Hijra (part 28)
"މި ސުވާލު ހަދަން އެނގޭތަ؟ މިއީ
އިއްޔެގަ މެތްސް އެކްސްޓްރާގަ ދިން ސުވާލެއް." މިޞްބާޙް އޭނަގެ ފޮތުގައި
އެންމެ ފަހަކަށް ލިޔެފައި އޮތް އަލްޖެބްރާ ސުވާލު ދައްކަމުން ބުނެލިއެވެ. އަފްރީން
އެއްފަހަރު އެއަށް އަނެއްފަހަރު މިޞްބާޙަށް ބަލާލިއެވެ. މިޞްބާޙް އޭނައާއި މި
ސުވާލުކުރަނީ ހަމަ ޙަޤީޤަތުގައި ވެސް ނޭނގިގެންހޭ އޭނަގެ ހިތަށްއެރިއެވެ. ސުވާލަކީ
އުނދަގޫ ސުވާލެކެވެ. ނަމަވެސް މިޞްބާޙަކީ އެ ސުވާލު ނޭނގޭނެ ވަރަށްވުރެ މޮޅު
ކުއްޖެކޭ އަފްރީންގެ ހިތް ބުންޏެވެ. މިޞްބާޙްގެ ނިޔަތާއިމެދު ނުބައި ގޮތްގޮތަށް
އަފްރީނަށް ވިސްނެން ފެށިއެވެ. ނަމަވެސް އެއްވެސް މީހަކާމެދު ގޯސް ގޮތަކަށް
ދެކިގެން ނުވާނެކަން ހަނދާންކޮށް އަފްރީން ވާހަކަ ދެއްކިއެވެ.
"ސާރ އައިމަ ސާރ ކައިރިން އަހާނީއެއްނު؟
އަހަންނަށްވުރެ މޮޅަށް ސާރއަށް ބުނެދޭން އެނގޭނެ." އަފްރީން ބުނެލިއެވެ.
"އިއްޔެ ސާރ ބުނެދިނީމަ ވެސް ނޭނގުނު." މިޞްބާޙް
ދެރަ މޫނެއް ދައްކައިގެން ހުރެ ދޮގެއް ހަދާލިއެވެ. އަފްރީން ކިތަންމެ ބޭނުމެއް
ނުވިޔަސް އޭނައަށް އަނެއްކާވެސް މިޞްބާޙާއިމެދު ޝައްކު ކުރެވުނެވެ. މިޞްބާޙަކީ
އެހާ ވިސްނުން ބަލި ކުއްޖެއް ނޫންކަން އަފްރީނަށް ޔަޤީނުން ވެސް އެނގޭތީވެއެވެ.
އެހެނަސް އޭނަ ދެންވެސް ރީތިކޮށް ވާހަކަ ދެއްކޭތޯ މަސައްކަތް ކުރިއެވެ.
"އެހެންވިއްޔާ މިޞްބާޙްގެ ފްރެންޑް ފާރިޝް އައިމަ
އޭނަ ކައިރިން އަހާ. އޭނައަށް އެނގޭނެ." އަފްރީން ބުނެލިއެވެ.
"ފާރިޝްއަށް ވެސް ރަނގަޅަކަށް ނޭނގޭ. އޭނަ
އެހެންނޫނަސް މިހާރު އިނީ ލައިބްރަރީގަ އެއްކަލަ ކެމިސްޓްރީ ޕްރޮޖެކްޓަށް ރިސާޗް
ހަދަން. ހިއެއްނުވޭ އިންޓަވަލް ގަޑި ނިމުމުގެ ކުރިން އަންނާނެހެނެއް. ޕްލީޒް
އަފްރީން ހެލްޕް މީ. ސާރ އަންނައިރު މީތި ނުނިންމާ އޮތިއްޔާ ސާރ ރުޅި އަންނާނެ.
އަހަރެން ލައްވާ ބޯޑުގަ ހައްދަން ވެސް އުޅެފާނެ. ޕްލީޒް!" މިޞްބާޙް ޖެހިލުމެއްނެތި
އޮމާންކަމާއެކީ ޙަޤީޤަތް އޮޅުވިއެވެ. އޭނައަށް ފާރިޝް ހުރިތަނެއްވެސް ނޭނގެއެވެ.
މުދައްރިސަކު އައިސް މިހާރު ވެސް މިޞްބާޙް ގާތު އެ ސުވާލު ބޯޑުގައި ހަދާށޭ
ބުނެފިއްޔާ އޭނައަށް ފަސޭހަކަމާއެކީ އެ ހެދިދާނެއެވެ.
އަފްރީން ދެންވެސް ޖެހިލުންވުމަކާއެކީ މިޞްބާޙަށް ބަލަން
އިނދެފައި އެންމެ ފަހުން ވާހަކަ ދެއްކިއެވެ.
"އެންމެ ރަނގަޅު...އަހަރެން ބުނެދީފާނަން."
އަފްރީނަށް އެންމެ ފަހުބަސްތައް ނުބުނެވެނީސް މިޞްބާޙް އުޖާލާވި މޫނަކާއެކީ ޔެސްއޭ
ކިޔާލިއެވެ. އަދި ލަސްތަކެއް ނުކޮށް އަފްރީންގެ ކައިރީގައި ހުރި ގޮނޑީގައި އޮތް
ދަބަސް ނަގައި މޭޒުމަތީގައި ބާއްވަމުން އެ ގޮނޑި މައްޗަށް ނަގައިގެން ގޮސް
އަފްރީންގެ ކުރިމަތީގައި ބެހެއްޓިއެވެ. މިޞްބާޙް އެ ގޮނޑީގައި އިށީނދެ ގޮނޑި
ކުރިއަށް ދަމައި އޭނައާއި ގާތްވެލީ ގޮތުން އަފްރީނަށް ބޭއިޚްތިޔާރުގައި އޭނަގެ
އަމިއްލަ ގޮނޑި ފަހަތަށް ޖައްސާލެވުނެވެ.
"ވަޓް؟" މިޞްބާޙް ފަނޑުވެފައި ހުރި
ހިނިތުންވުމަކާއެކީ އަހާލިއެވެ. އަފްރީން އިސްޖަހާލަމުން ވިސްނުމެއްގެ ތެރޭގައި
އިރުކޮޅެއް ވަންދެން އިނެވެ.
"އަމް......އަހަރެން އެ ސުވާލު ބުނެދެމުން ބޯޑުގަ
ހަދައިދީފާނަން. އެ ގޮތް އޯކޭއެއްނު؟" އަފްރީން އޭނަގެ ދަބަހުގެ އަރިމަތީގައި
ހުރި ޖީބުން ވައިޓް ބޯޑު މާކަރެއް ނަގައި މިޞްބާޙަށް ދައްކާލިއެވެ.
"އޯކޭ." މިޞްބާޙް އަނގަޔަށް ގޮތެއް ހަދާލަމުން
ބުންޏެވެ.
އަފްރީން މާކަރު ހިފައިގެން ބޯޑު ކައިރިއަށް ގޮސް ސުވާލު
ކިޔައިދިނުމަށް އެދުނެވެ. މިޞްބާޙް ސުވާލު ކިޔައިދެމުން ބޯޑު ކުރިމައްޗަށް
ދިޔައެވެ. އަދި ކިޔައިދީ ނިމުމުން އަނެއްފަރާތުގެ ފުރަތަމަ ބަރީގައި ހުރި މޭޒެއްގެ
މަތީ ފޮތް ބާއްވަމުން ދެއަތް އުރައި މޭޒަށް މަޑުމަޑުން ލެނގިލިއެވެ. އަފްރީން އެ
ސުވާލު ހަދަމުން ބުނެދެމުން ދިޔައެވެ. އެންމެ ހަރުފަތެއް ވެސް ދޫނުކޮށް އަފްރީން
ހަދަމުން ދިޔައިރު މިޞްބާޙްގެ ސަމާލުކަން ވީ ބޯޑުގައި ލިޔެވެމުން ދިޔަ އެއްޗަކަށް
ނޫނެވެ. މިޞްބާޙް އިނީ އަފްރީންގެ ރީތިކަމަށް ގެއްލިފައެވެ. އަފްރީންގެ ކޮންމެ
ޙަރަކާތެއްވެސް މިޞްބާޙް އާޝޯޚު ކުރުވިއެވެ. އެ ޙަރަކާތްތައް ފެންނަމުން ދިޔައީ
ވެސް އޭނައަށް ފެންނަންޖެހޭ ވަރަށްވުރެ ލަސްކޮށްހެން އޭނައަށް ހީވިއެވެ.
މިޞްބާޙަށް އަމިއްލަ ނަފްސާއި މަޑުމަޑުން ހީލެވުނެވެ. މިއީ ފިލްމެއްގެ
މަންޒަރަކަށްވިނަމަ މިއަދު އޭނައަށް ފުރަތަމަ ފަހަރަށް ޙަޤީޤީ ލޯތްބެއްވެއްޖެއޭ
ބުނެ ފަހަތުން މީހަކު ވާހަކަ ކިޔައިދިނީހެވެ. އާދަޔާ ޚިލާފަށް ވައިބާރުވެ
ލަވައެއްގެ އަޑު އިވެން ފެށީހެވެ. މިޞްބާޙަށް އެ ހުރިހާ ކަމެއް ސިފަވަނީ މޮޔަ
ކަންތައްތަކެއްގެ ގޮތުގައެވެ. އަންހެން ކުއްޖަކު ރީތިވާއިރަށް އެއީ ލޯބިވެވުނީ
ހެއްޔެވެ؟ އެހެންވިއްޔާ އޭނައަށް ބައިވަރު ފަހަރު ލޯބިވެވިއްޖެއެވެ. އަދި
މުސްތަޤްބަލުގައި ވެސް އިތުރަށް ލޯބިވާނެކަން ޔަޤީނެވެ.
އަފްރީން ބޯޑުގައި ލިޔަމުން މިޞްބާޙަށް ބަލާލާ ކޮންމެ
ފަހަރަކު މިޞްބާޙްގެ ތޫނު ނަޒަރު އޭނައަށް އަމާޒުވެފައިވާތަން ފެނިފައި އޭނަ
ފިލަން ބޭނުންވެއެވެ. ނަމަވެސް ފަށާފައިވާ ކަމެއް ނުނިމެނީސް ދާން އުޅެފިއްޔާ
އިތުރު ސުވާލުތަކާއި ކުރިމަތިވާނެކަން އެނގި އަފްރީން އޭނަގެ އަތްމަތި އަވަސް
ކުރެވޭތޯ ބެލިއެވެ. އަފްރީންގެ އިންތިޒާރު ނިމުމަކަށް އަންނަމުން ދިޔަ ވަގުތު
އޭނަގެ ހިތް އަވަސްވިއެވެ.
"އެންޑް ދެއަރފޯރ.....އެކްސް އިޒް އީކުއަލް ޓު
ޓޫ." އަފްރީން ޖަވާބު ލިޔެ އޭގެ ދަށުގައި ދެ ރޮނގު ދަމާލިއެވެ. އެއާއެކު
މިޞްބާޙް އަތްތިލަ ބަޑި ޖަހަން ފެށިއެވެ. އަފްރީން ޙައިރާންވެހުރެ މިޞްބާޙަށް
ބަލާލަމުން އަތުގައި އޮތް މާކަރުގެ ދޯރި ޖަހާލިއެވެ.
"އައިމް ރިއަލީ އިމްޕްރެސްޑް. އަފްރީން ވަރަށް
މޮޅު." މިޞްބާޙް ސީދާވެލަމުން ހިނިތުންވުމަކާއެކީ ބުނެލިއެވެ. އޭނަގެ އެ
ވާހަކައިން އަފްރީންގެ ހީ ޔަޤީނަކަށް ބަދަލުވިއެވެ. އަންހެން ކުދިން
ހައްލާލުމަށްޓަކައި ފިރިހެން ކުދިން ގެންގުޅޭ އުކުޅުތައް އަފްރީނަށް މާ ރަނގަޅަށް
ވެސް އެނގެއެވެ. އޭނަ މާޒީގައި އެކަންތައް އެނގިހުރެ ވެސް ނޭނގޭ ކަމަށް ހަދައިގެން
ހުރީ ފިރިހެން ކުދިންގެ ސަމާލުކަން އިތުރަށް ބޭނުންވެގެންނެވެ. ނަމަވެސް އޭނަ ދެން
އެހެންނެއް ނަހަދާނެއެވެ. އޭނަ މިތަނުން ވީހާވެސް އަވަހަކަށް ނިކުންނަން ވީ ކަމަށް
އޭނަގެ ސިކުނޑި އެންގިއެވެ. އެއާއެކު އަފްރީން އޭނަގެ ގޮނޑިއާއި ދިމާލަށް
ދިޔައެވެ. އެ ތަން ފެނިފައި މިޞްބާޙް ތެޅިގެންފައި އަފްރީނަށް ގޮވާލިއެވެ. އަފްރީން
މަޑުކޮށްލަމުން ފަސްއެނބުރި ބަލާލިއެވެ.
"އަފްރީން.....އައިމް ރިއަލީ ސޮރީ. އަހަންނަށް އެނގޭ
އަހަންނަށް ވަރަށް މޮޔަކޮށްކަން އުޅެވުނީ މި ވޭތުވި ދުވަސްކޮޅުގެ ތެރޭގަ.
އަހަންނަށް އެނގޭ އަހަރެން އެގޮތަށް ކަންތައް ކުރަން ނުޖެހޭނެކަން. ބަޓް އައި
ރިއަލީ ލައިކް ޔޫ. އަފްރީން ކަހަލަ ދީންވެރި ކުއްޖަކު ދުވަހަކުވެސް ނުދެކެން.
އަހަރެން ބޭނުން އަފްރީން ކައިރިން ދީނާއިމެދު އިތުރަށް އުނގެނެން. އަހަންނަށް
ދަސްކޮށްދޭނަންތަ؟" މިޞްބާޙް މައުސޫމުކަމަށް ހެދެމުން މޭމަތީގައި އެއްއަތް
ޖައްސައި އަހާލިއެވެ. އަފްރީން ނުރުހުންވެފައިވާ މޫނަކާއެކީ މިޞްބާޙަށް ބަލަންހުރެ
އޭނަގެ އަތުގައި އޮތް މާކަރު މޭޒުމަތީގައި ބާއްވައި ދެއަތް މެއާއި ދިމާލުން
ހުރަސްކޮށްލިއެވެ.
"ފުރަތަމަ ކަމަކަށް.....އަހަންނަށް ހިއެއްނުވޭ
މިޞްބާޙަށް އަހަރެން ކަމުދަނީ އަހަރެންގެ ދީންވެރި ކަމުގެ ސަބަބުން ކަމެއް.
ހަނދާންވާ ގޮތުގަ މިޞްބާޙް އަހަރެން ފެނުނީއްސުރެ އަހަރެންގެ ސަމާލުކަން ހޯދުމުގެ
މަސައްކަތް ފަށައިފި. ދެވަނަ ކަމަކަށް......ދީން އުނގެނެވޭނެ ބައިވަރު ގޮތްތައް
އެބަހުރި. ކީއްވެ އަހަރެން ކައިރިން ވަކި އުނގެނެން ތި އުޅެނީ؟ އަހަރެން މިއީ ވަކި
މުޅި ދުނިޔޭގައި ހުރި އެންމެ ބޮޑު ޢާލިމެއް ނޫން. އަހަންނަށް ޔަޤީން އުނގެނެންވީ
އެހެން ގޮތްތައް މިޞްބާޙަށް ފެންނާނެކަން. ﷲ ތިބާއަށްޓަކައި ޢިލްމުގެ ދޮރުތައް
ހުޅުއްވަވާށި!" އަފްރީން ސާބިތުކަން އެކުލެވިފައިވި ގޮތަކަށް ބުނެލިއެވެ.
މިޞްބާޙްގެ ގޮށްމުއްކެވިގެން ދިޔަ ވަގުތު އޭނައަކަށް އޭނަގެ ރުޅިވެރިކަން
މޫނުމަތިން ނުފޮރުވުނެވެ. އަފްރީން ކުއްލިއަކަށް އޭނަ ފަސްދީފައި ކުލާހުގެ ދޮރުން
ނިކުމެގެން ދިޔައެވެ. މިޞްބާޙް އެ ދިމާލަށް ބަލަހައްޓައިގެން ހުރެ އައި ރުޅީގައި
އެތާ މޭޒުމަތީގައި އޮތް ދަބަސް އަތުން ފޮޅުވައި ބިމަށް ވައްޓާލިއެވެ.
އެދުވަހުގެ މެންދުރުގެ ވަގުތެއްގައި ޔޫނުސް އޮފީހުގައި
އިންދާ އޮފީހުގެ ފޯނަށް މީހަކު ގުޅާފައި ދިން ޚަބަރަކުން އޭނައަށް ގޮނޑިން
ތެދުވެވުނެވެ. އެކޮޅުން ބުނި ގޮތުގައި "ރާއްޖޭގެ ދުނިޔެ" ގެ އޮފީހުގައި
ވަނީ ބޮޑު ހުޅުގަނޑެއް ރޯވެފައެވެ. ވާހަކަ އަޑުއަހަން ހުރި ޔޫނުސް ދެލޯ ބޮޑުކޮށްގެން
ހުރިއިރު އޭނަގެ ނިތުން ދާ ތިކިތައް ހިއްލިއެވެ. މިފްތާޙްބެއާއި ނާސިފް
ކޮބައިތޯ ހިތް ސުވާލު ކުރި ވަގުތު
އެކޮޅުން އިވެމުން ދިޔަ ވާހަކަ ނުނިމެނީސް އޭނައަށް ފޯނު ބޭއްވުނެވެ. އެއަށްފަހު
އޭނަ އަވަސްއަވަހަށް އޭނަގެ ރޫމުން ނިކުމެގެން ދިޔައެވެ.
ޔޫނުސް ބާރު ސްޕީޑެއްގައި ސައިކަލު ދުއްވާފައި ގޮސް
ނާސިފްމެންގެ ގެ ހުންނަ ގޯޅިއަށް އެޅި ވަގުތު އެ ގޭގެ ޞަރަޙައްދަށް އެތައް ބަޔަކު
އެއްވެފައި ތިއްބެވެ. ފަޔާރ ޓްރަކެއް ގޭގެ ކުރިމަތީގައި އޮތް އިރު ފެންޖަހާތަން
ފެންނަމުން ދިޔައެވެ. ގޭގެ ކައިރީގައި ހުރި ފިހާރައިގެ ފުރާޅުމަތިން ހުޅުގަނޑުގެ
ބައެއް ފެނުމުން ޔޫނުސްއަށް ބަލަހައްޓައިގެން އިނދެވުނެވެ. އޭނަ ކުރިމައްޗަށް
ބަލާލި ވަގުތު މީހުންތަކާއި ނުހަނު ކައިރިވިތަން ފެނިފައި ކުއްލިއަކަށް ސައިކަލު
ބުރަކި ޖައްސާލެވުނެވެ. އެއަށްފަހު އަވަސްވެފައިވާ ހިތަކާއެކީ ސައިކަލުން
ފައިބައިގެން މީހުންގެ ތެރެއިން ގެއާއި ހަމައަށް ދެވޭތޯ މަސައްކަތް ކުރިއެވެ.
ފޯނުންނާއި ކެމެރާތަކުން ފޮޓޯ ނަގަމުން ދިޔަ މީހުންގެ ތެރެއިން ޔޫނުސްއަށް އޭނަގެ
އޮފީހުގައި އުޅޭ ޝިފާޒް ވެސް ފެނުނެވެ. ޝިފާޒް ފަހަނަޅައި ދެވުނު ފަހުން އޭނަ
ގޮވާލި އަޑަށް ޔޫނުސް އެދިމާލަށް ބަލާ ކަހަލަ ޚިޔާލެއް ނުކުރިއެވެ. މީހުންތައް
ދުރުކުރަމުން ޔޫނުސްއަށް އެންމެ ފަހަކަށް އެންމެންގެ ކުރިއަށް އައިސް
މަޑުކޮށްލެވުނެވެ. އެއާއެކު ޔޫނުސް ހުއްޓުން އެރިއެވެ. ގޭޓު ފަހަނަޅައި ދެވެން
އޮތް ބޮޑު ގޯތީގެ އެއްފަރާތެއްގައި ހުރި ޢިމާރާތުގައި އެއްކޮށް ހުޅުހިފާފައިވިތަން
އޭނައަށް ފެނިފައެވެ. މެދުން ފެންނަމުން ދިޔަ ދެ ބުރިއަށް ނަގާފައިވާ އެއްބައިގައި
އަލިފާނުގެ އަސަރެއް ނެތަސް އެ ގޭގެ ވެސް އެއްބައި ދެލި ކުލައަށް
ބަދަލުވެފައިވިތަން ފެނިފައި ޔޫނުސްގެ މެއަށް ފިނިވިއެވެ.
"ގޭގަ ވެސް ހުޅު ހިފީތަ؟" ޔޫނުސްއަށް އޭނަގެ
ކައިރީގައި ހުރި ނުވެސް އެނގޭ މީހެއް ކައިރިން އަހާލެވުނެވެ.
"އާނ.....ކުޑައިރުކޮޅެއް ކުރިން އެ ހުޅުގަނޑު
އެއްކޮށް ނިވުނީ." އެ މީހާ ބުނެލިއެވެ.
"ކޮބައިތަ ގޭގަ އުޅޭ މީހުން؟" ޔޫނުސްއަށް
ކަންބޮޑުވެފައިހުރެ އަހާލެވުނެވެ.
"ދެންމެ އެންބިއުލާންސްގަ ނާސިފް މިފްތާޙް ގޮވައިގެން
ހޮސްޕިޓަލަށް ގެންގޮސްފި. ހުޅު ހިފިއިރު މިފްތާޙް އެކަނި ގޭގަ ހުރީ. އޭނަ ނިކުންމި
އިރު ހޭނެތިފަ އޮތީ. ގެންދިޔައިރު އަތުގެ ނުފުށް އަނދާފަ ހުރިތަން އަހަރެން
ދުށިން." އެ މީހާ ކިޔައިދިނެވެ. ޔޫނުސްއަށް ޤަބޫލުކުރަން ވެސް ދަތިވެފައި
އެމީހާއަށް ބަލަހައްޓައިގެން އިރުކޮޅަކު ހުރެވުނެވެ. އެއަށްފަހު އޭނަ ކުއްލިއަކަށް
މީހުންތަކުގެ ތެރެއިން ފެންނަމުން ދިޔަ އޭނަގެ ސައިކަލާއި ދިމާލަށް ދާން
ހިނގައިގަތެވެ.
ޔޫނުސްގެ ސައިކަލު މިފަހަރު ގޮސް މަޑުކޮށްލީ ހޮސްޕިޓަލުގެ
ކައިރިއަށެވެ. އޭނަ ދިގު ފިޔަވަޅުތަކެއްގައި ހޮސްޕިޓަލް ތެރެއަށް ވަދެ ރިސެޕްޝަން
ކައިރިއަށް ގޮސް މިފްތާޙް ވީ ތަނެއް ހޯދިއެވެ. އެއާއެކު އޭނަ މިޞްރާބުޖެހީ
އައި.ސީ.ޔޫ އާއި ދިމާލަށެވެ. އައި.ސީ.ޔޫ ހުންނަ މަގަށް އެޅުނު ވަގުތު އައި.ސީ.ޔޫގެ
ކުރިމަތީ ހުރި ހުސް ގޮނޑިތަކުގެ ތެރެއިން ގޮނޑިއެއްގައި ދެއަތުން މޫނު
ފޮރުވައިގެން އިން ނާސިފް ޔޫނުސްއަށް ފެނުނެވެ. އޭނަ ވައި އަޑަކުން ނާސިފްގެ
އަޑުން ގޮވާލަމުން އޭނަ ކައިރިއަށް ދިޔައެވެ.
"ނާސިފް! މި....މިއީ ކިހިނެއް ހިނގި ކަމެއްތަ؟
މިފްތާޙްބެ ކިހިނެއް؟" ޔޫނުސް ނާސިފްގެ ކޮނޑުގައި އެއްއަތް އަޅާލަމުން
އަވަސްއަވަހަށް ސުވާލުކުރިއެވެ. ނާސިފް އޭނަގެ މޫނުން ދެއަތް ނަގައި އަސަރެއް ނެތް
ގޮތަކަށް މައްޗަށް ބަލާލިއެވެ. އެ މޫނުމަތިން ޔޫނުސްއަށް ފެނުނީ ހިތާމަވެރިކަމާއި
ރުޅިވެރިކަން އެކުލެވިފައިވި އަސަރެކެވެ. ނާސިފް އޭނައަށް ބަލަން އިނދެފައި
ކޮނޑުން އޭނަގެ އަތް ފޮޅުވާލުމުން ޔޫނުސްގެ ދެބުމަ ކައިރިވިއެވެ. އޭނަ އެއްޗެކޭ
ބުނަން އުޅުނު ވަގުތު ނާސިފް ވާހަކަ ދެއްކިއެވެ.
"އިންޓަވިއުއެއްދޭންވީތަ އެޗް.އެން ނިއުސްއަށް؟
އިންޓަވިއު ދީފާނަން ޙަޤީޤަތާ އެއްގޮތަށް. އެކަމަކު ހިތާމައަކީ ތި ބޭފުޅުންނަށް އެ
ގޮތަށް ނުލިޔެވޭނެތީ." ނާސިފް ނުރުހުމުގެ ލޮލަކުން ބަލަން އިނދެ ރާގަކަށް
ބުނެލިއެވެ. އޭނަގެ ބަސްތަކަކުން ޔޫނުސްގެ ހިތް ދެރަވިއެވެ.
"ނާސިފް؟" ޔޫނުސް އިވޭ ނުއިވޭ އަޑަކުން
ގޮވާލިއެވެ.
"މިއީ ދޮގެއްތަ؟" ނާސިފް އަހާލިއެވެ.
"އަހަރެން މި އައީ މިފްތާޙްބެގެ ޙާލު ބަލަން."
ޔޫނުސް އޭނަގެ މޭމަތީގައި ޝަހާދަތް އިނގިލި ޖައްސަމުން ބުންޏެވެ. ނާސިފް އެއްވެސް
އަސަރެއްނެތް ގޮތަކަށް ހީލިއެވެ.
"ބައްޕައަށް މި ޙާލު ޖެއްސި މީހުންނަށްޓަކައި
މަސައްކަތް ކޮށްދޭ މީހަކު ބައްޕަގެ ޙާލު ބަލަން އައިމަ ވަރަށް ހެއްވާ."
ނާސިފް ވާހަކަ ނިންމާލީ ބުމަގޮށްޖެހިފައި ހުރެއެވެ. ނާސިފް އެހެން ބުނެލުމުން
ޔޫނުސްއަށް ހީވީ މީހަކު އޭނަގެ ސިކުނޑީގައި ކޮއްޓާލިހެންނެވެ. އޭނަ މިހާއިރު
ހީކޮށްގެން ހުރީ ހުޅުހިފީ އެކްސިޑެންޓެއްގެ ސަބަބުން ކަމަށެވެ. ނަމަވެސް.......
"އެމީހުންތަ؟" ޔޫނުސްއަށް އަހާލެވުނެވެ.
އެއާއެކު ނާސިފް ކޮޅަށް ތެދުވިއެވެ. އެއަށްފަހު ޔޫނުސްގެ ގަމީހުގެ ގިރުވޯނުގައި
ހިފާލަމުން ދެދަތްޕިލް ޖައްސައިގެން ހުރެ ވާހަކަ ދެއްކިއެވެ.
"ދެން ކޮން ބައެއްހެންތަ ހީވަނީ؟ މިއަދު އެކަން ހިނގި
ފަހުން އަހަރެން ގެއަށް އައިއިރު އަމިއްލަ ލޮލުން ދުށިން އަމީން އެގެއިން
ނިކުމެގެން އަންނަތަން. އެކަމަކު އެއީ ނުވާކަމަކަށްވާނީ. އެޗް.އެން ނިއުސް
ރިޕޯޓުގަ އޮންނާނީ މިއީ މިއަދު ހިނގި ހިތާމަވެރި އެކްސިޑެންޓެކޭ. އެހާ ހިސާބުން
ވާހަކަ ނިމުނީ. އަހަރުމެންގެ ސައިޓް އަނބުރާ ނުގެނެވޭނެ ގޮތަށް ހެކްކުރި ވާހަކަ
ނާންނާނެ. މީގެ ކުރިން ބައްޕައާއި އަހަންނަށް ދެއްކިހާ ބިރެއްގެ ވާހަކަ ނާންނާނެ.
އަހަރުމެންނަށް ދިންހާ ގެއްލުންތަކެއްގެ ވާހަކައެއް ނާންނާނެ. ދެން ކީކޭ ކިޔަންތަ
ތި އުޅެނީ؟" ނާސިފް ޔޫނުސްގެ ގިރުވޯނުން ދޫކޮށްލަމުން އޭނަގެ މޭގައި އަތް
އަޅައި ކޮއްޕާލިއެވެ. ޔޫނުސް ކުޑަކޮށް ދުރަށް ޖެހުނެއްކަމަކު އޭނަ ނުވެއްޓެވެ.
އޭނަގެ ގާތް އެކުވެރިޔަކު އޭނައާއި ވާހަކަ ދެއްކި ގޮތުން ޔޫނުސްގެ ހިތަށް ތަދުވިއެވެ.
ނަމަވެސް އެ އެކުވެރިޔާ އެހެން ވާހަކަ ދައްކަން ޖެހުނީ ފުން ހިތާމައެއްގެ
ސަބަބުންކަން ކުރިމަތިން ފެނުނު މަންޒަރުން ޔޫނުސްއަށް އެނގުނެވެ. ނާސިފް އަމިއްލަ
ލޯމަތީގައި އެއްއަތް އަޅާފައި ނަގާލި ވަގުތު އެ ލޮލަށް ކަރުނަތައް
ޖަމާވެފައިވިއެވެ. އޭނަ ތުންފަތުގައި ދޫ ކާއްތަމުން އައި.ސީ.ޔޫގެ ދޮރާއި ދިމާލަށް
ނަޒަރު ހުއްޓާލިއެވެ. ޔޫނުސްއަށް ވެސް އެ ދިމާލަށް ބަލާލެވުނެވެ. ދޮރުގައި
ވަށްކޮށްހުރި ބިއްލޫރި ކުޑަދޮރުން އެނދުގައި އޮކްސިޖަން މާސްކެއް އަޅައިގެން އޮތް
މިފްތާޙް ފެނިފައި ޔޫނުސްއަށް އެ ދޮރާއި ގާތަށް ޖެހިލެވުނެވެ. މިފްތާޙަށް
ބަލަހައްޓައިގެން ހުރެ ޔޫނުސްއަށް ކުޑަދޮރުގެ ކައިރީގައި އެއްއަތް ޖައްސާލެވުނެވެ.
އެނދުމަތީގައި އެއޮތީ އޭނަ ނޫސްވެރިޔަކަށް ހެދި ފަރާތޭ ހިތަށްއެރިއެވެ.
މިފްތާޙްބެއަށް ނުވިނަމަ އޭނައަށް ދުވަހަކުވެސް އޭނަގެ ހުރި ހުނަރެއް ނޭނގުނީހެވެ.
އޭނަގެ ހުނަރަށް އިތުބާރު ކުރި ފުރަތަމަ މީހަކީ މިފްތާޙްބެއެވެ. ވީއިރު މި
ހުނަރުގެ ބޭނުން މިފްތާޙްބެގެ ދުޝްމިނުންނަށްޓަކައި ކުރުން ހެޔޮވާނެ ހެއްޔެވެ؟ އެ
ސުވާލު ހިތަށް ވަނުމުން ޔޫނުސްގެ ބުމަގޮށްޖެހިގެން ދިޔައެވެ. އޭނަ އިރުކޮޅަކު
ހުރެފައި އެތަނުން ދާން ހިނގައިގަތީ ވަރުގަދަ ޢަޒުމެއްގައި ކަން އޭނަގެ
މޫނުމަތީގައި ހުރި ކުލަވަރުން ކޮންމެ މީހަކަށް ވެސް ނަގައިގަނެވޭނެއެވެ.
އަމީން އޭނަގެ ސިޓިންގް ރޫމުގެ ސޯފާގައި ކުރިމަތީގައި ހުރި
މޭޒަށް ދެފައި އަރުވައިގެން ޓީވީ ބަލަން އިންދާ ގޭގެ ދޮރުގައި މީހަކު ބާރަށް ޓަކި
ދޭ އަޑު އިވެން ފެށިއެވެ. އަމީން ދޮރާއި ދިމާލަށް ބަލާލި ވަގުތު ގޭގެ މަސައްކަތު
މީހަކު ގޮސް އެ ދޮރު ދެ ފަރާތަށް ހުޅުވާލިއެވެ. ދޮރުމަތީގައި ރުޅިން ރަތްވެފައި
ހުރި ޔޫނުސް ފެނިފައި އަމީން އޭނަގެ ދެފައި މޭޒުމަތިން ބޭލިއެވެ. ޔޫނުސް އަތްތިލަ
ބަޑި ޖަހަމުން ގޭތެރެއަށް ވަދެގެން އައެވެ. އޭނަ ލަސް ހިނގުމެއްގައި ސިޓިންގް
ރޫމުގެ ސޯފާތައް ތިބި ހިސާބަށް އައިސް މަޑުކޮށްލި ވަގުތު އަމީން ޙައިރާންވެހުރެ
ކޮޅަށް ތެދުވިއެވެ.
"ވަރަށް މޮޅު ރޭވުމެއް. އެކަމަކު ވަރަށް ޅަ ކުދިން
ހިފާ ކަހަލަ ބަދަލު ހިފުމެއް. އަމިއްލަ ނޫހަކަށްވުރެ އެހެން ނޫހެއް މަޝްހޫރުވީމަ އެ
ނޫސް ތި ނެތިކޮށްލީ އަމިއްލަ ނޫސް ކުރިއަރުވާނެ ގޮތްތައް ހުސްވީމަތަ؟" ޔޫނުސް
ރުޅިވެރި ގޮތަކަށް އަހާލިއެވެ. އަމީން އެއްވެސް އަސަރެއްނެތް ގޮތަކަށް ޔޫނުސްއަށް
ބަލަން ހުރެފައި ހީލިއެވެ.
"ޔޫނުސް ވެސް ދެން ދައްކާ ވާހަކަދޯ؟ އަހަރުމެން
ކީއްކުރަން އެކަހަލަ ކަމެއް ކުރަންވީ؟ އަހަރުމެންގެ ނޫހުން އަބަދުވެސް އެންމެ
އަވަހަށް ޚަބަރުތައް ގެނެސްދެނީ. އެހެން ބަޔަކަށް މާ ގިނަ ކިޔުންތެރިން ދިޔަޔަސް
ޙަޤީޤަތުގަ އެންމެ މޮޅީ އަދިވެސް އަހަރުމެން." އަމީން ބުނެލިއެވެ.
"މޮޅީ ދޮގު ޚަބަރު ފަތުރަން. އެ ފެތުރިދާނެ
ކިތަންމެހާވެސް އަވަހަކަށް. ލަދުވެސް ގަނޭ މިހާ ދުވަސްވަންދެން އެ ނޫހަށްޓަކައި
މަސައްކަތް ކޮށްދެވުނީތީ. އެކަމަކު ދެން ނޫން. މިއަދު ހުރިހާ ހައްދެއް ފަހަނަޅައި
ގޮއްސި. މިއަދުން ފެށިގެން އަހަންނަކީ އެ ނޫހާއި ތި މީހުންނާއި ވެސް ބެހޭ
މީހެއްނޫން. އަހަރެން ދެން މަސައްކަތް ނުކުރާނަން އެހެން މީހުންނަށް އަނިޔާ ދޭ
ބަޔަކަށްޓަކައި. އަހަރެން މަސައްކަތް ކުރާނީ އެ މީހުންނާއި ދެކޮޅަށް. ހީކުރީ
ތަނެއް އަންދާލީމަ ތިމާ ކުރާ ކުށްތަކުން ރެކޭނެ ކަމަށްތަ؟ މި ދުނިޔޭގައި ސަލާމަތް
ވިޔަސް އަދި ތިމާ ކުރި ހުރިހާ ކުށެއް ތިމާގެ ކުރިމަތިން ފެންނާނެ ދުވަހެއް އަންނާނެ.
އަދި އަހަރެން ދުނިޔޭގަ ހުރިހާ ހިނދަކު ތި މީހުންގެ އެއްވެސް ގޯސް ރޭވުމެއް
ކާމިޔާބު ވިޔަކަ ނުދޭނަން. އަހަރެން ފަހަތަށް ނުޖެހޭނަން އިރާދަކުރެއްވިއްޔާ.
ވަރިހަމަ އަހަރެން މަރާލަން މަސައްކަތް ކުރިޔަސް!" ޔޫނުސް ހަރު އަޑުން
އިއްވާލިއެވެ. އަމީން ބުމަގޮށްޖަހައިގެން އަނގަ ލައްޕައިގެން ހުރީ އެއްޗެކޭ
ނުބުނަން ކަހަލައެވެ. ޔޫނުސް އޭނައަށް ބަލަހައްޓައިގެން ހުރެފައި އޭނައަށް
ފަސްދެމުން އެގެއިން ނިކުންނަން ދިޔައެވެ. ޔޫނުސް ދޮރާއި ހަމަވި ވަގުތަކީ ސްކޫލުން
ގެއަށް އައި މިޞްބާޙް ގޭގެ ގޭޓުން ފެންޑާއަށް ވަތް ވަގުތެވެ. މިޞްބާޙްގެ
މޫނުމަތީގައި ވެސް ވީ ޔޫނުސްގެ މޫނުމަތީގައި ވި ފަދަ ރުޅިވެރިކަމެކެވެ. ނަމަވެސް
ހިނގަމުން ދަނިކޮށް މިޞްބާޙަށް ޔޫނުސް ފެނުމުން އޭނަގެ މޫނުމައްޗަށް ޙައިރާންކަން
ވެރިވިއެވެ. އެއީ އޭނަ ނުދަންނަ މީހަކަށްވާތީވެއެވެ. ޔޫނުސް އޭނަ ފަހަނަޅައި
ދިޔުމުން ވެސް މިޞްބާޙް ފަސްއެނބުރި ބެލިއެވެ. އެއަށްފަހު އަނެއްކާވެސް ގެއާއި
ހަމައަށް ގޮސް ގެއަށްވަނެވެ.
"އެއީ ކާކުތަ ޑޭޑް؟" ގޭގެ ދޮރުމައްޗަށް އެރި
ވަގުތު ސިޓިންގް ރޫމުން އަމީން ފެނިފައި މިޞްބާޙް އެހިއެވެ.
"މާ ބޮޑު މީހެއްނޫން. މިގޭގެ ތެރޭގަ މަސައްކަތް
ކުރުމުގެ ފުރުޞަތެއް އޮތްތޯ ބަލަން އައި މީހެއް." އަމީން އެހެން ބުނެލީ
ދެންމެ އެއްވެސް ކަމެއް ނުވާހެން ހީވާ ފަދައަކުންނެވެ.
"އޮވް....." މިޞްބާޙް އެހެން ބުނެފައި އަދިވެސް
އެއްފަހަރު ބޭރު ބަލާލިއެވެ. ޔޫނުސް ގޭޓުން ނިކުމެ ސައިކަލަށް އެރިތަން ފެނިފައި
އެއީ ހަމަ ގޭގަ މަސައްކަތް ކުރަން އައި މީހެއްހޭ މިޞްބާޙްގެ ހިތަށްއެރިއެވެ.
ކޮންމެ ގޮތެއްވިޔަސް އޭނައަށް ކޮންކަންހޭ ހިތައި މިޞްބާޙް ގޭގެ ތެރެއަށް ވަދެގެން
ގޮސް އޭނަގެ ކޮޓަރިއަށްވަނެވެ. މިޞްބާޙް ލޯމައްޗަށް ގެއްލުމުން އަމީން އެތާ
މޭޒުމަތީގައި އޮތް އޭނަގެ ފޯނު ނެގިއެވެ. އަދި ނަންބަރުތަކަށް ފިތާލަމުން ފޯނު
ކަންފަތުގައި ޖައްސާލިއެވެ.
"ކީކޭ އަމީން؟ ހުރިހާ ކަމެއް ރަނގަޅުތަ؟" ފޯނުގެ
އެކޮޅުން ނަވާޒް ވާހަކަ ދެއްކީ މަގުމަތިން ދުއްވާފައި ދިޔަ ކާރެއްގެ ފަހަތުގައި
އިނދެއެވެ.
"ހުރިހާ ކަމެއް ރަނގަޅެއްނޫން." އަމީން
ބުނެލިއެވެ.
"އެއީ؟ މިހާރު މިފްތާޙްމެންގެ ހުރިހާ ނިޝާނެއް
ގެއްލިއްޖެއެއްނު؟ އަނެއްކާ މީހަކަށް އެނގުނީތަ؟" ނަވާޒް ބުނެލިއެވެ.
"ޔޫނުސް އަހަރުމެންނާ ވަކިވެއްޖެ." ނަވާޒްގެ
ސުވާލަކަށް ޖަވާބެއް ދިނުމެއްނެތި އަމީން ބުނެލިއެވެ.
"ކީކޭ؟!" ނަވާޒް ހާސްކަން އެކުލެވިފައިވި
ގޮތަކަށް އަހާލިއެވެ.
Comments
Post a Comment