Hijra (part 18)


ދޮންތަ ދޮންތާ މަޑުކޮށްބަލަ. އެއީ ކޯޗެއް؟” އަފްރީން ނަޞްރާގެ އަތް ދުރުކޮށް ފޯނު ތިރިއަށް ސްކްރޯލްކޮށްލަމުން އަނެއްކާވެސް އެއްކަލަ ވީޑިޔޯގެ ނަމަށް ބަލާލިއެވެ. އެއީ ލެކްޗަރެއްގެ ވީޑިޔޯއެއްކަން އޭގައި ހުރި ފޮޓޯއިން އަފްރީންއަށް އެނގުނެވެ. ނަމަވެސް އެއީ ކުރު ވީޑިޔޯއެކެވެ. އެއަށް ދެވިފައި އޮތީވެސް އާދަޔާ ޚިލާފު ނަމެކެވެ. އެ ނަމުގައި އޭތި ވަރަށް މަޖާވާނެ ވާހަކަވެސް އޮތެވެ. އަފްރީން އެ ވީޑިޔޯގެ ނަމުގައި އިނގިލި ޖައްސައި އޭތި ހުޅުވާލިއެވެ. އެ ވީޑިޔޯ ފެށިގެން ދިޔައީ ލެކްޗަރެއްގެ މެދުތެރެއިންނެވެ. އަފްރީންއާއި ނަޞްރާ އެ ބަލައިގެން ތިބެ އިރުކޮޅެއްފަހުން ހޭންފެށިއެވެ. އޭގެ މާ ގިނައިރެއްނުވެ އޭގެ ވަކި ހިސާބަކަށް ދިޔުމުން ދެމީހުންނަށް ވެސް ހީލެވުނީ އެއަށްވުރެ ބާރަށެވެ. ވީޑިޔޯ ނިމުމުން ވެސް ދެމީހުންނަށް ތިބެވުނީ ހޭށެވެ.

އޭގެ ތިން ހަފްތާ ފަހުން އަފްރީން ހޮސްޕިޓަލުން ދޫކޮށްލެވުނެވެ. ބޮލުގެ ބެންޑޭޖް ނަގާލެވިފައި ވިޔަސް އަދި ޕްލާސްޓަރުތައް ނެގޭނީ 4 ހަފްތާ ފަހުން ކަމުގައި ޑޮކްޓަރު ބުންޏެވެ. އަފްރީން ހުރީ އެކަމާމެދު މާޔޫސްވެފައެވެ. ފައިގައި ހުރި ޕްލާސްޓަރު ހުރީ ކަކުލުން މައްޗަށް ކަމަށްވުމުން އަފްރީންއަށް ހިނގެނީވެސް މީހެއްގެ އަތުގައި ހިފައިގެންނެވެ. އަފްރީންގެ ޙާލަތުގެ ސަބަބުން އޭނަ ގިނަ ވަގުތު ކޮޓަރީގެ އެނދުމަތީގައި ހޭދަކުރަން ޖެހެއެވެ. އޭނަ އެދުމުން ޓީވީ ބެލުމަށްޓަކައި ބައްޕަ އޭނަ ސިޓިންގް ރޫމަށް ގެންދެއެވެ.

ގިނަ ވަގުތު ކަމެއްނުކޮށް އެކަނި ހުންނަން ޖެހުމުން އަފްރީންގެ ސިކުނޑި ސިނާންގެ ޚިޔާލުތަކުން ފުރިގެން ދިޔައެވެ. ލޯބީގެ ފިލްމުތައް ބަލާ ވަރަކަށް އޭނައާއި ސިނާންގެ ހަނދާންތައް އާވަމުން ދިޔައެވެ. އޭނަގެ ހިތް އަނެއްކާވެސް ސިނާން ދޫކުރެވުނީތީ ހިތާމަކުރަން ފެށިއެވެ. ލޯބިވެރިޔަކު ހުރުމުން ގޯހަކީ ކޮބައިބާވައޭ އަނެއްކާވެސް ހިތަށް އަރަން ފެށިއެވެ. ބައެއް ދުވަސްދުވަހު އަފްރީންއަށް ފޯނު ނަގާފައި ސިނާންއަށް ގުޅެން އުޅެވެއެވެ. ނަމަވެސް އޭނަ އެތައް ސަބަބަކާހެދި ޖެހިލުންވެއެވެ. އެއްދުވަހު ދެ ޚިޔާލެއްގެ މަތީގައި ސިނާންއަށް ގުޅުމަށް އަވަސްއަވަހަށް ނަންބަރުތަކަށް ފިތާލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ. އޭނައަށް އެންމެ ފަހު ނަންބަރު ޖެހުނީ ނުބައިކޮށްކަން އަފްރީންއަށް އެނގުނީ ބޮޑު ފިރިހެނެއްގެ އަޑު ކަންފަތުގައި ޖެހުމުންނެވެ. އަފްރީންއަށް ސިހިފައި ފޯނު ކަންފަތުން ނަގާލެވުނެވެ.

އަފްރީން ބޭނުންވީ އޭނައަށްވަމުން ދިޔަ އުނދަގޫތައް ނައުފާއަށް ކިޔައިދޭށެވެ. ނައުފާއަކީ އަބަދުވެސް އޭނައަށް ކަމެއްދިމާވުމުން އޭނަ ހިތްހަމަ ޖައްސައިދޭ އެންމެ ގާތް އެކުވެރިޔާކަމަށް ވާތީވެއެވެ.

ހާއި ނައު……ނައުއަށް ރުޅި. އަފޫ ހޮސްޕިޓަލުގަ އޮތްއިރު ބަލަން ވެސް ނައިމެއްނު؟ ތިމަންނަ ނުދެނަހުރީމޭ ނުބުނައްޗޭ. އަފޫ މަޝްހޫރުވާ ވަރަށް އެ އެކްސިޑެންޓްގެ ޚަބަރުތައް ފެތުރިއްޖެ.” އަފްރީން އެއްރެއަކު އެނދުމަތީގައި ފޯނު ކަންފަތުގައި ޖައްސައިގެން ހެވިފައި އިނދެ ވާހަކަ ދެއްކިއެވެ. އޭނަ ސީދާ މަޢުޟޫއަކަށް ދާކަށް ބޭނުމެއްނުވިއެވެ. އޭނަ ބޭނުންވީ އެހެނިހެން ވާހަކަތައް ދައްކަމުން ގޮސް އެ ވާހަކައަށް ދާށެވެ. ނައުފާގެ ޖަވާބެއް ނުލިބި އިރުކޮޅެއްވުމުން އަފްރީންގެ ހިނިތުންވުން ފަނޑުވިއެވެ. ފޯނު ކެނޑުނީ ކަމަށް ހީކޮށް އަފްރީންއަށް ފޯނުގެ ސްކްރީނަށް ބަލާލެވުނެވެ. ގުޅުން ނުކެނޑޭކަން އެނގުމުން އަފްރީން އަނެއްކާވެސް ފޯނު ކަންފަތުގައި ޖައްސައި ނައުއޭ ކިޔައި ގޮވާލިއެވެ. ނައުފާ ފުން ނޭވައެއް ދޫކޮށްލި އަޑު އިވުނެވެ.

ސީރިއަސްލީ އަފޫ..ކީއްވެތަ ސިނާންއާއި ބްރޭކް އަޕް ކުރީ؟” ނައުފާ އަހާލިއެވެ. އެ ސުވާލު އިވިފައި އަފްރީންއަށް ދެލޯ މަރާލެވުނެވެ. މިއީ ނައުފާ އަބަދުވެސް ހަދާ ގޮތެވެ. އަފްރީން ކަމެއް ދިމާވެގެން ހުރެ އެހެނިހެން ވާހަކަތައް ދައްކަން އުޅުނަސް ނައުފާ ސީދާ މައްސަލައިގެ ވާހަކަ ދައްކައި އެކަން ޙައްލުކުރަން މަސައްކަތް ކުރެއެވެ.

ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު އަފްރީން އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު ނައުފާ ވާހަކަ ދެއްކިއެވެ.

ލުކް އަފޫ. އައި ކެއާރ ފޯ ޔޫ. އަފޫ ސިނާން ދޫކޮށްފަ ތި ހެދީ ރަނގަޅަކަށްނޫން. ސިނާންއަކީ ވަރަށް ރަނގަޅު ކުއްޖެއް. އަފޫއަށް ވެސް އެނގެއެއްނު އެކަން؟ ކޮންމެވެސް ތަނަކުން އިވުނު ވާހަކައަކާހެދި ދޫކުރާ ވަރުގެ މީހެއްނޫން އެއީ.” ނައުފާ ބުނެލިއެވެ. އަފްރީންގެ ހިތަށް އުނދަގޫވިއެވެ. ކުރިން އޭނަ ލޯބިވެރިޔަކާ ވަކިވެއްޖެއްޔާ ނައުފާ ލަވަ ކިޔައި ސަމާސާކޮށްފައި އޭނަގެ ސިކުނޑިން އެ ލޯބިވެރިއެއްގެ ނަން ފޮހެލުމަށްޓަކައި އެހީވެދޭނެއެވެ. ނަމަވެސް މިފަހަރު އޭނަގެ ގާތް އެކުވެރިޔާވެސް އޭނަ ކައިރީގައި މި ބުނަނީ އޭނައަށް ކުރަން ދަތިކަމެއް ކުރުމަށެވެ.

އަފޫ ވިސްނާލަބަލަ. މިހާރު ސިނާން ދޫކޮއްލުމުގެ މާނައަކީ އަފޫ ދެން ދުވަހަކުވެސް މީހަކާ ރައްޓެހިނުވާނަމޭ. ރައްޓެހިނުވެ ކިހިނެއްތަ މީހަކާ އިންނާނީ؟ ބައްޕަ ޗޫޒްކުރާ މުސްކުޅިއަކާތަ އިންނާނީ؟ ބީ ރީޒަނެބްލް އަފޫ.” ނައުފާ ބުނެލިއެވެ. އަފްރީންއަށް ފުން ނޭވައެއް ދޫކޮއްލެވުނެވެ. ނައުފާ ވާހަކަ ދައްކަމުން ދިޔަ ވަރަކަށް އޭނައަށް ސިނާން ދޫކޮށްފައި ކުރެވުނީ ނުބައި ކަމެއްހެން އަފްރީންއަށް ހީވާންފެށިއެވެ. އޭނަ އެ ވަގުތަށްޓަކައި ދަރުހުގެ މަތިންނާއި އޭނައަށް ފެނުނު ހުރިހާ ލިންކެއްގެ މަތިން ވެސް ހަނދާން ނެތުނެވެ.

ނައު ތިބުނީ ހަމަ ތެދެއް. ރައްޓެހިނުވެ އަފޫ ލޯބިނުވާ މީހަކާއިވެސް އިންނަން ޖެހިދާނެ. އެކަމަކު ސިނާން ކައިރިއަށް އަނބުރާ ދާން އަފޫ އަދި ވަގުތު ބޭނުން.” އަފްރީން ބުނެލިއެވެ. އެވަގުތު އަފްރީންގެ ކޮޓަރީގެ ދޮރުކައިރީގައި ނަޞްރާ ހުއްޓެވެ. ނަމަވެސް އަފްރީންއަށް އެކަން ނޭނގެއެވެ.

އައި ކޭން އަންޑަސްޓޭންޑް. އެކަމަކު މާ ލަސްނުކުރައްޗޭ. ސިނާން ގެއްލުވާނުލާތި.” ނައުފާ ބުނެލިއެވެ. އަފްރީން އެއްޗެކޭ ބުނަން އުޅުނު ވަގުތު އަފްރީންއަށް އެއްލި ކަޅިއަކުން ކޮޓަރީގައި ހުރި ނަޞްރާ ފެނުނެވެ. އެއާއެކު އަފްރީންގެ ދެލޯ ބޮޑުވިއެވެ.

ނައު އަފޫ ފަހުން ގުޅާނަން. ބާއި.” އަފްރީން އަވަސްއަވަހަށް އެހެން ބުނެ ފޯނު ކަންފަތުން ނަގާލިއެވެ. އަފްރީންއަށް ދެން ވާނެ ގޮތެއް ނޭނގިފައި ނަޞްރާއަށް ބަލަން އިނދެވުނެވެ. ނަޞްރާގެ މޫނުމަތިން ފެނުނީ ރުޅިވެރިކަން ކަމެއް ނުވަތަ ހިތާމަވެރިކަން ކަމެއް އަފްރީންއަށް ނަގައިނުގަނެވުނެވެ.

ނަޞްރާ ހުރީ އަފްރީންއަށް ޙަމްދަރުދީވެފައެވެ. އަފްރީން ރަނގަޅު ފިޔަވަޅެއް އެޅުމުން ވެސް އޭނައަށް ހިތްވަރު ދޭނެ އެކުވެރިއަކު އަފްރީންގެ ކައިރީގައި ނެތީތީވެއެވެ. އަދި އަފްރީންގެ އެކުވެރިންނަކީ އޭނައަށް ގޯސް ވިސްނުންތައް ވިސްނައިދޭ ބައެއްކަން އެނގުމުންނެވެ. ނަޞްރާ އަފްރީންގެ ރަޙުމަތްތެރިއަކަށްވާން ބޭނުންވިއެވެ. އަފްރީން މިކަމާމެދު އޭނައަށް ބިރުގަންނަން ނުޖެހޭނެކަން އަންގަން ބޭނުންވިއެވެ. އެ ޢަޒުމުގައި ނަޞްރާ ލަސް ހިނގުމެއްގައި ގޮސް އަފްރީންގެ އެނދު ކައިރިއަށް ގޮސް އެނދުގައި އިށީނެވެ. އަފްރީން ދުރުބަލަން ފެށިއެވެ.

ކާކާތަ ވާހަކަ ދެއްކީ؟” ނަޞްރާ ސުވާލުކުރިއެވެ.

ން.ނައުފާ.” އަފްރީން އިސްޖެހިފައި އިނދެ ޖެހިލުންވުމަކާއެކީ ބުނެލިއެވެ.

ދޮންތަ ކައިރި ބުނެފާނަންތަ ދެއްކީ ކޮން ވާހަކައެއްކަން؟” ނަޞްރާ އަހާލިއެވެ. އަފްރީން ނަޞްރާއަށް ބަލާލިއިރު އަފްރީންގެ ދެލޯހުރީ ވިދަވިދައެވެ. އެ މަންޒަރު ފެނިފައި ނަޞްރާ ދެރަވިއެވެ.

ދޮންތާ.ޕްލީޒް ބައްޕަ ކައިރި ނުބުނައްޗޭ.” އަފްރީން އިވޭ ނުއިވޭ އަޑަކުން ބުނެލިއެވެ.

ނޫން އަފޫ. ދޮންތަ ބުނާނަން. ބުނާނަން އަހަރުމެންގެ އަފޫ ކިހާ ވިސްނުންތެރި ވާހަކަ. އަމިއްލަ އިޙްޞާޞްތަކުގެ މައްޗަށް ބާރުފޯރުވައިގެން ވެސް ނުބައި ކަމެއް ދޫކޮއްލެވޭނީ ހާދަ ހިތްވަރެއް ކޮށްގެންނޭ.” ނަޞްރާ އަފްރީންއަށްޓަކައި ފަޚުރުވެރިވާ ފަދައަކުން ބުނެލިއެވެ. އަފްރީންގެ ނިތަށް ރޫއެރިއެވެ.

ދޮންތައަށް ކިހިނެއް އެނގުނީ؟” އަފްރީން އަހާލިއެވެ. ނަޞްރާގެ މޫނުމައްޗަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނަ އެއްޗެކޭ ބުނަން އަނގަ ހުޅުވާލި ވަގުތު ބޭރުން ޝަރީފް ގޮވާލި އަޑު އިވުނެވެ. ނަޞްރާ ލައްބައޭ ކިޔަ ގޮވާލަމުން އަނެއްކާވެސް އަފްރީންއަށް ބަލާލިއެވެ.

އަފޫ ހަނދާން ކުރާތި. ދުނިޔޭގެ އެންމެން ވެގެން ނުބައި ކަމެއް ކުރިޔަސް ނުބައި ކަމެއް ހެޔޮ ކަމަކަށް ބަދަލެއްނުވާނެ.” ނަޞްރާ ބުނެލިއެވެ. އެއަށްފަހު ހިނިތުންވުމަކާއެކީ އަފްރީންގެ ބޮލުގައި ފިރުމާލަމުން އެނދުން ތެދުވެ ކޮޓަރިން ނިކުމެގެން ދިޔައެވެ. އަފްރީންއަށް ވިސްނުމެއްގެ ތެރޭގައި އިނދެވުނީއެވެ.

އެރޭ އަފްރީން އޭނަގެ އުނގުމަތީގައި ހުރި ލެޕްޓޮޕުން ފޭސްބުކަށް ވަދެގެން އިންދާ ނަޞްރާ އޭނައަށް މެސެޖެއް ފޮނުވާލިއެވެ. އެ މެސެޖުގައި އޮތީ ޔޫޓިއުބްގެ ލިންކެކެވެ. އަފްރީން އޭތި ހުޅުވައި ބަލާލިއިރު އެއީ އެ ދުވަހު ހޮސްޕިޓަލުގައި ބެލި ވީޑިޔޯ ކަހަލަ މަޖާ ވީޑިޔޯއެކެވެ. ކުރީ ފަހަރެކޭ އެއްފަދައިން މިފަހަރު ވެސް އަފްރީންއަށް ބާރަށް ހީލެވުނެވެ. އޭނަ އެ ޓެބް ކްލޯޒްކޮށްލަން އުޅުމުގެ ތެރޭގައި ރިލޭޓެޑް ވީޑިޔޯސްތަކުގެ ތެރެއިން ވެސް ހުސް އެކަހަލަ ވީޑިޔޯތައް ފެނުމުން އޭނަ އެ ހުރިހާ އެއްޗެއް ބަލަން ނިންމިއެވެ. އަފްރީންއަށް އެ ހުރިހާ ވީޑިޔޯއެއްވެސް ބަލަން އިނދެވުނީ ހެވިފައެވެ. އެ ކުރުކުރު ވީޑިޔޯތައް ބަލަމުން ދިޔަ ވަރަކަށް އޭރު ދޮންތަ ބުނީ ކިހާ ބޮޑު ތެދެއްހޭ އަފްރީންގެ ހިތް ބުންޏެވެ. ކިތަންމެ ހީވިއަސް ނުބައިކަމެއް ހެޔޮކަމަކަށް ބަދަލެއްނުވާނެއެވެ. އަފްރީން ވީޑިޔޯތައް ބަލަމުން ގޮސް އެންމެ ފަހަކަށް ހުޅުވާލެވުނީ ސުވަރުގޭގެ ބުއިންތަކާއި ބެހޭގޮތުން ވާހަކަ ދެކެވިފައި ހުރި ވީޑިޔޯއެކެވެ. އޭތިވެސް ފެށިގެން ދިޔަ ގޮތުން އަފްރީންއަށް ހީލެވުނެވެ. އޭގައި ދެކެވިފައި ހުރީ ޤުރުއާނުގައި ސުވަރުގޭގެ ބުއިންތައް ސިފަކުރައްވާފައިވާ ގޮތުގެ ވާހަކައެވެ. ވީޑިޔޯ ބަލައި ނިމުނުއިރު އަފްރީންއަށް އިނދެވުނީ ވިސްނުމެއްގެ ތެރޭގައެވެ. ޤުރުއާނުގެ އާޔަތްތައް އެތުރިފައިވަނީ ފުރިހަމައަށްކަން އޭނަ މީގެ ކުރިން އަޑުއަހާފައިވެއެވެ. ނަމަވެސް އެކަމުގެ މިސާލެއް މި ލިބުނީ އަދި ކިރިޔާއެވެ. އަފްރީން ސްކްރޯލްކޮށްލަމުން ރިލޭޓެޑް ވީޑިޔޯތަކަށް ބަލާލިއިރު އާޔަތުލް ކުރުސިއާ ބެހޭ ވީޑިޔޯއެއް ފެނުނެވެ. އަފްރީން އެ ހުޅުވައި ބަލަން ފެށިއެވެ. ބަލައި ނިމުނުއިރު އަފްރީންއަށް މި ފަހަރު އިނދެވުނީ އަނގަ ހުޅުވިފައެވެ. އޭނައަށް ޤަބޫލުކުރަން ވެސް ދަތިވިއެވެ. އޭނަ މިހާ ދުވަހު އެއްވެސް ފިކުރެއްނެތި އަވަސް އަރުވާލާފައި ކިޔަވަމުން ދިޔައީ މިހާ ފުރިހަމަ އާޔަތެއްކަމެއް އޭނަ ނުދެނެ ހުއްޓެވެ.

އޭގެ އަނެއްދުވަހުގެ ހަވީރު އޮފީހުން ގެއަށް އައިސް ޔޫނުސް ނަޞްރާ ގޮވައިގެން ސައިކަލު ދުއްވަން ދިޔައެވެ. ޔޫނުސް ބޭނުންވީ މި ފާއިތުވެ ދިޔަ ދުވަސްތަކުގެ ތެރޭ އެ ދެމީހުން ދެމެދަށް ވެރިވި ހާސްކަން ކަނޑުވާލާށެވެ. އަނެއްކާވެސް ނަޞްރާގެ ގާތް އެކުވެރިއަކަށްވާން ބޭނުންވިއެވެ. ޔޫނުސް ސައިކަލު ދުއްވާފައި ދިޔައީ ރަށަކަށެވެ. އަދި އެ ރަށުގައި ހުރި ޕާކެއްގެ ކައިރިއަށް ސައިކަލު މަޑުކޮށް ސައިކަލުން ފައިބައިގެން ދެމީހުން ޕާކަށް ވަދެގެން ދިޔައިރު ޔޫނުސް ނަޞްރާއަށް ސަމާސާ ވާހަކައެއް ކިޔައިދޭން ފެށިއެވެ. ޔޫނުސް ފަހަތަށް ހިނގަމުން އެ ވާހަކަ ކިޔަދެމުން ދިޔަ ގޮތުން ކުރިއަށް ހިނގަމުން ދިޔަ ނަޞްރާއަށް ހެވެމުން ދިޔައެވެ. ޔޫނުސް ފަހަތަށް ހިނގަމުން ގޮސް އެތާ ދިގުކޮށް ވަކަރުން ހަދާފައި ހުރި ގޮނޑިއެއްގައި ޖެހި އޭގައި އިށީނދެވުނު ގޮތުން ނަޞްރާއަށް އިތުރަށް ހެވުނެވެ. އޭނަ ހެމުންހެމުން ގޮސް ޔޫނުސްގެ ކައިރީގައި އިށީނެވެ. ޔޫނުސް ހިނިތުންވުމެއްގައި ނަޞްރާއަށް ބަލަން އިނެވެ. ނަޞްރާ ހުނުން މައިތިރިކުރަމުން ޔޫނުސް ބަލަން އިންތަން ފެނިފައި ކުރިމައްޗަށް ނަޒަރު ހުއްޓާލިއެވެ. އަދި ޕާކުގެ ވަށައި ނަޒަރު ހިންގާލިއެވެ. ޕާކުގައި ވަރަށް މަދު ކުދިބަޔަކު އުޅުނެވެ. ބައެއް ކުދިން އުނދޯލި ހެއްލަން ތިބިއިރު ކޮންމެވެސް އެހެން ކުއްޖަކު މަންމަގެ އެހީގައި ސްލައިޑަށް އަރަން މަސައްކަތް ކުރަމުން ދިޔައެވެ.

އަހަރެން ހަނދާންވޭ ކުޑައިރު އެއްދުވަހު މި ޕާކަށް އައިސް ސްލައިޑަށް އަރަން ނުކެރިގެން އުޅުނު ހަނދާން.” ނަޞްރާ ހިނިތުންވުމެއްގައި އިނދެ ބުނެލިއެވެ. ޔޫނުސް އެ ވާހަކަ އަޑުއަހާފައި ހީލަމުން ކުރިމައްޗަށް ބަލާލިއެވެ.

އަހަރެން ވެސް ކުރީގަ މިރަށުގަ އުޅުނުއިރު ކޮންމެ ދުވަހަކު މި ޕާކަށް އައިސް ހެދިން.” ޔޫނުސް ބުނެލިއެވެ. އެއާއެކު ނަޞްރާއަށް ޔޫނުސްއާއި ދިމާލަށް ބަލާލެވުނެވެ.

ކުރީގަ އުޅުނީ މި ރަށުގަތަ؟ އެހެންވެދޯ އަހަންނަށް ކުރިން ޔޫނުސް ނުފެނުނީ……ކީއްވެ އެ ރަށަށް ބަދަލުވީ؟” ނަޞްރާ ޝައުޤުވެރިވެފައި އަހާލިއެވެ. އެ ސުވާލު އިވިފައި ޔޫނުސްގެ ހިނިތުންވުން ފަނޑުވިއެވެ. އޭނައަށް މި ދެކެވުނީ ކޮން ވާހަކައެއްކަން އޭނައަށް އެނގުންވީ އެ ވަގުތެވެ. ޔޫނުސް ޖަވާބެއްނުދީ މޫނު އަނބުރާލިއެވެ. ނަޞްރާއަށް އޭނައަށް ބުނެވުނު އެއްޗަކާމެދު ހިތާމަކުރެވުނެވެ. އެދެމެދަށް ހިމޭންކަން ވެރިވުމުން ޔޫނުސް ދެރަވިއެވެ. އޭނަ ނަޞްރާއާއި އާ ވާހަކައެއް ދައްކަން ބޭނުންވިއެވެ. ނަމަވެސް ހަމަ އެ ވަގުތު ނިކަން ދުރުން ކޮންމެވެސް އެއް ދުރު ތަނެއްގައި ހުރި ލައުޑް ސްޕީކަރަކުން ނަވާޒް އެކި ޕޯޑިއަމްތަކުގައި ދައްކާފައި ހުރި ވާހަކަތައް އިވެން ފެށިއެވެ. ނަވާޒްގެ އަޑު އިވުމުން ޔޫނުސްގެ މޫޑު އިތުރަށް ޚަރާބުވިއެވެ. އޭނަ ކޮޅަށް ތެދުވިއެވެ. އަދި ނަޞްރާގާތު އައުމަށް އެދެމުން ގޮސް ސައިކަލަށް އެރިއެވެ. ގެއަށް ދިޔަ މަގުމަތީގައި ޔޫނުސް ހުރީ މިއަދު ކަންތައް ވީ ގޮތާއިމެދު ހިތްހަމަ ނުޖެހިފައެވެ. އޭނަ ބޭނުންވި ވަރަކަށް ނަޞްރާއާއި ކައިރިއެއް ނުވެވުނެވެ. ނަޞްރާއާއި އޭނައާއި ދެމެދު ގާތް ގުޅުމެއް އުފެދޭނީ އޭނައާއި ނަޞްރާގެ ދެމެދުގައިވާ ހުރިހާ ސިއްރެއް ނެތި ދިޔުމުން ކަމަށް ޔޫނުސްގެ ހިތް ބުންޏެވެ.

**

ނަޞްރާ އާދެބަލަ.” ކިޔަވާ މޭޒުދޮށުގައި އިން ނަޞްރާއަށް އޭނަގެ ލެޕްޓޮޕުން ނަޒަރު ވަކިކޮށްލެވުނީ ކޮޓަރިއަށް ވަދެގެން އައި ޔޫނުސްގެ އަޑަށެވެ. ނަޞްރާ ބަލާލިއިރު ޔޫނުސް ގޮސް އެނދުމަތީގައި އިށީނދެ އޭނަ ގާތު އައުމަށް އެއްއަތުން ޢިޝާރާތް ކުރިއެވެ. އޭނަގެ އަނެއްއަތުގައި ފޮޓޯ އަލްބަމެއް އޮތެވެ. ނަޞްރާ ދެ ބުމަ ކައިރިކޮށްލަމުން ލެޕްޓޮޕް ލައްޕައި ތެދުވެގެން ގޮސް ޔޫނުސްގެ ކައިރީގައި އެނދުމަތީގައި އިށީނެވެ. ޔޫނުސް އޭނަގެ އަތުގައި އޮތް ފޮޓޯ އަލްބަމް ހުޅުވާލިއެވެ. ފުރަތަމަ ޞަފްޙާއިން ވެސް ފެނިގެން ދިޔައީ އަންހެނަކާއި ފިރިހެނަކު ކުޑަ ފިރިހެން ކުއްޖަކު ކުރިމަތީގައި ބަހައްޓައިގެން ހުއްޓިތިބި ފޮޓޯއެކެވެ. އެންމެން ހިނިތުންވުންތަކެއްގައި ތިބިތަން ނަޞްރާއަށް ފެންނަމުން ދިޔައީ އެކޮޅުކޮޅުންނެވެ. ޔޫނުސް އެ ފޮޓޯ އަލްބަމުން ނަގައި ރަނގަޅު ކޮޅުން ނަޞްރާގެ އަތަށް ދިއްކޮލިއެވެ.

މަންމައާއި ބައްޕައާއި އަހަރެން.” ނަޞްރާ ފޮޓޯގައި ހިފާލި ވަގުތު ޔޫނުސް ބުނެލިއެވެ. ނަޞްރާ ޔޫނުސްއަށް ބަލާފައި އެ ފޮޓޯއަށް ރަނގަޅަށް ބަލާލިއެވެ. ޔޫނުސްގެ ކަނާތް ފަރާތުގައި ހުރީ ހަރުވާޅު ހެދުމަކާއެކު ބުރުގާ އަޅައިގެން ހިތްހެޔޮ ހިނިތުންވުމެއްގައި ހުރި އަންހެނެކެވެ. ޔޫނުސްގެ ވާތް ފަރާތުގައި ހުރި މީހާއަށް ބަލަން އުޅުނު ވަގުތު ޔޫނުސް ވާހަކަ ދެއްކިއެވެ.

ނަވާޒްއަކީ އަހަރެންގެ ބައްޕަ.” ޔޫނުސް ސީރިއަސް ނަޒަރެއްގައި އިނދެ ބުނެލިއެވެ. ނަޞްރާ ބޮޑުވެގެން ދިޔަ ދެލޮލާއިއެކީ ޔޫނުސްއަށް ބަލާލިއެވެ. އޭނައަށް ކުރީގައި ވެސް އެހެން ހީވެފައި އޮތެއްކަމަކު ޔޫނުސް ބުނުމުން އޭނައަށް ހީވީ އެއީ އާ ޚަބަރެއް ހެންނެވެ. ނަޞްރާ ބަލަހައްޓައިގެން އިންނަން ފެށުމުން ޔޫނުސް އެއްވެސް އަސަރެއްނެތް ގޮތަކަށް ހީލިއެވެ.

ކީއްވެހޭދޯ ބައްޕައާއެކީ ނުއުޅެނީ؟ ކީއްވެހޭދޯ ބައްޕަ ކައިވެނި ޕާޓީއަށް ނުގެނައީ؟ ކީއްވެހޭދޯ ބައްޕައަށް ރުޅި އަންނަނީ؟ އެ ހުރިހާ ސުވާލަކަށް އަހަރެން ޖަވާބުދޭން ބޭނުން.” ޔޫނުސް ތިރި ބަލަން އިނދެ ބުނެލިއެވެ. އެވާހަކަ އިވިފައި ނަޞްރާގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ. ޔޫނުސް ދައްކާނެ ވާހަކައަކަށް އޭނަގެ ހުރިހާ ސަމާލުކަމެއް ދެވުނެވެ.

މަންމައަކީ ބައްޕައާއި އިނުމުގެ ކުރިން މި ގޭގައި ވަރަށް އެކަނިވެރިކޮށް އުޅުނު އަންހެނެއްކަމަށް އަހަރެން އަޑުއަހަމުން އައީ. ބައްޕައާއި އިނުމަށްފަހު ބައްޕަ މަންމަ ގޮވައިގެން ބައްޕަގެ ރަށަށް ގެންދިޔައީ. ބައްޕަ މަސައްކަތް ކުރަމުން ދިޔައީ ރިސޯޓެއްގަ. އުފަލުގަ އުޅެވޭވަރަށް ފައިސާ ލިބޭ. އަހަރެން ކުޅޭ އެއްޗެއް ބޭނުންވާއިރަށް ބައްޕަ ހޯދައިދޭނެ. އަހަރެން ތަނަކަށްދާން ބޭނުންވާއިރަށް ބައްޕަ ފޮނުވާނެ. މިކަމާހެދި މަންމަ މޫނު ހަދާފަ އަތް ހޫރާފަ އެތަކެއްޗެއް ގޮވާނެ. މަންމައަށް ވާހަކަ ނުދެއްކޭ. އެހެންވެ އަހަރެން މަންމަދެކެ ވަރަށް ފޫހިވޭ. އޭރު އަހަރެންގެ ނަޒަރުގަ މަންމައަކީ ވަރަށް ކަޓު މީހެއް. އެހެންވެ ބައްޕައާއެކީގަ އަހަރެން އަބަދުވެސް ތަންތަނަށްދާން ބޭނުންވާނީ…….ކޮންމެއަކަސް އަހަންނަށް 17 އަހަރު ފުރެންދެން ޢާއިލާ ތެރޭގަ މާ ބޮޑު މައްސަލައެއް ނުޖެހި ދިޔައީ. އެކަމަކު 17 އަހަރު ފުރުމަށްފަހު އަހަރެންގެ މުޅި ޙަޔާތް އެފުށްމިފުށަށް ޖެހިގެން ދިޔައީ.” ޔޫނުސް ކިޔައިދިނެވެ. ނަޞްރާ ޝައުޤުވެރިކަމާއެކީ އަޑުއަހަމުން ދިޔައިރު ޔޫނުސް އިނީ އެއްދިމާލަކަށް ނަޒަރު ހުއްޓައިގެންނެވެ.

** 8 އަހަރު ކުރިން **

ޔޫނުސްއާއި އޭނަގެ ދެ އެކުވެރިން ހެމުން ސަމާސާކުރަމުން ދިޔައީ ގެއާއި ދިމާލަށެވެ. ވަގުތަކީ އިރުއޮއްސެމުން ދިޔަ ވަގުތަށްވުމުން އަނދިރިކަން ވެރިވަމުން ދިޔައެވެ. ތިން ޒުވާނުންވެސް ރަތްކުލައިގެ ޖޯޒީއެއްގައި ތިބިއިރު ތިން މީހުން ފައިން ބޯޅަ ޖަހަން ޖަހަމުން ކުރިއަށް ހިނގަމުން ދިޔައެވެ. މަގުގެ ވަކި ހިސާބަކުން ގޯޅިއަކަށް އެޅުމުން އަންހެން ކުދި ބަޔަކު ހިނގާފައި އަންނަމުން ދިޔަތަން ފެނިފައި ޔޫނުސް އޭނަގެ ކައިރީގައި އޮތް ކުއްޖާ އަތުގައި އޮތް ބޯޅަ ޖަހައިގަތެވެ. އެއަށްފަހު ބޯޅަ ކުޅުމަށްޓަކައި އޭނަ ދަސްކޮށްފައިވާ އެކި އުކުޅުތައް ދައްކަން ފެށިއެވެ. ޔޫނުސްގެ ޙަރަކާތްތައް ފެނިފައި މަގުގެ އަނެއްފަރާތުން އަނެއްކޮޅަށް ހިނގަމުން ދިޔަ އަންހެން ކުދިންގެ ފިޔަވަޅުތައް ލަސްވިއެވެ. ޔޫނުސްއަށް އެކަން ފާހަގަވުމުން އޭނައަށް އިތުރު ހިތްވަރެއް ލިބުނެވެ. ޔޫނުސް އޭނަގެ އެންމެ މޮޅު އުކުޅު ދައްކާލުމަށްޓައި ބޯޅަ ދެއަތުން މައްޗަށް އެއްލާލިއެވެ. އަދި އޭތި ބޮލުން ޖެހުމަށްޓަކައި މައްޗަށް ބަލައިގެން ހުއްޓެވެ. އެވަގުތު އެ އަންހެން ކުދިންގެ ތެރެއިން ކުއްޖަކު ވާވްއޭ ކިޔާލި އަޑަށް ޔޫނުސްގެ ސަމާލުކަން އެ ދިމާލަށްދާން އުޅުނެވެ. ނަމަވެސް ހަމަ އެވަގުތު މަތިން ބޯޅަ އައިސް ޔޫނުސްގެ ނޭފަތްމަތީގައި ބާރަށް ޖެހުނެވެ.

އާއު..އާއުޗް.” ބިންމަތީގައި ބޯޅަ ޖެހުނު ވަގުތު ޔޫނުސް އޭނަގެ ނޭފަތްމަތީގައި އެއްއަތް އަޅާލިއެވެ. އެ މަންޒަރު ކައިރީގައި ހުރި ޔޫނުސްގެ ގޭގެ ދޮރުމައްޗަށް އެރި އޭނަގެ މަންމަ ޝަހީމާއަށް ފެނުނެވެ.

ޑޫޑް ކިހިނެއް ތި ހެދީ؟ އޯކޭތަ؟” ޔޫނުސްގެ އެކުވެރިޔަކު އޭނަގެ ދެކޮނޑުގައި ހިފަހައްޓާލަމުން ބުނެލިއެވެ. އޭނަގެ އަނެއް އެކުވެރިޔާ ވެސް ކައިރިއަށް ޖެހިލިއެވެ. ޔޫނުސް އޭނަގެ ނޭފަތަށް ދެ އިނގިލި ކުޑަކޮށް ކޮއްޕާލަމުން އިނގިލިތަކަށް ބަލާލިއިރު ނަސީބަކުން ލެއެއްނެތެވެ.

އަހަރެން ރަނގަޅު. އައިމް ފައިން!” ޔޫނުސް ދުރުގައި ތިބި އަންހެން ކުދިންނަށް އިވޭނެވަރަށް ބުނެލިއެވެ. އަދި ނޭފަތަށް ތަދުނުވާކަމަށް ހަދައި ބިންމަތީގައި އޮތް ބޯޅަ ނަގައި އުރުގައި ޖެހީ އޭނަ ގަދަކަމަށް ދެއްކުމަށްޓަކައެވެ. ނަމަވެސް އޭނަ މޫނުމަތީގެ ކުލަވަރު އޮއްސުނީ އޭނައާއި ދިމާލަށް ކަންބޮޑުވެފައި ހުރި އޭނަގެ މަންމަ އަންނަތަން ފެނުމުންނެވެ. ޔޫނުސްއަށް ކަޅި މައްޗަށް ހިންގަމުން އޭނަގެ މޫނުމަތީގައި އެއްއަތް އަޅާލެވުނެވެ.

ޝަހީމާ އައިސް ޔޫނުސްގެ މޫނުގައި ދެއަތުން ހިފައި މޫނުގައި އެއްކޮއް ފިރުމަން ފެށިއެވެ. އެ ތަން ފެނިފައި ދުރުގައި ތިބި އަންހެން ކުދިން މަޑުމަޑުން ހޭންފެށި އަޑަށް ޔޫނުސް ގަތް ލަދާއެކީ އޭނަ ރުޅިވެސްއައެވެ.

މަންމާ އައިމް ފައިން!” ޔޫނުސް ހަރުއަޑުން އެހެން ބުނެލަމުން ޝަހީމާގެ ދެއަތް ފޮޅުވާލިއެވެ. އަދި ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު މޫޑު ޚަރާބުވެފައިހުރެ އެކުވެރިންނަކަށް ވެސް ބެލުމެއްނެތި ގެއާއި ދިމާލަށް ހިނގައިގަތެވެ. ޝަހީމާ ޔޫނުސް ދިޔަ ދިމާލަށް ބަލަން ހުރެފައި އަނެއްކާވެސް ޔޫނުސްގެ ފަހަތުން ދިޔައެވެ.

ޔޫނުސް ގެއަށްވަދެ ގޭގެ ބާރަށް ދޮރު ލައްޕާލަމުން ގޮސް ސިޓިންގް ރޫމުގެ މެދުގައި މަޑުކޮށްލިއެވެ. އޭނަ ދެންމެ ކަންތައް ވީގޮތް ހަނދާންވެފައި އަނެއްކާވެސް ލަދުގަތެވެ. ގޭގެ ދޮރު ހުޅުވުނު އަޑަށް ޔޫނުސް އެ ދިމާލަށް ބަލާލިއެވެ. ޝަހީމާ ގެއަށްވަދެ ދޮރު ލައްޕާލިތަން ފެނިފައި ވީ ފޫއްސަކާއެކީ ޔޫނުސް މޫނު އަނބުރާލިއެވެ. ޝަހީމާ ޔޫނުސްގެ ކުރިމައްޗަށް ގޮސް އޭނަގެ ކޮނޑުގައި ހިފަހައްޓާލަން އުޅުމުން ޔޫނުސް ދުރުވެލިއެވެ.

މަންމާ ޕްލީޒް! އަހަރެން މިއީ ކުޑަކުއްޖެއްނޫން. ހިތްހަމަ ޖެހިއްޖެދޯ މިއަދު ވެސް އަހަރެން ލަދުގަންނަވާލެވުނީމަ؟ ގޯޑް! ހިތަށްއަރާ ތި ނޫން މަންމައެއް އަހަންނަށް ލިބުނުނަމައޭ.” ޔޫނުސް ބުމަގޮށްޖަހައިގެން ހުރެ ވާހަކަ ދެއްކިއިރު މުޅި ގޭގެ ތެރޭގައި އޭނަގެ އަޑު ގުގުމިއެވެ. ޝަހީމާ ހުއްޓުން އަރާފައި ޔޫނުސްއަށް ބަލަންހުރި އިރު އޭނަގެ ލޮލަށް ކަރުނަ ޖަމާވެފައިވިތަން ޔޫނުސްއަށް ފެނުނެވެ. ނަމަވެސް އެކަމަކުން ޔޫނުސްގެ ހިތަށް އަސަރެއް ކުރިހެނެއް ހިއެއްނުވެއެވެ. އޭނަ މޫނު އަނބުރާލަމުން ގޮސް އޭނަގެ ކޮޓަރިއަށްވަދެ ބާރަށް ދޮރު ލައްޕާލިއެވެ. އެވަގުތު ހުރިތާހުރި ޝަހީމާ ސިހިގެން ދިޔައެވެ.

މިއީ ކޮންމެ ދުވަހެއްގެ ވެސް އާދައެވެ. ޔޫނުސް ގެއަށް އައިއްސިއްޔާ އޭނައަށް އަބަދުވެސް ހުރެވޭނީ ނުރުހުންވެފައެވެ. ޔޫނުސް ބުނެލާ ބަސްތަކެއްގެ ސަބަބުން ޝަހީމާއަށް ނުރޮވޭ ދުވަހެއް މަދެވެ. ނަމަވެސް އެއިން ވެސް ޔޫނުސްގެ ރުޅި އިތުރުވުން ނޫންކަމެއް ނުވެއެވެ. ޔޫނުސްއަށް އޭނަގެ މަންމަ އެއްގޮތަކަށް ވެސް ކަމަކު ނުދެއެވެ. އޭނައަށް ކަމުދަނީ އޭނަގެ ބައްޕައެވެ. ބައްޕަ އޭނަ އެންމެން ކުރިމަތީގައި ލަދުގަންނަވައެއް ނުލާތީވެއެވެ. ބައްޕަ އޭނަ ކުޑަކުއްޖެއްހެން ނުގެންގުޅޭތީވެއެވެ.

އެރޭވެސް ނަވާޒް ރިސޯޓުން ގެއަށް އައިތަނާހެން ޔޫނުސް ގޮސް ނަވާޒްގެ ގައިގައި ބައްދާލިއެވެ. ނަވާޒް ގެނައި ހަދިޔާތައް ފެނުމުން ޔޫނުސް ބައްޕަދެކެ އިތުރަށް ލޯބިވިއެވެ. ޝަހީމާ އެ ދެބަފައިން އެކީގައި ތިބިތަން ދުރުގައި ބަލަން ހުއްޓެވެ.

އެރޭ ކާ މޭޒުމައްޗަށް ކާން އެރުވުމަށްފަހު ޝަހީމާ އޭނަގެ އަމިއްލަ ބަހުރުވައިން ޔޫނުސްގާތު ބައްޕަ ގޮވައިގެން އައުމަށް ބުންޏެވެ. ޔޫނުސް މަންމައަށް މާ ބޮޑު ފަރުވާލެއްނުދީ ބައްޕަމެންގެ ކޮޓަރިއަށް ދިޔައެވެ. އެ ކޮޓަރިއާއި ހަމައަށް ދިޔައިރު ކޮޓަރީގެ ދޮރު ހުރީ ކުޑަކޮށް ހުޅުވިފައެވެ. ޔޫނުސް ދޮރުގައި އަތްއަޅައި ރަނގަޅަށް ހުޅުވާލަން އުޅުނު ވަގުތު ބައްޕަ ވާހަކަ ދެއްކި އަޑުއިވުނެވެ.

ކައިވެނި ކުރަންވީއޭ؟” ނަވާޒްގެ އަޑު އިވިފައި ޔޫނުސް ހުއްޓުން އެރިއެވެ. އޭނަ ދޮރުގެ ދޭތެރެއިން ހުރި ހަނި ދާއިރާއަކަށް ނަޒަރު ހުއްޓައިގެން ހުރި އިރު ނަވާޒް އޭނައަށް ފުރަގަސްދީގެން ފޯނު ކަންފަތުގައި ޖައްސައިގެން ހުރިތަން ފެންނަމުން ދިޔައެވެ.

ޝަހީމާ ވަރިކޮށްފަ؟” ހިމޭންކަމުގެ ވަގުތު ކޮޅަކަށްފަހު ނަވާޒް އިވޭ ނުއިވޭ އަޑަކުން ބުނެލި ވާހަކައިން ޔޫނުސްގެ ދެލޯ ބޮޑުވިއެވެ

Comments

Popular posts from this blog

Arabic Pronouns (dhameer)

Harf of Nasb (English + Dhivehi)

Mudhaaf-mudhaaf ilaihi and pronouns (English lesson)