Hiyaa (Part 8) - Dhivehi blog post


އަޅުގަނޑު އިސްތިޚާރާގެ ދުޢާދެކެ ލޯބިވާ މިންވަރާއި އެ ދުޢާގައިވި ބަސްތައް އަޅުގަނޑުގެ ލޯ ކުރިމަތިން ޙަޤީޤަތެއްގެ ސިފައިގައި ފެނިގެން ދިޔަގޮތް ކިޔައިދޭންވެސް އަޅުގަނޑަށް ދައްޗެވެ. ތަންކޮޅެއް ކުރިން އަޅުގަނޑު ޙިއްޞާކުރި ޕޯސްޓެއްގައި އަޅުގަނޑު އިސްތިޚާރާއާއިމެދު އެންމެ ފުރަތަމަ ގެންގުޅުނު ނަޒަރިއްޔާތު އަޅުގަނޑު ޙިއްސާކޮށްފައިވާނެއެވެ. އެންމެ ދެ ރަކުޢަތުގެ ނަމާދެއްގެ ސަބަބުން އަޅުގަނޑުގެ މުޅި ޙަޔާތް ބަދަލުވެގެން ހިނގައިދާނެކަމާއިމެދު ޝައްކު ކުރެވުނެވެ. އެހެނަސް އަޅުގަނޑު ފުރަތަމައަށް ކުރި އެ އިސްތިޚާރާ ނަމާދުން އަޅުގަނޑުގެ ޙަޔާތް ބަދަލުވިއެވެ. އަޅުގަނޑު ޚިޔާލުވެސް ނުކުރާ ފަދަ ގޮތަކަށެވެ. 3 އަހަރު ކުރިން އެ ކުރި އިސްތިޚާރާ ނަމާދުގެ ފައިދާތައް އަޅުގަނޑަށް މިއަދާއި ހަމައަށް ވެސް ފެންނަމުން ދެއެވެ.
އިސްތިޚާރާ ނަމާދުގެ ދުޢާއާއިމެދު އިތުރަށް ވިސްނާލުމުން އަޅުގަނޑަށް މިއަހަރު ލިބުނު ޢިބްރަތެއް ޙިއްސާކޮށްލާނަމެވެ. ވަރަށް ގިނަ ފަހަރު އަޅުގަނޑުމެން އިސްތިޚާރާ ނަމާދުކުރަން ޖެހިލުންވާތަން އާދެއެވެ. އަޅުގަނޑުމެން ހިތް އެދޭ ގޮތާއި ދެކޮޅަށް ކަންތައްވާން ފަށާފާނެކަމަށްޓަކައެވެ. އިސްތިޚާރާގެ ސަބަބުން ތިބާ ލޯބިވާ ކަމަކުން ތިބާ ދުރުވެދާނެތީވެއެވެ. ނިންމުމަކާމެދު އިސްތިޚާރާ ކުރަންވުމުން އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ އަޚުންނާއި އުޚްތުންނަށް މިފަދަ ބަސްތައް ބުނެވޭތަން އާދެއެވެ.
'އެކަމަކު އަހަރެން އޭނަ ނޫން މީހަކާއި އިންނަން ބޭނުމެއްނުވެއެވެ.'
'އަހަރެން އިތުރަށް ކިޔަވަން އެތަނަށްދާން ރޭވި ރޭވުން ބަދަލުކުރަން ބޭނުމެއްނުވެއެވެ.'
'އެތަން ނޫން އެހެން ތަނެއްގައި އަހަރެން ވަޒީފާ އަދާކުރަން ބޭނުމެއްނުވެއެވެ.'
މި ބަސްތައް އަޅުގަނޑުމެންނަށް ބުނެވެނީ އިސްތިޚާރާގެ ސަބަބުން އަޅުގަނޑުމެންގެ ހިތްތައް އެދޭ އެ އެދުންތައް ފުރިހަމަކުރަން ދަތިވުމުގެ ފުރުޞަތު އެބައޮތްކަން ދަނެގެންނެވެ. އަދި އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުންނަކީ އިސްތިޚާރާއަށްފަހު ވެސް އެ ދަތިތައް ކުރިމަތިންވުމުން ވެސް އެ ނިންމުމާއިގެން ކުރިއަށްދާ މީހުންނެވެ. އެ ލޯބިވާ ނިންމުމެއްގައި ދެމިހުރުމަށެވެ. އެކަމެއް ގެއްލުމުން އެއަށްވުރެ ރަނގަޅު ގޮތެއް ދެން ނުފެންނާނެހެން ހީވާ ވަރުންނެވެ.
ޚުދު އަޅުގަނޑަށް ވެސް ވިސްނެމުން ދިޔައީ އެފަދައިންނެވެ. އެއީ އިސްތިޚާރާގެ ދުޢާގެ ފަހުކޮޅުގައިވި ބަސްތައް އަޅުގަނޑު އެންމެ ފަހުން ކުރި އިސްތިޚާރާގައި އަޅުގަނޑަށް ފާހަގަކުރެވުމުގެ ކުރިންނެވެ. އެ ދުޢާގައި އަޅުގަނޑުމެން ﷲ ގެ ޙަޟްރަތުގައި ހަމައެކަނި އެދެނީ އެނިންމުމެއް ރަނގަޅު ވިއްޔާ އެކަމެއް ފަސޭހަކޮށްދީ އެ ނިންމުން ގޯސްނަމަ އެއިން ދުރުކޮށް ދިނުމަށް ނޫނެވެ. އެ ހުރިހާ ބަސްތަކަށްފަހު އަޅުގަނޑުމެން ދުޢާގައި ކިޔަނީ މިހެންނެވެ. وَقْدُر لِيَ الْخَيْر حَيْثُ كَانَ ثُمَّ أَرْضِنِي بِهِ (އަދި ރަނގަޅުގޮތް ކޮންމެ ހިސާބެއްގައި ވިޔަސް އެގޮތް މިއަޅާއަށް މެދުވެރިކުރައްވާށެވެ. އަދި އެއާއިމެދު ހިތުގައި ހަމަޖެހުން ބާއްވަން މިއަޅާއަށް އެހީވެދެއްވާށެވެ.)
މި ބަސްތަކާމެދު ވިސްނާލެވުމުން އަޅުގަނޑު އަލަށް އިސްތިޚާރާއަށް ތަޢާރަފުވެގެން ދިޔަ ކަހަލަ އިޚްސާސެއް އަޅުގަނޑަށް ކުރެވުނެވެ. 'އަދި ރަނގަޅުގޮތް ކޮންމެ ހިސާބެއްގައި ވިޔަސް އެގޮތް މިއަޅާއަށް މެދުވެރިކުރައްވާށެވެ' މި ބަސްތައް އެދުވަހު އަޅުގަނޑުގެ ސިކުނޑީގައި ގުގުމަމުން ދިޔައެވެ. އަދި އަޅުގަނޑު ޙަޔާތުގައި ކުރި އެންމެ ފުރަތަމަ އިސްތިޚާރާގެ ޖަވާބު އައި ގޮތާއިމެދު ވިސްނާލުމުން ކަންތައްވެގެން ދިޔައީ ހަމަ އެ ބަސްތަކާއި އެއްގޮތަކަށްކަން އަޅުގަނޑަށް އެނގުންވިއެވެ. އަޅުގަނޑު އޭރުވީ އަޅުގަނޑު ދޫކޮށްލަން އެއްގޮތަކަށް ވެސް ބޭނުމެއްނުވާފަދަ ޙާލަތެއްގައެވެ. އިސްތިޚާރާއަށްފަހު އެ ޙާލަތުން އަޅުގަނޑު ދުރުވާންޖެހޭ ކަމުގެ އެތައް ޢަލާމާތެއް ފެނުނެއްކަމަކު އަޅުގަނޑު ގޮތް ދޫނުކުރީމެވެ. އެންމެ ފަހުން އެއްދުވަހު އަޅުގަނޑު ގަދަކަމުން އެ ޙާލަތުން ނެރެވުނެވެ. އެހާ ބޭނުންވެގެން ހުރި ކަމަކުން ދުރުވުމުން އަޅުގަނޑު ވަރަށް ވެސް ދެރަވިއެވެ. އެހެނަސް ދުވަސްކޮޅެއް ފަހުން އަޅުގަނޑު ހީވެސް ނުކުރާފަދަ ދިމާލަކުން އެ ނިޢުމަތާއި އެއްކަހަލަ ނިޢުމަތެއް ލިބުނެވެ. އެހެނަސް މިފަހަރު އެ ލިބުނު ނިޢުމަތުން އަޅުގަނޑު ހީވެސް ނުކުރާ ފަދަ އުފާވެރިކަމާއި ހިތްހަމަޖެހުމާއި ކުރިއެރުންތައް ލިބިގެން ދިޔައެވެ.
އެހެންކަމުން ދެން ތިބާ އެއްވެސް އުދަގޫ ނިންމުމެއް ނިންމަން ޖެހޭ ވަގުތު ޖެހިލުންވުމެއްނެތި އިސްތިޚާރާ ނަމާދުކުރާށެވެ. އަދި އޭގެ ސަބަބުން ތިބާއަށް އެއްވެސް ޙަޤީޤީ ގެއްލުމެއް ނުލިބޭނެކަމާމެދު ޔަޤީންކުރާށެވެ. އެހެނީ ތިބާ އިސްތިޚާރާއަށްފަހު ތި އެދެނީ ތިބާދެކެ އެންމެ ލޯބިވާ އަދި ތިބާ އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތުންނެވެ. ތިބާގެ ޙަޔާތަށް ފަސޭހަކަން ގެންނަވާނީ އެކަލާނގެއެވެ. ތިބާ ސަލާމަތުގެ އައްސޭރިއަށް ގެންނަވާނީ އެކަލާނގެއެވެ. އަދި ތިބާގެ ޙަޔާތް އަސްލުގޮތެއްގައި ރީތި ކުރައްވާނެ ފަރާތަކީ ވެސް ހަމަ އެކަލާނގެއެވެ.
މާތް ﷲ އަޅަމެންނަކީ އެކަލާނގެއަށް ފުރިހަމައަށް އިތުބާރުކުރާ ބަޔަކު ކަމުގައި ލައްވާށި! އާމީން!
-މިއީ މި ދިޔަ އަހަރު އަޅުގަނޑު ލިޔުނު ޕޯސްޓެކެވެ.-

Comments

Popular posts from this blog

Arabic Pronouns (dhameer)

Harf of Nasb (English + Dhivehi)

Mudhaaf-mudhaaf ilaihi and pronouns (English lesson)