Hijra (part 42)
ފޯނުން ގޭމު ކުޅެން އިނދެ ބައްޕަވެސް މިހާރު މިޞްބާޙް
މަތިން ހަނދާން ނެތިދާނެކަމަށްބުނެ ސިނާން އޭނަގެ ހިތަށް ވިސްނައިދިނެވެ. އޭގެ
އިރުކޮޅެއް ނުވަނީސް އެ ހިތުގެ ހަމަޖެހުން ގެއްލި ދިޔައީ ފޯނުގެ ސްކްރީނަށް
"ބައްޕަ"އޭ އެރުމުންނެވެ. ސިނާނަށް ލިބުނު ޝޮކާއެކީ އޭނަގެ ދެލޯ
ބޮޑުވިއެވެ. އޭނަ ފޯނުގައި ހިފަހައްޓައިގެން ހުރި ދެއަތް ފިނިވިއެވެ. ފޯނަށް
ޖަވާބުދޭން ނުދޭން ހުރެހުރެފައި ސިނާން ތުރުތުރު އަޅަމުން ދިޔަ އިނގިލިން ކޯލު
ރިސީވް ކޮށްލަމުން ފޯނު ކަންފަތުގައި ޖައްސާލިއެވެ.
"ހަ........ހެލޯ." ސިނާން ޖެހިލުންވުމަކާއެކީ
ބުނެލިއެވެ.
"އެއާރޕޯޓުގަތަ ތިހިރީ؟" އެކޮޅުން ވަޙީދުގެ
ހަރުކަށި އަޑު އިވުނެވެ.
"ލައްބަ." ސިނާން ޖަވާބުދިނެވެ.
"ފްލައިޓަށް އަރާފަ ގުޅާތި. މިޞްބާޙް ބަލަން
ދިޔައިންތަ؟" ވަޙީދު ކުރި ސުވާލުން ސިނާންގެ ހިތް ރޫރޫއެޅިއެވެ. އޭނަ ނޫނެކޭ
ބުނަން ބޭނުންވިއެވެ. އެހެނަސް އެ ޖަވާބު ދީފިނަމަ ކަންތައް ވާނެ ގޮތާއިމެދު
ވިސްނާލުމުން ދޮގު ހަދާނީއޭ ހިތް ބުންޏެވެ. ބައްޕައަށް ދޮގު ހެދުމަކީ އޭނަ ޢާއްމު
ގޮތެއްގައި ކުރާ ކަމަކަށް ވިޔަސް މިހާ ފާޅުކަން ބޮޑުގޮތެއްގައި އެންމެނަށް
އެނގިފައިވާ މައްސަލައަކާއިމެދު ދޮގު ހަދަން އޭނަ ޖެހިލުންވިއެވެ. ނިކަން އަވަހަށް
ޙަޤީޤަތް އެންމެންގެ ކުރިމައްޗަށް އައިސްދާނެކަމަށް އޭނަގެ ހިތް ބުނަމުން
ދިޔައެވެ. ސިނާން ބުނާނެ އެއްޗެއް ނޭނގިފައި އިންދާ ވަޙީދު ރުޅި އަޑަކުން
ހޫންލައްވާލިއެވެ. ސިނާނަށް ވަގުތުން ވާހަކަ ދެއްކުނެވެ.
"އަޅުގަނޑު ދިޔައިން. ދިޔައިރު މިޞްބާޙް ހޭނާރާ.
ޒާހިޔައްތަ ބުނީ އެކްސިޑެންޓެއްވިއްޔޭ." ސިނާން އޭނައަށް ހީވި ގޮތް
ކިޔައިދިނެވެ.
"ތިއީ ތެދެއްތަ އަނެއްކާ؟ ވަރަށް ހިއެއްނުވޭ.
ފޮޓޯތަކުން މިޞްބާޙްގެ މޫނުގެ އެކި ތަންތަން ނޫފަން ގަނެފައި ހުރި ގޮތުން ހީވަނީ
މާރާމާރީއެއްގެ ތެރެއިން ނިކުތީހެން. އޭނަގެ ބައްޕައަށް ވެސް ގުޅާގުޅާ ފޯނެއް
ނުނަގާ. އޭނަ އެބައުޅޭ މާލެތެރޭގަ. އަމީން ވެސް އުޅެނީ ފައިސާއާހެދި މޮޔަވެގެން.
މިޞްބާޙް އުޅޭތަން އޭނައަށް ބެލޭނަމަ މީހަކު އައިސް ޖަލްސާއެއްގެ މެދުގަ
ލަދުގަންނަން ޖެހޭ ވާހަކަތައް ދައްކާކަށް ނުޖެހުނީސް. ސިނާނަށް އެނގޭތަ އެރޭ މިޞްބާޙް
ހުރިތަނެއް؟" ވަޙީދު ނުރުހިފައިހުރެ ސުވާލުކުރިއެވެ.
"ން....ނޭނގެ ބައްޕާ. ނޭނގޭ." ސިނާން ތެޅިތެޅި
އޮތް ހިތަކާއެކީ ބުނެލިއެވެ.
"އެންމެ ރަނގަޅު. ފްލައިޓަށް އަރާފަ ގުޅާތި.
ބާއްވާ." ވަޙީދު އަނެއްކާވެސް ހަނދާންކޮށްދީފައި ފޯނު ކަނޑާލިއެވެ. ސިނާނަށް
ދެލޯ މަރާލަމުން ހަމަޖެހުމުގެ ނޭވައެއް ލެވުނެވެ. އެހެނަސް އެއިން އޭނަގެ ހިތަކަށް
ހަމަޖެހުމެއް ނުލިބުނެވެ. ކިތަންމެ ބޭނުމެއްނުވިޔަސް ހުރިހާ ކަމެއް ގޯހުންގޯހަށް
ދާނެ ގޮތްތައް އޭނައަށް ޚިޔާލު ކުރެވެމުން ދިޔައެވެ.
އެރޭ ޔޫނުސް ރާއްޖެ ޕްރެސްގައި ޝާއިއުކުރި ރިޕޯޓް އޭގެ
އަނެއްދުވަހު މުޅި ސޯޝަލް މީޑިޔާއަށް ފެތުރިގެން ދިޔައެވެ. މިޞްބާޙްގެ އަސަރުގަދަ
އިންޓަވިއު ކިޔާފައި ގިނަ ޢަދަދެއްގެ މީހުންގެ ލޯތަކުން ކަރުނަ ހިލިއްޖެއެވެ. އެ
އިންޓަވިއުއިން އެންމެ ބޮޑު އަސަރެއްކުރީ އަފްރީން ނޫން ދެވަނަ މީހަކަށް ނޫނެވެ.
އަފްރީނަށް އެ ރިޕޯޓުގެ ވާހަކަ އަޑުއިވުނީ އެދުވަހު ސްކޫލަގައި ހުއްޓާ ކުލާހުގެ
ކުދިބަޔަކު އެ ވާހަކަ ދެއްކުމުންނެވެ. ސްކޫލުން ގެއަށް އައި ގޮތަށް އަފްރީން
ކެތްމަދުވެފައިވާ ހިތަކާއެކީ ކިޔަވާ މޭޒުދޮށުގައި އިނދެ ލެޕްޓޮޕުން ރިޕޯޓް
ކިޔަންފެށިއެވެ. މިޞްބާޙް އޭނައާއި އެ "އަންހެން ކުއްޖާ" އާއި ދެމެދު
އޮތް ގުޅުން ކިޔައިދީ އޭނަގެ ހިތުގެ ޝުޢޫރުތައް ހާމަކޮށްފައިވި ގޮތުން އަފްރީންގެ
ލޯ ކަރުނުން ފުސްވިއެވެ. އެ އަންހެން ކުއްޖާއަށްޓަކައި އޭނަގެ ހިތުގައި ޚާއްޞަ
މަޤާމެއް ދެވިފައިވި ވާހަކަ އަފްރީނަށް ކިޔާލެވުނީ ކިތައް ފަހަރު ކަމެއްވެސް ނޭނގެއެވެ.
އެއަށްފަހު މިޞްބާޙް އެރޭ އޭނައާއި ދުރަށްދިޔަ ސަބަބުތައް ބުނެދީފައިވި ގޮތުން
އަފްރީންގެ ހަނދާނަށް އައީ މިޞްބާޙް ގިސްލަމުން ދިޔަ މަންޒަރެވެ. މިޞްބާޙަށް
އެވަގުތު ކުރެވިފައިވާނެ އިޙްޞާޞްތައް ތަޞައްވުރު ކުރެވުމުން އަފްރީންގެ ލޮލުން
ކަރުނަ ފައިބަން ފެށިއެވެ. އޭނަ މިޞްބާޙާއިމެދު ދެކުނީ ހާދަ ނުބައި ކޮށޭ
ހިތަށްއެރިއެވެ. ރިޕޯޓުގެ ފަހަތުގައި މިޞްބާޙްގެ މަންމަ ދައްކާފައި ހުރި
ވާހަކަތަކަކުން އަފްރީންގެ ހިތް ކުދިކުދިވިއެވެ. މިޞްބާޙަށް ލިބުނު
ޒަޚަމްތަކަށްޓަކައި އަމިއްލަ ނަފްސު ކުށްވެރިކުރެވުނެވެ. އޭނަ މިޞްބާޙަކީ ކިހާ މައުސޫމް
ކުއްޖެއްކަން އޭނަގެ ބައްޕައަށް އެންގިނަމަ ބައްޕަ ޖަލްސާއަށް ގޮސް އެވާހަކަ
ނުދެއްކީހެވެ. ބައްޕަ އެ ވާހަކަ ނުދެއްކިނަމަ މިޞްބާޙްގެ ބައްޕަ ރުޅިނައީހެވެ.
މިޞްބާޙްގެ ހިތުގައި އޭނަގެ ބައްޕައަށްޓަކައިވާ އިޙްޞާޞްތައް ކިޔުނު ވަގުތު
އަފްރީނަށް އިތުރަށް ރޮވުނެވެ. ތިމާ އެހާވަރަށް ލޯބިވާ މީހަކު ތިމާއަށް
އަނިޔާކުރުމުން ދެރަވާނެ މިންވަރެއް އަފްރީނަށް އަންދާޒާކުރާކަށް ވެސް ނޭނގެއެވެ.
ރިޕޯޓް ކިޔައި ނިމުނުތަނާހެން އަފްރީން މިޞްބާޙް ދެކިލަން ދާން އިންތިހާއަށް
ބޭނުންވިއެވެ. އޭނަ ކިޔަވާ މޭޒުދޮށުން ތެދުވެލީ މިޞްބާޙަށް މަޢާފަށް އެދުމަކީ އޭނަ
ކޮންމެހެން ވެސް ކުރަންޖެހޭނެ ކަމެއްކަމަށް ހިތް ބުނަމުން ދިޔައީތީވެއެވެ.
ކޮޓަރީގެ ދޮރާއި ހަމައަށް ދިޔައިރު އަފްރީންގެ ޚިޔާލުތަކުން އޭނައަށް މިޞްބާޙްގެ
ގާތަށް ދެވިއްޖެއެވެ. ދޮރުގެ ތަޅުގައި ހިފާލި ވަގުތު އޭނަ މިޞްބާޙްގެ ގައިގައި
ބައްދާލިތަން ސިފަކުރެވުމުން އަފްރީންގެ ޙަރަކާތްތައް މަޑުވިއެވެ. އަދި ގެއިން
ވެސް ނުނިކުމެވެނީސް މިފަދަ ޚިޔާލުތަކެއް ކުރެވޭނަމަ އެތަނަށް ދިޔުމުން ވާނީ
ކިހިނެއްބާއޭ ހިތް ސުވާލުކުރިއެވެ. އެވަގުތު އޭނަގެ ދެފައިން ވާގި ދޫވާން
އުޅުނުހެން ހީވުމުން އަފްރީނަށް ދޮރުގެ ތަޅުގައި ބާރަށް ހިފަހައްޓާލަމުން ދެލޯ
މަރާލެވުނެވެ. އޭނަ މިޞްބާޙްގެ ގާތަށްދާން ބޭނުންވަނީ ހަމައެކަނި މަޢާފަށް
އެދޭކަށް ނޫންކަން އަފްރީނަށް އެނގުންވިއެވެ. އޭނަ ދެން ދުވަހަކުވެސް މިޞްބާޙާއި
ވާހަކަ ދެއްކިއްޔާ ގާތްނޫން ގޮތަކަށް ވާހަކަ ދެއްކޭނެހެނެއް އަފްރީނަކަށް ހިއެއްނުވެއެވެ.
މިޞްބާޙް އިންޓަވިއުގައި ޖަވާބުތައް ދީފައިވި ގޮތުން މިހާރު މިޞްބާޙަކީ
ތެދުވެރިއެއްކަން އޭނައަށް ޔަޤީންވެއްޖެއެވެ. މިޞްބާޙްގެ ހިތުގައި އޭނައަށްޓަކައި
ޖާގައެއް ދެވިފައިވިކަން އެނގުމުން ވެސް އޭނަގެ ހިތުގައި ވެސް މިޞްބާޙަށްޓަކައި
އިޙްޞާޞްތަކެއްވާކަން އޭނަ އަންގަން ބޭނުންނުވެއޭ އޭނައަކަށް ނުބުނެވޭނެއެވެ.
މިވަގުތު ވެސް މިޞްބާޙް ފެނިއްޖެނަމަ އޭނަ ވިރިގެންދާނެކަން އޭނައަށް ޔަޤީނެވެ.
އޭނައަށް މި ޚިޔާލު ކުރެވޭ ގޮތަށް ވާހަކަ ދައްކައިފިނަމަ މިޞްބާޙަށް ވެސް ދުރުގައި
ހުރެވޭނެހެނެއް ހިއެއްނުވެއެވެ. އެހެންވީމަ އޭނަ ގޮސްގެންނުވާނެ ނޫންހެއްޔެވެ؟ އެ
ސުވާލު ހިތަށް ވެރިވުމުން އަފްރީންގެ ލޮލަށް ތާޒާ ކަރުނަތައް ޖަމާވިއެވެ. އޭނަގެ
ހިތުގެ ކަނަކުން ނޫނެކޭ ކިޔައި ގޮވާލައިފިއެވެ. އެހެނަސް އަފްރީން ގަދަކަމުން
ކަހަލަ ގޮތަކަށް ދޮރުގެ ތަޅުން ދޫކޮށްލިއެވެ. އަދި ހިތާއި ދެކޮޅަށް ރޮމުންރޮމުން
ގޮސް އެނދުގައި އިށީނެވެ. މޫނުގައި ދެއަތް އަޅާލަމުން އަފްރީނަށް އިހުނަށްވުރެ
ބާރަށް ރޮވުނީ އޭނަ މިޞްބާޙް ދެކެން ބޭނުންވިވަރު އޭނަގެ ހިތް އޭނައަށް
އެންގުމުންނެވެ. އޭނަ މިޞްބާޙް ހަނދާންވާ މިންވަރު މިޞްބާޙަށް އެނގޭނެނަމައޭ
ހިތަށްއެރިއެވެ. މިޞްބާޙްގެ ހަނދާންތަކުން ދުރުނުވެވޭނެހެން ހީވި ވަގުތު އަފްރީން
އަވަސްއަވަހަށް އޭނަގެ ކޯތާފަތުން ކަރުނަތައް ފޮހެލިއެވެ. އަދި ދެއަތް
އުފުލާލަމުން އަމިއްލަ ހިތަށް ހަމަޖެހުމެއް ގެނެސްދެއްވުމަށްއެދި ދުޢާކުރެވުނެވެ.
ދުޢާ ކުރަމުން ގޮސް އޭނައަށް ނޭނގުމެއްގެ ތެރެއިން މިޞްބާޙަށްޓަކައި ވެސް
ދުޢާކުރެވެން ފެށިއެވެ. އަދި ބޭ އިޚްތިޔާރުގައި ހިތާހިތުން އެއްދުވަހު އޭނައާއި
މިޞްބާޙް ގުޅޭނެ ގޮތެއް ހައްދަވައިދެއްވުމަށްއެދި ދުޢާކުރެވުނެވެ.
ޢާއްމު ގޮތެއްގައި އޮންލައިން ނޫސް ކިޔައި ނުއުޅޭ ވަޙީދަށް
މިޞްބާޙްގެ އިންޓަވިއު ފެނުނީ، އޭނަ ގެއަށް އައުމުން އޭނަގެ 14 އަހަރުގެ ހަގު ދަރިފުޅު ކަމަށްވާ ރާޔާ އެ
ޚަބަރު ދެއްކުމުންނެވެ. ސިޓިންގް ރޫމުގެ ސޯފާގައި ރާޔާގެ ލެޕްޓޮޕުން އެ ރިޕޯޓް
ކިޔަން އިން ވަޙީދަށް އިނދެވުނީ ޙައިރާންވެފައެވެ. މިޞްބާޙް ވާހަކަ ދައްކާފައި
ހުރި ގޮތުން އެއީ އޭނަ ދަންނަ މިޞްބާޙެއް ނޫނޭ ހިތަށްއެރިއެވެ. މިޞްބާޙަކީ އޭނަ
ދަންނަ ގޮތުގައި ލަދުކުޑަ ކަމެއް ކުރުމަށްފަހު އެކަމާމެދު ފަޚުރުވެރިވެފައި ވާހަކަ
ދައްކާ ކުއްޖެކެވެ. މިޞްބާޙް މާލޭގައި ހުރިއިރު އޭނަ ވަޙީދުގެ ކުރިމަތީގައި ވެސް
ޖެހިލުމެއްނެތި އޭނަ އެއްފަހަރާ ރައްޓެހިވެގެން އުޅޭ އަންހެން ކުދިންގެ ވާހަކަ
ދައްކައެވެ. ވަޙީދު އެއްޗެހި ގޮވުމުން ވެސް މިޞްބާޙްގެ އުޅުމަކަށް ބަދަލެއް
ނައެވެ. ދެން މިއަދު މިޞްބާޙަށް މިހާ ބޮޑު ބަދަލެއް އައީ ކިހިނެއްބާއޭ ވަޙީދުގެ
ހިތް ސުވާލުކުރިއެވެ. ރިޕޯޓު ކިޔަން ފެށިއިރު ވަޙީދަށް އިނދެވުނީ ޙައިރާންކަމެއްގެ
ތެރޭގައި ވިޔަސް ރިޕޯޓުގެ ފަހަތުގައި އަމީން ކުރި ކަންތައްތަކުގެ ވާހަކަ ފެނިފައި
ވަޙީދުގެ ރުޅިގަދަވިއެވެ. މިޞްބާޙް އެހާ ޞާލިޙުވެފައި ވަނިކޮށް އަމީން މިޞްބާޙަށް
އިތުބާރު ނުކޮށް އޭނައަށް އަނިޔާ ކުރީތީވެއެވެ.
ވަޙީދާއި ރާޔާ ސިޓިންގް ރޫމުގެ ސޯފާގައި ތިއްބާ ސްކޫލުން
ގެއަށް އައި ސިނާން ގޭގެ ދޮރު ހުޅުވާލި ވަގުތު ރާޔާއަށް އިސްއުފުލާލެވުނެވެ.
"ދޮންބެ ބަލާބަލަ. މިޞްބާބެ ދިން އިންޓަވިއުއެއް
އެބަހުރި ރާއްޖެ ޕްރެސްގަ. ވަރަށް ޓަޗިންގް." ރާޔާ ފޯރިއާއެކީ އެއްފަހަރު
ސިނާނަށް އަނެއްފަހަރު ލެޕްޓޮޕް ސްކްރީނަށް ބަލަމުން ބުނެލިއެވެ. އެއާއެކު ސިނާންގެ
ފިޔަވަޅުތައް މަޑުޖެހި އޭނަގެ ދެލޯ ބޮޑުވިއެވެ. ވަޙީދު ރިޕޯޓް ކިޔައި ނިންމާލަމުން
ސިނާނަށް ބަލާލި ވަގުތު ސިނާން ވެސް ހުރީ ވަޙީދަށް ބަލަހައްޓައިގެންނެވެ. ސިނާންގެ
ބިރުގެންފައިވާ ހިތް ބާރުބާރަށް ތެޅެމުން ދިޔައީ ބައްޕަ ކޮށްލާނެ ސުވާލަކަށް
ކެތްމަދުވެގެން ފަދައެވެ. އެހެނަސް ސިނާން ހީކުރި ގޮތާއި ޚިލާފަށް ބައްޕަ
އިރުކޮޅެއް ވީއިރުވެސް ސުވާލެއް ނުކުރުމުން ސިނާން ޖެހިލުންވުމަކާއެކީ ގޭގެ
ތެރެއަށް ވަދެގެން ދާން ފެށިއެވެ. މާ ދުރަކަށް ނުދެވެނީސް ވަޙީދުގެ އަޑު އިވުނެވެ.
"ސިނާން!" ވަޙީދު ހަރުއަޑުން ގޮވާލި އަޑަށް
ސިނާންގެ ފިޔަވަޅުތަކާއެކީ އޭނަގެ ހިތް ވެސް ހުއްޓުނެވެ. އެވަގުތު ރާޔާ މަންޒަރު
ނުބަލަންވެގެން އަވަހަށް ސޯފާއިން ތެދުވެގެން ގޮސް އެތާ ހުރި ސިޑިން މައްޗަށް
އަރައިގެން ދިޔައެވެ.
"ލައްބަ." ސިނާން ހިތްވަރުކޮށްފައި ވަޙީދަށް ބަލާލިއެވެ.
"މިޞްބާޙްގެ އެކްސިޑެންޓެއްނޫންވީ. ކީއްވެ ދޮގު
ހެދީ؟" ވަޙީދު ބުމަގޮށްޖެހިފައި އިނދެ ސިނާނަށް ބަލާލަމުން އުނގުގައި ހުރި
ލެޕްޓޮޕް ކުރިމަތީގައި ހުރި މޭޒުމަތީގައި ބެހެއްޓިއެވެ.
"އަމް.......ޒާހިޔައްތަ އަޅުގަނޑު ކައިރީގަ ބުނީ
އެކްސިޑެންޓެކޭ." ސިނާން އޭނަގެ ނުތަނަވަސްކަން ފޮރުވަން މަސައްކަތް ކުރަމުން
ބުންޏެވެ.
"ޒާހިޔައްތަ އަމިއްލައަށް ޚަބަރުގަ ބުނެފަ މި އޮތީ
މިޞްބާޙްގެ ބައްޕަ މިޞްބާޙަށް އަނިޔާކުރިއްޔޭ." ވަޙީދު ޝައްކުގެ ނަޒަރަކުން
ސިނާނަށް ބަލަން އިނދެ ބުނެލިއެވެ. އެއާއެކު ސިނާން ހިނދުކޮޅަކަށް ހުއްޓުން
އެރިއެވެ. އޭނައަށް މި އިވުނީ އަދި އާ ވާހަކައެކެވެ. ބޮޑުބޭބެ މިޞްބާޙަށް
އަނިޔާކުރީ ކީއްވެބާއޭ ހިތަށްއެރިއެވެ.
"ޖަވާބެއްދީ!" ވަޙީދު ހަރުއަޑުން ގޮވާލަމުން
ކޮޅަށް ތެދުވުމުން ސިނާން ސިހިގެން ދިޔައެވެ.
"ބަ..ބަ......ބައްޕާ. އަ...އަޅުގަނޑު ނުދެނަހުރިން.
އަ......." ސިނާން ޖެހިލުންވުމަކާއެކީ ފެށި ވާހަކަ ފުރިހަމައެއްނުވިއެވެ.
"ކީއްވެ ނުދެނަހުރީ؟ އެރަށުގަ ނޫންތަ މިހާ ދުވަހު
ހުރީ؟ ކޮން އެކުވެރިޔެއްގެ ވާހަކަތަ މިޞްބާޙް އެ ދައްކަނީ؟ އޭނަ ބުނީ ކޮންމެވެސް
އެކުވެރިޔެކޭ ތިމަންނަ އަންހެން ކުއްޖަކާއެކީ ކޮޓަރިއެއްގަ ތަޅުލީ. އެއީ
ތެދެއްތަ؟" ވަޙީދު ސުވާލުކުރިއެވެ. އެ ވާހަކަތައް އަޑުއަހަމުން ދިޔަ ސިނާންގެ
ހިތަށް ޙައިރާންކަމެއް ވެރިވިއެވެ. މިޞްބާޙް އޭނަގެ ނަން ހާމަނުކުރީ ކީއްވެބާއޭ
ހިތަށްއެރިއެވެ. އެހެނަސް އެކަމާމެދު މާ ބޮޑަށް ވިސްނުމެއްނެތި ސިނާން ލިބުނު ކުޑަ
ހިތްހަމަޖެހުމާއެކީ ވާހަކަ ދެއްކިއެވެ.
"ނޫން ބައްޕާ އެއީ ހުސް ދޮގު. ބައްޕައަށް
އެނގެއެއްނޫންތަ މިޞްބާ އުޅޭ ގޮތް؟ އެއްފަހަރާ އެތައް އަންހެން ކުދިންނާ
ރައްޓެހިވާ މީހަކު އަންހެން ކުއްޖަކާއެކީ ގަދަކަމުން ކޮޓަރިއެއްގަ ތަޅުލާކަށް
ނުޖެހޭނެއެއްނު؟ އަހަރެން އެކޮޅަށް ދިޔަފަހުން އެތައް ރެއަކު ދުށިން އޭނަ އަންހެން
ކުދިންނާއި ގައިގޯޅިވެގެން އުޅޭ މަންޒަރު. ބުނަން ވެސް ބުނިން އެއީ ގޯސްކަމެކޭ
އެކަމަކު މިޞްބާ އަޑެއްނާހާ." ސިނާން ހިތާމަ ކުރާ ފަދައަކުން އިސްޖަހައި
ބޯހޫރުވަމުން ކިޔައިދިނެވެ. ވަޙީދު ދެންވެސް ސިނާނަށް ބަލަން ހުރީ ޝައްކެއްގެ
މަތީގައެވެ.
"އިންޓަވިއުގަ ވާހަކަ ދައްކާފަ ހުރި ގޮތުން ވަރަށް
ހިއެއްނުވޭ މިހާރު މިޞްބާޙަކީ އެކަހަލަ ކުއްޖެއްހެން." ވަޙީދު ކޮންޓްރޯލް
ކުރެވިފައިވާ އަޑަކުން ބުނެލިއެވެ.
"އެއީ އޭނަ ހެދެނީ. އިންތިޚާބު މިހާ ކައިރިވެފަ
އޮތްވާ ބޮޑުބޭބެގެ ނަން ހަޑިވާފަދަ ގޮތަކަށް އޭނަ ވާހަކަ ދައްކައިގެންނުވާނެއެއްނުދޯ؟
އެއީ އެހެންވީމަ ކަމަށްވާނީ." ސިނާން ބުނެލިއެވެ.
"އެކަމަކު މި އިންޓަވިއުއިން ބޮޑުބޭބެގެ ނަން
ހަޑިވެއްޖެ. މިޞްބާޙް އޭނަގެ ބައްޕަގެ ނަން ހަޑިކުރަން ބޭނުންނުވަންޏާ އޭނަގެ
މަންމަ ދެއްކި ވާހަކަތައް ވެސް އިންޓަވިއުއަށް ނާރުވަން މަސައްކަތް ކުރީސް. ތި ދައްކާ
ވާހަކަ ތާކުންތާކު ނުޖެހޭ." ވަޙީދު ބުނެލި ވާހަކައިން ސިނާން އަނެއްކާވެސް
ނުތަނަވަސް ވާންފެށިއެވެ. ވަޙީދު އެ މަންޒަރު ފަރުވާތެރިކަމާއެކީ ބެލިއެވެ.
"އާ......އެވާނީ...." ސިނާން އިތުރު ދޮގުތައް
ހަދަން އުޅުނު ވަގުތު ވަޙީދު އޭނައަށް ހުރަސްއެޅިއެވެ.
"ހިއެއްނުވޭ ސިނާންގެ ފަރާތުން ޙަޤީޤަތް
އެނގޭނެހެނެއް. އަހަރެން އަމިއްލައަށް އެކޮޅަށް ދާންވީހެން ހީވަނީ. އާ ފިހާރަ
ހުޅުވުމުގެ ކަންތައް ނިމުނީމަ ދާނީ. އެރަށަށް ގޮއްސަ ހޯދާ ހޯދުމުން ސިނާން ތި ބުނާ
އެއްވެސް ވާހަކައަކީ ދޮގެއްކަން ސާބިތުވެއްޖެއްޔާ ދިގުދެމިގެންދާ އަދަބަކަށް
ތައްޔާރުވެގެން ހުންނާތި!" ވަޙީދު ސިނާނާއި ދިމާލަށް ޝަހާދަތް އިނގިލި
ދިއްކޮއްލަމުން ބުނެލިއެވެ. އެއަށްފަހު ރުޅިވެރިކަމާއެކީ ހިނގާފައި ގޮސް ގެއިން
ނިކުމެގެން ދިޔައީ ސިނާންގެ ހިތް ބިރުވެރިކަމުން ވަށާލާފައެވެ.
މިޞްބާޙްގެ އިންޓަވިއުގެ ސަބަބުން ބިރުވެރިކަމެއް އިޙްޞާޞް
ކުރެވުނީ ސިނާނަށް އެކަންޏެއްނޫނެވެ. މޯލްޑިވިއަން ރީފޯމް ޕާޓީއިން މީހުން
ހަލުވިކަމާއެކީ ވަކިވާ މަންޒަރު ފެނިފައި އަމީންގެ ހިތުގެ ހަމަޖެހުން
ގެއްލިފައިވިއެވެ. ކުރާނެ ކަމެއް ނޭނގިގެން އޭނަ އެޗް.އެން ނިއުސްއަށް ގުޅާފައި އެ
އިންޓަވިއުގެ ހުރިހާ ވާހަކައެއް ދޮގުކޮށް ރިޕޯޓެއް ލިޔުމަށް އެންގިއެވެ. އަމީންގެ
އެދުމަށް އެޗް.އެން ނިއުސްގައި ވަގުތުން ރިޕޯޓެއް ޝާއިއުވެގެން ދިޔައެވެ. އެ
ރިޕޯޓުގައިވާ ގޮތުން މިޞްބާޙާއި ޒާހިޔާ އެކަހަލަ އެއްވެސް ވާހަކައެއް ދައްކާފައެއް
ނުވެއެވެ. އަދި މިޞްބާޙަށް ލިބުނު އަނިޔާތަކުގެ ސިއްރަކީ އޭނަގެ އެކުވެރިންގެ
ބަޔަކު އޭނައަށް އަނިޔާކުރުމެވެ. މީގެ އިތުރުން އަމީން އޭނަގެ ދަރިފުޅުމަތިން
ވަރަށް ހަނދާންވާ ވާހަކައާއި އޭނަ މާލެއަށް އައިސްފައި ހުރީ ވަރަށް މުހިއްމު
މަސައްކަތެއްގައި ކަމަށްވެސް އެ ރިޕޯޓުގައި ލިޔެވިފައިވިއެވެ. އެ ރިޕޯޓަކަށް މާ ބޮޑު
ތަރުޙީބެއް ނުލިބުނެވެ. ޢާއްމު ގޮތެއްގައި އެޗް.އެން ނިއުސްގެ ހުރިހާ ރިޕޯޓަކަށް
ތަޢުރީފުކުރާ މީހުން ވެސް ބުނަމުން ދިޔައީ ދަރިފުޅަށްވުރެ ބޮޑަށް މުހިއްމުވާނީ
ކޮން މަސައްކަތެއްތޯއެވެ. އެފަދަ ކޮމެންޓްތައް ފެނިފައި އަމީން އަނބުރާ ރަށަށް
ގޮސް އެންމެނަށް ދައްކާލުމަށްޓަކައި މިޞްބާޙްގެ ގައިގައި ބައްދާލަން ބޭނުންވެއެވެ.
އެހެނަސް އޭނަ އެގޮތަށް ކަންތައް ކުރުމުން އެންމެންގެ ކުރިމަތީގައި މިޞްބާޙް
އޭނައާއި ދެކޮޅު ހަދާފާނެތީވެސް އަމީން ކަންބޮޑުވިއެވެ. އެހެންކަމުން އޭނަ އޭގެ
ބަދަލުގައި މިޞްބާޙާއެކީ ތަންކޮޅެއް ކުރިން ނެގިފައިހުރި ފޮޓޯތައް އޭނަގެ ފޭސްބުކް
ޕޭޖްގައި ޝެއަރކުރަން ފެށިއެވެ. އޭނައާއި މިޞްބާޙް އެއްކުލައެއްގެ ކޯޓު
ފަޓުލޫނުގައި ހިނިތުންވެގެން ތިބި ފޮޓޯއެއް ޕޯސްޓްކޮށް އޭގެ މަތީގައި މިޞްބާޙް
ހަނދާންވާ ވާހަކަ ލިޔުމުން އެ ފޮޓޯއަށް ހާހުން ލައިކްސް ލިބުނެވެ. އެހެނަސް ގިނަބަޔަކު
ތިބީ މިޞްބާޙަށް ޙަމްދަރުދީ ފާޅުކޮށް އަމީނަށް އެއްޗެހި ގޮވައި
ކޮމެންޓްކޮށްފައެވެ.
"ކީއްތަ ދެން މަ ކުރަންވީ؟ މަ ރަށަށް ދިޔައިއްޔާ
ހުރިހާ ކަމެއް ގޯހުންގޯހަށް ދާނީ. މިޞްބާޙް ދެކޮޅު ނެހެދިޔަސް އެ ޒާހިޔާއަށް
ނުހުރެވޭނެ އެއްޗެކޭ ނުކިޔާ. އެ ނަވާޒް ވެސް ނުއުޅޭ ކަމެއް ކުރާ ހިތުންނެއް.
އޭނައަށް ވަރިހަމަ އަހަރުމެންނަށް އިންތިޚާބު ކާމިޔާބު ނުކުރެވުނަސް. އެކަމަކު
މަށަކަށް ނުހުރެވޭނެ ކަމެއްނުކޮށް." އަމީން އޭނަގެ ސިޓިންގް ރޫމުގެ
ދެކޮޅުންދެކޮޅަށް ހިނގަމުން ހަރު އަޑުން ވާހަކަ ދެއްކިއިރު އެތާހުރި ސޯފާގައި
އޭނަގެ ޕާޓީގައި އިސްކޮށް އުޅޭ އޭނަގެ އެކުވެރިއެއްކަމަށްވާ މުފީދު އިނެވެ.
"ކަމެއް ނުކޮށް ހުންނާކަށް ބޭނުމެއްނުވޭ
އަހަރެންވެސް." މުފީދަށް އެހާ ހިސާބަށް ބުނެލެވުނުތަނާ އަމީން ވާހަކަ
ދެއްކިއެވެ.
"މަ ބޭނުންވަނީ އެ ޔޫނުސް މަރާލަން!" އަމީން
އޭނަގެ ފިޔަވަޅުތައް މަޑުޖައްސައި މުފީދަށް ބަލަންހުރެ ރުޅިވެރިކަމާއެކީ
ބުނެލިއެވެ. މުފީދު ކޮޅަށް ތެދުވިއެވެ.
"އަމީން....މިހާ ނާޒުކު ޙާލަތެއްގަ އަހަރުމެން ވަރަށް
ވިސްނައިގެން ފިޔަވަޅު އަޅަންވާނީ. މިހާރު ވެސް އަމީނާއިމެދު ބައިވަރު ވާހަކަތައް
އެބަ ދެކެވޭ. އެ ވާހަކަތައް ދެކެވެނީ ޔޫނުސްއާ ހެދި. ދެން ހަމަ މިދުވަސްކޮޅު
ޔޫނުސްއަށް ކަމެއްވެއްޖެއޭ ކިޔާފައި އޮތް ޚަބަރެއް ފެތުރިއްޖެއްޔާ ވަރަށް
ފަސޭހައިން އެންމެނަށް ނަގައިގަނެވޭނެ އޭގެ ފަހަތުގައިވަނީ އަމީންކަން. އަހަންނަށް
ފެންނަނީ މި އަޑުތައް ތަންކޮޅެއް މަޑުވަންދެން އަހަރުމެން މަޑުކުރަން. އެއަށްފަހު ކަމެއްކުރަން.
ޕާޓީއަށް މެންބަރުން އިތުރު ކުރެވިދާނެ. އަދި އިންތިޚާބުގެ ކުރިން ދެ މަސް
އެބައޮތް." މުފީދު ބުނެލިއެވެ. އޭނަ ދެއްކި ވާހަކައިން އަމީނަށް ހަމަޖެހުމެއް
ލިބުނުކަން އެ މޫނުމަތިން އެނގެއެވެ. އޭނަ މުފީދަށް ބަލަންހުރެ ފުން ނޭވައެއް
ދޫކޮށް ހޫންލައްވާލަމުން ބޯޖަހާލިއެވެ.
މުޅި އެ ދުވަހު އަފްރީންގެ މޫނުމަތިން ފެންނަމުން ދިޔައީ
ހިތާމަވެރިކަމެވެ. ނަމަވެސް އެ މަންޒަރު ދެކޭކަށް ގޭގައި އެކަކު ވެސް ނެތެވެ.
މެންދުރު ގަޑީގައި ޝަރީފް ވެސް ގެއަށް ކާކަށް ނާދެއެވެ. ދުވަހަކީ ނަޞްރާވެސް
ސްކޫލްގައި އަވަދިނެތި އުޅެމުން ދިޔަ ދުވަހަކަށްވުމުން އޭނައަށް ވެސް މެންދުރު
އަފްރީން ކައިރިއަށް ދެވޭ ގޮތެއްނުވިއެވެ. އަފްރީނަށް އެދުވަހު ފިލާވަޅުތައް ވެސް
ހަދަން އިނދެވުނީ ރޮވިފައެވެ. އޭނަ ބުނި ބަސްތަކުން މިޞްބާޙް ދެރަވާނެ މިންވަރު
މެދުކެނޑުމެއްނެތި އިޙްޞާޞް ކުރެވެމުން ދިޔައީތީވެއެވެ. އޭނައަށް މިޞްބާޙް
ފެންނާނެނަމައޭ ހިތަށްއެރީ ކިތައްފަހަރު ކަމެއްވެސް ނޭނގެއެވެ. އެހެން ހިތަށްއަރާ
ކޮންމެފަހަރަކު މިޞްބާޙްވެސް އޭނަ ދެކެން ބޭނުންވާނެތޯ ހިތް ސުވާލުކުރެއެވެ.
އެދުވަހުގެ ރޭގަނޑުގެ ވަގުތެއްގައި ނަޞްރާ އަފްރީންގެ
ކޮޓަރިއަށް ވަތްއިރު އަފްރީން އޭނަގެ ފޮތްތައް ދަބަހަށް އަޅަނީއެވެ. އަފްރީން
އޭނައަށް ފުރަގަސްދީގެން ހުރުމުން ނަޞްރާ އެ ކޮޓަރީގެ ހުޅުވާލެވިފައިވާ ދޮރުގައި
ޓަކި ދިނެވެ. އަފްރީން ފަސްއެނބުރި ބަލާލިއިރު އޭނަގެ ދުޅަވެފައިވާ ދެލޯ ފެނިފައި
ނަޞްރާގެ ހިތަށް ތަދުވިއެވެ. އޭނަ ހީކުރި ގޮތަށް އިންޓަވިއުގައި މިޞްބާޙް ބުނެލި
ބަސްތައް އަފްރީންގެ ހިތާއި ކުޅެލިތާއޭ ހިތް ބުންޏެވެ. އޭނަ ވަނީ މިވާހަކަ
އަފްރާޒާއިވެސް ޙިއްސާ ކޮށްފައެވެ. އަފްރާޒް ބުނި ގޮތުގައި ނަޞްރާއާއި އޭނަ ވެގެން
މި މަޢުޟޫއަށް އަފްރީނާއި ވާހަކަ ދެއްކުން މުހިއްމެވެ. އަފްރީން އޭނަގެ
އިޙްޞާޞްތައް އެކަކާވެސް ޙިއްޞާނުކޮށް ހުރެހުރެފައި ގޯސް ފިޔަވަޅެއް އަޅާފާނެތީ
އަފްރާޒާއި ނަޞްރާ ވެސް ކަންބޮޑުވިއެވެ. އެހެންކަމުން އެދެބެއިން މިރޭ އަފްރީނާއި
ވާހަކަ ދައްކަން ނިންމިއެވެ.
"އަފޫ......މިހާރު ދޮންބެ އޮންލައިން ވާނެ. ލެޕްޓޮޕް
ހިފައިގެން އާދެބަލަ ސިޓިންގް ރޫމަށް." ނަޞްރާ ބުނެލިއެވެ. އަފްރީން ވަގުތުން
ނޫނެކޭ ބުނަން ބޭނުންވިއެވެ. ނަމަވެސް އޭގެ ސަބަބު ދޮންތައަށް ކިޔައިދޭން ބޭނުމެއް
ނުވީތީ އަފްރީން މަޑުމަޑުން ބޯޖަހާލިއެވެ.
**
"ސަލާމް." ލެޕްޓޮޕް ސްކްރީނުން ފެންނަމުން ދިޔަ
އަފްރާޒް އުޖާލާވި ހިނިތުންވުމަކާއެކީ ސަލާން ގޮވާލިއެވެ.
"ވަޢަލައިކުމުއްސަލާމް." ސޯފާގައި އިން
ނަޞްރާވެސް ޖަވާބު ދިނީ ހިނިތުންވުމަކާއެކީ ކަމަށްވިޔަސް އަފްރީން ޖަވާބު ދިނީ
ބަނަވެފައިވާ މޫނަކާއެކީ އެއްދިމާލަކަށް ބަލަން އިނދެއެވެ. އެކަން ފާހަގަވުމުން
އަފްރާޒްގެ ހިނިތުންވުން ފަނޑުވިއެވެ. އަފްރާޒަށް ވީގޮތް ފެނިފައި ނަޞްރާއާށް
އަފްރީނާއި ދިމާލަށް ބަލާލެވުނެވެ. އެއާއެކު އޭނަގެ ހިނިތުންވުންވެސް
ފިލައިދިޔައެވެ.
"އަފޫ ކިހިނެއްތަ؟" އަފްރާޒް އޭނަގެ އަޑުގައި
ޖޯޝެއް އެކުލެވޭތޯ މަސައްކަތް ކުރަމުން ސުވާލުކުރިއެވެ.
"ރަނގަޅު." އަފްރީން ދޮންބެއަށް ބަލާލަމުން ކުރު
ޖަވާބެއްދިނެވެ.
"މިރޭ މި އޮންލައިން ވީ ވަރަށް މުހިއްމު ވާހަކައެއް
ދައްކަންވެގެންނޭ. އަފޫގެ އެރޭންޖްޑް މެރިއޭޖެއްގެ ވާހަކަ ދައްކަން."
އަފްރާޒް ސަމާސާވެރި ރާގަކަށް ވާހަކަ ދެއްކީ އަފްރީން ހެއްވާލުމުގެ ނިޔަތުގައެވެ.
އެކަން ކާމިޔާބުވެސްވިއެވެ. އަފްރީންގެ ލުއި ހީލުމަކާއެކީ އިސްޖަހާލިއެވެ. އޭނަ
އިސްއުފުލާލިއިރު އެ މޫނުމަތީގައިވި ހިތާމަވެރިކަން ފެނިފައި އަފްރާޒާއި ނަޞްރާގެ
ހިތަށް ވެސް އަސަރުކުރިއެވެ.
"އަފޫ.......ސީރިއަސްކޮށް ދޮންބެގާތު ބުނެބަލަ.
އަފޫއަށް ކުއްޖަކު ކަމުދޭތަ؟ ކަމުދަންޏާ އެކުއްޖާއާ އަފޫ މެރިކޮށްދީފާނަން.
އެހެރީއެއްނު ދޮންތަ ވެސް ދޮންތަގެ ޕްރިންސް ޗާމިންއާ މެރީކޮށްގެން؟"
އަފްރާޒް ވީހާވެސް އަފްރީނާއި ގުޅޭ ފަދަ ގޮތަކަށް ވާހަކަ ދެއްކޭތޯ މަސައްކަތް
ކުރިއެވެ.
"ޕްރިންސް ޗާމިންގްއެއް ނޫން ބޭނުންވަނީ. ބޭނުންވަނީ
އަހަންނަށް ﷲ މަތިން ހަނދާންކޮށްދޭނެ މީހަކު." އަފްރީން އޭނަގެ ކަރުނަތައް
ހިންދަން މަސައްކަތް ކުރަމުން އެހެން ބުނެލީ އޭނައަށް މިހާރު ވިސްނޭކަން
ދޮންބެއަށް އެންގުމަށްޓަކައެވެ. އަފްރީން ދިން ޖަވާބުން އޭނަ ހީކުރި ގޮތަށް
ދޮންބެގެ މޫނުމައްޗަށް ޙައިރާންކަން ވެރިވިއެވެ.
"މާޝާ ﷲ. އެކަހަލަ ކުއްޖަކާ އަފްރީން ދިމާވެފަވޭތަ؟"
އަފްރާޒް ސުވާލުކުރިއެވެ. އެއާއެކު އަފްރީން ހުއްޓުންއެރިއެވެ. އޭނަ ޙަޤީޤަތް
ފޮރުވަން ބޭނުންވިއެވެ. އެހެނަސް ދޮގު ހަދާކަށް ބޭނުމެއްނުވިއެވެ.
"ހޫމް. އެނގޭ އެކަހަލަ ކުއްޖަކު." އަފްރީން
އިސްޖަހައިގެން އިނދެ ބުނެލިއެވެ.
"ކޮން ކުއްޖެއް؟" އަފްރާޒް ކެތްމަދުވިއެއްކަމަކު
އޭނަ އެކަން ފާޅުނުކުރެވެވޭތޯ އުޅުނެވެ.
"މިޞްބާޙް." އަފްރީން ދެލޯ މަރައިގެން އިނދެ އެ
ނަން ކިޔާލީ މީހަކު ކަމުދިޔުމަކީ ގޯހެއްނޫންކަމަށް އަމިއްލަ ނަފްސަށް
ވިސްނައިދެމުންނެވެ. އޭނަ ދެލޯ ހުޅުވާލިއިރު އޭނަ ހީކުރި ގޮތާއި ޚިލާފަށް ދޮންބެ
ހުރީ ޙައިރާންވެފައެއްނޫނެވެ.
"އޭނަ އެ އިންޓަވިއުގައި ބުނެފަ އެވަނީ ތެދުތަ
އަފްރީން؟" އަފްރާޒް އަހާލިއެވެ.
"އާނ ދޮންބެ އޭނަ ވަރަށް ރަނގަޅު. އޭނަ ކުރީގަ އުޅުނީ
އަހަރެންގެ ސަމާލުކަން ހޯދަންވެގެން. އަހަރެން ކުރީގަ......ރައް...ޓެހިވީ
ކުއްޖެއްގެ އެދުމުގެ މަތިން އޭނަ އުޅުނީ އަހަރެން އިންސަލްޓްކުރަން. އެކަމަކު
ފަހުންފަހުން އައިއްސަ އޭނަ ވަރަށް ރަނގަޅު. ކުރީކޮޅު އޭނަ އަހަންނަށް ދަޢުވަތު
ދިން އޭނަގެ ސައިކަލުގެ ފަހަތަށް އަރަން. އެކަމަކު ފަހުން އޭނަގެ މަންމަ އޭނަ
ކައިރި އަހަރެން ގޮވައިގެން ސައިކަލުގަ ގެއަށް ގެންދާށޭ ބުނީމަވެސް އޭނަ
އިންކާރުކުރީ. އޭނަގެ މަންމަވެސް ބުނި އޭނަ ވަރަށް ބަދަލުވެއްޖެއޭ."
އަފްރީނަށް އެ ވާހަކަތައް ކިޔައިދެވުނުލެއް އޮމާންކަމުން ޚުދު އަފްރީން ވެސް
ޙައިރާންވިއެވެ.
"އަފްރީން އޭނައާއި ކައިރިވާން އުޅުނިންތަ؟"
އަފްރާޒް ކުރި ސުވާލުން އަފްރީންގެ ލޮލަށް ތާޒާ ކަރުނަތައް ޖަމާވެ އޭނައަށް
އިސްޖަހާލެވުނެވެ.
"ނޫން ދޮންބެ. އަހަރެން މިހާރު އެކަހަލަ އެއްވެސް
ކަމެއް ނުކުރަން. އަދި އަމުދުން ކައިރިވާން އުޅުނަސް މިޞްބާޙް އެކަން އެހެން
ވިޔަދޭނެހެނެއް އަހަންނަށް ހިއެއްނުވޭ. އޭގެ އެންމެ ބޮޑު ހެއްކަކީ އެރޭ އޭނަ
އަހަންނާއި ދުރަށް ދިޔަ ގޮތް." އަފްރީން އިސްއުފުލާލި ވަގުތު އޭނަގެ
ކޯތާފަތްމައްޗަށް ކަރުނަ ފައިބައިގެން އައެވެ. އަފްރީން އަވަސްއަވަހަށް އެ
ކަރުނަތައް ފޮހެލިއެވެ. އަފްރާޒް މަންޒަރު ބަލަން އިނދެފައި ވާހަކަ ދެއްކިއެވެ.
"ދޮންބެއަށް ވެސް އަސްލު އެހެންވެ ހީވަނީ މިޞްބާޙަކީ ރަނގަޅު
ކުއްޖެއްހެން." އަފްރާޒް ބުންޏެވެ. އެއާއެކު އަފްރީން ބޯޖަހަން ފެށިއެވެ.
"ހަމަ އަސްލުވެސް ވަރަށް ރަނގަޅު." އަފްރީނަށް
އެހެން ބުނެލެވުނީ އިޚްތިޔާރަކާނުލައެވެ.
"އެއްވެސް ރަނގަޅެއްނޫން!" ސިޓިންގް ރޫމުގެ
ވާތްފަރާތުން އައި ޝަރީފްގެ އަޑަށް އަފްރީނާއި ނަޞްރާއަށް އެދިމާލަށް
ބަލާލެވުނެވެ.
Comments
Post a Comment