Hijra (part 13)


މެންދުރުގެ ވަގުތެއްގައި ނަޞްރާ އާދައިގެ ހިނގުމެއްގައި ގެއަށް ދިޔައެވެ. އޭނަ ވަރުބަލި ގޮތަކަށް ގޭގެ ފެންޑާއަށް ވަދެގެން ގޮސް ގޭގެ ދޮރު ހުޅުވާލަން އުޅުނެވެ. ނަމަވެސް ގޭގެ ދޮރުވަނީ ތަޅުލެވިފައެވެ. ނަޞްރާ ޙައިރާންވިއެވެ. އެހެނީ ޔޫނުސް މިއަދު އޮފީހަށް ދިޔައިރު އޭނަ ގާތު ބުނެފައިވަނީ ގޭގެ ދޮރުގެ އަނެއް ތަޅުދަނޑި ނުގެންދިޔަޔަސް ރަނގަޅުވާނެ ކަމަށެވެ. އެއީ ޔޫނުސް އޭނައަށްވުރެ ކުރިން ގެއަށް އައިސްދާނެތީވެއެވެ. އެހެނަސް ދޮރު މި ހުރީ ތަޅުލެވިފައެވެ. ޔޫނުސް އަދި ނާންނަނީބާއޭ ނަޞްރާގެ ހިތަށްއެރިއެވެ. ނޫނީ އޮޅުމަކުން ވެސް ޔޫނުސްއަށް ގޭގެ ދޮރު ތަޅުލައިގެން ހުރެވިދާނެއެވެ. އެހެން ހިތައި ނަޞްރާ އެ ދޮރުގައި ޓަކި ދިނެވެ. އިރުކޮޅަކު ހުރުމަށްފަހު އޭނަ ދެވަނަ ފަހަރަށް ޓަކިދޭން އުޅުނުތަނާ ދޮރުގެ ތަޅު ހުޅުވުނު އަޑު އިވުނެވެ. އޭގެ ދެވަނަ ސިކުންތުގައި ދޮރު ހުޅުވުމާއެކު ދޮރުމަތިން ފެނުނު ޔޫނުސް ނަޞްރާގެ އަތުގައި ހިފައި އެތެރެއަށް ދަމާލިއެވެ. ނަޞްރާއަށް ގެއަށް ވަދެވުނުތަނާ ޔޫނުސް ގޭގެ ދޮރު ލައްޕާލަމުން ނަޞްރާ އޭނަގެ އަތުތެރެއަށް ގެނެސް ބައްދާލިއެވެ. ޔޫނުސްގެ ކޮނޑުގައި ދަތްދޮޅި ޖައްސާލެވުނު ވަގުތު ނަޞްރާގެ ދެލޯ ބޮޑުވެފައިވިއެވެ. އޭނައަށް މިވީ އެއްޗެއް ނަގައިގަންނަން އިރުކޮޅެއް ނެގިއެވެ. މި ހުރެވުނީ ކޮންތާކުކަން ނަގައިގަނެވުނަސް ޔޫނުސްއަށް ކުއްލިއަކަށް މިވީ ގޮތެއް ނަގައިގަންނަން ނަޞްރާއަކަށް ނޭނގުނެވެ. ޔޫނުސް އޭނަ މަތިން މާ ބޮޑަށް ހަނދާންވީ ބާއޭ ނަޞްރާގެ ހިތަށްއެރިއެވެ. ނަމަވެސް އެ ޚިޔާލުވެގެން ދިޔައީ ނަޞްރާއަށް ހިތާހިތުން ހީލެވުނު ޚިޔާލަކަށެވެ. މީހަކު މާ ބޮޑަށް ހަނދާންވާން އޭނައަކީ ކާކު ހެއްޔެވެ؟ އަދި ޔޫނުސް ހަނދާންވާން އޭނައަކީ ކާކު ހެއްޔެވެ؟ އޭނައަކީ ޔޫނުސްގެ އަންހެނުން ކަމުގައި ވިޔަސް ޔޫނުސް ހަނދާން ކުރާކަށް އަދި މާ ރީތި "ހަނދާނެއް" ނެތެވެ. ކޮންމެ ގޮތެއްވިޔަސް ޔޫނުސް އޭނަ އިތުރަށް ބައްދާލިހެން ހީވި ވަގުތު ނަޞްރާއަށް ބޭއިޚްތިޔާރުގައި އޭނަގެ ދެއަތުން ޔޫނުސްގެ ގައިގައި ވަށާލެވުނެވެ. ނަޞްރާ ހިސާބަކަށް ޙައިރާންވިއެވެ. އެހެނީ މިއީ އޭނަ ފިރިހެނަކާ ކައިރިވި ފުރަތަމަ ފަހަރެއް ނޫނެވެ. ނަމަވެސް މިވަގުތު އިޙްޞާޞް ކުރެވެމުން ދިޔައީ އެހެން ގޮތަކަށެވެ.

ދެލޯ މެރިފައި ހުރި ޔޫނުސް ބޭނުންވީ މިވަގުތުކޮޅު މިގޮތަށް ދެމިގެންދާށެވެ. ދުނިޔޭގައި އޭނައާއި ނަޞްރާ ފިޔަވައި އެހެން މީހެއް އަދި އެއްޗެއްވާކަން ވެސް ޔޫނުސް ހަނދާން ކުރާކަށް ބޭނުމެއް ނުވެއެވެ. މީގެ ވަގުތުކޮޅެއް ކުރިން ޔޫނުސް ހުރީ ނަޞްރާ ގެއަށް އަންނަން ވާއިރަށް އޭނައާއި ވާހަކަ ދައްކަން ފަށާނެ ގޮތަކާއިމެދު ވިސްނާށެވެ. ނަމަވެސް އެންމެ ފަހު ވަގުތުގައި އޭނަގެ ޚިޔާލު ބަދަލުކޮށްލީ ކީއްވެކަމެއް ޚުދު ޔޫނުސްއަކަށް ވެސް ނޭނގެއެވެ. ނަމަވެސް ޚިޔާލު ބަދަލުކުރެވުނީތީ އޭނައަށް ހިތާހިތުން އުފާ ކުރެވުނެވެ.

ނަޞްރާއާއި ޔޫނުސް ތިބިގޮތަށް ތިއްބާ މީހަކު ދޮރުގައި ޓަކިދިން އަޑު އިވުނެވެ. އެއާއެކު ދެމީހުންގެ ވެސް ލޯ ހުޅުވުނެވެ. އެއަށްފަހު ދެމީހުންވެސް ހިތާއި ދެކޮޅަށް އެކަކު އަނެކަކާއި ދުރުވެލައިފިއެވެ. ނަޞްރާ ޔޫނުސްއަށް ބަލަން ނުކެރިފައި އިސްޖެހިފައި ހުރިއިރު ޔޫނުސްއަށް ބަލަހައްޓައިގެން ހުރެވުނެވެ. ދެންމެ އިވުނު ޓަކީގެ އަޑު މަތިން ޔޫނުސް ހަނދާން ނެތެން އުޅުނު ވަގުތު އަނެއްކާވެސް ޓަކީގެ އަޑު އިވުނެވެ.

"އައްސަލާމްޢަލައިކުމް." ބޭރުން އިވުނީ ޒަޔާންގެ އަޑެވެ.

"ވަޢަލައިކުމުއްސަލާމް." ޔޫނުސްއަށް ޖަވާބު ދެވުނު ހިސާބަކަށް ޙައިރާންވެހުރެއެވެ. އެއީ މި ގަޑިއަކީ ޒަޔާން ޢާއްމު ގޮތެއްގައި އައިސް އުޅޭ ގަޑިއަކަށް ނުވާތީވެއެވެ. އޭނަ އިރުކޮޅަކު ހުރެފައި ދޮރު ހުޅުވާލިއެވެ. ކުރިމަތިން ފެނުނީ ޒަޔާން އެކަންޏެއް ނޫނެވެ. އޭނަގެ ކުރިމަތީގައި ރުޅި މޫނު ހަދައިގެން ހުރި އަބާންވެސް ހުއްޓެވެ. އަބާންގެ އަތުގައި ފެހި ކުލައިގެ މަޑިއެއް އޮތެވެ.

"ޔޫންބެ އެގެއަށް ނާންނަތާ އެތައް ދުވަހެއްވެގެން ނޯޓިސްއެއް ދޭންވެގެން މިއައީ." ޒަޔާން ފާޑަކަށް ހެވިފައި ހުރެ ބުނެލިއެވެ. ޔޫނުސްގެ ނިތުން ރޫ ފިލައިގެން ދިޔަ ވަގުތު އޭނަގެ ފުރަގަހުގައި ހުރި ނަޞްރާވެސް އަބާންއަށް ބަލާލިއެވެ. އަބާންގެ އަތުގައި އޮތީ އޭނައަށް ފެނުނު މަޑިއެއްހެން އޭނައަށް ހީވިއެވެ. އެއީ އެދުވަހު އޭނަ އަފްރީންއާއި އެކީގައި ގޭގައި ހުއްޓާ އުޑުން ފެނުނު މަޑިކަން ނަގައިގަންނަން ނަޞްރާއަށް ވަގުތުކޮޅެއް ނެގިއެވެ.

"އޮހް.....އަވަހަށްވަދޭ އަބޫ. ކިތައް ދުވަސްވެއްޖެތަ އަނެއްކާ ޔޫންބެއަށް ނާދެވޭތާ؟" ޔޫނުސް އަބާންގެ ކޮނޑުގައި ހިފާލަމުން ވައްދަން އުޅުނެވެ. އަބާން އެއްއަތުން ޔޫނުސްގެ އަތް ފޮޅުވާލިއެވެ.

"ވަންނާކަށް ނޫން މިއައީ. ޔޫންބެ އެގެއަށް ނާންނަތާ ފައިވް ޑޭއިސްވެއްޖެ. ނޯޓުކޮށްފަ ކޮއްކޮ ހުންނާނެ ކަލަންޑާރގަ މިހާރުވެސް. ކޮއްކޮމެންގެއަށް ނައިސް ދެން އެއްދުވަސްވެސްވެއްޖެއްޔާ ނާދެވޭނެ ދެނެއް." އަބާން އަންގާލިއެވެ. ޔޫނުސް އޭނަގެ ދުވަސް ދިޔައީހެން ހީވާފަދަ ގޮތަކަށް މޫނުގައި ދެއަތް އަޅާލިއެވެ. ނަޞްރާއަށް ސިއްރުސިއްރުން ހީލެވުނެވެ.

"ދެން ކިހިނެއްތަ ހަދަންވީ އަބޫ؟" ޔޫނުސް މޫނުން ދެއަތް ނަގަމުން ސުވާލުކުރިއެވެ. އަބާން އެއަށް ޖަވާބުދޭން އުޅެނިކޮށް އޭނައަށް ފުރަގަހުގައި ހުރި ނަޞްރާ ފެނުނެވެ.

"ކީއްވެ ނަޞްރާ މިސް މިގޭގަ ހުރީ؟" އަބާން ޙައިރާންވެފައި ކަހަލަ ގޮތަކަށް ނަޞްރާއަށް ބަލަންހުރެ އަހާލިއެވެ. ޔޫނުސްއަށް ފަސްއެނބުރި ނަޞްރާއަށް ބަލާލެވުނު ވަގުތު ބޭރުގައި ހުރި ޒަޔާންއަށް ވެސް ބަލާލެވުނެވެ. ޔޫނުސް އަބާންއަށް ޖަވާބެއް ދޭން އުޅެނިކޮށް ނަޞްރާ ވާހަކަ ދެއްކިއެވެ.

"ޔޫންބެ ދިން ދަޢުވަތަކަށް މިސް އައިއްސަ މިހުރީ." ނަޞްރާ ވިސްނާލަމުން ހިނިތުންވުމަކާއެކީ ބުނެލިއެވެ. ނަޞްރާގެ ޖަވާބު އަޑުއަހާފައި ޔޫނުސްއަށް ހިނިތުންވެލެވުނެވެ.

"އެހެންތަ؟ ޔޫންބެ ކޮއްކޮއަކަށް އިންވައިޓެއް ނުވެސް ކުރޭ. ނަޞްރާ މިސް ޔޫންބެއަށް މާ ގިނަ ހޯމްބޯކުދޭތީދޯ ޔޫންބެއަށް ކޮއްކޮމެންގެއަށް ނާދެވެނީ؟" އަބާން ސުވާލުކުރިއެވެ. އަބާން އެންމެ ފަހަކަށް ކުރި ސުވާލަކުން އެންމެނަށް ހީލެވުނީ ހުނުން ކޮންޓްރޯލްކުރަން މަސައްކަތް ކުރަމުންނެވެ. އަބާން އެންމެންގެ މޫނަށް ވަކިވަކިން ބަލާފައި އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"ކޮއްކޮ ޖޯކަކަށް ނޫނޭ އެހެން ބުނީ. ނަޞްރާ މިސް ހަމަ އަސްލުވެސް ބައިވަރު ހޯމްބޯކުދެޔޭ ބޮޑު ކުދިން ބުނާ އަޑު އަހަން. އެކަމަކު މިސް، މިއަދު ހަވީރު ޔޫންބެ ކޮއްކޮއާއެކީ ކައިޓް އަރުވަން ފޮނުވިދާނެތަ؟" އަބާން އޭނަގެ ބޮޑު ދެލޮލުން ނަޞްރާއަށް ބަލަން ހުރެ އޭނަގެ އަތުގައި އޮތް މަޑި ދައްކާލަމުން އަހާލިއެވެ.

"މާ ޝާ ﷲ. ވަރަށް ރީތި ކައިޓެއް. އަބޫ ހެދި އެއްޗެއްތަ؟" ނަޞްރާ އެކުވެރި ގޮތަކަށް ސުވާލުކުރިއެވެ. އަބާން ބޯހޫރުވާލިއެވެ.

"ނޫން ޔޫންބެ ހެދި އެއްޗެއް. ޔޫންބެ ވަރަށް ކްރިއޭޓިވްވާނެ." އަބާން ބުނެލިއެވެ. ނަޞްރާއަށް ޔޫނުސްއާ ދިމާލަށް ބަލާލެވުނެވެ. އެވަގުތު ޔޫނުސް ނޫންކަމަށް ހަދާފައި ވައްކަޅިން އޭނައަށް ބަލާލިކަން ނަޞްރާއަށް އެނގުނެވެ. އެއަށްފަހު އޭނަ އިސްޖަހާލުމުން ނަޞްރާ ވާހަކަ ދެއްކިއެވެ.

"އެންމެ ރަނގަޅު ކޮއްކޮ މިއަދް...." ނަޞްރާގެ ވާހަކަ ޔޫނުސް މެދުކަނޑާލީ އަބޫއޭ ކިޔައި ގޮވާލަމުންނެވެ. އެއާއެކު އެންމެންގެ ނަޒަރު އޭނައަށް އަމާޒުވިއެވެ. ޔޫނުސް އަބާންއަށް ބަލަހައްޓައިގެން ހުރެ ކުރުފައި މައްޗަށް ތިރިވިއެވެ.

"އަބޫ މިއަދަކު ޔޫންބެއަށް ނާދެވޭނެ." އަބާންގެ ދެކޮނޑުގައި ހިފަހައްޓާލަމުން ޔޫނުސް ބުނެލިއެވެ. ޔޫނުސް ބުނި އެއްޗަކުން ނަޞްރާގެ ދެބުމަ ކައިރިވއެވެ.

"ނޯ! އެއީ ކީއްވެ؟" އަބާންގެ މޫނުމައްޗަށް މާޔޫސްކަން ވެރިވިއެވެ.

"ހޯމްވޯކެއް އެބައޮތް ހަދަންވެފަ." ޔޫނުސް ހިނިތުންވުމެއްގައި ހުރެ ބުނެލިއެވެ. ޔޫނުސްގެ އެ ވާހަކަ އިވިފައި ބޭރުގައި ހުރި ޒަޔާންއަށް ހިނިތުންވެލެވުނުއިރު ނަޞްރާގެ މެއަށް ފިނިވިއެވެ. ޔޫނުސް އެ ދައްކަނީ ކޮންކަހަލަ ހޯމްވޯކެއްގެ ވާހަކަ ހެއްޔެވެ؟ އެންމެ ފުރަތަމަ އެހެން ކަހަލަ ޚިޔާލުތަކެއް ކުރެވުނަސް އެވާނީ އޮފީހުގެ މަސައްކަތަށޭ ފަހުން ނަޞްރާގެ ހިތް ބުންޏެވެ.

އަބާން ދެންވެސް ޝަކުވާކުރަން އުޅުމުން ޒަޔާން އޭނައަށް ގޮވާލިއެވެ.

"އަބޫ އާދޭ ދެން މިއަދު. އަބޫވެސް ހޯމްވޯކްތައް ހަދަންވެފަ އެބަހުއްޓެއްނު؟ ހޯމްވޯކް ނިމުނީމަ ބައްޕިއާއެކީ ކައިޓް އަރުވަން ދާނީ. ޗޮކްލެޓްވެސް ގަނެދޭނަން ދާ މަގުމަތީގަ." ޒަޔާން ބުނެލިއެވެ. އަބާން އޭނަގެ ބައްޕައަށް ބަލާފައި އަނެއްކާވެސް ދެރަ މޫނަކާއެކީ ޔޫނުސްއަށް ބަލާލިއެވެ.

"ޔޫންބެ މިއަންނަ ހުކުރު ދުވަހު އަބޫމެންގެއަށް އަންނާނަން، އިރާދަކުރެއްވިއްޔާ. އެންމެ ރަނގަޅެއްނު؟" ޔޫނުސް ދެންވެސް އަބާންގެ ކޮނޑުގައި ހިފަހައްޓައިގެން ހުރެ ބުނެލިއެވެ. އަބާން މަޑުމަޑުން ބޯޖަހާލިއެވެ. ޒަޔާން ހިނގާށޭ ބުނެލުމުން ޔޫނުސް އަބާންގެ ކޮނޑުން ދޫކޮށްލިއެވެ. އަބާން ޔޫނުސްމެންނަށް ފަސްދީފައި ދާން ހިނގައިގަތް ވަގުތު ޔޫނުސް އަނެއްކާވެސް ދޮރު ލައްޕާލިއެވެ. އަދި ފަސްއެނބުރި ނަޞްރާއަށް ބަލާލިއެވެ. ނަޞްރާއަށް އިސްޖަހާލެވުނެވެ.

"ހިނގާ ކައްކަން." ޔޫނުސް ހިނިތުންވުމަކާއެކީ ބުނެލިއެވެ. ޔޫނުސް އެބުނި އެއްޗަކުން ނަޞްރާ ހުއްޓުން އެރިއެވެ. ކުޑައިރުކޮޅެއް ކުރިން ޔޫނުސް ކުރި ކަމަކާއި އޭނަ މިހާރު މި ބުނި އެއްޗަކާއި ނުގުޅުނީތީވެއެވެ. ކޮންމެއަކަސް ނަޞްރާ ބޯޖަހާލިއެވެ. އަދި ޔޫނުސް ހިނގައިގަތުމުން އޭނަގެ ފަހަތުން ދިޔައެވެ.

އިއްޔެއާއި ޚިލާފަށް ބަދިގެތެރޭގައި މަސައްކަތް ކުރަމުން ދިޔައިރު ޔޫނުސް ވަރަށް ގިނަގިނައިން އޭނައަށް ބަލަމުން ހިނިތުންވަމުން ދިޔަކަން ނަޞްރާއަށް ފާހަގަކުރެވެމުން ދިޔައެވެ. ޔޫނުސްގެ ހިނިތުންވުންތަކަށް ނަޞްރާއަށް ގިނަފަހަރު ހިނިތުންނުވެވެނީ ހިތަށް ވެރިވާ ޙައިރާންކަމެއްގެ ބޮޑުކަމުންނެވެ. ޔޫނުސްއަށް މިއަދު މާ ވަރަކަށް ހެވެނީ ކީއްވެބާއޭ އޭނަގެ ހިތަށް އަރަމުން ދިޔައެވެ. އޭނަ އެ ސުވާލުކުރަން ބޭނުންވިއެވެ. ނަމަވެސް ނުކުރީ އަމިއްލައަށް އެ ވާހަކަ ބުނާނެއޭ ހިތާއެވެ.

ނަޞްރާ އޭނައަށް ބަލައިލާ ކޮންމެ ފަހަރަކު ޔޫނުސް ހިނިތުންވުމެއްގައި ހުރެވޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. ނަޞްރާއާއި އެކުވެރިވެދާނެ އެއްގޮތަކީ މިއީކަމަށް އޭނައަށް ނިންމުނީތީވެއެވެ. ތިބާއާއި ގިނަގިނައިން ހިނިތުންވާ މީހަކާ ތިބާ އެކުވެރިވުމަކީ ގާތްކަމަކަށްވާތީވެއެވެ. ނަޞްރާއާއި އެކުވެރި ނުވެ އޭނައަށް ކައިރިވާ ގޮތަށް ނިންމި ޚިޔާލު ޔޫނުސް ބަދަލުކޮށްލައިފިއެވެ. ދެމީހުންނަށް ދެމީހުން ކަމުދިޔަޔަސް އަދި ރަނގަޅަށް ލޯބިވެވެން ޔޫނުސް ބޭނުންވިއެވެ. ޔޫނުސް ދެކޭ ގޮތުގައި ރަނގަޅަށް ލޯބިވެވޭނީ އެކުވެރިވުމަށް ފަހުގައެވެ. އަދި ކައިވެނީގައި ގުޅުން ދެމެހެއްޓޭނީވެސް އެހެންނެވެ. އެހެންކަމުން ޔޫނުސް ގަދަކަމުން ވިޔަސް އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ފަތުރައިގެން ހުރެވޭތޯ ބަލަމުން ދިޔައެވެ. އެ ހިނިތުންވުމާމެދު ނަޞްރާ ކުރާ ސުވާލަކުން ވެސް އެ ދެމީހުންގެ އެކުވެރިކަން ފެށިދާނެކަމުގެ އުއްމީދުގައެވެ. ނަމަވެސް ކައްކައި ނިމުނުއިރު ވެސް ނަޞްރާ އެ ސުވާލެއް ނުކުރި ތާނގައި އެހެން ވާހަކައެއްވެސް ނުދެއްކިއެވެ. ޔޫނުސްއަށް ވެސް މިފަހަރު ސުފުރާ ދޮށުގައި ދައްކާނެ ވާހަކައެއް ނޭނގުނެވެ.

އެދުވަހުގެ ޢަޞްރު ނަމާދަށްފަހު ގެއަށް ދިޔަ މަގުމަތީގައި ޔޫނުސްއަށް ވިސްނެމުން ދިޔައީ ގެއަށް ގޮސް ނަޞްރާއާއެކީ ކުރާނެ ކަމަކާއި މެދުގައެވެ. އޭނަ މިއަދު އަބާންގެ ދަޢުވަތު ޤަބޫލު ނުކުރީވެސް ނަޞްރާއާއެކީ ވަކިން ވަގުތު ހޭދަކުރަން ބޭނުންވެގެންނެވެ. އޭނަ ވީހާވެސް އަވަހަކަށް ނަޞްރާއާއެކީ އޭނަ އެންމެ ބޮޑަށް ވަގުތު ހޭދަކުރަން ބޭނުންވާ ކުއްޖާ ކަމުގައި ހަދަން ބޭނުންވިއެވެ. މިއަދު ޔޫނުސްއަށް އޮފީހުގައި އުޅޭ ކުދިންނާއި ވާހަކަ ދެއްކޭ ވަރަށް ވެސް ނަޞްރާއަކާ ވާހަކައެއް ނުދެކެވެއެވެ. ލަސްލަހުން އެކަން ބަދަލުވާނެކަން ޔޫނުސްއަށް އެނގުނަސް އޭނަ އަވަހަށް މިކަން ބަދަލުވުމަށް އެދެނީ، އެއީ ނަޞްރާގެ ޙައްޤުގައި ވަރަށް ބޮޑު ނާއިންސާފެއްކަމުގައި އޭނަ ދެކޭތީވެއެވެ.

ގެއަށް ވަތްވަގުތު ނަޞްރާ ގޮވައިގެން އަތިރިމައްޗަށް ދާނީއޭ ޔޫނުސްގެ ހިތަށްއެރިއެވެ. ނަމަވެސް އަތިރިމައްޗަށް ގޮއްސަވެސް އެއްވެސް ވާހަކައެއް ނުދައްކައި ދެމީހުންނަށް ތިބެވިދާނެއޭ އޭގެ ދެވަނަ ސިކުންތުގައި ޔޫނުސްގެ ހިތް ބުންޏެވެ. ޔޫނުސް ބިމަ ބަލަހައްޓައިގެން ހުރެ ގެއަށްވަދެ ދޮރު ލައްޕާލިއެވެ. އަދި ދެންވެސް ވިސްނުމެއްގައި ހުރެ ކުރިއަށް ހިނގަން ފެށިއެވެ. އޭނަ ކުރިމައްޗަށް ބަލާލި ވަގުތު އޭނައަށް ކޮޓަރީގެ ދޮރާއި ހަމަ ކުރެވިއްޖެއެވެ. ކުރިމަތިން އޭނައަށް ނަޒަރު ހުއްޓާލެވުނީ އެ ގޭގައި އޮންނަ ހަނި މަގުގެ ވާތް ފަރާތުގައި ކޮޓަރި ފަހަނަޅައި ދެވެން ހުރި ދޮރާއި ދިމާލަށެވެ. އެއާއެކު ޔޫނުސްއަށް މޮޅު ޚިޔާލެއް ލިބުނެވެ. އޭނަ އެއްފަހަރު އޭނަ ކައިރީގައި ހުރި ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާފައި ކުރިމަތިން ފެންނަމުން ދިޔަ ދޮރާއި ދިމާލަށް ބަލާލައިފިއެވެ. އެއަށްފަހު އެ ދޮރާއި ދިމާލަށް ގޮސް ދޮރު ހުޅުވާލައިފިއެވެ. އެއީ އެގޭގެ ފޮތް ހަރުގަނޑު ހުންނަ ކޮޓަރިއެވެ. އެ ކޮޓަރީގައި ފޮތްތައް ހުރީ ހަމައެކަނި މެދުގައި ހުރި ފާރުކައިރީގައި ހުރި ހަރުގަނޑުގައެއް ނޫނެވެ. އެ ކޮޓަރީގެ އެތަން މިތަނުގައި ހުރި އެކިއެކި ފޮށިތަކަކީ ވެސް ފޮތްތަކަކުން ފުރިގެންވާ ފޮށިގަނޑުތަކެވެ. ޔޫނުސް އެންމެ ފުރަތަމަ ފޮތް ހަރުގަނޑާއި ދިމާލަށް ދާން އުޅެފައިވެސް ކައިރީގައި ހުރި ފޮށިގަނޑެއްގެ ތެރޭގައި ހުރި ފަންސުރު ކުލަތަކެއް އޭނަގެ ލޮލުގައި އެޅިއެވެ. ޔޫނުސް އެ ފޮށިގަނޑު ކައިރިއަށް ގޮސް އޭގައި ހުރި އެއްޗެއް ބެލުމަށްޓަކައި ކުރުފައިމައްޗަށް ތިރިވިއެވެ. އޭނަ މަތިން ފެންނަމުން ދިޔަ ކުލަތައް އެއްފަރާތް ކޮށްލުމުން ފެނިގެން ދިޔައީ މޮނީޓަރު ފޮތްތަކެވެ. މިއީ ކޮން ފޮތްތަކެއްކަން ނަގައިގަންނަން ޔޫނުސްއަށް މާ ގިނައިރެއް ނުނެގިއެވެ. އެންމެ މަތިން ފެންނަމުން ދިޔަ ފޮތުގައި އޭނަގެ ނަން ކާޑެއް ހަރުކުރެވިފައި އޮތްއިރު އޭގައި އޮތީ "ގްރޭޑް 3" ލއެވެ. ޔޫނުސް ހެވިފައި ހުރެ އެ ފޮތް ހުޅުވައި ބަލާލިއެވެ. މިއީ ނަޞްރާއާއި ޙިއްސާކުރަން ރަނގަޅު އެއްޗެއް ކަމުގައި ޔޫނުސްގެ ހިތް ބުންޏެވެ.

ނަޞްރާ ކޮޓަރީގެ ކިޔަވާ މޭޒުދޮށުގައި ލެޕްޓޮޕުން ސްކޫލްގެ މަސައްކަތެއްކުރަން ހުއްޓާ ކޮޓަރީގެ ދޮރު ހުޅުވިގެން ދިޔައެވެ. އޭނަ އެދިމާލަށް ބަލާލިއިރު ދޮރުމަތީގައި ފުރިހަމަ ހިނިތުންވުމެއްގައި ޔޫނުސް ހުއްޓެވެ.

"ނަޞްރާ ބިޒީތަ؟" ޔޫނުސް އަހާލިއެވެ.

"ނޫން އެހާ ބިޒީއެއްނޫން." ނަޞްރާ ޔޫނުސްއަށް ބަލަހައްޓައިގެން ހުރެ ލެޕްޓޮޕް ލައްޕާލަމުން ބުނެލިއެވެ.

"އާދެބަލަ." ޔޫނުސް ދެންވެސް ހެވިފައިހުރެ އެއްއަތުން އައުމަށް ޢިޝާރާތް ކުރަމުން ކޮޓަރިން ނިކުތެވެ. ނަޞްރާ ވާނުވާއެއް ނޭނގިފައި ކޮޓަރިން ނިކުންނަން ދިޔައެވެ.

ޔޫނުސްގެ ފަހަތުން ދިޔަ ނަޞްރާއަށް ވަދެވުނީ ފޮތާއި ފޮށިތަކުން ފުރިފައިވި ކޮޓަރިއަކަށެވެ. ނަޞްރާ ވަށައި ހޯދަމުން އެ ކޮޓަރިއަށް ވަތްއިރު ޔޫނުސް އެއްކަލަ ފޮށިގަނޑުގެ ކައިރީގައި ބިންމަތީގައި އިށީނެވެ. އަދި ނަޞްރާއަށް ގޮވާލަމުން އައުމަށް އެދުނެވެ. ޔޫނުސް އެ ފޮށިތެރެއިން ފޮތެއް ނެގި ވަގުތު ނަޞްރާ ގޮސް އޭނަގެ ކައިރީގައި ބިމުގައި އިށީނެވެ.

"މިއީ އަހަރެން ގްރޭޑް 3 ގެ ފޮތްތައް." ޔޫނުސް އޭނަގެ އަތުގައި އޮތް ފޮތް ހުޅުވާލަމުން ބުނެލިއެވެ. ނަޞްރާ ޝައުޤުވެރިވީ ވަރުން އެހެންހޭ ކިޔައި ވަކި މާ ބޮޑު ވިސްނުމެއްނެތި ޔޫނުސްއާ ކައިރިއަށް ޖެހިލަމުން އެ ފޮތަށް ބަލާލިއެވެ. މި ހުރިވުނީ މާ ކައިރީގައޭ ހިތް ބުންޏެއްކަމަކު ދުރުވާންވީ ސަބަބެއްނެތްކަމަށް ނަޞްރާގެ ސިކުނޑި ބުންޏެވެ. އެހެންކަމުން އޭޏަ ދުރުނުވާން ނިންމިއެވެ.

"އީ.އެސް ފޮތުގަ ނުހުންނާނެ ކަންނޭނގެ އެހާ ގިނަ ކުށްތަކެއް. އަހަރެން ވަރަށް ކިޔަވާ ހިތުން ކިޔެވި މާއްދާއެއް މިއީ." ޔޫނުސް އޭނަގެ އަތްމަތީގައި އޮތް ފޮތަށް ބަލަހައްޓައިގެން ހުރެފައި ނަޞްރާއަށް ބަލާލިއެވެ. އެހިނދު ނަޞްރާ ނުހަނު ކައިރިން ފެނިފައި އޭނަ ހުއްޓުން އެރިއެވެ. ނަމަވެސް އޭނަ އިރުކޮޅަކު ހުރެފައި ދުރުވުމުގެ ބަދަލުގައި ހިނިތުންވެލައިފިއެވެ. އޭރު ނަޞްރާ ހުރީ ފޮތަށް ބަލަހައްޓައިގެންނެވެ.

"ހާދަ ރީއްޗަށޭ ކުލަވެސް ޖައްސާފަ މިހުރީ. އެހެން ފޮތް ނަގާބަލަ." ނަޞްރާ އެހެން ބުނެލަމުން ކުރިމަތީގައި ހުރި ބޮޑު ފޮށީގެ ތެރެއަށް އަތް ބާނައިގެން އަތުގައި ޖެހުނު ފޮތެއް ނެގިއެވެ. މިފަހަރު ނެގުނީ ޔޫނުސް ގްރޭޑް 3 ގައި ގެންގުޅުނު އިނގިރޭސި ފޮތެވެ. ނަޞްރާ އޭތި ހުޅުވާލިއެވެ. ގަނޑުތައް އުކަމުން ގޮސް ނަޞްރާ ކުއްލިއަކަށް އޭނަގެ އަތް މަޑު ޖައްސާލިއިރު އޭނަގެ މޫނުމައްޗަށް ވެރިވީ ލާނެތް ހިނިތުންވުމެކެވެ.

"މައި ފޭވަރިޓް ފުޑް. މައި ފޭވަރިޓް ފުޑް އިޒް ރިހާކުރު. ރިހާކުރުސް ކަލާރ އިޒް ބްލެކް. ރިހާކުރު ޓޭސްޓްސް ޓޭސްޓީ. ރިހާކުރު އިޒް މޭޑް އަޕް އޮފް...." ނަޞްރާ ހެވިފައިހުރެ އަޑު ހަރުކޮށް އޭތި ކިޔަން ފެށުމުން ޔޫނުސް ފޮތް ޖަހައިގަންނަން އުޅުނެވެ. ނަމަވެސް ނަޞްރާ ޔޫނުސްގެ އަތާއި އެ ފޮތް ދުރުކުރަމުން ކިޔަމުން ކުރިއަށް ދިޔައެވެ.

"އަޅެ މި ތަންކޮޅު ނުލިޔެ މިއޮތީ ކީއްވެތަ؟ ރިހާކުރު އިޒް މޭޑް އަޕް އޮފް؟" ނަޞްރާ ހެމުންހެމުން ސުވާލުކުރިއެވެ. އޭރުވެސް ޔޫނުސް އެފޮތް ނަޞްރާގެ އަތުން ޖަހައިގަންނަން މަސައްކަތް ކުރަމުން ދިޔައެވެ.

"ދެން މީހަކަށް ނޭނގެންޏާ ނުލިޔެވޭނެތާދޯ؟" ޔޫނުސް ރާގަކަށް ބުނެލިއެވެ. ނަޞްރާއަށް އިތުރަށް ހެވުނެވެ. ޔޫނުސްއަށް އެ މަންޒަރު ބަލަހައްޓައިގެން ހުރެވުނެވެ. ނަޞްރާގެ އެ ހުނުން ދެމިގެން ދާނެ ގޮތެއް ހެދުމަށް އޭނަގެ ހިތުގައި ޝައުޤުވެރިކަމެއް އުފެދުނެވެ.

"އަދި ދިވެހި ފޮތުގަ ހުންނަ އެއްޗެހި މާ މަޖާވާނެ." ޔޫނުސް ފޮށީގެ ތެރެ ބަލައި ދިވެހި ފޮތް ހޯދަމުން ބުނެލިއެވެ. ޔޫނުސް އެހެން ބުނުމުން ނަޞްރާ ދެންވެސް ހެވިފައިހުރެ އޭނަގެ އަތުގައި އޮތް ފޮތް ލައްޕާލިއެވެ. އަދި ޔޫނުސް އެހެން ފޮތެއް ނަގާނެ އިރަކަށް އިންތިޒާރު ކުރިއެވެ. އޭނަ ބަލަބަލާ އިންދާ ޔޫނުސް ފޮށީގެ ތެރެއިން އެހެން ފޮތެއް ނަގައި ހުޅުވާލިއެވެ. އަދި އޭގެ ގަނޑުތައް އުކަން ފެށިއެވެ.

"އަހަރެން ޗުއްޓީ ހޭދަކުރި ގޮތް. ޗުއްޓީގައި އަހަރެން ވަރަށް މަޖާކުރީމެވެ. އަހަރެން އަހަރެންގެ އެކުވެރިންނާއެކީ ފުޓުބޯޅަ ކުޅުނީއެވެ. އެއަށްފަހު.....އަހަރެން އަހަރެންގެ މަންމައާއި ބައްޕައާއެކީ ދަތުރު ދިޔައީއެވެ...." ޔޫނުސް ފޮތުގައިވި އެއްޗެއް ކިޔަން ފެށީ ނުހަނު ފޯރިއާއެކީ ކަމަށްވިޔަސް އެންމެ ފަހު ޖުމްލަ ބުނެލީއިރު އޭނަގެ މޫނުމަތީގެ ކުލަވަރު އޮއްސެމުން ދިޔައެވެ. ފޮތަށް ބަލަންހުރި ނަޞްރާއަށް ޔޫނުސްގެ އަޑު ފޭދެމުން ދިޔަކަން ފާހަގަކުރެވި ޔޫނުސްއަށް ބަލާލެވުނެވެ. އެވަގުތު ޔޫނުސްގެ މޫނުމަތީގެ އުޖާލާކަން ގެއްލިއްޖެއެވެ. ޔޫނުސް އިސްޖަހާލި ވަގުތު އޭނަ އޭނަގެ އަތުގައި އޮތް ފޮތްވެސް ލައްޕާލިއެވެ. ޔޫނުސް އެ ފޮތް ބިންމަތީގައި ބާއްވާފައި ނަޞްރާއަށް ބަލާލުމެއްނެތި ކޮޅަށް ތެދުވިއެވެ.  އަދި އަވަސް ފިޔަވަޅުތަކެއްގައި ކޮޓަރިން ނިކުމެގެން ދިޔައެވެ. ނަޞްރާއަށް ކަންބޮޑުވުމަކާއެކީ އެ މަންޒަރު ބަލަން އިނދެވުނެވެ. ދެންމެ ޔޫނުސްގެ އަޑު ފޭދުނުއިރު އޭނަ ކިޔަކިޔާހުރި ޖުމްލައާމެދު ވިސްނާލެވުނެވެ. މަންމައާއި ބައްޕައޭ ކިޔުނު ހަނދާންވުމުން ނަޞްރާގެ ދެބުމަ ކައިރިވިއެވެ. އެއީ އަދި އޭނައަށް ވިސްނާނުލެވި އޮތް ތަންކޮޅެކެވެ. ޔޫނުސްގެ ޢާއިލާ ކޮބައިހެއްޔެވެ؟ ޔޫނުސްއަކީ މުޅި ޢުމުރު އެކަނިވެރިކަމުގައި އުޅުނު މީހެއްކަމުގައި ނުވާނެއެވެ. ބައްޕަ ވެސް ޔޫނުސްގެ ޢާއިލާގެ ވާހަކައެއް އޭނައަށް ކިޔައި ދީފައިނުވާކަން ނަޞްރާއަށް ފާހަގަވީ އަދި ކިރިޔާއެވެ. ދެންމެ ޔޫނުސްއަށް ވީ ގޮތުން ހީވަނީ އޭނަގެ މަންމައާއި ބައްޕަ ދުނިޔެ ދޫކޮށް ގޮސްފައިވީ ހެންނެވެ. ނަޞްރާގެ ހިތަށް ތަދުވިއެވެ. އޭނަގެ އަމިއްލަ މަންމަ މަތިން ހަނދާން ވުމުންނެވެ. އޭނައަށް ގެއްލިފައިވަނީ ހަމައެކަނި އޭނަގެ މަންމައެވެ. ނަމަވެސް މިފެންނަ ގޮތުން ހީވަނީ ޔޫނުސްއަށް އޭނަގެ މަންމައާއި ބައްޕަވެސް ގެއްލިފައިވާ ހެންނެވެ. ނަޞްރާއަށް ބިމަށް ބަލަހައްޓައިގެން އިނދެ އަނެއްކާވެސް ޔޫނުސް ނިކުތް ދޮރާއި ދިމާލަށް ބަލާލެވުނެވެ. އެއަށްފަހު ކޮޅަށް ތެދުވެވުނެވެ.

ކޮޓަރިއާއި ދިމާލަށް އަވަސް ފިޔަވަޅުތަކެއްގައި ދިޔަ ނަޞްރާގެ ފިޔަވަޅުތައް މަޑުޖެހުނީ ގިސްލުމެއްގެ އަޑު އިވުނުހެން ހީވުމުންނެވެ. އޭރު އޭނައަށް ހުރެވުނީ ހުޅުވާލެވިފައިވާ ކޮޓަރީގެ ދޮރު ކައރީގައެވެ. ނަޞްރާ ލަސްލަހުން ކޮޓަރިތެރެ ފެންނާނެހެން ކޮޓަރީގެ ދޮރުމައްޗަށް އެރިއެވެ. އޭރު އެނދުމަތީގައި ދެއަތް ޖޯޑުކޮށް ނިތުގައި ޖައްސައިގެން އިން ޔޫނުސް، ނަޞްރާއަށް ފެނުނެވެ. ޔޫނުސްގެ ދެކޮނޑު ތުރުތުރު އަޅަމުން ދިޔަގޮތުން އޭނަ ރޮނީކަން ނަޞްރާއަށް ނަގައިގަނެވުނެވެ. ނަޞްރާ އެ މަންޒަރު ބަލަންހުރެ އެސްފިޔަ ޖަހާލި ވަގުތު އޭނަގެ ދެލޯ ތެމުނެވެ. އޭނަގެ މޭގައި ރިހުމެއް އުފެދި މުޅި މޭތެރެއަށް އެ ރިހުން ފެތުރެން ފެށިއެވެ. ޔޫނުސްއަށް އޭނަގެ ޢާއިލާ ގެއްލިފައިވަނީ ކިހިނެއްތޯ ނަޞްރާގެ ހިތް ސުވާލު ކުރިއެވެ. ކޮންމެ ގޮތަކަށް ވިޔަސް އެކަން ވެފައިވަނީ ވަރަށް ހިތްދަތިކޮށްކަން ނަޞްރާއަށް ޔަޤީން ކުރެވުނެވެ. އެހެނީ އޭނަ ދުވަހަކުވެސް ފިރިހެނަކު މިހާވަރަށް ރޯތަނެއް ނުދެކެއެވެ. ޔޫނުސްއަށް ހަމަޖެހުމެއް ގެނެސްދޭން ނަޞްރާ ބޭނުންވިއެއްކަމަކު ބުނެލާނެ ބަސްތަކެއް ނަޞްރާއަކަށް ނޭނގުނެވެ. އަދި އަމުދުން ޔޫނުސްގެ ޢާއިލާ ދުނިޔެ ދޫކޮށްފައިވާކަމަށް އޭނައަށް ހީވާހީވުމަކީ ޙަޤީޤަތަކަށް ނުވެވެސް ހިނގައިދާނެއޭ ނަޞްރާގެ ހިތަށްއެރިއެވެ. ކުރާނެ ވަކި ކަމެއް ނޭނގުމުން ނަޞްރާ ޔޫނުސްއަށް ބަލަން ހުރެފައި ދިޔުމަށްޓަކައި ޔޫނުސްއަށް ފަސްދީފިއެވެ. ދުރަށް ދިޔުމުގެ ކުރިން ނަޞްރާއަށް އަދިވެސް އެއްފަހަރު ފަސްއެނބުރި ބަލާލެވުނެވެ. އެވަގުތު ޔޫނުސް އޭނަގެ ކޯތާފަތުން ކަރުނަ ފޮހެނީއެވެ. ކަރުނަ ފޮހެލުމަށްފަހު ވެސް ޔޫނުސް އޭނަގެ މޫނުގައި ދެއަތް އަޅާލިއެވެ. ހިނދުކޮޅަކަށްފަހު އަނެއްކާވެސް ޔޫނުސްގެ ގިސްލުމުގެ އަޑު އިވެން ފެށިއެވެ. ނަޞްރާއަށް ދެރަ ގޮތަކަށް އެ ދިމާލަށް ބަލަން ހުރެފައި ދުރު ބެލެން ފެށިއެވެ. އެވަގުތު އޭނަ ދުރުބަލަންވީ ކީއްވެހޭ ބުނެ އޭނަގެ ހިތުގެ ކަނަކުން ގޮވާލިއެވެ. މިއަދު އޭނަ ޔޫނުސްއާ ދުރަށް ގޮއްސިއްޔާ އޭނަ މިގޭގައި ހުރުމެކޭ ނެތުމެކޭ އެއްކަމެއް ނޫން ހެއްޔެވެ؟ ޔޫނުސް އޭނައާއި އިނުމުގެ ކުރިންވެސް ޔޫނުސް ހިތާމަ ކުރީހީ މިގޮތަށެވެ. އޭނައާއި އިނުމަށްފަހު......އޭނަ އެހެން ވިޔަކަ ނުދޭނެއެވެ. ނަޞްރާގެ ހިތަށް ސާބިތުކަމެއް ލިބުނެވެ. އެވަގުތު އޭނަ ޔޫނުސްއަށް ބަލާލިއެވެ. އަދި ފުން ނޭވައެއް އެތެރެއަށް ދަމަމުން ކޮޓަރިއަށް ވަނެވެ. ނަޞްރާ ކޮޓަރިއަށް ވަދެ އާދައިގެ ހިނގުމެއްގައި ޔޫނުސް ކައިރިއަށް ގޮސް އޭނަގެ ކުރިމަތީގައި މަޑުކޮށްލިއެވެ. އަދި ކުރުފައިމައްޗަށް ތިރިވިއެވެ.

"ޔޫނުސް." ނަޞްރާގެ އަޑަށް ޔޫނުސްގެ ގިސްލުމަށް ހުއްޓުމެއްއައެވެ. ނަޞްރާ ބަލަބަލާ ހުއްޓާ ޔޫނުސް މަޑުމަޑުން އޭނަގެ މޫނުން ދެއަތް ނަގާލިއެވެ. އެވަގުތު ޔޫނުސްގެ ދުޅަވެފައިވާ ދެލޯ ފެނިފައި ނަޞްރާގެ ހިތް ވިރިގެންދާން އުޅުނުހެން ހީވިއެވެ. ރުއިން ހުއްޓުނެއްކަމަކު ޔޫނުސްގެ މޫނުމަތިން ދެންވެސް ފެންނަމުން ދިޔައީ ނިމުމެއް ނުވާ ވޭނެކެވެ. ނަޞްރާގެ ލޮލަށް ކަރުނަތައް ޖަމާވެ އޭނަގެ އަރުތެރެ ބެދުނެވެ. އޭނަ ޔޫނުސްއާއެކީ އެބަހުރިކަން ނަޞްރާ އަންގަން ބޭނުންވިއެވެ. ދުލުން އެއްވެސް އެއްޗެކޭ ނުބުނެވުނެވެ. އެހެންކަމުން ނަޞްރާ ޖެހިލުންވުމަކާއެކީ އޭނަގެ ދެއަތް އުފުލައި ޔޫނުސްގެ އެއްއަތުގައި ދެއަތުން ހިފެހެއްޓިއެވެ.

ކުޑަކޮށް ސިހުންވި ޔޫނުސް އެއްފަހަރު ނަޞްރާ ހިފަހައްޓާލި އަތަށް އަނެއްފަހަރު ނަޞްރާއަށް ބަލާލިއެވެ. ނަޞްރާ ހުރީ އިސްޖަހައި ދެލޯ މަރައިގެންނެވެ. ނަޞްރާ އެ މަސައްކަތް ކުރަނީ އޭނައަށް ހަމަޖެހުމެއް ގެނެސްދޭންކަން ނަގައިގަނެވުނު ވަގުތު ޔޫނުސްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ނަޞްރާއަށް އޭނަގެ އަތުގައި ހިފަހައްޓާލެވޭނީ ވެސް ކިހާ ހިތްވަރެއް ކޮށްގެންކަން އިޙްޞާޞް ކުރެވުމުން ޔޫނުސް ހިނދުކޮޅަކަށް އޭނަ ދެންމެ ރޯން ހުރި ސަބަބުވެސް ހަނދާން ނެތުނެވެ. އޭނަ ކިތަންމެ ވޭނެއް ތަޙައްމަލުކުރަން ޖެހުނަސް އެކަނިވެރިކަމުގައި ތަޙައްމަލުކުރަން ނުޖެހޭނެކަން އެނގުންވި ވަގުތު އޭނަގެ ތުންފަތްމަތިން ހިނިތުންވުމެއް ދުވެލިއެވެ. ޔޫނުސް ނަޞްރާގެ އަތުގައި ބާރަށް ހިފަހައްޓާލަމުން އެއަތް މައްޗަށް ނެގިއެވެ. ޔޫނުސްގެ އަތުން ދޫކޮށްލުމެއްނެތި ހުރި ނަޞްރާގެ ލޯ ހުޅުވުނެވެ. ނަޞްރާއަށް ވީނުވީއެއް ނޭނގި މާ ގިނައިރެއްނުވެ އޭނައަށް އަނެއްކާވެސް ހުރެވުނީ ޔޫނުސްގެ އަތުތެރޭގައެވެ.

އެރޭ 8:00 ޖެހި ވަގުތު އަފްރީން އިނީ އޭނަގެ ކިޔަވާ މޭޒުދޮށުގައި ފިލާވަޅެއް ހަދާށެވެ. ހިސާބުގެ ފިލާވަޅު ހަދަމުން ގޮސް އެއްސުވާލު ހަދަން ނޭނގުމުން އަފްރީން ފޫހިވާން ފަށައިފިއެވެ. އޭނަ ފޮތް ލައްޕާލަމުން އެއްފަރާތް ކޮށްލިއެވެ. އަދި ކިޔަވާ މޭޒުގެ ކަނެއްގައި ހުރި ލެޕްޓޮޕް ނަގައި ފޭސްބުކަށް ވަދެލައިފިއެވެ. ފޭސްބުކަށް ވަތްއިރު އެތައް ނޮޓިފިކޭޝަނެއް ލިބިފައި ހުއްޓެވެ. އޭނަގެ ޕްރޮފައިލް ޕިކްޗާރއަށް 100 އަށްވުރެ ގިނަ ލައިކްސް ލިބިފައި ހުއްޓެވެ. އަފްރީން އެ ފޮޓޯ ހުޅުވާލިއެވެ. އަދި އޭގެ ދަށުގައި ހުރި ކޮމެންޓްތައް ކިޔަން ފެށިއެވެ. ގިނަ ކޮމެންޓްތައް ކޮށްފައި ހުރި ފިރިހެން ކުދިންނެވެ. އެމީހުން އަފްރީންއަށް ތަޢުރީފުކޮށްފައި ހުރިއިރު  އަފްރީންއަށް ފޮނިވެފައި އެ ތަޢުރީފުތައް ކިޔަން އިނދެވުނެވެ. އެ ފިރިހެން ކުދިންގެ ތެރޭގައި ނައުފާއާއި އޭނަގެ އެހެން އެކުވެރިންގެ ލޯބިވެރިންވެސް ހިމެނެއެވެ. ނަމަވެސް މިއީ އެމީހުން އަފްރީންގެ އެކުވެރިންނަށް ބޭވަފާތެރިވީ ކަމެއްގެ ނިޝާނެއްގެ ގޮތުގައި ނުބެލެވޭނެއެވެ. ނައުފާމެން ވެސް އެ މީހުންގެ ލޯބިވެރިން ނޫން އެހެން ފިރިހެން ކުދިންގެ ފޮޓޯތަކަށް ކޮމެންޓްކޮށް ހަދައެވެ. ޚުދު އަފްރީންވެސް އޭނަ ރައްޓެހިވެގެން އުޅޭ ކުއްޖާ ނޫން އެހެން ފިރިހެން ކުދިންގެ ފޮޓޯތަކަށް ކޮމެންޓް ކުރެއެވެ. އަދި އޭނަ ރައްޓެހިވެގެން ހުންނަ ކުއްޖާވެސް އެހެން އަންހެން ކުދިންގެ ފޮޓޯތައް "ލައިކް"ވާކަން އަފްރީންއަށް އެނގެއެވެ. އެހެނަސް މިއީ މާ ބޮޑު ކަންތައްތަކެއްނޫނެވެ. ސިނާން އެހެން އަންހެން ކުދިންގެ ފޮޓޯތަކަށް ކޮމެންޓް ކުރިޔަސް ސިނާން "ލޯބި" ވަނީ އޭނަ ދެކެއެވެ.

އަފްރީން ކިޔަވާ މޭޒު ދޮށުގައި އިންދާ ކައިރީގައި އޮތް އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. ފޯނުގެ ސްކްރީނުން ސިނާންގެ ނަން ފެނިފައި އަފްރީން ރޫޙަށް ޖޯޝެއް އައެވެ. އޭނަ އުފަލުން ހުރެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. ސިނާންއާއި ވާހަކަ ދައްކަން ފެށިތާން މާ ގިނައިރެއްނުވެ އަފްރީން ގޮނޑިން ތެދުވެގެން ގޮސް ކޮޓަރީގެ ދޮރު ތަޅުލިއެވެ. އަދި އެއަށްފަހު ސިނާންއާއި ވާހަކަ ދައްކަމުން ގޮސް އެނދުގައި އޮށޯތީ އެދެމެދުގައި ދެކެވޭނެ ވާހަކަ ކުރެއްނުވާނެކަން ދަނެގެންނެވެ.

އެރޭވެސް ވަރަށް ދަން ވަންދެން ޔޫނުސްއާއި ނަޞްރާ ތިބީ އެމީހުންގެ ލެޕްޓޮޕަށް ބަލަހައްޓައިގެން މަސައްކަތުގައެވެ. ދަންވަރު 12 ޖެހިއިރު ވަރުބަލިކަމާއެކީ ނަޞްރާ ލެޕްޓޮޕް ލައްޕާލިއެވެ. އަދި ކޮޓަރިން ބޭރަށް ދިޔައީ ޔޫނުސް ކޮބައިތޯ ބެލުމަށެވެ. މެންދުރު ގޮތަށް ހަވީރުވެސް ޔޫނުސް ކުޑަ އިރުކޮޅަކަށް އޭނަ ބައްދާލައިގެން ހުރެފައި އޭނަ ގައިން ދޫކޮށްލީއެވެ. އެއަށްފަހު ޔޫނުސް ހުރީ ރަނގަޅު މޫޑެއްގައެވެ. ރޭގަނޑު ކެއުމަށް އިންސާފު ކުރިއިރު ޔޫނުސް ވާހަކައެއް ނުދެއްކިއެއްކަމަކު އެ މޫނުމަތިން ހިނިތުންވުމެއް ފެނިފައި ނަޞްރާގެ ހިތްހަމަޖެހުނެވެ. އޭނައަށް ކުރެވުނު ކުޑަ ކަމަކުން ވެސް ޔޫނުސްގެ ހިތާމައަށް ލުއެއް ހޯދައިދެވުނުހެން ހީވުމުންނެވެ.

ނަޞްރާ ގޮސް ބަލާލިއިރު ޔޫނުސް ހުރީ ސިޓިންގް ރޫމުގެ ސޯފާގައި އިށީނދެގެންނެވެ. ކުރިމަތީގައި ހުރި މޭޒުމަތީގައި ލެޕްޓޮޕް ހުއްޓެއްކަމަކު ޔޫނުސްގެ ދެލޯ މެރެމުން ދިޔައެވެ.

"ޔޫނުސް." ނަޞްރާ ގޮވާލީ ނިދިގެން ގޮސް ޔޫނުސްގެ ބޯޖެހުނު ވަގުތެވެ. ޔޫނުސް ސިހުންވެފައި ވަށައި ހޯދަމުން ނަޞްރާއަށް ނަޒަރު ހުއްޓާލިއެވެ.

"ޔޫނުސް......އަހަރެން މިދަނީ ނިދަން." ނަޞްރާ ބުނެލިއެވެ. އޭނަ ފުރަތަމަ ޔޫނުސްގާތު ބުނަން އުޅުނީ ނިދަން އައުމަށެވެ. އެހެނަސް ކޮންމެވެސް ސަބަބަކާހުރެ އެހެން ބުނާކަށް ނުކެރުނެވެ. އޭނަ އަމިއްލައަށް ނިދަން ދާ ވާހަކަ ބުނުމުން ޔޫނުސް އިރުކޮޅަކުން ނިދަން އަންނާނެކަން ނަޞްރާއަށް އެނގެއެވެ. ނަޞްރާ ޔޫނުސްއަށް ބަލަން ހުއްޓާ ޔޫނުސް ބޯޖަހާލިއެވެ. ނަޞްރާ އިސްޖަހާލަމުން އަނެއްކާވެސް ކޮޓަރިއާއި ދިމާލަށް މިޞްރާބު ޖެހިއެވެ.

ނިދަން ތައްޔާރުވެ އާދައިގެ މަތިން ކަޅު ހެދުމެއް ލައިގެން އެނދުގައި އޮށޯތް ނަޞްރާއަށް ނުނިދެނީސް ޔޫނުސް ކޮޓަރިއަށް ވަދެގެން އައެވެ. ޔޫނުސް ފާޚާނާއަށްވަދެ ހެދުން ބަދަލުކޮށްލައިގެން ކޮޓަރީގައި ފަނޑު ބޮތްކެއް ދިއްލާލަމުން އައިސް އެނދުގައި އޮށޯތްއިރު ވެސް ނަޞްރާއަކަށް ނުނިދެއެވެ. ޔޫނުސް އޮށޯތްތާ އިރުގަނޑެއްފަހުން ނަޞްރާ އޭނަގެ ލޯ ހުޅުވާލިއެވެ. ޔޫނުސް އޭނައާއި ދިމާލަށް މޫނުވާ ގޮތަށް އޮތްތަން ފެނިފައި ނަޞްރާއަށް ނޭނގޭ އުފަލެއް ލިބުނެވެ. ޔޫނުސް ދެލޯ މެރިފައި އޮތް ގޮތުން އޭނަ އޮތީ ގަދައަށް ނިދިފައިކަން ނަޞްރާއަށް އެނގުނެވެ. ފުރަތަމަ ފަހަރަށް ޔޫނުސްއާއި ދިމާލަށް ބަލަހައްޓައިގެން އޮންނަން ނަޞްރާއަށް ކެރުނެވެ. ޔޫނުސް ނިދަން އޮތް މަންޒަރުވެގެން ދިޔައީ ނަޞްރާ ބަލާބަލާ ފޫހިނުވާނެ ފަދަ މަންޒަރެކެވެ. އޭނައަށް ދިރިއުޅުމުގެ ކުރިއަށް އޮތްތަނުގައި މި މަންޒަރު ބޭނުން ވަރަކަށް ފެންނާނެކަން އެނގުންވުމުން ނަޞްރާއަށް ހިނިތުންވެލަމުން ހިތާހިތުން ޙަމްދުކުރެވުނެވެ. ނަޞްރާ ޔޫނުސްއަށް ބަލަން އޮވެ ޔޫނުސްއާ އެކީ ވޭތުވި ވަގުތުތައް ހަނދާނަށް ގެންނަމުން ދިޔައެވެ. އެ ހަނދާންތަކުގެ ތެރެއިން މިއަދު ޔޫނުސް ރުއިތަން ނަޞްރާގެ ލޮލަށް ސިފަވެގެން ދިޔުމުން އޭނަގެ ހިނިތުންވުން ފަނޑުވެގެން ދިޔައެވެ. ޔޫނުސް ރޯންވީ ސަބަބު އެނގެން ނަޞްރާ ބޭނުންވިއެވެ. އޭނަ އެކަމާމެދު ޔޫނުސްއާ ސުވާލުކުރަން ބޭނުންވިއެވެ. ނަމަވެސް މިއަދު އަދި އޭނައަކީ ޔޫނުސްގެ އަންހެނުންނަށް ވިޔަސް ޔޫނުސްގެ ބީރައްޓެއްސެކެވެ. އެއްވެސް މީހަކު ބީރައްޓެއްސަކާ އެމީހުންގެ ހިތާމަތައް ޙިއްޞާ ނުކުރާނެއެއްނޫން ހެއްޔެވެ؟ އެ ސުވާލު ހިތަށް ވެރިވުމާއެކު ޔޫނުސްއާ އެކުވެރިވުމަށް ނަޞްރާގެ ހިތުގައި ޢަޒުމެއް ކަނޑައެޅުނެވެ. ޔޫނުސްވެސް އޭނައާ އެކުވެރިވާން މަސައްކަތް ކުރާކަން މިއަދު އޭނަގެ ފަރާތުން ފެނުނު ޢަމަލުތަކުން އެނގެއެވެ. ޔޫނުސް އޭނައާއި ދިމަލަށް އަޅާ ކޮންމެ ފިޔަވަޅަކަށް ޔޫނުސްއާއި ދިމާލަށް އޭނަވެސް ފިޔަވަޅެއް އެޅުމަށް ނަޞްރާ އަމިއްލަ ނަފްސާއި ވަޢުދުވިއެވެ.


Comments

Popular posts from this blog

Arabic Pronouns (dhameer)

Harf of Nasb (English + Dhivehi)

Mudhaaf-mudhaaf ilaihi and pronouns (English lesson)