Hiyaa (Part 7) - Dhivehi blog post
ﷲ އަށްޓަކައި ކަމެއް ދޫކޮށްލަން ނިންމާ ވަގުތު ވަރަށް ގިނަ
ފަހަރު ނުތަނަވަސްކަމަކުން އަޅުގަނޑުމެންގެ ހިތް ވަށާލެވިގެންދެއެވެ. އަޅުގަނޑުމެން
ލޯބިވާ ކަމަކުން ދުރުވެދާނެހެން ހީވާ ހީވުމުގެ ނުތަނަވަސްކަމެވެ. ދިރިއުޅުމުގެ
ވަރަށް ބޮޑު ބައެއް އަދާ ކުރި ކަމަކުން އެއްކިބާވުމުގެ ނުތަނަވަސްކަމެވެ. އެކަމުން
އެއްކިބާވެއްޖެނަމަ އެއިން ލިބޭނެ ގެއްލުމަށް ނޫނީ ހިތާމައަށް ކެތް
ނުކުރެވިދާނެކަމުގެ ނުތަނަވަސްކަމެވެ.
މި ނުތަނަވަސްކަމާއެކީ އަޅުގަނޑުމެން އެކަމެއް
ދޫކޮށްލުމުން އަޅުގަނޑުމެންނަށް ހިތާމަވެރިކަން އިޙްސާސްވެއެވެ. ތަދު
އިޙްސާސްވެއެވެ. ހާސްކަމާއި ކަންބޮޑުވުން އިތުރުވެގެންދެއެވެ. އެހެނަސް މި ހުރިހާ
ކަމެއް ކުރިމަތިވަނީ މަޤްޞަދަކަށްޓަކައެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ
ހިތްތަކަށް ޝިފާ ދެއްވާ ގޮތް އަޅުގަނޑުމެންނަށް އިޙްސާސް ކުރުވުމަށްޓަކައެވެ.
އަޅުގަނޑުމެން ދެކެ އެންމެ ބޮޑަށް ލޯބިވެވޮޑިގެންވާ
ފަރާތަކީ ހަމައެކަނި ﷲ ކަން އޭރުން އަޅުގަނޑުމެންނަށް އެނގިގެންދެއެވެ. އެއްވެސް
މީހަކު އަޅުގަނޑުމެންނަށްޓަކައި ނުވާ ޙާލަތުގައި ވެސް ﷲ ސުބުޙާނަހޫ ވަތަޢާލާ
އަޅުގަނޑުމެންނާއި އެކީގައި ވާނެކަން އެނގުންވެގެން ދެއެވެ. އެންމެ ހިތްދަތި އަދި
ހިތާމަވެރި ވަގުތުކޮޅުތައް ވެސް އީމާންކަމުގެ ފޮނިކަމުން އެންމެ އުފާވެރި
ވަގުތުކޮޅުތަކަށް ބަދަލު ކުރެއްވުމުގެ ބާރު ﷲ ސުބުޙާނަހޫ ވަތަޢާލާއަށް
ލިބިވޮޑިގެންވާކަން އަޅުގަނޑުމެންނަށް އިޙްސާސްވެގެންދެއެވެ.
ދެން ހަމަ އެވަގުތު ތިރީގައި މި ވާ އާޔަތަކީ ކިހާ ބޮޑު
ޙަޤީޤަތެއްކަން ތިބާއަށް އިޙްސާސްވެގެން ދާނެއެވެ. (އިން ޝާ ﷲ)
"....ﷲ
އަށް އީމާންވާ މީހާގެ ހިތަށް ހިދާޔަތް ދައްކަވަނީ އެކަލާނގެއެވެ..."
ސޫރަތުއްތަޣާބުން، 11
Comments
Post a Comment