Hijra (part 19)


ޝަހީމާ ވަރިކޮށްފަ؟” ހިމޭންކަމުގެ ވަގުތު ކޮޅަކަށްފަހު ނަވާޒް އިވޭ ނުއިވޭ އަޑަކުން ބުނެލި ވާހަކައިން ޔޫނުސްގެ ދެލޯ ބޮޑުވިއެވެ އެތައް ހާސް ޝުޢޫރެއް އެއްފަހަރާ އޭނަގެ ހިތަށް ވެރިވިއެވެ. ޔޫނުސް ބަލަބަލާ ހުއްޓާ ނަވާޒް އެއްވެސް އެއްޗެކޭ ނުބުނެ ހުރެފައި ފުން ނޭވައެއް ދޫކޮއްލިއެވެ.

"އަހަރެން ވިސްނާފަ ޖަވާބެއްދޭނަން. މިހާރު ބާއްވަނީ......ހޫމް..." ނަވާޒް އެހެން ބުނެ ފޯނު ކަންފަތުން ނަގާލިއެވެ. ނަވާޒް ޔޫނުސްއާއި އާއިވީ ފަރާތަށް އެނބުރިގަތްތަން ފެނިފައި ޔޫނުސްއަށް ތެޅިގަނެވުނެވެ. އޭނަ ކޮޓަރިއަށް ފަސްދީފައި ދުރަށް ދާން ހިނގައިގަތެވެ. ވަކި ހިސާބަކަށް ގޮސް މަޑުކޮށްލަމުން އޭނަ އޭނަގެ ޖީބުގައި އޮތް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. އަދި ގަދަކަމުން ކަހަލަ ގޮތަކަށް ބާރަށް ހޭންފެށިއެވެ.

"ހެހެހެހެހެ.......ފާރިޝްވެސް ދެން ދައްކާ ވާހަކަދޯ؟ ޑޫޑް ހިނގާބަލަ އެއްދުވަހު ދެމީހުން ދިމާކޮށްލަން." ޔޫނުސް އޭނަގެ ހުރިހާ ދަތްތައް ފެންނާނެ ވަރަށް ހެވިފައިހުރެ ބުނެލިއެވެ. އެވަގުތު އޭނަގެ ފުރަގަހުން ކޮޓަރީގެ ދޮރުމަތީގައި ހުރި ނަވާޒް ޔޫނުސްއަށް ބަލަހައްޓައިގެން ހުއްޓެވެ. ޔޫނުސް ފޯނު ކަންފަތުގައި ޖައްސައިގެން ހުރެ ކޮޓަރިއާއި ދިމާލަށް ބަލާލިއިރު ނަވާޒް ފެނިފައި އޭނަ ސިހުންވިއެވެ. އޭނަގެ މޫނުމައްޗަށް ނުތަނަވަސްކަން ވެރިވާން އުޅުމުން އޭނަ އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"އަ.....އާނ ފާރިޝް މިހާރު ބާއްވަނީ އިނގޭ. ބައްޕަ ގޮވައިގެން ކާން މިދަނީ." ޔޫނުސް ހިނިތުންވުމެއްގައި ހުރެ އެހެން ބުނެލަމުން ފޯނު ކަންފަތުން ނަގާލިއެވެ. އަދި ނަވާޒްއަށް ބަލާލީ ބާރަށް ތެޅިތެޅި އޮތް ހިތަކާއެކީގައެވެ.

"ދަރިފުޅު ތިއައީ ބައްޕަ ބަލާތަ؟ ހާދަ ރަނގަޅޭ. އާދޭ އަވަހަށް....." ނަވާޒް ހިނިތުންވުމަކާއެކީ އެހެން ބުނުމުން ޔޫނުސްގެ ހިތަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ. އޭނަވެސް ގަދަކަމުން ހިނިތުންވެލަމުން ބޯޖަހާލިއެވެ. އެއާއެކު ނަވާޒް ހިނގައިގަތީ ކާގެއާއި ދިމާލަށެވެ. ނަވާޒް ގޮސް ކާގޭގެ ދޮރުން ވަދެގެން ދަންދެންވެސް ޔޫނުސްގެ ނަޒަރު ނަވާޒްއާއި އެއްވަރަށް ދަތުރުކުރިއެވެ. ނަވާޒް ލޯމައްޗަށް ގެއްލުމުން ޔޫނުސްއަށް ބުމަގޮށްޖެހިފައި ވިސްނަން ހުރެވުނެވެ. ބައްޕަ ހަމަ އަސްލުވެސް މަންމަ ވަރިކުރަން އުޅެނީބާއޭ ހިތަށްއެރިއެވެ. އެ ޚިޔާލު ސިކުނޑިއަށް ވެރިވުމުން ވެސް އޭނަގެ ދެފައިން ވާގިދޫވާ ކަހަލަ އިޙްޞާޞެއް ޔޫނުސްއަށް ކުރެވުނެވެ. މަންމައާއި ބައްޕަ ވަރިވުމުން ވާނީ ކިހިނެއް ހެއްޔެވެ؟ އޭނަ ޖެހޭނީ އޭގެއިން ކޮންމެވެސް އެކެއްގެ ގާތުގައި ހުންނާށެވެ. އޭނަ ކޮންމެ ގޮތެއްވިޔަސް މަންމަ ގާތުގައި ހުންނާކަށް ބޭނުމެއްނޫނެވެ. އޭނަ ދާނީ ބައްޕަ ކައިރިއަށެވެ. ނަމަވެސް ދޮންމަންމައެއްގެ ކައިރީގައި ހުންނަން ބޭނުންވާކަމާމެދު ޔޫނުސް ޔަޤީނެއްނޫނެވެ. ޔޫނުސް ފުން ވިސްނުމެއްގެ ތެރޭގައި ހުއްޓާ ހަމަހޭވެރިކަމެއް ލިބުނީ ކާގެއިން ނަވާޒް ގޮވާލި އަޑަށެވެ. ޔޫނުސް ލައްބައޭ ކިޔާލަމުން އެ ދިމާލަށް ދިޔައެވެ.

އެދުވަހަށްފަހު ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ނަވާޒްއަށް ބަދަލުތައް އަންނަމުން ދިޔައެވެ. ގިނަ ވަގުތު ގޭގައި ނުހުރުމާއި ގޭގައި ހުރިއްޔާ އަބަދުހެން ފޯނުގައި ހުރުމާއި ޔޫނުސް އޭނައާއި ދައްކާ ވާހަކަތަކަށް ސަމާލުކަން ނުދެވުން ކަހަލަ ކަންތައްތައް ފާހަގަވާން ފެށިއެވެ. ކުރީގައި ޔޫނުސް އޭނަ ގޮވައިގެން ތަނަކަށް ދިޔުމަށް އާދޭސްކުރަން ފަށައިފިއްޔާ ނަވާޒް ބަލި ޤަބޫލުކޮށް ޔޫނުސް ގޮވައިގެން ދެއެވެ. ނަމަވެސް ފަހަކަށް އައިސް ޔޫނުސް ގޮތްދޫނުކުރުމުން ނަވާޒް ރުޅި އިސްކުރަން ފެށިއެވެ. އެންމެ ފުރަތަމަ ނަވާޒް އެގޮތަށް އެއްޗެހި ކިޔުނު ދުވަހު ޔޫނުސްއަށް ހުރެވުނީ ރޮވެން ކައިރިވެފައެވެ. ނުރުހުންވިއެއްކަމަކު އެއްޗެކޭ ބުނާކަށް ނުކެރުނެވެ. މާ ގިނަ ދުވަހެއްނުވެ ނަވާޒް ޝަހީމާއާއި ދިމާލަށް ވެސް އެއްޗެހި ކިޔާތަން ފެނުމުން ޔޫނުސް އިތުރަށް ނުރުހުންވިއެވެ. އޭނަގެ މަންމަ އެގޮތަށް ރޮއްވާލެވޭނީ އޭނައަށް އެކަންޏޭ ހިތަށްއެރިއެވެ. އެހެންނޫނަސް އޭނަ މަންމައާއި ދިމާލަށް އެއްޗެހި ކިޔަނީ މަންމަ ގޯހެއް ހެދުމުންނެވެ. ބައްޕަ ގޭގެ ހިމޭންކަން ނަގަމުން ދިޔައީ އެއްވެސް ސަބަބަކާއިނުލައެވެ.

ނަވާޒްއަށް އަންނަމުން ދިޔަ ބަދަލުތަކުގެ ފަހަތުގައިވި ސިއްރަކީ ކޮބައިކަން ޔޫނުސްއަށް ތަފްޞީލުކޮށް އެނގުނީ އެއްދުވަހު އަވަށްޓެރި ގެއެއްގައި އުޅޭ ޝާހިދާ އެ ގެއަށް އައިސް ޝަހީމާއާއި ދެއްކި ވާހަކައަކުންނެވެ. ޝާހިދާ ބުނި ގޮތުގައި ނަވާޒް އުޅެނީ އޭނަ މަސައްކަތްކުރާ ރިސޯޓުގެ ވެރި ފަރާތުގެ އަންހެން ދަރިފުޅާއި ރައްޓެހިވެގެންނެވެ. ޝަހީމާއާއި ޝާހިދާގެ  ފުރަގަހުގައި ހުރެ ފިލައިގެން އެ ވާހަކަ އަޑުއަހަން ހުރި ޔޫނުސްގެ މޭނުބައި ކުރިއެވެ. އޭނައަށް އިތުރަށް އަޑުއަހާކަށް ވެސް ނުހުރެވުނެވެ. އޭނަ އެ ދުވަހަށްފަހު ނަވާޒްއަށް ނަފްރަތު ކުރެއެވެ. އޭނަ ނަވާޒްއާއި ދިމާލަށް ބަލާކަށް ވެސް ބޭނުމެއް ނުވެއެވެ. މި ހުރެވެނީ ނަވާޒްގެ ގޭގައި ކަމަށްވުމުން ގެއިން ނިކުމެގެންދާނީއޭ ހިތަށް އަރަމުން ދިޔައީ ވެސް މަދުންނެއްނޫނެވެ. އެ ޚިޔާލުގެ ސަބަބުން ޔޫނުސް އޭނަގެ ގިނަ ވަގުތު އެކުވެރިންގެ ގެތަކުގައި ހޭދަކުރަން ފެށިއެވެ.

އެއްދުވަހު ޔޫނުސް އޭނަގެ އެކުވެރިއެއްގެ ގެއިން ގެއަށް އައި ވަގުތެވެ. ގޭގެ ފެންޑާއަށް ވަދެގެން ދިޔައިރު ނަވާޒް ހަޅޭއްލަވާ އަޑު އިވިފައި ޔޫނުސް ވީ ފޫއްސާއެކީ ގެއިން ނިކުމެގެން ދާން ބޭނުންވިއެވެ. ނަމަވެސް ބިއްލޫރި އެއްޗެއް ތަޅައިގެން ދިޔަފަދަ ބޮޑު އަޑުފަތްގަނޑަކަށް ޔޫނުސްގެ ފިޔަވަޅުތައް މަޑުޖެހި ހިތް ހުއްޓުނެވެ. މިއަދު ކަންތައް މާ ގޯސްވެއްޖެކަމުގެ އިންޒާރު ޔޫނުސްގެ ސިކުނޑި އޭނައަށް ދިނެވެ. ހިނދުކޮޅަކަށް ހުރިތާ ހުރެފައި އޭނަ ގޭގެ ހުޅުވާލެވިފައިވާ ދޮރާއި ދިމާލަށް ދުވެފައި ދިޔައެވެ. އެ ދޮރު މައްޗަށް ގޮސް އެރިއިރު ކަމަކު ދާކަށްނެތެވެ. މުޅި ސިޓިންގް ރޫމު ހީވީ ވަގުންގެ ބަޔަކު ޖަވާހިރެއް ހޯދުމުގެ މަސައްކަތަށްފަހު ނިކުމެގެން ގޮސްފައިވީހެންނެވެ. ސިޓިންގް ރޫމުގެ ސޯފާތައް ހުރީ އެހެން މިހެންނެވެ. ސޯފާގައި ހުރި ބާލީސްތައް ހުރީ ބިންމަތީގައެވެ. ސިޓިންގް ރޫމުގެ ބިއްލޫރި މޭޒުވަނީ ބަންޑުންޖަހައި ތަޅާލާފައެވެ. އެއްފަރާތެއްގައި ފާރު ކައިރީގައި ހުރި އިސްތިރި ކުރާ މޭޒުގެ ފައި ކައިރިއަށް އިސްތިރި ވެއްޓިފައި އޮތެވެ.

"ކަލޭ ދާން އުޅޭ މި ގެއިން ނިކުމެގެން!" ވާތް ފަރާތުގައި ހުރި ހުޅުވާލެވިފައިވާ ކޮޓަރީގެ ތެރެއިން ނަވާޒް ބުނެލި އަޑު އިވުނެވެ. ޔޫނުސް އެ ދިމާލަށް ބަލަން ހުރެފައި އެ ކޮޓަރިއަށް ދާން ހިނގައިގަތެވެ. ދެ ފިޔަވަޅު އެޅުނުތަނާ އޭނަގެ ފަޔަށް ބިއްލޫރި ކޮޅެއް ހެރުމުން ވީ ތަދާއެކީ ޔޫނުސްއަށް މަޑުޖެހިލެވުނެވެ. އޭނަ ފަޔަށް ބަލާލި ވަގުތު ނަވާޒްގެ އަޑު އިހުނަށްވުރެ ކައިރިން އިވުނެވެ.

"އެންމެ ސިކުންތަކަށް ވެސް ނުހުރެ ދޭ މި ގެއިން." ޔޫނުސް މައްޗަށް ބަލާލިއިރު ނަވާޒް ޝަހީމާގެ އަތުގައި ހިފައިގެން އެކޮޓަރިން ބޭރުކޮށްފިއެވެ. ރޮވިފައިހުރި ޝަހީމާގެ ވިހުރިފައިވާ ދިގު އިސްތަށިގަނޑު ހޭވިފައިވި ގޮތުން ގޭގެ ތެރޭގައި އޭނަ ހީކުރިވަރަށް ވުރެ ވެސް ބޮޑު ކަންތައްގަނޑެއް ހިނގައިފިކަން ޔޫނުސްއަށް ނަގައިގަނެވުނެވެ. ރުޅިން ރަތްވެފައި ޝަހީމާއަށް ބަލަހައްޓައިގެން ހުރި ނަވާޒްއަށް ބަލާލި ވަގުތު ޔޫނުސްގެ ރުޅިގަދަވިއެވެ. އެއީ އޭނަގެ ބައްޕަކަން ވެސް އެ ވަގުތަށްޓަކައި އޭނަ ހަނދާން ނެތުނެވެ. ޔޫނުސް އޭނަ ފަޔަށް ތަދުވާކަން ވެސް ހަނދާން ނައްތާލަމުން ކުރިއަށް ހިނގައިގަތެވެ. ޔޫނުސްގެ ފިޔަވަޅުތަކުގެ އަޑަށް ޝަހީމާއާއި ނަވާޒް އޭނައާއި ދިމާލަށް ބަލާލިއެވެ. އެއާއެކު އެ ދެމީހުންގެ މޫނުމަތީގެ ވެސް ކުލަވަރު ބަދަލުވިއެވެ. ޔޫނުސް ކައިރިއަށް އައި ވަރަކަށް އޭނަގެ ފިޔަވަޅު އަޅަމުން ދިޔަ ތަންތަނުގައި ހުރި ލޭ ފެނިފައި ޝަހީމާ ދެލޯ ބޮޑުކޮށްލަމުން ހާސްކަމާއެކީ ޔޫނުސް ކައިރިއަށް ދިޔައެވެ. އަދި ގުދުވެލަމުން ޔޫނުސްގެ ފަޔަށްވެފައި ހުރި ގޮތެއް ބަލަން ފެށިއެވެ.

"ކިހިނެއްތަ މިވަނީ؟" ޔޫނުސް އައިސްފައި ހުރި ރުޅިއާއެކީ ބާރަށް އަހާލިއެވެ. ޝަހީމާ ކުއްލިއަކަށް ޔޫނުސްގެ މޫނަށް ބަލާފައި ބޯހޫރުވާލީ ވާހަކަ ނުދައްކާށޭ ބުނުމަށެވެ. ނަމަވެސް ޔޫނުސްއަށް ވެސް އަދި ނަވާޒްއަށް ވެސް އެ މަންޒަރު ނުފެނުނެވެ.

"މިއީ އަދި ކާކުތަ މާ އަނގަގަދަވެގެން މި އުޅެނީ؟" ޔޫނުސްގެ ސުވާލުވެގެން ދިޔައީ ނަވާޒްގެ ރުޅީގެ އަލިފާނަށް އެޅި ތެލަކަށެވެ. ނަވާޒް ޔޫނުސްއާ ދިމާލަށް އަންނަން ފެށުމުން ޝަހީމާ އަވަސްއަވަހަށް ތެދުވެގެން ގޮސް ނަވާޒްގެ މޭމަތީގައި މަޑުމަޑުން އަތް އަޅާފައި ބޯހޫރުވަން ފެށީ ޔޫނުސްއަށް އަނިޔާއެއް ނުކުރުމަށް އާދޭސްކުރާ ފަދައަކުންނެވެ. ނަވާޒް ޝަހީމާގެ ދެ އަތުގައި ހިފާފައި ފޮޅުވާލި ގޮތުން ޝަހީމާ އެއްފަރާތަކަށް ދިޔަ ގޮތަށް ފައި ކައްސާލައިގެން ގޮސް ބިންމަތީގައި ޖެހުނެވެ.

"މަންމާ!" ޔޫނުސްއަށް ޝަހީމާއާއި ދިމާލަށް ދެވުނެވެ. ޔޫނުސް ޝަހީމާގެ ގާތަށް ގޮސް އޭނަގެ އަތުގައި ހިފައި ތެދު ކުރުވިއެވެ. ނަވާޒް މަންޒަރު ބަލަން ހުރެފައި ޗޮއްކަނޑާލަމުން އެމީހުންނަށް ފަސްދީފައި ދިޔައެވެ. ޔޫނުސް އައި ރުޅީގައި އޭނަ ފަޅައިގެން ހިނގައިދާނެހެން ހީވިއެވެ.

"ނިކަން ބުނެދީފާނަންތަ މިއަދު ކުއްލިއަކަށް އަހަރުމެންނަށް ތިހާ ނުރުހުންވެލައްވާފަ ތި ހުންނަވަނީ ކީއްވެކަން؟" ޔޫނުސް މުޅި ގެއަށް އިވޭނެ ވަރަށް ރާގަކަށް ސުވާލު ކުރިއެވެ. ނަވާޒް އޭނަގެ ފިޔަވަޅުތައް މަޑުޖައްސާލަމުން ފަސްއެނބުރި ބަލާލިއެވެ.

"އަޑުއަހަން ބޭނުންތަ؟ އަޑުއަހާ! އަހަރެން މިއުޅެނީ އެހެން މީހަކާ އިންނަން. އަހަންނަށް މުޅި ޢުމުރަކު ނުއުޅެވޭނެ އަމިއްލަ ނަފްސާ ވާހަކަ ދައްކަދައްކައެއް." ނަވާޒް ހަރުއަޑުން އޭނަގެ އެންމެ ފަހު ޖުމްލަ ނިންމާލީ ޝަހީމާއަށް ބަލަމުންނެވެ.

"ދެން އެކަމަކު ތަންކޮޅެއް ރީތިކޮށް ވެސް އަހަރުމެން ބޭނުން ނުވާ ވާހަކަ އެންގިދާނެދޯ؟" ޔޫނުސް ވެސް ފަހަތަކަށް ނުޖެހުނެވެ. ޝަހީމާ ޔޫނުސްގެ ދެކޮނޑުގައި ހިފައި އޭނަ މައިތިރިކުރެވޭތޯ ބެލިއެވެ.

"ރީތިކޮށްދޯ؟ އާދޭ ރީތިކޮށް އަންގަދޭނަން." ނަވާޒް ޔޫނުސްއަށް ލޯ އަޅާލަމުން ޔޫނުސްގެ ކައިރިއަށް އައިސް އަތުގައި ހިފައި ދަމަމުން ގޮސް ގެއިން ނެރެލިއެވެ. އަދި އަނބުރާ ނައުމަށް ބުންޏެވެ. ޔޫނުސް އޭނަ އަންނާކަށް ބޭނުންވެސް ނުވާ ވާހަކަ އެންގިއެވެ. ޝަހީމާ ނަވާޒްގެ އަތުގައި ހިފައިގެން ހުރެ ރޮމުން ދިޔައެވެ. ނަވާޒް އޭނަގެ އަތް ފޮޅުވާލަމުން ޝަހީމާ ވެސް ގެއިން ނެރެލިއެވެ. އަދި ޝަހީމާ ވަރިކޮށްލިއެވެ. ޝަހީމާ ދެއަތް ޖޯޑުކޮށް އެތެރެއަށް ވަންނަން އުޅުމުން ވެސް ނަވާޒް އޭނަ ވަދެވިޔަ ނުދިނެވެ. އަނެއްކޮޅުން ޔޫނުސް ވެސް ނުވަނުމަށް އެންގިއެވެ. ނަވާޒް ގޭގެ އެތެރެއަށް ވަދެގެން ގޮސް އިރުކޮޅެއްފަހުން ބޮޑު ހެދުން ފޮށިގަނޑެއް ހިފައިގެން އައިސް ފެންޑާއަށް އެއްލާލިއެވެ. އަދި ދެންވެސް ދާން އުޅުމަށް އަންގާލިއެވެ. ޔޫނުސް އެ ފޮށިގަނޑު ތެދުކޮށް ޝަހީމާގެ އަތުގައި ހިފައި ދަމަމުން އެގެއިން ނިކުމެގެން ދިޔައެވެ. ދެމައިން މަގަށް ނިކުތްއިރު އަވަށްޓެރި ގޭގެތަކުގެ މީހުން ނިކުމެފައި ތިއްބެވެ. ރޮވިފައިހުރި ޝަހީމާ އެ މީހުންނަށް ބަލަމުން ދިޔަ ގޮތުން އޭނަ އެކަމާމެދު ލަދުގެންފައި ހުރިކަން އެނގެއެވެ. ނަމަވެސް ޔޫނުސް ލަދުގަތްހެނެއް ހިއެއްނުވެއެވެ. އޭނަގެ މޫނުމަތީގައިވި އަސަރުން އޭނަ އެ އުޅެނީ އޭނަގެ އާ ދިރިއުޅުމަށް ސާބިތުކަމާއެކީ ކުރިމަތިލާންކަން އެނގެއެވެ. އެއީ ވަކި އޭނަގެ މަންމައަށްޓަކައެއްނޫނެވެ. އޭނަގެ ހިތުގައި އޭނަގެ މަންމައަށްޓަކައި ވީ ހަމައެކަނި ޙަމްދަރުދީއެކެވެ. އޭނަ ބޮޑަށް ބޭނުންވީ ނަވާޒްއާއި ބަދަލު ހިފާށެވެ. އޭނަ މުޅި ޢުމުރު ދުވަހު ދިން ލޯބީގެ އަގު ވަޒަން ނުކުރީތީވެއެވެ. ނަވާޒް ވެސް އޭނަދެކެ ލޯބި ވާކަމަށް އޭނަ ހީކުރިއެވެ. ނަމަވެސް މިއަދު ކަންތައް މިވީ ގޮތުން އޭނައަށް އެއްވެސް މީހަކާމެދު ރަނގަޅަކަށް ނުވިސްނޭނެއެވެ. ނަވާޒް އޭނަ ގެއިން ނެރެލީ މަންޒަރު ލޮލަށް ސިފަވުމުން އޭނަ ވެސް ވަކި ނަވާޒްއަށް ބޭނުން ނުވާކަން ދެއްކުމަށް ޔޫނުސްގެ ހިތުގައި ޢަޒުމެއް ކަނޑައެޅުނެވެ. ނަވާޒްއަށްވުރެ ބޮޑަށް މުއްސަނދިވެ މޮޅުވެ މަޝްހޫރު މީހަކަށްވާން ޔޫނުސް ބޭނުންވިއެވެ. އޭރުން އޭނައަށް ގެއްލުނީ ކިހާ ބޮޑު ޖަވާހިރެއްކަން ނަވާޒްއަށް އެނގިގެން ދާނެކަމަށް ޔޫނުސްގެ ހިތް ބުންޏެވެ. ގެއަށް ދިޔަ މަގުމަތީގައި ޔޫނުސްއަށް ހުސްވެސް ވިސްނެމުން ދިޔައީ ނަވާޒްއަށްވުރެ މޮޅުވެވޭނެ ގޮތްތަކާއި މެދުގައެވެ.

ޝަހީމާގެ ގެއަށް ޔޫނުސް އާއި ޝަހީމާ ބަދަލުވީއިރު އެ ގެއެކޭ ގުދަނެކޭ ތަފާތެއްނެތެވެ. އެގޭގައި އޮތީ ހަމައެކަނި ތަޅުންގަނޑެވެ. ގޭގެ ތެރޭގައި ހުސްވެސް ހުރީ ޔޫނުސް ކުޑައިރު ކިޔެވި ފޮތްތައް އަޅާފައި ހުރި ފޮށިތަކެވެ. ނަވާޒްގެ ގޭގައި ތަންކޮޅެއް ނެތިގެން އެ ފޮށިތައް އުކާލަން އުޅުމުން ވެސް ޝަހީމާ އެކަމަށް އިންކާރު ކުރިއެވެ. މިފަހަރު ޔޫނުސް ވެސް އެހެން ހަދަން އުޅުމުން ޝަހީމާ އެކަމާ ދެކޮޅު ހެދިއެވެ. ޝަހީމާގެ އެދުމަށް ޔޫނުސް އެހުރިހާ ފޮތް އެއްކޮޓަރިއަކަށް ލިއެވެ. އަދި ޝަހީމާއާއި އެކީގައި އެ ގެ ސާފުކުރުމުގެ މަސައްކަތް ފެށިއެވެ. ގޭގެތެރޭގައި އުޅެވޭނެ ވަރަށް ސާފުވުމުން ދެމީހުން ވެސް ވަޒީފާއަށްދާން ފެށިއެވެ. އެ އަހަރަކީ ޔޫނުސް ގްރޭޑް 11 އަށް ވަންނަންވީ އަހަރަށް ކަމަށްވިޔަސް އޭނަ ދެން ކިޔަވާ ހިތެއްނެތެވެ. އޭނަ ބޭނުންވީ ވީހާވެސް އަވަހަކަށް ލާރި ހޯދައި މުއްސަނދިވާށެވެ. ނަމަވެސް 18 އަހަރު ނުވާތީ ވަޒީފާއެއް ހޯދުމަކީ ފަސޭހަކަމަކަށް ނުވިއެވެ. ޔޫނުސް ރެއާއި ދުވާލު ހުއްޓުމެއްނެތި ކުރި މަސައްކަތުން އޭނައަށް ދުއްވާ އެއްޗެހި ދޮންނަ ތަނަކުން ވަޒީފާއެއް ލިބުނެވެ. އެ ދުވަހަށްފަހު އޭނަ މުޅި ދުވަސް ހޭދަކުރަނީ އެތާނގައެވެ. ހެނދުނު ދާ ގޮތަށް ގެއަށް އަންނަނީ ހަވީރެވެ. ނުވަތަ ރޭގަނޑެވެ. ޝަހީމާއަށް ވެސް އެކި ގޭގޭގައި މަސައްކަތް ކޮއްދީފައި ގެއަށް އާދެވެނީ އެހާކަށްހާއިރެވެ. ދެމީހުން ވެސް ގެއަށް އަންނައިރު ބަލިވެފައި ތިބޭވަރުން ބައެއް ރޭރޭ ނިދެނީވެސް ހުސް ބަނޑާއި އެކީގައެވެ.

ފުރަތަމަ ތިން މަސް ދުވަހު ނަވާޒްގެ ފަރާތުން ފައިސާ ލިބެމުން ދިޔައެއްކަމަކު އެ ތިން މަހަށްފަހު ޔޫނުސްއަށް ލިބެންވީ ފައިސާވެސް ނުލިބި ހުއްޓިއްޖެއެވެ. އެކަމާމެދު ޝަހީމާ ވެސް އަދި ޔޫނުސް ވެސް މައްސަލަ ހުށަހަޅަން ނުއުޅުނީ ދެމީހުންގެ ހިތުގައި ވެސް ނަވާޒްއަށްޓަކައި އޮތް ނަފްރަތެއްގެ ސަބަބުންނެވެ. ކޮންމެއަކަސް މާ ގިނަ ދުވަހެއްނުވެ އަތްމަތި ދަތިވާން ފެށިއެވެ. ލިބެމުން ދިޔަ ފައިސާއިން ނުވެގެން ޝަހީމާ އެކި ގޭގެއަށް ގޮސް ސަލާންޖަހަން ޖެހުނެވެ. ޝަހީމާ އެއްދުވަހު އެ މީހުންގެ ގޭގެ ކުރިމަތީގައި ހުންނަ ޝަރީފްމެންގެ ގެއަށް ގޮސް ޝަރީފް ގާތުން ފައިސާއަށް އެދޭތަން ފެނިފައި ޔޫނުސް ލަދުން ހަލާކުނުވީ ކިރިޔާއެވެ. ޝަރީފްއަކީ އޭނަގެ ހިތުގައި އެޅި އަންހެން ކުއްޖެއްގެ ބައްޕައެވެ. އެ ކުއްޖާ ފަހަކަށް އައިސް ނުފެނުނަސް ޔޫނުސް އެ ދުވަހު ވެސް ހުރީ ބޮޑު ވީ ދުވަހަކުން އެ ކުއްޖާއާއި އިންނާށެވެ. އޭނައަށް އޭނަގެ މަންމަވެސް ރަނގަޅަށް ނުބެލޭކަން އެކުއްޖާގެ ބައްޕައަށް އެނގިހުރެ އެ ކުއްޖާ އޭނައާއި ޙަވާލުކުރާނެބާވައޭ ހިތަށްއެރިއެވެ. އެއާއެކު އިތުރަށް ފައިސާ ހޯދުމަށް ޔޫނުސްގެ ހިތުގައި ޢަޒުމެއް ކަނޑައެޅުނެވެ. އޭނަ ރަށުގެ ކޮޅުގައި ހުންނަ ދުއްވާ އެއްޗެހި ދޮންނަ އެހެން ތަނަކުން ވަޒީފާ ހޯދިއެވެ. އެއްތަނެއްގައި ވެސް ހުއްސަށް ހުންނަން ޖެހޭ ވަގުތު އޭނަ އަނެއްތަނަށް ދެއެވެ. މިހެން އުޅުމުގެ ތެރޭގައި އޭނައަށް ދެ ތަނުގެ ވެސް ވެރިންގެ ޝަކުވާތަކާއި ކުރިމަތިލާން ޖެހުނެވެ. ނަމަވެސް އޭނައަކީ ބުރަކޮށް މަސައްކަތް ކުރާ މީހަކަށް ވުމުން އޭނައަށް އޭނަގެ ވަޒީފާ ނުގެއްލެއެވެ.

އެހާ ބުރަކޮށް މަސައްކަތް ކުރުމުން ވެސް ދެކޮޅުޖެހޭ ވަރުވަނީ ކިރިޔާއެވެ. ބައެއް މަސްމަހު ޔޫނުސްއަށް ގިނައިން ފައިސާ ލިބުނަސް އަނެއް މަސްމަހު އޭނައަށް ފުރިހަމަ މުސާރައެއް ނުލިބެއެވެ. އޭގައި އޮންނަނީ ވެރި ފަރާތް ބޭނުންވާ ގޮތެވެ. މިކަމާމެދު ޔޫނުސް ރުޅި އައެވެ. އޭނަ ވަޒީފާއިން ކެނޑެން ބޭނުންވިއެވެ. ނަމަވެސް އޭނައަށް އެހެން ގޮތެއްނެތެވެ. މިހާރު ވެސް ލިބޭ ފައިސާއިން ކާން ލިބެނީ ހަމައެކަނި އޭނައަށެވެ. މަންމަ ކޮންމެ ރެއަކު ކައިގެން ކަމަށް ހެދިގެން އިނަސް މަންމަ ނުކާކަން ޔޫނުސްއަށް އެނގެއެވެ. ޔޫނުސް މަންމައަށް ކާން ދޭން އުޅުނަސް މަންމަ ކުޑަ އެތިކޮޅެއް ކައިފައި އިންކާރުކޮށްލައެވެ. ބަނޑުހައި ހޫނުކަމުގެ ސަބަބުން ޔޫނުސް ޖެހެނީ ބަލި ޤަބޫލު ކުރާށެވެ. އެ މީހުންގެ ޙާލަތާއިމެދު ކޮންމެ ރެއަކު މަންމަ ސިއްރުން ރޯކަން ޔޫނުސްއަށް އެނގެއެވެ. ނަމަވެސް މިއީ މިކަން ވާންޖެހޭ ގޮތެއް ނޫންކަމުގައި ޔޫނުސްގެ ހިތް ބުނެއެވެ. އެ މީހުން އަދި މުއްސަނދިވާނެއޭ ހިތަށްއަރައެވެ.

އެއްދުވަހު ޔޫނުސް ދޮވެ ނިންމި ސައިކަލު ބަލައި އެ ސައިކަލުގެ ވެރިފަރާތް އައީ ގަރާޖުގައި ހަމައެކަނި އޭނަ ހުއްޓައެވެ. އެ މެދު ޢުމުރުގެ މީހާ ޔޫނުސްއަށް އެންމެ ފުރަތަމަ ފެނުނީ އެދުވަހުގައެއްނޫނެވެ. ނަމަވެސް އެ މީހާ ޔޫނުސްއާއި އެންމެ ފުރަތަމަ ވާހަކަ ދެއްކީ އެ ދުވަހުއެވެ.

"މިއީ އެކޮއަށް ލިބޭ ފައިސާތަ؟" އެ މީހާ ސައިކަލު މަތީގައި އިނދެ ޔޫނުސްއަށް ފައިސާ ދިއްކޮއްލި ވަގުތު ވާހަކަ ދެއްކިއެވެ. އެ މީހާ ބާ ގަމީހަކާއި ބާ ފަޓުލޫނެއް ލައިގެން ހުރިއިރު ނުބައި ވަހެއް ދުވަމުން ދިޔައެވެ.

"ނޫން. މިއީ މިތާގެ ބޮޑު މީހާގެ ފައިސާ. އަހަންނަށް މި ހުރިހާ ފައިސާ އެއްކޮށްފަ ކޮންމެ މަހަކު ލިބެނީ މަދު އެތިކޮޅެއް." ޔޫނުސް އެ މީހާގެ އަތުން ފައިސާ ހޯދައި ޖިންސްގެ ޖީބަށްލަމުން ބުނެލިއެވެ. އެ މީހާ ހީލިއެވެ.

"ކީއްތަ ވާނީ ތި ޖީބަށްލާ ގޮތަށް ގެއަށް ގެންދިޔައިއްޔާ؟" އެ މީހާ ހެވިފައި އިނދެ އަހާލިއެވެ.

"ވަޒީފާ ގެއްލުވާލަން ބޭނުމެއްނުވޭ." ޔޫނުސް ސީދަލަށް ޖަވާބުދިނެވެ. އެ މީހާ ޔޫނުސްއަށް ޙަމްދަރުދީ ވާ ފަދައަކުން ޗޮއްކަނޑަން ފެށިއެވެ.

"ހާދަ ދެރައޭ. އަސްލު ވަރަށް ފައިސާ ބޭނުންވޭދޯ؟ މަ ދެކެން އެ ކޮއާ އެ ކޮއިގެ މަންމަ އުޅޭ ޙާލު. މަ އެ ކޮއަށް އެހީވާން ބޭނުން. ގިނަ ފައިސާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ހޯދޭނެ ގޮތެއް ދައްކަންތަ؟" އެ މީހާ އަހާލިއެވެ. އެއާއެކު ޔޫނުސްއަށް ހީވީ އޭނަގެ ހުރިހާ ހުވަފެނެއް އެއްފަހަރާ ފުރިހަމަވާން އުޅުނީހެންނެވެ.

"ކޮން ގޮތެއް؟" ޔޫނުސްއަށް އަވަސްއަވަހަށް އަހާލެވުނެވެ.

އެރޭ އެ މީހަކު ބުނެގެން ޔޫނުސް ދިޔައީ ފަޅު ހިސާބެއްގައި ހުރި އަނދިރި ގެއަކަށެވެ. އެ ގެއަށް ވަންނަމުން ދިޔައިރު އޭނައަށް ފިޔަވަޅު އެޅެމުން އެ ދިޔައީ އެ ގެއަށްވުރެ ވެސް އަނދިރި ޙަޔާތެއްގެ ތެރެއަށް ކަމެއް ޔޫނުސްއަކަށް ރޭކާއެއްނުލައެވެ. އެ ގޭގެތެރެއިން އޭނައަށް ދިމާވީ ގޯސް ބަޔަކާކަން ޔޫނުސްއަށް ޔަޤީންވިއެވެ. އެންމެ ފުރަތަމަ ޔޫނުސް އުޅުނީ ވީހާވެސް އަވަހަކަށް އެ މީހުންނާއި ދުރަށްދާށެވެ. ނަމަވެސް އެ މީހުންގެ އަތުގައި ހުރި ފައިސާ ފެނިފައި ޔޫނުސް ހެވާއި ނުބައި ގެ މަތިން ހަނދާން ނެތުނެވެ. އަދި އޭނަ އެ މީހުން ބުނި ގޮތަށް ކަންތައް ކުރަން ފެށިއެވެ. މައްސަރެއްވެސް ނުވަނީސް އޭނައަށް ކުރިން ދުވަހަކުވެސް ނުލިބޭ ވަރަށް ފައިސާ ލިބެން ފެށިއެވެ. ޔޫނުސް އޭނަގެ ދެ ވަޒީފާއިން ވެސް ކެނޑުނީ އޭނަގެ އާ "ވަޒީފާ"އަށް ސަމާލުކަން ދިނުމަށްޓަކައެވެ.

ޔޫނުސް މާ ގިނަ ފައިސާ ގެއަށް ގެންނަން ފެށުމުން ޝަހީމާ ޙައިރާންވާން ފެށިއެވެ. ޔޫނުސް ޝަހީމާ ގާތު ބުނާހާވެސް އެއްޗަކީ މާ ބޮޑަށް ވިސްނަން ނުޖެހޭ ކަމަށެވެ. އޭނަ އޭނައަށް ލިބުނު ފައިސާއިން ގޭގެތެރޭގައި އިތުރު ބޮކިތައް ލައި ގޭގައި ތަރުފާލުވެސް އެޅިއެވެ. ގޭގެ ފަންކާއެއް ނެތް ކޮޓަރީގައި ފަންކާއެއް ވެސް ލައި އެ ކޮޓަރީގައި ކުލަ ވެސް ލިއެވެ. މި ކަންތައް ފެނިފައި ޝަހީމާ އުފާވުމުގެ ބަދަލުގައި އޭނައަށް ހުރެވުނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ކޮންމެވެސް ގޯހެއް އެބަވާކަމަށް އޭނަގެ ހަވަނަ ޙިއްޞު ބުނަމުން ދިޔައެވެ.

ކުރީކޮޅު ޔޫނުސް އޭނަގެ ބައިވެރިންނާއެކީ މަސްތުވާތަކެތީގެ ވިޔަފާރިކުރަމުން ދިޔައީ އޮމާންކަމާއި އެކީގައެވެ. ޔޫނުސް މި ކަމުގައި ބައިވެރިވިތާ 2 މަސް ވީއިރު ވެސް އޭނަ މަސްތުވާތަކެތި ބޭނުމެއް ނުކުރެއެވެ. އޭނަ ދެކުނު ގޮތުގައި މަސްތުވާތަކެތި ބޭނުން ކުރަން ފަށައިފިއްޔާ އޭނައަށް ލިބޭ ފައިސާ މަދުވާނެއެވެ. އޭނަގެ ބައެއް ބައިވެރިން އެ ގޮތަށް ފައިސާ މަދުވުމުގެ ސަބަބުން ރަށުގެ އެކި ތަންތަނުން ވައްކަން ވެސް ކުރެއެވެ. ޔޫނުސް އެ ފަދަ މަޤާމަކަށް ދާކަށް ބޭނުމެއްނުވިއެވެ. އޭނަ ބޭނުންވީ ހަމައެކަނި ފައިސާއެވެ. އޭނަ މަސްތުވާތަކެތި ބޭނުން ނުކުރާތީ އޭނަ ފުދޭވަރަކަށް ރަނގަޅުކަމަށް އަމިއްލަ ނަފްސަށް ވިސްނައިދެމުން ދިޔައެވެ. ކޮންމެއަކަސް އެއްރެއަކު ޔޫނުސްގެ ބައިވެރިއަކު އޭނައަށް އެތިފޮދެއް ދިއްކޮއްލިއެވެ. ޔޫނުސް އިންކާރު ކުރިއެވެ. ނަމަވެސް އޭނަގެ ހުރިހާ ބައިވެރިން އެކީގައި އޭނަ ގާތު އަޖުމަ ބަލާލުމަށް އެދުނެވެ. ޔޫނުސް އެރޭ އޭނަ ދުވަހަކުވެސް ނުކުރަން ނިންމައިގެން ހުރި ކަމެއްކުރީ އެއްފަހަރު ކުރިއަސް އެކަމަށް ދެވިނުހިފާނެހެން އޭނައަށް ހީވީތީވެއެވެ. އެހެނަސް އެ ވެގެން ދިޔައީ ކުށް ހީއަކަށެވެ. ދުވަހަކަށް ދުވަހަކަށް ޔޫނުސް މަސްތުވާތަކެތި ބޭނުންކުރާ މިންވަރު ގިނަވަމުން ގޮސް ޔޫނުސްއަށް އެއާއި ނުލާ ނުއުޅެވޭ ވަރު ވިއެވެ. މަސްތުވެފައި ހުއްޓާ ޔޫނުސް ގެއަށް އައި ފުރަތަމަ ރޭ ޝަހީމާ ރުއެވެ. އޭގެ އަނެއްދުވަހު ޔޫނުސް ގެއިން ބޭރުވިޔަ ނުދިނުމަށްޓަކައި ޝަހީމާ ޔޫނުސްއަށް ހުރަސް އަޅަން އުޅުނެވެ. ޝަހީމާ އާދޭސްކުރުމުގެ ގޮތުން ޔޫނުސްގެ ކުރިމަތީގައި ދެއަތް ޖޯޑުކޮށް ބޯހޫރުވިއެވެ. އެކަމުން ޔޫނުސްގެ ހިލަ ހިތަށް އަސަރެއް ނުކުރިއެވެ. އޭނަ ޝަހީމާ ކޮއްޕައި ވައްޓާލަމުން ގެއިން ނިކުމެގެން ދިޔައެވެ. މިއީ ކޮންމެ ދުވަހެއްގެ އާދައަކަށްވާން ފެށިއެވެ. ޔޫނުސް އޭނަގެ މަންމައެއް ވާކަން ވެސް ހަނދާން ނައްތާލި ފަދައެވެ. އޭނަ މަންމައާއެކީ މި ރަށަށް އައިއިރު ކަނޑައެޅި ޢަޒުމްތަކުގެ މަތިން ވެސް ހަނދާން ނައްތާލައިފިއެވެ. މިހާރު އޭނަގެ ދިރިއުޅުމުގައި އޮތީ ހަމައެކަނި އެކައްޗެއް ހޯދުމުގެ މަޤްޞަދެވެ. އެ މަޤްޞަދު ޙާޞިލް ކުރުމަށްޓަކައި ޔޫނުސް ޝަހީމާގެ ކައިރިން ވެސް ފައިސާއަށް އެދެން ފެށިއެވެ. ޝަހީމާ ފައިސާ ނުދޭން އުޅުމުން ޔޫނުސް ޝަހީމާއަށް އަނިޔާކުރަން ފެށިއެވެ. އެއްދުވަހު ޝަހީމާގެ ކޯތާފަތް މައްޗަށް ހޫނު އެތިފަހަރެއް ވިއްލާލިއްޔާ އަނެއްދުވަހު ޝަހީމާގެ އިސްތަށިގަނޑުގައި ހިފައި ދަމާލައެވެ. ޔޫނުސް ޝަހީމާއަށް ދެމުން ދިޔަ އަނިޔާ އެންމެ ކައިރިން ފެންނަމުން ދިޔައީ އެމީހުންގެ ގޭގެ ކުރިމަތީގައި އުޅޭ ޝަރީފަށެވެ. ޝަހީމާ ހިކި އަނަރޫފަވެ މޫނުގެ އެކި ތަންތަން ނޫފަންގަނެގެން ދިޔައީ ޔޫނުސް ނޫން މީހެއްގެ ސަބަބުން ނޫންކަން ޝަރީފަށް އެނގެއެވެ. ޝަހީމާއަށް އެހީވުމުގެ ގޮތުން ޝަރީފް އޭނައަށް ފައިސާގެ އެހީ ދެއެވެ. ޔޫނުސް ވައްކަމުގެ މައްސަލައެއްގައި ޖަލަށް ދިޔުމުން ޝަރީފް އޭނަގެ ފަހަރި ޝަކީލާ ގާތު އެދިގެން ޝަހީމާއަށް ކާ އެއްޗެހި ގެންގޮސްދެމުން ދިޔައީ ހިތުގައި އުފެދުނު ޙަމްދަރުދީއެއްގެ ސަބަބުންނެވެ. ޝަހީމާގެ ޙާލު ފެނިފައި ޙަމްދަރުދީ ނުވާ މީހަކު މަދެވެ. ޝަކީލާއާއި އަވަށްޓެރި ގެތަކުގައި އުޅޭ އެހެން މީހުން ވެސް ޝަހީމާއަށް ޒިޔާރަތް ކުރަމުން ދިޔައެވެ. ގިނަ ދުވަހަށް ރަނގަޅު ކާނާއެއް ނުލިބި މެދުކެނޑުމެއްނެތި ހިތާމައިގައި އުޅެންޖެހުމުން އޭނައަށް ރަނގަޅަކަށް ނުވެސް ކެވެއެވެ. ރަށުގެ ޞިއްޙީ މަރުކަޒުގައި އޭނަ އެނދުމަތި ކުރެވުނީ ވެސް އަވަށްޓެރި ގެތަކުގެ އެކި މީހުންގެ އެހީގައެވެ. އެނދުމަތިކޮށްފައި އޮތް އިރު ވެސް އޭނަ ރޮމުން ދިޔައީ އޭނަގެ ދަރިފުޅު މަތިން ހަނދާން ވާތީވެކަން އޭނަގެ ޙަރަކާތްތަކުން އެންމެނަށް އެނގުނެވެ.

 2 މަހެއްހާ ދުވަސްފަހުން ޔޫނުސް ޖަލުން ދޫކޮއްލެވުނެވެ. ޔޫނުސް މިފަހަރު ބޭނުންވީ އޭނަ ދެންފަހަރަކުން ޖަލަށްދާން ނުޖެހޭނެ ފަދަ ގޮތަކަށް ކަންތައް ކުރާށެވެ. އެހެންކަމުން އޭނަ މިފަހަރު ޖަލުން ނިކުމެގެން އައީ ޞާލިޙު މީހެއްކަމަށް ހެދިގެންނެވެ. އޭނަ ޝަހީމާ ގާތު މަޢާފަށް އެދުނީ ވަކި ކުރެވުނު އެންމެ ކަމަކާމެދު ވެސް ހިތާމަ ކުރެވުނީތީވެއެއްނޫނެވެ. އޭނަ ބަދަލުވެއްޖެކަން އެންމެނަށް ދެއްކުމަށްޓަކައެވެ. ޝަހީމާ ޔޫނުސްގެ ގައިގައި ބައްދާލީ ޔޫނުސްގެ ހިތް އޮތީ ދެލިގަނޑެއް ފަދައިން ކަމެއް ނޭނގިއެވެ.

އެހެންކަމުން އޭނަ ޝަރީފް ގާތު އާދޭސްކޮށްގެން ޝަރީފްގެ ފިހާރައިގައި މަސައްކަތް ކުރަން ފެށިއެވެ. އޭނަ ކޮންމެ ދުވަހަކު ވެސް ވަތްގަނޑުން ނަގަމުން ދިޔައީ މަދު މިންވަރެކެވެ. އެ ފައިސާކޮޅު ހިފައިގެން އޭނަ އޭނަގެ އެއްކަލަ ބައިގަނޑުގެ ތެރެއަށް ގޮސް މަސްތުވާތަކެތި ބޭނުން ކުރެއެވެ. ޝަރީފްއަށް ޝައްކުނުވާނެހެން ޝަރީފް ވަތްގަނޑު ބަލަން އަންނަ ކޮންމެ ފަހަރަކު ޔޫނުސް އޭނަގެ އަމިއްލަ "ވިޔަފާރިން" ލިބޭ ފައިސާގެ ބައެއް ވަތްގަނޑަށް އަޅައި ފަތުރާލައެވެ. ޝަރީފް ވަތްގަނޑު ބަލާ ކޮންމެ ފަހަރަކު އޭނައަށް ހީވަމުން ދިޔައީ ވިޔަފާރި އިހުނަށްވުރެ ރަނގަޅުވަމުން ދިޔައީހެންނެވެ. އެހެންކަމުން އޭނަ ފަހުން ވަތްގަނޑު ނުވެސް ބަލައި ހުއްޓާލިއެވެ. ޔޫނުސްއަށް ކުރެވުނު އިތުބާރެއްގެ ބޮޑުކަމުންނެވެ. އެ އިތުބާރު ގެއްލިގެން ދިޔައީ އެއްދުވަހު ޔޫނުސް ފިހާރައިގައި އިނދެ އޭނަގެ ބައިވެރިންނާއެކު ޝަރީފްގެ މޮޔަކަމުގެ ވާހަކަ ދައްކައި ސަމާސާ ކުރަމުން ދިޔަ އަޑު ޝަރީފަށް އިވުނު ދުވަހުއެވެ. އެ ދުވަހު ޔޫނުސް އަނެއްކާވެސް ޖަލަށްދާން ޖެހުނެވެ. މަދު ދުވަސްކޮޅެއްގެ ތެރޭގައި ދެންވެސް ޔޫނުސް ރަށުތެރެއިން ފެނިގެން ދިޔައީ ޞާލިޙު މީހެއްގެ ގޮތުގައެވެ. އެއަށްވުރެ ވެސް އަވަހަށް ޔޫނުސް އަނެއްކާވެސް އެންމެ ނުބައި މީހުންނާއެކީ އުޅޭތަން ފެންނަން ފެށިއެވެ.

ކަންތައް މި ގޮތަށް ތަކުރާރުވަމުން ދާތާ އެއްއަހަރު ވީއިރުވެސް ޝަހީމާ އުއްމީދު ކަނޑާނުލައެވެ. އަދިވެސް ކޮންމެވެސް އެއްދުވަހަކުން ޔޫނުސް ރަނގަޅުވާނެ ކަމަށް ޝަހީމާގެ ހިތް ބުނަމުން ދިޔައެވެ. ޝަހީމާގެ ހިތުގައި ޔޫނުސްއަށްޓަކައި ވި ލޯބި ކުޑަ ތަންފުކެއްވެސް މަދެއްނުވެއެވެ. ޔޫނުސް އޭނައަށް އަނިޔާކުރަނީ ގަޞްދުގައެއް ނޫންކަމުގައި ޝަހީމާގެ އެ ހިތް ބުނެއެވެ. ޔޫނުސްއަށް ވިސްނުނު ދުވަހަކުން އޭނަ އެ އަނިޔާ ވެސް ނުކުރާނެކަމަށް ޝަހީމާ ޔަޤީންކުރެއެވެ.

އެއްދުވަހުގެ ހަވީރު ވަގުތު ޝަހީމާ ގޭގެ ބަދިގޭގައި އެކަނި ހުއްޓާ ދެ ފިރިހެނަކު ގޭގެ ދޮރުގެ ތަޅު ހަލާކުކޮށް ގޭގެތެރެއަށް ވަދެގެން އައި އަޑު އިވުނެވެ. ޝަހީމާ ގޮސް ބަލާލިއިރު އެއީ ޔޫނުސްގެ ބައިވެރިން ކުރެން ދެ މީހުންނެވެ. އެ މީހުން ތިބީ ރުޅި އައިސްފައެވެ.

"ކޮބައިތަ ޔޫނުސް؟" އޭގެ ތެރެއިން ބިޔަކޮށް ހުރި މީހާ ހަރު އަޑުން އަހާލިއެވެ. އެވަގުތު އޭނަގެ ކައިރީގައި ހިކިކޮށް ހުރި ފިރިހެން ކުއްޖާ ގޭގެ އެކި ކޮޓަރިތަކުގެ ދޮރު ހުޅުވައި ބަލަން ފެށިއެވެ. ޝަހީމާ އެއްފަހަރު އެކުއްޖާއަށް އަނެއްފަހަރު ފިރިހެން މީހާއަށް ބަލައި އޭނަގެ އެއްއަތުގެ ޢިޝާރާތުން ކިހިނެއްވީތޯ އަހާލިއެވެ.

"އޭނަ އަހަރުމެންގެ ހުރިހާ ފައިސާއަކާއި ކާރު ވަގަށް ނަގައިފި. މިތާތަ އޭނަ ފިލާފަ އޮތީ؟" އެ މީހާ ހަރުކަށި ގޮތަކަށް ސުވާލުކުރި ގޮތުން ޝަހީމާގެ ހިތަށް ބިރުވެރިކަމެއްވަނެވެ. ޝަހީމާ ވަކި ޙަރަކާތެއް ނުކޮށް ހުއްޓާ އެއްކަލަ ފިރިހެން ކުއްޖާ ކާގޭގެ ދޮރު ކައިރީގައި އޭނަގެ ފޯނަށް ބަލަހައްޓައިގެން ހުރެ ވާހަކަ ދެއްކިއެވެ.

"އޭ ޢަލީ! މާޒްގެ މެސެޖެއް. ތާރު މަގުން ޔޫނުސް ކާރު ދުއްވާފަ ދިޔަތަން ތިމަންނަ ދުށީމޭ. މިހާރު މި ދަނީ އޭނަ ފަހަތުންނޭ." އެ ކުއްޖާ ބުނެލިއެވެ.

"އެހެންތަ؟ ހިތުން ފަރި ދެއްކެންތަ އަދި ތާރު މަގުން ވަގަށް ނެގި ކާރެއް ދުއްވާފަ އެ ދަނީ؟ މިއަދު ހަމަ މަރާލާނީ އަތުގަ ޖެހޭ އިރަކުން. އޭނަގެ އުދަގޫ ވަރަށް ބޮޑުވެއްޖެ. ހިނގާ!" ޢަލީ ބާރަށް އަމުރެއް ދެމުން ގެއިން ނިކުންނަން ހިނގައިގަތެވެ. އޭނައާއި އެކީގައި އައި ފިރިހެން ކުއްޖާ ވެސް ފަހަތުން ދިޔައެވެ. އެ މީހުން ދެއްކި ވާހަކަތައް އިވިފައި ޝަހީމާއަށް ގޮތް ހުސްވެފައި އިރުކޮޅަކު ހުރެވުނެވެ. ޔޫނުސް މަރާލާނީ ކަމަށް އެމީހުން ބުނި ވާހަކަ ކަންފަތުގައި ގުގުމުމުން ޝަހީމާ ތެޅިގެންފިއެވެ. އޭނަ ބަދިގެއަށް ގޮސް ބަދިގޭގެ ކަބަޑުތަކުގެ އެކި ވަތްގަނޑުތައް ހުޅުވަމުން ގޮސް އޭގެއިން ވަތްގަނޑަކުން ފޯނު ނަންބަރުތައް ޖަހާފައި ހުރި ގަނޑެއް ނެގިއެވެ. އެއަށްފަހު އެ ގަނޑު ހިފައިގެން ގެއިން ނިކުމެގެން ގޮސް ޝަރީފްގެ ގެއަށް ދިޔައެވެ. ޝަހީމާ އެ ގަނޑުން ޝަރީފަށް ޔޫނުސްގެ ނަމުގެ ކައިރީގައި އޮތް ނަންބަރު ދައްކާލަމުން އެ ނަންބަރަށް ގުޅުމަށް އަތުން ޢިޝާރާތް ކުރިއެވެ. ޝަރީފް ކިހިނެއްވީތޯ އެހުމުން ޝަހީމާގެ ލޮލުން ހޯސްލާފައި ކަރުނަ އަންނަން ފެށިއެވެ. ޝަރީފް އިތުރު ސުވާލުތަކެއް ނުކޮށް ޔޫނުސްގެ ނަންބަރަށް ގުޅީ ބޮޑުކަމެއް ދިމާވެގެން އުޅޭހެން ހީވުމުންނެވެ. ނަމަވެސް ފޯނު އެތައް ފަހަރަކު ރިންގުވުމުން ވެސް އެކޮޅުން ފޯނު ނުނެގުމުން ޝަރީފް ކަންފަތުން ފޯނު ނަގައި ޝަހީމާއަށް އެކަން އެންގިއެވެ. ޝަހީމާ ރޮމުން އެގެއިން ނިކުންނަން ދިޔައެވެ. ޝަރީފް ޝަހީމާއަށް ގޮވަމުން ފަހަތުން ދިޔައެވެ.

އޭނަގެ ގެ ހުންނަ މަގުން ޔޫނުސް ދުއްވާފައި ދިޔަ ހުދުކުލައިގެ ކާރުގެ ސްޕީޑް މިނެޓަކަށްފަހު މިނެޓަކަށް އިތުރުވަމުން ދިޔައެވެ. މިހާތަނަށް އޭނަގެ ފަހަތުން އަންނަމުން ދިޔަ ތިން ސައިކަލު ވެސް ވީ ވަރަށް ފަހަތުގައެވެ. ޔޫނުސް ދުއްވަމުން ދިޔައީ އެ މީހުންގެ އަތު ނުޖެހެން ކަމެއް ނުވަތަ ނޫންކަމެއް ޚުދު ޔޫނުސްއަކަށް ވެސް ނޭނގެއެވެ. ޙަޔާތުގައި ފުރަތަމަ ފަހަރަށް ކާރެއް ދުއްވަން ލިބުނީތީ އޭނައަށް މަޖާވަމުން ދިޔައެވެ. މިކަން ނިމުމުން އޭނަ ދެން ބޭނުންވާނީ މަސްތުވާށެވެ. ޔޫނުސްގެ ޖިންސްގެ ޖީބުގައި އޮތް ފޯނު ރިންގުވަމުން ދިޔައެއްކަމަކު އޭނަ އެ ނަގާ ހިތެއްނުވިއެވެ. އޭނަ ކުރާ ހިތްވަނީ ކޮންކަމެއްބާވައޭ ޔޫނުސްގެ ހިތަށް ބައެއްފަހަރު އަރައެވެ. ވަގުތީ އުފާތައް ހޯދަމުން ހޯދަމުން ގޮސް އުފަލުގެ މާނައަކީ ކޮބައިކަން ވެސް އޭނައަށް އޮޅިއްޖެއެވެ. އަމިއްލަ އެދުން ފުއްދުމަށްޓަކައި އެހެން މީހުންނަށް އަނިޔާ ދެމުން ގޮސް އޭނަ ދުވަހަކުވެސް ދަހިވެތިނުވާ ވަރަށް ދަހިވެތިވެއްޖެއެވެ. ޚުދު އޭނަ އަމިއްލައަށް އެކުވެރިން ކަމަށް ބެލި މީހުންގެ އަތުން ވެސް އޭނައަށް ވައްކަން ކުރެވެން ފަށައިފިއެވެ. އެމީހުންނަށް ގެއްލުން ދެވެން ފަށައިފިއެވެ. އޭނަގެ ދިރިއުޅުން އޮންނަންޖެހެނީ ހަމަ މިހެން ހެއްޔެވެ؟ ކުރިމަތިން އަވަސްއަވަހަށް ބަދަލުވަމުން ދިޔަ މަންޒަރަށް ބަލަން އިނދެ ޔޫނުސްއަށް ވިސްނާލެވުނެވެ. ޔޫނުސްގެ ސަމާލުކަން މަގަށް ނުދެވި ހުއްޓާ އޭނައަށް ހަމަ ހޭވެރިކަމެއް ލިބުނީ ސީދާ އޭނަގެ ކާރު ކުރިމައްޗަށް މީހަކު އައިހެން ހީވުމުންނެވެ. ރަނގަޅު ވަގުތަށް ކާރު މަޑު ނުކުރެވޭނެހެން ހީވި ވަގުތު ޔޫނުސްގެ މޭގަނޑު އަތަށްއައެވެ. ޔޫނުސްއަށް ދެލޯ މަރާލަމުން ކުއްލިއަކަށް ބުރަކި ޖައްސާލެވުނެވެ.

Comments

Popular posts from this blog

Arabic Pronouns (dhameer)

Harf of Nasb (English + Dhivehi)

Mudhaaf-mudhaaf ilaihi and pronouns (English lesson)