Hijra (part 4)
ކީއްކުރަންތަ މިގެއަށް ތިއައީ؟” ޝަރީފް ނުރުހުމުގެ
ރާގަކަށް އެ ޒުވާނާއާ އެސުވާލުކުރުމުން ނަޞްރާގެ ދެބުމަ ކައިރިވިއެވެ. ޝަރީފްގެ
މޫނުމަތިންވެސް އޭނަ ހިތްހަމަނުޖެހިފައި ހުރި މިންވަރު ނަޞްރާއަށް ފާހަނގަވީ
ދެނެވެ. ޝަރީފްގެ ސުވާލަށް އެޒުވާނާ ބަލާލީ ނަޞްރާއާއި ދިމާލަށެވެ. ނަޞްރާއަށް
ވަގުތުން އިސްޖަހާލެވުނެވެ. އެޒުވާނާ އޭނައާއި ދިމާލަށް ބަލަންވީ ކީއްވެކަމެއް
ނަޞްރާއަކަށް އެންމެ ފުރަތަމަ ނަގައިގަންނާކަށް ނޭނގުނެވެ. ނަމަވެސް އޭނަގެ
އަތުތެރޭގައި އޮތް އަނގޮޓި ފެނުމާއެކު ނަޞްރާ އިސްއުފުލާލަމުން އެއްޗެކޭ ބުނަން
އުޅުނު ވަގުތު ޝަރީފް ވާހަކަ ދެއްކިއެވެ.
“މީނަ އައީ ކީއްކުރަންތަ؟” ޝަރީފްގެ ނަޒަރު
ނަޞްރާއަށް އަމާޒުވިއެވެ. އެވަގުތު އެޒުވާނާ އިސްޖަހައިގެން ހުރީ ކުށްވެރިއަކު
ފަދައިންނެވެ.
“ބައްޕާ މިއޮތީ އަނގޮޓި….އޭނަ ގެނައީ.” ނަޞްރާ
އަތުގައި އޮތް އަނގޮޓި ދައްކައި ޖަވާބުދެމުން ބަލާލީ އެޒުވާނާއާއި ދިމާލަށެވެ.
އެވަގުތުވެސް އިސްޖަހައިގެން ހުރި އެ ޒުވާނާގެ ދެލޯ ވަނީ މަރާލެވިފައެވެ. ދުރުގައި
ހުރިއިރުވެސް އޭނަގެ ކަތުރުކަށިގަނޑަށް ބާރުކޮށްފައި ހުރިވަރު ނަޞްރާއަށް ފާހަނގަ
ކުރެވުނެވެ. ނަޞްރާ އިސްޖަހާލަން އުޅުނު ވަގުތު އެޒުވާނާގެ މުއްކެވިފައިވާ އަތް
ފެނިފައި ނަޞްރާގެ ޙައިރާންކަން އިތުރުވިއެވެ.
“އައި މަޤްޞަދު ފުރިހަމަ ވެއްޖެއެއްނު؟ ދެން
ދާންއުޅޭ.” ޝަރީފް ދެންވެސް އެޒުވާނާއާއި މުޚާތަބުކުރި ރާގުން ނަޞްރާއަށް
ކަމަކުނުދިޔައެވެ. ތިމާގެ ދުޝްމިނަކާވިޔަސް ރުޅިވެރިކަމާއެކު ވާހަކަ ދައްކާކަށް
ނުވާނެއެވެ. އެންމެންނާވެސް ވާހަކަ ދައްކަންވާނީ ހެޔޮހިތުންނެވެ. އެޒުވާނާއަކީ
އެހީތެރިކަމުގެ އަތެއް ފޯރުކޮއްދިން އަމާނާތްތެރިއެކެވެ. ނަޞްރާމެންގެ
އަވަށްޓެރިއެކެވެ. ވީއިރު އެޒުވާނާއާމެދު ކަންތައްކުރަން ޖެހޭނީ އެއަށްވުރެވެސް
ރަނގަޅަކަށްނޫންހެއްޔެވެ؟ ނަޞްރާ ބަލަހައްޓައިގެން ހުއްޓާ އެޒުވާނާ ޝަރީފަށް
ލުއިގޮތަކަށް ބަލާފައި ގެއިން ނިކުމެގެން ދިޔައެވެ. އެޒުވާނާ އަނދިރިކަމުގެ
ތެރެއަށް ގެއްލުނު ވަގުތު ޝަރީފް ބާރަކަށް ހިނގާފައި އައިސް ގެއަށްވަނެވެ.
ނަޞްރާއަށް ދޮރުމަތިން ދުރުވެވުނީވެސް ކިރިޔާއެވެ. ނަޞްރާ ހީކުރީ ޝަރީފް އެ ދިޔަގޮތަށް
ގޮސް ވަންނާނީ ކޮޓަރިއަށް ކަމަށެވެ. ނަމަވެސް ސިޓިންގް ރޫމުގެ މެދާއި ހަމައަށް
ގޮސް އޭނަ ފިޔަވަޅު މަޑުޖައްސައިފިއެވެ. ނަޞްރާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.
“އޭނަ ނަޞްރާއާއި ވާހަކަ ދެއްކިތަ؟” ހިސާބަކަށް
ހަރުކަށި އަޑަކުން ޝަރީފް ހުރިގޮތަށް ހުރެ އަހާލިއެވެ.
“ނުދައްކާ….އޭނަ ނުވެސް….” އެޒުވާނާ ގެއަށް
ނުވެސް ވަންނަ ވާހަކައާއެކު އޭނަގެ ރަނގަޅުކަން ހާމަކުރުމަށްޓަކައި ނަޞްރާ ވާހަކަ ދައްކަން
އުޅުމުން ޝަރީފް މެދުކަނޑާލިއެވެ.
“އޭނަ ވާހަކަ ދައްކަން އުޅުނަސް ވާހަކަ ނުދައްކާތި.
އެއީ އެހާ ރަނގަޅު މީހެއްނޫން.” ޝަރީފް ނަޞްރާއަށް ބަލާލުމެއްވެސް ނެތި އެހެން
ބުނުމަށްފަހު ދިގު ފިޔަވަޅުތަކެއްގައި ގޮސް ކޮޓަރިއަށްވަދެ ބާރަށް
ދޮރުލައްޕައިފިއެވެ. ނަޞްރާ ކުޑަކޮށް ސިހުންވިއެވެ. އެވަގުތު އަފްރީންވެސް އޭނަގެ
ކޮޓަރިން ނިކުތެވެ. އަދި ޝަރީފްގެ ކޮޓަރީގެ ލައްޕާލެވިފައިވާ ދޮރަށް ބަލާލަމުން
ޙައިރާންކަމާއެކު ނަޞްރާއަށް ބަލާލިއެވެ.
“ކިހިނެއްވީތަ؟” އަފްރީން އަހާލިއެވެ.
“ކަމެއްނުވޭ. އަނގޮޓި ލިބިއްޖެ. ބައްޕައަށް މާ ބާރަށް
ދޮރުލައްޕާލެވުނީ.” ނަޞްރާ އަފްރީންއަށް ދެންމެ ހިނގި ކަންތަކުގެ ވާހަކަ
ކިޔައިދޭކަށް ބޭނުމެއްނުވިއެވެ. އެ ކަންތައް އެހެންވާންވީ ކީއްވެގެންކަން ޚުދު
އޭނައަށްވެސް ސާފުނުވެއެވެ. ވީއިރު އަފްރީންއަށް އެވާހަކަ ކިޔައިދިނުމުން އޭނައަށް
ކުރިމަތިވެދާނެ ސުވާލުތަކަކުން ނަޞްރާ ސަލާމަތްވާން ބޭނުންވިއެވެ. އެހެންނޫނަސް
ބައްޕަގެ ފަރާތުން ދެންމެ ފެނުނު ޙަރަކާތްތަކުން ނަޞްރާހުރީ އެއްގޮތަކަށްވެސް
ވާހަކަ ދައްކަން ބޭނުންނުވެފައެވެ.
“އަހް ތޭންކް ގޯޑް އަނގޮޓި ލިބުނުކަން….ކޮންތާކުންތަ ފެނުނީ؟”
އަފްރީން ނަޞްރާގެ ގާތަށް އައިސް އަނގޮޓި ހޯދަމުން ބުނެލިއެވެ. އެވަގުތު ނަޞްރާގެ މޫނުމަތި
ނިވާކުރެވިފައި ނުވިނަމަ އަފްރީންއަށް އެ މޫނުމަތިން ކަންބޮޑުވުން ފެނުނީހެވެ.
ނަމަވެސް އަފްރީން ހިނިތުންވުމަކާއެކީ ޖަވާބަކަށް އިންތިޒާރު ކޮށްގެން ހުރީއެވެ.
“ނޭނގެ…..ހިނގާދޯ ކާން؟” ނަޞްރާ
ވާހަކަ ކުރުކޮށްލުމުގެ ގޮތުން ބުނެލިއެވެ. ނަޞްރާގެ ނަސީބު ރަނގަޅުކަމުން އަފްރީން
ވަގުތުން އާނއެކޭ ބުނެލީ ވަރަށް ބަނޑުހައިވާ ވާހަކަ ބުނަމުންނެވެ.
ކޮޓަރީގެ އެނދުމަތީގައި ބޯ ރަޖަލެއް އަޅައިގެން އޮތް
ނަޞްރާގެ ނަޒަރު ހުއްޓިފައިވީ ސީލިންގަށެވެ. އޭނަ އެހެން އޮތްއިރު ވާރޭގެ ތިކިތައް
ފުރާޅުގައި ޖެހެމުން ދިޔަ އަޑު އިވެމުން ދިޔައީ ނާނާއެއްގެ ގޮތުގައެވެ. ނަމަވެސް
އޭނަގެ ލޮލަކަށް މިރޭ ނިދި އަންނަ ގޮތެށް ނުވެއެވެ. އޭނަގެ ސިކުނޑި އެކިއެކި
ފިކުރުތަކަކާއެކީ ގަދައަށް މަސައްކަތް ކުރަމުން ދިޔައެވެ. އޭނަގެ ސިކުނޑިއަށް
ވެރިވަމުން ދިޔައީ ހާސް ސުވާލުތަކެވެ. ނަމަވެސް ޖަވާބު ލިބެމުން ދިޔައީ
ސުމަކުންނެވެ. އޭނައަށް އެޒުވާނަކު ފެނުނު ފަހުން އެ ޒުވާނާއާއިމެދު އޭނަގެ ހިތްކުރާ
ސުވާލުތައް އެހެންނޫނަސް ދިޔައީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ނަމަވެސް
މިރެއަކީ އަދި އެ ސުވާލުތަކަށް އާ އިންޤިލާބެއް ގެނައި ރެއެކެވެ. އޭނަގެ ބައްޕަ އެ
ޒުވާނާއަށް ނަފްރަތު ކުރަންވީ ކީއްވެކަން ނަޞްރާ އިންތިހާއަށް އެނގެން
ބޭނުންވިއެވެ. ބައްޕަ އެޒުވާނާއަކީ ރަނގަޅު މީހެއްނޫންކަމަށް ބުނި ވާހަކަ
ނަޞްރާއަށް ހަމަޖެހޭ އެއްޗަކަށް ނުވިއެވެ. އެހެނީ އޭނައަށް އެޒުވާނާ ފެނުނީއްސުރެ
އޭނައަށް ފެންނަމުންދަނީ އެޒުވާނާގެ ރަނގަޅު ސިފަތަކެވެ. އަވަށްޓެރިޔާއާއެކީ
ކޮންމެ ނަމާދެއްކުރަން މިސްކިތަށް ދިޔުމާއި، މަގުމަތިން ފެންނަ މުސްކުޅިންނަށް
އެހީތެރިވުމާއި، ކުޑަކުދިން ހެއްވާލުމަކީ އޭނަގެ އާދަތަކެވެ. އެ އާދަތަކަކީ އެއިން
މީހަކަށް އެންމެންގެ ލޯބި ލިބިގަނެވޭނެފަދަ އެއްޗެކެވެ. ނަމަވެސް ބައްޕައަށް
މިވެގެން އުޅެނީ ކިހިނެއްބާއޭ ނަޞްރާގެ ހިތަށްއަރަމުން ދިޔައެވެ. ބައްޕަގެ
އަމިއްލަ ދަރިފުޅަށް މިރޭ އޭނަ އެހީތެރިވެދިނުމުން ވެސް ބައްޕަގެ ހިތް އެ
ޒުވާނާއަށް ސާފުވީހެނެއް ހިއެއްނުވެއެވެ. ނަޞްރާއަށް ޚިޔާލުތަކުގައި އޮވެ ދެލޯ
މަރާލަމުން ފުން ނޭވައެއް ދޫކޮއްލެވުނެވެ. އެވަގުތުކޮޅަށް ނަޞްރާއަށް ހަމަޖެހުމެއް
ލިބުނެއްކަމަކު ދެލޯ ހުޅުވާލުމާއެކު އަނެއްކާވެސް އޭނަގެ ސިކުނޑި މަސައްކަތް
ކުރަން ފެށިއެވެ. އޭނައަށް ނޭނގި ބައްޕައާއި އެޒުވާނާއާއި ދެމެދު ބޮޑުކަމެއް
ހިނގާފައިވާ ކަމަށް ނަޞްރާއަށް ޔަޤީންކުރެވުނެވެ. އަދި އެކަމެއް ހިނގީ އޭނަ
ބޭރުގައި ހުއްޓާ ކަމަށްވެސް ނަޞްރާއަށް ނިންމުނެވެ. އެހެނީ އޭނަ ކުޑައިރު އެޒުވާނާ
މިވަގުތު އެއުޅެމުންދާ ގޭގައި ބަޔަކު އުޅުނު ހަނދާނެއް ނަޞްރާ ނުވެއެވެ.
އެޒުވާނާއަކީ އަނެއްކާ އެހެން ރަށަކުން އައިސް އެގޭގައި ކުއްޔަށް އުޅޭ
ޒުވާނެއްބާއޭ ނަޞްރާގެ ހިތަށްއެރިއެވެ. މިހާތަނަށް ނަޞްރާއަށް އެޒުވާނާއާއި
ބެހޭގޮތުން އެނގުނު އެއްކަމަކީ އޭނަ އެގެއެއްގައި އުޅެނީ އެކަނިކަމެވެ. އެގެއިން
ދުވަހަކުވެސް އެހެން މީހަކު ނިކުންނަތަން ނަޞްރާއަށް ނުފެނެއެވެ. ނަޞްރާއަށް ދެލޯ
މަރާލަމުން ބޯހޫރުވެން ފެށީ އަނެއްކާވެސް އޭނައަށް އެޒުވާނާއާމެދު ވިސްނެން
ފަށައިފިކަން ފާހަގަވުމުންނެވެ. ނަޞްރާ ދެލޯ ހުޅުވާލިއިރު އޭނަގެ މޫނުމަތީގައިވީ
ރުޅިވެރިކަމެވެ. އޭނަ ރުޅިއައީ އަމިއްލަ ނަފްސަށެވެ. ނަޞްރާ އަވަސްއަވަހަށް ކަނާތް
ފަރާތަށް އޮށޯވެ ނިދުމުގެ ކުރިން ކިޔާ ދުޢާތައް ކިޔަންފެށިއެވެ.
އޭގެ އަނެއްދުވަހަކީ ރޯދަމަހުގެ ފުރަތަމަ ދުވަހަށްވުމުން
އެދުވަސް ބަންދެވެ. އެދުވަހުގެ ހެނދުނު 9 ޖެހި ވަގުތު ނަޞްރާ އިނީ އެނދުމަތީގައި
ޕޭޕަރު މާކްކުރާށެވެ. އެންމެ ފަހު ޕޭޕަރު މާކްކުރެވުމުން ނަޞްރާ ހުރިހާ ޕޭޕަރެއް
އެއްފަރާތްކޮށް ފުން ނޭވައެއް ދޫކޮއްލިއެވެ. އެއަށްފަހު ސައިޑް ޓޭބްލް މަތީގައި
ހުރި އޭނަގެ ލެޕްޓޮޕް ނަގައި އުނގުމަތީގައި ބޭންދިއެވެ. ލެޕްޓޮޕް ހުޅުވާލުމާއެކު
ސްކޫލްގެ ކޮންމެވެސް މުދައްރިސެއްގާތު ވާހަކައެއް ބުނަން އޮތްކަން ހަނދާންވެ
ނަޞްރާ ފޭސްބުކަށް ވަދެލައިފިއެވެ. ފޭސްބުކަށް ވަތްތަނާ ނަޞްރާއަށް ފެނުނީ އޭނަގެ
ހަ ވަރަކަށް އެކުވެރިން އެއްލިންކެއް ޝެއަރކޮށްފައި ހުރިތަނެވެ. އެއީ ދިވެހި
އޮންލައިން ނޫހެއް ކަމަށްވާ “އެޗް.އެން ނިއުސް” ގެ ރިޕޯޓެކެވެ. އޭގެ ޞުރުޙީއަކަށް
އޮތީ “ދިވެހި ރައްޔިތެއްގެ ދުލުން” މިހެންނެވެ. ޞުރުޚީއިން ވެސް މިއީ ސިޔާސީ
ރިޕޯޓެއްކަން ނަޞްރާއަށް ނަގައިގަނެވުނެވެ. އެއާއެކު ހަމަ ވަގުތުން ފޫހިވިއެވެ.
ނަޞްރާއަށް ދިވެހިރާއްޖޭގެ ސިޔާސަތާ ބެހޭގޮތުން މާ ބޮޑު އެއްޗެއް ނޭނގެއެވެ.
ނަޞްރާއަށް ވިސްނޭހާވެސް އެއްޗަކީ މި ޤައުމުގެ އަމަންއަމަންކަން ނަގާލާ އެކެއްޗަކީ
މި ޤައުމުގެ ސިޔާސީ ޙާލަތުކަމެވެ. ރާއްޖޭގައި އެންމެ 3 ޓީވީ ޗެނަލް ވާއިރު އެ
ހުރިހާ ޗެނަލަކުން ވެސް އިވެމުން ދަނީ މިވެނި މުޒާހަރާއެއްގައި ހިނގި މިވެނި މާރާމާރީއެއްގައި
މިވެނި ވަރަކަށް މީހުންނަށް ޒަޚަމްވި ވާހަކައެވެ. ކޮންމެ ޗެނަލެއް ޖެއްސިއަސް
މީހުންގެ ހިތުގައި ކޮންމެވެސް އެއް ސިޔާސީ ލީޑަރަކާމެދު ނަފްރަތެއް އުފެދޭ
ވާހަކައެއް އިވޭނެއެވެ. އެއްޗެނަލުން ބުނާ ވާހަކައެއް އަނެއް ޗެނަލުން ގެނެސްދޭ
ޚަބަރާ ނުގުޅޭކަން ފާހަނގަވީ ދުވަހުއްސުރެ ނަޞްރާ ހުންނަނީ އެއްވެސް ޗެނަލަކަށް
އަދި ނޫހަކަށްވެސް އިތުބާރުކުރަން ޖެހިލުންވެފައެވެ. މިއީ ހަމައެކަނި ނަޞްރާ
ވިސްނުމެއް ނޫނެވެ. ނަޞްރާއާއި އެކީގައި މަސައްކަތް ކުރާ އެހެނިހެން
މުދައްރިސުންގެ ވާހަކަތަކުން ވެސް އެމީހުންގެ ޚިޔާލުތައް ހުރީ މިގޮތައްކަން
ނަޞްރާއަށް އެނގުނެވެ. ކަން މިހެން އޮތްވާ ހަމަ އޭގެތެރެއިން ބައެއް މުދައްރިސުން
ސިޔާސީ ލިޔުމެއް ޝެއާރކޮށްފައި އޮތްތަން ފެނިފައި ނަޞްރާ ހިސާބަކަށް
ޙައިރާންވިއެވެ. މި ލިޔުމުގައި ވަކި ޚާސިއްޔަތުކަމެއްވަނީބާއޭ ހިތައި އޭނަ އެ
ލިންކް ހުޅުވައި ރިޕޯޓް ކިޔަން ފެށިއެވެ. ރިޕޯޓް ފެށުނީ އެކިއެކި ޚަބަރުތަކުގެ
ޞުރުޚީތަކަކުންނެވެ. އެއަށްފަހު މިއީ މިޤައުމުގެ ސިޔާސީ ޙާލަތުކަން
ބަޔާންކޮށްފައިވެއެވެ. ދެން ރިޕޯޓްގައި ހުސްވެސް ލިޔެވިފައިވީ ދެންމެ ނަޞްރާގެ
ސިކުނޑީގައި ވި ޚިޔާލުތަކެވެ. އެއްވެސް ޗެނެލަކަށް އިތުބާރު ނުކުރެވޭ ވާހަކައާއި
އެއްވެސް ސިޔާސީ ލީޑަރަކީ ހެޔޮ މީހެއްހެން ހީނުވާ ވާހަކައެވެ. ހުރިހާ ވާހަކަތައް
ވެސް އެތުރިފައިވިލެއް ފުރިހަމަ ކަމުން ނަޞްރާއަށް މެދުކެނޑުމެއްނެތި ކިޔެމުން
ދިޔައެވެ. އެންމެފަހުން ރިޕޯޓް ނިންމާފައިވަނީ ކޮންމެގޮތަކަށް ވިޔަސް ހުރިހާ
ރައްޔިތުން ބޭނުންވަނީ އިންސާފުކަމަށް ބުނަމުންނެވެ. ރިޕޯޓް ކިޔައި ނިމުމުން
ނަޞްރާއަށް ހިތާހިތުން އެ ލިޔުމަށް ތަޢުރީފު ކުރެވުނެވެ. ނަޞްރާ ކޮމެންޓްތަކަށް
ބަލާލިއިރު ވެސް ހުރިހާ ކިޔުންތެރިންވަނީ އެ ލިޔުމަށާއި ލިޔުންތެރިޔާއަށް ވެސް
ވަރަށް ގިނަ ތަޢުރީފުތަކެއް ކޮށްފައެވެ. ހަމަ އެއާއެކު މި ލިޔުންތެރިޔަކީ ކާކުތޯ
ބެލުމުގެ ޝައުޤު ނަޞްރާގެ ހިތުގައި އުފެދުނެވެ. ނަޞްރާ މައްޗައް ސްކްރޯލް
ކޮށްލަމުން ރިޕޯޓްގެ އަރިމަތީގައި އޮތް ނަމަށް ބަލައިލިއެވެ. އެތާނގައި ކަޅާއި
ހުދުން ހުރި ކުޑަކުޑަ ފޮޓޯގެ ކައިރީގައި އޮތް ނަމަކީ “އަހުމަދު ޔޫނުސް” އެވެ.
ނަޞްރާ އެ ފޮޓޯއަށް ބަލާލުމާއެކު ސިހުންވިއެވެ. މިއީ އަނެއްކާ އޭނައަށް ހީވާ
ހީވުމެއްބާއޭ ހިތަށްއެރިއެވެ. އެ ފޮޓޯގައި ލުއި ހިނިތުންވުމެއްގައި އެހެރީ އޭނަގެ
އަވަށްޓެރި ގޭގައި އުޅޭ ޒުވާނާއެވެ. ނަޞްރާއަށް ފުން ނޭވައެއް ދޫކޮށްލަމުން
ފުރަގަހުގައި އޮތް ބާލީހަށް ލެނގިލެވުނެވެ. އެތައް ދުވަހެއްގެ މަތިން ގިނަވެގެން
ދިޔަ ހުރިހާ ސުވާލެއްގެ ޖަވާބު އެއްފަހަރާ ލިބުނު ކަހަލަ އިޙުޞާޞެއް ނަޞްރާއަށް
ކުރެވުނެވެ. މި ހުރިހާ ދުވަހު އޭނަގެ ގެ ކައިރި މިހާ މަޝްހޫރު ނޫސްވެރިއެއް
ހުރިކަން އޭނައަށް ނޭނގުނީ ކީއްވެބާއޭ ނަޞްރާގެ ހިތަށްއެރިއެވެ. ވާނީވެސް
އެހެންތާއެވެ. އޭނައަކީ ސިޔާސީ ލިޔުންތައް ކިޔައި އުޅޭ މީހެއް ނޫނެވެ. އަދި އޭގެ
އިތުރުން އޭނަ ފޭސްބުކް ޕްރޮފައިލެއް ހުޅުވީވެސް އަފްރީންގެ އެދުމުގެ މަތިން މީގެ
ހަތަރު ދުވަސް ކުރިންނެވެ. އެ ނޫންނަމަ މީގެ ކުރިންވެސް އޭނައަށް ހަމަ ޔޫނުސްގެ
އެހެނިހެން ލިޔުންތައް އެހެންމީހުން ޝެއަރކޮށްފައި ހުރިތަން ފެނުނީހޭ ނަޞްރާގެ
ހިތް ބުންޏެވެ. ނަޞްރާގެ ބައްޕަ ޔޫނުސްއަށް ރުޅި އަންނަންވީ ސަބަބެއްވެސް
ނަޞްރާއަށް ވިސްނުނީ އޭނައަށް ވަދެވިފައި މިހިރީ ކޮން ސައިޓަކަށްކަން އަދި
އެއްފަހަރު ބަލާލެވުމުންނެވެ. މި ސައިޓަކީ މަޝްހޫރު ސިޔާސީ ލީޑަރެއް ކަމަށްވާ
ހުސެއިން ނަވާޒްގެ ޗެނަލް “އެޗް.އެން ޓީވީ” އަށް ނިސްބަތްވާ ސައިޓެވެ. ނަވާޒަކީ
ގިނަ ބައެއްގެ ނަފްރަތު އަމާޒުވެފައިވާ ފަރާތެކެވެ. އެހެނީ އޭނައަކީ ގިނަ
ޢަދަދަކަށް ކޮރަޕްޝަންގެ ޢަމަލު ހިންގިކަމަށް ތުޚުމަތު ކުރެވޭ ފަރާތަކަށްވާތީވެއެވެ.
ނަމަވެސް އޭގެއިން އެއްވެސް ވާހަކައެއް އޭނަގެ ޗެނެލަކުން ނުއެއް ދައްކައެވެ. އެ
ޗެނަލުން އަބަދުވެސް އެ ހުރިހާ ވާހަކައެއް ދޮގުކުރެއެވެ. ނަތީޖާއެއްގެ ގޮތުން
ނަވާޒްގެ ހުރިހާ ސަޕޯޓަރުން ވެސް އެ ވާހަކަތައް ދޮގުކުރަމުން ދެއެވެ. ދެން ތިބި
މީހުންގެ ރުޅި ދުވަހުން ދުވަހަށް ދަނީ މަތިވަމުންނެވެ. ނަޞްރާގެ ބައްޕައަކީ
އެމީހުންގެ ތެރެއިން އެކެކެވެ. ނަމަވެސް ބައްޕައަކީ ޚަބަރު ބަލާ ގަޑީގައި އެ ރުޅި
ބޭލިއަސް އާއްމު ގޮތެއްގައި ވަކި ޕާޓީއެއްގެ މީހަކަށް ރުޅިވެގެން ހުންނަ ޒާތު
މީހެއްނޫނެވެ. ބައްޕަގެ އޮފީހުގައި ވެސް ތަފާތު ޕާޓީތަކުގެ މީހުން އުޅޭއިރުވެސް
އެންމެންގެ މެދުގައި އެކުވެރިކަން އޮވެއެވެ. ވީއިރު ސިޔާސީ ކަމެއްގެ ސަބަބުން
ޔޫނުސްއާއި ބައްޕައާ ދެމެދު ދުޝްމިނުކަމެއް އޮވެދާނެކަމަށް ނަޞްރާއަށް
ޤަބޫލުކުރަން ދަތިވިއެވެ. ޤަބޫލުކުރަން ދަތިވީ ހަމައެކަނި އެކަމެއް ނޫނެވެ.
ޔޫނުސްއަކީ މިފަދަ ވަޒީފާއެއްގައި ހުރެދާނެ މީހެއްކަމަށްވެސް ނަޞްރާއަށް
ހަޖަމްކުރަން އުދަގޫވިއެވެ. ޔޫނުސްއަކީ ގިނަގިނައިން ދޮގު ހަދާނެ މީހެކޭ ނަޞްރާގެ
ހިތެއްނުބުނެއެވެ. ކޮންމެވެސް ސަބަބަކާހުރެ ޔޫނުސްގެ ކިބައިގައި އެއްވެސް ނުބައި
ސިފައެއް ހުރެދާނެކަމަށް ޤަބޫލުކުރުމަކީ ނަޞްރާއަށް ފަސޭހަ ކަމަކަށް ނުވިއެވެ.
އޭސީ ކޮށްފައިވާ ކޮޓަރީގެ ތެރެއަށް ވެރިވެފައިވީ މަރު
ހިމޭންކަމެވެ. ހުދުކުލައިގެ ޓައިލްސް ޖަހާފައިވާ އެ ކޮޓަރީގެ އެއްފަރާތެއްގައި
ކިޔަވާ މޭޒެއްވިއެވެ. އެ މޭޒުމަތީގައި ޒިބު ކަހާފައި އޮތް ލެޕްޓޮޕް ދަބަހެއް
އޮތެވެ. ނަމަވެސް ލެޕްޓޮޕެއް ފެންނާކަށް ނެތެވެ. މޭޒުގެ ކައިރީގައި ހުރި
ޑަސްބިންވަނީ ފުރިގެން ބަންޑުންވާން ފަށާފައެވެ. ކޮޓަރީގެ ދޮރުގެ އަނެއްފަރާތުގައި
ހުރި ހެދުން އަލަމާރީގެ އެއްދޮރު ހުޅުވިފައި ވީއިރު ބައެއް ގަމީސްތައް އަލަމާރީގެ
ތިރީގައި ހުރި ފިލާމައްޗަށް ވެއްޓިފައި ހުއްޓެވެ. ކޮޓަރީގެ މެދަށްވާ ގޮތަށް ހުރި
އެނދުގައި ބަންޑުން އޮށޯވެގެން އޮތީ ޓީޝާޓަކާއި ޖިންސެއްގައި އޮތް ޔޫނުސްއެވެ.
އެނދުގައި އޮތް ރަޖާގެ އެއްބައި ވެއްޓިފައި އޮތް އިރު އެނދުގެ ދެ ބާލީހެއް
ބިންމަތީގައި އޮތެވެ. އެނދުމަތީގައި އޮތް ކެމެރާއާއި ސައިޑް ޓޭބްލް މަތީގައި ހުޅުވިފައިވާ
ލެޕްޓޮޕުން ނިދާފައިވާ މީހަކު ނިދުނީ ވަރަށް ބުރަ މަސައްކަތެއްގައި ވަނިކޮށްކަން
އެނގެއެވެ.
ކޮޓަރިއަށް ވެރިވެފައިވި ހިމޭންކަން ނަގާލީ ޔޫނުސް އޮށޯވެ
އޮތް ބާލީހުގެ ކައިރީގައި އޮތް ފޯނު ރިންގުވާން ފެށި އަޑެވެ. ޔޫނުސް އޭނަގެ ދެލޯ
ތަގުޅިކޮށްފައި ގަދަކަމުން ކަހަލަ ލޯހުޅުވައި ފޯނު ނަގައި ސްކްރީނަށް ބަލާލީ ދެލޯ
ހަނިކޮށްގެން އޮވެއެވެ. ފޯނުން ޒަޔާންގެ ނަން ފެނުމުން ޔޫނުސް ކުއްލިއަކަށް ދެލޯ
ބޮޑުކޮށް ލުއްކެއްޖަހާފައި ތެދުވުނެވެ. އަދި ކަނާތްފަރާތަށް ބަލައި ކިޔަވާ މޭޒުގެ
ކައިރީގައި ފަރުދާ އެޅިފައިވާ ކުޑަދޮރު ބަރިއާއި ދިމާލަށް އިރުކޮޅަކު ބަލަން
އިނެވެ. އިރުގެ ދޯދިތައް އެ ފަރުދާއިން ފުރޭނިގެން އައިސްފައިވިތަން ހިނދުކޮޅަކަށް
ބަލަން އިނދެފައި ޔޫނުސް ފުން ނޭވައެއް ދޫކޮށް މޫނުމަތީގައި އެއްއަތް އަޅައި
ތިރިއަށް ހިންގާލިއެވެ. އެއަށްފަހު ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.
“ހްމް ޒަޔާން….” ޔޫނުސްއަށް ވާހަކަ
ދެއްކުނީ ނިދިބަރުވެފައިވާ އަޑަކުންނެވެ.
“ކޮން ޒަޔާންއެކޭ ކިޔާކަށްތަ؟ ބަލާބަލަ އަހަރެން
ކިތައްފަހަރު ގުޅާފަ ހުރިތޯ. އަދި އެވަރުން ނުވެގެން ގޭގެ ދޮރުވެސް ހުރީ ތަޅުލާފަ.
އަހަރެންގެ އަތުގަ ތަޅުދަނޑިއެއް ނުވެސް ނެތް. ހާރުކާކަށްވެސް ހޭނުލެވުނީ. ފަތިސް
ނަމާދަށް ވެސް ހޭނުލެވުނީ. އެހެއްނު؟” ޒަޔާން ހުރިހާ ވާހަކައެއް އެއްފައްޗަކަށް
އަމުނާލިއިރު ޔޫނުސް އިނީ އޭނަގެ އަޑު ބާރުކަމުން ފޯނު ކަންފަތާއި
ދުރުކޮށްގެންނެވެ.
“އިޓްސް އޯކޭ ޒަޔާން. އެއްރޭ އެހެންވެދާނެ. އަހަ….” ޔޫނުސް ފޯނު
ކަންފަތުގައި ޖައްސާލަމުން ދައްކަން ފެށި ވާހަކަ ފުރިހަމައެއް ނުވިއެވެ.
“އެއްވެސް އޯކޭއެއްނޫން. ދެންވެސް ތަންކޮޅެއް
އަވަހަށް ނިދަން އޮށޯވެބަލަ ރޭގަނޑު. އެކިއެކި މުޒާހަރާތަކަށް ނުގޮސް.” ޒަޔާންގެ
އެވާހަކައިގައި ވެސް ހަރުކަށިކަމެއްވިއެވެ.
“އޯކޭ ޒަޔާން، ބަލާނީ. އަހަންނަށް ތި ގުޅީ ހަމަ
އެއްޗެހި ގޮވަންތަ؟” ޔޫނުސް އަހާލިއެވެ. ޒަޔާންގެ ހަރު އަޑު އިވިފައި އޭނަގެ ނިދި
ފިލައިފިއެވެ.
“ނޫން. ދެންވެސް އެނދުން ތެދުވެގެން ނިކަން
އައިސްދީބަލަ މިގެއަށް. ޖޯލިފަތި ގަތާގޮތް އަހަރެން އަނެއްކާވެސް ހަނދާން
ނެތިއްޖެ.” ޒަޔާން އޭނަގެ ވާހަކަ ފެށީ ހަރު އަޑުން ކަމުގައި ވިޔަސް އެންމެ ފަހު
ޖުމްލަ ބުނެލީ މަޑުމައިތިރި އަޑަކުންނެވެ.
“ހެހެހެހެހެ……މިހެންވެ އިނގޭ ޒަޔާން
އަހަންނަށް ރުޅި ނުވާންވީ. ދެންވެސް ހަނދާނުގަ ބަހައްޓާތި.” ޔޫނުސް ހެވިފައި އިނދެ
ސަމާސާވެރި ރާގަކަށް ބުނެލިއެވެ.
“ހޫމް ދެން ފޯނު ބާއްވާފަ އާދޭ.” ޒަޔާން އެހެން
ބުނެލަމުން ފޯނު ބޭއްވިއެވެ. ޔޫނުސް ދެންވެސް ހެވިފައިހުރެ ފޯނު އެނދުމަތީގައި
ބާއްވާފައި އެނދުން ފޭބިއެވެ.
ޒަޔާންއަކީ ޔޫނުސްގެ ގޭގެ ކުރިމަތީގައި ހުރި ގޭގައި
ކުއްޔަށް އުޅޭ އެހެން ރަށެއްގެ ޒުވާނެކެވެ. އޭނަ އޭނަގެ އަންހެނުން ސުހާއާއި
ދަރިފުޅު އަބާންއާއި އެކީ މިރަށަށް ބަދަލުވީ އޭނަގެ އަމިއްލަ ރަށުގައި ވަޒީފާއެއް
އަދާކުރަމުން ދަނިކޮށް މި ރަށުން މާ ރަނގަޅު ވަޒީފާއެއް ލިބުމުންނެވެ. ކުރީކޮޅު
މުޅިން ބީރައްޓެހި ރަށަކަށް އައިސް އުޅުމަކީ ޒަޔާންއާއި އޭނަގެ ޢާއިލާއަށް ފަސޭހަ
ކަމަކަށް ނުވިއެވެ. އަގު ހެޔޮކޮށް ގެއެއް ހިފަން އުޅުމުގެ ތެރޭގައި ލިބުނީވެސް
އެހާ ތަނަވަސް ގެއެއްނޫނެވެ. ޒަޔާންމެން ވަރަށް ދަތި ޙާލެއްގައި އުޅެނިކޮށް
އެހީތެރިކަމުގެ އަތެއް ދިއްކޮއްލި މީހަކީ ޔޫނުސްއެވެ. ކުއްޔަށް ހިފި ގެ ދޫކޮށްލަން
ޚިޔާލުކުރިތަނާ ޔޫނުސް އެތަން ދޫނުކުރުމަށް ލަފާދިނެވެ. އަދި އަގު ހެޔޮކޮށް ވެސް
މޮޅުތަނެއްގައި އުޅެވިދާނެ ކަމަށް ބުންޏެވެ. ޔޫނުސް ހަމަ ޙަޤީޤަތުގައި ވެސް އޭނަގެ
އެ ބަސް ސާބިތުކޮށްދިނެވެ. ޒަޔާން މެންނާއި އެކީ އޭނަ އެ ގޭގެ ތެރެ ރަނގަޅަށް
ސާފުކުރުމުގައި އެހީވެދިނެވެ. އަދި އޭނަގެ ގެއިން ބައެއް ފަރުނީޗަރު ވެސް އެގެއަށް
ހަދިޔާކުރިއެވެ. ޒަޔާން އެކަމަށް އިންކާރުކުރުމުން ވެސް އޭނަ ބުނިހާ ވެސް އެއްޗަކީ
މިއުޅެނީ މިއެއްޗެހި އަމިއްލަ ގޭގެތެރޭގައި މާ ގިނަވެގެން ކަމަށެވެ. މިހާރު
ޒަޔާންމެން އައިތާ ދޮޅު އަހަރުވެފައިވީއިރު އެގެއަށް ބަލާ އެއްވެސް މީހަކު އެއީ
ތަނަވަސް ގެއެއްނޫނޭ ނުބުނާނެއެވެ. ޔޫނުސްގެ ޚިޔާލުތަކާއި ގޭގެ ވެރިފަރާތުގެ
އިޒުނައާއެކު ޒަޔާން ދިޔައީ އެކި އެއްޗެހި އެގެއަށް އިތުރުކުރަމުންނެވެ. މި ހުރިހާ
ކަމެއްގެ ނަތީޖާއެއްގެ ގޮތުން ޒަޔާންއާއި ޔޫނުސް ވަރަށް ގާތް ދެ
ރަޙްމަތްތެރިންނަށްވިއެވެ. އެކަކު އަނެކަކަށް އިތުބާރުކުރެވޭ ފަދަ ދެ
އެކުވެރިންނަށްވިއެވެ. ދެމީހުންގެ ދިރިއުޅުމުގެ ހުރިހާ ތަޖުރިބާއެއްވެސް ވަނީ
އެކަކު އަނެކަކާ ޙިއްސާކުރެވިފައެވެ.
ޔޫނުސް މޫނު ދޮވެ ވުޟޫކޮށްލައިގެން ގޭގައި ފަތިސް ނަމާދު
ޤަޟާކޮށްލިއެވެ. އެއަށްފަހު ޒަޔާންމެންގެ ގެއަށް ދިޔުމަށްޓަކައި ގޭގެ ދޮރުން
ނިކުމެ ދޮރު ލައްޕާލިއެވެ. އެއަށްފަހު އެގޭގެ ވަށައިގެން ހުރި ތިރި ފާރުގެ
މެދަށްވާ ގޮތަށް ހުރި ދޮރުން ނިކުމެގެން ގޮސް ޒަޔާންމެންގެ ގޭގައި ހުރި އެކަހަލަ
ދޮރާއި ދިމާލަށް ދާން ފެށިއެވެ. އޭނަ އެއްފަހަރު މަގުގެ ކަނާތް ފަރާތަށް ބަލާފައި
ވާތްފަރާތަށް ބަލައިފިއެވެ. އެއާއެކު ވާތް ފަރާތުގައި ބޮޑު ގޭޓެއް ލާފައި ހުރި ގެ
ފެނިފައި ޔޫނުސްއަށް އެހެން ދިމާލަކަށް ނަޒަރު ބަދަލުކޮށްލާކަށް ނޭނގުނު ފަދައެވެ.
އޭނަ ސީދަލަށް ޒަޔާންގެ ގެއާއި ދިމާލަށް ހިނގާފައި ދިޔައެއްކަމަކު އޭނަގެ ނަޒަރު
ހުއްޓިފައިވީ އެގެއަށެވެ. ޔޫނުސްގެ ނަސީބު ރަނގަޅުކަމުން އޭނަ ޒަޔާންމެން ގޭގެ
ފާރުގައި ނުޖެހި ސީދާ އެގޭގެ ދޮރުން ވަދެވުނެވެ. އޭނަ ކުރިމައްޗަށް ބަލަން
އުޅެނިކޮށް އޭނައަށް ހުރަސް އެޅިގެން ދިޔައެވެ.
“ގެއަށް ވަނުމުގެ ކުރިން ސަލާން ގޮވާ!” އަބާން
ޔޫނުސްގެ ބަނޑުގައި އަތް އަޅައި ކޮއްޕަމުން ގޮސް ޔޫނުސް އައިސް ވަތް ދޮރާއި
ހަމަކޮށްފިއެވެ.
“ދޮގެއްވެސް ނޫން” ޒަޔާން ގޭގެ ސިޓިންގް ރޫމުން
ފެންޑާއަށް ނިކުންނަމުން ބުނެލިއެވެ.
“އައްސަލާމުޢަލައިކުމް” ޔޫނުސް ހިނިތުންވުމަކާއެކީ
އަބާންއަށް ބަލަހައްޓައިގެން ހުރެ ދިގުކޮށް ގޮވާލިއެވެ.
“ވަޢަލައިކުމުއްސަލާމް” އަބާން ވަރަށް އުޖާލާވި
ހިނިތުންވުމަކާއެކީ ޖަވާބުދިނެވެ.
“ދެން ވަދެވިދާނެތަ؟” ޔޫނުސް އަދަބުވެރިކަމާއެކީ
ސުވާލުކުރީ އަބާންއާއެވެ.
“ލައްބަ. ޔޫންބެ އާދެބަލަ އަވަހަށް ބައްޕިއަށް
ހެލްޕްވާން. މިއަދު މަންމި ކިރިޔާ ޑައިވެއް ނުޖެހީ ޖޯލި ދަށަށް.” އަބާން ޔޫނުސްގެ
އަތައް ދަމަމުން މަޖާވެފައި ވާހަކަދެއްކިއެވެ. އަބާން ދެއްކި ވާހަކައިން
ޔޫނުސްއަށް ހެވިއްޖެއެވެ.
“މަންމި ޑައިވެއްޖަހަން ޖެހުނީ ކީއްވެ؟ އަބާންއަށް
ކަތުރު ބޭނުން ކުރަންވީ ތަންތަނާއި ނުކުރަންވީ ތަންތަން ނޭނގޭތީ.” ޒަޔާން ސިޓިންގް
ރޫމުގެ ދޮރުކައިރީ ފެންޑާގައި ހުރި ޖޯލިފަތި ކައިރީގައި ހުރެ އެހެން ބުނެލީ
ނުރުހުންވެފައިވާ ރާގަކަށެވެ. އަބާންއަށް އެކަން ފާހަގަވެގެން އޭނަގެ ހިނގުން
މަޑުވިއެވެ. އަބާންގެ މޫނުމަތީގެ ކުލަވަރު ބަދަލުވެގެން ދިޔަ ގޮތުން ޔޫނުސްގެ
ހިނިތުންވުން ވެސް ފަނޑުވިއެވެ. އަބާން އޭނަގެ އަތުން ދޫކޮށް މަޑު ދުވުމެއްގައި ގޮސް
ގެއަށް ވަތްތަން ޔޫނުސްއަށް ބަލަން ހުރެވުނީ ދެރަ މޫނަކާއި އެކީގައެވެ. އޭނަ
ޒަޔާންއަށް ބަލާލިއިރު ޒަޔާން ވެސް ހުރީ ދެންމެ އެ ބުނެވުނު އެއްޗަކާމެދު
ހިތާމަކުރާފަދަ ގޮތަކަށެވެ. އޭނަ ޔޫނުސްއަށް ބަލާލިއެވެ. ޔޫނުސް ދެބުމަ އަރުވާލީ
ދެން އަބާން ހިތްހަމަ ޖެއްސުމަށްޓަކައި ކަމެއްނުކުރާނަންހޭ އަހާފަދަ ގޮތަކަށެވެ.
“ފަހުން ވާހަކަ ދެއްކީމަ އޯކޭވެދާނެ. އެހެންނޫނަސް
ނުބައި ކަމެއް ކުރެވުނީމަ ޖެހޭނީ ހަރުކަށިވާން. އެހެންނޫނިއްޔާ ބޭނުން ގޮތަކަށް
އުޅެން ފަށާފާނެ.” ޒަޔާން ފުން ނޭވައެއް ދޫކޮއްލަމުން ބުނެލިއެވެ.
“އެކަމަކު ނުބައި ކަމެއް ކުރެވުނީމަ
ނަޞޭޙަތްތެރިވާންވީ ގޮތްތަކެއް ވެސް ހުންނާނެ. ނުބައި ގޮތަކަށް ނަޞޭޙަތް
ދެވިއްޖެއްޔާ އިތުރަށް ގޯސްވާނީ.” ޔޫނުސް ޖޯލިފަތި ކައިރިއަށް ދަމުން ވާހަކަ
ދެއްކިއެވެ.
“ޙިކުމަތްތެރި ބަސްތަކަކަށްޓަކައި ވަރަށް ބޮޑަށް
ޝުކުރިއްޔާ، ޝެއިޚް!” ޒަޔާން މަޖާ ރާގަކަށް އެހެން ބުނަމުން އޭނައާއި ހަމަކުރި
ޔޫނުސްގެ ދެކޮނޑުގައި ހިފާލިއެވެ. ޔޫނުސް ހިނިތުންނުވާން މަސައްކަތް ކުރަމުން
ޒަޔާން ދެއަތް ފޮޅުވާލިއެވެ. ޒަޔާން ބާރަކަށް ހޭންފެށިއެވެ. އެވަގުތު ޔޫނުސް ގޮސް
ޖޯލިފަތީގައި އެއްވެސް ގެތުމެއްނެތް ގޮޅީގެ ތެރެއަށް ދެފައިލައި އޭގެ
ދަގަނޑުމަތީގައި އިށީނެވެ. އަދި ބިންމަތީގައި އޮތް ރޯނުބޮނޑި ނަގައި މަސައްކަތް
ފެށިއެވެ.
“އޭ ޝެއިޚް……އަމިއްލަ ގެއަށް ދެވަނަ
މީހަކު ގެންނަ ކަހަލަ ޚިޔާލެއް ނުކުރަންތަ؟” ޒަޔާން އޭނަގެ ހިނިގަނޑު މައިތިރިކޮށް
އިރުކޮޅަކު ޔޫނުސްއަށް ބަލަންހުރެ އަހާލިއެވެ.
“ކީއްކުރާ މީހެއް؟” ޔޫނުސް މަސައްކަތުގައި
މަޝްޣޫލުވެހުރެ އަހާލިއެވެ.
“އަހަންނަށްތަ އެނގެނީ؟ މިހާރު ވެސް ތި އުޅެނީ
ހާރުކާން ހޭނުލެވިގެން ވިއްޔަ.” ޒަޔާން އެތާ ކައިރީގައި ހުރި ގޮނޑިއެއް ދަމައި
އޭގައި އިށީނެވެ. ޔޫނުސް ޗޮއްކަނޑާލިއެވެ.
“ހަމަ އަސްލުވެސް. ޖޮބުގައި އުޅެންޖެހޭ ވަގުތު
ގިނަކަމުން ކޮޓަރިވެސް މަޑުމަޑުން ގޮނޑަކަށް އެބަ ބަދަލުވޭ. އެކަމަކު ބިދޭސީ
މީހަކު ގެނައިމަ ބައިވަރު މައްސަލަތައް ކުރިމަތިވާނެ.” ޔޫނުސް ޒަޔާންއަށް
ބަލާލުމެއްވެސް ނެތި ވާހަކަ ދެއްކިއެވެ. ޔޫނުސްގެ ޖަވާބު އިވިފައި ޒަޔާން އޭނަގެ
ނިތުގައި އެއްއަތުން ބާރަށް ޖަހާލިއެވެ.
“ކާކުތަ ބިދޭސީ މީހެއްގެ ވާހަކަ ދެއްކީ؟” ޒަޔާން
އަހާލިއެވެ.
“ޒަޔާންއެއްނޫންތަ؟” ޔޫނުސް ޒަޔާންއަށް ބަލާލަމުން
ވާނުވާއެއް ނޭނގިފައި ސުވާލުކުރިއެވެ.
“އަހަރެން ކީއްތަ ކުރަންވީ މި ފިރިހެނާއަށް؟ އަހަރެން
މި ދެއްކީ ކައިވެނީގެ ވާހަކަ!” ޒަޔާން ބާރަށް އަންގާލިއެވެ.
“އޮހް……” ޔޫނުސް އެހެން ބުނެލިއިރު
އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. ނަމަވެސް އޭނަ ވަކި އެއްޗެކޭ
ނުބުނެ އަނެއްކާވެސް މަސައްކަތަށް އެނބުރި ދިޔައެވެ. ޒަޔާން އެމަންޒަރު ބަލަންހުރެ
ޔޫނުސްގެ އަތުގައި ހިފަހައްޓާލިއެވެ.
“ބުނޭ އެއްޗެކޭ.” ޒަޔާން ޔޫނުސްއަށް ބަލަހައްޓައިގެން
ހުރެ ބުނެލިއެވެ. ޔޫނުސް ޒަޔާންއަށް ބަލަން ހުރެފައި ފުން ނޭވައެއް ދޫކޮއްލިއެވެ.
“ކުއްޖަކު ހޯދައިދީ. އޭރުން އިނދެފާނަން.” ޔޫނުސްގެ
ޖަވާބު ސީދަލެވެ.
“ހޫނ……ހީވަނީ ކުއްޖަކު ނުލިބިގެންހެން
ތި އުޅެނީ. މިހާރު ވެސް އޮފީހުގަ އުޅޭ އެކިއެކި ކުދިންގެ ސިޓީ ބިޓީ ލިބިލިބި ތި
ހުންނަނީ. ޔޫނުސްގެ ރިޕޯޓްތަކަށް ކޮމެންޓް ކުރާ ކިތައް ކުދިންތަ ޔޫނުސްދެކެ ލޯބިވާ
ވާހަކަ ބުނަނީ؟ އޭގެއިން ކުއްޖަކު ވެސް ހޯދިދާނެއެއްނު ހަމަ؟” ޒަޔާން ޔޫނުސްގެ
އަތުން ދޫކޮށް އޭނަ އިށީނދެގެން އިން ގޮނޑިއަށް ލެނގިލަމުން ޚިޔާލެއް ދިނެވެ.
ޔޫނުސް އެވާހަކައަށް ބޯހޫރުވަން ފެށިއެވެ.
“އެގޮތަށް ސިޓީ ފޮނުވާ ކުދިންނާއި ކޮމެންޓް ކުރާ
ކުދިން ބެހެނީ ދެ ބަޔަކަށް. އެ ދެބަޔަކީ އަހަރެންގެ ފޮޓޯ ރީތިވެގެން އަހަރެން
ކަމުދާ ކުދިންނާއި އަހަރެންގެ ލިޔުންތެރިކަމުގެ ސަބަބުން އަހަރެން ކަމުދާ ކުދިން.
ހަމައެކަނި ފޮޓޯ ރީތިވެގެން ލޯބިވެއޭ ބުނާ ކުދިންގެ ލޯބި އަހަރެން މުސްކުޅިވީ
ދުވަހަކުން ގެއްލިދާނެ. ލިޔުންތެރިކަމުގެ ސަބަބުން އަހަރެން ކަމުދާ ކުދިންގެ ލޯބި
ހުސްވެދާނެ އަހަންނަށް އަހަރެންގެ ވަޒީފާ ގެއްލޭ ދުވަހަކުން. ދެން ޖެހޭނީ ވަރިކުރަން……..އެކަމަކު ކައިވެންޏަކީ
ސަމާސާއެއްނޫނެއްނޫންތަ؟ ކައިވެނި ކުރަންޏާ ކުރަންޖެހެނީ މިއަށްވުރެ ތަންކޮޅެއް ހަރުދަނާ
ސަބަބުތަކަށްޓަކައި ނޫންތަ؟” ޔޫނުސް ސީރިއަސް ކަމާއެކީ ވާހަކަ ދައްކަމުން ގޮސް އެންމެ
ފަހަކަށް ޒަޔާންއަށް ބަލާލިއެވެ. ޒަޔާން ޔޫނުސްއަށް ބަލަން އިނދެފައި
ތުންފިއްތާލަމުން ބޯޖަހާލީ އެއްބަސްވުމުގެ ގޮތުންނެވެ. އެއަށްފަހު ހިމޭންކަމުގެ
ވަގުތުކޮޅެއް ހޭދަވިއެވެ.
“އެހެންވިއްޔާ ޔޫނުސްއަށް ކަމުދާނީ ކޮންކަހަލަ
ކުއްޖަކު؟” ޒަޔާން މަސައްކަތުގައި އިން ޔޫނުސްގާތު އަހާލިއެވެ..
“އަހަންނަށް ކަމުދާނީ އަހަރެންގެ ހުރިހާ ނޭދެވޭ
ސިފައެއް އެނގިހުރެ ވެސް އަހަރެންގެ ކިބައިން ރަނގަޅު ސިފަތައް ފެންނާނެ
ކުއްޖަކު.” ޒަޔާންއަށް ބަލާލުމެއްނެތި ޔޫނުސް މިފަހަރުވެސް އެހެން ބުނެލީ
ސީރިއަސްކަމާއެކީގައެވެ.
“ހުމް….ކޮންތަނަކުންތަ ތިހާ
ރަނގަޅު ކުއްޖެއް ހޯދާނީ؟” ޒަޔާން އަމިއްލަ ނަފްސާ ކަހަލަ ގޮތަކަށް އެ
ސުވާލުކޮށްލިއެވެ.
“އެހެރަ ގޭގަ އެބައުޅެއެއްނު ރަނގަޅު ކުއްޖެއް؟”
އެހެން ބުނެލީ ސިޓިންގް ރޫމުގެ ދޮރުމައްޗަށް އެރި ސުހާއެވެ.
“ކޮން ކުއްޖެއް؟” ޔޫނުސް އާއި ޒަޔާންއަށް
އެކުއެކީގައި ސުހާއަށް ބަލަމުން އަހާލެވުނެވެ.
“ތި….ޝަރީފްމެން ގޭގަ އުޅެއެއްނު
މޫނު ބުރުގާ އަޅައިގެން އުޅޭ ކުއްޖެއް؟” ސުހާ އޭނަގެ ބުރުގާގައި ގޮށެއްޖަހަމުން
ބޭރަށް ނިކުތެވެ. އެ އަޑު އިވިފައި ޔޫނުސް އުދަގުލެއްވެގެން ކަހަލަ ގޮތަކަށް
ދުރުބަލަން ފެށިއެވެ. ނަމަވެސް ޒަޔާންމެނަށް އެކަން ފާހަގަވީހެނެއް ހިއެއްނުވެއެވެ.
“ސުހާ…..އަދި މޫނު ބުރުގާ
އެޅިއަސް ރަނގަޅުވީކަމަށް ނުބެލެވޭނެއޭ. ކީކޭ ޔޫނުސް؟” ޒަޔާން އޭނަގެ ކައިރީގައި
އައިސް މަޑުކުރި ސުހާއާއި ވާހަކަ ދައްކަމުން ޔޫނުސްއަށް ބަލާލިއެވެ.
“ހްމް…” ޔޫނުސް މަސައްކަތް
ކުރަމުން ބުނެލީ ހަމައެކަނި އެހާ ވަރަށެވެ. ނަމަވެސް އޭނައަށް ރަނގަޅަކަށް މަސައްކަތް
ނުކުރެވެއެވެ. އޭނަގެ އަތަށް ބަލާލި ކޮންމެ މީހަކަށް ވެސް އެ އަތުގައި
ތުރުތުރެއްވިކަން ފާހަގަކުރެވޭނެއެވެ.
“ނޫނެކޭ. އެއީ ހަމަ ވަރަށް ރަނގަޅު ކުއްޖެއް.
އަބާންމެން ސްކޫލްގެ ޓީޗަރެއް އެއީ. އަބާންމެންނަކަށް ކިޔަވައެއްނުދޭ. އެކަމަކު
އެކުލާހަށް ދިޔަ ދުވަހު ވަރަށް ސަމާސާކޮށް ހެދި ވާހަކަ އަބޫ ބުނި. ޓީޗަރަކަށް
އަހަރުމެންގެ އަބޫ އިމްޕްރެސް ކުރެވޭނީ ވަރަށް ރަނގަޅުވީމަ.” ސުހާ ބުނެލިއެވެ.
“އެއީ މީހެއްގެ އަނތްބެއްނޫންތަ؟” ޔޫނުސް
ނުހުރެވިގެން ކަހަލަ ގޮތަކަށް މައްޗަށް ބަލާލަމުން އެ ސުވާލުކޮށްލިއެވެ.
“އެއީ ކީއްވެ ތިހެން ތިބުނީ؟” ޒަޔާން އެހިއެވެ.
“އާއްމު ގޮތެއްގަ މޫނު ބުރުގާ އަޅައިގެން ތިބެނީ
މީހުންގެ އަނބިންނެއްނޫންތަ؟” ޔޫނުސް ޖެހިލުންވެފައި ކަހަލަ ގޮތަކަށް ޖޯލީގައި
އޭނަ ގަތަން ފަށާފައިވާ ބަޔަށް ބަލަހައްޓައިގެން ހުރެ ބުނެލިއެވެ.
އެކުއްޖާ މީހަކާ ނުއިނދޭ. އަހަރެން އަޑުއެހިން ޝަރީފް
އެކުއްޖާގެ ކައިވެނި ކުރާނެ ކުއްޖަކު ހޯދާ ވާހަކަ. އެކުއްޖާއޭ އެކުއްޖާއޭ މި
ކިޔަނީ ކީކޭތަ އޭނައަށް ކިޔަނީ. ނަސް….ނަސް…..ނަސްރާ. އާނ ނަޞްރާ!”
ސުހާ އެންމެ ފަހަކަށް އެހެން ބުނެލީ ޖޯޝާއި އެކީގައެވެ. ސުހާ އެންމެ ފަހުން ބުނެލި
ނަމާއިއެކީ ޔޫނުސް ހުއްޓުން އެރިއެވެ.
Comments
Post a Comment