Hadhiya (part 32)


އެ ޕާރުސަލުގައިވީ މިރްޒާނާއި އަމްނާގެ ދެމެދުގައި ބަދަލުވެ ދިޔަ ހަދިޔާތަކުގައި އާއްމުގޮތެއްގައި ހުންނަ ދެކުލައެވެ. އަންހެން މީހާ އެއަށް ބަލަހައްޓައިގެން ހުރެފައި އޭގެ ކައިރީގައި ބޭއްވިފައި އޮތް ތުނި ތުނޑެއް ހުރި މާކަރެއް ނެގިއެވެ. އަދި މާކަރުގެ މަތި ނަގާލަމުން ތުރުތުރު އަޅަމުން ދިޔަ އަތަކާއި އެކީގައި އޭގެ ކަނެއްގައި އަކުރެއް އަޅަން ފެށީއެވެ. އިރުކޮޅެއް ވަންދެން ލިޔުމަށްފަހު އަންހެން މީހާ އޭގެ މަތިން އަތް ހިއްލާލިއިރު ތުރުތުރުގެ އަސަރު ހުރި އަކުރުތަކުން އެޅިފައިވީ 'މިޒް' އެވެ.

**

އޭގެ އަނެއްދުވަހުގެ ފަތިސް ނަމާދުގެ ބަންގީގެ އަޑަށް އައްޒާމް ލޯ ހުޅުވާލުމާއެކު އޭނަގެ މޫނުމައްޗަށް ހިނިތުންވުމެއް ވެރިވިއެވެ. ނަމާދަށް ދިޔުމަށްޓަކައި ތާޒާވެ ވުޟޫކުރަމުން ދިޔަ ވަގުތުގައާއި ނަމާދަށް ދިޔަ މަގުމަތީގައި ވެސް އެ މޫނުމަތިން އެ ހިނިތުންވުން ފިލާގޮތެއްނުވެއެވެ. އޭގެ ފަހަތުގައިވި ސަބަބަކަށް ވެފައިވީ އޭނަ މާޝާގެ ކައިރިއަށް އަނބުރާ ދިޔުމަށްޓަކައި ޓިކެޓް ނަގަން ނިންމީ އޭގެ ކުރީ ރޭ ނިދަން އޮށޯވެ ކަމަށްވުމުންނެވެ. އޭނަ އިތުރަށް މާޝާއާއި ދުރުގައި ނުހުންނާނެ ކަމުގެ ޚިޔާލުން ވެސް އޭނައަށް އުފާވެރިކަމެއް ލިބިފައިވި ފަދައެވެ. ބަލިއިރުވެސް މިސްކިތަށް ދާން ގަދަ ހެދި ކާފައާއެކީ ނަމާދުން ނިމިގެން މިސްކިތުން ފޭބި ވަގުތު ކާފައަށް ވެސް އެކަން ފާހަގަވިއެވެ. އެހެނަސް ކާފަ އެ ސުވާލުކޮށްލީ ގެއަށް ގޮސް ވަދެވުމުންނެވެ.

"ހާދަ ހެވިފައޭ ތި ހުންނަނީ......މިއަދު މާ ޚާއްޞަކަމެއްވާން އޮތީތަ؟" ހާޝިމް އެމީހުން އުޅޭ ޢިމާރާތުގެ ފަންގިފިލާއަށް މަޑުކޮށްލި ލިފްޓުން ނިކުންނަމުން އައްޒާމް ކުރެން ސުވާލުކުރިއެވެ. އެއާއެކު އައްޒާމަށް ހީލެވުނެވެ.

"ހެހެ....ރަނގަޅަށް ތި ހީވީ ކާފާ. ވަރަށް ޚާއްޞަކަމެއް ވާންއުޅެނީ އިން ޝާ ﷲ!" އައްޒާމް ހިސާބަކަށް ރަތްވެގެން ދިޔަ މޫނަކާއެކީ ހެވިފައިހުރެ އެހެން ބުނަމުން ގޮސް އެމީހުންގެ އެޕާޓްމެންޓަށް ވަދެވޭ ދޮރު ހުޅުވާލިއެވެ.

"އެހެންތަ؟ އަނެއްކާ ކޮންކަމެއްބާ؟" ހާޝިމް އައްޒާމާއެކީ އެޕާޓްމެންޓަށް ވަދެގެން ދަމުން ސުވާލުކުރިއެވެ. އައްޒާމް ދެންވެސް ލަދުން ކަހަލަ ގޮތަކަށް ހީލިއެވެ.

"މިއުޅެނީ....މުލަކަށް ދާންވެގެންކަމަށް." އައްޒާމް ހެނދުނުގެ ސަޔަށްޓަކައި ކާގެއަށް ވަންނަމުން ކާފައަށް ބަލާލަމުން ބުނެލިއެވެ. އައްޒާމް ބުނެލި ވާހަކައިން ދެބުމަ ކައިރިވެގެން ދިޔަ ހާޝިމްގެ ފިޔަވަޅުތައް މަޑުޖެހުނެވެ. އޭގެ ދެވަނަ ސިކުންތުގައި އައްޒާމް އެ ބުނި ވާހަކައިގެ މާނަ ނަގައިގަނެވުމުން އޭނަގެ ނިތުން ރޫތަށް ފިލައިދިޔައެވެ.

"މާ ޝާ ﷲ! ހާދަ އުފާވެރި ޚަބަރެކޭ....ހެހެ....ތި ވާހަކަ އައްޒާމް ކައިރި ދައްކަންވެގެން އުޅެނިކޮށް ތިހެން ތި ބުނީވެސް. ވަރަށް އުފާވެއްޖެ އަސްލުވެސް!" ހާޝިމް އޭނަގެ ލަސް ހިނގުމުގައި ވާހަކަ ދައްކަމުން އައްޒާމްގެ ފަހަތުން ކާގެއަށް ވަނެވެ. އެއަށްފަހު ވެސް އައްޒާމަށް ދެމީހުންނަށްޓަކައި ސައި ތައްޔާރު ކުރެވެން ދެންވެސް ދެމީހުންގެ ދެމެދުގައި އެ ވާހަކަ ދެކެވުނެވެ. ހާޝިމް ފުރަނީ ކޮން ދުވަހަކުތޯ ސުވާލުކުރުމުން އައްޒާމް ދެން އަންނަ ހުކުރު ދުވަހަކު ކަމަށް ބުންޏެވެ. އެއީ މީގެ ހަފްތާއެއްހާ ދުވަސްފަހެވެ. ހަފްތާއެއްފަހުން ދާން ނިންމީ އޮފީސް ކުޑަކޮށް ހަމައަކަށް އަޅުވާފައިދާން ބޭނުންވުމުންކަމަށް އައްޒާމް ބުންޏެވެ. އެއަށްފަހު ދެކެވިގެން ދިޔައީ ހާޝިމަށް އެ ދަތުރުގައި ނުދެވޭނެ ވާހަކައެވެ. ހާޝިމް ބަލިވެ އުޅޭތީ އެދުވަސްކޮޅު ދަތުރު ނުކުރަން ޑޮކްޓަރުން ނަޞޭޙަތްތެރިވެފައިވުމުންނެވެ. އެކަމާމެދު އައްޒާމް ދެރަވިއެއްކަމަކު ހާޝިމް ހިތާމަ ނުކުރުމަށް އެދުނެވެ. އަދި އުފާވެރިކަމާއެކީ އެނބުރި އައުމަށް އެދުނީ އޭނަ އުޅޭނީ އެ ޢިމާރާތުގައި ކުއްޔަށް އުޅޭ އިސްމާޢީލްމެންނާއި އެކީކަމަށް ބުނަމުންނެވެ. ތަޤްދީރުގައި ލިޔެވިފައިވި ނުހަނު ކައިރީގައި އޮތް މުސްތަޤްބަލުގައި ކުރިމަތިވާން އޮތް ހިތްދަތިކަމުގެ ހިލަމެއްނުވެ އައްޒާމް ކާފައާއެކީ ސައިބޯން ފެށީ އުއްމީދުން ފުރިފައިވި ހިތަކާއި އެކީގައެވެ. ސައިބޯން ފެށިތާ މާ ގިނައިރެއްނުވެ އެދުވަހު ފުރަތަމަ ފަހަރަށް ކާފައާއި އޭނައާއި ދެމެދުގައި ދެކެވެމުން ދިޔަ ވާހަކަތަކަށް ސީރިޔަސް މިޞްރާބެއް އެޅުނީ، ކާފަ ވިސްނުމެއްގައި އިނދެ އޭނައަށް ގޮވާލުމުންނެވެ. އައްޒާމް މާ ބޮޑު އެއްޗެކޭ ހިތަށް ނާރުވައި ލައްބައޭ ކިޔައި އިސްއުފުލާލިއެވެ.

"އައްޒާމަށް ޔަޤީންތަ މާޝާ އަދިވެސް ހުންނާނީ ހުސްހަށިބަޔަށްހެން؟" ހާޝިމް ކޮށްލި ސުވާލުން ސައިތަށިން ކޯވަރެއް ދަމާލި އައްޒާމް ކޮށި އަރާ ގޮތްވިއެވެ. ނުބައި ކެއްސުމަކުން އޭނަ ކެއްސަން ފެށި ވަގުތު އޭނަގެ ނޭވާ ކުރުވެ މެއަށް ނުތަނަވަސްކަމެއް ވެރިވިއެވެ. ކަންބޮޑުވެގެން ދިޔަ ކާފަ އޭނަގެ ބުރިކަށީގައި މަޑުމަޑުން ފިރުމާލުމުން ކެއްސުން ހުއްޓުނެއްކަމަކު އެ ނުތަނަވަސްކަން އޭނަގެ ހިތުން ފިލައެއް ނުދެއެވެ. ކާފަ ދެންމެ އެ ކޮށްލީ އޭނަ ދުވަހަކުވެސް ހިތަށް ނާރުވާ ޒާތުގެ ސުވާލެކެވެ. އެ ޚިޔާލު ސިކުނޑިއަށް ވެރިވެސް ނުވީ ކީއްވެކަން އެނގުންވުމުން އައްޒާމަށް ވާހަކަ ދެކެވުނެވެ.

"އާނ ކާފާ. ވަރަށް ހިއެއްނުވޭ މާޝާ އެހެން މީހަކާ އިންނާނެ ހެންނެއް. އަހަރެން ކިޔައިދިނީމެއްނު އެންމެ ފަހުން މާޝާއާއި ބައްދަލުވި ދުވަހު މާޝާ ދެއްކި ވާހަކަތައް؟ އޭނަ ބުނީ ތިމަންނަ އިންތިޒާރު ކުރާނަމޭ. މާޝްއަކީ ދޮގު ހަދާ ކުއްޖެއްނޫން." އައްޒާމް ރަނގަޅަށް ވިސްނޭތޯ މަސައްކަތް ކުރަމުން ކާފަގެ ސުވާލާއިމެދު ހިސާބަކަށް ނުރުހުންވެފައިހުރެ ޖަވާބުދިނެވެ.

"ކާފަ ނުބުނަން އިނގޭ އެއީ ދޮގު ހަދާނެ ކުއްޖެކޭ. އެކަމަކު ހަމަ ހިތަށްއެރި ވާހަކައެއްވީމަ ބުނެލީ. ކުރިންވެސް ކާފަ ބުނިގޮތަށް އައްޒާމް މާޝާގެ ބައްޕައާ އެ ވާހަކަ ދައްކާފަ އޮތްނަމަ މި ބިރު މިއަދު ނެތީސް. އެކަމަކު އިން ޝާ ﷲ ބަލަމާ ދޯ އައްޒާމް ތި ބުނިހެން ހުރިހާ ކަމެއް ދާނީ އެންމެ ރަނގަޅަށްކަމަށް؟" ހާޝިމް ހިނިތުންވުމެއް ދައްކާލަމުން ބުނެލިއެވެ. އެ ސުވާލަށް އައްޒާމް ބޯޖަހާލަން ޖެހުނީ ގަދަކަމުން ވެރިކުރުވި ހިނިތުންވުމަކާއެކީގައެވެ. ހިނދުކޮޅަކަށް ނަމަވެސް އެހާރުން އެހާރަށް މާޝާގެ ބައްޕައަށް ގުޅައި އޭނަ އަންނަން އުޅޭ ވާހަކަ އަންގަން ބޭނުންވިއެވެ. އެހެނަސް މާޝާގެ ބައްޕައާއި އެ ޒާތުގެ ވާހަކައެއް ދައްކަން ކުރީއްސުރެވެސް ހިތުގައި އޮތް ޖެހިލުންވުމާއެކު އޭނަ މާޝާއަށް 'ސަޕްރައިޒް' ދޭނީއޭ ހިތައި މާޝާގެ ބައްޕައާއި ދައްކަންޖެހޭ ވާހަކަ ވެސް އޭނަ މުލަކަށް ދާ ދުވަހަކަށް ފަސްކޮށްލިއެވެ. އައްޒާމަށް ނޭނގުނު ކަމަކީ އޭނައަށް އެ ނިންމުނު ނިންމުމުގެ ސަބަބުން އޭނަގެ ރޭވުންތަކާއި އެއްގޮތަށް ކަންތައް ނުދާނެކަމެވެ. އެހެނަސް ކަންތައް އޭނަގެ ރޭވުމާއި އިދިކޮޅަށް ދިޔުމުގެ ފަހަތުގައިވެސް އޭނައަށްޓަކައި ފޮރުވިފައިވި ރަޙްމަތެއްވާނެކަމެވެ.

އައްޒާމް އޭނަގެ މުސްތަޤްބަލަށްޓަކައި ރޭވުންތައް ރާވަމުން ދިޔައިރު މާޝާވެސް އެފަދަ ހުވަފެންތައް ދެކެމުން އެ ހުވަފެންތައް ޙަޤީޤަތަކަށް ހަދަން މަސައްކަތް ކުރަމުން ދިޔައެވެ. މިގޮތުން އޭނައަށް ކަމުދާ ދާއިރާއިން ކިޔެވުމަށް އޭނަ މާލޭގެ ކޮލެޖަކަށް އެޕްލައި ކުރިއެވެ. ކޯހުން ފުރުޞަތު ލިބުމާއެކު މާލޭގައި އުޅޭ އޭނަގެ ބައްޕަ ފަރާތު ބޮޑުބޭބެއެއްގެ ޢާއިލާ އުޅޭ ގެއަށް އުޅުން ބަދަލުކުރުމަށް މާޝާ ދިޔައީ ތައްޔާރީތަކެއްވަމުންނެވެ. އެ ތައްޔާރީތަކުގެ ތެރޭގައި މަޝްޣޫލުވެގެން ދިޔަ ހިނދު ސިކުނޑީގެ ކަނެއްގައި އައްޒާމްގެ ނަންވެސްވިއެވެ. މަންމަމެން އޭނަ ބޮޑުބޭބެގެ ގެއަށް ފޮނުވާ ވާހަކަ އިވޭ ކޮންމެ ފަހަރަކު އޭނަ އުޅޭނީ އައްޒާމާއި އެކީގައި ނޫންތޯ ހިތަށްއަރައެވެ. ދުވަސްތައް ފާއިތުވަމުން ދިޔަ ވަރަކަށް އައްޒާމް ހަމަ ދެންމެ ދެންމެ އޭނަ ބަލާ އައިސްދާނެކަމަށް މާޝާގެ ހިތް ބުނަމުން ދިޔަ ޢަދަދު އިތުރުވަމުން ދިޔައެވެ.

އެހެނަސް ކަންތައްވެގެން ދިޔައީ އެ ދެހިތަށްވެސް ސިހުން ގެނުވާ ފަދައަކުންނެވެ. އެ ސިހުމުގެ އަސަރު އެންމެ ފުރަތަމަ ކުރީ އެ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ އާދައިގެ މަތިން ކާފަ ކައިރިން ކޮންމެވެސް ސޫރަތެއްގެ ތަފްސީރު އަޑުއަހަން އިން އައްޒާމަށެވެ. ވަކި ހިސާބަކުން ކައިވެންޏާއި ބެހޭ އާޔަތެއް ކާފަ ތަފްޞީލާއިއެކީ ކިޔައިދޭން ފެށުމުން އައްޒާމް އިނީ އެ ވާހަކަތަކަށް ގެއްލިފައެވެ. އެ ވަޢުޟުގެ ތެރެއަށް ގެއްލިފައިވުމުގެ ސަބަބުން ކުއްލިއަކަށް އެޕާޓްމެންޓުގެ ބެލް އަޅުވާލެވުނު އަޑަށް އައްޒާމް ދިޔައީ ސިއްސައިގެންނެވެ. އެއާއެކު އޭނައަށާއި ކާފައަށް އެކުއެކީގައި ހެވުނެވެ.

"އެ ވާނީ އިސްމާޢީލުގެ ގޭގަ އުޅޭ ސޮރަށް. މިސްކިތުން ދިމާވީމަ ބުނިން އަންނައްޗޭ އައްޒާމްއާއެކީ ގޭގަ އޮންނަ ދަރުސް އަޑުއަހަން. ބުނީމަ ބުނީ ތިމަންނައަށް ބޭބެ ގެންގުޅޭ ތަފްސީރު ފޮތެއް ދެވިދާނެ ހެއްޔޭ. ކާފަ ބުނިން އާނއެކޭ. އައްޒާމް ނިކަން ކާފަގެ ކޮޓަރިއަށް ގޮސް އެ ފެހިކުލައިގެ ފޮތް ހިފައިގެން ގޮސް އޭނަ އަތަށް ދީބަލަ." ހާޝިމް ބުނެލިއެވެ. އައްޒާމް އަދަބުވެރިކަމާއެކީ ބޯޖަހާލަމުން ތެދުވެލީ ހިނިތުންވުމަކާއި އެކީގައެވެ. އިސްމާޢީލްބެގެ ދަރިފުޅަކީ ކާފަ މިސްކިތުގައި ބޭއްވި ދަރުސްތަކުގެ ތެރެއިން އޭނަގެ ގާތް އެކުވެރިއަކަށްވެފައިވި ކުއްޖަކަށްވީތީވެއެވެ. އެކުއްޖާގެ ހިތުގައި ﷲ އާއި އެކަލާނގެ ދީނަށްޓަކައިވާ ލޯބި އެނގުންވާތީ އެކުއްޖާގެ ނަން ގަނެވުމުން ވެސް އައްޒާމަށް އުފާވެރިކަމެއް ލިބެއެވެ. އައްޒާމް ހިސާބެއްގެ އަވަސް ފިޔަވަޅުތަކެއްގައި ފޮތް ނަގަން ދިޔައީ ނުހަނު އަވަހަށް އެ އެކުވެރިޔާ ފެންނާނެ ކަމުގެ އުއްމީދުގައެވެ. އެހެނަސް.....

**

ހާޝިމަށް ޚާއްޞަކުރެވިފައިވާ އެޕާޓްމެންޓްގެ ލައްޕާލެވިފައިވި ދޮރުމަތީގައި ހުއްޓިގެން ތިބީ އަންހެނަކާއި ފިރިހެނެކެވެ. ފިރިހެންމީހާ ކަޅުކުލައިގެ ކޯޓު ފަޓުލޫނުގައި ހުރިއިރު، ކުރު ޓޮޕަކާއި ބާރު ޖިންސެއްގައި ހުރި އަންހެން މީހާގެ އެ އިސްތަށިގަނޑުގެ އެކި ތަންތާނގައި ގަދަ ދަނބު ކުލައެއް ޖެއްސިފައިވިއެވެ. ދެމީހުންގެ ވެސް އެއްކައިރީގައި ބޮޑެތި ސޫޓްކޭސްވީއިރު ދެމީހުން އައީ ދިގު ދަތުރެއް ކޮށްފައިކަން އެނގެއެވެ. އެމީހުން ބެލް އަޅުވާލިތާ އިރުކޮޅެއްވުމުން ފިރިހެން މީހާ ވާހަކަ ދެއްކިއެވެ.

"ރަނގަޅަށްތަ މިކަންތައް ކުރެވެނީ؟" ބެލްގެ ކައިރީގައި ހުރި ފިރިހެން މީހާ ސުވާލުކުރިއެވެ.

"މީގަ އޮތީ ކޮން ނުބައެއް؟ އަހަރުމެންގެ ދަރި ގޯސް މަގަކުން ދަންޏާ އޭނަ ބުއްދި ޤަބޫލުކުރާ މަގަށް އެޅުވުމަކީ އަހަރުމެންގެ ޒިންމާއެއް! ނުދެކެންތަ އޭނަގެ ޕްރޮފައިލްތަކުގަ ޝެއާރކޮށްފަ ހުރި ޕޯސްޓްތައް؟ ބޯހަލާކު!" އަންހެން މީހާ ރުޅިވެރިކަމާއެކީ ބުނެލިއެވެ.

"އަހަރެން މި ދައްކަނީ އަހަރުމެން އޭނައާ ދޭތެރޭ ކުރި ކަންތަކަށްފަހު...." ފިރިހެން މީހާ ދައްކަން ފެށި ވާހަކަ މެދުކެނޑުނެވެ.

"ފޯ ދަ ލާސްޓް ޓައިމް! ވެދިޔަ ކަމެއް ވެ ނިމިއްޖެ. ކާކު އެހާ ދުރު މާޒީއެއްގެ މަތިން ހަނދާން ހުންނާނީ؟ އޭނައަށް ވެސް މިއަދު އެ ވަނީ އަމިއްލަ ފައިމައްޗަށް ކޮޅަށް ތެދުވެފަ. އިތުރަށް އެދުވަސްތަކުގެ މަތިން ހަނދާންކުރުމުގެ ބޭނުމެއް އޭނައަށް ވެސް އަދި އަހަރުމެންނަކަށް ވެސް ނެތް. އެހެންނޫނަސް އަހަރުމެންގެ އަތުގަ ހުރި ފައިސާއާ ބާރު ފެނިފަ ކާކު ނުހެއްލޭނީ؟" އަންހެން މީހާ އެހާވަރަށް ވިސްނައިދީފައި ފަހު ސުވާލު ކުރުމުން ވެސް ފިރިހެން މީހާގެ މޫނުމަތިން ފެންނަމުން ދިޔައީ ހިތްހަމަނުޖެހުމެވެ. އޭނަ އިތުރު އެއްޗެކޭ ނުބުނުމުން އަންހެން މީހާ އިތުރަށް ވާހަކަ ދެއްކިއެވެ.

"ހަމަ ގައިމުވެސް އެ އަންހެނާއަށް މީހުންގެ ވިސްނުން ބަދަލުކުރެވެންޏާ އަހަރުމެންނަށް ވެސް އެކަން ކުރެވޭނެ. އަދި އެކަން ކުރަމު! ދެން ކާމިޔާބު ލިބެން އޮތީ ހަމަ އަހަރުމެންނަށް. އޭނައަށް ދެން މާ ގިނަދުވަހު އެ މުސްލިމާއެކޭ ކިޔައިގެން ނުއުޅެވޭނެ. ސޫންއަށް އެނގިއްޖެ އޭނަ ހުރިތަނެއް. ސޫންއަށް އޭނަ ހިފަހައްޓާލެވޭއިރަށް އަހަރެން ބޭނުން އައްޒާމްވެސް މުށުތެރެއަށް ލާން. އޭގެ ފަހުން ސޫންއަށް ދެރަ ދިން އެ މިރްޒާންއަށް ހަދާނެ ގޮތަކާމެދު ވިސްނާނީ. މި ކަންތައް ނުކޮށް މަށަށް ހަމަ ނޭވައެއް ނުލެވޭނެ!" އަންހެން މީހާ ރުޅިވެރި ރާގަކަށް އެހެން ބުނެލި އަޑަށް ފިރިހެން މީހާ އޭނައަށް ބަލަން ހުރެފައި ފުން ނޭވައެއް ދޫކޮށްލިއެވެ. އެ ހިނދު އަންހެން މީހާ އަނެއްކާވެސް ބެލް އަޅުވާލަން އެދުމުން ފިރިހެން މީހާ ވަކި ދެކޮޅު ހެދުމެއްނެތި އެގޮތަށް ހެދިއެވެ.

**

ދެވަނަ ފަހަރަށް ބެލްގެ އަޑު އިވިގެން ދިޔުމުން ހާޝިމަށް ދޮރާއި ދިމާލަށް ބަލާލަމުން އައްޒާމަށް ގޮވާލެވުނެވެ. އައްޒާމް ލައްބައޭ ކިޔައި މި އަންނަނީއޭ ބުނިތާ މާގިނައިރެއްނުވެ އޭނަ ސިޓިންގް ރޫމުން ފެނިގެން ދިޔައެވެ. އެކުވެރިޔާ ދެކިލާހިތުން އައްޒާމް އެޕާޓްމެންޓްގެ މައިދޮރާއި ދިމާލަށް ދިޔައީ ހިނިތުންވުމަކާއި އެކީގައެވެ. އޭނަ ގޮސް ދޮރު ހުޅުވާލީ ވެސް އެ ހިނިތުންވުމުގައި ހުރެއެވެ. އެހެނަސް ދޮރު މަތީގައި ތިބި ބަޔަކު ފެނިގެން ދިޔުމުން އިސާހިތަކު އެ ހިނިތުންވުން ފިލައި ދެލޯ ބޮޑުވިއެވެ. އަތުން ވާގި ދޫވާން އުޅުނުހެން ހީވި ހީވުމުގައި އެއްއަތުން ހިފައިގެން އައި ފޮތުން ދޫނުވީ ވެސް ކިރިޔާއެވެ. ބާރަށް ތެޅެމުން ދިޔަ ހިތަކާއެކީ ކުރިމަތިން ފެންނަމުން ދިޔަ މީހުންނަށް ބަލަހައްޓައިގެން ހުރުން ނޫންކަމެއް އައްޒާމަށް ނުކުރެވުނެވެ.

"ކޮން ބައެއްތަ ދަރިފުޅު؟" މައިދޮރު މަތީގައި ތިބި މީހުން ނުފެނުނު ހާޝިމަށް އަހާލެވުނެވެ. އައްޒާމް އޭނަގެ ސުވާލަށް ޖަވާބު ނުދިން ތާނގައި އޭނައަށް ބަލާވެސް ނުލުމުން ހާޝިމް ކަންބޮޑުވިއެވެ. އޭނަ ވަގުތުން ކޮޅަށް ތެދުވެލަމުން ދިގު ފިޔަވަޅުތަކެއްގައި ގޮސް އައްޒާމްގެ ފުރަގަހުގައި ހުއްޓިލިއެވެ. އެއާއެކު އޭނަގެ ވެސް ދެލޯ ބޮޑުވެގެން ދިޔައެވެ.

"އާޝިޔާ!" ހާޝިމަށް ލިބުނު ޙައިރާންކަމާއި އެއްވި ޖަޒުބާތުތަކެއްގެ ތެރޭގައި ކިޔާލެވުނެވެ. އެއާއެކު އޭނަގެ ކުރިމަތީގައި ހުރި އާޝިޔާގެ މޫނުމައްޗަށް އެއްމިޔަކަނުގެ ހިނިތުންވުމެއް ވެރިވިއެވެ. އެހެނަސް ނޭނގޭ ސަބަބަކާހުރެ ޒަމީން އައްޒާމަށް ބަލާލަމުން ހިނިތުންވެލީ ގޮތުން އޭނަ އައީ އެއްވެސް ނުބައި ކަމަކުހެން ހިއެއްނުވެއެވެ.

"ސަޕްރައިޒް، ބައްޕާ! އުފާނުވޭތަ އަހަރެން އަނބުރާ އައިމަ؟" އާޝިޔާ ވަކި އިޒުނައެއްވެސް ނެތި އޭނަގެ ދަބަހާއެކީ އެތެރެއަށް ވަންނަމުން އެހިއެވެ. އައްޒާމާއި ހާޝިމް ބުނާނެ ވަކި އެއްޗެއް ނޭނގިފައި ބަލަހައްޓައިގެން ތިބީ ލިބިފައިވި ޝޮކެއްގެ ބޮޑުކަމުންނެވެ. އާޝިޔާ ޒަމީން ކައިރީގައި ވެސް އެތެރެއަށް ވަންނަން އެންގުމުން ހަމަ ހޭވެރިކަމެއް ލިބުނު ޒަމީން އެއްފަހަރު އާޝިޔާއަށް އަނެއްފަހަރު އައްޒާމަށް ބަލާލިއެވެ. އެއަށްފަހު އޭނައަށް ދެންވެސް ހިނިތުންވެލެވުނީ ބޭއިޚްތިޔާރުގައެވެ. އެ ހިނިތުންވުން ފެނުނު އައްޒާމަށް އޭގެ މާނަ ނަގަންވީ ގޮތެއް އެއްގޮތަކަށް ވެސް ނުވިސްނުނެވެ. އެއީ އޭނައަށް އެތައް އަނިޔާތަކެއް ކުރި ބައްޕައެވެ. އެތައް ދުވަހެއްގެ މަތިން ސަބަބަކާނުލާ އޭނަ ރޮއްވައި އޭނަ ފަޟީޙަތްކުރި ބައްޕައެވެ. ބައްޕަގެ އެ ސޫރަ ފެނުމުން ވެސް އައްޒާމްގެ ހަނދާނަށް އަންނަމުން ދިޔައީ އެ ރުޅިވެރި މޫނެވެ. އެ ގަތް ވޭންތަކެވެ. އެ ނުތަނަވަސް އިޙްސާސްތަކެވެ. އައިސްފައިވި ރުޅިއާއި އެކީގައި ވެސް އެއްޗެކޭ ނުބުނެވުނު ހިނދު މޫނަށް ވެސް ބަދަލެއް ގެންނަން އައްޒާމް ނުކުޅެދުނީ އެ އިޙްސާސްތަކުގެ ސަބަބުންނެވެ. އޭނަގެ މަންމައާއި ބައްޕަ ގޮސް އެޕާޓްމެންޓުގެ ސޯފާގައި އަރާމުކޮށް ޖައްސާލިއެވެ. އެ ހިނދު ހާޝިމް އުދަގޫ ފިޔަވަޅުތަކެއްގައި ސޯފާތަކުގެ ކައިރިއަށް ދިޔައީ އޭނަގެ ދޮށީ ދަރިފުޅާއި ވާހަކަ ދައްކަން ބޭނުންވެފައިވި މިންވަރުންނެވެ. އެ ދަރިފުޅަށް ހިދާޔަތް ދައްކަވައި އެ ދަރިފުޅު އަނބުރާ އޭނަ ގާތަށް ފޮނުއްވުމަށް އެދި ދުޢާ ކުރެވުނު ޢަދަދެއް ވެސް ހާޝިމަކަށް ނޭނގެއެވެ. މިވަގުތު އާޝިޔާ ބޭރުފުށުން ކޮންމެ ގޮތަކަށް ފެންނަމުން ދިޔަޔަސް އޭނަގެ ވިސްނުން ބަދަލުވެފައި ވެދާނެކަމަށް ބުނެ ހާޝިމްގެ ސިކުނޑި ރަނގަޅަށް ވިސްނޭތޯ ބެލިއެވެ. ފުރަތަމަ ސިކުންތުގައި އާޝިޔާއާއި ދިމާލަށް އެއްޗެހި ގޮވައިގަންނަން އުޅެފައިވެސް އެހެން ނެހެދުނީ އެހެންވެއެވެ. އެހެނަސް ހާޝިމް ގޮސް އާޝިޔާ ފެންނަ ހިސާބަށް ދިޔަތަނާހެން އާޝިޔާ ދެއްކި ވާހަކައިން ހާޝިމްގެ ހިތް ކުދިކުދިވިއެވެ.

"އޭ މުސްކުޅި ބޭބޭ އަހަރުމެންނަށް ދޭން ފެން ތަށްޓެއް ގެނެސްދީބަލަ!" އާޝިޔާ އެހެން ބުނެލީ ސޯފާއަށް ލެނގިގެން އިނދެ އެތާ ހުރި މޭޒުމައްޗަށް ދެފައި އަރުވަމުން ހާޝިމަށް ބަލާލުމެއްވެސް ނެތިއެވެ. އެ ބަސްތައް އިވިފައި ދުރުގައި ހުރި އައްޒާމްގެ ގޮށްމުއްކެވުނެވެ. ކާފަގެ ދެރަވެގެން ދިޔަ މޫނު ފެނިފައި އޭނަގެ ހިތުގައި މަންމައާއި ބައްޕައަށްޓަކައި އޮތް ނަފްރަތު ހޭލިއެވެ. އެއާއެކު އައްޒާމް ދިގު ފިޔަވަޅުތަކެއްގައި އެދެމީހުންގެ މޫނު ފެންނާނެ ހިސާބަށް ގޮސް މަޑުކޮށްލިއެވެ. ހަޅޭއްލަވައިގަނެވެން އުޅުނެއްކަމަކު އާޔަތެއްގެ މަތިން ހަނދާންވެފައި އައްޒާމް ހަމަޖެހޭތޯ މަސައްކަތް ކުރިއެވެ.

"އެއީ މިގޭގެ މަސައްކަތު މީހެއްނޫން. އެއީ މިގޭގެ ވެރިމީހާ. ތި ބޭފުޅުން ބޭނުމިއްޔާ ބަދިގެއިން ފެންފުޅިއެއް ނެގުން އެދެން." އައްޒާމް ވެސް އޭނަގެ ވާހަކައިން އެ މަންމައާއި ބައްޕަ ދުރުކޮށްލީ ގޮތުން މަންމަގެ މޫނުމައްޗަށް ވެރިވީ ނުރުހުންތެރިކަން ވިޔަސް ބައްޕައަށްވީ ކާފައަށް ދެންމެ ވީ ކަހަލަ ގޮތެކެވެ. އެކަމާމެދު ވިސްނެން ފެށި އައްޒާމަށް ކަމެއް ފާހަގަވީ އެވަގުތެވެ. އޭނަގެ މަންމަ ފައި އަރުވައިގެން އިން މޭޒުމަތީގައި ޚަތިމެއްވިއެވެ. އެ މަންޒަރު ފެނިފައި އައްޒާމަށް ވާހަކަ ދެކެވުނެވެ.

"ތި މޭޒުމަތިން ފައިތިރި ކޮށްލުން އެދެން. ޚަތިމެއް އެބައޮތް އެތާ." އައްޒާމް އެކަމާމެދު އައި ރުޅީގައި އެހެން ބުނެވުނީ ހިސާބެއްގެ ރުޅިވެރިކަމާއި އެކީގައެވެ. އާޝިޔާ އެ ވާހަކަ އިވިފައި އެ ޚަތިމަށް ބަލާލިއެވެ.

"ނުބޭލިއްޔާ ކީއްކުރާނީ؟" އާޝިޔާ ކިބުރުވެރިކަމާއެކީ ސުވާލުކުރިއެވެ. އެ ހިނދު އައްޒާމާއި ހާޝިމްގެ މޫނުމަތިން ވެސް ފާޅުވީ ބިރުވެރިކަމާއި ރުޅިވެރިކަން އެކުލެވިގެންވި އަސަރެކެވެ. ދެމީހުންނަށް އެކީގައި ވާހަކަ ދެކެވެން އުޅުނެއްކަމަކު އެންމެ ފުރަތަމަ އެއްޗެކޭ ބުނެވުނީ އައްޒާމަށެވެ.

"ﷲ އަށް ބިރުވެތިނުވަނީތަ؟" އައްޒާމަށް ޙައިރާންކަމާއެކީ އެހެން އަހާލެވުނީ އޭނަގެ މަންމައާއި ބައްޕައަކީ ދީނާއި ކިހާ ދުރު ބައެއްކަން އޭނައަށް އެނގިފައިނުވުމުންނެވެ. މަންމަ އޭނަ ކުރި ސުވާލަށް ހޭންފެށުމުން އިތުރަށް ޙައިރާންވީ އެހެންވެއެވެ. އޭނަ ބަލަބަލާހުއްޓާ މަންމަ ސޯފާއިން ތެދުވެ އޭނަ ކައިރިއަށް އަންނަން ފެށިއެވެ.

"މި މުސްކުޅި މީހާ ޒާމްވެސް ރަނގަޅަށް ވާ ވައްދައިފިދޯ؟ އެހެންވެގެންނޭ ޒާމްގެ މަންމަ ކުރީގަ ވެސް ޒާމްއަށް ގުޅާފަ ބުނަމުން ދިޔައީ މަންމަމެން ކައިރިއަށް އަންނާށޭ. ޒާމްއަށް ހެޔޮއެދޭ ޒާމްދެކެ ޙަޤީޤަތުގަ ލޯބިވާ ބަޔަކީ މިއީ. އަދިވެސް ލަހެއްނުވޭ. ޒާމް ބޭނުމިއްޔާ މިހަފްތާ ތެރޭގަވެސް ވެސް މަންމަމެންނާއެކީ ޒާމް ގެންގޮސްފާނަ..." އާޝިޔާ ނުހަނު އަސަރާއެކީ ވާހަކަ ދައްކަމުން ގޮސް އައްޒާމްގެ ކޮނޑުގައި ހިފަހައްޓާލި ވަގުތު ރުޅިން ރަތްވި ހާޝިމް އަޑު އުފުލިއެވެ.

"ޚަބަރުދާރު ކަލޭމެން އައްޒާމް އެއްވެސް ތަނަކަށް ގެންދިޔައިއްޔާ! ލަދެއް ނުގަނޭތަ ތިހެން ތިބެގެން އައިސް ވާހަކަ ދައްކާއިރު؟! އެކުއްޖާ ކަލޭމެންނަށް އެންމެ ބޭނުންވި ދުވަހު ދޫކޮށްލާފަ މިއަދު ވަކި އޭނަ ކައިރިއަށް ތިއައީ ލޯބިވެގެންނެއް. ކަލޭމެން ތިއައީ ކަލޭމެންގެ އަމިއްލަ އެދުމެއް ފުއްދަން. އެކަމަކު ﷲ ގެ އިރާދަފުޅުން އައްޒާމް ކަލޭމެންގެ އެދުމަކަށް އިޖާބައެއް ނުދޭނެ. ﷲ ގެ ރަޙްމަތުން އައްޒާމަކީ ކަލޭމެން ކަހަލަ ނުވިސްނޭ މީހަކަށް ނުވި!" ހާޝިމް މިއިން ކައިރި ދުވަހަކުވެސް ރުޅި ނާންނަވަރަށް ރުޅިއައިސްފައި ހުރެ ވާހަކަ ދެއްކިއެވެ. އެ ވާހަކަ ވެސް އާޝިޔާއަށް މާ ބޮޑު ކަމަކަށް ވީހެނެއް ހިއެއްނުވެއެވެ.

"ތެދެއްތަ ޒާމް؟ ކޮންކަހަލަ ވާހަކައެއްދޯ އޭނަ އެދައްކަނީ؟ ނުފެންނަ ކަންތަކުގެ ވާހަކަ ދައްކާ މީހެއް. ދުވަސްކޮޅަކުން ސިކުނޑި ގޯސްވެދާނެ އޭނައާއެކީ އުޅެންޏާ. ޙަރާމޭ ކިޔާފަ އޭނަ ޒާމް މަޙްރޫމްކުރަނީ ކިތައް ކަމަކުން ކަމެއްވެސް މަންމައަކަށް ނޭނގޭ. ޔޫ ޑިޒާވް ބެޓާރ! ތިކަހަލަ ސްމާޓް އަދި ހޭންޑްސަމް ކުއްޖަކު ހުންނަންވީ މި ދުނިޔެމަތިން ނުލިބޭނެ ކަމެއްނެތް. ފައިސާ ބޭނުމިއްޔާ އެކޮޅަށް ގޮސް ހުސްނުވާވަރަށް ފައިސާ ލިބޭނެ ގޮތް މަންމަމެން ހަމަޖައްސަ ދޭނަން. އެ ފައިސާއިން ޒާމް ބޭނުން ވައްތަރެއްގެ ކާރެއް ގަނެގެން ބޭނުން ޒާތުގެ ތަންތަނަށް ގޮސް ބޭނުން ކަހަލަ ބުއިންތަކެއް ބޮވޭނެ. އެއްވެސް މީހަކު ޒާމް ނުހުއްޓުވާނެ. އަދި އެތާ ތިބޭނެ މިތާ ތިބޭ އަންހެން ކުދިންނަށްވުރެ މާ ރީތިވެފަ ހޮޓް ކުދިން. އެތަނަށް ގޮސް އޭގެއިން އައްޒާމް އެދޭ ކުއްޖަކާ އިނަސް ހެޔޮ. އަދި އިންނަން ބޭނުމެއްނޫނިއްޔާ އައްޒާމާއެކީ ރޭތައް ހޭދަކުރަން ބޭނުންވާ ކުދިން ގެއަށް ގެނަޔަސް މަންމަމެން މައްސަލައެއް ނުޖައްސާނަން. ހިނގާ އަވަހަށް މަންމަމެންނާ އެކީ!" އާޝިޔާ ޒުވާން ފިރިހެން ކުއްޖެއްގެ ހުރިހާ އެދުމެއް އެކުލެވޭ ފަދައަކުން އޭނަގެ ވާހަކަ އަތުރާލީ އައްޒާމް ބަލިކަށި ކުރުވުމުގެ ނިޔަތުގައެވެ. އެކަން އެނގުންވި ހާޝިމަށް އައްޒާމަށް ބަލާލެވުނީ ހިސާބަކަށް ނުތަނަވަސްވެފައިވި ހިތަކާއި އެކީގައެވެ. ޒަމީން ވެސް ސޯފާގައި އައްޒާމަށް ބަލަހައްޓައިގެން އިނީ އައްޒާމް ދޭނެ ޖަވާބަކަށް ކެތްމަދުވެފައި އިން ފަދައަކުންނެވެ. އައްޒާމް އެ ވާހަކަތައް އަޑުއަހަން އޭނަގެ މަންމައަށް ބަލަހައްޓައިގެން ހުރީ ފެންކަޅިވެފައިވި ދެލޮލާއި އެކީގައެވެ. އޭނަގެ އިޙްސާސްތައް ދޭހަކުރަން އެއްވެސް މީހަކަށް ނުކުޅެދިފައިވަނިކޮށް އޭނަ ވާހަކަ ދެއްކިއެވެ.

"ތި ނިމުނީތަ.....މަންމާ؟" އައްޒާމް އިވޭ ނުއިވޭ އަޑަކުން ސުވާލުކުރިއެވެ. އެއާއެކު އޮޅުންއެރި އާޝިޔާގެ ނިތަށް ރޫގިނަވިއެވެ. އޭނަ މަޑުމަޑުން ބޯޖަހާލިއެވެ. އެއާއެކު އައްޒާމް ޖަވާބު ދޭން ފެށިއެވެ.

"މަންމަ ތި ނަންގަތީ މަންމަ މި ފަނާކުރަނިވި ދުނިޔެއިން އަހަންނަށް ހޯދައިދޭނެ ނިޢުމަތްތަކެއް ކަމަށްވަންޏާ އެއަށްވުރެ ފުރިހަމައަށް ﷲ އާޚިރަތުގައި އަހަންނަށް ތި ނިޢުމަތްތައް ދެއްވާނެ. އެއީ އަހަރެން އެކަލާނގެ ރުހިވޮޑިގެންވާފަދަ ގޮތަކަށް އުޅެފިނަމަ. އަހަރެން އެކަލާނގެ ވަޢުދުފުޅުތަކާމެދު އެއްގޮތަކަށްވެސް ޝައްކެއް ނުކުރަން. އަދި ޙަޤީޤަތް އެނގުމަށްފަހު ދުވަހަކުވެސް އެ ޙަޤީޤަތަށް ލޯ މަރާލާ މީހުންގެ ތެރެއިން ވާކަށް ވެސް ބޭނުމެއްނޫން. އަހަންނަށް ހުރިހާ ކަމަކަށްވުރެ ވެސް މުހިއްމީ ﷲ ގެ ރުހިވޮޑިގަތުން. އެ ރުހިވޮޑިގަތުމަށް ފަސްދީފައި ތީގެއިން އެއްވެސް ކަމެއްގެ ފަހަތުން ގޮސްފިނަމަ އަހަންނަށްވުރެ ބޮޑު ބަދުނަސީބުވެރިއެއް ނުހުންނާނެ...." އައްޒާމް ތުރުތުރު އަޅަމުން ދިޔަ އަޑަކުން އޭނަ ޝުޢޫރުތައް ފާޅުކުރުމުން އާޝިޔާގެ ދެލޯ ބޮޑުވެ އޭނަގެ އަނގަ ސަކަރާތްވީ އިރު ދުރުގައި ހުރި ހާޝިމްގެ ތުންފަތްމަތީގައި ހިނިތުންވުމެއް ކުޅެލިއެވެ. ޒަމީންވެސް އިނީ އައްޒާމް ބުނި އެއްޗަކާމެދު ފަޚުރުވެރިވާ ފަދައަކުންނެވެ. އާޝިޔާ އިތުރު އެއްޗެކޭ ބުނަން ނުކުޅެދިފައި ވަނިކޮށް އައްޒާމް ދެންވެސް ވާހަކަ ދެއްކިއެވެ.

"އަދި އެހެންނޫނަސް ﷲ ގެ ދީނަށް އުޅުމުން އަހަރެން އެއްވެސް ކަމަކުން މަޙްރޫމްވީއެއްނޫން. ﷲ ރުހިވޮޑިގެންވާފަދަ ގޮތްގޮތަށް އަހަންނަށް ތި ހުރިހާ ނިޢުމަތްތަކެއް މިހާރު ވެސް ލިބޭ. އަހަންނަށް ﷲ ދެއްވި އަތާއި ފައި ބޭނުންކޮށްގެން އެކަލާނގެ އިރާދަފުޅުން އަހަންނަށް ތަނަވަސް އުޅުމެއް އުޅެވޭވަރަށް ފައިސާ ލިބޭ. އަހަރެން މީރު ކެއިންތަކާއި މީރު ބުއިންތައް މިހާރު ވެސް ކައިބޮއި އުޅެން. އަމިއްލައަށް ފައިސާ އެއްކޮށްގެން ބުރަ މަސައްކަތުން ގަތް ކާރެއްވެސް އެބައޮތް. އަދި އިން ޝާ ﷲ ދުވަސްކޮޅަކުން އެކަލާނގެ ރުހިވޮޑިގެންވާފަދަ ކުއްޖަކާއެކީ އެންމެ ފުރިހަމަ ގޮތުގަ ދިރިއުޅުމެއްވެސް ފަށަން މިއުޅެނީ." އައްޒާމް އެ ހުރިހާ ވާހަކަތައް ދެއްކީ ހިތުގެ އަޑިން އެ ހުރިހާ ކަމަކަށްޓަކައި ޙަމްދުކުރާ ޙާލުގައެވެ. އައްޒާމް ބުނެލި ފަހު ވާހަކައާއެކީ އާޝިޔާ ދެލޯ ހަނިކޮށްލިއެވެ.

Comments

Popular posts from this blog

Arabic Pronouns (dhameer)

Harf of Nasb (English + Dhivehi)

Mudhaaf-mudhaaf ilaihi and pronouns (English lesson)