Hijra (part 40)
މިޞްބާޙަކީ ގޯސްވެދާނެ ކުއްޖަކަށް ވިޔަސް ތުންތުންމަތިން
އެހެން ދެކެވޭ ވާހަކައަކަށް އިތުބާރު ކުރުމަކީ އޭނަ ގެންގުޅޭ އުޞޫލެއް ނޫނެވެ.
އަދި އަމުދުން މިޞްބާޙް ގޯސް ނުވެވެސް ހިނގައިދާނެކަމަށް ޔޫނުސްގެ ހިތް ބުންޏެވެ.
އޭނަ ކުރިމަތީގައި އިން ގޮނޑި ބަރިން ގޮނޑިއެއްގައި މާޔޫސްވެފައި އިން ޒާހިޔާއަށް
ބަލާލިއެވެ. މިޞްބާޙް ހަމައަކަށް އެޅުނު އިރަކުން މިޞްބާޙާއި ޒާހިޔާ ކައިރިން
ޙަޤީޤަތް އަހާފައި މެނުވީ މިރޭ ހިނގި ކަންތައްތަކުގެ ވާހަކަ ނުޖަހަން ޔޫނުސް
ނިންމިއެވެ. އެންމެ އަވަހަށް ޚަބަރު ނުޖެހުނަސް ޔޫނުސްއަށް މިފަހަރު އެއީ މާ ބޮޑު
މައްސަލައަކަށް ނުވިއެވެ.
ގަޑިއިރެއްގެ ފަރުވާތަކަށްފަހު މިޞްބާޙް އެމަޖެންސީ ރޫމުން
ނެރެ ޕްރައިވޭޓް ރޫމަކަށް ގެންދެވުނެވެ. އޭނަ ހޭއަރާނީ މާދަމާ ހެނދުނުގެ
ވަގުތެއްގައި ކަމަށް ޑޮކްޓަރުން ބުންޏެވެ. ޕްރައިވޭޓް ރޫމުގެ އެނދުގައި މިޞްބާޙް
ބޭއްވުނު ވަގުތު ޒާހިޔާ އެނދުގެ ކައިރީގައި ހުރި ގޮނޑީގައި އިށީނެވެ. އަދި
މިޞްބާޙްގެ އައިވީ ގުޅާފައި އޮތް އަތް ނޫން އަނެއްއަތުގައި ހިފައި އެއަތް މަތީގައި
ބޯއަޅާލިއެވެ. ދުރުގައި ކޮޅަށް ހުރި ޔޫނުސްއަށް މަންޒަރު ބަލަން ހިނދުކޮޅަކަށް
ހުރެވުނެވެ. އެއަށްފަހު އޭނަ ޒާހިޔާގާތު ގެއަށް ގޮސް ތާޒާވެލައިގެން އައުމަށް
އެދުނެވެ. އަނެއްކާވެސް ރޮވިފައި ހުރި ޒާހިޔާ ޔޫނުސްއަށް ބަލާލަމުން ވަގުތުން
އިންކާރު ކުރިއެވެ. އެހެނަސް ޔޫނުސް އެތައް އާދޭހެއް ކުރުމުން ޒާހިޔާ ގެއަށް ދާން
އެއްބަސްވީ ލެއިން ތަތްތެޅިފައިވާ ހެދުން ބަދަލު ކުރުމަށާއި މިޞްބާޙަށް ބޭނުންވާނެ
އަންނައުނާއި އެއްޗެހި ގެނައުމަށެވެ. ޒާހިޔާ ޓެކްސީއެއްގައި ގެއަށް ދިޔަ މަންޒަރު
ބަލަން ހުރި ޔޫނުސްގެ ގަމީހުގައި ވެސް ލޭ ހުއްޓެއްކަމަކު އޭނަ ގެއަށްދާން ނިންމީ
ފަހުންނެވެ. މިޞްބާޙް އެކަނި ބާއްވާފައި ދާކަށް އޭނަ ބޭނުމެއް ނުވިއެވެ. އޭނައަށް
މިޞްބާޙް އޮތް ކޮޓަރިއަށް ގޮސް ދެލޯ މެރިފައި އޮތް މިޞްބާޙަށް ބަލަން ހުރެވުނެވެ.
މިޞްބާޙަށް މިހެންވީ ކިހިނެއްބާއޭ ސަތޭކަވަނަ ފަހަރަށް ޔޫނުސްގެ ހިތަށް އެރިއެވެ.
މިޞްބާޙް މިފަދަ ޙާލަކަށް ދޫކޮށްފައި އޭނަގެ ބައްޕަ ދިޔައީ ކޮން ތަނަކަށް
ހެއްޔެވެ؟ މިހާ ދަން ގަޑިއެއްގައި އަމީން ވަކި ދާނީވެސް ކޮން ތަނަކަށް ހެއްޔެވެ؟
ހަމަ ގައިމުވެސް އެ ވަގުތަކު ސިޔާސީ އެއްވުމެއް ނޯންނާނެއެވެ. ޔޫނުސްގެ
ބުމަގޮށްޖެހުނެވެ. ޝަރީފް ބުނިހެން އަމީން އަމިއްލަ ދަރިފުޅު ވީތަނެއް ނުބަލައި
ހިންގަން އުޅެނީ ކޮން ޤައުމެއް ހެއްޔެވެ؟ މިޞްބާޙަކީ އަމީނަށް ގޯސްކޮށް ހިތާ
ކުއްޖެއްހެނެއް ހިއެއްނުވެއެވެ. ޔޫނުސް އެއްދުވަހު އަމީންގެ ގޭގެ ކުރިމަތީގައި
ހުރި ފިހާރައިން ނިކުތް ވަގުތު އެގޭގެ ފެންޑާ ތެރޭގައި އޮތް ކާރު ދޮންނަން ހުރި
މިޞްބާޙް ހެވިފައިހުރެ ސްކޫލްގައި ހިނގި ކަންތައްތަކުގެ ވާހަކަ އަމީނަށް
ކިޔައިދެމުން ދިޔައެވެ. ޔޫނުސް ބަލަބަލާ ހުއްޓާ އަމީން އޭނައަށް ފުރަގަސްދީގެން
ހުރި މިޞްބާޙަށް އަންގާލުމެއްވެސް ނެތި ފޯނެއް އައުމުން ގެއަށް ވަދެގެން ދިޔައެވެ.
އިރުކޮޅެއްފަހުން އެކަން އެނގުންވި މިޞްބާޙްގެ މޫނުމަތިން ފެނުނު މާޔޫސްކަން
ފެނިފައި ޔޫނުސްވެސް ދެރަވިއެވެ. އެދުވަސްމަތިން ހަނދާންވެފައި ޔޫނުސްއަށް އެނދުގެ
ކައިރިއަށް ގޮސް މިޞްބާޙްގެ ބެންޑޭޖް އޮޅާލެވިފައިވާ ނިއްކުރިން ފެށިގެން ބޮލުގެ
އިސްތަށިގަނޑާއި ހަމައަށް ފިރުމާލެވުނެވެ. އަދި ހިތާހިތުން މިޞްބާޙަށްޓަކައި ދުޢާ
ކުރެވުނެވެ.
ޒާހިޔާ އައުމުން ޔޫނުސް ހިނގާފައި އަމީންގެ ގެއާއި ހަމައަށް
ދިޔައެވެ. އަދި އެގޭގެ ފެންޑާ ތެރެއަށް ވައްދާފައި ހުރި އޭނަގެ ސައިކަލަށް އަރައި
ގެއަށް ދިޔައެވެ. ގޭގެ ދޮރުގައި ޓަކި ދިނުމުގެ ބަދަލުގައި ޔޫނުސް ޖީބުގައި އޮތް
ތަޅުދަނޑި ނެގީ ފޯނުގެ ގަޑިން ދަންވަރު 2:30 ވެފައިހުރި ތަން ފެނިފައެވެ. އޭނައަށް
ކަންތައް ކުރެވުނީ ރަނގަޅަށްކަން ޔޫނުސްއަށް އެނގުންވީ ގޭގެ ދޮރު ހުޅުވާލި ވަގުތު
ސިޓިންގް ރޫމުގެ ސޯފާގައި ނިދިފައި އޮތް ނަޞްރާ ފެނިފައެވެ. ސޯފާއަށް ދެފައި
އެރުވުމެއްނެތި ނަޞްރާ އޮށޯވެގެން އޮތް ގޮތުން ނަޞްރާއަށް ނިދުނީ އޭނަގެ
އިންތިޒާރުގައި އޮތްވާކަން ޔޫނުސްއަށް އެނގުންވިއެވެ. ނަޞްރާގެ ގާތަށް ހިނގައިގަތް
ވަގުތު ޔޫނުސްއަށް ހިނިތުންވެލެވުނީ ކައިވެނީ ފުރަތަމަ ރޭ މަތިން
ހަނދާންވުމުންނެވެ. އޭނަ ހަމަ މިފަދަ ވަގުތެއްގައި އަނބުރާ ގެއަށް އައިއިރު ނަޞްރާ
ހަމަ މިކަހަލަ ގޮތަކަށް ކޮޓަރީގެ އެނދުގައި އޮތްތަން ސިފަވުމުންނެވެ. ޔޫނުސް
ހިނދުކޮޅަކަށް މިރޭ ހިނގާ ދިޔަ ހުރިހާ ކަމެއްގެ މަތިން ހަނދާން ނެތުނެވެ. އެހެނަސް
އެ ހުރިހާ ހަނދާނެއް އަނބުރާ އައީ ނަޞްރާ އާއި ކައިރިވާން ވަގުތު އޭނަގެ ގަމީސް
ހަޑިވެފައިވިކަން ފާހަގަވުމުންނެވެ. އެހެންކަމުން އޭނަ ފެންވަރައި ހެދުން ބަދަލު
ކޮށްގެން އައިސް ނަޞްރާ އަތްދަނޑިމައްޗަށް އުފުލައިގެން ކޮޓަރިއަށް ގެންދިޔައެވެ.
އޭގެ އަނެއްދުވަހު ފަތިސް ނަމާދަށް ފޯނުން ބަންގިގޮވާ
އަޑަށް އަފްރީން ހޭލެވުނެވެ. ބަންގި ނިމެންދެން އަޑުއަހަން އޮތް އަފްރީންގެ
ހަނދާނަށް އަންނަމުން ދިޔައީ ރޭގަ އޭނައާއި މިޞްބާޙާއި ދެމެދު ހިނގި
ކަންތައްތަކެވެ. ބަންގި ނިމެން ކައިރިވީ ވަގުތު އޭނަގެ ލޮލުން ކަރުނަ
ހިލިއްޖެއެވެ. އެނދުން ތެދުވެގެން ގޮސް މޫނު ދޮވެ ވުޟޫކުރަމުން ދިޔައިރު އޭނައަށް
ހުއްޓުމެއްނެތި ރޮވެމުން ދިޔައެވެ. އޭނައަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވެމުން
ދިޔައެވެ. މިޞްބާޙަކީ ރަނގަޅު މީހަކަށް ވިޔަސް އަދި ގޯސް މީހަކަށް ވިޔަސް
މިޞްބާޙާއި ދިމާލަށް އެއްޗެހި ގޮވުމުގެ ޙައްޤެއް އޭނައަކަށް ނޯންނާނެކަމަށް ހިތް
ބުނަމުން ދިޔައެވެ. އަފްރީނަށް ނަމާދަށްފަހު އެތައް އިރެއް ވަންދެން ފާފަ
ފުއްސެވުމަށް އެދި ދުޢާ ކުރެވުނެވެ. އަދި މިޞްބާޙްގެ ޙަޤީޤަތް އޭނައަށް ސާފުވާނެ ގޮތެއް
ހައްދަވައި ދެއްވުމަށް އެދިވެސް ދުޢާ ދެންނެވުނެވެ. އެ ނަމާދުތަކާއި
ދުޢާތަކަށްފަހު ޤުރުއާނުގެ މަދު ޞަފްޙާތަކެއް ކިޔަވާލުމުން އަފްރީންގެ ހިތަށް
ހަމަޖެހުމެއް ލިބުނެވެ. ޙަޤީޤަތް އެނގެން ވީ ދުވަހަކުން އޭނައަށް އެނގޭނެކަން
ޔަޤީން ކުރަމުން އަފްރީން އޭނަގެ ސްކޫލްގެ މަސައްކަތްތައް ނިންމުމަށް ކިޔަވާ
މޭޒުދޮށަށް ދިޔައެވެ. އޭނަގެ ބޮޑު އެސައިންމެންޓްގެ ހަދާފައި އޮތް ބައިވެސް
އޭނައަށް އާދެވުނީ ފަލަކްގެ ގޭގައި ބާއްވާފައިކަން އެނގުންވުމުން އަފްރީންގެ ހިތް
ގެނބުނެވެ. ފަލަކް ގާތު އޭތި އަނބުރާ ގެނެސްދިނުމަށް އެދުމަށްޓަކައި އަފްރީނަށް
ވަގުތުން އެނދުމަތީގައި އޮތް ފޯނު ނެގިއެވެ. އެހެނަސް ރޭގަ ހިނގި ކަންތައްތަކުގެ
ފަހަތުގައި ފަލަކްގެ ވެސް އަތެއްވާކަން އެނގުންވުމުން އަފްރީނަށް ޚިޔާލު
ބަދަލުކޮށްލެވުނެވެ. އެސައިންމެންޓް އަލުން ހަދަން ވިޔަސް ފަލަކަށް ނުގުޅަން
އަފްރީން ނިންމިއެވެ. އެއަށްފަހު އޭނަ ކިޔަވާ މޭޒުދޮށަށް ގޮސް އަވަހަށް
އެސައިންމެންޓް ހަދަން ފެށިއެވެ. އަފްރީން އެސައިންމެންޓް ހަދައި ނިމުނުއިރު
ހެނދުނު 8 ޖަހައިފިއެވެ. އޭތި ހަދައި ނިމުމުން އަފްރީނަށް ހިތްހަމަޖެހުމެއް
ލިބުނެވެ. ހެނދުނު ސައިބޯން ދާން ހިތަށްއެރިއެއްކަމަކު ހުރިހާ ފިލާވަޅެއް
ނިންމާފައި ނޫނީ ނުދާން އަފްރީން ނިންމިއެވެ. ދެން ހަދަން އޮތީ އިސްލާމުން ދިން
ފިލާވަޅުކަމުގައި އަފްރީންގެ ނޯޓު ފޮތުގައި ލިޔެފައިވިއެވެ. އިސްލާމުން އެދުވަހު
ދިން ވޯކްޝީޓް މުދައްރިސް ގެއަށް ގެންދާ ގޮތަށް ނުދޭތީ ކުދިން އެ ވޯކްޝީޓް ފޮޓޯ
ނަގަން އުޅުނެވެ. އޭރު ވަގުތު ކުޑަތަން ވެފައިވީތީ އެ ފޮޓޯ ސާފުކޮށް
ރައްކާކުރެވުނީ މިޞްބާޙްގެ އައި ޕެޑްގައި އެކަންޏެވެ. އޭނަ ކުލާހުގެ ފޭސްބުކް
ގްރޫޕްގައި އޭތި ޕޯސްޓް ކުރާނެ ވާހަކަ ބުނެފައިވެއެވެ. އެކަން ހަނދާންވުމުން
އަފްރީން ފޭސްބުކަށްވަނެވެ. ނިއުސް ފީޑުން އެންމެ ފުރަތަމަ ވެސް ފެނުނު ޚަބަރަކުން
އަފްރީންގެ ހިތް ހުއްޓުނެވެ. އަމީންގެ ދަރިފުޅު މިޞްބާޙް ޒަޚަމްތަކަކާއެކީ
ހޮސްޕިޓަލަށް ގެންދެވުނު ވާހަކަ އޮތް ޞުރުޚީއަށް އަފްރީނަށް ވަގުތުން
ކްލިކްކޮށްލެވުނެވެ. ޞުރުޚީގެ ދަށުގައި ހުރި ފޮޓޯ ފެނިފައި އަފްރީންގެ ދެލޯ
ބޮޑުވިއެވެ. ބަޔަކު މީހުން ދަމަމުން ދިޔަ ހޮސްޕިޓަލްގެ އެނދުމަތީގައި ދެލޯ
މެރިފައި އޮތް މިޞްބާޙްގެ ގައިގެ އެތަން މިތަނުން އަންނަމުން ދިޔަ ލެއިން އެނދުގެ
ތަންތަންގަނޑު ވެސް ވަނީ ރަތްވެފައެވެ. މިޞްބާޙްގެ އެއްލޮލާއި ދިމާލުން
ނޫފަންގަނެފައިވީތަން ފެނިފައި އަފްރީނަށް ނޭނގި އޭނަގެ ލޮލަށް ކަރުނަތައް
ޖަމާވިއެވެ. މިއީ ކިހިނެއްވީ ކަމެއްބާވައޭ ހިތަށް އެރިތަނާހެން އޭނަ ޚަބަރު ކިޔަން
ފެށިއެވެ. ހިތް އަވަސްވެފައިވިވަރުން އޭނައަށް ޚަބަރު ރަނގަޅަށް ނުވެސް ކިޔެއެވެ.
މިޞްބާޙްގެ ޒަޚަމްތަކުގެ ފަހަތުގައި ވި ސަބަބެއް ނޭނގޭ ވާހަކަ އެ ޚަބަރުގައި
އޮތުމުން އަފްރީން އޭތި މުޅިން ނުވެސް ކިޔައި އެހެން އޮންލައިން ނޫހަކަށް
ދިޔައެވެ. އެއްވެސް ނޫހަކުން ސަބަބު ނުފެނުމުން އަފްރީންގެ ސިކުނޑިއަށް ނުބައި
ޚިޔާލުތައް ވެރިވާން ފެށިއެވެ. މިޞްބާޙް އޭނަ ދެއްކި ވާހަކަތަކުގެ ހިތާމައިގައި
އަމިއްލަ ނަފްސަށް އަނިޔާ ކުރީބާވައޭ ހިތަށްއެރިއެވެ. އެއާއެކު އަފްރީންގެ އެ
ހިތަށް ތަދުވިއެވެ. އޭނަ މިޞްބާޙް ދެކިލަން ގޮސް މިޞްބާޙަށް މަޢާފަށް އެދެން
ބޭނުންވިއެވެ. ކޮންމެވެސް ސަބަބަކާހުރެ މިޞްބާޙަކީ ގޯސް މީހަކަށް ވެދާނެ ކަމުގެ
ޚިޔާލު އަފްރީންގެ ހިތުން ފިލައިފިއެވެ.
މިޞްބާޙްގެ ޒަޚަމްތަކުގެ ވާހަކަ އިތުރަށް ކިޔުމުގެ
ހިތްވަރެއް ނުލިބުމުން އަފްރީން އޭނަ އެންމެ ފަހަކަށް ހުޅުވާފައި ހުރި ޚަބަރު
ކްލޯޒް ކޮށްލަން އުޅުނެވެ. އެހެނަސް ހަމަ އެވަގުތު ޚަބަރުގެ އެންމެ ފަހަތުގައި
ޖަލްސާއެއްގެ ވާހަކަ އޮތުމުން އަފްރީން ޙައިރާންވެފައި އެތަންކޮޅު ކިޔާލިއެވެ.
ރޭގަ އޮތް ޖަލްސާއަށް ގޮސް މިޞްބާޙްގެ އަތްދަށުން އަންހެން ކުއްޖަކު ސަލާމަތް
ކުރިކަމަށް އެންމެން ކުރިމަތީގައި އެ މީހަކު ބުނި ވާހަކަ އޮތުމުން އަފްރީންގެ
މެއަށް ފިނިވިއެވެ. އެ ވާހަކަ އެހާ ހާމަކަން ބޮޑުގޮތަކަށް ދައްކާނީ ކާކުބާއޭ
އަފްރީންގެ ހިތަށްއެރިއެވެ. އަފްރީން ނިތަށް ރޫއަރުވައިގެން ހިސާބަކަށް
ކަންބޮޑުވެފައި ވިސްނަން އިންދާ ކުއްލިއަކަށް ބޭރުން ޝަރީފް ހަޅޭއްލަވާހެން
އަފްރީނަށް ހީވިއެވެ. ނުތަނަވަސްވެގެން ދިޔަ ހިތަކާއެކީ އަފްރީނަށް ވަގުތުން
ގޮނޑިން ތެދުވެގެން ގޮސް ކޮޓަރީގެ ދޮރު ހުޅުވައި ބަލާލެވުނެވެ. އެވަގުތު ގޭގެ ސިޓިންގް
ރޫމުގައި ވަކިން ހުރި ސޯފާގައި ނަޞްރާ އިށީނދެގެން އިންއިރު ޝަރީފް ކޮޅަށް ހުރެ
ހަރުއަޑުން ވާހަކަ ދައްކަމުން ދިޔައެވެ.
"އަދި އެ ކޮޓަރީގެ ތަޅުގައި އޮތް ޑޫ ނޮޓު ޑިސްޓާބްއޭ
ޖަހާފަ ކަރުދާސްކޮޅެއް އެލުވާފަ......އަފްރީން އެހެން ބުންޏަސް އަހަންނަށް ހަމަ
ޔަޤީން އޭނަ އަހަރެންގެ ދަރިފުޅަށް ކަމެއްކޮށްފަކަން ހުންނާނީ. އަހަރެން
ޝައްކެއްވެސް ނުކުރަން. މާ ގިނައިން ފައިސާ ފެންނަ އެ ޢުމުރުގެ ކުދިންނަށް ހީވާނީ
ތިމަންނަމެން ބޭނުންވާހާ ގޮތަކަށް ދުނިޔޭގަ އުޅެވިދާނެހެން!" ޝަރީފް މުޅި
ގެއަށް އިވޭވަރަށް ބުނެލިއެވެ. ބައްޕަ ވާހަކަ ދެއްކި ގޮތުން ދުރުގައި ހުރި
އަފްރީންގެ ހިތް ރޫރޫއެޅިއެވެ. ނަޞްރާއަށް ކޮޅަށް ތެދުވެވުނެވެ.
"ބައްޕާ.....ތަންކޮޅެއް މަޑުން ވާހަކަ ދައްކަބަލަ.
މިއީ މާ ބާރަށް ދައްކަންޖެހޭ ޒާތުގެ ވާހަކައެއްނޫން. ބައްޕަ ކީއްވެތަ ރޭގަ
ޖަލްސާއަށް ގޮސް އެގޮތަށް ވާހަކަ ދެއްކީ؟ ޔޫނުސް ބުނީ ބައްޕަ ވާހަކަ ދެއްކި ގޮތުން
މުޅި ޖަލްސާގެ ހަމަޖެހުން ގެއްލިއްޖެއޭ. އެ ކުރެވުނީ ގޯސްކަމެއް ނޫންތަ
ބައްޕާ؟" ނަޞްރާ މަޑުމައިތިރި އަޑަކުން ސުވާލުކުރިއެވެ. އެއާއެކު ދުރުގައި
ހުރި އަފްރީނަށް ޚަބަރުގައި އޮތް ވާހަކައިގެ މާނަ ނަގައިގަނެވުނެވެ. ބައްޕަ ރޭ ޖިޕް
ދުއްވާލިއިރު އެފަދަ ކަމެއް ކޮށްފާނެއޭ އޭނަގެ ހިތަށް ނާރައެވެ.
"މަށަކަށް ހިއެއްނުވޭ މަށަށް ކުރެވުނީ ނުބައި ކަމެއް
ހެންނެއް. އެހެން ކަންތައް ކުރީމަ އަމީން ވޯޓުގެ އެދުމަށް ވެސް އޭނަގެ ދަރި
މައިތިރި ކުރުވާނެ." ޝަރީފް ދެންވެސް ހުރީ ރުޅިން ރަތްވެފައެވެ. ޝަރީފް
އޭނަގެ ކުށަށް އެއްބަސް ނުވުމުން ނަޞްރާއާއެކީ ދުރުގައި ހުރި އަފްރީން ވެސް
ނުރުހުންވިއެވެ. ނަޞްރާ އުއްމީދެއްނެތް ގޮތަކަށް ޝަރީފަށް ބަލަން ހުރި ވަގުތު
އަފްރީނަށް ދޮރުގެ ކަނީގައި ބާރަށް ހިފަހައްޓާލެވުނެވެ.
"ބައްޕާ.....އެކަމަކު މިޞްބާޙް ގޯސް ނުވެވެސް ހިނގައިދާނެއެއްނު؟
އަފޫ އެބަ ބުނެއެއްނޫންތަ އޭނަ އެއްވެސް ކަމެއް ނުކުރެއޭ؟ މިޞްބާޙަކީ ރަނގަޅު
ކުއްޖަކަށްވާނަމަ ހާދަ ބޮޑު ނާއިންސާފެކޭ މިވެގެން ދިޔައީ. ހުރިހާ ނޫހެއްގަ
މިޞްބާޙްގެ ބޮލުގަ ތުޚުމަތުތައް އެޅުވިފަ. އަޅުގަނޑަށް ހީވަނީ ބައްޕަ ތި ބުނިހެން
ބައްޕަ ދެއްކި ވާހަކައިން އަމީން މިޞްބާޙް މައިތިރިކުރުވަން އުޅުނީތީވެހެން
މިޞްބާޙަށް މިއަދު އެ ޙާލު ޖެހުނީ. ރޭ އެގޭގެ ފެންޑާ ތެރެއިން މިޞްބާޙް ހޭނެތިފަ
އޮތްވާ ޔޫނުސްއަށް ފެނުނީ. މިޞްބާޙްގެ މަންމަ ރޮއި އާދޭސްކުރަމުން ދިޔަޔޯ
އެހީވެދޭށޭ ކިޔާފަ. އޭރު އަމީން އޭނަގެ ކާރުގަ ކޮންމެވެސް ތަނަކަށް ގޮއްސި. ޔޫނުސް
ދިޔަ މިޞްބާޙްގެ މަންމައާއެކީ މިޞްބާޙް ގޮވައިގެން ހޮސްޕިޓަލަށް. އެކުއްޖާ ލޭ
މަދުވެފައިވި ލޭ އަޅަން ވެސް ޖެހުނު. ޔޫނުސް ބުނީ ތިމަންނަ ގެއަށް އައިއިރު ވެސް
މިޞްބާޙް ހެއެއްނާރައޭ." ނަޞްރާ ދެރަގޮތަކަށް އެ ވާހަކަ ކިޔައިދީ ނިމުނުއިރު ކޮޓަރީގެ
ދޮރުމަތީގައި ހުރި އަފްރީން ކޯތާފަތްމައްޗަށް ކަރުނަ ތިތްކެއް ފައިބައިގެން
އައެވެ. މިޞްބާޙާއިމެދު ކަންތައް ވެފައިވަނީ އޭނަ ހީކުރިވަރަށްވުރެ ވެސް
ގޯސްކޮށްހެން ހީވުމުން އަފްރީން މެއަށް ތޫނު ތަދެއްވަނެވެ.
"ރަނގަޅަށްވީ އޭނައާއި ދޭތެރޭ. އެއީ ވާންޖެހޭ ގޮތް!
ޔޫނުސް ކީއްކުރަން އެކަހަލަ މީހަކަށް އެހީވެދިނީވެސް؟" ޝަރީފް ދެލޯ
ހަނިކޮށްފައި އަހާލިއެވެ. ނަޞްރާއަށް ޤަބޫލުކުރަން ވެސް ދަތިވެފައިހުރެ ވައި
އަޑުން ބައްޕާއޭ ކިޔައި ގޮވާލެވުނެވެ. ޝަރީފް ރުޅިވެރިކަމާއެކީ ނަޞްރާއަށް
ފަސްދީފައި ދާން ހިނގައިގަތީ އަފްރީންގެ ކޮޓަރި ހުރި ފަރާތް ނޫން އަނެއްފަރާތުގައި
ހުރި އޭނަގެ ކޮޓަރިއާއި ދިމާލަށެވެ. ޝަރީފް ލޯ މައްޗަށް ގެއްލުމުން ވެސް
ނަޞްރާއަށް ފަސްއެނބުރި ބަލާލެވުނެވެ. އޭނަ ބަލަބަލާހުއްޓާ ޝަރީފް ގޮސް
ކޮޓަރިއަށްވަދެ ބާރަށް ދޮރު ލައްޕާލުމުން ނަޞްރާ ސިހިގެން ދިޔައެވެ. މާޔޫސީ ގޮތަކަށް
އެދިމާލަށް ބަލަން ހުރެފައި ނަޞްރާ އަނެއްފަރާތަށް ބަލާލިއެވެ. އެވަގުތު އެ
ފަރާތުގައި ހުރި ކޮޓަރީގެ ދޮރުމަތީގައި ހުރި އަފްރީން ފެނިފައި ނަޞްރާގެ
މޫނުމައްޗަށް ކަންބޮޑުވުން ވެރިވިއެވެ.
"އަފޫ!" ނަޞްރާ އަފްރީނާއި ދިމާލަށް ދިގު
ފިޔަވަޅުތަކެއްގައި ދިޔައެވެ. އެވަގުތު އަފްރީން އޭނަގެ ކޯތާފަތުން ކަރުނަ
ފޮހެނީއެވެ.
"އަފޫ ރޮނީ ކީއްވެ؟ ދޮންތަ ކައިރި ތެދުތެދަށް
ބުނެބަލަ. ބައްޕަ އެ ބުނީ ތެދެއްތަ؟ މިޞްބާޙް ކަމެއް ކުރިތަ؟" ނަޞްރާ
އަފްރީންގެ މޫނުގައި ދެއަތުން ހިފަހައްޓާލަމުން އަހާލިއެވެ. އަފްރީން
ބޯހޫރުވާލިއެވެ.
"ނޫން ދޮންތާ. އޭނަ އެއްވެސް ކަމެއް ނުކުރޭ. އޭނަ
ފުރަތަމަ ކައިރިއަށް އައިހެން ހީވި. އެކަމަކު ފަހުން އޭނަ ހުރީ ދުރަށް ގޮއްސަ
އެކަނިމާއެކަނި ރޯން. ދޮންތާ......ބަޔަކު މީހުން އެބަ ބުނޭ އަހަރެން ކައިރި އެއީ
ވަރަށް ނުބައި މީހެކޭ. އެކަމަކު އެއީ ނުބައި މީހަކަށްވިނަމަ އޭނަ އެހެން ހެދީސްތަ
ދޮންތަ؟ އަފޫއަކަށް ވެސް ޔަޤީނެއްނޫން. އެކަމަކު އޭނަ ވަރަށް ރަނގަޅު
ދޮންތާ." އަފްރީނަށް ވާހަކަ ދެކެވުނީ ރޮވިފައި ހުރެއެވެ.
"ހުއްޓާލާ އަފޫ." ނަޞްރާ ޙަމްދަރުދީގެ
ނަޒަރަކުން އަފްރީނަށް ބަލަންހުރެ އޭނަގެ ކަރުނަތައް ފޮހެދެމުން ބުންޏެވެ. ނަޞްރާ
ދެންވެސް އެއްޗެކޭ ބުނަން އުޅުނު ވަގުތު އަފްރީން ވާހަކަ ދެއްކިއެވެ.
"ދޮންތާ މިޞްބާޙް މިހާރު ކިހިނެއް؟ ޔޫންބެ ބުނީ
ކީކޭ؟" އަފްރީން އަހާލިއެވެ. އޭރު ނަޞްރާ ދެއްކި ވާހަކަ އިވިފައި ވިޔަސް
އަފްރީން އިތުރަށް އެނގެން ބޭނުންވިއެވެ.
"ޔޫންބެ އެންމެ ފަހަކަށް ހޮސްޕިޓަލަށް ދިޔައީ ރޭގަ.
ބުނީ ޑޮކްޓަރުން ބުންޏޭ މިއަދު ހެނދުނުގެ ވަގުތެއްގައޭ މިޞްބާޙް ހޭއަރާނީ. ޔޫންބެ
ހުރީ މިއަދު ހޮސްޕިޓަލަށްދާން ނިންމައިގެން. މިޞްބާޙްގެ އިންޓަވިއުއެއްކޮށް
ޙަޤީޤަތުގަ ކަންތައް ހިނގި ގޮތް ލިޔެ ރިޕޯޓެއް ޝާއިއުކުރަންވެގެން." ނަޞްރާ
އަފްރީންގެ ދެކޮނޑުގައި ހިފަހައްޓައިގެން ހުރެ ކިޔައިދިނެވެ. އެ ވާހަކަ އިވިފައި
އަފްރީންގެ ހިތަށް ހިސާބެއްގެ ހަމަޖެހުމެއް ލިބުނެވެ. ނޭނގޭ ސަބަބަކާހުރެ
މިޞްބާޙަށް ރަނގަޅު ގޮތްތައް މެދުވެރިވާން އަފްރީނަށް އެދެވުނެވެ. އޭނަގެ
ސިކުނޑީގެ ކަނަކުން މިޞްބާޙަކީ ގޯސް މީހެކޭ ބުނަމުން ދިޔައެއްކަމަކު އޭނަ އެ
އަޑަށް ބީރު ކަންފަތެއް ދިނެވެ.
"ހިނގާދޯ ސައިބޯން؟" އަފްރީން އެއްޗެކޭ ނުބުނެ
ތިރި ބަލައިގެން ހުންނަން ފެށުމުން ނަޞްރާ ބުނެލިއެވެ. އަފްރީން އިސްއުފުލައި
އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ފަތުރާލިއެވެ. އެއަށްފަހު ބޯޖަހާލަމުން
ހިނގާށޭ ބުނެލިއެވެ. ނަޞްރާ އަފްރީންގެ ކޮނޑުން ދޫކޮށްލުމުން އަފްރީން ކާގެއާއި
ދިމާލަށް ހިނގައިގަތެވެ. އަފްރީން އޭނައަށް ފަސްދީފައިދާތަން ބަލަން ނަޞްރާއަށް
ހުރެވުނެވެ. މިޞްބާޙަކީ ބައްޕަ ބުނާހެން އަފްރީނަށް ބިރުދައްކާ ކުއްޖަކަށްވިނަމަ
އަފްރީން އޭނަގެ ޙާލު ބަލަން ބޭނުންނުވީހޭ ނަޞްރާގެ ހިތަށްއެރިއެވެ. މިޞްބާޙަކީ
ގޯސްކަމެއް ކުރަން ބޭނުންވާ ކުއްޖަކަށްވިނަމަ އަފްރީން އެ ސިފަކުރި ގޮތަށް އެފަދަ
ޙާލެއްގައި އޭނަ ކަންތައް ނުކުރީހެވެ. މިޞްބާޙަކީ ދޮގު އިލްޒާމްތަކެއްގެ
ޝިކާރައަކަށްވެފައިވި ކުއްޖެއްކަމަށް ނަޞްރާއަށް ހިތާހިތުން ނިންމުނެވެ.
**
ހޮސްޕިޓަލްގެ އެނދުގައި އޮތް މިޞްބާޙްގެ މެރިފައިވާ ދެލޯ
ތަގުޅިވެގެން ދިޔައެވެ. އޭނަ ދެފަރާތަށް ދެފަރާތަށް މޫނު ހަލުވަން ފެށި ވަގުތު އެ
ޕްރައިވޭޓް ރޫމުގައި އެކަކުވެސް ނެތެވެ. އެ އޭސީކޮށްފައިވާ ކޮޓަރީގެ ތެރޭގައި
އޮތްވާވެސް މިޞްބާޙްގެ ގައިން ދާހިއްލަން ފެށީ މެރިފައިވާ ދެލޮލުގެ ދޭތެރެއިން
ފެންނަމުން ދިޔަ ނުސާފު މަންޒަރުތަކާއި ކަންފަތަށް އިވެމުން ދިޔަ އަޑުތަކެއްގެ
ސަބަބުންނެވެ. އެންމެ ފުރަތަމަ ވެސް އިވުނީ ދޮރެއް ލެއްޕިގެން ދިޔަ އަޑެވެ. ދެން
ކޮންމެވެސް ފިރިހެން ކުއްޖަކު ހޭން ފެށި އަޑެވެ. އެއަށްފަހު އަންހެން ކުއްޖަކު
ރޮވިފައިހުރެ އޭނައާއި ދިމާލަށް އެއްޗެހި ގޮވާ މަންޒަރު ސިފަވުމުން ނޭނގޭ
ސަބަބަކާހުރެ މިޞްބާޙްގެ މެއަށް ތޫނު ތަދެއްވަނެވެ. އޭގެ ދެވަނަ ސިކުންތުގައި
މީހަކު އޭނަގެ ކަރުގައި ހިފާލިހެން ހީވި ވަގުތު މިޞްބާޙަށް އިހުނަށްވުރެވެސް
ބޮޑަށް އެނދުގައި އޮވެ ތެޅިގަނެވުނެވެ. އެނދުމަތީގައި އޮތް ޝީޓާއި އެކީ އޭނަގެ
އަތް މުއްކެވިގެން ދިޔައެވެ. އެހެނަސް އޭނަގެ އެ ޙަރަކާތަކުން އޭނަގެ ގައިގެ
އެތައް މިތަނަށް ތޫނު ތަދުތަކެއް ވަންނަމުން ދިޔަހެން ހީވިފަދަ އިޙްޞާޞަށް
ބަދަލެއް ނައެވެ. އެންމެ ފަހަކަށް އޭނަ ފެންގަނޑަކަށް ގެނބި ނޭވާ ނުލެވޭނެހެން
ހީވި ވަގުތު މިޞްބާޙް ކުއްލިއަކަށް އެތެރެއަށް ނޭވައެއް ދަމާލަމުން ދެލޯ ބޮޑުކޮށް
އެނދުން ތެދުވިއެވެ. އެވަގުތު އޭނަގެ ހިތް މޭ ފަޅާލާފައި ނިކުމެދާނެހެން ހީވާ
ވަރަށް ތެޅެމުން ދިޔައެވެ. މިޞްބާޙް ހުއްޓުން އަރާފައި އިންދާ އެއްފަރާތަކުން
އޭނަގެ މަންމަ ކަންބޮޑުވުމަކާއެކީ އޭނައަށް ގޮވާލި އަޑު އިވުނެވެ. އެ ފަރާތަށް
ނުބެލިއެއްކަމަކު އެއީ އޭނަގެ މަންމަކަން މިޞްބާޙަށް ޔަޤީން ކުރެވުނެވެ. ބަލަން
ބޭނުންވިއެވެ. އެހެނަސް އޭނަ ހުރީ ދެންމެ ފެނުނު މަންޒަރުތަކެއްގެ ސަބަބުން
ޙަރަކާތެއް ކުރެވޭނެ ވަރަށްވުރެ ބޮޑު ޝޮކެއްގެ ތެރޭގައެވެ. އެ މަންޒަރުތަކުން
އޭނައަށް އެ ފެނުނީ ކޮން ބައެއްތޯ މިޞްބާޙަށް އަމިއްލަ ނަފްސާއި
ސުވާލުކޮށްލެވުނެވެ. މިވަގުތު އޭނައަށް އެ މަންޒަރުތައް ސިފަކުރެވެމުން ދިޔައީ
ފެނުނު ބިރުވެރި ހުވަފެނެއްގެ ގޮތުގައެވެ. ބިރުވެރި ހުވަފެނެއްގައި އުޅޭނީ ހަމަ
ގައިމުވެސް އޭނަގެ ދުޝްމިނުންތާއޭ މިޞްބާޙްގެ ހިތް ބުންޏެވެ. އެ
"ދުޝްމިނުންތަކުގެ" މޫނު ހަނދާން ކުރެވޭތޯ މިޞްބާޙް ސިކުނޑިއަށް
ބާރުލުމުން އޭނަގެ ބޮލުގައި ރިއްސިއެވެ. އޭނައަށް ބޭއިޚްތިޔާރުގައި ބޮލުގައި އަތް
އަޅާލެވުނެވެ. އެވަގުތު އޭނަގެ ބޮލާއި އަތްތިލައިގައިވެސް ބެންޑޭޖެއް
އޮޅާލެވިފައިވިކަން އޭނައަށް އެނގުންވިއެވެ. މިޞްބާޙަށް ޙައިރާންކަމާއެކީ އޭނަގެ
އަތްތިލައަށް ބަލާލެވުނެވެ. އެވަގުތު ފެންކަޅިވެފައި ހުރި ޒާހިޔާ އައިސް
މިޞްބާޙްގެ ބުރަކަށީގައި އެއްއަތް އެޅިއެވެ.
"މިހާރު ކިހިނެއްތަ ދަރިފުޅާ؟" ޒާހިޔާ މިޞްބާޙްގެ
ބުރަކަށީގައި ފިރުމަމުން ކުރެހިފައިވާ އަޑަކުން ސުވާލުކުރިއެވެ. ޒާހިޔާ
"ދަރިފުޅާ" އޭ ކިޔާލި ވަގުތު މިޞްބާޙްގެ ކަންފަތުގައި އެ ބަސް ގުގުމަން
ފެށިއެވެ. އެއީ އޭނަގެ "ހުވަފެނުން" އިވުނު އަޑަކަށް ނުވިޔަސް
މިޞްބާޙްގެ ސިކުނޑީގައި އެ ހުވަފެނުގެ މަންޒަރަކާއި އެ އަޑު ގުޅިގެން ދިޔައެވެ.
މީހަކު އޭނަގެ އަތުގައި ހިފައި އަތްތިލައިގައި ނުހަނު ފުންކޮށް ވަޅި އެޅި ވަގުތު
ޒާހިޔާ ދަރިފުޅާއޭ ކިޔައި ބާރަށް ގޮވާލި އަޑު ކަންފަތަށް އިވުނުހެން ހީވިއެވެ.
ކޮންމެވެސް ސަބަބަކާހުރެ އެއީ ހުވަފެނެއްނޫންހެން މިޞްބާޙަށް ހީވާން ފަށައިފިއެވެ.
އޭނައަށް ފެނުނު މަންޒަރުތައް ސާފުވާން ފެށިއެވެ. އެންމެ ފުރަތަމަ ވެސް ބައްޕަގެ
ރުޅިވެރި މޫނު ސިފަވެގެން ދިޔުމުން މިޞްބާޙްގެ ހިތް ރޫރޫއެޅިއެވެ. މާ
ގިނައިރެއްނުވެ "ހުވަފެނުގެ" ހުރިހާ މަންޒަރެއް ސާފުވެ ސިނާނާއި
އަފްރީންގެ ނަންވެސް ހިތަށް ވަނުމުން މިޞްބާޙްގެ ލޯ ކަރުނުން ފުސްވިއެވެ. އޭނައަށް
ދުޝްމިނުންނަށްވެގެން މިދިޔައީ އޭނަ އެންމެ ލޯބިވާ މީހުންނެވެ. އޭނައަށް އެކި
ގޮތްގޮތަށް އަނިޔާ ދީފައި މިވަނީ އޭނަ އެބަޔަކަށްޓަކައި އެންމެ ހެޔޮއެދޭ
މީހުންނެވެ. އެ އެންމެން އޭނައަށް ނަފްރަތުކުރާކަން އެނގުންވީ ހިނދު މިޞްބާޙްގެ
ލޮލުން ކަރުނަ ފައިބަން ފެށިއެވެ. މޭތެރޭގައި ފެތުރެމުން ދިޔަ ތަދަށް
ކެތްނުކުރެވިގެން މިޞްބާޙްގެ އަނގައިން ވޭނީ ހަޅޭކެއްގެ އަޑު ނިކުތެވެ. އޭނަ
ރަނގަޅަށް ރޯންފެށި ވަގުތު ޒާހިޔާ މިޞްބާޙްގެ ނަމުން ގޮވަމުން މިޞްބާޙްގެ މޫނުގައި
ދެއަތުން ހިފައި އޭނައާއިވީ ފަރާތަށް އަނބުރާލިއެވެ.
"މިޞްބާ.....ކިހިނެއްތަވީ؟" މިޞްބާޙް ރޯންވީ
އެތައް ސަބަބެއް ހުރިކަން އެނގިހުއްޓެއްކަމަކު ޒާހިޔާއަށް ކޮށްލެވުނީ އެ ސުވާލެވެ.
"މަ....މަންމާ. އަ...ހަރެން ވަރަށް ގޯސް، ދޯ؟"
މިޞްބާޙް މޭމަތީގައި އެއްއަތް އަޅާލަމުން ޒާހިޔާއަށް ބަލާލިއެވެ. ޒާހިޔާ
ތުންފިއްތާލަމުން ބޯހޫރުވާލިތަނާހެން މިޞްބާޙް އަނެއްކާވެސް ވާހަކަ ދެއްކިއެވެ.
"ނޫން މަންމާ. އެންމެން އަހަރެންދެކެ ރުޅި އަންނާނީ
އަހަރެން ގޯސްވީމަތާ." މިޞްބާޙް އިސްޖަހާލަމުން އަމިއްލަ ނަފްސާއި ކަހަލަ
ގޮތަކަށް ބުނެލިއެވެ.
"މިޞްބާ ބުނެބަލަ. މިޞްބާ ގޯސްކަމެއް ކުރިންތަ؟" ޒާހިޔާ އޭނަގެ އިޙްޞާޞްތައް ކޮންޓްރޯލް ކުރަން
މަސައްކަތް ކުރަމުން މިޞްބާޙްގެ އިސްތަށިގަނޑުގައި ފިރުމަމުން ސުވާލުކުރިއެވެ.
"ނޫން މަންމާ. ޑޭޑްއަށް ހީވަނީ ރަނގަޅަކަށް ނޫން.
އަހަރެން ހަމަ އަސްލުވެސް އެއްވެސް ކަމެއް ނުކުރަން. މީގެ އަހަރުތަކެއް ކުރިން
އެފަދަ ޙާލަތެއްގަ ހުރިނަމަ ގޯހެއް ހެދުނީސް. އެކަމަކު މިފަހަރު އަހަރެން ނުކުރަން
އެއްވެސް ކަމެއް. އަހަރެން ބޭނުންވި ކައިރިވާން. ވަރަށް ބޭނުންވި. ކައިރިވާން
ފިޔަވަޅުތަކެއްވެސް އެޅިން. އެކަމަކު އަހަންނަށް ނުކެރުން." މިޞްބާޙް
އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ އެ ވާހަކަ ކިޔައިދީ ނިމުނުއިރު
އަނެއްކާވެސް އޭނަގެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. ޒާހިޔާ
ސުވާލެއްކޮށްލަން އުޅުނު ވަގުތު މިޞްބާޙް އޭނައަށް ހުރަސްއެޅިއެވެ.
"މަންމާ ޑޭޑް ކޮބައިތަ؟" މިޞްބާޙް ޒާހިޔާއަށް
ބަލާލަމުން އަހާލިއެވެ. ޒާހިޔާގެ މޫނުމައްޗަށް ވަގުތުން ރުޅިވެރިކަން ވެރިވިއެވެ.
"އޭނަ ވީތަނެއް ބަލާނެކަމެއްނެތް! އޭނައެއްނު
މިޞްބާޙަށް މި ޙާލު ޖެއްސީ؟ ރޭގަ ފިލައިގެން ދިޔަ ގޮތަށް އޭނަ ފުރައިގެން ގޮއްސި.
މެސެޖެއް ފޮނުވާފަ އޮތް މިއަދު ފަތިހު ތިމަންނަ މިހިރީ މާލޭގައޭ ކިޔާފަ.
ކީއްކުރަން އޭނަ އަންގަނީވެސް ވީތަނެއް. ބޭނުންވި ވަގުތަކު އޭނައެއްނެތް.
ހިތަށްއަރާ އޭނަގެ ހުރިހާ ވާހަކައެއް އެންމެނަށް ކިޔައިދީފާނަމޭ. އެކަމަކު މީހުން
އޮޅުވާލަން އޭނައަށް ވެސް އެނގޭނެވިއްޔަ. ފުލުހުންނަށް ގުޅިޔަސް ވާނެ މާ ބޮޑު
ކަމެއް ނޯންނާނެހެން ހީވާތީ ނުގުޅާ މިހިރީ. އޭނަ......" ޒާހިޔާ
ރުޅިވެރިކަމާއެކީ ދައްކަމުން ދިޔަ ވާހަކަ މެދުކެނޑުނެވެ.
"ޑޭޑް އަހަރެންގެ ޙާލު ނުބަލާތަ؟" މިޞްބާޙް
ކަރުނުން ފުރިގެންވި ދެލޮލުން ޒާހިޔާއަށް ބަލަން އިނދެ ތުރުތުރު އަޅާ އަޑަކުން
އަހާލިއެވެ. ޒާހިޔާ ފުން ނޭވައެއް ދޫކޮށްލިއެވެ.
"ދަރިފުޅާ އެކަހަލަ ހިތް ހަރު މީހުންނަށް ވިސްނޭނީ
ހަމައެކަނި އަމިއްލަ ނަފްސާމެދު." ޒާހިޔާ ދެރަ ގޮތަކަށް މިޞްބާޙަށް ބަލަން
ހުރެ ބުނެލިއެވެ. އޭނަގެ ޖަވާބުން މިޞްބާޙްގެ ހިތް ކުދިކުދިވިއެވެ. އޭނަ މިހާ
ދުވަހު އެތައް ބުރަ މަސައްކަތަކުން ބައްޕައަށް ހެޔޮ ނަޞޭޙަތްދޭން ކުރިހާ
މަސައްކަތް ފެނަށް ދިޔަހެން ހީވުމުން އޭނަގެ ހުރިހާ ހިތްވަރެއް އެލުނެވެ. ބައްޕަ
އިޞްލާޙުވާ ދުވަހަކުން އޭނަ ދަސްކުރި ކަންތައް ބައްޕައަށް ކިޔައިދީ ބައްޕައާއެކީ
ނަމާދަށް ދެވޭނެ ދުވަހެއްގެ ހުވަފެންތައް އޭނަ ހާދަވަރަކަށް ދުށްޓެވެ. އެ ހުވަފެން
ދުވަހަކުވެސް ޙަޤީޤަތަކަށް ނުވާނެހެން ހީވިވަގުތު މިޞްބާޙަށް ދެލޯ މަރާލެވުނެވެ.
ޒާހިޔާ މިޞްބާޙްގެ ނަމުން ގޮވާލަމުން އެއްޗެކޭ ބުނަން އުޅުނު ވަގުތު އަނެއްކާވެސް
އޭނައަށް ހުރަސްއެޅުނެވެ.
"ސިނާން އައިތަ އަހަރެން ބަލަން؟" މިޞްބާޙް ދެލޯ
މަރައިގެން އިނދެ ސުވާލުކުރިއެވެ.
"ނޫން ނާދޭ. އޭނަ މިރޭ ފުރަނީއެއްނު؟ މިއަދު ބިޒީވީމަ
ނާދެވުނީ ކަމަށްވާނީ." ޒާހިޔާ އެންމެ ފަހު ވާހަކަ ބުނެލީ މިޞްބާޙް
ހިތްހަމަޖައްސާލުމުގެ ގޮތުންނެވެ. އެހެނަސް ސިނާން ނައުމުގެ ސަބަބަކަށް އޭނަ
ދެއްކި އުޒުރަކީ ބަލައިގަނެވޭނެ އެއްޗެއް ނޫންކަން ޚުދު ޒާހިޔާއަށް ވެސް ޤަބޫލު
ކުރެވުނެވެ. މިޞްބާޙް އޭނަގެ ދެލޯ މަތިން ދެ އިނގިލި ހިންގާލިތަން ފެނިފައި
ޒާހިޔާގެ ހިތް ދެރަވިއެވެ. އޭނަ ބުނާނެ ވަކި އެއްޗެއް ނޭގިފައި މިޞްބާޙްގެ
ގައިގައި ބައްދާލިއެވެ. ދެމައިން ހިމޭންކަމާއެކީ އިރުކޮޅެއް ވަންދެން ތިބި ގޮތަށް
ތިއްބެވެ. އޭނަދެކެ ލޯބިވާ އެއް އިންސާނަކު އެބަ ހުރިކަން އެނގުންވުމުން
މިޞްބާޙްގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބުނެވެ. އޭނަ ހުރިހާ ހިތި
ހަނދާނެއްގެ މަތިން ހަނދާން ނައްތާލަން އުޅުނު ވަގުތު ރޫމުގެ ދޮރު ހުޅުވުނު އަޑު
އިވުނެވެ. ޒާހިޔާއާއި މިޞްބާޙަށް އެކުއެކީގައި އެދިމާލަށް ބަލާލެވުނެވެ. އެވަގުތު
ދޮރުމަތީގައި ހުރީ ކަރުގައި ކެމެރާއެއް އަޅުވައި އަތުން ރެކޯޑަރެއް ހިފައިގެން
ހެވިފައި ހުރި ޔޫނުސްއެވެ.
"އަހުމަދު މިޞްބާޙް އަމީންގެ އިންޓަވިއު."
ޔޫނުސް އޭނަގެ އަތުގައި އޮތް ރެކޯޑަރު ދައްކައި އެހެން ބުނެލަމުން އެއްލޯ
މަރާލިއެވެ.
Comments
Post a Comment