Hadhiya (part 16)


"ހެހެހެ....އޭރުން މިރްޒާނަށްވުރެ ވެސް ބޮޑަށް މަންމަ ދަރިފުޅުދެކެ ލޯބިވާނެ. ސުބްޙާނަ ﷲ! މިއީ ޙަޤީޤީ ލޯތްބަކީ. މިއީ ޙަޤީޤީ ނަފްރަތަކީ. އެއީ ދެއިރުގެ ދެދަޅައަށް ބަދަލުވާ މީހުންގެ ސަބަބުން ބަދަލުވާ ކަންތައްތަކެއްނޫން. އެއީ ޙައްޤާއި ބާޠިލަށް ބުރަވެ އެގޮތުގައި ދެމިހުންނަ ކަންތައް." ހާފިޒާ ބުނެލިއެވެ. އެ ބަސްތަކާއި އެއްބަސްވުމުން ގޮތުން އަމްނާއާއި މިރްޒާން އެކުއެކީގައި ބޯޖަހާލިއެވެ. ހަމަ އެހިނދު ލަތީފްވެސް އެ ދެމީހުންނަށް އަލްވަދާޢު ކިޔުމަށްޓަކައި އެތަނަށް އައެވެ. ލަތީފް އައިތާ މާ ގިނައިރެއްނުވެ ބޭރުގައި އޮތް ޓެކްސީއެއް ބަރުގޮނު އަޅާލި އަޑުއިވުނެވެ. އެއާއެކު މިރްޒާނާއި އަމްނާ ނިކުތުމަށް އަވަސްވެގަތެވެ. އެމީހުން ފެންޑާއަށް ނިކުތް ވަގުތަކީ ރުޅިން ރަތްވެފައި ހުރި މައިސޫން ގެއަށް ވަންނަމުން ދިޔަ ވަގުތެވެ. އެންމެން ވެސް ކުރި ބެލުމެއްނެތި ހިނގާފައި ދިޔުމުގެ ސަބަބުން މިރްޒާނާއި މައިސޫންގެ ކޮނޑުޖެހި އެމީހުންގެ ހިނގުމަށް ހުއްޓުމެއްއައެވެ. މިރްޒާން ސޮރީއޭ ކިޔައި ފަހަތް ބަލާލި ވަގުތު އޭނަ ހުއްޓުން އެރީ މައިސޫން އޭނައަށް ބަލަހައްޓައިގެން ހުރިގޮތުންނެވެ. އޭނަގެ ބުމަގޮށްޖެހި ދަތްކުނޑި ވިކެމުން ދިޔައިރު އައިސްފައިހުރި ރުޅިއެއްގެ ސަބަބުން މުޅި މީހާ ތުރުތުރު އަޅައެވެ. މިރްޒާން ބަލަން ހުއްޓާ މައިސޫން އޭނަގެ ދެ އިނގިލިން އޭނަގެ ލޮލަށް ޢިޝާރާތްކޮށް މިރްޒާންގެ ލޮލަށް ޢިޝާރާތް ކޮށްލިއެވެ. އެ ހިނދު މިރްޒާންގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ނެގީ މައިސޫން އަބަދުވެސް އެގޮތަށް ހަދާނީ ނުލަފާ ގޮތަކަށް އޭނައާއި ބަދަލު ހިފަން އުޅޭތީވެކަން އޭނައަށް އެނގޭތީވެއެވެ. އެހެނަސް މިއަދު މައިސޫން އޭނައަށް އެހާ ރުޅިވާންވީ ކީއްވެތޯ އެވަގުތު މިރްޒާންގެ ހިތް ސުވާލުކުރީ އޭނައަށް އެކަން ޔަޤީންނުވުމުންނެވެ. އޭނައަށް އެނގިގެން އޭނަ މި ވޭތުވެދިޔަ ދުވަސްތަކުގައި މައިސޫނަށް އެއްވެސް ދެރައެއް ދީފައެއްނުވެއެވެ. އެ ޚިޔާލު ހިތަށްވެރިވި ވަގުތު މިރްޒާންގެ ހަނދާނަށް އައީ އެއްރެއަކު އޭނަ މައިސޫންގެ ކޮޓަރި ކައިރިން ހިނގާފައި ދަނިކޮށް މައިސޫނާއި އޭނަގެ އަންހެނުންނާ ދެމެދު ހިނގި ޒުވާބުގެ އަޑު އިވުނު ގޮތެވެ. އެ ޒުވާބު އަޑު ނާހަން ހުއްޓެއްކަމަކު ބޭއިޚްތިޔާރުގައި އަޑުއަހަން މަޑުކޮށްލެވުނީ އަމްނާގެ ނަން އިވުމުންނެވެ.

"އަބަދު އަބަދު އެ އަމްނާ އަކާ އަޅައިގެން! ބަލަ އޭނަ އެހެރީ އެއޮތް ޒުވާން އުމުރުގަ ބަނޑުބޮޑުވެ ބައްޓަމާއި ރޫފަ ގެއްލިފައޭ!! އެހާވަރުން ވެސް އޭނައަށް އެބަ ބަލަމެއްނު؟ ނިކަން ބަލާބަލަ އެ މިރްޒާން އަމްނާ ގެންގުޅޭ ގޮތް ލޯބިކަން. މައިސޫން އަހަންނަށް އެގޮތަށް ކަންތައް ކޮށްދިނިއްޔާ ވާނީ ކީއް؟" އަމީރާ ހަރުއަޑުން ވާހަކަ ދެއްކި އަޑު އިވުނެވެ. އެއަށްފަހު އިވިގެން ދިޔައީ މައިސޫންގެ ހޫނު އެތިފަހަރެއް އަމީރާގެ ކޯތާފަތްމައްޗަށް އެރި އަޑެވެ. އޭގެ މާ ގިނައިރެއްނުވެ އަމީރާ ދެންވެސް ރޮވިފައިވާ ރުޅިވެރި އަޑަކުން ވާހަކަ ދެއްކި އަޑުއިވުނެވެ.

"މަ ޙަޤީޤަތާ އެއްގޮތަށް ވާހަކަ ދެއްކީމަ ކަމަކު ނުދޭދޯ؟ އެކަމަކު ހަނދާން ބަހައްޓާތި މިރްޒާނާއި އަމްނާ އެކުރާ ކަންތައް ކާމިޔާބުވީ ދުވަހަކުން މައިސޫނަށް ލިބޭ ލާރި މަދުވީމަ މަށެއް ނުހުންނާނަން މައިސޫނާއެކީ. އަހަރެން މައިސޫނާއެކީ ހުރީ ހަމައެކަނި އެ ލާރިއަށްޓަކައި. އަޑުއިވިއްޖެ؟" އަމީރާ ހަރުއަޑުން އެންގި އަޑުއިވުނެވެ. އެ ދުވަސްފަހުން މިރްޒާނަށް މައިސޫނާއި އަމީރާ ފެންނަމުން ދިޔައީ ތަފާތު ނަޒަރަކުންނެވެ. އޭނަ އަމްނާއާއެކީ ހުންނަ ވަގުތު މިރްޒާނަށް މައިސޫނާއި ދިމާލަށް ކަޅިއެއް ދެވެނީ މާ ގިނައިންނެވެ. އޭގެ ތެރެއިން ހަމަ ގިނަ ފަހަރު މައިސޫން އަމްނާއާއި ދިމާލަށް ބަލަހައްޓައިގެން ހުންނަކަން އެނގުންވުމުން ވާ އުދަގުލާއެކީ މިރްޒާން ވަގުތުން އަމްނާ ގޮވައިގެން މައިސޫން ނުފެންނަ ހިސާބަކަށް ގެންދެއެވެ. ދޭތެރެދޭތެރެއިން އަމީރާގެ ޙަސަދައިގެ ކަޅިވެސް އެމީހުންނަށް އަމާޒުވަމުންދާކަން މިރްޒާނަށްވަނީ މިހާތަނަށް އައިއިރު ފާހަގަވެފައެވެ. މިއަދު އޭނައާއި އަމްނާ ކުރި ބުރަ މަސައްކަތުގެ ފޮނި ނަތީޖާ ލިބުމުން މައިސޫންމެންގެ ޙަޔާތަށް މާ ބޮޑު ލޮޅުމެއް އައީ ހެއްޔެވެ؟ ޓެކްސީއަށް އަރައި ދަތުރު ފެށުމުން ވެސް މިރްޒާނަށް އެ ސުވާލާއިމެދު ވިސްނެމުން ދިޔައެވެ. އޭނަގެ ހިމޭންކަން ފާހަގަވުމުން އަމްނާ އޭނަގެ އަތްމަތީގައި އަތްއަޅައި ކިހިނެއްވީތޯ އެހިއެވެ. ހަމަހޭވެރިކަމެއް ލިބިގެން ދިޔުމުން މިރްޒާން އަމްނާއަށް ބަލައި ހިނިތުންވުމެއް ދައްކާލަމުން ކަމެއްނުވެއޭ ބުނެލިއެވެ.

މާލެއަށް ދިޔުމަށްފަހު ވެސް މިރްޒާނަށް މައިސޫންގެ ފަރާތުން ފެނުނު އެ ސޫރައާއިމެދު ވިސްނެމުން ދިޔައެވެ. އެހެނަސް އޭނަ އެކަމާމެދު މާ ބޮޑަށް ފިކުރު ނުކުރަން ނިންމީ އަމިއްލަ ބޭބެއާއިމެދު އެހާ ނުބައިކޮށް ވިސްނަން ބޭނުންނުވުމުންނެވެ. އަދި ނުހަނު އަވަހަށް އޭނައަށް ލިބެން އުޅޭ ދަރިފުޅަށްޓަކައި ވާންޖެހޭ ތައްޔާރީތަކުގައި ފުރިހަމައަށް ބައިވެރިވެ އެކަމުގެ އުފާވެރިކަން ޙާޞިލު ކުރުމަށްޓަކައި ވެސްމެއެވެ. މާލެއަށް ދިޔައީއްސުރެ ދަރިފުޅަށްޓަކައި ގަންނާނެ އެއްޗެއްސާއިމެދު އަމްނާއާއި މިރްޒާނާއި ދެމެދު ވާހަކަ ދެކެވެމުން ދިޔައެވެ.

އެހެނަސް މާލެއަށް ދިޔުމާއެކު މިރްޒާނާއި ކުރިމަތިވާން ފެށީ އޭނަ ހީވެސް ނުކުރާ ފަދަ ޒަލްޒަލާތަކާއެވެ. އެ އަޑި ގުޑުންތައް ފެށިގެން ދިޔައީ އޭނަ ޗުއްޓީއަށްފަހު އޮފީހަށް ދިޔަ ފުރަތަމަ ދުވަހު މާޖިދުވެސް ކޮންމެވެސް އެއްޕާޓީއަކަށް ސޮއިކުރި ވާހަކަ އިވިގެން ދިޔަ ހިސާބުންނެވެ. އެވާހަކަ އިވުނުތާ މާ ގިނައިރެއްނުވެ މިރްޒާން މާޖިދުގެ އޮފީހަށް ދިޔުމަށް އެންގުނެވެ. އެއީ ކީއްވެކަން މިރްޒާނަށް ޔަޤީންވީ އޭނަ ޗުއްޓީއަށް ނިކުތް ދުވަހު މާޖިދު އޭނަގާތު ދެއްކި ވާހަކަތައް ހަނދާނަށް އައުމުންނެވެ. ވިސްނުމެއްގެ ތެރޭގައި ހުރެ މިރްޒާން ގޮސް މާޖިދުގެ ކެބިނަށް ވަނުމާއެކު މާޖިދު ފުރިހަމަ ހިނިތުންވުމެއް ދައްކާލިއެވެ.

"މިއައީއެއްނު އަހަރުމެންގެ 1 ނަންބަރުގެ ޖާނަލިސްޓް؟ އަވަހަށް އިށީނދެލާ!" މާޖިދު ނުހަނު ރަނގަޅު މޫޑެއްގައި އިނދެ އެހެން ބުނެލުމުން މިރްޒާން ވެސް ހިނިތުންވުމަކާއެކީ އޭނަގެ ކުރިމަތީގައި އިށީނެވެ. އެއަށްފަހު މާޖިދު ތަންކޮޅެއް ސީރިއަސް ވެލަމުން މޭޒުމަތީގައި ދެއަތް ބާއްވައި މިރްޒާނަށް ބަލާލިއެވެ.

"އެބަ އިނގޭދޯ ކީއްވެކަން މިރްޒާނަށް މި ގޮވާލީ؟" މާޖިދު އަހާލިއެވެ. މިރްޒާން މާޖިދަށް ބަލަން އިނދެފައި ބޯޖަހާލިއެވެ.

"އެހެންވީމަ ކީކޭ މިރްޒާން ބުނަން އޮތީ؟" މާޖިދު ސުވާލުކުރިއެވެ. މިރްޒާން އިރުކޮޅެއް ވަންދެން ހިމޭނުން އިނދެފައި ވާހަކަ ދެއްކިއެވެ.

"އަޅުގަނޑު އެހާ ޝައުޤުވެރިކަމެއް ނުހުރޭ ސިޔާސީ ކަންތައްތަކަށް. އެހެންވީމަ...." މިރްޒާންގެ ވާހަކަ ފުރިހަމަ ނުވަނީސް މާޖިދު މެދުކަނޑާލިއެވެ.

"އިންކާރު ކުރުމުގެ ކުރިން ވިސްނާލައްޗޭ މިރްޒާން. މިރްޒާން މިކަމުގެ ތެރެއަށް ވަދެފިއްޔާ މިރްޒާންގެ މުސާރަވެސް ދެގުނަ ކޮށްދެވިދާނެ. އެއީ މިހާރު އަހަރެން ގުޅުނު ޕާޓީއާ އަހަންނާ ދެމެދު ހެދިފަ އޮތް ޑީލަށް. އެމީހުންނާއި އެއްކޮޅަށް ޚަބަރު ފަތުރާ ކޮންމެ ފަހަރެއްގެ މަތިން މި ޗެނަލަށް އެމީހުން އިންވެސްޓް ކުރާނެ. އަދި އެއީ އެހެން ނޫނަސް މިތިބަ އެހެން ޕާޓީތަކާ ބަލާއިރު އެހާ ގޯސް ޕާޓީއެއްވެސް ނޫނެއްނު؟ ވިސްނާލަބަލަ މިރްޒާން! ދަރިފުޅު ލިބެންވާއިރަށް ގިނަ ލާރިވެސް ބޭނުންވާނެއެއްނު؟ އަދިވެސް ގޮތެއް ނިންމަން މިރްޒާނަށް އެއްދުވަސް މިދެނީ." މާޖިދު އެހެން ބުނެ ކޮޅަށް ތެދުވެލީ މިރްޒާނަށް އެވަގުތު ޖަވާބެއް ނުދެވޭނެ ފަދަ ގޮތެއް ހެދުމަށެވެ. މިރްޒާން އެއްޗެކޭ ބުނަން އަނގަ ހުޅުވާލިއެއްކަމަކު އެވަގުތު މާޖިދަށް ފޯނެއް އައުމުން އޭނަ ފޯނުން ވާހަކަ ދައްކަމުން ކެބިންއިން ނިކުންނަން ދިޔައެވެ. އެ ހިނދު މިރްޒާނަށް އިންގޮތަށް އިނދެވުނީ ދެންމެ އިވުނު ވާހަކަތަކާމެދު ހިތްހަމަނުޖެހިފައެވެ.

މިރްޒާނަށް އެދުވަހު ގެއަށް ގޮސްފައިވެސް ހުރެވުނީ އެ ހިތްހަމަނުޖެހުމުގެ ތެރޭގައެވެ. އަމްނާ އާދައިގެ މަތިން އުޖާލާވި ހިނިތުންވުމަކާއެކީ ދޮރު ހުޅުވާލިއެއްކަމަކު މިރްޒާނަށް ހިނިތުންވެލެވުނީ ވަކި ވަރަކަށެވެ. އޭނަ ކަންބޮޑުވުމެއްގައިވާ ކޮންމެ ފަހަރަކު ފަދައިން އަމްނާ އެފަހަރު ވެސް އޭނަގެ ޙާލަތު ދެނެގަތެވެ. އޭނަ ލެޕްޓޮޕް ދަބަސް މޭޒުމަތީގައި ބަހައްޓާފައި ގޮސް އެނދުމަތީގައި އިށީނުމުން އަމްނާ މިރްޒާންގެ ކައިރީގައި އިށީނދެ ލޯތްބާއެކީ ކިހިނެއްވީތޯ އެހިއެވެ. ކުރިއާއި ޚިލާފަށް މިރްޒާން މިފަހަރު އަމްނާއަށް ހުރިހާ ވާހަކައެއް ކިޔައިދިނެވެ. މާޖިދު ޕާޓީއަކަށް ސޮއިކުރި ވާހަކައިން ފެށިގެން އޭނައަށް އެދުނު އެދުމާއި ހަމައަށެވެ.

"އެކަމަކު އަހަރެން ބޭނުމެއްނޫނޭ އެ އިތުރުވާ ލާރިއެއް! އަހަރެން އުޅުނީ ހަމަ އެވަގުތުވެސް ބުނަން އަހަރެން ބޭނުންނުވާ ވާހަކަ. އެކަމަކު އަހަންނަށް ބުނެވިޔަ ނުދިނިއްޔާ ނުބުނެވޭނެތާ. ވަރިހަމަ 100 އަހަރުގެ މުހުލަތެއް ދިނަސް. އަހަރެންގެ ނިންމުން ބަދަލެއް ނުވާނެ!" މިރްޒާން އެއްދިމާލަކަށް ނަޒަރު ހުއްޓައިގެން އިނދެ އޭނަ ބޭނުންވާ ގޮތް ހާމަ ކުރިއެވެ. އެއަށްފަހު ވޭތުވީ ހިމޭންކަމުގެ ވަގުތުކޮޅެކެވެ. އެ ވަގުތުކޮޅު ނިމިގެން ދިޔައީ އަމްނާ ވާހަކަ ދެއްކުމުންނެވެ.

"މިޒް....އަހަންނަށް ފެންނަނީ މިޒް ތިކަން ކުރަން." އަމްނާ އެހެން ބުނުމާއެކު މިރްޒާންގެ އަޑުއިވުނެވެ.

"އާރ ޔޫ ސީރިއަސް؟!" މިރްޒާން އަމްނާއަށް ބަލާލަމުން އެހެން ބުނެލީ ޤަބޫލު ނުކުރެވިގެން އުޅޭ ފަދައަކުންނެވެ.

"އަޑުއަހާބަލަ މިޒް....މިޒް މިހާރު މުޅި އޮފީހަށް ވެސް މަޝްހޫރީ ދީންވެރި ޒުވާނެއްގެ ގޮތުގަ. މިހާތަނަށް އައިއިރު މިޒް ދީންވެރިވެފަ ކުރާ ހުރިހާ ކަމެއް އެންމެ ފުރިހަމައަށް ކުރީމަ އޮފީހުގެ އެންމެންނަށް ވެސް ވަރަށް ރަނގަޅު ފިލާވަޅެއް ލިބިފަ ހުންނާނެކަމަށް އަހަންނަށް ޤަބޫލުކުރެވޭ. ކަން މިހެން އޮތްވާ މިރްޒާނަށް ލިބޭ މި ކަހަލަ ފުރުޞަތެއް ދޫކޮށްލީމަ އެހާ ރަނގަޅު މެސެޖެއް ނޫން ދެންތިބި މީހުންނަށް ލިބޭނީ. މިޒް ޖެހޭނީ މިކަމުގެ ތެރެއަށް ވަދެވެސް މިކަންވެސް އެންމެ ފުރިހަމައަށް ކުރެވޭނީ ކިހިނެއްކަން އަންގަދޭން. އެބަ ވިސްނޭތަ މިޒް؟" އަމްނާ މަޑުމައިތިރި އަޑަކުން އެހިއެވެ. މިރްޒާން އެ ވާހަކަ އަޑުއަހަން އަމްނާއަށް ބަލަން އިނދެފައި އެހެން ދިމާލަކަށް ނަޒަރު ހުއްޓާލިއެވެ. އަމްނާ ބުނި އެއްޗެއް ވިސްނިގެން ދިޔަދިޔަހެން އޭނައަށް ބޯޖަހާލެވުނެވެ.

"މާޖިދު ކައިރި ބުނޭ ތިމަންނަ މިކަން ކުރާނީ ޝަރުޠުތަކެއްގެ މަތިންނޭ. ތިމަންނަ އެމީހުން ދޭ އިތުރު ލާރިއެއް ބޭނުމެއްނުވެއޭ ބުނޭ. ބުނޭ ތިމަންނަ ގެނެސްދެންޏާ ގެނެސްދޭނީ އެއްވެސް ކޮޅަކަށް ނުޖެހި ހުންނަ ތެދު ޚަބަރުތަކޭ. އެހެން ބުނެ އެގޮތުގަ ހިފަހައްޓާ! މިޒް ރަށުގަ އެހެން މީހުން ކައިރި ތެދުބަސް ބުނަން ވަޞިއްޔަތްކޮށްފަ އަމިއްލައަށް އެކަން ކުރުމުގެ ފުރުޞަތެއް ލިބިފައިވެސް އެކަން ނުކުރިއްޔާ އެ ވެގެން ދާނީ ފަހަތަށް އަޅާލެވުނު ފިޔަވަޅަކަށް. ޕްލަސް މިއީ ވީހާވެސް ގިނަ މީހުންނާއި ހަމައަށް ތެދު ބަސް ފޯރުކޮށްދިނުމަށް ލިބޭ ރަނުގެ ފުރުޞަތެއްނު؟ އެގޮތަށް ފޯރުކޮށްދެވިއްޖެއްޔާ މަންމަމެން ކަހަލަ އެތައް ބައެއްގެ މެދުގަ އޮތް ހަމަނުޖެހުންތައް ނެތިދިޔުން ގާތް އިން ޝާ ﷲ!" އަމްނާ އޭނަގެ ޚިޔާލު ފާޅުކުރިއެވެ. އަމްނާގެ އެ ޚިޔާލުތަކާ މިރްޒާނަށް އެއްބަސްވެވުނެވެ. އެހެނަސް އޭނައަށް ދެންވެސް ވިސްނުނެވެ. ސިޔާސީ ޚަބަރުތައް ފަތުރާ ނޫސްވެރިންގެ މަސައްކަތް ބުރަކަމާއި އެ މަސައްކަތުގެ ތެރެއިން ދިމާ ދަތިތަކާއި ފުރައްސާރަތަކުގެ ވާހަކައަކީ އޭނައަށް އާ ވާހަކައެއް ނޫނެވެ. ކަން މިހެން އޮތްއިރު އޭނަ އެ ދޮގުތަކަށް ދެވިހިފާފައިވި ސިޔާސީ މާޙައުލުގައި ތެދު ބުނަން ފަށައިފިނަމަ އޭނައަށް ދިމާވެދާނެ ޙާލަތެއްވެސް އެނގެނީއެއްނޫނެވެ. އެކަމުގެ ބިރުވެރިކަން ހިތަށް ވެރިވުމުން އޭނައަށް ވާހަކަ ދެކެވުނެވެ.

"އެކަމަކު އައްނު.....އެކަންތައްތަކުގަ އުޅެން ފަށައިފިއްޔާ އަހަންނަށް އައްނުއާއެކީ އެހާ ގިނަ ވަގުތެއް ހޭދައެއް ނުކުރެވޭނެ. ވަރަށް ލަހުން އާދެވޭ ރޭތައްވެސް ހުންނާނެ. އެނގެއެއްނު އަދި މިހާރު ސިޔާސީ މަޞްރަޙު ހަލަބޮލިވެފައި އޮތް މިންވަރު؟ އެންމެ މީހުން ގިނަ ޕާޓީއިން ކޮންމެ ރެއަކު ހެނދުނާއި ޖެހެންދެން ވެސް މާލޭގަ މުޒާހިރާތައް ކުރިއަށް އެބަ ގެންދޭ. އަދި އެހެންނޫނަސް އަހަންނަކަށް ހިއެއްނުވޭ މާޖިދު އެގޮތަށް ތެދު ޚަބަރު ފަތުރަން އެއްބަސްވާނެ ހެންނެއް." މިރްޒާން ނާއުއްމީދީ ގޮތަކަށް ބުނެލިއެވެ.

"ފުރަތަމަ އެދުނީމައެއްނު އެނގޭނީ މިޒް؟ إِن تَنصُرُوا اللَّـهَ يَنصُرْكُمْ وَيُثَبِّتْ أَقْدَامَكُمْ.....ތިބާ ﷲ އަށް އެހީވެދީފިނަމަ އެކަލާނގެ ތިބާއަށް އެހީވެ ތިބާގެ ފައިތިލަ ސާބިތުކޮށްދެއްވާނެ. އަހަރުމެންނަކަށް ﷲ އަށް ވެވޭނެ އެހީއެއް ނެތް. އެކަމަކު އަހަރުމެންނަށް ދެއްވާފައި އޮތް ވާޖިބެއްގެ ގޮތުން އަހަރުމެން އެކަލާނގެ ދީނަށް ނަޞްރު ދޭންޖެހޭ. ވީއިރު މިޒްވެސް އަޅަން ތިއުޅޭ ފިޔަވަޅަކީ ހަމައެކަނި ދީނުގައިވާ ފަދައިން ތެދުބަސް ބުނެ އެފަދަ ބަސް ބުނަން އެހެން މީހުންނަށް ހިތްވަރެއް ދިނުން ކަމަށްވަންޏާ ﷲ މިޒްއަށް އެހީވެދެއްވާނެ އިން ޝާ ﷲ! ހަމަ ކުޑަ ހިތްވަރެއް ކޮށްލުން އޮތީ!" އަމްނާ މިރްޒާނަށް ބަލަން ނަޞޭޙަތްތެރިވިއެވެ. އަމްނާގެ އެ ބަސްތަކުން ނޭނގޭ ސަބަބަކާހުރެ މިރްޒާންގެ ހިތަށް ސާބިތުކަމެއް ލިބުނެވެ. އަދި ކޮންމެ ގޮތެއްވިޔަސް އޭނަ ތެދުބަސް ބުނަން އޭނައަށް ވެވުނު މިންވަރަކުން މަސައްކަތް ކުރަން މިރްޒާން އެވަގުތު ނިންމިއެވެ.

އޭގެ އަނެއްދުވަހު އޮފީހަށް ގޮސް މިރްޒާން އެންމެ ފުރަތަމަ ކަމަކަށް މާޖިދާއި ބައްދަލުކުރިއެވެ. އެކަން ފަސްކުރަން ހަދައިފިނަމަ އޭނަގެ ޚިޔާލު ބަދަލުވެ އޭނައަށް މި ފިޔަވަޅު ނޭޅިދާނެއޭ ހިތާއެވެ. މާޖިދުގެ އޮފީހަށްވަދެ އޭނަ ފެނުނު ވަގުތު މިރްޒާންގެ ހިތުގެ ތެޅުން އަވަސްވީ އޭނަ އެދޭ އެދުމުގެ ސަބަބުން މާޖިދު ހަދާފާނެ ގޮތަކާމެދު ނުތަނަވަސްވެފައިވި މިންވަރުންނެވެ. އެހެނަސް އެ ނުތަނަވަސްކަން އޭނަ ފިލުވާލީ ވެސް އާޔަތެއްގެ މަތިން ހަނދާންކުރަމުންނެވެ. މީސްތަކުންނަށް ބިރުނުގަނެ ﷲ އަށް ބިރުވެތިވުމަށް އެކަލާނގެ ވަޙީކުރައްވާފައިވި އާޔަތެވެ. މިރްޒާން އެއްޗެކޭ ނުބުނެ އިންދާ މާޖިދު އިއްޔެގެ ސުވާލު ތަކުރާރު ކުރިއެވެ. އެއާއެކު މިރްޒާން އޭނަ ބޭނުންވާ ގޮތް ކިޔައިދިނެވެ. އޭނަ ބޭނުންވަނީ ކޮންމެ ގޮތެއްވިޔަސް ތެދުބަސް ބުނަން ކަމަށާއި އޭނަ ނުޙައްޤުން ދޭ ފައިސާއެއް ހޯދަން ބޭނުންނުވާ ކަމެވެ. މިރްޒާން އެ ވާހަކަތައް ދެއްކުމުން މާޖިދުގެ މޫނުމައްޗަށް ވެރިވެފައިވީ ސީރިއަސްކަން ފެނިފައި މިރްޒާންގެ މެއަށް ފިނިވިއެވެ. އެގޮތުގައި ހިމޭންކަމުގެ ވަގުތުކޮޅެއް ވޭތުވުމަށްފަހު މާޖިދު ބޯޖަހާލި މަންޒަރު ފެނުނެވެ.

"އަސްލުވެސް ހަމަ ވަރަށް ރަނގަޅަށް މިރްޒާން ތިބުނީ. ތެދު ޚަބަރެއް ނޫނީ ފަތުރައިގެން ނުވާނެ. އަދި އެހެންނޫނަސް މިހާރު މި ހުންނަ ސިޔާސީ ޚަބަރުތައް ފަތުރާ ޗެނަލްތަކަށް މީހުންނަށް އިތުބާރު ކުރެވެނީއެއްނޫން. މި ޗެނަލްއިން މިރްޒާން ސިޔާސީ ގޮތުން ތަޢާރަފުވެ އެއްވެސް ކޮޅަކަށް ނުޖެހި ޚަބަރުތައް ފަތުރަން ފެށީމަ ޗެނަލަށް ވެސް ވަރަށް ބޮޑު ފައިދާއެއް ކުރާނެ ކަމަށްބެލެވޭ." މާޖިދު ފަހު ޖުމްލަ ބުނެ ހިނިތުންވެލުމުން މިރްޒާންގެ މޫނުމައްޗަށް ވެރިވީ ޙައިރާންކަން އެކުލެވިފައިވި ހިނިތުންވުމެކެވެ. އެ ހިނދު ލޮލަށް ކަރުނަތައް ޖަމާވެގެން ދިޔައީ އިއްޔެ އަމްނާ އޭނައަށް ހަނދާން ކޮށްދިން އާޔަތުގެ މަތިން ހަނދާންވުމުންނެވެ. އަނެއްކާވެސް ﷲ ގެ ބަސްފުޅުގެ ތެދުކަން އިޙްސާސް ކުރެވިގެން ދިޔުމުން އޭނަގެ އީމާންތެރިކަން ވަރުގަދަވިއެވެ. ލިބުނު ނިޢުމަތަށްޓަކައި ހިތާހިތުން ޙަމްދުކުރެވުނު ވަގުތު މާޖިދު އޭނަގެ ފުރަތަމަ 'ސިޔާސީ' މަސައްކަތް ޙަވާލުކުރިއެވެ. އެއީ އެދުވަހު މެންދުރު އޭނަ ކުރިން ތާޢީދުކުރަމުން އައި ޕާޓީގެ ފަރާތުން ބާއްވަން ހަމަޖެހިފައި އޮތް ޕްރެސް ކޮންފަރެންސަކަށް ދިޔުމެވެ.

އެ ޕްރެސް ކޮންފަރެންސަކީ އެ ޕާޓީއިން ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލައެއްގެ ވާހަކަ ގިނަ ޢަދަދެއްގެ ބަޔަކަށް ފެތުރިފައިވާތީ އެމީހުން އަމިއްލަ ނަފްސު ދިފާޢުކުރުމަށްޓަކައި ބާއްވާ ކޮންފަރެންސެއްކަން މިރްޒާނަށް އޮފީސް ތެރެއިން ވެސް އެނގުނެވެ. އެހެންކަމުން މިރްޒާން ކޮންފަރެންސަށް ހާޒިރުވީ އިވެމުން ދިޔަ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ކުރެވޭނެ ސުވާލުތައް ތައްޔާރު ކޮށްގެނެވެ. ކޮންފަރެންސަށް ދިޔުމުން އެ ޕާޓީގެ ވެރިން މިރްޒާނާއި ހިނިތުންވަމުން ދިޔައީ އޭނައަކީ ކުރިން އެ ޕާޓީގެ ނަންހިނގާ އެކްޓިވިސްޓަކަށް ވާތީވެއެވެ. އަދި އެ ޕާޓީގެ ގިނަ ސަޕޯޓަރުން އިތުބާރުކުރާ އެކްޓިވިސްޓަކީ ވެސް އޭނަ ކަމަށްވާތީވެއެވެ. އެހެނަސް ކޮންފަރެންސް ނިމި، އޭނަ ސުވާލުތައް ކުރަން ފެށުމުން އެމީހުންގެ ހިނިތުންވުންތައް ފިލައިދިޔައެވެ. އެތާތިބި ޖާނަލިސްޓުންގެ ތެރެއިން ވެސް މިރްޒާން ދަންނަ ގިނަ މީހުންނާއި އެކި ކަންކޮޅުތަކުން ޓީވީ ބަލަން ތިބި މީހުން ވެސް ހުއްޓުން އަރާ ގޮތްވިއެވެ. އެ ޕާޓީއިން އެކްޓިވިސްޓުންނަށް ލާރި ދޭ ވާހަކަ އިވިފައިވާ ކަމަށްބުނެ އެހާ ގިނަ ލާރި ދިނުމަށް ފައިސާ ލިބުނީ ކޮންތަނަކުންތޯ ސުވާލު ކުރި ގޮތުންނެވެ. އަދި މީގެ އިތުރުން ޢާއްމު މަޞްލަޙަތު ގެއްލޭ ގޮތަށް ހަމައެކަނި އެ ޕާޓީގެ މީހުންނަށް ފައިސާގެ އެކި ޢަދަދުތައް ދީފައިވާ ވާހަކަ ބުނެ އެއީ ކިހިނެއްވެފައިވި ކަމެއްތޯ ސުވާލު ކުރިގޮތުންނެވެ. އެމީހުން މަސައްކަތް ކުރި ކަމުގައިވިޔަސް މިރްޒާންގެ ގިނަ ސުވާލުތަކަށް އެދެވޭ ޖަވާބެއް އެމީހުންނަށް ނުދެވުނެވެ. އެ ޕާޓީގެ ސަޕޯޓަރުން މިރްޒާނަށް ކުރާ އިތުބާރު ހަނދާންވެފައި ޖެހިލުންވީ ފަދައަކުންނެވެ. ކޮންމެ ގޮތެއްވިޔަސް އެ ކޮންފަރެންސަށްފަހު އެ ޕާޓީއާމެދު މީހުންގެ ހިތުގައި ޝައްކުތަކެއް އުފެދޭނެކަން އެތާތިބި ތަޖުރިބާކާރު ޖާނަލިސްޓުންނަށް އެނގުނެވެ.

އެކަން މިރްޒާނަށް ޔަޤީން ކުރެވިގެން ދިޔައީ އެދުވަހު ކޮންފަރެންސް ނިންމާލާފައި އޭނަގެ އެޕާޓްމެންޓް ހުންނަ ޢިމާރާތަށް ގޮސްފައި ކާރުން ނުވެސް ފޭބެނީސް މައިސޫން އޭނައަށް ގުޅަން ފެށުމުންނެވެ. މައިސޫން ދައްކަން އުޅޭ ވާހަކައިގެ ޒާތު އެނގިހުރެ މިރްޒާން ފޯނަށް ޖަވާބު ދިނެވެ. އެއާއެކު ކަންފަތް ކައިރިން އިވެން ފެށީ މައިސޫންގެ ރުޅިވެރިކަމުން ފުރިފައިވި ހަރު އަޑެވެ. އެންމެ ފުރަތަމަ ވެސް އިވެން ފެށީ ނުބައި ބަސްތަކެއްކަން ނަގައިގަންނަން ވެސް މިރްޒާނަށް އިރުކޮޅެއް ނެގިއެވެ. އެއަށްފަހު ވެސް މައިސޫން ވާހަކަ ދެއްކިއިރު އެ ރުޅި ފިންޏެއް ނުވެއެވެ.

"ކަލޭ ބޯ ކޮބައިތަ އަހަރުމެން ޕާޓީއާ ބެހޭގޮތުން އެކަހަލަ ވާހަކަތައް ދައްކާއިރު؟! ތިހިރީ ބޯ ސަކަރާތްވެފަ ވިއްޔާ ގުރާދޫއަށް ގޮއްސަ އެނދުމަތިވޭ! ކޮންމެހެން ޓީވީއަށް އަރާފަ މީހުންނާމެދު ފާޑުފާޑަށް ވާހަކަ ދައްކާނެ ކަމެއްނެތް!!!" މައިސޫން އިރަށްއިރަކަށް ހަރުވަމުން ދިޔަ އަޑަކާއެކީ އެއްޗެހި ގޮވުމުން މިރްޒާނަށް ދެލޯ ހަނިކޮށްލެވުނެވެ.

"އަހަންނަށް ހީވަނީ މައިސޫންހެން އެންމެ ފުރަތަމަ ބޯ ޑޮކްޓަރަކަށް ދައްކާލަން ޖެހެނީ. ގޭގަ ތިބި އެންމެންނަށް ވިސްނުނުއިރުވެސް މައިސޫނަށް ނުވިސްނުނީމަ ހަމަ އަންތަރީސްވެއްޖެ!" މިރްޒާން ބުނެލިއެވެ.

"އާނ އާނ....އަންތަރީހޭ ކިޔާފަ ފޮނިވެލާ! ކަލެއަކަށް ނޫނެއްނު ކޮންމެ މަހަކު ލިބޭ ލާރި މަދުވެގެން ގެއްލުންވަނީކީ؟ ކަލޭ ބޮޑު މުސާރަ ނަގައިގެން ރީތި، މުއްސަނދި އަންހެން ކުއްޖަކާ އިނދެގެން ހުއްޓަސް އަހަރުމެން އެހެންތަ؟ އެނ؟!" މައިސޫން އިންތިހާ ދަރަޖައިގެ ރުޅިވެރިކަމާއެކީ މިފަހަރު ދެއްކި ވާހަކައިން މިރްޒާންގެ ބުމަގޮށްޖެހުނެވެ. މައިސޫނަށް ޖެހިގެން މިއުޅެނީ ހަމައެކަނި ފައިސާގެ މައްސަލައެއް ނޫންކަން އޭނައަށް ކުއްލިއަކަށް އެނގުންވިއެވެ. އޭނައަށް އެއްޗެކޭ ނުބުނެވިގެން އުޅެނިކޮށް މައިސޫން އަނެއްކާވެސް ވާހަކަ ދެއްކިއެވެ.

"އަޑުއަހާ! މިއަދަށްފަހު ކަލޭ އެންމެ ފަހަރަކު ވެސް އެ ޕާޓީއާ ދެކޮޅަށް އެއްޗެކޭ ކިޔައިފިއްޔާ ކަލެއަށް ނޭވާ ނުލެވޭވަރު ކުރާނަން!" މައިސޫން އެ ވާހަކަ އިއްވާލަމުން މިރްޒާނަށް އެއްޗެކޭ ބުނުމުގެ ފުރުޞަތެއްވެސް ނުދީ ފޯނު ކަނޑާލިއެވެ. އެ ހިނދު މިރްޒާނަށް ފޯނު ކަންފަތުން ވަކިކޮށްލަމުން ފޯނުގެ ސްކްރީނަށް ބަލަން އިނދެވުނީ ހިސާބެއްގެ ކަންބޮޑުވުމަކާއި ހިތާމަވެރިކަމަކާ އެކީގައި ވެސްމެއެވެ. ހިތާމަކުރެވުނީ މިހާ ދުވަސް ވަންދެން އޭނައާއި އެހާ ގާތްކޮށް އުޅުނު ބޭބެ އޭނައާއި ދެކޮޅުވުމުންނެވެ. ކަންބޮޑުވީ އެ ބޭބެ ރުޅި އައުމުން ކޮންމެ ފަދަ ކަމެއްވެސް ކުރަން ޖެހިލުމެއް ނުވާނެކަން ހަނދާންވުމުންނެވެ. އެހެނަސް މިރްޒާން ފުން ނޭވައެއް ދޫކޮށްލީ ﷲ އަށް ވަކީލުކޮށް ހިތްހަމަޖައްސާލަމުންނެވެ.

މައިސޫން ދެއްކި ވާހަކަތަކުގެ އަސަރުތައް މިރްޒާނަށް އެދުވަހު ގެއަށް ވަނީއްސުރެ ފެންނަން ފެށިއެވެ. އެޕާޓްމެންޓަށް ވަދެގެން ދިޔުމާއެކު އަމްނާ ދައްކަން ފެށީ ފޭސްބުކްގައި ފެތުރެމުން ދިޔަ އޭނައަށް މަލާމާތްކުރެވިފައިވާ ޕޯސްޓްތަކުގެ ވާހަކައެވެ. މިރްޒާން ބަލާލިއިރު އެ ޕޯސްޓްތައް ޙިއްސާކޮށްފަ ހުރީ އޭނަގެ ބޭބެ ނޫން އެހެން މީހެއް ނޫނެވެ. އެވަގުތު 50 އަށްވުރެ ގިނަ މީހުން ޝެއާރކޮށްފައި ހުރި އެ ޕޯސްޓް ޝެއަރ ކުރެވިފައިވީ މައިސޫންގެ ޕްރޮފައިލްއިންނެވެ. ޕޯސްޓަތަކަށް ބަލާލިއިރު މިރްޒާންގެ ފޮޓޯ ޖަހައި ކާޓޫންތަކުގެ ޒަރިއްޔާއިން އޭނަގެ މޮޔަކަން ހާމަވާ ގޮތަށް ކުރެހިފައިވިއެވެ. ޕޯސްޓްތަކުގައި ލިޔެވިފައިވީ ވެސް އެފަދަ ވާހަކަތަކެވެ. އަދި އޭނައަކީ އެހެން ޕާޓީއަކުން މާ ގިނަ ލާރި ލިބުމުން މިހާރު މައިސޫންގެ ޕާޓީއާއި ޖައްސާލައިގެން އުޅޭ މީހެއްކަމަށް މައިސޫން ސިފަކޮށްފައިވިއެވެ. ކޮމްޕިއުޓަރު ދޮށުގައި ޕޯސްޓްތައް ކިޔަން އިނދެފައި މިރްޒާނަށް ފުން ނޭވައެއް ދޫކޮށްލަމުން ގޮނޑިއަށް ލެނގިލެވުނެވެ.

"މައިސޫން.....ޤަބޫލުކުރަން ވެސް ދަތި އެބަވޭ. އެ ޕާޓީއަކުން ލިބޭ ފައިސާ އަމިއްލަ ކޮއްކޮގެ ޤަދަރަށްވުރެ ވެސް އަގުހުރީތަ؟" މިރްޒާން އެ ސުވާލު ކޮށްލީ ހިސާބަކަށް ހިތްދަތިވެފައި އިނދެއެވެ. މި ދުވަސް އައުމުގެ ކުރިން މައިސޫން އަބަދުވެސް ވެފައިވީ އޭނައަށް އެހީވެދީ ހިތްވަރު ލައިދޭ މީހެއް ކަމުގައި ކަމަށްވާތީވެއެވެ. އެކަމަކު މިއަދު މިވީ ކިހިނެއް ހެއްޔެވެ؟

"ކެތްކުރަންވާނެ މިޒް. ތެދުބަސް ބުނަން މަސައްކަތް ކުރާ މީހަކަށް މިކަހަލަ ކަންތައް ދިމާވާނެ. އެއީ އެމީހެއްގެ ސާބިތުކަން އެ އިމްތިޙާން ކުރެވެނީ. ސޯ ޑޯންޓް ގިވް އަޕް! ދެން މިކަހަލަ މީހުން ދައްކާ ވާހަކަތަކަށް ސަމާލުކަން ދީ އެމީހުންނަށް ޖަވާބު ދިނުމުގެ ބަދަލުގަ މިޒް ސާބިތުވެ ހުރޭ. ޔޫ ޑޫ ވަޓް ޔޫ ޑޫ!" އަމްނާ އަނެއްކާވެސް މިރްޒާނަށް ހިތްވަރު ލައިދިނެވެ. ކުރީ ފަހަރު ފަދައިން މިފަހަރު ވެސް އެއިން މިރްޒާނަށް ކުރިއަށް ދިޔުމަށް އިތުރު ހިތްވަރެއް ލިބުނެވެ.

އެހެންކަމުން މިރްޒާން ސިޔާސީ 'ޓޯކް ޝޯ' ތަކަށްވެސް އަރަންފެށީ ޖެހިލުންވުމެއް ނެތިއެވެ. ކޮންމެ ޕާޓީއެއްގެ އިސްވެރިން ގެނެސް އެ ޕާޓީއަކާ ބެހޭގޮތުން އިވޭ ނޭދެވޭ ކަންތައްތަކާމެދު ސުވާލު އުފައްދަމުން ދިޔައީ ކުރަކިކަމެއް ނެތިއެވެ. އެމީހުން އަމިއްލަ ދިފާޢުގައި އެއްޗެކޭ ބުނާއިރަށް އުފެދިގެންދާ އެހެނިހެން ސުވާލުތައް ކުރަމުން ދިޔަގޮތުން، އެމީހުންނަށާއި ޓީވީ ބަލަމުން ދިޔަ މީހުންނަށް ވެސް ފާހަގަވެގެން ދިޔައީ މިރްޒާން އެއްވެސް ޕާޓީއަކަށްވުރެ ބޮޑަށް ތެދުވެރިކަމާއި ޙަޤީޤަތަށް ކުރާ އިޙްތިރާމެވެ. އެހެންކަމުން މާޖިދު ހީކުރި ފަދައިން ގިނަ ބަޔަކު އޭނަގެ ޗެނަލް ބަލަން ފެށީ އެ ޗެނަލަށް އިތުބާރު ކުރެވޭނެހެން ހީވާން ފެށުމުންނެވެ. އޭގެ ސަބަބުން މާޖިދާއި އެ ޗެނަލަށްޓަކައި މަސައްކަތް ކުރާ މީހުންގެ ފަރާތުން އެތައް ތަޢުރީފުގެ ބަސްތަކެއް މިރްޒާނަށް ލިބެން ފެށިއެވެ. އޭނަ އެކަމާމެދު ޙަމްދުކުރަމުން ދިޔައީ، އޭނަގެ އެ ކާމިޔާބީއާއިމެދު ބަޔަކު މީހުން އިންތިހާއަށް ޙަސަދަވެރިވަމުން ދާކަން ނޭނގިއެވެ.

އެ ޙަސަދަވެރިކަމުގެ ހޫނުކަން މިރްޒާނަށް އިޙްސާސް ކުރެވެން ފެށީ އޭނަ މުޒާހަރާތައް ލައިވްކޮށް ކަވާރ ކުރަން ފެށުމުންނެވެ. ފުރަތަމަ ދެ ރޭ އޭނައަށް އެއްވެސް ގެއްލުމެއް ނުލިބި މުޒާހަރާތައް ނިމުނެވެ. އެހެނަސް ތިންވަނައަށްވީ ރޭ އޭނަ އާތިފް ހަރުކޮށްފައިހުރި ކެމެރާއަށް ބަލަންހުރެ ވާހަކަ ދައްކަން ފެށި ތަނާހެން މީހުން އޭނަ ގާތަށް އެއްވެ ހަޅޭއްލަވަން ފެށިއެވެ. އޭގެ މާ ގިނައިރެއްނުވެ އެ މީހުން އޭނަގެ ގަޔަށް އަތްލައި ކޮއްޕަން ފެށިއެވެ. މިރްޒާން ދެންވެސް އެމީހުންނާ ދުރުވެ އެ އިވެންޓް ކަވަރުކުރަން އުޅުނެއްކަމަކު ބިޔަ ހަށިގަނޑެއްގެ ވެރިއަކު އައިސް އޭނަ ކޮއްޕާލުމާއެކު އޭނަ ބިންމައްޗަށް ވެއްޓުނެވެ. އެއާއެކު މިރްޒާން އެމީހުން ފައިދަށުވިއެވެ. އަޑުގަދަ މާޙައުލެއްގައި އެކި ޒާތްޒާތުގެ ވޭންތަކުގެ ސިލްސިލާއެއް އެޅުވިގެން ދިޔުމުން މިރްޒާނަށް ވާނުވާއެއް ސާފެއްނުވިއެވެ. ފާހަގަވީހާވެސް ކަމަކީ އެކި މީހުންގެ އަޑުތަކުގެ ތެރެއިން އާތިފް އޭނައަށް ގޮވަމުން ދިޔަ އަޑެވެ.

އެރޭވެގެން ދިޔައީ އާ ފެށުމަކަށެވެ. އެ ރެއަށްފަހު ކޮންމެ ރެއަކުހެން މިރްޒާން އެ ތަޅާފޮޅުންގަނޑާއި ކުރިމަތިލާން ޖެހެއެވެ. ކޮންމެ ރެއަކު އޭނަ ގެއަށް ދާންޖެހެނީ ނޫފަންގަނެފައިވި ލަތްގަނޑުތަކާއި އެކި ޒާތްޒާތުގެ ޒަޚަމްތަކާއި އެކީގައެވެ. އެހެނަސް އޭނަ ގެއަށް ވަންނަ ކޮންމެ ފަހަރަކު އަމްނާ އޭނަ ބަލައިގަންނަނީ އޯގާތެރިކަމާއި އެކީގައެވެ. ކޮންމެ ރެއަކު އޭނަ ގެއަށްދަނީ މިކަން ހުއްޓާލަންވީ ކަމަށް އަމިއްލަ ނަފްސުގާތު ބުނަމުން ކަމަށްވިޔަސް ކޮންމެ ފަހަރަކުވެސް އަމްނާ އޭނަގެ ޒަޚަމްތަކަށް ފަރުވާ ދެމުން ދޭ ނަޞޭޙަތްތަކުން އޭނައަށް އާ ހިތްވަރެއް ލިބެމުން ދިޔައެވެ.

ނަތީޖާއެއްގެ ގޮތުން މިރްޒާން ދެންވެސް ފަހަތަށް ޖެހުމެއްނެތި ދިޔައީ ކުރިއަށެވެ. އެހެނަސް އަނެއްކާވެސް އޭނަގެ ޙަޔާތަށް ލޮޅުމެއް އައީ، މާޖިދު އޭނަގެ އަނިޔާތަކަށްޓަކައި ބަދަލު ހިފަން ބޭނުންވި ހިސާބުންނެވެ. މިގޮތުން މާޖިދު އެ އަނިޔާތަކުގެ މައްސަލަ ފުލުހުންނާއި ހަމައަށް ގެންދިޔައެވެ. މާ ގިނަ ދުވަހެއްނުވެ މިރްޒާނަށް އަނިޔާކުރި މީހުން ފުލުހުންގެ ކުރިމައްޗަށް ހާޒިރު ކުރެވުނެވެ. ކުރި ތަޙުޤީޤުގެ ތެރެއިން އެމީހުން އެކަން ކުރަމުން އަންނަނީ މައިސޫން ނަމަކަށް ކިޔާ މީހަކު ބުނެގެންކަން ހާމަވިއެވެ. މިރްޒާން އެކަމާމެދު އެއްގޮތަކަށް ވެސް ޙައިރާނެއްނުވީ މައިސޫންގެ ނަފްރަތު އޭނައަށް ކުރިން ވެސް އިޙްސާސް ކުރެވިފައިވުމުންނެވެ. އެދުވަހު އޮފީސް ނިންމާފައި އޮފީހުން ނިކުތް ވަގުތު މަންމަ އޭނައަށް ގުޅުމުން ވެސް އެ ނަފްރަތުގެ ހޫނުކަން އޭނައަށް އެނގުންވުން ނޫންކަމެއް ނުވިއެވެ.

"މައިސޫން އުޅެނީ ހޭ ގެއްލިގެންހެން މަންމައަށް ހީވަނީ! ގޭގެ ތެރޭގަ ހުއްޓުމެއްނެތި ހަޅޭއް އެބަލަވާ. ދޭތެރެދޭތެރެއިން އެއްޗެހި ތަޅާ ގޮތުން އަހަރުމެން މި ތިބެނީ ބިރުން. ކުރިން ވެސް ހިތަށްއެރިއޭ މިރްޒާނަށް އެ އަނިޔާތައް ދޭނީ އޭނައޭ. އޭގެ ކުރީ ދުވަހު އޭނަ ޕާޓީ މީހަކު އައިސް އެކަހަލަ ވާހަކައެއް ދެއްކި ވިއްޔާ. ދަރިފުޅު ތި ހެދީ ހަމަ ރަނގަޅަށް. އޭނަ ޖެހެނީ ހަމަ ޖަލުގެ ތޭރިތަކަށް ލާފަ ބާއްވަން! ކޯޓުން އޭނައަށް ގުޅީމަ މިއަދު ފޯރި އަރައިގެން އެ އުޅެނީ!" އެކޮޅުން މަންމަ ވާހަކަ ދެއްކިއިރު ވެސް ފަހަތުން މައިސޫން ހަޅޭއްލަވަމުން ދިޔަ އަޑު މިރްޒާނަށް އިވުނެވެ. އެ ހިނދު މަންމަމެންނަށްޓަކައި ވެސް އޭނަގެ ހިތުގައި ބިރުވެރިކަމެއް އުފެދުނެވެ. މައިސޫނަށް ވެސް ދެން އެންމެ ރަނގަޅުވާނީ މަންމަ ބުނި ފަދައިން ކޮންމެވެސް އަދަބެއް ލިބުންކަން މިރްޒާނަށް ވެސް ޤަބޫލުކުރެވުނެވެ. އެއަށްފަހު މައިސޫން އިޞްލާޙުވެ މި ހުރިހާ މައްސަލައެއް ޙައްލުވެދާނެކަމަށް އޭނައަށް ހީކުރެވުނެވެ. އެހެނަސް އެއީ ކިހާ ބޮޑު ކުށްހީއެއްކަން މިރްޒާނަށް އެވަގުތު އިޙްސާސެއް ނުކުރެވެއެވެ.

މައިސޫން މައްސަލައަށްޓަކައި މާލެއަށް ގެނެވުނީ ވެސް ލަތީފާއި ހާފިޒާގެ ހިތްވަރުންނެވެ. މައްސަލަ ބެލުމަށްފަހު މައިސޫނާއި ދެކޮޅަށް ހުރި ހެކިތަކަށް ބަލާފައި 4 މަހަށް ޖަލަށްލުމަށް އޭނަގެ މައްޗަށް ޙުކުމް ކުރެވުނެވެ. މައްސަލަ ނިމި، މައިސޫން ފުލުހުންގެ ޖިޕަށް އަރަން ދިޔަ ވަގުތު ހާފިޒާއާއި ލަތީފާއި އަމީރާގެ އިތުރުން މިރްޒާނާއި އަމްނާ ވެސް ތިއްބެވެ. އެތާ ތިބި އެހެން މީހުންނަށް އަވަސް ނަޒަރެއް ދީފައި މައިސޫން އޭނަގެ ރަތްވެފައިވާ ދެލޯ އަމާޒުކޮށްލީ މިރްޒާނާއި އަމްނާއަށެވެ.

"ކަލޭމެން އަހަންނަށް މި ޖެއްސި ޙާލުގެ ހިތިކަން މުޅި ޢުމުރަށް އިޙްސާސް ކުރެވޭވަރު ކުރާނަން! ހަނދާންކުރާތި!" މައިސޫން ޖިޕަށް އަރަމުން ދިޔަ ވަގުތު ހަޅޭއްލެވިއެވެ. މިރްޒާން މިފަހަރު މައިސޫންގެ އެ ބިރު ދެއްކުން މާ ބޮޑުކަމެއްގެ ގޮތުގައި ނުނެގިއެވެ. އޭނައަށް މިއަދު މި ޙާލު ޖެހިފައިވަނީ ވެސް ކުރީ ފަހަރުވެސް މައިސޫން އޭނައަށް ބިރުދައްކާފައި ކުރި ކަމެއްގެ ސަބަބުން އެނގުންވީތީވެއެވެ. އެހެނަސް އޭނައަށް ނޭނގުނު ކަމަކީ އޭނަ ޙަޤީޤަތުގައި ބިރުގަންނަންވީ ފަހަރަކީ މިއީކަމެވެ.

އެކަން ނޭނގި މިރްޒާން އަނެއްކާވެސް އޭނަގެ ދުވަސްތައް ގުނަން ފެށީ އުފާވެރިކަމާ އެކީގައެވެ. އަމްނާގެ ބަނޑަށް 8 މަސް ފުރި 9 މަހަށް އެޅެމުން ދިޔަދިޔަހެން މިރްޒާނާއި އަމްނާ ދަރިފުޅަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއްވަމުން ދިޔައެވެ. ދަރިފުޅަށްޓަކައި ވަކިން ކޮޓަރިއެއްގައި ކުލަ ލައި އެނދާއި ކޮށި ގަނެ އެ އެއްޗެހިތައް ޒީނަތްތެރި ކުރަމުން ދިޔައެވެ. މި މަސައްކަތުގައި ހާޝިމާއި ޙަމީދާގެ ފުރިހަމަ އެހީތެރިކަން ވެސް ލިބެމުން ދިޔައެވެ. ހާފިޒާއާއި ލަތީފް މައިސޫންގެ މައްސަލައަށްފަހު ވަގުތުން ރަށަށް ދިޔައީތީ އެމީހުންނަށް އެކަންތަކުގައި ބައިވެރިވެވޭ ގޮތެއްނުވިއެވެ. އެކަމާމެދު ހާޝިމްގެ ދެމަފިރިން ޝަކުވާވެސް ކުރިއެވެ. އެމީހުންނާއި ބައްދަލުވެސް ކުރުމެއްނެތި މިރްޒާންގެ މައިންބަފައިން ދިޔުމުންނެވެ. އަމިއްލަ ދަރިފުޅު ކުރި ކަންތަކަށްފަހު މަންމަމެން އެހެން ބަޔަކާއި ކުރިމަތިލާން ވެސް އެދުވަހު ޖެހިލުންވީކަން މިރްޒާނަށް އެނގުންވިއެވެ. އެހެނަސް މަންމަމެން އަދި ފަހުން އިރާދަކުރެއްވިއްޔާ އަންނާނެކަމަށް މިރްޒާން ބުންޏެވެ.

ވީ އެ ހުރިހާ ތައްޔާރީތަކަށްފަހު އެ ތައްޔާރީތައް ވެވުނު ފަރާތުގެ ރުއިމުގެ އަޑު މިރްޒާނަށް އިވިގެން ދިޔައީ އޭގެ ދެ ހަފްތާ ފަހުންނެވެ. ގަޑިއިރުތަކެއް ވަންދެން ހޮސްޕިޓަލެއްގެ އެނދެއްގައި ވޭންއަޅަމުން ދިޔަ އަމްނާގެ ކައިރީގައި އޭނަގެ އަތުގައި ހިފަހައްޓައިގެން ހުރި މިރްޒާނަށް އެ އަޑު އިވިގެން ދިޔުމުން އޭނަ ތުންފަތްމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ލޮލަށް ޖަމާވެގެން ދިޔަ އުފާވެރިކަމުގެ ކަރުނަތަކާއެކީ އޭނަ އަމްނާއަށް ބަލާލި ވަގުތު އެ ވަރުބަލިކަމުގެ ތެރެއިން ފުން ނޭވާތަކެއް ލަމުން އަމްނާ ވެސް ހިނިތުންވެލީ މަންޒަރު މިރްޒާނަށް ފެނުނެވެ. އޭގެ މާ ގިނައިރެއްނުވެ ނަރުސް ކުއްޖަކު އައިސް އެދެމީހުންގެ ދެލޯފަދަ ދަރިފުޅު މިރްޒާންގެ އަތަށް ލައިދިނެވެ. އެއާއެކު މިރްޒާން އިތުރަށް ފުންވެގެން ދިޔަ ހިނިތުންވުމަކާއެކީ ދަރިފުޅުގެ ކަންފަތުގައި ބަންގި ގޮވިއެވެ. އެއަށްފަހު ދަރިފުޅަށް ބޮސްދީފައި ދަރިފުޅާއެކީ އަމްނާގެ ކައިރީގައި އިށީނީ އިންތިހާއަށް އުފާވެފައިވި ހިތަކާއެކީ ޙަމްދުކުރާ ޙާލުގައެވެ.

އެއަށްފަހު ވެސް މިރްޒާންގެ ޙަޔާތުގައި ވޭތުވާންފެށީ އަދި އެއަށްވުރެ ވެސް އުފާވެރި ދުވަސްތަކެވެ. ދަރިފުޅު ލިބުމަށްފަހު އޭނައާއި އަމްނާގެ ޒަވާޖީ ޙަޔާތް އިތުރަށް ފުރިހަމަވެގެން ދިޔަ ފަދައެވެ. ދެމީހުން ރޭވި ފަދައިން ހަމަ އެކުއްޖާގެ ނަމަކަށް ދެވުނީ 'ޢަބްދު ﷲ މުޙްސިން'އެވެ. އަދި ދެމީހުން ރާވައިގެން ތިބީ ދެ ނަން ކިޔަންކަން ވެސް އެކަކު ވެސް ހަނދާނެއް ނުނެތެއެވެ. އެހެންކަމުން އަމްނާ ދަރިފުޅަށް ގޮވަމުން ދިޔައީ 'ޢަބްދު ﷲ' ގެ ނަމުންނެވެ. މިރްޒާން އެކުއްޖާއާއި މުޚާތަބު ކުރަމުން ދިޔައީ 'މުޙްސިން' ގެ ނަމުންނެވެ. ހާޝިމްމެން ވެސް ދަރިފުޅުގެ ފުރިހަމަ ނަން އިވިފައި މުޙްސިންއޭ ކިޔަން ފެށުމުން އަމްނާ ނުރުހުންވާކަމަށް ހެދުނެވެ. ލަތީފް ކުޑަކޮށް ބަލިވުމުގެ ސަބަބުން ދަރިފުޅު ބެލުމަށްޓަކައި މާލެއަށް ނާދެވުނު ހާފިޒާއަށް ގުޅައި އަމްނާ އެ ޝަކުވާ ކުރިއެވެ. އެހެންކަމުން ހާފިޒާ ވެސް އަމްނާގެ ކޮޅު ނެގުމަށްޓަކައި ކުއްޖާއަށް ޢަބްދު ﷲ ކިޔަން ފެށުމުން އެއީ އެންމެން ވެސް ހެއްވާލި ސަބަބަކަށްވިއެވެ.

އެ ސަމާސާތަކުގެ ތެރެއިން މިރްޒާނާއި އަމްނާގެ ޢާއިލާތަކުގެ ގުޅުމުގެ އިތުރުން އެ ދެމީހުންގެ ދެމެދުގައި އޮތް ގުޅުން ވެސް ވަރުގަދަވަމުން ދިޔައެވެ. ކުއްޖާގެ ނަމާއިމެދު އެންމެން ކުރިމަތީގައި ރުޅިވާ ކަމަށް ހެދެމުން ދިޔައެއްކަމަކު ދެމީހުން އެކަނިވާ ވަގުތުތައް ހޭދަވަމުން ދިޔައީ ލޯތްބާއި އެކީގައެވެ. އަމްނާ ވިހެއުމުން މިރްޒާން އޭނަގެ ޗުއްޓީގެ އަނެއްބައި ވެސް ނަގާފައިވީތީ އޭނައަށް އަމްނާއާއި ދަރިފުޅާއެކީ އިތުރު ވަގުތު ހޭދަކުރުމުގެ ފުރުޞަތު ލިބުނެވެ. ދެމީހުން އެކީގައި ދަރިފުޅު ނިންދެވުމާއި އެހެނިހެން ކަންތައް ކުރުމުގެ އިތުރުން ވެސް މިރްޒާން އަމްނާއަށް ވަކިން ވަގުތު ދެމުން ދިޔައެވެ. ވިހެއުމަށްފަހު ވެސް އަމްނާގެ ރީތިކަމަށް މިރްޒާން ތަޢުރީފުކުރަމުން ދިޔަ ޒާތުން އަމްނާ ލަދުގަންނަމުން ދިޔައީ އަލަތު ކައިވެންޏެއް ކޮށްގެން އުޅޭ ފަދައަކުންނެވެ. އެ ވާހަކަ ވެސް ދެކެވިގެން ދިޔުމުން އެދެމީހުން އިތުރަށް ގާތްވެގެން ދިޔައީ ދުވަހަކުވެސް ދެމީހުން އެކަކު އަނެކަކާ ވަކިވާން ބޭނުމެއްނުވާކަން ދެމީހުންނަށް ވެސް ޔަޤީންވުމުންނެވެ.

3 މަސް ވޭތުވެގެން ދިޔައީ މިފަދަ ގޮތެއްގައެވެ. 3 މަސް ވޭތުވީ މިރްޒާން އޭނަގެ ޢާއިލާއާއެކީ އުފާވެރި ދުވަސްތައް ވޭތުކުރުމުގައެވެ. އެ ދުވަސްތައް ހިނގަމުން ދިޔަދިޔަހެން އޭނައަށް އޭނަގެ ޢާއިލާއާއި ނުލާ އުޅެން ދަތިވާނެކަން މިރްޒާނަށް ޤަބޫލުކުރެވުނެވެ. ޖާނަލިސްޓުންނަށް އެވޯޑް ދިން ޙަފްލާއެއްގެ ތެރެއިން އަހަރުގެ އެންމެ ފާހަގަ ކޮށްލެވޭ ޖާނަލިސްޓުގެ މަޤާމް އޭނައަށް ލިބުމުން ދެއްކި ވާހަކައިގައި ވެސް މިރްޒާން އޭނަގެ ކާމިޔާބީގެ ފަހަތުގައިވި ސަބަބަކަށް އޭނަގެ އަންހެނުންނާއި އޭނަގެ ދަރިފުޅު ހިމެނިއެވެ. އެދެމީހުންނާއި ނުލާ އޭނައަށް އޭނަގެ ދިރިއުޅުން ޚިޔާލެއްވެސް ނުކުރެވޭނެ ކަމަށް އޭނަ މައިކް ކައިރި ހުރެ ބުނެލި ވަގުތު ވެސް އެލޮލުން ކަރުނަ ހިލުނެވެ.

މިރްޒާނަށް ނޭނގުނު ކަމަކީ ހަމަ އެރޭ އެ މަންޒަރު ޓީވީއިން ބަލަން ހުރި މީހަކު އޭނަގެ ހުރިހާ ބިރެއް ޙަޤީޤަތަކަށް ހަދަން ފައިވިއްދައިގެން ހުރިކަމެވެ. އޭނައަށް ކިރިޔާވެސް އެކަމުގެ ހިލަމެއްވީ އޭނަގެ ޢިމާރާތާއި ހަމައަށް ގޮސް ކާރު ޕާކް ކޮށްލަމުން އޭނަ ޢިމާރާތަށް ވަންނަން އުޅުނު ވަގުތެވެ. ގާޑު ބޭބެއާއި ވާހަކަ ދެއްކުމަށްފަހު ގޭޓުން ވަންނަން އުޅުނު ވަގުތު މިރްޒާންގެ މެއަށް ފިނިވީ ޢިމާރާތުގެ ކައިރީގައި އޭނައާއި ތަންކޮޅެއް ދުރު ހިސާބެއްގައި ހުރި މައިސޫން ފެނިގެން ދިޔުމުންނެވެ. އޭނަގެ މޭ ރޫރޫ އަޅައިގެން ދިޔައީ މައިސޫން ވާހަކަ ދައްކަން ހުރި މުސްކުޅި ފިރިހެނަކު ފެނުމުންނެވެ. އެ މީހާގެ ނުރަވެފައިވި ކޮނޑާއި ހަމައަށް އޮތް އިސްތަށިގަނޑު ހޭވިފައި ހުރިއިރު ލައިގެން ހުރީ މިލަކޮށް ފެންނަމުން ދިޔަ ޓީޝާޓަކާއި މުންޑެކެވެ. އެއީ ކާކުކަން އެނގުންވީ ހިނދު މިރްޒާނަށް ހިންދިރުވާލަމުން އެދިމާލަށް ބަލަން ހުރެވުނީ ބިރެއް ފެނިގެން އުޅޭ ފަދައަކުންނެވެ. ހަމަ އެ ހިނދު އެތާހުރި ގާޑު ބޭބެ ވާހަކަ ދެއްކިއެވެ.

"އޭނައަށް ދޯ ތިބަލަނީ. އެއީ އެއްކަލަ ސިޙުރު ހަދާ އާދަނު. ނޭނގެ މި ޢިމާރާތުގެ ކާކުގެ ދިރިއުޅުން ބަރުބާދުކޮށްލަން ކަމެއް އޭނަ އައިސްގެން އުޅެނީ." ގާޑު ބޭބެ ބުނެލި ވާހަކައިން ސިކުނޑި ދިން އިންޒާރާއެކީ މިރްޒާންގެ ހިތް ބާރަށް ތެޅެން ފެށިއެވެ.

Comments

Popular posts from this blog

Arabic Pronouns (dhameer)

Harf of Nasb (English + Dhivehi)

Mudhaaf-mudhaaf ilaihi and pronouns (English lesson)