Hadhiya (part 25)
"ތިމާގެ
ކުއްޖެކޭ؟ މިއީ އަހަރުންނާ ތިމާގެ ކުއްޖެއް ނޫން. މީގެ ހަފްތާއެއްހާ ދުވަސްކުރިން
މީނަ އައީ ކުޑަ ކުއްޔަކަށް މިގޭގަ ހުރެވިދާނެހޭ ކިޔާފަ. މިގޭގަ ނޯކަރެއްގެ ގޮތުގަ
މަސައްކަތް ވެސް ކޮށްދޭނަމޭ ކިޔާފަ. އާލެއް އިޔާރެއް ހުރި މީހެއްނޫން މިއީ. މިރަށު
މީހެއްގެ ކުއްޖެއްވެސް ނޫން މިއީ." އެ ފިރިހެން މީހާ ކިޔައިދިން ވާހަކަތަކުން
މިރްޒާންގެ ނިތަށް ރޫގިނަވިއެވެ. އޭނައަށް ކުއްލިއަކަށް ބަލާލެވުނީ އޭނަގެ
އެއްފަރާތުގައި ހުރި ހަސަނާއި ދިމާލަށެވެ. އެ ހިނދު ހަސަން އޭނައަށް ބަލަން
ހުރެފައި އިސްޖަހާލީ ކުށްވެރިއެއް ފަދައިންނެވެ. ހަސަން އޭނައަށް ދޮގު ހެދީ
ކީއްވެތޯ މިރްޒާންގެ ހިތް ސުވާލުކުރިއެވެ. އިރުކޮޅެއް ވަންދެން މިރްޒާނަށް
ހަސަނާއި ދިމާލަށް ބަލަހައްޓައިގެން ހުރެވުނީ އެކަން ޤަބޫލުކުރަން ދަތިވުމުންނެވެ.
"ކޮންމެ
ގޮތެއްވިޔަސް އަހަރުމެން ކުރާ ކަންތައްތަކާ ކަލެއަކަށް ނުބެހެވޭނެ! މީނަ ޖެހެނީ
ހަމަ...." ފިރިހެން މީހާ އެހެން ބުނެ އަނެއްކާވެސް ހަސަންގެ ގިރުވޯނުގައި
ހިފާލިތަނާހެން މިރްޒާން އިސާހިތަކު އައި ރުޅިއާއެކީ އެ މީހާގެ އަތުގައި ބާރަށް
ހިފައި އެ ގިރުވޯނުން ނައްޓުވައި ބާރަށް ފޮޅުވާލިއެވެ. އެހިނދު އެމީހާގެ
ކުޑަހުޅަށްވީ ތަދާއެކީ އެއަތުގައި އަނެއްއަތުން ހިފައި އާހެއް ލައްވާލުމަށްފަހު
މިރްޒާނަށް ރުޅިވެރި ނަޒަރެއް ދިނެވެ.
"މި ކުއްޖާއަކީ
މިއަދަށްފަހު ކަލޭގެ ޒިންމާއެއްނޫން....އަހަރެންގެ ޒިންމާއެއް! މި ކުއްޖާ ކަލެއަށް
އެއްވެސް ލާރިއެއް ދޭން ހުރިއްޔާ އަހަރެން އެ ލާރިއެއް ދޭނަން
އެހެންނޫނީ......އެހެންނޫނީ ކަލޭމެން ނާޖާއިޒު ގޮތުގަ އެންމެ ލާރި ފޮއްޗެއްވެސް މި
ކުއްޖާ އަތުން ނަގާފަ ހުރިއްޔާ އެ އެއްޗެހި މިރެއިން މިރެއަށް އަނބުރާ ޙަވާލުކުރޭ!
އެހެންނޫނީ އަހަރެން މި މައްސަލަ ފުލުހުންނަށް ހުށަހަޅައި ޖެންޑާއަށް ވެސް
ގެންގޮސް ކަލެއަށް ނޭވާ ނުލެވޭވަރު ނުކުރިއްޔާ އަހަންނަށް ވެސް މިރްޒާން ލަތީފޭ
ނުކިޔާނެ!" މިރްޒާން އިންތިހާ ދަރަޖައިގެ ރުޅިވެރިކަމާއެކީ އޭނަގެ މޭމަތީގައި
ޝަހާދަތް އިނގިލި ޖައްސަމުން އޭނަގެ ނަން ހާމަކުރީ އިންޒާރެއްގެ ގޮތުންނެވެ. އެ
އިންޒާރުގެ އަސަރު އޭނަގެ ކުރިމަތީގައި ހުރި ފިރިހެން މީހާއަށް ކުރިއެވެ. އެ
މޫނުމަތިން ނުތަނަވަސްކަން ފާޅުވިއެވެ. އެ ހިނދު މިރްޒާނަށް ނަޒަރު ހުއްޓައިގެން
ހުރި ހަސަންގެ މޫނުމަތިން ފެންނަމުން ދިޔައީ ޙައިރާންކަން ކަމެއް ނޫނީ
ހިތާމަވެރިކަން ކަމެއް އެކަކަށްވެސް ޔަޤީނެއްނުވާނެއެވެ. އެނގޭހާވެސް ކަމަކީ
އޭނަގެ ލޮލުން ކަރުނަތަކުގެ އަސަރުތައް ފެންނަން ފެށިކަމެވެ. ދެވަނަ ފަހަރަށް
އޭނައަށް ބަލާލި މިރްޒާން ހުއްޓުން އެރީ އެހެންވެއެވެ. އެހެނަސް ދެވަނަ
ސިކުންތުގައި އޭނައަށް ވާހަކަ ދެކެވުނީ ހަސަންގެ މޫނު އެވަގުތު އެގޮތަށް ހުންނާނީ
އަނިޔާވެރިއެއްގެ މުށުތެރެއިން ސަލާމަތްވާން އުޅޭތީވެހެން ހީވުމުންނެވެ.
"ހަސަން އެންމެ ކަރުނަ
ތިތްކެއްވެސް އޮހޮރައިގެން ނުވާނެ މިގެއިން ނިކުމެގެން ދާއިރު. ވަކިން ޚާއްސަކޮށް
މިކަހަލަ މީހެއްގެ ސަބަބުން! އަވަހަށް ހުރިހާ އެއްޗެއް ޕެކްކޮށްގެން އާދޭ. ބޭބެ
އެބަގުޅަން ކާރަކަށް. ހަސަން ދާނީ ބޭބެއާ އެއްކޮށް މާލެއަށް." މިރްޒާން އަންގާލިއެވެ.
އެއާއެކު އޭނަގެ ކުރިމަތީގައި ހުރި ހަސަންގެ ދެލޯ ކުއްލިއަކަށް ބޮޑުވެގެން ދިޔައީ
އެއީ ބިރުވެރިކަމެއްހެން ހީވާ ފަދައަކުންނެވެ. މިރްޒާނަށް އަނެއްކާވެސް އެ
ކުލަވަރުގެ މާނަ ހީއަކުން ނިންމާލެވުނެވެ. އެވަގުތު އެހެންވީ ބީރައްޓެހިޔަކާއެކީ
މާލެއަށް ދާންވުމުން ކަމަށް ހީކުރެވުނެވެ. ހަސަން އެކަމަށް އެއްބަސް ނުވާނެހެން
ހީވި ވަގުތު އޭނައަށް ވާހަކަ ދެކެވުނެވެ.
"އެންމެ ސިކުންތަކަށްވެސް
މަޑުނުކޮށް މި ބުނިގޮތަށް ހަދާ ހަސަން! ހަމަ މިވަގުތު!" މިރްޒާން އެހެން
ބުނެލީ ބައްޕައަކު ދަރިފުޅަށް ރަނގަޅަކަށްޓަކައި ލޯތްބާއެކީ ހަރުކަށިވާ
ފަދައަކުންނެވެ. އެވަގުތު އޭނައަށް ކުރެވުނީ ވެސް އެފަދަ އިޙްސާސެކެވެ. އެ
އިޙްސާސް ވަރުގަދަވެގެން ދިޔައީ އޭނަ އެހެން ބުނުމާއެކު ހަސަންގެ މޫނުމަތިން
ބިރުވެރިކަން ފިލައި ހަމައެކަނި ހިތާމަވެރިކަން ސަވާރުވުމުންނެވެ. އެ
ހިތާމަވެރިކަމުގެ ތެރެއިން ހަސަން މިރްޒާނަށް ބޯޖަހާލިއެވެ. އެއަށްފަހު އެތާހުރި
މީހާއަށް އަވަސް ނަޒަރެއްދީފައި އޭނަ ފަހަނަޅައި ގޮސް ގެއަށްވަނެވެ. އެއާއެކު
އެމީހާ ހިނިތުންވާން މަސައްކަތްކުރަމުން ހާސްކަމާއެކީ އެމީހުން ހަސަންގެ އަތުން
ނާޖާއިޒު ގޮތުގަ ލާރިއެއް ނުނަގާކަމަށް ބުނަން ފެށިއެވެ. މިރްޒާން ވީ ނުރުހުމުގައި
އޭނަ އިތުރަށް އެމީހާއާއި ވާހަކަ ދައްކާކަށް ވެސް ބޭނުމެއްނުވިއެވެ.
ހަސަން އެގޭގެ ތެރެއަށް
ވަދެގެން ދިޔައީ ސިޓިންގް ރޫމުގައި ބޭރުން ދެކެވުނު ވާހަކަތައް އަޑުއިވުނު
މަންމައަކާއި އަންހެން ކުއްޖެއްގެ ނުރުހުމުގެ ނަޒަރުން ސަލާމަތްވާން މަސައްކަތް
ކުރަމުންނެވެ. ދިގު ފިޔަވަޅުތަކެއްގައި ގޮސް އޭނަ ވަނީ އެގޭގައި އެންމެ
ނިކަމެތިކޮށް ހެދިފައި ހުރި އޭނައަށް ޚާއްސަ ކުރެވުނު ކޮޓަރިއަށެވެ. ކޮޓަރިއަށް
ވަދެ އޭނަ މިރްޒާން އެދުނު ފަދައިން މަޑުކުރުމެއްނެތި އެތާނގައި ހުރި ބާ އަލަމާރި
ކައިރީގައި ހުރި ކުލަ ގޮސްފައި ހުރި ހެދުން ފޮށި ބިންމަތީގައި ބާއްވައި އޭގެ މަތި
ހުޅުވާލިއެވެ. އެއަށްފަހު އަލަމާރި ހުޅުވާލަމުން އޭގައި އެޅުވިފައި ހުރި އޭނަގެ
ގަމީސްތަކާއި ޓީޝާޓުތައް ނުހަނު ފަރިތަކަމާއެކީ ފަށްޖަހަމުން ފޮށްޓައް އަޅަން
ފެށިއެވެ. އެޅުވިފައި ހުރި އަންނައުނުތަކަށްފަހު ތިރީގައި ފަށްޖަހާފައި ހުރި
ޖިންސްތައް އެޅުމަށްޓަކައި އަތްދިއްކޮށްލި ވަގުތު އޭރުވެސް ނުކަނޑާ ހުރި
ހުދުކުލައިގެ ޕާރުސަލް އަލަމާރީގެ ކަނެއްގައި ހުއްޓެވެ. އޭތި ފެނިފައި ހަސަންގެ
ޙަރަކާތްތައް ލަސްވެގެން ދިޔައެވެ. އޭނަ ލަސްލަހުން ދިޔަ އަތަކާއެކީ އެހެން
އެއްޗެއް ނެގުމުގެ ބަދަލުގައި އެ ޕާރުސަލްގައި ހިފިއެވެ. އެހިނދު އޭގެ ދަށުން
ނިކުމެފައި އޮތް ފޮޓޯ ފެނިފައި ހަސަންގެ ނަޒަރު އެއަށް ހުއްޓުނެވެ. އޭނަ އެއްއަތުން
އެ ފޮޓޯގައި ހިފައި މަޑުމަޑުން ދަމާލަމުން ދެއަތުން ފޮޓޯގައި ހިފައި އެއަށް ނަޒަރު
ހުއްޓާލިއެވެ. އެ ފޮޓޯގައި ވަނީ ވިނަގަނޑެއްގެ މަތީގައި އިށީނދެގެން ތިބި
މިރްޒާނާއި އަމްނާއެވެ. އަމްނާގެ އަތްމަތީގައި ޅަ ކުއްޖެއް އޮތްއިރު އެ
ދެމީހުންވެސް އުޖާލާވި ހިނިތުންވުންތަކާއެކީ ބަލަހައްޓައިގެން ތިބީ އެ
ކުއްޖާއަށެވެ. ފޮޓޯއަށް ބަލަހައްޓައިގެން ހުރި ހަސަން އިސާހިތަކު ފެންކަޅިވި މަންޒަރު
ފެނުނެވެ.
"ބައްޕާ..." ހަސަންގެ
އަނގައިން ވައި އަޑުން އެ ނަން ނިކުތް ހިނދު އޭނަގެ ލޮލުން ކަރުނައެއް
ފައިބައިގެން އައެވެ. އޭނަގެ މޫނުމަތިން އޭނައަށް ދެންމެދެންމެ ރޮވިދާނެހެން
ހީވިއެވެ. އެހެނަސް އޭނަ ހިތްވަރު ކުރަމުން ކަހަލަ ގޮތަކަށް ލޮލުގެ ކައިރިން އިނގިއްޔެއް
ހިންގާލަމުން އެ ފޮޓޯ ވެސް ސޫޓް ކޭހުގެ މަތިގަނޑުގެ އެތެރެ ފަރާތުގައި ހުރި ޒިބު
ކަހާލަމުން އެތާ ތެރެއަށް އަޅާލިއެވެ. އެއަށްފަހު އަލަމާރި ތެރޭގައި ހުރި ޕާރުސަލް
ވެސް އޭނަގެ ހެދުން ފޮށި ތެރޭގައި ބަހައްޓަމުން ޕެކް ކުރުމާއިގެން ކުރިއަށް
ދިޔައެވެ.
ހަސަން އެގެއިން ނިކުމެގެން
އައީ މިރްޒާން އޭނަގެ އިންތިޒާރުގައި އެގޭގެ ފެންޑާގައި ހުންނަތާ 10 ވަރަކަށް
މިނެޓް ފަހުންނެވެ. އޭރު އެގޭގެ ފިރިހެން މީހާ ވެސް ގޭގެ ކޮޓަރިއަށް
ވަދެފައިވުމުން މާ ބޮޑު ބަދަލުވުންތަކެއްނެތި ހަސަނަށް މިރްޒާންގެ ކައިރިއަށް
ދެވުނެވެ. ހަސަން އެ ބަރު ދަބަސް އުފުއްލައިގެން ގޭގެ ދޮރު މައްޗަށް އެރިތަނާހެން
މިރްޒާން ދިގު ފިޔަވަޅުތަކެއްގައި ގޮސް އެ ދަބަހުގައި ހިފިއެވެ. އެހިނދު
އަނެއްކާވެސް މިރްޒާނަށް ނޭނގޭ ސަބަބަކާހެދި ހަސަން އޭނައަށް ބަލާލީ އަސަރުން
ފުރިގެންވި ގޮތަކަށެވެ. މިރްޒާނަށް އެކަމާމެދު ވިސްނެން ފެށި ވަގުތަކީ އޭނަ ގުޅި
ކާރު އެގޭގެ ކުރިމައްޗަށް މަޑުކޮށްލި ވަގުތެވެ. އެއާއެކު ދެމީހުންގެ ކަޅިވެސް އެ
ދިމާލަށް ހުއްޓުނެވެ. މިރްޒާން ވަގުތުން ހިނގާށޭ ބުނެ އޭނަގެ ޙަރަކާތްތައް
އަވަސްކޮށްލަމުން ދަބަސް އުފުއްލައިގެން އެގެއިން ނިކުންނަން ދިޔައެވެ. ފަހަތުން
ހަސަން ވެސް ދިގު ފިޔަވަޅުތަކެއް އަޅަމުން މިރްޒާނާއި އެއްހަމަ ކުރިއެވެ.
އޭރުއްސުރެ އެއާރޕޯޓާއި
ހަމައަށް ދާންދެވެން ވެސް މިރްޒާނަށް އިނދެވުނީ ހަސަނާއި ވަކިން ވާހަކަ ދެކެވޭނެ
ފުރުޞަތަކަށް ކެތްމަދުވެފައެވެ. ޓެކްސީގައި އިންއިރު ޑްރައިވަރުގެ ސަބަބުން އެކަން
ނުވީއިރު ޓިކެޓް ގަނެގެން އެއާރޕޯޓަށް ގޮސް ޗެކް-އިން ވެވެންދެން ވެސް މިރްޒާނަށް
އެ ފުރުޞަތެއް ލިބޭގޮތެއް ނުވިއެވެ. ޗެކް-އިން ވުމަށްފަހު މިރްޒާން ހިނގާށޭ ބުނެ
އަނެއްކާވެސް ހަސަނާއެކީ ބޭރަށް ދާން ދިމާކުރީ ފަތިސް ނަމާދު ވަގުތު
ގާތްވެފައިވުމާއެކު ދަތުރުގެ ކުރިން ހަސަން ސައިބޯން ވެސް ބޭނުންވާނެއޭ ހިތާއެވެ.
ހަސަން ވަކި ދެކޮޅު ހެދުމެއްނެތި އާދައިގެ މަތިން އޭނައާއި އެއްވަރު ކޮށްލަމުން
އޭނައާއި އެއްހަމައެއްގައި ހިނގަން ފެށިއެވެ. އެއާރޕޯޓުގެ މައިދޮރުން ދެމީހުން
ނިކުންނަން ދިޔަ ވަގުތު އެދެމެދަށް ވެރިވެފައިވީ އާދަޔާ ޚިލާފު ހިމޭންކަމެކެވެ. އެ
ހިމޭންކަން ފޫދުއްވާލީ މިރްޒާނެވެ.
"މިތާ ކައިރީގަ ހުންނާނެ
މިސްކިތެއް. ހިނގާދޯ ނަމާދަށް ފުރަތަމަ؟ ނަމާދުކޮށްލައިގެން ރެސްޓޯރެންޓަކުން
ސައިބޮއިގެން ދާނީ. އެންމެ ރަނގަޅުތަ؟" ހަސަނާއެކީ ހިނގާފައި ދަމުން އޭނައަށް
ބަލަމުން މިރްޒާން އެހިއެވެ. ހަސަން ވަކި މިރްޒާނަށް ބެލުމެއްނެތި ބޯޖަހާލިއެވެ.
އެއާއެކު އަނެއްކާވެސް އެ ދެމެދަށް ހިމޭންކަމެއް ވެރިވިއެވެ. ހަސަން އެއްވެސް
ވާހަކައެއް ނުދެއްކިއިރު މިރްޒާން އޭނަގެ ހިތުގައި އުފެދިފައިވި ސުވާލުތައް ކުރަން
ހިސާބަކަށް ޖެހިލުންވިއެވެ. އެވަގުތު ހަސަންގެ މޫނުމަތިން ފެންނަމުން ދިޔަ
ސީރިއަސްކަމުގެ ފަހަތުގައި ބޮޑު ހިތާމައެއް ވެދާނެކަމުގެ ނުތަނަވަސްކަން އޭނަގެ
ހިތުގައިވުމުންނެވެ. އެހެންނޫނީ އަނެއްކާވެސް ހީވާހީވުންތަކެއްގެ މައްޗަށް ބުރަވެ
އޭނަގެ އުއްމީދުތައް އޭގެ އެންމެ ކޮޅުގައި ޖެހުމަށްފަހު ފުނޑުފުނޑުވެގެން
ހިނގައިދާނެކަމުގެ ބިރުވެސް އޭނަގެ ހިތުގައި އުފެދިފައިވުމުންނެވެ. ދެ ޚިޔާލެއްގެ
މަތީގައި ހުރެވެސް އެއާރޕޯޓް ޞަރަޙައްދުން ނިކުމެވުނު ވަގުތު ހަސަނާއި
ސުވާލުކުރަން މިރްޒާނަށް ހިތްވަރެއް ލިބުނެވެ. ކޮންމެ ގޮތެއްވިޔަސް އޭނައަށްވުރެ
ހަގު ކުއްޖަކު ދޮގު ހެދުމުން އޭނަ އެކަން އިޞްލާޙުކުރަން ޖެހޭނެ ކަމަށް ހިތް
ބުނުމުން މިރްޒާނަށް ވާހަކަ ދެކެވުނެވެ.
"ކީއްވެ ދޮގު ހެދީ ބޭބެ
ކައިރި؟" މިރްޒާން އެ ސުވާލުކޮށްލި ހިނދު އޭނަގެ ވިންދު އަވަސްވެ ނޭވާގެ
ހިނގުމަށް ދަތިވިއެވެ. ހަސަން ދައްކާ ވާހަކަތަކުން ލިބިދާނެ ޖަވާބުން އޭނައަށް އައިސްދާނެ
ބަދަލަކާމެދު ނުތަނަވަސްވީ ވަރުންނެވެ. އޭނަ އެ ސުވާލު ކުރުމުން ހަސަން އޭނައަށް
ބަލާލިއެވެ. އެއަށްފަހު ވަކި އެއްޗެކޭ ނުބުނެ އިސްޖަހާލިއެވެ. މިރްޒާނަށް ދެންވެސް
ހަސަން އެއްޗެކޭ ބުނާނެ ކަމުގެ އުއްމީދުގައި އޭނައަށް ބަލަން ހުރެވުނެވެ. އެހެނަސް
ހަސަން ހަމަ އެއްވެސް އެއްޗެކޭ ނުބުނެ ހިނގަމުން ދިޔައީއެވެ. އެއާއެކު
ހަސަނާއިމެދު މިރްޒާންގެ ދެކެމުން އައި ނަޒަރިއްޔާތަށް ބަދަލެއް އައެވެ.
ކުއްލިއަކަށް ހަސަން ދޮގުވެރި ކުއްޖެއްގެ ގޮތުގައި ސިފަކުރެވުނެވެ. ދޮގުވެރިއަކަށް
ނުވިނަމަ އެ ދޮގާއިމެދު ހިތާމަކޮށް އޭނައަށް އެވަގުތު ޙަޤީޤަތް ކިޔައިދިނީހޭ
ހިތަށްއެރިއެވެ. ހަމަ އެއާއެކު އަނެއްކާވެސް ހަސަނަށް އިތުރަށް ނަޞޭޙަތްތެރިވާން
އޭނައަށް ހިތްވަރެއް ލިބުނެވެ.
"ކިތަންމެ ބޮޑުކަމެއް
ދިމާވިޔަސް ދޮގު ހަދާކަށް ނުވާނެ ހަސަން. އެހެންނޫނީ އެހެން މީހުން ހަސަންއަށް
ކުރާ އިތުބާރުވެސް ދަށްވެގެން ދާނެ. އޭރުން ފަހުން އެހީތެރިވާނެ މީހަކު ނުލިބިވެސް
ހިނގައިދާނެ. ދެން ދޮގު ނަހަދައްޗޭ އެއްވެސް މީހެއް ކައިރި." މިރްޒާން
ބުނެލިއެވެ. ހަސަން މިފަހަރުވެސް މިރްޒާނަށް ބަލާލުމެއްނެތި ބޯޖަހާލިއެވެ. އެ
ހިނދު އެ މޫނުމައްޗަށް އަނެއްކާވެސް ވެރިވާންފެށި ހިތާމަވެރި ކުލަވަރުން ދެންވެސް
ހަސަނާއިމެދު ރަނގަޅަށް ވިސްނަން މިރްޒާނަށް މަޖުބޫރުވިއެވެ. ހަސަން ދޮގެއް
ހެދިއްޔާ ހަދާފައިވާނީ ކޮންމެވެސް މަޖުބޫރީއެއްގެ ސަބަބުންކަމަށް އޭނައަށް
ޔަޤީނާއި ގާތް ކުރެވުނެވެ. ހަސަންގެ ޝަޚްޞިއްޔަތު ދޮގުވެރިއަކާއި އަޅާ ކިޔަން
މިރްޒާނަށް ދަތިވެފައިވާތީވެ އާއިއެކުވެސް މެއެވެ.
ފަތިސް ނަމާދަށްފަހު މިރްޒާން
ބުނިފަދައިން އެމީހުން ދިޔައީ ގަމުގައި ހުރި ރެސްޓޯރެންޓަކަށެވެ. ރެސްޓޯރެންޓުގައި
ސައިބޯން އިށީން ވަގުތުވެސް ހަސަންގެ ސީރިއަސް މޫނަށް ބަދަލެއް ނާދެއެވެ. މިރްޒާން
ދެން އެކަމާމެދު އިތުރަށް ސުވާލުކުރަން ބޭނުމެއްނުވިއެވެ. ހަސަންގެ ފަރާތުން
ޖަވާބެއް ނުލިބޭނެހެން ހީވުމާއެކު އެއިން ހަސަންގެ ހިތަށް އިތުރު ތަކުލީފުތަކެއް
ނުދިނުމަށެވެ. އެކުއްޖާ ކަނޑައްތު ކޮށްފައިވަނީ ކޮންކަހަލަ އިމްތިޙާންތަކެއްކަން
ވެސް އެނގެނީއެއްނޫނެވެ. އެ ޚިޔާލު ހިތަށް ވެރިވުމަށްފަހު މިރްޒާން މަސައްކަތް
ކުރަމުން ދިޔައީ ހަސަންގެ ހިތްހަމަޖައްސާލެވޭތޯއެވެ. ހަސަން އޭނަ ހެއްވާލި
ފަދައިން އޭނައަށް ވެސް ހަސަން ހެއްވާލެވޭތޯއެވެ. މިގޮތުން އޯޑަރު ދިނުމަށްފަހު
ރެސްޓޯރެންޓުގެ މާޙައުލާއި ބެހޭގޮތުން މިރްޒާން ވާހަކަ ދެއްކިއެވެ. ކާއެއްޗެހި
ގެނެވުމުން ކާއެއްޗެއްސާއިމެދު ސުވާލުކުރިއެވެ. ހެނދުނުގެ ސައިބުއިމަށްޓަކައި
ހަސަނަށް އެންމެ ކަމުދަނީ ކޯޗެއްކަމާމެދު އަހައި އޭނައަށް އެންމެ ކަމުދާ
ކާއެއްޗެހީގެ ވާހަކަ ޙިއްސާކުރިއެވެ. މިރްޒާން އެ ވާހަކަތައް ދެއްކުމުގެ މަޤްޞަދު
ޙާޞިލުވާން މާ ގިނައިރެއްނުވިއެވެ. ސައިބޮއި ނުނިމެނީސް ހަސަން
ހިނިތުންވުންތަކާއެކީ މިރްޒާން ދައްކަމުން ދިޔަ ވާހަކަތަކަށް ރައްދުދެމުން ދިޔަ
ގޮތުން މިރްޒާންގެ ހިތަށް ފިނިކަމެއް ލިބުނެވެ. އެއާއެކު އޭނަވެސް ހަމަ އެފަދަ
ހިނިތުންވުންތަކާއެކީ ވާހަކަތައް ކުރިއަށް ގެންދަން ފެށިއެވެ.
އޭގެ ނަތީޖާއެއްގެ ގޮތުން
މާލެއަށް ދިޔަ ފްލައިޓް މަތިން އަނެއްކާވެސް މިރްޒާނާއި ހަސަންގެ ދެމެދުގައި ގާތް
އެކުވެރިކަމެއް އުފެދުނެވެ. އިރުގަނޑެއްގެ ފްލައިޓަކަށްފަހު ހެނދުނުގެ ވަގުތު އެމީހުން
ފްލައިޓުން ފައިބަން ދިޔައީ ވެސް ހަސަން ޙިއްސާކުރި ސަމާސާއެއްގެ ސަބަބުން
ހެވިފައި ތިބެއެވެ. ދެމީހުން އެކީގައި ގޮސް އެއާރޕޯޓަށްވަދެ ލަގެޖްތައް ނަގައިގެން
ހުޅުމާލެއަށް ދާން ދަތުރުފެށީ ޓެކްސީއެއްގައެވެ. ޓެކްސީގެ ތެރެއިން މިރްޒާން
އޭނަގެ ގޭގެ ކުޑަ ތަޢާރަފެއްދިނެވެ.
"އަނެއްހެން ހަސަނަށް
އެގޭގަ އުޅެން ވަރަށް ފަސޭހަވާނެ. ބޭބެ ނޫން އެހެން ބަޔަކު ނޫޅޭނެ
އެގޭގަ.....ޙަޤީޤަތުގަ ވަރަށް އުފާ އެބަވޭ އެކީގަ އުޅޭނެ ކުއްޖަކު ލިބުނީމަ."
މިރްޒާން އޭނަގެ ކައިރީގައި އިން ހަސަން ކައިރި ބުނެލިއެވެ. ހަސަން އެ ވާހަކައަށް
ހިނިތުންވެލުން ނޫންކަމެއް ނުކުރިއެވެ.
މިނެޓްތަކެއްގެ ދަތުރަކަށްފަހު
އެމީހުން ތިބި ޓެކްސީ މިރްޒާންގެ އެޕާޓްމެންޓް ހުންނަ ޢިމާރާތުގެ ކުރިމަތީގައި
މަޑުކޮށްލިއެވެ. އެއާއެކު ލަސްތަކެއްނުކޮށް މިރްޒާނާއި ހަސަން އެކުއެކީގައި
ފޭބިއެވެ. މިފަހަރުވެސް ހަސަންގެ ދަބަސް ނަގައި އުފުއްލަން ހަސަނަށްވުރެ ކުރިން
މިރްޒާން ޙަވާލުވިއެވެ. މިރްޒާން ފޮށި ހިފައިގެން ދާން ފެށި ހިނދު ހަސަންވެސް
ފަހަތުން ދިޔައެވެ. ލައްޕާލެވިފައިވި ގޭޓު ކައިރިއަށް ގޮސް މިރްޒާން ދަބަސް
ބަހައްޓައި އާދައިގެ މަތިން ގޭޓުގެ ލޮކަރުގައި އޭނަގެ އެޕާޓްމެންޓް ނަންބަރު
ޖަހަމުން އެތާހުރި ގާޑު ބޭބެއާއި ވާހަކަ ދެއްކިއެވެ.
"ކޮބާ ކިހިނެއްތަ
ބޭބޭ؟" މިރްޒާނަށް އެންމެ ދުވަހަކު ފެނިފައިވާ އެ ގާޑު ބޭބެއާއިވެސް މިރްޒާން
ވާހަކަ ދެއްކީ ހިނިތުންވުމަކާއެކީގައެވެ.
"ހާދަ ރަނގަޅޭ ތިހެން އަހާ
ކުއްޖަކުވެސް ހުރިއްޔާ. ބޭބެގެ ޙާލު ރަނގަޅު. ދަރިފުޅު ކިހިނެއް؟" ގާޑު ބޭބެ
ނިކަން ގަޔާވެފައި އެހިއެވެ. މިރްޒާން ވެސް ރަނގަޅޭ ބުނެ ﷲ އަށް ޙަމްދުކުރިއެވެ.
އެ ހިނދު އޭނަގެ ފަހަތުގައި ހުއްޓިހުރި ހަސަނަށް އެ ބޭބެގެ ނަޒަރު އަމާޒުވިއެވެ.
"މިއީ އެކޮއިގެ ދަރިފުޅު،
ދޯ؟" މިރްޒާނާއި ބެހޭގޮތުން މާ ބޮޑަށް ނޭނގޭ އެ ބޭބެ ބުނެލި ވާހަކައިން އޭނަ
ގަނޑުވެގެންދާ ގޮތްވިއެވެ. އޭނައަށް ފަހަތަށް ބަލާލެވުނީ ކުއްލިއަކަށެވެ. އެ ހިނދު
އޭނައަށް ބަލަންހުރި ހަސަންގެ ލޯމަތިން ހިތާމަވެރިކަމެއް ފެނުނީ ކީއްވެކަމެއް
މިރްޒާނަށް ޔަޤީނެއް ނުކުރެވުނެވެ. ހިނދުކޮޅަކަށް ވިޔަސް އެ ބޭބެގެ ބަސްތައް
ޤަބޫލުކުރަން މިރްޒާންގެ ހިތް އެދުނެވެ. ހަސަންގެ ފަރާތުން މި އާދަޔާ ޚިލާފު
ސިފަތައް މި ފެންނަނީ އޭނަގެ ހިތްއެދޭ ގޮތަށް ކަންތައްވާން އޮތްކަމުން
ނޫންހެއްޔެވެ؟ ހިތަށް އެ ސުވާލު ވެރިވި ހިނދު މިރްޒާން ވަގުތުން ހަސަންގެ
ކައިރިއަށް ގޮސް ހަސަންގެ ގައިގައި ބައްދާލަން ބޭނުންވިއެވެ. އެހެނަސް ހަމަ
އެވަގުތު އޭނަ ހަސަންގެ އައިޑީ ކާޑު މަތިން ހަނދާންވިއެވެ. އޭގައި ލިޔެވިފައި އޮތް
ނަމުންނާއި ހަސަން ނިސްބަތްވާކަމަށް ލިޔެވިފައިވި ރަށުގެ ނަން ފެނި މިރްޒާންގެ
މޭގައި ރިހުމެއް ހިނގާލިއެވެ. ނަމަވެސް އެކަން ނުދެއްކުމަށްޓަކައި އޭނަ ވާހަކަ
ދެއްކިއެވެ.
"ނޫން ބޭބޭ....އަހަރެންގެ
ދަރިފުޅެއްނޫން." މިރްޒާން އެހެން ބުނެލީ ހިނިތުންވުން ފިލާފައިވި
މޫނަކާއެކީގައެވެ. އެ ހިނދު އޭނައަށް ބަލަންހުރި ހަސަން މާޔޫސީ ގޮތަކަށް
އިސްޖަހާލިއެވެ.
"އެހެންތަ؟ ހާދަ ވައްތަރޭ
ދޯ އެކަމަކު؟" އެ ބޭބެ ދެންވެސް ބުނެލިއެވެ. އެހެނަސް މިރްޒާން އެ ވާހަކައަށް
އިތުރު ސަމާލުކަމެއް ނުދީ ގޭޓު ހުޅުވާލަމުން ހަސަނަށް ލުއި ނަޒަރެއް ދީފައި
އަންނާށޭ ބުނެލިއެވެ. އެއަށްފަހު ހަސަންގެ ދަބަހާއެކީ ޢިމާރާތުގެ
ގޯތިތެރެއަށްވަނެވެ. ހަސަންވެސް މިރްޒާންގެ ފަހަތުން ދިޔައެވެ.
ގޭޓު ކައިރިން ދެކެވުނު
ވާހަކައިގެ ސަބަބުން އަނެއްކާވެސް މިރްޒާނާއި ހަސަންގެ ދެމެދަށް ހިމޭންކަމެއް
ވެރިވިއެވެ. ލިފްޓަށް އަރައިގެން އެޕާޓްމެންޓް ހުންނަ ފަންގިފިލާއަށް ދެވެންދެން
ވެސް އެ ދެމެދުގައި ވާހަކައެއް ނުދެކެވެއެވެ. އޭނަގެ ޢާއިލާއާއި ބެހޭގޮތުން
ސުވާލުކުރެވުމުން އާދައިގެ މަތިން މިރްޒާންގެ މޭތެރޭގައި ރިހުމެއް އުފެދެން
ފަށާފައިވީއިރު ހިމޭނުން އޭނަ ކައިރީގައި ހުރި ހަސަން ދޭތެރެދޭތެރެއިން އޭނައަށް
ބަލަމުން ދިޔައެވެ. ދެމީހުން ގޮސް އެޕާޓްމެންޓަށްވަނީ މިފަދަ ޙާލެއްގައެވެ.
އެޕާޓްމެންޓަށް ވަނުމާއެކު މިރްޒާން އަންނާށޭ ބުނަމުން މިޞްރާބު ޖެހީ އެ
އެޕާޓްމެންޓުގައި މުޙްސިނަށް ޚާއްޞަ ކުރެވިފައިވި ކޮޓަރިއާއި ދިމާލަށެވެ. އެ
ކޮޓަރިއާއި ގާތްވީވީހެން މިރްޒާންގެ ފިޔަވަޅުތައް ލަސްވެގެން ދިޔައެވެ. އެކަން
ފާހަގަވި ހަސަންގެ ފިޔަވަޅުތައް ވެސް ލަސްވިއެވެ. ހަސަން ގޮސް މިރްޒާންގެ
ކައިރީގައި މަޑުކޮށްލި ވަގުތު މިރްޒާން ހުރީ އެ ކޮޓަރީގެ ލައްޕާލެވިފައިވި ދޮރާއި
ދިމާލަށް ބަލަހައްޓައިގެންނެވެ. އިރުކޮޅެއް ވަންދެން އެހެން ހުއްޓެވެ. އެއަށްފަހު
އޭނަ އެ ދޮރުގެ ތަޅު އަނބުރާލަމުން ދޮރު ހުޅުވާލިއެވެ. އެއާއެކު ފެނިގެން ދިޔައީ
ހަމަ އާދައިގެ ކޮޓަރިއެއް ފަދައިން އެއްޗެހި ރޭވިފައި ހުރި ކޮޓަރިއެކެވެ. ޑަބަލް
ސައިޒް އެނދަކާއި އަލަމާރިއަކާއި ރީތިވާ މޭޒުގެ ބެޑްރޫމް ސެޓެއް ރޭވިފައިވީއިރު
އެއްފަރާތުގައި ކިޔަވާ މޭޒެއްވެސްވިއެވެ. މިއީ މިރްޒާނަށް ކައުންސެލިންގް ދެވުނު
ދުވަސްވަރު ކައުންސެލަރު އެދުނު ވަރުން އެ ކޮޓަރިއަށް ގެނައި ބަދަލުތަކެވެ.
މަޤްޞަދަކަށްވީ މިރްޒާނަށް އޭނަގެ މާޒީގެ މަތިން ހަނދާން ނައްތާލަން
ފަސޭހަކޮށްދިނުމެވެ. މުޙްސިންގެ އެނދު ރޫޅައި މުޙްސިންގެ ހެދުންތަކާއި އެހެނިހެން
އެއްޗެހި އެއްފޮށްޓަކަށް އެއްކުރުން ވެގެން ދިޔައީ މިރްޒާންގެ ހިތުގައި ވޭންއެޅި
ކަމަކަށެވެ. އެ އެއްޗެހި މުޅިން އެހެން ގެއަކަށް ދޭން އެދުމުން އޭނައަށް އިންކާރު
ކުރެވުނީ ވެސް އެ ވޭނުގެ ސަބަބުންނެވެ. އެއެއްޗެހި ދީފިނަމަ އޭނައަށް އަމިއްލަ
ނަފްސު ގާތު އެ ބުނެވެނީ އޭނަގެ ދަރިފުޅު ދެން އަނބުރާ ނާންނާނެކަމަށްހެން
އޭނައަށް ހީކުރެވުނެވެ. އޭރުވެސް އެ އެނދުގެ ފިލަގަނޑުތައް އެ ކޮޓަރީގެ ފާރަކަށް
ލައްކޮށްލެވިފައިވި ތަން ފެންނަމުން ދިޔައީ އެހެންވެއެވެ. އޭރުވެސް އެ ހެދުން ފޮށި
އެ ފިލަގަނޑުތަކުގެ ކައިރިން ފެންނަމުން ދިޔައީ އެހެންވެއެވެ. އޭރުވެސް
މުޙްސިނަށްޓަކައި ގަނެދެވިފައި ހުރި ކުޅޭ އެއްޗެހިތައް އެ ފޮށީގެ ކައިރިން 'އޭ ބީ ސީ'
ލިޔެވިފައިވި މެޓެއްގެ މަތިން ފެންނަމުން ދިޔައީ އެހެންވެއެވެ. ކޮޓަރި ކުރިން ހުރި
ތަރުތީބު ގެއްލިފައިވިޔަސް އޭނަ އެއްވެސްކަމެއް ހަނދާނެއް ނުނެތެއެވެ. މުޙްސިން
އުނގުގައި ބަހައްޓައިގެން އެ ކުޅޭ އެއްޗެހިން ކުޅުނު ހަނދާން އޭނަ ސާފުކޮށް އެބަ
ހުއްޓެވެ. މުޙްސިންގެ ހެދުމެއް ޚިޔާރުކުރަން އޭނަ ގާތު ބުނެވިއްޖެނަމަ އަބަދުވެސް
އޭނަ ލައިގެން ހުންނަ ހެދުމަކާއި އެއްކުލައަކުން މުޙްސިނަށް ހެދުން ނަގައިދިން
ގޮތެވެ. މުޙްސިން އެނދު ތެރޭގައި އޮންނައިރު އޭނަ އިނގިލި ދިއްކުރުމުން މުޙްސިން
އޭނަގެ އިނގިލީގައި ހިފާލާ ގޮތެވެ. އެ ހަނދާންތައް އާވެގެން ދިޔަދިޔަހެން މާޒީގައި
ދިމާވި އެ ޙާދިސާގެ ނުތަނަވަސްކަމާއި ހިތާމަވެރިކަން މިރްޒާންގެ ހިތުގައި ވަކި
ހިއްޕާލުމުން މިރްޒާންގެ ލޮލުން ކަރުނައެއް ފައިބައިގެން އައެވެ. އެ ހިނދު
ހަސަންގެ އަޑު މިރްޒާނަށް އިވުނެވެ.
"މިއީ ކާކުގެ
ކޮޓަރިއެއް؟" ހަސަން އަހާލިއެވެ. މިރްޒާނަށް އެވަގުތު ހުރެވުނު ޙާލަތެއްގެ
ސަބަބުން ހަސަނަށް ބަލާވެސް ނުލެވުނެވެ. އެހެނަސް ހަސަން ކުރި ސުވާލާއިމެދު
ވިސްނާލެވުމުން އޭނައަށް ވާހަކަ ދެކެވުނެވެ.
"މުޙްސިން..."
މިރްޒާނަށް ބުނެލެވުނީ ހަމައެކަނި އެހާވަރަށެވެ. އެއާއެކު އާދައިގެ މަތިން އޭނަގެ
ކޯތާފަތް ތެމިގެން ދިޔައެވެ. އޭގެ ދެވަނަ ސިކުންތުގައި އިތުރު ކަރުނަތަކެއް އޭނަގެ
ލޮލުން ފައިބައި އޭނައަށް ގިސްލެވެން އުޅުނެވެ. އެހެނަސް އޭގެ ކުރިން އާދައިގެ
މަތިން މިރްޒާން ވަގުތުން އެކަނި ވެލުމަށްޓަކައި އޭނަގެ ކޮޓަރިއާއި ދިމާލަށް
ދާންފެށިއެވެ. އެ މަންޒަރު ފެނިފައި ހަސަން ބަލަހައްޓައިގެން ހުރުން ނޫންކަމެއް
ނުކުރިއެވެ. މިރްޒާން އޭނަގެ ކޮޓަރިއަށް ގޮސް ވަދެ ދޮރު ލައްޕާލަން
ފޮނުވިއެއްކަމަކު އިވުނު އަޑުން އެ ދޮރު ނުލެއްޕޭކަން އެނގެއެވެ. އެ އަޑު އިވިފައި
ހަސަން ވެސް އެ ދިމާލަށް ދާން ހިނގައިގަތީ ހިތާމަވެރި މޫނަކާއި ރަތްވަމުން ދިޔަ
ދެލޮލާއި އެކީގައެވެ. އޭނަ ގޮސް ދޮރުގެ ކައިރީގައި މަޑުކޮށްލި ވަގުތު މިރްޒާންގެ
ގިސްލުމުގެ އަޑު އިވުނެވެ. އެއާއެކު ހަސަން ދޮރުކަނީގައި ހިފަހައްޓާލަމުން ދޮރު
ހުޅުވިފައިވި ހަނި ދާއިރާގެ ދޭތެރެއިން ކޮޓަރީގެ ތެރެއަށް ނަޒަރެއްދިނެވެ. އެ
ހިނދު ކޮޓަރީގެ އެނދުމަތީގައި މޫނުގައި ދެއަތް އަޅައިގެން ރޯންއިން މިރްޒާނަށް
އަމާޒުވި ލޯވެސް ފެންކަޅިވެގެން ދިޔައެވެ. އިސާހިތަކު އެ ލޮލުން ފައިބައިގެން
އައިސް އެ ލޮލުގެ ވެރިޔާއަށް ވެސް ގިސްލެވެން ފެށިކަން ކޮޓަރީގެ ތެރެއިން އެ
ދިމާލަށް ބަލާލި މީހަކަށް ވެސް އެނގޭނެއެވެ. އެހެނަސް މިރްޒާންގެ ހިތަށް
ވެރިވެފައިވި ހިތާމައެއްގެ ސަބަބުން އޭނަ އެވަގުތު އިސްއުފުލާލަން ނުކުޅެދުނެވެ.
**
ހޮނިހިރު ދުވަހުގެ ހެނދުނުގެ އެ
ވަގުތަކީ ހާޝިމްގެ ދަރުސްތަކުގެ ތެރެއިން ފުރަތަމަ ދަރުސް އޮންނަ
ވަގުތުކަމަށްވުމުން މާޝާއާއި މަންހާވީ އެމީހުންގެ ގެ ކައިރީގައި ހުންނަ މިސްކިތަށް
ދިޔުމުގެ މަގުމަތީގައެވެ. މިއީ މާޝާ މަންހާއާއެކީ މަގުމަތިން ހިނގާ ފުރަތަމަ ފަހަރަށްވުމުން
މާޝާ ހުރީ ހިސާބަކަށް ނުތަނަވަސްވިއެވެ. މޫނު ބުރުގާ އަޅައިގެން ހުންނަ
ކުއްޖަކާއެކީ އޭނަ އުޅޭތަން އޭނަގެ އެކުވެރިއަކަށް ފެނިއްޖެނަމަ އެމީހުން ދައްކަން
ފަށާނެ ވާހަކައިގެ ޒާތެއްވެސް ނޭނގުމުންނެވެ. އޭނަ 'ދީންވެރި' ވަނީއޭ ބުނެވެން
މާޝާ އެއްގޮތަކަށް ވެސް ބޭނުމެއްނުވިއެވެ. އޭނަގެ ނަޒަރުން ދީންވެރި މީހުންނަކީ
ތަންދޮރު ނޭނގޭ ޒަމާނަށް ނުފެތޭ ބައެކެވެ. މީސްމީޑިޔާގައި ޒުވާން ކުދިންގެ
ފަރާތުން ފެނޭ އެފަދަ ވާހަކަތައް އޭނަ ޙިއްސާކޮށް ނެހެދިޔަސް އޭނަ ޙަޤީޤަތުގައި އެ
ހުރިހާ ޚިޔާލުތަކާއި އެއްބަހެވެ. ދީންވެރި މީހުން އެ ޚިޔާލުތަކާއި ދެކޮޅަށް ވާހަކަ
ދައްކާ ގޮތުން އޭނައަށް ހުރެވެނީ ވެސް ނުރުހުންވެފައެވެ. މަންހާ ވެސް ބައެއްފަހަރު
އެ ވާހަކަތަކާއި ދެކޮޅަށް ވާހަކަ ދައްކާއިރު މާޝާ މަންހާއަށް ވެސް ހިސާބަކަށް
ނުރުހުންވާ ގޮތްވިއެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ އޭނައަށް އެ ވާހަކަ ދުލާއި
ހަމައަކަށް ނުގެނެވެއެވެ. އޭނައަށް ދީނާއިމެދު އެހާވަރަކަށް ހޯދިފައި ނުވުމުން
އޭނައަށް ނޭނގޭ ޙަޤީޤަތެއް އޮވެދާނެހެން ހީވާތީވެއެވެ. އަދި މަންހާ ފަދަ ދީންވެރި
ކުއްޖެއްގެ ކިބައިން އޭނައަށް ފެނުނު ޝަޚްޞިއްޔަތުގެ ސަބަބުންނެވެ. އެކި
ވާހަކަތައް ދައްކަމުން ގޮސް މިސްކިތް ކައިރިއަށް ދެވުނު ވަގުތު އެ ފުޅާ މަގުގައި
ޕާކްކުރެވިފައި އޮތް ނޫކުލައިގެ ކާރު ފެނިފައި މާޝާގެ މޫނުމައްޗަށް ހިނިތުންވުމެއް
ވެރިވިއެވެ. އެއީ އައްޒާމްގެ ކާރުކަން ޔަޤީންވުމުންނެވެ. އެއާއެކު އޭނަ އެ ވާހަކަ
މީހަކާއި ޙިއްސާކުރަން އެދުނު ވަރުން ވާހަކަ ދެކެވުނެވެ.
"އަހަރެންގެ.....ފްރެންޑެއްވެސް
ހުންނާނެ މި ދަރުހުގަ." މާޝާ ބުންޏެވެ. އޭނަ އެހެން ބުނިއިރު މިސްކިތް
ތެރޭގައި ދަރުސް އަޑުއަހަން އޭނައާއި އައްޒާމް ޖެހިޖެހިގެން ތިބޭ މަންޒަރު
އޭނައަށް ސިފަކުރެވުނެވެ.
"އެހެންތަ؟ ކޮން
ކުއްޖެއް؟" މަންހާ އަހާލިއެވެ.
"ކޮންމެވެސް
ކުއްޖެއް..." މާޝާ ލަދުން ކަހަލަ ގޮތަކަށް ބުނެލިއެވެ. މަންހާ ދުވަހަކުވެސް
އޭނަ ކައިރި ފިރިހެން ކުދިންނާއި ދުރުން ނޫޅޭށޭ ނުބުންޏެއްކަމަކު އޭނަގެ
އެކުވެރިއަކީ ފިރިހެން ކުއްޖެއްކަން އެނގިއްޖެނަމަ މަންހާ ނުރުހުންވާނެކަން
އޭނައަށް އެނގުންވިއެވެ. އެހެނަސް އޭނަ އައްޒާމާއި މިސްކިތް ތެރެއިން
ދިމާވެއްޖެނަމަ ވަކި ވާހަކަ ނުދައްކައި ނުހުންނާނެ ކަމަށް އަމިއްލަ ނަފްސު ގާތު ބުނެލައިފިއެވެ.
މަންހާއަށް އޮތް ނުތަނަވަސްކަމަށްވުރެ އެ އެދުން ބޮޑުވެފައިވުމުންނެވެ.
ނަމަވެސް އެ ބޮޑު މިސްކިތުގައި
އަންހެނުން ވަންނަން ޚާއްޞަ ކުރެވިފައިވި ވަކިން ހުރި ދޮރުން ވަދެގެން މިސްކިތަށް
ވަންއިރު މާޝާގެ ހިތް ގެނބުނެވެ. އެހެންޏާ އަންހެނުންގެ ބަޔަށްޓަކައި ފަރުދާ
ދަމައި ފިލައިން ހަދާފައި ހުންނަ ޕާޓިޝަންވީ މިސްކިތުގެ މެދަށްވާ ގޮތަށް
ދަމާލެވިފައެވެ. މާޝާމެންނަށް ފެންނަމުން ދިޔަ ފަރާތުން ފެންނަމުން ދިޔައީ ހަމައެކަނި
އަންހެނުންނެވެ. ފިރިހެނުން އެއްވަމުން ދިޔައީ ޕާޓިޝަންގެ އަނެއް ފަރާތުންކަން
މާޝާއަށް އެނގުންވީ ފަރުދާތަކުގެ ދޭތެރެއިން ފެންނަމުން ދިޔަ ހަނި ދާއިރާތަކަކުންނެވެ.
މަންހާ ހިނގާށޭ ބުނެ ކުރިއަށް ދިޔައީ މާޝާ ތުންދިގުވެފައި ވަނިކޮށެވެ. އެއަށްފަހު
ކުރިއަށް ދިޔައީ ބަރު ފިޔަވަޅުތަކާއި އެކީގައެވެ. އެ ދަރުސްތަކުގެ މަތިން މާޝާ
މުޅިން ފޫހިވާގޮތްވިއެވެ. އެހެނަސް އާދެވުމުން ދެވަނަ ގޮތެއްނެތްހެން ހީވުމުން
މާޝާ މަންހާއާއެކީ ގޮސް ކުރީ ސަފުގައި އިށީނެވެ. މަންހާ ވަގުތުން ކައިރީގައި ތިބި
ބޮޑެތި އަންހެނުންނާއި ވެސް ހިނިތުންވެ ވާހަކަ ދައްކަން ފެށިއިރު މާޝާއަށް
އިނދެވުނީ ފުސްމޫނު ހަދައިގެންނެވެ. އެމީހުންގެ ކުރިމަތިން ފެންނަމުން ދިޔަ އިމާމް
ހުންނަ ބައިގެ ތެރެއިން ހާޝިމް ނިކުތީ އެވަގުތެވެ. ހާޝިމް އެތާ ދެބައިގައި ވެސް
ތިބި މީހުންނަށްވާ ގޮތަށް ހިތްހެޔޮ ހިނިތުންވުމެއް ދައްކާލިއެވެ. އެންމެނަށް
ހާޝިމް ފެނުމާއެކު މަޑު އަޑުތަކުން ދެއްކެމުން ދިޔަ ވާހަކަތައް މުޅިންހެން
ކެނޑުނެވެ. އެއާއެކު ހާޝިމް އެދެބައިގެ މީހުންނާއިވެސް ކުރިމައްޗަށްވާ ގޮތަށް
އިށީނެވެ. ހާޝިމް ފިރިހެނުންގެ ބަޔަށް ޢިޝާރާތެއް ކޮށްލުމާއެކު އެކޮޅުން ފިރިހެނަކު
އަޢޫޒު ކިޔައި ޤުރުއާން ކިޔަވަން ފެށިއެވެ. އެއީ އައްޒާމްގެ އަޑު ނޫންކަން
ޔަޤީންވީ ވަގުތު ޤުރުއާން އަޑުއަހަން އެހެން ނޫނަސް ވާ ފޫއްސެއްގެ ސަބަބުން
މާޝާއަށް ކަޅި މައްޗަށް ހިނގާލެވުނެވެ. އެމީހާ ކިޔެވީ މަދު މިނެޓަކަށް
ކަމަށްވިޔަސް އެއީ ގަޑިއިރެއްހެން މާޝާއަށް ހީވިއެވެ. ކިޔަވައި ނިމުމާއެކު ހާޝިމް
ބިސްމި ކިޔައި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ މައްޗަށް ޞަލަވާތް ކިޔަވަން
ފެށުމުން މާޝާގެ ބޮލުގައި ރިއްސީ މީތި ނިމޭނެއިރެއް ވެސް ނޭނގެއޭ
ހިތަށްއެރުމުންނެވެ. ޞަލަވާތަށްފަހު ހާޝިމް ނުފިލާ ހިނިތުންވުމަކާއެކީ ހުރިހާ
އަޚުންނާއި އުޚްތުން ކިހިނެއްތޯ ސުވާލުކުރިއެވެ. އެންމެންހެން ރަނގަޅޭވެސް
ބުނުމުގެ ބަދަލުގައި އަލްޙަމްދުލި ﷲ އޭ ކިޔާލި އަޑަށް މިއީ އޭނަ ހުންނަންޖެހޭ
ތަނެއްނޫންހެން މާޝާއަށް ހީވިއެވެ. އެހެނަސް އެއަށްފަހު ހާޝިމް އެއްކަލަ ދަޢުވަތު
ކާޑު ބެލިތޯ އަހައި އޭގައި ކުރެވިފައިވި ސުވާލުގެ ޖަވާބު އެނގޭތޯ ނުހަނު އާދައިގެ
ގޮތަކަށް އެހުމުން މާޝާ ޝައުޤުވެރިވިއެވެ. ބައެއްމީހުން ނޭނގެއޭ ބުނަން ފެށި
ވަގުތު ހާޝިމް އެ ސުވާލު ތަކުރާރުކުރިއެވެ. އަހަރުމެން އިންތިހާއަށް
އުފާވާންޖެހެނީ ކޮންކަމަކާއިމެދުތޯ ސުވާލު ކުރިއެވެ. އެހެނަސް އެކަކަށްވެސް އެނގޭ
ގޮތެއްނުވުމުން ހާޝިމް ވާހަކަ ދެއްކިއެވެ.
"ނޭނގޭ؟ އެހެންވީމަ
އަޅުގަނޑު ޖަވާބު ދީފާނަން. އަހަރުމެން އިންތިހާއަށް އުފާވާންޖެހޭ
ސަބަބަކީ.....މިއީ." ހާޝިމް އެހެން ބުނެ އޭނަގެ ކުރިމަތީގައި ހުރި
ފޮތްގޮނޑީގައި ބޭއްވިފައި އޮތް ޚަތިމް ހިއްލައި ދައްކާލަމުން ބުނެލިއެވެ. އެ
މަންޒަރު ފެނުނު މަންހާއަށް އިނދެވުނީ ދެބުމަ ކައިރިކޮށްގެންނެވެ. ހާޝިމް އެ ބުނި
އެއްޗެއް ޤަބޫލު ނުކުރެވުމުންނެވެ. އެ ފޮތް އޭނަ އިންތިހާއަށް އުފާވާންވީ
ސަބަބަކަށްވާންވީ ކީއްވެ ހެއްޔެވެ؟ އޭނަ މިހާތަނަށް އައިއިރު މުބާރާތްތަކަށްޓަކައި
ވަރަށް ގިނައިން އެފޮތުން ކިޔަވާފައިވެއެވެ. އެހެނަސް އޭނަ އެކަން ކުރުމުން
އޭނައަށް އުފަލެއް ނުލިބެއެވެ. ޤުރުއާނޭ ބުންޏަސް ވަނީ ފޫއްސެވެ. ޒުވާން ކުދިން
ބުނާ ފަދައިން އޭނަ ކުރިމަތީގައި މިއިން ޝެއިޚްވެސް މި ދައްކަނީ ދުނިޔޭގެ
ޢިލްމުތައް ނުކިޔަވައި ހުރުމުގެ ސަބަބުން ބޯދާ ވާހަކަތަކެއްތާއެވެ. މިފަދަ
ޚިޔާލުތަކެއްގައި މާޝާ އިންދާ ހާޝިމް ދެންވެސް ވާހަކަ ދެއްކިއެވެ.
"މިފޮތް....އަހަރުމެންގެ
ހިދާޔަތަށްޓަކައި ބާވައިލެއްވުނު ފޮތް. މިއީ އަހަރުމެން އިންތިހާއަށް އުފާވާންޖެހޭ
ސަބަބަކީ. އެހެންވީމަ 3 މަސް ވަންދެން އަޅުގަނޑު ކުރިއަށް ގެންދާ ދަރުސްތަކުގައި
އަޅުގަނޑު ތި އަޚުންނާއި އުޚްތުންނަށް އުނގަންނައިދެވޭތޯ މަސައްކަތް ކުރާނީ މި
ޤުރުއާން. ޤުރުއާނުގެ އާޔަތްތަކުގެ މާނަ ބަލައި ޤުރުއާން އިތުރަށް
އެނގިގަތުމަށްޓަކައި ކޮންމެވެސް ވަރަށް ޢަރަބި ބަސްވެސް ގެންދާނަން އިން ޝާ ﷲ!
މިއީ އެއްގޮތަކަށް ވެސް އުދަގޫކަމެއްނޫން. ޤުރުއާން އުނގެނުމަކީ ވަރަށް ވެސް
ފަސޭހަކަމެއް." ހާޝިމް ކިޔައިދިނެވެ. އޭނަ ބުނި ފަހު ޖުމްލައާއި އަނެއްކާވެސް
މާޝާއަށް ދެބަސްވެވުނެވެ. ޤުރުއާން އުނގެނުމަކީ ފަސޭހަކަމެއްކަމަށް އޭނަގެ
މުދައްރިސުން ބުނާ އަޑު އިވެނީ އޭނަ އެންމެ ކުޑަ އިރުއްސުރެއެވެ. އެހެނަސް
ދުވަހަކުވެސް އޭނައަށް އެއީ ފަސޭހަކަމަކަށްވެފައެއް ނުވެއެވެ. މިހާތަނަށް އައިއިރު
ނުބަލައި ކިޔެވުމުގެ މުބާރާތެއްގައި އޭނަ ބައިވެރިވެފައި ނުވަނީވެސް ޤުރުއާން
ހިތުދަސްކުރަން އިންތިހާއަށް އުދަގޫވުމުންނެވެ. މާޝާ މިފަހަރު ޚިޔާލުތަކެއްގައި
އިންދާ ހާޝިމް އާޔަތެއް ޙިއްސާ ކުރިއެވެ.
"وَلَقَدْ
يَسَّرْنَا الْقُرْآنَ لِلذِّكْرِ فَهَلْ مِن مُّدَّكِرٍ....ހަމަ ޔަޤީނުންވެސް ތިމަންރަސްކަލާނގެ ޤުރުއާން
ހަނދުމަކުރުމަށް ފަސޭހަކޮށްދެއްވީމޭ. ދެން ކިތަންމެ ކުޑަ މިންވަރަކުން ވިޔަސް
ހަނދުމަކުރާނެ މީހަކު ނުވޭ ހެއްޔޭ؟ މާނައަކީ ﷲ ހަނދުމަކުރުމަށްޓަކައި އަހަރުމެން
ޤުރުއާން އުނގެނޭނަމަ އެ އުނގެނެން އެކަލާނގެ އަހަރުމެންނަށް
ފަސޭހަކޮށްދެއްވާނެއޭ." ހާޝިމް އެ ވާހަކަ ކިޔައިދިނުމުން މާޝާގެ އަނގަ
ކުޑަކޮށް ހުޅުވުނެވެ. އެ ހިނދު މިހުރިހާ ދުވަހަށްވެސް އޭނަ ޤުރުއާން ކިޔެވީ ކޮންކަމަކަށްޓަކައިކަން
އެނގުންވުމުންނެވެ. އޭނަ އެއްދުވަސްވަރެއްގައި ވެސް ޤުރުއާން އުނގެނުނީ ﷲ ހަނދުމަ
ކުރުމަށްޓަކައެއް ނޫނެވެ. އޭނަ ދަސްކުރީ ހަމައެކަނި ސްކޫލްގެ
އިމްތިޙާނަކަށްޓަކައެވެ. އެހެންނޫނީ މުބާރާތަކަށްޓައެވެ. ﷲ ހަނދުމަކުރުމަށްޓަކައި
އޭނަ ޤުރުއާން އުނގެނެން ފަށައިފިނަމަ ދީންވެރި މީހުންގެ ފަރާތުން އެ އިވުނު
ވާހަކަ ޙަޤީޤަތަކަށް ވެދާނެ ހެއްޔެވެ؟ އެ ސުވާލާއިމެދު މާޝާ ވިސްނަމުން ދިޔަ
ވަގުތު ހާޝިމް އެ ދަރުސްތަކުގެ ތެރެއިން ގެންދާނެ ޢަރަބި ފިލާވަޅުތަކުގެ ވާހަކަ
ވެސް ކިޔައިދޭންފެށިއެވެ. މާޝާއަށް ސަމާލުކަން ނުދެވުމުގެ ސަބަބުން އޭނައަށް
އިވުނުހާ ބަހަކީ ވެސް 'އިސްމް'އެވެ. އޭނަ އިތުރަށް ސަމާލުކަން ދޭން އުޅުނު ވަގުތު
ފިރިހެނުންގެ ބައިން ފޯނެއް ރިންގުވާން ފެށި އަޑަށް އެންމެންގެ ސަމާލުކަން
އެދިމާލަށް ދިޔައެވެ. ހާޝިމް ފިރިހެނުންގެ ބަޔަށް ބަލަން ހުރެ އައްޒާމްގެ ދޯއޭ ބުނެލިއެވެ.
އެއާއެކު މާޝާގެ އަތްފައި ފިނިވީ އޭނައަށް މިހުރެވުނީ އައްޒާމާއި އެއްފުރާޅެއްގެ
ދަށުގައިކަން އެނގުންވުމުންނެވެ. އައްޒާމް އެބަ އަންނަމޭ ބުނެލި އަޑަށްފަހު އޭނަ
ތެދުވެގެން ދިޔަކަން މާޝާއަށް އެނގުނެވެ.
ކާފަގެ ދަރުހާއިމެދު މާޝާއާއި
އެއްޒާތަކަށް ޚިޔާލުތައް ދައުރުވަމުން ދިޔަ އައްޒާމް އޭނަގެ ފޯނާއެކީ މިސްކިތުގެ
ގޯތި ތެރެއަށް ނިކުތެވެ. މިސްކިތް ތެރޭގައި އިންއިރު ވެސް އޭނައަށް ކުރީ ރޭ ގުޅި
ދިގު ނަންބަރު ފެނިގެން ދިޔުމުން އޭނައަށް ވަގުތުން ފޯނު ކަނޑާލެވެން އުޅުނެވެ.
އެހެނަސް މިފަހަރު އޭނަ ހުރީ ފޯނުގެ އަނެއްފަރާތުގައި ހުރި މީހެއްކައިރި އެއްޗެކޭ
ނުބުނެ ދޫކޮށްލާ ހިތުންނެއްނޫނެވެ. އައްޒާމް ރުޅިވެރިކަމާއެކީ ސްކްރީނަށް ބަލަން
ހުރެފައި ފޯނު ނަގައި ކަންފަތުގައި ޖައްސާލަމުން ވަގުތުން އެއްޗެކޭ ކިޔަން އަނގަ
ހުޅުވާލިއެވެ. އެހިނދު އެކޮޅުން އަވަސްއަވަހަށް ވާހަކަ ދެއްކި އަޑު އިވުނެވެ.
"ހެލޯ
ޝަހާނީ! މަށަށް އަޑު އެބައިވޭ އެއްކަލަ ކުއްޖާ މިރްޒާންގެ ގެއަށް ގޮސްގެން އުޅޭ
ވާހަކަ. ކޮންމެވެސް ފިޔަވަޅެއް އަވަހަށް އަޅާ. އެހެންނޫނީ ކަންތައް
ގޯސްވެދާނެ!" އެކޮޅުން އޭނަގެ މަންމަގެ ވާހަކަ މުޚާތަބުވީ އޭނައާއި ނޫންކަން
ޔަޤީންވީ ވަގުތު އައްޒާމްގެ ދެބުމަ ކައިރިވިއެވެ.
Comments
Post a Comment