Hijra (part 44)
"އެދަނީ
އޭނަ. ދޭ ފަހަތުން. އަނ......އެއްކަލަ ފަޅު މަގަށް އެޅުނީމަ މީތި ނަގާނީ." އެ
ފިރިހެން މީހާ އެހެން ބުނެލި އަޑަށް މިޞްބާޙަށް ވަގުތުން ފަސްއެނބުރި ބަލާލެވެން
އުޅުނެވެ. ނަމަވެސް އޭނަ ނޭނގޭ ކަމަށް ހެދިގެން ހުރެފައި އިރުކޮޅެއްފަހުން ޔޫނުސް
ދަމުން ދިޔަ ދިމާލަށް ބަލާލިއެވެ. އެވަގުތު ޔޫނުސްއާއި ދިހަ ވަރަކަށް ފިޔަވަޅު
ފަހަތުން ހިނގަމުން ދިޔަ ބޮޑު ކޯޓެއް ލައިގެން ހުރި ބިޔަ ފިރިހެނަކު ފެނިފައި
މިޞްބާޙްގެ ބުމަގޮށްޖެހުނެވެ. އޭނަ ލަސްތަކެއްނުކޮށް ކާރަށް އަރައި ދޮރު
ލައްޕާލަމުން ކާރު ސްޓާޓްކޮށްލިއެވެ.
މިޞްބާޙް އެ ބީރައްޓެހި މީހާގެ
ފަހަތުން ކާރު ދުއްވަމުން ދިޔައީ އެމީހާއާއި ނުހަނު ދުރުންނެވެ. އޭނަ ދުއްވަމުން
ދިޔަލެއް ދުރުކަމުން ކާރުގެ ހެޑްލައިޓްގެ އަލި އެމީހާއާއި ހަމައަށް ފޯރަނީ ކިރިޔަ
ކިރިޔާއެވެ. ދުވަހަކުވެސް ނުދުއްވާހާ ދަށް ސްޕީޑެއްގައި ކާރު ދުއްވަމުން ދިޔައިރު ކޮންމެ
ގޯޅިއަކަށް އެޅުމުގެ ކުރިން މިޞްބާޙް ކެތްތެރިކަމާއެކީ ހިނދުކޮޅަކަށް މަޑުކުރަމުން
ދިޔައީ އެ މީހަކަށް ޝައްކުނުވާނެ ގޮތަކަށް ކަންތައް ކުރުމަށެވެ. އެމީހާ އެންމެ
ފަހަކަށް އެޅީ ފުދޭވަރަކަށް އަނދިރިކޮށް އޮތް ފަޅު މަގަކަށެވެ. އެ މަގުގައި ދެތިން
ގެ ފިޔަވައި އެހެން ގެއެއްގައި ބަޔަކުވެސް އުޅޭހެނެއް ހިއެއްނުވެއެވެ. މަގުގެ
މެދުގައި ކަހަލަ ގޮތަކަށް އެއްފަރާތުގައި ހުރި އަލި ބޮކިން ފެތުރިފައިވާ އަލި
ފިޔަވައި އެހެން އައްޔެއް ނެތް ފަދައެވެ. އެ އައްޔާއި ހަމައަށް ދެވުނު ތަނާހެން
އޭނަގެ ކުރިމަތިން ފެންނަމުން ދިޔަ މީހާ ދެފަރާތަށް ދެފަރާތަށް ނަޒަރު
ހިންގާލިތަން މިޞްބާޙަށް ފެނުނެވެ. އެއާއެކު އޭނައަށް އިހުނަށްވުރެ ބޮޑަށް
ސަމާލުވެލިއެވެ. އޭނަ ބަލަބަލާ ހުއްޓާ އެ މީހާ އޭނަގެ ކޯޓުގެ ތެރެއިން ބޮޑު
ވަޅިއެއް ނަގައި އެ އަތް ވައްޓާލިއެވެ. އޭނަ ނެގީ ވަޅިއެއްކަން ސާފުވީ ވަގުތު
މިޞްބާޙްގެ ދެލޯ ބޮޑުވިއެވެ. އެ ވަޅީގެ ކައިރިން އެމީހާއަށްވުރެ ކުރިން ހިނގާފައި
ދިޔަ ޔޫނުސް ފެނިފައި މިޞްބާޙްގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ.
ކުއްލިއަކަށް ވަޅި ހިފައިގެން ދިޔަ މީހާގެ ހިނގުން އަވަސްވިހެން ހީވި ވަގުތު
މިޞްބާޙަށް ކާރު ބާރަށް ދުއްވާލެވުނެވެ. ކާރުގެ އަޑަށް މަގުން ހިނގާފައި ދިޔަ
ޔޫނުސްއަށާއި އޭނަގެ ފަހަތުން އައި މީހާއަށް ވެސް ފަސްއެނބުރި ބަލާލެވުނެވެ. އޭގެ
ސިކުންތުކޮޅެއްފަހުން މިޞްބާޙްގެ ކާރު އައިސް އަނބުރާލަމުން ޔޫނުސްއާއި އެމީހާގެ
މެދުގައި މަޑުކޮށްލައިފިއެވެ. އެވަގުތު ކާރުގެ ދެކޮޅުގައި ތިބި ދެމީހުންގެ
މޫނުމަތިން ވެސް ފެންނަމުން ދިޔައީ ޙައިރާންކަމެވެ. މިޞްބާޙް އެއްފަހަރު އޭނަގެ
ކަނާތްފަރާތުން ފެނުނު މީހާއަށް އަނެއްފަހަރު ވާތްފަރާތުގައި ހުރި ޔޫނުސްއަށް
ބަލާލިއެވެ. އެއަށްފަހު ކާރުގެ ކުރީ ސީޓަށް އެރޭ ދޮރު އެތެރެއިން ހުޅުވާލަމުން
ޔޫނުސްއަށް ފެނިލިއެވެ.
"ބޭބެ އަރާ
އަވަހަށް." ކާރު ތެރޭގައި ޔޫނުސްއަށް ބަލަން އިނދެ މިޞްބާޙް ގޮވާލިއެވެ.
"މިޞްބާޙް؟" ޔޫނުސް
ނިތަށް ރޫއަރުވައިގެން ހުރެ ކާރުގެ ކައިރިއަށް ގޮސް ދޮރު ރަނގަޅަށް ހުޅުވާލިއިރު
މިޞްބާޙަށް އަނެއްފަރާތަށް ބަލާލެވުނެވެ. އެވަގުތު އެތާހުރި މީހާ ރުޅި މޫނަކާއެކީ
ކާރަށް ފަސްދީފައި ދާން ހިނގައިގަތްތަން ފެނިފައި އޭނައަށް ހަމަޖެހުމެއް ލިބުނެވެ.
އެހެން މީހަކު ހުއްޓާ ބޭބެއަށް ކަމެއްކުރަން އޭނައަށް ނުކެރުނީތާއޭ
ހިތަށްއެރިއެވެ. މިޞްބާޙް ފުން ވިސްނުމެއްގެ ތެރޭގައި ދުރަށް ހިނގަމުން ދިޔަ
މީހާއަށް ބަލަން އިންދާ ޔޫނުސް ކާރަށް އަރައި ދޮރު ލައްޕާލިއެވެ.
"ކިހިނެއްތަވީ މިޞްބާޙް
މިހާ ކުއްލިއަކަށް؟" ޔޫނުސް ސުވާލުކުރި އަޑަށް މިޞްބާޙަށް ސިހިފައި އޭނައާއި
ދިމާލަށް ބަލާލެވުނެވެ. ޔޫނުސް ދެބުމަ އަރުވާލިއެވެ.
"ބޭބޭ.....ކޮންމެވެސް
މީހަކު ވަޅިއެއް ހިފައިގެން ބޭބެ ފަހަތުން އައިސްއައިސް ހުރީ. އެ ދަނީ."
މިޞްބާޙް ކާރުގެ ކުޑަ ދޮރުން ބޭރަށް ޢިޝާރާތް ކުރުމުން ޔޫނުސްއަށް ވެސް އެ
ދިމާލަށް ބަލާލެވުނެވެ.
"ބޭބޭ.....އެއީ ކީއްވެތަ
މީހަކު ވަކި ބޭބެއަށް ޙަމަލާދޭން އުޅޭނީ؟ އެ މީހާ ހަމަ ގައިމުވެސް ފޭރިގަންނާކަށް
ނޫން އައީ. އަހަރެން އަޑުހެން އެހެން މީހަކު އެދަނީ ޔޫނުސްއޭ ކިޔާފަ ފަހަތުން ދާށޭ
ބުނި އަޑު." މިޞްބާޙް ކިޔައިދިނެވެ. ޔޫނުސްއަށް މިޞްބާޙް ދެއްކި
ވާހަކައާއިމެދު ވިސްނާލެވުނެވެ. އޭނައަށް ޙަމަލަދޭން އުޅޭނީ ކާކުތޯ އަމިއްލަ
ނަފްސާއި ސުވާލުކޮށްލެވުނެވެ. އެއާއެކު އޭނަގެ ހަނދާނަށް އައީ މި ދުވަސްކޮޅު އޭނައަށް
ލިޔެވެމުންދާ ޚަބަރުތަކެވެ. މޯލްޑިވިއަން ރީފޯމް ޕާޓީއާއި ބެހޭ ގޯސް ޚަބަރުތައް މާ
ގިނަވީތާއޭ ހިތަށްއެރިއެވެ. އޭގެ މާގިނައިރެއްނުވެ ޔޫނުސްގެ ހަނދާނަށް އައީ މީގެ
ދުވަސްތަކެއް ކުރިން ނަވާޒް އޭނަގެ ގެއަށް އައިސް އޭނައަށް ފައިސާދޭން އުޅުނު
ގޮތެވެ. ހަމަ އެއާއެކު މިއީ ކާކުގެ ކަމެއްކަން ޔޫނުސްއަށް ހިތާހިތުން
ނިންމާލެވުނެވެ.
"ބޭބެއަށް އެނގޭ އެއީ ކާކު
ފޮނުވި މީހެއްކަން. ބޭބެގެ ވަޒީފާގެ ގޮތުން ކަންތައްވާގޮތް މިއީ. އެއީ މާ ބޮޑަށް
ހާސްވާ ކަންތައްތަކެއްނޫން. އިތުރު ހިތްވަރެއް ލިބެނީ މިކަހަލަ ކަންތައް
ދިމާވީމަ." ޔޫނުސް ހިނިތުންވުމަކާއެކީ ބުނެލިއެވެ. އެހެނަސް މިޞްބާޙްގެ
މޫނުމަތިން ކަންބޮޑުވުން ފިލައި ނުދެއެވެ.
"ވަޒީފާގެ ގޮތުންނޭ؟
މާނައަކީ ޚަބަރު ލިޔުނީމަ؟ މިއީ ޑޭޑްގެ ކަމެއްތަ އަނެއްކާ؟" މިޞްބާޙް
އަމިއްލަ ނަފްސާއި ކަހަލަ ގޮތަކަށް ވާހަކަ ދައްކަމުން ކުރިމައްޗަށް ނަޒަރު ހުއްޓާލިއެވެ.
މިޞްބާޙްގެ ސުވާލުތަކަކުން ޔޫނުސްގެ ހިނިތުންވުން ފަނޑުވިއެވެ. ޑޭޑްއޭ ބުނުމުން
ޔޫނުސްގެ ސިކުނޑިއަށް ވަގުތުން ވެރިވެގެން ދިޔައީ ނަވާޒްގެ ނަމެވެ. އޭނައާއި
ނަވާޒާއި ދެމެދު އޮތް ގުޅުން ހަނދާންވުމުން އޭނަގެ ހިތަށް އުނދަގޫވިއެވެ. އެކަން
އެހެން ނުވާނެނަމައޭ ހިތަށްއެރިއެވެ. މީގެ ދުވަސްކޮޅެއްކުރިން ބައްޕައަށްޓަކައި
ހިތުގައި އުފެދުނު ހުރިހާ އިޙްޞާޞެއް ހަނދާން ނެތި އަނެއްކާވެސް ބައްޕައަށް
ނަފްރަތު ކުރެވެން ފެށިއެވެ.
"މިޞްބާޙްގެ ޑޭޑްއަށްވުރެ
ބޮޑަށް ޕާޓީގެ ވެރިފަރާތުންނެއްނު ކަންތައް ކުރާނީ؟" ޔޫނުސް ހިސާބެއްގެ ނުރުހުންތެރިކަމަކާއެކީ
ބުނެލިއެވެ.
"ނޫން ބޭބެ. ނަވާޒްބެ
އެހެން ދޭތެރެއަކުން ގޯސްކަމެއް ކުރިޔަސް ނަވާޒްބެ ވަރަށް މީހުންނަށް އަނިޔާއެއް
ނުކުރާނެ." މިޞްބާޙް އެހެން ބުނެލިތަނާހެން ޔޫނުސް އެއްވެސް އަސަރެއްނެތް
ގޮތަކަށް ހީލިއެވެ.
"ސީރިއަސްލީ
މިޞްބާޙް؟" ޔޫނުސް ރާގަކަށް ސުވާލުކުރިއެވެ.
"ބޭބެއަށް ފަހަރެއްގަ
ޤަބޫލުކުރަން ދަތިވެދާނެ. އެކަމަކު ނަވާޒްބެ ހަމަ އަސްލުވެސް ވަރަށް ކަމެއްނުކުރޭ.
ކަމެއް ކުރިޔަސް ކުރަނީ ޑޭޑްގެ އެދުމަށް. ޑޭޑް ފަހަކަށް އައިސް ރުޅިގަދަވާ
އެއްސަބަބަކީ ވެސް ނަވާޒްބެ އިންތިޚާބުގެ ކަންކަމަށް އެހާ ބޮޑު ސަމާލުކަމެއް
ނުދޭތީވެހެން އަހަންނަށް ހިވަނީ. އެކަހަލަ ވާހަކައެއް ޑޭޑް ދައްކާ އަޑު އަހަރެން
އެހިން. އަސްލު ވަރަށް ދެރަކޮށް ނަވާޒްބެއާއި ދޭތެރޭ ކަންތައްވެފަ ހުރީ. ވަރަށް
އެކަނިވެރިކޮށް ނަވާޒްބެ އުޅެމުން ދަނީ." މިޞްބާޙް ދެއްކި ވާހަކައިން
ޔޫނުސްގެ ނިތަށް ރޫގިނަވިއެވެ.
"އޭނަގެ އަންހެނުންނާއި
ކުދިން ނުތިބޭތަ؟" ޔޫނުސް އަހާލިއެވެ.
"ކުއްޖަކު ވިހެއުމުގެ
ތެރޭގަ ނަވާޒްބެގެ ވައިފް މަރުވީ. އޭގެ ދުވަސްކޮޅެއްފަހުން އެ ކުއްޖާގެ ޙާލުވެސް
ދެރަވެގެން މި ދުނިޔެ ދޫކޮށް ދިޔައީ. އެދުވަސްފަހުން މިއަދާއި ހަމައަށް ވެސް
ނަވާޒްބެ އުޅެނީ އެކަނި. މީހުން ބުނެއުޅޭ ނަވާޒްބެގެ އެހެން ކުއްޖަކު ހުރެއޭ. ނަވާޒްބެ
މިހާތަނަށް މީޑިޔާގަ އެކަހަލަ ވާހަކައެއް ދައްކާފައެއްނުވޭ. އެކަމަކު މަންމަ ބުނި
އެއްދުވަހު ނަވާޒްބެގެ ފޯނުން އެހެން ކުޑަ ކުއްޖެއްގެ ފޮޓޯ ދުށީމޭ. އަހަރެންވެސް
އެއްދުވަހު ނަވާޒްބެގެ ލެޕްޓޮޕުން ދުށިން އެކަހަލަ ފޮޓޯއެއް." މިޞްބާޙް
ވިސްނުމެއްގެ ތެރޭގައި އިނދެ ބުނެލިއެވެ. އޭނަގެ ވާހަކަ އަޑު އަހަމުން ދިޔަ
ޔޫނުސްގެ ހިތުތެރޭގައި އެތަކެއް ޝުޢޫރެއް އަރާ ފައިބަމުން ދިޔައެވެ. ނަވާޒްގެ
އަންހެނުންނާއި ދަރިފުޅު މަރުވީ ވާހަކަ އިވިފައި ޔޫނުސް އަނެއްކާވެސް ހަނދާންވީ
ނަވާޒް އޭނަގެ ގެއަށް އައި ދުވަހެވެ. އޭނަ އަންހެނުންނާއި ކުދިންނޭ ބުނުމުން
ނަވާޒްގެ މޫނުމަތިން ފެނިގެން ދިޔަ ހިތާމަވެރިކަން ލޮލަށް ސިފަވުމުން ޔޫނުސްއަށް
ޙަމްދަރުދީވެވުނެވެ. އެހެނަސް މިޞްބާޙް އެހެން ކުޑަކުއްޖެއްގެ ވާހަކަ ދެއްކުމުން
އެ ޙަމްދަރުދީ ގެއްލި ދިޔައެވެ. އެ ކުއްޖާވާނީ ނަވާޒް ކައިވެނި ނުކޮށް ލިބުނު
ކުއްޖެއްކަމަށް ޔޫނުސްގެ ހިތް ބުންޏެވެ. އެއާއެކު އެ މޫނުމައްޗަށް ރުޅިވެރިކަން
ވެރިވިއެވެ.
މިޞްބާޙާއި ޔޫނުސް
ހިމޭންކަމާއެކީ ކާރު ތެރޭގައި ތިއްބާ ކުއްލިއަކަށް ބޭރުން ސައިކަލެއްގެ ބަރުގޮނުގެ
އަޑު އިވުނެވެ. އެއާއެކު ދެމީހުންނަށް އެކީގައި އެ ދިމާލަށް ބަލާލެވުނެވެ. މަގުގެ މެދަށްވާ
ގޮތަށް މަޑުކުރެވިފައި އޮތް މިޞްބާޙްގެ ކާރުގެ ސަބަބުން ކުރިއަށް ނުދެވިގެން
އުޅުނު ސައިކަލެއް އެ މީހުންނަށް ފެނުނެވެ.
"އޮހް......ތިބި ތަން ވެސް
ހަނދާން ނައްތާލާފަ މިތިބެނީ." މިޞްބާޙް ކާރު ދުއްވަން ތައްޔާރުވެލަމުން
ހެވިފައި އިނދެ ބުނެލިއެވެ.
"ބޭބެ މިދަނީ
ގެއަށް." ޔޫނުސް ސީރިއަސް ނަޒަރެއްގައި ހުރެ ކާރުގެ ދޮރު ހުޅުވާލަން
އުޅުނެވެ.
"ނޫން ބޭބެ. އަހަރެން
ގެއަށް ގެންގޮސްދީފާނަން." މިޞްބާޙް ބުނެލިއެވެ. ޔޫނުސް އެންމެ ރަނގަޅޭ
ބުނެލުމުން މިޞްބާޙް ކާރު ދުއްވާލިއެވެ.
މިނެޓްތަކެއްގެ ދަތުރަކަށްފަހު
މިޞްބާޙްގެ ކާރު ޔޫނުސްގެ ގޭގެ ކުރިމަތީގައި މަޑުކޮށްލައިފިއެވެ. ޔޫނުސް
ގަދަކަމުން ހިނިތުންވެލަމުން މިޞްބާޙަށް ޝުކުރު އަދާކޮށް ކާރުން ފޭބިއެވެ. ޔޫނުސް
ގެއަށް ވަންނަން ދިޔަ ވަގުތު މިޞްބާޙް ކާރު ކުރިއަށް ދުއްވާލައިފިއެވެ. މާ
ދުރަކަށް ނުދެވެނީސް އޭނައަށް ބޭއިޚްތިޔާރުގައި ކަނާތް ފަރާތަށް ނަޒަރު
ހިންގާލެވުނެވެ. އެ ފަރާތުން ގޭޓެއްލާފައި ހުރި ގެ ފެނިފައި މިޞްބާޙްގެ މެއަށް
ފިނިވިއެވެ. އޭނައަށް ކާރު މަޑުކޮށްލެވުނީ ޚުދު އޭނައަށް ވެސް ނޭނގިއެވެ. އޭނަ
ކިތަންމެ ބޭނުމެއް ނުވިޔަސް އޭނަގެ ދެލޯ އަފްރީން ދެކެން އިންތިހާއަށް
ބޭނުންވިއެވެ. އޭނައަށް ދެން ދުވަހަކުވެސް އަފްރީން ނުފެންނާނެކަމުގެ ޚިޔާލުން
ވެސް މިޞްބާޙްގެ ހިތަށް އުނދަގޫވެއެވެ. އޭނަ އަފްރީންގާތު ދައްކަން ބޭނުންވާ ހާދަ
ގިނަ ވާހަކައެއް އެބަހުއްޓެވެ. އަފްރީން ވެސް އޭނައާއި ވާހަކަ ދައްކަން
ބޭނުންވާނެކަން އޭނައަށް ޔަޤީން ކުރެވުނީ ކީއްވެކަމެއް ނޭނގެއެވެ. މިޞްބާޙަށް
އޭނަގެ ސިކުނޑީގައި ކާރުން ފައިބައިގެން އެގެއަށް ގޮސް އަފްރީނާއި ހަމައަށް
ދެވިއްޖެއެވެ. އޭގެ އިތުރަށް ވެސް އެހެނިހެން ޚިޔާލުތަކެއް ކުރެވެން ފެށުމުން
މިޞްބާޙަށް ދެލޯ މަރާލަމުން އިސްޖަހާލެވުނެވެ. އޭނަ އިރުކޮޅެއް ވަންދެން އެހެން އިނދެފައި
ހިތާއި ދެކޮޅަށް ކާރު ދުއްވާލިއެވެ.
ޔޫނުސް އެރޭ ހިނގި އެއްވެސް
ކަމެއްގެ ވާހަކަ ގެއަށް ގޮސް ނަޞްރާއަކަށް ކިޔައެއްނުދެއެވެ. ނަވާޒްގެ
ކަންތައްތަކުގެ ވާހަކަ އޭނަ ދައްކާ ހިތެއްނުވީއެވެ. ކޮންމެއަކަސް ނަޞްރާ
ދޭތެރެދޭތެރެއިން އޭނަ ގާތު ބައްޕައާއި ބައްދަލުކުރަން ދާންވީ ނޫންހޭ ބުނެ
ހަދައެވެ. އޭގެއިން ކޮންމެ ފަހަރަކު ޔޫނުސް ރުޅިން ފަޅައިގެން ދާން އުޅުނެއްކަމަކު
އޭނަ އެ ރުޅި ނަޞްރާއަށް ފޮރުވައެވެ. އޭނަ ނަޞްރާއަށް ރުޅި އިސްކުރާ ކޮންމެ
ފަހަރަކު އެދެމެދަށް ވެރިވެގެންދާ ހިމޭންކަމަށް އޭނަ ނަފްރަތުކުރާތީވެއެވެ. ނަޞްރާ
ހިނިތުންވުމަކާނުލާ ދޭ ކުރު ޖަވާބުތައް އިވިފައި އޭނަގެ ހިތުގެ ހަމަޖެހުން
ގެއްލޭތީވެއެވެ. އޭނަގެ ވަށައިގެން ފެންނަމުންދާ ޒަވާޖީ ޙަޔާތްތައް ފަދައިން
އޭނައާއި ނަޞްރާގެ ޒަވާޖީ ޙަޔާތަކީ ވަކި ހިސާބަކުން އަބަދުވެސް އަރައިރުންވާ
ޙަޔާތަކަށް ހަދަން ބޭނުމެއް ނުވާތީވެއެވެ. އޭނަ ނަޞްރާއަށް ވީހާވެސް ހެޔޮކޮށް
ކަންތައް ކޮށްދޭން މަސައްކަތް ކުރާ ވަރަކަށް ނަޞްރާވެސް އޭނައަށް ކަންތައް
ކޮށްދޭން އުޅޭހެން ހީވާ ކޮންމެ ފަހަރަކު ޔޫނުސްއަށް ބަޔާންކުރަންދަތި ހަމަޖެހުމެއް
ލިބެއެވެ.
އެއްރެއަކު ޔޫނުސް އޭނަގެ
ސައިޓް އިތުރަށް ޕްރޮމޯޓްކުރާނެ ގޮތަކާއިމެދު ވިސްނަމުން ދަނިކޮށް ނަޞްރާ މޮޅު
ޚިޔާލެއްދިނެވެ.
"ވެބިނާރތަކެއް
ބާއްވަންވީއެއްނު؟ ކޮންމެ ސިޔާސީ ލީޑަރަކު އިންޓަވިއުކޮށްފަ އެ އިންޓަވިއު
ސައިޓްއިން ލައިވްކުރާނީ." ނަޞްރާ އެނދުމަތީގައި އިށީނދެގެން އިނދެ އޭނަގެ
ކައިރީގައި އިން ޔޫނުސްގާތު ފޯރިއާއެކީ ބުނެލިއެވެ.
"ވާވް! ކޫލް އައިޑިއާއެއް.
ވެބިނާރއެއް ބޭއްވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެނގޭނެ ކުދިން ވެސް
އުޅޭނެހެން ހީވަނީ އަހަރުމެންގެ ޓީމުގަ." ޔޫނުސް ހިނިތުންވުމަކާއެކީ
ބުނެލިއެވެ.
"އަލްޙަމްދުލި ﷲ."
ނަޞްރާ ހެވިފައި އިނދެ ބުންޏެވެ.
"ވެބިނާރއެއް ބޭއްވޭނެ
ވަރަށް ލާރިވެސް ލިބިދާނެ. އެކަމަކު ނޭނގެނީ ސިޔާސީ ލީޑަރުން ގެނައުމަށްޓަކައި
ދޭންޖެހޭނެ ވަރަށް ލާރި ހުންނާނެކަން." ޔޫނުސް ހިސާބަކަށް މާޔޫސްވެފައި އިނދެ
ބުނެލިއެވެ.
"އެމީހުން
ގެންނާނީއެއްނޫން. އެމީހުން ކައިރިއަށްދާނީ އެމީހުން ތިބި ތަނަކަށް. ބައެއް މީހުން
މި ދުވަސްކޮޅު މިރަށަށް ވެސް އެބައާދެއެއްނު؟ ދެން އަދި މި ވެބިނާރތައްވެގެން ދާނީ
ވެސް އެމީހުންނާއިމެދު މިހާތަނަށް ދެކެވުނުހާ ގޯސް ވާހަކަތައް ސާފުކޮށްދިނުމުގެ
ފުރުޞަތަކަށް. އެ މީހުން ހިލޭވެސް މި ފުރުޞަތުގެ ބޭނުން ހިފާފާނެއެއްނު؟"
ނަޞްރާ އަހާލިއެވެ. ޔޫނުސް އިރުކޮޅަކު ވިސްނަން އިނދެފައި ހިނިތުންވުމަކާއެކީ
ބޯޖަހާލިއެވެ.
"ހާދަ މޮޅު ކުއްޖަކާއޭ
އަހަންނަށް އިނދެވިގެން މިއުޅެނީ. އަހަންނާ މިހާވަރަށް ގުޅެނީވެސް އެހެންވެ
ކަންނޭނގެ." ޔޫނުސް ރާގަކަށް ބުނެލިއެވެ. ނަޞްރާ ދުރުބަލަން އިނދެ ތުން
ފިއްތާލިއެވެ.
"ހުމް.....މޮޔަ މީހަކު
މޮޅު ކުއްޖަކާ އިނީމަތާ ދިރިއުޅެވޭނީ." ނަޞްރާ ހިނިތުންނުވާން މަސައްކަތް
ކުރަމުން އެހެން ބުނެލިއިރު އޭނަގެ މޫނު ރަތްވިއެވެ. ޔޫނުސް ރުޅިވާކަމަށް ހެދެމުން
އޭނަގެ ކަރުން އަޑެއް ލައްވައި ނަޞްރާގެ ކަރުގެ ވަށައިގެން އޭނަގެ އެއްއަތް
ގެންގޮސް ނަޞްރާ އޭނަގެ ގާތަށް ގެނައެވެ. ނަޞްރާއަށް ނުހޭން ހުއްޓާވެސް ހެވުނެވެ.
އޭގެ އަނެއްދުވަހު ވަޙީދު
ޒާހިޔާއަށް ގުޅާފައި އޭނަ މިޞްބާޙްގެ ޙާލު ބަލަން ރަށަށް އަންނަ ވާހަކަ ބުންޏެވެ.
މިޞްބާޙްގެ ޙާލު ރަނގަޅުވީފަހުން ވަޙީދު އޭނަ ބަލަން އަންނަން އުޅޭތީ ޒާހިޔާ
އެކަމާމެދު ސުވާލުކުރިއެވެ. ދެވޭނީ ވަގުތުވީ އިރަކުން ނޫންތޯ ވަޙީދު ބުނެލީ
ބަހަނާއެއް ދެއްކުމުގެ ގޮތުންނެވެ. ޒާހިޔާ އިތުރު ސުވާލުތަކެއް ނުކޮށް މިޞްބާޙް
އެދުވަހުގެ މެންދުރު ވަގުތު ވަޙީދު ބަލައި އެއާރޕޯޓަށް ފޮނުވިއެވެ. އެއާރޕޯޓުން
މިޞްބާޙް ފެނުނުތަނާހެން މިޞްބާޙް ހިނިތުންވެލީގޮތުން ވަޙީދަށް ޙައިރާންކަމެއް
ލިބުނެވެ. އެއަށްވުރެ ވެސް ބޮޑަށް ވަޙީދު ޙައިރާންވެގެން މިޞްބާޙް އަމިއްލައަށް
އޭނަގެ ފޮށިތައް ނަގައިގެން ގޮސް ކާރުގެ ޑިކީއަށްލަމުން ދިޔަތަން ފެނުމުންނެވެ.
އޭނައަށް ހުރެވުނީ ބުނާނެ އެއްޗެއްވެސް ނޭނގިއެވެ. އޭނަ ނަގަން އަންނާނީ
މިޞްބާޙްކަމަށް ޒާހިޔާ ބުނީއްސުރެ އޭނައަށް ޚިޔާލުކުރެވެމުން ދިޔައީ މިޞްބާޙް
އޭނައާއި ދިމާލަށް ހުތުރު ބަހުން އެއްޗެހި ގޮވާ މަންޒަރެވެ. އަދި އޭނައަށް
އަމުރުކޮށްގެން އޭނަ ލައްވާ ހުރިހާ ފޮށިތައް އުފުއްލުވާ މަންޒަރެވެ. ނަމަވެސް
ކަންތައްވެގެން މި ދިޔައީ އޭނަ ހީކުރި ގޮތަކަށްނޫނެވެ.
މިޞްބާޙާއެކީ އޭނަގެ ގެއަށް
ގޮސްފައިވެސް ފެންނަމުން ދިޔަ ކަންތައްތަކުން ވަޙީދު ސިހުންވަމުން ދިޔައެވެ.
މިޞްބާޙް އޭނަގެ މަންމައާއި ހިނިތުންވުންތަކާއެކީ އަދަބުވެރިކަމާއެކު ވާހަކަ
ދައްކަމުން ދިޔަ ގޮތުން މިޞްބާޙް އުޅެނީ މަންމަ ކައިރިން ކަމަކަށް އެދެންބާވައޭ
ހިތަށްއެރިއެވެ. އެހެނަސް ވަޙީދު އިންތިޒާރު ކޮށްކޮށް މިޞްބާޙް ކަމަކަށް
އެދޭތަނެއް ނުފެނުނެވެ. މިޞްބާޙް ހެދެނީއެއް ނޫންކަން ވަޙީދަށް ޔަޤީންވީ މިޞްބާޙް
އޭނަވެސް ގޮވައިގެން އަޞްރު ނަމާދަށް ދިޔަ ގޮތުންނެވެ. އަޞްރު ނަމާދަށްފަހު އޭނަ
މިސްކިތުން ފައިބަން އުޅުނު ވަގުތު މިޞްބާޙް ޚަތިމް ނަގައިގެން އިށީންތަން
ފެނުމުންނެވެ. ގެއަށް ދިޔަ މަގުމަތީގައި މިޞްބާޙް އޭނަގާތު ޤުރުއާނުގެ
އާޔަތްތަކުގެ ފުންކަމުގެ ވާހަކަ ދެއްކި ގޮތުންނެވެ. ތިމަންނައަށް ވެސް އެކަން
އެނގުނީ ވަރަށް ފަހުން ކަމުގައި ބުނިބުނުމުންނެވެ. ވަޙީދަށް އެންމެ ފަހުން
ކެތްނުވެގެން ޒާހިޔާގާތު މި ވާހަކަ ދެކެވުނެވެ.
"މިޞްބާޙް ވަރަށް
ބަދަލުވެއްޖެދޯ؟" ވަޙީދު ސިޓިންގް ރޫމުގައި ވަކިން ހުރި ސޯފާއެއްގައި އިނދެ
ދިގު ސޯފާގައި ޓީވީ ބަލަން އިން ޒާހިޔާއަށް ދޯދިނެވެ.
"ހޫމް. އޭނަ މިހާރު ވަރަށް
ބަސްއަހާ." ޒާހިޔާ ހިސާބަކަށް ފަޚުރުވެރިވެފައި އިނދެ ބުންޏެވެ. ވަޙީދު
ބޯޖަހާލަމުން އިރުކޮޅަކު އެއްޗެކޭ ނުބުނެ ޓީވީ ބަލަން އިނެވެ. ޓީވީއިން ދައްކަމުން
ދިޔަ ހެޑްލައިން ނިއުސްތަކުގެ ތެރެއިން އަމީން ފެނިގެން ދިޔުމުން ޒާހިޔާ ވަގުތުން
ޗެނަލް ބަދަލުކުރިއެވެ. ވަޙީދަށް ޒާހިޔާއާއި ދިމާލަށް ބަލާލެވުނެވެ.
"ސުވާލެއް ކޮށްލަންތަ
ޒާހިޔާ؟" ވަޙީދު އަހާލިއެވެ. ޒާހިޔާ ދެންވެސް ފޫހިވެފައި އިނދެ
ހޫންލައްވާލިއެވެ.
"އަމީން މިޞްބާޙަށް
އަނިޔާކުރާނީ މިޞްބާޙް ނުބައިކަމެއް ކުރިކަން ޔަޤީންވާތީވެއެއްނޫންތަ؟"
ވަޙީދު އެހިއެވެ. އެއާއެކު ޒާހިޔާގެ މޫނު ރުޅިން ރަތްވިއެވެ.
"ވަޙީދަށް ވެސް އުނދަގޫދޯ
އަމިއްލަ ބޭބެ ނާއިންސާފުން ކަމެއް ކުރިކަން ޤަބޫލުކުރަން؟ ޤަބޫލު ކުރިޔަސް
ނުކުރިޔަސް ޙަޤީޤަތަކީ މިޞްބާޙް އެއްވެސް ކަމެއް ނުކުރާކަން. އަދި......އަދި
އެނގޭތަ މިޞްބާޙް އެ ކޮޓަރިއަކަށް ގެންދިޔައީ ކާކުކަން ވެސް؟ ސިން......."
ޒާހިޔާއަށް އެހާ ހިސާބަށް ބުނެލެވުނުތަނާހެން އެއްފަރާތަކުން މިޞްބާޙް މަންމާއޭ
ކިޔައި ގޮވާލި އަޑު އިވުނެވެ. އެއާއެކު ޒާހިޔާއާއި ވަޙީދަށް އެކުއެކީގައި
އެދިމާލަށް ބަލާލެވުނެވެ. އެމީހުން ބަލާލިއިރު މިޞްބާޙް ހުރީ ދެބުމަ ކައިރި
ކޮށްގެން ވިޔަސް އިރުކޮޅެއް ފަހުން އޭނަ ދެބުމަ އަރުވާލިއެވެ.
"އަމް....މަންމާ.
އަހަރެންގެ އެއްކަލަ ނޫކުލައިގެ ގަމީސް ކޮބާ؟" މިޞްބާޙް އަހާލިއެވެ.
"އެތާ އަލަމާރީގަ
ނެތްތަ؟" ޒާހިޔާ ކޮޅަށް ތެދުވެލަމުން މިޞްބާޙްގެ ކޮޓަރިއާއި ދިމާލަށް
މިޞްރާބު ޖެހިއެވެ. މިޞްބާޙް ވެސް ވަޙީދަށް ބަލާފައި މަންމަގެ ފަހަތުން ދާން
ހިނގައިގަތެވެ. ވަޙީދު އެ މަންޒަރު ފެނިފައި ކޮޅަށް ތެދުވިއެވެ
"އަހަރެން މިދަނީ
ބޭރަށް." ވަޙީދު އެހެން ބުނެލަމުން ގެއިން ނިކުންނަން ދިޔައެވެ. ޒާހިޔާ
އެންމެ ރަނގަޅޭ ބުނެލަމުން މިޞްބާޙްގެ ކޮޓަރިއަށްވަނެވެ.
ކޮޓަރިއަށް ގޮސް އަލަމާރި
ހުޅުވާލުމާއެކު ނޫކުލައިގެ ގަމީސް ފެނިފައި ޒާހިޔާ އޭތި ނަގައި މިޞްބާޙަށް
ދައްކާލިއެވެ.
"މިއޮތީއެއްނު؟"
ޒާހިޔާ ޙައިރާންވެހުރެ ބުނެލިއެވެ.
"ހުމް....." މިޞްބާޙް
ތުންފިއްތައި އެހެން ބުނެލި ގޮތުން ޒާހިޔާއަށް ޝައްކުގެ ނަޒަރަކުން މިޞްބާޙަށް
ބަލާލެވުނެވެ.
"މިޞްބާޙް.......ގަމީސް
ނުފެނިގެނެއްނޫންދޯ އައީ؟" ޒާހިޔާ ސުވާލުކުރުމުން މިޞްބާޙަށް މަންމައާއި
ދިމާލަށް ބަލާލެވުނެވެ. ޒާހިޔާ ބަލަހައްޓައިގެން ހުންނަން ފެށުމުން މިޞްބާޙް
ބޯޖަހާލިއެވެ. އެއާއެކު ޒާހިޔާގެ މޫނުމައްޗަށް ނުރުހުންތެރިކަން ވެރިވިއެވެ.
"މިޞްބާޙް! ކީއްވެތަ
މަންމަ ހުއްޓުވީ؟ ޚަބަރުގަ ވެސް އެ ސިނާންގެ ވާހަކަ ނުލިޔުއްވާ، އޭނަގެ ބައްޕަ
ކައިރިވެސް އެ ވާހަކަ ނުބުނުވާ........މިޞްބާޙް ތި އުޅެނީ ކީއްކުރަންތަ؟"
ޒާހިޔާ އޭނަގެ މުލައްދަނޑިމަތީގައި ގަމީސް ބާއްވަމުން ވާހަކަ ދެއްކިއިރު އޭނަގެ
އަޑު ހަރުވެއްޖެއެވެ.
"މަންމާ، ސިނާން
އަހަންނަށް އިއްޔެގަ ގުޅި. ބުނީ ވަޙީދުބެ މިރަށަށް އަންނަނީ އަސްލު އެރޭގަ
ކަންތައްވީގޮތް ރަނގަޅަށް ދެނެގަންނަންވެގެންނޭ. ވަރަށް ބިރުގެންފަ ސިނާން ހުރީ.
އަހަރެން ކައިރީގަ ބުނީ ވަޙީދުބެއަށް ހުރިހާ ވާހަކައެއް ފޮރުވަދޭށޭ. އަހަރެން
ބުނިން އާނއެކޭ....." މިޞްބާޙްގެ ވާހަކަ މެދުކެނޑުނެވެ.
"އެކަމަކު
މިޞްބާ......." ޒާހިޔާ ދެރަ ގޮތަކަށް ދައްކަން އުޅުނު ވާހަކަވެސް
ފުރިހަމައެއް ނުވިއެވެ.
"މަންމާ ޕްލީޒް. މި
ޙާލަތުގަ އަހަރެން ސިނާނާއި ދެކޮޅަށް ވާހަކަ ދެއްކުމުގެ ބަދަލުގަ އޭނައާއެކީގަ
ހުރިއްޔާ އޭނަ އިޞްލާޙުވުމުގެ ފުރުޞަތު މާ ބޮޑު. އަހަރެން ބޭނުމެއްނޫން
އަހަރުމެންގެ ދެމެދުގަ ބަދަލު ހިފުމުގެ މުބާރާތެއް ފެށެން. އެއަށްވުރެ މާ
ރަނގަޅުވާނެ އަހަރެން މަޢާފުކޮށްފިއްޔާ." މިޞްބާޙް ބޯހޫރުވަމުން
އިސްޖަހާލިއެވެ. ޒާހިޔާ ކަރުނުން ފުރެމުން ދިޔަ ދެލޮލާއެކީ އޭނަގެ ދަރިފުޅުގެ ގައިގައި
ބައްދާލިއެވެ. އެވަގުތު އެދެމައިންނަށް ނޭނގުނު ކަމަކީ އެ ކޮޓަރީގެ ބޭރުގައި
ދޮރުކައިރީގައި އެ ހުރިހާ ވާހަކައެއް އަޑުއަހަން ވަޙީދު ހުރިކަމެވެ.
Comments
Post a Comment