްގެ
ފޯނެވެ. އެއާއެކު ޔޫނުސް ހިތާއި ދެކޮޅަށް ނަޞްރާގެ ގައިން ދޫކޮއްލުމުން ނަޞްރާ
ވެސް އިސްޖަހާލަމުން ދުރުވެލިއެވެ. ޔޫނުސް އޭނަގެ ޖިންސްގެ ޖީބަށް އަތްކޮއްޕައި
ފޯނު ނެގިއެވެ. އޭގެ ސްކްރީނަށް ބަލާލިއިރު ފެނުނު ނަމަކުން ޔޫނުސްގެ
ނިތަށްރޫއެރިއެވެ.
“އެބަ އަންނަން.” ޔޫނުސް ނަޞްރާއަށް ފޯނު ދައްކާލަމުން
ބުނެލިއެވެ. ނަޞްރާ މަޑުމަޑުން ބޯޖަހާލިއެވެ. ޔޫނުސް ފޯނު ހިފައިގެން ސިޓިންގް
ރޫމަށް ދިޔަތަން ބަލަން ނަޞްރާއަށް ހުރެވުނެވެ. ޔޫނުސް ނަޞްރާގެ ލޯމައްޗަށް
ގެއްލުނުތަނާހެން ޔޫނުސް ހެލޯއޭ ކިޔާލި އަޑު ނަޞްރާއަށް އިވުނެވެ. ނަޞްރާ
ކޮޓަރިއަށް ވަނީ އޭނަ އަޑުއަހަން ޔޫނުސް ބޭނުން ނުވާނެ ވާހަކައެއް އަޑު
ނޭހުމަށްޓަކައެވެ.
“ކީކޭ ޝިފާޒް؟” ސިޓިންގް ރޫމުގެ މެދުގައި ކޮޅަށް ހުރި
ޔޫނުސް ފޯނުގެ އަނެއްކޮޅުގައި ހުރި މީހަކާ ސުވާލުކުރިއެވެ. ފޯނުގެ އަނެއްކޮޅުން
މިއުޒިކެއްގެ އަޑު ޔޫނުސްއަށް އިވެމުން ދިޔައެވެ.
“އޭ ޔޫންސް އާދެބަލަ ޕާޓީއަށް.” ޝިފާޒް ނިކަން ޖޯޝާއެކީ
ބުނެލި އަޑުއިވުނެވެ. ޔޫނުސް ޙައިރާންވިއެވެ.
“ކީއްވެތަ ޝިފާޒް އަހަރެންގެ މަތިން ކުއްލިއަކަށް ތި
ހަނދާންވީ؟” ޔޫނުސް އަހާލިއެވެ. ޝިފާޒް ޗޮއްކަނޑާލި އަޑުއިވުނެވެ.
“މިވެސް ދެން އަނގަގަދަ ސޮރެއް. ކޮންމެ ކަމަކާމެދު
ސުވާލުކުރަން ޖެހޭތަ؟ މާ ގިނަ ވާހަކަ ނުދައްކާ ޕާޓީއަށްއާދޭ.” ޝިފާޒް ނުރުހިފައި
ކަހަލަ ގޮތަކަށް ބުނެލިއެވެ.
“ނާންނާނަން އަހަންނެއް.” ޔޫނުސް ސީދަލަށް ބުނެ ފޯނު
ބާއްވަން އުޅުނުތަނާ ޝިފާޒް ވާހަކަ ދެއްކިއެވެ.
“ޔޫނުސް ޔޫނުސް ޔޫނުސް….ފޯނު ނުބާއްވައްޗޭ
ޕްލީޒް. ނަވާޒް އަހަރެން ކައިރީގަ ބުނުއްވީ ޔޫނުސް ގެންނާށޭ.” ޝިފާޒް ވާހަކަ ދެއްކަމުން
ދިޔަ ރާގު ބަދަލުވިއެވެ. އޭނަ އެންމެ ފަހު ޖުމްލަ ބުނެލީ ވައި އަޑަކުންނެވެ.
“ކާކޭ؟” ޔޫނުސް ނިތަށް ރޫއަރުވައިގެން ހުރެ އަހާލިއެވެ.
“ނަވާޒް. މަނިކުފާނު ދުރުވެފަ އެބަ ހުންނެވި. މިރޭ ޕާޓީ
ފެށުނު ފަހުން މި ކޮޅަށް ދުރުވީވެސް.” ޝިފާޒް ބުނެލިއެވެ. ޝިފާޒް ވާހަކަ
ދައްކަމުން ދިޔައިރު ޔޫނުސްގެ ނިތުން ރޫ ފިލަމުން ދިޔައެވެ. ނަމަވެސް އޭނަގެ
ވައްޓާލެވިފައިވާ އަތް މުއްކެވިގެން ދިޔަ ވަގުތު އަނެއްކާވެސް އޭނަގެ ބުމަ
ގޮށްޖެހުނެވެ.
Comments
Post a Comment