Hadhiya (part 24)
"އައިޑީ
ކާޑާއި ލާރި ހުންނާނެ....އައިޑީ ކާޑު އެމީހުންނަށް ދައް..ކާ. އެހެން...ނޫނީ ބޭ..ބެ
އަތުން އެމީހުން ލާރި ހޯދާން..ނެ." ހަސަން ބުންޏެވެ. ހަސަން އެހެން ބުނުމުން
މިރްޒާން ހަސަންގެ ޖީބުން ވޮލެޓް ނެގީ ވަކި ލާރީގެ ބޭނުމުގައެއްނޫނެވެ. އެއަށްވުރެ
ބޮޑަށް އޭނަ ހުރީ އެހެންކަމެއް ދެނެގަންނަން ބޭނުންވެފައެވެ. މަޑު މުށިކުލައެއްގެ
ބާ ވޮލެޓް ހުޅުވާލަމުން އޭގައި ހުރި ޕޮކެޓެއްގެ ތެރެއިން އައިޑީ ކާޑެއްގެ ބައެއް
ފެނިފައި މިރްޒާން އޭގައި ހިފައި ދަމާލިއެވެ. އެއާއެކު މިރްޒާންގެ ދެބުމަ
ކައިރިވިއެވެ. ކާޑުގެ އެއްފަރާތުގައި ހަސަންގެ ތަންކޮޅެއް ހަގު ފޮޓޯއެއް ޖެހިފައިވީއިރު
ނަމަކަށް ލިޔެވިފައިވީ 'މުޙައްމަދު ހަސަން' އެވެ. މިރްޒާން ތެޅިތެޅި އޮތް
ހިތަކާއެކީ އެޑްރެސް އޮންނަ ދިމާލަށް ބަލާލިއިރު ގޭގެ ނަމުގެ ދަށުގައި
ލިޔެވިފައިވީ ތާ އަތޮޅުގެ ރަށެއްގެ ނަމެވެ.
"ތިއީ ތާ އަތޮޅުގެ
ކުއްޖެއްތަ؟" މިރްޒާނަށް އެހެން އަހާލެވުނީ ވަކި ވިސްނުމެއްވެސް ނެތިއެވެ.
"ތި
ހެދިއިރު ހުރް..." ހަސަނަށް އެހާ ހިސާބަށް ބުނެލެވުނުތަނާހެން އޭނަ
އަނެއްކާވެސް ކެއްސަން ފެށިއެވެ. މިރްޒާނަށް ވަގުތުން ކޮޅަށް ތެދުވެ ހަސަންގެ
މޭގައި އަތް އަޅައި ފިރުމެން ފެށިއެވެ. އެއާއެކު ހަސަން އަނެއްކާވެސް ފުން
ނޭވާތަކެއްލާން ފެށުމުން މިރްޒާން އޭނަގެ އެންމެ އުފާވެރި ދުވަސްތަކެއްގެ ތެރެއިން
ދުވަހެއްގެ މަތިން ހަނދާންވިއެވެ.
"މިޒް! މިޒް ނިކަން
އަވަހަށް ޢަބްދު ﷲ ގެ ކޮޓަރިއަށް އައިސްދީބަލަ. ކެއްސަމުން ގޮސް ދެންމެ
ހޮޑުލައިފި. އައިސްދީބަލަ އަހަންނަށް މިތަން ސާފުކުރެވެންދެން." އަމްނާ
އެއްރެއެއްގެ ދަން ގަޑިއެއްގައި މުޙްސިންގެ ކޮޓަރީގައި ހުރެ އަނެއްކޮޓަރީގައި
އޮފީހުގެ މަސައްކަތެއްކުރަން ހުރި މިރްޒާނަށް ގުޅާފައި ވާހަކަ ދެއްކިއެވެ.
އެވަގުތު ފޯނުގެ އަނެއްކޮޅުން މުޙްސިންގެ ރުއިމުގެ އަޑުވެސް އިވިފައި މިރްޒާން
ވަގުތުން މި އަންނަނީއޭ ބުނެ ފޯނު ކަނޑާލިއެވެ. މިރްޒާން މުޙްސިންގެ ކޮޓަރިއަށް
ދިޔައީ ހިސާބެއްގެ ކަންބޮޑުވުމަކާއެކީ ކަމަށްވިޔަސް އެ ކޮޓަރިއަށް ވަނުމާއެކު
ރޮމުން ދިޔަ މުޙްސިން އަތަށް ލައިގެން މަސަލަސްކުރަން މަސައްކަތް ކުރަމުން ދިޔަ
އަމްނާ ފެނިފައި އޭނަ މޫޑު ބަދަލުކޮށްލިއެވެ.
"އަޅޭ ބައްޕަގެ ލޯބި
ކިހިނެއްތަވީ؟ ހޮޑު ލެވުނީދޯ؟ އެއީ ކީއްކުލަންދޯ އެހެން ވާންވީ؟ އަވަހަށް އާދޭ ބައްޕަ ކައިލިއަށް..."
މިރްޒާން އެހެން ބުނެލީ އަނގަ ވަށްކޮށްފައި މުޙްސިން ރޮމުން ދިޔަ އަޑާއި
އެއްރާގަކަށެވެ. އޭނަ އެ ސުވާލުތައް ކުރަމުން ގޮސް އަމްނާގެ އަތުން މުޙްސިން
ހޯދައި އޭނަގެ ކޮނޑުމައްޗަށް ލަމުން ހަމަ އެ ރާގަށް އަވަހަށް ހުއްޓާލާށޭ ކިޔަން
ފެށިއެވެ. އަމްނާ ފާޚާނާއަށް ވަދެ ސްޕޮންޖަކާއި ކުޑަ ފެން ލޯގަނޑެއް ހިފައިގެން
ގޮސް ބިންމަތި ސާފުކުރަން ފެށި ވަގުތު މިރްޒާން އުޖާލާވި ހިނިތުންވުންތަކާއެކީ
މުޙްސިން ދެއަތުން ހިފައި މައްޗަށް ނަގައި ތިރިކޮށް މުޙްސިންގެ ބަނޑުގައި ބޮސްދޭން
ފެށިއެވެ. އެއާއެކު މުޙްސިންގެ ހުނުމުގެ ކޮޓަރީގައި ހަރުލިއެވެ.
"ހޫމް ތިހެން ހަދަމުން
ގޮސް އަނެއްކާ ހޮޑުލައްވާލާތި!" އަމްނާ އެތަން ސާފުކޮށް ނިންމަމުން
ނުރުހުންވާކަމަށް ހެދެމުން ބުނެލިއެވެ.
"ކޮންތާކު އެއީ މަންމައަށް
ހީވާގޮތް! ދޯ ދަރިފުޅު؟" މިރްޒާން އަނެއްކާވެސް މުޙްސިންގެ ގައިގައި
ރަނގަޅަށް ހިފަހައްޓާލަމުން ނުފިލާ ހިނިތުންވުމަކާއެކީ ދަރިފުޅު ގޮވައިގެން ގޮސް
އެތާހުރި ބޮޑު އެނދުމަތީގައި އޮށޯތެވެ. އަދި ދެންވެސް މުޙްސިންއަށް ހެވޭނެ
ފަދައަކުން ގިލިކޮށްޓަން ފެށިއެވެ. ދެވަނަ ފަހަރަށް ވެސް މުޙްސިން ހޭންފެށުމުން
މިރްޒާނަށް މުޙްސިންގެ މޫނަށް ބަލަހައްޓައިގެން އޮވެވުނެވެ.
"ކާކު ބުނާނީ މިއީ
މިރްޒާން ލަތީފެއް ނޫނޭ؟ ބަލާލަބަލަ މިހިރަ ނޭފަތަކާ މިހިރަ ނިއްކުރިއަކާ މިހިރަ
އިސްތަށިކޮޅަކާ މިހިރަ ސްމާޓް ސްމައިލްއެއް....ދެން ބޮޑު ކޮލެއް ހުރިކަން އެކަނި.
އެކަން ވެސް ފިލާނެ އަދި ބޮޑުވީމަ. ބަލާތި!" މިރްޒާން ފަޚުރުވެރިވެފައި
ވާހަކަ ދެއްކިއެވެ.
"ހޫން ދެން ހެވޭ! މި
މާމުއިފޮދު ދޭން ތެދުކޮށްބަލަ." އަމްނާ މުޙްސިންގެ ބަލި ދުވަސްތަކަށްޓަކައި
އަރިމަތީ މޭޒުމަތީގައި ބެހެއްޓިފައި ހުންނަ މާމުއި ފުޅިން ކުޑަ ސަމުސަލަކަށް
މާމުއި ފޮދެއް އަޅައިގެން އަންނަމުން ބުނެލިއެވެ. މިރްޒާން އަމްނާ ބުނިހެން
އަނެއްކާވެސް މުޙްސިން އޭނަގެ އަތަށް ނަގައި އެނދުގެ އެއްފަރާތެއްގައި އިށީނެވެ.
އަމްނާ ވެސް މިރްޒާންގެ ކައިރީގައި އިށީނދެލަމުން އެ ސަމުސާ މުޙްސިންގެ ތުނބުގައި
ޖެއްސިއެވެ. ކުޑަކުޑަ މުޙްސިން ނުބޯން އުޅުނެއްކަމަކު އާދައިގެ މަތިން ދެމީހުންގެ
ހިތްވަރުން ކުޑަ ފޮދެއް އެ އަނގައިގެ ތެރެއަށް ވައްދާލެވުނެވެ. މާމުއިފޮދު
ދިރުވާލެވުނު ވަގުތު މުޙްސިން އަނެއްކާވެސް ކެއްސަން ފެށުމުން މިރްޒާން އެ ކުޑަ
މޭމަތީގައި ފިރުމާލިއެވެ. އެއާއެކު މުޙްސިންގެ ކެއްސުން ހުއްޓުނެވެ.
"ބައްޕަގެ މެޖިކް ޓަޗް
ދޯ؟" އަމްނާ ހެވިފައިހުރެ ބުނެލިއެވެ.
"ގައިމެއްނު؟"
މިރްޒާން ވެސް އެ ސަމާސާގައި ބައިވެރިވެ އެހެން ބުނެލުމުން ދެމީހުންނަށް
އެކުއެކީގައި ހެވުނެވެ.
އެދުވަހުގެ ހަނދާންތަކުން މިރްޒާނަށް
ނިކުމެވުނީ އަނެއްކާވެސް ހަސަންގެ އަޑު އިވުނުހެން ހީވުމުންނެވެ. މިރްޒާން
ދެންވެސް ހަސަންގެ މޭމަތީގައި އަތް އަޅައިގެން ހުރެ އޭނަގެ މޫނަށް ބަލާލިއެވެ.
"އައިޑީ...އައިޑީ ދައްކާލަބަ...އެމީހުން
މިހާރު އަން..ނާނެ." ހަސަން ދެންވެސް ކަންބޮޑުވެފައިވީ މިރްޒާންގެ އަތުން
ލާރި ޚަރަދުވެދާނެ ކަމަށްޓަކައެވެ. އެކަން އެނގުންވުމުން މިރްޒާނަށް ހަސަނާއި
ހިނިތުންވެލެވުނެވެ.
"އިޓްސް އޯކޭއޭ...ހުރިހާ
ކަމެއް ހަމަޖައްސައިފިން ބަޕް...." އޭނައަށް އެންމެ ފަހުން ބުނެވެން އުޅުނު
ބަހާއެކީ މިރްޒާން ހުއްޓުން އެރިއެވެ. އޭނައަށް ހަސަނަށް ބަލާލެވުނީ ހަސަންގެ
ފަރާތުން އެއްވެސް ޢިޝާރާތެއް ފެނޭތޯ ކަންނޭނގެއެވެ. އެހެނަސް އޭނައަށް ބީރައްޓެހި
ކޮންމެ ކުއްޖަކު ވެސް ހަދާނެ ފަދައިން ހަސަން އޭނައަށް ބަލަހައްޓައިގެން އޮންނަން
ފެށުމުން މިރްޒާންގެ މޭގައި ރިހުމެއް އުފެދުނެވެ. އޭނަ އޭނަގެ ދަރިފުޅާއި ނުހަނު
ގާތްވެފައި ދުރުވީ ކަހަލަ އިޙްސާސެއް ކުރެވުމުން މިރްޒާންގެ ލޮލަށް ކަރުނަތައް
ގިނަވިއެވެ. އެ ކަރުނަތަކުން އޭނަގެ ލޯ ފުސްވެ މޭތެރޭގައިވި ރިހުން ތޫނުވާން
ފެށުމުން މިރްޒާން އިސާހިތަކު ހަސަނާއި ދުރުވެލަމުން އޭނަގެ އަތުގައި އޮތް އައިޑީ
ކާޑު އެނދުމައްޗަށް ދޫކޮށްލިއެވެ. އޭގެ ދެވަނަ ސިކުންތުގައި އޭނަ ހަސަނަށް
ފަސްދީފައި ދިގު ފިޔަވަޅުތަކެއްގައި ވޯޑުން ނިކުމެގެން ދިޔައެވެ. ވޯޑުން ނިކުމެ
މަޑުވެސް ނުކޮށް އޭނަ މަރުކަޒުން ވެސް ނިކުންނަން ދިޔައެވެ. އެހެނަސް މަރުކަޒުގެ
މައިދޮރު އޭނަގެ ފަހަތުން ލެއްޕުނު ވަގުތު މިރްޒާނަށް އޭނަގެ ފިޔަވަޅުތައް
މަޑުޖައްސާލެވުނެވެ. އެއާއެކު ބަނަވަމުން އަންނަ ކޮޅިގަނޑަކަށް ކެތްނުކުވުމުން
ވާރޭ ވެހޭ ފަދައިން މިރްޒާންގެ ވޭނުން ފުރިފައިވި ހިތަށް ކެތްނުކުރެވުމުން
އޭނައަށް ގިސްލެވެން ފެށިއެވެ. މި ވޭތުވެ ދިޔަ 15 އަހަރު ތެރޭގައި އޭނަ
އެއްޒަޚަމްތަކެއްގެ މި ރޮނީ ކިތައްވަނަ ފަހަރުކަން އަންދާޒާ ވެސް ނުކުރެވުމުން
މިރްޒާނަށް އިހުނަށްވުރެ ގަދައަށް ރޮވުނެވެ. އޭނައަށް މިހާ ބޮޑު ސަޒާއެއް ލިބެން
އޭނަ ކުރީ ކޮންކަމެއް ހެއްޔެވެ؟ އޭނަ ބޭނުންވިހާ ވެސް ކަމަކީ އޭނަގެ ލޯބިވާ
ޢާއިލާއާއެކީ އުފާވެރި ޙަޔާތެއް ވޭތުކުރުމެވެ. އޭނަގެ ޢާއިލާ އޭނައަށް ގެއްލެންވީ
ކީއްވެ ހެއްޔެވެ؟ މިހާ ގިނަ ދުވަސްވަންދެން އޭނައަށް އޭނަގެ ދަރިފުޅު ނުވެސް ފެނި
އުޅެންޖެހުނީ ކީއްވެ ހެއްޔެވެ؟ އަދި މިއަދު އެ ދަރިފުޅުކަމަށް ނުހަނު ޔަޤީނާއި
ގާތްވި ކުއްޖަކު ވެސް އޭނައާއި ބީރައްޓެހި ގޮތެއްގައި އެ ފެންނަނީ ކީއްވެ
ހެއްޔެވެ؟ އޭނައަށް އޭނަގެ ލޯބިވާ އަންހެނުންނާއި ދަރިފުޅު ފެނުމުގެ ނަސީބެއް ދެން
ނެތީ ހެއްޔެވެ؟ ހިތަށް ވެރިވަމުން ދިޔަ އެތައް ޝަކުވާއަކާއެކީ ރޮމުން މިރްޒާން
ގޮސް އެތާ ކައިރީގައި ހުރި ގޮނޑިތަކެއްގެ ތެރެއިން ގޮނޑިއެއްގައި އިށީނެވެ.
އެއަށްފަހު ދެއަތުން އޭނަގެ މޫނު ފޮރުވާލީ މުޅި ދުނިޔެއަށް ވެސް ފިލަން ބޭނުންވި
ފަދައަކުންނެވެ. ޙަޤީޤަތާއި ކުރިމަތިލާން ބޭނުންނުވާ ފަދައަކުންނެވެ. މިއަދު
އޭނަގެ ހިތުތެރޭގައި ވަރުގަދަވަމުން ދިޔަ އުއްމީދުގެ ހުޅުކޮޅު ނިވެން ގާތްވި
ވަގުތު އޭނަގެ ހިތަށް އާޔަތެއް ވެރިވިއެވެ. އެއީ އޭނަގެ އެންމެ ހިތާމަވެރި
ދުވަސްތަކުން އަރައިގަތް ދުވަސްވަރު އޭނަގެ ހިތަށް އެންމެ އަސަރު ފޯރުކުރުވި
އާޔަތެވެ. ކާފިރުވި މީހުން ނޫނީ ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑާނުލާނެ ކަމަށް
ޔަޢްޤޫބް ޢަލައިހިއްސަލާމް ވިދާޅުވެފައިވި އާޔަތެވެ. އެކަލޭގެފާނު ވެސް އެހެން
ވިދާޅުވީ އޭނަ މިއަދުވީ ފަދަ ޙާލަތެއްގައި ވެވަޑައިގެންވަނިކޮށްކަން ހަނދާނަށް
އައެވެ. ހަމަ އެއާއެކު އޭނަ މި ހުރިހާ ދުވަހުވެސް ހިފަހައްޓައިގެން ހުރި
އުއްމީދުގައި ހިފެހެއްޓުމަށް މިރްޒާނަށް ހިތްވަރެއް ލިބިގެން ދިޔައެވެ. ޔަޢްޤޫބް
ޢަލައިހިއްސަލާމް ﷲ ގެ ރަޙްމަތުން އުއްމީދު ކަނޑުއްވާ ނުލެއްވުމުން ﷲ
އެކަލޭގެފާނަށް ބަދަލުދެއްވި ގޮތް ހަނދާންވެގެން ދިޔުމުންނެވެ. އަދި ﷲ އަށް ޝުކުރު
ނުކުރާ ކާފިރުންގެ ތެރެއިން ވެސް ނުވުމަށެވެ. ދެންމެ އޭނަގެ ހިތް ޝަކުވާތަކުން
ފުރިގެން ދިޔައީ ޝައިޠާނާގެ ވަސްވާސްތަކުންކަން ޔަޤީނެވެ. އެހެނީ ޝައިޠާނާގެ
އެންމެ ބޮޑު އެއް އެދުމަކީ އިންސާނާގެ ހިތުން އުއްމީދު ކަނޑުވާލުމެވެ. އޭރުން އެ
އިންސާނާ ﷲ ގެ މަގުން އެއްކިބާކުރަން ފަސޭހަވެގެން ދާނެތީވެއެވެ. މިރްޒާން އެ
ވަސްވާސްތަކަށް ނުހެއްލުމަށްޓަކައި ވަގުތުން ސާބިތުކަން ލިބިގެން ދިޔަ ހިތަކާއެކީ
އޭނަގެ ކަރުނަތައް ފޮހެލިއެވެ. އަދި މިއަދު ﷲ އޭނައަށް ދެއްވާފައިވި
ނިޢުމަތްތަކުގެ މަތިން ހަނދާންކުރެވޭތޯ ބެލިއެވެ. މިއަދު އޭނައާއި ގާތުގައި އެވަނީ
އޭނަގެ ދަރިފުޅަށް ނުވިޔަސް އޭނައަށް މި ލިބުނީ ކިހާ ބޮޑު ނިޢުމަތެއް ހެއްޔެވެ؟
އޭނަގެ ދަރިފުޅާއި އެއްވައްތަރުވާ ކުއްޖަކަށް އަޅާލައި އެކުއްޖަކަށް އޭނަގެ
ހިތުގައި އެތައް ޒަމާނެއް ވަންދެން ވަޅުލެވިފައިވި ބައްޕައެއްގެ ލޯބި ދިނުމުގެ
ފުރުޞަތު އޭނައަށް މިވަނީ ލިބިފައެވެ. ކުޑަ ހިނދުކޮޅަކަށް ވިޔަސްމެއެވެ. އޭނަ މި
ނިޢުމަތުގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފާނެއެވެ. އޭނައަށް ވެވެންހާ އޮތް
އެހީއެއް އޭނަ ހަސަނަށް ފޯރުކޮށްދޭނެއެވެ. އެއިން ﷲ ގެ ރުހިވޮޑިގަތުން ލިބުމަށެވެ.
އެ ރުހިވޮޑިގަތުމުގެ ސަބަބުން އޭނައަށް އޭނަގެ ޢާއިލާއާއި އަނެއްކާވެސް
ބައްދަލުވެދާނެ ކަމުގެ އުއްމީދުގައެވެ. މި ދުނިޔޭގައި ނުވިނަމަ
އާޚިރަތުގައިވިޔަސްމެއެވެ. ހިތަށްވެރިވި އެ އިޙްސާސްތަކާއެކީ މިރްޒާނަށް
ހިތްވަރެއް ލިބުނެވެ. ހިތުތެރެއިން އައި އެންމެ އާޔަތެއްގެ ސަބަބުން އޭނަގެ ފުން
ހިތާމައަކަށް ރާހަތެއް ލިބުނު ކަހަލަ އިޙްސާސެއް ކުރެވުމުން މިރްޒާން ޙައިރާންވާ
ގޮތްވެސްވިއެވެ. އެހެނަސް ﷲ ގެ ބަސްފުޅަކީ ހިތުތެރޭގައިވި ކަންތައްތަކަށް ހުރި
ޝިފާއެއްކަން ހަނދާންވި ވަގުތު މިރްޒާނަށް ހިނިތުންވެލެވުނެވެ. އެއަށްފަހު އޭނަ
ގޮނޑިން ތެދުވެލީ އަނެއްކާވެސް ހަސަންގެ ގާތަށް ދިޔުމަށެވެ. އޭނައަށް ނޭނގުނު
ކަމަކީ އޭނަ އެފަދަ ދަތި ޙާލަތްތަކުން ވެސް އަރައިގެން ﷲ ގެ ރަޙްމަތަށް ކުރާ
އުއްމީދުގައި ހިފަހައްޓަން ނިންމާ ކޮންމެ ފަހަރަކު އޭނަގެ ހިތުގެ އެންމެ ބޮޑު
އެދުން ފުރިހަމަވުމާއި އޭނަ ގާތްވަމުން ދިޔަކަމެވެ.
ނަރުސްކުއްޖާ ބުނި ފަދައިން
ގަޑިއިރެއްގެ ތެރޭގައި ހަސަންގެ އަނގަމަތިން އޮކްސިޖަން މާސްކް ނަގާލެވުނެވެ.
އެއަށްފަހު ޑޮކްޓަރު ކަށިގަނޑު އަޅައި ބަލާލުމަށްފަހު ރަނގަޅަށް ނޭވާލެވޭތޯ
ސުވާލުކުރުމުން ހަސަން އާނއެކޭ ބުންޏެވެ. ޑޮކްޓަރު ދިޔުމުން ހަސަން އޭނައާއި
އޮމާންކޮށް ވާހަކަ ދެއްކި ގޮތުން އެއީ ތެދެއްކަން މިރްޒާނަށް އެނގުނެވެ.
"ދެން އަހަރެން ބޭނުމީ
ދާން ބޭބޭ. މައްސަލައެއް ނުޖެހޭނެއޭ! ކުރީ ދެދުވަހު ވެސް އެމީހުން ބުނީ 12
ގަޑިއިރު ވަންދެން އޮންނަން ޖެހޭނެއޭ. އެކަމަކު އަހަރެން ހަމަ އިރުކޮޅަކު އޮވެފަ
ދިޔައީ." ހަސަން އެނދުގައި އިށީނދެ އިނދެ ވާހަކަ ދެއްކިއެވެ.
"ހެހެ....ތިހެންވެ
ކަންނޭނގެއެއްނު މުޅިން ރަނގަޅު ނުވެގެން ތިއުޅެނީ؟ 12 ގަޑިއިރު ވަންދެން އެ ބާއްވަނީ
އަރާމުވެސް ކުރުވަން ވެގެންނޭ. އަރާމުކުރުން ވަރަށް މުހިއްމުކަމަށް ޑޮކްޓަރު
ބުނުއްވިއެއްނު؟ މިރޭވެސް އަނެއްކާ ކަމެއް އޮތީތަ ހަސަން؟" މިރްޒާން އެނދުގެ
އެއްފަރާތަށް އަރައި އިށީނދެގެން އިނދެ އެކުވެރިއެއް ފަދައިން ސުވާލުކުރިއެވެ.
"މިރޭ ނެތް. އެކަމަކު ގޭ
މީހުން ރުޅި އަންނާނެ އަހަރެން ގެއަށް ނުދިޔައިއްޔާ." ހަސަން އިސްޖެހިފައި
އިނދެ ބުންޏެވެ. އެއާއެކު މިރްޒާންގެ ދެބުމަ ކައިރިވިއެވެ.
"ގޭ ކޮންބައެއް؟
އެމީހުންނަށް ގުޅާފަ ބުނަންވީއެއްނު ތިމަންނަ މިއޮތީ މަރުކަޒުގަ ބާއްވާފައޭ؟"
މިރްޒާން ހިސާބެއްގެ ނުރުހުންތެރިކަމާއެކީ ބުނެލިއެވެ. ނުރުހުންވީ ހަސަންގެ ތިމާގެ
މީހުން އޭނަ ވީ ތަނެއްވެސް ބަލަން ނޫޅޭ ކަމަށްޓަކައެވެ.
"އެމީހުން.....ޕިސް! ދެން
އަހަރެން ބޭނުމެއްނުވެއޭ މިކަހަލަ ފޫހި ތަނެއްގަ އޮންނާކަށް! އަދި އެހާ ގިނައިރު
ވަންދެން!" ހަސަން އޭނަގެ ތިމާގެ ވާހަކަ ކިޔައިދޭން އުޅޭފައި ހިސާބެއްގެ
ނުތަނަވަސްކަމާއެކީ މިރްޒާނަށް ބަލާލަމުން ޗޮއްކަނޑައި ވާހަކަ އޮޅުވިއެވެ. އެކަން
ކިތަންމެ ރަނގަޅަށް ފާހަގަވިއެއްކަމަކު ފާހަގަނުވާ ކަމަށް ހެދެން މިރްޒާން
ބޭނުންވިއެވެ. ހަސަން އޭނައަށް ފޮރުވަން ބޭނުންވާ ވާހަކައެއް އިތުރަށް ހޯދަން
ނުއުޅުމަށެވެ. މީހަކު އޭނަ ފޮރުވަން އުޅޭ ކަމެއް ކޮނެ ހޯދަން މަސައްކަތް ކުރުމުން
އޭނަ ނުރުހުންވާވަރު ހަނދާން ބަހައްޓަމުންނެވެ. އެހެންކަމުން ހަސަން ފަހުން ދެއްކި
ވާހަކައަށް ބުރަވެ މިރްޒާން ލުއި ހިނިތުންވުމެއް ދައްކާލިއެވެ.
"ފޫހީ ދޯ އަސްލު؟
ހުމް....ހިނގާބަލަ ދެމީހުން ގޭމެއް ކުޅެން އެހެންވީމަ." މިރްޒާން އެހެން
ބުނެލީ އޭނަގެ ފޯނު ޖީބުން ނަގަމުންނެވެ. ހަސަން ކޮން ގޭމެއްތޯ އަހާލުމުން
މިރްޒާން އޭނަގެ ފޯނު ގަތްއިރު ވެސް ހުރި ގޭމްތަކެއްގެ ތެރެއިން މަޝްހޫރު ގޭމެއް
ހުޅުވާލިއެވެ. މިރްޒާން ހީކުރީ ހަސަނަށް އެ ގޭމް އެނގޭނެ ކަމަށެވެ. އެ ފުރައިގެ
ކުދިންނަށް ޒަމާނީ ހުރިހާ ކުޅިވަރެއްގެ މަޢުލޫމާތު އެނގޭނެ ވިއްޔާއެވެ. އެހެނަސް
ގޭމު ހުޅުވާފައި ހަސަނަށް ދިއްކޮށްލުމުން ހަސަންގެ ނިތަށް ރޫގިނަވިއެވެ. މިއީ
ކިހިނެއް ކުޅޭ އެއްޗެއްތޯ އެހިއެވެ. އެ ޢުމުރުގައި މަސައްކަތް ކުރަންވުމުން ހަސަން
އެ ޒާތުގެ ކަންތަކުން ވެސް ދުރުވެފައިވި މިންވަރު މިރްޒާނަށް އެނގުނީ އެވަގުތެވެ.
ހަމަ އެއާއެކު ހަސަނާއި ބެހޭގޮތުން އަނެއްކާވެސް ހިތުގައި ސުވާލުތައް އުފެދެން
ފެށިއެވެ. އެ ސުވާލުތަކެއްގެ ސަބަބުން އަނެއްކާވެސް ހަސަނާއި އޭނައާއި ދެމެދު
ގުޅުމެއް އޮވެދާނެބާއޭ ބުނެ މިރްޒާންގެ ހިތް ގޮވަން ފެށިއެވެ. އެހެނަސް ހިތަށް
އިތުރު ވޭނެއް ނުދިނުމަށްޓަކައި އެ މިޞްރާބަށް ވާހަކަ ނުގެންދިޔުމަށް މިރްޒާންގެ
ސިކުނޑި އެންގިއެވެ. އެހެންކަމުން އޭގެ ބަދަލުގައި އޭނަ ހިނިތުންވުމަކާއެކީ
ހަސަނަށް އެ ގޭމު ކުޅެން ދަސްކޮށްދިނެވެ. ކުރީކޮޅު ހަސަން އޭތި ކުޅެން ފޫހިވެފައި
އިނެއްކަމަކު މާ ގިނައިރެއްނުވެ އޭނަ ފޯރި އެރިއެވެ. ކޮންމެ ލެވެލްއެއް ނިމުމުން
އޭނަ 'ޔެސް' އޭ ކިޔައި މިރްޒާނަށް ބަލަމުން ދިޔައެވެ. ނޭނގޭ ސަބަބަކާހުރެ ހަސަން
އެހާ އުފަލުން އިންތަން ފެނިފައި މިރްޒާންގެ ހިތަށް އާދަޔާ ޚިލާފު ފިނިކަމެއް
ލިބުނެވެ. އެއީ އޭނަގެ ދަރިފުޅު ނޫންކަމަށް ނިންމަން އުޅުމުން ވެސް އޭނައަށް
މިވަނީ ކިހިނެއްތޯ ހިތަށްއަރަމުން ދިޔައެވެ. ހަސަންގެ މިޒާޖު އިތުރަށް އެނގެމުން
ދިޔަވަރަކަށް މިރްޒާންގެ ހިތުގައި އެކުއްޖާއަށްޓަކައި އޮތް ލޯބި އިތުރުވުން
ނޫންކަމެއް ނުވިއެވެ. ވަކި ހިސާބަކުން އޭނަ ފޯނު ދިއްކޮށް ބޭބެވެސް ކުޅެންވީ
ނޫންތޯ ބުނެލީ ބޭބެވެސް ފޫހިވާނެކަމަށް ބުނަމުންނެވެ. އެހެނަސް މިރްޒާން އިންކާރު
ކުރިއެވެ. މަޣްރިބް ނަމާދަށް ބަންގި ގޮވަން ފެށީ އެމީހުން އެހެން ތިއްބައެވެ.
ބަންގީގެ އަޑު އިވުމާއެކު ނަމާދަށް ހިނގާށޭ ދެމީހުންނަށް ބުނެލެވުނީ އެކުއެކީގައެވެ.
އެ ހިނދު އެކަކު އަނެކަކަށް ބަލާފައި ދެމީހުންނަށްވެސް ހީލެވުނެވެ. ވޯޑުގައި ހުރި
ފާޚާނާއިން ދެމީހުން ވެސް ވުޟޫކޮށްލައިގެން މިރްޒާން އިމާމްވެ ދެމީހުން ނަމާދުކުރީ
ވޯޑު ތެރޭގައެވެ. ނަމާދު ތެރޭގައި މިރްޒާން ކިޔެވީ 'މުޙްސިނުން' ސިފަކޮށްދޭ
އާޔަތްތަކެވެ. ހަސަނާއިއެކީ ނަމާދުކުރިއިރު އެ އާޔަތްތައް ކިޔަވަން ހިތް އެދުނު
މިންވަރުންނެވެ. ސަލާމް ދިނުމަށްފަހު ޢާއްމު ގޮތެއްގައި އެ ޢުމުރުގެ ކުދިން ހަދާނެ
ފަދައިން އިތުރު ޒިކުރެއް ނުކިޔައި ހަސަން ތެދުވެގެން ދާނެ ކަމަށް މިރްޒާން
ހީކުރިއެވެ. އެހެނަސް އެ ހީއާއި ޚިލާފަށް ސަލާމް ދިނުމަށްފަހު ހަސަން ވެސް
އޭނައާއެކީ ޒިކުރުތައް ކިޔަން އިނެވެ. އަދި ޒިކުރުތަކަށްފަހު ދެއަތް ހިއްލައި
ދުޢާވެސް ކުރަން ފެށިއެވެ. އެމަންޒަރު ފެނިފައި ހިތަށް ވެރިވި ޙައިރާންކަމާއި
އުފާވެރިކަމާއެކީ ދުރަށް ނަޒަރު ހިންގާލަމުން މިރްޒާން އޭނަގެ ޒިކުރުތަކާއިގެން
ކުރިއަށް ދިޔައެވެ. ނަމަވެސް އަނެއްކާވެސް ހަސަނަށް ބަލާލަން މަޖުބޫރުވީ ހަސަންގެ
ގިސްލުމެއްގެ އަޑު އިވުމުންނެވެ. މިރްޒާން ބަލާލިއިރު ހަސަން އިނީ ދުޢާގެ ތެރެއިން
ރޮވިފައެވެ. އޭނަ ބަލާލިތާ ހިނދުކޮޅެއްގެ ތެރޭގައި ހަސަން ދެންވެސް އަތް
ހިއްލައިގެން އިނދެ ފެންކަޅިވެފައިވާ ދެލޮލާއެކީ މިރްޒާނަށް ބަލާލިއެވެ. އެ ހިނދު
މިރްޒާންގެ ހިތުގައި ނޭނގޭ ޖަޒުބާތުތަކެއް ހިނގާލިއެވެ. އެކުއްޖާގެ ލޮލުން
އޭނައަށް ފެނުނީ ޝަކުވާއެކެވެ. ނޭނގޭ ސަބަބަކާހުރެ ހަސަން އެ ދުޢާކުރި ކަންތައް
އޭނަގެ ފަރާތުން ފުރިހަމަވާނެހެން މިރްޒާނަށް ހީވިއެވެ. މިރްޒާން އެއްޗެކޭ ބުނަން
އަނގަ ހުޅުވާލި ވަގުތު ހަސަން މޫނުގައި އަތްއަޅައި އޭނަގެ ކަރުނަތައް ފޮހެލިއެވެ.
އެއަށްފަހު އިތުރަށް މަޑުކުރުމެއްނެތި ސުންނަތް ނަމާދަށް ތެދުވެ ނަމާދު ކުރަން
ފެށިއެވެ.
ހަސަންގެ ފަރާތުން އެ ފެނުނު
އާދަޔާ ޚިލާފު ޙަރަކާތާއި ބެހޭގޮތުން ކިތަންމެ ސުވާލުކުރަން ބޭނުންވިއެއްކަމަކު
މިރްޒާނަށް އެ ހިތްވަރެއް ނުލިބުނެވެ. އަދި އަމުދުން މަޣްރިބް ނަމާދަށްފަހު ނުހަނު
ޝައުޤުވެރިކަމާއެކީ އޭނަ ޤުރުއާން ކިޔަވާ ހިތްވާ ވާހަކަ ބުނުމުން މިރްޒާން
ހަސަންގެ މޫޑު ޚަރާބު ކުރާކަށް ބޭނުމެއްނުވިއެވެ. ހަސަން ކިޔެވީ ރީތި ރާގަކަށް
ކަމަށްނުވިޔަސް އޭނަ ފުދޭވަރަކަށް އިރު ވަންދެން މިރްޒާންގެ ފޯނުން ބަލައިގެން
ކިޔަވަން އިނީ ކިޔަވާ ހިތުންނެވެ. އެއަށްފަހު މިރްޒާނަށް ވެސް ފޯނު ދިއްކޮށްލަމުން
ބޭބެ ކިޔަވާށޭ ބުންޏެވެ. ޢިޝާ ނަމާދު ވަގުތުވީ ދެމީހުން އެކަކު އަނެކަކަށް
ކިޔަވައިދީދީ ތިއްބައެވެ. ޢިޝާ ނަމާދަށްފަހު ވެސް ހަސަން ދުޢާކުރިއެއްކަމަކު
މިފަހަރު އޭނަ ކުރި ކުރު ދުޢާގެ ތެރެއިން އޭނައަށް ނުރޮވެއެވެ. އެ ނަމާދަށްފަހު
ވެސް ސުންނަތް ނަމާދުތައް އަދާކޮށް އެދެމީހުން ނިމުނީ އެކުއެކީގައެވެ. އެއަށްފަހު
ދެކެވުނީ ކެއުމުގެ ވާހަކައެވެ. މިރްޒާން އުޅުނީ އޭނަގެ އަމިއްލަ ފައިސާއިން
ހަސަނަށް ކާންދޭށެވެ. އެހެނަސް ހަސަން ބޭނުންވީ ދެމީހުންވެސް އެކީގައި ލާރި
ދައްކައިގެން ދެމީހުންގެ ކާ އެއްޗެހި އޯޑަރު ކުރާށެވެ. މިރްޒާން
ހިނިތުންވުމަކާއެކީ އެއްބަސްވެލަމުން އެގޮތަށް ކަންތައް ކުރިއެވެ. ވޭތުވެ ދިޔަ
އެތައް އަހަރަކަށްފަހު މިރްޒާނަށް ކާ ހިތުން ކެވުނީ އެރެއޭ ބުންޏަސް ދޮގަކަށް
ނުވާނެއެވެ. މި ވޭތުވެ ދިޔަ އަހަރުތަކުގެ ތެރޭގައި އޭނަ މެންދުރާއި ރޭގަނޑުގެ
ކާންޖެހިފައިވީ ފަޅު ގެއެއްގެ ކާމޭޒު ދޮށުގައި އެކަނިމާއެކަނި އިނދެއެވެ. އޮފީހުގެ
ޙަފްލާއަކަށް ގޮސް މީރު ކާއެއްޗެހި ފެނިފައި ވެސް ކާ ހިތްނުވަނީ އެފަދަ މީރު
ކާއެއްޗެހި އޭނަ އެންމެ ލޯބިވާ ދެމީހުންނަށް ލިބޭނެބާއޭ ހިތަށްއަރާ ވަރުންނެވެ.
އެހެނަސް ނޭނގޭ ސަބަބަކާހުރެ އޭނަގެ ހިތަށް އެރޭ ވެރިވެފައިވީ އާދަޔާ ޚިލާފު
އުފާވެރިކަމެކެވެ. ކެއުމުގެ ތެރެއިން ވެސް ހަސަން ކުރަމުން ދިޔަ ސަމާސާތަކުން
މިރްޒާން ހެމުން ދިޔައިރު އެ އުފާވެރިކަން އޭނަގެ ލޮލާއި ހަމައަށް ފޯރިއެވެ. އެ
ޒުވާން ރޫޙުން މިރްޒާންގެ ހިތަށް ދިރުމެއް ގެނެސްފައިވި ފަދައެވެ. ކައިގެން
ބޭސްވެސް ކެއުމަށްފަހު މާ ގިނައިރެއްނުވެ ހަސަން ނިދަން އޮށޯވެ ފުން ނިންޖެއްގެ
ތެރެއަށް ގެނބުމުން މިރްޒާނަށް އެކަނިވެރިކަމެއް އިޙްސާސް ކުރެވުނީ އެހެންވެ
ކަންނޭނގެއެވެ. ދަންވަމުން ދިޔަދިޔަހެން މިރްޒާން ގޮނޑީގައި އިނދެ ނިދަން
އުޅުނެއްކަމަކު ހިތަށް ވެރިވެފައިވި ޖޯޝެއްގެ ސަބަބުން މިރްޒާނަށް ނިދޭ ގޮތެއްވެސް
ނުވިއެވެ. ފަނޑު އަލީގެ ތެރެއިން ހަސަން ނިދިފައި އޮތް މަންޒަރު ފެނިފައި އެތައް
ފަހަރެއްގެ މަތިން އޭނައަށް ގޮވާލަން ހިތަށްއެރިއެވެ. ހަސަންގެ އަޑުއަހައި
ހަސަނާއެކީ ވަގުތު ހޭދަކުރަން ހިތް އެދުނު ވަރުންނެވެ.
މިރްޒާނަށް އެރޭ ނިދޭ ގޮތްވީ
ފަތިހު 4 ޖަހަން ގާތްވެފައި ވަނިކޮށެވެ. އޭގެ މާ ގިނައިރެއްނުވެ ޑޮކްޓަރަކާއި
ނަރުހެއް ވޯޑަށް ވަދެގެން އައުމުން މިރްޒާނަށް ހޭލެވުނެވެ. އެމީހުން އައީ ފަހު
ފަހަރަށް ހަސަން ބަލައި ހަސަން ދޫކޮށްލުމަށެވެ. އެހެންކަމުން މިރްޒާން ހަސަނަށް
ގޮވައި އެމީހުންނަށް އެއްބާރުލުން ދިނެވެ. އޭނައަށް ގެއަށް ދެވިދާނެ ވާހަކަ
އިވުމުން ހަސަންގެ މޫނުމައްޗަށް އުޖާލާވި ހިނިތުންވުން ފެނިފައި މިރްޒާނަށް ވެސް
ހިނިތުންވެލެވުނެވެ. މަރުކަޒުން ނިކުތުމަށްޓަކައި ދެމީހުން ހިނގައިގަތީ
އެކުއެކީގައެވެ. މަރުކަޒުގެ މައިދޮރުން ނިކުމެ އެތާކުރިމަތީގައި ހިޔާ ކޮށްފައި
އޮންނަތަން ވެސް ހުރަސްކޮށް ސިޑީގެ އެންމެ ފަހު ހަރުފަތް ގިރާ ކުރެވުނު ވަގުތު
ހަސަން ވާހަކަ ދެއްކިއެވެ.
"އޯކޭ ބޭބޭ....ދެން
އަހަރެން ދަނީ. ބޭބެ ކޮށްދިން ކަންތަކަށްޓަކައި ވަރަށް ޝުކުރުވެރިވަން. އަސްލު
ބޭބެ ރޭގަ ގެއަށް ދާނެކަމަށް އަހަރެން ހީކުރީ. ކީއްވެ ބޭބެ ގެއަށް ނުދިޔައީ؟"
ފަތިހުގެ އެ ވަގުތު މަގުމައްޗަށް ވެރިވެފައިވި ހަމަހިމޭންކަމުގެ ތެރެއިން ހަސަން
މިރްޒާން ކުރެން އެހިއެވެ.
"ފުރަތަމަ ކަމަކަށް، ބޭބެގެ ގެ ހުރީ މާލޭގަ. ދެވަނަ ކަމަކަށް ހަސަން
ދޫކޮށްލާފަ ނުދިޔައީ......މުޙްސިނަކަށް ވުމަށްޓަކައި." މިރްޒާން އެ ފަހު
ބަސްތައް ބުނެލީ ހިތާމަވެރިކަން ވެރިވާން ފެށި މޫނަކާއެކީ އިސްޖަހާލަމުންނެވެ. އެ
ހިނދު މިރްޒާނަށް ނުފެނުނެއްކަމަކު މިރްޒާނަށް ބަލަން ހުރި ހަސަންގެ މޫނުމަތިން
ވެސް ފެންނަމުން ދިޔައީ އެފަދަ ކުލަވަރެކެވެ.
"މުޙްސިނުންނަކީ
ކޮންބައެއްތަ.....ބޭބޭ؟" ހަސަން މިރްޒާންގެ މޫނުން ނަޒަރު ވަކިކުރުމެއްނެތި
އަހާލިއެވެ. އެއާއެކު މިރްޒާން ހިނިތުންވާން މަސައްކަތް ކުރަމުން
އިސްއުފުލާލިއެވެ.
"އެއީ އެމީހުން އަޅުކަން
ކުރާއިރު ﷲ އެމީހުންނަށް ބައްލަވާވޮޑިގެންވާކަން ހަނދާނުގައި ބަހައްޓާ މީހުން.
އެމީހުން އަބަދުވެސް ހަނދާންހުރޭ ﷲ އެމީހުން ބައްލަވާ ވޮޑިގެންވާކަން. އޭގެ
ނަތީޖާއެއްގެ ގޮތުން އެމީހުން ކުރާ ކޮންމެ ކަމެއް ކުރާނީ އެންމެ
ފުރިހަމައަށް." މިރްޒާން ތަފްޞީލުކޮށް ކިޔައިދިނެވެ.
"ވަރަށް ރީތި ނަމެއް....ދޯ
އެމީހުންނަށް ކިޔަނީ؟" ހަސަން އެހިއެވެ. މިރްޒާން ތުންފިއްތާލަމުން
ހިނިތުންވުމަކާއެކީ ބޯޖަހާލި ހިނދު އޭނަގެ ލޮލަށް އުދަގޫވާން ފެށިއެވެ. ކަރުނަތައް
އޭނަގެ ލޮލަށް ޖަމާވުމުގެ ކުރިން މިރްޒާން އަވަސްއަވަހަށް އޭނަގެ އެސްފިޔަތައް
ޖަހަމުން ވާހަކަ ދެއްކިއެވެ.
"ދެން ހިނގާދޯ އަވަހަށް
ގެއަށް؟ ހަސަންގެ ގެ ހުންނަނީ މިތަނާ ވަރަށް ދުރުގަތަ؟" މިރްޒާން އެހިއެވެ.
އެއާއެކު ހަސަންގެ މޫނުމައްޗަށް ކަންބޮޑުވުން ވެރިވިއެވެ.
"ން..ނޫން ކައިރީގަ. ބޭބެ
ނުދިޔަޔަސް އަހަންނަށް ދެވިދާނެ އެކަނި. ބޭބެ ގެއަށް ދިޔަޔަސް ހެޔޮ." ހަސަން
އަވަސްއަވަހަށް ވާހަކަ ދެއްކީ ކަމެއް ފޮރުވަން އުޅޭ ފަދައަކުންނެވެ. އެކަން
މިރްޒާނަށް ފާހަގަވީހެނެއް ހިއެއްނުވެއެވެ.
"އަނހާ ހަސަން! ބޭބެ
ބުނެފީމެއްނު ބޭބެގެ ގެ ހުރީ މާލޭގައޭ؟ ދެން ފްލައިޓެއް އޮތްއިރެއް ބަލާފަ ފުރެން
އޮތީވެސް. ފުރާ ގަޑި ޖެހެންދެން ހަސަންއާއެކީ ހުންނަންކަމަށް މި
ވިސްނަނީވެސް." މިރްޒާން ހިނިތުންވުމަކާއެކީ ބުނެލިއެވެ. އެއާއެކު ހަސަންގެ
މޫނުމައްޗަށް އިތުރު ހާސްކަމެއް ވެރިވިއެވެ.
"ނޫން ބޭބޭ ނޫން. ގޭގަ
އުޅޭ ބޭބެމެން އެހާ ހިތްހަމަނުޖެހޭނެ ބޭބެ ދިޔައިމަ. ޕްލީޒް ބޭބޭ!" ހަސަން
އާދޭހުގެ ރާގަކަށް ބުނެލިއެވެ.
"އެހެންތަ؟ އެހެންވެއްޖެއްޔާ
ބޭބެ ކޮންމެހެން ނޫޅެމޭ ތިގެއަށް ވަންނާކަށް. ހަސަން ގެއަށް ލައިދޭން ބޭބެއަށް
ދެވިދާނެއެއްނު؟ ބޭނުން ވީހާވެސް ވަރަކަށް ހަސަންއާއެކީ ވަގުތު
ހޭދަކޮށްލަން." މިރްޒާން ބުނެލިއެވެ. އޭނަގެ ވާހަކައިގެ މެދުތެރެއިން ހަސަން
އެއްޗެކޭ ބުނަން އުޅުނެއްކަމަކު މިރްޒާންގެ ފަހު ޖުމްލައާއެކީ ހަސަންގެ ތުންފަތް
ކައިރިވެގެން ދިޔަ އޭނަގެ ހިތަށް އަސަރެއް ކުރި ފަދައަކުންނެވެ. ހިމޭންކަމުގެ
ވަގުތުކޮޅަކަށް މިރްޒާނަށް ބަލަން ހުރެފައި ހަސަން ވާހަކަ ދެއްކިއެވެ.
"އެންމެ ރަނގަޅު..."
ހަސަން ބޯޖަހާލަމުން ބުނެލިއެވެ. އެއާއެކު މިރްޒާން ފުންވެގެން ދިޔަ ހިނިތުންވުމަކާއެކީ
ހިނގާށޭ ބުންޏެވެ.
ހުދުކުލައިގެ ބޮކިތަކުން
ދިއްލާލެވިފައިވި ބޮޑުމަގުގެ ޕޭވްމެންޓް މަތިން މިރްޒާނާއި ހަސަން ހިނގާފައި
ދިޔައިރު އިސްވެ ގިނައިން ވާހަކަ ދެއްކީ މިރްޒާނެވެ. ރަށުތެރެއިން ފެންނަމުން ދިޔަ
އެކި ތަންތަނާއި ބެހޭގޮތުން މިރްޒާން ސުވާލުކުރަމުން ދިޔަ ވަރަކަށް ހަސަން ޖަވާބު
ދެމުން ދިޔައެވެ. މިނެޓްތަކެއް ވަންދެން ހިނގުމަށްފަހު ހަސަން މަޑުކޮށްލީ މެދު
ފަންތީގެ ޒާތަށް ހަދާލެވިފައިވި ގެއެއްގެ ކުރިމައްޗަށެވެ. ގޭގެ ކުރު މައިދޮރު ދެ
ފަރާތުން ރޭވިފައި ހުރި ފާރަކުން ހެދިފައިވީއިރު އެ ފާރުގައި ސިމެންތިވެސް
ޖަހާފައެއްނެތެވެ. އެ މައިދޮރު ފަހަނަޅައި ދެވެން އޮތް ހާމަ ފެންޑާގެ އެފަރާތުން
ފެންނަމުން ދިޔައީ ނޫކުލައިގެ ދަވާދު ލާފައި ނުހަނު އާދައިގެ ކޮށް ހަދާފަ ހުރި
ގެއެކެވެ. މިރްޒާން ވިސްނުމެއްގެ ތެރޭގައި އެގެއަށް ބަލަން ހުއްޓާ ހަސަން އޭނައަށް
ގޮވާލަމުން ދަނީއޭ ބުނެލިއެވެ. މިރްޒާން ހިނިތުންވުމެއް ދައްކާލަމުން
ބޯޖަހާލިއެވެ. އެ ހިނދު ހަސަން މާޔޫސީ ގޮތަކަށް ފުން ނޭވައެއް ދޫކޮށްލަމުން ގޭގެ
ތެރެއަށް ވަދެގެން ދާން ފެށިއެވެ. ހަސަން ހިނގާފައި ގޮސް އެގޭގެ ލައްޕާލެވިފައިވި
ދޮރުގައި ޓަކި ދިން އިރު ވެސް މިރްޒާން ބަލަހައްޓައިގެން ހުއްޓެވެ. އެތެރެއިން
މީހަކު ދޮރު ހުޅުވައި ހަސަން ގެއަށް ވެއްދީވެސް މިރްޒާން ބަލަން ހުއްޓައެވެ.
ހަސަން މުޅިން އޭނައަށް ގެއްލުނުހެން ހީވި ވަގުތު މިރްޒާންގެ ކުރު ނޭވައެއް
ނިކުތެވެ. އެހެނަސް އޭނަ އަމިއްލަ ނަފްސު ހަމައަކަށް އަޅުވަމުން މިރްޒާން އޭނަގެ ނަޒަރު
އެގެއިން ވަކިކޮށް ކުރިއަށް ދާން އުޅުނެވެ. ހަމަ އެވަގުތު އެގޭގެ ދޮރު
ކުއްލިއަކަށް ހުޅުވާލެވުނު އަޑަށްފަހު ފިރިހެނެއްގެ އަޑު އިވުނެވެ.
"ކަލޭ ކީއްކުރަންތަ ގެއަށް
ވަދެގެން އައީ ލާރި ނުހޯދާ؟!" ފިރިހެން މީހާގެ ހަރުއަޑުން މުޅި މާޙައުލުގެ
ހިމޭންކަން ނެތިދިޔައެވެ. އެވަގުތު ގޭގެ ތެރޭގައި ހުރި ފިރިހެނަކު ހަސަންގެ
ގަމީހުގައި ހިފައި އޭނަ ގެއިން ބޭރަށް ކޮއްޕާލެވުނު މަންޒަރު ފެނިފައި މިރްޒާންގެ
ބުމަގޮށްޖެހުނެވެ.
"ބް...ބޭ އަހަރެން
ބަލިވީމަ މަރުކަޒުގަ ބޭއްވީ. އެތަނަށް އެމީހުން ޖަލްސާއަށް ނާންނަނީސް އަހަރެން
ހާސްވެގެން ދާންޖެހުން..." ހަސަނަށް އެހާ ހިސާބަށް ބުނެލެވުނުތަނާހެން އެ
ފިރިހެން މީހާގެ ހޫނު އެތިފަހަރެއް ހަސަންގެ މޫނުމައްޗަށް އެރިއެވެ. މަންޒަރު
ފެނުނު މިރްޒާން އައި ރުޅީގައި އޭނަގެ ހެއަށްވެސް ގޮތެއްވިއެވެ. މޫނު ރަތްވެ މުޅި
މީހާ ރޫރޫއެޅި ވަގުތު މިރްޒާން ގޭގެ ތެރެއަށް ދާން ހިނގައިގަތެވެ.
"ދެންވެސް މި ވޮލެޓު
ނަގާފަ ދީބަލަ!" އެ ފިރިހެންމީހާ ހަސަން ނުދޭން މަސައްކަތް ކުރިއެއްކަމަކު
ގަދަކަމުން ހަސަންގެ ޖީބަށް އަތް ކޮއްޕައި ވޮލެޓު ގަދަކަމުން ނެގިއެވެ. އެ މީހާ
ވޮލެޓު ހުޅުވައި ހުރި ހުރިހާ ނޫޓެއް ނަގަން އުޅުނު ވަގުތު މިރްޒާން ގޮސް އެ ވޮލެޓު
ޖަހައިގަތެވެ. އެ ހިނދު ދެރަވެފައި ހުރި ހަސަނާއި އެ ފިރިހެން މީހާގެ ނަޒަރު ވެސް
މިރްޒާނަށް އަމާޒުވިއެވެ.
"ކަލޭ ތީ ކާކުތަ
ފާޑުފާޑަށް ގެއަށް ވަދެގެން އައިސް ވޮލެޓު ޖަހައިގަންނަން؟" އެމީހާ
މިރްޒާނާއި ދިމާލަށް ބުނެލިއެވެ.
"ފުރަތަމަ ބުނެބަލަ ކަލޭ
ތީ ކާކު މި ކުޑަކުޑަ ކުއްޖާ ބުރަ މަސައްކަތުން ހޯދާ ލާރިން ވައްކަން ކުރަން؟ އަދި
އެއީވެސް އެކުއްޖާއަށް އަނިޔާ ކުރަމުން. އެހާ ގިނައިރުވަންދެން ކުއްޖާ ގޭގަ
ނެތްއިރު ވެސް ބަލާލާކަށް ވެސް މަސައްކަތެއް ނުކުރަމެއްނު؟ ތިއީތަ ތިމާގެ
ކުދިންނާއިމެދު ކަންކުރާ ގޮތަކީ؟" މިރްޒާން ރުޅިވެރިކަމާއެކީ އެ ފަހު ސުވާލު
ކުރި ހިނދު ހަސަންގެ ދެލޯ ބޮޑުވިއެވެ. އޭނަ ކުއްލިއަކަށް ދެން ހުރި ފިރިހެން
މީހާއަށް ބަލާލިއެވެ.
"ތިމާގެ
ކުއްޖެކޭ؟ މިއީ އަހަރުންނާ ތިމާގެ ކުއްޖެއް ނޫން. މީގެ ހަފްތާއެއްހާ ދުވަސްކުރިން
މީނަ އައީ ކުޑަ ކުއްޔަކަށް މިގޭގަ ހުރެވިދާނެހޭ ކިޔާފަ. މިގޭގަ ނޯކަރެއްގެ ގޮތުގަ
މަސައްކަތް ވެސް ކޮށްދޭނަމޭ ކިޔާފަ. އާލެއް އިޔާރެއް ހުރި މީހެއްނޫން މިއީ. މިރަށު
މީހެއްގެ ކުއްޖެއްވެސް ނޫން މިއީ." އެ ފިރިހެން މީހާ ކިޔައިދިން ވާހަކަތަކުން
މިރްޒާންގެ ނިތަށް ރޫގިނަވިއެވެ. އޭނައަށް ކުއްލިއަކަށް ބަލާލެވުނީ އޭނަގެ
އެއްފަރާތުގައި ހުރި ހަސަނާއި ދިމާލަށެވެ. އެ ހިނދު ހަސަން އޭނައަށް ބަލަން
ހުރެފައި އިސްޖަހާލީ ކުށްވެރިއެއް ފަދައިންނެވެ. ހަސަން އޭނައަށް ދޮގު ހެދީ
ކީއްވެތޯ މިރްޒާންގެ ހިތް ސުވާލުކުރިއެވެ.
Comments
Post a Comment