Hijra (part 36)


"އޭނަ އެބަހުރި. އޭނަ އައީ ބޮޑު ރޭވުމަކާއެކު. އަފޫ ބަދުނާމު ކުރުމުގެ ރޭވުން. އޭނަ ހުރީ އަދިވެސް އަފޫއަށް ވަރަށް ރުޅި އައިސްފަ. އެންމެން ކުރިމަތީގަ އަފޫ ތިމަންނަ ދޫކޮށްފަ ދިޔައިއްޔޭ ކިޔާފަ. ރެއާއި ދުވާލު އޭނަ އެކި ރޭވުންތައް ރާވަނީ އޭނަގެ އެކުވެރިންނާއެކު. އެ އެކުވެރިންގެ ތެރޭގަ ހިމެނޭ........މިޞްބާޙް ވެސް." ނަޝާ އެންމެ ފަހަކަށް ބުނެލި ނަމުން އަފްރީނަށް ދެލޯ ބޮޑުކޮށްލަމުން ނަޝާއާއި ދިމާލަށް ބަލާލެވުނެވެ. އޭނަގެ މެއަށް ނުބައި ގޮތެއްވިއެވެ. އޭނައަށް އޭނަގެ ކަންފަތަށް ވެސް އިތުބާރެއް ނުކުރެވުނެވެ. އަފްރީނަށް ކުއްލިއަކަށް މިޞްބާޙާއިމެދު ވިސްނެން ފެށި ވަގުތު ނަޝާ އޭނައަށް ޙަމްދަރުދީ ވާފަދައަކުން ފުން ނޭވައެއް ދޫކޮށް އިސްޖަހާލިއެވެ.

"އަހަރެން އެހެންވެ އެދުވަހު އެހީ އަފޫ މިޞްބާޙް ލައިކްވޭހޭ. އަފޫއަށް އޭނަ ކަމުދަންޏާ އެމީހުންގެ މިޝަން އެ ކާމިޔާބުވަނީ. އަފްރީން ހިތުން ރުހުމުން މިޞްބާޙްގެ ގާތަށް އަންނާނެ ގޮތެއްވޭތޯ އެމީހުން އެ ބަލަނީ. އަފޫ ވިސްނާލަބަލަ. ކުރީގަ މިޞްބާޙް އުޅުނީ ކިހިނެއް؟ އޭނަ ކީއްވެ ކުއްލިއަކަށް އެހާ ދީނީވެގެން އެ އުޅެނީ؟ އަފޫ ދީނަށް ޝައުޤުވެރިކަން ހުންނަކަން އެނގުނު ފަހުންނެއްނޫންތަ؟" ނަޝާ އެހިއެވެ. އަފްރީން ދެބުމަ ކައިރިކޮށްގެން ހުރެ އެއްޗެކޭ ބުނަން އުޅުނު ވަގުތު ނަޝާ އޭނައަށް ހުރަސްއެޅިއެވެ.

"އެއީ ހަމަ އަފޫ އިމްޕްރެސް ކުރަންވެގެން އޭނަ އެ ސްޕީޗްވެސް ދިނީ." ނަޝާ ބުނެލިއެވެ.

"މަޑުކޮށްބަލަ. ނަޝާއަށް ކިހިނެއް އެނގެނީ އޭނަ އަހަރެން ރުއްސަންކަން އެކަން ކުރީ؟ ހަމަ ވެދާނެއެއްނު އޭނަ ބަދަލުވީ ކަމަށްވެސް؟" އަފްރީން ސީދާވެލަމުން އޭނަގެ ކޮފީ ތަށި މޭޒުމަތީގައި ބަހައްޓައި ނަޝާއަށް ބަލާލިއެވެ. އޭނަ ކޮށްލި ސުވާލުން އޭނަގެ ހިތަށް ކުޑަވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. ނަޝާ ދެލޯ މަރާލަމުން ބޯހޫރުވަން ފެށިއެވެ.

"އަފޫ ދިސް އިޒް އެގްޒެކްޓްލީ ވަޓް ދޭއި ވޯންޓް. އޭނަ ބަދަލުވީ ކަމުގެ އިމްޕްރެޝަން އެމީހުން އަފޫއަށް ދޭން ބޭނުންވަނީ. އަފޫ އޭނައާއި ހެދި މޮޔަވެގެން އޭނަ ބުނާހާ ގޮތަށް ކަންތައް ކުރާނެހެން." ނަޝާ ބުނެލިއެވެ. އަފްރީނަށް ދެންވެސް ޤަބޫލުކުރަން ދަތިވިއެވެ.

"ނަޝާއަށް ކިހިނެއްތަ ތި ހުރިހާ ކަމެއް އެނގެނީ؟" އަފްރީން ހިތްހަމަ ނުޖެހިފައި އިނދެ އެހިއެވެ.

"ނައުފާ ކިޔައިދިނީ. ސިނާން މިކޮޅަށް އައިއްސަ އޭނައަށް އެހީވެދިނުމަށް އެދި ނައުފާއަށް ގުޅި. ސިނާން ނައުފާގާތު އޭނަގެ މުޅި ރޭވުން ކިޔައިދިން. އޭނަ ނައުފާގާތު ބުނީ ކޮންމެވެސް އެއްގޮތަކަށް އަފްރީން ތަނެއްގަ އެކަނި ހުންނާނެ ގޮތެއް ހަދާށޭ. އޭރުން މިޞްބާޙްވެސް އެތަނަކަށް ގޮސް......." ނަޝާ ނުހަނު އަސަރާއިއެކު އޭނަގެ ވާހަކަ އެހާ ހިސާބަށް ހުއްޓާލަމުން އަފްރީނަށް ދެރަ މޫނެއް ދެއްކިއެވެ. އަފްރީނަށް ހީވީ މުޅި ދުނިޔެ އޭނައަށް ރުޅިވާން އުޅުނީހެންނެވެ. ފުރަތަމަ ސިކުންތުގައި ނަޝާ އޭނައަށް ދޮގު ހަދަނީ ކަމަށް އޭނަގެ ހިތް ބުންޏެވެ. ނަމަވެސް އޭނައަށް ދޮގު ހަދައިގެން ނަޝާއަށް ލިބޭނީ ވަކި ކޯޗެއްތޯ އޭގެ ދެވަނަ ސިކުންތުގައި އޭނަގެ ހިތް ސުވާލުކުރިއެވެ. ނޭނގޭ ސަބަބަކާހުރެ އަފްރީންގެ ލޮލުން ދިލަ ނަގަން ފެށިއެވެ. އޭނައަށް އެއްވެސް އެއްޗެކޭ ނުބުނެ ނަޝާއަށް ބަލަން އިނދެވުނެވެ.

"އަފޫ......އަދިވެސް ޤަބޫލެއް ނުކުރެވޭދޯ؟ އެނގޭ ޤަބޫލުކުރަން ދަތިވާނެކަން ވެސް. އެކަމަކު މިއީ ޙަޤީޤަތަކީ. އަފޫ އަހަންނަށް އިތުބާރު ނުކުރަންޏާ މިޞްބާޙް ކައިރިން އަހާލަބަލަ ސިނާންއަކީ އޭނަގެ ކާކުތޯ. އެ ދެމީހުންނަކީ ކަޒިންސް. ކަޒިންސްމެން ޢާއްމު ގޮތެއްގަ މަސައްކަތް ކުރާނީ އެކީގަތާ." ނަޝާ އަމިއްލަ ނަފްސާ ކަހަލަ ގޮތަކަށް ބުނެލަމުން އަފްރީނަށް ބަލާލިއެވެ. އެވަގުތު އަފްރީންގެ ލޮލަށް ކަރުނަތައް ޖަމާވާން ފަށާފައިވިއެވެ. އޭނައަށް ހީވީ އޭނަގެ އަނދިރި މާޒީ އޭނަގެ ފަހަތުން އަންނަނީ ހެންނެވެ. ވަރަށް އަވަހަށް އެ އަނދިރިގަނޑު އޭނަގެ ފަހަތުން އައިސް އަނެއްކާވެސް އޭނަ ވަށާލާނެހެން އަފްރީނަށް ހީވިއެވެ. އެ ޚިޔާލު ހިތަށް ވަނުމުން އޭނަގެ ހިތް ރޫރޫއެޅިއެވެ. އެވަގުތު ނަޝާ ސޯފާމަތީގައި އޮތް އަފްރީންގެ އަތްމަތީގައި އަތް އެޅިއެވެ.

"ބީ ވެރީ ކެއަރފުލް. ގޭގަ އެކަނި ނުހުރެ ވެވޭތޯ ބަލާތި. ހަމަ ނޭނގޭނެ މިޞްބާޙް އަންނާނެ އިރެއް." ނަޝާ އަފްރީނާއި ކައިރިވެލަމުން ބުނެލިއެވެ. އަފްރީން އެއަށްވަކި އެއްޗެކޭ ނުބުނެ އިސްޖަހާލިއެވެ. ނަޝާ އަފްރީންގެ ކޮނޑުގައި އެއްއަތް އަޅައި އޭނަގެ ކޮފީތަށި މޭޒުމަތީގައި ބަހައްޓަމުން ދަނީއޭ ބުނެލިއެވެ. އަފްރީން ކުޑަކޮށް ބޯޖަހާލުމުން ނަޝާ އެގެއިން ނިކުންނަން ދިޔައެވެ. ނަޝާ ދިޔަ ފަހުން އިރުކޮޅެއް ވަންދެން އަފްރީން ދެލޯ މަރައިގެން އިން ގޮތަށް އިނެވެ. އެއަށްފަހު އޭނަ ކުއްލިއަކަށް ކޮޅަށް ތެދުވިއެވެ.

އަފްރީން އޭނަގެ ކޮޓަރިއަށް ގޮސް ކިޔަވާ މޭޒުދޮށުގައި އިށީނދެ ލެޕްޓޮޕް ހުޅުވާލިއެވެ. މިއަދު ފުރަތަމަ ފަހަރަށް ލެޕްޓޮޕް އޮން ކޮށްލަމުން އަފްރީނަށް އޭނަ އިށީނދެގެން އިން ގޮނޑީގެ ދެފަރާތުގައި ދެއަތުން ހިފަހައްޓާލީ ކެތްމަދުވެގެން އުޅޭ ފަދައަކުންނެވެ. ލެޕްޓޮޕްގެ ސްކްރީނުން ވިންޑޯސް ސްޓާޓްވަމުން ދިޔަތަން އަފްރީން ބަލަން އިނީ ޝަކުވާގެ ނަޒަރަކުންނެވެ. އޭނަ ބޭނުންވީ ވީހާވެސް އަވަހަކަށް މިޞްބާޙްގެ ގޮތް ރަނގަޅަށް ދެނެގަންނާށެވެ. މީހަކު ދެނެގަތުމަށްޓަކައި އެމީހެއްގެ ފޭސްބުކް ޕްރޮފައިލަކީ މާ އިތުބާރު ހިފޭނެ އެއްޗަކަށް ނުވިޔަސް އެހެން ގޮތެއް ނެތުމުން އަފްރީން އެއަށް ބަރޯސާވާން ނިންމިއެވެ. ޑެސްކްޓޮޕަށް ދެވުނުތަނާހެން އަފްރީން ފޭސްބުކަށް ވަދެލިއެވެ. އެވަގުތު އޭނައަށް މެސެޖެއް ލިބިފައިވުމުން އަފްރީން އެ މެސެޖު ހުޅުވާލިއެވެ. "މިޞްބާޙް އަމީން"ގެ ނަން ފެނިފައި އަފްރީންގެ ހިތް ހުއްޓުނެވެ. އޭނައަށް ފަޅި ސިކުންތެއްގެ ތެރޭގައި އެ މެސެޖު ހުޅުވާލެވުނެވެ. އެންމެ ފުރަތަމަ ޖުމްލައިގައި "އައި ލަވް ޔޫ"އޭ އޮތްތަން ފެނިފައި އަފްރީންގެ ހިތް އާދަޔާ ޚިލާފު ގޮތަކަށް ތެޅިލިއެވެ. އޭނައަށް ނޭނގުމެއްގެ ތެރެއިން އޭނަގެ ތުންފަތްމަތިން ހިނިތުންވުމެއް ދުވެލިއެވެ. އެހެނަސް އެ ދިގު މެސެޖުގެ ދެން އޮތް ބައި ކިޔަން ފެށުމުން އަފްރީނަށް ލަދުން ދުރުބެލެން ފެށިއެވެ. އޭނަ ގަދަކަމުން ކަހަލަ ގޮތަކަށް އަނެއްކާވެސް އެ މެސެޖަށް ނަޒަރު ހުއްޓާލިއެވެ. މިފަހަރު އޭތި ކިޔަން ފެށުމުން އަފްރީންގެ މޭ ނުބައި ކުރިއެވެ. މެސެޖު ކިޔައި ނިމުނުއިރު މިއީ ހަމަ މިޞްބާޙް ފޮނުވި މެސެޖެއްހޭ އޭނަގެ ހިތަށްއެރިއެވެ. އޭނަގެ ހިތް ނޫނެކޭ ޖަވާބަކަށް ބުނެލިތަނާހެން ނަޝާ ދެންމެ ދެއްކި ވާހަކަތައް ހަނދާނަށް އައެވެ. މިޞްބާޙް އޭނައާއި ދޭތެރޭ ކަންތައް ކުރަން އުޅޭ ގޮތުގެ ވާހަކައެވެ. މިއީ އެ ރޭވުމުގެ ބައެއްތޯއޭ ބުނެ އަފްރީންގެ ހިތް ސުވާލުކުރިއެވެ.

**

ކިޔަވާ މޭޒުދޮށުގައި ފިލާވަޅަކަށްޓަކައި ނެޓުން މަޢުލޫމާތު އެއްކުރަން އިން މިޞްބާޙް ގޮނޑިއަށް ލެނގިލަމުން ފުން ނޭވައެއް ދޫކޮއްލިއެވެ. މިއަދު އޭނައަކަށް އެއްވެސް ފިލާވަޅަކަށް ފުރިހަމަ ސަމާލުކަމެއް ދެވޭ ގޮތެއްނުވެއެވެ. ދޭތެރެ ދޭތެރެއިން ފޭސްބުކަށްވަދެ ބަލާލެވެނީ އަފްރީނަށް އެ މެސެޖު ފެނިފައިވީތޯއެވެ. އެކަން ހަނދާންވުމުން މިޞްބާޙް އަނެއްކާވެސް ފޭސްބުކަށް ވަދެލައިފިއެވެ. އެއަށްފަހު މެސެޖުތަކުގެ ތެރެއިން އެންމެ މަތީގައި އޮތް މެސެޖަށް ކްލިކް ކޮށްލިއެވެ. އެއާއެކު އެ މެސެޖުގެ ދަށުގައި މީގެ ދެ މިނެޓް ކުރިން އަފްރީނަށް އެ މެސެޖުގެ ފެނިފައިވީ ކަމަށް އޮތުމުން މިޞްބާޙްގެ ހިތް އަވަސްވިއެވެ. އޭނަ ވަގުތުން ޓައިޕްކުރަން ފެށިއެވެ

"އަފްރީން ދިސް ވޯޒް އަ މިސްޓޭކް." މިޞްބާޙް އެހެން ޖަހައި އެންޓާރއަށް ފިތާލަން އުޅެފަވެސް އަފްރީނަށް އިތުރަށް ކިޔައިދޭނީއޭ ހިތް ބުނި ހިނދު އޭނަ އަނެއްކާވެސް ޓައިޕްކުރަން ފެށިއެވެ. މިއީ ސިނާން ކުރިކަމެކޭ ލިޔެފައިވެސް މިޞްބާޙަށް އެ ތަންކޮޅު ފޮހެލެވުނެވެ. އޭނަ އަފްރީނަށް ސިނާންގެ މަތިން ހަނދާންކޮށްދޭކަށް ބޭނުމެއް ނުވިއެވެ. އަދި އަމުދުން ސިނާންގެ ވާހަކަ އައުމުން އޭނައަށް އިތުރު ސުވާލުތަކެއް ކުރިމަތިވާނެކަން އެނގުންވުމުން މިޞްބާޙް އެންމެ ފަހުން އެންޓާރއަށް ފިތާލިއެވެ.

**

މިޞްބާޙްގެ މެސެޖެއް ލިބުމުން ހިނދުކޮޅަކަށް އަފްރީންގެ ހިތަށް އުފަލެއް ލިބުނެވެ. އެހެނަސް މާ ގިނައިރެއްނުވެ އޭނައަށް އަނބުރާ ޙަޤީޤީ ދުނިޔެއަށް އާދެވުނެވެ. މިޞްބާޙް މި މެސެޖަކީ ކުށެކޭ ބުނުމުން އަފްރީން ޤަބޫލުކުރަން ބޭނުންވިއެވެ. އެހެނަސް ކުށަކުން މިޞްބާޙްގެ ފްރެންޑް ލިސްޓްގައި ވެސް ނެތް ކުއްޖަކަށް މިހާ ދިގު މެސެޖެއް ފޮނުވިދާނެބާވައެވެ؟ މިޞްބާޙް ދެންމެ ވެސް އެ ހެދީ ދޮގެއް ހެއްޔެވެ؟ އެ ސުވާލުގެ ޖަވާބަކަށް އަފްރީންގެ ސިކުނޑި އާނއެކޭ ބުންޏެއްކަމަކު އަފްރީން އެ ބަސް އަޑު ނޭހިއެވެ. އޭނަ މިޞްބާޙްގެ އިތުރު މެސެޖުތަކެއް ބޭނުންވިއެވެ. މިކަން އިތުރަށް ސާފުކުރުމުގެ ގޮތުންނެވެ. މިޞްބާޙް ޓައިޕްކުރަން ފެށިކަން އެނގުމުން އަފްރީންގެ ހިތުގައި އުއްމީދުގެ ހުޅުކޮޅެއް ދިއްލުނެވެ. އެހެނަސް މާ ގިނައިރެއް ނުވެ ޓައިޕްކުރާ ވާހަކަ ގެއްލުމުން އަފްރީންގެ ހުރިހާ ޖޯޝެއް ގެއްލުނެވެ.

**

މިޞްބާޙް އަނެއްކާވެސް ސިނާންގެ ވާހަކަ ލިޔަން ފެށީ އަފްރީން އޭނަގެ ބަސް ޤަބޫލު ނުކޮށްފާނެއޭ ހިތާއެވެ. އެހެނަސް އޭނަ ވެސް ކުރިން ސިނާނާއި ގުޅިފައިވި ވާހަކައާއި ހިސާބަށް އައުމުން މިޞްބާޙް އަނެއްކާވެސް ޖެހިލުންވިއެވެ. އެ ވާހަކަ އެނގުމުން އަފްރީން އޭނައަށް ނަފްރަތު ކުރަން ފަށާފާނެކަމުގެ ބިރު ހީވީތީވެއެވެ. މިޞްބާޙް އޭނަ ދިގުކޮށް ލިޔަން ފެށި މެސެޖު އެއްކޮށް ފޮހެލިއެވެ. އަދި އަފްރީން ބުނާނެ އެއްޗަކަށް އިންތިޒާރު ކުރިއެވެ. މިނެޓްތަކެއް ހިނގި ފަހުން ވެސް ޖަވާބެއް ނުލިބުމުން އަފްރީން އޭނައަށް އިތުބާރު ނުކުރީބާއޭ ހިތަށްއެރިއެވެ. ކޮންމެ ގޮތެއްވިޔަސް އޭނަގެ ނުބައި ނިޔަތެއްނެތެވެ. އެކަން ﷲ މޮޅަށް ދެނެވޮޑިގެންވާނެކަން ހަނދާންވުމުން މިޞްބާޙްގެ ހިތަށް ހަމަޖެހުމެއް ލިބުނެވެ. ކޮންމެވެސް އެއްދުވަހަކުން އަފްރީނަށް ވެސް އެނގޭނެއޭ ހިތައި މިޞްބާޙް ފޭސްބުކް އިން ލޮގް އައުޓްވީ މިކަމުގައި އިތުރަށް ވަގުތު ބޭކާރު ނުކުރުމަށްޓަކައެވެ. އިތުރަށް މެސެޖު ކުރަން އުޅުނިއްޔާ ޚިޔާލު ބަދަލުކޮށްކޮށް އެތައް އިރެއްވަންދެން ހުރެވިދާނެކަން އެނގޭތީވެއެވެ.

**

މިޞްބާޙް ޓައިޕްކުރާ ވާހަކަ ނޭރިއެއްކަމަކު އަފްރީން އެތައް އިރެއް ވަންދެން މިޞްބާޙްގެ މެސެޖަކަށް އިންތިޒާރު ކުރިއެވެ. އެހެނަސް އެކަން ނުވުމުން އަފްރީން އެންމެ ފަހަކަށް އެ ޗެޓް ވިންޑޯގެ މަތީގައި އޮތް މިޞްބާޙްގެ ނަމަށް ކްލިކްކޮށްލީ އޭނަ ކުރަން އައި ކަންތައް ކުރުމަށެވެ. މިޞްބާޙްގެ ޕްރޮފައިލް ބެލުމަށެވެ. ޕްރޮފައިލް ޕިކްޗާރގައި މިޞްބާޙް ފުރިހަމަ ހިނިތުންވުމެއްގައި ހުރި ފޮޓޯ ފެނިފައި އަފްރީން ދުރު ހޯދަން ފެށިއެވެ. ކަވާރ ފޮޓޯގައި ހުރީ ފުޅި ބައްތިއެއްގެ ކައިރީގައި ނޫރާއިބެހޭ އާޔަތުގެ އިނގިރޭސި ތަރުޖަމާހުރި ފޮޓޯއެކެވެ. އެ ފޮޓޯ ފެނިފައި ވެސް އަފްރީން ނަޝާގެ ހުރިހާ ވާހަކައަކީ ދޮގެއްކަމަށް ނިންމުނެވެ. އެހެނަސް އޭނަގެ ހިތުގައި މިޞްބާޙަށްޓަކައިވާ އިޙްޞާޞްތަކެއްގެ ސަބަބުން އޭނައަށް މިޞްބާޙްގެ އުނި ސިފަތައް ނުފެންނަ ވަރުވެގެން ނުވާނެކަން އަފްރީން އަމިއްލަ ނަފްސަށް ހަނދާން ކޮށްދިނެވެ. އެއަށްފަހު އޭނަ ތިރިއަށް ސްކްރޯލް ކުރަން ފެށިއެވެ. ކުރީކޮޅު މުޅިންހެން ފެނުނީ ދީނާއިބެހޭ ޕޯސްޓްތަކެވެ. އެހެނަސް 2014 ވަނަ އަހަރާއި ހަމައިން މުޅިންހެން ފެނުނީ މިޞްބާޙް މިވެނި ކުއްޖަކާއި ރައްޓެހިވެގެން އުޅޭ ވާހަކައެވެ. އަފްރީން ކިތަންމެ އަވަހަށް ސްކްރޯލް ކުރިއެއްކަމަކު އެ ސްޓޭޓަސްތައް މަދެއްނުވިއެވެ. ވަކި ހިސާބަކުން އަފްރީންގެ ލޯ ކަރުނުން ފުސްވިއެވެ. އޭނައަށް ސްކްރޯލްކުރުން މަޑުކޮށްލެވުނެވެ. އޭނައަށް ރޮވެން އުޅޭކަން އެނގުންވުމުން އަފްރީން އަވަސްއަވަހަށް އެސްފިޔަ ޖަހާލިއެވެ. އަދި އޭނަ ރޯންޖެހޭ ސަބަބެއް ނެތްކަމަށްބުނެ އަމިއްލަ ހިތަށް ވިސްނައިދިނެވެ. އެއަށްފަހު އަނެއްކާވެސް ލެޕްޓޮޕަށް ނަޒަރު ހުއްޓާލިއެވެ. ކުރިމަތިން ފެނުނު ރިލޭޝަންޝިޕް ސްޓޭޓަސްގެ ދަށުގައި މިޞްބާޙް އަންހެން ކުއްޖަކާއި ލަދުކުޑަކޮށް ވާހަކަ ދައްކާފައި ހުރިތަން ފެނިފައި އަފްރީންގެ ހަނދާނަށް އައީ މިޞްބާޙް އޭނައަށް ފޮނުވާފައި އޮތް މެސެޖެވެ. މިޞްބާޙް އަދިވެސް ބަދަލެއް ނުވޭތާއެވެ. ބަދަލުވިނަމަ އޭނައަށް ކުށަކުން ވެސް އެފަދަ މެސެޖެއް ނުފޮނުވުނީހެވެ. ނަޝާ ދެއްކި ވާހަކަތައް ހަނދާންވެފައި މިޞްބާޙް އެ އުޅެނީ އޭނަގެ ޚިޔާލުތައް އެ ފަދަ ހުތުރު ކަންތައްތަކުން ފުރުވަން ކަމުގައި އަފްރީންގެ ހިތް ބުންޏެވެ. ނަޝާ ބުނިހެން މިޞްބާޙް އެ ކުރަން ބޭނުންވާ ކަމެއް އޭނަވެސް ރުއްސައިގެން ކުރެވޭނީ އޭރުންނެއްނޫން ހެއްޔެވެ؟ އެ ސުވާލު ހިތަށް ވަނުމުން އަފްރީންގެ އެ ހިތް ބިރުގަތެވެ. އޭނަ މިޞްބާޙަށް ހެއްލިގެން ހިނގައިދާނެ ކަމުގެ ޚިޔާލު ސިކުނޑިއަށް ވެރިވުމުން އަފްރީނަށް ރޮވެން ފެށިއެވެ. އޭނައަށް ވަގުތުން އޭނަގެ ހިތަށް ސާބިތުކަން ދެއްވުމަށް އެދި ހިތްތައް ބަދަލުކުރައްވާ ރަސްކަލާނގެ ޙަޟްރަތަށް ދުޢާ ދެންނެވެން ފެށިއެވެ.

އެރޭގެ ފަހުން އަފްރީން ނަޝާގެ ބަސް އަހައިގެން ގޭގައި އެކަނި ނުހުންނަން މަސައްކަތް ކުރެއެވެ. އޭނަ ގިނަ ފަހަރު ހުންނަނީ ބައްޕަގެ ފިހާރައަށް ގޮސްފައެވެ. ބައްޕަގެ ސުވާލުތައް ކުރިމަތިވެދާނެތީ މުޅިންހެން އޭނައަށް ފިހާރައިގައި ނުހުރެވުނެއްކަމަކު ކޮންމެ ދުވަހެއްގެ ހަވީރާއި ރޭގަނޑު އޭނަ ފޮތް ހިފައިގެން ގޮސް ހުންނަނީ އެތާނގައެވެ. އޭނަ ފިހާރައިގައި ހުއްޓާ އެއްދުވަހު މިޞްބާޙާއި ސިނާން ސައިކަލުގައި އައިސް އެ ފިހާރައިގެ ކުރިމައްޗަށް ހުއްޓުނުތަން ފެނިފައި އަފްރީނަށް ތެޅިގަނެވުނެވެ. ކައުންޓަރު ދޮށުގައި ހުންނަ އަންހެން ކުއްޖާ ކައިރީގައި އިނދެފައި އަފްރީން ކުއްލިއަކަށް ތެދުވެގެން ގޮސް ފިހާރައިގެ އެއްފަރާތެއްގައި ހުރި ދެ ހަރުގަނޑު ދޭތެރޭގައި މަޑުކޮށްލިއެވެ. ފަހަތުން އައި މިޞްބާޙަށް އެ މަންޒަރު ނުފެނުނެއްކަމަކު އޭނަގެ ކުރިން ފިހާރައަށް ވަތް ސިނާނަށް އަފްރީން ދިޔަ ދިމާލެއް ފެނުނެވެ. އޭނަގެ މޫނުމައްޗަށް ލާނެތް ހިނިތުންވުމެއް ވެރިވިއެވެ. އޭނަ ވަގުތުން މިޞްބާޙް ގޮވައިގެން އެ ދިމާލަށް ދިޔައެވެ. މިޞްބާޙް ވަކި ހިސާބަކުން ބިސްކޯދު ހުރި ހަރުގަނޑަކާއި ދިމާލަށް އަނބުރާލުމުން ސިނާން ވެސް އޭނަގެ ފަހަތުން ދިޔައެވެ. ދެންވެސް އަފްރީން ހުރިތަނެއް އެނގެން ބޭނުންވެފައި ހުރި ސިނާން މިޞްބާޙްގެ ކައިރީގައި މަޑުކޮށްލަމުން ވެސް ވަށައި ހޯދަމުން ފުރަގަހަށް ބަލާލިއެވެ. އެވަގުތު އެމީހުން ފުރަގަސްދީގެން ތިބި ލޯޝަން ފުޅިތައް ހުރި ހަރުގަނޑުގެ ދޭތެރެއިން އޭނައަށް ފެހި ކުލައިގެ ޝޯލްއެއް ފެނުނެވެ. އެއީ އަފްރީންކަން ޔަޤީންވުމުން ސިނާން ވާހަކަ ދެއްކިއެވެ.

"އޭ މިޞްބާ.....އެނގޭތަ މިއީ މިޞްބާގެ ލޯބިވެރިޔާގެ ބައްޕަ ފިހާރަ." ސިނާން ހެވިފައިހުރެ އަފްރީނަށް އިވޭނެ ވަރަށް ބުނެލިއެވެ. އެވާހަކަ އަޑުއަހައިގެން އަނެއްފަރާތުގައި ހުރި އަފްރީންގެ މުޅި ގައިން ހީބިހި ނަގައިގެން ދިޔައެވެ. އޭނައަށް ދެލޯ މަރާލެވުނެވެ.

"ސިނާން ޝްޝްޝް.....މާ ބާރަށް ތިވާހަކަ ނުދައްކަބަލަ." މިޞްބާޙް ދެލޯ ބޮޑުކޮށްލަމުން ބުނެލިއެވެ. ސިނާން ހޭންފެށިއެވެ.

"ލޮލް! ފުރަތަމަ ފަހަރަށް މި ފެންނަނީ މިފަދަ ކަމަކާ މިޞްބާ ލަދުގަންނަތަން. ބީ އޮނެސްޓް މިޞްބާ. އެރޭ އަފްރީނަށް ފޮނުވި މެސެޖުގަ ހުރީ ހަމަ މިޞްބާގެ އިޙްޞާޞްތައްދޯ؟" ސިނާން ހެވިފައިހުރެ ބުނެލިއެވެ. މިޞްބާޙް ސިނާން ބުނި އެއްޗަކާއިމެދު ވިސްނަން ހުރެ ލަދުން ކަހަލަ ގޮތަކަށް ހީލިއެވެ. އޭނައަށް ނޭނގުނު ކަމަކީ އެ ލުއި ހީލުމުން އޭނައަށް އަފްރީންގެ ހިތް ކުދިކުދި ކުރެވުނުކަމެވެ. އަފްރީންގެ މޫނުމައްޗަށް ނުރުހުންތެރިކަން ވެރިވާން އުޅެފައިވެސް ހިނދުކޮޅެއްގެ ތެރޭގައި އެ މޫނު ހިތާމައިގެ ތަސްވީރަކަށް ބަދަލުވިއެވެ.

"ހެހެ.......ޑޯންޓް ވޮރީ. ވަރަށް އަވަހަށް އަފްރީން ހުންނާނީ މިޞްބާގެ އަތުތެރޭގަ." ސިނާން އެހެން ބުނެލަމުން ލޮލުގެ ކޮޅުން އޭނަގެ ފުރަގަހަށް ނަޒަރު ހިންގާލިއެވެ. ސިނާންގެ އެ ވާހަކައިގެ މާނަ މިޞްބާޙަށް ނެގުނީ ނުބައިކޮށެވެ. މިޞްބާޙް ހީކުރީ ސިނާން އެ ދައްކަނީ އޭނަ އަފްރީނާއި އިނުމަށްފަހު ވާނެ ކަމެއްގެ ވާހަކަ ކަމަށެވެ. އޭނަ ހިނިތުންވުމަކާއެކީ ހޫންލައްވާލީ އެހެންވެއެވެ. އެމީހުންގެ ފުރަގަހުގައި ހުރި އަފްރީން އޭނަގެ ކޯތާފަތް ތެންމާލި ކަރުނަ ތިކިތައް އަވަސްއަވަހަށް ފޮހެލިއެވެ. އޭނަގެ މޫނުމައްޗަށް މިފަހަރު ސާބިތުކަމެއް ވެރިވިއެވެ. ﷲ ގެ އިރާދަފުޅުން މެނުވީ މީހަކަށް އޭނައަށް ގެއްލުމެއް ނުދެވޭނެކަން ހަނދާންކޮށް އަފްރީން ފުން ނޭވައެއް އެތެރެއަށް ދަމާލިއެވެ.

އެދުވަހު ސިނާނާއި މިޞްބާޙް ފިހާރައިން ނިކުމެގެން ދިޔައީ އަފްރީންގެ ކުރިމައްޗަށް ނައިހެވެ.

ހުކުރު ދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި އަފްރީން ފިހާރައަށް ނުގޮސް ގޭގައި މަޑުކުރީ ބޮޑު އެސައިންމެންޓެއް ނިންމުމަށްޓަކައެވެ. އެރޭ ޝަރީފް ވެސް ގޭގައި ނެތެވެ. އެކަނި ހުރުމަށް ޖެހިލުންވިއެއްކަމަކު އަފްރީން ފިހާރައަށް ނުދިޔައީ މިއަދު މި މަސައްކަތް ނުފެށިއްޖެނަމަ އާދިއްތަ ދުވަހަށް ނުނިންމޭނެހެން ހީވާތީވެއެވެ. އަފްރީން އެނދުމަތީގައި މަސައްކަތަށް ގެއްލިފައި އިންދާ އޭނަގެ ފޯނު ރިންގުވާން ފެށިއެވެ. ސްކްރީނަށް ބަލާލިއިރު ގުޅަނީ ނޭނގޭ ނަންބަރަކުންނެވެ. އަފްރީން ދެ ޚިޔާލެއްގެ މަތީގައި އިނދެ ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ.

"އައްސަލާމްޢަލައިކުމް." އަފްރީން ޖެހިލުންވުމަކާއެކީ ބުނެލިއެވެ.

"ހެލޯ އަފްރީން. މިއީ ފަލަކް އިނގޭ. އަމާނީއާ އަހަރެން މިއުޅެނީ އެއްކަލަ ކެމިސްޓްރީ އެސައިންމެންޓް ހަދަން ނޭނގިގެން. އަފޫއަށް އަހަރުމެންނަށް ހެލްޕްވެދެވިދާނެތަ؟ ނައުފާ އުޅެނީ އެހެންކަމަކާ ވަރަށް ބިޒީކޮށް. ޕްލީޒް އަފޫ އަހަރެންގެ ގެއަށް އައިސްދީބަލަ." ފޯނުގެ އަނެއްކޮޅުން ފަލަކް ބުނެލިއެވެ. އަފްރީނަށް ޖަވާބެއް ދިނުމުގެ ކުރިން ވިސްނާލެވުނެވެ. އޭނަ ދާންވީބާއޭ ހިތަށްއެރިއެވެ. އިރުކޮޅެއްގެ ވިސްނުމަށްފަހު ދިޔުން ރަނގަޅުވާނެކަމަށް އަފްރީންގެ ހިތް ބުންޏެވެ. އޭރުން އޭނަ ގޭގައި އެކަނި ހުންނާކަށް ނުޖެހޭނެއެވެ. ފަލަކްގެ ގެއަކީ އޭނަގެ ގެއާއި ނުހަނު ކައިރީގައި ހުރި ގެއެކެވެ. އެހެންކަމުން އޭނައަށް ހިނގާފައިވެސް ދެވިދާނެއެވެ. އަފްރީން ޖަވާބެއް ނުދީ އިންދާ ފަލަކް ހެލޯއޭ ކިޔާލި އަޑު އިވުނެވެ.

"ހޫމް ފަލަކް. އަހަރެން މި އަންނަނީ އިން ޝާ ﷲ." އަފްރީން ބުނެލިއެވެ.

އަފްރީން ބައްޕައަށް ގުޅާފައި އިޒުނަ ހޯދާލަމުން އެކަނި ހިނގާފައި ފަލަކްގެ ގެއަށް ދިޔައެވެ. އޭނައަށް ސަލާމަތުން ފަލަކްގެ ގެއަށް ދެވުނެވެ. އެގެއަށް ދިޔައިރު ގޭގެ ސިޓިންގް ރޫމުގައި ތިބީ ގަނޑުތައް ފަލަކާއި އަމާނީ އެކަންޏެވެ. މަންމައާއި ބައްޕަ ކޮންމެވެސް ތަނެއްގައި އޮތް ސިޔާސީ އެއްވުމަކަށް ދިޔަ ވާހަކަ ފަލަކް ބުނީ ހެވިފައި ހުރެއެވެ. މަސައްކަތް ނުފެށެނީސް މަސައްކަތް ނިމުމުން ކުރާނެ މަޖާ ކަންތައްތަކުގެ ވާހަކަ ފަލަކް ދައްކަން ފެށުމުން އަފްރީން ފޫހިވިއެވެ. އަދި މަސައްކަތް ފަށައިގަންނަމާދޯއޭ ބުނެލިއެވެ. ފަލަކާއި އަމާނީ އާނއެކޭ ބުނެލަމުން އަފްރީން ގޮވައިގެން ކޮޓަރިއަކަށް ދިޔައެވެ. އަފްރީން ފަލަކާއި އަމާނީގެ ޝައްކުތައް އޮޅުން ފިލުވައި ދިނުމުގައި ވަގުތުތަކެއް ހޭދަކުރުމަށްފަހު އޭނަގެ އަމިއްލަ އެސައިންމެންޓާއިގެން ކުރިއަށް ދިޔައެވެ. އަފްރީން އެ ކޮޓަރީގެ އެނދުމަތީގައި އިނދެ މަސައްކަތަށް މަޝްޣޫލުވި ވަގުތު ފަލަކާއި އަމާނީ ތިމަންނަމެން ސައި ހަދައިގެން އެބަ އަންނަމޭ ބުނެ ކޮޓަރިން ނިކުމެގެން ދިޔައެވެ. މައްޗަށް ބަލާލުމެއްވެސް ނެތި ހޫންލައްވާލި އަފްރީނަށް ނޭނގުނު ކަމަކީ އެ ދެމީހުންގެ މޫނުމައްޗަށް ނުލަފާ ހިނިތުންވުންތަކެއް ވެރިވީކަމެވެ. ދެ އެކުވެރިން ކޮޓަރިން ނިކުމެ ދޮރު ލައްޕާލި ވަގުތު ސިޓިންގް ރޫމުގެ ސޯފާގައި ނައުފާ އިނެވެ. ފަލަކް ނައުފާއަށް ބޮޑުވާ އިނގިލި ދައްކާލުމުން ނައުފާ ކާމިޔާބުގެ ހިނިތުންވުމަކާއެކީ އޭނަގެ ފޯނުން ސިނާނަށް މެސެޖެއްގެ ގޮތުން ބޮޑުވާ އިނގިލި ދައްކާފައި ހުރި އަތެއް ފޮނުވާލިއެވެ.

**

އޭނަގެ ހުރިހާ މަސައްކަތެއް ނިމުނީކަމަށް ހީކޮށް މިޞްބާޙް ދަބަސް ޕެކްކޮށްލީ ވަގުތު އަދި އެއް ވޯކްޝީޓް ނުހެދި އޮންނާނެކަން އޭނަގެ ހަނދާނަށް އައެވެ. ކުލާހުގައި ދިން އެ ވޯކްޝީޓް މުދައްރިސް އެއްކޮށް ނުދޭތީ އޭނަ ވާނީ އައި ޕެޑުން އޭގެ ފޮޓޯއެއް ނަގާފައެވެ. އެކަން ހަނދާންވުމުން މިޞްބާޙް ހޯދަން ފެށީ އޭނަގެ އައި ޕެޑެވެ. ހޯދާހޯދާ ނުފެނުމުން އޭތި އޮތީ ސިނާންގެ އަތުގައި ބާވައޭ ހިތައި މިޞްބާޙް ސިނާނަށް ގުޅިއެވެ.

"ސަލާމް ސިނާން. އަހަރެންގެ އައި ޕެޑް ދުށިންތަ؟" މިޞްބާޙް އޭނަގެ ކޮޓަރީގެ މެދުގައި ފޯނު ކަންފަތުގައި ޖައްސައިގެން ހުރެ އެހިއެވެ.

"ނު......އޯ އާނ....އޭތި ހިފައިގެން އަހަރެން ދިޔައީ ކުރީ ރޭގަ ފަލަކްގެ ގޭގަ އޮތް ޕާޓީއަކަށް. އެގޭގަ އޭތި ބާއްވާފަ ކަންނޭނގެ އާދެވުނީ." ސިނާން އެހެން ބުނެލިތަނާހެން މިޞްބާޙަށް ޗޮއްކަނޑާލެވުނެވެ.

"އޭތި އެގެއަށް ގެންދިޔައީ ކީއްކުރަން؟ ފަލަކްއަކީ ސިނާންގެ ފްރެންޑެއްތަ؟" މިޞްބާޙަށް އަހާލެވުނެވެ.

"ހޫމް އަހަންނާ އެކީ ގްރޭޑް 10 ގަ ކިޔެވީ." ސިނާން ބުނެލިއެވެ.

"އެހެންވިއްޔާ އޭތި ހޯދައިގެން އަހަންނަށް ގެނެސްދީބަލަ." މިޞްބާޙް އަމިއްލައަށް އަންހެން ކުއްޖެއްގެ ގެއަށް ނުދާންވެގެން ބުނެލިއެވެ.

"މިޞްބާ މިރޭ އަހަރެން ވަރަށް ބިޒީ. މިރޭ ހަނދާންވީ ވަރަށް ބޮޑު ހޯމްވޯކެއް ނުނިންމާ އޮތްކަން. މާދަން ނޫން އަނެއްދުވަހު ސްކޫލް ފެށޭ. މާދަމާ ރޭ އަހަރެން ފުރަންވެސް އެބަޖެހޭ. މިޞްބާ ޕްލީޒް. އަމިއްލައަށް ގޮސް އޭތި ހޯދާލަބަލަ." ސިނާން ބުނެލިއެވެ. މިޞްބާޙްގެ މޫޑު ޚަރާބުވިއެވެ. އޭނަ ފުސް މޫނަކާއެކީ އޯކޭއޭ ބުނެލަމުން ފޯނު ކަނޑާލިއެވެ. މިރޭ ދާންވީހޭ ހިތަށްއެރިއެވެ. މިރޭ އޭނަ ހުރިހާ ފިލާވަޅެއް ނިންމަން ބޭނުންވެއެވެ. މާދަމާ އޭނަ ރާވާފައި އޮތްގޮތަށް ކުރިއަށް އޮތް ދުވަސްތަކުގައި ކިޔަވައިދެވޭނެ ފިލާވަޅުތައް އަމިއްލައަށް ކިޔެވުމަށްޓަކައެވެ. އެ ކިޔެވުމަށް ބުރޫއަރަން ނޭދުނީތީ މިޞްބާޙް އޭނަގެ ސައިކަލުގެ ތަޅުދަނޑި ނަގައިގެން ގެއިން ނިކުތެވެ.

މިޞްބާޙް ފަލަކްގެ ގޭގެ ލައްޕާލެވިފައިވާ ދޮރުމައްޗަށް އަރައި ސަލާމް ގޮވާލިއެވެ. މާ ގިނައިރެއް ނުވެ ކުރުކުރު ޝޯލްއަކާއެކީ ބާރު ޓޮޕަކާއި ޖިންސެއް ލައިގެން ހުރި ފަލަކް ދޮރު ހުޅުވައި އޭނަގެ ކުރިމައްޗަށް އެރިއެވެ. މިޞްބާޙަށް ވަގުތުން ދުރު ހޯދެން ފެށިއެވެ. އެތެރެއިން ނައުފާ އޭނައަށް ގޮވާލި އަޑަށް މިޞްބާޙަށް ބަލާލެވުނެވެ. އެވަގުތު ދޮރު ހުޅުވި ފަލަކް ދުވެފައި ގޮސް ސޯފާގައި އިން ނައުފާގެ ކައިރީގައި އިށީނެވެ. އަދި އަމާނީއާއެކީ ކުރިމަތީގައި ހުރި މޭޒުމަތީގައި ހުރި ގަނޑުތައް ހާވަން ފެށިއެވެ. ތިން މީހުން ހެދުން އަޅައިގެން ތިބިގޮތުން މިޞްބާޙް އެގެއަށް ވަންނާކަށް ވެސް ބޭނުމެއް ނުވިއެވެ.

"ފަލަކް އަހަރެންގެ އައި ޕެޑް މިގޭގަ އެބައޮތްތަ؟" މިޞްބާޙް އަވަސްއަވަހަށް ސުވާލުކުރިއެވެ.

"ހޫމް އޭތި އޮންނާނެ އެ ކޮޓަރީގަ. މިޞްބާޙް ނަގާ ގޮސް. އަހަރުމެން މިއުޅެނީ ބިޒީކޮށް." ފަލަކް މައްޗަށް ބަލާލުމެއްވެސް ނެތި ބުނެލިއެވެ. ނައުފާވެސް އާނއެކޭ ބުނެލަމުން އޭނަގެ އުނގުމަތީގައި އޮތް ބޮޑުފޮތުން ކިޔަން ފެށިއެވެ. މިޞްބާޙް އިތުރު އެއްޗެކޭ ބުނަން އުޅެފައި ވެސް ފަލަކް ޢިޝާރާތްކުރި ކޮޓަރީގެ ދޮރާއި ދިމާލަށް ބަލާލިއެވެ. އަދި އަނެއްކާވެސް މަސައްކަތުގައި ތިބި ފަލަކްމެނާއި ދިމާލަށް ބަލާލިއެވެ.

"އެތާ އެއްވެސް މީހަކު ނުހުންނާނެ ދޯ ފަލަކް؟" މިޞްބާޙް ޝައްކު ފިލުވާލުމުގެ ގޮތުން އަހާލިއެވެ. ތިން އަންހެން ކުދިން އެކީގައި ހޫންލައްވާލިއެވެ. މިޞްބާޙް ދެންވެސް ޖެހިލުންވުމަކާއެކީ އެ ކޮޓަރިއާއި ދިމާލަށް ފިޔަވަޅުތަކެއް އަޅަން ފެށިއެވެ. އާދައިގެ ހިނގުމެއްގައި ގޮސް މިޞްބާޙް އެންމެ ފަހަކަށް ކޮޓަރީގެ ދޮރު ކައިރީގައި ހުއްޓިލިއެވެ. އެއަށްފަހު އެ ދޮރުގެ ތަޅު އަނބުރާލަމުން ދޮރު ހުޅުވައި ކޮޓަރި ތެރެއަށްވަނެވެ. އެއާއެކު އެނދުމަތީގައި އިން އަފްރީން އިސްއުފުލާލިއެވެ. މިޞްބާޙާއި އަފްރީންގެ ހަތަރުކަޅި ހަމަވީ ވަގުތު ދެމީހުން ވެސް ގަނޑުވިއެވެ. އޭގެ ދެވަނަ ސިކުންތުގައި މިޞްބާޙްގެ ފުރަގަހުން ކޮޓަރީގެ ދޮރު ބާރަށް ލެއްޕި ތަޅުލެވިގެން ދިޔައެވެ.

Comments

Popular posts from this blog

Arabic Pronouns (dhameer)

Harf of Nasb (English + Dhivehi)

Mudhaaf-mudhaaf ilaihi and pronouns (English lesson)