Hadhiya (part 29)
ހިދާޔަތުގެ ސަބަބުން ހަމަޖެހުން
ލިބިގެން ދިޔަ އައްޒާމާއި މާޝާގެ ޙަޔާތަށް ދެން އެއްވެސް ހިތާމަވެރިކަމެއް
ނާންނާނެހެން އެ ދެމީހުންނަށް ވެސް ހީވިއެވެ. ދެމީހުން ވެސް ހިނގަންވީ މަގު ނުހަނު
ސާފުކޮށް އެމީހުންގެ ކުރިމަތިން އެދެމީހުންނަށް ވެސް ފެންނަމުން ދިޔައެވެ.
އެހެނަސް އެ ދެމީހުންނަށް ވެސް ނޭނގުނުކަމަކީ މި މަގަކީ އިމްތިޙާންތަކުން ވެސް
ފުރިގެންވި މަގެއްކަމެވެ. އަދި އެމީހުންގެ އީމާންތެރިކަމުގެ ވަރުގަދަކަން
ސާބިތުކުރުމަށްޓަކައި އެމީހުން ނުހަނު ދަތި ދުވަސްތައް ވެސް ކަނޑައްތު ކުރަން
ޖެހޭނެކަމެވެ.
ދީނީ ޢިލްމު ލިބެމުން
ދިޔައެއްކަމަކު މާޝާއާއި އައްޒާމްގެ ހިތުގައި އުފެދެމުން ދިޔަ އިޙްސާސްތައް
އެގޮތުގައިވިއެވެ. މަގުމަތިން ދެމީހުންނަށް އެކަކު އަނެކަކު ފެނިއްޖެނަމަ
ދެމީހުންނަށް ވެސް ހިނިތުންވެލެވެއެވެ. އެހެނަސް ކުރިން ހަދާހެން ދެމީހުންނަށް
ވެސް އެކަކު އަނެކަކާއި ވާހަކަ ދައްކަން ނުކެރުނީ ދެމީހުންނަށް ވެސް ދޭހަ
ނުކުރެވުނު ސަބަބަކާހެދިއެވެ. އެދެމެދުގައި ވާހަކަ ނުދެކެވުނެއްކަމަކު ދެމީހުންގެ
ދެމެދުގައި ހިނގަމުން ދިޔަ ކަންތައްތަކުން އެ ދެހިތުގެ އެދުމަކަށްވެފައިވީ
ކޮންކަމެއްކަން ދެމީހުންނަށް ވެސް އެނގިފައިވިއެވެ. މާޝާ އެއްދުވަހެއްގެ ހަވީރު
ވަގުތު ދަރުސް ނިންމާފައި މިސްކިތުން ނިކުންނަން އުޅުނު ވަގުތަކީ ބޯކޮށް ވާރޭ
ވެހެމުން ދިޔަ ވަގުތެކެވެ. އެދުވަހު މަންހާ ބަލިވެ އުޅުނީތީ ހިނދުކޮޅެއްގެ
ތެރޭގައި މިސްކިތުގެ ސިޑި ކައިރީގައި މަޑުކޮށްގެން ހުރި މާޝާ އެކަނިވިއެވެ. އޭނަ
ފަދައިން ކުޑައާއި ނުލާ އައި ބައެއް އަންހެން ކުދިން ވާރެއާއި ތެމިގެން
ދިޔައެއްކަމަކު މާޝާއަށް އެހެން ހަދާކަށް އެއްގޮތަކަށް ވެސް ނުކެރުނެވެ. ވާރެއާއި
ތެމިގެން ދިޔަ ބައެއް އަންހެން ކުދިންގެ ހެދުންތައް އެކުދިންގެ ގަޔަށް
ތަތްލެވިފައިވި ގޮތުންނެވެ. އެހެންހުރެ މަގުމަތީގައި ހިނގަން އޭނައަށް
ލާހިކެއްނޫންކަމަށް އޭނަގެ ހިތް ބުނި ހިނދު ޚުދު މާޝާ ވެސް ޙައިރާންވިއެވެ. އޭނަ
މިގޮތަށް ވިސްނަން ފެށީ ކޮން ދުވަހަކުތޯ ހިތަށްއެރިއެވެ. އޭނަގެ ކުރިމައްޗަށްވާ
ގޮތަށްހުރި އަންހެނުން ވަންނަ މައިދޮރު މައްޗަށް ނޫކުލައިގެ ކާރެއް މަޑުކޮށްލީ
އެވަގުތެވެ. އެއީ ކާކުގެ ކާރެއްކަން މާޝާއަށް އެނގުންވި ވަގުތަކީ އެ ކާރުގެ
ޑްރައިވާރސް ސީޓުން އައްޒާމް ފޭބި ވަގުތެވެ. އައްޒާމް ކާރުގެ ވަށަލައިގެން އައިސް
ވާރޭގެ ތެރެއިން ކުޑަކޮށް ދުވެފައި މިސްކިތް ތެރެއަށް ވަން މަންޒަރު ފެނި މާޝާގެ
ހިތުގެ ތެޅުން އަވަސްވެ މުޅި މީހާ ފިނިވިއެވެ. ސިޑިއާއި ކައިރިވަމުން ދިޔަ
އައްޒާމް އިސްއުފުލާލި ވަގުތު އޭނަ ހުއްޓުން އެރި ގޮތުން އޭނައަށް ވެސްވީ އެފަދަ
ގޮތެއްކަން މާޝާއަށް އެނގުންވިއެވެ. އެހެނަސް އައްޒާމް ވަކި އެއްޗެކޭ ނުބުނެ އޭނަ
ފަހަނަޅައި މިސްކިތަށް ވަދެގެން ދިޔައީއެވެ. އައްޒާމް އޭނަގެ ގާތުން ދިޔަ ވަގުތު
އޭނަގެ ހުދުކުލައިގެ ކުރުތާ ކިހާ ކުރުކަމާއި އޭނަ ލައިގެން ހުރި ޖިންސްގެ ބާރުކަން
މާޝާއަށް އިޙްސާސްކުރެވުނީ މާ ބޮޑަށެވެ. އޭނައަށް މިވަނީ ކީއްތޯ ބުނެ ހިތް
ސުވާލުކުރި ވަގުތު އޭނަގެ ފުރަގަހުން މިސްކިތުން ނިކުމެގެން އައި އޭނަގެ އާ
އެކުވެރިޔަކު ވާހަކަ ދެއްކި އަޑުއިވުނެވެ.
"އޭ މާޝް ހިނގާދޯ އަހަންނާއެކީ
ވާރޭގަ ތެމިގެންދާން؟" މާޝާއާއި އެއްޒާތެއްގެ ހެދުމެއް ލައިގެން ހުރި އެ
އެކުވެރިޔާ ބުނެލިއެވެ. އެއާއެކު މާޝާއަށް އެ އެކުވެރިޔާއަށް ބަލާލެވުނެވެ.
"އުނހު...މާ ތުނި އެއްޗެއް
ލައިގެން މިހިރީ..." މާޝާއަށް އިތުރަށް ބުނާކަށް ވެސް ނުކެރުނު ގޮތުން
ޚުދު އޭނަ އިތުރަށް ޙައިރާންވުން
ނޫންކަމެއް ނުވިއެވެ. އޭނައަށް ނޭނގުނުކަމަކީ އޭނަ އެހެން ބުނި އަޑު އޭނަގެ
އެކުވެރިޔާގެ އިތުރުން ހާޝިމްގެ ފޮތް އަޅާފައި ހުންނަ ފޮތި ކޮތަޅު ހިފައިގެން
ނިކުތް އައްޒާމަށް ވެސް އިވުނުކަމެވެ. އެވާހަކަ އިވިފައި އައްޒާމަށް ހުރި ފިޔަވަޅު
މަތީގައި މަންޒަރު ބަލަން ހުރެވުނެވެ.
"އިޓްސް އޯކޭއޭ މާޝް.
އަހަރެން ވެސް މިއުޅެނީ ދާކަށެއްނު؟ އާދޭ ދެން!" އެކުވެރިޔާ ދެންވެސް
ބުނެލިއެވެ. އެހެނަސް މާޝާ ދެންވެސް އިންކާރު ކުރިތަން އައްޒާމަށް ފެނުނެވެ.
މާޝާގެ އެކުވެރިޔާ އެންމެ ފަހުން ބަލި ޤަބޫލުކޮށް އެތަނުން ދާންފެށުމުން އައްޒާމް
ވެސް މާޝާއަށް ބަލަމުން ނުބަލަމުން ކަހަލަ ގޮތަކަށް މިސްކިތުން ނިކުންނަން
ދިޔައެވެ. މާޝާއާއި އެއްހަމަވެ އޭނައާއި އެއްފިޔަވަޅު ކުރިއަށް ދެވުނު ވަގުތު
އައްޒާމަށް ފަސްއެނބުރި މާޝާއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. އައްޒާމާއި
ހަތަރުކަޅި ބައްދަލުވެގެން ދިޔަ ވަގުތު މާޝާ ނުތަނަވަސްވެގެން ދިޔައެވެ. އޭނަ
ދެންމެ އޭނަގެ ހެދުން ސިފަކުރި ގޮތް އައްޒާމަށް އިވިފައިވާނެތޯ ކުއްލިއަކަށް
ހިތަށްއަރަން ފެށިއެވެ. އެއާއެކު ދުވަހަކުވެސް ލަދުނުގަންނަ ވަރަށް ލަދުގަތެވެ.
ރަތްވެގެން ދިޔަ ކޯތާފަތާއެކީ އިސްޖަހާލެވުނު މާޝާ ފެނިފައި އައްޒާމަށް ވެސް
އޭނަގެ ނަޒަރު އެހެން ދިމާލަކަށް ހުއްޓާލެވުނެވެ. އެއަށްފަހު އޭނަ އަނެއްކާވެސް
ކާރާއި ދިމާލަށް ދާން ހިނގައިގަތީ ކަމެއް ޚިޔާލުކުރަމުންނެވެ. އައްޒާމް އޭނަ
ދޫކޮށްފައި ދިޔައީހެން ހީވި ވަގުތު މާޝާއަށް އެކަނިވެރިކަމެއް އިޙްސާސް
ކުރެވުނެވެ. އެހެނަސް މާ ގިނައިރެއްނުވެ އައްޒާމް ވާރޭތެރެއިން ގޮސް އޭނަގެ
އަތުގައި އޮތް ކޮތަޅު ކާރު ތެރެއަށް ލާފައި ދޮރު ލެއްޕި މަންޒަރު ފެނުނެވެ.
އެއަށްފަހު އައްޒާމް ގޮސް ކާރުގެ ޑިކީ ހުޅުވާފައި ނެގީ ކުޑައެކެވެ. ޙައިރާންވެފައި
އައްޒާމްގެ ޙަރަކާތްތަކަށް މާޝާ ބަލަން ހުއްޓާ އައްޒާމް ކުޑައާއެކީ އަވަސް
ހިނގުމެއްގައި މިސްކިތަށް ވަދެގެން އައެވެ. ސިޑިއާއި ގާތްވެގެން ދިޔަހެން އައްޒާމް
ފިޔަވަޅުތައް ލަސްކޮށްލަމުން މާޝާއަށް ބަލާފައި ސިޑިން މައްޗަށް އަރައިގެން ގޮސް
އެ ކުޑަ މާޝާގެ ކަނާތް ފަރާތަށްވާ ގޮތަށް ހުރި ފާރަށް ލައްކޮށްލިއެވެ. އެ ހިނދު
އަނެއްކާވެސް ދެ ޒުވާނުންގެ ހަތަރުކަޅި ބައްދަލުވެގެން ދިޔައީ މާނަ ހުރި
ފަދައަކުންނެވެ. އެހެން ބަޔަކަށް ނޭނގޭނެ ފަދައަކުން އެތައް ވާހަކައެއް ދެމީހުންގެ
ދެމެދުގައި ދެކެވިގެން ދިޔައެވެ. މާޝާއަށް އެ ކުޑަ އެހީ ވެވުނެއްކަމަކު އައްޒާމް
ހުރީ ހިތްހަމަ ނުޖެހިފައެވެ. އޭނައަށް ވެވޭނެނަމަ އޭނަ މާޝާ ކާރުގައި ގެއަށް
ގެންދިޔައީހެވެ. އެހެނަސް އޭރު ކާފަވެސް ވީ މިސްކިތުގެ ކައިރީގައި ހުރި ގެއަކަށް
ޒިޔާރަތަކަށް ގޮހެވެ. ނޭނގޭ ސަބަބަކާހުރެ މާޝާއާއެކީ އެކަނި ދަތުރުކުރަން އޭނައަށް
އެވަގުތު ނުކެރުނެވެ. އަދި އަމުދުން އެފަދަ އެދުމެއް މާޝާގެ ކައިރިން އެދެން ވެސް
އޭނަގެ ދޫ ނުކުޅެދުނެވެ. ކޮންމެއަކަސް އިރުކޮޅެއްފަހުން މާޝާގެ ލުއި
ހިނިތުންވުމެއް ފެނިފައި އައްޒާމްގެ ހިތަށް ފިނިކަމެއް ލިބުނެވެ. ބަދަލުގައި
އާދައިގެ މަތިން އޭނައަށް ވެސް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. އެއަށްފަހު
އޭނަ ގަދަކަމުން މާޝާގެ މޫނުން ނަޒަރު ވަކިކޮށް އެތަނުން ދިޔައެވެ.
މާޝާ އެދުވަހު އެ ކުޑަ ދަރައިގެން
ގެއަށް ދިޔައީ ނުފިލާ ހިނިތުންވުމަކާއި އެކީގައެވެ. ގެއަށް ދިޔުމުން މަންމަމެން
އެކަމާމެދު ސުވާލުކުރުމުން ޖަވާބު ދޭކަށްވެސް ނުކެރުނެވެ. އޭނަ ގެނައީ ކާކުގެ
ކުޑައެއްތޯ އެހުމުން ވެސް ޝެއިޚްއާއެކީ އަންނަ ކުއްޖެކޭ ބުނެވުނީ އައްޒާމްގެ ނަން
ކިޔަން ޖެހިލުންވުމުންނެވެ. މުޅި ދުވަސް އޭނައަށް ހޭދަކުރެވެން އުޅުނީ އައްޒާމްގެ
ހަނދާންތަކުގައެވެ. އެހެނަސް އައްޒާމް އޭނަގެ ގާތުން ދިޔައިރު ކުރެވުނު
އިޙްސާސްތައް ހަނދާންވެފައި އޭނައަށް އޭނަގެ މަންމަގާތު އެދުމެއް އެދެވުނެވެ.
"މަންމާ ހިނގާބަދޯ މި އަންނަ
ހުކުރު ދުވަހު ފޮތިގަންނަން؟ ތަންކޮޅެއް ދޫކޮށް ބޮޑުކޮށް ފަހާނީ މިފަހަރު." މާޝާ އެރޭ ހާފިޒާ އޭނަގެ
ފަހާ ކޮޓަރީގައި އިންދާ ގޮސް ބުނެލިއެވެ.
"އައްދެ! ތިއީ އަނެއްކާ އެ
ޝެއިޚް ބުނެގެންތަ؟ ހާދަ ރަނގަޅޭ!" ހާފިޒާ މޭޒުމަތީގައި ފޮތިގަނޑެއް
ބާއްވައިގެން ހެދުމެއް ކަނޑަމުން އެހެން ބުނެލީ ހިނިތުންވުމަކާއެކީގައެވެ. މަންމަ
ބުނެލި ވާހަކައިން މާޝާގެ ނިތަށް ރޫގިނަވީ މަންމައަށް ހީވީ ރަނގަޅަށް ނޫންކަން
އެނގުންވުމުންނެވެ.
"ނޫން މަންމާ....ޝެއިޚް
ނުއެއްބުނޭ." މާޝާ ތެދުތެދަށް ބުނެލީ އަންތަރީސްވެފައި ހުރެއެވެ. އޭނައަށް މި
ބަދަލުތަކެއް މި އަންނަނީ ވަކި ސީދާ ގެންނަންވީ ބަދަލުތަކެއްގެ ނަޞޭޙަތް
ލިބިގެންވެސް ނޫންކަން އޭނައަށް އެނގުންވިއެވެ. މިއީ އެއްދުވަހު ޝެއިޚް ބުނިހެން
ޤުރުއާނުން މީހުންގެ ޙަޔާތްތައް ބަދަލުވެގެން ދާ ގޮތުގެ މިސާލެއް ހެއްޔެވެ؟ އެ
ސުވާލުގެ ޖަވާބު ލިބިގެން ދިޔުމުން މާޝާގެ އީމާންތެރިކަން އިތުރަށް ވަރުގަދަވުން
ނޫންކަމެއްނުވިއެވެ.
ސީދާ ނަޞޭޙަތް ނުލިބި ރަނގަޅު
ފިޔަވަޅުތައް އެޅެމުން ދިޔައީ ހަމައެކަނި މާޝާއަކަށް ނޫނެވެ. އައްޒާމަށް ވެސް
ފަހަކަށް އައިސް އޭނަގެ ބެލުންތައް ތިރި ކުރެވެމުން ދިޔައީ ބޭއިޚްތިޔާރުގައޭ
ބުންޏަސް ދޮގަކަށް ނުވާނެއެވެ. ޢާއްމު ގޮތެއްގައި އޭނައަކީ ޓީވީ ބަލައި އުޅޭ
މީހަކަށް ނުވިޔަސް އޭނަ ދޭތެރެދޭތެރެއިން ފެންނަ އެއްޗެއް ބަލަމުން ދިޔައެވެ. އޭގެ
ތެރެއިން 18 އަހަރުން މަތީގެ މީހުންނަށް ޚާއްސަ ޝޯތަކެއްވެސް ހިމެނެއެވެ. ކިތަންމެ
ނޫންކަމަށް ހެދިއެއްކަމަކު އޭނައަށް އެ ޝޯތައް ބެލެމުން ދިޔައީ ވަކި
މަންޒަރުތަކަށްޓަކައި ކަން އައްޒާމަށް އެނގުންވާންފެށީ ދަރުސްތަކަށް ދާންފެށިތާ
ދެވަނަ މައްސަރުގައެވެ. އެއާއެކު އޭނަގެ ހިތުގައި އެ ޝޯތަކަށްޓަކައި ވެސް
ނަފްރަތެއް އުފެދުނެވެ. އެ މަންޒަރުތަކަށްވުރެ އޭނަގެ އީމާންތެރިކަން އޭނައަށް
ލޮބުވެތިވުމުންނެވެ. އެއަށްފަހު މީސް މީޑިޔާގެ އެކި ތަންތަނުން ސްކްރޯލް ކުރަމުން
ދާއިރު ވެސް ފެންނަމުން ދިޔަ އެ ޒާތުގެ މަންޒަރުތައް ގެނެސްދޭ ޕޭޖުތަކާއި ޕްރޮފައިލްތައް
އަންލައިކްކޮށް އަންފޮލޯ ކުރެވެމުން ކުރެވެމުން ދިޔައެވެ. މީގެއިން ކޮންމެ ކަމެއް
ކުރުމުން ވެސް އައްޒާމަށް އިތުރު ހިތްހަމަޖެހުމެއް ލިބުން ނޫންކަމެއް ނުވެއެވެ.
އައްޒާމާއި މާޝާގެ ޙަޔާތް
ބަދަލުވި ފަހުން އެމީހުންނަށް ދަތިވާނެ ފަދަ ނިންމުމަކާއި އެމީހުން
ކުރިމަތިލާންޖެހުނީ ހާޝިމްގެ ދަރުސްތައް ނިމެން އެންމެ 4 ހަފްތާއަށް ވެފައި
ވަނިކޮށެވެ. ތައުބާވުމުގެ ތެރެއިން ދެމީހުން ވެސް އެކަކު އަނެކަކާއި ދުރުވެފައި
ވަނިކޮށް ކައިރިވާން ޖެއްސީ ލަތީފް އޭނަގެ ވަޑާމުގެ މަސައްކަތްތައް ބެލެހެއްޓުމަށް
ހަރުދަނާ ގޮތެއް ބޭނުންވާ ވާހަކަ އައްޒާމަށް އެއްދުވަހު މިސްކިތުން ފައިބައިގެން
އައި ވަގުތު އިވުނު ވާހަކައެވެ. ލަތީފް އޭނައާއި އެއް ޢުމުރުގެ މީހަކާއި ވާހަކަ
ދައްކަމުން ގޮސް ބުނިގޮތުގައި މިއަދު އޭނަ މުސްކުޅިވެފައިވުމުން މީހުން އޭނައަށް
ލަނޑުދެނީ މާ ގިނައިންނެވެ. މަސައްކަތް ކުރުވާފައި ލާރި ނުދޭ މީހުން ވެސް ދަނީ
އިތުރުވަމުންނެވެ. އެ ވާހަކަ އިވިފައި އައްޒާމް ކުރިއަށް ޖެހިލަމުން އޭނައަށް
އެކަން ޙައްލު ކުރެވިދާނެކަމަށް ބުނެލީ އެހީއެއްވާން ބޭނުންވެފައިވި
މިންވަރުންނެވެ. ވަކި ލަތީފަކީ މާޝާގެ ބައްޕައަށް ވީތީވެއެއްވެސް ނޫނެވެ. ލަތީފް
އެހީއަކަށް އެދިއެދި ހުރި މިންވަރުން އައްޒާމްގެ ޚިޔާލު ހޯދިއެވެ. އެހެންކަމުން
ވަޑާން ގޭގެ ކައިރީގައި ކުޑަ އޮފީހެއް ހަދައި އެ އޮފީހުގައި ހުންނަ
ކޮމްޕިއުޓަރުގައި ލިބޭ ހުރިހާ އޯޑަރުތައް ލިޔެވިގެންދާނެ ފަދަ ގޮތެއް
ހަމަޖެއްސުމަށް އައްޒާމް އެދުނެވެ. ލަތީފަށް އެ ޚިޔާލު ކަމުދިޔަ ވަރުން އޭނަ
ވަގުތުން އައްޒާމަށް މަރުޙަބާ ކިޔުނެވެ.
ވަޑާންގޭގެ ކައިރީގައި ކުޑަ
އޮފީހެއް އެޅި، އެތާނގައި ހުންނާނެ ކުއްޖަކު ހަމަޖެހެންދެން ލަތީފް އެތަނުގައި
ބަހައްޓަންވީ ކޮމްޕިއުޓަރު ބެހެއްޓީ ގޭގައެވެ. އެހެންކަމުން އެ ކޮމްޕިއުޓަރުގައި
ވަޑާންގެއަށް ބޭނުންވާނެ ފަދަ ސޮފްޓްވެއާރއެއް އަޅައި ހުރިހާކަމެއް
ހަމަޖެއްސުމަށްޓަކައި އައްޒާމް ކޮންމެ ރެއަކުހެން އެގެއަށްދާން ފެށިއެވެ. ނަތީޖާއެއްގެ
ގޮތުން އޭނައަށް ކޮންމެ ރެއަކު މާޝާ ވެސް ފެންނަން ފެށިއެވެ. ކޮމްޕިއުޓަރު
ބަހައްޓާފައި ހުންނަނީ ސިޓީންގް ރޫމުގައި ކަމަށްވިޔަސް ގިނަ ފަހަރު ހާފިޒާއާއި
ލަތީފް އައްޒާމް މަސައްކަތް ކުރާ ގަޑީގައި އެތާނގައި ނުތިބެއެވެ. އެ މަސައްކަތާއި
ބެހޭގޮތުން އެމީހުންނަށް މާ ބޮޑަށް ނޭނގުމާއެކު އެމީހުން ވެސް ކުރަންވީ
މަސައްކަތްތަކެއް ހުރުމުންނެވެ. މާޝާގެ ވެސް ކިޔެވުމުގެ މަސައްކަތްތައް
ހުއްޓެއްކަމަކު އައްޒާމް އަންނަންފެށިތާ މަދު ރޭތަކެއް ފަހުން އޭނައަށް ސިޓިންގް
ރޫމަށް ނިކުމެވެން ފެށީ އަމިއްލަ ނަފްސަށް ކޮންމެވެސް އެއް ބަހަނާއެއް
ދައްކާފައެވެ. ކުރީ ކޮޅު އޭނަ އެހެން ހެދުމުގެ އެއްވެސް ހެޔޮ ނިޔަތެއް ނެތްކަން
އެނގި އޭނަ ހުރީ ކޮޓަރިން ބޭރަށް ނުނިކުންނަން ފައިވިއްދައިގެންނެވެ. އެހެނަސް
އޭގެ ބަދަލުގައި އެހެނިހެން ނިޔަތްތައް ޝައިޠާނާ އޭނަގެ ހިތުގައި ޒީނަތްތެރި
ކުރިއެވެ. ފެން ބޯންވެސް ބޭރަށް ދެވިދާނެ ނޫންހޭ ބުނަމުންނެވެ. މަންމަ ކައިރި
ވާހަކައެއް ބުނަންވެފަ އެބައޮތްކަން ހަނދާންކޮށްދެމުންނެވެ. ކުޑަކޮށް ފެނުނަސް އެއީ
މައްސަލައެއް ނޫންކަމަށް ބުނަމުންނެވެ. އައްޒާމް އެކަން ކުރުމުގައި އޭނަގެ
އެހީއެއްވެސް ބޭނުންވެދާނެކަމަށް ވަސްވާސް ދެމުންނެވެ. އެ ވަސްވާސްތަކެއްގެ
ސަބަބުން އެންމެ ފަހުން މާޝާއަށް ސިޓިންގް ރޫމަށް ގޮސް އައްޒާމް މަސައްކަތުގައި
އިންދާ 'ހާއި'އޭ ބުނެލެވުނެވެ. އޭނަގެ އަޑު އިވުމާއެކު އައްޒާމް ފަސްއެނބުރި
ބަލާލުމުން މާޝާއަށް ލަދުވެތިކަމެއް އިޙްސާސް ކުރެވުނީ އޭނަގެ ނިޔަތްތަކުގެ
ލަދުކުޑަކަން އެނގުންވީ މިންވަރުންނެވެ. އެހެނަސް އައްޒާމްވެސް 'ހާއި'އޭ ބުނެ
އޭނައާއި ހިނިތުންވެލުމުން އޭނަ މާ ބޮޑަށް ވިސްނަނީ ކަމަށް އަނެއްކާވެސް ޝައިޠާނާ
ބުނެލި ގޮތުން އެއީ ޚުދު އޭނަގެ ޚިޔާލެއްހެން މާޝާއަށް ހީވިއެވެ. އެއާއެކު މާޝާ
ކުރިއަށް ހިނގާފައި ގޮސް އައްޒާމްގެ ވާތްފަރާތަށް ވާ ގޮތަށް ހުރި ސްޕޮންޖް ސޯފާގެ
އަތްގަނޑުމަތީގައި އިށީނެވެ.
"އަދިވެސް ނުނިމެނީތަ؟"
އެއްފަހަރު ކޮމްޕިއުޓަރު ސްކްރީނަށް އަނެއްފަހަރު އައްޒާމަށް ނަޒަރެއް ދެމުން މާޝާ
އެހިއެވެ.
"އާނ....މީތި ތަންކޮޅެއް
ސްލޯކަމުން މިއުޅެނީ. ތަންކޮޅެއް ކުރީގެ ވާރޝަންއަކަށްވީމަ ކަންނޭނގެ. ކިހާއިރެއް
މިރޭވެސް މިތަންކޮޅު ލޯޑް ނުވެގެން އުޅޭތާ! އަރްރްރްރްގް!" އައްޒާމް
ކަރުބުޑުން އަޑެއްލެއްވިއެވެ. އެތައް ދުވަހެއްފަހުން މާޝާ އޭނައާއި ވާހަކަ
ދެއްކުމުން އޭނަގެ ރޫޙަށް ޖޯޝެއް އައިސްފައިވިއެވެ. ކުރިއާއި ޚިލާފަށް މާޝާ
ކަކުލުން ތިރިއަށް އޮތް ގަޔަށް ދޫ ދެމޭފޮތީގެ ހަރުވާޅު ހެދުމެއް ލައިގެން ހުރި
ގޮތުން މާޝާއަށްޓަކައި އިތުރު ލޯތްބަކާއި ޤަދަރެއް އައްޒާމްގެ ހިތުގައި
އުފެދުނެވެ.
"ހެހެ.....ބަޓް ޑޯންޓް ގިވް
އަޕް އިނގޭ؟ އޭރުން ތިނަމާއި ވެސް ނުއެއްގުޅޭނެ. ތިއީ ޢަޒުމް ވަރުގަދަ
ޢައްޒާމްއެއްނު؟" މާޝާ ހިނިތުންވުމަކާއެކީ މަޚްރަޖުން ބުނެލިއެވެ. އެއާއެކު
އޭނައަށް ބަލާލި އައްޒާމްގެ މޫނުމައްޗަށް ވެސް ފުރިހަމަ ހިނިތުންވުމެއް ވެރިވިއެވެ.
"ޞަރްފް ދޯ؟ އެ ފެމިލީތައް
ނުބަލާ ދަސްވެއްޖެތަ މާޝް؟ އަހަރެން ދަހެއްނުވޭ....ތަންކޮޅެއް ބިޒީވެސްވީމަ. ކާފަ
އެތައް ވަރަކަށް އެބަބުނޭ އަހަރެން ކައިރި." އައްޒާމް އަނެއްކާވެސް
ކޮމްޕިއުޓަރަށް ބަލައި ކްލިކްތަކެއް ކުރަމުން ވާހަކަ ދެއްކިއެވެ.
"ކީއްކުރާނީ؟ އަސްލު ކާފަގެ
ކާފަ ދަރިއަށް ވާންޖެހެނީ ވެސް އަހަރެން ވިއްޔާ. ޕުއާރ ކާފާ!" އާދައިގެ
މަތިން އޭނަ އައްޒާމާއި ގާތްވާން ބޭނުންވާފަދަ ވާހަކަތައް ބޭއިޚްތިޔާރުގައި
ސަމާސާތަކުގެ ތެރެއިން މާޝާއަށް ދެކެވެން ފެށިއެވެ. މާޝާގެ އެ ވާހަކައަށް
އައްޒާމަށް ހެވުނެވެ. އެ ވެގެން ދިޔައީ އާ ފެށުމަކަށެވެ. ކޮންމެ ރެއަކުހެން
މާޝާއާއި އައްޒާމް ގޭގެތެރެއިން އެގޮތަށް ދިމާކުރެއެވެ. ކޮންމެ ރެއަކުވެސް
ދެމީހުންގެ ދެމެދުގައި ދެކެވިގެން ދަނީ ކޮންމެވެސް ޢަރަބި ފިލާވަޅެއްގެ
ވާހަކައެވެ. އެހެންނޫނީ އާޔަތްތަކެއްގެ ވާހަކައެވެ. އެ ބައްދަލުވުންތަކުގައި
ގޯހެއް ވެދާނެކަމަށް ދެމީހުންނަށް ވެސް ޤަބޫލުކުރަން ދަތިވީ އެހެންވެއެވެ. މާޝާ
އޭނައަށް ކިޔައިދޭ އާޔަތްތަކުގެ ސަބަބުން އައްޒާމްގެ އީމާންތެރިކަން
ވަރުގަދަވަމުން ދިޔަފަދަ އިޙްސާސެއް އޭނައަށް ކުރެވެމުން ދިޔައެވެ. އެހެނަސް
ކުރިއާއި ޚިލާފަށް އެ އީމާންތެރިކަމާއެކީ އެ ދެމީހުންގެ ހިތަށް ވެސް ދަސްވި
ލަދުވެތިކަން ނެތެމުން ދިޔަ ފަދަ އިޙްސާސެއްވެސް ދެމީހުންނަށް ކުރެވުނެވެ. ކުރިން
އެކަކު އަނެކެއްގެ ކައިރީގައި ވެސް ތިބެން ދެމީހުން ޖެހިލުންވީއިރު ފަހުން
އެއީވެސް މާ ބޮޑު ކަމަކަށް ނުވެއެވެ. މަގުމަތިން ވެސް ދެމީހުން ދިމާވުމުން
އަނެއްކާވެސް ވާހަކަތަކެއް ދެކެވެން ފެށިއެވެ. ކޮމްޕިއުޓަރަށް ސޮފްޓްވެއާރ އަޅައި
ނިމުމުން ވެސް އައްޒާމާއި މާޝާ އެކިއެކި ބަހަނާގައި އެކި ތަންތަނުން ދިމާކުރަން
ފެށީ ދެމީހުން އެކަކު އަނެކަކާ އެކީ ވަގުތު ހޭދަކުރަން އެދެވުނު މިންވަރު
ވަރުގަދަވީ ވަރުންނެވެ. މީގެ ސަބަބުން ދިމާވެދާނެ ކަމަކާމެދު ވެސް ނުވިސްނުނީ
އެމީހުން ބައްދަލުކުރަނީ 'ރަނގަޅު' ނިޔަތްތަކަށްޓަކައި ކަމަށް ޝައިޠާނާ
ދެމީހުންނަށް ވެސް ވިސްނައިދިނުމުގައި ކާމިޔާބު ހޯދުމުންނެވެ. އެހެންކަމުން ބައެއް
ޕާކުތަކުގެ ތެރެއިންނާއި، ފަޅު ގެތަކެއްގެ ފާރު މަތިންނާއި ތުނޑިމަތިން އެ ދެ
ޒުވާނުން އެކީގައި ތިބޭ މަންޒަރު ފެންނަން ފެށިއެވެ. އެއާއެކު ރަށުތެރޭގައި ވެސް
އެ ވާހަކަތައް މަޑުމަޑުން ފެތުރެން ފެށިއެވެ.
ހާޝިމްގެ ކަންފަތާއި ހަމައަށް އެ
ވާހަކަ ފޯރީވެސް ބަޔަކު މީހުން ރަށުތެރެއިން އެ ވާހަކަތައް ދައްކާ އަޑަށެވެ. އައްޒާމް
ލަތީފްގެ ގެއަށް ދާންފެށިފަހުން މާ ގިނައިން މާޝާގެ ވާހަކަ ދައްކާކަން އޭނައަށް
ކުރިން ވެސް ފާހަގަވެފައިވިއެވެ. އެހެނަސް އޭނައަށް ހީކުރެވިފައިވީ އައްޒާމް
މާޝާއާއި ވާހަކަ ދައްކާނީ އޭނަގެ ބައްޕަގެ ހާޒިރީގައި ކަމަށެވެ. އައްޒާމް އެގެއަށް
ދިޔައީ ވެސް އެ ބައްޕަގެ އެދުމެއްގެ މަތިން ވިއްޔާއެވެ. އެހެނަސް ކަންތައް މިހާ
ހިސާބަށް އަންނާނީ އެ ނޫންގޮތަކަށް އެދެމީހުން ބައްދަލުވެފައިވުމުންކަން ހާޝިމަށް
އެނގުންވިއެވެ. ހާޝިމް އޭނައަށް އެ ވާހަކަ އިވުނު ދުވަހު އައްޒާމާއި އެ
ސުވާލުކުރުމުން އޭނަ ތެދުތެދަށް ޖަވާބު ދިނެވެ.
"ލައްބަ ކާފާ މާޝާއާއި
ބައްދަލުކޮށްލާފަ މިއައީ. މާ ޝާ ﷲ އެކުއްޖާ އަހަރެން ހީކުރި ވަރަށްވުރެ ވެސް
ޢަރަބިއާއި ޤުރުއާނަށް މޮޅު. ކާފައަށް އެނގޭތަ؟ މާޝާ ދަސްކޮށްދިނީމަ މިހާރު
އަހަންނަށް ޢަރަބީގެ ވަރަށް ގިނަ އެއްޗެހި ވެސް އެނގޭ. އަދި އޭނަ ލެކްޗާރތައް
ބަލާފަ ދަސްކުރާ ވަރަށް ސަޅި އާޔަތްތަކާއި ޙަދީޘްތައް ވެސް ޙިއްސާކުރޭ. ކޮންމެ
ދުވަހަކު ކާފައަށް މިވާހަކަތައް ކިޔައިދޭންވެގެންނޭ މިހުންނަނީ އެކަމަކު
ފުރުޞަތެއް ނުލިބެނީ ހަމަ." އައްޒާމް ޖަވާބު ދިނީ އުޖާލާވި
ހިނިތުންވުމަކާއެކީގައެވެ. އެއީ އޭނަގެ ކާފަ ނުރުހުންވެދާނެކަމެއްހެން ވެސް އެ
ވަގުތު ހީނުވުމުންނެވެ. މި ޙާލަތުގައި އައްޒާމްގެ މައުސޫމްކަން އިޙްސާސްވުމުން
ހާޝިމްގެ ހިތް ދެރަވާ ގޮތްވިއެވެ. އޭނައަށް ތަންކޮޅެއް ކުރިން ބުނެދޭންވީ
ވާހަކަތައް ބުނެނުދެވި ހުރުމުން އައްޒާމް ކުރިއަށް އޮތް ތަނުގައި އޭނަ
ހިތްދަތިވާނެ ފިޔަވަޅެއް އަޅަންޖެހޭނެކަން އެނގުންވުމުންނެވެ. އެހެނަސް އައްޒާމްގެ
ޙާލަތް ރަނގަޅު ގޮތަށް އަނބުރާލުމަށް އޭނައަށް ސާބިތުކަމެއް ދެއްވުމަށް އެދި
ދުޢާކުރަމުން ހާޝިމް އޭނަގެ ދަރުސްތަކުގެ މިޞްރާބު ބަދަލުކުރަން ނިންމިއެވެ.
އެހެންކަމުން އޭގެ އަނެއްދުވަހުގެ ދަރުސް އޭނަ ފެށީ މުއުމިނުންގެ ސިފަތައް
ސިފަކުރެވިފައިވި އާޔަތްތައް ބުނެދެމުންނެވެ. އެ ސިފަތަކުގެ ތެރެއިން ފުރިހަމަ
އީމާންތެރިކަމުގެ ވެރިންނަކީ ފާޙިޝް ޢަމަލުތަކުން ދުރުވާ ބައެއްކަމުގެ މާނަ ދޭހަވާ
އާޔަތް ތަފްޞީލުކޮށް ކިޔައިދިނުމުގައި ހާޝިމް ގިނަ ވަގުތު ހޭދަކުރިއެވެ. އަދި
އިސްލާމް ދީނުގައި ހިލޭ އަންހެނުންނާއި ފިރިހެނުންނާއި ދެމެދުގައި އޮންނަންޖެހޭ
ދުރުމިނާއި އެމީހުން މުޢާމަލާތް ކުރަން ޖެހޭ ޙާލަތްތަކާއި ގޮތްތަކާއި މުޢާމަލާތް
ކުރަން ނުޖެހޭ ގޮތްތައް މިސާލުތަކާއެކީ ކިޔައިދިނެވެ. އެ ވާހަކަތައް އަޑުއިވެމުން
ދިޔަ މާޝާއާއި އައްޒާމްގެ މޫނުތަކަށް ވެރިވަމުން ދިޔަ ކުލަވަރުތައް ފެނިފައި
ހާޝިމް އެމީހުންނަށް ރަނގަޅު ފިޔަވަޅު އެޅުމަށް ހިތްވަރު ލިބޭނެ ފަދަ އާޔަތްތައް
ވެސް އެކި ދުވަސްމަތިން ޙިއްސާކުރިއެވެ.
"أَلَا
يَعْلَمُ مَنْ
خَلَقَ؟....އެކަލާނގެ ހެއްދެވި އެއްޗެއް އެކަލާނގެއަށް
ދެނެވޮޑިގެން ނުވާނީހޭ ﷲ ވަޙީކުރައްވަނީ...ދުނިޔޭގެ މިސާލުން ވިސްނާލީމަ ވެސް
އަހަރުމެންނަށް އެނގޭނެ މިއީ ކިހާ ބޮޑު ޙަޤީޤަތެއްކަން. މި ގެންގުޅޭ ފޯނެއް ނޫނީ
އެހެން މެޝިނަކަށް ބަލާލިޔަސް އޭތި ގެންގުޅެންވީ އެންމެ ރަނގަޅު ގޮތް އެނގޭނީ އޭތި
ހެދި މީހަކަށް. އެ މީހަކު ދީފައިވާ އިރުޝާދާއި އިދިކޮޅަށް ކަންތައް ކޮށްފިނަމަ އެ
އާލާތް ހަލާކުވެގެން ދިޔުން ވަރަށް ގާތް. ހަމަ އެފަދައިން.....އެއަށްވުރެ ވެސް
ފުރިހަމައަށް ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނާ އުފައްދަވައި އެ އިންސާނާ އުޅެންވީ
ގޮތް ބަޔާންކޮށްދެއްވި. އެ އަމުރުފުޅުތަކާއި ދެކޮޅަށް އިންސާނާ އުޅެން ފަށައިފިނަމަ
އިންސާނާ ދެދުނިޔެއިން ވެސް ބަރުބާދުވުން ނޫންކަމެއް ނުވާނެ. ﷲ ކަމަކަށް
އަމުރުކުރައްވާފައިވާނަމަ އެއީ ހަމަ އަހަރުމެންނަށް އެންމެ ރަނގަޅަކަށް.
އަހަރުމެންނަށް ކުޅަދާނަވެގެންވީ ކަމަކަށްނޫނީ އެކަލާނގެ އަހަރުމެންނަށް އަމުރު
ނުކުރައްވާނެ." ހާޝިމް ނަޞޭޙަތްތެރިވިއެވެ. މާޝާއާއި އައްޒާމްގެ ހިތަށް ވެސް
އެންމެ ބޮޑު އަސަރެއް ފޯރުކުރުވީ ހާޝިމްގެ އެ ނަޞޭޙަތުންނެވެ. ދެމީހުންނަށް ވެސް
އެދުވަހު ގެއާއި ދިމާލަށް މިޞްރާބުޖެހުނީ ވިސްނުމެއްގެ ތެރޭގައި ތިބެއެވެ.
ސިކުނޑީގައި ދައުރުވަމުން ދިޔަ ޚިޔާލުތައް މާޝާ އެހެން މީހަކާއި ޙިއްސާކުރަން
ކިތަންމެ ބޭނުންވިއެއްކަމަކު އޭނައަށް އެ ފުރުޞަތެއް ނުލިބުނެވެ. މަންހާ ވެސްވަނީ
އޭނަގެ އެހެން ދައްތައަކު ވިހައިގެން މީގެ 2 ހަފްތާއެއްހާ ކުރިން މާލެއަށް
ގޮސްފައި ކަމަށްވުމުންނެވެ. އެހެންކަމުން މާޝާ އެ އިވުނު ނަޞޭޙަތްތަކާއި އެކީގައި
ވެސް އަމިއްލަ ނިންމުންތައް ނިންމިއެވެ. ހިތް ކިތަންމެ ވަރަކަށް ބުންޏެއްކަމަކު
އޭނަ ޤަބޫލުކުރަން ބޭނުންވީ އޭނައާއި އައްޒާމްގެ ގުޅުމުގައި އެއްވެސް މައްސަލައެއް
ނުވާ ކަމަށެވެ. މައްސަލައެއްވާ ކަމަށް ހިތް ބުނާ ކޮންމެ ފަހަރަކު އޭނަ އަމިއްލަ
ނަފްސަށް ވެސް ރުޅި އާދެއެވެ. އެހެންކަމުން މާޝާ އޭނަގެ ހަވާ ނަފްސުގެ
އެދުންތަކާއި އެއްގޮތަށް ގަދަކަމުން ވިޔަސް ވިސްނަމުން ދިޔައީ، ލަދުވެތިކަމާއި
އިދިކޮޅަށް އޭނަ އެޅި ފިޔަވަޅުތަކެއްގެ ސަބަބުން ދަށްވެފައިވި އީމާންތެރިކަމުގެ
ސަބަބުންނެވެ.
އެހެނަސް އައްޒާމާއި ކުރިމަތިވީ
އެއާއި މުޅިން ތަފާތު ޙާލަތެކެވެ. އެރޭ ގެއަށް ގޮސް އޭނައަށް ވަގުތުން އޭނަގެ
ޚިޔާލުތައް ޙިއްސާކުރާނެ ފުރުޞަތެއް ލިބުނެވެ. އޭނަ ޙަޤީޤަތުގައި އިނީ އެއްވެސް
އެއްޗެކޭ ނުކިޔާށެވެ. ގެއަށް ދިޔަ ގޮތަށް އޭނަ ސިޓިންގް ރޫމުގެ ސޯފާގައި އަމިއްލަ
ޚިޔާލުތަކަށް ގެއްލިފައި އިނީއެވެ. ކާފަ އައިސް އޭނަގެ ކައިރީގައި ވަކިން ހުރި
ސޯފާގައި އިށީނީ އޭގެ އިރުކޮޅެއް ފަހުންނެވެ. ކާފަ އިށީންކަން އެނގުނެއްކަމަކު
އައްޒާމް އެ ފަރާތަށް ބަލައެއް ނުލިއެވެ. އެގޮތުގައި ވެސް ހިމޭންކަމުގެ
ވަގުތުކޮޅެއް ވޭތުވުމުން ހާޝިމް ވާހަކަ ދެއްކިއެވެ.
"ކޮން ކަމަކާ ތި
ވިސްނަނީ؟" ޖަވާބު އެނގިހުރެ ވެސް ހާޝިމް އަހާލިއެވެ. އެއާއެކު
ހަމަހޭވެރިކަމެއް ލިބިގެން ދިޔަ އައްޒާމް ކުޑަ ސިހުމަކާއެކީ އޭނައަށް ބަލާލިއެވެ.
އޭގެ ދެވަނަ ސިކުންތުގައި އަނެއްކާވެސް އިސްޖަހާލީ މާޔޫސީ ގޮތަކަށެވެ.
"އަހަންނަށް މި ކުރެވެނީ
ރަނގަޅުކަމެއްތަ ކާފާ؟" އައްޒާމް އެހެން ބުނެލިއިރު ހިތުގައި އުފެދުނު
ރިހުމާއެކު ދިލަނަގަން ފެށި ދެލޮލާއެކީގައެވެ. މާޝާއާއި ކުރު މުއްދަތަކަށް ވިޔަސް
ވަކިވުމުގެ ޚިޔާލުވެސް ވެގެންދިޔައީ އޭނައަށް ދަތި ޚިޔާލަކަށެވެ.
"ކޮން ކަމެއް؟"
އަނެއްކާވެސް އެނގިހުރެ ހާޝިމް ސުވާލުކުރީ އައްޒާމްގެ އިޙްސާސްތައް އޭނަގެ ލައްވާ
ބޭރު ކުރުވުމަށެވެ. އޭނަގެ އެ ސުވާލު އިވިފައި އުދަގުލެއްވެގެން އުޅޭ ފަދައަކުން
އައްޒާމް ޖަވާބުދިނެވެ.
"މް...މާޝް..ޝާ އާ..."
އައްޒާމްގެ އަޑު ތުރުތުރު އަޅައިގެން ދިޔަ ގޮތުން އޭނައަށް ޖުމްލަ ފުރިހަމައެއް
ވެސް ނުކުރެވުނެވެ. ހިތަށް އިހުނަށްވުރެ ވެސް ބޮޑަށް ތަދުވީ މާޝާއާއި އެކީގައި
އޭނައަށް ކުރެވުނީ ﷲ ރުހިވޮޑިގެންނުވާނެ ފަދަ ކަމެއްކަން އެނގުންވުމުންނެވެ.
"ދަރިފުޅަށް ހީވަނީ
ކިހިނެއް؟" ހާޝިމް ދެންވެސް ލޯތްބާއެކީ ސުވާލުކުރިއެވެ. އެ ސުވާލު އިވިފައި
އައްޒާމް އޭނަގެ ދެއަތް ޖޯޑުކޮށް ނިތުގައި ޖައްސާލީ އޭނައަށް ރޮވެން
ކައިރިވުމުންނެވެ. އެންމެ ބޮޑަށް ދެރަވީ އޭނަގެ އަމިއްލަ އެދުމެއްގެ ބޭނުމުގައި
މާޝާ ވެސް ފާފައެއްގެ ތެރޭގައި ގެންގުޅެވުނު ކަމުގެ އިޙްސާސް ކުރެވުމުންނެވެ. އަދި
ކުރިއަށް އޮތްތާނގައި އޭނައާއި މާޝާ ވަކިވާންޖެހޭ ކަމުގެ ވޭން އެ އިޙްސާސާއެކީ
އެއްވުމުން އައްޒާމްގެ މަރާލެވުނު އެސްފިޔަތަކުގެ ދޭތެރެއިން ކަރުނަ ހިލުނެވެ.
އައްޒާމަށް ވަމުން ދިޔަގޮތް ފެނިފައި ދެރަވެގެން ދިޔަ ހާޝިމަށް ވާހަކަ ދެކެވުނެވެ.
"ދަރިފުޅު ބޭނުންވަނީ
މާޝާއާއި އިންނަންތަ؟" ހާޝިމް ދެންވެސް ކޮށްލީ ސުވާލެކެވެ. އެއާއެކު އައްޒާމް
އިސްއުފުލާލިއެވެ.
"ތިއީ އެހާ ފަސޭހަކަމެއް
ނޫނެއްނު ކާފާ؟ މާޝާ އަދިވެސް އެ ދަނީ ކިޔަވަމުން. އަހަރެން ވެސް އަދި
ކައިވެންޏަކަށް ތައްޔާރެއްނޫން. އޭގެ ކުރިން އަހަރެން ބޭނުން އަހަރެންގެ
މަސައްކަތް ވެސް އިތުރަށް ފުޅާކުރަން. އޭގެ ކުރިން ދެން ދެމީހުން ބައްދަލުކޮށް
ވާހަކަ ދެއްކިޔަސް މައްސަލައެއް ނޫނެއްނު ކާފާ؟ އަންހެނުންނާ ފިރިހެނުންނާ
އެއްގޮތަކަށް ވެސް ވާހަކަ ނުދެއްކޭނެއޭ ކާފަވެސް ނުބުނަމެއްނު؟!" އައްޒާމް އެ
ފަހު ސުވާލުތައް ކޮށްލީ ހިސާބަކަށް އިސްވެގެން ދިޔަ ރުޅިއާއި އެކީގައެވެ. އެ
ވާހަކަތައް އަޑުއަހާފައި ހާޝިމް ފުން ނޭވައެއް ދޫކޮށްލިއެވެ.
"ނުބުނަން. އެކަމަކު
އައްޒާމް މާޝާއާއި ބައްދަލުކުރާ ނިޔަތް އެންމެ ރަނގަޅަށް އެނގޭނީ އައްޒާމަށް. އަދި
ﷲ އެއަށްވުރެ ވެސް މޮޅަށް ދެނެވޮޑިގެންވޭ....އައްޒާމް ބޭނުންވަނީ ކޮން ގޮތެއް؟
ދެކުދިން އެކީގަ ޤަދަރުވެރި ދިރިއުޅުމެއް ފަށަންތަ؟ އެހެންނޫނީ ރަށުތެރޭގަ ތި
ދެކުދިންނާ ބެހޭގޮތުން ވެސް ނޭދެވޭ ވާހަކަތައް ފެތުރެންތަ؟ ކާފަ ވަރަށް ދެރަވޭ އެ
ވާހަކަތައް އިވިފަ. އައްޒާމްއާ އެކީ ދަރުހަށްދާ ބައެއްކުދިން ބުނާ އަޑު އިވޭ
އައްޒާމަކީ ތައުބާވުމުގެ ކުރިން އަންހެން ކުދިންނާ ދުރުން އުޅުނު ކުއްޖެކޭ.
އެކަމަކު މިހާރު އޭނަގެ ލޯބިވެރިއެއް ހުރެއޭ. މިއީ މާ ރީތި ވާހަކައެއްތަ އައްޒާމް؟
އައްޒާމަށް ތައުބާވެފައި ދީނީ ޢިލްމު ލިބިފައިހުރި ކުއްޖެއްގެ ގޮތުގަ ތި ދެއްކެނީ
ރަނގަޅު މިސާލެއްތަ؟ ބުނެބަލަ!" ހާޝިމް ވެސް ހިސާބަކަށް ނުރުހުންވެފައި
އަޑަށް ހިސާބަކަށް ބާރުލާފައި ވާހަކަ ދެއްކިއެއްކަމަކު އޭނަ އަޑު އިސް ނުކުރެއެވެ.
ހާޝިމް އެ ވާހަކަ ދެއްކި ގޮތުން ވެސް އައްޒާމަށް އަމިއްލަ ނަފްސު ކުށްވެރި
ކުރެވުނެވެ. އޭނައަށް ބުނާނެ އިތުރު އެއްޗެއް ނުވިސްނިފައި އަނެއްކާވެސް
އިސްޖަހާލެވުނެވެ.
"މިއީ ވިސްނަންޖެހޭ ކަންތައް
އައްޒާމް...އެކަމަކު ތި ބުނިހެން އައްޒާމް މިވަގުތު ކައިވެންޏަކަށް ތައްޔާރެއް
ނޫނިއްޔާ މާޔޫސްވުމުގެ ބަދަލުގަ އެކަމަށްޓަކައި މަސައްކަތް ކުރޭ! އައްޒާމްގެ ތި
ވިޔަފާރި ފުޅާކުރަން ބޭނުންވާ ވަރަށް ފުޅާކުރޭ. ކައިވެންޏެއްގެ ގުޅުމެއް
ދަމަހައްޓަން ބޭނުންވާނެ ފަދަ ޝަޚްޞިއްޔަތެއްގެ ވެރިއަކަށްވޭ. ކައިވެންޏަކީ ހަމައެކަނި
ކަމުދާ ކުއްޖަކާއެކީ މުޅި ދިރިއުޅުން ހޭދަކުރަން ކުރާ ކަމެއް ނޫން. އެއީ
ޢާއިލާއެއް ފެށުމަށްޓަކައި ކުރާ ކަމެއް. އެ ޢާއިލާގެ ފުރިހަމަ ޒިންމާ
ނެގުމަށްޓަކައި ކުރާ ކަމެއް. މި ކަންތައްތަކަށްޓަކައި ވިސްނުމުން ވެސް
ތައްޔާރުވެގެން ނޫނީ ކާމިޔާބު ކައިވެންޏެއްގެ ބިންގަލެއް ނޭޅޭނެ." ހާޝިމް
ވާހަކަ ދެއްކިއެވެ. އެ ވާހަކަތައް އިވިގެން ދިޔަދިޔަހެން އައްޒާމްގެ ހިތުގައިވި
އުދާސްކަން ޢަޒުމަކަށް ބަދަލުވާން ފެށިއެވެ. ކާފަ ދެންމެ ސިފަކުރިފަދަ
މީހަކަށްވުމުގެ ޢަޒުމެވެ. ވިސްނުމެއްގެ ތެރެއަށް ގެއްލެން އުޅުނު ވަގުތު ހާޝިމް އިތުރަށް
ވާހަކަ ދެއްކިއެވެ.
"އައްޒާމް މާޝާއާއި އިންނަން
ބޭނުމިއްޔާ ކާފަ އެކަމާ އެއްބަސް. އެ މަންޖެއަކީ ގޯސް ކުއްޖެއްނޫން. ވަރަށް
ރަނގަޅު ކުއްޖެއް. ދަރުސްތަކަށް އެންމެ ޖޯޝާއެކީ އަންނަ ކުދިންގެ ތެރެއިން
އެއްކުއްޖަކު އެއީ. އެކަމަކު މި ވަގުތު އައްޒާމް މާޝާއާއި އިންނަން ޚިޔާލު
ނުކުރާނަމަ މާޝާއާއި ދުރުވާންވީ. ރަނގަޅު ނޫން ގޮތެއްގައި ތިފަދަ ގުޅުމެއް
ކުރިއަށް ގެންގޮސްގެން ދެކުދިންނަށް ވެސް ގެއްލުންވުން ނޫންކަމެއް ނުވާނެ....އެހެންނޫނީ
އައްޒާމް ބޭނުމިއްޔާ މިހާރު ވެސް ކާފަ މާޝާގެ ބައްޕައާއި ތި ވާހަކަ ދައްކަފާނަން.
އޭރުން ތި ދެކުދިން ވެސް ކައިވެންޏަކަށް ތައްޔާރުވީ ދުވަ..." ހާޝިމްގެ ވާހަކަ
މެދުކެނޑުނީ އައްޒާމް އިސްއުފުލައި ވާހަކަ ދެއްކުމުންނެވެ.
"ނޫން ކާފާ. އަދި މާޝާ
ކައިވެންޏަކަށް ތައްޔާރުވާނެހެން އަހަންނަށް ހިއެއްނުވޭ. މި ޙާލަތުގަ އަހަރެން
ބޭނުމެއްނޫން މާޝާ ކައިރި އެފަދަ އެދުމެއް އެދޭކަށް. މާޝާގެ ކިޔެވުން ނިމޭއިރަށް
އަހަރެން އަހަރުމެންގެ މުސްތަޤްބަލަށްޓަކައި މަސައްކަތް ކުރާނީ. އެ މަސައްކަތް
ކޮށް ނިމުނީމަ އަހަރެން މާޝާ ކައިރިއަށް އަނބުރާ އައިސް ކައިވެންޏަށް
އެދޭނީ." އައްޒާމް އޭނަގެ ސިކުނޑީގައި އެ ހިނދުން އެ ހިނދަށް ރޭވި ރޭވުން
ކާފައަށް ކިޔައިދީފައި ކާފައަށް ބަލާލިއެވެ. ހާޝިމް އައްޒާމަށް ބަލަން ހުރެފައި
ބޯޖަހާލަމުން ދަރިފުޅު އެދޭ ގޮތެކޭ ބުނެލިއެވެ. އެއާއެކު އައްޒާމް ފުން ނޭވައެއް
ދޫކޮށްލަމުން ސޯފާއިން ތެދުވެ ދިގު ފިޔަވަޅުތަކެއްގައި ކޮޓަރިއާއި ދިމާލަށް ދިޔައީ
އޭނަގެ ޖަޒުބާތުތައް އަމިއްލަ ބާރުގެ ދަށަށް ގެންނަން މަސައްކަތް ކުރަމުންނެވެ.
އޭނަ ދެންމެ އެ ރޭވި ރޭވުމާއި އެއްގޮތަށް ކަންތައް ކުރުމުން އޭނަ މާ ފުރިހަމަ
ގޮތެއްގައި މާޝާއާއި ގުޅިގެންދާނެ ކަމުގެ ޚިޔާލުން އޭނަގެ ހިތަށް ހަމަޖެހުމެއް
ލިބުނެއްކަމަކު މާޝާއާއި ވަކިވާ މަންޒަރު ހިތަށް ގެންނަންވެސް އޭނައަށް
ދަތިވިއެވެ. އިތުރަށް ދެރަވެގެން ދިޔައީ އޭނަ ކޮޓަރިއަށް ވަދެ ދޮރު
ލައްޕާލުމާއެކުހެން އޭނަގެ ފޯނަށް މެސެޖެއް އައުމުންނެވެ.
"ހައި....ލެޓްސް މީޓް ދޯ
މާދަމާ؟ ހޭވް ސަމްތިންގް އޯސަމް ޓު ޝެއާރ." މާޝާގެ އެ މެސެޖުގައި ލިޔެވިފައި
އޮތީ އެހެންނެވެ. މާޝާ އޭނައަށް މި މެސެޖު ކުރާނީ އޭނައާއި ބައްދަލުކުރަން
ބޭނުންވުން ނޫން އެހެންކަމެއްގައި ނޫންކަން އައްޒާމަށް އެވަގުތު އެނގުންވީ މާ
ބޮޑަށެވެ. ކުރިން ވެސް އެކަން އެނގުނެއްކަމަކު އައްޒާމް ހިނިތުންވުމަކަށްފަހު އެފަދަ
މެސެޖުތަކަށް ޖަވާބު ދެނީއެވެ. އެހެނަސް އޭނަ މިރޭވެސް މި މެސެޖަށް ޖަވާބު
ދީފިނަމަ ދެމީހުންގެ ގުޅުން އެގޮތުގައި ކުރިއަށް ދާނެކަން އޭނައަށް އެނގުންވިއެވެ.
އެއާއެކު އޭނަ ބޭނުންވާ ގޮތް މާޝާއަށް އެންގުމަށްޓަކައި މެސެޖެއް ކުރަން
އައްޒާމްގެ އިނގިލިތައް ޙަރަކާތްކުރިއެވެ. އެހެނަސް އެ ވާހަކަތައް ދެއްކުމުން މާޝާ
ދެކޭނެ ގޮތް އެއްގޮތަކަށް ވެސް ނުވިސްނުމުން ލިޔެވުނު އަކުރުތައް ވެސް އައްޒާމަށް
ފޮހެލެވުނެވެ. އެންމެ 17 އަހަރުގައި ކައިވެންޏެއްގެ ވާހަކަ ދެއްކުމުން އެ ޢުމުރުގެ
ކުއްޖަކު ދެކޭނީ ވެސް ކިހިނެއް ހެއްޔެވެ؟ މާޝާ އެ ވާހަކަތަކަށް ހަޖޫޖަހައި ވާހަކަ
ދައްކާ މަންޒަރު ލޮލަށް ސިފަވުމުން އައްޒާމްގެ މޭގައި ރިހުމެއް އުފެދުނެވެ. އޭނަގެ
ނަޒަރިއްޔާތަށް ދެންމެ މިއައި ބަދަލުގެ ސަބަބުން އޭނައާއި މާޝާ މުޅިން ވަކިވުން
ވެސް ގާތްހެން ހީވި ވަގުތު އައްޒާމްގެ ލޮލުން ކަރުނަ ހިލުނެވެ. އެހެނަސް އޭނަ
އަވަސްއަވަހަށް އެސްފިޔަ ޖަހައި ފޯނު ލޮކްކޮށްލަމުން ތިރިކޮށްލީ އެ ނާޒުކު
ވަގުތުގައި ބަލިކަށި ނުވުމަށެވެ. އޭނަ ބަލިކަށި ވެއްޖެނަމަ މާޝާ އޭނައާއި ގުޅެން
އޮތް ފުރުޞަތުވެސް ހަނިވެދާނެކަން ދަނެގެން އައްޒާމް މުސްތަޤްބަލަށްޓަކައި
ފިޔަވަޅުތަކެއް އަޅަން ނިންމިއެވެ.
މިގޮތުން ހަމަ އެރޭ އައްޒާމް އޭގެ
ހަފްތާއެއްހާ ދުވަސްފަހުން މާލެއަށް ދާން ނިންމީ ވީހާވެސް އަވަހަކަށް މާޝާއާއެކީ
އޭނައަށް ބަދަހި ކުރެވުނު ގޯސް ގުޅުމުގެ މަތިން ހަނދާން ނައްތާލަން
ނިންމަމުންނެވެ. އައްޒާމް ފުރަން ނިންމީ ހާޝިމަށްވުރެ ވެސް ކުރިންކަން ހާޝިމަށް
އެނގުނު ދުވަހު އައްޒާމް ރަނގަޅު ފިޔަވަޅުތައް އަޅަން ފައިވިއްދާލިކަން ހާޝިމަށް
އެނގުނެވެ. އެއާއެކު އައްޒާމަށް ހިދާޔަތް އިތުރުކޮށްދެއްވުމަށް އެދި ހާޝިމަށް ދުޢާ
ކުރެވެމުން ދިޔައެވެ. ހާޝިމްގެ އެ ދުޢާތަކުގެ ސަބަބުން ކަންނޭނގެއެވެ. ފަހަކަށް
އައިސް މާޝާގެ މެސެޖެއް ލިބުމުން އެއާއިމެދު މާ ބޮޑަށް ވިސްނައި ވަގުތު ބޭކާރު
ނުކުރަން ވެސް އައްޒާމަށް ހިތްވަރެއް ލިބުނެވެ. ތައުބާވިފަހުން ފުރަތަމަ ފަހަރަށް
ﷲ މަތިން ރަނގަޅަށް ހަނދުމަކޮށް ޚުޝޫޢަތްތެރިކަމާއެކީ ނަމާދު ކުރެވެން ފެށިއެވެ.
މަގުމަތިން މާޝާ އޭނަ ފެނިފައި ގޮވާލުމުން ވެސް އެއީ ނުވާކަމަކަށް ހަދަން
އައްޒާމަށް އިހުނަށްވުރެ ފަސޭހަވެފައިވިއެވެ. އޭގެއިން ކޮންމެ ފަހަރަކު އޭނަގެ
ހިތަށް ވޭނެއް ލިބުނެއްކަމަކު އޭނަ އެ ވޭން ފިލުވާލަނީ އޭނައާއި މާޝާ ރަނގަޅު
ގޮތެއްގައި ގުޅުވައިދިނުމަށް ހިތާހިތުން ކުރެވޭ ދުޢާއަކުންނެވެ.
އައްޒާމަށް އައި ބަދަލު
ދޭހަކުރަން މާޝާއަށް ދަތިވެފައިވިއެވެ. އޭނަގެ މެސެޖަކަށް ރިޕްލައި ނުކޮށް އޭނަ
ގޮވުމުން އޭނައަށް ބަލާވެސް ނުލަމުން ދިޔަ ގޮތުން މާޝާއަށް ވިސްނެމުން ދިޔައެވެ.
އައްޒާމް އޭނަގެ ކާފަގެ ދަރުސްތަކުން އިވުނު ވާހަކަތަކާއި އެއްގޮތަށް
އުޅުމަށްޓަކައި އޭނައާއި ދުރުވަނީތޯ މާޝާގެ ހިތަށްއެރިއެވެ. އެހެނަސް އައްޒާމްގެ
ކާފަ ދަރުސްތަކުން ދެއްކީ އޭނައާއި އައްޒާމްގެ ދެމެދުގައި އޮންނަ ފަދަ ގުޅުމެއްގެ
ވާހަކަ ނޫންކަމަށް އެހާތަނަށް އައިއިރު މާޝާއަށް އަމިއްލަ ނަފްސަށް
ވިސްނައިދެވިފައިވިއެވެ. އޭނައާއި އައްޒާމް ބައްދަލުކުރަނީ ކިހާ ރަނގަޅު
ކަމަކަށްޓަކައިތޯ އޭނަގެ ހިތް ބުނެފައިވި މިންވަރުންނެވެ. އައްޒާމްގެ ހިތުގައި
އޮތް އެއްޗެއް މާޝާއަށް އެނގޭ ގޮތްވީ، އައްޒާމް ފުރަން އޮތް ރޭ އޭނަ ދަރުހުން
ނިމިގެން މިސްކިތުން ނިކުމެގެން ދިޔަ ވަގުތު އައްޒާމް އޭނަގެ އެކުވެރިޔަކަށް
އެވާހަކަ ކިޔައިދިން އަޑަށެވެ. އެ ވާހަކަ އިވިފައި މާޝާ ހުއްޓުންއަރާ ގޮތްވިއެވެ.
އައްޒާމް އުޅެނީ އޭނައަށް ނުވެސް އަންގައި އޭނައާއި އެހާ ދުރަށް ދާންތޯ ހިތް
ސުވާލު ކުރި ވަގުތު އެ ހިތަށް ތަދުވިއެވެ. ކޮންމެ ގޮތެއް ހަދާފައިވެސް އައްޒާމާއި
ވާހަކަ ދައްކަން ބޭނުންވިއެއްކަމަކު އައްޒާމް އޭނައާއި ދުރުވި ސަބަބު ކޮންމެވެސް
ވަރަކަށް އެނގުމުން ސަބަބަކާނުލާ އައްޒާމްގެ ކައިރިއަށްދާން މާޝާއަކަށް
ނުކެރުނެވެ. އެހެނަސް ހަމަ އިސާހިތަކު ކުރީ ދުވަހު އައްޒާމް އޭނައަށް ދިން
ކުޑައިގެ މަތިން ހަނދާންވުމުން މާޝާ އަވަސް ފިޔަވަޅުތަކެއްގައި ގެއަށް ދިޔައެވެ.
ހާޝިމް ކޮންމެ ރެއެކޭ ވެސް އެއްފަދައިން އެރޭ ވެސް ބައެއް މީހުންގެ ސުވާލުތަކަށް
ޖަވާބު ދިނުމަށްޓަކައި ބައި ގަޑިއިރެއްހާއިރު ވަންދެން މިސްކިތުގައި މަޑުކުރީތީ
މާޝާ ކުޑައާއެކީ އަނބުރާ އައިއިރު ވެސް އައްޒާމް ދުއްވާ ކާރު މިސްކިތުގެ
ކުރިމައްޗަށް ވާގޮތަށް ހުރި ފަޅުގޭގެ ފާރު ކައިރީގައި ޕާކްކުރެވިފައިވިތަން މާޝާއަށް
ފެނުނެވެ. އެ މަގު އަލިވެފައިވީ މިސްކިތުގައި ދިއްލާލެވިފައިވި ބޮކިތަކުން އެކަނި
ކަމަށްވުމުން އެ ފަޅުގެއާއި ދިމާލުން މަގު ފެންނަމުން ދިޔައީ އަނދިރި ކޮށެވެ. ކާރު
ފެނިފައި ފިޔަވަޅުތައް ލަސްކޮށްލި މާޝާއަށް މާގިނައިރެއް ނުވެ އެ އަނދިރި
ފަރާތުގައި ހުރި އެގޭގެ އުސް ފާރަށް ލެނގި ފޯނަށް ނަޒަރު ހުއްޓައިގެން ހުރި
އައްޒާމް އޭނައަށް ފެނުނެވެ. ލަސްލަހުން އޭނަ ކުރިއަށް ގޮސް ކާރުގެ ޑިކީވީ
ފަރާތުގައި މަޑުކޮށްލިއެވެ. އޭނަ އެއްޗެކޭ ބުނަން ނުކެރިފައިވަނިކޮށް އައްޒާމް
އިސްއުފުލާލި މަންޒަރު އޭނައަށް ފެނުނެވެ. އެއާއެކު ދެމީހުންވެސް ހުއްޓުން އަރާ
ގޮތްވިއެވެ. އެހެނަސް މާޝާ މާގިނައިރެއްނުކޮށް ވާހަކަ ދެއްކީ އޭނަ އައްޒާމާއި އެކީ
ހޭދަކުރަން މާ ގިނަ ވަގުތެއް ނެތްހެން ހީވުމުންނެވެ.
"ކް...ކުޑަ."
ޖެހިލުންވުމަކާއެކީ މާޝާއަށް ބުނެލެވުނީ ހަމައެކަނި އެހާ ވަރަށެވެ. އެއަށްފަހު
އޭނަ ކުޑަ ހިއްލާލަމުން އައްޒާމަށް ދައްކާލީ އެވަގުތު އަރުތެރެ ބެދެން ފެށުމުގެ
ސަބަބުން އިތުރު ވާހަކައެއް ނުދެއްކޭނެހެން ހީވުމުންނެވެ. އައްޒާމް އޭނައާއި
ވަކިވާ ކަމުގެ ޝަކުވާ އިންތިހާއަށް ހިތުތެރޭގައި އުފެދުނު މާޝާއަށް ނޭނގުނު ކަމަކީ
އައްޒާމަށް ވެސް އެ ވަގުތުކޮޅުވެގެން ދިޔައީ ފަސޭހަ ވަގުތުކޮޅަކަށް ނޫންކަމެވެ.
އެތައް ދުވަހެއް ފަހުން އަނެއްކާވެސް މާޝާ އެހާ ގާތުން ފެނި އެ އަޑު އިވިގެން
ދިޔުމުން އޭނަ އޭނަގެ ހުރިހާ ރޭވުމެއް އިސާހިތަކު ބަދަލުކުރަން ބޭނުންވިއެވެ.
އެހެނަސް އޭނަ ގޮސް ލުއި ތުރުތުރެއް އެކުލެވިފައިވި އަތަކާއެކީ މާޝާގެ އަތުން ކުޑަ
ހޯދައި ޑިކީ ހުޅުވާލި ވަގުތު އޭގައި ހުރި އޭނަގެ ސޫޓް ކޭސް މާޝާއަށް ވެސް
ފެނުނެވެ. އައްޒާމަށް އޭތި ފެނިފައި މާޝާއަށް ބަލާލެވުނީ ބޭއިޚްތިޔާރުގައެވެ. އެ
ހިނދު މާޝާވެސް އޭނައަށް ބަލާލުމުން އައްޒާމް އެއީ މާ ބޮޑުކަމެއް ނޫންކަމަށް
ހަދަން މަސައްކަތް ކުރަމުން ކުޑަ ބާއްވާފައި ޑިކީ ލައްޕާލިއެވެ. އެ ހިނދު މާޝާ
ވާހަކަ ދެއްކިއެވެ.
"ފުރަނީތަ؟" މާޝާ
އަހާލީ ހަމައެކަނި އެހާވަރަށެވެ. އެހެނަސް އެ މޫނުމަތިން އައްޒާމަށް ފެނިގެން ދިޔަ
އުދާސްކަމުން އޭނަގެ ހިތުގެ އެންމެ ހިމަ ނާރާއި ހަމައަށް ވެސް އަސަރުކުރިއެވެ.
ދެންވެސް އޭނަގެ ޖަޒުބާތުތަކަށް ބާރުފޯރުވަން މަސައްކަތް ކުރަމުން އައްޒާމް ފުން
ނޭވައެއް އެތެރެއަށް ލައި ބޯޖަހާލިއެވެ.
"ކީއްވެ އަހަރެން ކައިރި
ނުބުނީ؟" މާޝާއަށް އެހެން އަހާލެވުނީ ކަރުނުން ފުރިގެން ދިޔަ ދެލޮލާއި
އެކީގައެވެ.
"މާޝާ ކައިރި މިވާހަކަ
ބުނުން މުހިއްމު ކަމުގައި ނުދެކެން." އައްޒާމް ކިތަންމެ
ބޭނުމެއްނުވިއެއްކަމަކު އޭނަ ހިތާއި ދެކޮޅަށް ބުނެލި އެ ބަސްތައް ބުނެލެވުނީ
ރޫރޫއަޅަމުން ދިޔަ އަޑަކުންނެވެ. އޭނަ އަންހެން ކުއްޖަކާހެދި މިހާ ބަލިކަށިވީ ކޮން
ދުވަހަކުތޯ އެވަގުތު އަމިއްލަ ނަފްސާއި ސުވާލުކޮށްލެވުނެވެ. އެ ހިނދު ވެސް މާޝާގެ
ލޯ ކަރުނުން ވިދަމުން ދިޔަ މަންޒަރު ފެނިފައި މާޝާ އޭނަގެ އަތުތެރެއަށް ގެނެސް
ބޮނޑިކޮށްލަން އޭނަގެ ހިތް އެތައް ހާސްފަހަރަކު އެދުނެވެ. މާޝާ އޭނައަށް
ބަލަހައްޓައިގެން ހުރެފައި އަސްލުވެސްހޭ ބުނެލި ވަގުތު ހިތަށް ކެތް ނުކުރެވުމުން
ލޮލަށް ގިނަވެގަތް ހޫނު ކަރުނަތަކަކާއެކީ އައްޒާމަށް އިސްޖަހާލެވުނެވެ. މާޝާ
އެކޮށްލި ސުވާލުގެ ޖަވާބަކަށް ނޫނެކޭ ބުނެ އޭނަގެ ތެޅިފޮޅެމުން ދިޔަ ހިތް
ހަޅޭއްލެވިއެވެ. އޭނައަށް އެހެން ހުރިހާ އެންމެންނަށްވުރެ ވެސް މުހިއްމީ މާޝާ
ކަމަށްބުނެ މާޝާ އުފާކޮށްދޭން އޭނަ ބޭނުންވާ މިންވަރު ކިޔައިދޭން އޭނަގެ ހިތް
އެދުނު މިންވަރު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ އެވެ. ފުރަތަމަ ފަހަރަށް އައްޒާމް
އެހާވަރަށް ދެރަވެފައިވި މަންޒަރު ފެނުނު މާޝާގެ ލޮލުން ވެސް އެ ހިނދު ކަރުނަތައް
ފައިބައިގެންއައެވެ. އައްޒާމް ކާފަގެ ނަޞޭޙަތްތަކުގައި ހިފުމަށްޓަކައި ހިތާއި ދެކޮޅަށް
ވެސް ފިޔަވަޅެއް އަޅަނީކަން އެނގުންވި ވަގުތު މާޝާއަށް ވާހަކަ ދެކެވުނެވެ.
"އިޓް ޑަޒްންޓް ހޭވް ޓު ބީ
ދިސް ވޭ އައްޒާމް! އައްޒާމްގެ ކާފަ ދަރުސްތަކުގައި އެ ދެއްކީ ވަރަށް ގޯސްކޮށް އުޅޭ
ކުދިންގެ ވާހަކަ. އަހަރުމެން އެކުދިން ކުރާ ކަހަލަ ކަންތައް ނުކުރަމެއްނު؟
އަހަރުމެން އުޅެނީ ކިހާ ރަނގަޅަށް؟" މާޝާ އެހެން ބުނެލީ އައްޒާމް
ހިތްހަމަޖައްސައިދިނުމުގެ ނިޔަތުގައެވެ. އެހެނަސް އައްޒާމް އިސްއުފުލާލަމުން އޭގެ
ރައްދުދިނެވެ.
"ނޫން މާޝް. މިއީ
ރަނގަޅުކަމެއް ނޫން މިކުރެވެނީ. އަހަރުމެން މިހެން ތިބޭތަން ފެނިފައިވެސް ދުރުން ފެންނަ
ބަޔަކަށް އަހަރުމެންނެކޭ އެ ޒާތުގެ ކުދިންނެކޭ ވަކި ތަފާތެއް ނުފެންނާނެ.
އެއްގޮތަކަށްވެސް ބޭނުމެއްނުވޭ އަހަންނާހެދި މާޝާގެ ނަން ހަޑިވެގެން ދާކަށް. އަހަރެންގެ
ސަބަބުން މާޝާއަށް ކުރެވޭ ފާފަތައް އިތުރުވެ އީމާންތެރިކަން ދަށްވާކަށްވެސް
ނޭދެން. އަދި އެހެން ނޫނަސް މާޝާއަކީ މާޝާގެ ވަށައިގެންވި ހުރިހާ ކުދިން
މިސާލެއްގެ ގޮތުގަ ނަގާ ކުއްޖެއް. މިހެންވީއިރު މާޝާގެ ސްޓޭންޑާޑްސްއަކީ އާދައިގެ
ސްޓޭންޑާޑްސްއަކަށް ނުވާނެ ދޯ؟ لَا
يَسْتَوِي أَصْحَابُ
النَّارِ وَأَصْحَابُ
الْجَنَّةِ....أَصْحَابُ الْجَنَّةِ
هُمُ الْفَائِزُونَ..." އައްޒާމް އެންމެ ފަހަކަށް މާޝާއަށް ކިޔައިދިނީ
މާޝާ ވަރަށް ތަފްޞީލުކޮށް އޭނައަށް ކިޔައިދިން ޙަޝްރު ސޫރަތުގެ އާޔަތްތަކުގެ
ތެރެއިން އާޔަތެކެވެ. އެއީ ސުވަރުގޭގެ އަހުލުވެރިންނާއި އަލިފާނުގެ އަހުލުވެރިން
އެއްގޮތް ނުވާނެކަމަށް ވަޙީކުރެވިފައިވި އާޔަތެވެ. އެ ދެބައިމީހުންނަކީ
އާޚިރަތުގައި ވެސް އެއްގޮތްވާނެ ބަޔަކަށް ނުވާނެ ފަދައިން އެއީ ދުނިޔޭގެ
އުޅުމުގައި ވެސް މުޅިން ތަފާތު ދެ އުޅުމެއް އުޅޭ ދެބައެކެވެ. ސުވަރުގެއަށްޓަކައި
މީހަކު ވެދާ ޤުރުބާނީއެއް އެ ނިޢުމަތަށްޓަކައި މަސައްކަތް ނުކުރާ މީހަކަށް ދޭހަ
ނުކުރެވިދާނެއެވެ. އައްޒާމް ބޭނުންވީ މާޝާ އޭގެ ތެރެއިން ރަނގަޅު މީހުންގެ
ތެރެއިން ވުމަށްކަން މާޝާއަށް އެނގުންވިއެވެ. އެއާއެކު އޭނަގެ ހިތުގައި
އައްޒާމަށްޓަކައިވި ލޯބި ދުވަހަކުވެސް ވަރުގަދަ ނުވާވަރަށް ވަރުގަދަވެގެން
ދިޔައެވެ. އެވަގުތު ޙިއްސާ ކުރެވިގެން ދިޔަ އެ އެއް އާޔަތުން ރަނގަޅު ފިޔަވަޅުތައް
އަޅަން މާޝާއަށް ހިތްވަރެއް ލިބުނެވެ. އިތުރު ހިތްވަރެއް ލިބުނީ އައްޒާމް ދެން
ދެއްކި ވާހަކަތަކަކުންނެވެ.
"އެހެން މީހުން ބޭނުންވެދާނެ
ދުނިޔެއަށް ދެއްކުމަށްޓަކައި ވަރަށް މަޝްހޫރު އަދި ރީތި ބައިވެރިއަކާއެކީ ބޮޑު
ޕާޓީއެއް ބާއްވައިގެން އެމީހުން ބޭރުފުށުން ކިހާ ރީތިކަން ދެއްކުމަށްޓަކައި ޒަވާޖީ
ޙަޔާތެއް ފަށަން. އެކަމަކު އަހަރެން ބޭނުންވަނީ އަހަރުމެންގެ ގުޅުމަކީ އެހެން
މީހަކު ކޮންމެ ގޮތަކަށް ދެކުނަސް ﷲ ރުހިވޮޑިގެންވާފަދަ ގުޅުމަކަށްވާން. އަދި
އެހެން މީހަކު ބަލާލިޔަސް އެ ގުޅުމުން އެމީހަކަށް ޢިބްރަތެއް ލިބޭފަދަ
ގުޅުމަކަށްވާން. މާޝާ ބުނަނީ ކީކޭ؟" އައްޒާމް ސުވާލުކުރިއެވެ. މާޝާ
އައްޒާމަށް ބަލަން ހުރެފައި އޭނަގެ ކަރުނަތަކުގެ ތެރެއިން ހިނިތުންވެލަމުން
ބޯޖަހާލިއެވެ. އެ ތަން ފެނި އިސްޖަހާލުމަށްފަހު އައްޒާމް ދެންވެސް ވާހަކަ
ދެއްކިއެވެ.
"އަހަރެން އަދި އަންނާނަން
މާޝް. މާޝް ދޫކޮށްލާކަށް ނޫން މިދަނީ. މާޝް މިވަގުތު ކައިވެންޏަކަށް
ބޭނުންނުވާނެކަން އެނގި އަދި އަހަރެން ވެސް އެފަދަ ޒިންމާއެއް ނެގުމަށްޓަކައި
އިތުރަށް މަސައްކަތް ކުރަން މިދަނީ." އައްޒާމަށް އެ ވާހަކަތައް ކިޔައިދެވުނީ
އޭނަ ހީކުރިވަރަށް ވުރެ ވެސް ފަސޭހައިންނެވެ. އެ ވާހަކަތައް އެންމެ ފަހުން
ކިޔައިދެވުމުން އޭނަގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. މާޝާ ދެން ދެއްކި ވާހަކައިން
ވެސްމެއެވެ.
"އަހަރެން ވެސް އިންތިޒާރު
ކުރާނަން އައްޒާމް....އަމިއްލައަށް އެކްސްޓްރާ ނަގައިގެން ވެސް ތަންކޮޅެއް ކުރިން
އެގްޒާމްތައް ވެސް ނިންމާނަން. އައްޒާމް ނޫން މީހަކާއެކީ އަހަރެންގެ މުސްތަޤްބަލް
ސިފަކުރަން އަހަންނަށް ފަސޭހައެއްނޫން." މާޝާ ދެއްކި ވާހަކައިން އައްޒާމްގެ
މޫނުމައްޗަށް ވެސް ވެރިވީ އުފާވެރި ހިނިތުންވުމެކެވެ. ހަމަ އެއާއެކު މާޝާއާމެދު
އެހާ ގޯސްކޮށް ހީކުރެވުނު ކަމަށްޓަކައި އޭނައަށް އަމިއްލަ ނަފްސު ކުށްވެރި
ކުރެވުނެވެ. މާޝާ ކައިވެނީގެ ވާހަކައަށް މަލާމާތްކުރާނެ ހެން ހީވުމަކީ ޙަޤީޤަތާއި
ކިހާ ދުރު ހީއެއްކަން އެނގުންވުމުން އައްޒާމްގެ ހިނިތުންވުން ފުންވިއެވެ. އެ ހިނދު
މިސްކިތުގެ މައިދޮރުން ނިކުތް ހާޝިމް އައްޒާމަށް ގޮވާލި އަޑަށް ދެމީހުންނަށް ވެސް
އެދިމާލަށް ބަލާލެވުނެވެ. ދެވަނަ ސިކުންތުގައި ދެމީހުން އެކަކު އަނެކަކަށް ބަލާލީ
ފަހުގެ އަލްވަދާޢުއެއްގެ ގޮތުގައެވެ. އައްޒާމަށް ފަސްދީފައި ހިނގައިގަތް މާޝާއަށް
ނޭނގުނު ކަމަކީ އެމީހުން ދެންމެ އެ ރޭވި ރޭވުމާއި އެއްގޮތަށް އެއްވެސްކަމެއް
ނުދާނެ ކަމެވެ. އަނިޔާވެރިންގެ ނުލަފާ ރޭވުންތަކެއްގެ ސަބަބުން އޭނައަށް އައްޒާމް
ފެންނަން އޮތީ ވެސް އެމީހުން ޚިޔާލުކުރި ވަރަށްވުރެ ދުރު މުސްތަޤްބަލަކުންކަމެވެ.
ދުވަސްތައް ފާއިތުވަމުން ދިޔަ
ވަރަކަށް މިރްޒާންގެ ޞިއްޙަތު ރަނގަޅުވަމުން ދިޔައެވެ. މުޙްސިންގެ ސަބަބުން އޭނަ
ރަނގަޅުވަމުން ދިޔައީ ވެސް ޑޮކްޓަރުން ލަފާ ކުރި ވަރަށްވުރެ ބާރު މިނެއްގައެވެ.
ވާނީވެސް އެހެންތާއެވެ. މުޙްސިން އޭނަގެ ޙަޔާތަށް އެނބުރި އައިފަހުން މިރްޒާންގެ
ހިނިތުންވުން ނުފިލައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހެނަސް މިރްޒާން މުޅިން
ރަނގަޅުވިތާ މާ ގިނަދުވަހެއްނުވެ އޭނައާއި މުޙްސިންގެ ދެމެދުގައި ދެކެވެން ފެށި
އަމްނާގެ ވާހަކަތަކުން އަނެއްކާވެސް ދެމީހުންގެ މޫނުމައްޗަށް ސީރިއަސްކަން
ވެރިވާން ފެށިއެވެ. އަމްނާ ހޯދުމަށްޓަކައި ދާންވީ ދިމާލެއްގެ ޚިޔާލު މުޙްސިންގެ
ކައިރިން ހޯދުމުން މުޙްސިން ޖަވާބު ދިނެވެ.
"ހީވަނީ
މަންމަ ހުންނާނީ ސިންގަޕޯރ ގަހެން. އެއީ މެލޭޝިޔާގަ އުޅުނު ދުވަސްވަރު މަންމަ
ވަރަށް ސިންގަޕޯރ އަށް ގޮސް ހަދާނެ. އެތާނގަ މަންމަގެ ވަރަށް ގިނަ ފްރެންޑުންވެސް
އުޅޭނެ." މުޙްސިން އެއްދުވަހު ސިޓިންގް ރޫމުގެ ސޯފާގައި މިރްޒާނާއެކީ އިނދެ
އޭނައަށް ލަފާ ކުރެވުނު ގޮތް ކިޔައިދިނެވެ. އެއާއެކު މިރްޒާނަށް އެކަމާމެދު
ވިސްނެން ފެށިއެވެ.
Comments
Post a Comment