Hijra (part 8)


އޭގެ އަނެއްދުވަހުގެ ރޭގަނޑަށް އަނދިރިވަމުން ދިޔައީ ކެތްމަދުވެފައިވާ ދެހިތެއްގެ އިންތިޒާރަށް ނިމުމެއް ގެންނަމުންނެވެ. އެރޭގެ 8 ޖެހި ވަގުތު ރީތިވާ މޭޒުގެ ލޯގަނޑުން އޭނަގެ އަމިއްލަ ސޫރައަށް ބަލަހައްޓައިގެން ހުރި ޔޫނުސްގެ ދެއަތް ފިނިވެފައިވިއެވެ. އޭނަ ދެއަތް ވަކި ހިސާބަކަށް އުފުލައި ބަލާލިއިރު އެ ދެއަތުންވަނީ ފެން ހެލިފައެވެ. ޔޫނުސް އަވަސްއަވަހަށް އޭނަގެ ދެއަތް ޖިންސްގައި ފޮހެލިއެވެ. އެއަށްފަހު ލޯގަނޑަށް ބަލާލަމުން ފުން ނޭވައެއް ދޫކޮށް އޭނަގެ ކުރުވެފައިވާ ނޭވާ ހަމައަކަށް އެޅޭތޯ ބެލިއެވެ. އޭނަ ބޮލުގަ ފުނާ އެޅީ ދެންމެ ކަމުގައިވީ ނަމަވެސް އޭނަ އަނެއްކާވެސް ދެއަތުން އިސްތަށިގަނޑު މައްޗަށް ކަހާލިއެވެ. އެއަށްފަހު ލުއި ހިނިތުންވުމަކާއެކީ އަމިއްލަ ނަފްސަށް ބަލާލީ ހިނިތުންވުމުގެ ފަރިތަކުރުމެއްގެ ގޮތުންނެވެ. އެއަށްފަހު އޭނަ ކޮޓަރިން ނިކުންނަން ދިޔައެވެ.

ގޭގެ ދޮރުވަނީ ތަޅުލެވިފައި ކަމަށްވިޔަސް ސިޓިންގް ރޫމުގައި ވަކިން ހުރި ސޯފާއެއްގައި އިން ނަޞްރާ އިނީ މޫނު ނިވާކޮށްގެންނެވެ. އޭނަ އިރުއިރުކޮޅާ ގޭގެ ދޮރާއި ދިމާލަށް ބަލަމުން ދިޔައީ ހަމަ ދެންމެ ދެންމެ ޔޫނުސް އައިސްދާނެއޭ ހިތް ބުނަމުން ދިޔައީތީވެއެވެ. އޭނަގެ އެ ހިތް މޭގައި އޮވެ ބާރަށް ތެޅެމުން ދިޔައެވެ.

ކުދިން ކުދިން ކެތްމަދުވާހެން ހާދަހީވޭ.” ކޮޓަރިން ނިކުމެގެން އައި ސަދަފް ހިނިތުންވުމެއްގައި ހުރެ ރާގަކަށް ބުނެލިއެވެ. ނަޞްރާ ބަދަލުގައި ސަދަފްއަށް ބަލާލަމުން ދެލޯ ހަނިކޮށްލައިފިއެވެ. ސަދަފްއަށް ހެވިއްޖެއެވެ.

އޭނަ ނުވެސް އަންނަނީސް މޫނު އަޅައިގެންތަ ތި ހުންނަނީ؟ އޯންވް……” ސަދަފް ނަޞްރާއާއި ހަމަކޮށް އެހެން ބުނެލަމުން ފޮތިކޮޅު މަތިން ނަޞްރާގެ ދެކޮލުގައި ހިފައި ދެފަރާތަށް ހަލުވަން ފެށިއެވެ. އޭނަ ހިނިތުންވާކަން ސަދަފްއަށް ނޭނގޭނެކަން އެނގިހުރެވެސް ނަޞްރާއަށް އޭނަގެ ހިނިތުންވުން ކޮންޓްރޯލްކުރަން މަސައްކަތް ކުރެވުނެވެ.

އާޒް ކޮބައިތަ؟ ނިދައިފި؟” މަޢުޟޫއު ބަދަލުކޮށްލުމުގެ ގޮތުން ނަޞްރާ އަހާލިއެވެ.

ހޫމް.މިއީ ކުޑަކުދިންގެ ޖަލްސާއެއްނޫން. އަފޫވެސް ހުރީ ޓިއުޝަނަށް ގޮއްސަ. ރަނގަޅެއްނުދޯ؟” ސަދަފް ނަޞްރާގެ ކޮލުން ދޫކޮއްލަމުން ބުނެލިއެވެ. ނަޞްރާއަށް ބޯޖަހާލެވުނެވެ. އޭނަ މިރޭ ޔޫނުސްއާ ދައްކަން ބޭނުންވާ ވާހަކަތައް އޭނަ އަފްރީން ހުއްޓާ ދައްކާކަށް ބޭނުމެއްނޫނެވެ. އެއީ އެ ވާހަކަތަކަކީ އަދި އަދަށްދާން ދެންވެސް އަފްރީންއަށް ފޮރުވިފައިވާ ވާހަކަތަކެވެ. ކަންމިހެން އޮތްވާ އަފްރީންއަށް އެ ވާހަކަތައް އިވޭ ފުރަތަމަ ފަހަރަކީ އޭނަ ހިލޭ މީހަކަށް ކިޔައި ދޭއިރު ކަމުގައި ވާކަށް ނަޞްރާ ބޭނުމެއްނުވެއެވެ. ނަޞްރާ ވިސްނުމެއްގެ ތެރެއަށް ގެއްލިފައި ހުއްޓާ ގޭގެ ދޮރުގައި ޓަކިދިން އަޑުއިވުނެވެ.

އައްސަލާމުޢަލައިކުމް.” ބޭރުން އިވުނީ ޔޫނުސްގެ އަޑެވެ. އެ އަޑު އިވިފައި ނަޞްރާގެ ނަޒަރު ދޮރަށް ހުއްޓުނެވެ. އޭނަގެ ހިތް މިފަހަރު ތެޅެން ފެށީ މޭފަޅާފަ ނިކުމެދާނެހެން ހީވާ ވަރަށެވެ. ނަޞްރާ ހުރިގޮތަށް ހުއްޓާ އަފްރާޒްއާއި ޝަރީފްވެސް ތައްޔާރުވެގެން އެމީހުންގެ ކޮޓަރިތަކުން ނިކުމެފިއެވެ. ސަދަފް އޭނަގެ މޫނު ނިވާކުރަމުން އަފްރާޒްއަށް ގޮވައި ދޮރާއި ދިމާލަށް ބޮލުން ޢިޝާރާތް ކުރިއެވެ. އެވަގުތު ޔޫނުސް އަނެއްކާވެސް ސަލާން ގޮވާލި އަޑު އިވުނެވެ. އަފްރާޒްއާއި ޝަރީފްގެ މޫނުމައްޗަށް ވެސް ހިނިތުންވުންތަކެއް ވެރިވިއެވެ.

ވަޢަލައިކުމުއްސަލާމް.” ޖަވާބު ދެމުން އަފްރާޒް ދިގު ފިޔަވަޅުތަކެއްގައި ގޮސް ދޮރު ހުޅުވާލިއެވެ. ދޮރުމަތީގައި ހުރި ޔޫނުސް އަފްރާޒް ފެނިފައި ހިނިތުންވެލިއެވެ. އަފްރާޒް ފުންވެގެން ދިޔަ ހިނިތުންވުމަކާއެކީ ޔޫނުސްގެ ގައިގައި ބައްދާލިއެވެ. ޔޫނުސްވެސް އަފްރާޒްގެ ގައިގައި ބާރަށް ހިފަހައްޓާލިއެވެ.

އަވަހަށް ވަދޭ.” އަފްރާޒް ޔޫނުސްއާ ދުރުވެލަމުން ޔޫނުސް އޭނައަށް ދިން ފަދަ މަރުޙަބާއެއްދިނެވެ. ޔޫނުސްއަށް އެކަން ފާހަގަވުމުން އޭނައަށް ލުއި ގޮތަކަށް ހީލެވުނެވެ. އެ ހީލުމުގެ ތެރެއިން އޭނައަށް ގޭތެރޭގައި ތިބި މޫނުބުރުގާ އަޅައިގެން ތިބި ދެ އަންހެނުން ފެނުނެވެ. އެކަކު ސޯފާގެ ކައިރީގައި ކޮޅަށް ހުރިއިރު އަނެކަކު ގޭގެތެރެއަށް ދާން ހިނގައިގެންފިއެވެ. ނަޞްރާއަކީ އޭނަ ބަލާލުމުން އިސްޖަހާލި، ސޯފާގެ ކައިރީގައި ހުރި އަންހެން ކުއްޖާކަން ޔަޤީންވުމުން ޚުދު ޔޫނުސްއަށް ވެސް ޙައިރާންކަމެއް ލިބުނެވެ. ޔޫނުސް ގަދަކަމުން ކަހަލަ ގޮތަކަށް ޝަރީފްއާއި ދިމާލަށް އޭނަގެ ނަޒަރު ބަދަލުކޮށްލިއެވެ.

ޔޫނުސް އާދޭ އަވަހަށް މިތާ އިށީންނަން.” ޝަރީފް އެތާނގައި ހުރި ސޯފާގައި ދެފަހަރަކު ޖަހާލަމުން ބުނެލިއެވެ. އެ ވަކިން ހުރި ސޯފާހުރީ ނަޞްރާއާއި ސީދާ ކުރިމަތީގައެވެ. ޔޫނުސް ވަކި އެއްޗެކޭ ނުބުނެ ނަޞްރާއަށް ނުބަލަން މަސައްކަތް ކުރަމުން އެ ސޯފާގައި އިށީނެވެ. ޝަރީފްއާއި އަފްރާޒް މެދުގައި ހުރި ދިގު ސޯފާގައި ގޮސް އިށީނެވެ. އެވަގުތު ސަދަފް ތަބަކެއްގައި ކޮފީއާއި ކޭކު ހިފައިގެން އައިސް ދިގު ސޯފާގެ ކުރިމަތީގައި ހުރި މޭޒުމަތީގައި ބެހެއްޓިއެވެ.

ޔޫނުސްއަށް އަނެއްކާ އެބަ އިނގޭތަ ނަޞްރާއަކީ ކާކުކަން؟” ޝަރީފް ސަމާސާ ރާގަކަށް ސުވާލުކުރިއެވެ.

ހްމް..” ޔޫނުސް އެހެން ބުނެލީ ސީދާ ނަޞްރާއާއި ދިމާލަށް ބަލަހައްޓައިގެން ހުރެއެވެ. ނަޞްރާގެ ދެލޯ ކުއްލިއަކަށް އޭނައަށް އަމާޒުވިގޮތުން ނަޞްރާ ޙައިރާންވެއްޖެކަން ޔޫނުސްއަށް ނަގައިގަނެވުނެވެ. އޭނަ ލުއި ހިނިތުންވުމަކާއެކީ އިސްޖަހާލިއެވެ.

ދެން އިންނަންވާ ކުއްޖާ އެނގިގެންތާދޯ އަންނާނީ ވެސް؟” އަފްރާޒް ހެވިފައިހުރެ ބުނެލިއެވެ. ޔޫނުސްއާއި ޝަރީފް ލުއިގޮތަކަށް ހީލިއެވެ. އެވަގުތު ސަދަފް އަފްރާޒްގެ ކައިރީގައި ސޯފާގެ ފުރަގަހުގައި މަޑުކޮށްލިއެވެ. އަދި އަތުގެ ޢިޝާރާތުން ނަޞްރާގެ ސަމާލުކަން ހޯދޭތޯ ބެލިއެވެ. އެއްލި ކަޅިއަކުން އެ މަންޒަރު ފެނުނު ނަޞްރާ ސަދަފްއަށް ބަލާލިއެވެ. ސަދަފް ދެން ޢިޝާރާތް ކުރީ މޫނު ފޮތިކޮޅު ނަގާލުމަށެވެ. ނަޞްރާ ދެލޯ ބޮޑުކޮށްލަމުން ކުޑަކޮށް ބޯހޫރުވާލިއެވެ. ސަދަފް ވެސް ބޯހޫރުވާލަމުން އަނެއްކާވެސް އޭނަގެ އެ ޢިޝާރާތް ތަންކޮޅެއް ހަރުކަށިކޮށް ދެއްކިއެވެ. ނަޞްރާއަށް ވެސް މިފަހަރު ބޯހޫރުވާލެވުނީ ތަންކޮޅެއް ބޮޑަށެވެ. ހުނުން ކޮންޓްރޯލް ކޮއްލި ޔޫނުސްއަށް އެ މަންޒަރު ފެނުނެވެ. އޭނަ ފަނޑުވަމުން ދިޔަ ހިނިތުންވުމަކާއެކީ އެއްފަހަރު ނަޞްރާ އަނެއްފަހަރު އޭނަ ބަލަހައްޓައިގެން ހުރި ސަދަފްއަށް ބަލާލިއެވެ. އެއާއެކު ޔޫނުސްއަށް މިވާ އެއްޗެއް ނަގައިގަނެވުނެވެ.

މައްސަލައެއްނެތް މޫނު ނުދެއްކިއަސް.” ޔޫނުސް ކުއްލިއަކަށް ބުނެލި ވާހަކައިން އެންމެންގެ ނަޒަރު އޭނައަށް އަމާޒުވިއެވެ. ޔޫނުސް ބުނި އެއްޗެއް ނަގައިގަނެވުނު ނަޞްރާގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. އޭނަ ފުން ނޭވައެއް އެތެރެއަށް ދަމައި މަޑުމަޑުން ދޫކޮއްލައިފިއެވެ. އަދި ސަދަފްއަށް ބަލާލީ ކާމިޔާބުގެ ހިނިތުންވުމަކާއެކީގައެވެ. އެ ހިނިތުންވުން ނުފެނުނަސް ނަޞްރާ ހުންނާނީ އެ ފަދަ ހިނިތުންވުމެއްގައިކަން ސަދަފްއަށް އެނގުނެވެ. ސަދަފްއަށް ހިތާހިތުން ނަޞްރާއަށްޓަކައި އުފާކުރެވުނެވެ.

އެއީ ކީއްވެތަ ޔޫނުސް؟” އަފްރާޒް ދެބުމަ ކައިރިކޮށްފައި ސުވާލުކުރިއެވެ. ޝަރީފްވެސް ފަހަތުން ތެދެއްހޭ އަހާލިއެވެ. ޔޫނުސް ނަޞްރާއަށް ބަލާލިއެވެ. ނަޞްރާއަށް އިސްޖަހާލެވުނެވެ.

އެއީ ދެން.އަހަންނަށް ހަމަ މައްސަލައެއްނެތީ. މިރޭ މިއައީ ހަމައެކަނި ވާހަކަ ދައްކާކަށެއްނު؟” ޔޫނުސް އަފްރާޒްއަށް ބަލަންހުރެ ބުނެލިއެވެ. ނަޞްރާއަށް އަނެއްކާވެސް ޔޫނުސްއާއި ދިމާލަށް ބަލާލެވުނެވެ. އޭނަ ހީކުރީ ޔޫނުސް ނުސީދާކޮށް ވިޔަސް އެއީ އޭނައަށް ނުކެރޭތީވެކަން ބައްޕަމެންނަށް އަންގާނެ ކަމަށެވެ. ޔޫނުސް އެ ވާހަކަ ނުބުނުމުން ނަޞްރާގެ ހިތުގައި ޔޫނުސްއަށްޓަކައި އިޙްތިރާމެއް އުފެދުނެވެ. އޭނައަށް ޔޫނުސްއަށް ބަލަހައްޓައިގެން ހުރެވުނެވެ. އޭނަގެ މޫނު ފޮރުވިފައިވިކަން ނަސީބެކޭ ނަޞްރާގެ ހިތް ބުންޏެވެ. އެ ނޫންނަމަ މިރޭ އެންމެންނަށް އޭނަގެ އިޙްޞާޞްތައް ދެނެގަންނަން އެނގުނީހެވެ.

އާނ އެކަމަކު.” އަފްރާޒް ދެންވެސް ދައްކަން އުޅުނު ވާހަކަ ޝަރީފް މެދުކަނޑާލިއެވެ.

ދެން ޔޫނުސް އެ ބުނީއެއްނު އޯކޭވާނެއޭ. ދެންވެސް ދެކުދިން ވާހަކަ ދައްކަން ފަށާބަލަ ލަސްނުކޮށް.” ޝަރީފް ބުނެލިއެވެ. ޝަރީފްގެ ވާހަކަ އިވިފައި ނަޞްރާ އޭނަގެ އުނގުމަތީގައި އޮތް ދެއަތް ޖޯޑުކޮށްލަމުން ދެލޯ މަރާލިއެވެ. އޭނަ ދައްކަންޖެހޭ ވާހަކަތައް ހަނދާންވެފައި މުޅި މީހާ ފިނިވެގެން ދިޔައީ ތުރުތުރު އަޅަން ކައިރިވާ މިންވަރަށެވެ.

ޔޫނުސްއަށް އޭނަގެ ކުރިމަތީގައި ހުރި ނަޞްރާއަށް ބަލަހައްޓައިގެން އިނދެވުނީއެވެ. ނަޞްރާ އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން އޭނަ ހަމަ ވާހަކަ ފަށަންވީހޭ ހިތަށްއެރިއެވެ. ނަމަވެސް އޭނައަކަށް ދައްކަންވީ ވާހަކައެއް ނޭނގުނެވެ. އޭނައަށް ނަޞްރާ ކުރީގައި ފެނިފައި ވާ ވާހަކަ ދައްކަން ވީ ހެއްޔެވެ؟ ނަމަވެސް އެއީ މިކަހަލަ ވަގުތެއްގައި ދައްކަންޖެހޭ ވާހަކައެއްނޫނެއް ނޫންހެއްޔެވެ؟ އެ ވާހަކަ ދައްކާނީ ކައިވެންޏަށްފަހު ދެމީހުންނަށް ވެސް ލޯބިވެގެން އެއަށްފަހުގައި ނޫންހެއްޔެވެ؟ ޔޫނުސްގެ ސިކުނޑި ސުމަކަށް ދިޔައެވެ.

އެކަކުވެސް ވާހަކަ ނުދައްކާ ހުންނަން ފެށުމުން ޝަރީފް އެއްޗެކޭ ބުނަން އުޅުނުތަނާ ނަޞްރާ ވާހަކަ ދެއްކިއެވެ.

އަހަރެން ދައްކަންޖެހޭ ވާހަކައެއް އެބައޮތް.” ނަޞްރާ ހިތްވަރުކޮށްފައި ކަހަލަ ގޮތަކަށް ޔޫނުސްއަށް އޭނަގެ ނަޒަރު އަމާޒުކޮށްލަމުން ބުނެލިއެވެ. ޔޫނުސްއަށް މަޑުމަޑުން ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އެއަށްފަހު ނަޞްރާއަށް ލުއި ހިނިތުންވުމެއް ހަދިޔާކޮށްލަމުން ބޯޖަހާލިއެވެ. ނަޞްރާ އަނެއްކާވެސް އޭނަގެ ބެލުން ތިރިކޮށްލައިފިއެވެ.

އަ.ހަރެން..އަހަރެން ކް.ކުރީގަ.” ނަޞްރާ ޖެހިލުންވުމާއެކީ ފެށި ވާހަކަ ދިޔައީ ހަމައެކަނި އެހާ ހިސާބަށެވެ. އޭނައަށް ވާހަކަ ހުއްޓާލަމުން ދުރުބެލެން ފެށުނީ ލޯކުރިމަތިން މަންޒަރުތަކެއް ފެންނަން ފެށިހެން ހީވުމުންނެވެ. މީގެ އަހަރުތަކެއް ކުރިން ވި ކަންތައް އިއްޔެ ވީކަންތަކެއް ފަދައިން ހަނދާނަށް އައުމުން ނަޞްރާގެ މެއަށް ނުބައިގޮތެއްވިއެވެ.

ނަޞްރާއަށް ވީގޮތް ފެނިފައި އެންމެން ތިބީ ކަންބޮޑުވުމާއެކީ އޭނައަށް ބަލަހައްޓައިގެންނެވެ. އަފްރާޒްއާއި ސަދަފްއާއި ޝަރީފަށް ވެސް ނަޞްރާ ދައްކަން އުޅެނީ ކޮން ވާހަކައެއްކަން ނަގައިގަނެވުނެއްކަމަކު ޔޫނުސް ހުރީ ވާނުވާއެއް ނޭނގިފައެވެ. އަފްރާޒް ނަޞްރާއަށް ބަލަން ހުރެފައި ޔޫނުސްގާތު އެއްޗެކޭ ބުނަން އަނގަހުޅުވާލިއެއްކަމަކު އެ ވާހަކަ ފަށާނެ ހިސާބެއް ޚުދު އަފްރާޒްއަކަށް ވެސް ނޭނގުނެވެ. އިރުކޮޅެއް ވަންދެން މުޅި ތަނަށް ހިމޭންކަމެއް ވެރިވެފައިވިއެވެ. އެ ހިމޭންކަން އަނެއްކާވެސް ނަގާލީ ފުން ނޭވައެއް އެތެރެއަށް ދަމާލަމުން ޔޫނުސްއަށް ބަލާލި ނަޞްރާއެވެ.

އަހަރެން އެންމެ ފުރަތަމަ ކިޔަވަން ދިޔައީ ޔޫކޭއަށް. އެތަނަށް.ގްގޮއްސަ އަހަރެން..” ނަޞްރާގެ ވާހަކަ އަނެއްކާވެސް މެދުކެނޑުނެވެ. އޭނަ ދައްކާނީ ކޮން ވާހަކައެއް ހެއްޔެވެ؟ އޭނަގެ އަމިއްލަ އަބުރު އަމިއްލަ އަތުން ވެއްޔާއި މޮޑެލި ވާހަކަ ހެއްޔެވެ؟ ކިތަންމެ ރީތި ބަހުރުވައަކުން ދެއްކިއަސް ހުތުރު ވާހަކައެއް ރީއްޗެއް ނުކުރެވޭނެއޭ ބުނެ ނަޞްރާގެ އަމިއްލަ ނަފްސު އޭނައަށް މަލާމާތް ކުރިއެވެ.

ނަޞްރާއަށް ބަލަހައްޓައިގެން ހުރި ޔޫނުސް ހުރީ ނަޞްރާ ވާހަކަ ކުރިއަށް ގެންދާނެ އިރެއްގެ އިންތިޒާރުގައެވެ. އޭނަ ހީކުރީ ނަޞްރާ ދައްކަން އުޅެނީ ޔޫކޭއަށް ގޮއްސަ އޭނަގެ ކިޔެވުމުގެ ކަންތައް ދިޔަ ގޮތުގެ ވާހަކަ ކަމަށެވެ. ނަމަވެސް މިއީ އެއަށްވުރެ މާ ބޮޑު ވާހަކައެއްކަން ޔޫނުސްއަށް އެނގުނީ ނަޞްރާގެ ލޮލަށް ޖަމާވި ކަރުނަ ތިކިތަކުގެ ސަބަބުން އެ ދެލޯ ވިދަން ފެށުމުންނެވެ. ޔޫނުސްގެ މޫނުމައްޗަށް ވެރިވީ ޙައިރާންކަމާއި ހިތާމަވެރިކަން އެކުލެވޭފަދަ އަސަރެކެވެ. އިސްޖަހާލި ނަޞްރާއަށް ބަލަން ހުރެފައި ޔޫނުސް އެއްފަހަރު ޝަރީފަށް އަދި އަނެއްފަހަރު އަފްރާޒްއަށް ބަލާލިއެވެ. އަފްރާޒް ދުރުބަލަން ފެށުމުން ޔޫނުސް އަނެއްކާވެސް ޝަރީފަށް ބަލާލިއެވެ. ޝަރީފް ފުން ނޭވައެއް ދޫކޮއްލިއެވެ.

ޔޫނުސް..ނަޞްރާއަށް ކުރީގަ އުޅެވުނީ އެހާ ރަނގަޅަކަށްނޫން.” ޝަރީފް ބުނެލިއެވެ. ޝަރީފް އެހެން ބުނެލިތަނާ ނަޞްރާ ކޮޅަށް ތެދުވެ އެތަނުން ދާން ހިނގައިގެންފިއެވެ.

ނަޞްރާ!” ސަދަފްއަށް ގޮވާލެވުނު ވަގުތު ނަޞްރާ އޭނަގެ ކޮޓަރިއަށްވަދެ ދޮރު ލައްޕައިފިއެވެ. ސަދަފް ނަޞްރާ ބަލައި ދާން ހިނގައިގެންފިއެވެ. އަދި ނަޞްރާ ވަތް ކޮޓަރީގެ ދޮރު ހުޅުވައި ކުޑަކޮށް ބަލާލުމަށްފަހު އެތަނަށްވަދެ ދޮރު ލައްޕާލިއެވެ. މަންޒަރު ބަލަން ހުރި ޔޫނުސްގެ ލޮލުގައިވީ ކަންބޮޑުވުމެކެވެ. ނަޞްރާވަނީ ވަރަށް ބޮޑު ހިތާމައެއްގައިކަން އިޙްޞާޞް ކުރެވުނު ވަގުތު އޭނަގެ ހިތަށް އުނދަގޫވިއެވެ.

ޔޫނުސް..އެހެން ދުވަހަކު އައިސްދެވިދާނެތަ؟ މިރޭ ނަޞްރާ ދެން ނުނިކުންނާނެ ކަންނޭނގެ.” އަފްރާޒް މަޑުމައިތިރި އަޑަކުން ބުނެލިއެވެ. ޔޫނުސް އަފްރާޒްއަށް ސީރިއަސްކަމާއެކީ ބަލަންހުރެ މަޑުމަޑުން ބޯޖަހާލިއެވެ. ޝަރީފް ވެސް އިތުރު އެއްޗެކޭ ނުބުނުމުން ޔޫނުސް ކޮޅަށް ތެދުވީ ގެއަށްދާން ކަމަށެވެ.

ކޮޓަރީގެ އެނދުމަތީގައި އިށީނދެގެން އިން ޔޫނުސް އިނީ ފުން ވިސްނުމެއްގެ ތެރޭގައެވެ. މިރޭ ކަންތައް ހިނގިގޮތް އަދިވެސް އެއްފަހަރު ޔޫނުސް އޭނަގެ ހަނދާނަށް ގެންނަމުން ދިޔައެވެ. ނަޞްރާ ޖެހިލުންވުމާއެކީ އޭނައާ ވާހަކަ ދައްކަން ފެށި ގޮތެވެ. އޭނަގެ ލޮލަށް ކަރުނަ ގިނަވެގަތް އިރެވެ. ޝަރީފް އެންމެ ފަހަކަށް ބުނެލި ޖުމްލައާއެކު ނަޞްރާއަށް ވީގޮތެވެ. ނަޞްރާ ދައްކަން އުޅުނީ ކޮން ވާހަކައެއްބާއޭ ޔޫނުސްގެ ހިތަށްއެރިއެވެ. ޝަރީފް ބުނި ޖުމްލައިން ނަޞްރާގެ ވެސް ކަޅު މާޒީއެއް އޮތްހެން ހީވެއެވެ. ނަމަވެސް ނަޞްރާ ކޮށްފަ ހުންނާނީ އެފަދަ ކޮން ކުށެއް ހެއްޔެވެ؟ ހަމަ ގައިމުވެސް އޭނަގެ ކުށަށްވުރެ ބޮޑު ކުށަކަށް ނުވާނެއޭ ޔޫނުސްގެ ހިތް ބުންޏެވެ. ނަޞްރާ ކުރީގަ އުޅެފައިވަނީ ރަނގަޅަކަށް ނޫނޭ ބުނެފައިވަނީ އެއީ ހަމައެކަނި ޔޫކޭއަށް ގޮއްސަ ވާހަކަ ހެއްޔެވެ؟ އެތަނަށް ދިޔުމުގެ ކުރިން ނަޞްރާ އުޅުނީ ރަނގަޅަށް ހެއްޔެވެ؟ އެ ސުވާލު ހިތަށް ވެރިވުމާއެކު ނަޞްރާ ކިޔަވަން ދިޔުމަށްޓަކައި ފުރުމުގެ ކުރިންވެސް އޭނަ ނަޞްރާއާއި ދިމާވެފައިވިކަން ޔޫނުސްގެ ހަނދާނަށް އައެވެ. އޭނަ ނަޞްރާގެ އުޅުން އޭރު ހުރިގޮތް ހަނދާން ކުރެވޭތޯ ބެލިއެވެ. އޭރު ނަޞްރާ ކިތަންމެ ކިޔެވުމަށް މޮޅު ވިޔަސް ނަޞްރާގެ އަޚްލާޤް ހުރީ ރަނގަޅަކަށް ނޫނެވެ. އޭނަގެ އެކުވެރިންގެ ތެރޭގައި ގިނައީ ފިރިހެން ކުދިންނެވެ. ޔޫނުސްއަށް ނަޞްރާ ފެންނަ ކޮންމެ ފަހަރަކުވެސް އޭނަ ހުންނަނީ ކޮންމެވެސް އެއް ފިރިހެން ކުއްޖަކާ އެކީގައެވެ. ނަޞްރާ އޭނަގެ އަންހެން އެކުވެރިންނާއި ވާހަކަ ދައްކާއިރު ތިމަންނަ އެހެން މީހަކާ ރައްޓެހިވެގެން ހުއްޓާވެސް މިވެނި މީހަކު ތިމަންނަ ގާތު ރައްޓެހިވާން އެދުނޭ ކިޔާފައި ވާހަކަ ދައްކައި އުޅުނީ ފަޚުރުވެރިކަމާއެކީގައެވެ. ނަޞްރާއަކީ އޭރު ބުރުގާވެސް އަޅައިގެން ހުރި ކުއްޖެއްނޫނެވެ. އޭނަ ލައި އުޅުނީ އަތްކުރު ޓީޝާޓާއި ބާރު ޖިންސެވެ. މި ހުރިހާ ސިފަތަކަކީ ޔޫނުސްގެ ހިތުގައި އޭރު ޒީނަތްތެރިވެގެން ދިޔަ ސިފަތަކެވެ. ނަމަވެސް މިހާރު އެ ހުރިހާ ކަމެއް ހަނދާންވެފައި ފޫހިވެއެވެ. އޭނައަށް ކަމުދަނީ އެ ނަޞްރާއެއް ނޫނެވެ. އޭނައަށް ކަމުދަނީ މިއަދު ޤަދަރުވެރި ދިރިއުޅުމެއް އުޅެމުންދާ ނަޞްރާއެވެ. ޔޫނުސްއަށް އޭނަގެ ދެއަތް ޖޯޑުކޮށް ދަތްދޮޅީގައި ވިއްދާލަމުން ދެލޯ މަރާލެވުނެވެ. ނަޞްރާއަށް އަނެއްކާ އެހެން އުޅުމުގެ ތެރޭގައި ބޮޑު ކުށެއް ކުރެވުނީބާއޭ ޔޫނުސްގެ ހިތަށްއެރިއެވެ. ހަމަ އެއާއެކު އޭނަގެ ދެލޯ ހުޅުވުނެވެ. އޭނަގެ ހުރިހާ ސުވާލެއްގެ ޖަވާބު އެއްފަހަރާ ލިބުނު ފަދައެވެ. ޔޫނުސްގެ ހަނދާނަށް އަނެއްކާވެސް އައީ ނަޞްރާ މިރޭ ވާހަކަ ދައްކަން ޖެހިލުންވި ގޮތެވެ. ނަޞްރާ ޔޫކޭއަށް ދިޔަ ވާހަކައެވެ. ޢާއިލާއާ ދުރަށް ދިޔުމުން އެ ލިބުނީ ކުރަން ބޭނުން ކަމެއް ކުރުމުގެ މިނިވަންކަމެވެ. އެ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަޞްރާ ނެގީ ހެއްޔެވެ؟ ޔޫނުސްގެ ސިކުނޑި އެ ސުވާލު ކުރުމާއެކު ނުބައި ޚިޔާލުތައް އެ ސިކުނޑިއަށް ވެރިވާން ފެށިއެވެ. ޔޫނުސްއަށް ބޯހޫރުވެން ފެށީ އޭނަ އޭނަގެ ނަޞްރާއާމެދު އެފަދަ ޚިޔާލުތައް ކުރަން ބޭނުމެއް ނުވީތީވެއެވެ. ނަމަވެސް ޙަޤީޤަތަކީ އެއަށްވުން ވަރަށް ގާތްކަން އޭނަގެ ހިތްބުންޏެވެ. ޔޫނުސް ކޮޅަށް ތެދުވެ އޭނަގެ ކޮޓަރީގެ ކުޑަދޮރު ބަރިއާއި ދިމާލަށް ލަސް ހިނގުމެއްގައި ދިޔައެވެ. އަދި ދަމާލެވިފައިވާ ފަރުދާގެ އެއްބައި ކުޑަކޮށް ކަހާލަމުން ބޭރުބަލާލިއެވެ. އޭނަގެ ގެއާއި ސީދާ ކުރިމަތީގައި ހުރި ޒަޔާންގެ ގޭގެ ކައިރީގައި ހުރި ނަޞްރާމެންގެ ގެއަށް ބަލާލިއެވެ. އެގޭގެ ގޭޓު ބަންދުކޮށްފައި ވީއިރު ފެންޑާގައި އަލި ބޮތްކެއް ދިއްލާލެވިފައިވިއެވެ. ނަޞްރާގެ ލޮލަށް ޖަމާވި ކަރުނަތައް ހަނދާންވެފައި ނަޞްރާގެ ހިތަށް މިހާރު ހަމަޖެހުމެއް ލިބިދާނެހޭ ޔޫނުސްގެ ހިތަށްއެރިއެވެ. ނަޞްރާއަށް ކުރެވިފައިވަނީ އޭނަ މި ހީކުރާފަދަ ކުށަކަށްވާނަމަ ނަޞްރާއަށް މުޅި މިރޭ ހަމަޖެހުމެއް ލިބޭނެހެނެއް ޔޫނުސްއަކަށް ހިއެއްނުވެއެވެ. ޔޫނުސް ހިސާބަކަށް މާޔޫސްވިއެވެ. ނަޞްރާއަކީ އޭނަ ހީކުރިވަރަށްވުރެ ގޯސްކޮށް އުޅުނު ކުއްޖެއްހެން ހީވަމުން ދިޔައީތީވެއެވެ. ނަމަވެސް އޭނަ އަމިއްލައަށް ވެސް އުޅުނީ ކިހިނެއް ހެއްޔެވެ؟ ޔޫނުސްއަށް ވިސްނާލެވުނެވެ. އޭނައަށް ކުރެވުނީ ވަކި ކުޑަ ކުށެއް ހެއްޔެވެ؟ ޔޫނުސްއަށް އޭނަ ލުއި ގޮތަކަށް ހިފަހައްޓައިގެން ހުރި ފަރުދާގައި ބާރަށް ހިފަހައްޓާލަމުން ދެބުމަ ކައިރިކޮށްލެވުނެވެ. ނަޞްރާ އުޅުނީ އޭނަ މި ހީކުރާ ގޮތަށް ކަމަށްވިޔަސް ނަޞްރާއަށް މަޢާފު ޙައްޤެވެ. ނަޞްރާ މިހާރު އުޅެނީ އެހެންނެއްނޫނެވެ. ނަޞްރާވަނީ ރަނގަޅަށް ތައުބާވެފައެވެ. ކަން މިހެން އޮތްވާ އޭނަ ނަޞްރާ ދުރުކޮށްނުލާނެއެވެ. ތައުބާވުމަށްފަހު ވެސް މީހުންގެ އިތުބާރު ނުލިބުމުން އިޙްޞާޞް ކުރެވޭ ގޮތް ޔޫނުސްއަށް އެނގެއެވެ. އެ އިޙްޞާޞްއާއެކު ނަޞްރާ މުޅި އުމުރަށް އުޅޭތަން ދެކޭކަށް ޔޫނުސް ބޭނުމެއް ނުވެއެވެ. ޔޫނުސް ބާރަށް ފަރުދާ ކަހާލިއެވެ. އަދި އެތާ ކައިރީގައި ހުރި ކިޔަވާ މޭޒުދޮށުގައި އިށީނދެ މޭޒުގެ ވަތްގަނޑުން ސިޓީ ލިޔާ ކަހަލަ ފޮތެއް ނެގިއެވެ. އަދި މޭޒުމަތީގައި ހުރި ޖޯޑުން ގަލަމެއް ނަގައި ދިވެހި ބަހުން ފޮތުގައި އެއްޗެއް ލިޔަން ފެށިއެވެ.

ސިޓިންގް ރޫމުގެ ސޯފާގައި އިނީ ފިކުރު ބޮޑުވެފައި ހުރި އަފްރާޒް އެކަންޏެވެ. ޝަރީފް ވެސް އެތާ ހުރެހުރެފައި ކޮޓަރިއަށް ވަނީ ދެންމެއެވެ. ނަޞްރާ އޭރު ކޮޓަރިއަށް ވަތްގޮތަށް ނުނިކުމެވެ. ސަދަފްގެ ޚަބަރެއްވެސް ނުވެއެވެ. އަފްރާޒް ހުރިގޮތަށް ހުއްޓާ ގޭގެ ދޮރުގައި ޓަކި ޖަހާލި އަޑު އިވުނެވެ.

އައްސަލާމުޢަލައިކުމް.” ބޭރުން ޔޫނުސްގެ އަޑު އައުމުން ހިސާބަކަށް ޙައިރާންވެހުރެ އަފްރާޒް ކޮޅަށް ތެދުވިއެވެ. އަދި ސަލާމުގެ ޖަވާބުދެމުން ގޮސް ގޭގެ ދޮރު ހުޅުވާލިއެވެ.

މީތި…….ނަޞްރާއަށް.” ޔޫނުސް އޭނަގެ އަތުގައި ލަންބާފަ އޮތް ކަރުދާސްކޮޅެއް ދިއްކޮއްލަމުން ބުނެލީ ހަމައެކަނި އެހާ ވަރަށެވެ. އަފްރާޒް އޭގައި ހިފައި އެއްފަހަރު އެއަށް އަނެއްފަހަރު ޔޫނުސްއަށް ބަލާލަމުން އެ ގަނޑު ނިއުޅާލިއެވެ. އެއަށްފަހު ސީރިއަސްކަމާއެކީ އޭގައިވި އެއްޗެއް އަވަސްއަވަހަށް ކިޔައި ނިންމައިފިއެވެ. އޭތި މަޑުމަޑުން ތިރިކޮށްލަމުން އަފްރާޒް ޔޫނުސްއަށް ބަލާލިއިރު އޭނަގެ މޫނުމަތީގައި ލުއި ހިނިތުންވުމެއްވިއެވެ. އޭނަ އެ ގަނޑު އަނެއްކާވެސް ލަންބާލަމުން ބޯޖަހާލީ ޔޫނުސްއަށް ޖަވާބު ދިނުމުގެ ގޮތުންނެވެ.

އެނދުމަތީގައި އިށީނދެގެން އިން ނަޞްރާގެ މޫނުމަތިވަނީ މިލާފައެވެ. އޭނަގެ ދެލޯ ދުޅަވެފައި ވިޔަސް ކޯތާފަތް ހިކިފައިވިގޮތުން ހީވަނީ ރޮއިރޮއި އޭނަގެ ކަރުނަތައް ހުސްވީހެންނެވެ. އެއްވެސް އެހެން ދިމާލަކަށް ބެލުމެއްނެތި ނަޞްރާ ކުރިމައްޗަށް ނަޒަރު ހުއްޓައިގެން އިންއިރު ސަދަފް އެނދުމަތީގައި އޮތް އޭނަގެ އަތުގައި ހިފައިގެން އޭނަގެ ކައިރީގައި އިނެވެ. ސަދަފްވެސް ނަޞްރާ ހަމަޖައްސައިދޭން އުޅެއުޅެ ވަރުބަލިވެފައި ވިފަދައެވެ. އޭނަވެސް އެންމެ ބަހެއްވެސް ބުނެލުމެއްނެތި އިނީއެވެ. ކޮޓަރިއަށް ވެރިވެފައިވި ހިމޭންކަން ނަގާލީ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިދޭން ފެށިއަޑެވެ.

ސަދަފް!” ބޭރުން އަފްރާޒް ގޮވާލި އަޑަށް ސަދަފް ބަލާލިއެއްކަމަކު ނަޞްރާ ދެންވެސް ހުރީ ހުރި ގޮތަށެވެ. ސަދަފް އެއްފަހަރު ނަޞްރާއަށް ބަލާފައި ކޮޅަށް ތެދުވެ ދޮރާއި ހަމައަށް ގޮސް ދޮރު ހުޅުވާލިއެވެ. ދޮރު ހުޅުވުމާއެކު އަފްރާޒް ވަގުތުން ބަލާލީ އެނދުގައި އިން ނަޞްރާއާއި ދިމާލަށެވެ. އޭނަ ކޮޓަރިއަށް ވަދެގެން ގޮސް ނަޞްރާގެ ކުރިމަތީގައި ހުއްޓިލިއެވެ.

ނަޞްރާ.މިއޮތީ ނަޞްރާއަށް ޔޫނުސް ދިން އެއްޗެއް.” އަފްރާޒް އޭނަގެ އަތުގައި އޮތް ސިޓީ ދިއްކޮއްލަމުން ބުނެލިއެވެ. ނަޞްރާ މަޑުމަޑުން އަފްރާޒްއަށް ބަލާލިއެވެ. އަފްރާޒް އެއްފަހަރު ބޯޖަހާލަމުން އެ ސިޓީ ނަޞްރާއާއި އިތުރަށް ކައިރިކޮއްލިއެވެ. ނަޞްރާ އޭގައި ހިފައި އޭތި ނިއުޅާލިއެވެ. އަދި އެއަށްފަހު ހިތުން ކިޔަންފެށިއެވެ.

ނަޞްރާއަށް

އަހަންނަށް ނަޞްރާގެ މާޒީގައި ވެފައިވަނީ ކޮންކަހަލަ ކަންތައްތަކެއްކަމެއް ނޭނގެއެވެ. ހަމަ އެގޮތަށް ނަޞްރާއަށް ވެސް އަހަރެންގެ މާޒީގައި ވެފައިވާ ބައެއް ކަންތައް ނޭނގި ހުރެދާނެއެވެ. އެކަމަކު މިއަދު މާޒީގެ ވާހަކަ ދެއްކުން ހަމަ މުހިއްމު ހެއްޔެވެ؟ ބިރުގަންނަންވީ ކޮންކަމަކާ ހެއްޔެވެ؟ ކައިވެންޏަށްފަހު އަހަންނަށް ނޭނގި އޮތް ނަޞްރާގެ ޙަޤީޤަތެއް އެނގިދާނެތީވެ ހެއްޔެވެ؟ މާދަމާ މީހަކު އައިސް އަހަރެން ގާތު ނަޞްރާ މިވެނި ގޮތަކަށް އުޅުނޭ ބުނުން ހެއްޔެވެ؟ ނޫނީ އެހެން މީހަކު ނަޞްރާ ކައިރިއަށް އައިސް އަހަރެން މީގެ އަހަރުތަކެއް ކުރިން ކުރި ކަމެއްގެ ވާހަކަ ބުނުން ހެއްޔެވެ؟ އެދުވަހަކުން ނަޞްރާ ހަދާނެ ގޮތެއް އަހަންނަކަށް ނޭނގެއެވެ. ކައިވެންޏަށްފަހު ނަޞްރާގެ މާޒީއާއި ބެހޭގޮތުން ވާހަކައެއް އަހަންނަށް އަޑުއިވުނު ދުވަހަކުން އަހަރެން ފަހަރެއްގަ ކުޑައިރުކޮޅަކަށް ހިތާމަ ކޮށްފާނަމެވެ. ނަމަވެސް ހަމައެކަނި ނަޞްރާގެ މާޒީގައި ވެފައިވާ ކަމަކީ އަހަރެން ނަޞްރާ ވަރިކޮށްލުމުގެ ސަބަބަކަށް ވާނެހެން އަހަންނަށް ހިއެއްނުވެއެވެ. އެހެނީ ނަޞްރާއަކީ މިއަދު ގޯސް ކުއްޖެއްނޫނެވެ. ވަރަށް ރަނގަޅު ކުއްޖެކެވެ. އިންސާނުންނަށް ކުށްތައް ކުރެވޭނެއެވެ. ނަމަވެސް އެންމެ ރަނގަޅު މީހުންނަކީ އެ މީހުންގެ ކުށްތައް އިޞްލާޙުކުރަން އުޅޭ މީހުން ކަމުގައި އަހަރެން އަޑުއެހީމެވެ. ނަޞްރާއަކީ އެމީހުންގެ ތެރެއިން އެކެކެވެ. ވީއިރު އަހަރެން ނަޞްރާ ދޫކޮއްލުމަކީ ހަމަހޭގައިހުރެ ކުރުން ރަނގަޅު ކަމެއްކަމުގައި ނުދެކެމެވެ.

ޔޫނުސް

ސިޓީ ކިޔައި ނިމުނުތަނާ ނަޞްރާގެ ލޮލުން ވެއްޓިގެން އައި ކަރުނަ ތިތްކެއް ގޮސް ސިޓީގައި ޖެހި އެ ހިސާބުން ދެލި ފޭދިގެން ދިޔައެވެ. ނަޞްރާއަށް ރޮއިގަންނަމުން އެ ސިޓީ މެއާއިލައި ބޮނޑިކޮއްލެވުނެވެ. އޭނަގެ ކައިރީގައި އެނދުގައި ސިޓީ ކިޔަން އިން ސަދަފްގެ ވެސް ލޮލަށް ކަރުނަތައް ޖަމާވެފައިވިއެވެ. ސަދަފް ހިނިތުންވުމަކާއެކީ އެއްފަރާތަކުން ނަޞްރާގެ ގައިގައި ބާރަށް ބައްދާލިއެވެ.

ދެން ރޯކަށެއް ނޫނޭ ވީކީ. ކައިވެންޏަށް ތައްޔާރުވާންވީ.” އަފްރާޒް ހެވިފައިހުރެ ބުނެލިއެވެ. އެއާއެކު ސަދަފްއާއި ނަޞްރާވެސް ކަރުނައިގައި ތިބެ ހީލިއެވެ.

އޭގެ އަނެއްދުވަހުން ފެށިގެން އަފްރާޒް ބުނިހެން އެންމެން ކައިވެނީގެ ކަންތައްތަކަށް ތައްޔާރުވާން ފެށިއެވެ. ނަޞްރާ ބޭނުންވީ ވީހާވެސް އާދައިގެ ގޮތަކަށް މިސްކިތުގައި ކައިވެނިކޮށް ގޭގައި މެހުމާނުންނަށް ކާންދޭށެވެ. ޔޫނުސް އެކަމަކާ ދެކޮޅެއް ނެހެދިއެވެ. ނަޞްރާ ރަނެއްގެ ގޮތުގައި ހުށަހެޅީ ރަޙުމާން ސޫރަތް ހިތުން ދަސްކުރުމަށެވެ. ޔޫނުސް އެއަށްވެސް އެއްބަސްވީ ހިނިތުންވުމަކާއެކީގައެވެ. އެހެނީ އޭނަ މިހާރު ދަނީ ޚަތިމްގެ ފަހަތުން ކުރިއަށް ހިތުދަސްކުރަމުންނެވެ. ރަޙުމާން ސޫރަތަކީ އޭނަ އެހެންނޫނަސް ދެން ދަސްކުރަންޖެހޭ ސޫރަތެވެ.

ކައިވެންޏަށްޓަކައި ނަޞްރާ ޗުއްޓީ ނެގޭ ގޮތެއްނުވިއެވެ. މިކަމާ ސަދަފް ހުރީ ނަޞްރާއަށް ރުޅިވާކަމަށް ހެދިގެންނެވެ. ދެން ދެމީހުން ދެނެގަންނާނީ ކިހިނެއްތޯ އަހައި ސުވާލުކުރިއެވެ. ނަމަވެސް ޙަޤީޤަތުގައި ނަޞްރާ އެންމެ ބޭނުންވާ ގޮތަކީ މިއީއެވެ. ކުރީކޮޅު ދެމީހުން ދައްކާނެ ވާހަކައެއް ނޯންނާނެއޭ ހިތަށްއެރިއެވެ. ފަހުން ދެމީހުން އެކުވެރިވުމުން ޗުއްޓީ ނަގަން ނަޞްރާ ނިންމިއެވެ. ނަމަވެސް އޭނަ ކަންބޮޑުވީ އޭނަ ޗުއްޓީ ނުނަގާ ހުއްޓާ ޔޫނުސް ޗުއްޓީ ނަގާފައި ހުރެދާނެތީވެއެވެ. އޭނައަށް އެ ސުވާލު ޔޫނުސްއާ ކުރާކަށް ވެސް ނުކެރުނެވެ. ކީއްކުރާ ޗުއްޓީއެއްތޯ އަހައިފިއްޔާ ބުނާނީ ކީކޭ ހެއްޔެވެ؟

ހަފްތާއެއްހާ ދުވަސް ފަހުން އެންމެން ތައްޔާރުވަމުން އައި ދުވަސްޖެހުނެވެ. ޔޫނުސް ނަޞްރާއަށް އޭނަގެ ރަން އަދާކޮށްދިނީ ހުކުރު ދުވަހެއްގެ ރެއަކު މިސްކިތުގައި އޮތް ކައިވެނި މަޖިލިސް ތެރެއިންނެވެ. ޔޫނުސް އެ ސޫރަތް ކިޔަވަމުން ދިޔައިރު ނަޞްރާގެ ލޮލަށް ކަރުނައައެވެ. ޔޫނުސް ކިޔެވީ އެހާވެސް އަސަރުގަދަ ރާގަކަށެވެ. ޔޫނުސްއަށް އެ ކިޔެވޭ އެއްޗެއްގެ މާނައިގެ ފުންކަން އެނގޭނެބާވައޭ ނަޞްރާގެ ހިތަށްއެރިއެވެ. ނޭނގެންޏާ އޭނަ ކިޔައިދޭނެއެވެ. އޭރުން ޔޫނުސްގެ ކިޔެވުމުން ޚުދު ޔޫނުސްއަށް ވެސް މާ ބޮޑު އަސަރެއްކުރާނެއޭ ނަޞްރާގެ ހިތްބުންޏެވެ.

ޔޫނުސް ނަޞްރާ އަނތްބެއްގެ ގޮތުގައި ޤަބޫލުކުރުމަށްފަހު ދެމަފިރިން މިސްކިތުން ފައިބައިގެން ދިޔައީ އެކުއެކީގައެވެ. ދެ މީހުން އެއްހަމައެއްގައި ތިބެ މަގުން ހިނގާފައި ދިޔައީ އެހެން އެންމެންގެ ފަހަތުންނެވެ. ދެމީހުން ވެސް ތިބީ ދެންމެވެގެން ދިޔައީ ކޮންކަމެއްކަން ޤަބޫލުކުރަން ދަތިވެފައެވެ. ޔޫނުސް ކުރިމައްޗަށް ބަލަމުން އިސްޖަހަމުން ހިނގަމުން ދިޔައިރު އޭނައަށް ވިސްނަމުން ދިޔައީ އޭނަ މިރޭ ނަޞްރާއާއި ވާހަކަ ދައްކަން ފަށާނެ ގޮތަކާމެދުގައެވެ. ނަޞްރާ ހުރީ ޔޫނުސް މިހާރުވެސް ވާހަކަ ދައްކަން ފަށާފާނެތީ ޖެހިލުންވެފައެވެ. ޔޫނުސް ދައްކާ ވާހަކައަކަށް އޭނައަށް ބޯހަމަނުޖެހޭ އެއްޗެކޭ ބުނެވިދާނެތީވެއެވެ. އޭނަގެ ސިކުނޑި މިރޭ ރަނގަޅަށް މަސައްކަތް ކުރާހެނެއް ހިއެއްނުވެއެވެ. ދެމީހުންވެސް ފިކުރު ބޮޑުވެފައި ތިބެ ހިނގަމުން ދަނިކޮށް ބާރު ސްޕީޑެއްގައި އެ މަގުން ކާރެއް ދިޔަ ވަގުތު ޔޫނުސްއަށް މަގާއިވީ ފަރާތަށް ހުރި ނަޞްރާގެ އަތުގައި ހިފައި އޭނައާއި ދިމާލަށް ދަމާލެވުނެވެ. ނަޞްރާ ސިހިގެން ދިޔަ ގޮތަށްގޮސް ޔޫނުސްގެ ގައިގައި ޖެހުނެވެ. ދެ މީހުންގެ ވެސް ހިނގުން ހުއްޓުނެވެ. ނަޞްރާ ޔޫނުސްއާއި ދިމާލަށް ބަލާލިއިރު ޔޫނުސް ހުރީ ސީރިއަސް ނަޒަރަކާއެކީ އޭނައަށް ބަލަހައްޓައިގެންނެވެ. ހިނދުކޮޅަކަށް ޔޫނުސްއާ ނުހަނު ކައިރީގައި ހުރުމަށްފަހު ނަޞްރާ އިސްޖަހާލަމުން ދުރުވެލިއެވެ. އަދި ޔޫނުސްގެ އަތުން ދޫކޮއްލަން އުޅުނެވެ. ނަމަވެސް އެވަގުތު ޔޫނުސް އޭނަގެ އަތުގައި އިހުނަށްވުރެ ވެސް ބާރަށް ހިފަހައްޓާލިއެވެ. ނަޞްރާއަށް އަނެއްކާވެސް ޔޫނުސްއާއި ދިމާލަށް ބަލާލެވުނެވެ. ޔޫނުސް ކުރިމައްޗަށް ނަޒަރު ހުއްޓާލަމުން ހިނގަން ފެށިއެވެ. ނަޞްރާ ވެސް ހިނގައިގަތް ވަގުތު އޭނައަށް ހިނިތުންވެލެވުނެވެ. ހަމައެކަނި ޔޫނުސްގެ އެ ހިފާލުމުން ވެސް ނަޞްރާއަށް ފުން ލޯތްބަކާއި ރައްކާތެރިކަމެއް އިޙްޞާޞް ކުރެވެމުން ދިޔައެވެ. އޭނައަށް ހިތާހިތުން ޙަމްދުކުރެވުނެވެ.

ޔޫނުސް ނަޞްރާގެ އަތުން ދޫކޮއްލީ ނަޞްރާގެ ގެއާއި ހަމައަށް ދެވުމުންނެވެ. ޕާޓީ ހަމަޖެހިފައިވާ ގޮތުން ފިރިހެނުންނަށް ކާން ލިބެނީ ގޭގައި ޒީނަތްތެރި ކުރެވި ގޮނޑި ޖަހާފައިހުރި ފެންޑާ ތެރެއިންނެވެ. އަންހެނުން ތިބެން ހަމަޖެހިފައި އޮތީ ގޭގެ ތެރޭގައެވެ. ޔޫނުސް ފެންޑާގެ ވަކި ހިސާބަކުން ޝަރީފްމެންނާއި ވާހަކަ ދައްކަން މަޑުކޮއްލީ ވަގުތު ނަޞްރާ ހިތާއި ދެކޮޅަށް ގޭގެ ތެރެއަށް ދާން ހިނގައިގަތެވެ. ނަޞްރާ ބޭނުންވީ ޔޫނުސްއާ އެކީ ހުންނާށެވެ. އެއްވެސް ވާހަކައެއް ނުދެއްކިޔަސްމެއެވެ. ގޭގެ ދޮރު ކައިރިއަށް ގޮސް މަޑުކޮއްލަމުން ނަޞްރާއަށް އަދިވެސް އެއްފަހަރު ޔޫނުސްއަށް ބަލާލެވުނެވެ. އަފްރާޒްއާއި ވާހަކަ ދައްކަމުން ދިޔަ ޔޫނުސް ކޮންމެވެސް ކަމަކާ ހެމުން ގޮސް އެއްލިކަޅިއަކުން ދުރުގައި ހުރި ނަޞްރާ ފެނުނެވެ. ދުރުބަލަން އުޅެފަވެސް ޔޫނުސް އަނެއްކާވެސް ނަޞްރާއަށް ބަލާލިއެވެ. ނަޞްރާއަށް ވެސް ބަލަހައްޓައިގެން ހުރެވުނެވެ. އިރުކޮޅަކު ހުރެފައި ޔޫނުސް އޭނައަށް ހަދިޔާކޮށްލީ އޭނަގެ ހިތް ވިރިގެންދާފަދަ ލުއި ހިނިތުންވުމެކެވެ



Comments

Popular posts from this blog

Arabic Pronouns (dhameer)

Harf of Nasb (English + Dhivehi)

Mudhaaf-mudhaaf ilaihi and pronouns (English lesson)