Hiyaa (Part 5) - Blog post dhivehi


ލޮބުވެތި އުޚްތުންނެވެ. ކުޑައިރު އެމީހެއްގެ ހުވަފެންތައް ދުއް 'ޕްރިންސް ޗާރމިންގް' ގެ މަތިން ހަނދާން އެބަހުރި ހެއްޔެވެ؟

އެ ޕްރިންސް ޗާމިންގްގެ ޝަޚްޞިއްޔަތުން ތިބާއަށް ކަމެއް ފާހަގަވާނެއެވެ. އެއީ ޕްރިންސް ޗާރމިންގްއަށް ކަމުދާ އަންހެން ކުއްޖާ ޙާޞިލުކުރުމަށް އޭނަގެ ކިބައިގައި ހުންނަ ޢަޒުމެވެ.

ފިލްމުތަކުގައި ޕްރިންސް ޗާރމިންގްއަކަށް ކުއްޖަކު ކަމުދާއިރަށް އޭނަގެ ނަޒަރު ވާނީ ހަމައެކަނި އެ އަންހެން ކުއްޖާއަށްޓަކައެވެ. އެ އަންހެން ކުއްޖާއާއިމެދު ވާހަކަ ދައްކާއިރު އޭނަ އެކުއްޖާއަށް މުޚާތަބު ކުރާނީ 'ޕްރިންސެސް' ގެ ނަމުންނެވެ. އެހެނީ ޕްރިންސް ޗާރމިންގްގެ އުއްމީދަކީ އެކުއްޖާއާއި ކައިވެނިކޮށް އެ ކުއްޖާއާއެކީ މުސްތަޤްބަލެއް ބިނާކުރުމެވެ. އެހެންކަމުން ޕްރިންސް ޗާރމިންގް އޭނަގެ މައިންބަފައިން (ރަސްގެފާނާއި ރާނީ) ގެ އަރިހުގައި އެ އަންހެން ކުއްޖާގެ ވާހަކަ ވީހާވެސް އަވަހަކަށް ބުނަން ނިންމައެވެ. އެއީ އޭނަ ބޭނުންވާ ކަންތަކާއިމެދު އޭނަގެ ހިތުގައި ޝައްކެއް ނެތީތީވެއެވެ. އަދި އޭނަ ބޭނުންވާކަމެއް ޙާޞިލު ނުވަނީސް އޭނައަކީ ފަހަތަށް ޖެހޭނެ ޝަޚްޞިއްޔަތެއްނޫނެވެ.

ދެން ﷲ އާއި އެކަލާނގެ ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމްގެ ފަރާތުން އަޅުގަނޑުމެންނަށް ދަސްވެފައިވާ ކަންތަކަށް ބަލައިލަމާ ހިނގާށެވެ. މީހަކު ކަމުދިޔުމުން އަޅުގަނޑުމެންނަށް އަންގަވާފައިވަނީ އެމީހަކާއި ކައިވެނީގެ ގޮތުން ގުޅުމަށް އެދުމަށެވެ. އެހެން އެއްވެސް ކަމަކަށް ނޫނެވެ. އިޙްސާސްތަކާއި ކުޅޭ ކުޅިވަރެއް ނޯންނާނެ ފަދައިންނެވެ. ގުޅުމެއް އޭގެ އެންމެ ރީތި ދުވަސްތަކާއި ހަމައަށް ދާނެކަމާމެދު ހިތުގައި ޝައްކުތަކެއް ނޯންނާނެ ފަދައިންނެވެ. މީހަކު ކަމުދިޔުމާއި އެމީހަކާއެކީ ބިނާކުރެވޭ އުފާވެރި މުސްތަޤްބަލާއި ދެމެދު މާ ބޮޑު ދުރުމިނެއް ނޯންނާނެ ފަދައިންނެވެ.

ދެން މި ޒަމާނުގައި ކަން ހިނގާ 'ޑޭޓިންގް ސީން'އާއިމެދު ވިސްނާށެވެ. ކައިވެނިން ބޭރުގައި ހިންގޭ ގުޅުންތަކުގައި ހިތުގައި އުފެދޭ ޝައްކުތަކާއިމެދު ވިސްނާށެވެ. އެގުޅުންތަކުން އުފާވެރި މުސްތަޤްބަލެއް ލިބޭނެ ކަމަށް އުއްމީދުކުރި ގުޅުންތަކުން އެފަދަ މުސްތަޤްބަލެއް ނުލިބި ހިނގައިދާ ގޮތެވެ. ކޮންމެ 'ބްރޭކް އަޕް' އަކަށްފަހު ދެން ލޯބި ނުވެވޭނެހެން ހީވެދާ ގޮތެވެ. ސުބްޙާނަ ﷲ!

އެހެންކަމުން ލޮބުވެތި އުޚްތުންނެވެ. ކައިވެނިން ބޭރުގެ ގުޅުމެއްގައި އުޅެން ތިޔަ އުޚްތުންނަށް ދަޢުވަތު ދޭ މީހުންގެ ދަޢުވަތަށް ފުރަގަސްދޭށެވެ. ތިބާއާއި ކައިވެނީގެ ގޮތުން ގުޅުމަށް އެދޭނެހާ ހިތްވަރު ހުރި މީހުންނަށް ފުރުޞަތު ދިނުމަށް ތިބާގެ 'ސްޓޭންޑާޑް' ތައް މަތިކުރާށެވެ. ތިބާ ދެކެ ލޯބިވާ ކަމަށް ބުނާ މީހަކު ކައިވެންޏަކަށް ތައްޔާރުތޯ ސުވާލުކުރާށެވެ. އެހެނީ ތިބާއަށް ޙައްޤުވަނީ ތިބާ ޙާޞިލުކުރަން ވަރުގަދަ ޢަޒުމެއް ހުރި މީހެކެވެ!

Comments

Popular posts from this blog

Arabic Pronouns (dhameer)

Harf of Nasb (English + Dhivehi)

Mudhaaf-mudhaaf ilaihi and pronouns (English lesson)