Hadhiya (part 36)


"މާޝާ ވަނީ އެހެން ކުއްޖަކާ ގުޅެން އެއްބަސްވެފަ." ލަތީފް އިއްވާލި ވާހަކައިން އައްޒާމްގެ ހިތް ހުއްޓުމަކަށް އައިހެން އޭނައަށް ހީވިއެވެ. ނޭވާ މެދުކެނޑިގެން ދިޔަ ހިނދު މޭގައި ރިހުމެއް އުފެދިގެން ދިޔައެވެ. އަރުތެރެ ބެދެން ފެށި ވަގުތު އޭނައަށް ދެން އިތުރު ވާހަކައެއް ނުދެއްކޭނެހެން އޭނައަށް ހީވިއެވެ. އެހެނަސް އޭނަގެ ހިތުތެރޭގައި ކެނޑެމުން ދިޔަ އުއްމީދުގެ ރޯދިތަކުގެ ތެރެއިން ރޯއްޖެއްގައި ހިފަހައްޓަމުން އައްޒާމަށް ގަދަކަމުން ކަހަލަ ގޮތަކަށް ހީލެވުނެވެ.

"ހް....ހެހެ...ސަމާސާއެއްދޯ ބޭބޭ؟ އެހެންނޫނީ މާޝާ ބުނެފަ އޮތީތަ އޭނަ ކުއްޖަކާ އިންނަން ބޭނުންވާ ވާހަކަ؟ މާޝާ ހުރީ އަހަންނާ އިންނަން ބޭނުންވެގެންނޭ. މާޝާ އެ ދެއްކީ އަހަރެންގެ ވާހަކަ." އައްޒާމް އޭނަގެ ހިނިތުންވުމާއެކީ އޭނަގެ އުއްމީދުވެސް ދެމެހެއްޓޭތޯ މަސައްކަތް ކުރަމުން ތުރުތުރު އަޅާ އަޑަކުން ބުނެލިއެވެ. ނަމަވެސް ލަތީފްމެންގެ ސީރިއަސް ނަޒަރުތަކަށް އެއްވެސް ބަދަލެއް ނާދެއެވެ.

"ނޭނގެ ތީގެ ތެދެއް ދޮގެއް އައްޒާމް. އެކަމަކު މާޝާގާތު އެކުއްޖާގެ ވާހަކަ ބުނީމަ ވަރަށް އުފަލުން އެއްބަސްވީ. މާޝާއާ އެކުއްޖާގެ މަންމައާ ދެމެދުވެސް އޮންނަނީ ވަރަށް ގާތް ގުޅުމެއް. ވަރަށް ހިތްހަމަޖެހިފަ މާޝާ ހުރީ އެކުއްޖާއާމެދު." ލަތީފް ދެއްކި ކޮންމެ ވާހަކައެއް ދުނި ތީރުތަކެއް ފަދައިން ގޮސް އައްޒާމްގެ ހިތަށް ހެރުނެވެ. މޭތެރޭގައި ތޫނު ރިހުމެއް އުފެދިގެން ދިޔަ ވަގުތު އޭނަގެ ލޮލުން ދިލަ ނަގަން ފެށިއެވެ. މާޝާ އޭނަ ނޫން މީހަކާއެކީ އުޅެން ރުހުމާއެކީ އެއްބަސްވެދާނެކަމަށް ޤަބޫލުކުރަން އޭނަގެ ހިތް އިންކާރު ކުރިއެވެ. އެހެން ބުނެ އެ ހިތް ހަޅޭއްލެވުމުން އައްޒާމަށް އަނެއްކާވެސް ވާހަކަ ދެކެވުނެވެ.

"މާޝާ އެކުއްޖާއާއި ބައްދަލުކުރިތަ؟" އައްޒާމަށް އެހެން އަހާލެވުނީ ކުރަކިވެފައިވި އަޑަކުންނެވެ. އެ ވާހަކައަށް ދެންވެސް ލަތީފްގެ ނަޒަރު އެއްގޮތަކަށް ހުރިއިރު ހާފިޒާގެ މޫނުމަތިން ރުޅިވެރިކަން ފާޅުވާން ފެށިއެވެ.

"ބައްދަލެއްނުކުރޭ. މާޝާ މިވަގުތު ނުވެސް ނެތް މިކޮޅުގަ. މާލޭގަ ހުރީ. އެކަމަކު އެކުއްޖާ މިގެއަށް އައިސްހުރިއިރު ފޯނުން ވާހަކަ ދެއްކި މާޝާ ވެސް ބުނީ ދެކުދިންނަށް ދެކުދިން ވަރަށް ރަނގަޅަށް އެނގޭކަމަށް. ދެކުދިން އެކަކު އަނެކަކަށް ތަޢާރަފުވީ އެ ކުއްޖާގެ މަންމަގެ ފަރާތުންނޯ. މާޝާ ދިޔަ ދަރުހަށް އެ މަންމަވެސް ދިޔައީމަޔޯ ގުޅުން ބަދަހިވެގެން ދިޔަ..." ލަތީފްގެ ވާހަކަ ނުނިމެނީސް އައްޒާމް ވާހަކަ ދެއްކިއެވެ.

"އެހެންވީމަ ތިއީ އަދި ޔަޤީންނުވާ ކަމެއްނޫންތަ ބޭބޭ؟ ކައިވެނީގެ ވާހަކައެއް ދައްކާއިރު ބައްދަލުނުކޮށް ނިންމުމެއް ނިންމުމަކީ ރަނގަޅުކަމެއްނޫން." އައްޒާމް ބުނެލިއެވެ. އޭނައަށް ފަހު ބަސް ބުނެލެވުނުތަނާހެން އެ ހުރިހާއިރު ހިމޭނުން ހުރި ހާފިޒާގެ އަޑު ހަރުވިއެވެ.

"ކަލޭ ކީކޭތަ ކިޔަން ތިއުޅެނީ؟! އެނ؟ ބަލަ އަހަރުމެންގެ މާޝާއާއި އިންނަން އެ އެދިފަ ދިޔައީ ނުލާހިކު ޞާލިޙު ރަނގަޅު ކުއްޖެއް. ރަނގަޅު ކުއްޖަކަށްވީތީ އޭނަ މާޝާގެ ޙަޔާތަށް އައީވެސް. ކުރީގަ ކޮންމެ ގޮތަކަށް އުޅުނަސް މާޝާ ތައުބާވިފަހުން އުޅުނީ މުޅިން ވެސް ރަނގަޅު މާޙައުލުތަކުގަ. ދެން ކިހިނެއް އޭނަ ކަލޭ ކަހަލަ ދީނުން ބޭރުވެފަހުރި މީހަކާ އިންނާނީ؟" ހާފިޒާއަށް ފަހު ސުވާލު ކޮށްލެވުމާއެކު ލަތީފް ހަރުއަޑުން ހާފިޒާއަށް ގޮވާލި ވަގުތު އޭނަގެ ކަންފަތުގައި ހޮނު ގުގުރީގެ އަޑު ގުގުމާލި ކަހަލަ އިޙްސާސެއް އައްޒާމަށް ކުރެވުނެވެ. އޭނަ ހާފިޒާއަށް ބަލާލީ ބިރުވެރިކަމާއި ޤަބޫލުކުރަން ވެސް ބޭނުންނުވެފައިވި އަސަރުތައް އެކުލެވިފައިވި މޫނަކާއި އެކީގައެވެ.

"ހާފިޒާއަށް އެބަ އިނގޭތަ ތި ކިޔޭ އެއްޗެއް؟!" ލަތީފް ހިސާބެއްގެ ނުރުހުންތެރިކަމާއެކީ އަހާލިއެވެ.

"މަ މިއުޅެނީ ނޭނގިގެންތަ؟ ލަތީފް ވެސް އަޑުއެހީމެއްނު މީނައާ ބެހޭގޮތުން އިވުނު ވާހަކަތައް؟ މަށަށް ޔަޤީނާއި ގާތް އެއީ ދޮގެއްނޫންކަން. އަހާބަލަ އޭނަ ކައިރިން އޭނަގެ މަންމައާއި ބައްޕައަކީ ކޮންކަހަލަ ބައެއްތޯ!" ހާފިޒާ ވާހަކަ ދެއްކީ އޭނަގެ ލޮލުގައި އަޅުވާލެވުނު އަނދުނެއްގެ ސަބަބުން ޙަޤީޤަތް ދެކެން ބޭނުންނުވެފައި ހުރެއެވެ. ހާފިޒާ އެހެން ބުނުމުން ލަތީފްވެސް އައްޒާމަށް ބަލާލިއެވެ.

"ތެދެއްތަ ދަރިފުޅު؟ ދަރިފުޅުގެ ޢާއިލާއާ ބެހޭގޮތުން ވަރަށް އެހެން ކަހަލަ ވާހަކައެއް އިވިގެން މިއުޅެނީ. އެ ވާހަކަ ނިކަން ސާފުކޮށްލަދީބަލަ ދަރިފުޅު." ލަތީފް ވާހަކަ ދެއްކީ ލޯތްބާއި އެކީގައެވެ. އައްޒާމް ދިފާޢުކުރަން އުޅޭ ފަދައަކުންނެވެ. އެކަން އިޙްސާސް ކުރެވުނު އައްޒާމް، މި ޙާލަތުގައި އޭނައަށް އޭނަގެ އަމިއްލަ ނަފްސު ދިފާޢުކުރެވޭނެނަމައޭ ހިތަށްއެރިއެވެ. އެހެނަސް ޙަޤީޤަތަކީ ހިތި ޙަޤީޤަތެކެވެ. އެ ހިތިކަމުން ރެކެން ހިނދުކޮޅަކަށް ނަމަވެސް ދޮގު ހަދަން އައްޒާމްގެ ހިތަށްއެރިއެވެ. ނަމަވެސް ހިތުގައި އަޅަމުން ދިޔަ ވޭންތަކާއި އެކީވެސް އޭނަ ތެދުބުނަން ނިންމިއެވެ.

"ތި އިވުނީ ރަނގަޅަށް ބޭބޭ. އަހަރެންގެ މަންމައާއި ބައްޕައަކީ ދީނާއި ދުރު ދެމީހުން. އެކަމަކު އަހަރެން އެމީހުންގެ ޚިޔާލުތަކަށާއި ޢަމަލުތަކަށް ތަޢުރީފެއް އަދި ތާޢީދެއްވެސް ނުކުރަން. އަހަރެންގެ ވެސް އުއްމީދަކީ އަހަރެންގެ މަންމައާއި ބައްޕައަށް ހިދާޔަތް ލިބިގެން ދިޔުން. އެމީހުންގެ ގޮތްތައް ބަދަލުނުވަނީސް އެމީހުންނާއެކީ މާޝާ ނުވެސް ގެންގުޅެން އަހަރެން ރާވައިގެން ހުރީ ބޭބޭ. އެމީހުންގެ ފަރާތުން އެއްވެސް ގެއްލުމެއް މާޝާއަށް ލިބިދިޔަ ނުދޭނަން. މާޝާ ރައްކާތެރިކޮށްދޭނަން." އައްޒާމް ފެންކަޅިވަމުން ދިޔަ ދެލޮލާއެކީ ކުރެހިފައިވި އަޑަކުން އޭނަގެ ހިތުގެ ފުންމިނުން ކިޔައިދިނެވެ. އެއާއެކު ހާފިޒާ ދެންވެސް ހަޅޭއްލެވިއެވެ.

"ބަލަ އަހަރުމެންނަށް ދަޅަ ދައްކާނެކަމެއްނެތޭ. މާލޭ މީހުން ވާނީ ހަމަ މާލޭ މީހުންނަށް. ސަހަލު މީހެއް ނުހުންނާނެ އެކަކު ވެސް! ހަމައެކަނި މާޝާގެ ސޫރައާއި ރޫފަ ރީތިވެގެން އޭނައާއި އިންނަން ތިއުޅެނީ. ރީތިކަމުގެ ބޭނުން ހިފި ނިމުނީމަ އެ ވަރިވީ. ކަލޭ ދެންމެ ތިބުނި ޙަޤީޤަތަށްފަހު މާޝާ ދުވަހަކުވެސް ކަލެއާ އިންނަން އެއްބަސް ނުވާނެ. މިހާރު ރަނގަޅަށް ވިއްޔާ އަހަރުމެންނަށް މި ޚަބަރު ދިން ކުއްޖާގެ ފަރާތުން މާޝާއަށް ވެސް އޮންނާނީ އެނގިފަ. ދެންވެސް ދާންއުޅޭ!" ހާފިޒާ ދޮރާއި ދިމާލަށް އިނގިލި ދިއްކުރަމުން އައްޒާމާއި ކުރިމަތިލަމުން ހަރުކަށިކޮށް އެންގިއެވެ. އެ ހަރުކަށިކަންވެގެން ދިޔައީ އައްޒާމްގެ ބަލިވެފައިވި ހިތަށް ލިބުނު އިތުރު އަނިޔާއަކަށެވެ. ހިނދުކޮޅެއްގެ ތެރޭގައި އޭނަގެ ލޮލަށް ކަރުނަތައް ގިނަވެގަތް ހިނދު ދެންވެސް ހިތްވަރު ކުރަމުން އައްޒާމް ވާހަކަ ދެއްކިއެވެ.

"ބޭބޭ.....މާޝާއާއި ގުޅެން މިހާ ކައިރިއަށް އައިސް މާޝާގެ ބަހެއް ނުލިބި ދުރަށްދާން އަހަންނަށް ދަތި. ބޭބެ އަހަރެން ހުއްޓާ މާޝާއަށް ގުޅާލިއްޔާ އަހަންނަށް ވަރަށް ރަނގަޅު." އައްޒާމް އާދޭހުގެ ރާގަކަށް ލަތީފް ކުރެން އެދުނެވެ. ޙަޤީޤަތާއިމެދު ޝައްކު އުފެދިފައިވާ ޙާލު އައްޒާމަށް ޙަމްދަރުދީވެސް ވެވުނު ލަތީފް އައްޒާމްގެ އެ ވާހަކައަށް ބޯޖަހާލިއެވެ. ހާފިޒާ އެއަށްވެސް އެއްޗެކޭ ބުނަން އުޅުމުން ލަތީފް އެއްއަތް ދައްކަމުން އޭނަ ހުއްޓުވިއެވެ. އެއަށްފަހު އޭނަގެ ފޯނު ހިއްލައި މާޝާގެ ނަންބަރަށް ގުޅާލިއެވެ.

**

އާޝިޔާގެ އަތްދަބަހުގައި އޮތް ފޯނު ވައިބްރޭޓްވާން ފެށީ އޭނަ މާޝާ އަނބުރާ މާޝާގެ ބޮޑުދައިތަގެ ގެއަށްލާފައި މަގުން ހިނގާފައި ދިޔަ ވަގުތެވެ. ވައިބްރޭޓް ވާ އަޑަށް އާޝިޔާ އޭނަގެ އަތްދަބަސް ތެރެ ހާވަމުން އެ ފޯނު ނެގިއެވެ. ފިހާރަތެރެއިން އޭނަ މާޝާއަށް އޮޅުވައިގެން ނެގި މާޝާގެ އެ ފޯނުގެ ސްކްރީނަށް އަރާފަ އޮތީ 'ބައްޕަ' އެވެ. ފުރަތަމަ ސިކުންތުގައި އާޝިޔާ އެ ފޯނު ކަނޑާލަން އުޅުނެއްކަމަކު އޭނަ މަޑުކޮށްލީ ނުލަފާ ހިނިތުންވުމަކާއެކީގައެވެ. ފޯނު ރިންގުވަމުން ގޮސް ކެނޑެންދެން އޭނަ ސްކްރީނަށް ބަލަހައްޓައިގެން ހުރީއެވެ.

**

ފުރަތަމަ ފަހަރު ގުޅުމުން މާޝާ ފޯނު ނުނެގުމުން ލަތީފް ދެވަނަ ފަހަރަށް ވެސް ގުޅިއެވެ. ދެވަނަ ފަހަރުވެސް އަދި ތިންވަނަ ފަހަރުވެސް ފޯނު ކެނޑިގެން ދިޔުމުން ލަތީފް ވާހަކަ ދެއްކިއެވެ.

"ފޯނާއި ދުރުގަ ހުރި ގަޑިއެއް ކަންނޭނގެ މިއީ. އިންޓަވިއު.....އިންޓަވިއުވެސް ކެންސަލްވީ ވާހަކަ މިރްޒާން ބުނި. މާޝާ އާއްމުގޮތެއްގަ ފޯނު ނުނަގާ ނުދާނެ. ކިހިނެއްބާވީ؟" ލަތީފް ނުތަނަވަސްކަން އެކުލެވިފައިވި ގޮތަކަށް ބުނެލެވުނެވެ. އެ ނުތަނަވަސްކަން އެއަށްވުރެ ބޮޑަށް އިޙްސާސް ކުރެވުނު އައްޒާމަށް ވާހަކަ ދެކެވުނެވެ.

"އަ...އަހަރެން ގުޅާލަންތަ ބޭބޭ؟ އަހަރެން ގުޅީމަ މާޝާއަށް އެނގޭނެ ކީއްވެކަން މިގުޅަނީ. މިތާނގަ ހުރެ ސްޕީކަރަށް ލައިގެން ގުޅާނީ. އެންމެ ރަނގަޅެއްނު؟" އައްޒާމް ދެންވެސް ރަނގަޅަށް ކަންތައްވާނެކަމުގެ އުއްމީދުގައި ބުނެލިއެވެ. ލަތީފް ދެބުމަ ކައިރިކޮށްގެން އިނދެ ބޯޖަހާލިއެވެ. އެއާއެކު އައްޒާމް އަވަސްއަވަހަށް އޭނަގެ ޖީބުން ފޯނު ނަގައި އެތައް ދުވަހެއް ފަހުން މާޝާއަށް ގުޅަން ފެށިއެވެ. ނަންބަރު ޖަހާފައި ގުޅާލަން އުޅުނު ވަގުތު އައްޒާމް ޖެހިލުންވެސްވިއެވެ. މި ހުރިހާ ދުވަހު އޭނަ ހުރީ ބޭނުންވެގެން ވެސް އެކަމުން މަޙްރޫމްވެގެންނެވެ. ނުހަނު އަވަހަށް އޭނައަށް އޭނަގެ ހިތުގެ ވެރިޔާގެ އަޑު އިވޭނެކަމަށް ހިތް ބުނި ހިނދު ކެތްމަދުވެގެން ދިޔަ ހިތަކާއެކީ އެ ނަންބަރަށް ގުޅާލެވުނެވެ.

**

މާޝާގެ ބައްޕަ ގުޅުން ހުއްޓުމުން އާޝިޔާ އަނެއްކާވެސް މާޝާގެ ފޯނު ދަބަހަށް އަޅާލަން އުޅުނު ވަގުތު 4 ވަނަ ފަހަރަށް އެ ފޯނު ވައިބްރޭޓްވާން ފެށިއެވެ. ޗޮއްކަނޑާލަމުން އާޝިޔާ މިފަހަރު ސްކްރީނަށް ބަލާލީ ފޯނު ނިވާލުމުގެ މަޤްޞަދުގައެވެ. އެހެނަސް ސްކްރީނުން 'އައްޒާމް' ގެ ނަން ފެނިފައި އާޝިޔާގެ މޫނުމައްޗަށް މިފަހަރު ވެރިވީ ލާނެތް ހިނިތުންވުމެކެވެ. އޭނަ ސްކްރީނަށް ބަލަހައްޓައިގެން ހުރެފައި ފޯނު ބިޒީކޮށްލިއެވެ.

**

އައްޒާމްގެ އަތުގައި އޮތް ފޯނު ރިންގުވަމުން ދިޔަ އަޑު އެންމެންނަށް އިވެމުން ދިޔަ ހިނދު އެ އެންމެންވެސް ކެތްމަދުވެފައިވިއެވެ. އެހެނަސް ފޯނު ކުއްލިއަކަށް ބިޒީވެގެން ދިޔަ އަޑު އިވެން ފެށުމުން އައްޒާމްގެ ހިތަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ. އޭނަ ލަތީފްމެންނަށް ބަލާލި ވަގުތު ލަތީފާއި ހާފިޒާ އެކަކު އަނެކަކަށް ބަލާލީއެވެ.

"ކޮބާ ފެނޭތަ މާޝާ ލޯބިވަނީ ކާކުދެކެކަން؟" ހާފިޒާގެ ނަފްރަތުން ފުރިފައިވި ހިތް އޭނަގެ ކޮޅު މޮޅު ކުރުމަށް ލިބުނު ފުރުޞަތުގެ ބޭނުން ހިފިއެވެ.

"މް...މަޑުކުރޭ ދައްތާ! މާޝާއަށް އޮޅިގެން ކެނޑުނީ ކަންނޭނގެ...އަދި ގުޅާލާނަން." އައްޒާމް އަވަސްވެފައިވި ހިތަކާއެކީ އެ ފޯނު ކަނޑާލަމުން އަނެއްކާވެސް މާޝާގެ ނަންބަރަށް ގުޅާލިއެވެ. މިފަހަރުވެސް ދެ ރިންގަކަށްފަހު ދެންވެސް އިވެން ފެށީ އެކޮޅުން ބިޒީވީ އަޑެވެ. އައްޒާމް ދެންވެސް ތަކުރާރުކޮށް އެ ނަންބަރަށް ގުޅަން ފެށީ ލޮލުން ފައިބަން ފެށި ކަރުނަތަކާއި އެކީގައެވެ. 5 ފަހަރަށް ވެސް އެއްއަޑުތަކެއް އިވިގެން ދިޔުމުން އައްޒާމްގެ ގައިން ހުރިހާ ވަރެއް ދޫވިހެން އޭނައަށް ހީވިއެވެ. އެ ހިނދު ހާފިޒާގެ އަޑުއިވުނެވެ.

"ބަލަ މާޝާ ނުއުޅެއޭ ކަލޭގެ ފޯނަށް ޖަވާބުދޭކަށް. ދެން ނުބުނާތި އޭނައަށް ނުކެރިގެންނޭ. ދެންމެ ބައްޕަ ގުޅާފަ މިހާރު ކަލޭ އެތައް ފަހަރަކު ގުޅީމަ އެނގޭނެ މުހިއްމު ކަމަކުކަން މި ގުޅަނީ. އޭނަ ކަލޭގެ ފޯނު ނުނަގަނީ ކަލެއާއި އެއްވެސް ގުޅުމެއް ބާއްވަން ބޭނުމެއްނުވާތީ!" ހާފިޒާ އަންގާލިއެވެ. އެ ވާހަކަތައް އިވިފައި ވޭނެއް އެކުލެވިފައިވި ގޮތަކަށް ދެލޯ މަރާލުމަށްފަހު އައްޒާމަށް ފަހު ފަހަރަށް ލަތީފަށް ބަލާލެވުނީ ފެންކަޅިވެފައިވި ދެލޮލާއެކީ އޭރުވެސް ޤަބޫލުކުރަން ބޭނުމެއްނުވެފައިވި ހިތަކާއި އެކީގައެވެ. ލަތީފް އައްޒާމަށް ބަލަން އިނދެފައި ފުން ނޭވައެއް ދޫކޮށްލީ މާޔޫސީ ގޮތަކަށެވެ. އައްޒާމާއި ބެހޭގޮތުން ޤަބޫލުނުކުރަން އުޅުނު ކަންތައް ޤަބޫލުކުރަން އޭނައަށް މަޖުބޫރުވުމުން ހިތާމަކުރާ ފަދައަކުންނެވެ.

"އައްޒާމް ދެން ދިޔުން ދޯ އެންމެ ރަނގަޅުވާނީ؟" ލަތީފް ހިތްހަމަނުޖެހިފައި އިނދެވެސް އަދަބުވެރިކަމާއެކީ ބުނެލިއެވެ. އެ ހިނދު އައްޒާމްގެ މޭގައި އުފެދުނު ރިހުމެއްގެ ތޫނުކަމުން މުޅި ހަށިގަނޑުން ވާގި ދޫވާން އުޅުނުހެން އައްޒާމަށް ހީވިއެވެ. ހިރިލަން ވެސް ނޭނގިފައި އޭނައަށް އިނދެވުނީ އެހެންވެއެވެ. އޭނަ އެހެން އިންދާ ހާފިޒާ ކުއްލިއަކަށް ދާންއުޅޭށޭ ބުނުމުން އައްޒާމަށް ސިހުމެއް ލިބިގެން ދިޔައެވެ. އެ ސިހުމާއެކީ އެއްފަހަރު ހާފިޒާއަށް އަނެއްފަހަރު އޭނަގެ އަތުގައި އޮތް މާ ބޮނޑިއަށް ބަލާލި ހިނދު އައްޒާމްގެ ލޮލުން ކަރުނަތައް ފައިބައިގެން އައެވެ. އޭނަ އެ މާ ބޮނޑި ގަތީ ކިހާ އުފާވެރި އިޙްސާސްތަކާއެކީ ކަން ހަނދާންވުމުންނެވެ. މިއަދު އޭނަވަނީ އެ އިޙްސާސްތަކަށް މުޅިން އަލްވަދާޢު ކިޔަންވެފަކަން އެނގުންވުމުންނެވެ. އިތުރު ކަރުނަތައް އޭނަގެ ލޮލުން ފައިބަން ފެށުމާއެކު އޭނައަށް ރޮވެން އުޅުނުހެން ހީވުމުން އައްޒާމް އެ މާބޮނޑިއާއެކީ ކޮޅަށް ތެދުވެލިއެވެ. އަދި އެ މާ ބޮނޑިއާއެކީ އެގެއިން ނިކުންނަން ދިގު ފިޔަވަޅުތަކެއްގައި ދިޔައެވެ. އެ ހިނދު އިތުރަށް މާޝާގެ ފަހަތުން ނައުމަށް ހާފިޒާ އަމުރުކުރިއެވެ. މާޝާއާއި މާލެއިން ދިމާވި ނަމަވެސްއެވެ. އެ ބަސްތައް އިވުނު ހިނދު ފެންޑާގެ ތެރެއަށް ނިކުމެވުނު އައްޒާމްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭނަގެ ގެ ވެސް ހުރީ މާލޭގައިކަން އެނގުންވުމުންނެވެ. މާލެއަށް ގޮސްވެސް އޭނަ މާޝާއާއި އެހާ ކައިރިވެފައި މާޝާއާއި ބައްދަލުނުކުރުމުގެ ޚިޔާލުވެގެން ދިޔައީ ވޭންދެނިވި ޚިޔާލަކަށެވެ. ހިނދުކޮޅަކަށް ވިޔަސް އޭނަ މާލެއަށް އެނބުރި ނުދާން ހިތަށްއެރިއެވެ. މުލަކުގައި މަޑުކުރަން ހިތާހިތުން ނިންމުނެވެ. އެހެނަސް މިރަށުގައި ހުރުމުން ވެސް އޭނަ ހިތުތެރޭގައި އަށަގެންފައިވި މާޝާގެ ލޯބީގެ ހަނދާންތައް އާވުން ނޫންކަމެއް ވާކަށްނެތެވެ. ގޮތް ހުސްވެފައި އިރުކޮޅެއް ވަންދެން ހުރެފައި ހަމަ އެވަގުތުން ވަގުތަށް އެއާރޕޯޓަށްދާން އައްޒާމް ނިންމިއެވެ. އެހެންކަމުން އޭނަ އެގެއިން ނިކުތް ގޮތަށް ޓެކްސީއެއްގެ ނަންބަރެއް ހަނދާނަށް ގެންނަމުން ޓެކްސީއަކަށް ގުޅާލިއެވެ. މާ ގިނައިރެއްނުވެ އޭނަ މަގުން ހިނގާފައި ދަނިކޮށް އެގެއާއި ހިސާބުން ޓެކްސީއާއި ދިމާވުމުން އޭނަ ޓެކްސީއަށް އެރިއެވެ. އެއަށްފަހު ޑްރައިވަރު ކައިރި އޭނަ އެއާރޕޯޓަށް ގެންގޮސްދިނުމަށް އެދުނީ ގެސްޓް ހައުސްއަށް އޭނަ ފޮނުވާލި ލަގެޖްގެ މަތިން ވެސް ހަނދާން ނައްތާލަމުންނެވެ. ދަތުރު ފެށިފަހުން އޭނަ އޭގެ މަތިން ހަނދާންވިއެއްކަމަކު އެ ވާހަކަ ބުނާނެހާ ހިތްވަރެއް ވެސް އޭނަގެ ގަޔަކު ނެތެވެ. އޭނަ ބޭނުންވި އޭނަ ވަށައިގެންވި މާޙައުލާއި ދުރުވާށެވެ. ހަތަރު ފަރާތުން ބާރުވަމުން ދިޔަ އިޙްސާސެއް ކުރެވުނު ވަގުތު އޭނަގެ މެއަށްވަމުން ދިޔަ ތަދު ނޫން އެހެން ކަމަކާމެދު ވިސްނަން އޭނަ ނުކުޅެދިފައިވިއެވެ. އޭރުވެސް އޭނަގެ އަތްމަތީގައި އޮތް މާ ބޮނޑި އޭނައަށް ފެންނަމުން ދިޔައީ ލޮލަށް ޖަމާވެފައިވި ކަރުނަތަކެއްގެ ސަބަބުން ފުސްކޮށެވެ. ކާރުތެރޭގައި ހުއްޓުން އަރާފައި އޭނައަށް އިނދެވުނުއިރު އެތައް ހާސް ސުވާލެއް އެއްފަހަރާ އޭނަގެ ހިތަށް ވެރިވަމުން ދިޔައެވެ. މާޝާ ހަމަ އޭނަ ދޫކޮށްލީ ހެއްޔެވެ؟ ދެން އޭނައަށް ދުވަހަކުވެސް މާޝާ ނުފެންނާނީ ހެއްޔެވެ؟ އޭނަގެ މަންމައާއި ބައްޕަގެ ސަބަބުން މާޝާ ވެސް އޭނައަށް ނަފްރަތުކުރަނީ ހެއްޔެވެ؟ މާޝާ އޭނަގެ ފޯނު ނުނެގީ އޭނަދެކެ ލޯބިނުވާތީ ހެއްޔެވެ؟ އޭނަ މަތިން ހަނދާން ނައްތާލަން އޭނަ ނުފެނި ހަމަ އެހާވެސް ގިނަ ދުވަސްވޭތުވީ ހެއްޔެވެ؟ އޭނަގެ ނަން ހިތުން ފޮހެލަން މާޝާއަށް އެހާވެސް ފަސޭހަވީ ހެއްޔެވެ؟ އެހެނަސް އެ ހަނދާންތައް ފޮހެލަން އޭނައަށް ފަސޭހައެއް ނޫނެވެ. އޭނަގެ ހިތުން ފުރަތަމަ ފަހަރަށް ޖާގައެއް ދެވުނު ކުއްޖަކީ ހަމައެކަނި މާޝާއެވެ. އަދި އެއީވެސް އެހާ މާތް ސަބަބެއްގެ މައްޗަށް ބުރަވެއެވެ. މާޝާއަށް އޭނަ ކުރި ޤަދަރުގެ މަތިން އޭނަ ހަނދާން ނައްތާލާނީ ކިހިނެއް ހެއްޔެވެ؟ މާޝާއަށް އޭނަގެ ލޯބި އިޙްސާސްކޮށްނުދީ އެ ލޯބި އަމިއްލަ ހިތުތެރޭގައި ގަންބައިގެން އޭނަ އުޅޭނީ ކިހިނެއް ހެއްޔެވެ؟ މިފަދަ ސުވާލުތައް އައްޒާމްގެ ހިތަށްވެރިވާން ފެށުމުން އިތުރަށް ތޫނުވެގެން ދިޔަ ހިތުގެ ރިހުމާއެކީ އައްޒާމްގެ ދެލޯ ތަގުޅިވެ އޭނައަށް ގިސްލެވެން ފެށިއެވެ. ޓެކްސީގައި އެއާރޕޯޓަށް ދިޔަ މަގުމަތީގައި ހުއްޓުމެއްނެތި އައްޒާމަށް ރޮވުނެވެ. އެންމެ ބޮޑަށް ހިތްދަތިވަމުން ދިޔައީ އޭނައަށް ދެން ދުވަހަކުވެސް މާޝާ ނުފެންނާނެ ކަމުގެ ޚިޔާލުންނެވެ. އަދި މާޝާ އޭނަ ނޫން މީހެއްގެ ޙައްޤަކަށްވާނެ ކަމުގެ ޚިޔާލުންވެސްމެއެވެ.

އައްޒާމް އެއާރޕޯޓަށް ދިޔައީ މާލެއަށް އަނބުރާދާން ޓިކެޓް ނަގައިގެންނެވެ. އޭނަގެ ފްލައިޓް އޮތީ 2 ގަޑިއިރެއްހާއިރު ފަހުން ކަމުގައި ވިޔަސް އައްޒާމް ދިޔައީ އެއާރޕޯޓަށެވެ. އެއާރޕޯޓަށް ގޮސް ބޭރުގައި ހުރި ގޮނޑިތަކެއްގެ ތެރެއިން ގޮނޑިއެއްގައި އޭނަ އެކަނިމާއެކަނި އިށީނީ ވެސް އެއްކަލަ މާ ބޮނޑިއާއެކީގައެވެ. އެތާ އިށީންތާ މާ ގިނައިރެއްނުވެ އޭނަގެ ސިކުނޑި އޭނަގެ ހިތަށް ކުޑަވެސް ހަމަޖެހުމެއް ލިބޭނެ ފަދައަކުން ޚިޔާލުތައް އަނބުރަން މަސައްކަތް ކުރިއެވެ. މާޝާއާއި މެދު ހިތާހިތުން ޝަކުވާކުރުވަމުންނެވެ.  މާޝާ އޭނައާއިމެދު މިގޮތަށް ހަދާނެނަމަ އޭނައަށްޓަކައި އިންތިޒާރު ކުރާނެ ކަމަށް ބުނީ ކީއްވެތޯ ސުވާލުކުރަމުންނެވެ. އިންތިޒާރު ކުރާނެ ވާހަކަ ނުބުނިނަމަ އޭނަ މާޝާއާއެކީ ދިރިއުޅުމެއް ފެށުމުގެ ހުވަފެންތައް ނުދެކުނީހެވެ. އެ ހުވަފެންތައް ސިކުނޑީގައި ޒީނަތްތެރިކޮށް އެ ހުވަފެންތައް ޙަޤީޤަތަކަށް ހަދަން މަސައްކަތްކޮށް އެ އިޙްސާސްތައް ވަރުގަދަވިޔަ ނުދިނީހެވެ. މާޝާއާއި ބައްދަލުވުމުގެ ކުރިން އޭނަ އުޅުނީ ކިހާ އުފަލުން ހެއްޔެވެ؟ މިހެން މިވީ އޭނަގެ އުފާވެރިކަމުގެ މައްޗަށް އެހެން މީހަކަށް ބާރުފޯރުވިދާނެކަމަށް ހީކުރެވުމުން ކަމަށްބުނެ އައްޒާމްގެ ހިތް ހަޅޭއްލެވިއެވެ. އެ ހިނދު އައްޒާމަށް އޭނަގެ އަތުގައި އޮތް މާ ބޮނޑި ބިންމައްޗަށް ޖަހާލެވުނީ ރުޅިވެރިކަމާއި އެކީގައެވެ. އެހެނަސް އޭގެ ދެވަނަ ސިކުންތުގައި ގިސްލެވެން ފެށީ އޭނަ އަމިއްލަ އިޙްސާސްތަކެއްގެ މައްޗަށް ބާރުފޯރުވަން ނުކުޅެދިފައިވާ ޙާލުގައެވެ.

އައްޒާމް މާލެއަށް ދިޔަ މުޅި ދަތުރު ހޭދަވެގެން ދިޔައީ އެގޮތުގައެވެ. ފްލައިޓްގައި އެކަނި ހުންނަންވުމުން މާޝާގެ މަތިން އިތުރަށް ހަނދާންވުން ނޫންކަމެއް ނުވިއެވެ. އެއް ހިނދުކޮޅުގައި އޭނަ ސާބިތު ހިތަކާއެކީ ހުންނަން ޢަޒުމް ކަނޑައަޅާއިރު މާ ގިނައިރެއްނުވެ އަނެއްކާވެސް އޭނަގެ ލޮލަށް ކަރުނަތައް ޖަމާވާން ފަށައެވެ. އެހެނަސް އެދުވަހުގެ މެންދުރު ވަގުތު އޭނަ އިން ފްލައިޓް އަނެއްކާވެސް މާލޭގެ އެއާރޕޯޓުގައި ޖެއްސުމުން އައްޒާމް އޭނަގެ ކަރުނަތައް ފޮހެލީ އޭނަގެ އިޙްސާސްތައް އެންމެންނަށް ފޮރުވަން ވަރުގަދަ ޢަޒުމެއް ކަނޑައަޅަމުންނެވެ. އޭނަގެ ކަރުނަތައް އަމިއްލަ ބާރުގެ ދަށަށް ގެނައެއްކަމަކު އޭނަގެ މޫނު އޭނަ ފޮރުވަން އުޅޭ ހިތާމަވެރި ވާހަކަ ތަފްޞީލުކޮށް ކިޔައިދޭކަން އައްޒާމަށް ރޭކާނުލިއެވެ. އޭނަގެ ދުޅަވެފައިވި ދެލޮލާއި ތެމިފައިވި އެސްފިޔަތައް އެންމެ ފުރަތަމަ ފެނުނު މީހަކަށްވީ ޒަމީނެވެ. އައްޒާމް ކާފަގެ އެޕާޓްމެންޓް ހުންނަ ފަންގިފިލާއަށް ގޮސް ބެލް އަޅުވާލުމުން ދޮރު ހުޅުވާލީ ޒަމީން ކަމަށްވާތީވެއެވެ. އައްޒާމް ފެނުމާއެކު އޭނަ ހުރި ގޮތުން ޒަމީނަށް 'ޒާމް' އޭ ކިޔައި ގޮވާލެވުނީ ކަންބޮޑުވުމެއް އެކުލެވިފައިވި ފަދައަކުންނެވެ. އައްޒާމަށް އެއަށް ފަރުވާލެއްނެތި އެތެރެއަށް ވަދެގެން ދެވުނީ ހިތްހަމަނުޖެހިފައި ހުރެއެވެ. އޭނަ މާޝާއާއި ނުގުޅުނު އެއްސަބަބަކީ އެ ބައްޕަކަމަށް ސިކުނޑީގެ ކަނަކުން ގޮވަމުން ދިޔުމާއެކު އެވަގުތު އެއްވެސް މީހަކާއި ވާހަކަ ދައްކާ ހިތެއްވެސް އައްޒާމްގެ ނެތުމުންނެވެ. އައްޒާމް އެ ދިޔަ ގޮތަށް ގޮސް އޭނަގެ ކޮޓަރިއަށްވަދެ ދޮރު ލައްޕާލި މަންޒަރު ޒަމީނަށް ބަލަހައްޓައިގެން ހުރެވުނީ ދެބުމަ ކައިރި ކޮށްގެންނެވެ. އައްޒާމް އެދުވަހު ފުރައިގެން ދިޔައީ ކީއްވެގެންކަން އޭނައަށް ވަނީ އެނގިފައެވެ. އެހެނަސް އާޝިޔާގެ އެއްވެސް ރޭވުމެއްގެ ވާހަކަ ޒަމީނާއި ހަމައަށް ފޯރާފައެއް ނުވެއެވެ. އެހެންކަމުން އެކުއްޖާ އައްޒާމާއި އިންނަން އިންކާރު ކުރީތޯ ޒަމީންގެ ހިތަށްއެރިއެވެ. އެހެންވެފައިވާނަމަ އައްޒާމަށް ލިބިފައިވާނީ ހާދަ ބޮޑު ހިތާމައެކޭ ޒަމީންގެ ހިތަށް އެރި ވަގުތު ނޭނގޭ ސަބަބަކާހުރެ އޭނަގެ ހިތްވެސް ދެރަވިއެވެ. އެތައް އަހަރެއް ވަންދެން އޭނަގެ ހިތުތެރޭގައި ވަޅުލެވިފައިވި ބަފައިވަންތަކަމުގެ ލޯބި އަނެއްކާވެސް ހޭލަން ފެށިހެން އޭނައަށް ހީވިއެވެ. ޒުވާންއިރު އޭނަ އައްޒާމް ދުރުކޮށްލީ އޭރު އޭނައަށް އެންމެ މުހިއްމުވީ އޭނަގެ މަސައްކަތް ކަމަށްވުމުންނެވެ. އެހެނަސް މަސައްކަތާއި ފައިސާއަށްވުރެ މުހިއްމީ މާނަ ހުރި ގުޅުންތަކާއި ލޯބިކަން ޒަމީނަށް އިޙްސާސްކުރެވެނީ މިހާރެވެ. އާޝިޔާ ކުރިންވެސް އައްޒާމްގެ ވާހަކަތައް ދައްކަން ފެށުމުން އައްޒާމާއި އަނެއްކާ ގުޅުން ބަދަހި ކުރުމުގެ ރޫޙު ޒަމީންގެ ހިތުގައި އުފެދުނީ އެހެންވެއެވެ. އައްޒާމާއިމެދު ކަންތައް ކުރެވުނު ގޮތާއިމެދު އަމިއްލަ ނަފްސު ކުށްވެރި ކުރެވެން ފެށީވެސް އެހެންވެއެވެ. އޭނަދެކެ ޙަޤީޤީ ލޯތްބެއްވި ހަމައެކަނި މީހަކީ އެ ކުޑަކުޑަ އައްޒާމްކަން އެނގުންވުމުންނެވެ. އެވަގުތު ވެސް ޒަމީނަށް އައްޒާމްގެ ކޮޓަރިއާއި ދިމާލަށް ފިޔަވަޅުތަކެއް އެޅެން ފެށީ ބޭއިޚްތިޔާރުގައޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އެހެނަސް ކޮޓަރީގެ ދޮރާއި ހަމަވީ ވަގުތު ޒަމީން ޖެހިލުންވިއެވެ. ދޮރު ކުޑަކޮށް ހުޅުވިފައިވީއިރު އެ ހަނި ދާއިރާއިން އައްޒާމް ކޮޓަރީގެ ފާރު ކައިރިން ބިންމަތީގައި އިށީނދެ ދެއަތުން މޫނު ފޮރުވައިގެން އިން މަންޒަރު ޒަމީނަށް ފެނުނެވެ. ކިތަންމެ ދާން ބޭނުންވިއެއްކަމަކު ޒަމީނަށް ނުދެވުނީ އޭނަ ކުރިން އައްޒާމާއި މެދު ކަންތައް ކުރިގޮތް ހަނދާންވެފައެވެ. ޚުދު އޭނަ ކުރި ކަމެއްގެ ސަބަބުން އައްޒާމް ހަމަ އެފަދައިން އޭނަގެ ކޮޓަރީގައި އިން ހަނދާނެއް އާވުމުންނެވެ. އައްޒާމަށް މިހާ ބޮޑު ހިތާމައެއް ލިބިފައި ވަނިކޮށް އޭނައަށް އެ ޒާތުގެ ހިތާމައެއް ދިން މީހަކަށް އޭނަ ހިތްހަމަޖައްސައިދެވޭނެތޯ ހިތަށް އެރި ވަގުތު ޒަމީން މާޔޫސްވިއެވެ. ހިތުގައި އުފެދިފައިވި އުއްމީދުގެ ހުޅުކޮޅު ނިވެން އުޅުނެއްކަމަކު ޒަމީން ދެންވެސް އައްޒާމަށް ކޮންމެވެސް އެހީއެއް ފޯރުކޮށްދޭން ބޭނުންވިއެވެ. އެކަމަށްޓަކައި ޚިޔާލެއް ލިބުމުން ޒަމީން ވަގުތުން މިޞްރާބުޖެހީ ހާޝިމްގެ ކޮޓަރިއާއި ދިމާލަށެވެ. ކޮޓަރީގެ ދޮރާއި ހަމަވަމުން ދިޔަދިޔަހެން ޒަމީން އެތައް ޒަމާނެއް ފަހުން ހާޝިމަށް 'ބައްޕާ' އޭ ކިޔައި ގޮވާލިއެވެ. އޭނަ ހުޅުވާލެވިފައިވި އެ ދޮރުމައްޗަށް އެރި ވަގުތު އެނދުމަތީގައި ފޮތެއް ކިޔަން އިން ހާޝިމް އޭނައަށް ބަލަހައްޓައިގެން އިނީ އެކަމާމެދު ޙައިރާންވެފައި އިނދެއެވެ. އެކަމަށް ފަރުވާލެއްނެތި ޒަމީން ވާހަކަ ދެއްކިއެވެ.

"ބައްޕާ ނިކަން ގޮސްދީބަލަ އައްޒާމް ކައިރިއަށް. ދެންމެ އޭނަ ގެއަށް އައިއްސި. ވަރަށް ދެރަވެފަ ހުރީ. ހީވަނީ އެކޮޅުގަ ކަންތައް ދިޔައީ މާ ރަނގަޅަކަށް ނޫންހެން." ޒަމީން އޭނަ ހުރިތާހުރެ ބުނެލިއެވެ. އެއާއެކު ހާޝިމްވެސް ކީކޭހޭ ކިޔައި އެނދުން ތެދުވެލީ ކަންބޮޑުވުމާއި އެކީގައެވެ. ހާޝިމް އޭނަގެ އަތުގައި އޮތް ފޮތް ކިޔަވާ މޭޒުމަތީގައި ބާއްވަމުން ކޮޓަރިން ނިކުމެގެން ޒަމީނާއި އެކީ އައްޒާމްގެ ކޮޓަރިއާއި ހަމައަށް ދިޔައެވެ. ކޮޓަރީގެ ދޮރު ހުޅުވިފައިވުމުން ހާޝިމް އެ ދޮރު ހުޅުވާފައި ކޮޓަރިއަށް ވަނީއެވެ. އެހެނަސް ޒަމީން ކޮޓަރިއަށް ވަނުމެއްނެތި ދޮރުކަނީގައި ހިފަހައްޓަމުން ފާރާއި ނިވާވެލީ މަންޒަރު ބެލުމަށެވެ.

"އައްޒާމް! ދަރިފުޅު ކިހިނެއް ތިހިރީ؟ ކިހިނެއްވީ މާ އަވަހަށް އަނބުރާ ތިއައީ؟ ބުނީމެއްނު އެއްހަފްތާ ފަހުންނޭ އަންނާނީ؟" ހާޝިމަށް ލިބުނު ޝޮކެއްގެ ބޮޑުކަމުން އޭނައަށް އެތައް ސުވާލެއް އެއްފަހަރާ ކުރެވުނެވެ. އައްޒާމް މޫނުން ދެއަތް ނުނަގަން އިނދެފައިވެސް ކާފަ ދެރަނުކުރުމަށްޓަކައި އޭނަގެ ހިތާމަތައް ޙިއްސާކުރަން ނިންމަމުން އެއަތް ނަގައި އޭނަގެ ހިތާމަވެރި މޫނު ކަޝްފުކުރުވިއެވެ.

"މާޝާ އެހެން ކުއްޖަކާ އިންނަން އެއްބަސްވެއްޖެ ކާފާ." އައްޒާމް އެހެން ބުނެލީ ރޮވިފައިވާ އަޑަކުންނެވެ. އެ ވާހަކަ އިވިފައި ޒަމީންގެ ހިތްވެސް ދެރަވާ ގޮތްވިއެވެ.

"ކީކޭ؟! ކިހިނެއްތަވީ؟ ނިކަން އާދެބަލަ ކާފައަށް ކިޔައިދޭން މިތަނަށް." ހާޝިމަށް އައްޒާމް ކައިރި އިށީންނަން ދަތިވުމުން އޭނަ އެދުނެވެ. އެކަން އެނގުންވުމުން އައްޒާމް ދެކޮޅު ހެދުމެއްނެތި ނެތް ހިތްވަރަކާއެކީ ވެސް ތެދުވެގެން ގޮސް ކާފައާއެކީ އެނދުމަތީގައި އިށީނެވެ. އެއަށްފަހު އޭނަ މުލަކަށް ދިޔައީއްސުރެ އިވުނުހާ ވާހަކަތަކާއި ކަންތައް ވީގޮތް ކާފައަށް ކިޔައިދިނެވެ. ޒަމީންވެސް އައްޒާމްގެ އެ ވާހަކަތައް އަޑުއަހަން ހުރީ ހިތަށް އަރާ ފައިބަމުން ދިޔަ އެތައް ޖަޒުބާތުތަކާއި އެކީގައެވެ. އައްޒާމް ވާހަކަ ކިޔައިދީ ނިމުމުން ހިމޭންކަމެއް ވެރިވިއެވެ. ހާޝިމްވެސް އިނީ ބުނާނެ ވަކި އެއްޗެއް ނޭނގިފައެވެ. އެހެނަސް އެންމެ ފަހުން އެ ހިމޭންކަން ފޫދުއްވާލީވެސް ހާޝިމެވެ.

"ކާކުބާ އައްޒާމްގެ ޢާއިލާއާ ބެހޭގޮތުން ތި ވާހަކަ ފަތުރާނީ؟ އެއީ މާ ގިނަ މީހުންނަށް އެނގޭ ކަމެއް ވެސް ނޫން. ވަރަށް ދެރަ ހަމަ އަސްލުވެސް ތިވީ ގޮތް. އައްޒާމް ފަހުން މަސައްކަތް ކުރިންތަ މާޝާއަށް ގުޅަން؟ ޔަޤީންތަ މާޝާ ބިޒީކުރީކަން؟" ހާޝިމް ސުވާލުކުރިއެވެ.

"އާނ ކާފާ. އަހަރެން އެހެން ގޮތަކަށް ޤަބޫލުކުރަން ބޭނުންވިޔަސް ޙަޤީޤަތަކީ އެއީ. އަހަރެން ފަހުން ގުޅަން މަސައްކަތް ނުކުރީ ހިތަށް އިތުރު ސަޒާއެއްނުދޭން. ބޭނުމެއްނޫން ދެން މާޝާގެ މަތިން ހަނދާންކުރާކަށް ކާފާ. އޭނަ އުޅެނީ އެހެން މީހެއްގެ ޙައްޤަކަށްވާން. އަހަރެން ދެން އޭނަ މަތިން ހަނދާންކޮށްގެންނުވާނެ." އައްޒާމް އަމިއްލަ ހިތާއި ދެކޮޅަށް ބުނެލި ވާހަކަތަކުން އޭނަގެ ހިތް އިތުރަށް ބަލިވުން ނޫންކަމެއް ނުވިއެވެ. އެކަން އެނގުންވުމުން ހާޝިމް ވާހަކަ ދެއްކިއެވެ.

"ތިބުނީ ރަނގަޅަށް ދަރިފުޅު. މިއީ ހަމަ ޔަޤީނުންވެސް ދަރިފުޅަށް ކުރިމަތިވި ވަރަށް ބޮޑު އިމްތިޙާނެއް. އެކަމަކު ހަނދާންކުރައްޗޭ ދަރިފުޅު. مَا أَصَابَ مِن مُّصِيبَةٍ إِلَّا بِإِذْنِ اللَّـهِ ....وَمَن يُؤْمِن بِاللَّـهِ يَهْدِ قَلْبَهُ. ﷲ ގެ އިޒުނަފުޅާއެކީގަ މެނުވީ އަހަރުމެންނަށް އެއްވެސް މުޞީބާތެއް ކުރިމަތިނުވޭ. އަދި އެމުޞީބާތުގެ ތެރެއިން ވެސް އީމާންތެރިކަން ދަމަހައްޓައިފިނަމަ ހިތަށް ހިދާޔަތް ދައްކަވާނީ ހަމަ ﷲ. އެހެންވީމަ މިފަދަ ކަމެއް ދިމާވިޔަސް އީމާންކަމަތީ ސާބިތުވެހުރޭ ދަރިފުޅު. ހިތްތަކަށް ހަމަޖެހުން ގެނެސްދެއްވަނީ ހަމައެކަނި ﷲ. ދަރިފުޅުގެ ހިތުގައި މިވަގުތުވި ހިތާމަތައް އެންމެ މޮޅަށް ދެނެވޮޑިގެންވާ ފަރާތަކީ ވެސް އެއީ. އެހެންކަމުން އެކަލާނގެ ތައުބާވާންވީ ދަރިފުޅު. އޭރުން އެކަލާނގެ ދަރިފުޅަށް ސާބިތުކަން ދެއްވާނެ ދަރިފުޅު." ހާޝިމްގެ ވާހަކަތަކުން އައްޒާމްގެ ހިތަށް ކުރިން ނުލިބޭ ފަދަ ސާބިތުކަމެއް ލިބުނެވެ. އެ ހިތްވަރާއެކީ އޭނައަށް ވާހަކަ ދެކެވުނެވެ.

"ލައްބަ ކާފާ. މާތް ﷲ އަހަންނަށް މި އިމްތިޙާން ކުރިމަތިކުރެއްވީ އަހަރެންގެ އީމާންތެރިކަމުގެ ވަރުގަދަކަން ސާބިތުކުރުމަށްޓަކައި ކަމަށްވާނަމަ އަހަރެން ނުގުޑާ ޢަޒުމެއްގައި ހަމައެކަނި އެކަލާނގެއަށްޓަކައި ހެޔޮ ކަންތައް ކުރުމުގައި ދެމިހުންނާނަން. މާތް ﷲ އަހަރެންގެ ކިބައިން ނެންގެވީ އެންމެ ނިޢުމަތެއްކަމަށްވާނަމަ އެހެނިހެން އެތައް ނިޢުމަތެއް އެކަލާނގެ އަހަންނަށް ދެއްވި. އަހަރެން އެއްގޮތަކަށް ވެސް އެކަން ހަނދާން ނައްތައެއް ނުލާނަން." އައްޒާމް ދައްކަމުން ދިޔަ ވާހަކަތަކުން ދުރުގައިހުރި ޒަމީންގެ ހިތަށް ކުރިން ނުކުރާ ފަދަ އަސަރުތަކެއް ކުރިއެވެ. 

Comments

Popular posts from this blog

Arabic Pronouns (dhameer)

Harf of Nasb (English + Dhivehi)

Mudhaaf-mudhaaf ilaihi and pronouns (English lesson)