Hijra (part 43)
"އެއްވެސް ރަނގަޅެއްނޫން!"
ސިޓިންގް ރޫމުގެ ވާތްފަރާތުން އައި ޝަރީފްގެ އަޑަށް އަފްރީނާއި ނަޞްރާއަށް
އެދިމާލަށް ބަލާލެވުނެވެ. އަފްރާޒް ވެސް ވާނުވާއެއް ނޭނގިފައި ހުއްޓާ ޝަރީފް ބާރު
ހިނގުމެއްގައި އައިސް ލެޕްޓޮޕް ސްކްރީން ކުރިމައްޗަށް އަރައިފިއެވެ.
"އަދި މަށަށް ވެސް ނާންގާ އެ މިޞްބާޙަކު އަފްރީނާއި
ދެވަންތަ ތިއުޅެނީ؟" ޝަރީފް ކޮޅަށްހުރެ ރުޅިވެރިކަމާއެކީ ސުވާލުކުރިއެވެ.
"ނޫން ބައްޕާ އަޅުގަނޑު ނުއުޅެން. އަދި އަފްރީން
ކައިވެންޏަކަށް ތައްޔާރުހެނެއްވެސް އަޅުގަނޑަކަށް ހިއެއްނުވޭ. އެކަމަކު މިޞްބާޙްގެ
އިންޓަވިއު ކިޔާފަ ހިތަށްއެރީ އެއިން އަފްރީނަށް އަސަރުކޮށްފައިވާނެއޭ. އަފްރީންގެ
އެންމެ ކައިރީގަ ހުރީ ބައްޕަ. އެކަމަކު އަފްރީނަކަށް ނުކެރޭނެ ބައްޕައަކާ އޭނަގެ
އިޙްޞާޞްތައް ޙިއްޞާ ކުރާކަށް. ބައްޕަ ތިހާވަރަށް ރުޅި އިސްކުރީމަ އަމުދުންނެއް
ނުކެރޭނެ. އަޅުގަނޑު ވެސް ކުރިން ނަޞްރާ ކަމެއް ކުރީމަ ހަޅޭއްލަވައި ހެދިން.
އެކަމަކު ދެނެއްނޫން. މިހާރު ދަސްވެއްޖެ އެގޮތަށް ކަންތައް ކުރީމަ ކަންތައް
ގޯސްވުންނޫން ކަމެއް ނުވާނެކަން." އަފްރާޒް އޭނަގެ ވާހަކަ ނިންމާލީ
ނަޞްރާއަށް ބަލާލަމުންނެވެ. އަފްރީނަށް ވެސް ދޮންތައަށް ބަލާލެވުނީ ދޮންބެ އެ ބުނި
އެއްޗެއްގެ މާނަ ނޭނގުމުންނެވެ. ނަޞްރާއަށް އިސްޖަހާލެވުނެވެ.
"ދެން އިޙްޞާޞްތައް ޙިއްޞާ ކުރުމުގެ ތެރޭގަ ޖެހޭތަ
ނުބައި މީހަކީ ހެޔޮ މީހެކޭ ބުނެފަ ނުބައި މީހަކާ އިންނަން ހިތްވަރުދޭން؟ މި
ބުނަނީ! އަހަރެން ދުނިޔޭގަ ހުއްޓާ އެ އަމީންގެ ދަރިފުޅު އަހަރުމެންގެ ޢާއިލާއަކަށް
ނުވަންނާނެ!" ޝަރީފް ހުރީ ދެންވެސް ރުޅިން ރަތްވެފައެވެ. އެ ވާހަކަ އިވިފައި
އަފްރީނަށް ކަރުނުން ފުރިގެންވި ދެލޮލުން ބައްޕައަށް ބަލަން އިނދެވުނެވެ. މީހަކާ
އިންނަން ޚިޔާލު ނުކުރިއެއްކަމަކު ބައްޕަގެ އެ ބަސްތަކުން އޭނަ ނޭނގޭ ސަބަބަކާހުރެ
ދެރަވެއްޖެއެވެ.
"ބައްޕާ........އަނެއްކާވެސް ބައްޕަ ތިއުޅެނީ
އޮޅުމެއްގެ ތެރޭގަ ކަމަށްވެދާނެއެއްނު؟ ބައްޕަ ކިހާ ވަރަކަށް ޔޫނުސްއަށް ވެސް
ދެކޮޅު ހެދިންތަ؟ އެހާ ނުބައިކޮށް މީހުންނާއިމެދު ދެކޭކަށް ނުވާނެއޭ ބައްޕާ."
އަފްރާޒް ވާހަކަ ނިންމާލީ ބައްޕައަށް ދިގުކޮށް ގޮވާލަމުންނެވެ. އެހެނަސް އެއިން
ޝަރީފްގެ މޫނުމަތީގެ ކުލަވަރު ބަދަލެއްނުވިއެވެ. އޭނަ އިރުކޮޅަކު ހުރެފައި މޫނު
އަނބުރާލަމުން ހިނގާފައި ގޮސް ގެއިން ނިކުމެގެން ދިޔައީއެވެ. އެ މަންޒަރު
ބަލައިގެން އިން އަފްރީނަށް އޭނަގެ މޫނުގައި ދެއަތް އަޅާލެވުނެވެ.
"އަފޫ..." އަފްރާޒް ގޮވާލުމުން އަފްރީން
ހަމައެކަނި އޭނަގެ ދެލޯ ފެންނާނެ ވަރަށް އަތްތިރި ކޮށްލިއެވެ. އަފްރީންގެ
ފެންކަޅިވެފައިވާ ދެލޯ ފެނިފައި އަފްރާޒް ފުން ނޭވައެއްދޫކޮށްލިއެވެ.
"އަފޫ މިއީ އަދި ނިމުމެއްނޫން. މިވަގުތު އަފޫއަށް
ހީވެދާނެ އަފޫއަށް މިޞްބާޙް ނޫން މީހަކު ކަމުނުދާނެހެން. އެކަހަލަ މީހަކު
ނުލިބޭނެހެން. އެކަމަކު އެއީ ޙަޤީޤަތެއްނޫން. ރަނގަޅު އެތައް ބަޔަކު ދުނިޔެމަތީގަ
ތިބޭނެ. އަދި އަފޫއަށް ކަމުދާ މީހުންވެސް އުޅޭނެ. އަފޫއާއި އިންނާނެ މީހެއްގެ ނަން
މިއަދުވެސް ވަނީ އަފޫގެ ނަމުގެ ކައިރީގައި ލިޔެވިފަ. އެހެންވީއިރު ނުލިބޭނެ
މީހެއްގެ ފަހަތުން ދިޔުމުގެ އެއްވެސް ބޭނުމެއްނެތެއްނުދޯ؟ ދޮންބެ ނުބުނަން
އަފޫއަށް މިޞްބާޙް ނުލިބޭނެއެކޭ. ތި ދެކުދިން ކައިވެނި ކުރެވޭވަރު ވީމަ
އެދުވަހަކުން ވެސް ދެކުދިންނަށް ދެކުދިން ކަމުދަންޏާ އިންނާނީ. އެދުވަސް
އަންނައިރު ބައްޕަ ވެސް ޤަބޫލުވާނެ ކަންނޭނގެ. އިން ޝާ ﷲ." އަފްރާޒް
ހިނިތުންވުމަކާއެކީ ވާހަކަ ނިންމާލިއެވެ. އަފްރީނަށް ޙައިރަންކަންމަތީގައި އިނދެ
އޭނަގެ މޫނުން އަތް ނަގާލެވުނެވެ. ޙައިރާންވީ ދޮންބެ ދުވަހަކުވެސް އޭނައާއި
މިގޮތަށް ވާހަކަ ދައްކާފައި ނުވާތީވެއެވެ. ދައްކަފާނެކަމަށްވެސް އޭނަ
ހިއެއްނުކުރެއެވެ. އެހެނަސް ދޮންބެ އޭނަ ހިތްހަމަ ޖައްސައިދޭން މަސައްކަތް
ކުރާކަން އިޙްޞާޞް ކުރެވުމުން އަފްރީނަށް ހީވީ އޭނަގެ ބޮލުން ބޮޑު ބުރައެއް
އުފުލިގެން ދިޔައީހެންނެވެ.
"އެއީ ތެދެއް އަފޫ. އެ ދުވަހަކުން ހަމަ އަފޫއަށް
ކަމުދާ މީހަކު އަފޫ ކައިރިއަށް އަންނާނެ އިން ޝާ ﷲ. އެހެންނޫނަސް މި ދުނިޔޭގަ
އުޅޭއިރު މިވެނި މީހަކާ ނުލާ ނުއުޅެވޭނެކަމަށް ބަލައިގެން އުޅޭކަށް ނުވާނެ. އެހެން
އުޅެންޏާ ހިތްދަތިކަން ލިބޭނީ." ނަޞްރާ ބުނެލިއެވެ. ނަޞްރާއަށް ބަލަން އިން
އަފްރީނަށް ބޯޖަހާލެވުނެވެ.
"އެނގޭ ދޮންތާ. އެހެން މީހަކު ނެތަސް
އަހަރުމެންނާއެކު ﷲ ވާކަން ހަނދާން ހުރިއްޔާ ކިތަންމެހާވެސް އުފަލުގައި
އުޅެވިދާނެ. ދޮންތަ ތިހެން ބުނީމަ ވަރަށް ބޮޑު ހިތްވަރެއް ލިބިއްޖެ. ދޮންބެ ވެސް
ވާހަކަ ދެއްކީމަ މި ސިޗުއޭޝަން އެހާ އުނދަގުލެއްނޫންހެން ހީވެއްޖެ. އައި......ލަވް
ޔޫ." އަފްރީން އެންމެ ފަހު ޖުމްލަ ބުނެލީ ހިސާބަކަށް ނުކެރިފައި އަދި އެހެން
ބުނެވޭތީވެސް ޙައިރާންވެ ހުރެއެވެ. އޭނަގެ ޖުމްލަ ނިމުނުތަނާހެން އަފްރާޒާއި
ނަޞްރާ ބާރަށް ހޭންފެށިއެވެ. އަފްރީނަށް އޭނަގެ ރަތްވެގެން ދިޔަ މޫނުގައި ދެއަތް
އަޅާލެވުނެވެ.
"ބަލާބަލަ ނަޞްރާ. އަދި ކިރިޔާ މި ކުއްޖާއަށް
އަހަރުމެންދެކެ ލޯބިވެޔޭ މި ބުނެވުނީ." އަފްރާޒް ސަމާސާވެރި ރާގަކަށް
ބުނެލިއެވެ. ނަޞްރާ ރުޅި މޫނަކާއެކީ ހޫންލައްވައި އަފްރީންގެ ކޮނޑުގައި އަތްއަޅައި
ކުޑަކޮށް ކޮއްޕާލިއެވެ.
"ދެން! ލޯބިވާންވީ ސަބަބެއް ފެނުނީމަތާދޯ ލޯބިވާ
ވާހަކަ ބުނެވޭނީވެސް؟" އަފްރީން ފޮނިވާކަމަށް ހެދެމުން ބުނެލިއެވެ. އަފްރާޒް
އެއަށްވެސް ސަމާސާވެރި ރާގެއްގައި ރައްދެއްދިނެވެ. ތިން ބެއިން އެތައް އިރެއް
ވަންދެން އެ "ޒުވާބު"ގައި ތިއްބެވެ. އެ ވާހަކަތަކުގެ ތެރެއިން އަފްރީން
އޭނަގެ ހިތާމަތަކުގެ މަތިން ހަނދާން ނެތުނެވެ. ދޮންބެއާއި ދޮންތައާއި ވަކިވެގެން
ގޮސް ކޮޓަރިއަށް ވަތް އިރު ވެސް އޭނައަށް ހަމަޖެހުމެއް ލިބިފައިވިއެވެ. އަފްރީން
ނިދަން އެނދުގައި އޮށޯތީ ދޮންބެ ދެއްކި ވާހަކަތައް ހަނދާން ކުރަމުންނެވެ. އެ
ހަނދާން އާކުރުމުން އޭނައަށް ލިބެންވީ މީހަކު އޭނައަށް ލިބޭނެކަން އަފްރީނަށް
ޔަޤީންކުރެވުނެވެ. އެހެންކަމުން އޭނަ ހާސްވާކަށް ނުޖެހޭކަން އަމިއްލަ ނަފްސަށް
ވިސްނައިދެމުން އަފްރީން ނިދޭތޯ ބެލިއެވެ. ނިދުމުގެ ކުރިން އޭނަ ކުރި އެތައް
ދުޢާތަކެއްގެ ތެރެއިން އޭނައަށް މިޞްބާޙަށް ޝިފާ ދެއްވުމަށް އެދި ދުޢާކުރެވުނީ
ހިތް އެކަމަށް އެދުނު ވަރުންނެވެ. ހަމަ އެއާއެކު އޭނައަށް މިޞްބާޙްގެ
ޚިޔާލުތަކުގައި ހުރެވެން އުޅުނެވެ. އެހެނަސް އެ ޚިޔާލުތަކަށް މުޅިން ގެއްލުމުގެ
ކުރިން އަފްރީން އޭނަގެ ފޯނުން ޤުރުއާން ޖަހާލިއެވެ.
އޭގެ 2 ހަފްތާ ފަހުން މިޞްބާޙް ހޮސްޕިޓަލުން
ދޫކޮށްލެވުނެވެ. އޭރުވެސް އޭނަގެ ބައެއް ބެންޑޭޖްތައް ނުނެގި ހުރިއިރު އޭނައަށް
ހިނގެނީ ކޮރު ޖަހަމުންނެވެ. އެއްހަފްތާފަހުން އެކަން ރަނގަޅުވާނެ ކަމުގައި
ޑޮކްޓަރުން ބުންޏެވެ. ގެއަށް ގޮސް ޒާހިޔާ ވަގުތުން މިޞްބާޙަށް އެންގީ ހުރިހާ
ބެންޑޭޖެއް ނުނެގެނީސް ސްކޫލަށް ނުދެވޭނެ ވާހަކައެވެ. ޒާހިޔާ ހީކުރި ގޮތުގައި
މިޞްބާޙް ހުންނާނީ ކިޔަވަން ސްކޫލަށްދާން ބޭނުންވެގެންނެވެ. އެހެނަސް އޭނައަށް
ޙައިރާންކަމެއް ލިބިގެން ދިޔައީ އޭގެ ދުވަސްކޮޅެއްފަހުން އެއްދުވަހު ހެނދުނު
ސްކޫލަށް ދިޔުމަށްޓަކައި އޭނަ މިޞްބާޙަށް ގޮވާފައި ސައި ތައްޔާރު ކުރުވަން
ދިޔުމަށްފަހު އަނެއްކާވެސް އައިއިރު މިޞްބާޙް އެނދުގައި އިށީނދެގެން އިންތަން
ފެނުމުންނެވެ.
"ސްކޫލަށް ނުދަނީތަ؟" ޒާހިޔާއަށް ކޮޓަރީގެ
ދޮރުކައިރީގައި ހުރެ ސުވާލުކުރެވުނެވެ. މިޞްބާޙް ޒާހިޔާއަށް ބަލާލަމުން
ހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު ހޫންލައްވާލިއެވެ.
"ކިހިނެއްވީ؟ އަދިވެސް ރަނގަޅުނުވަނީތަ؟" ޒާހިޔާ
ކޮޓަރިތެރެއަށް ވަންނަމުން ކަންބޮޑުވުމަކާއެކީ އަހާލިއެވެ. ޒާހިޔާ ގޮސް މިޞްބާޙް
ކައިރިއަށް ހުއްޓި މިޞްބާޙްގެ ކޮނޑުގައި އަތް އަޅާލި ވަގުތު އޭނަ އިނީ
އިސްޖެހިފައެވެ. އޭނަ ޖަވާބެއްނުދީ އިރުކޮޅެއްވުމުން ޒާހިޔާ އޭނަގެ ކައިރީގައި
އިށީނދެ ބޮލުގައި ފިރުމާލިއެވެ.
"ރަނގަޅުނުވަންޏާ މައްސަލައެއްނެތް
މަޑުކޮށްލިޔަސް." ޒާހިޔާ ބުންޏެވެ.
"އަހަރެން ރަނގަޅު މަންމާ. އަހަރެން ބޭނުމެއްނުވަނީ
ސްކޫލަށްދާކަށް. ސްކޫލްގަ އަފްރީން ވެސް ހުންނާނެ. އަދި އަހަރުމެން ކުލާހުގަ
އުޅޭނެ އަހަންނާއި އަފްރީން އެއްކޮޓަރިއެއްގަ ތަޅުލުމުގަ ބައިވެރިވި އަންހެން
ކުދިންތަކެއްވެސް. ކިތަންމެ ހަނދާން ނައްތާލަން އުޅުނަސް އެ އަންހެން ކުދިން
މިހާރު ހުންނާނީ އެ ވާހަކަތައް މުޅި ސްކޫލަށް ފަތުރާފަ. އެކި މީހުން އެ ވާހަކަތައް
ދައްކާ އަޑު އަހާހިތެއް އަހަރެން ނުވޭ. އަދި އަމުދުން އަހަރެން ސްކޫލަށް ދިޔައިމަ
އެ އަޑުތައް ގަދަވާނެ. އަހަންނާއި އަފްރީން އަޅުވާވެސް ކިޔަން ފަށާފާނެ. އަހަރެން
ބޭނުމެއްނޫން އެގޮތަށް ކަންތައްވާކަށް." މިޞްބާޙް އެއްދިމާލަކަށް ނަޒަރު
ހުއްޓައިގެން އިނދެ ކިޔައިދިނެވެ. އޭނަ ޙަޤީޤަތުގައި އަފްރީނަށް އުނދަގޫވާކަށް
ބޭނުމެއްނުވަނީއެވެ. އިންޓަވިއުގައި އޭނަގެ އިޙްޞާޞްތައް ހާމަކުރުމުގެ މޮޔަކަން
އޭނައަށް މިހާރު ހީވެއެވެ. އެ ރިޕޯޓު ކިޔާފައި އަފްރީން އޭނައާއި ދުރުގައި
އުޅެންޖެހުނު ޙާލެއްވެސް ނޭނގެއެވެ.
"ހޫމް......އެކަމަކު ދެން ދަރިފުޅު ސްކޫލުން
ކެނޑޭނީތަ؟" ޒާހިޔާ ސުވާލުކުރިއެވެ.
"އާނ މަންމާ. އަހަރެން ބޭނުންވަނީ އަނބުރާ
މާލެއަށްދާން. މާލެއަށް ގޮއްސަވެސް އޭ ލެވެލް ނިންމިދާނެއެއްނު؟" މިޞްބާޙް
ޒާހިޔާއަށް ބަލާލަމުން އަހާލިއެވެ. ޒާހިޔާ ތުންފިއްތާލަމުން ބޯޖަހާލީ މިޞްބާޙް
އޭނަގެ ޚިޔާލު ބަދަލުނުކުރާނެހެން ހީވުމުންނެވެ.
"އެކަމަކު އަނބުރާ މާލެއަށްދާން މަންމައަށް ފެންނަނީ
އެ އިންތިޚާބެއް ނިމުނީމަ. އެކޮޅަށް ގޮއްސަ އަހަރުމެން ތިބެން ޖެހޭނީ
އަމީން......ޑޭޑްގެ ގޭގަ. އެ ގޭގަ މިދުވަސްކޮޅު ފުދޭވަރަކަށް ކަންތައް އޮންނާނެ.
އިންތިޚާބުގެ އަވައިގަ ޖެހިގެން އޭނަ އަހަރުމެންނަށް ކަމެއް ނުކުރާނެކަމެއްވެސް
ނޭނގޭ. އެހެންވީމަ....." ޒާހިޔާގެ ވާހަކަ މެދުކެނޑުނެވެ.
"އާނ މަންމަ ބުނަންޏާ އަހަރެން މަޑުކޮށްފާނަން."
މިޞްބާޙް މަޑުމައިތިރި އަޑަކުން އެހެން ބުނެލީ މަންމައާއި ޒުވާބު ނުކުރުމަށެވެ.
ޒާހިޔާ ވީ އުފަލާއެކީ މިޞްބާޙްގެ ގައިގައި ބައްދާލިއެވެ.
މިޞްބާޙަށް ބިރުހީވެފައި އޮތްހެން ސްކޫލްގެ ގިނަ
ކުދިބަޔަކަށް އެރޭ މިޞްބާޙާއެކީ އެއްކޮޓަރިއެއްގައިވީ އަފްރީންކަން
އެނގިފައިވިއެވެ. އެހެނަސް އޭގެއިން އެއްވެސް މީހަކު އަފްރީންގެ ކުރިމައްޗަށް ގޮސް
އެ ވާހަކައެއް ނުދައްކައެވެ. ސްކޫލް ފެށުނީއްސުރެ ވެސް އެކި ކުދިން ސިއްރުސިއްރުން
މިޞްބާޙާއި ކޮންމެވެސް އަންހެން ކުއްޖެކޭ ކިޔާ އަޑު އޭނައަށް އިވެއެވެ. ނައުފާއާއި
އޭނަގެ އެކުވެރިންގެ އިތުރުން ވެސް ބައެއް ކުދިންނަށް އެ އަންހެން ކުއްޖަކީ
ކާކުކަން އެނގޭކަން އަފްރީނަށް އެނގުންވީ އެއްދުވަހު އޭނަ ކެންޓީންގައި
އިންދައެވެ.
"އައި ތިންކް ހީ މަސްޓް ރިއަލީ ލަވް ހާރ. ނައުފާ ބުނީ
އެރޭ މިޞްބާޙް ކޮޓަރިން ނިކުތް ގޮތަށް އެއްވެސް މީހަކާ ވާހަކަ ވެސް ނުދައްކާ
ގެއިން ނިކުމެގެން ދިޔައިއްޔޯ. އަދި ސައިކަލަށް ވެސް ނާރާ ވާރޭތެރެއިން ސްލޯ
މޯޝަންގަ ހިނގާފަޔޯ ގެއަށް ދިޔައީ. ސޯ ޑްރެމެޓިކް!" އަފްރީން އޭނަގެ
އެކުވެރިންގެ އިންތިޒާރުގައި މޭޒެއްގެ ދޮށުގައި އިންދާ އޭނަގެ ގޮނޑިއާއި ދިމާ
ފުރަގަހުގައި ހުރި ގޮނޑީގައި އިން ފައިހާ ބުނެލި އަޑު އިވުނެވެ. ފައިހާއަކީ
ސްކޫލްގެ ތެރެއިން އަފްރީނަށް ފެންނަ ކުއްޖަކަށް ވިޔަސް އޭނަ ދުވަހަކުވެސް ވާހަކަ
ދެއްކި ކުއްޖެއްނޫނެވެ.
"ކީއްވެތަ މިޞްބާޙް ދެރަވާންވީ؟" ފައިހާގެ
އެކުވެރިޔަކު ސުވާލުކުރިއެވެ.
"ނައުފާ ބުނީ އެ އަންހެން ކުއްޖާ މިޞްބާޙާއި ދިމާލަށް
އެއްޗެހި ގޮވިއްޔޯ. އޭ! އެނގޭތަ އެއީ ކޮން އަންހެން ކުއްޖެއްކަން؟" ފައިހާ
ފޯރިއާއެކީ އެ ސުވާލު ކުރުމުން އަފްރީނަށް ވެސް ކަންފަތް ހުޅުވާލެވުނެވެ.
"ކާކު؟" ފައިހާގެ އެކުވެރިޔާ އަހާލިއެވެ.
"އެއްކަލަ......11 ޑީގަ އުޅޭ އަފްރީން."
ފައިހާގެ ޖަވާބު އިވިފައި އަފްރީންގެ ދެލޯ ބޮޑުވިއެވެ. މުޅި ދުނިޔެ ކުރިމަތީގައި
އޭނަ ފަޟީޙަތްވި ކަހަލަ އިޙްޞާޞެއް ކުރެވުނެވެ. އޭނައަށް ނުބައި ކަމެއް
ނުކުރެވޭކަން ވެސް އޭނަ ހަނދާން ނެތުނެވެ.
"އަހް! އަފްރީން އިޒް ސޯ ލަކީ. އަހަންނަކީ އޭނަ ނަމަ
މިޞްބާޙްގެ އަތުތެރެއަށް ގޮސް ވަނީމުސް." ފައިހާގެ އެކުވެރިޔާ ބުނެލި
ވާހަކައިން އަފްރީނަށް ދެލޯ މަރާލެވުނީ އޭނަ ފެންކަޅިވުމުންނެވެ.
"އޭނައަކީ ބޮޑު މޮޔައެއް. މިޞްބާޙް ދޫކޮށްލާނީ
ހަމަހޭގަ ހުރި މީހެއްނޫން." ފައިހާގެ އެ ވާހަކަ އަޑުއިވިފައި އަފްރީނަށް ދެލޯ
ހުޅުވާލެވުނެވެ. އޭނަގެ ދެބުމަ ކައިރިވެފައިވީ އޭނަ ނުރުހުންވީ ވަރުންނެވެ. އޭނަގެ
ރުޅި ގަދަވާން އުޅުނު ވަގުތު އަފްރީންގެ ހިތް އޭނައަށް ﷲ މަތިން
ހަނދާންކޮށްދިނެވެ. ކޮންމެ މީހަކު ކޮންމެ އެއްޗެކޭ ކިޔުނަސް އޭނަ ހެދީ
ރަނގަޅަށްކަން ﷲ މޮޅަށް ދެނެވޮޑިގެންވާނެކަމަށް އެ ހިތް ބުންޏެވެ. އޭނަ އެރޭ
މިޞްބާޙާއި ކައިރިވިނަމަ މިއަދު އަހަންޖެހުނީހީ މިއަށްވުރެ ވެސް ހުތުރު
ވާހަކަތަކެވެ. ނަމަވެސް ދުރުވީ އޭނަ ހެއްޔެވެ؟ އަފްރީނަށް ވިސްނާލެވުނެވެ.
ނޫނެކެވެ. ނުބައިކަމެއް ނުކުރުމުގެ ތަޢުރީފު އޭނައަށްވުރެ ބޮޑަށް ޙައްޤުވަނީ
މިޞްބާޙަށެވެ. މިޞްބާޙް އެރޭ އެންމެ ފިޔަވަޅެއް ވެސް އިތުރަށް އެޅިނަމަ އޭނައަށް
އަމިއްލަ ނަފްސު ކޮންޓްރޯލް ނުކުރެވުނީހެވެ. މިޞްބާޙް ބުނިހެން އޭނަ މިޞްބާޙް ބުނާ
ބަސްތަކަކުން ވިރިގެން ދިޔައީހެވެ. އެހެނަސް އެންމެ ބޮޑަށް ބަދުނާމުވެގެން މި
ދިޔައީ މިޞްބާޙްގެ ނަމެވެ. އަނިޔާތައް ލިބިގެން މި ދިޔައީ މިޞްބާޙަށެވެ. ހޭނެތިފައި
އޮތް މިޞްބާޙްގެ ފޮޓޯތައް ހަނދާނަށް އައުމުން އަފްރީނަށް ދެލޯ މަރާލަމުން
ބޯހޫރުވާލެވުނެވެ. ކަންތައްވެގެން މި ދިޔައީ ވަރަށް ގޯސްކޮށްކަމަށް ހިތް ބުންޏެވެ.
އޭނައަށް ވެވޭނެނަމަ އޭނަ އަމިއްލައަށް މިޞްބާޙްގެ މައުސޫމްކަން ހާމަކޮށް ރާއްޖެ
ޕްރެސްއަށް އިންޓަވިއުއެއް ދިނީހެވެ. އެހެނަސް ބައްޕަ އެކަން ކުރުމަށް ހުއްދަ
ދޭނެހެނެއް ހިއެއްނުވެއެވެ. ބައްޕަ މިހާރުވެސް ވަނީ އެރެއާއި ބެހޭގޮތުން އެއްވެސް
ވާހަކައެއް އެއްވެސް މީހެއްގެ ކައިރީގައި ނުދައްކަން އަންގާފައެވެ. ކޮންމެ
ގޮތަކަށް ވިޔަސް ވީ ވަރަކުން މިޞްބާޙަށް އިންސާފު ހޯދައިދިނުމުގެ ޝުޢޫރެއް
އަފްރީންގެ ހިތުގައި އުފެދުނެވެ. މިޞްބާޙް އެ އިންޓަވިއު ދިނުމަށްފަހު ވެސް ބައެއް
މީހުންގެ ހިތްތަކުގައި މިޞްބާޙާއިމެދު ނުބައި ޚިޔާލުތައް ވާކަން އަފްރީނަށް މިހާރު
އެނގޭތީވެއެވެ.
މިޞްބާޙް އެދުވަހު ހަވީރު މަންމަ ބުނި އެއްޗެހި
ގަނެދިނުމަށްޓަކައި ގެއާއި ތަންކޮޅެއް ދުރުގައި ހުރި ފިހާރައަކަށް ކާރުގައި
ދިޔައެވެ. ހުރިހާ އެއްޗެއް ގަނެ ނިމުނުއިރު ވަނީ އިރުއޮއްސެން ގާތްވެފައެވެ. ކާރު
ދުއްވަން އިންދާ މަޣުރިބު ނަމާދު ވަގުތުވުމުން މިޞްބާޙް އެންމެ ކައިރިން ފެނުނު
މިސްކިތެއްގެ ކައިރީގައި ކާރު ޕާކް ކޮށްލިއެވެ. އޭނަ ވުޟޫކޮށްގެން މިސްކިތަށް ވަތް
މަގުމަތީގައި ޔޫނުސް ފެނުނެވެ. ނަމަވެސް ޔޫނުސް އަވަސްއަރުވާލާފައި މިސްކިތަށް
ވަދެގެން ދިޔައީތީ ޔޫނުސްއަކަށް މިޞްބާޙް ނުފެނުނެވެ. މަޣްރިބު ނަމާދު ޖަމާޢަތުގައި
ކުރުމަށްފަހު މިޞްބާޙް ޔޫނުސް ފެނޭތޯ ބެލިއިރު ޔޫނުސް ޤުރުއާން ކިޔަވަން ފެށީއެވެ.
އެ މަންޒަރު ފެނިފައި މިޞްބާޙް ވެސް ޢިޝާ ނަމާދު ވަގުތު ޖެހެންދެން ޤުރުއާން
ކިޔަވަން ނިންމިއެވެ. ޢިޝާ ނަމާދަށްފަހު މިޞްބާޙް ޔޫނުސް ހޯދަން އުޅުނު ވަގުތު
ޔޫނުސް މިސްކިތުގެ ސިޑިން ފައިބައިގެން ދަނީއެވެ. މިޞްބާޙް މިސްކިތުން
ފައިބައިގެން ގޮސް އޭނަގެ ކާރަށް އަރަން އުޅުނު ވަގުތު ޔޫނުސް އާދައިގެ
ހިނގުމެއްގައި އޭނައަށް ފަސްދީފައި ދަމުން ދިޔަތަން ފެނުނެވެ. ބޭބޭއޭ ކިޔައި
ގޮވާލަން ހިތަށްއެރިއެއްކަމަކު ޔޫނުސް ހުރީ މާ ދުރުގައިކަން އެނގުންވުމުން
މިޞްބާޙް ހިނިތުންވުމަކާއެކީ އިސްޖަހާލިއެވެ. އޭނަ ކާރުގެ ދޮރަށް ތަޅުދަނޑި ޖަހަން
އުޅުނު ވަގުތު ފުރަގަހުން ފިރިހެނަކު ޔޫނުސްއޭ ކިޔާލި އަޑަށް އޭނައަށް އޭނަގެ
ކަންފަތް ހުޅުވާލެވުނެވެ.
"އެދަނީ އޭނަ. ދޭ ފަހަތުން. އަނ......އެއްކަލަ ފަޅު
މަގަށް އެޅުނީމަ މީތި ނަގާނީ." އެ ފިރިހެން މީހާ އެހެން ބުނެލި އަޑަށް
މިޞްބާޙަށް ވަގުތުން ފަސްއެނބުރި ބަލާލެވެން އުޅުނެވެ. ނަމަވެސް އޭނަ ނޭނގޭ ކަމަށް
ހެދިގެން ހުރެފައި އިރުކޮޅެއްފަހުން ޔޫނުސް ދަމުން ދިޔަ ދިމާލަށް ބަލާލިއެވެ.
އެވަގުތު ޔޫނުސްއާއި ދިހަ ވަރަކަށް ފިޔަވަޅު ފަހަތުން ހިނގަމުން ދިޔަ ބޮޑު ކޯޓެއް
ލައިގެން ހުރި ބިޔަ ފިރިހެނަކު ފެނިފައި މިޞްބާޙްގެ ބުމަގޮށްޖެހުނެވެ.
Comments
Post a Comment