Hijra (part 15)
ދަރުހުގައި ދެން ދެކެވުނު އެއްވެސް ވާހަކައެއް
އަފްރީންއަކަށް ނީވުނެވެ. ދަރުސް ނިމި އެންމެންގެ އަތްތިލަ ބަޑީގެ އަޑު ހޯލުގައި
ގުގުމައިގެން ދިޔުމުން ވެސް އަފްރީން އެއްދިމާލަކަށް ބަލަހައްޓައިގެން އިނީއެވެ.
އަފްރީން ކައިރީގައި އިން ނައުފާ ކޮޅަށް ތެދުވެ އަފްރީންއަށް
ގޮވައި ހިނގާށޭ ބުނެލިއެވެ. އަފްރީން ނުތެދުވުމުން ނައުފާ އަފްރީންއަށް
ބަލާލިއެވެ. އަފްރީން އިން ގޮތަށް އިންތަން ފެނިފައި ނައުފާ އަފްރީންގެ ކޮނޑުގައި
ހިފާލަމުން އަނެއްކާވެސް ގޮވާލިއެވެ. އަފްރީން ހިރިވެސް ނުލިއެވެ. ނައުފާ
އަނެއްކާވެސް ގޮވާލަން އުޅުނު ވަގުތު ނަޞްރާ އެތަނަށްއައެވެ. އަދި އަފްރީންގާތު
ގެއަށް ހިނގާށޭ ބުނެލިއެވެ. އަފްރީން އޭނައަށް ނުބެލުމުން ނަޞްރާ ބޮލުގެ
ޢިޝާރާތުން ނައުފާގާތު ކިހިނެއްވީތޯ ސުވާލުކުރިއެވެ. ނައުފާ ނަޞްރާއަށް
ބަލަހައްޓައިގެން ހުރެ ދެ ކޮނޑު އަރުވާލީ ނޭނގޭކަމަށް ބުނުމަށެވެ. ނަޞްރާ
އަފްރީންއަށް ބަލަހައްޓައިގެން އަދިވެސް އެއްފަހަރު ގޮވާލައިފިއެވެ. ދެންވެސް
އަފްރީން އޭނައަށް ބަލާނުލުމުން ނަޞްރާ ކަންބޮޑުވުމަކާއެކީ އަފްރީންގެ ދެ
ކޮނޑުގައި ހިފައި ތަޅުވާލަމުން އިހުނަށްވުރެ ބާރަށް ގޮވާލައިފިއެވެ. އެއާއެކު
އަފްރީން ހޭވެރިކަމެއް ލިބުނު ފަދައަކުން ދެލޯ ބޮޑުކޮށް ކުއްލިއަކަށް ނަޞްރާއަށް
ބަލާލިއެވެ. އެއަށްފަހު ނައުފާއަށް ބަލާލިއެވެ. އަފްރީންގެ މޫނުމަތިން ނައުފާއާއި
ނަޞްރާއަށް ފެނުނީ އިންތިހާ ދަރަޖައިގެ ނުތަނަވަސް ކަމެކެވެ. ނަޞްރާ އަފްރީންގެ
މޫނުގައި ދެއަތުން ހިފަހައްޓާލަމުން ކިހިނެއްވީތޯ ސުވާލުކުރިއެވެ. އަފްރީން
ނަޞްރާއަށް ބަލަން އިނދެފައި އިސްޖަހާލިއެވެ. އަދި ކަމެއްނުވެއޭ ބުނެ ގެއަށް
ދިޔުމަށް ކޮޅަށް ތެދުވެލިއެވެ.
ގެއަށް ދިޔަ މަގުމަތީގައި ވެސް އަފްރީން ހިނގަމުން ދިޔައީ
ހިމޭންކަމާއެކީގައެވެ. ހިމޭންކަމަކީ އަފްރީންއާ އެއްގޮތަކަށް ވެސް ގުޅޭ ސިފައެއްނޫނެވެ.
އެހެންކަމުން ނަޞްރާއަށް ހިނގަމުން ދިޔައިރު ވެސް ދެ ތިން ފަހަރަކު އަފްރީންގާތު
ކިހިނެއްވީތޯ ސުވާލުކުރެވުނެވެ. ފުރަތަމަ ދެފަހަރު އަފްރީން މަޑު އަޑަކުން
ކަމެއްނުވެޔޭ ބުންޏެއްކަމަކު ތިންވަނަ ފަހަރު އެއްވެސް ޖަވާބެއް ނުލިބުނެވެ.
އަފްރީންގެ މޫނުމަތީގައި ވި އަސަރަކުން އޭނަވަނީ ވަރަށް ބޮޑު ފިކުރެއްގައިކަން
ނަޞްރާއަށް އެނގުނެވެ. ނަޞްރާ އިތުރު ސުވާލުތަކެއް ކުރުމެއްނެތި އަފްރީން ގެއަށް
ދިޔަދިނީ އަފްރީންގެ ފަރާތުން މިރޭ އެދެވޭ ޖަވާބެއް ނުލިބޭނެކަން ޔަޤީންވީތީވެއެވެ.
ނަޞްރާ ގެއަށް ގޮސް ދޮރުގައި ޓަކި ދިނުމުން ދޮރު ހުޅުވީ
ފުރިހަމަ ހިނިތުންވުމެއްގައި ހުރި ޔޫނުސްއެވެ. ނަޞްރާ ގެއަށް ވަދެ މޫނު ފޮތިކޮޅު
ނަގާލި ވަގުތު ޔޫނުސް ދަރުސް ކިހިނެއްތޯ ސުވާލުކުރިއެވެ. ނަޞްރާ ރަނގަޅޭ ބުނަމުން
ފަސްއެނބުރި ޔޫނުސްއަށް ބަލާލިއެވެ. ނަޞްރާގެ މޫނުމަތިން ހިނިތުންވުމެއް
ނުފެނުމުން ޔޫނުސްގެ މޫނުގެ އުޖާލާކަން ގެއްލުނެވެ. އޭނަ ނަޞްރާގެ ގާތަށް
ފިޔަވަޅެއް އަޅާލަމުން ކިހިނެއްވީތޯ އެހިއެވެ. ނަޞްރާ އޭނައަށް މިރޭ އަފްރީންގެ
ފަރާތުން ފެނުނު ކަންތައް ޔޫނުސްއަށް ކިޔައިދިނެވެ. ޔޫނުސް އެވާހަކަތައް ކަނުލާ
އަޑުއެހިއެވެ. އަދި ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު މާދަމާ އަފްރީންއާ ވާހަކަ
ދައްކާނީދޯއޭ ބުނެލިއެވެ. ނަޞްރާ ފުން ނޭވައެއް ދޫކޮއްލަމުން ބޯޖަހާލިއެވެ.
އަފްރީން ގެއަށް ވަދެގެން ގޮސް ސިޓިންގް ރޫމުގައި އިން
ޝަރީފް ސުވާލެއް ކުރުމުން ވެސް ޖަވާބެއްނުދީ ކޮޓަރިއަށް ދިޔަ ގޮތުން ޝަރީފް
ޙައިރާންވިއެވެ. އަފްރީންއަކީ ދުވަހަކުވެސް އޭނަ ވާހަކަ ދެއްކުމުން އެނގިގެން ހުރެ
އޭނައަށް ނުބަލައި ދާ ކުއްޖެއްނޫނެވެ. އަފްރީންއަށް ވީ ކިހިނެއްބާއޭ ޝަރީފްގެ
ހިތަށްއެރިއެވެ. އަފްރީންއާ ވާހަކަ ދައްކަން ޝަރީފްގެ ހިތަށްއެރިއެއްކަމަކު ޚިޔާލު
ބަދަލުކޮއްލީ އަފްރީން އޭނައާއި އިޙްޞާޞްތައް ޙިއްޞާ ކުރާ ވަރަކަށް
ގާތްނުވާތީވެއެވެ. މާދަމާ ނަޞްރާ އައުމުން ނަޞްރާގާތު އަފްރީންއާ ވާހަކަ ދައްކަން
އެދުމަށް ޝަރީފް ނިންމިއެވެ.
ކޮޓަރިއަށްވަދެ އަފްރީން ނިދަން ތައްޔާރުވެގެން ގޮސް
އެނދުގައި އޮށޯތެވެ. އޭރުވެސް އެ މޫނުމަތީގައި ވީ އޭނަގެ ހިތަށް ހަމަޖެހުމެއް
ނުލިބިގެން އުޅޭކަމުގެ ނިޝާންތަކެވެ. ޙަޤީޤަތަކީ އެއީއެވެ. އަފްރީންގެ ހިތަށް
ދުވަހަކުވެސް އުދަގޫނުވާ ވަރަށް އޭނަގެ ހިތަށް މިރޭ އުދަގޫވަމުން ދިޔަކަމެވެ.
ކީއްވެ ހެއްޔެވެ؟ މީހަކު އޭނަ ގާތު ތި ކުރަނީ ގޯސްކަމެކޭ ބުނި ފުރަތަމަ ފަހަރަކީ
މިއީއެއްނޫނެވެ. އެއިން ކޮންމެ ފަހަރަކު އަފްރީން އެ ވާހަކަ މަދު ވަގުތުކޮޅެއްގެ
ތެރޭގައި ހަނދާން ނައްތާލައެވެ. އަދި އޭނަ ކުރަމުންދާ ގޯސް ކަންތައްތަކާއިގެން
ކުރިއަށް ދެއެވެ. ނަމަވެސް މިފަހަރު ތަފާތެވެ.
އަފްރީން ވިސްނުމެއްގެ ތެރޭގައި އޮތްވާ އޭނަގެ ބާލީސް
ކައިރީގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ކަނާތް ފަރާތަށް އެނބުރި ފޯނުގެ
ސްކްރީނަށް ބަލާލިއިރު ސްކްރީނުން ސިނާންގެ ނަން ފެނުމުން އާދައިގެ މަތިން
އަފްރީންގެ ހިތް ޖޯޝުން ފުރެން އުޅުނެވެ. ނަމަވެސް މާ ގިނައިރެއްނުވެ ހަމަ އެ ހިތް
މިރޭ އޭނައަށް އިވުނު ވާހަކަ ހަނދާން ކޮށްދިނުމުން އަފްރީންގެ މޫނުމައްޗަށް
ވެރިވާން އުޅުނު ހިނިތުންވުން ފިލައިފިއެވެ. އޭނަ ފޯނު ނަގަންވީތޯ ނުވަތަ
ނުނަގަންވީތޯ ހިތަށްއެރިއެވެ. ފޯނު ނުނަގައިފިއްޔާ ސިނާން ބުނާނީ ކީކޭ ހެއްޔެވެ؟
ސިނާން އެކަމާމެދު ސުވާލު ކުރާނެއެވެ. ސުވާލު ކުރުމުން އޭނަ ޖެހޭނީ ޖަވާބުދޭށެވެ.
ކޮންމެ ގޮތަކަށް ވިޔަސް ކޮންމެވެސް އެއްދުވަހަކުން އޭނަގެ ހިތަށް މިވާ އުދަގުލުގެ
ވާހަކަ ސިނާންއަށް ކިޔައިދޭންޖެހޭނެއެވެ. އަފްރީން އެނދުން ތެދުވެ ފުން ނޭވައެއް
ދޫކޮއްލައިފިއެވެ. އަދި ދެ ޚިޔާލެއްގެ މަތީގައި އިނދެ ފޯނު ނަގައި ކަންފަތުގައި
ޖައްސާލިއެވެ.
"ހެލޯ." އަފްރީން އާދައިގެ ގޮތަކަށް ބުނެލިއެވެ.
"ހެލޯ ސުވީޓްހާޓް. ކޮބާ މިރޭ ދަރުހުގަ ދެކެވުނީ ކޮން
ވާހަކައެއް؟ އަހަރުމެންގެ ލޯބީގެ ވާހަކަތަ އަނެއްކާ؟" ސިނާން ވާހަކަ
ދެއްކިއެވެ. އޭނަގެ އަޑުން އޭނަ ހުރީ ހިނިތުންވުމެއްގައިކަން އަފްރީންއަށް
ނަގައިގަނެވުނެވެ.
"ހެހެ.......ނޫން. އެކިއެކި ލޯބިތަކުގެ ވާހަކަތައް
ކިޔައިދިނީ. ކިޔައިދިން އިރު އުސްތާޛާ ބުނީ....." އަފްރީންއަށް އެހާ ހިސާބަށް
ވާހަކަ ދެކެވުނުތަނާ އޭނަގެ ދޫ ބަންދުވިއެވެ. އޭނައަށް ބުނެވެން އުޅުނީ އޭނައަށް
މިރޭ އެނގުނު "އާ" ވާހަކައެވެ. ނަމަވެސް އޭނަ އެ ވާހަކަ ބުނާކަށް
ބޭނުމެއްނުވިއެވެ. އެވާހަކައިން އެނގެނީ އޭނައާއި ސިނާންއާ ދެމެދު އޮތް ލޯތްބަކީ
ގޯހެއް ކަމެވެ. މި ލޯބި ގޯސްވާނީ ކިހިނެއް ހެއްޔޭ އެވަގުތު އަފްރީންގެ
ހިތަށްއެރިއެވެ. އޭނަ ސިނާންއާއެކީ ބޮޑު ފާފައެއް ނުކުރެއެވެ. އޭނަ ސިއްރުން
ސިނާންއާއި ބައްދަލުކޮށް އެކަނި ކޮޓަރިއެއްގައި ނުހުރެއެވެ. ސިނާން ކައިރީގައި
އިށީނދެގެން އިނަސް އެއީ އެހާ ކައިރިއެއްނޫނެއްނޫން ހެއްޔެވެ؟ އޭނަ ސިނާންއާ
ދޭތެރެއަކުން ހުތުރު ވާހަކައެއް ޙިއްޞާކޮށްލިޔަސް އެއީ ދޭތެރެއަކުން ވާ ކަމެކެވެ.
އަބަދު ކުރާ ކަމެއްނޫނެވެ. މިވަގުތު ވެސް އެދެމެދުގައި މި ދެކެވެނީ ކިހާ ރަނގަޅު
ވާހަކައެއް ހެއްޔެވެ؟
"އަމް.....މަގޭ އަފޫ ނިދީބާ؟" އަފްރީން އެއްޗެކޭ
ނުބުނެ ގިނައިރުވާން ފެށުމުން ސިނާން ބުނެލިއެވެ. އެއާއެކު އަފްރީން އޭނަގެ ހިތަށް
ވެރިވަމުން ދިޔަ ސުވާލުތައް އެއްފަރާތް ކޮއްލެވޭތޯ ބެލިއެވެ.
"ނޫނޭ ސިނާން. ކީކޭތަ އަހަރެން ކިޔަކިޔާހުރީ؟
އާނ.....އުސްތާޛާ ދެއްކީ ﷲގެ ލޯބިފުޅުގެ ވާހަކަ. ﷲގެ ލޯބިފުޅުގެ ފުރިހަމަ ކަމުގެ
ވާހަކަ." އަފްރީން ބުނެލިއެވެ.
"އެހެންތަ؟ ވަރަށް ރީތި ލެކްޗާރއަކަށްވާނެހެން އަހަންނަށް
ހީވަނީ. ވަރަށް އިންޓްރެސްޓިންގް ދޯ؟" ސިނާން އަހާލިއެވެ.
"އާނ....ފޯ ދަ ފަސްޓް ޓައިމް އަހަންނަށް ލެކްޗާރއެއް ނިމެންދެން
އަޑުއެހުނީ." އަފްރީން ބުނެލިއެވެ. އޭނައަށް ދަރުސް އެއްކޮއް އަޑު ނޭހޭކަން
ހަނދާންވީ އެހެން ބުނެވުނު ފަހުންނެވެ. ނަމަވެސް އަފްރީން އޭނައަށް ބުނެވުނު
އެއްޗެއް ބަދަލުކުރާކަށް ބޭނުމެއްނުވިއެވެ. ބަދަލުކުރިއްޔާ ޖެހޭނީ ސަބަބު
ބުނާށެވެ. އަފްރީން ސިނާންއަށް އެ ސަބަބު ކިޔައިދޭ ހިތެއްނުވިއެވެ.
"ހެހެ.....ގައިމު އަހަންނަށް ވެސް ދެވުނުނަމަ." ސިނާން
ބުނެލިއެވެ.
"އަންހެނަކަށްވެގެން ދާންޖެހޭނީ." އަފްރީން އެހެން
ބުނެލިއިރު އޭނަގެ ތުންފަތްމަތިން ހިނިތުންވުމެއް ދުވެލިއެވެ. ސިނާން ހީގަތް އަޑު
އިވުމުން އަފްރީންގެ މޫނުމައްޗަށް ފުރިހަމަ ހިނިތުންވުމެއް ވެރިވިއެވެ. އޭނަ
އޭނަގެ ހިތަށް ދަތިކުރަމުން ދިޔަ ހުރިހާ ކަމެއްގެ މަތިން ހިނދުކޮޅަކަށް ހަނދާން
ނެތުނެވެ.
"ދެން ފަހަރަކުން އަފޫގެ ޔުނިފޯމް އަހަންނަށް ދޭތި."
ސިނާން ހެމުންހެމުން ބުނެލިއެވެ. މިފަހަރު އަފްރީންއަށް ވެސް ހީލެވުނެވެ.
"އަދި.......އޭ އަފޫ، ޑޭޑް އެބަ ގޮވާ. އައިއްސަ ގުޅާނަން.
ނޫނީ އަފޫ ނިދި އައިއްސަ ހުރިއްޔާ ނިދާލިޔަސް ހެޔޮ. ލަވް ޔޫ. ބާއި." ސިނާން
ވާހަކަ ކުރިއަށް ގެންދަން އުޅެފަވެސް ކުއްލިއަކަށް އޭނަގެ ރާގު ބަދަލުވިއެވެ.
"ބާއި." އަފްރީންއަށް ވައި އަޑަކުން އެހެން ބުނެލެވުނު
ވަގުތު ސިނާން ފޯނު ކަނޑާލައިފިއެވެ. ފޯނު ކަންފަތުން ނަގާލަމުން އަފްރީންއަށް
ފޯނާއި ދިމާލަށް ބަލަހައްޓައިގެން އިނދެވުނެވެ. އެހެން ފަހަރުތަކާ ޚިލާފަށް ސިނާން
ފޯނު ބޭއްވުމުން އަފްރީންގެ މޫނުމަތީގައި ހުންނަ ހިނިތުންވުމެއްނެތެވެ. ފޯނުގެ
ސްކްރީނަށް ނަޒަރު ހުއްޓައިގެން އިންއިރު އޭނަގެ ނިތަށް ރޫގިނަވެފައިވިއެވެ.
އޭނައަށް ދެންމެވެސް މި ކުރެވުނީ ހަމަ ނުބައި ކަމެއްހެއްޔޭ ހިތަށް އެރިއެވެ. އޭނަ
ޖެހެނީ މިކަން ދޫކޮއްލަން ކަމުގައި އޭނަގެ ހިތުގެ ކަނަކުން ގޮވާލިއެވެ. ނަމަވެސް
އޭނަ ސިނާން ދޫކޮއްލާނީ ކިހިނެއް ހެއްޔެވެ؟ އޭރުން ކޮންމެ ދުވަހަކު ހެނދުނު
ތެދުވާއިރު ބާއްޖަވެރި ހެނދުނަކަށް އެދި މެސެޖެއް ފޮނުވައި އޭނަގެ ހިތް
އުފާކޮށްދޭނީ ކާކު ހެއްޔެވެ؟ ކޮންމެ ދުވަހަކު އޭނަދެކެ ލޯބިވާ ވާހަކަ ބުނެ
އޭނައަކީ މުހިއްމު މީހެއްކަން އޭނައަށް އިޙުޞާޞްކޮށްދޭނީ ކާކު ހެއްޔެވެ؟ އޭނައަށް
ތަޢުރީފުކޮށް އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ފަތުރާލާނީ ކާކު ހެއްޔެވެ؟
އޭނައާއި ސަމާސާކޮށް އޭނަ ހެއްވާލާނީ ކާކު ހެއްޔެވެ؟
އަފްރީންގެ ހިތަށް ވެރިވަމުން ދިޔަ ސުވާލުތަކަކުން
އޭނައަށް ނޭނގި އޭނަގެ ލޮލަށް ކަރުނަތައް ޖަމާވިއެވެ. ސިނާންއާއި ވަކިވުމުގެ
ޚިޔާލަކީ ވެސް އޭނައަށް އެއާއިމެދު ވިސްނައިގަންނަން ދަތި ޚިޔާލެކެވެ. މިއަދު
އޭނައަށް ސިނާން ނޫން މީހަކާއި ރައްޓެހިވެގެން ހުރެވުނުނަމަ އެ ޚިޔާލުކުރުމަކީ
ތަންކޮޅެއް ފަސޭހަ ކަމަކަށްވެގެން ދިޔައީހޭ އަފްރީންގެ ހިތް ބުންޏެވެ. ސިނާން އޭނަ
ރައްޓެހިވީ ހުރިހާ މީހުންނާއިވެސް ވަރަށް ތަފާތެވެ. އެއީ ހަމަ އޭނަގެ
"ސޯލްމޭޓް" އެވެ. އޭނަ އަމިއްލައަށް އަމިއްލަ "ސޯލްމޭޓް"
ދޫކޮއްލާނީ ކިހިނެއް ހެއްޔެވެ؟ އަފްރީން މުޅި ޢުމުރު ދުވަހު އިންތިޒާރު ކުރަމުން
އައީ ސިނާން ކަހަލަ މީހަކާ ދިމާވާނެ ދުވަހަކަށެވެ. މިއަދު އެ ދުވަސް އައުމުން އޭނަ
އޭނަގެ ޙަޔާތުގެ ވާހަކައަށް ބަދަލެއް ގެންނާނީ ކިހިނެއް ހެއްޔެވެ؟
އަފްރީންގެ ކޯތާފަތް މައްޗަށް ކަރުނަ ތިތްކެއް
ފައިބައިގެން އައެވެ. އޭނަ އެއްއަތުން އެ ކަރުނަ ފޮހެލީ ވަގުތު އެ މޫނުމަތީގެ
ކުލަވަރު ބަދަލުވީ އޭނަގެ ހިތަށް ވެރިވާން ފެށި ވާހަކަތަކަކުންނެވެ. މިއީ އެހާ
ނުބައި ކަމަކަށް ނުވާނެއޭ އަފްރީންގެ ހިތަށްއެރިއެވެ. އެއީ ބައެއް ޢިލްމުވެރިން
ދެކޭ ގޮތް ކަމުގައި ވެދާނެއެވެ. އެކި މަޛްހަބްތަކުގެ ޢިލްމުވެރިން ބައެއް
މައްސަލަތަކާމެދު އެކި ގޮތްގޮތަށް ވިދާޅުވާ ވާހަކަ އަފްރީން އިސްލާމް ގަޑީގައި
އެހިއެވެ. އޭނަ ވީ ހޯދާށެވެ. އަފްރީންގެ ހިތަށް ސާބިތުކަމެއް ލިބުނު ވަގުތު އޭނަ
އެނދުން ތެދުވިއެވެ. އަދި ކޮޓަރީގެ ބޮކިވެސް ދިއްލުމެއްނެތި ކިޔަވާ މޭޒުދޮށަށް
ދިޔައީ ކޮޓަރީގެ ފެންލައިޓުން އަންނަމުން ދިޔަ ސިޓިންގް ރޫމުގެ އަލީގެ އެހީގައެވެ.
އަފްރީން ކިޔަވާ މޭޒުދޮށުގައި އިށީނދެ އެއްފަރާތުގައި ހުރި ލެޕްޓޮޕް ނަގައި އޭތި
ހުޅުވާލިއެވެ. އަދި ގޫގުލްއަށް ގޮސް ސާރޗްކޮއްލީ "ޑޭޓިންގް އިން
އިސްލާމް" އެވެ. ލިންކްތައް ފެނުމާއެކު އަފްރީން ފުރަތަމަ ލިންކަށްވަނެވެ.
އެއިން އޭނައަށް އެދެވޭ އެއްޗެއް ނުފެނުމުން ދެވަނަ ލިންކަށް ދިޔައެވެ. ދެން
ތިންވަނަ ލިންކަށެވެ. މިހެން ގޮސް އަފްރީން ފުރަތަމަ ޕޭޖުން ފެނުނު ހުރިހާ
ލިންކެއް ބަލައި ކިޔުނެވެ. ހުރިހާ ލިންކަކުން ވެސް ފެނުނީ އެކައްޗެކެވެ. އަފްރީން
ގެނބެމުން ދިޔަ ހިތަކާއެކީ އޭނަ ސާރޗް ބޮކްސްގައި ޖެހި އެއްޗެއް ފޮހެ އެހެން
ގޮތަކަށް އެއްވާހަކައެއް ލިޔުނެވެ. އެގޮތަށް ސާރޗް ކުރުމުން ފެނުނު ލިންކްތައް
ވެސް އަފްރީންގެ ހިތަށް ހަމަޖެހުމެއް ނުގެނައެވެ. އަފްރީން އަނެއްކާވެސް ސާރޗް
ބޮކްސްގައި އެހެން ގޮތަކަށް ލިޔެލިއެވެ. ދެންވެސް އޭނަ ދެކެން ބޭނުންވި ވާހަކައެއް
ނުފެނުނެވެ. އަފްރީން ރުޅިން ކަހަލަ ގޮތަކަށް އޭނަގެ ލެޕްޓޮޕް ފަހަތަށް
ކޮއްޕާލަމުން ގޮނޑިއަށް ލެނގިލިއެވެ. އެއަށްފަހު އިސްތަށިގަނޑު ދެއަތުން މައްޗަށް
ކަހާލަމުން އަދިވެސް އެއްފަހަރު ހުޅުވާލެވިފައިވާ ލެޕްޓޮޕް ސްކްރީނަށް ބަލާލިއެވެ.
އޭނައަށް މި ކުރެވެނީ ހަމަ އެހާވެސް ފާޅުކޮށް ނުބައިކަން އެނގިފައިވާ ގޯސްކަމެއް
ހެއްޔޭ އޭނަގެ ހިތަށްއެރިއެވެ. މިކަން ގޯސްކަމަކަށް ވީއިރު އޭނަގެ ވަށައިގެން ވި
އެންމެން އެކަން ކުރަނީ ކީއްވެ ހެއްޔެވެ؟ ގޯސްކަމެއްކަން އެނގިގެން ވެސް އެމީހުން
ކުރަނީ ހެއްޔެވެ؟ ނުވަތަ އޭނަހެން އެހެން މީހުންނަށް ވެސް އެއީ ގޯސްކަމެއްކަން
ނޭނގެނީ ހެއްޔެވެ؟ ސިނާންއަށް މިއީ ހެޔޮކަމެއް ނޫންކަން އެނގޭނެ ބާވައެވެ.
އެވާހަކަ ހިތަށްއެރުމުން އަފްރީންގެ ވިސްނުން ހިނދުކޮޅަކަށް ހުއްޓުނެވެ. އެ
ހިނދުކޮޅަށްފަހު ސިނާންއަށް އެނގެންޏާ އޭނަ އެކަން ނުކުރާނެއޭ އަފްރީންގެ ހިތް
ބުންޏެވެ. ދީނީ ދަރުސްތައް ޝަޢުގުވެރިކަމުގައި ދެކޭ މީހަކު ނުބައި ކަމެއްކަން
އެނގި ހުރެ އެކަން ނުކުރާނެއެއްނޫން ހެއްޔެވެ؟ އޭނަ ސިނާން ގާތު މި ކުރެވެނީ
ރަނގަޅުކަމެއް ނޫންކަން އަންގަންވީ ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބަކަށް ވަގުތުން
ނޫނެކޭ ކިޔައި އަފްރީންގެ ހިތުގެ ކަނަކުން ގޮވާލިއެވެ. ނަމަވެސް އެ ޖަވާބާމެދު
އޭނަގެ އަމިއްލަ ނަފްސު ކުށްވެރިކުރުވީ ވެސް ހަމަ އެ ހިތެވެ. އަފްރީން ދެފަރާތަށް
ބޯހޫރުވާލިއެވެ. އޭނައަށް މި ވަނީ ކީއްބާއޭ އަފްރީންގެ ހިތަށްއެރިއެވެ. އޭނަ
ބޭނުންވީ މިއިން އެއްވެސް ކަމަކާމެދު ނުވިސްނާށެވެ. އެހެންކަމުން އޭނަ ލެޕްޓޮޕް
ކައިރިއަށް ޖެހި އޭނަ ހުޅުވާފަ ހުރި ޓެބްތައް ކްލޯސްކޮށްލަމުން ލެޕްޓޮޕް
ލައްޕާލިއެވެ. އަދި އެނދަށް އަރައި ގޮސް އޮށޯވެ ފޯނުން ލަވައެއް ޖަހާލިއެވެ.
އެންމެ ފުރަތަމަ ޖެހުނީ އޭނައަށް ރީތި އިނގިރޭސި ލޯބީގެ ލަވައެކެވެ. ލަވަ
ޖައްސާލުމަށްފަހު އަފްރީން ދެލޯ މަރައި ތަގުޅިކޮށްލަމުން އޭނައަށް ހަމަޖެހުމެއް
ލިބޭތޯ ބެލިއެވެ. ނަމަވެސް އެ އަޑުއަހަމުން ދިޔައިރު ސިނާންއާއެކީ ހޭދަކުރި
ވަގުތުތައް ލޮލަށް ސިފަވާން ފެށުމުން މިވަނީ ގޯހެކޭ ބުނެ އޭނަގެ ހިތް ބާރަށް
ގޮވާލައިފިއެވެ. އަފްރީން އެ އަޑު ނާހަން އުޅެއުޅެ އޭނަ ކާމިޔާބެއް ނުވިއެވެ. އޭނަ
ޖެހުނީ އެންމެ ފަހަކަށް އެ ލަވަ ބަދަލު ކުރާށެވެ. ދެން ޖެހުނީ ލޯބީގެ ލަވައެއް ނޫނެވެ.
އެ ލަވަ އަޑުއެހުމުން ވެސް އަފްރީންއަށް ވަކި ހަމަޖެހުމެއް ނުލިބުނެއްކަމަކު އެ
އަޑުއަހައިގެން އޮތްވާ އޭނަ ނިދުނެވެ.
އޭގެ އަނެއްދުވަހަކީ ސްކޫލަށްދާން ޖެހޭ ދުވަހަކަށްވުމުން
ނަޞްރާ ފަތިހު ފަތިހާ ތެދުވެ ނާސްތާ ތައްޔާރުކޮށްގެން ބައްޕަގެ ގެއަށް ދިޔައެވެ.
ބައްޕަ ފަތިސް ނަމާދު ކޮށްގެން އައިސް ނިދާފަ އޮތްއިރު އަފްރީން ޔުނިފޯމް ލައިގެން
ކޮޓަރިން ނިކުމެފައި ހުއްޓެވެ. އަފްރީން ސައިބޯން ސުފުރާ ދޮށުގައި އިށީނދެގެން
އިންއިރު ނަޞްރާއަށް އަފްރީންގެ މޫނަށް ބެލުނެވެ. ޢާއްމުކޮށް އަފްރީންގެ
މޫނުމަތީގައި ހުންނަ އުޖާލާކަން އަދިވެސް ފެންނާކަށް ނެތެވެ. ނަޞްރާ އޭރުވެސް
އަފްރީން ގާތު ކިހިނެއްވީތޯ ސުވާލުކުރަން ބޭނުންވިއެވެ. ނަމަވެސް ނުކުރީ އޭރު
އަފްރީންއާއި އޭނަވެސް ސްކޫލަށްދާ ގަޑި ޖެހެމުން ދިޔައިތީވެއެވެ. ނަޞްރާ ބޭނުންވީ
ވީހާވެސް ހަމަޖެހިގެން އަފްރީންއާ ވާހަކަ ދައްކާށެވެ. އެހެންކަމުން އަފްރީން
މިއަދު ސްކޫލުން ގެއަށް އައިސް ފިލާވަޅު ނިމެންވާއިރަށް މިރޭގެ ވަގުތެއްގައި
އެގެއަށް އައުމަށް ނަޞްރާ ނިންމިއެވެ.
އަފްރީން އެދުވަހު ސްކޫލަށް ދިޔައިރު ސިނާންއެއް ނެތެވެ.
އިންޓަވަލް ފަހުން ވެސް ސިނާން އެދުވަހު ސްކޫލަކަށްނާދެއެވެ. އެކަމާމެދު އަފްރީންގެ
ހިތުގެ އެއްބައި ހިތާމަ ކުރިއިރު އަނެއްބައި އުފާކުރިއެވެ. އޭނައަށް ކަންތައް މިވާ
ގޮތުން އަފްރީން އިނީ މުޅި ދުވަހު މޫޑު ޚަރާބުވެފައެވެ. އޭނަ އެއްވެސް ވާހަކައެއް
އެއްވެސް މީހަކާވެސް ދައްކާކަށް ބޭނުމެއް ނުވިއެވެ. ކައިރީގައި އިން ނައުފާ
ސުވާލެއް ކުރުމުން ވެސް އަފްރީން އެއްވެސް ޖަވާބެއް ނުދިނެވެ. ނަމަވެސް އިންޓަވަލް
ފަހުން ލިބުނު ރިލީފް ގަޑިއެއްގައި ހުއްސަށް ހުރި ވަގުތެއްގައި އޭނަ ދެން ހަދަންވީ
ކިހިނެއްބާއޭ އަފްރީންގެ ހިތަށްއެރިއެވެ. އޭނަ އެކަމާމެދު ނައުފާއާއި
މަޝްވަރާކުރަން ބޭނުންވިއެވެ.
"ނައު......ނައު ރަނގަޅަށް އަޑުއެހިންތަ ރޭގެ
ލެކްޗާރ؟" އަފްރީން ސީދާ މަޢުޟޫއަކަށް ދާކަށް ބޭނުމެއްނުވިއެވެ.
”ހުމް އަޑުއެހިން. އަނެއްކާ އޭގަ ދެކެވުނު ވާހަކައަކާ
ހެދިތަ ތި މޫޑް އޮފްވެގެން އުޅެނީ؟" ނައުފާވެސް ކޮއްލީ ސުވާލެކެވެ. ނައުފާ
އޭނަގެ ހިތުގައި އޮތް އެއްޗެއް ދެނެގަތުމުން އަފްރީން ބޮލުގައި އެއްއަތް
ވިއްދައިގެން އިނދެފައި ސީދާވެލިއެވެ.
"އާނ....ނައުއަށް ކިހިނެއް އެނގުނީ؟" އަފްރީން ޙައިރާންވެފައި
އަހާލިއެވެ. ނައުފާ ހީލިއެވެ.
"ދެން އެއްވެސް ވާހަކައެއް ނުދައްކާ ހުރެފަ އެންމެ ފުރަތަމަ
ދައްކާނީ ވާހަކަ ނުދައްކާ ހުރި ސަބަބުގެ ވާހަކައެއްނުދޯ؟" ނައުފާ
ހިނިތުންވުމެއްގައި ހުރެ ބުނެލިއެވެ. އަފްރީންއަށް ހިތްވަރު އެލުނު ކަހަލަ
އިޙްޞާޞެއް ކުރެވުނެވެ. އޭނަ ހީކުރީ އޭނައަށް މި ކުރެވުނު ފަދަ ތަޖުރިބާއެއް
ނައުފާއަށް ވެސް ކުރެވުނީ ކަމަށެވެ. ނަމަވެސް މި ފެންނަ ގޮތުން ރޭގެ ދަރުހުން
ނައުފާއަށް އެއްވެސް އަސަރެއް ކުރިހެނެއް ހިއެއްނުވެއެވެ.
"ނައު......އޭގަ އެ އުސްތާޛާ
ބުންޏެއްނޫންތަ.......ބޯއިފްރެންޑް ގާލްފްރެންޑް ރިލޭޝަންޝިޕަކީ މުސްލިމުންގެ
ތެރޭގަ އޮވެގެންވާނެ އެއްޗެއްނޫނޭ؟" އަފްރީން ޖެހިލުންވުމަކާއެކީ ބުނެލިއެވެ.
ނައުފާ އަފްރީންގެ ވާހަކަ ނިމުނުތަނާހެން ޗޮއްކަނޑާލިއެވެ.
"ތިއީ އެއްކަލަ ހައްދުފަހަނަޅާފައިވާ މީހުން ދައްކާ ކަހަލަ
ވާހަކަ. އެހާ އެކްސްޓްރީމް ނުވިޔަސް މުސްލިމުންގެ ގޮތުގައި އުޅެވިދާނެ. އަހަރުމެން
ނަމާދު އެބަ ކުރަމެއްނު؟ އަހަރުމެން ޝިރުކެއް ނުކުރަމެއްނު؟ އަދި އެކަހަލަ
ރިލޭޝަންޝިޕެއްގަ ތިއްބަސް އަހަރުމެން އިސްލާމްގަ މި ދަސްކުރާ ކަހަލަ ޙަރާމްކަމެއް
ނުކުރަމެއްނު؟ ދެން ކޮބައިތަ މީގަ މައްސަލައަކީ؟ ޗިލް އަފޫ. ތީ މާ ބޮޑަށް ވިސްނާ
ކަންތައްތަކެއްނޫން." ނައުފާ ބުނެލިއެވެ. ނައުފާ އެ ދެއްކި ވާހަކަތައް
ޤަބޫލުކޮށް ހިތްހަމަ ޖައްސާލަން އަފްރީން ބޭނުންވިއެއްކަމަކު އެކަމެއް ނުވިއެވެ.
އަފްރީންގެ ހަނދާނަށް އަންނަމުން ދިޔައީ ރޭ އޭނަ ހުޅުވި ހުރިހާ ލިންކަކުން ވެސް
އެކައްޗެއް ފެނުނު ތަނެވެ. އަފްރީން ނައުފާގާތު ވެސް އެ ވާހަކަ ބުނަން
ބޭނުންވިއެވެ. ނަމަވެސް އޭނަ މި ވަގުތު ނައުފާއާއި ދެކޮޅަށް ވެސް ވާހަކަ
ދައްކާކަށް ބޭނުމެއް ނުވިއެވެ. އޭނަ ގަދަކަމުން ނައުފާ ބުނި ބަސްތައް ޤަބޫލުކުރަން
މަސައްކަތް ކުރަމުން ބޯޖަހާލިއެވެ. އަދި އޭނަވެސް އެހާ
"އެކްސްޓްރީމް"ވާކަށް ނުޖެހޭނެ ކަމަށް އަމިއްލަ ނަފްސު ގާތު
ބުނެލައިފިއެވެ.
ނަޞްރާ ފެން ހިއްކައި ހެދުން ބަދަލުކޮށްގެން ގޮސް
ބަދިގެއަށް ވަތްއިރު ޔޫނުސް ހުރީ ކައްކަންވެގެން ފިޔާ ކޮށާށެވެ. ޔޫނުސްގެ
ކުރިމައްޗަށްދާން އުޅެފަވެސް ނަޞްރާ ޖެހިލުންވީ މީގެ ކުޑައިރުކޮޅެއް ކުރިން ވި
ކަންތައް ހަނދާންވެފައެވެ. ނަމަވެސް އޭނަ ޔޫނުސްގެ ކުރިމައްޗަށް ނުދާންވީ ކީއްވެ
ހެއްޔެވެ؟ އޭނައަކަށް މުޅި ޢުމުރު ދުވަހު ޔޫނުސްއަށް ފިލައިގެނެއް ނުއުޅެވޭނެއެވެ.
އެއީ އެކަންވާންޖެހޭ ގޮތެއްވެސް ނޫނެވެ. ނަޞްރާ ސާބިތުކަން ލިބުނު ހިތަކާއެކީ
ޔޫނުސްގެ ގާތަށް ގޮސް އޭނަ ކައިރީގައި މަޑުކޮއްލައިފިއެވެ. ޔޫނުސް ނަޞްރާއަށް
ބަލާފައި ހިނިތުންވެލަމުން ނޭވާ ދަމައި އޭނަގެ ދިލަ ނަގަމުން ދިޔަ ލޯ އެއްއަތުން
ފޮހެލިއެވެ.
"ހާދަ ވަރަކަށް ތި ރޮނީ؟" ނަޞްރާ އެހެން ބުނެލިއިރު
އޭނައަށް ނުހެވި ހުރީ ކިރިޔާއެވެ. ޔޫނުސް ނަޞްރާގެ އެ ވާހަކަ ސަމާސާއަކަށް ހަދައި
މަސައްކަތާއިގެން ކުރިއަށް ދިޔައެވެ. އަދި މަސައްކަތުގެ ތެރެއިން ރޭޑިޔޯ
ޖައްސާލިއެވެ..
އޭރު ރޭޑިޔޯއިން ހުރީ ދީނީ ޕްރޮގްރާމެއް ފޮނުވާފައެވެ.
މަސައްކަތުގެ ތެރެއިން ޔޫނުސްއާއި ނަޞްރާ ހިމޭންކަމާއެކީ އެ ޕްރޮގްރާމް އަޑު
އަހަމުން ދިޔައެވެ. އެ ހިމޭންކަން ދެމިގެން ދިޔައީ ކުޑަ ވަގުތު ކޮޅަކަށެވެ.
ރޭޑިޔޯއިން ވާހަކަ ދައްކަމުން ދިޔަ ޢިލްމުވެރިޔާ ޤުރުއާން ހިތުދަސް ކުރުމާއިބެހޭ
ވާހަކަ ދައްކަން ފެށުމުން ޔޫނުސް ނަޞްރާއަށް ބަލާލިއެވެ.
"ނަޞްރާ ޤުރުއާން ހިތުދަސް ކުރަންތަ؟" ޔޫނުސް ކަބަޑުމަތި
ސާފުކުރަމުން އުނދުން ކައިރީގައި ހުރި ނަޞްރާ ގާތު އަހާލިއެވެ. ނަޞްރާ ހޫންލައްވަމުން ބޯޖަހާލިއެވެ.
"ކިހާ ހިސާބަކަށް ދަސްވެއްޖެތަ؟" ޔޫނުސް
ސުވާލުކުރިއެވެ.
"އެއްކޮއް." ނަޞްރާ ހިނިތުންވުމަކާއެކީ ބުނެލިއެވެ.
އެއާއެކީ ޔޫނުސްގެ އަނގަ ހުޅުވުނެވެ.
"ވޮހް! ތިހެންވިއްޔާ އަހަރެން މިއުޅެނީ އަދި ރަނގަޅަށް
ނުވެސް ފެށިގެން ނަޞްރާއާ އަޅާ ބަލާއިރު." ޔޫނުސް ބުނެލިއެވެ. ނަޞްރާއަށް
ހީލެވުނެވެ. އޭނަ އެއްޗެކޭ ބުނަން އުޅުނު ވަގުތު ޔޫނުސް އަނެއްކާވެސް ވާހަކަ
ދެއްކިއެވެ.
"ދެން ޢަރަބި އެނގޭ ކުދިންނަށް ފަސޭހަވާނެތާދޯ؟"
ޔޫނުސް ބުނެލިއެވެ.
"އުނހު.....އަދި ޢަރަބި އެނގުނަސް ޤުރުއާން އެނގުނު
ކަމަކަށް ނުބެލެވޭނެ އިނގޭ." ނަޞްރާ ބުނެލިއެވެ.
"އެޔޯ؟" ޔޫނުސްގެ ދެބުމަ ކައިރިވިއެވެ.
"ޤުރުއާނުގެ އާޔަތްތަކަކީ ހަމައެކަނި އޭގެ މާނައަށް ބަލާފަ
އޭގެ އަސްލު މާނަ ދެނެގަނެވޭނެ ފަދަ އެއްޗެއްނޫން. އެ އާޔަތްތައް
ބާވައިލައްވާފައިވަނީ އެއާމެދު އަހަރުމެން ވިސްނައި ފިކުރު ކުރުމަށްޓަކައި.
ޤުރުއާނުގެ ޢިލްމުގެ ތެރޭގައި ހަމައެކަނި މިކަމަށް ޚާއްޞަކުރެވިފައިވާ ޢިލްމެއް
އޮވޭ. އެއީ ތަފްސީރު ޢިލްމު. ހަމައެކަނި ޤުރުއާނުގެ ތަރުޖަމާއަކުން ނުފެންނަ
ވަރަށް ބައިވަރު ކަންތައް ފެންނާނެ ތަފްސީރުން." ނަޞްރާ ކިޔައިދިނެވެ.
"އެހެންތަ؟ އަހަރެން އަދި މިހާތަނަށް ދީން ދެނެގަންނަން
ކުރި މަސައްކަތްތަކުގެ ތެރެއިން ދުވަހަކުވެސް ތި ބަސް އަޑެއްނާހަން." ޔޫނުސް
ބުނެލިއެވެ. ނަޞްރާ ހިނިތުންވުމަކާއެކީ އެއްޗެކޭ ބުނަން އުޅުނުތަނާ ކަބަޑު
މަތީގައި އޮތް ޔޫނުސްގެ ފޯނު ރިންގުވާން ފެށިއެވެ. ޔޫނުސް އަތް ދިއްކޮއްލަމުން އެ
ފޯނު ނަގައި ސްކްރީނަށް ބަލާފައި ނަޞްރާގާތު އެބަ އަންނަމޭ ބުނެލިއެވެ. ނަޞްރާ
ބޯޖަހާލިއެވެ. ޔޫނުސް ނިކުމެގެން ދިޔަ ވަގުތު ރޭޑިޔޯއިން ޚަބަރު ކިޔަން
ފަށަނީއެވެ. ޚަބަރުތަކުގެ ޞުރުޚީތައް ކިޔަމުން ދިޔައިރު ނަޞްރާ އެއަކަށް މާ ބޮޑު
ސަމާލުކަމެއް ނުދެއެވެ. ނަމަވެސް އެ ޞުރުޚީތަކުގެ ތެރެއިން "އެޗް.އެން
ނިއުސް" އޭ ބުނި އަޑަށް ނަޞްރާއަށް ކަންފަތް ދިއްކޮއްލެވުނެވެ. އެ ޞުރުޚީއިން
ކިޔުނީ "އެޗް.އެން ނިއުސް" އިން ކޮންމެވެސް އެއް ސިޔާސީ ލީޑަރަކާ ބެހޭ
ދޮގު ވާހަކައެއް ފެތުރި ވާހަކައެވެ. އެ އަޑު އިވިފައި ނަޞްރާގެ ބުމަގޮށްޖެހުނެވެ.
އޭނަ ޚަބަރުތަކުގެ ތަފްޞީލަށް އިންތިޒާރު ކުރިއެވެ. މާ ގިނައިރެއްނުވެ ނަޞްރާ
ޝައުޤުވެރިވީ ޞުރުޙީގެ ތަފްޞީލު ކިޔަން ފެށިއެވެ. ތަފްޞީލު ނިމުނުއިރު ނަޞްރާއަށް
އެނގުނު ގޮތުގައި އެޗް.އެން ނިއުސް އިން ދޮގު ޚަބަރެއް ފެތުރި ފުރަތަމަ ފަހަރަކީ
މިއީއެއްނޫނެވެ. އެ ވާހަކަ އިވިފައި ނަޞްރާ އުނދުން ނިއްވާލަމުން ވިސްނުމެއްގެ
ތެރެއަށް ގެއްލުނެވެ. ޔޫނުސް އެކަހަލަ ނޫހަކަށް މަސައްކަތްކޮށްދެނީ ކީއްވެބާއޭ
ނަޞްރާގެ ހިތަށްއެރިއެވެ.
Comments
Post a Comment