Hijra (part 14)
ޔޫނުސްވެސް އޭނައާ އެކުވެރިވާން މަސައްކަތް ކުރާކަން
މިއަދު އޭނަގެ ފަރާތުން ފެނުނު ޢަމަލުތަކުން އެނގެއެވެ. ޔޫނުސް އޭނައާއި ދިމަލަށް
އަޅާ ކޮންމެ ފިޔަވަޅަކަށް ޔޫނުސްއާއި ދިމާލަށް އޭނަވެސް ފިޔަވަޅެއް އެޅުމަށް
ނަޞްރާ އަމިއްލަ ނަފްސާއި ވަޢުދުވިއެވެ.
އޭގެ އަނެއްދުވަހު ނަޞްރާ ސްކޫލްގެ ސްޓާފް ރޫމްގައި ހުއްޓާ
އޭނައަށް އަފްރާޒްގެ މެސެޖެއްއައެވެ. އެ މެސެޖުގައި އޮތީ އަފްރާޒްމެން މިއަންނަ
ބުރާސްފަތި ދުވަހު ފުރާ ވާހަކައެވެ. މެސެޖު ކިޔާފައި ނަޞްރާ ހިސާބަކަށް
ކަންބޮޑުވިއެވެ. ސަދަފް ދިޔުމުން އެގޭގައި ކައްކައި ހަދާނެ މީހަކު
ނުހުންނާނެތީވެއެވެ. އަފްރީންއަށް ބަދިގޭގެ ގިނަ ކަންތައްތައް ކުރަން އެނގުނަސް
އަފްރީންގެ އިމްތިޙާން މިހާ ގާތްވެފައި އޮތްވާ އޭނައަށް ބުރަވާކަށް ނަޞްރާ
ނޭދުނެވެ. އޭނަ މި ވާހަކަތައް އަފްރާޒްގާތު ބުނަން އުޅުނެއްކަމަކު އަފްރާޒްއަށް
ވެސް ދަތިކުރާކަށް ނަޞްރާ ބޭނުމެއް ނުވިއެވެ. އެންމެފަހުން ނަޞްރާ ނިންމީ ޔޫނުސްއާ
މިވާހަކަ ދައްކައިގެން ގޮތެއް ނިންމުމަށެވެ. ޔޫނުސްގެ ގޭގައި ކައްކައިގެން ވެސް
އޭނައަށް ބައްޕަމެންނަށް ކާންދޭން ކޮންމެ ދުވަހަކު ދެވިދާނެއެއްނޫންހޭ ނަޞްރާގެ
ހިތަށްއެރިއެވެ. އޭނައަށް ކިތަންމެ އުދަގޫ ވިޔަސް ހެވެއެވެ. އަފްރީންގެ އިމްތިޙާން
ނިމެންދެން އެގޮތަށް ކަންތައް ކުރެވިދާނެއެވެ.
އެދުވަހު ގެއަށް ގޮސް ނަޞްރާ ޔޫނުސްގާތު އެވާހަކަތައް
ދެއްކިއެވެ. ޔޫނުސް އެންމެ ފުރަތަމަ ދިން ޚިޔާލަކީ ދެމީހުން ދުވަސްކޮޅަކަށް
ޝަރީފްގެ ގެއަށް ބަދަލުވުމަށެވެ. ނަޞްރާ އެއަށް އެއްބަސްވާން އުޅުނެއްކަމަކު
އެހެން ހެދުމުން ޔޫނުސްގެ ގެ ފަޅުވާނެކަން ނަޞްރާއަށް އެނގުންވިއެވެ. އޭނަ
ޔޫނުސްގާތު އެ ވާހަކަ ބުންޏެވެ. ޔޫނުސް އިރުކޮޅަކު ވިސްނުމަށްފަހު އެގެއިން
ނުދިއުމަށް ނިންމީ ވަކި އެ ގެ ފަޅަށް ހުންނާނެތީވެއެއްނޫނެވެ. އެގެއިން ދިޔުމުން
އޭނައަށް ނަޞްރާއާއެކީ ވަކިން ވަގުތު ހޭދަކުރުމުގެ ފުރުޞަތު ހަނިވެގެން
ދާނެތީވެއެވެ. ނަޞްރާއާއި ޔޫނުސްގެ މަޝްވަރާ އެންމެ ފަހަކަށް ނިމުނީ އެ ދެމީހުން
ވެސް ދޭތެރެދޭތެރެއިން ނަޞްރާމެންގެ ގެއަށް ގޮސް ޝަރީފާއި އަފްރީން އެއްޗެއް
ބޭނުންވޭތޯ ބަލައި އެމީހުންނަށް އެ އެއްޗެއް ފޯރުކޮށްދިނުމަށެވެ.
އެރޭ ނަޞްރާއާއި ޔޫނުސް އެކީގައި ޝަރީފްމެންގެ ގެއަށް
ދިޔައެވެ. އަފްރާޒް އެންމެ ފުރަތަމަ ވެސް ލާނެތް ހިނިތުންވުމެއްގައި ހުރެ ނަޞްރާ
ދިޔަފަހުން ނުވެސް ގުޅާކަން ފާހަގަ ކުރިއެވެ. ނަޞްރާ ވެސް ދެރަ ނުވުމަށްޓަކައި
ބައްޕާއާއި ދޮންބެ ނުގުޅާ ވާހަކަ ބުންޏެވެ. ޝަރީފްމެން ބުނީ އެމީހުން ނަޞްރާމެނަށް
އުދަގޫކުރަން ނޭދޭތީ ނުގުޅަނީ ކަމަށެވެ. ދެކެވެމުން ދިޔަ އެކިއެކި ވާހަކަތަކުގެ
ތެރެއިން އަފްރާޒް އެގެއަށް ބިދޭސީ މީހަކު ގެންނަން އުޅޭ ވާހަކަ ބުންޏެވެ.
އަފްރާޒްމެން ދިޔުމުން ގޭތެރޭގެ އެކިއެކި މަސައްކަތްތައް ކުރުމަށެވެ. ނަޞްރާއާއި
ޔޫނުސްއަށް އެކުއެކީގައި އެކަމަށް އިންކާރު ކުރެވުނެވެ. އަފްރާޒް އާއި ޝަރީފްގެ
މޫނުމަތިން ޙައިރާންކަމެއް ފެނުމުން ޔޫނުސް، އޭނައާއި ނަޞްރާވެގެން ރާވާފައިވާ
ގޮތް ކިޔައިދިނެވެ. އަފްރާޒް ވަގުތުން އެ ގޮތް ކަމުނުދާނެކަމަށް އެންގިއެވެ.
ނަޞްރާ އަފްރާޒްގެ ވާހަކަ މެދުކަނޑާލިއެވެ. އަދި ބިދޭސީ މީހަކު ގެނަޔަސް އެ މީހަކު
އެގެއަށް ހޭނުމަށްޓަކައި އޭނަ އަންނަންޖެހޭނެ ވާހަކަ ބުންޏެވެ. އެ މީހުން ތިއްބާ
ވަކި ބިދޭސީ މީހަކު ގެންނަނީ ކީއްކުރަންތޯ ޔޫނުސް ސުވާލުކުރިއެވެ. ދެންވެސް
އަފްރާޒް އެމީހުންގެ ވާހަކަ އަޑު އަހާކަށް ނުއުޅުނެވެ. ނަމަވެސް ޔޫނުސްއާއި ނަޞްރާ
ދެއްކި އެކިއެކި ވާހަކަތަކަށްފަހު އަފްރާޒް އެންމެ ފަހަކަށް ބަލި ޤަބޫލު ކުރިއެވެ.
ޝަރީފްމެންނާއި ވާހަކަ ދެއްކުމަށްފަހު ނަޞްރާ ބޭނުންވީ
ސަދަފްއާއި އަފްރީންއާ ބައްދަލު ކުރާށެވެ. އަފްރާޒް ބުނިގޮތުން ސަދަފްވީ އާޒް ނިންދަވާށެވެ.
އަފްރީންވީ އޭނަގެ ކޮޓަރީގައެވެ. ނަޞްރާ ގޮސް އަފްރީންގެ ކޮޓަރީގެ ދޮރު ހުޅުވާލަން
އުޅުނެވެ. އެ ދޮރު ތަޅުލެވިފައިވުމުން ނަޞްރާގެ ނިތަށް ރޫގިނަވިއެވެ. ކޮޓަރީގެ
އެތެރެއިން އަފްރީން ވާހަކައެއް ދެއްކި އަޑު އިވުމުން ނަޞްރާ އިތުރަށް
ޙައިރާންވިއެވެ. ނަޞްރާ ކޮޓަރީގެ ދޮރުގައި މަޑުމަޑުން ޓަކިޖަހާލިއެވެ. އޭގެ
އިރުކޮޅެއްފަހުން އަފްރީން ކޮޓަރީގެ ދޮރު ހުޅުވާލިއެވެ. ނަޞްރާ ފެނުމާއެކު
އުޖާލާވި މޫނަކާއެކީ ދޮންތާއޭ ކިޔައި ގޮވާލަމުން ނަޞްރާގެ ގައިގައި
ބައްދާލައިފިއެވެ. އޭރު އަފްރީންގެ އަތުގައި އޭނަގެ ފޯނު އޮތްކަން ނަޞްރާއަށް
އެނގުނެވެ. އަފްރީން އޭނަގެ ގައިން ދޫކޮށްލުމުން އަފްރީން ދެންމެ ވާހަކަ ދެއްކީ
ކާކާތޯ ނަޞްރާ ސުވާލުކުރިއެވެ. އެވަގުތު އަފްރީންގެ ހިނިތުންވުން ހިސާބަކަށް
ފަނޑުވިއެވެ. އެ މޫނުމައްޗަށް ނުތަނަވަސްކަމެއް ވެރިވިއެވެ. އެކަން ނަޞްރާއަށް
ވަރަށް ރަނގަޅަށް އެނގުނެވެ. އަފްރީން އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް
ފަތުރާލަމުން އެއީ ނައުފާ ކަމުގައި ބުނެލިއެވެ. އަފްރީން އެހެދީ ދޮގެއްކަން
ނަޞްރާއަށް ޔަޤީން ކުރެވުނެއްކަމަކު ނަޞްރާ އެވަގުތު އަފްރީންއަށް ނަޞޭޙަތް ދޭކަށް
ނުއުޅުނެވެ. މި ވަގުތު ނަޞޭޙަތް ދިނަސް އަފްރީން އަޑެއް ނާހާނެކަން އެނގޭތީވެއެވެ.
އޭނަ ޖެހޭނީ އަފްރީން ނަޞޭޙަތެއް އަޑު އަހާނެ ވަގުތެއް ހޯދާށެވެ. އެކަމަށްޓަކައި
އޭނަ އަފްރީންއާއެކީ ގިނަ ވަގުތު ހޭދަކުރުން މުހިއްމެވެ. އޭނަ ކޮންމެ ދުވަހަކު
އެގެއަށް އައުމަށް ނިންމި ނިންމުމާމެދު ހިތާހިތުން ޙަމްދުކުރެވުނެވެ.
އެ ހަފްތާ ނިމިދިޔައީ އެއްވެސް އާ ކަމެއް ނުހިނގައެވެ.
އަފްރީން އޭނަގެ ލޯބީގެ ސިލްސިލާ އެންމެނަށް ފޮރުވައިގެން ކުރިއަށް ގެންދަމުން
ދިޔައިރު ނަޞްރާއާއި ޔޫނުސް އެމީހުންގެ ލޯބީގެ ވާހަކައިގެ އާ ބާބެއް ފެށޭތޯ
މަސައްކަތް ކުރަމުން ދިޔައެވެ. އެ ދެމީހުންގެ ވަޒީފާތަކާހެދި ނޫންނަމަ މިއަދު އެ
ދެމެދުގައި މިއަށްވުރެ ގާތް ގުޅުމެއް އޮންނާނެ ކަމަށް ދެމީހުންނަށް ވެސް ޤަބޫލު
ކުރެވެއެވެ. އެހެންކަމުން ޔޫނުސް ބުރާސްފަތި ދުވަހު އޮފީހުން ގެއަށް އައީ ހުކުރު
އަދި ހޮނިހިރު ދުވަހު ތަނެއްގައި ކަމެއް ދިމާވިޔަސް އޭނައަށް ނުގުޅުމަށް އަންގާފައެވެ.
ނަޞްރާ އެދުވަހު ގެއަށް އައިސް ދެން އޮތް ހަފްތާއަށްޓަކައި ކުރަންޖެހޭ
މަސައްކަތުގެ ބޮޑުބައެއް ނިމޭތޯ ބެލިއެވެ. ދެ މީހުން ވެސް ޗުއްޓީ ނަގަން
ޚިޔާލުކޮށްފައި ވެސް ނުނެގީ އަދި ޗުއްޓީ ނަގަން ނުވާކަމަށް ދެކިގެންނެވެ.
ބުރާސްފަތި ދުވަހުގެ ރޭ އަފްރާޒްމެން ފުރުވަން ނަޞްރާއާއި
ޔޫނުސްވެސް ދިޔައެވެ. އޭގެ އަނެއްދުވަހުގެ ހެނދުނުގެ ނާސްތާ ތައްޔާރުކުރުމަށްފަހު
ނަޞްރާ ބައްޕައާއި އަފްރީންއަށް ވާވަރަށް އެއްޗެހި ހިފައިގެން އެގެއަށް ދިޔައެވެ.
އަދި ބައްޕައަށާއި އަފްރީންއަށް ނާސްތާ ކުރެވެންދެން ނަޞްރާ ސުފުރާ ދޮށުގައި
އިނެވެ. އޭނަ ސުފުރާ ދޮށުގައި ސައި ނުބުއީ ގެއަށް ގޮސް ޔޫނުސްއާއެކީ
ސައިބޯންވެގެންނެވެ. ގެއަށް ގޮސް އަދި ހެދުންވެސް ދޮންނަންވާނެއޭ ނަޞްރާގެ
ހިތަށްއެރިއެވެ. ނަމަވެސް އޭނަ ގެއަށް ދިޔައިރު ދާ ވަށިގަނޑު ހުރި ތަނުގައި
އެއެއްނެތެވެ. ނަޞްރާ ޙައިރާންވެހުރެ ޔޫނުސް ކޮބައިތޯ ހޯދިއެވެ. އޭނަ ބަލާލިއިރު
ޔޫނުސް ހުރީ ގޭގެ ބިއްދޮށުގައި ގެއާއި ގުޅުވައިގެން ހަދާފަ ހުރި ތަނެއްގައެވެ.
އެތާނގައިހުރި ދޮންނަ މެޝިން ޖައްސާފައިވީއިރު ޔޫނުސް އޭގެ ތެރެއަށް
ބަލަހައްޓައިގެން ހުއްޓެވެ. ޔޫނުސްގެ ފައިކަރީގައި ހުރި ދާވަށިގަނޑު ހުއްސަށް
ހުރިތަން ފެނިފައި ނަޞްރާއަށް ހިނިތުންވުމަކާއެކީ އިސްޖަހާލެވުނެވެ. ޔޫނުސް އޭނަގެ
ހެދުންތައް ވެސް ދޮންނަނީކަން ޔަޤީންވުމުންނެވެ. ނަޞްރާ އިސްއުފުލާލި ވަގުތަކީ
ޔޫނުސް ފަސްއެނބުރި ބަލާލި ވަގުތެވެ. ނަޞްރާ ފެނިފައި ޔޫނުސް ސިހުންވިއެވެ. އެކަން
ފާހަގަވުމުން ނަޞްރާއަށް ހީލެވުނެވެ. ޔޫނުސް ވެސް ލަދުން ކަހަލަ ގޮތަކަށް ހީލަމުން
ސައިބޯން ހިނގާށޭ ބުނެލިއެވެ.
ސައި ބުއިމަށްފަހު ނަޞްރާއާއި ޔޫނުސް ދެމީހުންވެގެން
ރޯނުގައި އަންނައުނު ހިއްކަން އެޅުވިއެވެ. އެއަށްފަހު ދެމީހުން ވެސް ކުރާނެ ކަމެއް
ނޭނގިފައި ސިޓިންގް ރޫމުގެ ސޯފާގައި އިށީނދެގެން ތިއްބެވެ. ދެމީހުން ވެސް ތިބީ
މިއަދު ވަޒީފާގެ އެއްވެސް މަސައްކަތެއް ނުކުރަން ހުވާކޮށްގެން ފަދައެވެ.
ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ޔޫނުސް ކުއްލިއަކަށް ތެދުވެގެން ގޮސް ސިޓިންގް
ރޫމުގެ ކަނެއްގައި ހުރި ކުޑަކުޑަ ތިރި ކަބަޑެއް ހުޅުވާލިއެވެ. ނަޞްރާ ބަލަބަލާ
އިންދާ ޔޫނުސް އޭގެތެރެއިން ނެގީ ޕްލޭއިސްޓޭޝަނެކެވެ. އަދި އޭތި ޓީވީއާ
ގުޅުވާލަމުން ނަޞްރާގެ އަތަށް ޖޯއިސްޓިކެއް ދިއްކޮއްލިއެވެ. އަދި ކުޅެން އެނގޭތޯ
ސުވާލުކުރިއެވެ. ނަޞްރާ ލުއި ހީލުމަކާއެކީ ބޯޖަހާލިއެވެ. ޔޫނުސް ވެސް މިކަހަލަ
ގޭމުތައް ކުޅެ އުޅޭހެއްޔޭ ނަޞްރާގެ ހިތަށްއެރިއެވެ. އޭނަ އެކަހަލަ ގޭމެއް ނުކުޅޭތާ
އެތައް ދުވަހެކެވެ. ނަޞްރާއަށް ނޭނގޭ ކަމަކީ ޔޫނުސް ވެސް ޕްލޭއިސްޓޭޝަނެއް
ނުދެކޭތާ އެތައް އަހަރެއް ވެފައިވި ކަމެވެ. ނަމަވެސް ނަޞްރާއާއެކީ ކުރާނެ ކަމެއް
ނެތިގެން ނުހުރުމަށްޓަކައި އޭނަ އޭތި ނެގީކަމެވެ. ދެމީހުން ދިގު ސޯފާގައި
ޖެހިޖެހިގެން ތިބެ ކާރު ދުއްވާ ގޭމެއް ކުޅެން ފެށީ ހަނުހިމޭންކަމުގައި
ކަމަށްވިޔަސް ވަކި ހިސާބަކުން ދެމީހުން ވެސް ފޯރިގަދަވިއެވެ. ކުރީކޮޅު ދެމީހުން
ވެސް ބޭނުންވީ އެކަކު އަނެކެއްގެ ކުރިއަށް އަރައިގެން ދާން ކަމަށްވިޔަސް ރޭހުގެ
ނިމުމާއި ކައިރިވީ ވަގުތު ޔޫނުސްއަށް ނަޞްރާއާއި ދިމާލަށް ބަލާލެވުނެވެ. ނަޞްރާ
މަޖާވެފައި ނުހަނު ބާރަށް ޖޯއިސްޓިކްގެ ބަޓަނަކަށް ފިތައިގެން ހުރިތަން ފެނިފައި
ޔޫނުސްއަށް ހީލެވުނެވެ. ނަޞްރާއަށް ބަލަހައްޓައިގެން ހުރެ ޔޫނުސްއަށް އޭނަގެ
އަމިއްލަ އަތުގައި އޮތް ޖޯއިސްޓިކަށް ދުލެއް ދެވުނެވެ. ހަމަ އެވަގުތު ނަޞްރާ ރޭސް
ކާމިޔާބުކޮށްލަމުން ކުޑަ ހަޅޭކަކާއެކު ޔޫނުސްއަށް ބަލާލިއެވެ. ޔޫނުސް ދާދި
ކައިރިން އޭނައަށް ބަލަހައްޓައިގެން ހުރިތަން ފެނިފައި ނަޞްރާގެ ހިނިތުންވުން ވަކި
ވަރަކަށް ފަނޑުވިއެވެ. ނަޞްރާއަށް އެއަށްފަހު އެހެން ދިމާލަކަށް ނަޒަރު ހިންގާކަށް
ނޭނގުނެވެ. ނަޞްރާއާއި ޔޫނުސް އެކަކު އަނެކަކަށް ބަލަހައްޓައިގެން ތިބޭތާ
ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވިއެވެ. ޔޫނުސް ނަޞްރާއާއި މަޑުމަޑުން ކައިރިވާހެން
ހީވި ވަގުތު ނަޞްރާއަށް އިސްޖަހާލެވުނެވެ. އޭނަ ކޮޅަށް ތެދުވެލީ ލަދުރަކި
ހިނިތުންވުމެއްގައި ހުރެއެވެ. ނަޞްރާ ތެދުވުމުން ޔޫނުސްގެ މޫނުމައްޗަށް ފުރަތަމަ
ވެރިވީ ޝަކުވާގެ އަސަރެކެވެ. ނަޞްރާ ފަސްއެނބުރި ޔޫނުސްއަށް ބަލާލިއިރު ނަޞްރާގެ
ރަތް މޫނު ފެނިފައި ޔޫނުސްއަށް ހިނިތުންވެލަމުން އިސްޖަހާލެވުނެވެ. ނަޞްރާ
އަނެއްކާވެސް ޔޫނުސްއަށް ފަސްދީފައި ދުރަށްދާން ހިނގައިގަތެވެ.
އެދުވަހު ޔޫނުސް ހުކުރުން ގެއަށް އައިއިރު ސިޓިންގް ރޫމުގެ
ޖައްސާލެވިފައިވާ ފަންކާގެ ދަށުގައި ޓައިލްސްމަތީގައި ނަޞްރާ އިނެވެ. ނަޞްރާގެ
ކައިރީގައި އެކި ކުލަކުލައިގެ ގަނޑުތައްވިއެވެ. ޔޫނުސް ޙައިރާންކަންމަތީ
ނަޞްރާއަށް ބަލަންހުރެ ދޮރު ލައްޕާލިއެވެ. އެއަޑަށް ނަޞްރާ އެދިމާލަށް ބަލާލިއެވެ.
“ޔޫނުސް އާދެބަލަ.” ނަޞްރާ ދޮރުކައިރީގައި ހުރި ޔޫނުސްއަށް
އަތުން ޢިޝާރާތްކުރަމުން ބުނެލިއެވެ. ޔޫނުސް ދެންވެސް މިވާގޮތެއް ނޭނގިފައިހުރެ
އާދައިގެ ހިނގުމެއްގައި ގޮސް ނަޞްރާގެ ކައިރީގައި މަޑުކޮށްލައިފިއެވެ. އެތާނގައި
ހުރީ ހަމައެކަނި ކުލަ ގަނޑުތަކެއް ނޫންކަން ޔޫނުސްއަށް އެނގުނީ ކައިރިއަށް
ދިޔުމުންނެވެ. ކަތުރުތަކާއި ބޮޑު ތެރަސް ފުޅިއަކާއި ދިގު ދަނޑިކޮޅުތައްވެސް
ހުއްޓެވެ.
“މަޑިއެއް ހަދަން މިއުޅެނީ. އެހީވެދެވިދާނެތަ؟” ނަޞްރާ
ހިނިތުންވުމަކާއެކީ ޔޫނުސްގެ މޫނު ފެންނާނެހެން މައްޗަށް ބަލައިގެން އިނދެ
ބުނެލިއެވެ. ޔޫނުސް ލުއިގޮތަކަށް ހީލިއެވެ. އަދި ދެފައި ވަށްކުރަމުން އިށީނެވެ.
“ނަޞްރާ މަޑި އަރުވާ ހިތްވަނީތަ؟” ޔޫނުސް އެތާއޮތް
ދަނޑިކޮޅެއް ނަގަމުން އަހާލިއެވެ.
“އާނ….އެކަމަކު އަސްލު މީތި ހަދަން ބޭނުންވަނީ އެއްދުވަހު
އަފްރީންގާތު ބޮޑު މަޑިއެއް ހަދާނީއޭ ބުނެވިފަ އޮތީތީ. ވަރަށް ބޮޑު އެއްޗެއް
ބޭނުމީ ހަދަން.” ނަޞްރާ އޭނަގެ ދެއަތް ވަކި ހިސާބަކަށް ދުރުކޮށްލަމުން ބުނެލިއެވެ.
ޔޫނުސްއަށް ނަޞްރާއާއި ދިމާލަށް ބަލާލެވުނީ ހިނިތުންވުމެއްގައި ހުރެއެވެ.
“ހިނގާ ބޮޑު މަޑިއެއް ހެދޭތޯ ބަލަމާ” ޔޫނުސް ބުނެލިއެވެ.
އެއާއެކު ކުރިމަތީގައި ހުރި އެއްޗެހީގެ ބޭނުންކޮށްގެން މަސައްކަތް ފެށިއެވެ.
މަސައްކަތުގެ ތެރެއިން ޔޫނުސް ނަޞްރާގާތު ފޮތް ހަރުގަނޑު ހުރި ކޮޓަރީގެ ތެރެއިން
އިތުރު ދަނޑިކޮޅުތަކާއި ބަރަންޏެއް ގެނައުމަށް އެދުނެވެ. އެއަށްފަހު ޔޫނުސް މަޑީގެ
މައިގަނޑު ތައްޔާރުކުރަން ފެށިއިރު ނަޞްރާ ކުލަ ގަނޑުތައް އެކި ބައްޓަންތަކަށް
ކަފަން ފެށީ މަޑި ޒީނަތްތެރި ކުރުމަށްޓަކައެވެ. ނަޞްރާ ކަފަން ފެށުމުން ފަންކާގެ
ވަޔާއެކީ ގަނޑުކޮޅުތައް ދުރަށް އުދުހެން ފެށިއެވެ. ނަޞްރާއަށް އެކަމާހެދި
އުދަގޫވާން ފެށިކަން ޔޫނުސްއަށް އެނގުނެވެ.
“ނިމެންދެން ފަންކާ ނިވާލަން ވީއެއްނު؟” ޔޫނުސް އޭނަ ކުރަން
ހުރި މަސައްކަތުގެ ތެރެއިން ނަޞްރާގާތު ބުނެލިއެވެ. ނަޞްރާ ހޫންލައްވާލަމުން
ކޮޅަށް ތެދުވެ ގޮސް ފަންކާ ނިވާލިއެވެ. އަދި އަނބުރާ އޭނަ ހުރި ތަނަށް ގޮސް
އިށީނެވެ. މާ ގިނައިރެއްނުވެ ނަޞްރާއަށް ވަރަށް ގަދަޔަށް ހޫނުވާން ފެށިއެވެ.
ނަޞްރާ ބޭނުންވީ އޭނަގެ ބޮލުގައި އަޅާފައިވާ ފޮތިކޮޅުވެސް ނަގާލާށެވެ. ނަމަވެސް
ހޫނުވާއިރަށް އޭނަ ވަކި އެހެން ހަދާކަށް ނުޖެހޭނެއޭ ހިތަށްއެރިއެވެ. ނަޞްރާ
އޭނައަށް ހޫނު ނުވާކަމަށް ހަދައި މަސައްކަތާއިގެން ކުރިއަށް ގެންދެވޭތޯ ބެލިއެވެ.
އެހެނަސް ހޫނުގަދަވުމުގެ ސަބަބުން އެހެން ކަމަކާމެދު ވިސްނަން ނަޞްރާއަށް
ދަތިވިއެވެ. ނަޞްރާ ބޮލުގައި އޮތް ފޮތިކޮޅު ނަގާލަން ޚިޔާލުކޮށްލަމުން ޔޫނުސްއަށް
ބަލާލިއެވެ. ޔޫނުސް ކުރިމަތީގައި އޭނަ އޭތި ނެގިއަސް މައްސަލައެއް ނުޖެހޭނެކަން
ނަޞްރާ އަމިއްލަ ނަފްސަށް ހަނދާން ކޮށްދޭން ޖެހުނެވެ.
ޔޫނުސް އޭނަގެ މަސައްކަތާއި މަޝްޣޫލުވެގެން އިންދާ
ކައިރިން އިސްތަށިގަނޑެއް ވިހުރުނުތަން އޭނައަށް ލޮލުގެ ކޮޅުން ފެނުނުހެން
ހީވިއެވެ. ޔޫނުސް އެދިމާލަށް ބަލާފައި ދުރުބަލަން އުޅުނެއްކަމަކު އޭނަ އެކަމަށް
ނުކުޅެދުނެވެ. އޭނަ ކައިރީގައި އެ އިނީ ކާކުކަން ނަގައިގަންނަން ވެސް ޔޫނުސްއަށް
ހިނދުކޮޅެއް ނެގިއެވެ. ނަޞްރާ އޭނަގެ ކޮނޑުން ކުޑަ ތަންކޮޅެއް ތިރިއަށް އޮތް
އިސްތަށިގަނޑު އެއްފަރާތަށް ލައިގެން އިންއިރު އޭނަގެ ދޮން ކަނދުރާ ޔޫނުސްއަށް
ފެންނަމުން ދިޔައެވެ. ކުރިމަތިން ފެންނަމުން ދިޔަ މަންޒަރަކީ ޙަޤީޤަތެއްކަން
ޔޫނުސް ޤަބޫލު ކުރާ ހިތެއްވެސް ނުވިއެވެ. މިއީ ހުވަފެނެއްބާއޭ ބުނެ އޭނަގެ ހިތް
ސުވާލުކުރިއެވެ.
ޔޫނުސް އެސްފިޔަ ޖަހާލުމެއްނެތި އޭނައަށް ބަލަހައްޓައިގެން
އިންނަން ފެށުމުން ނަޞްރާ އިނީ ހިރިލަން ވެސް ނުކެރިފައި އިސްޖެހިފައެވެ. އޭނަ
އުޅުނީ އިސްތަށިގަނޑުގައި ގޮށެއްޖަހާށެވެ. ނަމަވެސް ޔޫނުސް އޭނަގެ ކުރިމަތީގައި
އިންދާ އެކަން ކުރާކަށް ނަޞްރާއަށް ހިތްވަރެއް ނުލިބުނެވެ. ދެމީހުން ތިބި ގޮތައް
ތިބޭތާ މިނެޓްތަކެއް ހިނގިފަހުން ނަޞްރާ ޖެހިލުންވުމަކާއެކީ ކަރުކެހިލައިފިއެވެ.
އެއާއެކު ޔޫނުސްއަށް ހޭވެރިކަމެއް ލިބުނެވެ. އޭނަ އެސްފިޔަ ޖަހާލަމުން ދުރުބަލަން
ފެށިއެވެ. އެއަށްފަހު އަނބުރާ އޭނަގެ މަސައްކަތަށް ދިޔައެވެ. ނަޞްރާއަށާއި
މަންޒަރު ބަލާ އެހެން މީހުންނަށް ވެސް ހީވާނީ ދެން ޔޫނުސް ނަޞްރާއަށް ނުބަލާ
ހެންނެވެ. އެހެނަސް މަސައްކަތް ނިމެންދެން ވެސް ޔޫނުސްއަށް ވައްކަޅިން ނަޞްރާއަށް
ބެލެމުން ދިޔައެވެ.
އެދުވަހު ހަވީރު ޔޫނުސްއާއި ނަޞްރާ އެމީހުން ހެދި ބޮޑު
ނޫކުލައިގެ މަޑި ހިފައިގެން އަބާންއާއި އޭނަގެ މަންމައާއި ބައްޕަގެ އިތުރުން
އަފްރީން ވެސް ގޮވައިގެން އަތިރިމައްޗަށް ދިޔައެވެ. އެންމެ ފުރަތަމަ އެ ބޮޑު މަޑި
އެއްލީ އަފްރީންއާއި ނަޞްރާ ވެގެންނެވެ. ދެ މީހުންވެގެން މަޑި އެރުވިތާ މާ
ގިނައިރެއްނުވެ އަފްރީންގެ ފޯނަށް މެސެޖެއްއައެވެ. އެއީ ސިނާންގެ މެސެޖެއްކަން
އެނގުމުން އަފްރީން ނަޞްރާގެ އަތައް މަޑި ދޫކޮށްފައި ދުރަށް ދިޔައެވެ. ނަޞްރާ
އަފްރީންއަށްޓަކައި ކަންބޮޑުވެހުރެ އޭނަ ގާތަށް ދާން އުޅުނެވެ. އެވަގުތު ޔޫނުސް
އައިސް ނަޞްރާ މަޑީގެ ބަރަނީގައި ހިފައިގެން ހުރި އަތާއި ކައިރިން އެ ބަރަނީގައި
ހިފަހައްޓާލިއެވެ. ނަޞްރާ ޔޫނުސްއަށް ބަލާލިއިރު ޔޫނުސް މަޑިއަށް ބަލަން ހުރެފައި
އޭނައަށް ބަލާލިއެވެ. ޔޫނުސްގެ މޫނު އެހާ ގާތުން ފެނިފައި ނަޞްރާ އަފްރީންގެ
މަތިން ހަނދާން ނެތުނެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް ނަޞްރާއާއި
ޔޫނުސްގެ ގުޅުން ބަދަހިވަމުން ދިޔައެވެ. އެދުވަހަށްފަހު ނަޞްރާއަށް ބުރުގާއެއް
ނާޅައި ޔޫނުސްގެ ކުރިމަތީގައި ހުންނަން ކެރެއެވެ. ދެންވެސް އޭނަ ގޭގެ ތެރޭގައި
އުޅުނީ ޖިލްބާބެއް ލައިގެންނެވެ. ނަމަވެސް އެއްދުވަހު ޔޫނުސް ނަޞްރާއަށް ދޭން
ހުދުކުލައިގެ އަތްދިގު ކަކުލާއި ހަމައަށް އޮތް ހަރުވާޅު ހެދުމެއް ގަނެދިނުމުން
ނަޞްރާ ހިތާއި ދެކޮޅަށް އެ ހެދުން ޖިންސަކާއެކީ ލިއެވެ. ނަޞްރާ ހީކުރި ގޮތާއި
ޚިލާފަށް އެ ހެދުން ލި ރޭގަ ވެސް ޔޫނުސް އޭނައާއި ވާހަކަ ދެއްކީ އާދައިގެ
ގޮތަކަށެވެ. އޭނަ ހީކުރި ފަދަ ގޮތަކަށް ކައިރިވާކަށް ނުއުޅުނެވެ. ނަޞްރާއަށް
ނޭނގުނު ކަމަކީ ޔޫނުސް ނަޞްރާއަށްޓަކައި އެ ހެދުން ގަނެދިނީ ނަޞްރާއަށް ފަސޭހަކޮށް
ދިނުމަށްޓަކައި ކަމެވެ. ނަޞްރާ ނުބުންޏަސް އަބަދު އަބަދު ނިދަން ވެސް އެއްކަހަލަ
ހެދުމެއް ލުމުން އުދަގޫވާނެކަން ޔޫނުސްއަށް އިޙުޞާޞް ކުރެވުނީތީވެ ކަމެވެ.
ދުވަސްތައް މާޒީއާއި އެކުވަމުން ދިޔަދިޔަހެން ނަޞްރާއާއި
ޔޫނުސްގެ ދެމެދުގައި ކުރެވެން ފެށި ސަމާސާތައް ވެސް ގިނަވާން ފެށިއެވެ. އެއްދުވަހު
ޔޫނުސް ގެއަށް އަންނައިރު އޭނައަށް ސައިބޯނި ބޮކިތަކުގެ މަރުޙަބާއެއް ލިބުނިއްޔާ
އަނެއްދުވަހު ނަޞްރާ ގެއަށް ވަންނައިރު ކުޅޭ ބަޑިއެއްގެ ވަޒަނަކުން ސަލާމަތްވާން
ޖެހެއެވެ. ޔޫނުސްގެ ގޭގެތެރެ ނަޞްރާގެ ހުނުމުގެ އަޑުން ފަޅު ފިލަމުން ދިޔައެވެ. އެ
ދެމީހުންގެ ދެމެދުގައި ގިނަގިނައިން ވާހަކަތައް ދެކެވެން ފެށިއެވެ. ދެމީހުން އެކި
ކަންކަމާމެދު ދެކޭގޮތް ލަސްލަހުން އެކަކު އަނެކަކާ ޙިއްސާކުރެވެން ފެށިއެވެ.
ޔޫނުސް އަބަދުވެސް ބޭނުންވިހެން އޭނައަށް މިހާރު އޮފީހުގައި ހުރެވެނީ ގެއަށް
ދެވޭނެ އިރެއްގެ އިންތިޒާރުގައެވެ. ނަޞްރާ ވެސް ހަމަ އެފަދައެވެ. އެކަމަށްޓަކައި
ދެމީހުންނަށް ވެސް ޙަމްދުކުރެވުނެވެ.
ހަފްތާތައް ވޭތުވަމުން ގޮސް އޮގަސްޓް މަސް ފެށި
އަފްރީންއާއި ސިނާންގެ ގުޅުމަށް އެއްމަސް ފުރުނެވެ. އެކަން ފާހަގަ ކުރުމުގެ ގޮތުން
އަފްރީން ސިނާންއަށް ދޭން ހަދިޔާއެއް ގަންނަން ބޭނުންވިއެވެ. ނަމަވެސް އޭނަ އަތުގަ
ހުރި ލާރިކޮޅުން އޭނަ ސިނާންއަށް ދޭން ގަންނަން ބޭނުންވި ގަޑި ގަނެވޭގޮތެއް
ނުވިއެވެ. އެހެންކަމުން އަފްރީން ކުޑަ ދޮގެއް ހަދާފައި ބައްޕަ އަތުން ލާރިކޮޅެއް
ހޯދިއެވެ. އަދި އެކުވެރި ކުދިބަޔަކާއެކީ ގޮސް އެ ގަޑި ގަނެގެން ބައްޕައަށާއި
ދޮންތައަށް ވެސް ފޮރުވައިގެން އުޅުނެވެ. އޮގަސްޓް މަސް ފެށުމަށްފަހު ސްކޫލަށް
އެންމެ ފުރަތަމަ ދިޔަ ދުވަހު އަފްރީން ސިނާންގެ އަތުގައި އެ ގަޑި އަޅުވާލަ ދިނެވެ.
ސިނާން ދެރަވާ ކަމަށްހެދި ތިމަންނަ ހަދިޔާއެއް ނުވެސް ގެންނަމޭ ބުންޏެވެ. އަފްރީން
އޭގެ ޖަވާބުގައި ބުނީ ސިނާން ހުރުމުން އޭނައަށް ނިމުނީ ކަމުގައެވެ.
އޮގަސްޓް މަސް ފެށުނީއްސުރެ އަފްރީންމެން ސްކޫލްގެ
އެސަމްބްލީގައި ދެކެވެމުން ދިޔައީ އެ މަހުގެ ދެވަނަ ހަފްތާގައި އެ ސްކޫލަށް
ޒިޔާރަތްކުރާ އުސްތާޛާގެ ވާހަކައެވެ. އަފްރީން އެ ވާހަކަ އަޑުއަހަމުން ދިޔައީ
ފޫހިކަމާއެކީ ކަޅި މައްޗަށް ހިންގަމުންނެވެ. އެ ދަރުހާމެދު ދެކެވެމުން ދިޔަ
ވާހަކަތަކުގެ ތެރެއިން އަފްރީން އެންމެ ޙައިރާންވީ އެ ދަރުހުގެ ނަމާއި މެދުގައެވެ.
އެ ދަރުހުގެ ނަމަކީ ޙަޤީޤީ ލޯތްބެވެ. ޝެއިޚުންވެސް ލޯބީގެ ވާހަކަ ދައްކައި
އުޅޭހެއްޔޭ އަފްރީންގެ ހިތަށްއެރިއެވެ. އެވާނީ އަންހެނެއްވީމާ ތަފާތުވަނީ ކަމަށޭ
އަފްރީންގެ ހިތް ބުންޏެވެ. ދަރުހުގައި ދެކެވޭނީ ލޯބީގެ ވާހަކަ ވިއްޔާ އޭނައަށް
ޝަޢުޤުވެރިކަމާއެކީ އަޑުއެހޭނެއެވެ. މިއީ އަފްރީން ދަރުހެއް އަޑުއަހަން ނިންމި
ފުރަތަމަ ފަހަރެވެ.
ސްކޫލަށް އުސްތާޛާ ޒިޔާރަތްކުރަން އޮތް ރޭ އަފްރީން
ނަޞްރާއާއެކީ އަފްރީންމެންގެ ސްކޫލަށް ދިޔައެވެ. ސްކޫލްގެ ހޯލުގެ ދެފަރާތުގައި
ގޮނޑިތައް ރޭވިފައިވިއިރު ނަޞްރާ ވާތް ފަރާތުން ފަހަތުގައި ހުރި ގޮނޑިއެއްގައި
އިށީނެވެ. އަފްރީންއަކީ ސްކޫލްގެ ކެޕްޓަންއަށްވުމުން އޭނަ އިށީންނަން ހުރީ ކަނާތް
ފަރާތުގެ ފުރަތަމަ ބަރީގައެވެ. އަފްރީން އޭނަގެ ގޮނޑީގައި އިށީންތަނާ ނައުފާވެސް
އައިސް އޭނަ ކައިރީގައި އިށީނުމުން އަފްރީން އުފާވިއެވެ. 8:30 ވާއިރު ދަރުސް
ފެށެން އޮތެއްކަމަކު އޭރުވެސް ހޯލެއް ނުފުރެއެވެ. ސްކޫލްގެ އެދުމަށް ހޯލުގެ ކަނާތް
ފަރާތުގައި ސްކޫލްގެ ޕްރިފެކްޓުން އައިސްފައި ތިއްބެއްކަމަކު ޢާންމުންގެ ތެރެއިން
އައީ ވަރަށް މަދު ބަޔެކެވެ. ކޮންމެއަކަސް 8:45 ވީއިރު ޙަފްލާ ފެށުނެވެ. ރަށުގެ
ޒުވާން އަންހެން ކުއްޖަކު ޕޯޑިއަމަށް އަރައި އެރަށަށް އައި އުސްތާޛާގެ
ތަޢާރަފެއްދޭން ފެށިއެވެ. އެ ދިނުމަށްފަހު ދެން ޕޯޑިއަމަށް އެރީ މި ހުރިހާ ދުވަހު
އަފްރީންމެނަށް އެމީހަކާ ބެހޭގޮތުން ވާހަކަތައް އިވުނު އުސްތާޛާއެވެ. އެ އުސްތާޛާ
ހުރީ ބޮޑުކޮށް އަޅައިގެން ހުރި ޝޯލްއަކާއެކު ދިގު ހެދުމެއް ލައިގެންނެވެ. ފުރަތަމަ
ޕޯޑިއަމަށް އެރިއިރު ވެސް އުސްތާޛާގެ މޫނުމަތިން ހިނިތުންވުމެއް ފެނުމުން އަފްރީން
އަންތަރީސްވިއެވެ. ދަރުހެއްދޭން އަންނަ މީހަކު ހިނިތުންވެގެން ހުރިތަން މި ނޫނީ
އޭނައެއް ނުދެކެއެވެ. އޭނަ މިހާ ދުވަހަށް ހީކޮށްގެން ހުރީ ހުނުމަކީ ވެސް ފާޑަކަށް
ޙަރާމްކަމެއް ކަމަށެވެ.
ދަރުހެއްދޭން އަންނަ ކޮންމެ މީހަކު ފަދައިން އެ
އުސްތާޛާވެސް ވާހަކަ ފެށީ އަފްރީންގެ ބަހުރުވައިން “އެއްކަލަ ޢަރަބި
ބަސްކޮޅުން”ނެވެ. އުސްތާޛާ އިނގިރޭސި ބަހުން ވާހަކަ ފެށީ ސުވާލަކުންނެވެ. އެއީ
ލޯތްބަކީ ކޮބައިތޯއެވެ. އެ ސުވާލުކުރުމާއެކު އަފްރީންގެ ހަނދާނަށް އައީ
ސިނާންއެވެ. އޭނައަށް ލަދުރަކި ގޮތަކަށް ހިނިތުންވެލެވުނު ވަގުތު އޭނަގެ ހުރިހާ
ސަމާލުކަމެއް ކުރިއަށް ދެކެވޭނެ ވާހަކައަކަށް ދެވިފައިވިއެވެ. އުސްތާޛާ ދެން ފެށީ
ލޯބީގެ އެކިއެކި މިސާލުތައް ދޭށެވެ. މައިންބަފައިންނާއި ދަރީންގެ ދެމެދުގައި ވާ
ލޯތްބާއި، އެކުވެރިންގެ މެދުގައިވާ ލޯތްބާއި، ދައްތަމެންނާއި ބޭބެމެންގެ
ދެމެދުގައި ވާ ލޯބީގެ ވާހަކަތަކުންނެވެ. އަންހެން ކުދިންނާއި ފިރިހެން ކުދިންގެ
ދެމެދުގައިވާ ލޯބީގެ ވާހަކަ ދެއްކުމުން އަފްރީންއާއި ނައުފާއަށް ދެލޯ
ބޮޑުކޮށްލަމުން އެކަކު އަނެކަކާއި ދިމާލަށް ބަލާލެވުނީ ޙައިރާންވީ ވަރުންނެވެ.
އަފްރީން ހީކުރީ އުސްތާޛާ ވަރަށް ތަފްޞީލުކޮށް އެ ލޯބީގެ ވާހަކަ ކިޔައިދޭނެ
ކަމަށެވެ. ނަމަވެސް ދެން އުސްތާޛާ ކޮއްލީ އެހެން ސުވާލެކެވެ. އެއީ ދުނިޔޭގައިވާ
ހުރިހާ ލޯބީގެ ތެރެއިން އެންމެ ފުރިހަމަ ލޯތްބަކީ ކޮބައިތޯއެވެ. އެއީ އޭނައާއި
ސިނާންއާ ދެމެދުގަ ވާ ލޯތްބޭ އަފްރީންގެ ހިތް ވަގުތުން ބުންޏެވެ. އަފްރީންއަށް
ހިނިތުންވެލެވުނެވެ. އެ ހިނިތުންވުން ފަނޑުވެގެން ދިޔައީ އުސްތާޛާ ހިމޭންކަމުގެ
ވަގުތުކޮޅަކަށްފަހު ދިން ޖަވާބަކުންނެވެ. އެ ޖަވާބަކީ އެންމެ ފުރިހަމަ ލޯތްބަކީ ﷲ
ސުބުޙާނަހޫ ވަތަޢާލާގެ ލޯބިފުޅު ކަމެވެ. އުސްތާޛާ ދެން ފެށީ ﷲ ގެ ލޯބިފުޅު
ސިފަކޮށްދޭށެވެ. އަދި އެ ލޯބިފުޅު ފުރިހަމަ ވާންވީ ސަބަބުތައް ބުނެދޭށެވެ.
އުސްތާޛާ ބުނި ގޮތުގައި ﷲ ފިޔަވައި މި ދުނިޔެމަތީގައި ވި އެންމެން ކޮންމެވެސް އެއްގޮތަކުން
ތިމާގެ ހިތަށް ދަތިވާފަދަ ކަންތައް ކުރާނެއެވެ. އެހެން މީހުން ތިމާ ދެރަވާ ކަހަލަ
ކަންތައް ކުރާނެކަން އަފްރީންއަށް ޤަބޫލުކުރެވުނެވެ. ނަމަވެސް ﷲ ގެ ލޯބިފުޅާއިމެދު
ޝައްކު ކުރެވުނެވެ. ﷲ އެކަލާނގެ އަޅުތަކުންދެކެ އެހާވަރަށް ލޯބިވެވޮޑިގެން ވާނަމަ
ނަރަކަ އުފައްދަވާފައިވަނީ ކީއްވެބާއޭ ހިތަށްއަރަމުން ދިޔައެވެ. އަފްރީން
ދިރިއުޅުމުގައި ފުރަތަމަ ފަހަރަށް ފުންކޮށް ވިސްނަން ފެށިއެވެ. އޭނަ އެ ވިސްނުމުގެ
ތެރޭގައި އިނދެފައި އިސްއުފުލާލެވުނީ އުސްތާޛާ ޙަޔާތަށްޓަކައި މުހިއްމު ނަޞޭޙަތެއް
ދޭން އުޅޭ ވާހަކަ ބުނުމުންނެވެ. އުސްތާޛާ ބުނި ގޮތުގައި އަހަރުމެން ދިރިއުޅުމުގައި
އެކަކު އަނެކަކު ދެކެވެސް ލޯބިވާން ޖެހެނީ ﷲއަށްޓަކައެވެ. އަދި ﷲއަށް އުރެދުމަކަށް
ވާ ލޯތްބަކުން އަހަރުމެންނަށް ހިތްދަތިކަމާއި ހިތާމައެއް ނޫނީ ނުލިބޭނެ ކަމެވެ.
ﷲއަށް އުރެދުމަކަށް ވާ ލޯބީގެ މިސާލަކަށް އުސްތާޛާ ދިނީ ހިލޭ އަންހެން ކުދިންނާއި
ފިރިހެން ކުދިންނާއި ދެމެދު ވާ ލޯބީގެ މިސާލެވެ. އެވާހަކަ އަޑު އިވިފައި އަފްރީން
ހުއްޓުން އެރިއެވެ. އޭނަގެ ދެލޯ ބޮޑުވިއެވެ. ހިލޭ އަންހެން ކުދިންނާއި ފިރިހެން
ކުދިން ލޯބިވެ ރައްޓެހިވުމަކީ ގޯސް ކަމެއް ހެއްޔެވެ؟ މިއީ އޭނައަށް އަލަށް އިވުނު
ވާހަކައެއްހެން އަފްރީންއަށް ހީވިއެވެ. މީގެ ކުރިން މި ވާހަކަ އަޑުއިވިފައި ވިހެން
އަފްރީންއަކަށް ހިއެއްނުވިއެވެ. އޭނައަށް އަޑެއް ނީވުނީ ހެއްޔެވެ؟ ނުވަތަ
ގަސްދުގައި ނޭހީ ހެއްޔެވެ؟ އަފްރީންއަކަށް އެއްގޮތަކަށް ވެސް ނޭނގުނެވެ. އޭނައަށް
މި ހުރިހާ އަހަރުތަކެއް ވަންދެން ކުރެވުނީ ހަމަ ނުބައި ކަމެއް ހެއްޔެވެ؟ އޭނަ
ހީކުރީ ސްކޫލްގެ މުދައްރިސުން އެފަދަ ގުޅުންތައް ދަރިވަރުން ހިންގާތޯ ބަލައި
ދުރުކުރުވަނީ އެ ދަރިވަރުންގެ ކިޔެވުމަށް އެކަމުން އަސަރުކޮށްފާނެތީވެ ކަމަށެވެ.
އަފްރީން އޭނަގެ ގުޅުންތައް ކުރިއަށް ގެންދިޔައީ އެ ގުޅުންތަކާއި އެކީގަވެސް
އޭނައަށް ރަނގަޅަށް ކިޔެވޭތީވެއެވެ. އެހެންނޫނަސް ސްކޫލް ނިންމާފައި މީހަކާއި
އިންނަންވީމަ ޖެހޭނީ ރައްޓެހިވާކަށް ނޫންހޭ އަފްރީންގެ ހިތް ބުންޏެވެ. ކައިވެނި
ކުރަންޖެހެނީ ލޯބި ނުވެ ހެއްޔެވެ؟ އަފްރީންގެ ސިކުނޑިއަށް ވެރިވަމުން ދިޔަ ސުވާލުތަކަކުން
އޭނަގެ ހިތުގެ ހަމަޖެހުން ގެއްލިއްޖެއެވެ. ދަރުހުގައި ދެން ދެކެވުނު އެއްވެސް
ވާހަކައެއް އަފްރީންއަކަށް ނީވުނެވެ. ދަރުސް ނިމި އެންމެންގެ އަތްތިލަ ބަޑީގެ އަޑު
ހޯލުގައި ގުގުމައިގެން ދިޔުމުން ވެސް އަފްރީން އެއްދިމާލަކަށް ބަލަހައްޓައިގެން
އިނީއެވެ.
Comments
Post a Comment