Hijra (part 12)
ސިނާން އޭނަގެ “ސޯލްމޭޓް”އަށްވުން ވަރަށް ގާތްކަމަށް
އަފްރީންގެ ހިތް ބުންޏެވެ. އެ ހިތް ވަގުތުން ސިނާންއާއެކީ މުޅި ޢުމުރު ހޭދަ ކުރާނެ
ގޮތް އަފްރީންގެ ލޮލަށް ސިފަކޮށްދޭން ފެށިއެވެ. އޭނަ އެ ގަނޑު މޭގައި
ޖައްސައިގެންހުރެ އެނދުގައި އޮށޯވެ ދެލޯ މަރާލިއެވެ. އިރުކޮޅެއްވަންދެން
ހިނިތުންވުމެއްގައި އެހެން އޮތުމަށްފަހު އަފްރީން ލޯ ހުޅުވާލަމުން ތެދުވެލިއެވެ.
އެއަށްފަހު އަތުގައި އޮތްގަނޑު އެނދުމަތީގައި ބާއްވައި ޖިންސްގެ ޖީބުން އޭނަގެ
ފޯނު ނެގިއެވެ. އަފްރީން އޭނަގެ ފޯނުން އެ ތަސްވީރުގެ ފޮޓޯއެއް ނަގައިފިއެވެ. އަދި
ފޯނުން ފޭސްބުކަށްވަދެ އެ ފޮޓޯ އޭނަގެ ޕްރޮފައިލް ޕިކްޗާރއަކަށްލިއެވެ. އޭގައި
ސިނާން ޓެގްކޮށްލީ ވަގުތު ސިނާން އޭތި ލައިކްކޮށްފިއެވެ. އެ ޕްރޮފައިލް ޕިކްޗާރގެ
ޑިސްކްރިޕްޝަންއަކަށް އަފްރީން އޭނަ ސިނާން ދެކެ ލޯބިވާ ވާހަކަ ބުނެ އެއާއި ގުޅޭ
އިމޯޓިކޯންތައް ހިމެނިއެވެ. ސިނާންވެސް އެފަދަ އިމޯޓިކޯންތަކަކުން
ކޮމެންޓެއްކޮއްލުމުން އަފްރީންއަށް ހީލެވުނެވެ.
މުޅި އެރޭ ޔޫނުސްއާއި ނަޞްރާ ތިބީ އެ ދެމީހުންގެ ލެޕްޓޮޕް
ސްކްރީންތަކަށް ނަޒަރު ހުއްޓައިގެންނެވެ. ޔޫނުސް ސިޓިންގް ރޫމުގައި އޭނަގެ
ލެޕްޓޮޕުން އޮފީސް މަސައްކަތެއް ކުރަމުން ދިޔައިރު ނަޞްރާ ކޮޓަރީގެ ކިޔަވާ
މޭޒުދޮށުގައި ޓެސްޓު ޕޭޕަރެއް ތައްޔާރުކުރަން އިނެވެ. މިއީ މިކަންވާންޖެހޭ
ގޮތެއްނޫން ކަމުގައި ދޭތެރެ ދޭތެރެއިން ދެ މީހުންގެ ހިތަށްވެސް އަރަމުން ދިޔައެވެ.
ނަމަވެސް ދެމީހުން ވެސް މެދުކެނޑުމެއްނެތި މަސައްކަތް ކުރިއަށް ގެންދިޔައެވެ.
އެރޭ އެގާރަޖެހި ވަގުތު ނަޞްރާ ނިދަން ތައްޔާރުވެގެން ވެސް
ލީ އޭނަ އަބަދުވެސް ލައިއުޅޭ ކަހަލަ ކަޅުކުލައިގެ ހެދުމެކެވެ. ޔޫނުސް ކުރިމަތީގައި
އެހެން ކަހަލަ ހެދުމެއްލާތަން ޚިޔާލުކުރަން ވެސް ނަޞްރާއަށް ދައްޗެވެ. ނަޞްރާ
ތައްޔާރުވެގެން އޭނަގެ މޫނު ނިވާނުކޮށް ގޮސް ކޮޓަރީގެ ތަޅު ހުޅުވާލިއެވެ. އަދި
އަނެއްކާވެސް ކިޔަވާ މޭޒުދޮށުގައި ލެޕްޓޮޕް ހުޅުވާލަމުން އިށީނީ އޭނަގެ މަސައްކަތް
އަދިވެސް އެއްފަހަރު ބަލާލުމަށެވެ. އޭނަ އެތާ އިންދާ ޔޫނުސް ކޮޓަރިއަށް ވަދެ ދޮރު
ލައްޕާލިއެވެ. ނަޞްރާއަށް އެދިމާލަށް ބަލާލެވުނު ވަގުތު އެއްއަތުން ލެޕްޓޮޕް
ހިފައިގެން ހުރި ޔޫނުސްވެސް ހުރީ އޭނައަށް ބަލަހައްޓައިގެންނެވެ. ސިކުންތަކަށްފަހު
ދެމީހުންގެ ނަޒަރުވެސް ވަކިވިއެވެ. ޔޫނުސް އޭނަގެ ލެޕްޓޮޕް ހިފައިގެން ގޮސް ސައިޑް
ޓެބްލް މަތީގައި ބެހެއްޓިއިރު ނަޞްރާގެ ނަޒަރު ހުއްޓިފައިވީ އޭނަގެ ލެޕްޓޮޕް
ސްކްރީނަށް ކަމަށްވިޔަސް އޭނަގެ ސަމާލުކަން ދެވިފައިވީ ޔޫނުސްގެ ފިޔަވަޅުތަކަށެވެ.
ޔޫނުސް އާދައިގެ ހިނގުމެއްގައި ގޮސް އަލަމާރި ކައިރިއަށް ހުއްޓި ޓީޝާޓެއް ނެގިއިރު
ނަޞްރާއަށް ވައްކަޅިން އެ މަންޒަރު ބަލަން އިނދެވުނެވެ. ޔޫނުސް އެ ޓީޝާޓު
ހިފައިގެން ގޮސް ފާޚާނާއަށް ވަނުމުން ނަޞްރާއަށް ވިސްނަން އިނދެވުނެވެ. މިއީ ހަމަ
އޭނަގެ ފިރިމީހާ ހެއްޔެވެ؟ ނަޞްރާއަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. ދުވަސްތައް
ފާއިތުވެ ކަންތައް ވެ ނިމި ދިޔައީ އެހާވެސް އަވަހަށެވެ. ޔޫނުސްއާއެކީ އޭނަގެ
މުސްތަޤްބަލް އޮންނާނެ ގޮތް ސިކުނޑިއަށް ގެންނާކަށް ނަޞްރާއަށް ނޭނގުނެވެ.
އެއްދުވަސް ވީއިރުވެސް ރަނގަޅަށް އެކުވެރި ނުވެވުނުކަން ހަނދާންވީ ވަގުތު ދެން
އެކުވެރިވާނީ ކިހިނެއްހޭ ނަޞްރާގެ ހިތަށްއެރިއެވެ. އޭނަ އެކުވެރިވާން ބޭނުން
ނުވަނީއެއްނޫނެވެ. އެކުވެރިވެ އަދި މުޅިން އަލުން ލޯބިވާން ވެސް ބޭނުންވެއެވެ.
ނަމަވެސް ކިހިނެއް ހެއްޔެވެ؟
ޔޫނުސް ފެންވަރައި ހެދުން ބަދަލުކޮށްލައިގެން ފާޚާނާއިން
ނިކުތްއިރު ނަޞްރާ ކިޔަވާ މޭޒުދޮށުން ތެދުވެލީތަން އޭނަ ދުށްޓެވެ. އޭނަ އެކަމަށް
މާ ބޮޑު ސަމާލުކަމެއް ދިނުމެއްނެތި ގޮސް އޭނަގެ އަތުގައި އޮތް ގަމީސް ހެދުން
އަލަމާރި ކައިރީގައި ހުރި ދާ ވަށިގަނޑަށް އަޅާލިއެވެ. އޭރު އޭނަގެ ދެލޯވަނީ ނިދި
ބަރުވެފައެވެ. ރޭއްސުރެ އޭނަގެ ނިދި އަދިވެސް ހަމަނުޖެހެއެވެ. އޭނަ ކޮށްކޮށްހުރި
މަސައްކަތް ނުނިންމާ ނިދަން އައީވެސް ނިދި ގަދަވީ ވަރުންނެވެ. ޔޫނުސް ބިމަށް
ބަލަހައްޓައިގެން ހުރެ އެނދާއި ދިމާލަށް ހިނގައިގެންފިއެވެ. އެނދުގެ އެއްފަރާތުގައި
މަޑުކޮށްލަމުން އެނދަށް އަރަން އުޅުނު ވަގުތު ކުރިމައްޗަށް ބަލާލެވުނީ އޭނަގެ
ކުރިމަތީގައި ނަޞްރާ ހުރިހެން ހީވުމުންނެވެ. އޭނައަށް ހީވީ ރަނގަޅަށެވެ. ޔޫނުސް
އިސްއުފުލާލިއިރު ނަޞްރާ ވެސް އެނދުގެ އަނެއްފަރާތުން އެނދަށް އަރަން އުޅުނުކަން
އޭނައަށް އެނގުނެވެ. ނަމަވެސް ނަޞްރާ އެނދަށް އެރުމެއްނެތި އޭނައަށް
ބަލަހައްޓައިގެން ހުރީއެވެ. ނަޞްރާ އެނދަށް ނާރަނީ ކީއްވެ ހެއްޔެވެ؟ ނަޞްރާ
މިރޭވެސް ނިދަނީ އެ ހެދުމުގައި ހެއްޔެވެ؟ އެއީ ކީއްވެ ހެއްޔެވެ؟ ނިދިގަދަވެފައި
ހުރި ޔޫނުސްއަކަށް އެންމެ ފުރަތަމަ ނޭނގުނެވެ. މާދަމާ ނަޞްރާގާތު އެ ސުވާލުތައް
ކުރާނީއޭ ޔޫނުސްގެ ސިކުނޑި ބުނީ އޭނަ އައިސްފައިހުރި ނިންޖެއްގެ ސަބަބުންނެވެ.
ޔޫނުސް އިތުރު ވިސްނުންތަކެއް ނެތި އެނދަށް އަރައި އޮށޯތެވެ.
ޔޫނުސް އެނދަށް އަރައި އޮށޯތްތަން ފެނިފައި ނަޞްރާގެ
ހިތަށް އުދަގޫވިއެވެ. އެނދުގައި ޔޫނުސް އޮތްވާ އެނދަށް އަރާކަށް އޭނައަކަށް
ނުކެރޭނެއެވެ. ނަޞްރާ ދާން އުޅެފަވެސް އަދިވެސް އެއްފަހަރު ފަސްއެނބުރިލިއެވެ.
އަދި ފުން ނޭވައެއް އެތެރެއަށް ދަމަމުން އެނދަށް އަރަން އުޅުނެވެ. ނަމަވެސް
ޔޫނުސްއާ މިހާ ކައިރީގަ އޮންނާކަށް އޭނައަށް ނުކެރޭނެއެވެ. އަދި އޮތަސް އޭނައަށް
ރަނގަޅަށް ނިދޭނެހެނެއް ހިއެއްނުވެއެވެ. ނުނިދެންޏާ އޭނައަށް މާދަމާ ސްކޫލްގައި
ރަނގަޅަށް މަސައްކަތް ނުކުރެވޭނެއެވެ. ނަޞްރާ ދެ ޚިޔާލެއްގެ މަތީގައި ހުރެ
ކޮޓަރިން ނިކުންނަން ދިޔައެވެ. އަދި ކޮޓަރީގެ ދޮރު ހުޅުވާލީ މަޑުމަޑުންނެވެ.
އެހެނަސް ކޮޓަރިން ނިކުމެ ދޮރު ލައްޕާލަން އުޅުމުގެ ތެރޭގައި އޭނައަށް
ލައްޕާލެވުނީ ވަރަށް ބާރަށެވެ. ނަޞްރާ ސިހުންވިއެވެ. ޔޫނުސް ހޭނުލެވޭނެ ގޮތެއް
ހައްދަވައި ދެއްވުމަށްއެދި ދުޢާކުރެވުނެވެ. ނަމަވެސް ޔޫނުސް ހޭނުލެވޭނެއެއްނޫން
ހެއްޔެވެ؟ އޭނައަކީ އެއަށްވުރެ މާ ނިދިގަދަ މީހެކެވެ.
ކޮޓަރީގެ ދޮރު ލެއްޕުނު އަޑަށް ޔޫނުސްގެ ދެލޯ ބޮޑުކޮށް
ހުޅުވި އެނދުން ތެދުވިއެވެ. އޭނައަށް އެންމެ ފުރަތަމަ ބަލާލެވުނީ އެނދުގައި އޭނަ
ކައިރީގައި ނަޞްރާ އޮތްތޯއެވެ. އެތަނުން ނަޞްރާ ނުފެނުމުން ޔޫނުސް ކޮޓަރީގެ ވަށައި
ހޯދާލިއެވެ. އެއާއެކު ނަޞްރާ ދެންމެ ކޮޓަރިން ނިކުތީއޭ ޔޫނުސްގެ ހިތަށްއެރިއެވެ.
ނަޞްރާ ކޮޓަރިން ނިކުތީ ކީއްވެ ހެއްޔެވެ؟ ފެން ބޯން ޖެހުނީ ހެއްޔެވެ؟ ނަމަވެސް
ފެން ބޯން ބޭރަށްދަނީ ކީއްކުރަން ހެއްޔެވެ؟ ކިޔަވާ މޭޒުމަތީގައި ނަޞްރާ މިއަދު
ގެންގުޅުނު ކުޑަ ފެންފުޅި އެބަހުއްޓެވެ. ޔޫނުސްއަށް އިރުކޮޅަކު ހުރެފައި
އަނެއްކާވެސް އޭނަގެ ހިތަށް ކުރިން އެރި ސުވާލުތަކާމެދު ވިސްނެން ފެށިއެވެ. ނަޞްރާ
އެނދަށް އަރަން އުޅެފަވެސް ޖެހިލުންވާންވީ ކީއްވެ ހެއްޔެވެ؟ އެއީ އަނެއްކާ އޭނަ
އެނދުގައި އޮންނާތީވެ ހެއްޔެވެ؟ އެ ސުވާލު ސިކުނޑިއަށް ވެރިވުމާއެކު ޔޫނުސްއަށް
ހުރިހާ ސުވާލެއްގެ ޖަވާބު އެއްފަހަރާ ލިބުނެވެ. ނަޞްރާއަށް އޭނަ ކައިރީގައި
އޮންނަން ނުކެރެނީއެވެ. ނަޞްރާ އަބަދުވެސް ކަޅު ހެދުމެއްގައި އެ ހުންނަނީ އޭނަގެ
ކުރިމަތީގައި އެހެން ހެދުމެއްލާން ލަދުގަންނާތީވެއެވެ. ޔޫނުސްގެ މޫނުމައްޗަށް
ހިނިތުންވުމެއް ފެތުރިގެން ދިޔަ ވަގުތު އޭނަގެ މޫނު އެއްކޮއް ރަތްވިއެވެ.
ޔޫނުސްއަށް ލުއި ހީލުމަކާއެކީ އިސްޖަހާލެވުނެވެ. އެއަށްފަހު އޭނަ ކޮޓަރީގެ ދޮރާއި
ދިމާލަށް ބެލިއެވެ. އަދި އެނދުން ފޭބިއެވެ.
ޔޫނުސް ގޮސް ބަލާލިއިރު ނަޞްރާ އޮތީ ސިޓިންގް ރޫމުގެ ދިގު
ސޯފާގައި އޮށޯވެ ދެލޯ މަރައިގެންނެވެ. އޭނަ ލޯ ތަގުޅި ކުރަމުން ދިޔަ ގޮތުން އޭނައަށް
އަދިވެސް ނުނިދޭކަން ޔޫނުސްއަށް ނަގައިގަނެވުނެވެ.
“ނަޞްރާ.” ޔޫނުސް އާދައިގެ އަޑަކުން ގޮވާލިއެވެ. ނަޞްރާ ލޯ
ހުޅުވާލަމުން ޔޫނުސްއަށް ބަލާލިއެވެ. ހަމަ އެއާއެކު އޭނަ ލުއްކެއްޖަހައި
ތެދުވެވުނެވެ. ނަޞްރާއަށް ވީގޮތް ފެނިފައި ޔޫނުސްއަށް މަޑުމަޑުން ހީލެވުނެވެ.
ނަޞްރާ ޔޫނުސްއަށް ބަލަން ހުރެފައި ލަދުރަކި ހިނިތުންވުމަކާއެކީ އިސްޖަހާލިއެވެ.
“ނަޞްރާ ނިދަން އެނދަށް ދިޔަޔަސް ހެޔޮ. އަހަރެން ނިދާނީ
ފަހުން.” ޔޫނުސް އޭނަގެ ބޮޑުވާ އިނގިލިން ކޮޓަރި ހުންނަ ދިމާލަށް ޢިޝާރާތްކުރަމުން
އެހެން ބުނެލިއިރު އޭނައަށް ހުރެވުނީ ހެވިފައެވެ. ނަޞްރާ ޔޫނުސްއަށް ބަލާލިއެވެ.
އޭނަ ބޭނުންވާގޮތް ޔޫނުސްއަށް އެނގުނީ ކިހިނެއްބާއޭ އޭނަގެ ހިތަށްއެރިއެވެ. ކޮންމެ
ގޮތަކަށްވިޔަސް އޭނަ އުފާކުރިއެވެ. އަދި ހިނިތުންވުމެއްގައި ހުރެ ސޯފާއިން ތެދުވެ
ކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ. ނަޞްރާ އޭނައަށް ފަސްދީފައި ގޮސް
ކޮޓަރިއަށްވަދެ ދޮރު ލައްޕާލިތަން ޔޫނުސްއަށް ބަލަން ހުރެވުނެވެ. އޭނަ އަދި
ނަޞްރާއާއެކީ ކުރަންޖެހޭ ވަރަށް ދިގު ދަތުރެއް އެބައޮތް ކަމަށް ޔޫނުސްގެ ހިތް
ބުންޏެވެ. ދެމީހުން އަދި ކިރިޔާ ނަވައްއަރައި ދަތުރު ފެށީއެވެ. ދަތުރު ކާމިޔާބު
ކުރުމަށްޓަކައި އެކީގައި މަސައްކަތް ކުރާނެ ގޮތެއް އަދި ދެ މީހުންނަކަށް ވެސް
ނޭނގެއެވެ. ނަމަވެސް އެކަން ޙާލަތާއެކީ ބަދަލުވާނެއެވެ. ދުނިޔޭގައި އެއްވެސް
ކަމެއް އޮތްގޮތަކަށް ނޯންނާނެއެވެ. ހަމަ އެގޮތަށް އޭނައާއި ނަޞްރާގެ ގުޅުން ވެސް
ބަދަލުވަމުން ދާނެއެވެ. އެ ބަދަލަކީ ގޯސް ބަދަލަކަށް ވާނެހެނެއް ޔޫނުސްއަކަށް
ހިއެއްނުވެއެވެ. އެހެނީ މިއަދުވެސް ނަޞްރާއަށް ދެރަ ގޮތެއް ދިމާވާން އޭނަ ނޭދޭ
ފަދައިން ނަޞްރާވެސް އޭނައަށް ދެރަގޮތެއް ދިމާވާކަށް ނޭދޭނެކަން ޔޫނުސްއަށް ޔަޤީން
ކުރެވޭތީވެއެވެ. ވީއިރު ކަނޑުގަދަވެ ދެމީހުން އެކަކު އަނެކަކަށް އެންމެ ބޭނުންވާ
ދުވަހު، ދަތުރު ފެށިއިރު ގުޅުވާލި އަތުން އެކަކުވެސް ދޫކޮއްލާނެކަމަށް ޔޫނުސް
ޤަބޫލުކުރާކަށް ބޭނުމެއްނުވެއެވެ.
އޭގެ އަނެއްދުވަހު ސްކޫލަށް ދާ ހިތްވީ ވަރުން އަފްރީންއަށް
ފަތިހު 4:30 ވީއިރު ހޭލެވިއްޖެއެވެ. އެވަގުތު ހޭލާފައި އެހެން ދުވަސް ދުވަހާ
ޚިލާފަށް އޭނަ ނިދާކަހަލަ ޚިޔާލެއްވެސް ނުކުރިއެވެ. އަފްރީން އޭނަގެ ފޯނު ނަގައި
ސިނާންއަށް މެސެޖެއް ފޮނުވާލިއެވެ. ފަނަރަ މިނެޓް ހިނގި އިރުވެސް ސިނާން
ރިޕްލައިއެއް ނުކުރުމުން ސިނާން މިވަގުތު އޮންނާނީ ނިދަންކަމަށް އަފްރީންއަށް
ނިންމުނެވެ. ފޯނު އެނދުމަތީގައި ބޭއްވި ވަގުތު އޭނަ ނަހަދާ އޮތް ފިލާވަޅެއްގެ
މަތިން އަފްރީން ހަނދާންވިއެވެ. ފިލާވަޅު ހަދަން ކިޔަވާ މޭޒުދޮށުގައި އިށީން
ވަގުތު ފަތިސް ނަމާދަށް ބަންގި ގޮވަން ފެށިއެވެ. އެ އަޑު އިވިފައި އަފްރީންގެ
ހިތަށް ފޫހިކަމެއް ވެރިވިއެވެ. އޭނަ ދުވަހަކުވެސް ނަމާދުކުރަން ނުޖެހޭނެ ނަމައޭ ބައެއްފަހަރު
އަފްރީންގެ ހިތަށްއަރައެވެ. ކޮންމެ ގޮތެއްވިޔަސް ޖެހޭނީ ކުރާށެވެ. ނުކުރިއްޔާ ވެސް
އޭނަގެ ހިތަށް އުދަގޫވެއެވެ. ނަމަވެސް ހަދަންވެފައިވާ ފިލާވަޅު ނިންމާފައި ނަމާދު
ކުރާނީއޭ ހިތައި އަފްރީން އޭނަގެ ފޮތް ނަގައި މަސައްކަތް ފެށިއެވެ.
ފިލާވަޅު ހަދައި ނިމުނުއިރު ގަޑިން 5:30 ވެފައިވިތަން
ފެނިފައި އަފްރީން ފޮތް ލައްޕާލަމުން ތެޅިގެންފިއެވެ. ފާޚާނާއަށްވަދެ ފެންވަރައި
ވުޟޫކޮށްލައިގެން ޔުނިފޯމް ލައިފިއެވެ. ޔުނިފޯމް އިސްތިރި ކުރެވިފައި އޮތްކަންވެސް
އެއީ ނަސީބެކެވެ. އަފްރީން ބުރުގާގައި ޕިންވެސް ޖަހައިގެން ނަމާދުކުރުމަށް
މުސައްލަ މައްޗަށް އެރިއިރު 5:46 ވެއްޖެއެވެ. އެހެންކަމުން ނުހަނު އަވަހަށް
ނަމާދުކުރުމަށް ނިޔަތްގަނެ ޙަރަމް ބަނދެފިއެވެ. 5 މިނެޓަށްވުރެ މަދު
ވަގުތުކޮޅެއްގެ ތެރޭގައި ނަމާދުކޮށް ނިމުނުއިރު އެ ނަމާދުގެ ތެރެއިން ވެސް
އަފްރީންއަށް ގިނައިން ވިސްނެމުން ދިޔައީ ސިނާންއާއި މެދުގައެވެ. ނަމާދުގައި
ކިޔެވުނު ނުކިޔެވުނު އެއްޗެއްވެސް އަފްރީންއަށް ނޭނގުނު ފަދައެވެ. ނަމަވެސް
އަފްރީން ދެކޭގޮތުގައި އެއީ މައްސަލައެއް ނޫނެވެ. ނަމާދު ކުރެވުނީމަ އެ
ނިމުނީއެވެ. އަފްރީން އޭނަގެ ނަމާދު ދޮޅިއާއެކު މުސައްލަ އޮޅާލިއެވެ.
ސްކޫލަށް ދިޔައީއްސުރެ އަފްރީންގެ ދެލޯ ހޯދަމުން ދިޔައީ
ސިނާންއެވެ. ނަމަވެސް އޭނަ ކުލާހަށް ދިޔައިރު ސިނާންއެއްނެތެވެ. އެސަމްބްލީ
ނިންމުމަށްފަހު ވެސް ކުލާހަށް އެނބުރި ދިޔައިރު ސިނާން ފެންނާކަށްނެތެވެ. އަފްރީން
ހިސާބަކަށް ދެރަވިއެވެ. ކަންބޮޑުވެސްވިއެވެ. ސިނާންއަށް ގޮތެއްވީބާއޭ
ހިތަށްއެރިއެވެ. އަފްރީން ކުލާހުގައި މަސައްކަތުގެ ތެރޭގައި ހުރެ ނައުފާ ގާތު މި
ވާހަކަތައް ދެއްކިއެވެ. ސިނާން ގިނަ ދުވަހު ސްކޫލަށް އަންނަނީ އިންޓަވަލް
ފަހުންކަން ނައުފާ އަފްރީންއަށް ހަނދާން ކޮށްދިނެވެ. އަފްރީންއަށް އެކަމާ
އެއްބަސްވެވުނެވެ. ނަމަވެސް ރައްޓެހިވެގެން ފުރަތަމަ ސްކޫލަށް އަންނަ ދުވަހު
އަންނަންވާނެ ނޫންހޭ ބުނެ އަފްރީންގެ ހިތް ޝަކުވާ ކުރިއެވެ. އޭނަ ނައުފާ ގާތުވެސް
މި ވާހަކަ ބުންޏެވެ. ނައުފާއަށް ހީލެވުނެވެ.
އިންޓަވަލް ގަޑިއަށް ބެލް ޖަހާލުމުން އެންމެން ކެންޓީނަށް
ދާން ތެދުވަން ފެށި ވަގުތު ނައުފާ އަފްރީންގެ އަތުގައި ކޮއްޓާލިއެވެ. އަފްރީން
ނައުފާއަށް ބަލާލުމުން ނައުފާ ހެވިފައި އިނދެ ކުލާހުގެ ދޮރާއި ދިމާލަށް ބޮލުން
ޢިޝާރާތް ކުރިއެވެ. ނައުފާ އެ ޢިޝާރާތް ކުރި ދިމާލަށް ބަލާލި އަފްރީންގެ ދެއަތް
ފިނިވިއެވެ. ކުލާހުގެ ދޮރުމަތީގައި އެހެރީ އާދައިގެ މަތިން އެއްކޮނޑުގައި ދަބަސް
އަޅުވައި އެ ދަބަހުގައި އެއްއަތުން ހިފަހައްޓައިގެން ހުރި ސިނާންއެވެ. ޓިއުޝަން
ކުލާހަށް ދިޔައިރު ސިނާންގެ އިސްތަށިގަނޑުގައި ހުރި ސްޕައިކެއް މިހާރަކު ނެތެވެ.
މިހާރު އެ އިސްތަށިގަނޑު ހުރީ އަފްރީންގެ ނަޒަރުން ބަސްއަހާ ކަޓު ކުދިން ބޮލުގަ
ފުނާ އަޅާ ގޮތަށެވެ. އެކަމަކު ސިނާން އެހެން ހެދުމުން ވަރަށް ރީއްޗެވެ. ވަރަށް
“ކޫލް” އެވެ. އެހެންނޫނަސް އެކަމުން އެނގެނީ ސިނާން ސްކޫލްގައި އޭނަ ހުރި
ހައިސިއްޔަތު ހަނދާން ބަހައްޓާކަމޭ އަފްރީންގެ ހިތަށްއެރިއެވެ. ސިނާންއަކީ
ސްކޫލްގެ ޑެޕިއުޓީ ކެޕްޓަންއެވެ. ސިނާން ހާދަ އޭނައާއި އެއްގޮތޭ އަފްރީންގެ ހިތް
ބުންޏެވެ. އަފްރީން ވެސް އޭނަ ސްކޫލް ކެޕްޓަންއަކަށް ވީފަހުން ޔުނިފޯމް
މިންގަނޑާއި އެއްގޮތަށް ޔުނިފޯމް އެޅޭތޯ ބަލައެވެ. ހަމަ ސިނާން ފަދައިން އަފްރީން
ވެސް ސްކޫލުން ނިކުތުމާއެކު އެ ޤަވާޢިދުތަކާމެދު ހަނދާން ނައްތާލައެވެ.
ސިނާން ކުރިމައްޗަށް ބަލަހައްޓައިގެން ހުރެފައި ވާތް
ފަރާތަށް ބަލާލި ހިނދު އޭނަގެ ތޫނު ނަޒަރު އަފްރީންއަށް އަމާޒުވިއެވެ.
އަފްރީންއަށް ހިނިތުންވެވެން އުޅުނެއްކަމަކު އޭނަ އޭނަގެ މޫނުމައްޗަށް
ރުޅިވެރިކަން ވެރިކުރެވޭތޯ ބެލިއެވެ. ސިނާން އެއްމިޔަކަނުން ހިނިތުންވެގެން ހުރެ
އަފްރީންއާއި ދިމާލަށް އަންނަން ފެށިއެވެ. އަދި އަފްރީންގެ މޭޒު ކުރިމައްޗަށް ގޮސް
މަޑުކޮށްލިއެވެ. އެއާއެކު އަފްރީން ކޮޅަށް ތެދުވެ އޭނަ އަތުގައި އޮތް ގަލަމުގެ
ދޯރި ޖަހާލިއެވެ.
“ހިނގާ ނައު….މިތާ މާ ގިނައިރަކު
ތިބޭނެކަމެއްނެތް.” އަފްރީން ނައުފާއަށް ބަލާލަމުން ތެދުވެލިއެވެ. ނައުފާ އޭނަގެ
ހިނިތުންވުން ފޮރުވަން މަސައްކަތް ކުރަމުން ތެދުވެލިއެވެ.
“ހްމް….ދާން ބޭނުންވާ މީހުން ހަމަ ދާންވީ. އެކަކުވެސް ނުހުއްޓުވާ.”
ސިނާން އެހެން ބުނެލަމުން ކުލާހުގެ އަނެއްފަރާތުގައި އޭނަ އިށީނދެގެން ހުންނަ ފިރިހެން
ކުދިންގެ ބަރިއާއި ދިމާލަށް ދާން ހިނގައިގަތެވެ. އެ މަންޒަރު ބަލަހައްޓައިގެން
ހުރި އަފްރީންއަށް، ސިނާންއަށް ގޮވާލެވެން އުޅުނެވެ. ނަމަވެސް އޭނަ އަނގަ
ބަންދުކޮއްލީ އޭނަވެސް ވަކި މާ ބޮޑަށް ބޭނުންވެގެން އުޅޭކަން ނުދެއްކުމަށްޓަކައެވެ.
“ހިނގާ ނައު!” އަފްރީން މުޅި ކުލާހަށް އިވޭނެ ވަރަށް އެހެން
ބުނެލަމުން ނައުފާގެ އަތުގައި ހިފައިގެން ކުލާހުން ނިކުތެވެ.
ނައުފާއާއެކީ ނިކަން ބާރަށް ކޮރިޑޯ ތެރެއިން ހިނގަމުން
ދިޔަ އަފްރީންގެ ފިޔަވަޅުތައް މަޑުޖެހުނީ ނައުފާ އޭނަގެ އަތުގައި ހިފައި
މަޑުކުރުވުމުންނެވެ. އަފްރީން ޙައިރާންވެފައި ނައުފާއަށް ބަލާލިއިރު ނައުފާ ހުރީ
ކުލާހެއްގެ ދޮރުމަތީގައި ހުރި އޭނަގެ ލޯބިވެރިޔާ ކަމަށްވާ ރާހިލްއަށް
ބަލަހައްޓައިގެންނެވެ. އަފްރީންއަށް ނައުފާގެ އަތުން ދޫކޮށްލެވުނެވެ. ނައުފާ
ވަގުތުން ރާހިލްގެ ގާތަށްގޮސް ވާހަކަ ދައްކަން ފެށިއެވެ. އަފްރީން އެ މަންޒަރު
ފެނިފައި އުދަގުލެއްވެގެން ކަހަލަ ގޮތަކަށް އެ މީހުންނަށް ފަސްދީފައި އެތާހުރި
ފާރު ކައިރިއަށް ގޮސް ދެ އުޅަނބޮށި ވިއްދައި އޭނަގެ ދަތްދޮޅީގައި ދެއަތް
ވިއްދާލިއެވެ. އޭނަ އެހެން ހުއްޓާ އޭނަގެ ކޮނޑުގައި އެއްޗެއް ޖެހުނުހެން ހީވެގެން
އަފްރީންއަށް ސިހުމަކާއެކީ އެދިމާލަށް ބަލާލެވުނެވެ. އެވަގުތު ބިންމަތީގައި
ކަރުދާހުން ހަދާފަ އޮތް ފްލައިޓެއް އޮތެވެ. އަފްރީން ވަށައި ހޯދާލަމުން ގުދުވެ
އޭތި ނެގިއެވެ. އޭގެ ތެރޭގައި ބޮޑު އަކުރުން އެއްޗެކޭ ލިޔެވިފައި އޮތްކަން
އަފްރީންއަށް އެނގުނެވެ. އޭތި ނިއުޅާލަމުން އަފްރީން ބަލާލިއިރު އޭގައި ލިޔެވިފައި
އޮތީ “މިސްޑް ޔޫ، ލަވް.” މިހެންނެވެ. އޭގެ ދަށުގައި އެސް އަކުރެއް އޮތުމުން މިއީ
ސިނާންގެ ފަރާތުން ލިބުނު އެއްޗެއްކަން އަފްރީންއަށް ޔަޤީން ކުރެވުނެވެ.
އަފްރީންއަށް ހިނިތުންވެލެވުނެވެ. އޭނަ އިސްއުފުލައި ބަލާލިއިރު ސިނާން އޭނަގެ
ކުރިމަތީގައި ހުއްޓެވެ.
ސިނާން އައިތާ މާ ގިނައިރެއްނުވެ އަފްރީން އޭނައާއި
ނައުފާމެންނާއެކީ ކެންޓީނަށް ގޮސް އިންޓަވަލް ކޮށްލިއެވެ. އެއަށްފަހު އެންމެން
އެކީގައި ދިޔައީ އަފްރީންމެން ކުލާހަށެވެ. އަފްރީންމެން ތިބޭ ގޮނޑި ބަރީގައި
އަފްރީންއާއި ސިނާން ތިބިއިރު ނައުފާއާއި ރާހިލް ތިބީ އެމީހުންގެ ކުރިމަތީގައި
ގޮނޑި އަޅައިގެން އިށީނދެއެވެ.
“އޭ އަފޫ….އެނގޭތަ މި އަންނަ މަހު އަހަރުމެން ސްކޫލަށް
ކޮންމެވެސް ދީނީ ޢިލްމުވެރިއެއް އެބަ އަންނަކަން ދަރުހެއްދޭން؟” ދެކެވެމުން ދިޔަ އެކިއެކި
ވާހަކަތަކުގެ ތެރެއިން ނައުފާ ބުނެލިއެވެ. އަފްރީން ޗޮއްކަނޑާލިއެވެ.
“އަޑެއް ނާހަން. ދެން ކީއްކުރާ ދަރުހެއްތަ ޓެސްޓު މިހާ
ކައިރިވެފަ އޮތްވާ؟ މިއީ ޖުލައި. މާނައަކީ…..އޮގަސްޓް، ސެޕްޓެމްބާރ…..ސެޕްޓެމްބާރގަ މޮކް
އެގްޒާމް. އޮކްޓޯބާރގަ އޯ ލެވެލް. ގްރޭޓް! އަދި ބައިވަރު ވަގުތު އޮތީތީ ދޯ ދަރުހެއް
މީގެ ތެރެއަށް ކޮއްޕާލީ؟ މި ދިޔަ މަހު ވެސް ބޭއްވި ދަރުހައް ގޮއްސަ ހުރެ އަފޫ
ނިދިގެން ގޮސް ނުވެއްޓުނީ ކިރިޔާ.” އަފްރީން ދެއްކި ވާހަކައަކުން އެންމެނަށް
ހެވުނެވެ.
“ހެހެހެ…..އަފޫ، އަހަރެން ވެސް އަޑުއެހިން ޑޭޑް
ބުނި އަޑު އޮސްޓްރޭލިޔާއިން ކޮންމެވެސް އަންހެނަކު އެބަ އާދެއޭ. އަހަންނަށް ހީވަނީ
މިފަހަރު އެ ދަރުސް އެޓެންޑް ކުރަންޖެހޭނީ ހަމައެކަނި އަންހެން ކުދިންހެން. އެއީ
އަންހެނެއްވީމަ.” ސިނާން ބުނެލިއެވެ.
“ވަޓް! ސޯ ނޮޓް ފެއާރ. އަފޫ ނުދާނަން.” އަފްރީން އޭނަގެ
ދެއަތް އުރާލަމުން ދުރަށް ނަޒަރު ހިންގާލިއެވެ.
“އެކަމަކު ކައްޕި ދާންވާނެއެއްނު؟” ނައުފާ ހެވިފައިހުރެ
ހަނދާންކޮށްދިނެވެ. އަފްރީން ރޯ ކަމަށްހެދި މޭޒުމަތީގައި ބޯއަޅާލިއެވެ. އެއަށްފަހު
ކުއްލިއަކަށް ބޯ އުފުލާލަމުން ނައުފާއަށް ބަލާލިއެވެ.
“ކައްޕި އެކަންޏެއްނޫން. ޕްރިފެކްޓުން ވެސް ގޮވައިގެން
ކައްޕި ދާނީ.” އަފްރީން ނައުފާގެ އަތުގައި ހިފަހައްޓާލިއެވެ.
“މިޖެހުނީ ދެން ދާކަށްނު؟” ނައުފާ އެހެން ބުނެލަމުން
ހީލިއެވެ. ސިނާންއާއި ރާހިލްއަށް ވެސް ހީލެވުނެވެ.
އަފްރީން ގެއަށް ދިޔައީ ނައުފާއާއި ސިނާންއާއެކީ
ހިނގާފައެވެ. ހިނގަމުން ދިޔައިރު އެ ތިން މީހުންގެ މެދުގައި ވެސް އެކިއެކި
ސަމާސާތަކެއް ކުރެވެމުން ދިޔައެވެ. މަގުމަތިން ދާ މީހުންގެ ނަޒަރުތައް އެ
މީހުންނަށް އަމާޒުވަމުން ދިޔައެއްކަމަކު އެއަކަށް ފަރުވާލެއްނެތެވެ. އަފްރީން
ސިނާންއާއި ނައުފާއާ ދެމީހުންނާ ވަކިވީ ނަޞްރާ މަސައްކަތް ކުރާ ސްކޫލް ހުންނަ
ގޯޅިއަށް އަޅަންވުމުންނެވެ. ސިނާންއާއެކީ އޭނަ ދާތަން ދޮންތައަށް ފެނޭކަށް އަފްރީން
އެއްގޮތަކަށް ވެސް ނޭދެއެވެ. އެއީ ދޮންތައަށް ކުރީގައި އޭނަގެ ލޯބިވެރިޔެއް
ހުންނަކަން އެނގި އެއްޗެހި ގޮވާފައިވާތީވެއެއް ނޫނެވެ. އަފްރީން އެފަދަ
ގުޅުމެއްގައި އުޅޭކަން ދޮންތައަށް އެނގިއްޖެނަމަ ދޮންތަ ރުޅިވާނެކަމަށް އޭނަގެ
ހަވަނަ ހިއްސު ބުނަމުން ދިޔައީތީވެއެވެ. ސިނާންއާއި ނައުފާ އޭނައަށް ފަސްދީފައި
އެމީހުން ހިނގަމުން ދިޔަ މަގުން ކުރިއަށް ދިޔަތަން ބަލަން އަފްރީންއަށް
ހުރެވުނެވެ. ނައުފާ ސިނާންއާއި ސަމާސާކުރަމުން ދިޔައިރު ސިނާން ގައިގައި
އަތްއަޅައި ކޮއްޕަމުން ވެސް ދިޔައެވެ. ނަމަވެސް އަފްރީން އެއީ މާ ބޮޑު މައްސަލައެއް
ކަމުގައި ނުދެކެއެވެ. އަފްރީން ސިނާން އާއި ރައްޓެހިވެގެން އުޅުނަސް އަފްރީންގެ
އެހެން ފިރިހެން އެކުވެރިން ވެސް ތިބެއެވެ. އަފްރީން ހަމަ އެފަދަ ގޮތަކަށް އޭނަގެ
އެ އެކުވެރިންނާވެސް ސަމާސާކޮށް ހަދައެވެ. ސިނާންގެ ވެސް އެހެން އަންހެން
އެކުވެރިން އުޅެއެވެ. އޭނަ އެ މީހުންނާވެސް ވަރަށް ގިނައިން ވާހަކަ ދައްކައި
އުޅޭކަން އަފްރީންއަށް އެނގެއެވެ. އަފްރީން އޭނަގެ އެހެން ފިރިހެން އެކުވެރިން
ކައިރީގައި އިށީނދެގެން އިންނަން ޖެހިލުންނުވާ ފަދައިން ސިނާންވެސް އޭނަގެ
އަންހެން އެކުވެރިން ކައިރީގައި ހުންނަން ޖެހިލުން ނުވާނެކަން އަފްރީންއަށް
އެނގެއެވެ. ނަމަވެސް މިއީ މާ ބޮޑަށް ވިސްނާ ކަންތައްތަކެއް ނޫނެވެ. ލޯބިވެރިޔާއާއި
އެހެން މީހަކު ކިރިޔާ ކައިރިވިޔަސް މައްސަލަތަކެއް ޖެހެނީ އިހުގެ ހިންދީ
ފިލްމުތަކުގައެވެ. އެއީ ފަހުގެ އިނގިރޭސި ފިލްމުތަކުން ވާގޮތެއްނޫނެވެ.
ޔޫނުސް އިނީ އޮފީހުގައި އޭނައަށް ޚާއްޞަ ކުރެވިފައިވާ
ރޫމުގައެވެ. ބިއްލޫރި މޭޒެއްގެ ދޮށުގައި ކަޅުކުލައިގެ ބޮޑު ގޮނޑިއެއްގައި އޭނަ
އިންއިރު އޭނަގެ ނަޒަރު ހުއްޓިފައިވީ އޭނަގެ ކުރިމައްޗަށް ވާގޮތަށް ފާރުގައި
ހަރުކޮށްފަ ހުރި ޓީވީއަށެވެ. ޓީވީއިން ފެންނަމުން ދިޔައީ އެޗް.އެން ޓީވީއިން ރޭ
މޯލްޑިވިއަން ރީފޯމް ޕާޓީގެ ފަރާތުން ބޭއްވި ޖަލްސާއެއްގެ ރިޕީޓް ދައްކަމުން
ދިޔަތަނެވެ. ޕޯޑިއަމަށް އަރައި ވާހަކަ ދައްކަން ހުރީ ނަވާޒްއެވެ.
“ހައްތަހާވެސް ހިތާމަކުރަންޖެހޭ ކަންތައް މިއަދު
އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ. ޒުވާން ކުދިން ވަޒީފާއެއް ނުލިބިގެން
މަސްތުވާތަކެތީގެ ވަބާގައި ޖެހޭތަން. މުސްކުޅިން އެމީހުންނަށް އަޅާލާނެ ބަޔަކު
ނެތިގެން އުޅޭތަން. އަލަށް ދިރިއުޅުމެއް ފަށަން އުޅޭ ބަޔަކަށް ބޯހިޔާވަހިކަމެއް
ނުލިބިގެން އުޅޭތަން. އަޅުގަނޑުމެންގެ މި ޕާޓީ އުފެދިގެން އައީ މި ކަންތައް
ބަދަލުކުރަން ދެއްތޯ؟ އަޅުގަނޑުމެން ފަސް އަހަރުތެރޭގަ ކީއްކުރަންތޯ؟ އެއްއަހަރު ތެރޭގަވެސް
އަޅުގަނޑުމެންނަށް މުޅި މި ޤައުމު އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުންނާއި
ޢިލްމީ ގޮތުން ވެސް ތަރައްޤީ ކުރެވިދާނެ!” ނަވާޒް ހަރުއަޑުން އޭނަގެ ވާހަކަ އެހާ
ހިސާބަށް ގެންދިޔަތަނާ ވާހަކަ އަޑުއަހަން ތިބި މީހުންގެ އަތްތިލަ ބަޑީގެ
އަޑުއިވެން ފެށިއެވެ. ޓީވީ ބަލަން ގޮނޑިއަށް ލެނގިލައިގެން އިން ޔޫނުސްގެ
މޫނުމަތީގައިވީ އިންތިހާ ދަރަޖައިގެ ނުރުހުންތެރިކަމެކެވެ. އޭނަގެ އެއްއަތް
މޭޒުމަތީގައި އޮތްއިރު އެ އަތުތެރޭގައި ބަރެއް އޮތެވެ.
“އަޅުގަނޑު ހަމަ ދެރަވޭ. ދެރަވޭ ފަޤީރު ޙާލުގައި މީހުން
އުޅޭތަން ފެނިފައި. ކިތައް އެކަނިވެރި މައިންނާ ބަފައިންތޯ ކާނެ އެއްޗެއް
ނުލިބިގެން ސަލާންޖަހަންޖެހެނީ؟ އެ މީހުންގެ ކުދިންނަށް ރަނގަޅު ތަޢުލީމެއް
ފޯރުކޮށްދޭން ބޭނުންވާއިރު ވެސް މަޖުބޫރުވެގެން އެކުދިން ސްކޫލަށް ފޮނުވުމުގެ ބަދަލުގައި
މަސައްކަތްކުރަން ފޮނުވަންޖެހެނީ؟ އަޅުގަނޑު ދެކޭގޮތުގަ މި ޤައުމުގައި
ކުށްވެރިންގެ ޢަދަދުވެސް ގިނަވާ ސަބަބަކީ އެއީ. މި ޤައުމަކީ ވަރި ގިނަ
ޤައުމަކަށްވެފައި ކައިވެނި ރޫޅުމުން ކުދިންނާ ޙަވާލުވާ ފަރާތަށް އެ ކުދިން
ރަނގަޅަށް ތަރުބިއްޔަތު ކުރުމުގެ ތަނަވަސްކަމެއް ލިބިފައިނުވާތީ. އެކަމަކު
އަޅުގަނޑުމެންގެ ސަރުކާރެއްގައި މި ކަންތައް ބަދަލުވާނެ އިނގޭތޯ؟” ނަވާޒް އަޑަށް
ބާރުލާފައި އެހާ ހިސާބަށް ބުނެލިތަނާ އަނެއްކާވެސް އަޑުއަހަން ތިބި މީހުންގެ
އަތްތިލަ ބަޑީގެ އަޑު ގުގުމައިގެންފިއެވެ. އެވަގުތު ރުޅިން ރަތްވެފައި ހުރި ޔޫނުސް
ދެލޯ މަރާލަމުން ދެދަތްޕިލަ ޖައްސައިގެން ހުރެ އޭނަގެ އަތުގައި އޮތް ބަރު ދުރަށް
ހޫރާލިއެވެ. އެ ބަރު ޓައިލްސް މަތީގައި ޖެހުނުއިރު ބާރު އަޑެއް އިވިގެން ދިޔައެވެ.
ޔޫނުސް ދެންވެސް ރުޅިން ހުރެ ކޮޅަށް ތެދުވިއެވެ. އެއަށްފަހު މޭޒުމަތީގައި އޮތް
ރިމޯޓް ނަގައި ޓީވީ ނިވާލިއެވެ. ޔޫނުސް ކޮޅަށްހުރެ އޭނަގެ ލެޕްޓޮޕްއިން
ހުޅުވާލެވިފައިވާ ހުރިހާ އެއްޗެއް ކްލޯޒްކޮށް ލެޕްޓޮޕް ޝަޓް ޑައުން ކޮށްލަމުން
އޭތި ލައްޕާލިއެވެ. އަދި މޭޒުމަތީގައި އޮތް އޭނަގެ ލެޕްޓޮޕް ދަބަހަށް ލެޕްޓޮޕް
އަޅަން ފެށިއެވެ. އެވަގުތު އޭނަގެ ރޫމްގެ ދޮރު ހުޅުވުނެވެ.
“މިތަނުން ނިކަން ބާރު އަޑެއް އިވިގެން މިއައީ.” ޔޫނުސްގެ
ރޫމް ތެރެއަށް ވަދެ ދޮރު ލައްޕާލި ޝާނީ ލަސްލަހުން ރާގަކަށް ބުނެލިއެވެ. އަދި އެކި
ތަންތަނުން ޑައިކޮށްފައިވާ އޭނަގެ އިސްގަނޑުގެ ބައެއް ކަންފަތުގެ ދަށަށް
ލައްވާލިއެވެ.
“ޝާނީއާ ބެހޭކަމެއްނޫން!” ޔޫނުސް ޝާނީއަށް ބަލަހައްޓައިގެން
ހުރެ ބާރަށް އަންގާލިއެވެ. ޝާނީ އައުމުން އޭނަގެ ރުޅިގަދަ ވެފައިވިއެވެ. ޔޫނުސް
އޭނަގެ ލެޕްޓޮޕް ދަބަހުގެ ޒިބު ބަންދުކޮއްލި ވަގުތު އޭނަގެ އަތުގައި ޖެހި
މޭޒުމަތީގައި އޮތް ލެޕްޓޮޕްގެ ޗާޖަރު ވެއްޓުނެވެ. އޭތި ނަގަން އޭނަ ގުދުވެލީ ވަގުތު
އޭނަގެ ކުރިމައްޗަށް އައިސް ހުއްޓުނު ޝާނީވެސް ގުދުވެލައިފިއެވެ. ޝާނީ އެހާ
ކައިރިން ފެނިފައި ޔޫނުސް ސިހުންވެފައި ކަހަލަ ގޮތަކަށް ދުރުވެލައިފިއެވެ.
އޭނައަށް ތެދުވެވުނީ ޗާޖަރުވެސް ނުނަގައެވެ. ޝާނީ ހިނިތުންވުމެއްގައި ހުރެ ޗާޖަރު
ނަގައި ތެދުވެލައިފިއެވެ. އަދި ޔޫނުސް އަތަށް ދިއްކޮއްލިއެވެ. ޔޫނުސް
ބުމަގޮށްޖެހިފައިހުރެ ޗާޖަރު ޖަހައިގަނެ މޫނު އަނބުރާލަމުން އޭތި އޮޅަން ފެށިއެވެ.
“ހާދަ ރުޅި އައިސްފައޭ މިއަދު ތި ހުރީ. ގެއަށްދާ ގަޑިވެސް
ޖެހެނީދޯ؟ ހިނގާބަލަ އޭގެ ކުރިން އަހަރެން ގޮވައިގެން އައިސްކްރީމަކަށްދާން.” ޝާނީ
ޔޫނުސްގެ ކޮނޑުގައި އެއްއަތް އަޅާލަމުން ބުނެލިއެވެ. ޔޫނުސް މިފަހަރު ދުރުވެގަތް
ވަގުތު ގޮނޑީގައި ފައިޖެހި އަރިވެސް ނޭޅީ ކިރިޔާއެވެ. މޭޒުގަ ހިފަހައްޓާލެވުނީ
ނަސީބަކުންނެވެ. ޔޫނުސް ރުޅިން ފަޅައިގެން ދާވަރުވެފައިހުރެ ޝާނީއަށް ބަލާލިއެވެ.
ނަމަވެސް އެއްޗެކޭ ނުބުނީ އޭނައަށް އަތުން ގޯހެއް ހެދިދާނެ ކަމުގެ ބިރު
ހީވީތީވެއެވެ.
“ޔޫން، ބީ ކެއަރފުލް.” ޔޫނުސް އޭނަގެ ޗާޖަރު ދަބަހަށް
އަޅައި ޒިބު ބަންދުކޮއްލީ ވަގުތު ޝާނީ ބުނެލިއެވެ. ޔޫނުސް އޭނަގެ ލެޕްޓޮޕް ދަބަސް
އެއްކޮނޑުގައި އަޅުވާލަމުން ޝާނީއަށް އޭނަގެ ރުޅިވެރި ނަޒަރު އަމާޒުކޮށްލިއެވެ.
“އަހަރެން މިއީ މީހެއްގެ ފިރިއެއް.” މޭމަތީގައި ޝަހާދަތް
އިނގިލި ޖައްސާލަމުން ޔޫނުސް ބުނެލީ ހަމައެކަނި އެހާވަރަށެވެ. އެއަށްފަހު ޝާނީ
ހުރިތާ ހުއްޓާ އޭނަ އެއްވެސް އެއްޗެކޭ ނުބުނެ އޭނަގެ ރޫމުން ނިކުމެގެން ދިޔައެވެ.
ޔޫނުސް ސައިކަލުން ގެއަށްދިޔަ މަގުމަތީގައި އޭނަ ހުރީ މޫޑު
ޚަރާބުވެފައެވެ. އޭނައަށް ވިސްނެމުން ދިޔައީ މިއަދު އޮފީހުގައި ހިނގައިދިޔަ
ކަންތަކާއިމެދުގައެވެ. އެ ހަނދާނުގެ ތެރެއިން އޭނަގެ ސިކުނޑި އޭނައަށް ނަޞްރާގެ
މަތިން ވެސް ހަނދާންކޮށްދެމުން ދިޔައެވެ. އޭނަ ނަޞްރާއާއި ކައިރި ނުވާ ވަރަށް މިއަދު
އެހެން އަންހެނަކާއި ކައިރިވެވުނީތީ ދެރަވިއެވެ. މިއީ މިކަންވާންޖެހޭ ގޮތެއްނޫނޭ
ކިޔައި ޔޫނުސްގެ ހިތް ބާރުބާރަށް ގޮވާލިއެވެ. ނަޞްރާއާއި ކައިރިވާން އޭނަ
މަސައްކަތްކުރަން ޖެހެއެވެ. އޭނަ މަސައްކަތް ނުކުރަންޏާ ނަޞްރާއަކަށް ވެސް
ފިޔަވަޅެއް އަޅާކަށް ނުކެރޭނެއެވެ. ދެ މީހުން ވެސް ފިޔަވަޅެއްނާޅާ މާ ގިނަ
ދުވަސްވާން ފަށައިފިއްޔާ ކަމަކު ނުދާނެ ކަމުގެ އިންޒާރު ޔޫނުސްގެ ހިތް އޭނައަށް
ދިނެވެ. އެއާއެކު ޔޫނުސް މިއަދު ނަޞްރާއާއި ކޮންމެވެސް އެއްގޮތަކަށް އެކުވެރިވެ
ކައިރިވުމަށް ނިންމިއެވެ. އަދި އެކަން ކުރެވޭނެ ގޮތަކާމެދު ވިސްނަން ފެށިއެވެ.
މެންދުރުގެ ވަގުތެއްގައި ނަޞްރާ އާދައިގެ ހިނގުމެއްގައި
ގެއަށް ދިޔައެވެ. އޭނަ ވަރުބަލި ގޮތަކަށް ގޭގެ ފެންޑާއަށް ވަދެގެން ގޮސް ގޭގެ ދޮރު
ހުޅުވާލަން އުޅުނެވެ. ނަމަވެސް ގޭގެ ދޮރުވަނީ ތަޅުލެވިފައެވެ. ނަޞްރާ
ޙައިރާންވިއެވެ. އެހެނީ ޔޫނުސް މިއަދު އޮފީހަށް ދިޔައިރު އޭނަ ގާތު ބުނެފައިވަނީ
ގޭގެ ދޮރުގެ އަނެއް ތަޅުދަނޑި ނުގެންދިޔަޔަސް ރަނގަޅުވާނެ ކަމަށެވެ. އެއީ ޔޫނުސް
އޭނައަށްވުރެ ކުރިން ގެއަށް އައިސްދާނެތީވެއެވެ. އެހެނަސް ދޮރު މި ހުރީ
ތަޅުލެވިފައެވެ. ޔޫނުސް އަދި ނާންނަނީބާއޭ ނަޞްރާގެ ހިތަށްއެރިއެވެ. ނޫނީ
އޮޅުމަކުން ވެސް ޔޫނުސްއަށް ގޭގެ ދޮރު ތަޅުލައިގެން ހުރެވިދާނެއެވެ. އެހެން ހިތައި
ނަޞްރާ އެ ދޮރުގައި ޓަކި ދިނެވެ. އިރުކޮޅަކު ހުރުމަށްފަހު އޭނަ ދެވަނަ ފަހަރަށް
ޓަކިދޭން އުޅުނުތަނާ ދޮރުގެ ތަޅު ހުޅުވުނު އަޑު އިވުނެވެ. އޭގެ ދެވަނަ
ސިކުންތުގައި ދޮރު ހުޅުވުމާއެކު ދޮރުމަތިން ފެނުނު ޔޫނުސް ނަޞްރާގެ އަތުގައި
ހިފައި އެތެރެއަށް ދަމާލިއެވެ. ނަޞްރާއަށް ގެއަށް ވަދެވުނުތަނާ ޔޫނުސް ގޭގެ ދޮރު
ލައްޕާލަމުން ނަޞްރާ އޭނަގެ އަތުތެރެއަށް ގެނެސް ބައްދާލިއެވެ.
Comments
Post a Comment